އެކްޓަރ (ޕާޓް 29)
މަންމަ ވެގެން ދިޔައީ އެތައް އަހަރެއް ވަންދެން ފުލުހުންނަށް އަތުލައި ނުގަނެވިފައި ހުރި މަޝްހޫރު ޑުރަގު ލޯރޑަކަށެވެ.’މުތާ‘ގެ ނަމުން މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ އިރު ފަހަރެއްގައިވެސް އެއީ އަންހެނެކޭ މީހަކު ހިތަށްވެސް ނާރާނެއެވެ.އެހާވެސް މަންމަގެ ރޭވުންތެރިކަން ރަނގަޅެވެ.އޮޕަރޭޓް ކުރާގޮތްވެސް ހުޝިޔާރެވެ.މިހާތަނަށް މަންމަ އަތުލައިނުގަނެވިފައި ހުރީ މަންމަގެ ތޫނުފިލިކަމާއި ހުޝިޔާރުކަމުންނެވެ.ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނޭ ބުނުމުން ފުރަތަަމަވެސް އަހަރެން ހިތަށް އެރީ އިފްރާހުގެ މަތީންނެވެ.އިފްރާހުއަށް މަންމަގެ އެ އަނދިރި ހަގީގަތް އެނގިފައި އޮތީ ހެއްޔެވެ؟ މަންމަ އިފްރާހު ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަންދުކޮށްލުމުގެ ބޭނުމަކީ އިފްރާހުގެ އަނގަ ބަންދުކޮށްލުން ހެއްޔެވެ؟އެހާ ދުވަހު ފުލުހުންނަށް މަންމަ އަތުލައި ނުގަނެވުނީ އިފްރާހު ހައްޔަރުގައި ހުރީމައި ނޫންބާވައެވެ؟ހައްތަހާވެސް އިފްރާހުއާއި ކޮށްލުން ރަނގަޅު ސުވާލުތަކެކެވެ.
****
ފުލުހުންނަށް މަންމަ އުޅޭ ކޮޓަރި ތެރޭން ފެނުނު ޑުރަގު ރައްކާކޮށްފައި ހުރި ދެ ގަނޑު ފުޅިމަދު ފޮށްޓަކީ އަދި މަދު މިންވަރެކެވެ.މަންމަގެ ސްޓޮކް ރައްކާކުރެވިފައި ހުރީ ކާފަމެން ގޭ އިމާރާތުގެ ބިމުގެ އަޑިޔަށް ވާގޮތަށް އިމާރާތް ކޮށްފައި ހުރި ސިއްރު ބިންގަރާހެއް ކަހަލަ ބޮޑު ތަނެއްގައެވެ.ރެކުތަކުގައި ބަރި ޖަހާލާފައި ރައްކާ ކޮށްފައި ހުރީ ޑުރަގުގެ ނުރައްކާތެރި އެތައް ބާވަތެކެވެ.މަންމަގެ އެއްބަނޑު މީހުނަށްވެސް އެ ސިއްރު ބިންގަރާހުގެ އެއްވެސް މައުލޫމާތެއް އެނގިފައެއް ނެތެވެ.އެމީހުނަށް އެގޭގައި ބިންގަރާހެެއް ހުންނަކަން އެނގުނީވެސް ފުލުހުން އެތަން ހޯދީމައެވެ.
****
ޑުރަގުގެ މައްސަލައިގައި މަންމަ ހައްޔަރުކުރިކަން އެނގުނު ހިސާބުން މަންމަގެ އެއްބަނޑު މީހުން އަހަރެމެންނާއި ދިމާލަށް އެއްޗެހި ކިޔައި ލައުނަތް ދިނެވެ.’އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނޭ‘ ބުނި ބުނުން ނިސްބަތްކުރީ އަހަރެމެން ހަަތަރު މީހުނަށްކަން އަހަރެމެންނަށް ވެސް އެނގެއެވެ.
****
ބޮޑު ސުވާލު މާކެއް ޖެހެނީ މަންމައަށް އެކަނި އެ ބިންގަރާހުގެ މައުލޫމާތު އެނގިފައި އޮތީމައެވެ.ގައިމުވެސް އެއީ އެ ދުވަސްވެފައިވާ އިމާރާތުގެ ބައެކެވެ.ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތަނަށް އިތުރު މަރާމާތެއް ގެނެވިފައި ނުވާނޭކަމަށް އެ އިމާރާތުގައި އުޅޭ މަންމަގެ އެއްބަނޑު މީހުން ޔަގީންކަން ދިނެވެ.ގައިމުވެސް އަހަރެންގެ ކާފައަށް ނޭނގިއެއް ކާފަގެ އަމިއްލަ ގޭގައި ބޮޑު ބިންގަރާހެެއް އެހެން މީހަކަށް އިމާރާތެއް ނުކުރެވޭނެއެވެ.ފުލުހުންގެ ވާހަކަވެސް ހުރީ އެ ބީދައިންނެވެ.
****
ކާފަ ބޮޑު ބިންގަރާހެެއް އެޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ކާފަގެ ދަރިންގެ ތެރެއިންވެސް ހަމައެކަނި މަންމައަށް އެ ބިންގަރާހުގެ މައުލޫމާތު އެނގިފައި އޮތުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ދެރައީ އެ ސުވާލުތަކުގެ ޖަވާބު ކާފަގެ ދުލުން ދެން ހޯދެން ނެތް ކަމެވެ.
****
ފުލުހުންގެ ޕްރެޝަރުތައް އަމާޒުވުމުން ދެން ސަލާމަތް ނުވާނެކަން ޔަގީންވުމުންވެސް މަންމަ ފުރަތަމަ ހެދީ ދޮގު މައްޗަށް ދޮގެވެ.އެހެނަސް ފުލުހުން ކަމުގެ މުގުލާ ހަމައަށް ހުރިހާ ކަމެއް ހޯދީ ހީ ނުކުރާހާ އަވަހަށެވެ.މަންމައަށްވެސް އެކަމުން ހައިރާންކަން ލިބުނެވެ.ކޮންމެވެސް މީހަކު މަންމަގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ހޯދައި ބަލަމުން އައިސްފައި ހުރިހެން ހީވެއެވެ.
****
ފުލުހުން ހޯދި ހޯދުންތަކުން ހަގީގީ ’މުތާއަކީ‘ މަންމަ ނޫންކަން އެނގުމުން އެންމެނަށްވެސް ހައިރާންކަން ގެނުވިއެވެ.ހަގީގީ ’މުތާއަކީ‘ ކާކު ކަމަށް ހެއްޔެވެ؟އެއީ އެ މީހަކީ އެފަދަ މީހަކަށް ވެދާނޭ ކަމަށް އަހަރެން ދުވަހެއްގެ ކޮޅުންވެސް ހިތަށް އަރުވާލައިފައިވެސް ނުވާ ފަރާތެކެވެ. އާއެކެވެ.އެއީ އަހަރެންގެ ލޯބިވާ ކާފައެވެ.އިތުރަށް ސިހުން ލިބުނެވެ.އެހެނަސް މަރުވެ ގޮސްފައިވާ މީހެއްގެ މައްޗަށް އުފުލޭނީ ކޮން ދައުވާއެއް ހެއްޔެވެ؟
****
ގާދިރުގެ ކަންތައް ފަޅާ އެރި ދުވަހު މަންމަ ބުނެލި ވާހަކައެއް އަހަރެންގެ ސިކުނޑީގައި ކޮށައިގަތެވެ.
’އަހަރެންގެ ބައްޕަ ކަލޭގެ ބަފަޔަށް ދަރަނިވެރިވީ ދުވަހު އެކަމުގެ ނާޖާއިޒު ފައިދާ ނެގީ!‘މަންމަ އެދުވަހު ގާދިރު އާއި ދިމާލަށް ބުންޏެވެ.
****
ކާފަ ގާދިރުގެ ބައްޕައަށް ދަރަނިވެރިވީއޭ މަންމަ އެ ބުނި ބަހުގެ މާނަ އަހަރެމެންނަށް އެނގުނީ އެންމެ ފަހުން ހަތިޔާރު ބަހައްޓަން މަޖުބޫރުވެ ،މަންމަ ޝަރީއަތަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުންނެވެ.
****
ކާފަގެ ’ޑުރަގް ޓްރެފިކިންގެ‘ ވިޔަފާރި ދަށަށް ދާން ފެށުމުން ކާފަ ގާދިރުގެ ބައްޕަ އަތުން ލޯނުތައް ނެގީ އެ ވިޔަފާރި ހުއްޓުނަ ނުދީ އިތުރަށް މާކެޓް ފުޅާ ކުރުމަށެވެ.އެހެނަސް އެކަމުގެ ނާޖާއިޒު ފައިދާ ނެގީ ގާދިރުއެވެ.ވިޔަފާރި ކޮޅަށް ނުޖެހި ކާފަ މާލީ ގޮތުން އަނދަވަޅަކަށް ވެއްޓުނު ވަގުތު އެ ލޯނުތައް ދައްކާށޭ ކިޔައި ’ބުލެކްމެއިލްކޮށްގެން‘ މަންމަގެ ކައިވެނި ގާދިރުއާއި ހަމަ ޖެއްސީ އޭނާގެ އަމިއްލަ އެދުމަކަށެވެ.މަންމައަކީ އޭރު ފުރާވަރުގެ ޒުވާނެކެވެ.އޭރުވެސް މަންމަގެ މަގުސަދަކަށްވީ ޖާނާއި މާލުން ގުރުބާންވެގެންވެސް ކާފަގެ ’ލެގަސީ‘ ދެމެހެއްޓުމެވެ.
****
ކާފަ ހުރީ ރަނގަޅަށްވެސް މަންމަގެ ސިކުނޑިއަށް ސަވާރުވެފައެވެ.ކާފަ އަބަދުވެސް މަންމަ ގާތުގައި ބުނި ކަމަށްވެއެވެ.’ކާފަގެ ވިޔަފާރި ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވަނީ ހަމައެކަނި މަންމައަށެވެ‘. އޭރު އަދި މަންމައަކަށްވެސް ކާފަގެ ވިޔަފާރީގެ ހަގީގަތެއް ނޭނގެއެވެ.ހަގީގަތް އެނގުނު ހިސާބުން ވެސް އެ ވިޔަފާރި ދޫކޮށްލުމުގެ ވިސްނުމެއް މަންމަގެ ނެތެވެ.އެއަށްވުރެ ބޮޑަށް މަންމަ ހުރީ އެކަމަށް ހިތް ޖެހިފައެވެ
****
ކުޑައިރުއްސުރެވެސް މަންމަ ކާފަގެ ’ފެވަރިޓަކަށްވީ‘ ސަބަބުތަކެއް ނެތިއެއް ނޫނެވެ.އަންހެން ކުއްޖަކަސް މަންމަގެ ފަރާތުން ފެނުނު އެފަދަ ގާބިލުކަމެއްގެ ސަބަބުން ޅަ ދުވަހުއްސުރެ ކާފަ އައީ މަންމައަށް ނުސީދާކޮށް ތަމްރީނު ދީ އެކަމަށް ތައްޔާރު ކުރަމުންނެވެ.ކާފައަށް ވިސްނުނު ގޮތުގައި ކާފަގެ އެހުންނަ ފަދަ ’ހިޔަޅު ބުއްދި‘ އެއް ލިބިފައި ހުރީ ކާފަގެ ދަރިންތަކުގެ ތެރެއިންވެސް މަންމައަށް އެކަންޏެވެ.
****
މަންމަ އުޅުނީ ކޮންމެހެން އިފްރާހު ނޫނީ އުސައިދު ދެކެ ލޯތްބަކުން ނޫނެވެ.މަންމަ ދުވީ ފައިސާގެ ފަހަތުންނެވެ.އިފްރާހު އަތު އަޅުވައިލިއިރުވެސް އޭނާއަކީ އަމިއްލަ މަސައްކަތުން މުއްސަނދި ދިރިއުޅުމެއް ހޯދާފައި ހުރި ޒުވާނެކެވެ.އުސައިދުވެސް ވިސްނުން ހުރީ ލޯޔަރަކަށްވާން ކަން އެނގުނު ހިސާބުން މަންމަ ހުރީ އޭނާވެސް އަތު އަޅުވާލައިގެން އުޅެން ވިސްނައިގެންނެވެ.މުސްތަގުބަލުގައި ފައިސާ އޮހޭނެކަން ވިސްނޭތީއެވެ.އެހާވެސް ދުރަށް މަންމަ ވިސްނައިލިއެވެ.އެހެނަސް އެހެން ހުއްޓާ އަމިއްލައަށް އައިސް ދަންތުރައިގައި ފުރަތަމަ ޖެހުނު މީހަކަށްވީ ގާދިރުއެވެ.ފައިސާ އޮތްކަން އެނގުމުން ގާދިރުގެ ހަގީގަތް އެނގިހުރެވެސް ކައިވެނި ކުރީ އެހެންވެގެންނެވެ.ގާދިރަށް ދަރިން ހޯދީވެސް ގާދިރުގެ މުދާގަނޑުގެ ދަހިވެތި ކަމުގައެވެ.އިފްރާހުގެ ދަރިއަކަށް ބަނޑުބޮޑުވުންވެސް ވީ މަންމައަށް އިފްރާހު އިނދަ ޖައްސައިލަން ލިބުނު ފުރުސަތަކަށެވެ.ނަމަވެސް ހީ ކުރި ވަރަށްވުރެ މާ ފަސޭހައިން އިފްރާހުގެ މުދާގަނޑު އަތު ޖެހުމުން އޭނާގެ ބޭނުން ކެނޑުނީއެވެ.ވީމާ އެންމެ ބުއްދިވެރި ގޮތަކަށް ފެނުނީ އިފްރާހު ގޮޅިއަށް ލައި، އޭނާގެ އަނގަ ބަންދު ކޮށްލުމެވެ. އޭނާއަށް ނޭނގި ޑުރަގުތަކެއް އޭނާގެ އަތަށް ދީފައި ކާކުކަން ނޭނގޭ ގޮތަށް ފުލުހުންނަށް ރިޕޯޓުކޮށްލީވެސް މަންމައެވެ.ގިނަ އަދަދެއްގެ މަސްތުވާތަކެއްޗަށްވީމައި އިފްރާހުއަށް ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އައިސް އޭނާ ޖަލުގައި ހައްޔަރުވިއެވެ.އިފްރާހު މަންމައަށް އެހާ ނަފްރަތު އެ ކުރަނީ އެ ލަނޑު އޭނާއަށް ދިނީ މަންމަކަން އޭނާއަށް އެނގި ޔަގީންވާތީއެވެ.
****
ދަނޑިވަޅު ބަލައިގެން މަންމަ ކުޅިގަނޑުގެ މިސްރާބު ބަދަލުކޮށްލައި، ދެން އަމާޒުފަތްގަނޑަކަށް ހެދީ އުސައިދުއެވެ.އުސައިދުއާއި ގަވާއިދުން ގުޅުން ބާއްވައި އަހަންނަކީ އޭނާގެ ދަރިއެއް ކަމަށް ގަބޫލުކުރެވޭނޭހެން ކަންތައްކުރިއެވެ.އެހެނަސް އުސައިދަކީ ލޯޔަރަކަށްވާތީ މަންމަ އުޅެން ޖެހުނީ ވަރަށް ބޯ ބަހައްޓައިގެންނެވެ.އުސައިދަކީ ނިކަން ވިސްނުން ތޫނު މީހަކަށް ވާތީ ކިރިޔާ ޅަ އެއްޗެއް އެޅުނަސް އޭނާއަށް ޝައްކުވުމުގެ ފުރުސަތު ބޮޑުވީމައެވެ.
****
އުސައިދު ލޯޔަރަކަށްވީ ފަހުން އޭނާއަށް ފައިސާ ފެން ފަދައެވެ.އަމިއްލަ ގޯތި ރަނގަޅު ފެންވަރުގައި ނަގާ ކޮޅަށް ޖެހީވެސް ކުރު މުއްދަތެއްގެ ތެރޭގައެވެ.
****
ފަހަރަކު ކަމެއް ފަޅާ އަރަމުން ގޮސް އެންމެ ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ’މުތާގެ އައުވާނުން‘ ގެ ތެރޭގައި އުޒައިރުވެސް ހިމެނުނެވެ.އޭނާވެސް ވީ ’މުތާގެ‘ ދަށުން އުޅޭ މީހެއްގެ އަތުން ޑުރަގު ޑީލް ކުރަމުން އައި މީހަކަށެވެ.އުޒައިރަށްވެސް ކުރިން ނޭނގި އޮތް ކަމަކީ އޭނާ ނަގަމުން ދިޔަ ޑުރަގުގެ ’ސަޕްލަޔަރަކީ‘ އޭނާގެ އުފަން މަންމަ ކަމެވެ.ޔަގީނުންވެސް އެއީ އުޒައިރުގެ ލޯ ކުރިމަތިން ތަރި ބުރައިގެންދާ ވަރުގެ ޚަބަރަކަށް ވާނެއެވެ.
****
ޒަޔާއާއި ޒީވާ ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވިއެވެ.މަންމަގެ ކަންތައްވީ އެ ދެމީހުންނަށް އަރައިގަންނަށް އުނދަގޫ ޝޮކެއް ލިބުނު ކަމަކަށެވެ.މަންމައަކީ އެވަރުގެ ނުބައި ’މާސްޓަރ މައިންޑަކަށް‘ ވެދާނެކަމަށް އެމީހުންނަށް ހީކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟އެހާވެސް މަންމަގެ ބޯ ރަނގަޅެވެ.އަހަރެންވެސް އެންމެ ފަހުން މިވީ ކާކަށް ހެއްޔެވެ؟ޝަރުއީ ބައްޕައެއް ނެތް ތަނުގައި މުޅި ރާއްޖޭގައިވެސް އުފެދުނު އެންމެ ނުރައްކާތެރި އެއް ޑުރަގު ލޯރޑުގެ ދަރިއަކަށެވެ.ހުރިހާ ހަގީގަތެއް އާންމުންނަށް އެނގޭ ދުވަހު އަހަރެންގެ އާއިލާއާއި ދޭތެރޭ ދެކޭނީ ކިހިނެއް ބާވައެވެ؟
****
’ފައިނޭންޝިއަލް ފުރޯޑާއި‘ ’ޑްރަގް ޓްރެފިކިންގެ‘ ކުށް މަންމަގެ މައްޗަށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރިއެވެ.ލިބުނު ކާމިޔާބީގެ ސަބަބުން އިފްރާހުއާއި އުސައިދުގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހަމަޖެހުމާއި އުފާވެރިކަމެކެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ކުށް ސާބިތުވެގެން އުޒައިރުގެ މައްޗަށް ވެސް ހުކުމް ކުރިއެވެ.
****
މީޑިޔާތަކައި ނޫސް މަޖައްލާތަކުގެ ޒަރިއްޔާއިން އެ ޚަބަރު މުޅި ރާއްޖެއަށް ފެތުރޭކަށް ގިނަ ވަގުތުތަކެއް ނުނެގިއެވެ.މަންމަގެ ފޮޓޯ ޖަހައި ’މުތާގެ‘ ނަމުން މަޝްހޫރުވެފައިވާ ’ޑުރަގު ލޯރޑާއި‘ އެނާގެ ދޮށީ ފިރިހެން ދަރި ފުލުހުން ހައްޔަރުކޮށްފިކަމަށް ބުނެ ޚަބަރު ފެތުރުމުން އެތައް ބަޔަކަށް ސިހުން ލިބިގެން ދިޔައެވެ.’މުތާއަކީ‘ އަންހެނެއްކަން އެނގުމުން އެންމެންގެ ދުލު ކުރީގައި އޮތީ އެވާހަކައެވެ.އަދި ވަކިން ޚާއްޞަކޮށް އަހަރެންގެ އާއިލާ ދަންނަ އެންމެންގެ ނަޒަރުތައް އިހުނަށްވުރެވެސް ތޫނުވިއެވެ.ދޫތައް ވިހަވިއެވެ. އެކަމަކާއި ހުރެ މަގެއްގެ މައްޗަށް ނުކުމެ އުޅެން ޖެހިލުންވާ ވަރުވިއެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Very interesting
Thank you 😊