ހިތުގެ ރިހުން (6)
އާނ އެކެވެ. އެ ގުޅަނީ ޔާސިންއެވެ. ޖެހިލުންވެފައި ހުރެ ނޫރާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“އައްސަލާމް އަލައިކުމް.. އަޅުގަނޑަކީ ޔޫސުފް ޔާސިން.. މިންނު ހޮޓެލްސް ފަރާތުން.. ތިކޮޅާ ބައްދަލު ކުރެއްވުމަށް ވަޤުތުކޮޅެއް ހުސް ކުރެވޭނެތޯ؟” ނޫރާ ފޯން ނެގުމާއެކު ޔާސިން ވާހަކަ ދައްކަން ފެށިއެވެ. ޔާސިން އޭރުވެސް މަންސޫރު ދިން ސިޓީ އުރައިގެ އެތެރެއެއް ނުބަލައެވެ. ބޭރުގައި މާކެޓިން އެގްޒެކެޓިވް ނަންބާރ މިހެން ޖަހާފައި އިނުމުން އިތުރަށް ނުބަލާ ގުޅާލީއެވެ.
ނޫރާ އަށް ޔާސިން އެގުޅީ ކާކަށްކަން ނޭގޭކަން ދެނެގަނެވުނެވެ. އަދި އެ ގުޅީ އޭނާގެ ވަޒީފާ ބެހޭ ގޮތުން މަޝްވަރާ ކުރަންކަން އެގެއެވެ. ޕީއެޗްޑީއާ ހަމައަށް ކިޔަވައިން އައިސް މިންހާގެ ބައްޕަގެ ކުންފުނީގައި މަސައްކަތް ކުރުން އެއީ ނޫރާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާގެ މާޒީ ހަދާން ކުރާކަށް އެއްގޮތަކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.
“ވިލް ކޯލް ޔޫ ބެކް” ނޫރާ މިހެން ބުނެ އަވަހަށް ފޯން ބޭއްވިއެވެ. ޔާސިން އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެ އަޑަކީ އޭނާ ދުވަހަކު ހިތުން ނުފިލާނެ އަޑެކެވެ. އަތުގައި އޮތް ސިޓީ އުރަ ކަޑާލާ ވަޤުތުން އޭގެ އެތެރޭގައި އޮތް ގަނޑު ނަގާ ބަލާލިއެވެ. އޭގައި އިނީ ނޫރާގެ ފޮޓޯ އާއެކު ނޫރާ އާ ބެހޭ އިތުރު މައުލޫމަތުތަކެވެ. ޔާސިން މުޅިން މާޔޫސްވިއެވެ. ޔަޤީނުންވެސް އޭނާ އަށް މިކަން ނުވީއެވެ. މަންސޫރަށް ދޭނެ ޖަވާބެއްވެސް އޭނާއަކަށް ނޭގުނެވެ.
ޒުލް ފަހަތުން ނޫރާ ގޮސް ކެފޭއަށް ވަދެ މޭޒު ދޮށުގައި އިށީދެލިއެވެ. މުޅި ދުވަސް ހަރާބުވީއެވެ. ޒުލް އަށް ކަމެއް ވެއްޖެކަން ދެނެގަނެވުނެވެ.
“ކިހިނެއްވީ ކަމަނާފުޅު މާ މޫޑީވެފަ…” ޒުލް އަހާލިއެވެ.
“ޔާސިން އެ ގުޅީ… މިންހާ ބައްޕަ ހޮޓެލްގެ ވަޒީފާ އަށް… ” ނޫރާ ފޫހި ރާގަކަށް ބުނެލިއެވެ.
“ދެން…. ކޮބާ މައްސަލައަކީ.. ނޫރާ ނުން ބުނީ ޔާސިން އަށް ނޫރާގެ ސަކްސެސް ދައްކަން ބޭނުމޭ… އެދުވަހު ޔާސިން އެހެން ހެދީމަ ދޯ ނޫރާ މިއަދު މި މަގާމް ތިހިރީވެސް… ” ޒުލް ނޫރާއަށް ވިސްނަދޭން އުޅުނެވެ.
“އެކަމް އަހަރެން މި ވަރަށް ކިޔަވާ މިހާ ވެލިއުބަލް މީހަކަށް ވީ މިންހާ މެން އާއިލާއަށް މަސައްކަތް ކުރާކަށް ނޫނެއްނު… އަހަރެން ބޭނުމެއް ނުން..” ނޫރާ ވާހަކަ ދެއްކިއެވެ.
“ޔާ… އެކަމް މީ ނޫރާގެ ރިވެންޖަށް އޮތް އެންމެ ބެސްޓް ޗޮއިސް… އަހަރެން ބުނާނީ މީޓް ކޮށްލަން އެކޮޅުން ބުނާ އެއްޗެއްވެސް އިނގިދާނެ ނުން..” ޒުލް އޭނާގެ ހިޔާލު ފާޅު ކުރިއެވެ.
*****
-ހުޝާމް. ކޮފީއަކަށް ދެވިދާނެތަ..- ހުޝާމްގެ ފޯނަށް ނޫރާގެ މެސެޖެކާއި ޔާސިންގެ މެސެޖެއް އައި އެކު އެކީ ކަހަލަ ގޮތަކަށެވެ. ދެމީހުން އެއްފަހަރާ ހުޝާމްއަށް މެސެޖް ކުރާނީ ކޮންމެވެސް ކަމެއް ވީމަކަން އޭނާއަށް އެގެއެވެ.
ނޫރާ ގެ މެސެޖަށް މިރޭ 8 ޖަހާއިރު ރެޑީވާން ބުނުމަށްފަހު ޔާސިންއަށް ގުޅާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“މަމިދަނީ ޑެކަށް.. އާދޭ އިނގޭ” ހުޝާމް މިހެން ބުނެ ނައްޓާލިއެވެ. ޑެކާ އަރާ ހަމަވި އިރު ޔާސިން ސައިކަލް ޕާރކް ކުރަން ހުއްޓެވެ.
“ކިހިނެއްވީ ކުއްލިއަކަށް..” ޔާސިން ކައިރިއަށް އައިސް މަޑު ކޮށްލަމުން ހުޝާމް އަހާލިއެވެ.
“އައްދެ.. ހާދަ އެހެން ކަހަލަ ސުވާލެއް… އަހަރެންނަށް މިހާރު ހުޝާމައަށް ނުވެސް ގުޅެނީތަ؟” އެހާ އަހަރެން ދުރުވީ؟” ޔާސިން ސުވާލިތައް ފުނިފުންޔަށް ޖަހާލިއެވެ. މޭޒު ދޮށުގައި އިށީދެލާފައި ދެމީހުން ދެ ކޮފީއާ ހެދިކާކޮޅަކަށް އޮޑަރު ދިނެވެ.
“އާން އަހަރެން ވިއްޔަ އަންގާވެސް ނުލާ 7 އަހަރުވަންދެން ފިލައިން މީހަކާ އިދެފަ ދަރިއެއް ލިބުނީމަވެސް އަންގާ ނުލީ..” ހުޝާމް ރުއްކިރު ގޮތަކަށް ބުނެލިއެވެ.
“ހޫމް ތިވާހަކަ ބާއްވަބަލަ… އެ ހުޝާމް ދަންނަ ބޭބެއެއްތަ. ހާދަ ވަރަކަށޭ އެބަލަނީ…” ހުޝާމް ފަސްއެބުރި ބަލާލިއެވެ. ފަހަތު މޭޒުގައި އިނީ އޭނާ ބައްޕަ ޔާސިރުގެ ވަރަށް ގާތް ރައްޓެއްސެކެވެ. ހިނިތުންވެލާފައި އަވަހަށް ޔާސިންއަށް ބަލާލިއެވެ.
” ބައްޕަ ރައްޓެއްސެއް އެއީ…” ހުޝާމް ބުނެލިއެވެ.
“އޭ އޭނަ އެބައާދޭ މިކޮޅަށް..” އެމީހާ އިން ތަނުން ތެދުވެގެން ހުޝާމްމެން ތިބި މޭޒާ ދިމާލަށް އަންނަން ފެށުމުން ޔާސީން އަށް ހާސްކަމާ އެކީ ބުނެލެވުނެވެ.
“ޔާސިރުގެ ދެބެން މިތާ ކީއްކުރަނީ..” އެމިހާ މިހެން ބުނުމުން ހުޝާމް ގާތަށް އައި ހިންޏެވެ. ކިޔެވިއިރު ކުދިން އެދެމީހުން ވައްތަރޭ ކިޔާ އަޑު އިވެއެވެ. ނަމަވެސް މީހަކު އައިސް ޔާސިން އަކީ އޭނާގެ ބައްޕަގެ ދަރިއަކަށް ހަދާލުމުން މަޖާވިލެއް ބޮޑުވީއެވެ.
“ދޮންމަނިކުބޭ… މީ އަހަރެން ކޮއްކޮ އެއް ނޫނޭ.. މީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ..” ހުޝާމް މަޖާ ވެލާފައި ބުނެލި އެވެ.
“އެހެން ނުވާނެ.. ތި ސޮރު ހީވަނީ ހަމަ ޔާސިރު ޅައިރުހެން.. ހަމަ އެކައްޗެއް… ތެދެއް ޗަކޮއެ… ބައްޕައަކީ ޔަސިރު ނުންތަ..” ދޮންމަނިކު މިހެން ބުނުމުން ދެމީހުންވެސް ސީރިއަސްވިއެވެ. ޔާސިން ނޫނެކޭ ބުނަން ބޯ ހޫރާލިއެވެ.
“އެހެންތަ. ބޭބެ ޔާސިރުގެ ދެސޮރު ކަމަށް އަދި މިއައީ.. ސައިބޮއެލާ.. ބޭބެ ދެން ދަނީ…” ޔާސިން ހިޔާލަކަށް ގެއްލިފައި އިނުމުން ހުޝާމް ޔާސިން ގައިގާ ކޮއްޓާލިއެވެ.
“ދޮންމަނިކުބެ ބުނި އެއްޗަކަށްތަ ތިވިސްނަނީ.. ސާބަސް.. ޔާސިން ބުނީމެއް ނުން ޔާސިން ބައްޕަ ނިޔާވެފައޭ ވަނީ..” ހުޝާމް އަހާލިއެވެ.
“އެހެން އަހަރެންވެސް ޤަބޫލް ކޮށްގެން ހުރީ. އެކަމް މަންމަ ނިޔާވުމިގެ ކުރިން އަހަރެން ގާތު ބުނި ބައްޕަ ދުނިޔޭގަ ހުރިވާހަކަ. އެކަމް އަހަރެން ބައްޕަ ހޯދާކަށް ބޭނުމެއް ނުވޭ.” ޔާސިން މި ބުނި އެއްޗަކުން ހުޝާމް އަށް ތެޅިގަނެވުނެވެ. އަވަހަށް ތެދުވެގެން އެތަނުން ނިކުންނަން ހިގައިގަތެވެ. ޔާސިން އަށް އިދެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
*****
“މަންމާ… މަންމާ… މަންމާ…” އަޑުގެ ނެތްތަނަށް ހަޅެއްލަވަމުން ގެޔަށް ވަދެގެން އައި ހުޝާމް އަވަސް ފިޔަވަޅުތަކުގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފަހަތުން ހުޝާމް މަންމަ އާތިކާ އައިސް ވަނެވެ.
“ކިހިނެއްވީތަ.. ދަރިފުޅު ހާދަ ހާސްވެފަ.” އާތިކާވެސް ހާސްވާ ގޮތް ވިއެވެ.
“ބައްޕަ… ބައްޕަގެ ތިބެނީ އަހަރުން ދެ ކުދިން އެކަނިތަ…. އަހަރެން މިއަހަނީ މަށާ ޖަނާ އާ އެކަނިހޭ..؟” އާތިކާ މަޑުން ހުރުމުން ހުޝާމް ކުޑަކޮށް ރުޅިގަދަވާން ފެށިއެވެ.
“ކިހިނެއްވީ.. ކާކު ކީކޭ ކީ…” އާތިކާ އަހާލިއެވެ. ހުޝާމް އޭނާގެ ފޯނު ނަގާ ޔާސިންގެ ފޮޓޯއެއް ދައްކާލިއެވެ.
“ޔާސިރު..” އާތިކާއަށް މަޑުމަޑުން ބުނެލެވުނެވެ.
“މަންމަ އަށްވެސް މީނަ ވައްތަރީ ބައްޕަ ޅަ އިރާތަ..؟” ހުޝާމް ހައިރާން ކަމާ އެކު އަހާލިއެވެ.
“ތިކާކު؟ ހުޝާމޫ.. ކިހިނެއް ހުޝާމްއަށް ބައްޕަގެ ނަހަލާލު ކުއްޖެއް ހުންނަކަން އިނގުނީ..” ހުޝާމް އަށް ހީވީ އޭނާގެ ފައިދަށުން ބިންގަޑު ދިޔަހެނެވެ.
“ނަހަލާލު ދަރިއެކޭ؟”
“އާން ހުޝާމް ބައްޕަ އަހަންނާ އިނީ ހުޝާމް ބައްޕަގެ އައިލާގެ ނުފޫޒުން އޭރުވެސް ހުޝާމް ބައްޕަ އުޅުނީ މީހަކާ ރައްޓެހިވެގެން.. އަހަރެން ހުޝާމަށް ބަނޑުބޮޑުވިކަން އިގުނީމަ އަހަރެން އެ އަންހެން މީހާ ކައިރިއަށް ގޮސް ރޮއެ އާދޭސް ކުރިން އަހަރެމެން ދިރިއުޅުމުން ދުރަށް ދާން..” ރޮމުން ރޮމުން އާތިކާ ކިޔާދިނެވެ.
“އޭރު އޭނަވެސް އިނީ ޔާސިރުގެ ދަރިއަކަށް ބަލިވެ..” އާތިކާއަށް ބުނެވުނީ މިވަރަށެވެ.
ދޮރު ހުޅުވާފައި އެތެރެއަށް އައިސް ވަދެގަތީ ޔާސިރެވެ.
-ނުނިމޭ-
ނޯޓު: ހުކުރު ދުވަހު ގެނެސްދޭން އިން ބައި ނުގެނެސް ދެވުމުން މިއަދު މި ގެނެސްދެނީ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



