Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ދެވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
June 30, 2025 4 Mins Read
0 Comments

ޔުމްނާ އަވަސްއަވަހަށް ފާޚާނާއަށް ވަނެވެ. މާގަނޑު ދޫކޮށްލއަިގެން ފެންވަރަން ހުރިއިރު އޭނާގެ ހިޔާލަށް އަންނަމުންދިޔައީ މިއަދު ހިނގި ކަންތައްތަކެވެ. ޔުމްނާއަށް ފެނުނު ހުވަފެން ހަނދާންވުމުން ޔުމްނާގެ ހިތުގެ ތެރެއަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އެ ހުވަފެން ފެންނަތާ ހަފްތާއެއް ވެއްޖެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެ ވާހަކަ މީހެއްގެ ކައިރީގައި ބުނަން ޔުމްނާ ފަސްޖެހެނީއެވެ. ޔުމްނާގެ މި ޚިޔާލުތަކުން ނުކުމެވުނީ ކުއްލިއަކަށް ފުރާޅުމައްޗަށް އެއްޗެއް ވެއްޓުނު އަޑަށެވެ.

*****************************************************

ޔުމްނާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް މާގަނޑު ބަންދުކޮށްފައި ތުވާލިން ފެންހިއްކުމަށްފަހު އޭނާގެ އަންނައުނު ލައިގެން ފާޚާނާއިން ނުކުންނަން ދޮރުގެ ތަޅުގައި ހިފިއެވެ. ނަމަވެސް ދޮރު ހުޅުވޭގޮތެއް ނުވިއެވެ. އެހެންވާންވީ ކީއްވެގެންހެއްޔެވެ؟ ފާޚާނާ ދޮރު ބޭރުން ތަޅުލާފައި މިހިރީ ކާކުބާވައައެވެ؟ ޔުމްނާގެ ބިރު ދެގުނައަށް އިތުރުވިއެވެ. ބާރުބާރަށް ދޮރުގައި ޔުމްނާ ތަޅަން ފެށިއެވެ. ހަމައެވަގުތު އަނެއްކާވެސް ފުރާޅުމައްޗަށް އެއްޗެއް ވެއްޓުނު އަޑާއެކު ފާޚާނާގެ ބޮކި ނިވުނެވެ. ޔުމްނާ ބާރަށް ހަޅޭލަވައިގަތެވެ. އަދި ރޮމުން ރޮމުން މަންމާއޭ ކިޔާ ހަޅޭލަވަމުންދިޔައެވެ. ނަމަވެސް އެތައް އިރެއްވީއިރުވެސް މީހަކު ނައެވެ. ގޮތްހުސްވެފައި ޔުމްނާ ފާޚާނާ ދޮރުގެ ބުޑުގައި އިށީނެވެ. ރަށަށް އައިތަނުން މި ދިމާވި މުސީބާތުން މިންޖުކޮށްދެއްވުން އެދި ހިތާ ހިތުން ދުއާކުރަނިކޮށް ދޮރު ހުޅުވުނެވެ. ޔުމްނާ އިނީ އެފަދަ ކަމެއް ވެދާނޭ ކަމަށް ނުވިސްނާކަމުން ފަހަތަށް އޭނާ ވެއްޓުނެވެ.

“ޔުމްނާ؟ ހާދަ އިރެއް ވެއްޖެޔޭ؟ މިހާރު އެހެރަ އިޝާ ނަމާދުކޮށް ނިމުނީ. ހާދަ އިރެއްވަންދެން ތި ފެންވަރަނީ؟” ފިރިހެނެއްގެ އަޑު އިވުމުން ޔުމްނާ ކުއްލިއަކަށް ތެދުވިއެވެ. “ދޮންބޭ؟؟” ޔުމްނާ ޝައްކެއްގެމަތީ ހުރެ އަހާލިއެވެ. “އާނ. މިއީ ޔުމްނާގެ ދޮންބެއޭ. ދޮންބެ ގައިގައި ބައްދައިވެސް ނުލާނަންތަ؟” ޔުމާން ޝަކުވާކޮށްލިއެވެ. ޔުމްނާއަށް ރޮވިފައި ހުރި ތަން ފެނުމުން ޔުމާން ހައިރާންވިއެވެ. “ކިހިނެތްވީ ތިރޮނީ؟ އަނެއްކާ ގޯސް އެއްޗެއް ބުނެވުނީތަ؟” ޔުމާން ހާސްވެފައިހުރެ އަހައިލެއެވެ. “ނު..ނޫން. ދޮންބޭ…ކޮންމެވެސް މީހަކު ފާޚާނާ ދޮރު ހުރީ ބޭރުން ތަޅުލާފަ….ފާޚާނާގެ ބޮކިވެސް ނިވުނީ ކުއްލިއަކަށް…..އަނެއްކާ ފުރާޅުމައްޗަށް ކޮންމެވެސް އެއްޗެއް ވެއްޓުނު….” ބިރުން ރޫރޫ އަޅާ ހާލު ޔުމްނާ ބުންޏެވެ. މި ވާހަަކަ އަޑު އަހާފައި ޔުމާން ފެށީ ހޭށެވެ. މި މަންޒަރު ފެނިފައި ޔުމާން މޮޔަވީބާވައޭ ޔުމްނާގެ ހިތަށް އެރިއެވެ. “ކީއްވެ ތިހެނީ….” ޔުމްނާ ބިރުންހުރެ އަހާލިއެވެ. “ޔުމްނާ ހަނދާނެއްނެތްތަ މި ކޮޓަރީގެ ފާޚާނާގެ ތަޅު ތާށިވާކަން؟ ޔުމްނާ އެއްބަހެއް ނުވި ވިއްޔަ އެ ތަޅުގަނޑު ބަދަލުކުރަންވެސް. ރަށަށް ނާންނަތާ ގިނަދުވަސްވީމަ ހަނދާން ނެތުނީ ދޯ؟” ޔުމާން ހެމުން އެހެން ބުނީމަ ޔުމްނާ ލަދުގަތެވެ. އާއެކެވެ. ޔުމްނާގެ ކޮޓަރީގެ ފާޚާނާގެ ދޮރުގެ ތަޅު ހުޅުވަން ޖެހެނީ ނުހަނު ހާލުންނެވެ. ނަމަވެސް ޔުމްނާ އެ ތަޅު މަރާމާތުކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ މާ ބޮޑުކަމެއް ނޫނޭ ބުނެ ކޮންމެ ފަހަރަކުވެސް ފަރުޖައްސާލަނީއެވެ. އެކަމުގެ ހިތި މިއަދު ޔުމްނާގެ އަރުތެރޭގައި ލައިފިއެވެ. “ދެން…ފާޚާނާ ބޮތްކޯ؟” ޔުމްނާ އަހާލިއެވެ. “ތިވާނީ އެނދީކަމަށް” ޔުމާން ފާޚާނާތެރެއަށް ވަދެ އޭނާގެ ބައްތި ފޯނުން އަލިކޮށްގެން ބޮކި އިން ގޮތް ބަލަމުން ބުންޏެވެ. “ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ. ހާދަ އަވަހަކަށް މިހާރު ބިރުގަނެޔޭ ދޯ؟ ކުރީގަ ގައިމު ދަންވަރަށްވެސް މަންމައަށް ފިލައިގެން ގޭ ފާރުމަތިން ފުންމާލައިގެން ރަޝާމެންނާއި އެއްކޮށް އެ ގެޔަށް ގޮސްގެން ތާސްވެސް ކުޅުނު.” ޔުމާން ސަމާސާ ރާގެއްގައި ބުންޏެވެ. “އެއީ ކުރީގައެއްނު؟ މިހާރުވެސް ބިރެއް ނުގަނެޔޭ. ދެން ހިނގާބަލަ ކާން ދާން. ވަރަށް ބަނޑުހައިވޭ އެބަ.” ޔުމްނާ އެހެން ބުނުމުން ޔުމާންވެސް ޔުމްނާއާއި އެކީ ކާންދިޔައެވެ.

އޭގެ އަނެއްދުވަހެވެ. ޔުމްނާ ހެނދުނު ހެނދުނާ ހޭލައިގެން މޫނުދޮވެލައިގެން މަންމައަށް ބަދިގެ ތެރޭގައި އެހީވުމަށް ނުކުތެވެ. އޭރު ހުސްނާ ހުރީ ރޮށި ފިހަންވެގެން ފުށް މޮޑޭށެވެ. “ދަރިފުޅު އޭނަ ފިޔާކޮޅާއި ލޮނުމެދުކޮޅު ކޮށާލަދީބަލަ. މަންމަ މިއަދު އަލުވި ރިހަ ކައްކަންވެގެން މިއުޅެނީ” ހުސްނާ ބުންޏެވެ. ޔުމްނާ އަވަހަށް ފިޔާ ކޮށަން ފެށިއެވެ. އަދި ދަރު އުނދުން މަތީ ފެން އަޅާފައިހުރި ތެއްޔެއް ބެހެއްޓުމަށްފަހު ދަރު އުނދުނުގައި ރޯކޮށްލުމަށްފަހު އަލުވިތައް އެއަށް އަޅާލިއެވެ. އަދި ގޭގެ ބިއްދޮށު ފަރާތުގައި ހުރި ރުއްގަސްތައް ހުރި ހިސާބަށް ގޮސް ދެ ކާށި ހޮވައިގެން އައިސް ފޭރާއިން ކާށި އިހެލިއެވެ. އަދި އެއަށްފަހު ހުނިގޮނޑީގައި އިނދެ ހުނިގާނަން ފެށިއެވެ. މިކަންކަމަކީ ޔުމްނާ ވަރަށް ކުޑައިރުއްސުރެ ދަސްކޮށްފައިވާ ކަންކަމެވެ. އެހެންކަމުން މިފަދަ ކުދި ކުދި ކަންކަން ކޮށްލުމަކީ ޔުމްނާއަށް މާ އުނދަގޫ ކަމެއް ނޫނެވެ. ރިހަ ކައްކާ ނިންމާލުމަށްފަހު ބޯތައްޓަކަށް ރިހަ އެޅުމަށްފަހު ކާގޭގައި ހުރި މޭޒުމަތީގައި ޔުމްނާ އެ ތަށި ބެހެއްޓިއެވެ. ޔުމްނާގެ ފަހަތުން ހުސްނާ އައިސް ރޮށި ތަށި ބެހެއްޓިއެވެ. “ދަރިފުޅާ. މަންމަ މިދަނީ ތަރުމޯޒަށް ސައި އަޅަން. ދަރިފުޅު ދެން ދޭ ގައިދޮވެލަން. އެކަމަކު ކާއެއްޗެހި މަތީ ގޮށި ޖަހާފަ ދައްޗޭ. މިގޭ ބިއްދޮށު ފާރު ކައިރީގައި އުޅޭނެ ނިކަން ނުބައި ބުޅަލެއް. ގޮށި ނުޖަހާ ހުރިއްޔާ ދުވަސް ދިޔައީ. ރޭގަނޑަށްވެސް ފުރާޅުމަތީ ދުވާވަރުން ހީވާނީ އެހެންފަދަކަމެއްހެން.” އެ ބުޅަލަށް ކުދި ކިޔަމުން ހުސްނާ ބަދިގެ ފަރާތަށް ދިޔައެވެ. އެހެންވީމާ ރޭގައި ޔުމްނާ ފެންވަރަން ހުރިއިރު ފުރާޅުމައްޗަށް މި ވެއްޓުނު އެއްޗަކީ އެ ބުޅާތާއެވެ. ޔުމްނާ އަވަހަށް ކާއެއްޗެހިތައް މަތީގައި ގޮށި ޖެހުމަށްފަހު ފެންވަރަން ދިޔައެވެ.

ފެންވަރާ ނިމިގެން ޔުމްނާ ސައިބޯން ނުކުތްއިރު ޔުމާންވެސް ކާގޭގައި އިނެވެ. “އަހަރެން ހީކުރީ ޔުމްނާ ނުހޭލަނީކަމަށް” ޔުމާން ޔުމްނާ ރުޅިއަރުވާލުމުގެ ނިޔަތުގައި ބުންޏެވެ. “ކީއްވެ ނުހޭލެވެންވީ؟ އަހަރެންނޭ ތިހިރީ ރިހަވެސް ކައްކާފަ”. ޔުމްނާ ރައްދުގައި ބުންޏެވެ. “އެއީ ތެދެއްތަ މަންމާ؟” ޔުމާން ގަބޫލުނުކުރާ ފަދައަކުން ހުސްނާ ކައިރީގައި އެހިއެވެ. “އާނ. ތިއީ ޔުމްނާ ކައްކާފައޭ. ދެން ދެކުދިން މައްލަވަނުކޮށް އަވަަހަށް ސައިބޯ”. ހުސްނާ ބުންޏެވެ. ޔުމްނާވެސް ތައްޓެއް ހިފައިގެން އައިސް ރޮށި ފިލުވުމަށްފަހު ރިހަ އަޅައިގެން ކާންފެށިއެވެ. ތިން މައިން ސައިބޮމުން ދިޔައިރު ދެކެވެމުންދިޔައީ ފާއިތުވި 5 އަހަރުގެ ތެރޭގައި އެ ރަށުގައި ހިނގާފައިހުރި ކަންކަމުގެ ވާހަކައެވެ. ސައިބޯ ނިމިގެން ތަށި ދޮވުމުގައި ޔުމްނާ ހުސްނާއަށް އެހީތެރިވެދިނެވެ. “މަންމާ. މިއަދު ރަޝާމެންގެ ގެއަށް ގޮސްލަންތަ؟” ޔުމްނާ އަހާލިއެވެ. “އާނ. މައްސަލައެއް ނެތް” ހުސްނާ ޔުމްނާއަށް ހުއްދަ ދިނުމުން ޔުމްނާ ވަރަށް އުފާވިއެވެ.

ހަވީރުވުމުން ޔުމްނާ ފެންވަރައިލައިގެން މަޑު ނޫކުަލައިގެ ޕާކިސްތާނު ހެދުމެއް ލުމަށްފަހު ގަދަ ނޫކުލައިގެ ދޯޕައްޓާއެއް އަޅާލިއެވެ. އަދި އޭނާގެ ރާޅުބާނީކަން ބޮޑު އިސްތަށިގަނޑު ވަޔާ ވިހުރެން ދޫކޮށްލުމަށްފަހު ލޮލުގައި އަނދުން އެޅިއެވެ. އަދި ލޯގަނޑަށް ބަލަމުން ދެފަރާތް ދެފަރާތަށް އެނބުރިލާފައި ހިތްހަމަޖެހޭވަރު ވުމުން ޔުމްނާ ގެންގުޅޭ ބާޓާ ފައިވާނަށް އަރާލިއެވެ. އަދި އަވަސްއަވަހަށް ގެއިން ނުކުތެވެ. ހަވީރުގެ ވަގުތު ކަމުން ރަށުގެ ގިނަ ބަޔަކު ޖޯލިފަތިތަކުގައި އޮލަ ވާހަކައިގައި ގެއްލިފައި ތިއްބެވެ. ކުދިވެރިން އަތރިމައްޗަށް ފިލާ ދޮށިތައް ހިފައިގެން ދާ މަންޒަރުވެސް ފެނުނެވެ. މާ ގިނަ އިރަތަކެއްނުވެ ޔުމްނާއަށް ރަޝާމެންގެ ގެއަށް އާދެވިެއްޖެއެވެ. ނަމަވެސް މިހާރު އެ ގެ ހުރިލެއް ތަފާތު ކަމުން އެއީ ރަޝާމެންގެ ގެ ބާވައޭ ޔުމްނާ ހިތައް އެރިއެވެ. އެހެން ޝައްކުގައި ހުއްޓައި ޔުމްނާގެ ކޮނޑުގައި މީހަކު އަތް ބާވައިލުމުން ޔުމްނާ ދިޔައީ ސިއްސައިގެންނެވެ. “މިއޮއް މީހެއް! ރަށަށް އައި ވާހަކަ އަންގައިވެސްނުލާ ސައިދޭން ޖެހިދާނެތީ! އެކަމަކު މި ފަހަރު މިއޮތީ އަތުޖެހިފަ! ދެނެއްް ދުލެއްނުކުރާނަން” އެ އަޑަށް ޔުމްނާ ފަހަތް ބަލާލިއިރު އޭނާގެ ކޮނޑުގައި އަތް ބާވައިލައިގެން ހުރީ ރަޝާއެވެ. “ރަޝާ!” ޔުމްނާ އުފަލުންހުރެ އޭނާގެ އެންމެ ގާތް މިތުރުގެ ގައިގައި ބައްދާލިއެވެ. “ހޫނ، ދެން މިހާރު އެބަ ބައްދައެއްނު. މިއަދު ގަޔަށް ފުއް އަޅާފަ ނޫނީ ދުލެއް ނުކުރާނަން!” ރަޝާ ސަމާސާ ރާގެއްގައި ބުންޏެވެ. “އަހަރެން މިއައީ ރަޝާ ހޯދާށޭ. ރަޝާގެ ގެ ތަފާތުކަމުން މިހިރީ ވާނުވާގައޭ.” ޔުމްނާ ބުންޏެވެ. “5 އަހަރު ވާއިރު ދެން ބަދަލުވެސް އަންނާނެއްނު؟ ހިނގާ އަވަހަށް ސައިބޯން.” ރަޝާ އެދުނެވެ. ޔުމްނާ ރަޝާގެ ފަހަތުން އެގެއަށް ވަނެވެ. އޭރު ރަޝާގެ މަންމަ ޖަމްޝީދާ ހުރީ ތަބަކަށް ހެދިކާ އަޅަން ބަދިގޭގައެވެ. “އަނހާ! ޔުމްނާ ކޮންއިރެއްގަ އައީ؟ އަދި މިއުޅެނީ އެ ހުސްނާއާއި ވެސް ދިމާނުވެގެން” ޖަމްޝީދާ ބުންޏެވެ. “އިއްޔެގަ އައީ. އިރުއޮއްސުނު ފަހުން ރަށަށް ލެފުނީ” ޔުމްނާ ބުންޏެވެ. ރަޝާ ޔުމްނާ ގެންގޮސް ކާމޭޒުދޮށުގައި ބޭންދިއެވެ. އަދި ދެމީހުން ސައިބޯން ފެށިއެވެ. އެތައް ދުވުހަކަށްފަހު ދެ އެކުވެރިން ބައްދަލުވުމުން ދައްކާ ދައްކާ ހުސްނުވާ ވަރަށް ވާހަކަ ހުއްޓެވެ.

“ހިނގާބަލަ ތުނޑިއަށް ދާން”. ރަޝާ އެދުނެވެ. ޔުމްނާ ވެސް ރަޝާއާއި އެކީ ސައިބޯ ނިންމާލުމަށްފަހު ތުނޑިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ތުނޑިއަށް ދެވުނުއިރު މުޅި މާހައުލުންވެސް ފެންނަމުންދިޔައީ ހިތްގައިމުކަމެވެ. އޭރު ކުޑަކުދިން  ހިރި ކުޅެމުންދިޔައިރު، ބޮނބި ތެޅުމުގައާއި ރޯނުވެށުމުގައި އަންހެންވެރިން އަވަދިނެތި އުޅުނެވެ. އަދި ހަވިރު ފިންޏަށް ހިނގާލަން ނުކުމެ ތިބި ޒުވާނުންގެ އަދަދުވެސް މަދެއް ނޫނެވެ. ޔުމްނާއާއި ރަޝާއާއި ދެމީހުން ވެލިގަނޑުމަތީގައި އިށީނެވެ. އަދި ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. މުޅި މި މާހައުލުންވެސް ފެންނަނީ ސާދާކަމެވެ. އިންޓަނެޓުގެ ޒަމާންނޫންކަމުން އޭރުގައި މީހުން ހިތްހަމަ ޖައްސައި ހަދައި އުޅުނީ މިފަދަ ގޮތްގޮތަށެވެ. އެތައް ދުވަހަކަށްފަހު ރަށުގެ މި ހިތްގައިމު މާހައުލު ފެނުމުން ޔުމްނާގެ ހިތަށް ބަޔާންކުރަންދަތި އުފާވެރިކަމެއް ވެރިވެގެން ދިޔައެވެ. ރަޝާއާއި ދެމީހުން ވާހަކައިގައި ގެއްލި ތިބިއިރު ވަގުތު ހިނގި ގޮތެއްވެސް ނޭނގުނެވެ. އެ ދެމީހުންނަށް ވާހަކައިގެ ތެރެއިން ނުކުމެވުނީ މަޣްރިބް ނަމާދުގެ ބަންގީގެ އަޑަށެވެ. އަވަސްއަވަހަށް ދެމީހުން ގައިން ވެލި ފޮޅުމަށްފަހު ގެއަށް ދާން ހިނގައިގަތެވެ.

ޔުމްނާގެ ގެއާއި އަރާހަމަވުމުން ޔުމްނާ ރަޝާއަށް ހަނާއަޅާލުމަށްފަހު ގެއަށް ވަންނަންދިޔައެވެ. “ޔުމްނާ!” ކުއްލިއަކަށް ރަޝާ ގޮވާލިއެވެ. ޔުމްނާ ފަހަަތަށް ބަލާލިއެވެ. ރަޝާ ސިއްރުވެރި ގޮތަކަށް ދެފަރާތް ދެފަރާތަށް ރަނގަޅަށް ބަލާލިއެވެ. އަދި ޔުމްނާގެ ކަންފަތް ބުޑުގައި އަތް އަޅާލަމުން ބުންޏެވެ. “މިރޭ ތާސްކުޅޭނަންތަ؟ އަފީފާއާއި ޒައިނަބުވެސް އަންނާނެ” ރަޝާ އަހާލިއެވެ. ޔުމްނާ ވިސްނާލިއެވެ. އަދި ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ. “އެހެންވީމާ މިރޭ 11:30ގައި. އަހަރުމެންގެ ގެއަށް އިނގޭ”. ރަޝާ ބުންޏެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ހިތުގެ ނާރުތަކުގާވެސް ތިބާ… 2

Next

ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފާނެގޮތް

Next
June 30, 2025

ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފާނެގޮތް

Previews
June 30, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 2



All Right Reserved!