މަލަކާ
ފުރަތަމަ ބައި
އިރުގެ ރަން ދޯދިތަކުން މުޅިދުނިޔެ ވަނީ އަލިކޮށްލާފައެވެ. ފިކުރެއް ހިޔާލެއްނެތި ޔަނާލް ދުވަމުން އެ ދަނީ އޭނާގެ މަންމަގެ ވަށައިގެންނެވެ.
ޔަނާލް އަކީ އެންމެ 3 އަހަރުގެ މަލަކާގެ ދަރިފުޅެވެ. ޔަނާލް ދުވަމުން ދުވަމުން އެންމެ ފަހުން ވަރުބަލިވެގެން އައިސް އޭނާގެ މަންމަގެ އުނގައް ވެއްޓިގަތެވެ. ޔަނާލްގެ އެ މަޢުސޫމު ދެލޮލުން ފެންނަނީ ސަނާހް ގެ ސޫރައެވެ. ހަމަ އެ ދެލޮލެވެ. ހަމަ އެ ސޫރައެވެ.
މަލަކާ އަކީ ރާއްޖެތެރޭގެ ފޯރުންތެރި އާއިލާ އަކަށް އުފަން 3 ކުދިންގެ ތެރެއިން ދެ ވަނަ ކުއްޖާއެވެ. ފޯރުންތެރި އާއިލާއެކެވެ. ރަށުގެ ގަދަރުވެރި އާއިލާއެކެވެ. ނެތީ ކޮންއެއްޗެއް ހެއްޔެވެ. މައިން ބަފައިންގެ ފުރިހަމަ ލޯބި ލިބިގެން ބޮޑުވެފައި ހުރި އަންހެން ދަރިއެކެވެ.
މަލަކާ ކިޔަވަމުން އައީ ނ. އަތޮޅު ސްކޫލުންނެވެ. އެންމެ ކުޑަ އިރުއްސުރެއް ވެސް ކިޔަވަން މޮޅު މަލަކާގެ އުންމީދަކީ މައިންބަފައިން ބޭނުންވާކަހަލަ ބަސް އަހާ މޮޅު ކުއްޖަކަށް ވުމެވެ. މަލަކާގެ ދޮއްޓައް ހުންނަނީ އަހުސަން އެވެ. މަލަކާގެ ދޮންބެ އެވެ. ދޮންބެ އަކީ ސްކޫލްގެ ކެޕްޓަންވެސް މެއެވެ. މަލަކާ ބޭނުންވަނީ ދޮންބެ އާއި އެއްވަރަށް ކިޔެވުމުގައި ހަރުފަތްތައް ގިރާކުރާށެވެ. ދެން ހުންނަނީ އެންމެ ހަގަށް ހުންނަ އައިމަން އެވެ. އެންމެންގެ އައި ކޮއެވެ.
ކިޔެވުމުގެ ހަރުފަތްތައް ގިރާކުރަމުން ގޮސް މަލަކާގެ ކިޔެވުމުގެ އެންމެ އުނދަގު ދައުރަށް ފެށިއްޖެއެވެ. ފުރާވަރު އުމުރުގައި މަލަކާ އަށް ކިޔެވުން ވީ ވަރަށް ވެސް ދަތި ކަމަކަށެވެ. ނަމަވެސް ހިތް ވަރު ކޮށްގެން ކުރިއަށް އަރަމުން ދެއެވެ. ގުރޭޑް ހަތެއްގައި މަލަކާ އަށް ޕްރިފެކްޓް ކަން ލިބުންވީ މަލަކާގެ ހަޔާތުގައި ލިބުނު އައު ތަޖުރިބާއެކެވެ. އިތުރު ކުދިންނާ ކުރިމަތި ލުމުގެ ދޮރެއް ހުޅުވުނީ އެވެ.
މަލަކާގެ ހިނގުމަށް ހުއްޓުމެއް އައީ ފަހަތުން އައި އަރީޝްގެ އަޑަށެވެ. “މަލަކާ، މަޑުކޮށްބަލަ” އަރީޝް ދުވަމުން ކަހަލަ ގޮތަކަށް މަލަކާގެ ކައިރިއަށް މަޑުކޮށްލިއެވެ. އަރީޝް އަކީ މަލަކާ އާ އެއް ގްރޭޑެއްގައި އުޅޭ އެހެން ރަށެއްގެ ކުއްޖެކެވެ. އަރީޝް ދިރިއުޅެމުން އަންނަނީ މަލަކާގެ ގެއާ ޖެހިގެން ހުންނަ ގެއެއްގައެވެ. ބަލައިލާން ހުތުރު ކުއްޖެއް ނޫނެވެ. ރީތި ވަރެއްގެ އިސްކޮޅަކާއި ފަން ކަޅު އިސްތަށިގަނޑެއްގެ ވެރިއެކެވެ. މަލަކާ އަށް ވުރެ އުމުރުގެ ގޮތުން ދޮއްޓެވެ. މަލަކާ ބޭބެ ގެ ވެސް ގާތް އެކުވެރި އެކެވެ.
އަރީޝް އައިސް މަލަކާގެ ގާތުގައި މަޑުކޮށްލިއެވެ. ދީފާނަންތަ އީއެސް ފޮތް . މަ ނޯޓެއް މިސް ވެގެން މިއުޅެނީ؛ އަރީޝް ވާހަކަ ދެއްކިއެވެ. އެއަޑުގައި ވަނީ ބީރައްޓެހި ކަމެއް ނަމަވެސް ވަރަށް ހިތްގައިމެވެ. އެކަމަކު މަލަކާގެ ޅަ ސިކުނޑިއަށް މިއިން އެއްވެސް ކަމެއް ފާހަގަ ނުކުރެވޭ ކަހަލަ އެވެ. ދަބަހުން ފޮތް ނެގުމަށްފަހު އަރީޝްގެ އަތައް ދިނެވެ. “އަވަހަށް ގެންނާތި ޕްލީޒް، މަ ވެސް ޖެހޭނެ ފޮތް ކިޔަން” މިހެން ބުނުމަށްފަހު މަލަކާ ހިނގައިގަތެވެ. މަލަކާ ގޮސް ގެއަށް ވަންނަންދެން އަރީޝް ބަލަހައްޓައިގެން ހުރި ކަމެއް މަލަކާ އަކަށް ނޭނގެއެވެ. އަރީޝް ވެސް ގެއަށް ދިޔައީ މަލަކާ ފަސް އެނބުރި ބަލާ ނުލީމައެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް ފަހު މަލަކާ މިސްރާބު ޖެހީ ޖެހިގެން އަންނަ ދުވަހަށް ތައްޔާރުވުމަށެވެ. މަލަކާ ގެ އުމުރުން ދިހަ އަހަރުން ފެށިގެން ޔުނީފޯމް އިސްތިރި ކުރަނީ މަލަކާ އަމިއްލައަށެވެ. އޭނަގެ ކޮއްކޮގެ ޔުނީފޯމް އަދި ދޮންބެގެ ޔުނީފޯމް އިސްތިރިކޮށްދެނީ ވެސް މަލަކާގެ އަމިއްލައަށެވެ. މަލަކާއަށް މިކަން މާބޮޑުކަމަކަށް ނުވަނީ އެގޮތަށް އާދަވެފައި ހުރީމައެވެ. މަލަކާގެ މަންމަ ނިޔާވިފަހުން މަލަކާއަށް މިކަންތައްކުރަން މިޖުބޫރެވެ. އެހެންނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ.
މީގެ އެތައް އަހަރެއް ކުރިއަށް ޖެހިލަމާ ހިނގާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

