މަލަކާ – 2
ދެވަނަ ބައި
ޒާހިދާ އަކީ ގެ ވެހި އަންހެނެކެވެ. އޭނާގެ ގެވެހި ކަމާއި ހެޔޮލަފާ ކަމުގެ ސަބަބުން އާޒިމް ގެ އާއިލާ ވީ ވަރަށް ވެސް އުފާވެރި އާއިލާ އަކަށެވެ. ޒާހިދާ އަކީ މަލަކާގެ މަންމަ އެވެ. އާޒިމްގެ އަންހެނުންނެވެ. އާޒިމް އާއި ޒާހިދާ ކައިވެނި ކުރީ މައިންބަފައިންގެ ނުރުހުމުގައެއް ކަމަކު މިހާރު އެދެމީހުން ވަރެއް ދެ އާއިލާ އަކުވެސް ނެތެވެ. ޒާހިދާ އަކީ ހިތް ހެޔޮ، ދީންވެރި ކިޔަމަން ތެރި އަންބެކެވެ. މިކަމާ އާޒިމް ފަހުރުވެރި ވަނީ ވަކި ވަރަކަށް ނޫނެވެ. ދެމަފިރިންގެ ކައިވެންޏަށް 2 އަހަރު ވީއިރުވެސް ކުއްޖަކު ނުލިބުމުން ދެމީހުންގެ ގުޅުމަކަށް އެއްވެސް ހީނަރުކަމެއް ނާދެއެވެ. ޒާހިދާ ވީ ކެތްތެރިންގެ ތެރެއިން ވީ އަންހެނަކަށެވެ. ޒާހިދާގެ ކެތްތެރިކަމުގެ މޭވާ ފޮންޏެވެ. އަހުސަން ލިބުނީ ދެމީހުންގެ ކައިވެންޏަށް ފަސްއަހަރު ވުމަށްފަހުގައެވެ. އަހުސަން ލިބުން ވީ ޒާހިދާގެ ދެމަފިރިންގެ ލޯތްބަށް އިތުރުވި ކުރިއަކަށެވެ. އޭގެ ފަހުން ދެމަފިރިންގެ ހަޔާތައް އައީ ބަހާރު މޫސުމެއް ފަދަ އުފާވެރި ދުވަސްތަކެކެވެ. “އަލްހަމްދު ލިއްލާހި” ، ޒާހިދާ އޭނާގެ ކުޑަކުޑަ އަހުސަން އުނގުމަތީ ބައިންދައިގެން އިނދެ މަޑުމަޑުން ކިޔާލިއެވެ.” އެކަލާނގެ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.” ޒާހިދާގެ ކެއްތެރިކަމާއި ރަނގަޅު އުޅުމުގެ ސަބަބުން ހަޔާތަށް ކިތަންމެހައިވެސް އުފާވެރިކަމެއް ލިބިގެން ދެއެވެ.
ޒާހިދާގެ ލޯބިވާ ދަރިފުޅާއި ފިރިމީހާ އާއި އެކު އުޅެމުން އައި ދިރިއުޅުމަށް އަހަރުތަކެއް ވުމަށްފަހު އަނެއްކާ ވެސް ޒާހިދާ ބަލިވެ އިނެވެ. އޭރު އަހުސަންގެ އުމުރުން ފަސް އަހަރެވެ. މިފަހަރު ޒާހިދާ އަށް ލިބުނީ އިތުރު އުފަލަކާއި ހިތް ހަމަ ޖެހުމެކެވެ. އަހުސަން ވެސް މިހަބަރު ލިބުމާއި އެކީ އޭނާ އާއި އެކީ ކުޅެން ކޮއްކޮ އެއް ލިބޭތީ ހުރީ އިންތިހާ އަށް އުފާވެފައެވެ. އަނެއްކާ ވެސް މިކުޑަކުޑަ އާއިލާއަށް ބަހާރު މޫސުން އަންނަނީ އެވެ. ޒާހިދާގެ ބަނޑަށް ނުވަ މަސް ފުރި ވިހަން ކައިރިވެއްޖެއެވެ.
އާޒިމް އިނީ ވަރަށް ހާސްވެފައެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ވިއްސާކޮޓަރި ކުރިމަތީގައި ހުރި އިރު މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ހެޔޮ ހިތުން ކުރެވެނީ ދުޢާއެވެ. އަހުސަން ވެސް މަންމަ ކައިރިއަށް އަންނަން ވަރަށް ރުޔެވެ. ނަމަވެސް ކުއްލިއަކަށް ޒާހިދާގެ ހާލު ދެރަވެގެން ގެންނަން ޖެހުމުން އަހުސަން ހަވާލުކުރީ އާޒިމްގެ މަންމަ މުނީރާ އާއެވެ.
ވިއްސާ ކޮޓަރިއަށް ވެއްދިފަހުން 3 ގަޑިއިރު ވަނީ އެވެ. އެތެރެއިން އެއްވެސް ހަބަރެއް ނުވުމުން އާޒިމްއަށް މަޑަކުން ނުހުރެވުނެވެ.
މީހާ ތުރުތުރު އަޅާ ހާލު ވިއްސާކޮޓަރީގެ ދޮރުގެ އަތްގަނޑުގައި ހިފާލިއެވެ. އާޒިމް ދޮރުގައި ހިފާލި ވަގުތާ އެތެރެއިން ހުޅުވި ވަގުތާ އެއްވަގުތަކަށް ވުމުން އާޒިމް ވެއްޓެން އުޅުނު ކަހަލަ ގޮތެއްވިއެވެ. އެތެރެއިން ނުކުތީ ޑޮކްޓަރ އަސްރަފް އެވެ. ޑޮކްޓަރުގެ މޫނު މަތިން ފެންނަންހުރި ކުލަވަރުގެ ސަބަބުން އާޒިމްގެ ހިތް ތެޅިގަތެވެ. މީހާ ތުރުތުރު އަޅައިގަތެވެ. އާޒިމް އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޑޮކްޓަރ މަޑުމަޑުން އާޒިމްގެ ކޮޑަށް އަތްވައްޓާލިއެވެ. “ލިބުނީ އަންހެންކުއްޖެއް، ދަރިފުޅުގެ ހާލް ރަނގަޅު، އެކަމަކު،.. އެކަމަކު ކިހިނެތްވީ؟ އާޒިމް އަށް ރޮވުނެވެ. އެކަމަކު އާޒިމްގެ އަންހެނުންގެ ހާލު ވަރަށް ދެރަ” ޑޮކްޓަރުގެ މިޖުމްލަ އާއި އެކު އާޒިމްގެ ބޮލަށް އެނބުރުން އަރައިގަތެވެ. ޑޮކްޓަރ އާޒިމްގެ ގައިގައި ހިފަހައްޓާލިއެވެ. އަދި ކައިރީގައި އިން ގޮނޑީގައި އާޒިމް ބައިންދާލިއެވެ. ” ދެރަނުވޭ، އަދި އުންމީދު އެބައޮތް. ވިހެއުމުގެ ތެރޭގައި އާޒިމްގެ އަންހެނުންގެ ފުއްޕާމެއަށް ވަނީ ފެން އެޅިފައި. އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން.” ޑޮކްޓަރ ވަރަށް ކެއްތެރިކަމާއި އެކީ ޑޮކްޓަރުގެ ވާޖިބް ފުރިހަމަ ކުރިއެވެ. އާޒިމް އަށް ހިތްވަރު ދިނެވެ. ” އަޅުގަނޑު ބޭނުން އަންހެނުން ދެކިލަން. އަދި ދަރިފުޅު ވެސް”. އާޒިމް ޑޮކްޓަރާ ދިމާލަށް ބަލާލުމަށްފަހު ބުންޏެވެ. ” އެންމެ ރަނގަޅު، އެކަމަކު އަޅުގަނޑުމެން ވީހާވެސް އަވަހަކަށް އާޒިމްގެ އަންހެނުން އައި ސި ޔޫ އަށް ގެންދަން” ޑޮކްޓަރ އެހެން ބުނުމަށްފަހު އާޒިމް އެތެރެއަށް ވެއްދިއެވެ. އާޒިމް އެންމެ ފުރަތަމަ ވެސް ބޭނުންވި ލޯބިވާ އަންހެނުން ދެކިލުމަށެވެ. އެނދުކައިރިއަށް ދެވުމާއި އެކު ހޯސްލާފައި އާޒިމްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. މަޑުމަޑުން ޒާހިދާގެ އޮތް އެނދުގެ ބޯލާކޮޅުގައި މަޑުކޮށްލިއެވެ. އެ މައުސޫމް މޫނުގައި ފެންނަނީ ހިނިތުންވުމެވެ. ހީވަނީ ދެންމެ ދެންމެ އާޒިމް އަށް ގޮވާލަފާނެ ހެންނެވެ. އާޒިމް މަޑުމަޑުން ޒާހިދާގެ އަތުގައި ހިފާލިއެވެ. އަދި ހިތާ ހިތުން ބުނެލިއެވެ. ” ޒަހިދާ، އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. ޒާހިދާ ހުންނާނީ އަބަދުވެސް އާޒިމް ކައިރީގައި.” . . ވިއްސާ ކޮޓަރިތެރޭގައި އެހެން ބަޔަކު އުޅޭ ކަމުގެ އިހުސާސެއް އާޒިމް އަކަށް ނުވެއެވެ. އާޒިމް އިނީ ޒާހިދާގެ އެ ފުރިހަމަ މޫނަށް ބަލަހައްޓައިގެންނެވެ. އާޒިމް އަށް ހޭވެރިކަން ވީ ނަރުސް ކުއްޖާ ގޮވާލީމައެވެ. އޭރު މުޅި މާހައުލު ވަނީ ހަލަބޮލި ވެފައެވެ. ނަރުސްކުދިން އެއްކޮޅުން އަނެއްކޮޅަށް ދުވަމުން ދެއެވެ. ޒާހިދާ އައި ސީ ޔޫ އަށް ގެންދިއުމުގެ ކަންތައް ކުރިއަށް ގެންދަނީ އެވެ. އާޒިމް އެހެން ހުއްޓައި ޒާހިދާ އެނދަށް ލައިގެން ގެންގޮސް އޮބާލައިފިއެވެ. އާޒިމް އަދިވެސް ހުރީ ގަބު ވެފައެވެ. އެވަގުތަކީ އާޒިމްގެ މަންމަ އާއި ބައްޕަ އެތަނަށް ވަތް ވަގުތެވެ. އާޒިމް ހުރި ގޮތް ފެނުމުން މުނީރާ އާޒިމްގެ ބޮލުގައި ފިރުމާލިއެވެ. އަދި ހިތްވަރު ކުރުމަށް ނަސެހަތްތެރި ވިއެވެ. މޮޅިވެރި މޫނަކާއި އެކު އާޒިމް މިސްރާބު ޖެހީ ލޯބިވާ ދަރިފުޅު ދެކިލުމަށެވެ. ދަރިފުޅު އޮތް ކުޑަ އެނދު ކައިރީ ހުއްޓި އެ ކުޑަކުޑަ މޫނަށް ބަލާލިއެވެ. ލޯބިވާ ދަރިފުޅު ފެނުމުން އާޒިމްއަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނެވެ. އެހެންނަމަވެސް އަދިވެސް އާޒިމްގެ ސިކުނޑި ވަނީ ޒާހިދާގެ ހިޔާލުގައެވެ. ދަރިފުޅަށް ބަލަހައްޓައިގެން އާޒިމް އިނެވެ. އެހިނދު މުނީރާ އައިސް ދަރިފުޅު ނަގާ އާޒިމްގެ އަތަށް ލައިދިނެވެ. އާޒިމް ދަރިފުޅު ގެނެސް މެޔާލާ ބޮނޑި ކޮށްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

