ހިތް އެދޭ ލޯތްބަކީ ތީ (ފަހު ބައި)
ޖިންނިއަކަސް އަހަރެންވެސް ހިތް އެދޭ ލޯތްބަކީ އަދާރާއެވެ. ލޯބީގައި އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެކޭ ބުނެވިދާނެއެވެ.އަހަންނަށް ނުލިބުނު ލޯތްބެއް އެހެން މީހަކަށް ހާސިލުވުމަކަށް އަހަރެންގެ ހިތެއް ނޭދެއެވެ.އެއީ އަހަރެންގެ އެންމެ ބޮޑު އުނި ސިފަ ކަންނޭނގެއެވެ.އެހެނަސް ހަތިޔާރު ބަހައްޓަން އަހަންނަށް މިއަދު މަޖުބޫރުވެއްޖެއެވެ.އަހަންނަށް ފާރަވެރިވެގެން އުޅުނު އިފުރީތަކަށް މިކަން އެނގިގެން އެތައް ގޮތަކުން އަހަންނަށް އިންޒާރުތަކެއް ދޭން ފަށައިފިއެވެ.އަދި އާއިލާއަށްވެސް މިހާރު މިކަން ފަޅާ އަރައިފިއެވެ.އަހަރެންގެ ޝާހީ ހައިބަތު ގެއްލިދާނެތީ އަހަރެން ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ.އެހެނަސް އަހަރެން ގޮތް ދޫ ނުކޮށްފިނަމަ އަދާރާގެ ފުރާނައަށްވެސް ގެއްލުން ދޭން އެސޮރު ފަހަކަށް ނުދާނެއެވެ.އަހަރެމެންގެ ތެރޭގައި ވެސް އެކި ފާޑުގެ މީހުން އުޅެއެވެ.ކޮންމެ މީހަކީ ހިތްތިރި މީހެއް ނޫނެވެ.ކުށްވެރިންވެސް މަދެއް ނޫނެވެ. އަހަންނާއި އެމީހުންގެ ދަރިން ދެވަން ބޭނުންވެފައި ތިބި އެތައް ބަޔަކުވެސް އެބަ އުޅެއެވެ.މީ އެމީހުންގެ ކަމަކަށްވެސް ވުން އެކަށީގެންވެއެވެ.އަހަރެން އަދާރާއާއި ދުރަށް ދާން މި ނިންމީ ހިތާއި ދެކޮޅަށެވެ.އަދާރާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކުޑަވެސް އަނިޔާއެއް އަދާރާއަށް ލިބެން ނެދޭތީއެވެ.އަދާރާ ކިފްލުއާއި އެކު އުޅޭތަން ދެކޭކަށް އަހަންނަކަށް ފަސޭހައެއްވެސް ނުވާނެއެވެ.އެހެނަސް އަދާރާއަށްޓަކައި ކިފްލުއަކީ ރަނގަޅު ބައިވެރިއެކެވެ. ލޯބީގައި ކަނުވެފައި ހުރިވަރުން އަހަންނަށް އޭނާއަށްވެސް އަނިޔާވެރި ވެވިއްޖެއެވެ.އެކަމަކު އަހަރެން ދިއުމުގެ ކުރިން އޭނާއަށް ކުރިމަތިވެފައިވާ އެ ހުރިހާ ކަމަކުން އޭނާ މިންޖުކޮށް ދޭނަމެވެ.އަހަންނަށް އަދާރާ ނުލިބުނަސް ތިއީ އަހަރެންގެ ހިތް އެދުނު ހަމަ އެކަނި ލޯތްބެވެ.އަދާރާގެ ސަލާމަތްތެރިކަމަށްޓަކައި އަހަރެންް މިއަދު މި ލޯބި ގުރުބާން ކުރަނީއެވެ.މީގެ ފަހުން އަދާރާއަކަށް ވެސް އަދި ކިފްލުއަކަށްވެސް އަހަރެންްގެ ފަރާތުން އެއްވެސް ކަހަލަ އުނދަގުލެއް ނުފޯރާނެއެވެ.އަހަރެން އެދެނީ އަދާރާއަށް އުފާ ފާގަތި ދިރިއުޅުމެކެވެ.
****
މުލްކުގެ ވާހަކަ ނިމުނުއިރު އޭނާ ހުރީ އަޑު ކުރެހި ރޮވޭ ގޮތްވެފައެވެ.އެ ވާހާކަތައް ’ޕްރޮސެސް‘ކުރަން އަދާރާއަށް ވަގުތު ބޭނުންވިއެވެ.މުލްކު އެ ދެއްކީ އޭނާ ސިއްސައިގެން ދާވަރުގެ ވާހަކަތަކެކެވެ.ތިމާ ދެކެ އިންތިހާއަށް ލޯބިވާ އެހެން ނަސްލަކަށް ނިސްބަތްވާ މީހަކު ހުރިކަން އެނގުމުުން ނުސިހޭނީ ފަހެ ކާކު ހެއްޔެވެ؟
****
’އަދާރާ އަހަންނަށް މާފު ކުރޭ …‘ ދެންވެސް ވާހަކަދެއްކީ މުލްކުއެވެ.
’މިއަދަށްފަހު ދެން އަދާރާއަކަށް އަހަރެންގެ އެއްވެސް ހިލަމެއް ނުވާނެ..އެކަމަކު އަދިވެސް ދުރު ދުރުން އަހަރެން އަދާރާގެ ހާލު ބަލާނަން.‘ މުލްކު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފުހެލިއެވެ.
****
’އަހަރެން ދަނީ…ހިތް ހެޔޮ ކުރާތި އަދާރާ…ހީ ކުރަން އަހަރެން އަދާރާދެކެ ވާ ލޯބި އަދާރާއަށް ގަބޫލު ކުރެވޭނެ ކަމަށް…ވަރަށް ލޯބިވޭ…‘ މުލްކު ތެދުވެގެން ފަހަތަށް ދެތިން ފިޔަވަޅު އަޅާފައި އޮލަ ދުންތަކަކާއިއެކު ގެއްލުނެވެ.އަދާރާއަށް މޭގައި އަތް އަޅައިލެވުނީ ބޭ އިޚުތިޔާރުގައެވެ.
****
މުލްކު ދިޔަތާ މާ ގިނަ އިރެއް ނުވެ އަދާރާއަށް އަންނަން ފެށީ ކިފްލުގެ ކޯލެކެވެ.އަދާރާ ފޯނު ނެގިހާއިރަކަށް ކިފްލު އޭނާ ބުނަން ބޭނުންވެފައި ހުރި ހުރިހާ ވާހަކަތަކެއް އެއް ފައްޗަކަށް އަމުނާލައިފިއެވެ.
****
މުލްކު ކިފްލުގެ ގާތަށްވެސް ދިޔަ ވާހަކައާއި ހުރިހާ އެއްޗެއް ހަގީގަތަށް ކިޔައިދިނުމަށް ފަހު ކިފްލުގެ ކިބައިން މާފަށްވެސް އެދުނު ވާހަކަ އޭނާ ބުންޏެވެ.އެ ހުރިހާ ވާހަކަތަކެއް އަޑު އަހަން އަދާރާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.އެހެނަސް ކިފްލު ޑިސްޗާޖު ކުރަންވެގެން ނަރުސް ކުދިންތައް ކައިރިއަށް އައިސްގެން އޭނާ އެ ކޯލު ކުރުކޮށްލީ ގެއަށް ދެވުނުހާ އެންމެ އަވަހަކަށް އަދާރާއާއި ބައްދަލުކުރަން ބޭނުންވާކަމަށް ބުނެފައެވެ.
****
ކިފްލު އަދާރާމެންގެ ގެއަށް އައިއިރު އަސުރުވާން ހުރީ ކުޑަތަންވެފައެވެ.ސިޔާމާ ސަލާމް ބަލައިގަތުމުން އަދާރާއަށް ގޮވައިލަދޭން ކިފްލު އެދުނެވެ.ސިޔާމާ ހަމަ ގޮވާލި އިރަށް އަދާރާ ކޮޓަރިން ނުކުތީ ގޮވައިލާނެ އިރެއްގެ އިންތިޒާރުގައި އިން މީހަކު ފަދައިންނެވެ. ކިފްލު ފެނުމުން ހިތަށް ލިބިގެން ދިޔަ ފިނިކަމުގެ ސަބަބުން އަދާރާގެ ހިތުގައި ހަގީގީ އިހުސާސްތައް އުފެދިފައިވަނީ ކިފްލުއާއި ދޭތެރޭގައި ކަން އޭނާއަށް ޔަގީން ކުރެވުނެވެ.ދަގަތް ފާނަށް ދަގަނޑު ދަމާހެން އޭނާއަށް ކިފްލުގެ ގާތަށް ދެވުނެވެ.ސިޔާމާ ކިފްލުގެ ގާތުގައި ކާން ހިނގާށޭ ބުނުމުން ކިފްލު އެކަމުން މަނާވެގަތެވެ.އެހެނަސް އަދާރާވެސް ކުރުނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން ހަތިޔާރު ބަހައްޓާފައި އަދާރާގެ ފަހަތުން އޭނާ ބަދިގެ ފަރާތަށް ދިޔައެވެ.
****
’އަދާރާ…މީ މިވާހަކަ ބުނަން އެންމެ އެކަށޭނަ މާހައުލާ ވަގުތަށް ވެސް ނުވެދާނެ…އެކަމަކު މިހާރު އަހަރެން ދެން ބޭނުމެއްނޫން ލަސްކުރާކަށް…އައި ލަވް ޔޫ އަދާރާ …އަހަރެން ބޭނުންވަނީ އަދާރާއާއި ކައިވެނި ކުރަން.އައިނޯ އަދި ކިޔަވާވެސް ނުނިމޭކަން އަހަރެމެން އަދި.އެކަމަކު މެރީ ކޮށްގެންވެސް ކިޔެވޭނެ. އަހަރެންް އަދާރާއަށް ކިޔަވައިވެސް ދޭނަން. އަހަރެންގެ ކިބައިގައި އަދާރާ ބެލޭނޭ ފެންވަރުވެސް އެބަހުރި…މަންމަވެސް ބައްޕަވެސް ގަބޫލު ވާނެކަން އަހަންނަށް ހަމަ ޔަގީން…ސިޔާމައްތަ ވެސް ނޫނެކޭ ނުބުނާނެކަން އަހަންނަށް އެނގޭ.އެކަމަކު އަހަންނާ މެރީކޮށްގެން އަދާރާ ޖެހޭނީ އަހަންނާއިއެކު އިޖިޕްޓަށް ބަދަލުވާން. އެކަމަކު އަދާރާގެ މަންމަމެން ގާތަށް ރަށަށް ވެސް ގެނެސްދޭނަން.އަދާރާ އެއްވެސް ކަމަކާ ވިސްނާކަށް ވެސް ނުޖެހޭނެ.އަހަރެން ހުރިހާ ކަމެއް ހަމަ ޖައްސައި ދޭނަން…‘ ކިފްލުގެ ވާހަކަ ފުރިހަމަ ނުވަނީސް އަދާރާ އޭނާ ހުއްޓުވިއެވެ.
****
އަދާރާ އޭނާވެސް ކިފްލު ދެކެ ލޯބިވާކަން ހާމަކުރިއެވެ.ކިފްލު ގާތުގައި އެވާހަކަ ބުނުމުން އޭނާ އަދާރާ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ.އެހެނަސް އަދާރާ ނިކަން އަވަހަށް މަނާވެގަތެވެ.އަދާާރާވެސް ކިފްލުއާއި އަވަހަށް ކައިވެނި ކުރަން ބޭނުންވެއެވެ.އެކަމަކު ކިފްލުމެން ފުރަން އެހާ ކައިރިވެފައި އޮއްވައި ދެން އެކަހަލަ ކަމެއް ކުރާކަށް އެއީ ފަސޭހަވެސް ކަމެއް ނޫނެވެ.ޚުދު އަދާރާވެސް އޭނާ ކިޔަވަމުން ދާ ކޯސް ނުނިންމައި ދާކަށް ބޭނުމެއްނުވެއެވެ.އަނެެއްކޮޅުން އަދާރާ ކުއްލިއަކަށް ރާއްޖެ ދޫކޮށް ގޮސްފިނަމަ އޭނާގެ މައިންބަފައިން ނުލާހިކު ދެރަވެސް ވާނެއެވެ. އަދާރާއަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅެވެ.
****
އަދާރާ ބޭނުންވީ ވަގުތެވެ.އޭނާވެސް ކިފްލު ދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަމަކު އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި ކައިވެންޏަކާއި ހަމައަށް ދިއުމަކީ މެންޓަލީ ތައްޔާރުވާން އޭނާއަށް ވަގުތު ބޭނުންވާނެ ކަމެކެވެ.
****
އަދާރާ އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލުމުން ކިފްލުއަށްވެސް އޭނާގެ ވާހަކަތައް ގަބޫލުކުރެވުނެވެ. ދެމީހުން ކާން ތިބެގެން މަޝްވަރާކޮށްފައި އެއްބަސްވުމަކަށް އައީ ކިފްލު މިސްރަށް ފުރުމުގެ ކުރިން ކައިވެނި ކުރަން ބޭނުންވާކަން ދެފަރާތުގެ އާއިލާއަށް އަންގައި ’އެންގޭޖް‘ ވުމަށެވެ.އަދި ކިފްލުއަށް ދެން އެންމެ އަވަހަށް ލިބޭ ޗުއްޓީއެއްގައި ރާއްޖެ އައިސް ކައިވެނިކޮށްގެން އަދާރާ އެކޮޅަށް ބަދަލު ކުރާށެވެ.އެހާ ތަނަށް އަދާރާގެ ކޯސްވެސް ނިމޭނެއެވެ.
****
ކިފްލު އާއި އަދާރާވެސް އެމީހުންގެ މައިންބަފައިން ގާތުގައި އެވާހަކަ ދެއްކި އެވެ.ހީކުރެވުނު ގޮތަށް އެކަންވީ އެމީހުންވެސް ވަރަށް ގަބޫލު ކަމަކަށެވެ. ސިޔާމާ ހިތުން ރުހުމުން ގަބޫލުވި ނަމަވެސް ކައިވެންޏަށް ފަހު އަދާރާ މިސްރަށް ބަދަލުވާ ވާހަކަ ބުނުމުން ވަރަށް ދެރަވެގެން އުޅުނެވެ.އަދާރާގެ ބައްޕަ އަށްވެސް ވީ ހަމަ އެހެންނެވެ.އެކަމަކު އެ ދެމަފިރިންނަކީވެސް ދަރިއަކަށް ލިބޭ އެއްވެސް އުފަލަކަށް ހުރަސް އަޅައި، އަމިއްލަ އެދުން އިސް ކުރާ ކަހަލަ ބައެއް ނޫނެވެ.
****
އަނެއްކޮޅުން ކިފްލު ޙުއްބާ ގާތުގައި އެވާހަކަ ދެއްކުމުން ޙުއްބާވެސް އުފަލުން ފޮޅުނެވެ.އަދާރާވީ އޭނާ އަބަދުވެސް ބޭނުންވި އޭނާގެ ’ޑްރީމް ޅީ‘ ދަރިއަށެވެ.ޙުއްބާ އެހާ އުފާވެފައި އެ ވާހަކަ ދެއްކި ގޮތުން ކިފްލު ގާތަށް ހިނިވެސް އައެވެ.ރާމިޒާވެސް އަދާރާއާއި ވަރަށް ރުހުނެވެ.އަދާރާ ފުރާ ފުރިހަމަވީ އޭނާގެވެސް ކުރިމަތީގައެވެ.އަދާރާއަކީ ގެވެހި ކުއްޖެއްކަން އޭނާއަށްވެސް އެނގެއެވެ.ދެން އަނެއްކާ ކިފްލުގެ ބައްޕައަކީ އޭނާ ކުރާ އެއްވެސް ކަމަކާ އިދިކޮޅަށް ބަސް ކިޔާ ކަހަލަ މީހެއް ނޫނެވެ.ދިނަސް ދޭނީ ނަސޭހަތެވެ.
****
ހަފްތާއެއް ފަހެވެ.ކިފްލުމެން މިސްރަށް ފުރަން ބާކީ ދެ ދުވަހެވެ.ރާމިޒާމެންގޭ ސިޓިން ރޫމް ފަޅު ފިލުވާލައިފައިވަނީ ހުދު ކުލައިގެ ލޭސް ފޮއްޗާއި މާތަކުން ޖަރީ ކުރެވިފައިވާ ބުރު ހަމަ ބެކް ޑްރޮޕަކުންނެވެ. އެ ވަށް ބުރުގެ މެދުގައި އަރަބި އަކުރުން އަދާރާ އަދި ކިފްލުގެ ނަން މަޑު ރީނދޫ ކުލައަކުން ދިއްލިފައި ހުއްޓެވެ.
****
ފާހަގަ ކުރުމަށް ތައްޔާރުވެފައި އެވަނީ އަދާރާއާއި ކިފްލުގެ އެންގޭޖްމަންޓެވެ.ހުދު ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނެއްގައި ބެގީކޮށްލައިގެން ކިފްލު ހުރިއިރު އެހާމެ ފުރިހަމަ ވެފައި ފިރިހެންވަންތައެވެ. އަދާރާ ހުރީ ޑަސްޓީ ޕިންކު ކުލައިގެ އަބާޔާއަކާއި އެކު ހަމަ އެކުލައިގެ ޝޯލްއެއް އަޅައިފައެވެ.އަދާރާ ރީތިކަމުން އެންމެންގެ ދުލުން ތައުރީފުތައް އޮހުނެވެ.
****
ހަމަ ޖެހިފައި އޮތް ގަޑިއަށް ހަފްލާ ފެށުނެވެ.ދެފަރާތުގެ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިން އައިސް އެ ބޮޑު ސިޓިން ރޫމް ފަޅު ފިލުވައިލިއެވެ. އެ ހަފްލާގައި ބައިވެރިވި ވުމަށް އަދާރާގެ ބައްޕަވެސް އޮފް ނަގައިގެން ރަށަށް އައެވެ.
****
ސިޓިން ރޫމްގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ހުދު ފޮތި އަޅާފައި ހުރި މޭޒު ފުރެންދެން އަތުރައިލެވިފައިވަނީ ހެދިކާ އަޅާފައި ހުރި ’ޑިސްޕޮސެބަލް‘ ތަށިތަކެވެ.ފެނާއި, ސައި އަދި ކޮފީވެސް އެޅޭނެހެން ފެން ބޯ ތަށްޓާއި ކޫލަރވެސް ބެހެެއްޓިފައި ހުއްޓެވެ.ކޭކު ބެހެެއްޓިފައި ހުރި ކުޑަ މޭޒު ހުރީ ތަންކޮޅެއް އެތެރޭގައެވެ.
****
ކިފްލުއާއި އަދާރާ ދެމީހުންގެ އަތުގައި އަނގޮޓި އެޅުވުމަށް ތައްޔާރުވުމުން ގިނަ މީހުން ފޯނުތައް އެދިމާލަށް ދިއްކޮށްލިއެވެ. ތަރުހީބުގެ ބަސްތަކާއި އެކު ފޮޓޯ ނެގުމުގެ ސެޝަން އެހިސާބުން ފެށުނެވެ.އެއަށްފަހު އޮތީ ސަޔަށް އިންސާފު ކުރުމެވެ.
****
ދެފަރާތުގެ އާއިލާ އާއި އެކު ހަފްލާގެ ފަހު ކަމަކަށް ކޭކު ފަޅަން ވެގެން ތައްޔާރުވެލި އިރު އެދެ ޒުވާނުންގެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ހިނިތުންވުން ފަނޑު ނުވެއެވެ.ދެ ހިތުގައިވެސް އެއް ރާގެއް ކުޅެވެމުން ދިޔައިރު ދެމީހުންގެ ނަޒަރުވެސް ހުއްޓިފައި ހުރީ އެކަކު އަނެކަކަށެވެ.ހިތެއްގެ ބައްޓަމަށް ހުދު ކުލައިގެ ކުދި މާތަކަކާއިއެކު ސާދާ ޑިޒައިނެއް ކޮށްފައިވާ އެ ކޭކުގެ މެދުގައި ރީތި ގޮތަކަށް ’ޖަސްޓް އެންގޭޖްޑް‘ ޖަހާލައިފައި ހުއްޓެވެ.ކޭކު ފަޅާފައި އެކަކު އަނެކަކަށް ކޭކް ފޮއްޗެއް ލެވި ވަގުތު ފޮޓޯގްރާފަރ ކެމެރާ އިން އެ މަންޒަރުވެސް ރައްކާކޮށްލިއެވެ.
****
ކޭކް ފަޅާފައި ބެހުމަށް ކިފްލު ޙުއްބާއާއި ހަވާލު ކުރިއެވެ.އެ ކާން ވެގެން އެންމެ ފޯރި ހުރީ ކުދިވެރިންނެވެ.އެންމެން އެއްކޮށް ކައި ހީ ސަމާސާކޮށް ހަދާފައި އެ ހަފްލާ ނިންމައިލެވޭ ވަރުވީއިރު މަޣުރިބު ވަގުތު ކުޑަތަން ވެއްޖެއެވެ.
****
ކިފްލުމެން ފުރުމަށް ހަމަ ޖެހިފައި އޮތް ދުވަސް އައިސް ޖެހުނެވެ.އެ މީހުން އެއާޕޯޓަށް ފުރުވައިލަން އަދާރާ ސިޔާމާއާއިއެކު ބަނދަރުމައްޗަށް ދިޔައިރު އޭނާ ހުރީ ކިފްލު ދުވަސް ކޮޅަކަށް ވިޔަސް ލޯ ކުރިމަތިން ގެއްލޭތީ ވަރަށް ޖަޒުބާތީވެފައެވެ.އެހެނަސް ދެން ކިފްލު އޭނާއާއި ބައްދަލުވާނީ މުޅި އުމުރަށްވެސް އޭނާގެ މީހަކަށް ވާންކަން އަމިއްލަ ނަފްސަށް ވިސްނައި ދިނުމުން އެ ހިތަށް ލިބިފައިވާ ހިތްދަތިކަން ކުޑަވެލިއެވެ.
****
މަދު ދުވަސް ކޮޅެއްގެ އިންތިޒާރަކަށް ފަހު ދެން އެ ދެމީހުންގެ ކައިވެނިވެސް ކުރެވިދާނެއެވެ.ދެހިތް ވެސް އެދި އެދި ހުރި ލޯބި ދެމީހުންނަށްވެސް މިލްކުވެދާނެއެވެ. އެހެނަސް އެވަގުތު އަދާރާގެ ހަނދާނަށް މުލްކުގެ ބަސްތައް އައުމުން އޭނާއަށް އިސްޖަހައިލެވުނެވެ.އެ ބަސްތައް އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.އިންސާނަކަށް ނުވިޔަސް މުލްކުވެސް ބޭނުންވީ އަދާރާގެ ލޯތްބެވެ.އެހެނަސް ހިތް އެދޭ ލޯތްބަކީ އެންމެނަށް ހާސިލުވާނެ އެއްޗެއް ނޫނެވެ.
****
ފުރަން ލޯންޗަށް އެރުމުގެ ކުރިން ކިފްލު އަދާރާގެ ގާތަށް އައިސް އޭނާގެ މޫނުކޮޅު އެ ދެއަތްތިލަ ތެރޭ ޖޯޑުކޮށްލިއެވެ.
****
’އައި ކޭންޓް ވެއިޓް ޓު މޭކް ޔޫ މައިން މައި ލަވް.. ވަރަށް ވަރަށް ލޯބިވޭ އަދާރާ‘ ކިފްލު މަޑުމަޑުން ބުނެލިއެވެ.
’ޕްލީޒް ޓޭކް ކެއަރ އޮފް ޗަންކީ ފޮރ މީ ލަވް‘ ކިފްލު ގެންގުޅުނު ޕެޓް ކެރިއަރ ދަބަސް އަދާރާގެ އަތަށް ދިއްކޮށްލުމުން އަދާރާ އަދި އިތުރަށް ޖަޒުބާތީވިއެވެ.ހިފަހައްޓައިގެން ހުރި ކަރުނަތައް އިސާހިތަކު އޭގެ މަގާމު ދޫކޮށް އޭނާގެ ކޯތާފަތުގައި ބޮސް ދޭން ފެށިއެވެ.
****
’އައި ވިލް…އައި ލަވް ޔޫ މޯރ‘ ރުއިމުގެ ތެރެއިން އަދާރާ ބުނެލިއެވެ. ޙުއްބާވެސް އަދާރާއަށް ރޮވިފައި ހުރުމުން އައިސް ގާތްކޮށްލައި ބައްދައިލިއެެވެ.
****
އެ މީހުން ގޮސް ލޯންޗަށް އެރުމުން އަދާރާ ޗަންކީ ދަބަހުން ނެރެ އުރައިލިއެވެ. އެސޮރަށްވެސް ކިފްލު ދަނީކަން އެނގިގެން މިއައޮއޭ ކިޔައި ވަރަށް ގޮވިއެވެ. އަދާރާ ވަދާއީ ސަލާމަކުން އަތް ހޫރައިލީ ޗަންކީގެ މޮށްގަނޑާއިވެސް އެކުގައެވެ.ދެން ކިފްލު އާއި ބައްދަލުވާނޭޭ ދުވަހަކަށް ކުރާ އިންތިޒާރު އެ ހިސާބުން ފެށުނީއެވެ.މިހާރު އޭނާ އެކަންޏެއް ވެސް ނޫނެވެ. ކިފްލު ދެލޯ ފަދައިން ލޯބިވާ ޗަންކީއާއިވެސް އެކުގައެވެ.ކިފްލުމެންގެ ލޯންޗު ގޮސް ލޮލުކޮޅަށް އޮބައިލަންދެން އަދާރާ އެތަނުގައި މަޑުކޮށްލިއެވެ.
****
’މިއާއޮ‘ އެހެން ބުޅަލެއްގެ އަޑު އިވިގެން އަދާރާ ސިހިފައި ފަހަތް ބަލައިލިއިރު ރުޅި އައިސް ރަތްވެފައި އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އޮތީ ސޫޖީއެވެ.އެސޮރު އަދާރާމެންގެ ފަހަތުން އަޅުވައިލި ކަމެއް އޭނާ ނުދެނެހުއްޓެވެ.އެކަން އެނގުނު ނަމަ ސިޔާމާ އެއްތާކު ދެފައި ވެސް ނުޖެހީހެވެ. އަދާރާ ސިޔާމާ ކޮބައިތޯ ބަލައިލިއިރު އޭނާ ގޮސް ހުރީ މާ ދުރުގައެވެ.އަދާރާ ބުޅާ ދަބަހުން ނެރުނީމައި އެކަމާ ބިރުންނެވެ. އަދި އަމުދުން ސޫޖީ އެތަނުން ފެނުމުން ދެން ސިޔާމާއެއް ކައިރިއަކަށް ނާންނާނެކަން އަދާރާއަށް ޔަގީންވިއެވެ.
****
ސޫޖީ ރުޅި އައިސްފައި ގޮވައި ގަތުމުން ޗަންކީވެސް ރައްދުގައި ގޮވަން ފެށިއެވެ.ހީވީ އެސޮރުމެންގެ ބަހުރުވައިން ޒުވާބު ކުރަން ފެށިހެންނެވެ.
’އޫޕްސް‘ އަދާރާ ބުނެލިއެވެ.
ނިމުނީ.





