Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިއުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 12)

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
May 29, 2025 5 Mins Read
0 Comments

އަހަރެންގެ ނަމަކީ މުލްކު…‘ މިފަހަރު އޭނާ ބުނެލީ ކިފްލުގެ އަޑަކުންވެސް ނޫނެވެ. އަދާރާއަށް ކުއްލިއަކަށް އޭނާއާއި ދިމާލަށް ބަލައިލެވުނެވެ.

****

މިހާރު އަދާރާގެ ކުރިމަތީގައި ފެންނަން އެ ހުރީ ކިފްލުއެއްވެސް ނޫނެވެ.އެހެނަސް އެއީ ރީތިކަމުގައި ކިފްލުއަށްވެސް ގޮން ޖަހާލެވިދާނެފަދަ ރީތިކަމެއް  ލިބިފައިވާ ޒުވާނެކެވެ.އޭނާގެ ކަޅު އަނދިރި ރޭގަނޑެއް ފަދަ ދެލޮލުގައި ފާޅުވޭވޭ ހުރީ ބޭގަރާރުކަމެވެ.ރުއްކުރި ކޮޅެއްހައި އަލި މޫނާއި ކަޅުކަން ގަދަ ތުނބުޅިއާއި އިސްތަށިގަނޑުން އޭނާގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުކޮށް ދީފައިވެއެވެ.އަދާރާއަށް ހިންދިރުވައިލެވުނީ އެ ރީތި ސިފަތައް ހުސްކޮށްލައިގެން ހުރި އެ ޒުވާނާއަކީ އިންސާނެއް ނޫންކަން ހަނދާން ވުމުންނެވެ.

****

’ތީ…ތީ..ކާކު…؟‘ ހިތްވަރު ކޮށްފައި އަދާރާ އަހައިލިއެެވެ.

’އަޑު އަހާނެހާ ހިތްވަރު އެބަހުރިތަ؟‘ އެ ޒުވާނާ މޮޅިވެރިކަމާއިއެކު ބުނެލިއެވެ.

’އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީމައި އަދާރާ އަހަރެން ދެކެ ރުޅި ނާންނައްޗޭ…‘ އާދޭހުގެ ރާގެއްގައި ދެންވެސް މުލްކު ބުނެލިއެވެ.

****

އަދާރާ ބިރުން އިނދެ ބޯޖަހައިލުމުން މުލްކު ފުން ނޭވާއެއް ދޫކޮށްލައިފައި އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

****

މުލްކުގެ ވާހަކަ:(މުލްކު ޕީއޯވީ)

އަހަންނަކީ ޖިންނީންގެ ޝާހީ އާއިލާއެއްގެ ތިން ބެއިންގެ ތެރެއިން އެންމެ ހަގަށް ހުންނަ މީހާއެވެ. އަހަރެންގެ ބޭބެއާއި ދައްތައާއި ޚިލާފަށް އަހަންނަކީ އެންމެ ކުޑައިރުއްސުރެވެސް ވަރަށް މިނިވަން ވައްޓަފާޅިއެެއް ގެންގުޅޭ މީހެކެވެ.އެކަމަކު ބޭނުންހައި ކަމެއް ބޭނުންހައި ގޮތަކަށް ކުރުމަކީ އޭރުވެސް އަހަންނަށް މަނާވެފައި އޮންނަ ކަންތައްތަކެވެ.އެހެނަސް އެކަމަކަށް އަހަރެން އެއްވެސް ފަރުވާލެއް ނުބަހައްޓަމެވެ.ނަތީޖާއެއްގެ ގޮތުން ދުވާލަކު އެތައް ފަހަރެއްގެ މަތިން އަހަންނަށް އެކި އެކި އަދަބުތައް ލިބެ އެވެ.

****

އަހަރެންގެ ބައްޕައަކީ ވަރަށް ގޮތުގައި ހުންނަ ރަސްކަލެކެވެ.ވަކި އުސޫލުތަކަކާއި ހަމަތަކެއް ގެންގުޅޭ މީހެކެވެ.އެހެނަސް އަހަރެން އޭރު އުޅުނީ ބައްޕައަށްވެސް ގޮން ޖަހާލައިގެންނެވެ. ގަނޑުވަރު ތެރޭގައި އަހަރެން މަޝްހޫރުވެފައި އޮންނަނީވެސް ވިޔާނުދާ އަމީރެއްގެ ގޮތުގައެވެ.އަހަރެން ހަރުދަނާ މީހަކަށް ހަދަން އެތައް ގޮތަކުން އެމީހުން ވަރަށް މަސައްކަތްކުރިއެވެ.އެހެނަސް އެ ހުރިހާ ކަމަކަށްވުރެ ވެސް އަހަރެންގެ ޝައުގުވެެރިކަން އަތުލި ކަމަކަށް ވީ އިންސާނުންގެ ދިރިއުޅުމެވެ. އޭރު އަހަރެން އެހާ ކުޑަވެސް މެއެވެ.

****

އިންސާނީ ނަސްލުގެ ކުޑަ ކުދިން ކުޅެ އުޅޭތަން ފެނުނީމައި އަހަރެންވެސް އެމީހުންނާއި ބައިވެރިވާ ހިތްވެއެވެ.ބައެއް ފަހަރު އެގޮތަށް އުޅެމުން އެކި ގޮތްގޮތަށް އެކުދިންނަށް ލަނޑުވެސް ދެމެވެ.

****

އެއް ދުވަހަކު އެގޮތަށް ކުޅެން މަގުމަތީގައި އުޅުނު  އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ފެނިގެން އަހަރެންް ކުޅި ބަލަން މަޑުކޮށްލީމެވެ. ބަލާ ބެލުމަށް އެ އަންހެން ކުއްޖާ އެ ފިރިހެން ކުއްޖާއަށް ވުރެ ތަންކޮޅެއް ކުޑައެވެ.އިންސާނެއް ކަމަކު ފުރަތަމަ ފެނިފައިވެސް އެ އަންހެން ކުއްޖާއާއި އަހަންނަށް ވަރަށް ގަޔާވެވުނެވެ. ކީއްވެގެން ކަމެއް ނޭނގުނެވެ.

****

އެހާ ގަޔާވެގެން އެކުއްޖާ އުޅޭގޮތް ބަލަން ގަހެއްގެ މަތީގައި އިންދާ ކުއްލިއަކަށް ފެނުނީ އެ ފިރިހެން ކުއްޖާ ވަރަށް ރުޅި އައިސްގެން އެ އަންހެން ކުއްޖާގެ ދިގު އިސްތަށިގަނޑުގައި ހިފި ހިފީނުން އަތަށް އޮޅައިލިތަނެވެ. ވީ ތަދުން އެ އަންހެން ކުއްޖާ އަޑުން އަޑު ނަގައި ރޯން ފެށިއެވެ.އަހަންނަށް އެ ފިރިހެން ކުއްޖާ ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ.އަރައިގަތް ރުޅިން ލަނޑެއް ދޭނަމޭ ހިތާ ގަހުން ތިރިއަށް ފޭބި ވަގުތު ކައިރީގައި ހުރި ގެއިން ދުވެފައި އަންހެނަކު ނުކުތެވެ.އެމީހާ ދިޔަގޮތަށް އެ ފިރިހެން ކުއްޖާގެ އަތުގައި ހިފައި ލަތްކެއް ޖަހައި،އެ އަންހެން ކުއްޖާގެ އިސްތަށިގަނޑުން އެ ސޮރުގެ އަތް ނައްޓުވައިލައިފިއެވެ.އަދި އެ އަންހެން ކުއްޖާއަށް އަދާރާއޭ ކިޔައި ވަރަށް އޯގާތެރިކޮށް ވާހަކަދައްކައި، މަސަލަސް ކޮށްލިއެވެ.ދެން އެމީހާ އެ ފިރިހެން ކުއްޖާއަށް ކިފްލުގެ ނަމުން މުޚާތަބުކޮށް އަޑު ލައިގަތުމުން އެ ސޮރު ވަރަށް މޫނު ހަދާފައި އެ މީހާއާއި ދިމާލަށް ފަރިތަކަމާއެކު އެއްޗެތި ގޮވަން ފެށިިއެވެ.އަދި އެވެސް އަރަބި ބަހުންނެވެ. އެހިސާބުން އަހަރެން އެ ފިރިހެން ކުއްޖާ ދެކި ގަތީމެވެ.އަދި އެ އަންހެން ކުއްޖާއަށް ފާރަވެރިވާން އަހަރެން އަޒުމު ކަނޑަ އެޅީމެވެ. ކޮންމެވެސް ގޮތަކަށް ރަހުމަތްތެރިކަން އުފައްދަން ބޭނުންވެސް ވިއެވެ. އެހެނަސް އޭރު އެހާ ރަނގަޅު ވިސްނުން ނުހުންނާތީ އަހަރެންް  ސަމާސާއަކަށް ކަމެއް ކޮށްލިޔަސް އެކުއްޖާ ގަންނަން ފެށީ ބިރެވެ.އެކަމަކާ ހެދި އަހަރެން އޭނާގެ ހަނދާނުން އެކަންތައްތައް ފުހެލީ އެވެ.

 

****

 

ދުވަސްތައް ފާއިތުވެ ގޮސް އަހަރެންގެ އެ ސިއްރު ދިރިއުޅުން ބައްޕަމެންނަށް ފަޅާ އަރައިގެން އަހަރެން ގަނޑުވަރުތެރޭގައި ބަންދުކޮށްލިއެވެ.އިންސާނުންނާއި ވައިވެސް ނޭޅޭން ބައްޕަ އިންޒާރު ދިނެވެ. އަދި އަމުދުން އެމީހުންގެ ތެރެއަށް ގޮސް އުނދަގޫކޮށް އުޅުމަކީ އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެ ކަމެއްގެ ގޮތުގައި ބައްޕަ ސިފަ ކުރިއެވެ.އަހަރެމެންނަކީވެސް މުސްލިމުންނެވެ.އެކަމަކު އިންސާނުންނާއި އަޅާ ކިޔާނަމަ އަހަރެމެންނަކީ ސިފައިގެ ގޮތުން ރީތި ބައެއް ނޫނެވެ.އެހެނަސް ޝާހީ އާއިލާއަކަށް ނިސްބަތްވާތީ އަހަރެމެންނަކީ ޖިންނީންގެ ތެރޭގައި ގަދަރުކުރާ، ބަސް ވިކޭ ބައެކެވެ.

****

ގަނޑުވަރުން ބޭރަށް ދިއުމުގެ ހުއްދަ އަހަންނަށް ލިބޭނެ ކަމަށް ބައްޕަ ކަނޑައެޅީ އަހަރެންގެ ބޭބެއާއި ދައްތަ ފަދައިން ތަންކޮޅެއް ހަރުދަނާވެ، އަމުރުތަކަށް ބޯލަނބާ މީހަކަށްވީ ދުވަހަކުންނެވެ.އެކަމަށްޓަކަައި އަހަރެން އެތައް ކަމެއް ގުރުބާން ކުރަން ޖެހުނެވެ.

****

 

އެގޮތުގައި ދުވަސް ކޮޅަކު ހިފަހައްޓައިލިފަހުން އަހަންނަށް ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ އަނބުރާ ލިބުނެވެ.އެކަމަކު ކަނޑައަޅާފައިވާ ވަކި ގަޑި ތަކެއްގައެވެ.ކޮންމެ ބަންގިއަކަށް އަަހަރެން ކޮންމެހެންވެސް ގަނޑުވަރުގައި ހާޒިރުވެ ހުންނަން ޖެހެއެވެ.އެއީ ބައްޕަގެ ޝަރުތެކެވެ.އެ ނޫންނަމަ އަހަރެން އަލުން ބަންދަކަށް ދާން ޖެހިދާނެކަމަށް ބައްޕަ އޮތީ އިންޒާރު ދީފައެވެ.ބައްޕައަކީ ބުނެފި ބަހެއްގައި ހިފަހައްޓާ މީހެކެވެ.އޭގެ ހިތި އަހަންނަށްވެސް އޮތީ މިހާތަނަށް އައި އިރު ފެނިފައެވެ.ލިބިފައި އޮތް މިނިވަންކަންވެސް ގެއްލިދާނެތީ އެވަރުން ދެން އަހަރެން ހިތްހަމަ ޖައްސައިލީއެވެ.

****

ދެން އަހަރެން ގޮސް ގިނަ ވަގުތު ހޭދަ ކުރަން ފެށީ އަދާރާ އުޅޭ ގެ ހޯދައިގެން އެ ގޭގެ ގޯތިތެރޭގައެވެ.ގިނައިން އަހަރެން އަރާ އިންނަނީ އެ ގޯތީގައި ހުންނަ ބޮޑު ހުވަނދުމާ ގަހުގައެވެ. އެހެން އިންނަ އިރު އަދާރާ އުޅޭ ގޮތް އަހަރެންް ވަރަށް ގާތުން ބަލަމެވެ.އޭނާއަކީ ބުޅަލާ ހެދި މޮޔަވެފައި ހުންނަ ކުއްޖެއްކަން އަހަންނަށް އެނގުނީވެސް އެހެންވެއެވެ.

****

އޭރުވެސް ދޭތެރެއަކުން އެ ކިފްލުއޭ ކިޔާ ފިރިހެން ކުއްޖާގެ ފަރާތުން އަދާރާއަށް އެކި ކަހަލަ އަނިޔާތައް ކުރިމަތިވެއެވެ.އަހަރެން އެކަމާ ރުޅި އައިސްގެން އެސޮރަށް އެތައް ދުވަހެއްގެ މަތިން އެކި ގޮތްގޮތަށް  ލަނޑު ދިނީމެވެ.ފައިގައި ހިފާ ވައްޓާލައި، އެއްޗެހި އުކައި،ވިކައި، ތަދުކޮށް ރޮއްވައިލަމެވެ.އެކަމަކު އޭނާއަކަށް އެއްގޮތަކަށްވެސް އެ ވަނީ ކީއްކަމެއް ނޭނގޭ ގޮތަށެވެ.

****

ދެން ވީ ގޮތަކީ އެ ކިފްލުއޭ ކިޔާ ފިރިހެންކުއްޖާ ވީ ނުވީއެއް ނޭނގި ގެއްލުނީއެވެ.އެކަން އަހަރެންްގެ ސަމާލުކަމަށް އައީ އެ ސޮރު އެއްގޮތަކަށްވެސް ނުފެންނަން ފެށީމައެވެ.އެ ކިފްލު ގައުމު ދޫކޮށް ދިޔައީ ކަން އަހަންނަށް އެނގުނީ އަދި މާ ފަހުންނެވެ.

****

ދެން އައީ އަހަންނަށް ވަރަށްވެސް އުފާވެރި ދުވަސްތަކެކެވެ.އަހަރުތައް ފާއިތުވެ އަހަންނާއި އަދާރާވެސް ފުރާ ފުރިހަމަ ޒުވާނުންނަށް ވިއެވެ.ފާއިތުވި އަހަރުތަކުގެ ތެރޭގައި ކޮންމެ ދުވަހެއްގެވެސް ގިނަ ވަގުތުތަކެއް އަހަރެން ހޭދަކުރީ އަދާރާއާއި އެކުގައެވެ.އެކި ސިފައިގަ އެވެ.އެހެނަސް އެއްފަހަރުވެސް އަހަރެންގެ ގޮތުގައި އަދާރާއަށް ތައާރަފުވާކަށް އަހަންނަކަށް ނުކެރުނެވެ.ހަމަ އަހަރެންގެ ފިނޑި ކަމުންނެވެ.އަދާރާ އަހަރެން ދެކެ ބިރުގަނެފާނެތީ ޖެހިލުންވީއެވެ.އަސްލު ވީ ގޮތަކީ ނޭނގި ހުއްޓާ އަހަންނަށް އަދާރާ ދެކެ އިންތިހާއަށް ލޯބި ވެވުނީއެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެން ފިނިވެ ފަސް ޖެހެވެނީއެވެ.ޖިންނިއެއް ކަމަކު އަހަރެންގެވެސް އިހުސާސްތަކެއްވިއެވެ.އެހެނަސް އެ ޖަޒުބާތުތައް އަހަރެންގެ ހިތުގައި އުފަންވީ މުޅިން އެހެން ނަސްލަކަށް ޓަކައެވެ.އިންސާނަކާ އެފަދަ ގުޅުމެއް ބޭއްވުމަކީ އަހަރެންގެ މުޅި އާއިލާއާއި ގަނޑުވަރުން ވެސް އަހަރެން ބޭރުކޮށްލާނޭ ފަދަ ބޮޑު ކުށެކެވެ.އަދި ދީނުގައިވެސް ހުއްދަ ކަމެއް ނުމެ ނޫންމެއެވެ.އެހެނަސް އަހަރެންގެ ހިތުގައި އުފެދުނު އިހުސާސްތައް އެ ހުރިހާ ކަމަކަށްވުރެ ކުރި ހޯދީއެވެ.

****

އަދާރާއާއި ކުރިމަތިލާން ނުކެރިފައި އަހަރެން ހުއްޓާ ދެން ފެނުނީ އެއްރޭ އަހަރެން ވީ ތަނެއް ނޭނގިގެން ހޯދަމުން ދަނިކޮށް ކޮންމެވެސް ޒުވާން ފިރިހެނަކާއި ވާހަކަ ދައްކަން މަގުމަތީގައި އަދާރާ ހުއްޓައެވެ. އެއީ އަދާރާގެ ހިތް ކިޔާނޭ ފަދަ ހުރިހާ ސިފައެއް ހުސްކޮށްލައިގެން ހުރި ޒުވާނެކެވެ.ދަންނަ ވައްތަރެއްވެސް ޖެހިއެވެ.އޭނާ ފެނިފައި އަހަރެންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ކަންފަތް ދިއްކޮށްލެވުނީ އެ ޒުވާނާއާއި މެދު ހަސަދަވެރިވެ ހުރެއެވެ.އެ ޒުވާނާ މާ ވެގެން އަދާރާއާއި ވާހަކަ ދައްކާ މަންޒަރު ބަލަން ހުރިއިރު އަހަރެންގެ އެތެރެހަށީގައި ވަރުގަދަ ހައިޖާނެއް އުފެދެމުން ދިޔައެެވެ.

****

އެމީހުންގެ ވާހަކަތަކުން އަހަންނަށް އެއީ އެއްކަލަ ކިފްލުކަން އެނގުމުން ސިހިގެން ދިޔައެވެ.ދެވަނަ ސިކުންތު އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.ކުޑައިރު އެހާ ތޮޅެ، އެތައް އަނިޔާއެއް ދީފައި މިހާރުވެސް އެ ކިފްލުއެއް އެ މަސައްކަތް ކުރަނީ އަދާރާ ވާވައްދައިލުމަށްޓަކައި ކަމަކަށް އަހަރެންގެ ސިކުނޑި ގަބޫލުކުރިއެވެ.ރުޅި ގަދަވި ވަރުން ކިފްލުއަށް ގޯނާއެއް ކޮށްލަން އަހަރެންގެ ހިތަށް އެރިއެވެ.އެހެނަސް ކިފްލުގެ އަތުގައި އޮތް ހުދު ކުލައިގެ ބޮޑު ބުޅާ ލޮލުގައި އަޅައިގަތް ވަގުތު އަހަރެންގެ ސިކުނޑިއަށް އައި މޮޅު ޚިޔާލަކުން އިސާހިތަކު ހިނިތުންވެވުނެވެ.

****

އެ ބުޅާގަނޑުގެ ސިފަ ޖެހިގެން ކޮންމެ ރެއަކު އަދާރާގެ ކޮޓަރި ކައިރިއަށް ދިޔަ މީހަކީ  ޚުދު އަހަންނެވެ. ބުޅަލެއް ވިއްޔާ އަދާރާ ދުރު ނުކުރާނެކަން އަހަންނަށް ޔަގީންވެއެވެ. ކޮންމެ ރެއަކުވެސް އޭނާ އަހަރެން އެ ކޮޓަރިއަށް ވަނުމަށް ފުރުސަތު ދިނެވެ. އެ  މަޑު މަޑު ދެއަތުން އަހަރެންގެ ގައިގައި ފިރުމިއެވެ.އެކަމާ އަހަރެން ހުންނަނީ ނުހަނު އުފަލުންނެވެ.އެ ކޮންމެ ރެއަކުވެސް އޭނާގެ ކިޔެވުމަށް އަހަރެން ސަމާލުކަން ދިނީމެވެ.މާނަ ނޭނގުނަސް އެ ކިޔެވުމުގެ ރީތިކަމުން އަހަންނަށްވެސް އެ އަޑަށް ޝައުގުވެރިވެވުނީ އިންތިހާއަށެވެ.

****

މަޑުމަޑުން އަދާރާގެ ސަމާލުކަން ކިފްލުއަށް ހުއްޓެން ފެށުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އެހިސާބުން އަހަރެންގެ ހިތުގައި އަށަގަތީ ކިފްލުގެ ކިބައިން ބަދަލު ހިފައިލުމުގެ ރޫހެކެވެ.އެ ފޯރިގަނޑުގައި އަހަރެން ގޮސް ކިފްލު ނިދާފައި އޮއްވަައި އެތައް ގޮތަކުން އޭނާއަށް އެކި ކަހަލަ ގޯނާ ކުރީމެވެ.އެހެނަސް އޭނާގެ ދުވަސް ދުއްވާލަން އަހަރެން ފަސް ޖެހުނެވެ.މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒުކުރާނެކަން އެނގޭތީއެވެ.އަހަންނެއް ކަމަކު ހުކުމް ތަންފީޒުކުރާކަށް ބައްޕަ ފަހެއް ނުޖެހޭނެއެވެ. އެއް އިރެއްގައި ވަރަށް ކެރިގެން އަހަރެން ބައްޕައާއި ދެކޮޅަށް ބަސް ބުނެ ހެދިޔަސް ބައްޕަގެ ހަރުދަނާކަމާއި ހައިބަތު ފެނި މިހާރު ފަސް ޖެހެވެއެވެ.

****

އަހަރެން އަދާރާގެ ގާތަށް ދިޔައީވެސް ދެ ފަހަރު ދެ ސޫރައިގައެވެ.ބުޅަލެއްގެ ސިފަ ޖެހިގެން ގޮސްފައި ދެން އަހަރެން ދިޔައީ ކިފްލުގެ ސޫރައިގައެވެ. ފުރަތަމަ ކިފްލުގެ ސޫރައިގައި ފެނުނު ރޭ އަދާރާ ހިތްހަމަވެސް ނުޖެހުނެވެ.އަހަންނަށް ޖެހުނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކަ ހަމަ ޖައްސާށެވެ.އަދާރާ ސުވާލު އުފައްދައިފާނެހެން ހީވާ ހުރިހާ ކަމެއް އަހަރެން އޭނާގެ ހަނދާނުން ފުހެލީއެވެ.ހިޔަންޏެއް ގޮތަށް އަހަރެންް ފެނިލި ރޭވެސް އޭނާ އޮތީ ހުމާ ވިއްޔާއެވެ.

****

އަހަރެން ނިންމައިގެން ހުރީ ކިފްލުގެ ސޫރައިގައި ގޮސް އަދާރާގެ ހިތް ފަތަހަކޮށްފައި ދެން އަދާރާއަށް ހުރިހާ ހަގީގަތެއް ކިޔައިދޭށެވެ. އޭރުން އަދާރާއަށްވެސް ހުންނާނީ އަހަންނާއި ވަކި ނުވެވޭ ވަރަށް އަހަރެން ދެކެ ލޯބި ވެވިފައި ކަމަށް އަހަރެން ހީ ކުރީމެވެ. އެހެނަސް ކިފްލުވެސް ހުރީ އަދާރާ ހާސިލުކުރަން ފޫވިއްދައިފައެވެ.

****

ކިފްލު އަދާރާއާއި ބައްދަލުކުރަން އެދުނު ރޭ ވެސް އެކަމާ އަހަރެން އަރައިގަތް ރުޅިން ގޮސް ކިފްލުއަށް ގޯނާ ކުރީމެވެ.ކިފްލު ނިދާފައި އޮއްވައި ގޮސް ހިރިލަންވެސް އުނދަގޫހާ އޭނާ ބަލިކޮށްލައި, ނިންދަވާލައިފައި އެރޭވެސް އޭނާގެ ސިފަ ޖެހިގެން އަދާރާއާއި ބައްދަލުކުރީ އަހަންނެވެ. އަދާރާ ގޮވައިގެން ތުނޑިއަށް ދިޔައީވެސް ހަމަ އަހަންނެވެ.

****

ކިފްލު އެ ވާހަކަތައް ދައްކަން އުޅުނު ކޮންމެ ފަހަރަކުވެސް އެކަމަށް ހުރަސް އެޅީވެސް ހަމަ އަހަންނެވެ.އެކަމަކު މިހާރު އަހަންނަށްވެސް އެއްޗެއް ވިސްނިއްޖެއެވެ.ކިފްލުގެ ސިފަ ޖެހިގެން އަދާރާގެ ހިތް ކާމިޔާބު ކުރަން އުޅެގެން އަހަންނަކަށް ވީ މޮޅެއް ނެތެވެ.އެއީ އަހަންނަަށް އެޅުނު ޅަ އެއްޗެކެވެ.އަދާރާގެ ހިތް ޖެހުނީ ކިފްލުގެ ސޫރަޔަށެވެ.އަހަންނެކޭ އެއްފަދައިން ކިފްލުވެސް ބޭނުންވަނީ ހަމަ އަދާރާއެވެ. އެހެނަސް އަދާރާ ހަގީގަތުގައި ލޯބިވަނީ ކާކު ދެކެ ކަން އެނގެން އަހަރެން ބޭނުންވެއެވެ. ކިފްލު ނޫނީ ކިފްލުގެ ސޫރަ ޖެހިގެން ދިޔަ އަހަރެން ދެކެ ހެއްޔެވެ؟އެކަމަކު ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަދާރާ އަހަންނަށް އާނ ބަސް ބުނި ހިސާބުން ދުވަހަކުވެސް އަދާރާ ދޫކޮށް ނުލާން އަހަރެން އަޒުމު ކަނޑައެޅީމެވެ. އަހަރެން އެހެން ސިފައެއްގައި އަދާރާގެ ގާތަށް އައުމުގެ ބޭނުމަކީވެސް އެއީއެވެ.ކިފްލުއަށް އަދާރާ ލިބުމަކަށް އަހަރެންގެ ހިތެއް ނޭދެއެވެ.ޖިންނިއަކަސް އަހަރެންވެސް ހިތް އެދޭ ލޯތްބަކީ އަދާރާއެވެ.ލޯބީގައި އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެކޭ ބުނެވިދާނެއެވެ.އަހަންނަށް ނުލިބުނު ލޯތްބެއް އެހެން މީހަކަށް ހާސިލުވުމަކަށް އަހަރެންގެ ހިތެއް ނޭދެއެވެ.އެއީ އަހަރެންގެ އެންމެ ބޮޑު އުނި ސިފަ ކަންނޭނގެއެވެ.

 

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ޒެވިއަން 27

Next

އިންތިޒާރުކުރަމޭ ލޯބިވާތީ…….

Next
May 29, 2025

އިންތިޒާރުކުރަމޭ ލޯބިވާތީ…….

Previews
May 29, 2025

ޒެވިއަން 27



All Right Reserved!