Skip to content
އެސްފިޔަ

ޒެވިއަން 31

ނުހާގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ފިޔަވަޅުތައް ހަލުވިކޮއްލީ އަވަހަށް ގެއަށް ދިޔުމަށެވެ. ނަމަވެސް ކުޑަތަންކޮޅަކަށް ދެވުނުތަނާހެން މީހަކު އަހިސް ނުހާ އަނގަމަތީގައި ފޮތިކޮޅެއް ޖެއްސިއެވެ. ދެންވީނުވީއެއް ނޭނގި ނުހާ ހުރިތަނަށް ދެމުނެވެ.

ފަތިހުގެ ހިތްގައިމު ވަގުތެވެ. ނިދިފައި އޮތް ޒެވިއަންއަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑަށެވެ. މޯޅިއަކަށް ދެމިލާފައި ޒެވިއަން ތެދުވެ އިށީނެވެ. އާދައިގެ މަތިން މިއަދުވެސް ފޯނު ނެގީ ނުހާއަށް މެސެޖެއް ކޮއްލުމަށެވެ. ނަމަވެސް މިއަދު އެފެނުނީ ޒެވިއަން ދުވަހަކުވެސް ފެންނަން ބޭނުންނުވި މެސެޖެވެ.

“އައިމް ސޮރީ ޒެވް. ނޫ ބޭނުމީ ބްރޭކްއަޕް ވާން. ސޮރީ.. ވީ އާރް ނޯ މޯރް. ނޫއަށް ނުގުޅާތި، މެސެޖް ނުކުރާތި. ބާއި” ނުހާގެ މެސެޖުގައި އިނެވެ. ވަގުތުން ޒެވިއަންގެ ދެލޯ ކަރުނުން ފޯވިއެވެ.

“ކީއްވެ؟ ކޮބާތަ ޒެވްގެ ކުށަކީ؟ ނޫން ޒެވް ޕްލީޒް ނޫން. ތިހެން ނަހަދާ. ނޫ ހުވާ ކުރީމެއްނުން ޒެވް ދޫކޮށްނުލާނަންކަމަށް؟ އަދި ކައިވެނި މިހާ ކައިރިވެފަ އޮއްވަ؟ މިއަދު މިއީ ގައިމު ފޯމު ފުރަން އޮތް ދުވަސް. ދެން ކީއްވެ؟ ނޫ ޕްލީޒް ޒެވްއަށް ވާހަކަ ދައްކަބަ” ޒެވިއަން މެސެޖު ކޮއްލިއެވެ. ނަމަވެސް އެމެސެޖު ދަށަށް އެރި “ނޮޓް ޑެލިވާރްޑް” ފެނި ޒެވިއަންގެ ހަރަކާތްތައް ހުއްޓުނެވެ.

އަތަށް ލެވުނުހާ ބާރެއްލާފައި ޒެވިއަން ފޯނު ހޫރާލިއެވެ. އަދި ހަޅޭލަވައިގަތެވެ. އެވަގުތު ޒެވިއަން ހޭލިތޯ ބަލަން ކޮޓަރިން ނިކުން ލުބައިނާއަށް އެއަޑު އިވުމާއި އެކު ދުވެފައި ގޮސް ޒެވިއަން ކޮޓަރިދޮރުގައި ތަޅަން ފެށިއެވެ. “ދަރިފުޅާ؟ ކިހިނެތްވީ؟ ދޮރުހުޅުވަބާ؟” ލުބައިނާ ގޮވާލިއެވެ. ނަމަވެސް އެއަޑެއް ޒެވިއަންއަކަށް ނީވުނެވެ. އަތު ޖެހުނު ހުރިހާ އެއްޗެއް އުކާ ހަލާކު ކުރަންފެށިއެވެ. އެއަޑު އަހަން ކެއްނުވެގެން ލުބައިނާ ޑަބްލްކީ ހިފައިގެން އަހިސް ޒެވިއަންގެ ކޮޓަރި ދޮރު ހުޅުވިއެވެ.

ފެނިގެން ދިޔަމަންޒަރުން ލުބައިނާގެ ހިތް ހުއްޓުނު ފަދައެވެ. ކޮޓަރިއޮތް ހާލަކުން ނޫނެވެ. ޒެވިއަންގެ މޫނު މަތި ފެނިފައެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަމުން ދިޔައިރު ދެލޯވަނީ ރަތްވެފައެވެ. މުޅި ހަށިގަނޑުވެސް ދިޔައީ ތުރުތުރުލަމުންނެވެ. “ޒެވް..؟” ލުބައިނާގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. ޒެވިއަން އެހާ ދެރަވެފައި ހުއްޓާ ދުވަހަކުވެސް ލުބައިނާ ނުދެކެއެވެ.

“މަންމާ…” ލޯބިވާ މަންމަ ފެނުމާއި އެކު މަންމަ ފައިބުޑައްވެއްޓި ޒެވިއަން ރޯން ފެށީ ކުޑަކުއްޖެއް ހެންނެވެ. “ކިހިނެތްވީ ދަރިފުޅާ؟ ކާކު ކީއްކުރީ ދަރިފުޅަށް؟” ލުބައިނާ ޒެވިއަންއާއި އެއްވަރަށް ތިރިވެލަމުން އެއްސެވެ. “މަންމާ.. ނޫ.. ނޫ އަޅުގަނޑު ދޫކޮށްލައިފި..” ޒެވިއަންގެ އަޑު ނިކުތީވެސް ކިރިޔަކިރިޔާއެވެ. “އޭން؟ ކީކޭ؟ ކީއްވެ؟” ލުބައިނާ އެއްސެވެ. “ނޭނގެ.. މިއަދު.. ހޭލިއިރު އިނީ އެހެން ބުނެ މެސެޖް ކޮއްފަ. މަންމާ.. ކީއްވެ… ނޫ އެހެން އެހެދީ؟ ކީއްވެ؟ ޒެވް ލޯބިވާ އެންމެން ކީއްވެ ޒެވްދޫކޮށްލާފަ އެދަނީ؟ ބައްޕަވެސް ދިޔައީ.. ނޫވެސް ދިޔައީ… އަޅެ ކީއްވެތަ؟ ޒެވް ހަމަ އެހާ ގޯހީތަ؟” ޒެވިއަން ރޮމުން ބުންޏެވެ.

“ނޫން ދަރިފުޅާ.. އެންމެނެއް ނުދާނެ. މަންމަ މިހުރީ އަބަދުވެސް ދަރިފުޅާއި އެކު. ދުވަހަކުވެސް މަންމަ ދަރިފުޅު ދޫކޮށެއް ނުލާނަން” ތުރުތުރު ލަމުން ދިޔަ ޒެވިއަންގެ ހަށިގަނޑުގައި ބައްދާލަމުން ލުބައިނާ ބުންޏެވެ.

“ދަރިފުޅާ؟ ދަރިފުޅާ ނޫ؟ ކީކޭތަ ލުބާމެން އެކިޔަނީ؟ ދަރިފުޅު ހަމަ ޒެވް ދޫކޮށްލީތަ؟ ކިހިނެތްތަވީ؟ ދަރިފުޅާ ޕްލީޒް ދޮރުހުޅަބަ. މަންމައާއި ވާޙަކަ ދައްކަބަލަ” ނުހާގެ ކޮޓަރި ދޮރުގައި ޓަކި ޖަހަމުން ނިމްރާ ވާޙަކަ ދެއްކިއެވެ. އެނދުމަތީގައި އިށީންދެގެން އިން ނުހާގެ މޫނުމަތީގައި ހިނިތުންވުމެއްގެ އެއްވެސް އަސަރެއް ނެތެވެ. ހީވާފަދައެވެ. ދުވަހަކުވެސް ނުހާއަކަށް އެއްވެސް އުފަލެއް ނުލިބެއެވެ. ނަމަވެސް މިއަދު މިއީ ނުހާގެ ހާލަތެވެ. ނަމަވެސް ނުހާގެ ޝަކުވާތައް އަހާނީ ކާކު ހެއްޔެވެ؟

“ޒެވިއަންއާއި ނުހާ ރުޅިވެއްޖެ..” ލިލިއާ ބުންޏެވެ. ލިލިއާ ކުރިމަތީގައި ސިނގިރޭޓުބޯން އިން ލިލިއަންގެ ތުންފަތް މައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. “އެކަމަކު.. މަންމަ ކީއްވެ ޒެވިއަންގެ ދިރިއުޅުން ހަލާކު ކުރަން ހިފާފަ ތިހުރީ؟” ލިލިއާ އެއްސެވެ. އެއީ އަދިވެސް ކީއްވެކަމެއް ލިލިއާއަކަށް އެނގިފައެއް ނުވެއެވެ. އެއާއި އެކު ލިލިއަންގެ މޫނުމައްޗަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. “މިރޭ މަންމަ ދަރިފުޅަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭނަން” ލިލިއަން ބުންޏެވެ.

***18 އަހަރު ކުރިން***

ނިދިނިދި އޮތް އަލޫކްއަށް ހޭލެވުނީ މީހަކު އަހިސް ދޮރުގައި ތަޅަން ފެށިއަޑަށެވެ. މޯޅިއަކަށް ދެމިލާފައި އަލޫކް ގޮސް ކޮޓަރި ދޮރުހުޅުވިއެވެ. ކުރިމަތީގައި ހުރި ލިލިއަން ފެނި އަލޫކް ހިނިތުންވެލިއެވެ. ލިލިއަންއެއައީ ކީއްވެކަން އަލޫކްއަށް އެނގުނު ފަދައެވެ.

“ހުސެންބެ އެބުނީ ތެދުވާހަކައެއްތަ؟” ލިލިއަން ޝަކުވާގެ ރާގަކަށް އެއްސެވެ. އަލޫކް ހިތިގޮތަކަށް ހިނިތުންވެލިއެވެ. “ޔާ..” އަލޫކްގެ ޖަވާބު ކުރެވެ. “ލޫކް ޕްލީޒް. ދެން ތިކަން ހުއްޓާލާ. ޕްލީޒް. ލޫކް ބައްޕަ ޕޮލިހަށް ރިޕޯޓް ކުރަންވީނުން؟ ކީއްކުރަން ލޫކްގެ ލައިފް ހަލާކު ކުރަންވީ؟” ލިލިއަން ރޯން ފެށިއެވެ.

“އައިމް ސޮރީ ލިލީ. އެކަމަކު ލޫކް މިކަން ކުރަން އެބަ ޖެހޭ. ލޫކް އިތުބާރު ކުރާބައެއްނޫން ފުލުހުންނަކީ. ލޫކް މަންމަމަރާލީވެސް ބައްޕަ. ލޫކް މަރާލަން އުޅުނީވެސް ބައްޕަ. ލޫކް ބޭނުން ބަދަލު ހިފަން..” އަލޫކް ބުންޏެވެ. “ދެން އެހެންވިއްޔާ ކީއްވެ ލުބައިނާ ކިޑްނެޕް ކުރަން ތިއުޅެނީ؟” ލިލިއަން އެއްސެވެ. “އެއީ ލޫކްގް ޕްލޭންއެއް ނޫން. ކޮންމެ ގޮތެއްވިޔަސް ލޫކް ބަލާބޮޑު ކުރީ ހުސެންބެއެއްނުން؟ އެހެންވެ ހުސެންބެގެ ރިވެންޖްއަށް ލޫކް ވެސް ހެލްޕްވާން ޖެހޭނެއްނުން؟ އަދި އަލޫކްގެ ދަރިފުޅު މަރާލި ކަމުގެ އަދަބުވެސް ލުބައިނާއަށް ލިބެން ޖެހޭނެ” އަލޫކް ބުންޏެވެ.

“ލޫކް.. އެދުވަހު ލޫކް ހުރީ އެކަންޏެއްނުން؟ އެކަމަކު މިއަދު ލޫކް ގާތުގަ ލިލީ މިހުރީނުން؟ ދެން ދުވަހަކުވެސް ލޫކް އެކަންޏެއް ނުވާނޭ. ހިނގާބަ އަރެމެން މެރީ ކުރަން. މިއެންމެނާ ދުރަށް ގޮސް އުފާވެރި ދިރިއުޅުމެއް އުޅެން..” ލިލިއަން ބުންޏެވެ.

ލޫކްވެސް ތިގޮތް ބޭނުން. އެކަމަކު.. މިކަން ކާމިޔާބު ނުކޮށް ލޫކްއަކަށް އުފަލަކު ނޫޅެވޭނެ” އަލޫކް ބުންޏެވެ. ލިލިއަން އިސްޖަހާލިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާ އަލޫކްގެ އަތުގައި ހިފާ އަލޫކްގެ އަތްގެނެސް ލިލިއަން ބަނޑުގައި ޖައްސާލިއެވެ. “ލޫކް ޕްލީޒް. މިދަރިފުޅަށްޓަކާ ނަމަވެސް ދެން ހުއްޓާލާ” ލިލިއަން ބުންޏެވެ. އެއާއި އެކު އަލޫކްގެ ދެލޯބޮޑުވިއެވެ.

“ލިލީ.. ބަނޑުބޮޑީތަ؟” އަލޫކް އެއްސެވެ. ލިލިއަން ބޯޖަހާލިއެވެ. “8 ވީކްސް… މިއަދު އެނގުނީ…” ލިލިއަން މަޑުމަޑުން ބުންޏެވެ. އަލޫކް ލިލިއަންގެ ހަށިގަނޑުގައި ބައްދާލިއެވެ. “އައިމް ސޮރީ ލިލީ. އެކަމަކު ލޫކް މިކަން ކުރަން ޖެހޭއެބަ. އެއަށް ފަހު ލޫކް ހުވާކުރަން. ލިލީއާއި އަހަރެމެންގެ ބޭބީ ގޮވައިގެން ލޫކް އުފާވެރި ހަޔާތެއް އުޅޭނަން..” އަލޫކް ބުންޏެވެ. “ޕްރޮމިސް؟” ލިލިއަން އެއްސެވެ. “އައި ޕްރޮމިސް..” އަލޫކް ހިނިތުންވެލާފައި ލިލިއަންއަށް ބޮސްދިނެވެ.

ރޭގަނޑުގެ ވަގުތެވެ. އެނދުގެ އަރިއެއްގައި އިށީންދެގެން އިން އަލޫކްގެ ނަޒަރު ހުއްޓިފައިވީ ނިދިފައި އޮތް ލިލިއަންއަށެވެ. އޭރު އަލޫކްގެ މޫނުމަތީގައި ހިތި ހިނިތުންވުމެއްވީއިރު، ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. “ލިލީ.. އައިމް ސޮރީ.. އެކަމަކު..ވަގުތު ޖެހިއްޖެ. ލޫކް ދަނީމި.. ލޫކްއަށް އެނބުރި ނާދެވިއްޖެ ނަމަ.. ލޫކްގެ ދަރިފުޅު ރަނގަޅު ގޮތުގައި ބަލައްޗޭ. ލޫކް އުޅުން ކަހަލަ ދިރިއުޅުމެއް އަހަރެމެންގެ ދަރިފުޅަށް ނުދެއްޗޭ..” ލިލިއަންގެ ކުޑަކުޑަ ބަނޑުގައި ފިރުމާލަމުން އަލޫކް ބުންޏެވެ.

ނިދިފައި އޮތް ލިލިއަންއަށް ހޭލެވުނީ ދަންވަރު 3 ޖަހަން އުޅެނިކޮށެވެ. ހޭލެވުމާއި އެކު ލިލިއަންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ލިލިއަން ގާތުގައި އޮތް ސިޓީ އުރައެވެ.

“ލޯބިވާ ލިލީއަށް…

ލިލީ.. ލޫކް ލިލީދެކެ ވަރަށް ލޯބިވޭ. އަބަދުވެސް ލޯބިވާނަން. ލޫކް ވަރަށް އުފާވޭ ލޫކްގެ ހަޔާތަށް ލިލީއައީތީ. އަސްލުވެސް ވަރަށް އުފާވޭ. ލޫކްގެ އެއްވެސް އުންމީދެއް ނެތް ހަޔާތަށް އަލިކޮޅެއް ގެނެސްދިން މީހަކީ ތިއީ. ލޫކް އަބަދުވެސް ލިލީދެކެ ލޯބިވާނަން. އެކަމަކު.. މިނޯޓް ކޮޅު ލިލީ ކިޔާނަމަ އޭގެ މާނައަކީ ލޫކް އިސް ނޯ މޯރްއޭ. އައިމް ސޮރީ ލިލީ. ބަލައިގެން އުޅެއްޗޭ. ލޫކްގެ ދަރިފުޅަށް އުފާވެރި ދިރިއުޅުމެއްދެއްޗޭ..

އަބަދުވެސް ލޯބިވާ، ލޫކް..”

އަލޫކްގެ އެސިޓީކޮޅު ކިޔާ ނިމުމާއި އެކު ލިލިއަންއަށް ދުއްވައިގަނެވުނީ ހޮސްޕިޓަލަށެވެ. މަރުވެފައިވީ އަލޫކްގެ ހަށިގަނޑުފެނި ލިލިއަންއަށް ރޮއެގަނެވުނެވެ. މުޅި ހަށިގަނޑު ހުދުވެފައިވީ އިރު އަލޫކްގެ އެއްލޯ ފެންނަންވެސް ނެތެވެ. “ލޫކް ކީއްވެ ލިލީ ދޫކޮށްލާފަ ތިދިޔައީ؟ ލޫކް ޕްރޮމިސް ކުރީމެއްނުން ދުވަހަކުވެސް ލިލީ ދޫކޮށްލާފަ ނުދަން؟ ޕްލީޒް ނޫން. ލިލީ ކިހާ އެކަނިވާނެ..” އަލޫކްގެ ހަށިގަނޑުގައި ހިފާތަޅުވަމުން ލިލިއަން ރުޔެވެ.

އެދުވަހަށް ފަހު ލިލިއަން އުޅެމުން ދިޔައީ އެކަންޏެވެ. ލިލިއާ ވިހަންދެން ލިލިއަން އުޅުނީ އެންމެނަށްވެސް ފިލައިގެންނެވެ. ނަމަވެސް ލިލިއާ ވިހެއުމަށް ފަހު ޒެވިއަންއާއި ލުބައިނާ އުޅޭނޫޅޭގޮތް ލިލިއަން ދިޔައީ ބަލަމުންނެވެ. ކޮންމެވެސް ދުވަހަކުން ލިލިއާ ޔަތީމްކުއްޖަކަށްވީތީ އޭގެ ބަދަލު ޒެވިއަންއަށް ހިފުމަށެވެ. ލިލިއަން ބޭނުންވީ ޒެވިއަންގެ ހަޔާތަށް އަންނަ އެންމެ މުހިންމު މީހާ އޭނާގެ ހަޔާތު ނައްތާލާށެވެ.

***

“އެހެންވެ.. މަންމަ ތިބުނީ… އަލާޔާ އިސް މައި ނީސްއޭތަ؟ އެންޑް ޔަލާން އިސް މައި ނެފިއު؟” ޔަގީން ކޮއްލުމަށްޓަކައި ލިލިއާ އެއްސެވެ. ލިލިއަން ބޯޖަހާލިއެވެ. “ދަރިފުޅުގެ ބައްޕައާއި އަލާޔާގެ މަންމަ އަލަކާއަކީ އެއްމާބަނޑު ދެކުދިން..” ލިލިއަން ބުންޏެވެ.

“ބައްޕަގެ… ފޮޓޮއެއް ލިބިދާނެތަ؟” ލިލިއާ އެއްސެވެ. ލިލިއަން ހީލާފައި ލިލިއާއަށް އަލޫކްއާއި އެކު އޭނާ ނަގާފައިވީ ފޮޓޯއެއް ދިނެވެ. “ބައްޕާ… އައި ލަވް ޔޫ ސޯ މަޗް.. އަދި ކިރިޔާ ލިއާއަށް ބައްޕަ މިފެނުނީވެސް” ލިލިއާގެ ދޮންކޯތާފަތުގައި ކަރުނައިގެ ރޮނގެއް ދެމިލީ ބަސްބުނާހާ އަވަހަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Hel Nah

    Nice gurrl
    luv it

    1. shihaamaa ali
      Hel Nah

      Jazaakallah khairan

  2. aanaa

    Masha allah mi partt vss vrhh reethii…
    Lilia dhww ehnvyma nuhaa ah ehn hedhyy…i think xev mennah shakku vaane kanne rankiyan ehaa kaeri vefa huhta nuhaa ekahala step eh negymaa…dhn alhe haadha miss vaaney xev r nuhaa ge cuteee partss thah mathinnn…naseebeh dhww maasha ah dhera gotheh nuvikan..ekm knmvs vrhkh memory gehlifa dhww e huryy???curiously waiting…when next??tcc lyyy❤

    1. shihaamaa ali
      aanaa

      Hehe balamaa dhww dhn vaagotheh..
      Yess xev nd nuu ge parts vrh miss vaane🥲
      Tc ly

Comments are closed.