ހިތް އެދޭ މަންޒިލަކީ… 14
“ދެން އަހަންނަކަށް ނޭނގެ އަހަރެން ހުތުރުވީމަ ރައިހާންއަށް ކުރާ އަސަރެއް.. ރައިހާންއަކަށް ނޭނގޭނެ ކުޑަ އިރުއްސުރެ މީހުން ބުނެލާ އެކަހަލަ ބަސްތަކުން އަހަރެން ދެރަވާ ވަރެއް.. އަހަރެން ކަޅުވެފަ، އަހަރެން ހުތުރުވުން އެއީ އަހަރެންގެ ކުށެއްތަ..؟ އަހަރެން ވެސް ބޭނުމޭ ރީތިވާން.. މީހުން ރީއްޗޭ ބުނަން.. ރައިހާން ހީކުރަނީ އަހަރެންގެ ސިފަ މީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށްތަ..؟” އެތައް ދުވަހެއް ވާންދެން ހިތުތެރޭގައި ރައްކާކޮށްގެން އުޅުނު ޝަކުވާތަކާއި އުދާސްތައް ލިވްޔާ ބޭރުކުރަމުން ދިޔަ ވަރަކަށް، އެކަމުން ބުރަވަމުން ދިޔައީ ކުރިމަތީގައި ހުރި ރައިހާންގެ ހިތަށެވެ. ކުށްވެރިކަމުގެ އިހުސާސް މުޅި މީހާ ވަށައިލާފައިވީ އިރު، ރައިހާންއަށް ނޭވާ ލާން ވެސް ދަތިވަމުން ދިޔައެވެ. މަޢާފަށް އެދެން ހުޅުވައިލި އަނގަ ވެސް ލައްޕައިލަން މަޖުބޫރުވީ، ބުނަން ބޭނުންވީ ބަސްތައް ކަރުތެރޭގައި ތާށިވެފައިވީ ފަދަ ވޭނީ އިހުސާސެއް ކުރެވުމުންނެވެ. ލިވްޔާ ދެރަކޮށްލުމުގެ ނިޔަތުގައި ބުނެވުނު ކޮންމެ ބަހަކާ ދޭތެރޭގައި އިންތިހާއަށް ދެރަވެ، ލަދުގަނެފައި ހުރެ ރައިހާން އިސްދަށަށް ޖެހީ، ލިވްޔާއާ ހަތަރުކަޅި ހަމަކުރާނޭ ހިތްވަރު ވެސް އެ ހަށިގަނޑުގައި ނެތީތީއެވެ.
މި ހުރިހައި ދުވަހަކު ރައިހާން ބޭނުންވީ ލިވްޔާ ދެރަކޮށްލެވޭނޭ ގޮތެއް އޮތިއްޔާ އެގޮތެއް ހޯދާށެވެ. ލިވްޔާގެ ހިތަށް އިންތިހާއަށް ތަދުކުރާށެވެ. ލިވްޔާގެ ދިރިއުޅުން ނަރަކައަކަށް ހަދައިލާށެވެ. އެހެނަސް، މިއަދު އެގޮތަށް ކަންތައް ވުމުން ރައިހާންގެ ހިތަށް ދުވަހަކު ނުވާ ވަރަށް ތަދުވެއްޖެއެވެ. ދުވަހަކު ވެސް ނުފިލާނޭ ވަރުގެ ލަކުނަކުން އެ ހިތް ޒަޚަމް ވެއްޖެއެވެ. އޭނާގެ ސަބަބުން ލިވްޔާއަށް ޖެހުނު ހާލަށް ޓަކައި އެ ހިތް އެތައް ކަރުނައެއް އަޅައިފިއެވެ.
“ލިވްޔާ… އަހަރެން.. އަހަންނަށް މަޢާފު ކުރޭ..” ރައިހާންއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އަމިއްލަ ނަފްސުގެ ދިފާޢުގައި ބުނެވޭނޭ އެއްވެސް އެއްޗެއް، ދެއްކޭނޭ އެއްވެސް ބަހަނާއެއް ނެތްކަން ރައިހާންއަށް ވިސްނުނީއެވެ.
“ޕްލީޒް.. ދެން އަހަންނަށް ރަނގަޅީ ރައިހާން އަހަންނާ ވާހަކަ ދައްކަން މަސައްކަތް ނުކުރިއްޔާ.. ކުޑާމެން އައިހާ އަވަހަކަށް އަހަރެން މިގެއިން ދާނަން.. އިތުރު ވަޒީފާއެއް ހޯދުނުހައި އަވަހަކަށް ރައިހާންގެ ކޮމްޕެނީއިން ވެސް ކެނޑޭނަން.. އެހައި ދުވަސް ވާންދެން އަހަންނާ ވީހާ ވެސް ދުރުގަ އުޅެދީ…” ލިިވްޔާގެ އެދުމުން ރައިހާންއަށް ތެޅިގަނެފައި ލިވްޔާއަށް ބަލައިލެވުނު އިރު، އެ ކަރުނަވީ ދެލޮލަށް ލިވްޔާގެ ސޫރަ ފެނުނީ ފުސްކޮށެވެ.
ރައިހާންއާ ދިމާއަށް ބުނަން ބޭނުންވީ އެއްޗެހި ބުނުމަށް ފަހު ލިވްޔާ ފަސްއެނބުރި ގޮސް ދޮރު ހުޅުވައިލިއެވެ. އަދި އެއް ފަހަރު ހުރި ފިޔަވަޅު މަތީގައި ގަބުވެފައި ހުރި ރައިހާންއަށް ނަޒަރެއް ދިނުމަށް ފަހު ލިވްޔާ ރައިހާންގެ ކޮޓަރިން ނުކުތެވެ.
ލެއްޕިގެން ދިޔަ ދޮރާއި އެކުގައި ލިވްޔާގެ ސޫރަ ވެސް އެ ދެލޮލަށް ފަރުދާވެގެން ދިޔުމާއި އެކު ރައިހާންއަށް ގިސްލަގިސްލާފައި ބާރަށް ރޮއެގަނެވުނު އިރު، ދެ ކަކުލުން ވަރު ދޫވެގެން ބިންމައްޗަށް ތިރިވެވުނެވެ. ދެއަތްތިލައިން މޫނު ފޮރުވައިލި އިރު ގިސްލަމުން ދިޔުމުގެ ސަބަބުން އެ ވަރުގަދަ ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. ދުވަހަކުވެސް އިހުސާސް ކުރެވިފައި ނުވާ ފަދަ ދިލަ ރިހުމަކުން މުޅި ހިތާއި ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތް ކުރަން ރައިހާން ނުކުޅެދުނެވެ.
ރައިހާންގެ ކޮޓަރިން ނުކުތް ލިވްޔާ ބޭރުގައި ތިބި މީހުންނަށް ބަލައިލުމަށް ފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާ އެދުނީ މިވީ އެއްވެސް ކަމެއް ޔާނިއު އާއި ލައިނީ އަދި އަނީސަށް ނޭންގުމަށެވެ. ބައްޕައަށް ފަރުވާ ކުރަން އެހައި ދުރުގައި ހުރި އިރު، މިފަދަ ޚަބަރެއް ލޯބިވާ ދައްތައަށް ދީގެން އެ ދައްތަގެ ހިތް ހަލާކު ކޮށްލަން ލިވްޔާ ބޭނުމެއް ނުވިއެވެ. އެގޮތާ އެންމެން ވެސް އެއްބަސްވުމުން ލިވްޔާ ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނީ އެކަނިވެލަން ބޭނުންވެގައި ހުރިލެއް ބޮޑުކަމުންނެވެ.
ކޮޓަރިއަށް ހަމަ ވަނުމާއި އެކު ލިވްޔާއަށް ގިސްލަގިސްލާފައި ރޮވެން ފެށުނު އިރު އެ ހަށިގަނޑުން އެކުގައި ވާގި ދޫވެއްޖެއެވެ. ގޮސް އެނދުމައްޗަށް ވެއްޓިގަންނަމުން އެ ދެލޮލުގެ ތެރޭގައި ގައިދުވެފައިވީ ކަރުނަތައް ބާލީހުގެ ތެރެއަށް އޮއްސައިލީ އިތުރަށް އެހިތަށް ކެތް ނުވުމުންނެވެ. ރައިހާންގެ ޢަމަލުތަކުން އިންތިހާއަށް އެ ހިތުގައި ވޭން އަޅަމުން ދިޔަ އިރު، އެ ވޭނަަށް ކެތް ކުރާނެ ގޮތެއް ލިވްޔާ އަކަށް ނުވިސްނުނެވެ. ރަތްވެ ދުޅަވެފައިވީ އެ ދެލޮލަށް ނިދި ސަވާރުވެ، ތެމިފައިވީ އެސްފިޔަތައް ލެއްޕުނީ ވެސް އެގޮތުގައި އެތައް އިރަކު އޮތް ފަހުންނެވެ.
ރައިހާންގެ ހާލަކީތޯއެވެ؟ އެތައް އިރެއް ވީ އިރު ވެސް ނުނިދިފައި ދެފަރާތަށް ފުރޮޅި ފޮރުޅި އޮތް އިރު ހާސްވެފައިވީ އެ ހިތަށް ހަމަޖެހުމުގެ ކަންފުޅެއް ވެސް ނުލިބެއެވެ. ލިވްޔާ މިރޭ އެދުނީ އެތައް ދުވަހެއް ވާން ދެން އޭނާ ވެސް ބޭނުން ވެގެން އުޅުނު ކަމަކަށެވެ. ދުވަހަކު ވެސް ލިވްޔާގެ ސޫރަ ދެކެން ނުޖެހުން އެއީ ރައިހާން ދުޢާ ކޮށްލަކޮށްލަ ހުރި ކަމެކެވެ. ދުވަހަކު އެ އަޑު ކަންފަތުގައި ނުޖެހޭނެ ގޮތެއް އޮންނާނެ ނަމައޭ ރައިހާން އެތައް ފަހަރެއްގެ މަތިން ހިތަށް އެރިއެވެ. އެހެނަސް، މިރޭ ލިވްޔާ އެގޮތް ބޭނުންވާ ވާހަކަ ބުނުމުން އެ ހިތަށް އިންތިހާއަށް ތަދުވެއްޖެއެވެ. އެތައް ދުވަހެއް ވާން ދެން އޭނާ ބޭނުންވީީ ކަންތައް ވުމަށް މަގުފަހި ވީ އިރު، އެ ހިތް ބަދަލުވެއްޖެއެވެ. އެ ހިތުގެ އެދުމާއި ބޭނުންތައް ވެސް ބަދަލުވެއްޖެއެވެ. ހިތް އޮތް ގޮތް ބަދަލުވެ، ހިތް އެދޭ މަންޒިލް ވެސް ބަދަލު ވެއްޖެއެވެ.
އިރުކޮޅަކު އެ އޮތް ގޮތަށް އޮތުމަށް ފަހު ރައިހާން ތެދުވެ ސައިޑް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ނަގާފައި ނަމްބަރަކަށް ޑައިލް ކޮށްލިއެވެ. ދެތިން ރިންގާއި އެކު އެކޮޅުން ފޯނު ނެގުމުން ރައިހާން ވާހަކަ ދެއްކި އިރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުރައްކާތެރިކަމެއް އެކުލެވިގެން ދިޔައެވެ.
“އެމީހާގެ ހުރިހައި ކަމެއް ހޯދާ.. އަހަރެން މާދަމާ އޮފީހަށް ގޮސް ކިޔައިދޭނަން އޭނަ ހުންނަ ގޮތް.. ޒާމިން ޖެހޭނެ ވީހައި ވެސް އަވަހަކަށް އަހަންނަށް އޭނަގެ ހުރިހައި މައުލޫމާތުތަކެއް ހޯދައިދޭން..” ރައިހާން ބުނުމާއި އެކު އެކޮޅުން ވާހަކަ ދެއްކި މީހާ އެންމެ ރަނގަޅޭ ބުނެފައި ފޯނު ކަނޑައިލިއެވެ.
ސައިޑް ޓޭބަލް މަތީގައި ފޯނު ބޭއްވުމަށް ފަހު ރައިހާން އެނދުމައްޗަށް ވެއްޓިގަނެފައި ދެލޯ މަރައިލަމުން ހަމަޖެހެން މަސައްކަތް ކުރިއެވެ. ލިވްޔާއަށް އެ ހާލު ޖެއްސި މީހަކު ކޮންމެ ގޮތެއް ހަދައިގެން ވެސް އޭނާ ހޯދާނެއެވެ. އެމީހެއްގެ ދިރިއުޅުން ނަރަކައަކަށް ހަދައިނުލެވެނީސް އޭނާއަށް ހަމަޖެހިލައިގެން ނުނިދޭނެކަން ވެސް ޔަގީނެވެ.
**** ** ***
އޭގެ އަނެއް ދުވަހު ލިވްޔާ އޮފީހުން ޗުއްޓީއެއް ނެގި ކަން ރައިހާންއަށް އެނގުނީ އޭނާ އޮފީހަށް ދިޔަ ފަހުން، ލިވްޔާ ކޮށްފައި އޮތް މެއިލް ފެނުމުންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރައިހާން އޭނާގެ ދުވަހީ މަސައްކަތްތަކައިގެން ކުރިޔަށް ދެވޭތޯ ބެލި ނަމަވެސް އެކަމުގައި އޭނާއަށް ކާމިޔާބުވެވޭ ގޮތެއް ނުވިއެވެ. އިރުއިރުކޮޅާ އޭނާގެ ކެބިންއާއި ލިވްޔާގެ ކެބިން ވަކިކުުރެވިފައިވާ ސާފު ބިއްލޫރިގަނޑުގެ ނިވަލުން ފެންނަން ހުރި ލިވްޔާގެ މޭޒަށް ނަޒަރު ދެވެނީ، އެ ގޮނޑީގައިވީ ހުސްކަމުން ހިތަށް އިންތިހާއަށް އުނދަގޫވަމުން ދިޔަ ޙާލުގައެވެ.
އޮޅިގެން ވެސް، ދުވަހަކުވެސް އޮފީހުގައި މަސައްކަތަކަށް ފަރުވާކުޑަ ނުކުރާ ރައިހާން މިއަދު އުޅެމުން ދިޔަ ގޮތުން އޮފީހުގެ މުވައްޒަފުން ވެސް ދިޔައީ އެކަކުއަނެކަކަށް ނަޒަރުތައް ބަދަލު ކުރަމުންނެވެ. ދުވަހަކު ވެސް ރައިހާންގެ މޫނުމަތިން ނުފެންނަ ފަދަ އަސަރުތަކެއް އެންމެންނަށް ވެސް ފެންނަމުން ދިޔައީ ނުހަނު ފާޅުކަން ބޮޑު ގޮތެއްގައެވެ.
އެހެން ދުވަސްދުވަހަށް ވުރެ މިއަދު ރައިހާންގެ ރުޅިގަނޑު ވެސް ހީވަނީ ފަޅައިގެން ގޮސްގެން އުޅޭހެންނެވެ. އިރުއިރުކޮޅާ ކޮންމެވެސް މުވައްޒަފެއްގެ ކޮންމެވެސް އުނި ކަމެއް ފެނިގެން ހިތަށް އައިހާ އެއްޗެއް ގޮވައިލަނީ ހަމްދަރުދީގެ ކަންފުޅެއް ވެސް ނެތް ފަދައަކުންނެވެ. ލިވްޔާއަށް ޓަކައި ކޮށްނުދެވުނު ކަމެއް، ނުދެވުނު އެއްޗެއްގެ ކުޑަކުޑަ މިންވަރެއް ވެސް އެހެން މީހަކަށް ދޭން ރައިހާން ބޭނުން ނުވާ ފަދައެވެ.
އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ރައިހާން ހީވީ ގެއަށް ދެވޭލެއް ލަސްވެގެން އުޅުނު ހެންނެވެ. އެހެން ރޭރޭ ދަންވާ ފަހުން ކޮމްޕެނީން ނުކުންނަ މީހާ މިއަދު ކޮމްޕެނީން ނުކުތް އިރު ކިރިޔާ އިރު އޮއްސެނީއެވެ. މުޅި ދުވަހު ލިވްޔާގެ ޚަބަރެއް ނުވުމުގެ ސަބަބުން މިއަދު ރައިހާންގެ ޠަބީޢަތު ވަނީ އެކީ ގޯސްވެފައެވެ. ކުރިން ލިވްޔާ ފެނުނަސް މުޅި ދުވަސް އެކުގައި ޚަރާބުވާ ރައިހާންގެ ދުވަސް މިއަދު ލިވްޔާގެ ސޫރަ ނުފެނި ފުރިހަމަ ވެސް ނުވެއެވެ. ކާރުގައި އިން އިރު ރައިހާންގެ ހިތަށް އައީ މީގެ ދެތިން މަސް ކުރިން ޔާނިއު ބުނެލި ވާހަކައެކެވެ. އޭރު ކޮންމެ ދުވަހަކު ލިވްޔާއާ އެކުގައި މަސައްކަތް ކުރަން ޖެހޭނެތީ ރައިހާން ރުޅިއައިސްގެން އުޅުނު އިރު، އަދި އެއް ދުވަހަކުން ލިވްޔާ ނުފެނި ރައިހާންގެ ދުވަސް ވެސް ފުރިހަމަ ނުވާނޭ ކަމަށް ޔާނިއު ބުނި ހަނދާން ވުމުން ރައިހާންއަށް ހުންގާނުގައި ހިފަހައްޓައިލެވިފައިވީ އަތް ބާރުކޮށްލެވުނެވެ.
ލިވްޔާއަށް ޓަކައި އެހިތުގައި ކުއްލިއަކަށް އުފެދެމުން ދިޔަ އިހުސާސްތަކަށް ދޭނެ ނަމެއް ނޭނގިފައި ރައިހާންއަށް އެ އިން ގޮތަށް އިނދެވުނެވެ. އޭނާގެ ހިތަށް މިހައި އުނދަގުލެއް މިވަނީ ކުށްވެރިކަމުގެ އިހުސާސްގެ ސަބަބުން ބާވައެވެ؟ ނޫނީ މިއީ ހަމްދަރުދީބާވައެވެ. ނޫނީ…
ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ރައިހާންއަށް އަވަސްއަވަހަށް ތެޅިގަނެފައި ދެފަރާތަށް ބޯހޫރުވައިލެވުނެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އޭނާއަށް ލިވްޔާ ދެކެ ލޯތްބެއް ނުވެވޭނެއެވެ. ދުވަހަކު މީހަކަށް ނަފްރަތު ނުކުރާ ވަރަށް ނަފްރަތު ކުރެވުނު އަންހެން ކުއްޖަކު ދެކެ ލޯބި ވެވޭނީ ކިހިނަކުން ހެއްޔެވެ؟ އެހެންނެއް ނުވާނެއެވެ. އެހިތުގައި ލިވްޔާއަށް ޓަކައި ވަނީ ހަމްދަރުދީއެވެ. ހަމައެކަނި ހަމްދަރުދީއެވެ.
އެހެނަސް، އަމިއްލަ ހިތް ރައިހާންއަށް މޭރުންކޮށްދޭން މަސައްކަތް ކުރަމުން ދިޔަ ހަގީގަތުން ސަލާމާތްވުމަށް ރައިހާން ކުރަމުންދާހައި މަސައްކަތެއް ދާނީ ފެނަށް ކަން ރައިހާންއަށް ނޭނގުނީއެވެ.
ގެއަށް ވަން ގޮތަށް ރައިހާންގެ ދެލޯ އެންމެ ފުރަތަމަ ވެސް ހޯދައިލީ ލިވްޔާއެވެ. އެހެނަސް ގޭތެރޭގެ އެއްވެސް ހިސާބަކުން ލިވްޔާގެ ހިލަމެއް ނުވުމުން ރައިހާން ކުރިމަތިލާން ޖެހުނީ މާޔޫސްކަމާއެވެ. މަރުވެފައިވީ ރައިހާންގެ ހިތަށް ކުޑަ ނަމަވެސް ދިރުމެއް ލިބުނީ އެވަގުތު ސޯފާގައި ކުލަޖައްސަން އިން ރިއާ ފެނިފައެވެ. ލަސް ފިޔަވަޅުތަކެއްގައި ރައިހާން ގޮސް ރިއާގެ ކައިރީގައި އިށީނދެފައި ލޯބިން އެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
“ދޮންބެ ހާދަ އަވަހަށް މިއަދު ތި އައީ.. ވައި ޑިޑް ޔޫ ކަމް ސޯ އާރލީ؟” ރައިހާން ފެނުމާއި އެކު އުފަލުން ހުރިހައި ދަތްތަކެއް ދައްކައިލަމުން ރިއާ އަހައިލީ ރައިހާން އަވަހަށް އައުމުން އުފާވެފައި އިނދެއެވެ.
ރިއާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ރައިހާންއަށް އިރުކޮޅަކު ގަބުވެފައި އިނދެވުނެވެ. އަމިއްލަ ހިތާ އެ ސުވާލު ކޮށްލެވުނު އިރު ވެސް ރައިހާންއަށް އެ ސުވާލުގެ ޖަވާބެއް ނުލިބުނެވެ. ހަގީގަތުގައި މިއަދު އޭނާ އެހައި އަވަހަށް ގެއަށް އައީ ކީއްވެގެން ހެއްޔެވެ؟ ކުރަން ހުރި މަސައްކަތްތައް ހުސްވީކީ ނޫނެވެ. ގޭގައި ޚާއްސަ ކަމެއް އޮތީކީ ވެސް ނޫނެވެ. ދެން މިއަދު މާ އަވަހަށް ގެއަށް އަންނަން ވެގެން ރައިހާން ތެޅިފޮޅުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ލިވްޔާގެ ޚަބަރެއް ނުވެގެން، އެ ސޫރަ ނުފެނިގެން، އެ އަޑު ނީވެގެން ހިތަށް ވީ އުނދަގުލެއްގެ ސަބަބުން ކަން ރައިހާންގެ ބޯހަރު ހިތް ޤަބޫލު ކުރުމަކީ ނާދިރުކަމެކެވެ. އެހެނަސް ހަޤީގަތަކީ އެއީއެވެ. ރައިހާންއަށް ކެތް ނުވީއެވެ. އިންތިޒާރު ކުރަން ދަތިވީއެވެ. ލިވްޔާ އެ ޙާލުގައި އޮއްވައި ލިވްޔާއާ ދުރުގައި ހުންނަން އުނދަގޫވީއެވެ.
“މިއަދު ތަންކޮޅެއް އަވަހަށް ދޮންބެ ނިންމަން ހުރި ވޯކްސް ނިމުނީ.. ޕްރިންސެސް ކޯޗެއްގަތަ ތި ކުލަ ޖައްސައިލަނީ..؟” ރައިހާން ބެލީ އިތުރު ސުވާލެއް ކޮށްގެން ރިއާގެ ވިސްނުން އެހެން ދިމާއަކަށް އަނބުރައިލެވޭތޯއެވެ.
“މީ ޕްރިންސެސް އެއް.. ބަލާބަ.. ވަރަށް ރީތި ދޯ!” އުފަލާ އެކީ އަތުގައި އޮތް ފޮތް ނަގައި ރައިހާންއަށް ދައްކައިލަމުން ރިއާ އޭނާގެ މައުސޫމު އަޑުން ބުނެލީ އުފާވެ ހުރެއެވެ. ރިއާގެ މޫނުމަތީގައިވީ ހިނިތުންވުން ފެނި ރައިހާން ވެސް ހީލަމުން ވަރަށް ރީއްޗޭ ބުނެލިއެވެ.
“ދޮންބޭ.. މި ޕްރިންސެސް ވައްތަރީ ލިވީ ދައްތިއާ ދޯ..؟” ދެން ރިއާ ކޮށްލި ސުވާލުން ރައިހާންގެ ހިނިތުންވުން ފޭދިގެން ދިޔައީ އަނެއްކައި ވެސް ލިވްޔާގެ މަތިން ހަނދާން ވުމުންނެވެ.
“ބުނެބަ ދޮންބޭ! ވަރަށް ވައްތަރެއްނު ދޯ..؟ ލިވީ ދައްތި ގޮތަށް މި ޕްރިންސެސް ވެސް ވަރަށް ޕްރިޓީ! ދޯ ދޮންބޭ؟” އަނެއްކައި ވެސް ރިއާ ކޮށްލި ސުވާލުން ރައިހާންގެ އަރު ބެދިގެން ދިޔަ ފަދައެވެ.
“ހޫމް.. ވަރަށް ވައްތަރު.. އެކަމް މި ޕްރިންސެސްއަށް ވުރެ ލިވީ ދައްތި މާ ޕްރިޓީ..” އެ ޖުމުލަ ރައިހާންގެ ދެތުންފަތް ފޫއަޅުވައިލާފައި ބޭރުވީ ޚުދު ރައިހާންއަށް ވެސް ނޭނގިއެވެ. އެހެނަސް އެ ޖުމުލަ ބުނެވުމާއި އެކު އަނެއްކާ ވެސް ރައިހާންގެ ހިތް ފިތިގެން ދިޔައީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ލިވްޔާއާ ދިމާއަށް ބުނެވުނު މަލާމާތުގެ ބަސްތައް ހިތަށް އަރާފައެވެ. އެތައް ފަހަރަކު އެ ބަސްތައް އަނބުރައި ގެނެވޭނެ ނަމައޭ ރައިހާންގެ ހިތަށް އެރި ނަމަވެސް އެކަން އެގޮތަށް ނުވާނޭކަން ޚުދު ރައިހާންއަށް ވެސް އެނގެއެވެ.
“ޕްރިންސެސް.. ކޮބާތަ ލިވީ ދައްތި..؟” އަހަން ނާހަން އިނދެފައި ވެސް އެންމެ ފަހުން ކެތް ނުވެގެން ރައިހާން ރިއާ ގާތު އަހައިލިއެވެ.
“ލިވީ ދައްތި މިއަދު ނުނުކުމޭ ކޮޓަރިން.. މަންމަ ދިޔައީ ލިވީ ދައްތި ކޮޓަރިއަށް ބްރެކްފާސްޓް ހިފައިގެން.. ރިއްކޮ ވެސް މިއަދު ނުދެކެން ލިވީ ދައްތިއެއް..” ރިއާގެ ވާހަކަތަކުން ރައިހާންގެ ހާސްކަން އިތުރުވުން ނޫން ކަމެއް ނުވިއެވެ. ލިވްޔާގެ ހާލު ބަލައިލަން، އެ ސޫރަ ދެކިލަން، އެ އަޑު އަހައިލަން ދިޔުމަށް އެދި އެ ހިތް ގޮވާ އާދޭސް ކުރަމުން ދިޔަ ނަމަވެސް ރައިހާންއަކަށް އެ ހިތްވަރެއް ނުކުރެވުނެވެ. ރުހުމުގެ ލޮލަކުން ލިވްޔާ އޭނާއަށް ނަޒަރެއް ވެސް ނުދޭ އިރު އެފަދަ ގޮތަކަށް އޭނާ ލިވްޔާއާ ކުރިމަތިލުމުން ލިވްޔާ ހިތްހަމަނުޖެހޭނެ ވަރު ހިތަށް އަރާފައި ރައިހާން ބިރުގަތެވެ.
“ދޮންބޭ.. ދޮންބެ ލިވީ ދައްތި ގާތު ސޮރީ ބުނެފިންތަ..؟” ދެން ރިއާ ކުރިމަތިކުރުވި ސުވާލުން ރައިހާންގެ ހިތް ގެނބިގެން ދިޔައެވެ.
“ލައްބަ ދޫނި.. ދޮންބެ ބުނިން ސޮރީއޭ.. އެކަމަކު…” އޭނާއަށް ކުރެވުނީ ދުވަހަކު ވެސް ލިވްޔާ އޭނާއަށް މަޢާފު ނުކުރާނޭ ވަރުގެ ކުށެއް ކަން ތުއްތުތުއްތު މައުސޫމު ރިއާއަށް އޭނާ ވިސްނައިދޭނީ ކިހިނަކުން ހެއްޔެވެ؟
“ލިވީ ދައްތި ފޮގިވް ކުރިތަ..؟” ރިއާގެ ލޯބިލޯބި އަޑުގައިވީ އުންމީދީ އަސަރުން ރައިހާންގެ ހިތް އިތުރަށް މާޔޫސްކުރުވިއެވެ. ރިއާ ފަދައިން އޭނާ ވެސް ލިވްޔާގެ މަޢާފު ލިބޭނެ ކަމަށް އިންތިހާއަށް އުންމީދު ކުރިއެވެ. އެހެނަސް ކުރެވުނު އުއްމީދުގެ ފޮނިކަމުގައި އޭނާއަށް ކުރެވުނީ ލިވްޔާގެ މަޢާފު ހައްގު ނުވާ ވަރުގެ އަނިޔާވެރި ކުށެއް ކަން ހަނދާން ނެތުނީއެވެ.
“ދޮންބެ ސޭޑް ނުވައްޗޭ.. އަދި ލިވީ ދައްތި ދޮންބެއަށް ފޮގިވް ކުރާނެ..” ރައިހާންގެ ހިމޭންކަމުން ކުރީ ސުވާލުގެ ޖަވާބު ހޯދައިގެން ރިއާ ބުނެލި މައުސޫމު ބަސްތަކުން ރައިހާންގެ ތުންފަތުގައި ކުޅެލީ ވޭނީ، ހިތި ހިނިތުންވުމެކެވެ.
“ދޮންބެ އަދިވެސް ބައިވަރު ފަހަރު ސޮރީ ބުނައްޗޭ.. ފޮގިވްނެސް އެއީ އާރން ކުރީމަ ލިބޭ އެއްޗެކޭ..” ވިސްނޭ ހަރު މީހެއް ފަދައިން ރިއާ ބުނެލި ބަސްތަކުން ރައިހާންގެ ކަނިވަމުން ދިޔަ އުއްމީދީ ހުޅުކޮޅަށް ދިރުމެއް ލިބުނު ފަދައެވެ.
“ޔެސް ޕްރިންސެސް.. ދޮންބެ ޓްރައި ކުރާނަން އިނގޭ..” ރިއާގެ މަޑުމަޑު ކޯތާފަތުގައި އިނގިލިތައް ބީއްސައިލަމުން ރައިހާން ބުނެލި އިރު އެ އަޑުގައި ޖެހިލުންވުމާއި އެކު ކޮންމެވެސް ވަރެއްގެ އުއްމީދެއް ވެސް ވިއެވެ. ރައިހާންގެ ޖަވާބުން ރިއާގެ ކުޑަކުޑަ ތުންފަތުގައި ފޮޅިފައިވީ ހިނިތުންވުން އިތުރަށް ފުންވިއެވެ. ދެއަތުގެ ބޮޑުވާ އިނގިލި ދައްކައިލާފައި “ގުޑް ލަކް” އޭ ރިއާ ބުނެލުމުން ރައިހާން ހިނިތުންވެލާފައި ރިއާގެ ނިތަށް ބޮސްދިނެވެ.
*** ** ***
އެރޭ ކެއުމުގައި ލިވްޔާ ބައިވެރި ނުވުމުން ރައިހާންގެ ހާސްކަންވީ އިތުރެވެ. އެހެން މީހަކު ގާތުގައި ލިވްޔާގެ ވާހަކަ އަހައިލަން އުޅެފައި ވެސް ރައިހާން ފަސްޖެހެނީ އެމީހުން ހީކޮށްފާނެ އެއްޗެއް ނޭނގޭތީއެވެ. އެހެންނަމަވެސް އެގޮތުގައި ރައިހާންއަށް އިނދެވުނީ އެންމެ ދެތިން މިނެޓެވެ. ލިވްޔާ ކޮބައިތޯ ރައިހާން އަހައިލުމާއި އެކު އެންމެންގެ ނަޒަރު ވެސް ރައިހާންއަށް އަމާޒު ވެއްޖެއެވެ.
“އެ މަންޖެ މިއަދު ނުނުކުމޭ ކޮޓަރިއަކުން.. މާމަ ވަރަށް ކިޔައިގެން ހެނދުނު ސައި ބުއި ގޮތަށް ދެން ނުވެސް ކައި މިއަދު..” އައިސާމަނިކެގެ ވާހަކައިން ރައިހާންގެ ހާސްކަމާއި ކަންބޮޑުވުން ވީ އިތުރެވެ. ލިވްޔާ ނުކައި އޮތް ވާހަކަ ބުނުމުން ރައިހާން ވެސް ކާހިތް ކެނޑުނެވެ.
“އަދިވެސް ލިވްޔާ އެހެންތަ..؟” އަހަން ނާހަން އިނދެފައި ވެސް ރައިހާން އަހައިލީ އެނގެން ބޭނުންވިލެއް ބޮޑުކަމުންނެވެ.
“ނޫން.. ރެޔަށް ވުރެ ރަނގަޅު.. އެކަމަކު އަދިވެސް ހުންނަނީ ނެގިމަޑުވެފަ.. ދުވަސްކޮޅެއް ނަގާނެ އެއްނު ހަމައަކަށް އެޅެން..” ރީނާގެ ވާހަކައާ އެއްބަސްވަމުން ރައިހާން ބޯޖަހައިލިއެވެ.
“އަހަރެން ދާނަން ލިވްޔާއަށް ކާއެއްޗެހި ހިފައިގެން..” ހުސް ތައްޓަކަށް ބަތާއި ކުކުޅުކޮޅެއް އަޅަމުން ރައިހާން ބުނުމާއި އެކު އެންމެންގެ ހައިރާންވެފައިވީ ނަޒަރުތަކުގެ އަމާޒުފަތްގަނޑަކަށް ރައިހާން ވެއްޖެއެވެ. އިރުކޮޅަކުން އެކަކުއަނެކަކަށް ނަޒަރުތައް ބަދަލުކޮށްލީ މިއީ ވެއަތުވީހައި ދުވަސްތަކުގެ ތެރޭގައި ރައިހާންގެ ފަރާތުން ނުފެންނަ އަމަލަކަށް ވީތީއެވެ. ވަކިން ޚާއްސަކޮށް އަފާފްއާއި ރާއިދާގެ ވަކިވެދިޔުމަށް ފަހު ރައިހާން އިތުރު މީހަކާ ދޭތެރޭގައި އެހައި ގާތްކޮށް ވިސްނައި މަންޒަރަކީ އެމީހުންނަށް ދުވަހަކު ވެސް ފެނިފައިވާ މަންޒަރެއް ނޫނެވެ.
މޭޒުދޮށުގައި ތިބި އެންމެންގެ ނަޒަރުތައް އޭނާއަށް އަމާޒުވެފައިވާ ކަން އެނގުމަށް ފަހު ވެސް ރައިހާން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނީ މިވަގުތު އެހެން ހުރިހައި ކަމަކަށް ވުރެ ބޮޑަށް އޭނާއަށް ލިވްޔާ މުހިއްމުވީތީއެވެ. ސުވާލުމާކެއް ބޮލުގައި އަޅައިގެން، ހައިރާންކަމެއްގެ ތެރޭގައި ތިބި އެންމެންނަށް ނަޒަރެއް ދިނުމެއް ވެސް ނެތި ރައިހާން އޭނާގެ އަތުގައި އޮތް ތަށި ހިފައިގެން ހިނގައިގަތީ ލިވްޔާގެ ކޮޓަރިއަށެވެ.
ލިވްޔާގެ ކޮޓަރިއާ އަރާ ހަމަވުމަށް ފަހު ދޮރުގައި ޓަކި ޖަހަން އުފުލައިލި އަތް ރައިހާން ފުރަތަމަ ތިރިކޮށްލީ ކުއްލިއަކަށް އެހިތް ވަށައިލި ބިރުވެރިކަމަކުންނެވެ. ލިވްޔާއާ ވާހަކަ ނުދެއްކުމަށް، ލިވްޔާ ފެންނަ ހިސާބަށް ވެސް ދެން ނައުމަށް އޭނާ ގާތު ބުނި ހަނދާން ވުމުން ނޭނގޭ ނުތަނަވަސްކަމެއްގެ ތެރޭގައި މުޅި ނަފްސު ގައިދުވެއްޖެއެވެ.
އެހެނަސް ދެވަނަ ސިކުންތުގައި މިއަދު ރިއާ އޭނާގެ މައުސޫމު އަޑުން ބުނެލި ވާހަަތައް ހަނދާން ވުމުން ރައިހާން އިސްއުފުލައިލިއެވެ.
“ދޮންބެ އަދިވެސް ބައިވަރު ފަހަރު ސޮރީ ބުނައްޗޭ.. ފޮގިވްނެސް އެއީ އާރން ކުރީމަ ލިބޭ އެއްޗެކޭ..” އެއްވެސް އެއްޗެއް ނުވިސްނޭ ކުޑަކުޑަ ކުއްޖަކު ބުނެލި ބަހެއްގެ ސަބަބުން ރައިހާންގެ އުއްމީދީ ހުޅުކޮޅުގެ ވިދުވަރު ގަދަވުމަކީ އަމިއްލަ މީހާގެ މޮޔަކަން ކަމުގައި ޚުދު ރައިހާންއަށް ވެސް ޤަބޫލު ކުރެވެއެވެ. އެހެންނަމަވެސް މިވަގުތު ކިރިޔާ ވެސް އޭނާއަށް އުއްމީދެއް އިހުސާސް ކުރެވެނީ ތުއްތުތުއްތު ރިއާގެ ބަސްތައް ހަނދާން ވުމުންނެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން ރައިހާން ލިވްޔާގެ ކޮޓަރީގެ ދޮރުގައި ދެތިން ފަަރަކު ޓަކި ޖަހައިލިއެވެ. އެއާއެކު އެތެރެއިން ވަންނާށޭ ބުނެލި އިރު ލިވްޔާގެ އަޑުގައިވީ ކުރަކިކަމުން ރައިހާންގެ ހިތް އަނެއްކައި ވެސް ޒަޚަމްވިއެވެ. އެހެންނަމަވެސް ހިތްވަރުކޮށްލާފައި ރައިހާން ދޮރު ހުޅުވައިލާފައި އެކޮޓަރިއަށް ވަނެވެ.
އެނދުމަތީގައި ދެކަކޫ މޭގައި ޖައްސާލައިގެން އިން ލިވްޔާއަށް ނަޒަރެއް ދެވުނު ހިނދު ރައިހާންގެ ވަށައިގެންވީ މުޅި ދުނިޔެ ވެސް ފުނޑުފުނޑު ވެގެން ފޭބި ކަހަލައެވެ. އެހައި ނާޒުކު، އެހައި ނިކަމެތި ގޮތެއްގައި ލިވްޔާ ވަނިކޮށް މީގެ ކުރިން އޭނާ ދުވަހަކުވެސް ދެކިފައި ނުވެއެވެ. ކުރިން އަބަދާއި އަބަދު ހިނިތުންވުމެއް ކުޅެލާފައި ހުންނަ މޫނުމަތިން މިހާރު ފެންނަނީ ގިލަންވެރިކަމެވެ. އެކަމުގެ ސަބަބަކީ އޭނައޭ ހިތަށް އެރުމުން ރައިހާން އިތުރަށް މާޔޫސްވެ، ހިތްވަރު އެލޭ ގޮތް ވިއެވެ.
އެނދުމަތީގައި އިން ލިވްޔާ ދޮރު ހުޅުވުނު އަޑަށް ދިރާ ދިމާއަށް ބަލައިލިއެވެ. އެތެރެއަށް ވަން ރައިހާން ފެނި ލިވްޔާ ވަގުތުން އަނެއް ފަރާތަށް މޫނު އަނބުރައިލީ ރައިހާންގެ ސޫރަ ވެސް ދެކެެން ބޭނުން ނުވާ ފަދައަކުންނެވެ. އެކަމުން ރައިހާންގެ ހިތަށް ލިބުނު ގިލަންވެރިކަން ބަޔާންކޮށްދޭން ވެސް ދައްޗެވެ. ލިވްޔާ އޭނާގެ ސޫރަ ދެކެން ވެސް ބޭނުން ނުވާ ކަން އެނގުމުން ރައިހާންގެ ނިކަމެތިވެފައިވީ ހިތް އިތުރަށް ޒަޚަމްވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







after a looooonggg wait finally dho🥹
mi part las vaathy i submitted 15 vana part ves reyga but upload nuvey dho e part.. anyways, hope you guys loved this part too!
Kulli akah kiyamun dhiya iru faahaga vi kameh ingey mee
Mi part ga haadha ginainney “ehenas” liyefa hury
ohh ehen tha.. vedhaane hama.. nayaa ah ehaa odd nuvaathy liyun gothah hama eynee genes dheefa😊
Ahhh finally!!!!!!!
It felt like an eternity😭😭
Nayuuu this part ATE as usual!!!!!!
I really do hope Livy forgives him and ingey undhagoo vaane kan ves but still😢
I hope admin ge approval dhn huri eps thakuga avahah libeyne kamah.
Keep up the EXCELLENT work darling 💓💓
Impatiently waiting for next!! 😊
yayy finally dho!! I texted admin enme fahun maa bodah las veema.. hehe
thank you so so much dear💕💕
hi Nayaa, read this on the bus. varah rythi. kuriah huri baithakah waitinggggg
thankyouu so much Marsha!!💕
Masha Allah mi part ves Vrh reethi finally ye ye 😅
I hope livy ren ah forgive kuraane kamah
Alheyyy livy haadha dhera vaane eyy dhw
I feel bad for her…. Ren Mihaaru ehery livy dheke
Loabi vefa ehenve livy nufehna hisaabu ga vx huhnan undhagoo vany ren gaboolu kuraakah beynumeh nuvey dhw ☺️ appreciate your hard work 🤞 Curiously waiting for the
Next part when’s next???
Lyyy 🤞🖤❤️
thank you so much nai💕💕
yeahh ren adhives hama denial ga dho hehe.. let’s see dhen vaa gotheh
next part already yesterday submit kohlaifin.. lym
Finallyyyyyy, mi part kiyan libijje.. Mihaaru tests feshigen ulheythee, konme part akah comment eh nukurevey. ☹️ Baraabarah kiyan ekam, 😊
Test nimmaafa bodu bodu comment eh kollaanan IA 😅
Mi part vx varah varah reethi Masha Allah, 💗
Can’t wait for the next part,
Lysm Nayu 💗
hehe yess finally dhoo.. nayaa ge ves unit exams feshigen mi ulheny.. ekam vaahaka genes dheynan baraabarah in sha allah
thank you so much shiu💕💕 lym
Alhe mi part ves hama obiness to the max³ varah salhi MA!
I feel so freaking bad for raihaan! But I feel like he deserves it😭
Livy ah ves forgive kuran udhagoo vaane ik😭!!
15th ep submited dhw!
Now waiting ….
Ly💗💗
At last. Mi part ves vrh reethi MA!
Ren is regreting the way he treated Livi in the past. I feel so bad for him 😢😢. Livi Ren ah forgive kuraane dhuvahakah vrh wait kurevey.
Mi story kiyaa iru heevanee movie eh beleyhen. Vrh realistic descriptions thah.
Ly❤️❤️
thank youuu so so much💕💕💕
yeahh ren adhi regret kuraane varah dho..
lym💕
Wow, just wow. Tables have turned.
This part top notch 🤩🤩🤩
Curiously waiting for next one to be uploaded
hehehe yeahhh dho!
thankyouu so much darl💕
Finally mi part up vejjje dhw..😅
Knme dhuvahaku more than 10 times mi site ah vadhevey….
Btw, mi part vx vrh reethi Maasha Allah ❤️
Mi vaahaka mee vrh kiyaahithun kiyaa vaahaka eh🤍🕊️
Sifakurun thah vx vrh furihama masha allah❤️
Vaahakaiga ulhevey kahala feel eh vany….
I appreciate urr hard work 👏👏
Keep it up🤍🕊️
When’s the next part???
Can’t wait….
Admin kairy buney avahah up kohla dheyshey😅
Woa hwtt 😭
Honestly lost of words vrh salhi
Mashaallah vrh reethi vhk eh…ren eheree hama livee ge jaadhoo ga jehifa..Meege 15 vana part upload kohlladheveynee Kon iraku tha
Ekamaku ren hama gabool ey nukure dhww eiy lowbi kamakah.🤦 Dhn lowbi noony kon ihusaasey eiyy..🤷 Itz lowbi☺️. Ren ah ehuree gadha ah lowbi vevifa💯💯. Anyways mi prt vx vrh salhi. You ate it as always. MA💗❣️
Waiting for the approval of the next prt..
Tc.. Lyy💗❣️