މަޢާފް އެދެމުން – 1
އައްސަލާމް ޢަލައިކުމް، މި ވާހަކައަކީ އެސްފިޔައަށް ލިޔާ ޕްރޯ ސްޓޯރީއެކެވެ. މި ވާހަކަ ގެނެސްދޭނީ ހަފްތާއަކު 2 ދުވަހުއެވެ. ވާހަކައިގެ ފުރަތަމަ 3 އެޕިސޯޑް ކިޔުންތެރިންނަށް ހިލޭ ކިޔާލެވޭނެއެވެ.
ޓްރޮލީ ކޮއްޕަމުން ޓަރމިނަލް އިން ނިކުތް ރިޔާން ތަންކޮޅަކަށް ގޮސްފައި ދެ ފަރާތް ހޯދާލިއެވެ. ފެންނާނެ ކަމަށް އުންމީދު ކޮށްގެން ހުރި މީހަކު ނުފެނުމުން ބޭރަށް ނިކުންނަމުން ރިޔާން ގަމީހުގެ ކަރާ ދިމާލުން އަޅުވާފައި އޮތް އަވި އައިނު ނަގާ ލޮލުގައި އަޅާލިއެވެ. ދެންވެސް މީހުންތަކުގެ ތެރެއިން ހޯދަމުން ރިޔާން އެ ތަނުން ނިކުންނަން ދިޔައެވެ.
ހަތް އަހަރު ފަހުން، ދެން އެނބުރި ނުދާ ގޮތަށް އަމިއްލަ ފަސްގަނޑަށް އާދެވުނީތީ ރިޔާން ހުރީ އުފަލުންނެވެ. ދެ އަހަރު ވަންދެން ނުފެނި ހުރެފައި މަންމައާ ކޮއްކޮ ފެންނާނެ ވަގުތަކަށް ކެތްތެރިކަން ކުޑަވެފައި ހުރި ރިޔާންއަށް ހިތާހިތުން ޝަކުވާ ކޮށްލެވުނީ މަންމައާ ކޮއްކޮ އައުން ލަސްވީތީއެވެ.
“ދޮންބޭ!” މީހުންތަކުގެ ތެރެއިން ދަންނަ މޫނެއް ފާހަގަ ވާވަރު ނުވަނީސް ރިޔާންއަށް އަޑު އިވުނެވެ. އަޑު އިވުނު ދިމާއަށް ބަލާލި އިރު ތަންކޮޅެއް ދުރުން ފުންމަމުން ރިޔާންއާ ދިމާއަށް އަތް ހޫރަމުން ދިޔަ ރީވާ ފެނިފައި ރިޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ރީވާއާ ހަމައަށް އާދެވެން ވީ އިރަށް ރީވާ ދުވެފައި އައިސް ރިޔާން ގައިގައި ބައްދައިގަތެވެ. ޓްރޮލީ އިން ދޫކޮށްލާފައި ރިޔާންވެސް ކޮއްކޮގެ ގައިގައި ބައްދާލީ ބާރަށް ހެމުންނެވެ.
“ހޭ ބޭބީ ސިސް!” ރީވާ އަޅައިގެން ހުރި ޝޯލްގެ މަތިން އިސްތަށިގަނޑުގައި ހިފާ ދަމާލަމުން ރިޔާން ގޮވާލީ ރީވާ ރުޅި އަންނާނެ ކަން އެނގޭތީއެވެ.
“މަންމާ!” ވަގުތުން ރިޔާން ގައިން ދޫކޮށްލާ ރާނިޔާއަށް ބަލާލަމުން ރީވާ ޝަކުވާގެ ރާގެއްގައި ގޮވާލިއެވެ.
“ދަރިފުޅު…” ރިޔާންގެ ކޮނޑުގައި ހިފާލަމުން ރާނިޔާ ގޮވާލިއެވެ.
“މަންމާ…” ރާނިޔާގެ ކޮނޑުގައި ހިފާ ގަޔާ ކައިރި ކޮށްލަމުން ރިޔާން ލޯބިން ގޮވާލިއެވެ.
“އޭ، އަހަރުމެންވެސް އެބަ ތިބީމޭ” ކައިރިން އެ އަޑު އިވުމުން ރިޔާން ބަލާލިއެވެ. އާރިޝްއާ ޔަޒްދާން ފެނުމުން ރިޔާންގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ.
“އަހަރުމެންވެސް ގްރީޓް ކުރަން ޖެހޭނީ އެހެންތަ؟” މަންމައާ ކޮއްކޮ ގައިން ދޫކޮށްލާ އެކުވެރިންނާ ދިމާއަށް ރިޔާން އަންނަން ފެށުމުން ދެންވެސް ވާހަކަ ދެއްކީ ޔަޒްދާންއެވެ.
“ކޮބާ ދެން ތިބި މީހުން؟” ޔަޒްދާންއާ އާރިޝްގެ ކޮނޑުގައި ޖަހާލަމުން ރިޔާން ހިނިއައިސްފައި އެހިއެވެ.
“މި ވަގުތަށް ފްރީވީ އަހަރުމެން ދެ މީހުން އެކަނި. ފަހުން އެންމެންނާ ދިމާވާނެ، އަދި ކެތް ކޮށްލާ” އާރިޝް ބުންޏެވެ.
“ކައިވެނި ކުރަން އުޅޭ މީހާގެ ހާލަކީ ކޮބާ؟ އޭނައަށް އެކަމެއް ވަންދެން ކެތްވޭތަ؟” ރާނިޔާމެންނަށް އަޑު ނީވޭ ވަރަށް ރިޔާން އަހާލިއެވެ.
“ތިއެއް ޖެހޭނީ އޭނަ ކައިރީ އަހާލަން، އިންނަން އުޅެންޏާ ފަހަރެއްގަ އެހާ ޕޭޝަންސް ހުރެދާނެ” އާރިޝް ޖަވާބުގައި ބުނެލީ އެކަން ގަބޫލު ކުރަން ދަތިވެފައި ހުރި ހެންނެވެ.
“ސާބަސް! ކެތް ނުވެގެން އުޅޭ މީހުންނަށް ހީވާނީ އެހެން މީހުންވެސް އެހެންނޭ އުޅޭނީ. ދެން ތި އުޅުން ދޫކޮށްލަން ވެއްޖެއެއްނު މިހާރު؟” ޔަޒްދާން ބުނެލީ އާރިޝްގެ ކޮނޑުމަތީ އަތުން ބާރަށް ޖަހާލަމުންނެވެ.
“އަހަރެން އެކަނިތަ؟ މި ރިޔާން މީ އަހަންނަށް ދޫ ނުކުރާ މީހެއް. އަހަރުމެންނާ ތަފާތު މީހަކީ ތީ. ކައިވެންޏާ ނުލާ އަންހެން ކުއްޖަކަށް ބަލާވެސް ނުލާން ވިއްޔަ ތި ހުންނަނީ” ރިޔާންއާ ޔަޒްދާންގެ ކޮނޑުގައި ދެއަތް އަޅުވާލަމުން އާރިޝް ބުންޏެވެ.
“އުހުނ. ތި ލިސްޓުން އަހަރެންގެ ނަން ދެން ކަނޑާލާ. ތި ކަންތައް އަހަރެން މިހާރު ދޫކޮށްލައިފިން” ރިޔާން ބުނެލިއެވެ.
“ވަޓް؟ އަންހެން ކުދިންގެ ކަންތަކުގަ އަހަންނަށް ވުރެ ކުރީގަ އުޅޭ ރިޔާން، އަމިއްލަ ގައުމާ އާއިލާއާ ދުރުގަ ބޭނުން ގޮތަކަށް އުޅޭނެ މިނިވަންކަން ލިބިފަ އޮއްވާ އެ ކަންތައް ދޫކޮށްލާނެތަ؟ ގަބޫލު ކުރެވޭ ކަހަލަ ވާހަކަ ދައްކަބަލަ ރިޔާން” ރިޔާން ބުނި އެއްޗެއް އާރިޝްއަށް ކުޑަކޮށްވެސް ގަބޫލެއް ނުކުރެވެއެވެ.
“އާރިޝް ގަބޫލު ކުރުމާ ނުކުރުން އެއީ އަހަންނާ ބެހޭ ކަމެއް ނޫން” އާރިޝްއަށް ޔަގީން ކޮށްދޭކަށް ރިޔާން ނޫޅެއެވެ.
“އޯކޭ، ޓެލް އަސް، އަންހެން ކުއްޖަކާ ކައިރި ނުވާތާ ކިހާ ދުވަހެއް ވެއްޖެ؟” އާރިޝް އަހާލިއެވެ.
“ދެ އަހަރު” ވަގުތުން ރިޔާން ޖަވާބު ދިނެވެ.
“ޔޫ ކާންޓް! ދެ އަހަރު ވަންދެން ނުހުރެވޭނެ. ދެ މަހޭ ބުނި ނަމަވެސް ގަބޫލު ކުރެވުނީސް” ހިނިގަނޑަކާ އެކު އާރިޝް ބުންޏެވެ.
“މީހުން ބަދަލުވެސް ވެޔޭ އާރިޝް” ދެ އެކުވެރިންގެ ވާހަކައަށް އެއްޗެއް ނުބުނަން ހުރެފައިވެސް ޔަޒްދާން ހިނިއައިސްފައި ބުނެލިއެވެ.
“އާނ، އެކަމު އެބުނާ ވަރަކަށް ނޫން” އާރިޝް ބުނެލިއެވެ.
“އަހަރެން ނުޖެހޭ އާރިޝްއަށް ޕްރޫވް ކޮށްދޭކަށް” އާރިޝްގެ ވާހަކަ ހުރި ގޮތް ރިޔާންއަށް މާ ބޮޑު ކަމަކަށް ނުވިއެވެ. ހިނިއައިސްފައި އެކުވެރިޔާއަށް އެހެން ބުނެފައި އެ މީހުންނަށް ވުރެ ކުރީގައި ތިބި މަންމައާ ކޮއްކޮއާ ހަމަ ކުރުމަށް ރިޔާން ހިނގުން ބާރު ކޮށްލިއެވެ.
“ވެދާނެއްނު ރިޔާންވެސް ސްޕެޝަލް ކުއްޖަކާ ދިމާވީ ކަމަށް؟” ޔަޒްދާން ބުންޏެވެ.
“ސްޕެޝަލް ވީމަ އަދި ދުރުގަ ހުންނަން އުނދަގުލީއޭ. ޔޫ ވޯންޓް އަންޑަސްޓޭންޑް” ޔަޒްދާންގެ ކޮނޑަށް އަތް އެއްލަމުން އާރިޝް ބުންޏެވެ.
“އާނ، އާރިޝްގެ ތި ހުންނަ ގޮތެއް އަހަންނަކަށް އަންޑަސްޓޭންޑެއް ނުވާނެ” ދެފަރާތަށް ބޯ ހަލުވާލަމުން ޔަޒްދާން އެ ވާހަކަ ހުއްޓާލިއެވެ.
“އާރިޝް، ހުރިހާ ކުދިން މިރޭ ކާން އަންނަން ވާނެ އިނގޭ” ރިޔާންއާ ރާނިޔާ އަދި ރީވާ ގެއާ ހަމައަށް އައީ އާރިޝްގެ ކާރުގައެވެ. ކާރުން ފޭބުމުގެ ކުރިން ރާނިޔާ އާރިޝްއަށާ އެ މީހުންގެ އެކުވެރި ހުރިހާ ކުދިންނަށް އެރޭގެ ކެއުމަށް ދައުވަތު ދިނެވެ.
“އޯކޭ މަންމާ” ސެލިއުޓް ކޮށްލާހެން ނިތްކުރީގައި އިނގިލިތައް ޖައްސާލަމުން އާރިޝް އެއްބަސްވިއެވެ. ރިޔާންގެ ހުރިހާ އެކުވެރިންވެސް ރާނިޔާއަށް މުޚާޠަބް ކުރަނީ މަންމަގެ ނަމުންނެވެ.
“މި ދޮންބެއާ ހެދި މަންމަގެ ދަރިން ހާދަ ގިނައޭ” ރީވާ ހިނިއައިސްފައި ހުރެ ރާނިޔާގެ އަތުގައި ހިފާލަމުން ބުންޏެވެ.
“އެއީ ހަމަ މަންމަގެ ދަރިން ކަހަލަ ކުދިންނެއްނު؟ ބާރަ އަހަރުއްސުރެ މަންމައަށް އެ ކުދިން އެނގޭ ވިއްޔަ. މަންމަ ކުރިމަތީ ބޮޑެތިވެ ޒުވާންވެފަ އެ ތިބީ. މިހާރު ނާބިތު އެ އުޅެނީ މީހަކާ އިންނަން. މަންމައަށް ހީވަނީ ދެން އެންމެ އަވަހަށް އެކަމާ އުޅޭނީ ޔަޒްދާން ހެން. ދެން ރިޔާންމެންވެސް ދިރިއުޅުމާ މެދު ވިސްނަން ވީއޭ. އެންމެ ލަހުން މީހަކާ އިންނާނީ އެ ލާނެތް އާރިޝް ކަން ޔަގީން” ރާނިޔާ ގޭތެރެއަށް ވަދެވެސް ވާހަކަ ދައްކަމުން ދިޔައެވެ.
ގެއަށް އައި ގޮތަށް މަންމައާ ކޮއްކޮއަށް ގެނައި ހަދިޔާ ދިނުމަށް ރިޔާން އުޅުނެވެ. ރިޔާން ކޮނޑުގައި އަޅުވައިގެން ގެނައި ދަބަސް ހުޅުވާލާފައި ނެގި ލެޕްޓޮޕް ރީވާއަށް ދިއްކޮށްލިއެވެ. ރީވާ ގެންގުޅޭ ލެޕްޓޮޕްއަށް އަބަދުވެސް ކޮންމެވެސް މައްސަލައެއް ދިމާވާ ވާހަކަ ރިޔާންއަށް ގުޅާ ކޮންމެ ފަހަރަކު ދައްކާތީ ރީވާއަށް ހަދިޔާއަކަށް ރިޔާން ގެނައީ އެ ވަގުތު އެންމެ ބޭނުން ހިފޭނެ އެއްޗެކެވެ.
“އަހަންނަށްތަ؟ ތޭންކްސް ދޮންބޭ! މަންމަ ކައިރީ މި ކިޔަނީ އެ ލެޕުން ކަމެއް ނުވާތީ އާ އެއްޗެއް ގަނެދޭށޭ. މަންމަތަ ދޮންބެ ކައިރީ ބުނީ؟” ލެޕްޓޮޕްގައި ހިފާފައި އުފަލުން އިނދެ ރީވާ އަހާލިއެވެ.
“ގުޅާ ކޮންމެ ފަހަރަކު ރީވާ ކުރާ ޝަކުވާ ދޮންބެއަށް އަޑު އިވުނޭ، ދެން އިތުރު މީހަކު ބުނަން ޖެހޭތަ؟” ހެފިވައި ރިޔާން ބުންޏެވެ.
“މަންމައަށް ކޯޗެއް ގެނައީ؟” ލެޕްޓޮޕް ބާއްވާފައި، ރިޔާން ހުޅުވާލި ފޮއްޓާ ކައިރިއަށް ޖެހިލަމުން ރީވާ އަހާލިއެވެ.
ރިހި ކުލައިގެ އަތުކުރީ ގަޑިއަކާ މުސައްލައެއް ނަގާފައި ރިޔާން މަންމަ އަތަށް ދިނެވެ.
“މަންމައަށް އެއްޗެއް ނުގެނަޔަސް އެންމެ ރަނގަޅޭ ބުނީމަވެސް ރިޔާން ހަމަ އެއްޗެހިތަކެއް ގަތީތަ؟” ރާނިޔާ އަހާލިއެވެ.
“މަންމައަށް ނުގެނައި ނަމަ މި ރީވާއަކަށްވެސް ނުލިބުނީސް” ރީވާގެ ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސާ މަޑުމަޑުން ކޮއްޕާލަމުން ރިޔާން ސަމާސާ ކޮށްލިއެވެ.
“ވަރަށް ރީތި” ގަޑިއަށް ބަލަން އިނދެ ރާނިޔާ ބުންޏެވެ.
“އަދި އެބައޮތް…” ރިޔާން ބުންޏެވެ. އަދި ރަތް ކުލައިގެ ހަތަރެސްކަން ފޮއްޓެއް ނަގާ ރާނިޔާގެ އަތަށް ލައިދިނެވެ.
ރާނިޔާ ފޮށި ހުޅުވާ ބަލާލިއެވެ. އެއާއެކު ރާނިޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެތަން ފެނި ރިޔާންއާ ރީވާ ދެފަރާތުން އައިސް ރާނިޔާ ގައިގައި ބައްދާލިއެވެ.
އެ ފޮށީގައި އޮތީ ކައިވެނީގެ ކުރީކޮޅު ރިލްވާން ރާނިޔާއަށް ހަދިޔާއަކަށް ދިން ހަތަރު ރަން ތަނޑިއެވެ. ރިލްވާން ނިޔާވުމަށް ފަހު ރިޔާންއަށް ބޭނުން ވާ ފައިސާ ފޮނުވަން ދަތިވުމުން ރާނިޔާ އެ ހަތަރު ތަނޑި ރިޔާންއަށް ފޮނުވީ އެ ވިއްކާލައިގެން ލިބޭ ފައިސާއިން ރިޔާންއަށް ބޭނުންވާ ކަންތައް ކުރުމަށެވެ. ދެވަނަ ފަހަރަށް އެ ތަނޑިތައް ފެންނާނެ ކަމަކަށް ރާނިޔާ ހީވެސް ނުކުރެއެވެ.
“ރިޔާން… ދަރިފުޅު ކިހިނެއް…؟” ރާނިޔާއަށް ސުވާލު ފުރިހަމައެއް ނުކުރެވުނެވެ. ކަރުނައިން ފުރެމުން އައި ލޮލުން ދަރިފުޅާ ދިމާއަށް ބަލަން އިނދެވުނީއެވެ.
“މަންމައަށް ބައްޕަ އެހާ ލޯބިން ދިން ހަދިޔާ ވިއްކާލައިގެން އަހަރެން ކިޔަވަން ހުންނާނީ ކިހިނެއް؟ ތި ލިބުނު ދުވަހުވެސް ހިތަށް އެރި ތިއެއް ވިއްކައެއް ނުލާނަމޭ” ރާނިޔާގެ ލޯ ފޮހެދެމުން ރިޔާން ބުންޏެވެ.
“ދެން ކިހިނެއް…؟” ރާނިޔާ އެހިއެވެ.
“ޕާޓް ޓައިމް ޖޮބެއް ހޯދީ” އާދައިގެ ގޮތަކަށް ރިޔާން ބުނެލިއެވެ.
“މަންމަގެ ދަރިފުޅު… ނުވެސް ބުނަމެއްނު؟ ވަރަށް ބުރަކޮށް ދޯ ރިޔާން އުޅުނީ؟” ރާނިޔާއަށް އަނެއްކާވެސް ރޮވުނީ، ކިޔަވަމުން ވަޒީފާއަށް ދަމުން ރިޔާން އުޅޭނެ ބުރަކަން ހިތަށް އެރުމުންނެވެ.
“ނޫން މަންމާ، އެހާ ބުރައެއް ނޫން. ފަހު ދެ އަހަރުވެސް ކޮލެޖަށް ދާން ޖެހެނީ ވަރަށް މަދުން، ގިނައިން އޮންނަނީ އެސައިންމެންޓްތައް ހަދަން. ޖޮބްވެސް އެހާ ބުރައެއް ނޫން، ކޮލެޖްގަ ކިޔަވައިދޭ ޕްރޮފެސަރއެއްގެ ކައިރީ އުޅުނީ. ސެލެރީވެސް ރަނގަޅު، މަންމަ ކައިރިން ދަސްކޮށްގެން ސޭވްވެސް ކުރިން” މަންމަގެ ހިތްހަމަޖައްސައިދެމުން ރިޔާން މަންމަ ގައިގައި ބައްދާލިއެވެ.
ރާނިޔާ ހަމައަކަށް އެޅުމުން ރިޔާން ވޮލެޓް ހުޅުވާ އެހާތަނަށް ރައްކާ ކުރެވުނު ފައިސާ ރާނިޔާ އަތަށް ދިނެވެ.
“ތީ ދަރިފުޅުގެ މަސައްކަތުން ހޯދި ފައިސާ، ތި ބަހައްޓާ ދަރިފުޅު އަތުގަ، މަންމައަށް ނުދިނަސް އެންމެ ރަނގަޅު” ރާނިޔާ އަތުގައި ހުރި ފައިސާ އަލުން ރިޔާން އަތަށް ދިނެވެ.
“އަހަރެން މަސައްކަތް ކުރީ މަންމައަށް ލުއި ކޮށްދޭން. މީ އަހަރެން ބޭނުން ކޮށްފަ ސޭވް ކުރި ލާރި. މީ މަންމައަށް” ރިޔާން އެދުނީ ރާނިޔާ އެ ފައިސާގައި ހިފުމަށެވެ. ނަމަވެސް ރާނިޔާ އެ ގޮތަކަށް އެއްބަހެއް ނުވިއެވެ. ރިޔާން ކުރުނުކުރުމުން ރާނިޔާ ހިފީ އެ ފައިސާއިން އެއްބައިގައެވެ.
“މީ ރީވާއަށް. ދެން އެއްފަހަރާ ހުސްކޮށްލާނީއެއް ނޫން. ޓްރީޓް ޔޯރސެލްފް، އެންޑް ސޭވް ދަ ރެސްޓް” އަތުގައި ހުރި ފައިސާއިން ރީވާއަށް ބައެއް ދެމުން ރިޔާން ބުންޏެވެ.
ރިޔާންއާ އެކު އެރޭގެ ކެއުމުގައި ހުރިހާ އެންމެން ބައިވެރިވިއެވެ. އެރޭ އެކި ވާހަކައިގައި އެންމެން ވަރަށް ލަސްވަންދެން ތިއްބެވެ. އަހަރުތަކަކަށް ފަހު އެ ގޭތެރޭގައި އަޑުގަދަވެފައި ވިއެވެ. އާރިޝްއާ ޔަޒްދާންގެ އިތުރުން ނާބިތުއާ ސަލަފް އައިސް ކާން ތިބި އިރު ރިޔާންއާ ދިމާ ނުވެ ދިޔަ ދެ އަހަރު ތެރޭ ވީ ހުރިހާ ކަމެއްގެ ވާހަކަ އެކުވެރިންގެ މެދުގައި ދެކެވެމުން ދިޔައެވެ. ދޭތެރެއަކުން ނާބިތުއާ ދިމާކޮށްލުމަށް ކޮންމެވެސް އެކަކު އެއްޗެއް ބުނެލައެވެ.
ސްކޫލް ދައުރުން ފެށިގެން އެކުގައި އުޅެމުން އައި އެ އެންމެންނަކީވެސް ތަފާތު ބައެކެވެ. ޔަޒްދާންއާ ސްކޫލުން ދިމާ ވުމުގެ ކުރިންވެސް ރިޔާންއާ ޔަޒްދާންއަކީ އަވައްޓެރިންނެވެ. ރާނިޔާއާ ތަސްލީމާއަކީވެސް ރިޔާންމެން ހަނދާން ހުންނަން ފެށީއްސުރެ ރައްޓެހިންނެވެ. ދެން ތިބި އެންމެންވެސް ދިމާވީ ސްކޫލުންނެވެ.
އެ ގްރޫޕް އެންމެންގެ ތެރެއިން އެންމެ އިސްކޮޅުން ދިގު މީހަކީ ރިޔާންއެވެ. ރިލްވާންއާ ރާނިޔާގެ ފަރާތުން ދިގު އިސްކޮޅު ރިޔާންއަށް ވާރުތައިން ލިބިފައިވެއެވެ. އިސްތަށިގަނޑާ ތުނބުޅި ކުރުކޮށް ބަހައްޓާފައި ހުރި އިރު ރިޔާންގެ ސިފަ ރިލްވާންއާ ވައްތަރު ކަމުގައި އެންމެންވެސް ފާހަގަ ކުރެއެވެ. އެ އެންމެންގެ ތެރެއިން ކެއުމަށް އެންމެ ފޯރި ހުންނަ މީހަކީ ރިޔާންއެވެ. ހަމަ އެއާއެކު އެންމެ ހަށިގަނޑަށް ބަލައިގެން އުޅޭ މީހަކީވެސް ރިޔާންއެވެ. އާރިޝް ފަދައިން ޖިމްއަށް ދިޔުމުގެ ބަދަލުގައި ފިޓްކޮށް ހުރުމަށް ރިޔާން ޚިޔާރު ކުރީ ދުވުމެވެ. ފޫހި ފިލުވުމަށްވެސް ދުވުމަށް ވުރެ ރަނގަޅު ކަމެއް ނެތް ކަމުގައި ރިޔާން އަބަދުވެސް ބުނާނެއެވެ. ފެށުނީއްސުރެވެސް ރިޔާންއަކީ ފީކަޅާ ސަމާސާ ކުރާ ހިތްވާ ޒުވާނެއް ނޫނެވެ. އެ މީހުންގެ ތެރެއިން އެންމެ އިތުބާރު ހިފޭ މީހަކީ ރިޔާން ކަމުގައި ދެން ތިބި އެންމެން ގަބޫލު ކުރެއެވެ.
އާރިޝްއަކީ އެ ގްރޫޕްގެ ލީޑަރއެވެ. ފޫހި ފިލުވުމަށް ކޮންމެވެސް މަޖާ ކަމެއް ރޭވުމުގައި އެންމެ ކުރީގައި ހުންނާނީ އާރިޝްއެވެ. އެ ކަމުގައި އާރިޝްގެ “އެސިސްޓެންޓް” އަކީ ސަލަފްއެވެ. ޝީލާގެ ފަރާތުން އާދަޔާ ޚިލާފް ދޮންކަމެއް ވާރުތައިން އާރިޝްއަށް ލިބިފައިވެއެވެ. ދިގުކޮށް ބަހައްޓާފައި ހުންނަ ތުނބުޅިއާ، ބޮލުގެ ކުރިމަތިން ދިގުކޮށް ފަހަތުން ކުރުކޮށް ކޮށާފައި ހުންނަ އިސްތަށިގަނޑަކީ އަމިއްލަ ނަފްސާ މެދު އާރިޝް އެންމެ ފަޚުރުވެރީވާ ދެ ކަންތަކެވެ. އާރިޝްގެ ބޮލާ ތުނބުޅިއާ ހަމައަށް އަތް ފޯރުމުގެ ހުއްދަ އޮންނަނީ ވަރަށް މަދު މީހަކަށެވެ. ހަމައެއާއެކު ކަސްރަތު ކުރުމަކީ ދިރި ހުރުމަށް ކާނާ ބޭނުން ވާ ފަދައިން އާރިޝްއަށް ބޭނުންވާ ކަމެކެވެ.
އެ މީހުންގެ ތެރެއިން ކުޅިވަރުތަކަށް އެންމެ ފޯރި ހުންނަ މީހަކީ ނާބިތުއެވެ. ގިނަ ކުޅިވަރުތައް ކުޅެން ޝައުގުވެރިކަން ހުރި ނަމަވެސް ނާބިތު އެންމެ ކުރާހިތްވާ ކަމަކީ ފެތުމެވެ. ކޮންމެ ރެއަކު ގަޑިއެއްހާ އިރު ޓްރެކްގައި ހޭދަ ކުރުމަކީ ނާބިތުގެ އާދައެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތުގެ އިތުރުން ނާބިތުއަކީ ކުޑަ ކުދިންނަށް ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރއެކެވެ. ކަސްރަތުގެ ގޮތުގައިވެސް ނާބިތު ކުރާ ކަމަކީ ފެތުމެވެ. ހަމުގެ ކުލަ އަނދިރިވެފައި، މައްޗަށް އަޅާ އޮމާން ކޮށްފައި އޮންނަ އިސްތަށިގަނޑާ، މާ ދިގު ނުކޮށް ހުންނަ ތުނބުޅީގެ ކުލަ ކަޅަށް ވުރެ ބޮޑަށް ރަތްކޮށް ހުންނަނީ މޫދުގައި ނާބިތު ހޭދަ ކުރާ ވަގުތުގެ ސަބަބުންނެވެ. އޭގެ އިތުރުން އެ މީހުންގެ ތެރެއިން އައިނު އަޅާފައި ހުންނަނީވެސް ނާބިތު އެކަންޏެވެ.
ޔަޒްދާންއަކީ އެ އެންމެންނާ ހުރިހާ ގޮތަކުންވެސް ތަފާތު ޒުވާނެކެވެ. މާނައެއް ނެތް ގޮތުގައި އަންހެން ކުދިންނާ ވާހަކަ ދައްކާ ސަމާސާ ކުރުމަކީ ޔަޒްދާން ކުރާ ހިތްވާ ކަމެއް ނޫނެވެ. މިޒާޖު ތަފާތު ވީހެން ޔަޒްދާންގެ ސްޓައިލްވެސް އެ މީހުންނާ ތަފާތެވެ. ކިޔަވާ ނިމުނުތާ ގިނަ ދުވަސްތަކެއް ނުކޮށް އިސްތަށިގަނޑު ދިގު ކުރަން ފެށި ގޮތަށް ތަސްލީމާ އާދޭސް ކޮށްގެންވެސް އެ އިސްތަށިގަނޑު ކޮށާލާކަށް ޔަޒްދާން އެއްބަހެއް ނުވިއެވެ. ބުރަކަށީގެ މެދާ ހަމައަށް ދިގުކޮށްފައި އޮންނަ އިސްތަށިގަނޑު ޔަޒްދާން އަބަދުވެސް ބަހައްޓަނީ ފަހަތަށް އައްސާލާފައި އެހެން ނޫނީ ހުޅިއެއް ޖަހާފައެވެ. ޔަޒްދާންގެ ތުނބުޅިވެސް ހުންނަނީ ދިގުކޮށެވެ. ނަމަވެސް އަބަދުވެސް ތުނބުޅި ކޮށާ ރީތިކޮށް ބަލަހައްޓައެވެ.
ސަލަފްއަކީ އެ އެންމެންގެ ތެރެއިން އެންމެ ސަމާސާ ބޮޑު މީހާއެވެ. ކިތަންމެ ސީރިއަސް ކަމެއްގެ ވާހަކަ ދައްކާ ވަގުތެއްގައިވެސް ސަލަފްގެ ފަރާތުން ފުރަތަމަ ފެންނާނީ ސަމާސާއެވެ. ސަލަފްއާ ދިމާކުރުމަށް، އުމުރުން އެ މީހުންނާ އެއްވަރު ވި ނަމަވެސް ސަލަފްގެ ސިކުނޑި އަދި އުމުރަށް ވުރެ ޅަ ކަމުގައި ޔަޒްދާން އަބަދުވެސް ކިޔައެވެ. ސިފައަށް ބެލިޔަސް އެ އެންމެންނަށް ވުރެ ސަލަފް ހަގު ކަމުގައި މީހުންނަށް ހީވެއެވެ. ކަނދުރާއާ ހަމައަށް ދިގުކޮށް އޮންނަ މުޅިން ފަން ނޫން އިސްތަށިގަނޑާ އެކު ސަލަފް ތުނބުޅި ދިގު ކުރަނީ ޔަޒްދާންއާ ވާދައަށް ކަމުގައި ސަލަފް ބުނެއެވެ. ގިނަ ކަންތަކުގައި ފަރުވާކުޑަ ގޮތެއް ހުރި ނަމަވެސް ކަމެއް ޖެހޭ ވަގުތު ސަލަފްގެ ފަރާތުން ޒިންމާދާރުކަން ފެނެއެވެ. ކިޔަވާ ނިމި ވަޒީފާއަށް ދާން ފެށުމާއެކު އާއިލާއާ ވަކިން ދިރިއުޅޭ ސަލަފްގެ އާއިލާއަކީ އެ އެކުވެރިން ފަދައެވެ. އެ މީހުންނަށް ކަމެއް ދިމާވެއްޖެ ނަމަ އެހީ ވުމަށް އިރުކޮޅަކަށްވެސް ސަލަފް ފަހެއް ނުޖެހޭނެއެވެ.
“ނާބި، އެނގޭތަ؟ މި ރިޔާންއަށް ކޮންމެސް ގޮތެއް ވެއްޖެ. މީނަ ދެ އަހަރު ވަންދެން ކަމެއް ނުކޮށް ހުރެދާނެ ހެން ހީވޭތަ؟” ރިޔާންއާ ދިމާކޮށްލުމަށް އާރިޝް ބުންޏެވެ.
“ނުވާނެ! ރިޔާންއަކަށް ނުވާނެ!” ވަގުތުން ޖަވާބު ދިނީ ސަލަފްއެވެ.
“ނޫނޭ… ވެދާނެ ހަމަ. އިފް ހީ އިޒް އިން ލަވް” ރިޔާންއާ އެއްކޮޅަށް ނާބިތު އެރިއެވެ.
“ލަވްއޭ އެއީވެސް. އަހަރެން ލޯބިވަނީ އެހެން. ލޯބި ވާތީ ދުރުގަ ނުހުރެވެނީ” އާރިޝް ބުންޏެވެ.
“މޮޔަ ނުގޮވާ އާރިޝް. ލޯބި ވާނަމަ ރެސްޕެކްޓް ކުރާނެ. އެއީ އެހާ އާދައިގެ ކަމަކަށް ނުވާނެ. ޖެހުނު ކޮންމެ މީހަކު ދެކެ ތިހެން ލޯބި ވެވޭތަ؟ އާރިޝްއަށްވެސް އަންހެން ކުއްޖަކު ދެކެ ލޯބި ވެވުނީމަ ތި ވިސްނުން ބަދަލު ވާނެ. އެހެން މީހުންގެ ފީލިންގްސްއަށް މަލާމާތް ނުކޮށް މަޑުން ހުރޭ” ޔަޒްދާންއަށް އާރިޝްގެ ވާހަކަ އެއް ގޮތަކަށްވެސް ކަމަކު ނުދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.








Salaam, dhuvasthakakah fahu aa vaahaka eh mi genesdhevuny, Mi vaahakaves kiyuntherinnah kamudhaane kamah Marsha hykuran