Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 7

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
November 17, 2025 9 Mins Read
14 Comments

އެހެނަސް ހިތުގެ ކަނަކުން ޔާނިއު ދިޔައީ ރައިހާން އާއި ލިވްޔާ ގުޅޭތޯ ދުޢާ ކުރަމުންނެވެ. ނިމްޝާގެ ސަބަބުން ރައިހާންގެ ހިތުގައިވީ ޒަޚަމްތަކުގެ ފަރުވާއަކަށް ލިވްޔާ ފުދޭނެކަން ޔާނިއުއަށް ޔަގީންވެއެވެ. އެހެނަސް ރުހުމުގެ ލޮލަލުން ލިވްޔާއާ ދިމާއަށް ބަލައިވެސްނުލާން ހުވާކޮށްގެން ރައިހާން ހުރި އިރު، އެދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާނެ ގޮތެއް ހޯދުމުގައި ޔާނިއުގެ ތޫނު ސިކުނޑިވެސް މިފަހަރު ވީ ނާކާމިޔާބެވެ.

ޔާނިއުއެކޭ އެއްފަދައިން ލައިނީވެސް ބޭނުންވަނީ ހަމަ އެގޮތެވެ. އޭރުން ޔާނިއުއާ ކައިވެނި ކުރުމަށް ފަހުވެސް ލައިނީގެ ގާތުގައި ލިވްޔާއަށް ހުރެވޭނެއެވެ. އެދެމީހުންނާއި އެކުގައި ބައްޕަވެސް އެގެއަށް ގެނެވޭނެއެވެ. ކައިވެނި ކުރުމަށްފަހު ދެން ވާނޭ ގޮތާއި މެދު އެ ހިތުގައި އޮތް ހާސްކަމަށް ހައްލެއް ވެސް ލިބުނީއެވެ. އެހެނަސް ރައިހާންއާ ގުޅުވައިގެން ލިވްޔާގެ ދުލުން ބަދުބަހެއް ނޫނީ ބޭރު ނުވާ އިރު، އެދެމީހުން ގުޅުވާނެ ގޮތެއް ހޯދުމުގައި ޔާނިއުއެކޭ އެއްފަދައިން ލައިނީ ވެސް ނުކުޅެދުނެވެ.

*** ** ***

ޖެހިގެން އައި ދުވަހުގެ ހެނދުނު “އޭ.އާރް މެމޯރިއަލްސް” އިން ގުޅާފައި ވަޒީފާ ހަމަޖެހުނު ވާހަކަ ބުނުމުން ލިވްޔާ ހީވީ ދުނިޔެ ރަން ވެގެން އުޅުނު ހެންނެވެ. އެހައި އުހުގައި ފިޔަޖަހަމުންދާ މަޝްހޫރު ކުންފުންޏެއްގައި ވަޒީފާ އަދާކުރުމަކީ ކުޑައިރުއްސުރެވެސް ދެކޭ ހުވަފެނަކަށް ވެފައި، މިއަދު އެ ހުވަފެން ސީދާވުމުން ލިވްޔާ ނުހަނު އުފާވިއެވެ. ޖެހިގެން އައި ދުވަހު ވަޒީފާއަށް ނުކުންނަން ބުނުމުން އެދުވަހު އެއްކޮށް ލިވްޔާ އުޅުނީ އެކަމަށް ތައްޔާރުވުމުގައެވެ.

އަނެއްކޮޅުން ރައިހާން ހުރީ ދެން ކޮންމެ ދުވަހަކު ލިވްޔާގެ ސޫރަ ދެކެން ޖެހޭނެތީ ދެވަރުން އެއްވަރު ވެފައެވެ. ލިވްޔާ ކުރިމަތިލި މަގާމުގެ ގޮތުން އޭނާއަށް ނުހަނު ގިނައިން ލިވްޔާއާ ކުރިމަތިލާން ޖެހޭނެކަން ޔަގީނެވެ. އެހެން ހިތަށް އަރުވައިލެވޭ ކޮންމެ ފަހަރަކުވެސް ރައިހާން އަމިއްލަ ނަފްސަށް ވިސްނައިދެނީ މިއީ ބައްޕައަށް ޓަކައި، ކުންފުންޏަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަމިއްލަ ހިތަށް އެގޮތަށް ވިސްނައިދޭން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ލިވްޔާއާއި މެދުގައި އެހިތުގައި ރޯވެފައިވާ ނަފްރަތުގެ ހޫނު އަލިފާންގަނޑު ނިއްވައިލެވޭނެ ގޮތެއް ނޯންނާނެކަން ރައިހާންއަށް އެނގެއެވެ.

އެރޭގެ ކެއުމަށް ފަހު ރައިހާން އޭނާގެ ކޮޓަރިއަށް ދިޔައީ މިއަދަށް ނިންމަން ހުރި ބައެއް މަސައްކަތްތައް އަދިވެސް ނުނިމި ހުރުމުންނެވެ. އެނދުމައްޗަށް އަރާފައި ލެޕްޓޮޕް ހުޅުވައިލަމުން ރައިހާން މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެއްޔެވެ. ހަމައެކަނި ސޯޓެއް ލައިގެން ހުސްގަޔާ އިން އިރު އެ ފިރިހެންވަންތަ ހަށިގަނޑުގެ ރީތިކަން ވަނީ ހާމައަށެވެ. ފުޅާ ބާމަތިން ފެށިގެން އެ ވަރުގަދަ އަތުގެ މުލައްދަނޑިއާއި، ބަނޑުގައި ގޮޅިގޮޅިއަށް އެތުރިފައި ހުރި މަސްތަކުން ރައިހާންގެ ފިރިހެންވަންތަކަށް އިންތިހާއެވެ.

އިރުކޮޅަކު ލެޕްޓޮޕް ހިފައިގެން އިނދެއިނދެފައި ރައިހާން ލެޕްޓޮޕް ލައްޕައިލަމުން އެނދުން ތެދުވިއެވެ. ލައިގެން ހުރި ސޯޓުގެ ޖީބަށް އަތްޖަހައިލަމުން ރައިހާން ގޮސް ހުއްޓުނީ ޑްރެސިންޓޭބަލް ކައިރީގައެވެ. އިރުކޮޅަކު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެފައި ރައިހާން ޑްރެސިންޓޭބަލްގެ ވަތްގަނޑު ހުޅުވައިލަމުން އޭގެތެރެއިން ނެގީ ފޮޓޯގަނޑެކެވެ. އެ ފޮޓޯގަނޑަށް ފުން ނަޒަރެއް ދެމުން ރައިހާން ފުން ނޭވާއެއް ދޫކޮށްލި އިރު އެ ތޫނު ދެލޮލުގައިވީ އަސަރުތައް ފުންވެލައިފިއެވެ.

“ނިމް.. އައި މިސް ޔޫ..” ފޮޓޯގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރެ ރައިހާން އެހެން ބުނެލި އިރު އެ އަޑު ކުރެހިއްޖެއެވެ. ފޮޓޯގަނޑުގައި އިން އަންހެން ކުއްޖާގެ ތުންފަތްމަތީގައިވީ އެންމެ ރީތި ހިނިތުންވުމުން ރައިހާންގެ ހިތަށް މިފަހަރު ގޯނާވެއްޖެއެވެ. ކޮނޑާ ހަމައަށް އަރާ އެ ފަށުވިކޮޅެއް ފަދަ ފަން އިސްތަށިގަނޑާއި، ދޮން މޫނުމަތީގައިވީ އަސަރުތަކުން ރައިހާންގެ ހަމަހިމޭންވެފައިވާ ހިއްސުތަކަށް ދިރުން ގެނުވައިދިން ކަހަލައެވެ.

“ނިިމް.. ކީއްވެ އަހަންނަށް އެހެން ހެދީ..؟ އަހަރެން ނިމްއަށް އެންމެ ބޭނުންވި ދުވަހު.. ކީއްވެ އަހަރެން ދޫކޮށްލާފަ ދިޔައީ..؟ ނިމް ދެކެ އަހަރެން ވާ ލޯބި ނިމްއަށް ނޭނގެނީތަ..؟” ފޮޓޯއަށް ނަޒަރު ހުއްޓާލައިގެން ހުރެ ރައިހާން އެ ހިތުގައިވީ ޝަކުވާތައް ބޭރުކޮށްލީ، އެ އުދާސްތައް އަޑުއަހާނޭ ފަރާތެއް ނެތްކަން އެނގިހުރެއެވެ.

“އަހަންނަށް ދުވަހަކުވެސް ނިމް ދެކެ ރުޅިއެއް ނާދެވޭނެ.. އަހަރެން ހާދަ މަސައްކަތެއް ކުރީމޭ.. ނިމް އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތުން ނިމްއަށް ހައްގުވަނީ ހަމައެކަނި އަހަރެންގެ ނަފްރަތާއި ރުޅިކަން އަމިއްލަ ނަފްސަށް ވިސްނައިދޭން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ.. އެކަމަކު އެއަށްވުރެ ބޮޑަށް ނިމް ދެކެ އަހަރެން ލޯބިވޭ.. ދުވަހަކުވެސް ނިމް ނޫން އެހެން ކުއްޖަކު ދެކެ އަހަންނަކަށް ލޯތްބެއް ނުވެވޭނެ.. ޕްލީޒް ނިމް.. އަހަރެން ކައިރިއަށް އެނބުރި އާދޭ.. ނިމްއާ ނުލައި އަހަންނަކަށް ނޫޅެވޭނެ.. އަހަރެން ވަރަށް ލޯބިވޭ..” ފޮޓޯގަނޑުގައި ތުންފަތް ޖައްސައިލަމުން ރައިހާން އެ ހިތުގެ އަޑު އިއްވަމުން ދިޔަ އިރު، ރޮނގަކަށްވާ ގޮތަށް އެ ރީތި ދެލޯ ތެންމައިލަމުން ފޭބި ކަރުނަތައް ފޭދުނީ އެ ފޮޓޯގަނޑުގެ ތެރެއަށެވެ.

އިރުކޮޅެއް ވާންދެން އެގޮތުގައި ހުރުމަށް ފަހު ރައިހާން އެ ފޮޓޯ އޮތް ތަނަށް ލާފައި ވަތްގަނޑު ލައްޕައިލިއެވެ. ކޯތާފަތް މަތީ ނުހިކި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ރައިހާން ފުން ނޭވާއެއް ދޫކޮށްލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށެވެ. ކަރުހިއްކައިގަނެފައި ހުރުމުން ރައިހާން ގޮސް ސައިޑްޓޭބަލް ކައިރީގައި ހުރި ފެންޖަގު ނެގި އިރު ޖަގު ހުސްވެފައި ހުރުމުން ރުޅިގަދަވާ ގޮތް ވިއެވެ. އެހެނަސް އިހުސާސްތައް ކޮންޓްރޯލް ކޮށްލަމުން ރައިހާން ޖަގު ހިފައިގެން ބޭރަށް ނުކުތީ ފެންފޮދެއް ބަލައި ދިޔުމަށެވެ.

ސިޑިން ފައިބައިގެން ގޮސް ބަދިގެއަށް ވަންނަން އުޅުނު ވަގުތު ތިރީގައި ހުރި ކޮޓަރިން ރީނާ އާއި ނާއިފްގެ އަޑު އިވެން ފެށުމާއި އެކު ރައިހާންއަށް ދެލޯ ހަނިކޮށްލެވުނެވެ. އަތުގައި އޮތް ޖަގު ބަދިގެ މޭޒުމަތީގައި ބަހައްޓާފައި ހަލުވި ފިޔަވަޅުތަކެއްގައި ރައިހާން ގޮސް އެ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލިއެވެ.

“އެކަމް ގައިމު ކޮންމެވެސް ކަމެއް ވެގެން ދޯ ނާއިފް އެހައި ދުވަސް ވަންދެން އެތާ މަޑުކުރާނީ.. އަދި އެވެސް އަހަންނަށް އަނގައިވެސް ނުލާ.. ދިޔަފަހުން އަހަންނަށް ގުޅައިލެވުނީކީވެސް ނޫން..” ރީނާގެ އަޑުން އޭނާ ރޮމުން ދިޔަކަން އެނގުމާއި އެކު ރައިހާންއަށް އަތް މުއްކަވައިލެވުނީ ނާއިފް ދެކެ އައި ރުޅިންނެވެ.

“ފާޑުފާޑު ވާހަކަ ނުދައްކާ ހުރޭ ރީނާ.. އަހަރެންގެ އެއްވެސް ކަމަކީ ރީނާ ބެހެން ޖެހޭ ކަމެއް ނޫން!” ނާއިފް ރީނާއާ ދިމާއަށް ހަޅޭލަވައިގަތުމާއި އެކު ރައިހާންގެ ރުޅިގަނޑު ދެގުނަވީ ފަދައެވެ.

“ބެހެން ޖެހޭ ކަމެއް ނޫނޭ..؟ ބަލަ އަހަރެން މީ ނާއިފްގެ އަނބިމީހާއޭ! އަހަރެން ނާއިފްގެ ކަންތަކާ ނުބެހުނިއްޔާ ދެން ކާކު ބެހޭނީ..؟” ރީނާގެ އަޑު ކުރެހިފައިވުމުން ވަރަށް ގަދަޔަށް ރޮއެފައި ހުރިކަން އެނގެއެވެ. ދެން އެ ކޮޓަރިތެރެއިން އިވުނު އަޑާއި އެކު ރައިހާންއަށް ދެލޯ ބޮޑުކޮށްލެވުނު އިރު އިތުރަށް މަޑުން ހުންނަން އެ ހިތް ދެކޮޅު ހެދިއެވެ. އަތަށް ލެވުނުހައި ބާރެއް ލާފައި ކޮޓަރި ދޮރުގައި ތަޅައިގަތް އިރު ބާރުބާރަށް ނާއިފްގެ ނަމުން ރައިހާން ގޮވަމުން ދިޔައެވެ.

ނާއިފް ދޮރު ހުޅުވުމާއި އެކު ރައިހާން ވަގުތުން ނާއިފްގެ ޓީޝާޓުގެ ކަރުވަޅުގައި ހިފާފައި ގެންގޮސް ފާރަށް ޖެހިއެވެ. ރައިހާންގެ އެ ކުއްލި އަމަލުން ސިހުން ލިބިފައި ހުރި ނާއިފްއަށް ބުރަކަށީގެ ކަށިތައް މުގުރައިގެންދާ ފަދަ ދިލަ ތަދެއް އިހުސާސް ކުރެވުމުން ރައިހާންއަށް ބަލައިލީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. އެހެނަސް ނާއިފަށް ވުރެ ކުރިން ރައިހާންގެ ކުރިމައްޗަށް އަރާފައި ރުޅިން ފިއްސައިލާ ފަދަ ހޫނު ނަޒަރެއް ރައިހާންއަށް ދިނީ ރީނާއެވެ.

“ރައިހާން ކިހިނެއް ވެގެންތަ ތި އުޅެނީ؟! ކަމެއްވާ އިރަށް ހަމަ އައިސް ގަޔަށް ބޮލަށް އަރަން ޖެހޭތަ؟!” ރީނާގެ ރުޅިވެރިކަމުން ފުރިގެންވީ ލަފްޒުތައް އޭނާއަށް އަމާޒުވުމުން ރައިހާންއަށް ރީނާގެ ދެލޮލަށް ބަލައިލެވުނީ ގަބޫލު ނުކުރެވިފައި ހުރެއެވެ.

“އަދިވެސް އަހަރެންތަ ގޯސްވީ؟! ބަލަ އޭނައެއް ނޫންތަ ފުރަތަމަ ވެސް ދޮންތަ ގައިގަ އެ ޖެހީ..؟ އެ ނުވޭތަ މައްސަލައަކަށް..؟ ދޮންތަގެ ރައްކާތެރިކަމަށްޓަކައި އަހަރެން އޭނަގެ ގައިގައި އަތް ޖައްސައިލީމަ ދޮންތައަށް ތިވަރު ތިވީ..؟” ހިތްހަމަނުޖެހުނު ވަރުން ރައިހާންގެ އަޑުވެސް ބާރުވިއެވެ. އޭރު އެ ދެބެންގެ ހޫނުވަމުންދާ ޒުވާބު ދެކެން ހުރި ނާއިފްގެ ތުންފަތްމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. އޭނާ ބޭނުންވީ ގޮޮތަށް ރީނާ އެހުރީ މިހާރު އެ މުށުތެރެއަށް ލެވިފައޭ ހިތަށް އެރުމުން ނާއިފަށް ލިބުނީ ހިތްހަމަޖެހުމެކެވެ.

“އަހަރެންގެ ކަންތަކާ ރައިހާން ނުބެހި ހުރެބަލަ! އިނދެގެން އުޅެންޏާ މައްސަލަ ވެސް ޖެހޭނެ.. ޒުވާބު ވެސް ކުރާނެ.. އެކަމަކު އޭގެ މާނައެއް ނޫން އަޑެއް އިވިލާ އިރަށް ރައިހާން އައިސް އަހަރެންގެ ފިރިމީހާގެ ގައިގަ ތަޅައިގަންނާށެކޭ!” ރީނާގެ އަޑު ރައިހާންއަށްވުރެ ވެސް ބާރުވިއެވެ. ރީނާާ އެގޮތަށް އޭނައާ ދިމާއަށް ބާރަށް އެއްޗެއް ބުނުމުން ރައިހާންގެ ޠަބީޢަތު ބަދަލުވީ ކުއްލިއަކަށެވެ. އެ މޫނުމަތީގައި ހިތާމައިގެ ސާލެއް އޮޅިގެން ދިޔަ އިރު ވަގުތުން އިސްދަށަށް ޖަހައިލިއެވެ.

“އަހަރެން ދޮންތަގެ ދިފާއުގަ ތެދުވަނީ ދޮންތަ ރައްކާތެރި ކުރުމަކީ އަހަރެންގެ ޒިންމާއެއް ކަމުގަ އަހަރެން ދެކޭތީ.. ޑޭޑް އަބަދުވެސް ބުނުއްވާނެ ރެން ބޮޑުވެގެން ދޮންތަ ޕްރޮޓެކްޓް ކޮށްދޭން ވާނެޔޭ.. އަހަރެން މި ފުރިހަމަ ކޮށްދެނީ ޑޭޑްގެ ވަސިއްޔަތް.. ދުނިޔޭގަ ވާ އެހެން ހުރިހައި އެއްޗަކަށްވުރެ ބޮޑަށް ދޮންތަގެ އުފަލާ ރައްކާތެރިކަން އަހަންނަށް މުހިއްމު.. އެހެންވެ އަހަރެން މިގޮތަށް ކަންތައް ކުރަނީ.. އެކަމަކު ދޮންތަ އެގޮތަށް ނުދެކެންޏާ އަހަރެން ވެސް ދޮންތަ ތިބުނި ގޮތަށް ދެން ދޮންތަގެ އެއްވެސް ކަމަކާ ނުބެހޭނަން..” ރައިހާންގެ އަޑުގައި އެކުލެވިގެން ދިޔަ މަޑުމޮޅިކަމާއި އެކު ރީނާގެ ހިތަށް ވެސް އަސަރު ކުރިއެވެ. ހުރި ހަމައެކަނި ކޮއްކޮ ދެރަވާ ފަދަ ބަހެއް މިނޫނީ އޭނާ އަދި ނުބުނެއެވެ. އޭނާ ދެކެ ރައިހާން ވާ ލޯބި އެނގިހުރެވެސް އޭގެ ބަދަލު އޭނާ ކޮއްކޮއަށް މި ދެނީ އޭގެ އެންމެ ހިތި ގޮތުގައެވެ.

މައާފަށް އެދެން ބޭނުންވި ނަމަވެސް ރައިހާން އެ ކޮޓަރިން ނުކުމެގެން ދިޔުމާއިއެކު ރީނާގެ ދެލޮލުގައި ގައިދުވެފައިވާ ކަރުނަތައް އެސްފިޔަތައް ފޫއަޅުވައިލާފައި ކޯތާފަތް މައްޗަށް ފައިބައިގަތެވެ. އިސްޖަހައިލަމުން ތުންފަތުގައި ދަތްއަޅައިލިލެއް ބާރު ކަމުން ރީނާގެ ތުންފަތަށް ލޭކުލަ ފާއްދައިލިއެވެ. އެވަގުތު ނާއިފް އައިސް ރީނާގެ ކޮނޑުގައި ހިފައި އޭނާއާ ދިމާއަށް އަނބުރައިލުމުން ރީނާއަށް އިސްއުފުލާ ނާއިފްގެ މޫނަށް ބަލައިލެވުނެވެ.

“އައިމް ސޮރީ ރީން.. ވަރަށް ތަދުވޭތަ..؟” ނާއިފް ދެންމެ ރީނާގެ ކޯމަތީގައި ޖެހިތަން ރަތްވެފައި ހުރުމުން ނާއިފް އަހައިލިއެވެ. އެ ސުވާލަށް ޖަވާބެއް ނުދީ ރީނާ އަނެއްކައިވެސް އިސްޖަހައިލި އިރު އެ ތުންފަތް ފޫއަޅުވައިލާފައި ގިސްލުމުގެ އަޑު ބޭރުވާން ފަށައިފިއެވެ. މިވަގުތު ނާއިފްގެ ފަރާތުން އެ ލޯތްބާއި އޯގާތެރިކަން އިހުސާސް ކުރެވުނު ނަމަވެސް މާދަމާގެ އިރު އަރާނީ އަނެއްކާވެސް ކޮންމެވެސް އަނިޔާއަކުންކަން ޔަގީންވާތީ ރީނާ ނާއިފްގެ ކިބައިން އިތުރު ކަމަކަށް އުއްމީދެއް ނުކުރެއެވެ. ލޯބިވާތީ އެކުގައި އުޅުނު ނަމަވެސް އެ ގުޅުމުގައި އެއްވެސް މާނައެއް ނުވާކަން ޚުދު ރީނާއަށް ވެސް އެނގެއެވެ. އެހެނަސް، ލޯބިވާތީ ދުރުވާން ނުކެރެނީއެވެ. ތުއްތުތުއްތު ރިއާއަށް ޓަކައި އެކުގައި ވާން ބޭނުންވަނީއެވެ.

ކޮޓަރިއަށް ވަން ރައިހާން އަތުގައި ހުރި ބާރެއްލާފައި ދޮރު ޖަހައިލި އިރު އެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ފާރުގައި ހަރުކޮށްފައި ހުރި ލޯބިވާ މަންމައާއި ބައްޕަގެ ފޮޓޯއަށް ނަޒަރު ހުއްޓައިލި އިރު، އެ ދެލޮލުގައި މުތީތަކެއް ފަދައިން ވިދަމުން ދިޔަ ކަރުނަތިކިތައް މިނިވަންވާން މަސައްކަތް ކުރަމުން ދިޔައެވެ.

ފޮޓޯއަށް ނަޒަރު ހުއްޓާލައިގެން ހުރި ރައިހާންގެ ސިކުނޑީގައި ކޮއްޓައިލީ މާ ކުރީގެ ހަނދާނެކެވެ. އޭރު ރައިހާންގެ އުމުރުން ވާނީ އަށް އަހަރެވެ. ރީނާގެ އުމުރުން ވާނީ ތޭރަ އަހަރެވެ. އެއީ އަފާފްގެ ކުޑަކުޑަ އާއިލާ އެކުގައި އެގޭގެ ބަގީޗާ ތެރޭގައި ސައިގެ ވަގުތަށް އިންސާފު ކުރި ދުވަހެކެވެ.

*** “ރެން ވެސް ބަލާބަލަ މިހާރު ބޮޑުވާލެއް އަވަސްކަން.. ދުވަސްކޮޅަކުން ދޮންތިއަށްވުރެ ވެސް ދިގުވާނެ ކަންނޭނގެ..” ރައިހާންގެ އިސްތަށިކޮޅު ހާވައިލަމުން ރީނާ ބުނެލީ ތުންދަމައިލާފައެވެ.

“ރެން ދޮންތިއަށްވުރެ ޓޯލް ވީމަ ރެން ވާނެ ދޮންތި ޕްރޮޓެކްޓް ކޮށްދޭން އިނގޭ.. އޭރުން ރެން ވާނީ ދޮންތިގެ ސުޕަހީރޯއަށް.. އަބަދުވެސް ދިމާވާ ކޮންމެ ކަމަކުންވެސް ދޮންތި ސޭވް ކޮށްދޭން ވާނެ..” ރައިހާންގެ ތުއްތު ސިކުނޑިއަށް ވިސްނޭނެ ފަދައިން އަފާފް ދެއްކި ވާހަކަތައް އަޑު އަހަން ރައިހާން އިނީ ނުހަނު ޝައުގާއެކީއެވެ.

“ޔެސް ޑޭޑް.. ރެން ބޮޑުވީމަ ދޮންތި ޕްރޮޓެކްޓް ކޮށްދޭނީ ރެން.. އެއީ މިހާރު ރެން ކުޑަވީމަ ރެން ޕްރޮޓެކްޓް ކޮށްދެނީ ދޮންތިއެއްނު.. ސޯ ރެން ބޮޑުވީމަ ރެން ވާނީ ދޮންތިގެ ޕްރޮޓެކްޓަރ އަށް..” ވިސްނޭ ބޮޑުމީހެއް ފަދައިން ރައިހާން ބުނެލި ވާހަކައިން އެތަނުގައި ތިބި އެންމެން ކައިރިއަށް ވެސް ހިނި އައެވެ.

“މަންމިގެ ދަރިފުޅަށް ހާދަ ވިސްނެޔޭ މާޝާﷲ..” ރައިހާންގެ ކުޑަކުޑަ ހަށިގަނޑުގައި ބައްދައިލާފައި އެ ފުށްކޮޅެއް ފަދަ ލޯބިލޯބި ކޮލަށް ދޮނެއް ދެމުން ރާއިދާ ބުނެލިއެވެ. ***

ކުޑައިރުގެ އެ ފޮނިފޮނި ހަނދާންތައް އައުވުމާއި އެކު ރައިހާންގެ ދެލޮލުން ކަރުނަގަނޑު އޮހިގަތީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ލޯބިވާ މަންމަ އާއި ބައްޕަ ވަކިވެގެން ދިޔައީ އޭނާގެ ހުރިހައި އުފާތަކަކާ ވެސް އެކީއެވެ. އެދެމީހުން ވަކިވުމާއި އެކު އުފާވެރިކަން ވެސް ރައިހާންގެ ހަޔާތާ އަލްވަދާޢުކީ ފަދައެވެ. އެންމެ ލޯބިވާ ދޮންތަ ވެސް އޭނަޔާ ދުރުވެ، ފުރާނަ ފަދައިން ލޯބިވީ ނިމްޝާ ވެސް ގެއްލުނީއެވެ. މައިންބަފައިންގެ ވަކިވުމަށް ފަހު ރައިހާންގެ ހަށިގަނޑާއި ފުރާނަވެސް ދެތަންވި ފަދައެވެ.

“މަންމާ.. ޑޭޑް.. އައި މިސް ޔޫ ސޯ މަޗް.. ކީއްވެ އަހަރެން އެކަނިކޮށްލާފަ ތި ދިޔައީ..؟ މަންމަމެން ނެތީމަ މިހާރު އަހަރެންގެ އެކަކުވެސް ނެތް.. އަހަރެން ހާދަ އެކަނިވެޔޭ..” ގިސްލަމުން ދެކަކޫ މައްޗަށް ތިރިވި އިރު ރައިހާންގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެގޮތުގައި އެތައް އިރެއް ވާންދެން އިން އިރުވެސް ރައިހާންގެ ހިތަށް ތަސައްލީއެއް ނުލިބޭކަން ރަމްޒުކޮށްދެނީ އެ ދެލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނައެވެ.

*** ** ***

ހެނދުނުވީކަން އަންގަމުން އެރި އިރުގެ ރަން ދޯދިތަކާއެކު ލިވްޔާ ހޭލައިގެން ތައްޔާރުވަމުން ދިޔައީ އޮފީހަށް ދިޔުމަށެވެ. މިއަދަކީ ލިިވްޔާ އޮފީހަށް ދާ ފުރަތަމަ ދުވަސް ކަމުން ލައިނީ ސްކޫލުން ސަލާމް ބުނެފައި ފަތިހު ހޭލައިގެން ލިވްޔާއަށް އެންމެ މީރު ކާތަކެތި ތައްޔާރު ކުރުމުގައި އުޅުނީ އަވަދިނެތިއެވެ. ލައިނީގެ ކޮންމެ އަމަލަކުން ވެސް ދައްކުވައިދެމުން ދިޔައީ ހުރި ހަމައެކަނި ކޮއްކޮ ދެކެ އޭނާ ވާ މާތް، މަތިވެރި ލޯތްބެވެ.

އޮފީހަށް ދާން ތައްޔާރުވެގެން ނުކުތް ލިވްޔާއަށް މޭޒުމަތީގައި އަތުރައިލާފައި ހުރި ކާތަކެތި ފެނުމުން ނިކަން ފުޅާކޮށް ހިނިތުންވެލިއެވެ. ބަރަބޯ މަސްހުންޏާ ހުނި ރޮށި ހަދާފައި ހުރި އިރު މަސްދަޅުގައި ސޭންޑްވިޗް ވެސް ހަދާފައި ހުއްޓެވެ. އާވި އަރަ އަރައި ހުރި ކަޅު ސައިތައްޓެއް ވެސް ގިރާފައި ހުރި އިރު ލިވްޔާ ކުޅުދިޔާވަރު ވިއެވެ.

“އަޅޭ ކުޑާ.. ތެންކްޔޫ ސޯ މަޗް.. މިއަދު އަހަރެންގެ ފޭވަރިޓް ބްރެކްފާސްޓް ދޯ ތި ހެދީ..” ދިޔަ ގޮތަށް ގޮސް ލައިނީގެ ގައިގައި އޮޅުލައިގަންނަމުން ލިވްޔާ ބުނެލީ އުފަލުން ފޮޅިފައި ހުރެއެވެ.

“ލިވީގެ ފަރސްޓް ޑޭ އޮފް ވޯރކްއެއްނު.. ރަނގަޅަށް ސައިބޮއެގެން ދާންވާނީ އިނގޭ.. އަވަހަށް އިށީނދޭ ސައިބޯން.. ކުޑާ ހުންނާނެ ލަންޗް ބޮކްސް ވެސް ރެޑީކޮށްފަ.. އޭތި ހިފައިގެން ދައްޗޭ އިނގޭ..” ލިވްޔާގެ ކޮލުގައި ފިރުމައިލަމުން ލައިނީ ބުނެލި އިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.

ދެބެން އެކުގައި ނާސްތާ ކުރި އިރު ލައިނީ ދިޔައީ ލިވްޔާއަށް އެތައް ނަސޭހަތެއް ދެމުންނެވެ. އެއިން ކޮންމެ ވާހަކައެއް ވެސް ލިވްޔާ އަޑު އަހަމުން ދިޔައީ އެގޮތަށް އަމަލު ކުރުމަށް ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ.

ސައިބޮއެ ނިމިގެން ލިވްޔާ ބޭރަށް ނުކުތް އިރު މަގުމަތީގައި އެހައި ބާރުބޮޑެއް ނޫނެވެ. އެހެންކަމުން ނުހަނު ފަސޭހައިން އަތުޖެހުނު ޓެކްސީއަކަށް އަރައިގެން ލިވްޔާއަށް ކޮމްޕެނީއަށް ދެވުނު އިރު ގަޑިން ހަތްގަޑި ފަންސާސް ވީއެވެ. ގަޑި ނުޖެހި އާދެވުނީތީ ހިތްހަމަޖެހި ހުރެގެން ލިވްޔާ ކޮމްޕެނީ ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު މަރުހަބާ ކީ ޔާނިއުއެވެ.

“ވެލްކަމް ލިވީ.. ކުޑާ ގުޅާފަ ބުނެފިއޭ ލިވީ ގޮއްސިއްޔޭ.. އެހެންވެ ޔާންބެ މި ނުކުތީ..” ލިވްޔާއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ޔާނިއު ބުނެލިއެވެ.

“އަޅޭ.. ޔާންބެ ހާދަ ރަނގަޅޭ.. އިނގޭތަ ކުޑާ ވެސް މިއަދު ލިވީގެ ފަރސްޓް ޑޭ ވީމަ ސްކޫލަށް ވެސް ނުދޭ.. ހުއްޓޭ ސައި ހަދައިލާފަ..” ލިވްޔާ ލައިނީގެ ވާހަކަތައް ދައްކަމުން ދިޔަ އިރު ޔާނިއުގެ ތުންފަތް މަތީގައިވީ ހިނިތުންވުން އިތުރަށް ފުންވެލައިފިއެވެ. ދެމީހުން އެކިއެކި ވާހަކަ ދައްކަމުން ލިފްޓަށް އަރާފައި ގޮސް އެރީ ބާރަ ވަނަ ބުރިއަށެވެ. އޭގެ މަތީ ދެބުރި އަދިވެސް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އެތަން ވަނީ ބަންދުކޮށްފައެވެ.

“މިއީ ލިވީގެ ކެބިން.. މިތާ ކުރިމަތީގަ ހުންނާނެ ޔާންބެގެ ކެބިން.. ދެން ލިވީގެ ކެބިންއާ ޖެހިގެން މިހުރީ-” ލިވްޔާގެ ކެބިން ދައްކައިލަމުން ޔާނިއު ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުނީ ފަހަތުން އިވުނު އަޑަކުންނެވެ.

“ޔާން މިހާރު އޮފީސްތެރޭ ސިއްރުން އަންހެން ކުދިން ގެންގުޅެން ވެސް ފެށީތަ..؟ އަހަރެން މި ގުޅަނީ ފަހަރިއަށް.. ހުރެބަލަ މިފަހަރު-” ޔާނިއުގެ ފަހަތުން ވާހަކަ ދެއްކި ރައިހާންގެ ލާނެތް ސަމާސާ މެދުކެނޑުނީ ޔާނިއުގެ ކައިރީގައި ހުރި ލިވްޔާ ފަސްއެނބުރި ބަލައިލުމުންނެވެ. އެއާއެކު އެ މޫނުމަތީގައިވީ ލާނެތް ހިނތުންވުން ފަނޑުވެގެން ދިޔަ އިރު، އެ މޫނުމަތީގައި ރަސްކަން ކުރަން ފެށީ ފޫހިކަމާއި ރުޅިވެރިކަމެވެ.

“އެއްކަލަ ސްޕީޑް ދަޅު ދޯ މި އުޅެނީ..؟” ލިވްޔާއަށް ޖެއްސުމަށް ރައިހާން ބުނެލި ވާހަކައިން ލިވްޔާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

“އޭ ޔޫ ފޮނިބޮޑާ ފިރިހެނާ! އަހަންނަށް ފާޑުފާޑު ނަންނަމުން ނުގޮވާ އިނގޭ!” ރައިހާންގެ މޫނުމަތީގައި  ޝަހާދަތް އިނގިލި ހޫރައިލަމުން ލިވްޔާ ބުނެލީ ރުޅިއައިސް ހުރެއެވެ.

“ދެން ތިކުއްޖާ އަހަންނާ ދިމާއަށް ފާޑުފާޑު ނަންނަމުން ގޮވާ އިރު ހަމަ އެއްވެސް މައްސަލައެއް ނޫން ދޯ..؟ އަހަރެން އެއްޗެކޭ ބުނީމަ ގޯސްވަނީ!” ރައިހާން ވެސް ވަކި ދޫކުރާކަށް ގަސްތެއް ނުކުރިއެވެ.

“އާނ އާނ ދެން އޯކޭ! ދެން ނިންމައިލާ ދެމީހުން ވެސް.. އޮފީހުގަ ތި ސަކަރާތް ޖަހަންޏާ ދެމީހުން ކުރެ އެކަކުވެސް އޮފީހަށް ނައިސް ގޭގަ ތިބޭ!” ލިވްޔާ އާއި ރައިހާންގެ ފަރާތުން އޮފީސްތެރޭގައި އެކަހަލަ ކަމެއް ވެގެން މީހުންގެ ފާޑުކިޔުން އަމާޒުވާން ނޭދޭތީ ޔާނިއު ބުނެލީ ތަންކޮޅެއް ހަރުކަށިކޮށެވެ.

“އެކަމަކު ޔާންބޭ.. އޭނައޭ ފުރަތަމަ ފެށީ!” ލިވްޔާ ކުސްތަޅައިލުމާއެކު ރައިހާން އަނގަޔަށް ގޮތެއް ހަދައިލިއެވެ.

“އޭނަ ފެށީމަ އޭގެ މާނަ އަކީ ލިވީ ނިންމާށޭތަ..؟ ދެމީހުން ވެސް އޮފީސް ގަޑީގަ ރީތިކޮށް ތިބޭތި.. ތިކަހަލަ ސަކަރާތް ޖަހަންޏާ ކޮމްޕެނީ އެންމެން ވެސް ތިދެމީހުންގެ އަންޕްރޮފެޝަނަލް ކަމުގެ ވާހަކަ ދައްކާނެ.. އެހެންނޫނަސް ދެމީހުން އެކުގައި މަސައްކަތް ކުރަން ޖެހޭ އިރު ދެމީހުން އެއްކޮށް ގުޅިގެން އުޅެގެން ޕްރޮފިޓް ހޯދޭނީ ވެސް.. ތި ޖަހާ ސަކަރާތެއް ދެމީހުން ޖަހާނީ މީހުން ނެތް ތަންތާ އެހެން ނޫނީ ކޮމްޕެނީން ބޭރުގަ.. ސާފުވެއްޖެ..؟” ޔާނިއުގެ ވާހަކަތަކަށް ލިވްޔާ އާއި ރައިހާން އެކުގައި ބޯޖަހައިލި އިރު ދެމީހުންގެ ނަޒަރު ވެސް ވަނީ ޔާނިއުއަށް އަމާޒުވެފައެވެ.

“އޯކޭ.. ލިވީ.. ލިވީގެ ބޮސް އަކީ ރެން.. ރެންގެ ކެބިން މިހުރީ ލިވީގެ ކެބިންއާ ޖެހިގެން.. މިއަދު ރެންއާ އެކީ ކުޑަކޮށް ކޮމްޕެނީގެ ކަންތައްތައް ހިނގާ ގޮތް ދަސްކޮށްލާ.. ލިވީ މަސައްކަތް ކުރަން ފަށާނީ މާދަމާ..” ޔާނިއު އޭނާގެ ބޮސް އަކީ ރައިހާންއޭ ބުނުމުން ލިވްޔާއަށް ދެލޯ ބޮޑުކޮށްލަމުން ރައިހާންއަށް ބަލައިލެވުނެވެ. އޭރު ރައިހާންގެ ތުންފަތް މަތީގައިވީ ވިހަ ހިނިތުންވުމުން ލިވްޔާއަށް ދަތްކުނޑިވިކައިލެވުނެވެ. ރައިހާންއަށް އެ އޮތީ އޭނާއަށް އުނދަގޫކޮށް، ބަދަލު ހިފަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ދެން އޭނާ ހަމަޖެހިލައިގެން މަސައްކަތް ކުރާނެ ގޮތެއް ވެސް ނޭނގެއެވެ.

“ލިވީ ގުޑްލަކް އިނގޭ.. ޔާންބެ މި ދަނީ.. ކަމެއް ދިމާވެއްޖެއްޔާ ޔާންބެއަށް ގޮވައިލާ އިނގޭ.. އައިލް ބީ އިން މައި ކެބިން.. ދެމީހުން ވެސް އަހަރެން ބުނި ވާހަކަ ހަނދާން ކުރައްޗޭ..” ލިވްޔާގެ ބޮލުގައި ފިރުމައިލާފައި ހިނިތުންވަމުން ޔާނިއު ބުނެލުމާއި އެކު ލިވްޔާ ވެސް ހިނިތުންވެލާފައި ބޯޖަހައިލިއެވެ.

ޔާނިއު ގޮސް އޭނާގެ ކެބިންއަށް ވަނުމާއި އެކު ލިވްޔާ ރައިހާންއަށް ބަލައިލުމެއް ވެސް ނެތި އޭނާގެ ކެބިން ތެރެއަށް ވަނުމުން ރައިހާން ދެލޯ ހަނިކޮށްލިއެވެ. އެހެނަސް ޗޮކެއް ކަނޑައިލަމުން ރައިހާން ވެސް އޭނާގެ އަމިއްލަ ކެބިންއަށް ވަދެފައި މޭޒު ކައިރީގައި އިށީނެވެ. އިށީނދެ ހަމަޖެހިލާފައި ރައިހާން އިސްއުފުލައި ބަލައިލުމާއި އެކު ކުރިމަތީގައި ހުރި ކެބިންގައި އިން ލިވްޔާ ފެނިފައި އެ ނިތަށް ރޫތައް ގިނަވެލައިފިއެވެ. ދެ ކެބިން ވަކިކުރަން ޖަހާފައި ހުރި ބިއްލޫރިގަނޑުގެ ފުރަގަހުގައި ހިނގާ ހުރިހައި ކަމެއް ވެސް ދެ ކެބިންގައި ތިބޭ މީހުންނަށް ފެންނާނެއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ލިވްޔާ އޭނާއަށް ޚާއްސަކުރެވިފައިވާ މޭޒުދޮޮށުގައި އިށީނދެފައި އިސްއުފުލައިލި އިރު ރައިހާން ފެނުމުން ކުޑަކޮށް ސިހުނެވެ. ރައިހާންގެ ކެބިންއާ އޭނާގެ ކެބިން ވަކިކުރަން ޖަހާފައިވީ ސާފު ބިއްލޫރިގަނޑު އޭނާގެ ލޮލުގައި އަޅައިގަތީ އަދި ކިރިޔާއެވެ. ދެމީހުންގެ މޭޒު ވެސް ހުރީ ދެމީހުން ދެމީހުންނާ މޫނު ދިމާވާ ގޮތަށް ކަމުން ދެމީހުންގެ ނަޒަރު ވެސް ވަނީ ދިމާވެފައެވެ. އެގޮތުގައި އިރުކޮޅަކު ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ތިބުމަށް ފަހު ދެން ފެނުނީ ރުޅިން ފިއްސައިލާ ވަރުގެ ނަޒަރެއް އެކަކު އަނެކަކަށް ހަދިޔާކޮށްލި މަންޒަރެވެ.

 

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ތި ހަނދާނުން ހަވަނަ ބައި ( ބައްޕަ ކައިރީ ނެތުމުގެ ފަޅުކަން)

Next

ނޭދެން ވަކިވާކަށް

Next
November 17, 2025

ނޭދެން ވަކިވާކަށް

Previews
November 17, 2025

ތި ހަނދާނުން ހަވަނަ ބައި ( ބައްޕަ ކައިރީ ނެތުމުގެ ފަޅުކަން)

14 Comments!

  1. Shiu says:
    November 17, 2025 at 1:11 pm

    I have been Waiting for this Since yesterday.
    As usual, Mi part vx varah Reethi Masha Allah 😊
    I’m feeling Sooo bad for Ren, 😭 Reena vx dhn ren bunaa goiyy hadhaafa, Naaif aaa vaki vaan vee ennun.
    Lainy is such a great sister 🥰
    “Speed dhalhu” 🤣 Lol 😂 Haadha majaley dhw Livy and Ren.
    When next ?? Curiously waiting for the next part.
    Lysm Nayu 💗

    1. Nayaa Nayaa says:
      November 17, 2025 at 5:47 pm

      aww thank you shiu.. varah loabi loabi comment eh mee.. varah ufaa vejje🥹💕

      next part Wednesday ga In Sha Allah

      lym dhooni

  2. ~Ellly~ says:
    November 17, 2025 at 1:36 pm

    Nayuu this episode ATE hama as usual!!!! MA I can’t wait Ren aa Livy dhemyhun ekaku anekakah fall vaa than baln.im so excited!!!! When is the next part? Ly<3💗

    1. Nayaa Nayaa says:
      November 17, 2025 at 5:48 pm

      awwww THANK YOUUUU!!

      ehehehe me too! Nayaa ves kiriyaa hureveny hama

      Wednesdays ga In Sha Allah.. lym💕💕

  3. Nai_73 says:
    November 17, 2025 at 3:40 pm

    Masha Allah mi part ves Vrh reethi ren aa livya haadha majaley dhw hehe i hope that they both will be together one day insha Allah Curiously waiting for the next part when’s next you are my fav author vrh ufaavey Avahah up kohdheythy you will ge my full support for all your story’s insha Allah ☝️❤️
    Lyyy❤️🖤😘

    1. Nayaa Nayaa says:
      November 17, 2025 at 5:50 pm

      alheyyy thankyou for this loabi loabi comment love 😘.. fav author veema varah varah happy vejje Alhamdhulillah

      Lym💕💕💕

  4. Anonymous says:
    November 17, 2025 at 3:56 pm

    Iyye in feshigen mi part up vaanee irakah wait kuranee mi
    Aslu Ren is soo broken inside dhw. I feel so bad for him 😢😢. Reena ves aslu loving Naaif blindly. Hama Ren goas vee e situation ga ves
    Whn nxt????????
    Luv uuuuu❤️❤️❤️

    1. Nayaa Nayaa says:
      November 17, 2025 at 11:05 pm

      Inthizaarehge nimun dho hehehe

      next part Wednesday ga In Sha Allah

      love uuu💕💕

  5. White rose White rose says:
    November 17, 2025 at 6:40 pm

    Maashaallah, mi bai vex vrh salhi ❤️‍🔥❤️‍🔥❤️‍🔥
    Curiously waiting for next

    1. Nayaa Nayaa says:
      November 17, 2025 at 11:06 pm

      thankyouu dear💕💕

  6. Mar Sha Mar Sha says:
    November 17, 2025 at 7:58 pm

    hey Nayaa, story very nice inge. Raihaan and Livy ah ekaku anekaku dheke like vaan fashaany kon irakuntha? e dhuvahakun dhe myhunves nubunan varah try kuraane dho, ekamu sirrehves nukureveyne.. cant wait to read e hisaabu. e kaivenin Reena salaamaiy kohdheyne Raihaan, im sure. konme baehves hulhuvaafa kiyaaleveny free time eh vegen maa fahun, konme ep akah comment nukureveny inge. i wish i could have an extra hour or two everyday just for myself! hehe. once again, verrryy nice story dear.

    1. Nayaa Nayaa says:
      November 17, 2025 at 11:08 pm

      awww thank youuu Marsha😭😭💕💕

      it’s okayy nayaa ah ves comment eh nukurevey marsha ge story ah varah ekam baraabarah kiyan hama.. school ga busy kamun vagutheh nuvany💔💔

      thank you so so so much.. varah barah ufaavey Marsha ge comment eh libey konmes faharaku ves.. you are one of my biggest inspirations hama.. forever gonna be your biggest fan🥹💕

  7. gurrrl says:
    November 17, 2025 at 11:30 pm

    Ren n lively awwww so. Cute
    Ulheygothun haadha majaaa eyy office firstly day ves mi dhemeehunge hifun gandu.. so fun 🤣 btwww when is next im sso cccccuriouus

    1. gurrrl says:
      November 18, 2025 at 7:26 am

      I mean livy**

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 8←


All Right Reserved!