އެނދާ ހަމައަށް ގޮސްފައި ޔައިލް އަޒަލް އެނދުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު އަޒަލްއާ ދިމާއަށް ގުދުވެލަމުން ޔައިލް އެ މޫނަށް ފުންކޮށް ނަޒަރު ހިންގައިލިއެވެ. ޝަބްނަމްގެ ތިކިތައް ފަދަ ވާރޭގެ ފެންތިކިތައް ވިދައި ބަބުޅަމުން ދިޔަ އެ މޫނުގެ އެތަން މިތަނުގައި ޔައިލް ބޮސްދޭން ފެށީ ދީވާނާއެއް ފަދައިންނެވެ. ޔައިލްގެ ކޮންމެ ޢަމަލެއްގައި ފުރިހަމައަށް ބައިވެރި ވަމުން ދިޔަ އަޒަލް ދެލޯ މަރައިލަމުން، ޔައިލްގެ އިސްތަށިގަނޑުގެ ތެރެއަށް އަތްތިލަ މަހައިލިއެވެ. ޔައިލްގެ ކޮންމެ ޢަމަލަކުން ދައްކުވައިދެމުން ދިޔައީ އޭނާ އަޒަލް ދެކެ ލޯބިވާ މިންވަރެވެ. އަޒަލްއަށް އެ ހިތް އެދޭ މިންވަރެވެ. ހިނދުކޮޅެއްގެ ތެރޭގައި ޔައިލްގެ ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެން ދިޔަ އިރު، އެ ހިތާއި ސިކުނޑީގައި ރަނިކަން ކުރަމުން ދިޔައީ ހަމައެކަނި އަޒަލްއެވެ.
*** ** ***
އެނދުގެ ފަޑީގައި ލެނގިލައިގެން އިން ޔަލީންގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ދެލޯ ވެސް ރަތްވެ ދުލވެފައިވާ އިރު، އޭނާ އެ ހުރީ ވަރަށް ރޮއެފައިިކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް މެދުކެނޑުމެއް އައި ނަމަވެސް، އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް މެދުކެނޑުމެއް ނެތެވެ.
“ޔަލް..” އެވަގުތު ކޮޓަރީގެ ދޮރު ހުޅުވައިލާފައި ވަން ޔައިނާ ގޮވައިލުމުން ވެސް ޔަލީންއަށް އަޑު ނިވޭ ފަދައެވެ.
“ޔަލް ދަރިފުޅާ.. އެއްޗެއް ކާންވީނު.. އިއްޔެ ވެސް އެއްކޮށް ޔަލް ނުކަމެއްނު..” ޔައިނާ ހުރީ ޔަލީންއާއި މެދު އިންތިހާއަށް ކަންބޮޑު ވެފައެވެ. އެ ދަރިފުޅު އެ ހާލުގައި ފެންނަ ކޮންމެ ފަހަރަކު އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ އިންތިހާއަށެވެ.
“ދަރިފުޅާ..” ދެންވެސް ޔަލީންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން އަނެއްކާވެސް ޔައިނާ ގޮވައިލިއެވެ.
“މަންމަ ތިހާ ޔަލްއާ ދޭތެރޭ ކަންބޮޑު ވަންޏާ ބައްޕަ ގާތު ބުނޭ ގޮތް ދޫކޮށްފަ ޔަލްއާ ޝަޔާމްއާ ގުޅެން ހުއްދަ ދޭށޭ..” ޔަލީންގެ އަޑުގައިވީ ދުރު ކަމުން ޔައިނާގެ ހިތަށް އަސަރު ކުރިއެވެ.
“ޔަލް.. ދަރިފުޅާ.. މަންމަ މި ދައްކާ ވާހަކަ އަޑު އަހާބަލަ.. ބައްޕަ އެގޮތަށް އެ ނިންމީ ހަމަ ދަރިފުޅަށް ރަނގަޅަކަށް.. މިއަދު ދަރިފުޅު ދެރަވިޔަސް ފަހުން ބައްޕަ ނިންމި ނިންމުމާ ދޭތެރޭގައި ދަރިފުޅު އުުފާކުރާނެ.. ބައްޕަ ވެސް ހުންނަނީ ދަރިފުޅާ މެދު ވަރަށް ކަންބޮޑުވެފަ.. ދަރިފުޅުގެ ދުރުކަމުން ވަރަށް ދެރަވެފަ..” ޔައިނާ ބެލީ ޔަލީންއަށް ވިސްނައިދެވޭތޯއެވެ. އެހެނަސް ޔަލީންގެ މިޒާޖުން އެއީ ވާނޭ ކަމެއް ނޫން ކަން ޔައިނާއަށް އެނގެއެވެ.
ޔައިނާގެ ވާހަކައަށް އެއްވެސް ރައްދެއް ނުދީ އިން ޔަލީން އިން ގޮތަށް އިނީއެވެ. ރައްދެއް ދޭން އުޅެން ހަދައިގެން މަންމަ ހިތުގައިޖެހޭ ފަދަ ގޮތަކަށް ވާހަކަ ދައްކާކަށް ޔަލީން ފަހަރެއްގައިވެސް ބޭނުމެއް ނުވެއެވެ.
ކޮޓަރީގެ ދޮރު މަތީގައި އެ ހުރިހާ ވާހަކައެއް އަޑު އަހަން ހުރި މިލާންގެ ހިތަށް އިންތިހާއަށް ތަދުވީ، ޔަލީންގެ ވާހަކަތައް އަޑު އިވިފައެވެ. ޔަލީން ސީދާ ނުބުނި ކަމުގައި ވިޔަސް އެ ހިތުގައި މިލާންއާ ދޭތެރޭގައި ބުރަކަމެއް ވާކަން މިލާންއަށް ޔަގީން ވެއްޖެއެވެ. އޭނާ ކަންތައް ކުރީ ހަމަ ޔަލީންއަށް ރަނގަޅަކަށް ކަން ޔަލީންއަށް އެނގޭނެ ނަމައޭ މިލާންގެ ހިތަށް އެރިއެވެ.
“ބައްޕާ..” ފަހަތުން އިވުނު ޔައިލްގެ އަޑާއި އެކު މިލާން ފަހަތަށް އެނބުރުނެވެ. ހިތުގައިވީ އުދާސްތައް ހިނިތުންވުމަކުން ފަރުދާ ކޮށަލްނަ މަސައްކަތް ކުރަމުން މިލާން ޔައިލް ގާތު ކިހިނެއްވީ ހެއްޔޭ އަހައިލިއެވެ.
“އަޅުގަނޑު ބައްޕައާ ކުޑަ ވާހަކައެއް ދައްކައިލަން ވެގެން..” ޔައިލް ބުނެލުމާއި އެކު މިލާން ޔައިލް ގޮވައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ.
“ދެން ކިޔާބަލަ..” ކޮޓަރީގެ ދޮރު ލައްޕައިލަމުން މިލާން ބުނެލިއެވެ.
“ބައްޕަ ޔަލީންއާ ޝަޔާމްގެ ގުޅުމަށް އެއްބަސް ނުވާން ވެގެން ތި އުޅެނީ ކީއްވެ..؟” ޔައިލް ކުރިމަތި ކުރުވި ސުވާލުން މިލާންގެ ތަބީއަތު ވަގުތުން ބަދަލުވިއެވެ.
“އެއީ ޔަލީންއަށް އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ..” މިލާންގެ ޖަވާބުން ޔައިލް ހިތްހަމައެއް ނުޖެހުނެވެ.
“ތީ އަޅުގަނޑު ކުރި ސުވާލުގެ ޖަވާބު ކަމަކަށް އަޅުގަނޑު ނުދެކެން..” ޔައިލް ހުރީ މިފަހަރު ދޫކުރާ ގޮތަކަށް ނޫނެވެ.
“ޔައިލް ތި އައީ ތި ވާހަކަ ދައްކަން ވިއްޔާ ބައްޕައަށް ރަނގަޅީ އިހަށް މިތަނުން ދިޔައިއްޔާ..” ޔައިލްއަށް ފުރަގަސްދެމުން މިލާން ބުނެލި އިރު، އެ މޫނުމަތީގައި ވަނީ ނުރުހުން ވުމުގެ އަސަރުތަކެވެ.
“ޖަވާބެއް ނުލިބެނީސް މިތަނުން ދާކަށް އަޅުގަނޑު ބޭނުމެއް ނޫން.. ޔަލީން އެ ކުރާ ހިތާމަ ބައްޕައަކަށް ނުފެނޭތަ..؟ އެހާ ވަރުގެ ހިތާމައެއް ޔަލީންއަށް ދޭ އިރު، އެންމެ ކުޑަ މިނުން ބައްޕަ އެ ގުޅުމަށް އެއްބަސް ނުވާން ތި އުޅޭ ސަބަބު އެނގުން ޔަލީންއަށް ހައްގު..” ޔައިލްގެ ވާހަކަ ހުރި ގޮތުން މިއަދު ޔައިލް ގޮތްދޫނުކުރާނެ ކަން މިލާނަށް އެނގުނެވެ.
“ޔައިލް ތީ ދުވަހަކުވެސް ބައްޕަ ނިންމި ގޮތަކަށް ޗުއްޕު ވެސް ބުނި ކުއްޖެއް ނޫން.. ބައްޕަ ކަމެއް ނުކުރާށޭ ބުނީމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން، ބައްޕަ ބުނާ ގޮތަށް ކަންތައް ކުރާ ކުއްޖެއް ތީ..؟ މިއަދު ކިހިނެއް ވެގެން ބައްޕަގެ ނިންމުންތަކަށް ތި ސުވާލު އުފައްދަނީ..؟” މިލާންގެ އަޑުގައި ހަރުކަށިކަން އެކުލެވިގެން ދިޔަ ނަމަވެސް، މިއަދު އެކަމުން ޔައިލްގެ ހިތަށް އަސަރެއް ނުކުރިއެވެ.
“އެއީ މީގެ ކުރިން ބައްޕަ ގޮތް ނިންމަނީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް ކަން ގަބޫލު ކުރެވޭތީ.. އެކަމަކު މިފަހަރު ތި ނިންމި ނިންމުމުގެ ސަބަބުން ހިތާމަ ނޫން އެހެން އެއްވެސް އެއްޗެއް ޔަލީންއަށް އެބަ ލިބޭތަ..؟ އަޅުގަނޑުގެ ހުރީ އެންމެ ކޮއްކޮއެއް.. އެ ކޮއްކޮ އެހާ ހިތާމަ ކުރާ ތަން ބަލަން ބައްޕައަށް ކެތް ވިޔަސް އަޅުގަނޑަކަށް ކެތެއް ނުވޭ.. އެހެންވެގެން..” ޔައިލްގެ އަޑުގައިވީ ސާބިތު ކަމެވެ. ދުވަހަކުވެސް މިލާންއާ ދެކޮޅަށް އެއްޗެއް ނުބުނާ ޔައިލް މިއަދު ބުނަމުން ދިޔަ ބަސްތަކުން މިލާން ހިތްހަމަނުޖެހުނެވެ.
“ޔައިލް ހީވަނީ ބައްޕަ މި ހުންނަނީ ވަރަށް ހަމަޖެހިގެން ކަމަށްތަ ޔަލީން ހިތާމަ ކުރާ ތަން ބަލަން..؟ ބައްޕައަށް ވަކި ކެތް ވާނެތަ ބައްޕަގެ ދަރިއަކު އެ ހާލުގަ ތެޅިފޮޅޭތަން ބަލަން..؟” ޔައިލްއާ ދިމާއަށް އެނބުރެމުން ބުނެލި އިރު މިލާންގެ ލޮލުގައިވީ ހިތާމައިގެ ކުލަވަރެވެ.
“ދެން އެހެންވީރު ކީއްވެގެން ބައްޕަ ޔަލީންއާ ޝަޔާމްއާ ދުރު ކުރުވީ..؟ ބައްޕަ ކީއްވެގެން ޔަލީންއަށް އެވަރުގެ ބޮޑު ހިތާމައެއް ތި ދެނީ..؟ ކީއްވެ އެދެމީހުންގެ ގުޅުމަށް ނޫނެކޭ ބުނީ..؟” މިލާންއާ ގާތަށް އެއް ފިޔަވަޅު އަޅައިލަމުން، ޔައިލް އެ ސުވާލު ތަކުރާރު ކޮށްލުމުން، މިލާންއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެއްޗެކޭ ނުބުނަން ހިތުލައިގެން ހުރި ނަމަވެސް މިލާންއަށް އެވަގުތު ކޮންޓްރޯލެއް ނުކުރެވުނެވެ.
“އެއީ ތި ޝަޔާމްގެ ބައްޕައަކީ އަހަރެމެންގެ ދިރިއުޅުން އަލިފާނަށް ހަދައިލާފައި ހުރި މީހަކަށް ވާތީ! ޔައިލް މާ ވަރަކުން ޔަލީން ތަތްކުރުވަން ތި އުޅޭ ޝަޔާމްގެ ބައްޕަ ޝިޔަލް ޔައިލްގެ މަންމައަށް ހެދި ގޮތް ޔައިލްއަށް އެނގޭތަ..؟ ޔައިލް ބޭނުންތަ އެނގެން..؟ ޔައިލްއަށް ކެތް ވާނެތަ އަޑު އަހަން..؟” މިލާންގެ އަޑު ބާރުވެގެން ދިޔަ އިރު ކޮށްލި ސުވާލުތަކުން ޔައިލްގެ ހިތް ނުތަނަވަސް ވިއެވެ. އެހެނަސް ހިިތްވަރު ކޮށްލާފައި ބޯ ޖަހައިލީ ތިމަންނަ އެނގެން ބޭނުމޭ ބުނާ ފަދައަކުންނެވެ.
“އެ ޝިޔަލް އަކީ އަހަންނާ ޔައިނާ ދުރު ކުރުވުމުގެ މަގްސަދުގަ އެތައް ކުށެއް ކޮށްފަ ހުރި މީހެއް! ޔައިލްގެ މަންމަގެ ގަޔަށް އަރަން އުޅެފަ ހުރި މީހެއް! އަހަރެންގެ އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަންނަން އުޅުނު މީހެއް!” މިލާން ބުނެލި ޖުމުލަތަކުން ޔައިލްގެ ދެލޯ މުދުނަށް އަރައިގެން ދިޔަ އިރު، ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.
ވަގުތުން ޔައިލްގެ ހަނދާނުގެ ވާފަށް ގުޅިގެން ދިޔައީ މީގެ އަހަރެއްހާ ދުވަސް ކުރިން ޔައިނާ އާއި މިލާން އެދެމީހުންގެ ލޯބީގެ ވާހަކަ ޔައިލްއަށާ ޔަލީންއަށް ކިޔައިދިން ދުވަސް މަތިންނެވެ. އެދުވަހު މިލާންގެ ވާހަކައިގައި ކިޔައިދިން ޝިޔަލްގެ ވާހަކަ މަތިން ޔައިލް ހަނދާންވީ އަދި ކިރިޔާއެވެ. ޝަޔާމް މިގެއަށް އައި ރޭ ޔައިލް ގާތުގައި ދެއްކި ވާހަކަތަކުގެ މާނަ ވެސް ޔައިލްއަށް ފަހުމުވީ އަދި ކިރިޔާއެވެ.
“ދޮންބެއަށް ދޮންބެގެ ބައްޕަ އަހަންނާ އެހާ ނުގަބޫލުވާ ސަބަބު އެނގޭ ނަމަ ތިހެން ނުބުނާނެ.. އަހަރެންގެ ބައްޕައާ ދޮންބެގެ ބައްޕައާ ޖެހުނު މައްސަލަ އެނގޭ ނަމަ ދޮންބެ ވެސް އަހަންނާ ޔަލީންއާ އެއްކޮށް އުޅޭކަށް ބޭނުމެއް ނުވާނެ..”
“ދޮންބޭ.. މިކަމުގަ ހަގީގީ ކުށްވެރިއަކީ އަހަރެންގެ ބައްޕަ.. އަހަންނަށް ކިޔައިދޭން އެހާ ފަސޭހަ ވާހަކައެއް ނޫން އެއީކީ.. އެންމެ ރަނގަޅު ވާނީ ދޮންބެގެ ބައްޕަ ގާތު ދޮންބެ އަމިއްލައަށް އެހިއްޔާ.. އޭރުން ދޮންބެއަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ އަހަންނާ ޔަލީންއަށް ގުޅެވެން ނެތީ ކީއްވެކަން..”
އެރޭ ޝަޔާމް ބުނެލި ވާހަކަތައް ޔައިލްގެ ކަންފަތް ދޮށުގައި ގުގުމައިގަތުމާއި އެކު، ޔައިލްއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. މި ދުނިޔެ މަތީގައި އޭނާ އެންމެ ނަފްރަތު ކުރާ މީހާއަކީ ޝަޔާމްގެ ބައްޕަ ކަން އެނގުމުން ޔައިލްގެ ހިތް ގެނބިގެން ދިޔައެވެ. ޝަޔާމް އަކީ ޝިޔަލްގެ ދަރިއަކަށް ވުމަކީ ތަގުދީރުގެ ކޮން ކަހަލަ ކުޅިވަރެއް ބާވައޭ ޔައިލްގެ ހިތަށް އެރިއެވެ.
“މިހާރު އެނގިއްޖެ އެއްނު ކީއްވެގެން ކަން ޔަލީންއާ ޝަޔާމްގެ ގުޅުމަށް ބައްޕަ އާނބަސް ނުދިނީ..” މިފަހަރު މިލާންގެ އަޑު އައީ ކުރިއަށް ވުރެ މަޑުންނެވެ. ދޭނެ ޖަވާބެއް، ބުނާނެ ބަހެއް ނޭނގިފައި ޔައިލްއަށް ހުރެވުނީ އާގަމަ ވެފައެވެ. ހުއްޓިފައިވީ ޔައިލްގެ ހިއްސުތައް މަސައްކަތް ކުރަން އިރުކޮޅެއް ނެގިއެވެ.
“އެކަމަކު ޝަޔާމްގެ ބައްޕަ ކުރި ކަމެއްގެ އަދަބު ޝަޔާމްއަށް ލިބެންވީ ކީއްވެ..؟” އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ޔައިލް ކޮށްލި ސުވާލުން މިލާންއަށް ޔައިލްއާ ދިމާއަށް ބަލައިލެވުނީ ގަބޫލު ނުކުރެވިފައި ހުރެއެވެ.
“ޔައިލް މޮޔަވީތަ..؟ ތިހެން އަހާ އިރުވެސް ޔައިލްއަކަށް ނޭނގޭތަ..؟ ޝިޔަލްގެ ދަރިއެއް ވެއްޖެއްޔާ ލިބިފަ ހުންނާނީ ވެސް ހަމަ އެ އުޅުން.. އެހާ ނުބައި ބައެއްގެ އަތްމައްޗަށް ހުރި ހަމައެކަނި އަންހެން ދަރިފުޅު ދޫކޮށްލާކަށް އެއްވެސް ބައްޕައަކު ބޭނުމެއް ނުވާނެ.. އަނެއްކާ ޔައިލް ނުދެކެންތަ އެރޭ ޝިޔަލް ފެނިފަ ޔައިލްގެ މަންމައަށް ވީ ގޮތެއް.. ނޭނގޭތަ އެވަރުގެ ކަމެއް ވެގެން ދިޔައީމަ ޔައިލްގެ މަންމައަށް ކުރާނެ އަސަރެއް..؟ ދެން އަދި މި އާއިލާއާ ޝިޔަލް ގުޅުނީމަ ޔައިލްގެ މަންމައަށް ކެތް ވާނެތަ..؟” މިލާންގެ އަޑު މިފަހަރު ނުކުތީ ކުރިއަށް ވުރެ ވެސް ހަރުކަށި ކޮށެވެ.
މިލާންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގިފައި ޔައިލް އިސްދަށަށް ޖަހައިލީއެވެ. މިލާންގެ ވާހަކަތައް ޔައިލްއަށް ވެސް ގަބޫލު ކުރެވުނީއެވެ. ކަންތައް ވެފައި އޮތް ގޮތުން، ދެން އެންމެ ރަނގަޅު ގޮތަކީ ޔަލީން އާއި ޝަޔާމް ދުރުވުން ކަމުގައި ޔައިލްއަށް ވެސް ވިސްނެން ފެށިއެވެ.
އެހެނަސް، ޔައިލްއަށް ކަމުގެ އަނެއް ކޮޅާއި މެދުގައި ވެސް ވިސްނެމުން ދިޔައެވެ. ޝަޔާމްއަކީ އެބުނާހައި ނުބައި ތަރުބިއްޔަތެއް ލިބިފައި ހުރި ކުއްޖެއް ނަމަ، އެހައި ހަރުދަނާ ވެފައި އަޚުލާޤު ރަނގަޅުވީސް ހެއްޔެވެ؟ ޝަޔާމްއާއި އެކުގައި ހޭދަވީ ހުރިހާ ދުވަހެއްގައި ވެސް ޔައިލްއަށް ޝަޔާމްގެ ކިބައިން ފެނުނީ މަޑުމައިތިރިކަމާއި، ޒިންމާދާރު ކަމެވެ. އެ ދެލޮލުން ޔައިލް ދުށީ ޔަލީންއަށް ޓަކައި ޙަޤީޤީ ލޯތްބެވެ. އަނެއްކާ އެންމެ ފަހުން ޝަޔާމް މިގެއަށް އައި ރޭ ޔައިލް ގާތު ކުށްވެރިއަކީ އޭނާގެ ބައްޕަ ކަމުގައި ބުނީ ވެސް، ޝަޔާމްއަށް ހެވާ ނުބައި ވިސްނޭތީ ނޫން ހެއްޔެވެ؟ ޔަލީންއާއި ދުރުވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ޝަޔާމްއަށް ވިސްނުނީ، ޝަޔާމްއަކީ ރަނގަޅު ޒުވާނަކަށް ވާތީ ނޫން ހެއްޔެވެ؟
ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން ޔައިލްއަށް ދުރު ވެވުނީ ކޮޓަރީގެ ދޮރު ލައްޕައިލި އަޑަށެވެ. އެވަގުތު ކޮޓަރީގައި މިލާން ނެތުމުން، މިލާން ބޭރަށް ދިޔައީ ކަން ޔައިލްއަށް އެނގުނެވެ. ވަގުތުން ޖީބުގައި އޮތް ފޯނު ނަގާފައި ޔައިލް ޝަޔާމްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
*** ** ***
ބެލްކަނީގައި އިން ޝަޔާމްގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އެ ރީތި މޫނުމަތި އެކީ މިލާފައި ވާ އިރު، ލޮލުގައި ވެސް ކަރުނައިގެ އަސަރު ހުއްޓެވެ. ކަނދުރާއާ ހަމައަށް އަރާ ވަރަށް ދިގުވެފައި އޮތް އިސްތަށިގަނޑާ، އިހުނަށްވުރެ ބޯކޮށް ފަޅާފައި އޮތް ތުނބުޅި މަތިމަހުން ޝަޔާމް ވަކި ކުރަން ވެސް އެނގެނީ ކިރިޔާއެވެ. އަތުގައި އޮތް ސިނގިރޭޓު އިރުއިރުކޮޅާ ދަމައިލާ އިރު، އެ މަންޒަރު ފެންނަ މީހަކު އެއީ ޝަޔާމް ކަމަށް ޤަބޫލެއް ވެސް ނުކުރާނެއެވެ.
އެވަގުތު ބެލްކަންޏަށް ނުކުތް ޝިޔަލްއަށް ޝަޔާމްގެ ޙާލަތު ފެނިފައި އިންތިހާއަށް ދެރަވިއެވެ. ޝަޔާމްގެ ޢަމަލުތައް ފަހުން ފަހުން އައިސް ހުންނަ ގޮތުން ޝިޔަލް އިންތިހާއަށް ކަންބޮޑު ވެއެވެ. އަބަދު ނެގިމަޑުވެ ހުރެފައި، އޭނާއާ ވެސް ވާހަކައެއް ނުދައްކައެވެ. ޗުއްޓީގެ މުއްދަތު ވެސް އިތުރުކޮށްފައި، އަބަދު އޮންނަނީ ގޭގައެވެ. ރަހުމަތްތެރިއަކާ ވާހަކަ ދައްކައިލުމެއް ވެސް ނޯވެއެވެ. އަނގައަށް އެއްޗެއް ލަނީ ވެސް ހާހަކުން ފަހަރަކުއެވެ. މުޅި ދުވަސް އެކުގައި ކޮފީއަކުން ފުއްދާލައިގެން ހުރުން އެއީ ޝަޔާމް މިފަހަކުން އައިސް ކުރަން ފެށި ކަމެކެވެ. ނަމާދު ކުރުމުން ވެސް ދުރުހެލިވެފައިވާ އިރު، ސިނގިރޭޓު ބޯން ފެށުމުން ޝިޔަލް އިންތިހާއަށް ދެރަވިއެވެ.
ދުވަހަކުވެސް ޝަޔާމްގެ ކިބައިން ނުފެންނަ ނުރަނގަޅު އެތައް އާދަތަކެއް ފެނިގެން ދާތީ ޝިޔަލް އެކަމާ ހިތާމަ ނުކުރާ ދުވަހެއް ނުދެއެވެ. އެހެނަސް މިއަދު އުފަން ދަރިފުޅަށް ހެޔޮ މަގު ދައްކައިދޭނޭ ހިތްވަރެއް ވެސް ޝިޔަލްގެ ގަޔަކު ނެތެވެ. އޭނާގެ އަނދިރި މާޒީ ދަރިފުޅުގެ ކުރިމަތީގައި ކަޝްފުވެގެން ދިޔަ ފަހުން، އެ ހައްގު އޭނާއަށް ގެއްލިއްޖެ ކަމުގައި އަމިއްލަ ނަފްސު ވެސް ޝިޔަލްއަށް ވިސްނައިދެމުން ދިޔައެވެ.
“ދަރިފުޅާ..” ހިތްވަރު ކޮށްލާފައި ޝިޔަލް ގޮވައިލި ނަމަވެސް ޝަޔާމްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވިއެވެ.
“ދަރިފުޅާ.. އަދިވެސް ބައްޕަ ދެކެ ރުޅިއައިސްފަތަ..؟ ބައްޕައަށް މަޢާފު ކުރޭ ދަރިފުޅާ.. ބައްޕައަށް އެނގޭ ބައްޕަގެ ސަބަބުން ކަން ދަރިފުޅު މިއަދު ތިހާ ހިތާމަ ތި ކުރަނީ..” ޝިޔަލްގެ އަޑު އައީ ކުރެހިގެންނެވެ. ނަމަވެސް ދެންވެސް ޝަޔާމްގެ ފަރާތުން އިޝާރާތެއް ނުވުމުން ޝިޔަލް މާޔޫސްވިއެވެ. ކަރުއެލުވައިލަމުން ޝިޔަލް އެތަނުން ދިޔައީ ޝަޔާމްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވާނޭ ކަން އެނގުމުންނެވެ.
ޝިޔަލް ދިޔުމާއި އެކު ޝަޔާމްއަށް ދެލޯ މަރައިލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބައްޕައާއި މެދުގައި ކަންތައް ކުރެވޭ ގޮތުން އެ ހިތަށް އިންތިހާއަށް ތަދުވެއެވެ. އެހެނަސް ބައްޕަ ފެންނަ ކޮންމެ ފަހަރަކު، ބައްޕަ ކުރި ކުށުގެ މަތިން ހަނދާންވެއެވެ. ބައްޕަ ފެނިފައި ޔަލީންގެ މަންމައަށް ވީ ވަރު ހަނދާން ވެއެވެ. ހިތް ކުދިކުދިވެފައިވާ ޙާލު ޔަލީން ހިތާމަކުރާ ވަރު ހަނދާން ވެއެވެ. އޭނާގެ ބައްޕަ މުޅި ޢާއިލާއެއްގެ ދިރިއުޅުން ހަފުސް ކޮށްލައިފިއެވެ. ނުވިތާކަށް ބައްޕަގެ ސަބަބުން އޭނާގެ ލޯބި ވެސް އަތުން ބީވެގެން ހިނގައްޖެއެވެ. އޭނާ ބައްޕައަށް މަޢާފު ކުރާނީ ކިހިނެއް ހެއްޔެވެ؟ ބައްޕައާއި މެދުގައި އެ ހިތް ސާފު ކުރާނީ ކޮން ގޮތަކުން ހެއްޔެވެ؟
ޚިޔާލުގެ ކަނޑުގައި ބެހެމުން ދިޔަ ޝަޔާމްއަށް ހަމަބިމަށް އާދެވުނީ ޖީބުގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނަގާފައި ބަލައިލި އިރު ގުޅަނީ ޔައިލްކަން އެނގުމުން ޝަޔާމް ފޯނު ނަގަން ފަސްޖެހުނެވެ. ފުރަތަމަ ފަހަރަށް ފޯނު ކެނޑުމާއި އެކު ދެވަނަ ފަހަރަށް ވެސް ޔައިލް ގުޅަން ފެށުމުން ޝަޔާމް ފޯނު ނެގިއެވެ.
“ޝަޔާމް.. އަހަރެން ބޭނުން ބައްދަލު ކޮށްލަން..” އިތުރު އެހެން އެއްވެސް ވާހަކައެއް ނުދައްކައި، ޔައިލް ބުނެލީ ހަމައެކަނި އެހެންނެވެ. އެއާއެކު ޝަޔާމް އެކަމަށް އެއްބަސް ވުމުން ޔައިލް ވަގުތާއި ތަން އަންގައިލާފައި ފޯނު ކަނޑައިލިއެވެ.
*** ** ***
ޔައިލް އާާއި ޝަޔާމް ބައްދަލު ކުރީ ޖެހިގެން އައި ދުވަހުގެ ހަވީރު ކެފޭއަކުންނެވެ. ދިޔައީއްސުރެ ޝަޔާމް އިނީ ޔައިލް ދައްކަން އުޅޭ ވާހަކައެއް އެނގެން ބޭނުން ވެފައެވެ. ޔަލީންއަށް ކަމެއް ވީބާވައޭ ހިތަށް އަރާ، އެ ހިތް ބިރުގަތް އަދަދު ވެސް މަދެއް ނޫނެވެ.
“އަހަންނަށް އެނގިއްޖެ ބައްޕަ ޝަޔާމްގެ ބައްޕަ ދެކެ ރުޅި އަންނަނީ ކީއްވެގެންކަން..” ޔައިން ބުނެލި ވާހަކައިން ޝަޔާމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވަގުތުން އިސްޖަހައިލެވުނީ ޔައިލްއާ ހަތަރުކަޅި ހަމަކުރާނޭ ހިތްވަރެއް ނެތުމުންނެވެ.
“އަހަރެން ވެސް ގަބޫލު ކުރަން ޝަޔާމްގެ ބައްޕަ ކުރީ ވަރަށް ގޯސް ކަމެއް ކަމަށް.. އަހަރެން ޝަޔާމްގެ ބައްޕައަށް އިންތިހާއަށް ނަފްރަތު ކުރަން.. ދުވަހަކުވެސް ޝަޔާމްގެ ބައްޕައަކަށް މައާފެއް ނުކުރާނަން..” ޔައިލްގެ އަޑުގައި އެކުލެވިގެން ދިޔަ ރުޅިވެރިކަމުން ޝަޔާމްއަށް ދެލޯ މަރައިލެވުނެވެ. ޔައިލް ވެސް އޭނާއަށް ނަފްރަތު ކުރާނޭކަން ޝަޔާމްއަށް އެވަގުތު ޔަގީން ވިއެވެ.
“އެކަމަކު ޝަޔާމްގެ ބައްޕަ ކުރި ކަމެއްގެ އަދަބު ޝަޔާމްއަށް ލިބެން ޖެހޭނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން..” ދެން ޔައިލް ބުނެލި ޖުމުލައިން ޝަޔާމްއަށް ޔައިލްއާ ދިމާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައި އިނދެއެވެ. އޭނާ ހީކުރި ގޮތާ އިދިކޮޅަށް ކަންތައް ވެގެން ދިޔުމުން ޝަޔާމްއަށް ގަބޫލު ނުކުރެވުނީއެވެ.
“ބައްޕަ ބުނަނީ ޝިޔަލްގެ ދަރިއަކަށް ވެއްޖެއްޔާ ލިބިފަ ހުންނާނީ ވެސް ޝިޔަލްގެ ތަރުބިއްޔަތޭ.. އެކަމަކު އަހަންނަކަށް ގަބޫލެއް ނުކުރެވޭ.. އެއީ މިވީހާ ތަނަށް ވެސް އަހަންނަށް ޝަޔާމްގެ ކިބައިން ފެނުނީ ރަނގަޅުކަމާ ހަރުދަނާ ކަން.. އެކަމަކު އަހަންނަށް ވެސް ނޭނގޭ ކަމަކީ ޝިޔަލްގެ ދަރިއަކު ޝިޔަލް އެކަނިމައިއެކަނި ބަލައި ބޮޑު ކުރި އިރު، އެހާ ރަނގަޅު ޒުވާނަކަށް ވީ ކީއްވެގެން ކަން..” ޔައިލް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އިން ޝަޔާމް އެއްޗެކޭ ބުނެވޭތޯ ހިތްވަރު ކުރިއެވެ.
“އަހަރެން ގަބޫލު ކުރަން ބައްޕަ ކުރީ ވަރަށް ގޯސް ކަމެއް ކަމަށް.. ބައްޕަ އަމިއްލައަށް އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީ، ކުށަށް އިއުތިރާފުވީ އިރު އަހަންނަށް ގަބޫލު ކުރަން އުނދަގޫވި.. އެއީ ދޮންބެގެ ބައްޕަ ގަބޫލު ކުރިޔަސް ނުކުރިޔަސް ހަގީގަތަކީ އަހަންނަށް ހެވާ ނުބައި ދަސްކޮށްދިނީ ބައްޕަކަން.. އަހަރެންގެ ބައްޕަ އަހަންނަށް ހުރިހާ ކަމެއް ކިޔައިދިން.. ހަތަރު އަހަރު ޖަލުގަ ހޭދަކޮށްފައި ސަލާމަތްވީ އިރު ބައްޕަ އިސްލާހުވި.. ބައްޕައަށް އިތުރު ހިތްވަރެއް ލިބުނީ މަންމައާ ދިމާވި ފަހުން..” ޝަޔާމް ކިޔައިދެމުން ދިޔަ ވާހަކަތައް އަޑު އަހަން ޔައިލް އިނެވެ.
“ކިތަންމެ ބޮޑު ފާފައަކަށް އަރައިގަނެފައިވީ މީހަކަށް ވެސް މާތްﷲ ތެދު މަގު ދައްކަވާފާނެ.. ﷲ އިރާދަ ކުރެއްވީތީ އަހަރެންގެ ބައްޕަވީ އެއިން މީހަކަށް.. އެދުވަހުއްސުރެ މިއަދާ ހަމައަށް ވެސް ބައްޕަ އެ ހުރީ އެ ގޮތުގެ މަތީގަ.. ހެޔޮ މަގުގެ މަތީގަ ފައިތިލަ ސާބިތު ކޮށްގެން.. އެކަން އެންމެ ބޮޑަށް ރަމްޒު ކޮށްދެނީ އަހަރެންގެ ބައްޕަ އަހަންނަށް ދިން ތަރުބިއްޔަތުން..” ޝަޔާމްގެ ވާހަކަތަކުން ޔައިލްގެ ހިތަށް އަސަރު ކުރިއެވެ.
“އެކަމަކު ވެސް އަހަރެން ނުބުނާނަން ދޮންބެގެ މަންމައާ ބައްޕަގެ މަޢާފު އަހަރެންގެ ބައްޕައަށް ހައްގެކޭ.. މިއަދުވެސް އަހަރެން ދޮންބެގެ ބައްޕަގެ ނިންމުމާ ދެކޮޅެއް ނުވާނަން.. އެއީ ދޮންބެގެ ބައްޕަ އެ ދައްކަނީ ހަމަ ރަނގަޅު ވާހަކައަކަށް ވާތީ.. އަދި ދުވަހެއްގެ ކޮޅުން ދޮންބެގެ މަންމައާ ބައްޕަގެ މަޢާފު އަހަރެންގެ ބައްޕައަށް ލިބުނަކަސް އަހަރެން ޔަލީންއަކާ ނުގުޅޭނަން.. އެއީ ބައްޕަގެ ލޭ ހިނގާ، ބައްޕަގެ ދަރިއަކަށް ވެހުރެ، ތި ޢާއިލާގެ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކުރާނޭ ހިތްވަރު ވެސް އަހަރެންގެ ކިބައިގައި ނެތީމަ..” ކަރު އެލުވައިލަމުން ޝަޔާމް ބުނެލީ މާޔޫސްކަމާ އެކީއެވެ. ޝަޔާމްގެ ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގިފައި ޔައިލްއަށް ވެސް އިނދެވުނީއެވެ.
*** ** ***
ލޯވފަރމަށް ގޮސް ގެއަށް އައި އަޒަލް ކޮޓަރިއަށް ވަނީ ޔައިލް އައުމުގެ ކުރިން ފެންވަރައި ތާޒާވެލާށެވެ. އެހެނަސް ކޮޓަރިއަށް ވަދެ ދޮރު ޖެހުމުގެ ކުރިން، ގޭގެ ބެލް އަޅައިލި އަޑު އިވުމުން އަޒަލް ދިޔައީ ދޮރު ހުޅުވާށެވެ.
ދޮރު ހުޅުވައިލި އިރު ކުރިމަތީގައި ހުރި ޝިޔަލް ފެނިފައި އަޒަލްއަށް ލިބުނީ ސިހުމެކެވެ. އެތެރެއަށް ވަންނަން ބުނަން ވެސް ނުކެރިފައި އަޒަލްއަށް ހުރެވުނީ، ޝިޔަލް އެގޭތެރެއިން ފެނިއްޖެ ނަމަ މިލާން ރުޅި އަންނާނެ ވަރު ހިތަށް އެރުމުންނެވެ.
“މިލާން އުޅޭތަ..؟” ޝިޔަލްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އަޒަލް ހުއްޓައި، ފަހަތުން މިލާންގެ އަޑު އިވުމުން ދެމީހުންނަށް އެއްފަހަރާ އެދިމާއަށް ބަލައިލެވުނެވެ.
“ދަރިފުޅާ އަޒް.. ކާކު-” މިލާންގެ ޖުމުލަ މެދުކެނޑުނީ ކުރިމަތީގައި ހުރި ޝިޔަލް ފެނިފައެވެ. ވަގުތުން މިލާންގެ ދެބުމަ ގޮށް ޖެހިގެން ދިޔަ އިރު، އަތް މުއްކެވިގެން ދިޔައެވެ. މިލާން ރުޅި އައިކަން އެނގުމާއި އެކު އަޒަލް ވެސް ބިރުން ހުރެފައި، ދޮރު ކުރިމަތިން އެއްފަރާތް ވެލިއެވެ. އެއާއެކު ޝިޔަލްގެ ނަޒަރާ ބައްދަލު ވެގެން ދިޔަ މިލާންގެ ދެލޮލުން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.






omg mi part ves varah reethi😭😭😭
when next part . i cant wait
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Yal and shayaam dhuru nukurachey
Azal and yail ves
Aaroo and zaul ves
They all are made for each other
Shiyal keehkuran baa ehaa
I appreciate your hard work
Tc ❤️😘
Haadha curious kohlaafa thi nimaaly
Ly naayoo ❤️
Maashaa Allah mi part vx varah varah reethi….❤️❤️❤️❤️❤️❤️
Hiyeh vx nukuran miadhu mihaa gina parts kiyaalan libeyne kamakah….❤️❤️❤️❤️❤️
Can’t wait for next part…..😊😊❤️❤️❤️
When next?????
Curiously waiting….😊😊❤️❤️❤️
Ly❤️❤️❤️❤️❤️
Masha Allah mi part vx vrh reethi
When’s next part??
Curiously waiting for the next part
Oh noo haadha curious kohllaafa eyh thi nimmaalee 🤭shiyal anehkkaa e aee maafah edhen tha 😬yal and shayaam gulhuvahchey pls 😙mi part vx v reethi Ma Sha Allah ♥️ curiously waiting for the next part ♥️when next
Mashallah mi part ves vrh reethi when next part can’t wait for next
Haadha curious kohlaafa eyy dhw thi nihmaali
Next part puleex
Alheyyy haadha curious kohlaafa ey thi nimmaaly
Mi part vc vrh reethi masha allah 😘
Dhn oii part ah vrh inthizaaru kurevey