Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 35

“މިލާން އުޅޭތަ..؟” ޝިޔަލްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އަޒަލް ހުއްޓައި، ފަހަތުން މިލާންގެ އަޑު އިވުމުން ދެމީހުންނަށް އެއްފަހަރާ އެދިމާއަށް ބަލައިލެވުނެވެ.

“ދަރިފުޅާ އަޒް.. ކާކު-” މިލާންގެ ޖުމުލަ މެދުކެނޑުނީ ކުރިމަތީގައި ހުރި ޝިޔަލް ފެނިފައެވެ. ވަގުތުން މިލާންގެ ދެބުމަ ގޮށް ޖެހިގެން ދިޔަ އިރު، އަތް މުއްކެވިގެން ދިޔައެވެ. މިލާން ރުޅި އައިކން އެނގުމާއި އެކު އަޒަލް ވެސް ބިރުން ހުރެފައި، ދޮރު ކުރިމަތިން އެއްފަރާތް ވެލިއެވެ. އެއާއެކު ޝިޔަލްގެ ނަޒަރާ ބައްދަލު ވެގެން ދިޔަ މިލާންގެ ދެލޮލުން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ.

“ކަލޭ ކީއްކުރަން މިގެއަށް ތި އައީ؟” އައި ގޮތަށް އައިސް ޝިޔަލްގެ ކުރިމަތީގައި ހުއްޓެމުން މިލާން ބުނެލީ ރުޅިވެރި ރާގަކަށެވެ. މިލާން ރުޅި އައުމުން އަޒަލް ވެސް ހާސްވެފައި ހުރެ، ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ވަގުތުން އަތުގައި ފޯނު ނަގައި، ޔައިލްއަށް ގުޅޭތޯ ބަލައިލީ، ކަންތައްތައް މާ ގޯސް ވުމުގެ ކުރިން ޔައިލް ގާތު ގެއަށް އަންނަން ބުނުމަށެވެ.

“މިލާން.. ހަމަ އެންމެ ފަހަރަކު އަހަރެން މި ދައްކާ އަޑު އަހާ.. ހެޔޮ ނުވާނެ.. ކުޑަކުޑަ ވަގުތުކޮޅެއް އަހަންނަށް ދީ..” ގޭތެރެއަށް  ފިޔަވަޅެއް އަޅައިލަމުން ޝިޔަލް ބުނެލި އިރު، އެ ދެއަތް ވަނީ ޖޯޑު ކޮށްލެވިފައެވެ.

“ކަލޭ މިހާރު މިވަގުތު ގެއިން ނުނުކުމެފިއްޔާ އަހަންނަށް ޖެހޭނީ ގަދަ ކަމުން ކަލޭ މިގޭ ތެރެއިން ނެރެން..” މިލާންގެ ބާރުވެގެން ދިޔަ އަޑު އިވުމާއި އެކު، ޔަލީން އާއި ޔައިނާ ކޮޓަރިން ނުކުތީ އެކުއެކީ ކަހަލަ ގޮތަކަށެވެ. ޝިޔަލް ފެނުމުން ޔައިނާ އާއި ޔަލީންގެ ދެލޯ ވެސް ބޮޑުވެގެން ދިޔަ އިރު، ދެން ވާނެ ގޮތަކާއި މެދު ދެ ހިތުގައި ވެސް ބިރުވެރިކަން އުފެދުނެވެ.

“މިލާން ހެޔޮނުވާނެ.. އަހަރެންގެ ދަރިފުޅު ހިތާމަ ކޮށްކޮށް ހަލާކު ވެދާނެ.. މިލާން.. އާދޭސް ކޮށްފަ ބުނަން.. ތިހެން ނުހަދާ.. އެ ދަރިފުޅުގެ ހަމައެކަނި އުފަލަކީ ޔަލީން.. ޔަލީންއާ ނުލާ އުޅެން ވެއްޖެއްޔާ އަހަރެންގެ ޝަޔާމްގެ ހިތް ކުދިކުދި ވެދާނެ..” ޝިޔަލް ބުނަމުން ދިޔަ ކޮންމެ ލަފްޒަކާއި އެކު، އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތަކުން ވެސް މިލާންގެ ހިތަށް އަސަރެއް ނުކުރިއެވެ. އިރެއްގައި މަކަރާ ހީލަތުން ފުރިފައިވީ ޝިޔަލް، މިއަދުވެސް އެމީހުންގެ ދިރިއުޅުމަށް ވިހަލާން މަސައްކަތް ނުކުރާނެ ކަމަށް އޭނާއަށް އެއްވެސް ޔަގީން ކަމެއް ނެތެވެ.

ޝިޔަލްގެ ވާހަކަތައް އަޑު އަހަން ހުރި ޔަލީންގެ ދެލޮލުގައި އިސާހިތަކު ކަރުނައިގެ މުތީތައް ވިދަން ފަށައިފިއެވެ. އެރޭ ޝަޔާމް އޭނާ ދެކެ ލޯބި ނުވާ ކަމަށް ބުނެ ހެދީ ދޮގު ކަމަށް މާ ކުރިން ވެސް އޭނާއަށް އެނގެއެވެ. ދިމާވެފައިވާ މަޖުބޫރީ ޙާލަތުގެ ސަބަބުން ޝަޔާމް އޭނާއާ ދުރުވާން އެތައް ބަހަނާއެއް ދެއްކި ނަމަވެސް، އޭނާ ފަދައިން ޝަޔާމް ވެސް ހިތާމައިގެ ކަނޑުގައި ޣަރަޤުވެގެން ދާ ކަން އެނގުމުން، އެ ހިތަށް ތަދު ވެއްޖެއެވެ.

“މިލާން.. އަހަރެންނަށް ކުރެވުނު ކުށުގެ ސަޒާ އަހަރެންގެ ދަރިފުޅަށް ނުދީ.. ހެޔޮނުވާނެ.. އާދޭސްކޮށްފަ މި ބުނަނީ.. އެ ދަރިފުޅު އެހެން ރޮއެ ހިތާމަ ކުރާ ތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ..” ޝިޔަލްގެ އަޑު ކުރެހިގެން ދިޔައީ، ގިސްލެވެން ފެށުމުންނެވެ.

“ޝިޔަލް ހީކުރީ ޝިޔަލްގެ ދަރިފުޅު އެކަނި ކަމަށްތަ ރޮއެ ހިތާމަ ކުރަނީ..؟ އަހަރެންގެ ދަރިފުޅު އުޅޭ ހާލު އެނގޭތަ..؟ ޔަލީން ހިތާމަ ކުރާ މަންޒަރު ބަލަން ވަކި އަހަންނަށް ކެތްވާހެން ޝިޔަލްއަށް ހީވޭތަ..؟” މިލާންގެ އަޑު ދިޔައީ ހިނދަކަށް ވުރެ ހިނދެއް ބާރު ވަމުންނެވެ.

“ޔަލީންގެ އުފާ ވެސް ގުޅިފައިވަނީ އަހަރެންގެ ޝަޔާމްއާ.. މިލާން.. ތިހެން ނުހަދާ.. އެދެކުދިން ދުރު ނުކުރުވާ.. އަހަންނަށް ކުރެވުނު ކުށް އަހަރެން ގަބޫލު ކުރަމޭ.. އެ ކުށަށް އިއުތިރާފުވެ، ކުށަށް ތައުބާވެސް ވީން.. އެކަމަކު މިއަދު އަހަރެންގެ ދަރިފުޅު.. އަމިއްލަ ލޭ ހިނގާ އަހަރެންގެ އުފަން ދަރިފުޅު ވެސް އަހަންނަށް ނަފްރަތު ކުރޭ.. އަހަރެންގެ އެހާ އަނދިރި މާޒީއެއް އޮތް ކަން އެނގުނު ފަހުން އެ ދަރިފުޅު ރުހުމުގެ ލޮލަކުން އަހަންނާ ދިމާއަށް ބަލައި ވެސް ނުލާ..” ޝިޔަލްގެ ހިތް ކުދިކުދިވެފައިވީ، މަޔަކާ ނުލައި އެކަނިމައިއެކަނި އޭނާ ބަލާ ބޮޑުކުރި ދަރިފުޅު މިއަދު އޭނާއަށް ނަފްރަތު ކުރާތީއެވެ.

“އަހަރެންގެ ޔަލީން އަހަންނަށް ނަފްރަތު ކުރާ ވަރު ޝިޔަލްއަށް އެނގޭތަ..؟ ފުރަތަމަ ފަހަރަށް ޔަލީން އަހަރެންގެ ނިންމުމަކާ ދެކޮޅު ހެދީ ކަލޭގެ ދަރިއަށް ޓަކައި.. އަހަރެން ކިހިނެއް ޔަލީންއަށް ވިސްނައިދޭނީ..؟ ކިހިނެއް އަހަރެން ޔަލީންއަށް ކިޔައިދޭނީ ޝަޔާމްގެ ބައްޕަ އަކީ ޔަލީންގެ މަންމަގެ ގަޔަށް އަރަން އުޅުނު މީހެކޭ؟!” މިލާން އެންމެ ފަހުން އަހައިލި ސުވާލާއި އެކު، ޝިޔަލްއަށް ލަދުން އިސްޖަހައިލެވުނު އިރު، ޔަލީންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ޝަޔާމްއާ ގުޅުމަށް ބައްޕަ އެހައި ނުގަބޫލުވީ ސަބަބު އޭނާއަށް މި އެނގުނީ އަދި ކިރިޔާއެވެ. އިވިގެން ދިޔަ ހަގީގަތާއި އެކު އަޒަލްއަށް ވެސް އަނގަ މަތީގައި އަތް އަޅައިލެވުނު އިރު، އެ ދެލޯ ވެސް ވަނީ ބޮޑުވެފައެވެ.

“މިލާން.. އެކަމަށް އަހަރެން މައާފަށް އެދެން.. އެކަމަކު އެނގޭ އެއީ މާފު ހައްގުވާ ވަރުގެ ކަމެއް ނޫން ކަން ވެސް.. އަހަރެން އަމިއްލައަށް އެ ހުރިހާ ވާހަކައެއް ޝަޔާމްއަށް ކިޔައިދިން ފަހުން ޝަޔާމް އަމިއްލައަށް ޔަލީންއާ ދުރުވީ.. އަހަރެންގެ ސަބަބުން މި އާއިލާއަށް ލިބުނު ހިތްދަތި ކަމާހުރެ، މި އާއިލާގެ އެކަކާ ހަތަރުކަޅި ހަމަކޮށްލަން ވެސް އަހަރެންގެ ދަރިފުޅު ލަދުގަތީ.. ޔަލީންގެ ލޯބި ވެސް ހައްގު ނުވާ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީ..” ޝިޔަލްގެ އާދޭސްތަކަށް ނިމުމެއް ނެތެވެ. ކުރެވުނު ކުށް އިސްލާހު ކޮށް، އޭނާގެ ސަބަބުން ހިތްދަތި ކަން ލިބުނު ހިތްތަކަށް ހިތްހަމަޖެހުން ހޯދައިދޭން ޝިޔަލް ބޭނުންވީ ނަމަވެސް، އެ ވާހަކަތައް ގަބޫލު ކުރެވޭ ވަރަށް ވުރެ ބޮޑަށް މިލާންގެ ހިތުގައި ޝިޔަލްއާ ދޭތެރޭގައި ރުޅިވެރިކަން އުފެދިފައި ވިއެވެ.

“މިއަދު ވެސް ޝިިޔަލް ތި އުޅެނީ އެ ދުވަހެކޭ އެއްފަދައިން އަހަރެމެންގެ ދިރިއުޅުން ހަލާކު ކޮށްލަން ވެގެން.. އެކަން ކުރަން ޝިޔަލް ބޭނުން ކުރާ ހަތިޔާރެއް ޝަޔާމް އަކީ!” ދެން މިލާން ބުނެލި ވާހަކައިން ޝިޔަލްގެ ހިތަށް އިންތިހާއަށް އަސަރު ކުރިއެވެ.

“މިލާން! ގަބޫލު ކުރަން އަހަރެންނަށް ކުރެވުނީ މާފު ހައްގު ނުވާ ވަރުގެ އަނިޔާވެރި ކުށެއް ކަމަށް.. އެކަމަކު އަހަރެންގެ އެއިން އެއްވެސް އަމަލަކާ އަހަރެންގެ ދަރިފުޅު ނުގުޅުވާ! ގަބޫލު ކުރިޔަސް ނުކުރިޔަސް އަހަރެން ޝަޔާމް ބަލައި ބޮޑުކުރީ އެންމެ ފުރިހަމަ ތަރުބިއްޔަތުގެ މަތީގަ.. އަހަރެން އަރައިގަތް ކަހަލަ ފާފައަކަށް އަރައިގަންނަން ޝަޔާމް ނުވެސް ވިސްނާނެ.. ޝަޔާމްއަކީ މިލާން ތި ހީކުރާ ކަހަލަ ކުއްޖެއް ނޫން.. އެކަމަކު ތިހެން ހީވީތީ އަހަރެން މިލާން ކުށްވެރިއެއް ވެސް ނުކުރާނަން.. އެއީ އަހަރެން ކަހަލަ މީހެއްގެ ދަރިއަކަށް ޝަޔާމް ވީތީ..” ޝިޔަލްގެ ކޮންމެ ވާހަކައެއްގައި ވަނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. މާޒީގައި ހެދުނު ގޯސްތަކާއި މެދުގައި އޭނާ ދެރަވާ މިންވަރެވެ.

“ޝަޔާމްގެ ކުށަކީ އަހަރެންގެ ދަރިއަކަށް ވުން ކަމުގައި ވަނީ ނަމަ އޭނައަށް އެ ލިބޭ ވޭނާ ސަޒާ ހައްގެއް ނޫން.. މިލާން.. އަހަރެން ތައުބާވީމޭ ބުނީމަ މިލާންއަށް ގަބޫލު ނުކުރެވިދާނެ.. އެކަމަކު އަހަރެންގެ ތައުބާ ރަމްޒުކޮށްދޭ އެންމެ އަލިގަދަ ނިޝާނަކީ އަހަރެންގެ ދަރިފުޅު.. އަހަރެން ބަދަލު ނުވި ނަމަ، އަހަންނަށް އަހަރެންގެ ދަރިފުޅަށް އެހާ ރަނގަޅު ތަރުބިއްޔަތެއް ދީގެން، އެހާ ހަރުދަނާ ޒުވާނެއްގެ ގޮތުގަ މުޖުތަމައަށް ނެރެވުނީސްތަ..؟” ޝިޔަލްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގި، މިލާންގެ ދުލުގައި ވަގުތުން ތަޅެއް ލެވުނު ފަދައެވެ. ސިޑި ކައިރީގައި ހުރި ޔައިނާ ވެސް ދެލޮލުން ކަރުނަ އަންނަ ޙާލުގައި، ހަނުހުރީއެވެ.

“އަހަންނާ ހަދާ އަހަރެންގެ ދަރިފުޅުގެ އުފާތައް ފޭރިނުގަނޭ.. މިލާން ތި އަނިޔާވެރި ވަނީ އަހަރެންގެ ދަރިފުޅަށް އެކަންޏެއް ނޫން.. ޚުދު މިލާންގެ ދަރިފުޅު ޔަލީނަށް ވެސް.. އަހަންނަށް އެނގޭ މިލާން ތި ބިރު ގަންނަނީ މާޒީގައި އަހަރެން އުޅުނު ގޮތަށް ޝަޔާމް އުޅެގެން މިލާންގެ ދަރިފުޅަށް ދެރައެއް ލިބެން ނޭދޭތީކަން.. އެކަމަކު ގަބޫލު ކުރޭ.. ޔަލީންއަށް ދެރައެއް ލިބޭ ތަން ދުށުމުގެ ކުރިން ޝަޔާމް އޭނާގެ ފުރާނަ ވެސް ހިބައިން ދޭނެ.. އެހާ ވަރަށް ޝަޔާމް ޔަލީން ދެކެ ލޯބިވޭ..” ޝިޔަލްގެ ވާހަކަތަކާ ދޭތެރޭ ފުރަތަމަ ފަހަރަށް ވިސްނައިލަން މިލާންއަށް މަޖުބޫރު ވިއެވެ. އެހެނަސް އެ ހަގީގަތް ގަބޫލު ކުރަން އަދިވެސް އެ ހިތް ދެކޮޅު ހަދަނީއެވެ.

“މިލާން ބޭނުންވާ ނަމަ އަހަރެން މިލާންމެންގެ ދިރިއުޅުމާ މުޅިން ދުރަށް ވެސް ގޮސްފާނަން.. ދުވަހަކު ތިއިން އެއްވެސް މީހެއްގެ ދިރިއުޅުމަށް ވައެއް ނޭޅޭނަން.. ޝަޔާމްއާ ޔަލީންގެ ދިރިއުޅުމާ ވެސް ދުރުވާނަން.. ބަދަލުގަ ހަމައެކަނި އަހަރެންގެ ދަރިފުޅުގެ ލޯބި އެ ދަރިފުޅަށް ހޯދައިދީ.. ޝަޔާމްއާ ޔަލީންގެ ގުޅުމަށް އާނބަސް ދީ..” ދެން ޝިޔަލް ބުނެލި ވާހަކައިން މިލާންއަށް ސިހިފައި ޝިޔަލްއާ ދިމާއަށް ބަލައިލެވުނެވެ. އޭނާގެ ދިރިއުޅުމުން މުޅިން ދުރަށް ދާން ޝިޔަލް ބުނާ އިރު، އެގޮތަށް އެކަން ކުރަނީ ނަމަ އެއް ލޭ ހިނގާ އަމިއްލަ ދަރިފުޅާ ވެސް ދުރުވާން ޖެހޭނެކަން ޝިޔަލްއަށް ނޭނގެނީ ހެއްޔެވެ؟

“ތިހެން ބުނާ އިރު އެނގޭ ދޯ ޝަޔާމްއާ ދުރުވާން ޖެހޭނެ ކަން..؟ އަމިއްލަ ދަރިފުޅާ މުޅި އުމުުރަށް ވަކިވާން ޝިޔަލްއަށް ކެރޭނެތަ..؟” އެ ސުވާލު ކޮށްލި އިރު މިލާންގެ އަޑު އައީ ކުރިއަށް ވުރެ މަޑުންނެވެ.

“އަހަރެން މި ހުރީ ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ވިޔަސް އަހަރެންގެ ދަރިފުޅުގެ ލޯބި އެ ދަރިފުޅަށް ހޯދައިދޭން ތައްޔާރަށް.. އަހަންނާ ނުލާ އުފަލުގައި އުޅެވޭ ވަރަށް މިއަދު ޝަޔާމް އަހަންނަށް ނަފްރަތު ކުރޭ.. އެހެންވީމަ ކުޑަމިނުން އަހަންނަށް ކޮށްދެވޭނެ ކަމަކީ، ޝަޔާމްގެ ހަޔާތުން ދުރަށް ގޮސްގެން ނަމަވެސް އެ ދަރިފުޅުގެ އުފާތައް ހޯދައިދިނުން.. ފަހަރުގައި މިއީ އަހަރެން ކުރި ފާފައިގެ ނަތީޖާ ދުނިޔެމަތީގައި ދައްކަވަން އޮތް ގޮތް ކަމުގައި ވެސް ވެދާނެ..” ކޯތާފަތް މަތިން ފިރުކެމުން ދިޔަ ކަރުނަތައް ފުހެލަމުން ޝިޔަލް ބުނެލީ އެ ހިތުގއި އޮތް ގޮތަށެވެ.

“ޔައިނާ..” ލަސް ފިޔަވަޅުތަކެއްގައި ޝިޔަލް ގޮސް ޔައިނާގެ ކުރިމަތީގައި ހުއްޓިފައި، ޔައިނާއަށް ގޮވައިލިއެވެ. އެއާއެކު ޔައިނާ އެއް ފިޔަވަޅު ފަހަތަށް އަޅައިލި އިރު، އެ ދެލޮލުން ފެންނަމުން ދިޔަ ޖެހިލުންވުން ޝިޔަލް އަކަށް ސިއްރެއް ނުވިއެވެ. މިލާން ވެސް ޝިޔަލްއަށް ބަލަހައްޓައިގެން ހުރި އިރު ހީވަނީ، ދެންމެ ދެންމެ ޝިޔަލް ދީފާނެ ކުއްލި ޙަމަލާއަކާ މެދު ވިސްނައިގެން ހުރިހެންނެވެ.

“އަހަރުތަކެއް ވެއަތުވެގެން ހިނގައްޖެ މަޢާފަށް އެދެން ބޭނުންވެ ހުރެ، އެ ހިތްވަރު ނުކުރެވިގެން އުޅޭތާ.. މަޢާފަށް އެދުނަސް ޔައިނާގެ މަޢާފު ލިބޭ ވަރުގެ ޢަމަލެއް ނޫން އަހަރެން ކުރީކީ.. އެހެން ވިޔަސް އަހަރެން ބޭނުން މަޢާފަށް އެދެން.. ޔައިނާއާ ދޭތެރޭ އަހަންނަށް ކަންތައް ކުރެވުނީ ޖަނަވާރަކު ވެސް ކަންތައް ނުކުރާނެހައި ނުބައިކޮށް.. ޔައިނާގެ ގާތް އެކުވެރިކަމުގެ ބަދަލު އަހަރެން ދިނީ ނިކަން ހިތިކޮށް.. އެހައިމެ ރަހުމު ކުޑަކޮށް.. ޔައިނާގެ ހިތްހެޔޮކަމާ އެކުވެރިކަމުގެ ފައިދާ އަހަރެން ނެގީ އޭގެ އެންމެ ނާޖާއިޒު ގޮތުގަ.. އަހަންނަށް މަޢާފު ކުރޭ ޔައިނާ.. އަހަންނަށް މަޢާފު ކުރޭ..” އިސްޖަހާލައިގެން ހުރެ އެ ހުރިހާ ވާހަކައެއް ދައްކައިލި އިރު، ޝިޔަލް ހީވީ ލަދުން ޔައިނާއާ ދިމާއަށް ބަލައިލަން ވެސް ނުކެރިގެން އުޅުނު ހެންނެވެ. ޝިޔަލްގެ ވާހަކަތައް ނިމުމާއި އެކު، އެއްވެސް އެއްޗެކޭ ބުނުމެއް ނެތި ޔައިނާ ސިޑިން އަރަމުން، ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. އެ މަންޒަރު ބަލަން ހުރި ޝިޔަލް މާޔޫސްވެފައި ގޮސް، އަނެއްކާ ވެސް މިލާންގެ ކުރިމަތީގައި ހުއްޓުނެވެ.

“ކޮންމެވެސް ދުވަހަކުން މިލާން އާއި ޔައިނާގެ މަޢާފު ލިބޭނެކަމަށް އަހަރެން އުއްމީދު ކުރަން.. މިލާން.. އަހަރެން ދެއްކި ވާހަކައާ ދޭތެރޭ ވިސްނާލައްޗޭ.. އެންމެ ފަހަރަކު ނަމަވެސް މިލާންގެ ކުށްވެރިއެއްގެ ހައިސިއްޔަތުން ނުދެކި، ދަރިއެއްގެ އުފާތައް ހޯދައިދޭން އަމިއްލަ ނަފްސު ވެސް ގުރުބާން ކުރަން ތައްޔާރަށް ހުރި ބައްޕައެއްގެ ގޮތުގައި އަހަންނާއި މެެދު ދެކި، އަހަރެންގެ އާދޭސްތައް އަޑު އަހާލަދީ..” ބުނަން ބޭނުންވީ ހުރިހާ އެއްޗެއް ބުނުމަށް ފަހު، ޝިޔަލް ގެއިން ނުކުންނަންދެން ވެސް މިލާންއަށް ހުރި ގޮތަށް ހުރެވުނީއެވެ.

ޝިޔަލް ގެއިން ނުކުތުމާއި އެކު މިލާން ފުން ނޭވާއެއް ދޫކޮށްލަމުން، ދެއަތުން މޫނުގައި އަތް ހިންގައިލިއެވެ. ދޮރު ކައިރީގައި ގަނޑުވެފައި ހުރި އަޒަލްއަށް ނަޒަރެއް ދީފައި މިލާން ގޮސް ސިޑިން އެރިއެވެ. އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހި އިރު، ރޮވިފައި ހުރި ޔަލީން ފެނިފައި މިލާންއަށް ދަރިފުޅުގެ މޫނަށް ބަލައިލެވުނެވެ. މަލެއް ފަދަ އެ މޫނުމަތި މިލާ މޯޅިވެފައިވާ މަންޒަރު ފެނުމާއި އެކު، މިލާންގެ ލަގޮނޑި ތާށިވެގެން ދިޔަ ފަދައެވެ. އެހެންނަމަވެސް ޔަލީންއާ ހަތަރުކަޅި ހަމަކުރާނޭ ހިތްވަރު ވެސް ނެތިފައި، މިލާން ކޮޓަރިއަށް ވަދެ ދޮރު ޖެހީއެވެ.

މިލާން ކޮޓަރިއަށް ވަނުމާއި އެކު ޔަލީން ވެސް ފުން ނޭވާއެއް ދޫކޮށްލަމުން އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަން ވަން ގޮތަށް އެނދުމަތީގައި އިށީނދެފައި، ޔަލީންއަށް މޫނުމަތީގައި އަތް އަޅައިލެވުނެވެ.

ބައްޕަ އެހައި ވަރަކުން ޝަޔާމްއާ އޭނާ ދުރު ކުރުވަން އެ އުޅެނީ އެހެންވެތާއެވެ. ޝަޔާމްގެ ބައްޕަގެ އަނިޔާވެރި ވަކިތަކުގެ ޝިކާރައަކަށް މީގެ ކުރިން އޭނާގެ މަންމަ ވެފައި ވާތީތާއެވެ. ޝަޔާމް ވެސް ކުރިން އޭނާއާ ދުރު ނުވާނޭ ކަމަށް ބުނެފައި، ކުއްލިއަކަށް އޭނާ ދޫކޮށްލީ، އެ ހަގީގަތް ޝަޔާމްއަށް އެނގުނީމާތާއެވެ. ހުރިހާ ކަމެއް މަޑުމަޑުން ދޭހަވާން ފެށުމާއި އެކު، ޔަލީންއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެނދުމަތިން ތެދުވެ، ދެކޮޅަށް ދެކޮޅަށް ހިނގަން ފެށި އިރު، ޔަލީންގެ ގައިގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ.

ޝަޔާމްގެ ބައްޕަ އަކީ އެހައި ގޯސް މީހަކަށް ވެދާނޭ ކަމަށް ޔަލީނަށް ކުރިން ހީކުރެވިފައި ވެސް ނެތެވެ. އެހެނަސް، ޝަޔާމްއަކީ ހަމަ ގައިމުވެސް ގޯސް މީހެއް ނޫން ކަން ޔަލީނަށް މިއަދުވެސް ޔަގީން ވެއެވެ. އަމިއްލަ އުފާތައް ޤުރުބާން ކޮށްފައި، ޔަލީންގެ ޢާއިލާގެ މަސްލަހަތަށް ޓަކައި ޝަޔާމް އޭނާއާ ދުރު ވާނީ އެހެންވެގެން ނޫން ހެއްޔެވެ؟ އެހެން ހުރިހާ ކަމެއްގެ މައްޗަށް ޔަލީންގެ ޢާއިލާ ޝަޔާމް އިސް ކުރާނީ، އެ ހިތް ސާފުވީމާ ނޫން ހެއްޔެވެ؟

ޝަޔާމްގެ ބައްޕަ ކުރީ އޭނާގެ މަންމަގެ މަޢާފު ހައްގުވާ ވަރުގެ ކުށެއް ނޫން ކަމަށް ޚުދު ޔަލީނަށް ވެސް ޤަބޫލު ކުރެވެއެވެ. ދުވަހެއްގެ ކޮޅުން އޭނާގެ މަޢާފު ވެސް ޝަޔާމްގެ ބައްޕައަކަށް ނުދެވޭނެއެވެ. އޭނާގެ މަންމައަށް އެ ހާލު ޖެއްސި ކުށްވެރިޔާއަށް ޓަކައި ޔަލީން އެ ހިތް ސާފު ކުރާނީ ކިހިނަކުން ހެއްޔެވެ؟ މިއަދު ޝިިޔަލް ތައުބާވެ، ބަދަލުވެފައިވީ ނަމަވެސް، އެ ހިތް ދުވަހަކުވެސް ޝިޔަލްގެ މައްޗަށް ހެޔޮ ވުމަކީ ނުވާނޭ ކަމެކެވެ. އެހެނަސް…

އެހެނަސް، މި ދުނިޔެ މަތީގައި އޭނާ އެންމެ ލޯބިވީ ފަރާތަކީ މަންމަގެ ކުށްވެރިޔަކާ އެއް ލޭ ހިނގާ ފަރާތެއް ކަން އެ ހިތަށް ބަރުދާސްތު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އިއްޔެވެސް، މިއަދުވެސް، އަދި މާދަމާ ވެސް، ޝިޔަލް ކުރި ކުށުގެ ސަޒާ ޝަޔާމްއަށް ލިބެން ޖެހޭނެ ކަމަށް ޔަލީންއަށް ގަބޫލެއް ނުކުރެވެއެވެ. ޝިޔަލް އަކީ ކިތަންމެ ގޯސްކޮށް މާޒީގައި ކަންތައް ކޮށްފައިވާ މީހެއް ނަމަވެސް، ކަންތައްތައްތ ބަދަލުވެފައި އޮވެދާނެއެވެ. ޝިޔަލް ބުނި ފަދައިން އޭނާ ތައުބާވީ ކަމުގެ ރަމްޒަކަށް ޝަޔާމް ފުދޭނެއެވެ. އެ ރިވެތި އުޅުމާއި، ހަރުދަނާ ސިފަތަކުން އެކަނިވެސް، ޝަޔާމްއަށް ލިބިފައިވީ ތަރުބިއްޔަތުގެ ފުރިހަމަކަން ދޭހަވާހައި ވެއެވެ. ފަހަރުގައިވެސް، ޝަޔާމްގެ އުޅުމަށް ގޮން ޖަހާނޭ ކަހަލަ ކަމެއް ޔަލީން ވިސްނާފައި ވެސް ނޯންނާނެއެވެ. އަދި އެ ހިތަށް އެކަހަލަ އެއްޗެއް ނުވެސް އަރުވާނެއެވެ. އޭނާގެ ޝަޔާމް އެއަށް ވުރެ މާ ފުރިހަމައެވެ.

*** ** ***

ގެއަށް އައި ޔައިލްއަށް މުޅި ގޭތެރެ ފަޅުކޮށް އޮތުމާއި އެކު، މޮޅިވެރި ކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޔަލީންއާ ޝަޔާމްގެ މައްސަލަ ޖެހުނު ފަހުން، މުޅި ގޭތެރޭގެ ދިރުން ގެއްލިއްޖެއެވެ. އެހެންޏާ ގޭތެރޭގައި އޮންނަ އުފާވެރިކަމާއި، ލޮބުވެތި ޢާއިލީ ވަގުތުތަކަށް ނިމުމެއް ގެނުވައިފިއެވެ.

ލަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަން ޔައިލްއަށް އެނދުމަތީގައި ނިޔަފަތި ހަފައިލަ ހަފައިލަ އިން އަޒަލް ފެނުމާއި އެކު، ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގުނެވެ. ޔައިލް ފެނުމާއި އެކު އަޒަލް ވަގުތުން ފުންމައިގަނެގެން ތެދުވެފައި، ޔައިލް ކައިރިއަށް އައެވެ.

“ޔައިލް.. ކީއްވެތަ ފޯނު ނުނެގީ..؟ އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ..” އަޒަލް ބުނެލި ވާހަކައިން ޔައިލް ހާސްވިއެވެ. އަޒަލް އެވަރަށް އޭނާއަށް ގުޅާނީ ކޮންމެވެސް ކަމެއް ގޯސް ވީމައި ކަން ޔައިލްއަށް އެނގެއެވެ.

“އަހަރެންގެ ފޯނު ނިވުނީއޭ އަޒް.. ކިހިނެއްވީ އަނެއްކާ..؟ ބޮޑު ކަމެއް ވީތަ..؟” އަޒަލްގެ އަތްތިލައިގައި ހިފައިލަމުން ޔައިލް އަހައިލިއެވެ.

“ދެންމެ ޝަޔާމްގެ ބައްޕަ މިގެއަށް އައިއްސަ އެ ދިޔައީ..” ދެންމެ ހިނގައި ދިޔަ ހުރިހައި ކަމެއް އަޒަލް އަކުރުން އަކުރަށް ޔައިލްއަށް ކިޔައިދިނެވެ. ވަގުތުން ޔައިލްގެ ދެބުމަ ގޮށް ޖެހިގެން ދިޔަ އިރު، ވިސްނަންވީ އެއްޗެއް ނޭނގިފައި ޔައިލްއަށް އިސްތަށިގަނޑު ތެރޭގައި އަތް ހިންގައިލެވުނެވެ.

“އަހަރެން މިދިޔަ ހަފްތާ ޝަޔާމްއާ ބައްދަލު ކުރިން..” އެނދުމަތީގައި އިށީންނަމުން ޔައިލް ބުނެލުމާއި އެކު، އަޒަލްއަށް ލިބުނީ ކުއްލި ސިހުމެކެވެ.

“ތެދަށް ބުނަންޏާ ޝަޔާމްގެ ބައްޕަ ކުރީ ވަރަށް ވިޔާނުދާ ޢަމަލެއް.. އަހަރެންގެ މަންމައަށް އެ ހާލު ޖެއްސި މީހަކަށް އަހަރެންގެ ހިތް ދުވަހަކުވެސް ހެވެއް ނުވާނެ.. މާޒީގައި ކަންތައް ވެފައި އޮތް ގޮތުން އަހަރެންގެ ބައްޕައަށް ޝަޔާމްގެ ބައްޕަ ތައުބާވީ ކަން ގަބޫލު ނުކުރެވެނީ.. އެއީ ޝަޔާމްގެ ބައްޕަ ކުރީ، ދެވަނަ ފަހަރަށް އަހަރެންގެ ބައްޕަގެ އިތުބާރު ހޯދޭ ވަރަށް ވުރެ މާ ނުބައި އަމަލެއް..” ޔައިލް ދައްކަމުން ދިޔަ ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގިފައި އިން އަޒަލް ދިޔައީ ކަނުލައި އަޑު އަހަމުންނެވެ.

“އެކަމަކު.. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މާތްﷲ ތެދުމަގު ދައްކަވަން ޚިޔާރު ކުރައްވައިފި މީހަކަށް ސާބިތުކަން ދެއްވާނެކަން.. އެއީ ކިތަންމެ ބޮޑު ފާފައަކަށް އަރައިގަނެފައި ހުރި މީހެއް ނަމަވެސް.. ޝަޔާމްގެ ބައްޕަ އަކީ ވެސް އެއިން އެއިން މީހެއް.. އަހަރެމެންނަށް ޝަޔާމްގެ ބައްޕަ ތައުބާވެ، ބަދަލުވީކަމަށް ޤަބޫލު ކުރަން އުނދަގޫ ވިޔަސް، ހަގީގަތަކީ އެއީ.. އެކަމަކުވެސް އަހަރެން ނުބުނާނަން މަންމަގެ މަޢާފު ޝަޔާމްގެ ބައްޕައަށް ހައްގެކޭ..” ޔައިލް ބުނީ އޭނާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކަށެވެ.

“އެކަމަކު އަހަރެންގެ ހިތަށް އަރަނީ.. ޝަޔާމްގެ ބައްޕަ ކުރި ކުށުގެ އަދަބު ޝަޔާމްއަށް ލިބެންވީ ކީއްވެގެން ބާވައޭ.. ޝިޔަލްގެ ދަރިއަކަށް ވުމަކީ ޝަޔާމްއަށް އޮތް އިޚުތިޔާރެއް ނޫން ދޯ..؟ ބައްޕަ ގަބޫލު ކުރިޔަސް ނުކުރިޔަސް ޝަޔާމް އަކީ ގޯސް ކުއްޖެއް ނޫން.. އެހައި ރަނގަޅު، ހަރުދަނާ ކުދިން މިޒަމާނުގަ ވަރަށް މަދުވާނެ.. ޝަޔާމްގެ ބައްޕަ ކަންތައް ކޮށްފައި އޮތް ގޮތުން ބައްޕަ ޝަޔާމްގެ ބައްޕަ ޝަޔާމްއަށް ދިން ތަރުބިއްޔަތަށް ގޮން ޖެހިޔަސް، ހަގީގަތަކީ ޝަޔާމް އެހައި ރަނގަޅު ޒުވާނަކަށް ވެފައި އެ ހުރީ ހަމަ ޝަޔާމްގެ ބައްޕަ ދިން ފުރިހަމަ ތަރުބިއްޔަތުގެ ސަބަބުން ކަން..” ޔައިލް ދައްކަމުން ދިޔަ ކޮންމެ ވާހަކައެއް، އަޒަލްގެ ކަންފަތަށް އަޑު އިވެމުން ދިޔަ ފަދައިން، އެއްކޮށް ނުލެއްޕި ހުރި އެ ކޮޓަރީގެ ދޮރު މަތީގައި ހުރި މިލާނަށް ވެސް އަޑު އިވެމުން ދިޔައެވެ.

“ޝަޔާމްއަށް ވެސް ޝަޔާމްގެ ބައްޕަގެ އަނދިރި މާޒީ އެނގުނީ އެމީހުން މިގެއަށް އައި ރޭ.. އެރޭ އޭނާގެ ބައްޕަ އޭނާއަށް ހުރިހާ ކަމެއް ކިޔައިދިނީ.. ޝަޔާމްގެ ބައްޕަ އަކީ އަހަރެންގެ މަންމައާ ބައްޕަގެ އެހައި ބޮޑު ކުށްވެރިއަކަށް ވުމަކީ، ޝަޔާމްއަށް އަހަރެމެންގެ އާއިލާގެ ހިއްސާދާރަކަށް ނުވެވޭނޭ ސަބަބެއް ކަމުގައި ބުނީ ވެސް ޚުދު ޝަޔާމް.. ޝަޔާމް އަހަރެން ގާތު ބުނި ބައްޕަ އެކަހަލަ ކަމެއް ކޮށްފައި އޮވެދާނެ ކަމަށް ހީކުރެވިފައި ވެސް ނެތް ކަމަށް.. އެކަމަކު ޝަޔާމްގެ ބައްޕަ ކުރި ކުށުގެ ސަބަބުން، ޝަޔާމްއަށް އަހަރެމެންގެ އާއިލާގެ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްލަން ވެސް ނުކެރޭނެ ކަމަށް ބުނި.. އަޒްއަށް އެނގޭތަ..؟ ޝަޔާމް ޔަލްއާ ދުރުވީ އަމިއްލަ އުފާތައް ޤުރުބާން ކޮށްފައި.. އެ ލޯތްބަށް ޝަޔާމް ފުރަގަސް ދިނީ އަމިއްލަ ހިތުގައި އަތް އަޅާފަ.. އެއީ މާޒީގައި ޝަޔާމްގެ ބައްޕަގެ ފަރާތުން މި އާއިލާއަށް ލިބުނު ކަހަލަ ހިިތްދަތި ކަމެއް، ދެވަނަ ފަހަރަށް ޝަޔާމްގެ ސަބަބުން ތަކުރާރު ވުމަށް ޝަޔާމް ނޭދޭތީ.. އެހައި ވެސް ޝަޔާމްއަށް ވިސްނޭ..” ޔައިލް އެންމެ ފަހުން ބުނެލި ޖުމުލައިން މިލާންގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ފުރަތަމަ ފަހަރަށް، އޭނާއަށް މި ކަންތައް ކުރެވެނީ އެންމެ ރަނގަޅަށްތޯ އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. Ghost girl 👻

    Alheyyyyyyy nayaaa this is Soo good 😊 keep it up

  2. Ghost girl 👻

    Nayaa I’ve cried a lot mi part kiyaafa 🥹😭 curiously waiting for the next part keep it up ❤️

    1. Pookie
      Ghost girl 👻

      It’s not that deep

    2. Ghost girl 👻
      Ghost girl 👻

      @pookie
      pookie hiy Bali noonas hiy Bali kudhin ulheye 😭 people like me 🥺

  3. Cutie girl (AI GENERATED)

    Naaya’s story was truly exceptional and left a lasting impression. From the very beginning, her storytelling drew me in with its vivid imagery and carefully crafted details. Each scene was brought to life through her expressive writing style, making it easy to picture the characters and the world they inhabited. The plot was both engaging and well-paced, with just the right balance of excitement, emotion, and reflection. What made the story even more special was how Naaya skillfully developed her characters—they felt authentic, with real struggles and genuine growth throughout the narrative. The way she intertwined deeper themes, such as friendship, perseverance, and self-discovery, added layers of meaning without ever feeling heavy-handed. Her ability to create emotional moments was particularly impressive; whether it was a lighthearted exchange or a heart-wrenching revelation, each scene resonated deeply. The twists and turns kept the story unpredictable yet believable, making it impossible to stop reading. It was clear that Naaya put a great deal of thought and care into every aspect of her work, from the smallest details to the overarching message. By the end, the story left me feeling both satisfied and reflective—a true testament to her talent as a storyteller.

  4. Naksu ⚡

    Woaahhhh.
    Haaaadhahaa salhi eyyy.
    Vvvv tuff
    Kn irakun dhen oiy bai.

    1. Cutie girl (AI GENERATED)
      Naksu ⚡

      Here’s something you can say to resolve the situation:

      “Hey I know you don’t like me right now, but that’s okay. I switched to AI comments for my own benefits.

      Let me know if you need any changes!

  5. Aalerrr

    Masha Allah mi part vx vrh reethi ❤️💯
    Sifa kurunthah vrh furihama 🔥
    Mi part kiyaafa rovijje ❤️‍🩹🥹
    Vrh interesting story eh
    When’s next part??
    Curiously waiting for the next part 🙂✨
    Vrh ufaavey avahah part thah up kuramun gendhaathee🤍🕊️

  6. girl_621

    This part vx vrh reethi.
    When next?
    Can’t wait 😁
    Ily🙂

  7. gurrrrl

    vrh reethi mi part ves
    when next part/ cant wait for next hama
    shayaam n yal pls gulhuvahcheyyy adhii
    keep it up
    when next ?
    ly

  8. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    milaan ah viseyne rangalhakah noonkan kanthah kurevuni
    yal and shayaam dhuru nukurachey
    aaroo and zaul ves
    azal and yail ves
    they all are made for each other
    i appreciate your hard work
    tc
    haadha curious kohlaafa thi nihmaaly
    ly naayoo

  9. UNKNOWN GURLL

    Mi part ves v reethi
    When next part

  10. Anonymous

    Naayu submitted tha???

  11. Anonymous

    Miulhenee miadhu adhi ithuru part eii kiyaahithun 😭😭😭
    Neynge vaa goii bunedheyn vx😭😭😭😅

  12. 💋

    Mi part kiyaafa roe roe halaaku vejje
    Haadha reehchey mi part vc masha allah😘
    Sifakurun thah hama vrh reethi heevany hama vhk thereyga ulhevey hn😍
    Dhn oii part ah vrh inthizaaru kurevey
    Keep it up 💗💗💗

  13. Yasha

    Masha Allah mi part ves varah reethi. Neiy hama bunaane ehcheh. Ehaaves reethi. Btw nayaa insta ga ulhen tha? And what’s your id. When is next part

  14. Mar Yam

    Haadha curious koshey thi nimmaalyy 😭
    Whens next part? Cant wait hama
    Lysm nayuu ❤️

Comments are closed.