ކީމޭ އަލްވަދާޢު (ދެވަނަ ބައި)
މައިރީން މަންމައަށް ވީގޮތް ކިޔައިދިނުމުން މަންމަ ހުރީ އަހަރެންދެކެ ފާޑަކަށް ހިތްހަމަނުޖެހިފައެވެ. “އަޒްވާ ދެން ތީ ކޮންކަމެއް؟ ގޭގައި ފުށް ނެތިގެންނޭ ފުށްކޮޅެއް ގެންނަން ބުނީ.. އަނެއްކާ މިޖެހުނީ ފުށް ހޯދަން. މިދެމީހުން އެއްވިއްޔާ ކޮންމެވެސް ޖެއްސުމެއްކޮށްކޮށް ތިބޭނީ.. މިފަހަރު އަޒްވާ ދޭ ފުށް ބަލައި ތިއްތަމެން ގެއަށް..”
އަހަރެން ލައްބައޭ ބުނަމުން މައިރީން އާއި އެކީ މައިރީންގެ ގެއަށްދާން ގެއިން ނިކުތީމެވެ. އެވަގުތު އަނެއްކާވެސް ދިޔާން ގުޅިއެވެ. މިފަހަރު އަހަރެން ފޯން ނަގާފައި ސަލާމް ގޮވާލީމެވެ.
” ވައަލައިކުމުއް ސަލާމް. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން މިގުޅަނީ މިވަރަކަށް” ސަލާމްގެ ޖަވާބު ދެމުން ދިޔާން ވާހަކަ ދެއްކިއެވެ. “ކޮން ވާހަކައެކޯ” ކުރިޔަށް ހިނގައިގަންނަމުން އަހަރެން އަހާލީމެވެ. “އަހަރެން މިއުޅެނީ މީހަކާ އިންނަން ވެގެން” އަހަރެން ވަގުތުން ހުއްޓުނީމެވެ. “އޭނނ!.. ކީކޭ؟”
= = = =
“އޭނނ! ކީކޭ؟ ކާން އިންނަން ވެގެންނޭ؟” މަގުގެ އެއްފަރާތުގައި މަރާމާތު ކުރަމުންދާ ގެއިން މުށިކަފާ އަޑާއި ކީހާ އަޑު އިވޭތީ ދިޔާން ކީ އެއްޗެއް އަހަންނަކަށް އެހާ ބޮޑަކަށް ސާފެއް ނުވިއެވެ. “އަހަރެން މިއުޅެނީ މީހަކާ އިންނާށޭ!” ދިޔާން ދެވަނަ ފަހަރަށް ތަކުރާރުކޮށްލިއެވެ. “އޯހހ! މީހަކާ އިންނަނީ… ހިހި… ދެން އަވަހަށް އިންނަންވީނު.. ބައި ދަ ވޭ ކޮންގްރާ އިނގޭ!” ހީނލަމުން އަހަރެން ޖަވާބު ދިނީމެވެ. އިތުރު އެހެން އެއްޗެއް އަހަންނަށް ނުބުނެވެނީސް ޝުކުރިއްޔާއޭ ބުނެފައި ދިޔާން ފޯން ބޭއްވިއެވެ. ހައިރާންކަމާއިއެކު އިރުކޮޅެއް ވަންދެން އަހަންނަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނެވެ. ދިޔާންއަކީ އެހެންޏާ އެހާ އަވަހަށް ފޯނު ބާއްވާ މީހެއްވެސް ނޫނެވެ.
ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ މައިރީން އަހަރެންގެ ކޮނޑުގައި ޖަހާލުމުންނެވެ. އަހަރެން މައިރީންއަށް ބަލައިލީމެވެ. މައިރީން އަތުގެ އިޝާރާތުން ކިހިނެއްވީހޭ އަހާލިއެވެ. “ދިޔާން މީހަކާ އިންނަނީޔޯ” ފޯނު ޖީބަށް ލަމުން އަހަރެން ޖަވާބު ދިނީމެވެ. “ދެން އެހެންވެދޯ އަޒޫ ތިހުރީ ހުއްޓުން އަރާފަ؟ ދިޔާން މެރީކުރަން އުޅޭތީ ދެރަވީތަ؟ އެހެންނު ވާނީ އަޒޫ ނީނީމަ ދެން އެހެން މީހަކާއެއްނު އިންނާނީ” މައިރީން ބުންޏެވެ.
އަހަރެންގެ އަތުން އަހަރެންގެ ނިތްމަތީ ޖަހާލަމުން މައިރީންއަށް ޖަވާބު ދިނީމެވެ. “މައިރީންންން.. އަޅޭ އޭނަ މީހަކާ އިންނާތީ މަ ނުވެޔޭ ދެރައެއް. މަ ކީއްވެތަ ދެރަވާންވީ؟.. މަ ހައިރާންވެފަ މިހުރީ ދިޔާން މާ އަވަހަށް ފޯން ބޭއްވީމަ.. އެހެންޏާ އޭން ފޯން ނުބާއްވައިގެން މަ އިންނަނީ ބޮލުގައި ރިއްސައިގެންފަ”
މައިރީން ދިމާކުރާ ފާޑަކަށް އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި ބުންޏެވެ. “އެހެމް.. މިހާރު އަވަހަށް ފޯން ބޭއްވީމަ ބޮލުގައި ރިއްސައިގަތީ ދޯ؟ ދެން ދިޔާން ކީއްކުރަންތަ ކޮންމެހެން އަޒޫއާއި ގިނައިރު ވާހަކަ ދައްކަންވީ؟ އޭނައާއި ވާހަކަދައްކާނެ މީހެއް ލިބުނީމަ. މަށަށް ހީވަނީ އަޒޫ ހަމަ ދެރަވީހެން..”
އަހަރެން މައިރީންއަށް ލޯއަޅައި ބަލައިލީމެވެ. ލާނެތް ފާޑަކަށް ހެމުން ‘އަޒޫ ހަމަ ދެރަވިއްޔޯ’ ކިޔަމުން މައިރީންގެ ގެއަށްވަނެވެ. އަހަރެންވެސް މައިރީންގެ ފަހަތުން އެގެއަށް ވަނީމެވެ.
އިޝާނަމާދު ފަހެވެ. އަހަރެން ނަމާދުކޮށްލައިގެން ގެއިން ނިކުތީ ފިހާރައަށް ދާން ވެގެންނެވެ. 8 ޖަހަންވާއިރަށް ފިހާރަ ހުޅުވަން ޖެހެއެވެ. މިހާރު ގަޑިން 7:50 ވީއެވެ. އޭރު މަންމަ، ބަތް ނުކައިހޭ ތިދަނީ ކިޔާ ގޮވައިލުމުން ކާނީ ފަހުންކަމުގައި އަހަރެން ބުނީމެވެ. ފިހާރައިގައި އުޅެން ޖެހުނުލެއް ބިޒީކަމުން ޖަނަން ގުޅީމަވެސް ފޯން ނަގާކަށް ވަގުތެއް ނުވިއެވެ. އާމުދާ އައިސްފައި ހުރުމުން މިރޭ ފިހާރައަށް އަންނަ ކަސްޓަމަރުންވެސް ގިނައެވެ.
ގެއަށް އާދެވުނުއިރު ގަޑިން އެގާރަ ޖަހަނީއެވެ. އަހަރެން ކާގެއަށް ވަދެފައި އަވަސްގޮތެއް ހަދާލައިގެން ކޮޓަރިއަށް ވަދެފައި ރަނގަޅަށް ހަމަޖެހިލީމެވެ. އަދި ފޯން ނަގާފައި ޖަނަންއަށް ގުޅާލީމެވެ. މިހާރު ޖަނަން ހުންނާނީ ރުޅި އައިސްގެން ފަޅައިގެންދާން ކައިރިވެފަ ކަންނޭނގެއެވެ. ހަމަ ރިންގުވުމާއިއެކުހެން ޖަނަން ފޯން ނަގައިފިއެވެ. ހީވަނީ ހަމަ އަހަރެންގެ ކޯލަކަށް ބަލަބަލާ އިންހެނެވެ. “ގުޅިއްޖެ ދޯ! މަމީ ދިޔާން ނޫންވީމަ ކަންނޭގެ.. މަ ގުޅީމަ ފޯނުވެސް ނަގަނީކީ ނޫން.. އެކަމު ހަމަ އޭނަ ގުޅީ ފޯން ނެގީ.. މަމީ މިހާރު އެއްވެސް މީހެއް ނޫންދޯ؟” ޖަނަން އެއް ނޭވާއިން އޭނާގެ ޝަކުވާތައް އޮއްސަމުން ދިޔައެވެ. “އެއީ ތެދެއްތަ؟ ދިޔާން މެރީކުރަން އުޅެނީޔޯ.. ނުވެސް ބުނެޔޭ އަދި އެވާހަކައެއް މަ ކައިރީގައެއް… ދެން މީހަކު އުޅުނީޔޯ އެސޮރު މެރީކުރާތީ އެކަމާ ދެރަވެގެން… ކޮއެ ހަމަ އަސްލުވެސް އޭނާއަށް ލައިކުވަނީތަ؟ ޔޫ ހޭވް ފީލިންގްސް ފޯ ހިމް؟ އާރ ޔޫ އިން ލަވް؟”
“ނިމުނީ؟ ކީއްވެޔޯ ތި ހުއްޓާލީ؟ ވަރުބަލިވީތަ؟” ޖަނަންގެ ހާސަރުތައް ދަމާ ނިމުމުން އަހަރެން އަހާލީމެވެ. “އެ މައިރީންގަނޑު އެންމެ ފަހުން ޖަނަން ގާތު ބުނީ ދޯ.. އަހަރެން އެވާހަކަތައް ދައްކަން މިގުޅީވެސް… އެކަމު އެވާހަކަތައް ދައްކާނެކަމެއް ނެތެއްނު.. އެނގެއެއްނު ހުރިހާ ވާހަކައެއް”
“ނޫނޭ.. އަދި އެވާހަކަތައް ދައްކަން ވާނެ. އަހަރެން އެނގެން ބޭނުންވާ ކިތައްމެ ވާހަކެއް އެބައޮތް. އަހަން ބޭނުންވާ ކިތައްމެ ސުވާލެއް އެބައޮތް.” އަހަރެން އެވާހަކަތައް ކުރުކޮށްލަން އުޅުމުން ޖަނަން އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
” އާނ.. ދިޔާން މެރީކުރަން އުޅެނީޔޭ ބުނީ.. އެކަމު މަ އެކަމާ ނުވެޔޭ ދެރައެއް.. އެދުވަހު ދިޔާން ހަމަ އެހެން ބުނެލާފައި ވަގުތުން ފޯން ބޭއްވީމަ މަ ހުރީ ހައިރާންވެފަ. އެހެންޏާ އެއީ ގުޅައިފިއްޔާ ފޯން ބާއްވަން އެނގޭ މީހެއް ނޫން. މަށަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނީމަ މައިރީން ހީކުރީ ކަންނޭގެ މަ ދެރަވީއޭ”
އަހަރެންގެ ވާހަކަ އެހިސާބަށް ދިޔަތަނާ މަންމަ އަހަރެންގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލުމުން އަހަރެން ދޮރު ހުޅުވައިލީމެވެ. މަންމަ އައީ އަހަރެން ހުރީ ކައިގެންތޯ ބެލުމަށެވެ. އަހަރެން ކައިގެން ހުރި ވާހަކަ ބުނުމުން މާބޮޑަށް ލަސްވަންދެން ހޭލައި ނީނުމަށް ބުންޏެވެ. މަންމަ ދިޔުމުން އަހަރެން ވާހަކަ ކުރިއަށް ގެންދިޔައީމެވެ.
“ދެން އަނެއް ވާހަކަ.. އައި ޑޯންޓް ލަވް ހިމް.. އައި ލައިކް ހިމް އެޒް އަ ފްރެންޑް. އެވެސް އެހާ ބޮޑަކަށް ނޫން. އަހަންނަށް ރަނގަޅީވެސް ވީހާވެސް އަވަހަކަށް އޭނަ މީހަކާ އިނިއްޔާ! މިހާރުވެސް މަ ހުންނަނީ އޭނަ ކޮންމެދުވަހަކު ހާސަރު ދަމާތީ ބޯގޮވާފަ..”
އަހަރެން އެހެން ބުނުމުން ޖަނަން އިރުކޮޅަކު ވިސްނާލަން އިނދެފައި ބުންޏެވެ. “އަޒޫއަށް އޮޑް ފީލްއެއް ނުވޭތަ ދިޔާން އެހެން ބުނީމަ.. މިބުނީ އޭނަ ކޮންމެ ދުވަހަކު އެވަރަށް އާދޭސް ކޮށްފައި ހަމަ ކުއްލިއަކަށް އެހެން ބުނީމަ ދޯ؟ މަށަށް ވެސް އިއްޔެ މެސެޖްކޮށްފައި އިން ވިއްޔާ އަޒޫ ރޫޑްކޮށް ވާހަކަ ދައްކާތީޔޯ.. ދެން ވަރަށް ލޯބިވެޔޯ އެކަމް އަޒޫ އެކަމެއް ނުދަނެޔޯ ދެން.. ދެން ބުނީ…” އިތުރަށް ދިޔާންގެ ވާހަކަ ދައްކަން ބޭނުން ނުވާތީ އަހަރެން ޖަނަންގެ ވާހަކަ މެދު ކަނޑައިލީމެވެ. “އޮޑް ފީލް ވިޔަސް ނުވިޔަސް ދެން އޭނަގެ ވާހަކަ ނުދައްކަމާ ދޯ.. ކޮބައިތަ ޖަނަންގެ މީރާން؟ މިރޭ މަ ދެކުނީން މީރާން މަސް ބަރޯއެއް ހިފައިގެން އޭނަ މަންމައާއިއެކު ދަނިކޮށް”
މީރާންއަކީ އަހަންނާއި އެއްކުލާހެއްގައި ކިޔަވަމުން އައި ކުއްޖެކެވެ. ސްކޫލް ނިމުނީވެސް އެކީގައެވެ. އޭރު މީރާންއާއި އަހަރެން އެހާ ރައްޓެއްސެއް ނުވާނެއެވެ. ނަމަވެސް ޖަނަން އާއި މީރާން ރިލޭޝަންޝިޕްއަކަށް ދިޔަ ފަހުން ދޭތެރެ ދޭތެރެއިން މީރާން އަހަންނާއިވެސް ވާހަކަދައްކައެވެ. ބައެއް ފަހަރު ދިރިއުޅުމުގެ ކަންކަމާއި މެދުގައެވެ. ބައެއް ފަހަރު ޖަނަންއާ މީރާންއާއި ޖެހޭ މައްސަލަތަކުގައިވެސް މީރާން އަހަންނާއި ވާހަކަ ދައްކާނެއެވެ. މިފަހަރުވެސް ޖަނަންއާއި މީރާން ދެމެދުގައި ކޮންމެވެސް މައްސަލައެއް ޖެހުނީއެވެ.
“އެހެންތަ؟ މީރާން މިއަދު ގުޅި. ބުނީ ސޮރީޔޯ. ދެން ނުބޯނަމޯ އެކްސެލްއެއް. އޭނަ އެބޮންޏާ ސަކަރާތް ވެޔޭ. ބަނޑުގައި ރިއްސާފަ. މެޔަށް އުނދަގޫވެފަ. ބޮވެނީޔޯ މީރުކަމުން.. އޭ! ގަޑިން އެޔޮއް ބާރަ ޖަހަނީ.. މަ މާދަން ވަރަށް ފަތިހާ ތެދުވަންޖެހޭ އެބަ.. ފަހުން ކިޔައިދޭނަން އިނގޭ! ވަރަށް ނިދިވެސް އެބާދޭ..” އަހަރެން އޯކޭއޭ ބުނުމަށްފަހު ފޯން ބޭއްވީމެވެ. އަދި ވުޟޫކޮށްލައިގެން އައިސް ދުޢާތައްކިޔައި ނިދަން އޮށޯވެލީމެވެ.
ދިޔާންގެ ހަބަރެއް ނުވާތާ މިހާރު ހަފްތާއެއް ވެއްޖެއެވެ. ނަމަވެސް އަހަރެން އެހާ ބޮޑަކަށް އެކަމަކާއެއް ނުވިސްނަމެވެ. އަހަންނަށް ރަނގަޅީވެސް ދިޔާން ހަބަރު ނުވިއްޔާއެވެ. ނޭނގެއެވެ. އެއްވެސް ސަބަކާއި ނުލައި އަހަރެން ހަމަ ދިޔާންދެކެ ފޫހިވަނީއެވެ. އޭނަ ހުތުރީކީވެސް ނޫނެވެ. ގޯސްކޮށް އުޅެނީކީވެސް ނޫނެވެ. ނަމަވެސް ހަމަ ކަމަކާއި ނުލައި ދިޔާންދެކެ ފޫހިވަނީއެވެ.
މިއަދުވެސް އާދައިގެ މަތީން އަހަރެން ފިހާރަ ނިންމާފައި ލެޕްޓޮޕް ހުޅުވާލީމެވެ. އަދި އިންސްޓާއަށް ވަނީމެވެ.
އަހަރެން ފާޑަކަން ސިއްސައިގެން ދިޔައީ ދިޔާންގެ މެސެޖެއް އައިސްފައި އޮތުމުންނެވެ. ދިޔާން ފޮނުވާފައި އޮތީ ދިގު މެސެޖެކެވެ.
“އަޒޫ! ޙާލު ކިހިނެތްތަ؟ އަހަންނަށް ޚަބަރެއް ނުވެވުނީތީ ސޮރީ.. ވަރަށް ބަލިކޮށް އުޅުނީ މިދިޔަ ދުވަސްތަކުގައި.. އަހަރެން ހީކުރީ އަޒޫ އަހަރެންގެ މަތިން މިސްވެގެން ނޫނީ އަހަރެންގެ ޚަބަރެއް ނުވެގެން މެސެޖެއް ކޮށްލާނެކަމަށް. އެކަމަކު އަޒޫގެ މެސެޖެއް ނާދޭ.. އަހަރެން ކޮންމެ ދުވަހަކު އިންތިޒާރުކުރީން އަޒޫގެ މެސެޖަކަށް.. ވަރަށް ބޮލަށް ފަސޭހަދޯ މިދިޔަ ދުވަސްތަކުގައި އަހަރެންގެ ޚަބަރެއް ނުވީމަ؟ އަސްލު އަހަރެން އެދުވަހު މީހަކާ އިންނަ ވާހަކަ ބުނީ މަޖަލަކަށް. އަޒޫ ހަދާ އެއްޗެއް ބަލައިލަންވެގެން. އެހެން ހުއްޓާ އަހަރެން އެކްސިޑެންޓެއްވީ. އެހާ ބޮޑުވަރެއް ނުވޭ އެކަމު އަހަރެންގެ އަތް ބިންދައިގެން ދިޔަ.. ދެން ބޯވެސް ފެޅިފައޮތް. އެހާ ބޮޑަކަށް ނޫން.. މިހާރު އަހަންނަށް ފާޑަކަށް ޔަޤީން ވެއްޖެ.. އަޒޫއަށް އަހަންނަކީ އެއްވެސް މީހެއް ނޫންކަން.. ވެދާނެ އަހަރެން މެރީކުރާ ވާހަކަ ބުނީމަ އަޒޫ ޚަބަރު ނުވީކަމަށް.. އަޒޫ.. އަހަރެން ވަރަށް ބޮޑަށް ވިސްނާފައި ގޮތެއް މިނިންމީ.. އަހަރެން ގޮސްދާނަން އަޒޫގެ ލައިފްއާއި ދުރަށް.. އެކަމަކު އެއީ ޝަރުތެއްގެ މަތީން…”
މެސެޖްކިޔާ ނިންމާފައި އަހަރެން ރިޕްލައި ދިނީމެވެ. “އެއީ ކޮން ޝަރުތެއް؟”
{ނުނިމޭ}
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


mi part ves reethi i can understand azva like if a guy is too obsessed you kinda get bored cuz like dont yall have anything else in life then texting me
Hihi… Jazakillah khairan…. ❤️🌹✨
mi part ves v reethi masha allah
curiously waiting for next part
keep it up
aslu dhiyaan and azva v gulhey
they both are made for each other
anehkaa kon sarutheh bsa
i appreciate your hard work
Jazakillah khairan… ❤️🌹✨… Hinga dhen balama kon sharuthehthw? In shA Allah… Next episode in engigendhaane ..