ފޮހެވޭނޭ ބާއޭ… 12
ޔޫޝައު އޮފީހަށް ދާން ތައްޔާރު ވާން ހުރެފައި ނިންމީ އޮފީހަށް ނުދާށެވެ. ރޭ އޭނައަށް ރަގަޅަކަށް ނުނިދުނެވެ. އޮފީހަށް ގޮސްފިނަމަ އެއްވެސް މަސައްކަތަކަށް ދެވެންވާ ފުރިހަމަ ސަމާލުކަމެއް ނުދެވޭނެއެވެ. ބޮލުގައި އުފެދިފައިވާ ރިހުމަށް ލުޔެއް ހޯދަދޭން އޭނަ ބޭސްގުޅައެއް ކާލިއެވެ. ނަމަވެސް އެއިން ލިބުނު ފަސޭހައެއް ނެތެވެ. އޭނައަށް ބޭނުންވެފައިވަނީ ބޭސްގުޅަތަކުގެ އެހީއެއް ނޫނެވެ. އޭނަ ފެންބޮވައިގަނެފައި ވަނީ ދީމް އަށެވެ. އެ ލޯތްބަށެވެ. ދީމް އޭނައާ މެދު ކަންތައް ކުރިގޮތުން ނުފިލާ ރިހުމެއް ހިތުގައި އުފަން ވެގެން ހިނގައްޖެއެވެ. އޭނަ އެންމެ ބޮޑަށް ހިތުގައި ޖެހުނީ އޭނަ ދީމްއަށް ދިން ހަދިޔާތައް ޑަސްބިނަށް ލާފައި ހުރިތަން ފެނިފައެވެ. ދީމް އޭނަ ދެކެ ރުޅި އަންނަން މެދުވެރިވި ސަބަބަކީ ކޮބާ ހެއްޔެވެ؟ ގޯސްކޮށް އޭނައަށް ކުރެވުނު ކަމަކީ ކޮބާ ހެއްޔެވެ؟ ލޯ ހުޅުވާލުމާއެކު ދީމްގެ ފަރާތުން ލިބުނު ލޯތްބާއި އުފާތައް ގެއްލިގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟
ވިސްނި ވަރަކަށް އޭނަ ގާތަށް އައީ ރުޅިއެވެ. އަތުގައި އޮތް ފޯނު ޖެހީ ބިތަށެވެ. ލައިގެން ހުރި ކޯޓު ވެސް ބާލަމުން އަތުގެ ކޮޅަށް ހުރާލިއެވެ. ލޯމަތިން ސިފަވަނީ ރިޒޯޓުން ފެނުނު މަންޒަރެވެ. އެމަންޒަރުތަކުން އޭނަ މޮޔަކޮށްލިއެވެ. އެއިން އޭނައަށް ދޭހަ ވީ ވަރަށް ގޯސް އެއްޗެކެވެ. ދީމް އަކީ ބޭވަފާތެރިޔެކެވެ. ޙީލަތްތެރިއެކެވެ. އޭނަ ވީ ލޯބީގައި ކޮޅުފައިން ޖަހާފައި އެދިޔައީ އެހެން ފިރިހެނެއްގެ އުނގު ތެރެއަށް ވަންނާށެވެ. އައި ރުޅީގައި ޔޫޝައުގެ އެތެރެހަށި ފިއްސާލިއެވެ. ދީމްގެ އެސިފަ އޭނައަށް ކުރިން ފާހަގަ ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ވެވުނު މަތިވެރި ލޯބީގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެލޯތްބަށް ދީމް ޤަދަރެއް ނުކުރިއެވެ. ދޮގު ތުހުމަތުތައް އޭނަގެ ބޮލުގައި އަޅުވާފައި އެންމެފަހުން އޭނަގެ އަގު ވައްޓާލީއެވެ.
ބޭވަފާތެރިއަކަށް ޓަކައި ދެރަވެ އަންހެނެއްހެން ކަރުނަ އޮއްސުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނަ ދީމްގެ ހަނދާންތައް ފޮހެލާނެއެވެ. އެހިތުން ދީމްގެ ނަން ނެރެ އެއްލާލާނެއެވެ. ސުވާލަކީ އެއީ ފަސޭހަކަމަކަށް ވެދާނެ ބާއެވެ؟ އަދިވެސް މީހާ އުޅެނީ ހަމައަކަށް ނޭޅިގެންނެވެ.
”އަހަންނަށް ވަގަށް އެފައްރޭއަކާ ގުޅުން ބާއްވަމުން ދަނިކޮށް އަހަންނަށް ހުރިހާ ކަމެއް ފަޅާ އެރީމަ ވަކިވާން ބޭނުންވީ، އެގާތްކަމުން އެހެން އެއްވެސް އެއްޗެއް ސާބިތެއް ނުވޭ… ޝީ ބިޓްރެއިޑް މީ…”
ޔޫޝައު ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނިކުތެވެ. ތާޒާ ވައިފޮދަކަށް އޭނަ ހުރީ ބޭނުން ވެފައެވެ. ޓެރަސް އަށް ނިކުންނަމުން ހަށިފުރާ ނޭވާއެއް ލިޔެވެ. އޭނަ ކުރުކާލިގަނޑަން ފެއްޓިއެވެ.
ޔޫޝައު ގޮސް ރެއިލިންގްއަށް އަތްވިއްދާލަމުން ތިރިއަށް ނަޒަރު ހިންގާލިއެވެ. ހާމައަށް އޮތް ޤުދުރަތުގެ ރީތިކަމުން ލޮލަށް ފިނިކަމެއް ގެނެސްދިނެވެ. އޭނަގެ ފުރިހަމަ ސަމާލުކަން ކުލަކުލައިގެ މާތަކާއި ފެހިކަންގަދަ ވިނަގަނޑަށް ދެވުނެވެ. އެހެން ހުއްޓާ މީހަކު އޭނައަށް ގޮވާލިހެން ހީވެގެން އޭނަ ބަލާލިއެވެ. އޭރު އިޒްކާން އެދިމާއަށް އާދެއެވެ. އޭނަ އައިސް ރެއިލިންގްގައި ބުރަކަށި ޖައްސާލަމުން އަތުގައި އޮތް ދެ ކޮފީމަގުން އެއްމަގު ޔޫޝައުއަށް ދިއްކޮށްލިއެވެ.
”ކޮފީ؟…” ޔޫޝައު ފަނޑު ހިނިތުންވުމަކާއެކު މަގުގައި ހިފެހެއްޓިއެވެ. ދެބޭން މިފަދަ ވަގުތުކޮޅެއް ހޭދަކޮށްނުލާތާ ވީ ދުވަހެއް ވެސް ނޭގެއެވެ. އިޒްކާން އަކީ އަބަދުވެސް އެކަނިވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ޒުވާނެކެވެ. ޢާއިލާގެ ހުރިހާ މެންބަރުން ދުރުކޮށްލެވެނީ އެހެން ވީމައެވެ. ޔޫޝައު ވާހަކަދައްކަން މަސައްކަތްކުރިޔަސް އިޒްކާންގެ ފަރާތުން ސަމާލުކަމެއް ނުލިބޭނެއެވެ. އަބަދު ހުންނާނީ އަމިއްލަ ޚިޔާލީ ދުނިޔެއެއްގައެވެ. އެއާއި ގުޅިފައިވާ ސަބަބު ވެސް ޔޫޝައުއަށް އިނގެއެވެ. ބޭބެއަށް އެހީ ވާން ވެސް ބޭނުމެވެ. އެހެނަސް ތަޤްދީރު ނިންމެވުންތައް ބަދަލު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މިވަގުތަށް ބޭނުންހިފޭނެ ހަމައެކަނި އެއްޗަކީ ދުޢާއެވެ.
”ކޮޓަރިއަށް ހާދަ ވަރެއްކޮށްފައޭ ހުރީ، ފޯނުވެސް ހަލާކުކޮށްލާފަ އޮތީ…” އިޒްކާން ވާހަކަ ދެއްކިއެވެ. ޔޫޝައުއަށް ހުރެވުނީ ބަލާށެވެ. މިއީ ހަމަ އިޒްކާން ހެއްޔެވެ؟ އިޒްކާންއަށް އެއައި ބަދަލު އޭނައަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. އުފާ ވެސް ވިއެވެ. ހިނިތުންވުން ފުންވެގެން ދިޔައިރު އޭނަ ކުރިން ވިސްނަމުން ދިޔަ ކަންތައް މަތިން ވެސް ހަނދާން ނެތިއްޖެއެވެ.
”ވީ އާރ ބޯތް އެލައިކް، އެހެން ވެސް ވާނެ…” ޔޫޝައު ކޮފީ ކޯވަރެއް ބޯލިއެވެ. އިޒްކާން ހިނިތުންވެލިތަން ފެނުނެވެ. އެއީ މަދުން ނޫނީ ނުފެންނާނެ ސިފައެކެވެ.
”އޮފީހަށް ނުދަންތަ؟…” އިޒްކާން އެހިއެވެ. އޭނަ ވެސް މިއަދު އޮފީހަށް ދާހިތެއް ނުވެއެވެ. ”ހޫމްމް، ބޮލުގަ ރިއްސާތީ މިއުޅެނީ…” ޔޫޝައުގެ ޖަވާބުން އިޒްކާންއަށް ޖެހުނީ އޭނަގެ އެނިންމުން ބަދަލު ކުރާށެވެ.
”ޔޫޝް ނުދަންޏާ ކޮންމެހެން ވެސް އަހަރެން ޖެހޭނެ ދާން، މިހާރު ލިބިގެން އުޅޭ ޕްރޮޖެކްޓްގެ ކަންތައް ބައްޕައަށް އެކަނި ހޭންޑްލް ނުކުރެވޭނެ…….” އިޒްކާން ކޮފީ ހުސްކޮށްލިއެވެ. ވިޔަފާރިއާ ބެހޭގޮތުން ދެބޭން ވާހަކަދެއްކިއެވެ.
”ޔޫޝްގެ ނިންމުން ބަދަލު ނުކުރާނީތަ؟…” އިޒްކާން ވާހަކައިގެ ތެރޭންކޮށްލި ސުވާލަކުން ޔޫޝައު ކޮށިއަރާގޮތްވިއެވެ. ކެއްސުންގަނޑު އޮއްބައިލަން އޭނަ މަސައްކަތްކުރިއެވެ. ކުއްލިޔަކަށް އެދިޔައީ ކޮން މައުޟޫއުއަކަށް ހެއްޔެވެ؟ އޭނަ އެއަށް ވާހަކަދައްކަން ބޭނުމެއް ނޫނެވެ.
ޔޫޝައު ޖަވާބެއް ނުދިނެވެ. ސީރިޔަސްކަމާއެކު އިޒްކާން އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ.
”ބޭނުމެއް ނޫން އެޓޮޕިކަށް ވާހަކަދައްކަން…” ޔޫޝައު ބުނެލިއެވެ. އޭނަ ދީމްގެ ހަޤީޤަތް ކިޔައި ނުދޭން ހުރެފައި ވެސް ބޭބެއަށް ކިޔައިދިނެވެ. އޭރުން އޭނަ އެނިންމުން ނިންމަން ޖެހުނު ސަބަބުވެސް ބޭބެއަށް އެނގޭނެތާއެވެ. އިތުރު ސުވާލުތަކެއް ވެސް ފެންމަތި ނުކުރުވާނެއެވެ.
އިޒްކާން ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ. އެއީ ހަމަ ހަޤީޤަތް ހެއްޔެވެ؟ ދީމް އެހާ ދަށުދަރަޖައިގެ އަމަލެއްކޮށްފާނެކަމަކަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ.
****
ހެނދުނު ހޭލީއްސުރެ ޔަޝްމް ހުންނަނީ ބަލްޤީޝްއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބިފައެވެ. ކޯހަށް ކުރިމަތިލުމުގެ ކުރިން ބަލްޤީޝްގެ ހުއްދަ ހޯދުން މިހިއްމުކަމަށް ވިއެވެ. ބަލްޤީޝް ހިތްހަމަނުޖެހޭ ފަދަ ކަމެއް ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. މިހާރުވެސް ގޭގެ މަސްލަހަތު އެވަނީ ބޮއްސުންލާ ހިސާބަށް ގޮސްފައެވެ. މިއީ ފަހަރެއްގައި ވެސް އޭނަ އަންނަން ބޭނުންވި ފަދަ މާހައުލެއް ނޫނެނެވެ. ބަލާލާ ކޮންމެ ދިމާއަކުން އަރައިރުންވުންތަކެކެވެ.
ޔަޝްމް އިންތިޒާރުކުރަމުން ދިޔަ ފަދަ ފުރުސަތެއް އޭނައަށް ލިބުނީ ހަވީރުވާން ކައިރިވެފައި ހުއްޓައެވެ. ބޮޑުކޮޓަރީގައި މެގަޒިން އެއް ކިޔަން އިން ބަލްޤީޝްގެ ގާތަށް ދިޔަ ޔަޝްމް ދެއަތް ޖޯޑުކޮށްލަމުން ގޮސް ސޯފާގައި އިށީނެވެ. އޭނަ އެހެން އިންދާ ބަލްޤީޝް ބަލާލައިފިއެވެ. ޔަޝްމް އެއްޗެއް ބުނަން ބޭނުންވެފައި ނުބުނެވި ހުރިކަން ވަގުތުން އޭނައަށް ނަގައިގަނެވުނެވެ. މެގަޒިން ލައްޕާލުމަށްފަހު އޭނަގެ ފުރިހަމަ ސަމާލުކަން ޔަޝްމްއަށް ހުއްޓާލިއެވެ. ޔަޝްމް ކުރިމަތިކޮށްފާނެ ސުވާލަކަށް އޭނަގެ ހިތް ވަނީ އަވަސް ވެފައެވެ. ޔަޝްމްއަށް ޝައްކެއް ވީ ބާއެވެ.
”މަންމާ…” ޔަޝްމް އަތުގެ އިނގިލިތަކާ ކުޅެލިއެވެ. ބަލްޤީޝް ޔަޝްމްގެ އަތުގައި ހިފާލިއެވެ. އަދި ހިނިތުންވެލިއެވެ. އެއާއެކު ޔަޝްމްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.
ޔަޝްމް ކޯހަށް ކުރިމަތިލާން ބޭނުން ވާ ކަން ހާމަކުރުމުން ބަލްޤީޝްގެ ތުންފަތްމަތިން ހިނިތުންވުން ފަނޑުވެގެން ދިޔަތަން ފެނުނެވެ. އެއާއެކު ޔަޝްމްގެ ހުވަފެންތައް ބިލާހަކަށް ވެގެން ހިނގައިދާނެކަމުގެ ބިރާއެކު މުޅި މީހާ ހާސްކުރުވައިފިއެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ބަލްޤީޝް އެކަމާ އެއްބަސް ވުމުން އުފަލުން ގޮސް ޔަޝްމްއަށް ބަލްޤީޝްގެ ގައިގައި ބައްދާލެވުނެވެ. ބަލްޤީޝްއަށް މަޖުބޫރުވީ ހިނިތުންވާށެވެ.
”ތެންކިއު މަންމާ…” ޔަޝްމް ބުންޏެވެ. ޔަޝްމް އަދިވެސް އެއްފަހަރު ބަލްޤީޝްގެ ގައިގައި ބައްދާލިއެވެ. ދެން އޭނަ އަވަސްވެގަތީ ފޯމުގެ ކަންތަކާއެވެ. ޔަޝްމް ލޮލުގެ ކޮޅަށް ގޮސް ގެއްލެން ދެން ބަލަން ބަލްޤީޝް އިނެވެ.
”ޔަޝްމް ކޯހަށް ގޮސްގެން އިޒްކާންއަށް ވަގުތު ދެވޭނެބާ؟…” ބަލްޤީޝް ވިސްނާލިއެވެ. ”އާނ، ޔަޝްމްއަކީ މިޒަމާނުގަ މިއުޅޭ ކަންނެތް ކުދިން ކަހަލަ ކުއްޖެއް ނޫން… ޔަޝްމް މިގެއަށް އައިފަހުން އިޒްކާންއަށް ރަގަޅު ބަދަލުތަކެއް އެބަ އާދޭ، މިއަދު ޔޫޝައުއާއެކު ކޮފީ ބޯން ހުއްޓާ ވެސް ފެނުނު، ރޭގަ އަހަންނާ ވެސް ވާހަކަ ދެއްކި…..” އިޒްކާންއަށް އައި ބަދަލުތަކާ ބަލްޤީޝް ގުޅުވާލީ ޔަޝްމް އާއެވެ. އެއީ އޭނަގެ ނަސީބުގެ ތަރިހެން ހީވާ ކަހަލައެވެ. ބަލްޤީޝްއަށް ޔަޝްމް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނަގެ ހޮވުމާ މެދު ފަހުރުވެރި ވެވުނެވެ. އެއީ އިޒްކާންއަށް ރަގަޅު ބަދަލެއް ކަމަށް ޔަޤީން ކުރެވުނެވެ. މިއަދު އޭގެ ނަތީޖާ ފެންނަމުން އެދަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. އޭރު ޔަޝްމްއާއި އިޒްކާންގެ ކައިވެނީގެ ފަހަތުގައި ދެޢާއިލާގެ ވެސް ބޮޑު އޮޅުވާލުމެއް އޮތްކަމެއް ބަލްޤީޝްއަށް ރޭކާނުލައެވެ. ބަލްޤީޝް ގާތު ޒައުމާ ބުނެފައިވާ ގޮތުގައި ޔަޝްމް ކައިވެންޏަށް އެއްބަސް ވީ އިޒްކާން ކަމުގޮސްގެންނެވެ. އޭނަގެ އުއްމީދުތައް ވެސް އެހާ އުހުގައި އުޅޭ ސަބަބަކީ އެކުށްހީއެވެ.
ޔަޝްމް ލައިބްރަރީއަށް ވަދެ އެޕްލިކޭޝަން ފޯމް ޑައުންލޯޑު ކޮށްލަމުން އެފޯމު ފުރާލިއެވެ. އަދި އެއާއެކު ހުށަހަޅަން ޖެހޭ ސަނަދުތަކުގެ ފޮޓޯކޮޕީ ނަގާލިއެވެ.
”މާދަމާ ޖެހޭނެ މި ފޯރމް ލާން…” ޔަޝްމް ކޮޓަރިއަށް ވަންނަމުން ރީތިވާމޭޒު މަތީގައި އެއްޗެއްހި ބެހެއްޓިއެވެ. ”އަހަންނަށް ނޭގޭނެ މާލޭގެ މަގެއް ވެސް ދެން ކިހިނެއްތަ ފޯމް ލާން ދާނީ؟، އަލީ ގާތު ބުނާނީ، އެކަމަކު އޭނަ ފްރީވާނެތަ؟…”
****
ގަސްތަކަށް ފެންދޭން އުޅުނު ލިމްޝާއަށް ޔަޝްމް ގޮވާލިއެވެ. އޭނަ ބޭރަށް ނިކުމެލީ ފޫހިވެގެންނެވެ. ލިމްޝާ ކުޑަކޮށް ހިނިތުންވެލިއެވެ. ޔަޝްމް ލިމްޝާއާއި އެކުވެރިކަން ބަދަހިކުރަން އުޅުނެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު ލިމްޝާއަކަށް ރޭކާނުލިއެވެ. އޭނަ ގަސްތަކަށް ފެންދެމުން ޔަޝްމްއާ އަނގަތަޅާލިއެވެ.
ލިމްޝާ އޭނަގެ ޢާއިލާގެ ހުރިހާ މައުލޫމާތަކުން ފެށިގެން އޭނަ ”ނައިޓިންގޭލް” ގައި ނޯކަރެއްގެ ވަޒީފާ އަދާކުރަން ޖެހުނު ގޮތް ބުނެދެމުން ޔަޝްމްއަކީ ކޮން ރަށެއްގެ ކުއްޖެއް ތޯ އަހާލިއެވެ. އިއްތިފާގަކުން ދެކުދިން ވެސް ނިސްބަތްވީ އެއްއަތޮޅަކަށެވެ.
”ލިމްޝާ މިގޭގައި މަސައްކަތް ކުރާތާ ކިހާ ދުވަސް ވެއްޖެތަ؟…” ޔަޝްމް ފެށީ ދުރުދުރުންނެވެ. ލިމްޝާ ގަސްތަކަށް ފެންދެމުން ޔަޝްމްއަށް އަވަސް ނަޒަރެއް ދިނެވެ. ޔަޝްމްއަށް ހީކުރެވުނީ ލިމްޝާއަށް ޝައްކުވީ ކަމަށެވެ.
”ދެ އަހަރު…” ލިމްޝާ ޖަވާބު ދިނެވެ.
”އިޒްކާންގެ ކުރީގެ ވައިފް ޑިވޯސްކުރަން މެދުވެރިވި ސަބަބު އެނގޭތަ؟…” ލިމްޝާގެ މޫނަށް ނަޒަރު ހިންގާލި ޔަޝްމް އެހި އެވެ. ލިމްޝާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.
”އުހޫނ…” ލިމްޝާ ވަގުތުން ދޮގެއް ހަދާލިއެވެ. ޔަޝްމްއަށް ބުމަ އަރުވާލެވުނެވެ. ލިމްޝާ ހެދީ ދޮގުކަން އޭނައަށް އެނގުނެވެ. އެހިސާބުން ޔަޝްމްއަށް އިޒްކާންގެ މާޒީ އެނގުން މުހިންމު ކަމަކަށް ވެގެން ދިޔައެވެ. އޭނަ ދެން ހަމަޖެހުމުގެ ނޭވާއެއް ލާނީ ހިތްހަމަ ޖެހޭވަރުގެ ނަތީޖާއަށް ނެރެވުމުންނެވެ. ނަމަވެސް ފަށްޓަންވީ ކިހިނެއް ހެއްޔެވެ؟
”ލިމްޝާ…” ޔަޝްމްއަށް އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު ނުލިބެނީސް މާހުތާބްގެ އަޑު އިވުނެވެ. ލިމްޝާއަށް ވެގެން ދިޔަ ގޮތް ޔަޝްމްއަށް ފެނުނެވެ. އެދޮން މޫނު ހުދުވެއްޖެއެވެ. މާހުތާބް ފެނުމުން ގޭގެ ނޯކަރުންނަށް އެވަނީ ކިހިނެއް ހެއްޔެވެ؟ މާހުތާބް ކުރިމަތީގައި ހަރުކަށިކަން ދައްކާލަން ކެރެނީ ހަމައެކަނި ފަލަކް އަށެވެ.
”ލިމްޝާ…” ލިމްޝާއަށް ގޮވަމުން މާހުތާބް އެދިމާއަށް އައެވެ. ވިނަގަނޑު މައްޗަށް ހޮޅިގަނޑު ދޫކޮށްލަމުން ލިމްޝާ ގޮސް ފެން އިސްކުރަށް ބާރުކޮށްލައިފިއެވެ. އޭނައަށް ހިންދެމިލެވޭއިރަށް މާހުތާބް ދައްކާލައިފިއެވެ.
”މަ ހަވާލުކުރި މައްސައްކަތް ނުނިންމާ ގަސްތަކަށް ފެންދޭށޭ ކަލޭ ގާތު ބުނީ ކާކު؟…” މާހުތާބު ހަޅޭއްލަވައިގަތެވެ. ލިމްޝާ ހުރީ ބިރުން ވިރިވިރިއެވެ. ޔަޝްމްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އޭނަ ލިމްޝާގެ ދިފާޢުގައި ނިކުތެވެ. އޭނަގެ ނަޒަރުގައި ހުރިހާ އިންސާނުން ވެސް ހަމަހަމެވެގެން ވެއެވެ. ފަޤީރުންނަށް ވިޔަސް ކޮންމެ އިންސާނެއްގެ އިހުސާސްތަކަށް ޤަދަރުކުރަން ޖެހޭނެއެވެ. ބާރުގެ ބޭނުންކޮށް އަނެކާ ދެރަކޮށްލުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.
”ލިމްޝާ އަހަރެންގެ ކުޑަ މަސައްކަތެއްކޮށްލަ ދިނީ…” މާހުތާބްއަށް ޔަޝްމް ފެނުނީ މާފަހުންނެވެ. އޭނަގެ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ލިމްޝާ އޭނަގެ ކަންކަމަށް ވުރެ ޔަޝްމްއަށް އަހައްމިއްޔަތުކަން ދިންކަން އެނގުމުން ލިމްޝާ ހޭއަރުވާލަން އޭނަ ނިންމިއެވެ.
”އެކަން ނިމިއްޖެއްޔާ ދޭ އަހަރެން ބުނި ކަންތައް ނިންމަން، މީހާގެ އުމުރާ އަޅާބަލާއިރު ކަންނެތްކަމުގެ ހައްދެއް ނެތޭ، ބުނާކަމެއް ކުރަން ޤަރުނެއް އެބަނަގާ، ފިޔާކޮޅެއް ކޮށަށް ހަވާލުކުރިޔަސް ބައިގަޑިއިރު ނަގަޔޭ، ދެން ވެސް އަހަރެންގެ މޫނަށް ބަލަން ނުހުރެ އެކަން ކުރަން ދޭބަލަ، ނޫނީ ކަލޭގެ މަންމަ އަންނަނީތަ؟… ދާން އުޅޭ!” މާހުތާބް ލިމްޝާއާ ދިމާއަށް ލޯ ހަދާލިއެވެ. ގަނޑުވެފައި ހުރި ލިމްޝާ މާހުތާބްގެ އަޑަށް ސިހުނެވެ.
ލިމްޝާ ފިޔަވަޅުތަކަށް ލެވުނުހާ ބާރަކާއެކު ގޮސް ގެއްލިއްޖެއެވެ. މާހުތާބް ދަމުން ޔަޝްމްއަށް ހިނިތުންވެލިއެވެ. ޔަޝްމް ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ. މާހުބާތްއަށް އެވަރުގެ ބާރެއް ދިނީ ކާކު ހެއްޔެވެ؟
ލިމްޝާ އަތްމަތި އަވަސްކޮށްލައިގެން އެވަކާޑޯ ފޭޝިޔަލް މާސްކް ތައްޔާރުކޮށްލަމުން ކިއުކަމްބާރއެއް ފޮތިފޮތި ކޮށްލުމަށްފަހު ތަށްޓަކަށް އަޅާލިއެވެ. އެއެއްޗެހި ތަބަކަށް ލައިގެން އޭނަ ދިޔައީ މާހުތާބްގެ ކޮޓަރިއަށެވެ. އޭނަ ތުރުތުރުއަޅަމުން ދިޔަ އަތަކުން ދޮރުގައި ޓަކި ދިނެވެ.
”ވަދޭ…” މާހުތާބް ބުނެލިއެވެ. ލިމްޝާ އެތެރެއަށް ވަނެވެ. އެއީ ފުދޭވަރަކަށް ބޮޑު ކޮޓަރިއެކެވެ. މާހުތާބް އޮތީ ސޯފާ ގޮނޑިއަށް އެބިޔަ ހަށިގަނޑު ދޫކޮށްލައިގަނެވެ. މީހާގެ އުމުރަށް ވުރެ ފަލަވެފައި މުސްކުޅިކަމަށް ދައްކާތީ ޒުވާންވާން މާހުތާބް ނުކުރާކަށް ކަމެއް ނެތެވެ. ފާޑުފާޑުގެ އެއްޗެހި މޫނުގައި އުގުޅައިގެން ވެސް މޫނުގައިވާ ރޫތަކަށް ކުޑަ ވެސް ބަދަލެއް ނައެވެ. ސަރުބީތައް އަންދާލަން ޑައިޓް ކުރިޔަސް ވާކަމެއް ހަރާމެވެ. ސިފަ ގެއްލިފައިވާ ހަށިގަނޑު ފެނުނަސް މާހުތާބް ދެރަވެއެވެ. ކެއުން ބުއިމަށް ނުބެލެވުމުގެ ސަބަބުން ކުރިމަތިވި ކަންތަކެކެވެ.
”މީގެ ފަހުން މަ ބުނި ކަންތައްކޮށްފަ ނޫނީ އެހެން މީހެއްގެ ކަމަކާ ހަވާލު ނުވާތި!…” މާހުތާބް ހީވަނީ އެގޭ ބޮޑު މީހާ ހެންނެވެ. ފެންވަރު ވެސް އޮޅިގެން އުޅޭ އަންހެނެކެވެ.
ލިމްޝާ އައިސް އޭނަ ގެނައި ތަބަކު ސޯފާއާ ކުރިމައްޗަށް ވާ ގޮތަށް ހުރި ބިއްލޫރި މޭޒުމަތީ ބެހެއްޓިއެވެ.
”ޔަޝްމް އާ ކަލޭ ދެއްކީ ކޮން ވާހަކައެއް؟…” ކާން އިން ޗިޕްސް ހުސްވުމުން އޭނަ ބޯތަށި ލިމްޝާއަށް ދިއްކޮށްލިއެވެ. ލިމްޝާ ބިރުން ހުރެ ހުރިހާ އެއްޗެއް ކިޔައިދިނެވެ. ޔަޝްމް އެފަދަ ސުވާލެއްކޮށްފިނަމަ މާހުތާބް ގާތު ބުނަން މާހުތާބް ވަނީ އަމުރުކޮށްފައެވެ. އެއަމުރާ ދެކޮޅު ހަދައިފި މީހަކަށް ލިބޭނެ ސަޒާވެސް އޭނަ ވަނީ ކަނޑައަޅާފައެވެ.
”ހޫމްމް، ދެން ކަލޭ ދިޔަޔަސް މަށަށް ވަރިހަމަ….” ދޮރާދިމާއަށް މާހުތާބް އިޝާރާތްކޮށްލިއެވެ. ”ނިކުންނަމުން ދޮރު ތަޅުލާތި…” ގޮނޑިން ތެދުވާން ވެސް ބުރައަކަށް ވެފައިވާ ރާގަކަށް މާހުތާބް ބުނެލިއެވެ. ލިމްޝާ ވައިރޯޅީގެ ބާރުމިނުގައި ގޮސް ކޮޓަރިން ނިކުތެވެ.
”ޔަޝްމް މީ ވަރެއްގެ މަންޖެއެއްނު، މީނަ ހަޤީޤަތް އޮޅުން ފިލުވާފަ ނޫނީ ހުއްޓާނުލާނެހެން މަށަށް ހީވަނީ…” މާހުތާބް ފޭޝިޔަލް މާސްކް މޫނުގައި އުނގުޅާލިއެވެ. ”އަވަހަށް ބަލްޤީޝްއަށް އަންގަންވީ، ޔަޝްމް އޭނަގެ މަސައްކަތަށް ކުރިއެރުމެއް ހޯދުމުގެ ކުރިން ހުރިހާ ދޮރެއް ބަންދުކުރަން ޖެހޭނެ…”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Nice
Fantastic
Haadha kurey! Nice story
V reethi mibai vx…mi maahthabu thankolheh thireega bahattabala.dhn maa foni boduvegen….next part knirakun
Hmm mi maahuthaab dhw haadha foohiveyey, meena hama bimah thiriah kohbala
Izkaan ge hageegah engen beynun
Vvvvvvvvvvvv reethi vaahaka. So much suspense
This is a different story. Reethi v