Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޕިޔަދަ 3

svetlana Level 110 Stories100 Login
January 2, 2025 10 Mins Read
4 Comments

އިރުކޮޅެއް ފަހުން ފްލައިޓް ހަވަޔަށް އަރައިގެން ދިއުމާއެކު ޔޫލިއާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ.”ސޫން ޖަސްޓިސް ވިލް ބީ ސާވްޑް އިންޝާالله”ޔޫލިއާ މިހެން ބުނެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލިއިރު އޭނާގެ ތުންފަތްމަތީގައި ކުޅެލާފައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.ތިރީގައި އުޑާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ޒާން ފިޔަވައި މަންޒަރު ބަލަން ތިބި ތިން މީހުންގެ މޫނުމަތިންވެސް ފެނުނީ އެފަދަ ކުަލަވަރުތަކެވެ.”الله އަހަރެންގެ ދަރިފުޅު ރައްކާތެރިކުރަށްވާ އެ މަންޖެއަށް ކާމިޔާބު ދެއްވާށި”ރަޝްފާގެ ދުލުން އެ ޖުމްލަ އިވުމާއެކު ކައިރީގައި ތިބި ޝިޔާހްއާއި ރަޝްފާއަށް އެކުއެކީގައި އާމީން ކިޔާލެވުނެވެ.ވާނުވާނޭގިފައި އިން ޒާންވެސް އޭނާގެ މައިންބަފައިންގެ ފަހަތުން އާމީން ކިޔާލިއެވެ.”ޒާން.ތިއްތި އެ ދިޔައީ.ހިނގާދޯ ދެން ގެޔައް ދާން.އަދި ޢުމްރާއަށް ދާން ކޮއްކޮއަށް އާ ހެދުންތައް ގަންނަން ޖެހޭނެދޯ.ތިއްތި ދިނެއްނުން ފުރުމުގެ ކުރިން އާ މުސައްލައެއް”ފްލައިޓް ގޮސް ލޯމަތިން ގެއްލުމާއެކު ރަޝްފާ އެހެން ބުނެ އެ މީހުންގެ ފަހަތުގައި ތިބި ބޮޑީގާޑުންނަށް އިޝާރާތްކޮށްލަމުން ޒާންގެ އަތުގައި ހިފައިގެން ޓާމިނަލުން ނުކުންނަން ހިނގައިގަތެވެ.ފަހަތުން ޝިޔާހްއާއި ރިފްޝާވެސް ދިޔައެވެ.

****

އިރުއޮއްސެމުން ދިޔަ ވަގުތެވެ.އިރުގެ ރަންދަޅަތައް ނޫކުލައިގެ ސާލެއްފަދަ ކަނޑުގެ ލޮނުގަނޑަށް އެޅެމުން ދިޔައިރު މުޅި އެ ސަރަހައްދު ވަނީ މަޑު އަވީގެ ރަންކުލައިން ދިއްލާލެވިފައެވެ.ރިޓްޒް ކާލްޓަން މޯލްޑިވްސް،ފަރި އައިލެންޑް ރިސޯޓަކީ ރާއްޖޭގެ މަޝްހޫރު ފަސް ތަރީގެ ރިސޯޓެކެވެ.ހުދު ކިރުގަޑެއްފަދަ ދޮންވެލިގަނޑެކެވެ.ގޮނޑުދޮށާއި ދިމާލުން ހިތްގައިމު ސާފު ވައި ޖެހެމުން ދިޔަ އިރު އެ ދިމާލުގައި ބެހެއްޓިފައިހުރި ބީޗް ޗެއާތަކުގައި އިށީނދެގެން ތިބި އެކި އުމުރުފުރައިގެ މީސްތަކުން ވަގުތުގެ ބޭނުން ހިފައި އެ ހިތްފަސޭހަ މާހައުލުން ލިއްބައިދެމުން ދިޔަ ހިތްހަމަޖެހުން އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރަމުން ދިޔައެވެ.އެ ދިމާލާއި ތަންކޮޅެއް ދުރުގައި ބީޗުގައި ކުރިއަށް އެ ދަނީ ފޮޓޯޝޫޓެެކެވެ.ފޮޓޯގްރާފަރުންގެ ޓީމެއް އެ ދަނީ ރާއްޖޭގެ މަޝްހޫރު ސުޕާމޮޑެލް މަރިޔަމް ނޯރާގެ ފުރިހަމަ ޝޮޓުތައް ކެމެރާތަކުގައި ރައްކާކުރެވޭތޯ  މަސައްކަތްކުރަމުންނެވެ.ނޯރާއަކީ ދުނިޔޭގެ ފެންވަރުގައިވެސް ރާއްޖެއިން ބޭރު ފެޝަން ޝޯތަކުންނާއި ރަންވޭތަކުން ޖާގަ ހޯދާފައިވާ މަޝްހޫރު ތަރިއެކެވެ.މީގެ އިތުރުން އެއީ ވައިވޮނިކްގެ ހެޑް ޑިޒައިނަރވެސް މެއެވެ.ޔޫލިއާ ހަސަންގެ ފެޝަން އެމްޕަޔަރގެ އިސްވެރީންގެ ތެރެއިން އެކެކެެވެ.

ވެލިގަނޑުމަތީގައި ރާޅުޖަހާ ފަށުގައި އޮތް ހިމަ ވަކަރުގަނޑެއްގެ މަތީގައި ނޯރާ ކޮޅަށް ހުއްޓެވެ.އޭނާގެ ދިގު އިސްކޮޅާއި ނުހަނު ގުޅޭގޮތައް ފަރުމާ ކުރެވިފައިވީ ކަނޑުނޫކުލައިގެ ހެދުން ވަޔަށް ވިހުރެމުން ދިޔަ އިރު އެ ދިމާލަށް އަލި އެޅިފައިވާ ގޮތް މަންޒަރު އިތުރަށް ފުރިހަމަކޮށްދެއެވެ.އިރުގެ އަލިން ނޯރާގެ ދޮން ހަންގަނޑު ފެންވަރުވާލާފައި ވާއިރު އޭނާގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑު ވަނީ ފަހަތުން ކޮނޑުން ތިރިއަށް ވައްޓާލެވިފައެވެ.ހެއަރ ކަރލަރ ގެ އެހީގައި ރާޅުބާނި ކުރެވިފައިވީ ދިގު އިސްތަށިތައް މިނިވަންކަމާއެކު ވިހުރެމުން ދިޔަ މަންޒަރު މީހަކު އާޝޯޙު ކުރުވާހާ ރީއްޗެވެ.”ވަރަށް ރަނގަޅު ނޯރާ.އަދި ކުޑަ އިރުކޮޅަކު ތިގޮތުގަ ހިފަހައްޓާލާ”ފޮޓޯގްރާފަރުންގެ ތެރެއިން އެކަކު ގޮވާލިއެވެ.އޭނާގެ އަޑުންވެސް އެކަމަށްޓަކައި ޝަޢުޤުވެރިވެފައިވީ މިންވަރު ހާމަވެއެވެ.އެ އަޑު އަހާފައި ނޯރާ ކުޑަކޮށް އޭނާގެ ބޯ އަރިކޮށްލިއެވެ.އޭނާގެ ކަޅުކަންގަދަ ތޫނު ދެލޮލުން ދުރުގައި އުޑާއި ފެންގަނޑު ގުޅުވައިދޭ ޙިޔާލީ ރޮނގަށް ނަޒަރުހުއްޓާލައިގެން ހުރިއިރު އިރުގެ ރަން އަލިތައް އެ ދޮން މޫނަށް އެޅުނެެވެ.އެޔާއެކު އެ މޫނުގެ ރީތިކަން ހާމަވިއެވެ.ނޯރާ ޝަރަފުވެރިކަމާއެކު އަނެއް ފަރާތައް ޖެހިލައި ވަކަރުގަނޑުގެ މަތީގައި އޭނާ ހުއްޓި ހުރި ކޮޅު ބަދަލުކޮށްލިއެވެ.ލައިގެން ހުރި ހެދުން ހުވަފެނެއް ފަދައިން އޭނާ ވަށައިގެން އުދުހެމުންދިޔައީ އޭނާގެ ޤުދުރަތީ ރީތިކަން ހައްތަހާ އިތުރުކޮށްދެމުންނެވެ.ކެމެރާތަކުގެ ޝަޓަރުތަކަށް ތަކުރާރުކޮށް އޮބެމުން ދިޔައިރު މަންޒަރުގެ ރީތިކަން ކޮންމެ ދިމާލަކުންވެސް ދައްކުވައިދެމުން ދިޔައެވެ.އަބަދުވެސް ނޯރާ އެހެން ދުވަސްތަކެކޭ އެއްފަދައިން ކުޅަދާނަކަމާއެކު އެއް ޕޯސްއިން އަނެއް ޕޯސްއަށް ބަދަލުވަމުންދިޔައިރު ޓީމު މެމްބަރުންގެ ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ.”ގޯލްޑެން އަވަރ އާއި ނޯރާ ވަރަށް ގުޅޭ”އެތަނުން އެކަކު ބުނުމާއެކު ނޯރާއަށް ހީލެވުނެވެ.”ގޯލްޑެން އަވަރ އާއި އެންމެނާއިވެސް ގުޅޭ.އެކަމަކު އެއީ ފޮޓޯ ނަގާ އިރު އެ މީހުންނަށް އެންމެ ފުރިހަމަ ގޮތުގަ އޭންގަލްސްގެ ބޭނުންހިފަން އިނގެންޏާމުން”ނޯރާ މިހެން ބުނެ އެތަނުން މީހެއްގެ އެހީތެރިކަމާއެކު ވަކަރުމަތިން ފޭބިއެވެ.ހެދުމުގެ މަތިން އޭނާ ދިން ހުދު ކުލައިގެ ސިލްކް ރޯބް ގަޔަށް މަހާލުމަށްފަހު ނޯރާ ހިނގައިގަތެވެ.އެވަގުތު ކައިރީގައި ހުރި މޭޒުމަތީ އޮތް އޭނާގެ ފޯނަށް މެސެޖެއް އައުމުން ނޯރާގެ ސަމާލުކަން އެ ދިމާލަށް ދަތުރުކުރިއެވެ.

ފޯނު ހުޅުވާލިއިރު އެއީ ޔޫލިއާގެ މެސެޖެކެެވެ.މިއަދު މާ ލަހުން ނައްޓާލެވުނީތީ ރާއްޖެ އާދެވޭނީ އަދި އެއް ގަޑި އިރު ފަހުން ކަމަށް ބުނަމުންނެވެ.މެސެޖު ފެނުމާއެކު ނޯރާއަށް ދެފަރާތައް ބޯހޫރާލެވުނެވެ.ދެން މި ޖެހުނީ އެ ވަކީލަށް ގުޅައިގެން މީޓިން ލަސްކުރެވޭތޯ ބަލާށެވެ.ނަމަވެސް މިވަގުތު އެކަން ކުރަންވީ މެސެޖަކުންތޯ ނުވަތަ ފޯނު ކޯލަކުންތޯ ނޯރާގެ ހިތުގައި ސުވާލުއުފެދުނެވެ.ޔޫލިއާ ފޮނުވާފައި އިން ރޭހާންގެ ނަންބަރަށް ނޯރާ ޑައިލް ކޮށްލީ ދެ ޙިޔާލެއްގައި ހުރެއެވެ.

ތަނަވަސް ކެބިންއެއްގައި ކޭސް ފައިލްތަކެއް ރިވިއުކުރަން އިން ރޭހާންގެ ސަމާލުކަން އެއް ފަރާތެއްގައި އޮތް އޭނާގެ ރިންގުވާންފެށި ފޯނަށް ހުއްޓުނެެ.ނުދަންނަ ނަންބަރަކުން ގުޅަމުން ދިޔައިރު އޭނާއަށް ބުމަ އަރުވާލެވުނީ މިއީ އަނެއްކާ އާ ކްލައިންޓަކަށް ވެދާނެހެން ހީވުމުންނެވެ.ބައެއްފަހަރު އޭނާގެ އާ ކްލައިންޓުންތައް ކުރީގެ ކްލައިންޓުންގެ ތެރެއިން އޭނާ އާއި ގާތް މީހުން އަތުން އޭނާގެ ނަންބަރު ހޯދައިގެން ލޫނާއަށް ގުޅުމުގެ ބަދަލުގައި ސީދާ އޭނާއަށް ގުޅާ ހަދާތީވެ ރޭހާން ހީކުރީ މިފަހަރުވެސް މިއީ އެކަހަލަ ކޯލެއްްކަމަށެވެ.އެހެންކަމުން ދެވަނަ ވިސްނުމަކަށް ނުގޮސް ރޭހާން ކޯލް ރިސީވް ބަޓަނަށް ފިއްތާލަމުން ހަލޯ ކިޔާލިއެވެ.

ރޭހާންގެ ފިރިހެންވަންތަ އަޑު އިވުމާއެކު ނޯރާގެ ގައިގައިވާ ހުރިހާ ލޯލިތައްް ކޮޅަށް ޖެހުނެވެ.ދެވަނަ ސިކުންތުގައި އޭނާ ހަމަޖެހިލެވޭތޯ މަސައްކަތަކުރިއެވެ.ރޭހާން އާއި ބެހޭގޮތުން ނޯރާއަށް ވަނީ ތަފާތު އަޑުތައް އިވިފައެވެ.މަޝްހޫރު ޒުވާން ޤާނޫނީ ވަކީލެކެވެ.އިންޓަވިއުތަކުން އެ ފިރިހެންވަންތަ މޫނު އެކި ފަހަރުމަތިން ފެނިފައި ވުމުން ރޭހާންގެ ގައިގައި އަޅައިގަންނަ ގޮތެއް ހުންނަކަމަށް ނޯރާއަށް ވަނީ ހިތާހިތުން އެއްބަސްވެވިފައެވެ.ނޯރާވެސް ކަރުކެހިލަމުން ހަލޯ ކިޔާލަމުން ތަޢާރަފް ވެލިއެވެ.ރޭހާންގެ ހާލަކީތޯއެވެ.ގުޅީ ނޯރާކަން އެނގުމާއެކު އޭނާއަށް ދެފަހަރަކަށް ފޯނު ކަންފަތާއި ދުރުކޮށްލަމުން ސްކްރީނަށް އަރާފައި އިން ނަންބަރަށްވެސް ބަލާލެވުނެވެ.ނޯރާގެ އަޑު ޖެހުމާއެކު އޭނާގެ ހިތް ހީވީ މޭ ފަޅާފައި ނުކުމެ އުދުއްސައިގަންނަން އުޅޭހެންނެވެ.ނަމަވެސް އޭނާ މަސައްކަތުގެ މާހައުލުގައި ދަމަހައްޓަމުން އަންނަ ޕްރޮފެޝަނަލްކަން ދަމަހައްޓަމުން ވާހަކަދެއްކިއެވެ.”އެހެމް.މިސް ނޯރާ.ޓު ވަޓް ޑޫ އައި އޯ ދިސް ޕްލެޝަރ؟”ރޭހާން ކަރުކެހިލަމުން ބުނި އިރު ލައިނުގެ އަނެއްފަރާތުގައި ހުރި ނޯރާގެ ދޮން މޫނު ވަނީ ރަތްވެފައެވެ.ދެވަނަ ސިކުންތުގައި އޭނާވެސް ހަމަޖެހިލަމުން ޖަވާބުދިނެވެ.”އުއްމީދުކުރަން އުނދަގޫ ނުކުރެވޭކަމަށް.އަހަރެން ރޭހާންއަށް އިންފޯމްކޮށްލަން ބޭނުންވީ ޔޫލިއާ އަށް މިއަދު އާދެވޭނީ އަދި ގަޑިއެއްހާއިރު ފަހުން ކަމަށް.އެހެންވީމާ އުނދަގުލަކަށް ނުވާނަމަ މާދަމާއަށް މީޓިންގް ރީޝެޑިއުލް ކުރެވިދާނެތަ؟”ބޭކާރު ވާހަކަ ދެއްކުމެއްނެތި ނޯރާ ދިޔައީ ސީދާ ޕޮއިންޓަށެވެ.”މައްސަލައެއް ނެތް.މާދަން މެންދުރުފަހު ދޭއްޖަހާއިރަށް އޯކޭވާނެ.ވަރަށް ބޮޑަށް ޝުކުރިއްޔާ އަންގައިދިނީތީ”ރޭހާން ކުރިމަތީ ހުރި ލެޕްޓޮޕުން އޭނާގެ ޝެޑިއުލް ޗެކްކޮށްލަމުން ބުންޏެވެ.ދެން ހޭދަވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.ނޯރާ ފޯނުގައި ހުރެ ހިނގާފައި ގޮސް އެތަނުން ބީޗް ޗެއާއެއްގައި ޖައްސާލިއެވެ.އޮއްސެމުން ދިޔަ އިރަށް ނަޒަރު ހުއްޓާލައިގެން އިން އިރު އޭނާގެ ތުންފަތްމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ.

“ހާދަ އެފިޝަންޓޭ ދޯ”އެ ދެމެދަށް ވެރިވެފައިވީ ހިމޭންކަން ފޫއަޅުވާލަމުން ނޯރާ ސަމާސާ ރާގަކަށް ބުންޏެވެ.”އައި ޓްރައި.އަހަރެންގެ ކްލައިންޓުން އަހަރެންގެ ފަރާތުން ފެނުން އުއްމީދުކުރާ މުހިއްމު ސިފައެކޭ އެއީ”ރޭހާން މަޑު ހުނުމަކާއެކު ބުންޏެވެ.”ވަރަށް ރަނގަޅު.ތި ގޮތުގަ ހިފަހައްޓައްޗޭ.ޔޫލިއާ މެޑަމް އަކީ އެކީގަ ވޯކްކުރަން އެހާ ފަސޭހަ ކްލައިންޓަކަށް ނުވާނެ.ޓްރަސްޓް މީ.އަހަރެން ވަރަށް ރަނގަޅަށް ޔޫލީ ދަންނަން”.ނޯރާ ބުންޏެވެ.”އެކަން އިނގެޔޭ”ރޭހާން ހިނިތުންވުމަކާއެކު ބުންޏެވެ.ފިރާތުގެ ދަށުން މަސައްކަތް ކުރުމަކީވެސް ވަކި ފަސޭހަކަމެއް ނޫނެވެ.ނޯރާ ޔޫލިއާ ސިފަކޮށްދިން ގޮތުން އެވަގުތު އޭނާއަށް ޔޫލިއާއާއި ފިރާތު އަޅާކިޔާލެވުނީ ބޭއިޙްތިޔާރުގައެވެ.ދެވަނަ ސިކުންތުގައި ދެފަރާތައް ބޯހޫރާލެވުނީ ތިމާ މީހާގެ މޮޔަކަން އިޙުސާސްވުމުންނެވެ.”ވައިވޮނިކްގަ ނޯރާ ކުރަމުން އަންނަ މަސައްކަތް ވަރަށް ފުރިހަމަ.ވަރަށް ފެނޭ ނޯރާގެ ޑިޒައިންތައް”ރޭހާން ބުންޏެވެ.”އެހެންތަ”ނޯރާގެ އަޑުގައި ކޮންމެވެސް ވަރަކަށް ހައިރާންކަމުގެ އަސަރު އެކުލެވިގެން ވެއެވެ.”ޔެސް.އިޓްސް އިމްޕްރެސިވް”ރޭހާން ބުންޏެވެ.އެޔާއެކު ނޯރާގެ ގައިގައި ހުރި ހުރިހާ ލެޔެއްް ނޭނގިހުއްޓާ އޭނާގެ ކޮލަށް ޖަމާވިއެވެ.ދެވަނަ ސިކުންތުގައި އޭނާ ދެފަރާތައް ބޯހޫރާލަމުން ވާހަކަދެއްކިއެވެ.”ޝުކުރިއްޔާ.މި އިންޑަސްޓްރީގަ މީހުންގެ ފަރާތުން ތިޔަ ކަހަލަ ތަޢުރީފުގެ ބަސްތައް ހޯދުމަކީ ފަސޭހަކަމެއް ނޫން”ނޯރާ ބުންޏެވެ.”ހެހެ.އެހެންވީއިރު ތަޢުރީފުކުރުމުގެ ފުރުސަތު ލިބުނީތީވެ އަހަރެން ވަރަށް އުފާވެއްޖެ”ރޭހާން ބުންޏެވެ.އެއަށްފަހު ވަދާޢުގެ ބަސްތަކާއެކު ފޯނު ކޯލު ނިމިގެންދިޔައެވެ.ނަމަވެސް އަނެއް މީހާއާއި މެދު ދިގުދެމިގެންދާ ޝަޢުޤުވެރިކަމުގެ އިހުސާސެއް ދެ ހިތުގައި ވެސް ހޭލައްވާފައެވެ.ނޯރާ ފޯނު ބާއްވާލުމަށްފަހު ފަނޑުވަމުން ދިޔަ އިރުގެ އަލިކަމަށް ނަޒަރު ހިންގާލިއެވެ.”އިންޓްރެސްޓިންގް”ސިކުނޑީގައި ރޭހާންގެ ފިރިހެންވަންތަ އަޑު ލުއި މިއުޒިކެއްހެން ކުޅެވެން ފެށުމުން ނޯރާއަށް ކިޔާލެވުނެވެ.އަތުގައި އޮތް ފޯނުގެ ސްކްރީނަށް ނަޒަރުހުއްޓާލަމުން ރޭހާން ފުންނޭވައެއް ދޫކޮށްލަމުން އޭނާ އިން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ.”އަހަރެން އުއްމީދުކުރިހާ ކިނބުރުވެރި ކުއްޖެއް ނޫން އެއީ.ޝީޒް ޕާފެކްޓް”ރޭހާން އަމިއްލަ ނަފްސަށް އިވޭވަރަށް ބުނިއިރު ތުންފަތްމަތީގައި ކުޅެލާފައިވަނީ ރީތި ހިނިތުންވުމެކެވެ.އެއަށްފަހު އަތުކުރީ އޮތް ގަޑިއަށް ނަޒަރު ހުއްޓާލަމުން އޭނާ އެނބުރި ކުރަން އިން މަސައްކަތައް ރުޖޫޢަ ވިއެވެ.

****

ރޭގަނޑުގެ ވަގުތެވެ.ކަޅު ސާލެއްފަދަ އުޑުމަތީގައި ބޯ ވިލާތައް ކަފަމުން ބާރު ސްޕީޑްގައި ރާއްޖެއާއި ދިމާލަށް މިސްރާބު ޖަހާފައިވާ “ވެލްވެޓް ކްލައުޑް” އުދުހެމުންދިޔައެވެ.އެ ފްލައިޓު މާލެ މަތީގައި އުދުހެމުން ދިޔައިރު ރޭގަނޑުގެ އެ ވަގުތުގައި ތިރިން ރަން މުތް ތަކެއްހެން ދިއްލާއަޅާފައި އޮތް މާލޭގެ މަގުތައް ފެންނަން އޮތް ގޮތް ނުހަނު ރީއްޗެވެ.ފްލައިޓް ތެރޭގައި ކުޑަދޮރުން ބޭރަށް ނަޒަރުހުއްޓާލައިގެން އިން ޔޫލިއާގެ ދެލޮލުގައި އެތައް ހާސް ޖަޒުބާތުތަކެއް އެކުލެވިގެންވެއެވެ.އުފާވެރިކަމެވެ،ވޭނާއި ހިތާމައެވެ.އެއިން ކޮންމެ ޖަޒުބާތަކަށް ވުރެ ބޮޑަށް އެ ދެލޮލުގައި ފަރުދާވެގެންވީ ރަތްކުލައިގެ އަލިފާނެއް އަނދަމުންދިޔައެވެ.ނަފްރަތުގެ އަލިފާނެވެ.އެއްވެސް މީހަކަށް ނަފްރަތުކުރުމަކީ ޔޫލިއާ ކުރަން ބޭނުންވާ ކަމަކަށް ނުވިޔަސް އިންސާފު ހޯދުމަައްޓަކައި އޭނާގެ ހިތުގައި އަދަމުންދާ ހިތްވަރުގެ އަލިފާނަށް އެޅޭ ޕެޓްރޯލަކީ އެއީއެވެ.އެ ޒުވާން ހިތުގައި ބޭއިންސާފުން އިންސާފު ހޯދުމުގެ ރޫޙު އާލާވެފައިވަނީ އިންތިހާއަށެވެ.ބަލަބަލައި ހުއްޓާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ޖެއްސުމާއެކު ޔޫލިއާގެ ތުންފަތްމައްޗަށް ބޭއިޙްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ.”ވެލްކަމް ހޯމް މެޑަމް”ޔޫލިއާ ފްލައިޓުން ފައިބަން ދިއުމާއެކު ފުޅާ ހިނިތުންވުމަކާއެކު ދޮރު ހުޅުވާލަދެމުން ޖެޓުގައި ހުރި އެއަރ ހޯސްޓެސް ރަޝިއާ ބަހުން ބުންޏެވެ.”ތޭންކް ޔޫ”ޔޫލިއާ ޝުކުރު އަދާކުރުމަށްފަހު އަތްދަބަހުން ދެހާސް ރަޝިއަން ރަބްލްސް ނަގާފައި އެ ކުއްޖާގެ އަތައް ލައިދިނެެވެ.އެ ކުއްޖާ ޝުކުރުގެ ނަޒަރަކުން ޔޫލިއާއަށް ބަލާލުމާއެކު އޭނާ ބޯޖަހާލުމަށްފަހު ފްލައިޓުން ފައިބަން ދިޔައެވެ.

ޔޫލިއާގެ ދެފައި ބިންމަތީގައި ޖެހުނުކަން ނޭނގެނީސް ދުރުގައި ބޮޑީގާޑުންގެ ބޮޑު ޤަބީލާއެއް ފަހަތުލައިގެން އެނާގެ އިސްތިޤުބާލުގައި ހުރި ނޯރާ ވައިސޫރިއެއްހެން އައިސް އޭނާގެ ގައިގައި އޮޅުލައިގަތެވެ.”ޔޫލީ.އާދެވިއްްޖެދޯ.ހާދަ މިސްވިޔޭ”ނޯރާ ޔޫލިއާއާއި ދުރުވެލަމުން ބުންޏެވެ.”މިސްޑް ޔޫ ޓޫ މައި މޮޑެލް”ޔޫލިއާ ނޯރާގެ ފައިން ފެށިގެން ބޮލާއި ހަމަޔަށް ނަޒަރު ހިންގާލަމުން ބުންޏެވެ.ހަވީރު ލައިގެން ހުރި ދިގު ހެދުން ނޯރާ ވަނީ ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ޓޮޕަކަށް ބަދަލުކޮށްފައެވެ.އިސްތަށިގަނޑު މައްޗައް ނަގައި ހުޅިއެއް ޖަހާފައި ވާއިރު މިވަގުތު މޫނުމަތީގައި އެއްވެސް މޭކަޕެއް ކުރެވިފައި ނެތް ނަމަވެސް އޭނާގެ ރީތިކަން ފަނޑެއްނުވެއެވެ.”މިއީ ތުއްތަބޭގެ ކަންތައް ދޯ”ޔޫލިއާ ދުރުގައި ޕާކްކޮށްފައި އޮތް ކަޅު ކުލައިގެ ރޯލްސް ރޯއިސްއަށް ނޯރާ އާއި ދެމީހުނަށް އަރައި ފަހަތުގައި އޮތް ކާރައް އެރި ބޮޑީގާޑުންނަށް ނަޒަރެއް ދެމުން ބުންޏެވެ.”އާނ.ޝިޔާހްބެ އަހަރެން ކައިރީ ބުނެގެން އެ އެންމެން ހަމަ ޖެއްސީ.ޔޫލީ ތިއީ ޝިޔާހްބެ އާއި ރިފް ދައްތަގެ ލޯބިވާ ކޮއްކޮއެއްނު.އަދި މަލްޓި މިލިއަނެއަރ ރަޝްފާ ހަސަންގެ ނީސް ޔޫލިއާ ހަސަންގެ އިތުރުން….”ހޫނ ދެން ހެވޭ ނޯރީ.މަގޭ ބައޮގްރަފީ ކިޔަން ފަށައިފިއްޔާމުން މާދަމާ ހެނދުނު އިރު އަރާ އިރުވެސް ނުނިމޭނެކަން ޔަޤީން”ޔޫލިއާ ސީޓުގައި ހަމަޖެހިލަމުން ބުނުމާއެކު ނޯރާ ހީލިއެވެ.

ބައި ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ޔޫލިއާމެން ތިބި ކާރު އައިސް މަޑުކޮށްލީ ހުޅުމާލެ ފޭސް ދޭއްްގައި ހުރި މަޝްހޫރު ފަސް ތަރީގެ ހޮޓެލްއެއް ކުރިމައްޗަށެވެ.ފަންސަވީސް ބުރި ހިމެނޭ އެ އިމާރާތުގެ ބޭރުގައި ރަންކުލައިގެ ރީތި ފޮންޓަކުން “ޒާން ހޮޓެލް” ޖަހާފައި އިނުމުން އެ ހޮޓެލް ނިސްބަތްވަނީ އޭގެ ވެރިފަރާތައްކަން ދޭހަކޮށްދެއެވެ.ކާރުގެ ފަހަތުން އައި ބޮޑީގާޑުންގެ ތެރެއިން އެކަކު އައިސް އޭނާ އިން ފަޅީގެ ދޮރު ހުޅުވާލަދިނުމުން ޔޫލިއާ ފޭބިއެވެ.ކާރުން ފެށިގެން ހޮޓެލްގެ އެންޓްރެންސްއާއި ދެމެދު އޮތް ތަންކޮޅުގައި ރަތް ދޫލަ އެޅިފައިވާއިރު ޔޫލިއާގެ އިސްތިޤުބާލުގައި ހޮޓެލްގެ މެނޭޖާގެ އިތުރުން ތަނުގައި މަސައްކަތް ކުރާ ސްޓާފުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ.”ޔޫލިއާ މެޑަމް.ވެލްކަމް”ޔޫލިއާ ފޭބުމާއެކު ހޮޓެލްގެ މެނޭޖާ ރާއިފް އައިސް ސަލާމްކޮށްލަމުން ބުންޏެވެ.”ޝުކުރިއްޔާ ރާއިފް.ހުރިހާ ކަމެއް ރަނގަޅުތަ؟”ރާއިފްއަކީ ޔޫލިއާއަށް އާ މޫނަކަށް ނުވުމުން ޔޫލިއާ ވާހަކަދެއްކީ ވަރަށް އާދައިގެ ގޮތަކަށެވެ.”ލައްބަ މެޑަމް.ޝިޔާހް ސަރ އެދިލެއްވި ގޮތައް ޕެންޓްހައުސް ސޫޓު ހުންނާނީ މެޑަމްއަށް ތައްޔާރުކުރެވިފައި”ޔޫލިއާ އާދައިގެ ބަހުން ވާހަކަދެއްކި ނަމަވެސް ރާއިފް ޙިޔާރުކުރީ އޭގެ އިދިކޮޅެވެ.މަސައްކަތުގެ މާހައުލުގައި ވެރި މީހާއަށް ކިޔަމަންވުމުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ.އޭނާއަކީ ރަޝްފާ ނުހަނު އިތުބާރުކުރާ މުވައްޒަފެކެވެ.ނޫންނަމަ ރަޝްފާގެ ލޯބިވާ މާމަދަރިފުޅު ޒާންއަށް އަޅައިދިން މި ފެންވަރު ރަނގަޅު ހޮޓެލް ހިންގުމާއި އޭނާއާއި ހަވާލެއްް ނުކުރާނެއެއް ނޫންހެއްޔެވެ.ކޮންމެއަކަސް އޭނާގެ މަޤާމު ދެމެހެއްޓުމައްޓަކައި ރާއިފްއަކީ ގަދައަޅާ މަސައްކަތްކުރާ މީހެކެވެ.ވީއިރު ޔޫލިއާއަށް މެހެމާންދާރީ އަދާކުރުމުގައި ކުޑަ ނަމަވެސް މައްސަލައެއް ދިމާވެދާނެތީވެ އޭނާ ހުރީ ނުހަނު ހާސްވެފައެވެ.އެއީ ބުނެވޭ ބަހަކުން ވިޔަސް މެއެވެ.”މެޑަމް.ޕެންޓްހައުސްގަ މަސައްކަތް ކުރުމަށް ޓަކައި މެއިޑެއް ހަމަޖައްސާފަ ހުންނާނެ އެކަމަކު އެއްވެސް ކަމެއް ބޭނުންފުޅުވާނަމަ ޑައިރެކްޓްލީ އަޅުގަނޑަށް އަންގާލިއަސް އޯކޭވާނެ.އަޅުގަނޑު އަބަދުވެސް ހުންނާނީ މެޑަމްގެ ޙިދުމަތުގަ.އުއްމީދުކުރަން މެޑަމް ރާއްޖޭގައި ހޭދަކުރާ ދުވަސްތައް ވަރަށް ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކަކަށް ވާނޭކަމަށް”ރާއިފް މިހެން ބުނެ ހޮޓެލްގެ މުވައްްޒަފަކަށް އިޝާރާތްކޮށްލުމާއެކު އެތަނުން އެކަކު ޔޫލިއާގެ ފޮށިތައް ކާރުގެ ޑިކީ ތެރެއިން ނެރެން އުޅުނެވެ.އެހެން މީހަކު އައިސް ޔޫލިއާގެ އަތައް ޕެންޓްހައުސް ސޫޓުގެ ޑިޖިޓަލް ތަޅު ހުޅުވަން ބޭނުންކުރާ ކަޅުކުލައިގެ ކާޑެއް ލައިދިނެވެ.ރާއިފް އެ މީހުންނާއި އެއްކޮށް މައްޗަށް ދާން އުޅުމުން ޔޫލިއާ އެކަން މަނާކުރިއެވެ.އެއަށްފަހު  ބޭރުގައި ތިބި މުވައްޒަފުންނަށް ޝުކުރު އަދާކުރުމަށްފަހު ނޯރާއާއި ދެމީހުން އެތެރެއަށް ވަދެގެން ދިޔައެވެ.

“ވާއު.މި ތަން ހާދަ ރީއްޗޭ.އަހަރެން މި ކޮޅަށް ބަދަލުވީފަހުން ޔޫލީ މި ކޮޅަށް އައީ ދެ ފަހަރު.އެ ދެ އަހަރު ވެސް އަހަރެން ޔޫލީ ކައިރިއަށް އައިސް މި ތަނަށް ވަނިން.އެކަމަކު ވަންނަ ކޮންމެ ފަހަރަކު ވެސް ކުރެވެނީ އަލަށް ތަނަކަށް ވަދެވުނުކަމުގެ އިޙުސާސް.މިފަހަރުވެސް ހަމަ އެހެން.ހާދަ ވަރަކަށް އިންޓީރިއާ ބަދަލުވެފައޭ މިހިރީ”ޕެންޓްހައުސް ސޫޓުގެ ތެރެއަށް ވަދެވުމާއެކު ފަރާތް ފަރާތައް ނަޒަރުހިންގާލަމުން ނޯރާ ބުންޏެވެ.”މި ޕެންޓްހައުސް ސޫޓަކީ އާންޓް ކޮންމެ އަހަރަކު ރީނޯވޭޓް ކުރާ ބައެކޭ.ދެން ނޯރީއަށް އިނގެއްނު މިއީ މި ހޮޓެލްގައި އަހަރުމެންގެ އާއިލާއަށް ޙާއްސަ ބައެއްކަން”ޔޫލިއާ ސިޓިންރޫމުގެ މެދުގައި ހުރި ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ.”އެނީވޭ.މިއަދުގެ ޝޫޓް ކިހިނެތްތަ ދިޔައީ؟”ޔޫލިއާ އެއްސެވެ.އެވަގުތު ޕެންޓްހައުސްގައި މަސައްކަތްކުރަން ހަމަޖެއްސި ހޮޓެލްގެ މެއިޑެއް އައިސް ދެ މީހުންގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ދެ ތަށި ފެން ބަހައްޓާފައި ދިޔައެވެ.”ވަރަށް ރަނގަޅު.އެހެންވީމަ މާދަމާގެ ޝެޑިއުލް ފްރީކޮށްދޯ ބައިންދަންވީ؟”ނޯރާ ސީރިއަސް ރާގަކަށް ބުނުމާއެކު ޔޫލިއާއަށް ވިސްނާލެވުނެވެ.”އާނ.ރޭހާން އާއި އެއްކޮށް އިން މީޓިންގް އެކަނި ދޯ އިނީ؟”ޔޫލިއާ ބުނުމާއެކު ނޯރާ ލާނެތް ހިނިތުންވުމަކާއެކު ބޯ ޖަހާލިއެވެ.”މަށަށް މި ބުނެވުނީ މާ މަޖާ އެއްޗެއްތަ؟”ޔޫލިއާ އެ ވާހަކަ ބުނުމުން ނޯރާ ހިނި އައިކަން ދެނެގަނެވުމުން ބުންޏެވެ.”އެހެމް.ނޫން.އެކަމަކު ޔޫލީ ކީއްވެތަ ނުބުނީ އަލްޢުސްތާޒް ރޭހާން އަހުމަދު ވަރަށް ހޮޓޭ؟”ނޯރާ ސަކަ ގޮތަކަށް ބުނުމާއެކު ޔޫލިއާގެ ހިނިގަނޑު ދިޔައީ ފަޅަފަޅައިގެންނެވެ.”ހޮޓޭ؟އަސްތަޢުފިރުالله.އަނެއްކާ މަގޭ ނޯރީއަށް ކަމުދާ ސޮރެއް އަތު ޖައްސައިދެވުނީތަ؟”ޔޫލިއާ ލާނެތް ހިނިތުންވުމަކާއެކު ބުނުމުން ނޯރާ ދެފަރާތައް ބޯހޫރާލަމުން ވަގުތުން ނޫނެކޭ ބުނެ ހަޅޭއްލަވައިގަތެވެ.”ހެހެ.އޯކޭ އޯކޭ.އެހެންވީމަ މާދަމާ މެންދުރު ދޭކަށޭ ދޯ މީޓިންގް ލަސްކޮށްލީ”ޔޫލިއާ ފެންތަށީގައި ތުންޖަހަމުން ބުނުމާއެކު ނޯރާ ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.”އާނ.އެހެންވީމަ ހެނދުނު ގަޑީގަ ބޭނުންތަ ހޭންގް އައުޓްކުރަން؟މާދަމާގެ އިންޑޯ ފޮޓޯ ޝޫޓުތަކެއް އެބަ އޮތް ރޭގަނޑު ޕެރެޑައިސްގަ.ސޯ ހަވީރު ރިސޯޓަށް ދާން ފުރަން ޖެހޭނެ”ނޯރާ ހިސާބަކަށް ހިތާމަ އެކުލެވިގެންވީ އަޑަކުން ބުންޏެވެ.އެއާއެކު ޔޫލިއާ އޭނާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“ދެން މާދަން ހެނދުނު އޮފީހޯ؟ވައިވޮނިކް ޑިޒައިނާސް މީޓިންގްއެއް ނެތްތަ؟”ޔޫލިއާގެ ވާހަކަ އިވިފައި ނޯރާއަށް ބޮލުގައި ޖަހާލެވުނެވެ.ޔޫލިއާ އައުމުން ވީ އުފަލުގައި އެކަން ހަނދާނުން ކައްސާލީއޭ އޭނާގެ ހިތައް އެރިއެވެ.ނޯރާ އަނގަ ތަންމިނަށް ހުޅުވައިގެން އިންނަން ފެށުމުން ޔޫލިއާއަށް އަނެއްކާވެސް ހެވުނެވެ.”އޫޕްސް.މަގޭ ވެސް މޮޔަކަން ދޯ.ނޯރީ ކައިރީގަ ނުބުނެވުނުނަމަ.އޭރުން މާދަމާ ނޫސްތަކުގެ ހެޑްލައިނަށް އަރާ އޮންނާނެ ވައިވޮނިކްގެ ހެޑް ޑިޒައިނާ މަރިޔަމް ނޯރާ ހުރިހާ ޑިޒައިނަރުންތައް މީޓިންއަކަށް ހާޒިރުކޮށްފަ ފިލި ވާހަކަ”ޔޫލިއާ މަޑު ހުނުމަކާއެކު ބުންޏެވެ.އެއާއެކު ނޯރާ ތުން ދިގުކޮށްލިއެވެ.”ވަރަށް މަޖާ.އެނީވޭ.ކޮބާތަ އާންޓްމެން؟އެންމެ ފަހުން ދުވަހު ގުޅިއިރު ބުނި އެންމެންވެގެން ޢުމްރާއަށް ދާންވެގެންނޭ މި އުޅެނީ”ނޯރާ ބުންޏެވެ.”އާނ.މިފަހަރު މަށަށް ނުދެވޭތީ ވަރަށް ކަޑަވެފަ އެކޮޅުގަ ތިބި އެންމެން ތިބީ.ޙާއްސަކޮށް ޒާން.އިނގޭދޯ އޭނަ މަ ދެކެ ކިހާ ލޯބިވާކަން”ޔޫލިއާ ހިނިތުންވެލަމުން ބުންޏެވެ.”ހެހެ އާނ.އާފްޓާ އޯލް،ޒާން އެއްނު އެ ހުރިހާ ކަމެއް އެނގުނު ފަހުން ޔޫލީ ހީލްވާން ހެލްޕްވެދިނީ”ނޯރާ އެހެން ބުނި އިރު އެ ތުންފަތްމަތީގައި ވެސް ވަނީ ފަނޑު ހިނިތުންވުމެކެވެ.”ޒާން އެކަންޏެއް ނޫން.ނޯރީވެސް.ނޯރީމެންގެ ފެމެލީ ރަޝިއާއަށް ޗޭންޖް ވީ ފަހުން ވީ ހޭވް ބީން ބެސްޓީސް.އޭރު އަހަރުމެންނަށް ވާނީ ދިހަ އަހަރު ދޯ”ޔޫލިއާ ކުރީގެ ހަނދާންތައް އާކޮށްލަމުން ބުންޏެވެ.”އާނ.މިހާރު އަހަރުމެންނަށް ވާނެ އެކާވީސް.އެގާރަ އަހަރުގެ ރައްޓެހިކަން”ނޯރާ އަތުގެ އިނގިލިތައް ގުނާލަމުން ބުންޏެވެ.

ނޯރާގެ އުމުރުން ދިހަ އަހަރުގައި އޭނާގެ ރަޝިއާއަށް ނިސްބަތްވާ މަންމަ ފަރާތު މާމަ ވަރަށް ބޮޑަށް ބަލިވުމުން މާމައަށް ޙިދުމަތްކޮށް ދިނުމަށްޓަކައި ނޯރާގެ މައިންބަފައިން އޭނާ ގޮވައިގެން ރަޝިއާއަށް ބަދަލުވިއެވެ.މާމަ ކައިރިއަށް ދެވޭތީ ނޯރާ އުފާވި ނަމަވެސް އޭނާ އެންމެ ދެރަވީ އުފަން ފަސްގަނޑާއި ރާއްޖޭގައި ތިބި އޭނާގެ ހުރިހާ ރައްޓެހިން ދޫކޮށްލާފައި ދާން ޖެހުމުންނެވެ.ރައްޓެހިން ގެއްލުމުން ލިބުނު ހިތާމައިން އޭނާއަށް އަރައިގަނެވުނީ އޭނާއާއި އެއް އުމުރެއްގެ ޔޫލިއާ އާއި ދިމާވި ފަހުންނެވެ.ރަޝިއާއަށް ބަދަލުވުމާއެކު އިއްްތިފާޤުން ނޯރާގެ މައިންބަފައިން އޭނާވެސް ކިޔަވަން ފޮނުވީ ޔޫލިއާ ކިޔަވަމުންދިޔަ ސްކޫލަށެވެ.ޔޫލިއާ އާއި ނޯރާ ދިމާވީ ސްކޫލުންނެވެ.ޅަފަތުގެ ދުވަސްވަރުގައި އެ ދެމެދުގައި އާލާވި އެކުވެރިކަން އެ އޮތީ އަދިއަދަށް ދާންދެންވެސް އެގޮތުގައެވެ.އޭލެވެލް ނިންމުމަށްފަހު ނޯރާގެ އުމުރުން އަށާރަ އަހަރުގައި ރަޝްފާ ޔޫލިއާގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައި އޮތް “ވައިވޮނިކް” ކުންފުނީގެ މާލޭ ގޮފީގެ “ހެޑް ޑިޒައިނަރ”ގެ މަޤާމު އަދާކުރުމަށްޓަކައި ނޯރާ މާލެ ބަދަލުވުމަށްފަހު ވެސް އެ ދެމީހުންގެ ދެމެދުގައި އޮތް ގާތް ގުޅުމަކަށް ބަދަލެއް ނާދެއެވެ.ޔޫލިއާ ނޯރާ ޑިގްރީއަށް ކިޔަވަން ފެށުމުން އޭނާގެ ޕީ.އޭގެ މަޤާމު ނޯރާއަށް ދިނީވެސް އޭނާ އެންމެ އިތުބާރުކުރާ ގާތް އެކުވެރިޔާ އެ މަޤާމަށް ގެންނަން ބޭނުންވީތީއެވެ.”ސޯ މާދަން ހެނދުނު ކޮން ކަމެއް އޮތީ؟ޔޫލީ މާދަން ނިދަން އޮންނަންވެގެންދޯ މަ މީޓިންއަކަށް ފޮނުވަން ތި އުޅެނީ؟”ނޯރާ މޫނު ކުނިކޮށްލަމުން ބުންޏެވެ.”އާނ.ނިދަން އެބަ ޖެހޭތާ ދޯ”ޔޫލިއާ އާފުރިލަމުން ބުންޏެވެ.ނުވަ ގަޑިއިރުގެ ދިގު ދަތުރެއް ކޮށްފައި އައުމުން ވަރުބަލިކަން އިޙުސާސްނުވެ ނުހުންނާނެއެއް ނޫންހެއްޔެވެ.”އާނ.ދޯ.އެހެންވީމަ ޔޫލީ ނިދާލާ.މި އޮތީ ކާރުގެ ތަޅުދަނޑި.ޑްރައިވާ އެއް ބޭނުންވަންޏާ ގާޑްސް ކުރެން ކޮންމެވެސް އެކަކު ކައިރީ ބުނެލާ.ގޫޑް ނައިޓް ގާލް”ނޯރާ ކާރުގެ ތަޅުދަނޑި މޭޒުމަތީގައި ބާއްވަމުން ސޯފާއިން ތެދުވަމުން ބުންޏެވެ.”ނޯރީ ކަމެއް ކޮއްދީބަލަ”ޔޫލިއާ މިހެން ބުނުމާއެކު ނޯރާ ބުމަ އަރުވާލީ ކޮންކަމެއްހޭ އަހާފަދަ ގޮތަކަށެވެ.”މާދަމާ ހެނދުނަށް ލޯންޗެއް ހަމަޖައްސާލެވިދާނެތަ؟”ޔޫލިއާ މޫނުމަތިން އެއްވެސް އަސަރެއް ދައްކާނުލާ  ބުންޏެއްކަމަކު ނޯރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ.ޔޫލިއާ ލޯންޗު ހަމަޖައްސަން އެ ބުނީ ކޮން ބޭނުމެއްގައިކަން ޔޫލިއާ ނުބުންޏަސް އޭނާއަށް ރަނގަޅަށް އިނގޭތީއެވެ.”ޔޫލީ.އެކަނި އެތަނަށް ދިއުން…އިޓްސް އޯކޭ ނޫރީ.މިއީ އަހަރެން ދޫނިދޫއަށް ދާ ފުރަތަމަ ފަހަރެއް ނޫނޭ”ޔޫލިއާ ބުނުމާއެކު ނޯރާ ފުންނޭވައެއް ދޫކޮށްލަމުން ބޯ ޖަހާލިއެވެ.

އާދުވަހަކަށް އިރުއެރިއިރު ޔޫލިއާ ހުރީ ޕެންޓްހައުސްގެ ބިއްލޫރިފާރުން ބޭރަށް ނަޒަރު ހުއްޓާލައިގެންނެެވެ.އެއް އަތުގައި އާވި އަރަ އަރާ ހުރި ހޫނު ކޮފީ ތައްޓެއް ހުރިއިރު އަނެއް އަތުގައި ފޯނު އޮތެވެ.ނޯރާ ގުޅާފައި ނުވަ ގަޑި ބައި ވާ އިރު ލޯންޗު ތައްޔާރަށް އޮންނާނެ ވާހަކަ ބުނުމުން ޔޫލިއާ ހުރީ ތައްޔާރުވެގެންނެވެ.ކަޅު ކުލައިގެ ޖިންސަކާއި ހަމަ އެކުލައިގެ އަތްދިގު ޓީޝާޓެއްގައި ހުރިއިރު އަތުގައި ރިހި ކުލައިގެ ގަޑިއެއް އަޅާފައި އޮތެވެ.ކޮފީތަށި ހުސްކޮށްލުމަށްފަހު ޔޫލިއާ ހޮޓެލްގެ ރިސެޕްޝަނަށް ގުޅައި އޭނާގެ ކާރު ދަތުރަށް ތައްޔާރުކުރުމަށް ބުންޏެވެ.އަތުގައި ހުރި ކޮފީ ޖޯޑު ދޮވެލުމަށްފަހު ސޯފާގައި އަޅުވާފައި އޮތް ހުދުކުލައިގެ ބްލޭޒާ ގަޔަށް މަހާލަމުން އަތްދަބަސް ހިފައިގެން ޔޫލިއާ ޕެންޓްހައުސް އިން ނުކުންނަން ހިނގައިގަތެވެ.ލިފްޓު ގްރައުންޑް ފްލޯއަށް ހުއްޓުމާއެކު  ހޮޓެލްގެ ލޮބީ ހުރަސްކޮށް ޔޫލިއާ ބޭރަށް ނުކުތްއިރު ހޮޓެލްގެ ގޭޓު ކުރިމަތީގައި ރޭ އެ މީހުން އައި ރޯލްސް ރޯއިސް ތައްޔާރަށް އޮތެވެ.ކައިރީގައި އޭނާ ހަމަޖެއްސި ޑްރަައިވަރުވެސް ހުއްޓެވެ.އެ މީހާއަށް ޔޫލިއާ ފެނުމާއެކު ދުވަހުގެ ތަހުނިޔާ ކިޔުމަށްފަހު ކާރުގެ ފަހަތު ޝީޓުގެ ދޮރު ހުޅުވާލަދިނެވެ.ޔޫލިއާ ކާރަށް އަރައި ސީޓުގައި ހަމަޖެހިލުމަށްފަހު ދާންވީ ތަން ބުންޏެވެ.އެއާއެކު އެ މީހާ ޑްރައިވަރު ސީޓަށް އަރައި ކާރު ސްޓާޓްކޮށްލީ ނުވަ ގަޑި ބައި ވުމުގެ ކުރިން ޔޫލިއާ ޖެޓީއަށް ގެންގޮސްދިނުމަށްޓަކައެވެ.

*****

ދޫނިދޫގެ “ބްލެކްހޯލްޑް” އަކީ އެތަނަކުން ބަޔަކު ނުކުންނަ ޒާތުގެ ޖަލެއް ނޫނެވެ.އެތަނަށް ވަދެއްޖެ މީހަކީ ނިޒާމުން ގެއްލޭނެ މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.މިހާތަނަށް އެތަނަށް ލެވުނު މީހުންގެ ތެރެއިން މިނިވަންކަން ލިބުނު މީހުންގެ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ.120 ވަނަ ކުޑަ ގޮޅި ތެރޭގައި ހެނދުނުގެ ނާސްތާއަށް ފަހު ފިރާތު ފޮތެއް ހިފައިގެން އިނެވެ.އެ ރީތި މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެންނަމުން ދިޔައިރު އަތުގައި އޮތް ފޮތުގައި ރަޝިއާ ބަހުން ނުހަނު ޝަޢުޤުވެރިކަމާއެކު އެއްޗެހިތަކެއް ނޯޓު ކުރަމުން ދިޔައެވެ.ތިރިން ކަޅު ޖިންސެއް ލާފައި ވާ އިރު މަތިން އޭނާ ލައިގެން ހުރީ އިއްްޔެ ލައިގެން ހުރި ކަޅު ޓީޝާޓުގެ ބަދަލުގައި ހުދު ޓީޝާޓެކެވެ.އިރުކޮޅެއްފަހުން ގަލަމުގެ ކޮޅު އަނގަޔަށް ލައިގެން ޙަފާލަ ޙަފާލާ އިން ފިރާތުއަށް ބުމަ ގާތްކޮށްލެވުނީ ދުރުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމުންނެވެ.ދެވަނަ ސިކުންތުގައި ތޭރިތަކުގެ ކުރިމަތިން ފާޅުވި ސޫރަ ފެނުމުން އޭނާގެ ތުންފަތް ދެފަރާތައް ދެމިލިއެވެ.

****

ލޯންޗުގައި އިން ޔޫލިއާއަށް ގާތްވަމުން ދިޔަ ދޫނިދޫގެ މަލަމަތި ފެނުމާއެކު ހިތްއަވަސްވެފައިވާ ހާލުވެސް އެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ.މަދު މިނިޓުކޮޅެއްގެ ތެރޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ލޯންޗު އެ ރަށު ފާލަމާއި ގާތްކޮށްލުމާއެކު ޔޫލިއާ އަވަހަށް ފައިބަން ދިޔައެވެ.ލޯންޗުގެ ތައްޓުމައްޗާއި އަރާ ހަމަވުމުން ޖެޓީ މައްޗަށް ފައިބައި ހުރި އޭނާއާއި އެއްކޮށް ދަތުރުގައި ބައިވެރިވި ބޮޑީގާޑުން ކުރެ އެކެއްގެ އެހީގައި ޔޫލިއާ ލޯންޗުން ފޭބިއެވެ.އަވިއައިނު އަޅާލަމުން ޔޫލިއާ ރަށުތެރެއަށް ހިނގައިގަތީ އެ ރަށުގައި ހުންނަ ފުލުސް އޮފީހާއި ދިމާލަށެވެ.ކޮންމެ އަހަރަކު އެ ގޮތައް މެދުނުކެނޑި އައިސްފައިވާ ރަށަކަށް ވުމުން ޔޫލިއާއަށް ރަށުގެ މަގުތައް ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ.ޔޫލިއާގެ ބޮޑީގާޑުންވެސް ސުވާލުކުރުމެއްނެތި ފަހަތުން ދެފަރާތުގައި ތިބެ އޭނާ ދިޔަހާ މަގަކުން ދިޔައެވެ.ފުލުސް އޮފީހާއި އަރާ ހަމަވުމާއެކު ބޮޑީގާޑުން ބޭރުގަައި މަޑުކޮށްފައި ޔޫލިއާ އެތެރެއަށް ވަނެވެ.ޔޫލިއާ ފެނުމާއެކު ރިސެޕްޝަން ކައިރީ ހުއްޓިހުރި މެދުއުމުރުގެ މީހެއްކަމުގައިވާ ޖެއިލް ސުޕަރއިންޓެންޑެންޓް ނީލް ވަގުތުން ހަށިގަނޑު ދަމާލަމުން ސަލާމް ދެންނެވިއެވެ.ޔޫލިއާ ފޫހި ނަޒަރަކުން ނީލްއަށް ބަލައިލުމަށްފަހު އޭނާ އެ ތަނަށް އައި ބޭނުން ހާމަ ކުރިއެވެ.”ހާދަ އަވަސް އަރުވާލައިގެން ތި އުޅެނީ؟ކޮފީއެއް ބޭނުންތަ؟”ނީލް ލާނެތް ހިނިތުންވުމަކާއެކު ބުނިއިރު އޭނާ ޔޫލިއާއަށް ބަލަހައްޓައިގެން ހުރީ ޖަނަވާރަކު އޭތީގެ ކާނާއަށް ބަލާލާ ފަދަ ދަހިވެތި ނަޒަރަކުންނެވެ.

އެ ޖުމްލަތައް އިވުމާއެކު ޔޫލިއާގެ ލޭ ކެކިގަތެވެ.ވަގުތުން އޭނާގެ އަތް ފުރަގަހަށް ގެންގޮސް ލައިގެން ހުރި ބްލޭޒާގެ ދަށުން ޖިންސުގެ ބެލްޓު ވަޅުގައި ހަރުކޮށްފައި އިން ފިސްތޯލަ ނަގައި ނީލްގެ ބޮލު މެދަށް ބަޑިއެއް ޖަހާލާނަމޭ ވެސް އޭނާގެ ހިތައް އެރިއެވެ.ނަމަވެސް ފުންނޭވައެއް ދޫކޮށްލަމުން އޭނާ އެ އިޙުސާސްތަކުގެ މައްޗަށް ބާރު ފޯރުވީ އެކަން ކުރަން އަދި މާ އަވަސްކަމަށް އަމިއްލަ ހިތައް ވިސްނާދެމުންނެވެ.އެއާއެކު އޭނާގެ ތުންފަތްމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.”ނެތް ވަގުތެއް.މަށަކީ މިތަނަށް އާ މީހެއް ނޫން.ވެއަރ އިޒް ހީ؟”ޔޫލިއާ ހިސާބަކަށް ހިތްހަމަނުޖެހިފައި ބުނިގޮތުން ނީލްގެ ހިތައް އަސަރުކުރީ ތޯއްޗެކެވެ.ނީލް ޕްރިޒަން ވާޑެންއަށް ގޮވާލަމުން އެ މީހާއަށް ޔޫލިއާ ދައްކާލިއެވެ.އެއާއެކު ނީލްގެ އަޑަށް އެ ތަނަށް އައިސް ހުއްޓުނު ވާޑެންއަށް ޔޫލިއާ ފެނުމުން އޭނާގެ ފަހަތުން އައުމަށް އިޝާރާތްކޮށްލިއެވެ.ޔޫލިއާ ނީލްއަށް ނަޒަރެއް ދީފައި އަރައިގެން ހުރި ހައި ހީލްސް އިން އަޑު ލައްވަމުން ވާޑެންގެ ފަހަތުން ދިޔައެވެ.އެއިރުވެސް ނީލްގެ ދަހިވެތި ނަޒަރު ޔޫލިއާއާއި ވަތްކެއް ނުވެއެވެ.

ވާޑެން އޮފީސްބައި ދޫކޮށް ދިއުމުން ޔޫލިއާމެންނަށް ވަދެވުނީ ހަނި ގޯޅިއެއްގެ ތެރެއަށެވެ.އެ ގޯޅީގެ ނިމޭ ކޮޅުގައި ބޮޑު ދަގަނޑު ދޮރެއް ހުރެފައި ޔޫލިއާގެ ކުރީގައި ހުރެ ވާޑެން ހަލުވި ހިނގުމެއްގައި ގޮސް އަތުގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވާލަދިނުމަށްފަހު ޔޫލިއާ ވަންނަންދެން ދޮރުގެ ތަޅުގައި ހިފަހައްޓައިގެން ހުއްޓެވެ.”ފަނަރަ މިނިޓު ލިބޭނީ”ވާޑެންގެ ބަހައް ޔޫލިއާ ބޯ ޖަހާލަމުން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ.އެއަށްފަހު ހިނިތުންވެލަމުން ކުރިއަށް ހިނގައިގަތެވެ.ދޮރުން އެތެރެވުމާއެކު ވަދެވުނީ ކުށްވެރިން ބަންދުކޮށްފައި ތިބޭ ކޮށިތައް ނުވަތަ ގޮޅިތައް ހިމެނޭ ގޯޅިގަނޑަށެވެ.ގޯޅިގަނޑުގެ ދެފަރާތުގައި ނަންބަރު ޖަހާފައި ޖަލު ގޮޅިތައް ތިބިއިރު ޔޫލިއާ ދެ ފަރާތުގައި ބަންދުކޮށްފައި ތިބި ކުށްވެރީންނަށް ބަލަމުން އެ ގޮޅިތައް ހުރަސްކޮށް ދިޔައެވެ.ހިނގަމުން ގޮސް އޭނާ ހުއްޓުނީ އެ ގޯޅިގަނޑުގެ ތަންކޮޅެއް އެތެރޭގައި ހުރި ގޮޅިއެއްގެ ކުރިމަތީގައެވެ.ގޮޅީގެ ތެރޭގައި އިން މީހާ އިނީ ފުރަގަސް ދީގެން ކަމުން އެ މީހާއަކަށް ޔޫލިއާ އެއް ނުފެނެއެވެ.ނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ފަޓްލޫނެއްގައި އިން އެ މީހާގެ ފުދޭވަރަކަށް ދިގުވެ ނުރަ ޖަހާފައިވާ އިސްތަށިގަނޑުން އެއީ މެދު އުމުރުގެ މީހެއްކަން އިނގެއެވެ.އެ މީހާ ފެނުމާއެކު ޔޫލިއާގެ މޫނުމަތިން ފާޅުވީ ބަޔާންކުރަން ދަތި އިޙުސާސެކެވެ.”ބައް…ޕާ”.ޔޫލިއާއަށް ރޮވިފައިވީ އަޑަކުން ބުނެވުނެވެ.

****

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

svetlana

Level 110 Stories100 Login

An avid reader and storyteller at heart, weaving tales that captivate and inspire. Passionate about exploring the depths of human emotions.crafting worlds that linger in the imagination.Writing is not just a passion—it's my way of breathing life into dreams.

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 43

Next

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…60

Next
January 2, 2025

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…60

Previews
January 2, 2025

ޙަޤީޤަތް ހޯދުމޭ 43

4 Comments!

  1. kai says:
    January 2, 2025 at 5:50 pm

    mi part vx vr reethi when next

    1. svetlana says:
      January 2, 2025 at 6:38 pm

      Thanx.ASAP insha Allah 💗

  2. Repunzil says:
    January 3, 2025 at 6:55 pm

    Vv reethi and interesting…
    Who is that man???🤔🤔
    When is next ??

    1. Svetlana says:
      January 4, 2025 at 1:50 am

      Thanx💕Alhuganduge phone repair kurevunu haa avahakah up kolla dheynan Insha allah

Comments are closed.

Next Episodeޕިޔަދަ 5&4←


All Right Reserved!