ޕިޔަދަ 5&4
****
ޔޫލިއާ ދިޔަ ދިމާލަށް ބަލަން އިނދެފައި ނީލް ގޮސް އެތާ ހުރި ދަގަނޑު ދޮރަކުން ވަނެވެ.ހަމައެކަނި ހަތަރު ފާރު ފިޔަވައި އެތަނުގައި އެހެން އެއްވެސް އެއްޗެއް ނުވެއެވެ.ނީލް ހުއްޓި ހުރިތާ ބިންމަތީގައި ހަތަރެސްކަން ބައްޓަމަށް ފާހަގަކޮށްފައި އިން ތަންކޮޅެއް އިނެވެ.އޭގެ މަތީގައި އިނީ ފިންގާޕްރިންޓް މެޝިނެކެވެ.ނީލް ކުރުފައި މައްޗަށް ތިރިވެ އަތުން ބިންމަތީގައި ދެތިން ފަހަރު ޖަހާލުމަށްފަހު ފިންގާޕްރިންޓް މެޝިނުން އިނގިލި ސްކޭން ކޮށްލިއެެވެ.ސްކޭންކޮށް ނިމުމާއެކު ތޫލި އަޑެއް ކިޔައި އެ ތަންކޮޅު ކެހިގެން ގޮސް އަޑިން ބިއްލޫރި ކެޕްސޫލް ބައްޓަމަށް ހުރި ލިފްޓެއް މައްޗަށް އެރިއެެވެ.ނީލް ކެޕްސޫލް ތެރެއަށް ވަނުމާއެކު އޭތި ލެއްޕިގެން އަނެއްކާވެސް އަޑިއަށް ދާން ފެށިއެެވެ.އޭގައިވެސް ފިންގާޕްރިންޓް މެޝިނެއް އިނެވެ.ލިފްޓު ބިމު އަޑިއަށް ދިއުމާއެކު މަތިން އެ ތަންކޮޅު ކުރިން ހުރިގޮތައް އިޔާދަވިއެެވެ.ކެޕްސޫލް އަޑިއަށް ގޮސް ހުއްޓުމާއެކު އޭގެއިން ފޭބި ނީލްއަށް ނުކުމެވުނީ ފަނޑު އަލިކަމެއްވީ ދިގު ގޯޅިގަނޑެއްގެ ތެރެއަށެވެ.”ސަރ” ކެޕްސޫލްގެ ދެފަރާތުގައި ގާޑުކުރަން ތިބި ދެ ފުލުހުން ނީލްއަށް އިޙުތިރާމް އަދާކުރުމުގެ ގޮތުން ސެލިއުޓުނެގިއެވެ.ނީލް އެ ދެމީހުންނަށް ބޯ ޖަހާލުމަށްފަހު ގޯޅިގަނޑުގެ ތެރެއިން ކުރިއަށް ހިނގައިގަތެވެ.ގޯޅިގަނޑުގެ ދެފަރާތުގައި ތިބި ގާޑުންނާއި ގޮޅިތަކުގައި ތިބި މީހުންތައް އޭނާ ފެނިފައި ބޯ ތިރިކޮށްލިތަން ފެނި ނީލްގެ ތުންފަތްމައްޗަށް ވެރިވީ ކިނބުރުވެރި ހިނިތުންވުމެކެވެ.ވާނީވެސް އެހެން ނޫންހެއްޔެވެ.ބްލެކްހޯލްޑްގައި ތިބި ރާއްޖޭގަައި މިހާތަނަށް ހައްޔަރުކުރެވުނު އެންމެ ނުރައްކާތެރި ކުއްވެރީންވެސް އޭނާ ދެކެ ބިރުގަނެއެވެ.ފަޙުރުވެރި ނުވިއްޔާ ދެރައެވެ.އެ ދިގު ހަނި ގޯޅިގަނޑު ތެރެއިން ލާފައި ނީލް ގޮސް ހުއްޓުނީ 120 ވަނަ ސެލް ކުރިމަތީގައެވެ.އެއިރު ތޭރިތަކުގެ ކައިރީގައި ފާރަށް ލެނގިލައިގެން ހުރި ފިރާތްގެ މޫނުމަތީގައިވީ ހިނިތުންވުން ފެނި ނީލްއަށް ކަޅި މައްޗަށް ހިންގާލެވުނެވެ.
“އެހެމް.ފިރާތް ހަސަން.ކަލޭތީ ވަރަށް ނަސީބުގަދަ މީހެއްހެން ހީވަނީ.އަހަރެން މި އައީ ފިރާތް ވަރަށް އަވަހަށް މިތަނުން މިނިވަން ވާނެ ވާހަކަ ބުނަންވެގެން”ނީލް ނުލަފާ ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ.އެ ޙަބަރު ލިބުމާއެކު ފިރާތްއަށް އަޑިއަށް ހީލެވުނެވެ.”އަލްޙަމްދުލިއްالله.ވެލް ޑަން ރެއިން” ފިރާތްއަށް ހިތާ ހިތުން ހެއްދެވި ފަރާތައް ޝުކުރުކޮށް ރޭހާން އަށް ތަޢުރީފުކޮށްލެވުނެވެ.ފަސް އަހަރަށް ޖަލަށް ލީ މީހަކު ދެ އަހަރު ފަހުން މިނިވަންކުރެވޭނީ އެކަހަލަ ކުޅަދާނަ ވަކީލަކަށެވެ.އަދި އެވެސް އެއީ މި ތަނަށް ވަދެއްޖެ މީހަކީ އިރުގެ އަލިކަން ދެވަނަ ދުވަހަކު ނުދެކޭނޭ މީހެކޭ މީހުން ބުނެ އުޅޭ ބްލެކްހޯލްޑްގެ ތެރެއިންނެވެ.”ހޫމް.އަހުމަދު ނީލް އަމިއްލައަށް އައިސް ޙަބަރު ދީފަ.އޭނާގެ އިއްޒަތްތެރި ހާޒިރީއިން އަހަރެން ކަހަލަ ގައިދީއަކު ޝަރަފުވެރިކޮށްދީފަ.މީގެ އިރުކޮޅެއް ކުރިން މަގޭ ހިތައް މި އަރަނީ،ދެން އިތުރަށް މަގޭ ދުވަސް ޙަރާބުވާން ބޭނުންވަނީ ކޯއްޗެއް ބާވައޭ؟އެހެން ވިސްނަން އިންދާ..ބޫމް!ކަލޭ ތިހިރީ އައިސް”ފިރާތްގެ ވާހަކައިން ނީލްގެ ހިނިތުންވުން ފަނޑުވި ނަމަވެސް އޭނާ ބެލީ އެކަން ނުދައްކާވޭތޯއެވެ.”ހައްހައްހައް.ކަލޭ ތިއީ އަބަދުވެސް ތިހާ ޖޯކުކުރާ ހިތްވާ މީހެއްނު.ތިހެން އުޅެވޭ ދުވަސްތައް މާޒީއާއި އެކުވެގެން ދިއުމުގެ ކުރިން އުފާކުރޭ ފިރާތް.މިނިވަންކަމަކީ ޝަރަފެއް.ހައްޤެއްް ނޫން”ނީލް ބުންޏެވެ.”މިނިވަންކަން.ހާދަ ރީތި ބަހެކޭ.ކަލޭ މިތަން ގޯސްކޮށް މެނޭޖުކުރަމުން އައި ގޮތްވެސް ވަރަށް ފައްކާ.ދެން ބުނެބަލަ.ނީލްގެ ސައިޑް ހަސްލް ދަނީ ކިހިނެއްތަ؟ކަލޭ ފަރުދާގެ ބިއްދޮށުގަ ކުރަމުން އަންނަ ސިއްރު ވިޔަފާރި ހަމަ އެހާ ކާމިޔާބުތަ އަދިވެސް؟”ފިރާތް ފަހުން ބުނެލި ޖުމްލައިން ނީލްގެ މޫނުމަތިން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ސިހުން ފާޅުވިއެވެ.ދެވަނަ ސިކުންތުގައި އޭނާ ހަމަޖެހޭގޮތް ދައްކަމުން ވާހަކަ ދެއްކިއެވެ.”އަހަރެން މި ތަން ބަލަހައްޓަނީ ވަރަށް އެފިޝަންޓްކޮށް.އަހަންނަކީ ކަލޭހެން ފާޑު ފާޑުގެ އަންޑަރ ހޭންޑް ޑީލްތަކަށް ބަރޯސާވެގެން ކައި ބޮއެ އުޅޭ މީހެއްް ނޫން”ނީލް މިހެން ބުނުމާއެކު ފިރާތުގެ ދެ ބުމަ ކައިރިވިއެވެ.
ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.”އެފިޝަންޓް؟އާނ ދޯ މިތަން ހާދަ އެފިޝަންޓޭ.އަހަރެން ހައިރާންވެއްޖެ ނީލް މިތަން ފަސް ތަރީގެ ރިސޯޓަކަށް ބަދަލުނުކޮށް އޮތީތީވެ.”ބްލެކްހޯލްޑްގެ ބަދަލުގަ މިކަހަލަ ނަމެއް ކީދާނެ ދޯ އޭރުން.’ނީލްސް ހައިޑް އައުޓް ފޯ ދަ ވްރޯންގްފުލީ އެކިއުސްޑް’ރީއްޗެއްނޫންތަ؟”ފިރާތް މިހެން ބުނެ ހޭންފެށުމުން ނީލް އަލިފާނުގެ ނަޒަރަކުން އޭނާއަށް ބަލާލިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އެ މޫނުމަތިން އެއްވެސް އަސަރެއް ނެތްކަމަށް ދައްކާލިއެވެ.”އަހަރެން މީ ފިރާތް ނަމަ ތި ދޫ ރައްކާތެރިކޮށްގެން ގެންގުޅޭނީ.ތި ހަށިގަނޑުގަ ފުރާނަ ހުއްޓާ މި ތަނުން ނުކުމެވެން އުޅޭތީވެސް ޝުކުރުކޮށްބަލަ”ނީލް ބުންޏެވެ.”އަހަރެން ޝުކުރުވެރިވަމޭ ނީލް.ވަރަށް ބޮޑައް ޝުކުރިއްޔާ މި ދެ އަހަރު ތި އަދާކޮށްދިން މެހެމާންދާރީއަށް ޓަކައި”ފިރާތް މިހެން ބުނުމުން ނީލްގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.އެ ތަން ފެނި ފިރާތް މައުސޫމުކަމާއެކީ ބޯޖަހާލަމުން ކުރިއަށްދިޔައެވެ.”އަސްލުވެސް.ސަތަރިގަނޑެއް ކަހަލަ ރަޖާތައް.ފެންވަރަން ހުންނަ ތަޢައްޔަރު ވެފަ ހުންނަ ފެނާއި ކަލޭ ކާއެއްޗެއްސޭ ކިޔާއުޅޭ ފުޅައަޅާފަ ތިބޭ ކެއުންތައް.ދުވަހަކުވެސް ހަނދާނެއްނުނެތޭނެ.ނީލްގެ ސާފުތާހިރު ޝަޙުސިއްޔަތު މަތިންވެސް ހަނދާންނައްތައެއް ނުލެވޭނެ”ފިރާތުގެ ދުލުން ބޭރުކުރި ކޮންމެ ޖުމްލަކުން ދިޔައީ ނީލްގެ ކެތްތެރިކަން އިމްތިހާނު ކުރަމުންނެވެ.އެހެނެއްކަމަކު އޭނާ އެތެރެހަށީގައި އުފެދެމުން ދިޔަ ރުޅިވެރިކަމު އިހުސާސުތަކުގެ މައްޗަށް ކުރިހޯދީ އޭނާގެ މަޤާމު މަތިން ހަނދާންވުމުންނެވެ.
“ޑޯންޓް ޕުޝް ޔުއަރ ލަކް ފިރާތް.ކަލެއަށް މިތަނުން ދެވިދާނެ.އެކަމަކު ބޭރުގައި މިހާރު އޮތް ދުނިޔެއަކީ ފިރާތު ހަނދާންހުންނާނެ ކަހަލަ ކުރީގެ އޯގާތެރި ދުނިޔެއެއް ނޫން”ނީލް ބުންޏެވެ.”އެހެންތަ.ދުނިޔެއަކީ އެއް އިރެއްގައިވެސް އޯގާތެރި ތަނެއް ނޫން.އަޅެ މަށާ ދޭތެރޭ ކަންބޮޑު ނުވެބަލަ.އަހަރެން މި ގޮޅީގައި،މި ތަންކޮޅުގައި ހޭދަކޮށް ފާއިތުވި ދުވަސްތަކުގައި އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ”ފިރާތު ވަށައިގެންވީ މާހައުލަށް ނަޒަރުހިންގާލަމުން ބުންޏެވެ.”ޙާއްސަކޮށް…”ފިރާތު މަޑުޖެހިލަމުން ތޭރިތަކާއި ގާތްވެލިއެވެ.”ހަރުފަތަކާއި މުޢާމަލާތް ކުރާނެ ގޮތްތައް”ފިރާތް އެ ފަހު ޖުމްލަ ބުނެލީ ސީދާ ނީލްގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ.އެއިރު ތޭރިތަކުގައި ހިފަހައްޓައިގެން ހުރި އޭނާގެ އިނގިލިތަކަށް ދިޔައީ ބާރުވަމުންނެވެ.”އިނގޭދޯ.އެއްްވެސް މީހަކަށް ފާހަގަނުވާނެ ކަމަށް ހީކޮށް ސިއްރުން ވެރިކަމަށް ފުންމާލާ ވައްތަރު”ފިރާތް ވިހަގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.ނީލްއަށް ލޯ ހަނިކޮށްލެވުނެވެ.ޖީބު ތެރޭގައި އޮތް އޭނާގެ އަތް މުއްކެވިފައި އޮތްއިރު އޭނާ ގަދަކަމުން ހިނިތުންވެލިއެވެ.”ކަލޭގެ މިނިވަންކަމުގެ އުފާ ލިބިގަނޭ ފިރާތް.ތި މިނިވަންކަން ބޭކާރުގޮތުގަ ދުއްވާނުލާތި.ނޫނީ އަނބުރާ މި ތަނަށް އަންނަން ނަހަދާތި”ނީލް އެހެން ބުނެ ދިޔަ ދިމާލައް ބަލަހައްޓައިގެން ފިރާތު ހުއްޓެވެ.ނީލް ގޮސް ނިވާވުމުގެ ކުރިން ފިރާތް އޭނާއަށް ގޮވާލިއެވެ.
“ދެރަނުވައްޗޭ ނީލް.އަހަރެން އެނބުރި މި ތަނަށް އައިއްސިއްޔާމުން ޔަޤީނުންވެސް ނީލްއަށް ތޭންކް ޔޫ ކާޑެއްް ފޮނުވާނަން.ފަހަރެއްގަ މޭވާ ވަށިގަނޑެއްވެސް.ނީލްއަށް ދޮންކެޔޮ ވަރަށް މީރު،އެހެންނުން؟އޯކޭ.ކައްސާ މީހުން ކާން ވަރަށް ރަނގަޅު އެއްޗެއް އެއީ”ފިރާތްގެ މަލާމާތުން ފުރިގެންވީ އަޑައް ނީލްގެ ފިޔަވަޅުތައް ހުއްޓުނު ނަމަވެސް އިތުރު އެއްޗެއް ބުނުމެއްނެތި ކުރިއަށް ދިޔައެވެ.ނީލްގެ ފިޔަވަޅުތަކުގެ އަޑު އޮބިގެން ދިއުމާއެކު ފިރާތްއަށް ހެވުނެވެ.ދެވަނަ ސިކުންތުގައި އެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.”ކަލޭގެ ނުފޫޒާއި ބާރުގެ ބޭނުން ކުރެވެން އޮތް ވަރަކަށް ކުރޭ ނީލް.އަދި ކިރިޔާއެއްނު އަސްލު ކުޅިގަނޑު މި ފެށެނީ”ފިރާތު އަމިއްލަ ނަފްސަށް އިވޭވަރަށް ބުނަމުން ފާރުގައި ބޯ ޖައްސައިގެން އިށީނެވެ.
****
ޔޫލިއާގެ އަޑަށް އެތެރޭގައި އިން ފިރުޝާން އެނބުރިލިއެެވެ.އެ އަޑަކީ އޭނާއަށް ދުވަހަކު އޮޅޭނެ އަޑެއް ނޫނެެވެ.ޤަރުނަކަށްފަހު އިވުނަސް އޭނާއަށް އޭނާގެ ލޯބިވާ ދަރިފުޅުގެ އަޑު ފާހަގަ ކުރަން އިނގޭނެއެވެ.”ދަރިފުޅާ.ޔޫލީ”ފިރުޝާން އިން ތަނުން ތެދުވެގެން ގޮސް ތޭރިތަކުގެ ދޭތެރެއިން ދެ އަތް ދިއްކޮއްލީ ޔޫލިއާގެ ގައިގައި ބައްދާލުމަށެވެ.އެއިރު ދެ މީހުންގެ ލޯތައް ވެސް ވަނީ ކަރުނުން ތެމިފައެވެ.ފިރުޝާން އަތް ދިގުކޮށްފައި ޔޫލިއާގެ ބޮލުގައި ފިރުމާލިއެވެ.”ދަރިފުޅު އެކަނިތަ ތި އައީ؟ކޮބާތަ ދައްތަ؟”ފިރުޝާންއަށް ރަޝްފާ ހޯދާލެވުނެވެ.އެއީ ކޮންމެ އަހަރަކުވެސް ފިރުޝާންއާއި ބައްދަލުކުރުމަށް ޓަކައި ޔޫލިއާ އަބަދުވެސް އަންނަނީ ރަޝްފާއާއި އެއްކޮށް ކަމަށްވާތީއެވެ.
އެއް އިރެއްގައި ފިރުޝާން ހަސަންއަކީ ރާއްޖޭގެ މުއްސަދިންގެ ތެރޭގައި ގުނާލެވުނު ޤަދަރުވެރި ވިޔަފާރިވެރިއެކެވެ.ފިރުޝާންއާއި އޭނާގެ އާއިލާ ދިރިއުޅެމުން ދިޔައީ ނުހަނު ތަނަވަސް އުފާވެރި ދިރިއުޅުމެކެވެ.ނަމަވެސް ފިރުޝާންއާއި އޭނާގެ އަންހެނުން ޔާސްމީންވެގެން އަހަރުތަކެއްގެ މަތިން ބިނާކުރި އުފާވެރި ހަޔާތް ބަރުބާދުވެގެން ދިޔައީ ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
ޔާސްމީން ޤަތުލުކޮށް އޭނާގެ ދައްތަ ރޭޕްކޮށްލި ކަމުގެ ތުހުމަތު ފިރުޝާންގެ ބޮލުގައި އެޅުމުން އޭނާއަށް ވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް އައިސްފައެވެ.ބޮލުގައި އެޅުނު ހުތުރު،ހަޤީގަތެއް ނެތް ދޮގު ތުހުމަތުގެ ސަބަބުން މީހުންގެ ކުރިމަތީގައި ފިރުޝާން އާއި އޭނާގެ އާއިލާގެ އަގު ވެއްޓި ފިރުޝާންގެ އުމުރުގެ ބޮޑު ބައެއް ވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރަން ޖެހިފައެވެ.އެ ހާދިސާގައި ފުލުހުންގެ ތަހުޤީގުތަކަށް ކުރިއެރުން ލިއްބައިދިން ހުރިހާ ހެއްކެއްވެސް ހުރީ އޭނާއާއި ދެކޮޅަށެވެ.ފިރުޝާންގެ މައްޗަށް ހުކުމްކުރެވުނު އިރު ޔޫލިއާއަށް އަދި އަހަރެއްވެސް ނުވެއެވެ.ޔާސްމީން ނިޔާވީ ޔޫލިއާ ވިހެއިތަނާ މަސްދުވަސް ހަމަނުވަނީސްއެވެ.ޔާސްމީންގެ އާއިލާއިން ވަނީ އެމީހުންގެ ނުޤަބޫލުގައި އޭނާ ފިރުޝާންއާއި އިނުމުން އޭނާއާއި އެއްކޮށް ގުޅުން ކަނޑާލާފައެވެ.ފިރުޝާން ހީކުރީ އެ މީހުން އޭނާ ދެކެ ނުރުހުނަސް އޭނާގެ ދަރިފުޅަށް ހިމާޔަތްދީ ލޯބި ދޭނެ ކަމަށެވެ.ނަމަވެސް އެ މީހުން ޔާސްމީނެކޭ އެއްފަދައިން ޔޫލިއާވެސް ބާކީ ކޮށްލީއެވެ.އެހެންކަމުން ފިރުޝާން ޖަލަށް ދިއުމުން ޔޫލިއާއާއި ހަވާލުވީ އޭނާގެ އެއްބަޑުއެއްބަފާ ދައްތަ ރަޝްފާއެވެ.ޔޫލިއާއަށް ޔޫލިއާގެ ނަން ދިނީވެސް ރަޝްފާއެވެ.އެ ދުވަހުން ފެށިގެން ޔޫލިއާ ބޮޑުވަމުން އައީ ރަޝިއާގައި ރަޝްފާގެ ދަރިއެއްގެ ގޮތުގައެވެ.ޔޫލިއާއަށް އޭނާގެ ހަޤީގީ މައިންބަފައިންނާއި ބެހޭގޮތުން އެނގުނީ އޭނާގެ އުމުރުން ފަނަރަ އަހަރުގައެވެ.އެއީ ރަޝްފާއާއި އެއްކޮށް ރާއްޖެ އައި ދަތުރެއްގައި އޭނާ ފުރަތަމަ ފަހަރަށް ފިރުޝާންއާއި ބައްދަލުކުރަން ގެނައި ދުވަހުއެވެ.އެ އުމުރުގައި އޭނާއަށް އައި ނަފްސާނީ ބަދަލުތަކުގެ އަސްލަކީވެސް އޭނާގެ މައިންބަފައިންނަށް ދިމާވީ ހިތްދަތި ހާދިސާ އެނގުމުންނެވެ.
“ނޫން ޑޭޑް.އާންޓް އާއި އެކޮޅުގަ ތިބި އެންމެން އުޅެނީ ޢުމްރާއަށް ދާންވެގެން”ޔޫލިއާ ކަރުނަތައް ހިންދާލަމުން ޖަވާބުދިނެވެ.”އެހެންތަ.ދެން ކީއްވެ ދަރިފުޅު ނުދިޔައީ؟އެކަހަލަ ނިޢުމަތްތަކަށް ފުރަގަސް ދޭކަށް ނުވާނެ.މިފަހަރު ބައްޕަ ކައިރިއަށް އަންނަން ހަދައިގެން ދަރިފުޅަށް ތި ނުދެވުނީ”ފިރުޝާން ހިތާމައިގެ ރާގަކަށް ބުންޏެވެ.”ނޫން ޑޭޑް.ތިހެން ނުބުނޭ.މިވަގުތު ޔޫލީގެ ވާޖިބަކީ ޑޭޑް ކައިރީގަ ހުރުން.ޑޭޑް ދުނިޔެމަތީގައި ހުރި މި ނަރަކައެއް ފަދަ ޖަލުން ސަލާމަތްކުރުން.ދެން ޔޫލީއަކަށް ކެތެއް ނުވާނެ ޑޭޑް މިތާ ތެރޭ ނުހައްޤުން ސަޒާ ލިބި ލިބި އޮންނަތަން ބަލާކަށް.ޔޫލީ މި އައީ ރެޑީވެގެންނޭ ޑޭޑް.އައި ޕްރޮމިސް ޑޭޑް.އައި ވިލް ގެޓް ޔޫ އައުޓް އޮފް ހިޔަރ ސޫން”ޔޫލިއާ ތޭރިތަކުގެ ދޭތެރެއިން އަތްގެންގޮސް ފިރުޝާންގެ ފުދޭ ވަރަކަށް ރޫޖެހިފައިވާ އަތުގައި ހިފާލަމުން ބުންޏެވެ.”ޔޫލީއަށް މަޢާފްކުރޭ ޑޭޑް.ޔޫލީ ބޭނުންވި އެކަން އެނގުނު ދުވަހުން ފެށިގެންވެސް ޑޭޑް ނެރެވޭތޯ މަސައްކަތްކުރަން.އެކަމަކު އާންޓް ބުނި ޑޭޑް ފްރޭމް ކުރި މީހާއަކީ ވަރަށް ނުފޫޒުގަދަ މީހެކޭ.އެހެންވީމައޭ ޑޭޑް ޖަލަށް ލީމަ އާންޓްވެސް ޔޫލީ ގޮވައިގެން އިތުރަށް މަޑުނުކޮށް ރަޝިއާއަށް ދިޔައީ.އެކަމަކު ކޮންމެ އަހަރަކު ޔޫލީ މި ތަނަށް އަންނަ އިރު ޑޭޑް މިހާލުގަ އިންނަތަން ފެންނަ ކޮންމެ ފަހަރަކު ހިތައް އަރާ ތަންކޮޅެއް ކުރިން މި މަސައްކަތް ފެށުނު ނަމައޭ”ޔޫލިއާ ރޮމުން ބުންޏެވެ.އޭނާގެ ދޮން އޮމާން ކޯތާފަތް މަތީގައި ކަރުނައިގެ ރޮނގެއް ދެމެމުން ދިޔައިރު ނޭފަތް ވެސް ވަނީ ރުއިމުގެ ސަބަބުން ފުދޭވަރަކަށް ރަތްވެފައެވެ.”ދަރިފުޅާ.ޑޭޑްގެ ދޫންޏާ.ހުއްޓާލާ.ޑޭޑް ބޭނުމެއް ނޫން ޑޭޑްގެ ޕްރިންސެސް ރޯތަން ބަލާކަށް.ދަރިފުޅަށް އޭރު ބައްޕަ ސަލާމަތްނުކުރެވުނަސް އެ ކަމަށް ޓަކައި ދަރިފުޅު ދަރިފުޅުގެ އަމިއްލަ ނަފްސު ކުއްވެރިނުކުރައްޗޭ.ފުރަތަމަ ކަމަކަށް އެ ހާދިސާ ހިނގިއިރު ދަރިފުޅަކީ ކިރު ތުބުން ނުވީއްލޭ ވަރުގެ ކުޑަ ކުއްޖެކޭ.ދެން ދަރިފުޅަށް ދަރިފުޅުގެ ހަޤީގީ މައިންބަފައިން އެނގި ބައްޕަ ދުނިޔޭގަ ހުރިކަންވެސް އެނގުނީ ދަރިފުޅުގެ އުމުރުން އެންމެ ފަނަރަ އަހަރުގަ.އެއިރު ދަރިފުޅަށް އެއްކަމެއް ނުކުރެވުނަސް ދެރަނުވޭ.އެކަމަކު މިއަދު ބައްޕަގެ ކުރިމަތިން މި ފެންނަ ޔޫލީއަކީ ކެރޭ ހިތްވަރުގަދަ ކުއްޖަކަށްވީތީ ބައްޕަ ވަރަށް އުފާވޭ.ބައްޕަ ކަހަލަ ތާކުންތާކު ނުޖެހޭ މީހަކަށް ދަރިފުޅު ނުވީތީ ބައްޕަ ހެއްދެވި ފަރާތައް އެތައް ހާސް ފަހަރަކު ޝުކުރުކުރަން.ދަރިފުޅު ބައްޕަގެ ދިފާޢުގައި މަސައްކަތްކުރަން ތައްޔާރަށް ހުރިކަން އެނގުނީމަވެސް ބައްޕަ ވަރަށް ހިތްހަމަޖެހިއްޖެ.ދަރިފުޅުގެ އުމުރުން ވިހި އަހަރު ފާއިތުވެގެން ދިޔައިރު މި ބައްޕައަށް ދަރިފުޅަށް ޓަކައި އެއްވެސް ކަމެއް ކޮށްނުދެވުނު އިރު އެވަރު ބައްޕައަށް ފުދޭ”ފިރުޝާން ލޯތްބާއެކު ޔޫލިއާގެ ކަރުނަތައް ފޮހެދެމުން ބުންޏެވެ.އެވަގުތު ފިރުޝާންގެ އަތުގެ މުލައްދަނޑީގައި ހުރި ނޫފައިގެންފައިވާ ކަމުގެ ނިޝާންތައް ފެނި ޔޫލިއާގެ ނިތައް ރޫ އަރައިގަތެވެ.
“ޑޭޑް މިއީ…”ޔޫލިއާ ފިރުޝާންގެ އަތުގައި ހިފާލަމުން ބުނުމާއެކު ފިރުޝާން އިސް ޖަހާލިއެވެ.އެތަން ފެނި ޔޫލިއާގެ ދެލޮލަށް އަނެއްކާވެސް ކަރުނަ ޖަމާވީ ނުރުއިމަށް ޓަކައި އޭނާ ކުރަމުން ދިޔަ ހިތްވަރު ބޭކާރުކުރަމުންނެވެ.ބައްޕަގެ އެ ހަމަހިމޭންކަމުން ޔޫލިއާއަށް ޖަވާބު ނަގައިގަނެވުނެވެ.އެ މީހުން އޭނާގެ ބައްޕައަށް އަނިޔާ ކުރަނީއެވެ.ނުކުރާ ކުށެއްގައި ބައްޕަ ބައްދާފައި ނުވީތާކަށް ޖަލުގެ ތޭރިތަކުގެ ތެރޭގައިވެސް އެ ފަކީރަށް ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތެއް ނުދިނެވެ.އޭނާގެ ބައްޕަ ވިހި އަހަރުވަންދެން އުޅެމުން އައި ހިތްދަތި ދިރިއުޅުން ފެނި ޔޫލިއާގެ އެތެރެހަށީގައި ހުޅުހިފި ކަހަލައެވެ.މީގެ ކުރިންވެސް އޭނާ ބައްޕައާއި ބައްދަލުކުރަން ޖަލަށް އައިސްފައިވެއެވެ.ނަމަވެސް މި ހަތަރު ފާރުން އެތެރޭގައި ބައްޕައަށް އަނިޔާ ލިބެމުންދާކަމެއް އޭނާއަކަށް ނޭނގެއެވެ.ފިރުޝާންވެސް އޭނާ އަދި ރަޝްފާގެ ގާތުގައި ވެސް އެ މީހުން އަނިޔާކުރާ ވާހަކައެއް ނުދައްކައެވެ.ފިރުޝާން ދެރަވެފައި އިނުމުން ޔޫލިއާ މިވަގުތު އެ މަޢުޟޫއަށް ވާހަކަ ދައްކާކަށް ގަސްތެއް ނުކުރިއެވެ.އެހެންނޫނަސް،ބައްޕައާއި އެއްކޮށް ހޭދަކުރަން ލިބިފައި އޮތް ފަނަރަ މިނިޓު ވީހާވެސް އުފާވެރި ވަގުތުކޮޅަކަށް ހަދަން އޭނާ ބޭނުމެވެ.އެހެންކަމުން އޭނާ ގަދަކަމުން ހިނިތުންވެލަމުން ވާހަކަ ދައްކަން ފެށިއެވެ.”ޑޭޑް ދެރަނުވައްޗޭ.އިރާދަކުރެއްވިއްޔާމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.ބަލާބަލަ މި އޮތީ ޔޫލީ ޑޭޑްއަށް ގެނައި އެއްޗެއް”ޔޫލިއާ އޭނާގެ އަތް ދަބަހުން ނަގާފައި ތޭރިތަކުގެ އެތެރެއައް ކުޑަ ފޮތެއް ވެއްދިއެވެ.ފިރުޝާން އެތެރެއިން އޭގައި ހިފަމުން އެއީ ކޯއްޗެއްތޯ ސުވާލުކުރިއެވެ.”ޑޭޑް އެތެރެ ބަލާލަބަ”ޔޫލިއާ މިހެން ބުނުމާއެކު ފިރުޝާން އެ ފޮތް ހުޅުވާލިއެވެ.އެއާއެކު އެތެރޭގައި ހިއްޕާފައި ތިބި ޔޫލިއާގެ ޅަފަތުން ފެށިގެން ގޮސް އަދާއި ހަމަޔަށް އެކި ދުވަސް މަތިން ނަގާފައި ތިބި ތަސްވީރުތައް ފެނުމުން ފިރުޝާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.”މާޝާالله.ބައްޕަގެ ޔޫލީ ހާދަ ރީއްޗޭ.ދަރިފުޅު ކުޑައިރު މަންމައާއި ހާދަ ވައްތަރޭ.މިހާރުވެސް ހީވަނީ ހަމަ ދެވަނަ ޔާސްމީނެއްހެން.އެހާ ރީތި،އެހާ ހިތްވަރުގަދަ.”ފިރުޝާން ފޮޓޯތަކަށް ބަލަން އިނދެ ބުންޏެވެ.”ބައްޕަގެ ދުލުން އެ ޖުމްލަތައް އިވުމާއެކު ޔޫލިއާގެ ހިތުގައި ރިއްސާލިއެވެ.އޭނާއަށް ދުވަހަކުވެސް އޭނާގެ އުފަން މަންމަ ފެނިފައެއް ނުވެއެވެ.ވިހައިގެން އުޅުނު އިރު އެ މަންމަގެ އަތުގެ ބީހުން އިހުސާސްކުރެވުނު ނަމަވެސް އެ ހަދާނެއް އޭނާގެ ސިކުނޑީގައި ރައްކާކުރެވިފައެއް ނެތެވެ.އެ މަންމައާއި ގުޅުންހުރި އެއްވެސް އެއްޗެއް ވެސް ނެތެވެ.ނަމަވެސް ދެންމެ ފިރުޝާން އެ ބުނި ވާހަކައިން ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާއަށް އަމިއްލަ ރީތިކަމާއި މެދު ފަޙުރުވެރިވެވުނެވެ.އެހެންޏާމުން މި ޒަމާނުގެ ގިނަ ޒުވާން އަންހެންކުދިންނާއި ޙިލާފަށް އޭނާއަކީ ބުރުސޫރަ ރީތިވުމުން ފޮނިބޮޑުވެގެން އުޅޭ މީހެއް ނޫނެވެ.ނަމަވެސް މިއަދު އޭނާއަށް ކުރެވުނީ މުޅިން ތަފާތު އިޙުސާސެކެވެ.އަންހެންކުއްޖަކަށްވެ ހުރެ އެ މަންމަ ނުފެނުނު ނަމަވެސް މަންމަގެ ފަރާތުން ރީތި ސިފަތަކާއި އަޙުލާޤު ވާރުތަވުމުން އުފާ ނުވާންވީ ސަބަބެެއް އެބަ އޮތް ހެއްޔެވެ.
“ޔޫލީ.ދަރިފުޅުގެ ދިރިއުޅުމުގެ ހާދަ އަގުހުރި ދުވަސްތަކެކޭ އެއީ.އެކަމަކު ބައްޕައަކަށް ދަރިފުޅު ކައިރިއަކު ނުހުރެވުނު.ދަރިފުޅު ބޮޑުވެ ފުރާ ފުރިހަމަވީ ތަން ދުށުމުގެ ނަސީބެއް މި ބައްޕައަކަށް ނުލިބުނު”ފިރުޝާން ކުރެހިފައިވީ އަޑަކުން ބުންޏެވެ.ބައްޕަގެ އިހުސާސްތައް ދެނެގަނެވުމުން ޔޫލިއާގެ ހިތައްވެސް ފުން އަސަރުތަކެއް ކުރުވިއެވެ.”ނޫން ޑޭޑް.ޔޫލީ އަށް އާންޓް ކިޔައިދިނޭ އެ ހުރިހާ އަހަރެއްގަވެސް އާންޓްގެ ފަރާތުން ޑޭޑް ޔޫލީގެ ހާލު އަހުވާލު އޮޅުން ފިލުވާކަން.ޔޫލީ ބޮޑުވަމުން އައިއިރު ޑޭޑް ޔޫލީ ކައިރީގަ ނެތަސް ޔޫލީ ދޫކޮށެއް ނުލަމެއްނުން.ޔޫލީއަށް ފިފްޓީން ވުމުގެ ކުރިން ޑޭޑްއަށް އިނގުން ޑޭޑް ދުނިޔޭގަ ހުރެމެ ޑޭޑްގެ އުފަން ދަރިފުޅަށް،މާނައަކީ ޔޫލީއަށް ޑޭޑް އަކީ ކާކުކަން ނޭނގޭނެކަން.ޑޭޑް ފެނުނަސް ޔޫލީއަށް ވަކިކުރަން ވެސް ނޭނގޭނެކަން.އެކަމުން ޑޭޑްގެ ތި ހިތައް ކުރި އަސަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތް.އެކަމަކުވެސް ޑޭޑް ކެތްތެރިވީ.ޑޭޑް ބޭނުންވީ ޔޫލީ އާއި އަހަރުމެންގެ އާއިލާ އެ ނުލަފާ އިންސާނާގެ ކިބައިން ސަލާމަތްކުރާކަށެއްނު.އެ ވަރިހަމަ ޑޭޑްއާއި ކިތަންމެ ދުރުގަ ޔޫލީ ބަހައްޓަން ޖެހުނަސް.ޔޫ ޖަސްޓް ވޯންޓެޑް އަސް ޓު ބީ ސޭފް ފްރޮމް ދެޓް މޮންސްޓާ.އެހެންވެގެންނެއްނޫންތަ ޑޭޑް އާންޓް ކައިރީގަ ބުނީ ޔޫލީ ގޮވައިގެން އަމިއްލަ ފަސްގަނޑު ދޫކޮށް ރަޝިއާއަށް ދާން.ޑޭޑް އެއް ނޫންތަ އާންޓް ކައިރީގަ ބުނީ ޔޫލީ ކުޑައިރު ޔޫލީއަށް ޔޫލީގެ ބެގްރައުންޑް ނުކިޔައިދޭން.އެއީ ޔޫލީއަށް ނުވިސްނޭއިރު ޔޫލީ މިކޮޅަށް އައިސް ޑޭޑް ކައިރީގަ ހުންނަން މަސައްކަތް ކޮށްފާނެތީއެއްނު.ދެން ޔޫލީ ތަންކޮޅެއް ބޮޑުވީމަ ޔޫލީއަށް ހަޤީގަތް އިނގި ޑޭޑްގެ ސިޗުއޭޝަން އަންޑާސްޓޭންޑް ވާނެކަމަށެއްނު ޑޭޑް އުއްމީދުކުރީ.ޔޫލީއަށް އިނގެޔޭ ފުރަތަމަކޮޅު ޔޫލީއަށް އެކަން ޤަބޫލުކުރަން ދަތިވިކަން.އެކަމަކުވެސް އައި ޑިޑް.ދެޓްސް ވައި އައި އޭމް ހިޔަރ.ދެން އެކަމާއިގެން ނުވިސްނާ.ޑޭޑް މިތަނުން ނުކުތީމަ އިންޝާالله ދެން ޑޭޑް އުޅޭނީ ވަރަށް އުފާވެރި ދިރިއުޅުމެއް.ޑޭޑްއަށް އިނގޭތަ،އާންޓް ބުންޏޭ ޔޫލީ ޑޭޑް ގޮވައިގެން އައީމަ އަންނަ އަހަރު އެންމެން އެއްކޮށް ޙައްޖައް ދާ ވާހަކަ.އަދި ޒާންވެސް މިހާރު….”ޔޫލިއާ ދެން ފެށީ ރަޝިއާގައި ތިބި އެ މީހުންގެ އާއިލާގެ ވާހަކައެވެ.އެ ވާހަކަތަކުން ޖަލުގެ އެ މާހައުލުގައި ވީ ހިތާމަވެރި ސާލު މުޅިން ނެތިކޮށްލިކަހަލައެވެ.ފަނަރަ މިނިޓު ފާއިތުވުމާއެކު ވާޑެން އައިސް ގަޑި ހަމަވިކަން އިއުލާނުކުރުމުން ޔޫލިއާއަށް ޖެހުނީ ހިތާއި ދެކޮޅަށްވެސް އެތަނުން ނުކުންނަން ދާށެވެ.
“ޑޭޑް.ވަރަށް ހަނދާންވާނެ.އިރާދަކުރެއްވިއްޔާމުން ދެން ކޮންމެ ދުވަހަކުވެސް ބަލާނަން ޑޭޑް ކައިރިއަށް އާދެވޭތޯ.އަޅުގަނޑު ދެން ރާއްޖެ ދޫކޮށް ދާނީ ޑޭޑްވެސް ގޮވައިގެން.އައި ވިލް ގެޓް ޔޫ އައުޓް އޮފް ހިޔަރ އިންޝާ الله”ޔޫލިއާ ފިރުޝާންގެ އަތްތިލައިގައި ނިއްކުރި ޖައްސާލަމުން ބުނުމާއެކު ފިރުޝާން ބޯޖަހައިލިއެވެ.”އިންޝާالله ދަރިފުޅާ.ބައްޕަގެ ހެޔޮ ދުޢާ އަބަދުވެސް ވާނީ ދަރިފުޅާއި އެކު.އެއީ މި ތޭރިތަކު ތެރޭގައި ބައްޕަގެ އަތުގަ އޮތް ހަމައެކަނި އަދި އެންމެ ވަރުގަދަ ހަތިޔާރު.ވީމާ އެ ހަތިޔާރުގެ ބޭނުން ހިފައިގެން ދަރިފުޅަށް ޓަކައި ބައްޕައަށް ކޮށްދެވޭނެ ކަމަކީ ދުޢާކުރުން.އައި ހޭވް ފެއިތް އިން ގޯޑް އެންޑް އައި ބިލީވް އިން ޔޫ މައި ޕްރިންސެސް”ފިރުޝާން ޔޫލިއާގެ އަތްތިލައިގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ.ބައްޕަގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތަކުން ޔޫލިއާގެ މޮޅިވެރި ހިތައް ދިރުން ގެނެސްދިނެވެ.ޔޫލިއާ ބޯޖަހާލުމަށްފަހު ވާޑެންގެ ފަހަތުން ހިނގައިގަތީ އެ މީހުން އެނބުރި އައި ކޮޅަށެވެ.
****
މެންދުރުގެ ވަގުތެވެ.ޔޫލިއާ އިނީ ޒާން ހޮޓެލްގެ ލޮބީގެ ތެރޭގައި ވަކިން ހަދާފައި ހުންނަ ކޮންފަރެންސް ރޫމުގައެވެ.ކުރިމަތީގައި އާވި އަރަ އަރާ ހުރި ކޮފީތައްޓެއް ހުރިއިރު އިރުއިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ނަޒަރު ހުއްޓާލާ ގޮތުން އޭނާ އެ އިނީ މީހެއްގެ އިންތިޒާރުގައިހެން ހީވެއެވެ.އިރުކޮޅެއް ފަހުން މޭޒުމަތީގައި ހުރި ޓެލެފޯނު ރިންގުވާން ފެށުމުން ޔޫލިއާއަށް ހިނިތުންވެލެވުނީ އޭނާގެ އިންތިޒާރަށް ނިމުން އައިކަމަށް ޤަބޫލުކުރެވުމުންނެވެ.”މެޑަމް.މިސްޓަރ ރޭހާން އެބަ ހުންނެވި ލޮބީގަ”އެކޮޅުން އެހެން ބުނި އަޑު އިވުމާއެކު ޔޫލިއާގެ ހިނިތުންވުން ފުޅާވިއެވެ.”ބުނޭ މިކޮޅަށް ވަޑައިގަންނަވާށޭ” ޔޫލިއާ މިހެން ބުނެ ފޯނުގެ އަތްގަޑު ބޭއްވިތާ މާ ގިނައިރެއް ނުވަނީސް އިވުނީ ދޮރުގައި ޓަކި ޖަހާލި އަޑެވެ.”ކަމް އިން”ޔޫލިއާ ބުންޏެވެ.އެއާއެކު ދޮރުން އެތެރެވީ ރޭހާން ނޫން ދެވަނަ މީހެއް ނޫނެވެ.ނޭވީ ބްލޫ ކުލައިގެ ކޯޓް ފަޓްލޫނުގައި ހުރި އިރު ރޭހާން ފެންނަނީ ނުހަނު ސްމާޓްކޮށެވެ.ރޭހާން ފެނުމާއެކު ޔޫލިއާ ހިނިތުންވެލަމުން ކޮޅަށް ތެދުވިއެވެ.”މިސް ޔޫލިއާ.ޕްލެޝާ ޓު މީޓް ޔޫ”ރޭހާން މޭޒުމަތީގައި އޭނާގެ ބްރީފްކޭސް ބަހައްޓަމުން ޔޫލިއާގެ އަތުގައި ހިފައި ސަލާން ކޮށްލިއެވެ.”ލައިކްވައިސް މިސްޓަރ ރޭހާން”ޔޫލިއާ މިހެން ބުނެ އޭނާއާއި އެންމެ ގާތުގައި ހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން ރޭހާން ގާތުގައި އިށީނުމަށް ބުންޏެވެ.
“ވަރަށް އުފާވެއްޖެ ބައްދަލުވީތީ”ޔޫލިއާ ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ.”އެއީކީ އެއްވެސް ކަމެއް ނޫން.ސޯ މިސް ޔޫލިއާ.ކީއްވެގެންތޯ އަޅުގަނޑާއި ބައްދަލުކޮށްލަން ބޭނުންވަނީ؟”ރޭހާން ވަގުތު ބޭކާރުކުރުމެއްނެތި ސީދާ މައުޟޫއަށް ދިޔައެވެ.އެއިރު ޔޫލިއާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ސީދާ ރޭހާންގެ ދެލޮލަށެވެ.”ރޭހާންގެ ކްލައިންޓަކާއި ބެހޭގޮތުން މަޢުލޫމާތުކޮޅެއް ބޭނުންވާތީވެ”ޔޫލިއާ މިހެން ބުނުމާއެކު ރޭހާންއަށް އެ އަހަން އުޅެނީ ކާކުގެ މަޢުލޫމާތުތަކެއް ކަމާއި މެދު ޝައްކުވިއެވެ.އެހެން ހިތައް އެރުމާއެކު އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވި ނަމަވެސް ރޭހާން ކުޅަދާނަކާމާއެކީ އެ ކުލަވަރު ފޮރުވާލިއެވެ.”އެހެންތަ.އަހަންނަކީ ދުވާލަކު އެތައް ސަތޭކަ ކްލައިންޓުން ގެންގުޅޭ މީހެއް.އެތަނުން ކާކުބާ އަނެއްކާ؟”ރޭހާން ބުމަ އަރުވާލަމުން ސުވާލުކުރިއެވެ.”ފިރާތް ހަސަން”ޔޫލިއާ އެއްވެސް އަސަރެއް ނެތް ފާޑަކަށް ބުންޏެވެ.
އެޕިސޯޑް 5
ޔޫލިއާގެ ދުލުން ފިރާތުގެ ނަން އިވުމާއެކު ރޭހާން ދިޔައީ ތަރިބުރައިގެންނެވެ.އިސާހިތަކު އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ.”ހޫމް.ޝަޢުޤުވެރި މައުޟޫއެއް.ކޯއްޗެއް އިނގެން ބޭނުންވަނީ؟”ރޭހާން ކަރުކެހިލަމުން ބުނެލީ މޫނުމަތިން ހަމަޖެހޭގޮތް ދައްކަމުންނެވެ.އެއާއެކު ޔޫލިއާގެ ތުންފަތްމައްޗައް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.ރޭހާންއަށް ނޭނގުނެއްކަމަކު ޔޫލިއާ ދިޔައީ އޭނާގެ މޫނުމަތީގެ ޝުޢޫރުތައް ރަނގަޅަށް ދިރާސާކުރަމުންނެވެ.ފިރާތްގެ ނަން އިވުމުން ރޭހާންގެ މޫނުމަަތިން ފާޅުވި ނުތަނަވަސްކަމުގެ ކުލަވަރު އޭނާ ރަނގަޅަށް ދުއްޓެވެ.”އޯހް ކަމް އޯން ރޭހާން.ދެން އިތުރަށް ފިލަން ކުޅި ކުޅެން ނޫޅެބަލަ.އަހަންނަށް އިނގެޔޭ ރޭހާން ތިއީ ފިރާތްގެ ޕީއޭ ކަން.ދުނިޔޭގެ ލޯ ތަކަށް ތިއީ ކާމިޔާބު ޤާނޫނީ ވަކީލަކަސް ފިރާތްގެ ގާތުގައި ރޭހާންގެ މަޤާމަކީ ހަމައެކަނި އެޔެއް ނޫންކަން އަހަންނަށް އިނގޭ.އަހަރެންގެ އުމުރުން ފަނަރަ އަހަރުއްސުރެ ވިޔަފާރި ދުނިޔޭގައި ބިނާކުރި ސޯޝަލް ނެޓްވޯކްއަކީ ޖޯކެއް ނޫނޭ”ޔޫލިއާ މަލާމާތް އެކުލެވިގެންވީ އެހެންނަމަވެސް މަޑުމައިތިރި ރާގަކަށް ބުންޏެވެ.”އާނ.އެނގިއްޖެއޭ މިސް ޔޫލިއާގެ އިންޓާނޭޝަނަލް ކޮންޓެކްޓްސް ދަތުރުކުރަނީ ކިހާ ހިސާބަކަށް ކަން.އެހެންނޫނީ ތިހާ ޔަޤީންކަމާއެކު އަހަންނަކީ ފިރާތްގެ ޕީއޭ ކަމަށް ބުނާކަށް ނޭނގުނީސް.ތިކަހަލަ އިންފްލުއެންޝިއަލް މީހުންގެ ތެރެއިންވެސް މަދު ބަޔަކަށް ނޫނީ ނޭނގޭނެ”ރޭހާން ބުނުމާއެކު ޔޫލިއާއަށް ހީލެވުނެވެ.”ތި ކުރީ ތަޢުރީފެއް ނަމަ ވަރަށް ބޮޑައް ޝުކުރިއްޔާ”ޔޫލިއާ ބުންޏެވެ.
“އެނީވޭ.ކީއްވެ ފިރާތް އާއި ބައްދަލުކޮށްލަން ބޭނުންވަނީ؟ބުނަން މި އުޅޭ ވާހަކައަކީ ފިރާތްއަށް މި ދުވަސްކޮޅު މީހަކާއި ބައްދަލުކުރަން އާދެވުމަކީ ނާދިރު ކަމޭކޭ.ހީ އިޒް ކަރެންޓްލީ އިން ޖެއިލް”ރޭހާން ފަހު ޖުމްލަ ބުނެލީ ހިތާމަވެރި ރާގަކަށެވެ.އެ ބަސްތަކުން ޔޫލިއާއަށް ކަޅި މައްޗަށް ހިންގާލެވުނެވެ.”ރޭހާން ހީކުރަނީ އަހަންނަށް ތިކަން ނޭނގޭ ކަމަށްތަ؟އެކަމަކު ޖަލުގެ ތޭރިތަކަކީ ފިރާތް ކަހަލަ މީހަކަށް ބޭރު ދުނިޔެއާއި ހިސާބަށް ވާސިލްވުމަށް އޮތް ހުރަހަކަށް ނުވާނެއެއްނު.ފިރާތް ނެތްނަމަވެސް ފާއިތުވި ދެ އަހަރު ތެރޭގައިވެސް އޭނާގެ އެމްޕަޔަރ ބަރާބަރަށް އެބަ ހިނގައެއްނު.އަހަންނަށް ޔަޤީން އެ ކުންފުނިތަކުގެ ބޯޑު މެމްބަރުންނާއި ޑިޕާޓްމެންޓް ހެޑުންނާއި ޑައިރެކްޓަރުންގެ އިތުރުން ބާކީ މަތީ މަޤާމުތަކުގައި ތިއްްބެވި ބޭފުޅުން ކަންތައް ކުރައްވާނީ ފިރާތްގެ އިރުޝާދާއި އެއްގޮތައްކަން.އަދި އަހަންނަށް އިނގޭ ފިރާތް އެންމެ އިތުބާރުކުރާ އަޢުވާނުންގެ އެއްބާރުލުން އޭނައަށް ބަރާބަރަށް ލިބޭނެކަން.އޭގެ ތެރެއިން އެކަކެއްނު ތިއީ”ޔޫލިއާ އެއް ނޭވައިން ބުންޏެވެ.
ރޭހާންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.އެހެންވީމާ ޔޫލިއާ މި އިނީ އޭނާއާއި ފިރާތްއާއި ބެހޭގޮތުން މައުލޫމާތުގެ ޙަޒާނާއެއް އެއްކޮށްގެންތާއެވެ.މިކަހަލަ މީހަކާއި ދެބަސްވުމަށް ވުރެ ރަނގަޅުވާނީ ސުލްހަވެރިކަމާއެކު މަޝްވަރާކުރުމެވެ.”ހޫމް.ރަނގަޅަށް ތި ބުނީ.ޔޫލިއާ ތި އިންނެވީ އަހަރެމެންނާއި ބެހޭގޮތުން ހޯދުންތަކެއް ހޯދައިގެންތާ.އެކަމަކު އަދިވެސް އަހަރެން ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު.ނުބުނަމެއްނު ފިރާތްއާއި ބައްދަލުކުރަން ބޭނުންވާ ސަބަބެއް؟”އެ އަޑު އޭނާގެ ކަންފަތާއި ހަމަޔަށް ފޯރުމާއެކު ޔޫލިއާގެ ހިނިތުންވުން ފޭދުނެވެ.އެ މޫނުމަތިން ފެނުނީ ޖެހިލުންްކުޑަކަމެވެ.ޔޫލިއާ މޭޒުމަތީގައި އޮތް އޭނާގެ ދެ އަތައްް ބާރުކޮށްލަމުން ކުރިއަށް ޖެހިލިއެވެ.”އެއީ ހަމައެކަނި ފިރާތްއަށް އިނގެންޖެހޭ އެއްޗެއް.ރޭހާންއާއި ގުޅުން ހުރި ކަމެއް ނޫން”ޔޫލިއާ ބުންޏެވެ.އެ އަޑުގައި ޢަމުރުވެރި ގޮތެއް ހުއްޓެވެ.ރޭހާންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.ޔޫލިއާއާއި ބަހުސްކުރާކަށް އޭނާ ބޭނުމެއް ނޫނެެވެ.ނަމަވެސް ފިރާތްގެ ޢައުވާނަކަށް ވުމުން އޭނާ ވަކި ދޫދޭކަށްވެސް ބޭނުމެއް ނޫނެވެ.ރޭހާންވެސް ކުރިއަށް ޖެހިލަމުން ވާހަކަ ދެއްްކިއެވެ.”އެހެންވީމަ ޔޫލިއާ ބޭނުންވަނީ އަހަރެން ޔޫލިއާއަށް އިތުބާރުކުރަން ދޯ.އެކަމަކު އިތުބާރަކީ ސިއްރުން ބިނާވާނޭ އެއްޗެއް ނޫން.ފިރާތްއަކީ ކޮންމެ ކޮންމެ މީހަކާ ބައްދަލުކުރާނޭ މީހެއް ނޫން.ޔޫލިއާ ފިރާތްއާއި ބައްދަލުކުރަން ބޭނުންވަންޏާމުން ފިރާތްގެ ޕީއޭގެ ހައިސިއްޔަތުން އަހަންނަށް އިނގެންޖެހޭނެ ޔޫލިއާގެ ނިޔަތް”ރޭހާން އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ.އެއާއެކު ޔޫލިއާއަށް ލޯ ހަނިކޮށްލެވުނެވެ.
“ރޭހާން ތިހިރީ އަހަރެންގެ ކިބައިން އެއްވެސް އެއްޗެއް ޑިމާންޑްކުރެވޭ ފަދަ މަޤާމެއްގައެއް ނޫން.އަހަންނަކަށް ނުޖެހޭނެ އަހަރެންގެ ނިޔަތް ސާފު ކޮށްދޭކަށް.އަހަރެން ހަމައެކަނި ބޭނުންވަނީ ފިރާތްއަށް އަންގަން އަހަރެން ސީރިއަސްކޮށް އޭނައާއި ބައްދަލުކުރަން ބޭނުންވާކަން”ޔޫލިއާ ކިރިޔާ އަޑު އިވޭވަރަށް މޭޒުމަތީގައި ގޮށްމުށުން ޖަހާލަމުން ބުންޏެވެ.އެއާއެކު ރޭހާންއަށް ފުންނޭވައެއް ދޫކޮށްލަމުން ގޮނޑީގައި ލެނގިލެވުނެވެ.ނަމަވެސް ދެން އިތުރަށް ދެކޮޅު ހަދާކަށް އޭނާ ނޫޅުނެވެ.ޔޫލިއާ ބުނެގެން ނޯރާ އޭނާއަށް ސިޓީ ފޮނުވީވެސް މި ބޭނުމުގައިތާއޭ އޭނާގެ ހިތައް އެރިއެވެ.”ތިކަން އަހަންނަށް ވިސްނޭ.އެކަމަކު މިވަގުތު ފިރާތް އިޒް…އަންއެވޭލެބަލް”ރޭހާން އެންމެ ފަހު ތީރު ދޫކޮށްލިއެވެ.އެއާއެކު ޔޫލިއާ ރޭހާންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.”އަންއެވޭލެބަލް؟ތި ބުނީ ބްލެކްހޯލްޑްގަ ހުރީމަތަ؟”ޔޫލިއާ ބުމަ އަރުވާލަމުން ސުވާލުކުރިއެވެ.ބްލެކްހޯލްޑް އަކީ ހިތައް އެރިހާ ބަޔަކަށް ވަދެވޭ ތަނެއް ނޫންކަން ޔޫލިއާ ދަނެއެވެ.ކުއްވެރިންނާއި އެ މީހުންގެ ވަކީލުން ފިޔަވާ އެ ތަނަށް ވަނުމުގެ ހުއްދަ އޮންނާނީ ފުލުހުންނާއި ސަރުކާރުގެ މަތީ ބޭފުޅުންނަށް އެކަންޏެވެ.އެހެންކަމުން އޭނާގެ މަސައްކަތައް ބުރޫ އަރާނެކަން އެނގި ޔޫލިއާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.ފިރާތްގެ ގާތް މީހަކަސް ޔޫލިއާ ރޭހާންއަށް އިތުބާރު ކުރާކަށް ބޭނުމެއް ނޫނެެވެ.އެހެންކަމުން ރޭހާން ގާތުގައި އޭނާ ފިރާތް އާއި ބައްދަލުކުރަން ބޭނުންވާ ސަބަބު ބުނަން ޔޫލިއާ ފަސްޖެހުނެވެ.”އާނ.އެކަމަކު ވަރަށް އަވަހަށް އޭނަ މިނިވަންވާނެ”ރޭހާންއަށް އެ ޖުމްލަ ބުނެވުނީ އޮޅިގެންނަމަވެސް ދެން އިތުރަށް އެކަަން ފޮރުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ.ނީލްގެ ފުށުން ފިރާތްއަށް އޭނާ މިނިވަންވާނެ ކަމުގެ ޙަބަރު ލިބުމުން ފިރާތް ފޯނުން އޭނާއަށް އަންގާފައި އޮތީ އޭނާ މިނިވަންވުމުގެ ކުރިން އިތުރު މީހެއްގެ ގާތުގައި އެ ވާހަކަ ނުދެއްކުމަށެވެ.ސަބަބަކީ ފިރާތްގެ ދުޝްމަނުންނާއި ހިސާބަށް އެ ޙަބަރު ފޯރައިފިއްޔާމުން އެ މީހުން އެކަން ރަނގަޅު ގޮތެއްގައި ބަލައި ނުގަންނާނެތީއެވެ.ނަމަވެސް މިހާރު މި އޮތީ ބުޅާ ގޯނިން ބޭރުވެފައެވެ.އޭނާއަށް ހިތާހިތުން ތިމާމީހާގެ އަނގަގަދަކަމާއި މެދު އެއްްޗެހި ކިޔުނެވެ.
ރޭހާންއާއި ޙިލާފަށް އެ ޖުމްލަ ވެގެން ދިޔައީ ޔޫލިއާގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިން ބަސްތަކަށެވެ.”އާހް.އިންޓްރެސްޓިންގް.ތި ބުނީ އޭނަ ވަރަށް އަވަހަށް މިނިވަންވާނެއޭތާ ދޯ.ވަރަށް އުފާވެއްޖެ އެނގުނީތީ”ޔޫލިއާ ދަތްދޮޅީގައި ދެ އަތް ވިއްދާލަމުން ބުންޏެވެ.”ތި ކުޅެނީ ވަރަށް ނުރައްކާތެރި ކުޅިވަރެއް.މިސް ޔޫލިއާ”ރޭހާން ކުރިއަށް ޖެހިލަމުން ބުންޏެވެ.”ކުޅިވަރު މި ކުޅެނީ އަހަންނެއްް ނޫނޭ ރޭހާން.ފިރާތް ކައިރީގަ ބުނެލަދޭތި އަހަރެން މިހިރީ އިންތިޒާރުގައޭ”ޔޫލިއާ މިހެން ބުނެ ގޮނޑިން ތެދުވެ ދާން ހިނގައިގަތެވެ.ނަމަވެސް އޭނާއަށް ހުއްޓެން މަޖުބޫރުވީ ފަހަތުން ރޭހާންގެ އަޑު އިވުމުންނެވެ.”މިސް ޔޫލިއާއަށް ހީވެދާނެ ތިމަންނަ އަަތުގަ ހުރިހާ ޖަވާބެއް އެބަ ހުރިހެން.އެކަަމަކު ފިރާތު އަކީ އޭނާގެ އަމިއްލަ ގަވާއިދުތައް ފިޔަވައި މީހެއްގެ ގަވާއިދުތަކަށް ބޯލަނބާނެ މީހެއް ނޫން.ތި އެދޭ ކަންތައްތަކަށް ސަމާލުވައްޗޭ”ރޭހާން އެ އިންގޮތައް އިނދެ ބުންޏެވެ.އެ އަޑަށް ޔޫލިއާ އޭނާގެ ކޮނޑާއި ދިމާލުން އަނެއް ފަރާތައް ބޯ އަނބުރާލިއެވެ.އެ ތުންފަތްމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.”އެހެންތަ.އިންތިޒާރުގެ ވަގުތުތައް ގުނަމުން އަހަރެން މި ދަނީ”ޔޫލިއާ މިހެން ބުނެ އެތަނުން ނުކުތީ ރޭހާން ފުންވިސްނުމެއްގެ ތެރެއަށް ދޫކޮށްލާފައެވެ.ފިރާތްގެ ފަރާތުން ޔޫލިއާ ހަސަން ބޭނުންވެގެން އެ އުޅެނީ ކޮންކަމެއް ބާވައެވެ.
****
ރޭގަނޑުގެ ވަގުތެވެ.ކަޅުވިލާތަކުން އުޑުމަތި ބައްދާލާފައިވާއިރު ހަނދުވަނީ ވިލާތަކުގެ ނިވަލުގައި ފަރުދާވެފައެވެ.ގަދަ ވަޔާއެކު ގަސްތައް ނަށަމުން ދިޔައިރު އިސާހިތަކު ވާރޭ ކަނި ޖަހަން ފެއްޓެވެ.ހިނދެއް ހިނދަކަށް ވައި ބާރުވަމުން ދިޔައިރު މާހައުލުގައި ވަނީ ތެތް ފިނިކަމެއް ހިފާލާފައެވެ.އިސާހިތަކު މަގުތައް މަތި ތެމެމުން ދިޔައީ ވެހެމުން ދިޔަ ހިމަ ފޮދު ވާރެއިންނެވެ.
ތެމިފައިވާ މަގުތަކުން ހިނގާފައި އެ ދަނީ ދިގު އިސްކޮޅެއްގެ ވެރިއެކެވެ.ކަޅު ކުލައިގެ ގަޔަށް ދޫ އެޑެން ހޫޑީއަކުން ބޮލާއި ހަށިގަނޑު ނިވާކޮށްލާފައިވަނީ އަނދިރީގައި އެއީ ކާކުކަން ވަކި ނުވާ މިންވަރަށެވެ.ކަޅުކުލައިގެ ގަންބޫޓަކަށް އަރާފައި ވާއިރު ހޫޑީގެ ދެފަރާތުން ފާޅުވެފައިވާ ދެ އަތްތިލަ ވެސް ވަނީ ކަޅު އަންގި ލައްްވައި ނިވާކޮށްފައެވެ.ހިނގަމުން ގޮސް އޭނާ ވަނީ އަނދިރި ގޯޅިގަނޑެއްގެ ތެރެއަށެވެ.ގޯޅިގަނޑު ތެރޭގައި ދެ ފަރާތުގައި މީހުން ތިއްބެވެ.މެދު އުމުރުގެ ފިރިހެނެއް ވާތް ފަރާތު ފާރަށް ލެނގިލައިގެން ހުރި އިރު އަނެއް ފަރާތުގައި ޒުވާން ވައްތަރުޖަހާ ދެ ފިރިހެނުން ތިއްބެވެ.ތިން މީހުންގެ މޫނުތަކުންވެސް ފެނިގެންދިޔައީ ހާސްކަމުގެ ކުލަވަރެވެ.ނަމަވެސް އެއަކަށް ފަރުވާލެއްނެތި އެއްކަލަ މީހާ ގޮސް ހުއްޓުނީ ވާތް ފަރާތުގައި ހުރި މެދުއުމުރުގެ މީހާ ކުރިމަތީގައެވެ.މި މީހާގެ ނަމަކީ މާލިކުއެވެ.އުމުރުން ކުރީކޮޅު ސާޅީހުގެ އަހަރުތައް ގުނަމުންދާއިރު އޭނާއަކީ ރާއްޖޭގައި މިވަގުތު ކުރިއަރާފައި އޮތް އެންމެ ބޮޑު ފަސް ކުންފުނީގެ ތެރެއިން ކުންފުންޏެއް ކަމަށްވާ އޭ.އައި.އައި ގެ މެދުފަންތީގެ މެނޭޖަރެކެވެ.
އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނު މީހާ ފެނުމުން މާލިކްގެ މޫނުމަތީގައިވީ ނުތަނަވަސްކަމުގެ ކުލަވަރު އިތުރުވިއެވެ.އަނެއް ފަޅީގައި ތިބި ދެމީހުންވެސް ފަރާތްފަރާތައް ކަޅި ހިންގަމުން ދިޔައީ ހާސްކަމާއެކީގައެވެ.އެ ދެ މީހުންނަކީ އެ ކުންފުނީގެ ކުޑައިގެ ދަށުން ހިންގާ ލޮޖިސްޓިކްސް ކުންފުންޏެއްގެ ދަށް މަޤާމުތަކެއްގައި ތިބި މުވައްޒަފުންނެވެ.”ހާދަ ލަހުން ތި އައީ”މާލިކްގެ އަޑު ކުރިމަތީ ހުރި މީހާގެ ކަންފަތާއި ހަމަޔަށް ފޯރީ ކިރިޔަ ކިރިޔާއެވެ.އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ހޫޑީގެ ނިވަލުގައި ނިވާވެފައި އޮތް އޭނާގެ އަތް ކުރިއަށް ނެރެން ފެށިއެވެ.އެ އަތުގައި އޮތީ ކަޅު ކުލައިގެ ކުޑަ ޑަފްލް ދަބަހެކެވެ.ބަލަބަލައި ހުއްޓާ އޭނާ އެ ދަބަސް ވައްޓާލީ މާލިކުގެ ކުރިމައްޗަށެވެ.އެއާއެކު މާލިކު ކުރުފައިމައްޗަށް ތިރިވެ އެ ދަބަހުގެ ޒިބު ކަހާލިއެވެ.އެއާއެކު ފެނިގެން ދިޔަ ފަސްސަތޭކަ ނޫޓުގެ ފައިސާ ބޮނޑިތަކުން އޭނާގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ.ދިރިއުޅުމުގައިވެސް އެހާ ގިނަ ފައިސާ އެއް ތާކުން އެ ފެނުނީ ފުރަތަމަ ފަހަރަށެވެ.ދެން ފަހެ ހައިރާން ނުވާނެހެއްޔެވެ.
“މިއީ….މިއީ..ވަރަށް ސީރިއަސް ކަމެއް”މާލިކް އިސްއުފުލައި ކުރިމަތީ ހުރި މީހާއަށް ބަލާލަމުން އަޅައިގަންނަމުން ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.”ތި އެދެނީ ވަރަށް ބޮޑު ކަމަކަށް.ބަސްޓުވެއްޖެއްޔާމުން…”މާލިކުގެ ޖުމްލަ ފުރިހަމަ ނުވަނީސް ކުރިމަތީ ހުރި ގޮތްނޭގޭ މީހާ އަތް އުފުލައި ހިމޭންވުމަށް އިޝާރާތްކުރިއެވެ.”އޭނައަކަށް ނޭނގޭނެ މިއިން އެކައްޗެއްވެސް ކަލޭ އޭނަ ކައިރީގަ ނުބުނަނީސް.ބުނެފިއްޔާމުން…”އެ މީހާ ފިނި އަޑަކުން އިންޒާރު ދިނުމުން ބާކީ ތިބި ދެ ފިރިހެނުންވެސް ރޫރޫ އަޅައިގަތެވެ.އެ ދިން އިންޒާރު އެ މީހުންގެ ސިކުނޑިތަކަށް ނަގައިގަނެވުނު ކަހަލައެވެ.”އެކަމަކު ކީއްވެ އަހަރުމެންގެ ކުންފުންޏަށް ގެއްލުން ދޭން ތި އުޅެނީ؟ކޮން ކަމެއް އަހަރުމެންގެ ވެރިންގެ ފަރާތުން ބޭނުންވެގެން ތި އުޅެނީ؟”އެ ޒުވާނުންގެ ތެރެއިން އެކަކު ވާހަކަ ދެއްކިއެވެ.މިއޮތް ފިނި އިރުވެސް ނިތްކުރި މަތިން އޮށްދާ ހިއްލާފައިވާއިރު އޭނާ ހާސްވެފައިވީ މިންވަރު އަންދާޒާކޮށްލެވުނެވެ.އެއާއެކު މާލިކްގެ ކުރިމަތީ ހުރި މީހާގެ ފޮރުވިފައިވީ ނަޒަރު އެ ޒުވާނާއަށް ހުއްޓުނެވެ.އެއަށްފަހު އޭނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ހުއްޓުނީ އެ ޒުވާނާ ކުރިމައްޗަށެވެ.”ކަލޭމެންނަށް ފައިސާ ދިނީ އިރުޝާދުތަކަށް ތަބާވެ އެއާއި އެއްގޮތައް މަސައްކަތްކުރަން.ސުވާލުކުރާކަށެއް ނޫން”ޒުވާނާއާއި ގާތައް ފިޔަވަޅެއް އަޅާލަމުން އޭނާ ވާހަކަ ދެއްކިއިރު އެ އަޑުގައި އެކުލެވިގެންވަނީ ނުރައްކާތެރިކަމެވެ.”ކަލޭމެންގެ ޓާސްކް ވަރަށް ސިމްޕަލް.ޝިޕްމެންޓްތަކަށް ގެއްލުން ލިބިފަވާކަން ޔަޤީންކުރަންވާނެ.ގެއްލުނު މުދާތައް.މައްސަލަޖެހިފައި ހުރި ޕްރޮޑަކްޓްތައް،ގެއްލުނު އިންވެންޓްރީ.ކުންފުނީގެ ޕާޓްނަރުންނަށް އިނގެންވާނެ އެ މީހުންގެ އިންވެސްޓްމެންޓްތައް ވަނީ ނުރައްކަލެއްގެ ތެރޭގައިކަން”އޭނާގެ ވާހަކަ ނިމުމާއެކު މާލިކު ފަސްޖެހިފައި ހުރެ ބޯޖަހާލިއެެވެ.
“އިތުރު ކަމެއް؟”މާލިކު ސުވާލުކުރުމާއެކު ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ލައިގެން ހުރި ހޫޑީގެ ޖީބަށް އަތް ކޮއްޕާފައި ނެގީ ޔޫ.އެސް.ބީ ޑްރައިވެކެވެ.އޭތި ދެ އިނގިލި ދޭތެރޭ ހިފަހައްޓައިގެން ހުރެ އޭނާ ވާހަކަ ދައްކަން ފެށިއެވެ.”މީތި ޕްލާންޓްކުރަންވީ ކުންފުނީގެ މައި މަރުކަޒުގެ މެއިން ސާވަރުގަ.އެއަށްފަހު މާލީ ރެކޯޑުތައް ކޮރަޕްޓްވެގެންދާނެ.އޭރުން އުފެދޭ ތަފާތުތައް އިންވެސްޓަރުންނަށް އޮޅުންފިލުވާދިނުން ނޫން ގޮތެއް ކުންފުންޏަކަށް ނޯންނާނެ.އެެއްވެސް މީހަކު ސުވާލުކޮށްފިނަމަ ޑޭޓާ ބްރީޗެކޭ ކިޔާފަ ހަމަޖައްސާލާތި”އޭނާ ބުންޏެވެ.މާލިކު ފަސްޖެހުނެެވެ.ފައިސާއަށް ޓަކައި ދަހިވެތިވެފައިވީ ނަމަވެސް ނުރައްކާތައް ވަރަށް ބޮޑެވެ.މާލިކު ބާކީ ތިބި ދެމީހުންނާއި ނަޒަރު ބަދަލުކުރުމަށްފަހު އޭނާގެ ހިތުގައި އުފެދިފައިވީ ސުވާލުތައް އެ މީހާއާއި ކުރިއެވެ.”މި ހުރިހާ ކަމެއް ފެނަށް ވެއްޖެއްޔާމުން؟އަހަރުމެން ތިން މީހުން ބަސްޓުވެއްޖެއްޔާމުންނޯ؟”އެ ސުވާލުތައް އަހާފައި އެ މީހާ އެ ތިން މީހުނާއި ގާތައް ފިޔަވަޅެއް އަޅާލިއެވެ.”ކަލޭމެންގެ ވެރިޔާ އޭނާގެ މުވައްޒަފުންނާއި މެދު ފަރުވާލެއް ނުބަހައްޓާ.އޭނާއަށް ފައިދާއެއްވާ ހިސާބުން އޭނަ ކަލޭމެން ވަޒީފާއިން ވަކިކޮށް އެއްލާލާނެ.އެކަމަކު މިފަހަރު ކަލޭމެން ކާމިޔާބު ވެއްޖެއްޔާމުން އަލުން އާ ދިރިއުޅުމެއް ފެއްޓޭނެ ވަރުގެ ލާރިގަނޑެއް އަތުގަ ހުންނާނެ.މި ގޯސް ގޮތާއި މާ ދުރުގަ”އެނާ ސިއްރުވެރި އަޑަކުން ބުންޏެވެ.
އޭނާގެ ވާހަކަ ނިމުމާއެކު ތިން މީހުންވެސް އެކަކު އަނެކަކަށް ހަދިޔާކޮށްލީ ނުތަނަވަސްކަމުން ފުރިގެންވީ ބެލުންތަކެވެ.ވާރޭ ބޯކޮށްލީ ވެސް ހަމަ އެވަގުތުއެވެ.ވާރޭ ތިކިތައް ގޯޅިގަނޑު ތެރޭހުރި ދަގަނޑު ޑަސްބިންތަކުގެ މަތީގައި ޖެހެމުންދިޔަ އަޑު އެތާ ތެރޭގައި އެއް އަޑަކަށް ހިފާލާފައި ވާއިރު އެ ނުދަންނަ ޝަޙުސިއްޔަތު ފުން ނޭވައެއް ދޫކޮށްލަމުން ބޮލުގައި އަޅާފައި އޮތް ހޫޑް ކުޑަ ތަންކޮޅެއް މައްޗަށް ޖައްސާލިއެވެ.އެއާއެކު ފާޅުވެގެންދިޔަ ނުރައްކާތެރި ތޫނު ދެލޯ ފެނި މާލިކުމެންގެ ގައިން ހީބިހި ނަގައިގަތެވެ.ތުރުތުރުލަމުން ދިޔަ ދެ އަތުން މާލިކު ބިންމަތީގައި އޮތް ދަބަސް ނަގައި ޒިބު އަޅުވާލިއެވެ.”މައްސަލައެއް ނެތް.އަހަރުމެން މިކަން ކުރާނަން”މާލިކު މިހެން ބުނުމާއެކު އޭނާ ބޯޖަހާލަމުން ދުރަށް ހިނގައިގަތެވެ.ނަމަވެސް ވަކި ހިސާބަކަށް ގޮސްފައި އޭނާ އަނެއްކާވެސް ހުއްޓުނެވެ.”އަަހަރެން ކަލޭމެންނަށް ކުރި އިތުބާރު ގެއްލުނަ ނުދޭތި.އެހެންނޫނީ “އޭނާ” ވާނީ ކަލޭމެންގެ އެންްމެ ކުޑަ ކަންބޮޑުވުމަށް”އެއަށްފަހު އޭނާ އެ ތިން މީހުންގެ ލޯ ކުރިމަތިން ގެއްލުނެވެ.މާލިކުއަށް އަތުގައި އޮތް ދަބަހުގައި ދެއަތުން ހިފަހައްޓައި ބާރުކޮށްލެވުނެވެ.ތިން މީހުންނަށްވެސް އެ މީހާ އެއީ ކާކުކަމާއި އޭނާގެ ބޭނުމަކީ ކޮބައިކަމެއް ނޭނގެއެވެ.އެކަމަކު އެ ކުރި މިނިވަންކަމުގެ ވަޢުދާއި ދަމުން އެ ދިން ބަދަލުހިފުމުގެ އިންޒާރު އެ މީހުންގެ ހިމޭންކަން ކަށަވަރުކުރުމަށް ފުދިއްްޖެއެވެ.
ބޯ ވާރޭގައި އެ މީހާގެ ފިޔަވަޅުގެ އަޑުތައް ފަޒާގެ ތެރެއަށް އޮބިގެން ދިޔައެވެ.އޭނާ އެ ގޯޅިގަނޑުން ނުކުމެ މިސްރާބުޖެހީ މަޖީދީ މަގުގައި ޕާކްކޮށްފައި އޮތް ކަޅު ކުލައިގެ ކާރަކާއި ދިމާލަށެވެ.ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ގޮސް ކާރުގެ ޓިންޓް ޖަހާފައިވާ ބިއްލޫރިގަނޑުގައި ޓަކި ޖަހާލިއެވެ.އެއާއެކު ކާރުގެ ބިއްލޫރިގަޑު ތިރިކުރެވިގެން ދިޔައީ އެތެރޭގައި އިން ޒުވާނާ ފާޅުކުރަމުންނެވެ.އިސްތަށިގަނޑު ކޮނޑާއި ހަމަޔަށް ދިގު ކުރެވިފައި އޮތް އިރު އަތާއި ކަރުގައި ފާޑުފާޑުގެ ޗޭނުތައް އަޅާފައި ހުއްޓެވެ.ލައިގެން އިން ކަޅު ގަމީހުގެ އަތް އުޅަނބޮއްޓާއި ހަމަޔަށް އޮޅާފައި ވާއިރު އަތުގެ މުލައްދަނޑީގައި އިން ނިޝާނުން އެއީ ރާއްޖޭގެ ވަރުގަދަ ގޭންގެއް ކަމަށްވާ “މަސްއޮޑި” ގޭންގަށް ނިސްބަތްވާ މީހެއްކަން އިނގެއެވެ.”ނިމިއްޖެތަ؟”އޭނާ ބޭރުގައި ހުރި މީހާއާއި ބަރު އަޑަކުން ސުވާލުކުރިއެވެ.ޖަވާބެއް ނުދީ އެ މީހާ އޭނާގެ ހޫޑީގެ ނިވަލުގައި ފޮރުވިފައި އޮތް އަތް ކުރިއަށް ގެނެސް އެތެރޭގައި އިން ޒުވާނާއަށް ދިއްކޮށްލީ ސިލްވާ ކުލައިގެ އާދައިގެ ފޯނެކެވެ.”ހުރިހާކަމެއްވެސް ދިޔައީ ޕްލޭނާއި އެއްގޮތައް.އެ މީހުން ތިބީ ޑީލް ޤަބޫލުކުރާ ވަރަށް ދަހިވެފަ.ޑާޓާ ބްރީޗް ފައިލްތައް އެ މީހުން ސާވަރުތަކުގަ ޕްލާންޓްކުރާނެ.ދެން މާދަމާ ހެނދުނު ވާއިރު ޝިޕްމަންޓްތަކަށް ހުންނާނީ ގެއްްލުން ލިބިފަ”އޭނާ ބުންޏެވެ.”ދެން ތި ފޯނުގަ ހުންނާނެ އެ މީހުން އެއްބަސްވީ ކަމުގެ ހެކި.ދޯކާ ދޭން އުޅެފިއްޔާމުން ތީގެ ބޭނުން ވެސް ހިފިދާނެ އަހަރުންނަށް ނޫނީ…”އޭނާގެ އެ ޖުމްލަ ފުރިހަމަ ނުވަނީސް ޒުވާނާއަށް އެ ބުނަން އުޅުނީ ކީކޭކަން ނަގައިގަނެވުމާއެކު އޭނާ ބޯ ޖަހާލަމުން ވާހަކަދައްކަން ފެށިއެވެ.”ވަރަށް ރަނގަޅު.ނައު ދެޓްސް ދި ކައިންޑް އޮފް ކޭއޮސް ވީ ނީޑް”ޒުވާނާ މިހެން ބުނެ ކާރުގެ ގްލޯވް ކޮމްޕާޓްމެންޓް ތެރެއިން ބޯ ސިޓީ އުރައެއް ނަގައި ތިރިކުރެވިފައިވީ ބިއްލޫރިގަނޑުން ބޭރަށް އެއްލާލިއެވެ.އެއާއެކު ބޭރުގައި ހުރި މީހާ ހުޝިޔާރު ކަމާއެކު އޭތި ހިފިއެވެ.އެތެރޭގައި އިން ޒުވާނާއަށް ނަޒަރެއް ދެމުން އޭނާ ސިޓީއުރަ ހުޅުވައި ބަލައިލިއެވެ.އެތެރޭގައި ތިބީ ފަސްސަތޭކަ ރުފިތާގެ ނޫޓު ބޮނޑިތަކެވެ.”ކަލޭގެ ޕޭމެންޓް”އެތެރޭގައި އިން ޒުވާނާ އޭނާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ބުންޏެވެ.”މިހާ ހިސާބުން ކަލޭގެ މަސައްކަތް ތި ނިމުނީ.އެކަމަކު ހަނދާންކުރާތި.މިއީ ވީ ކަމެއްނޫން”ޒުވާނާ އިތުރުކޮށްލިއެވެ.ބޯޖަހާލުމަށްފަހު އޭނާ ދުރަށް ހިނގައިގަތެވެ.
އެ މީހާ ގޮސް ލޯމަތިން ގެއްލުމާއެކު ޒުވާނާ ކާރުގެ ބިއްލޫރިގަނޑު އަރުވާލުމަށްފަހު ސީޓުގައި ހަމަޖެހިލިއެވެ.އެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެންނަންހުއްޓެވެ.ޒުވާނާ ޖީބުގައި އޮތް އޭނާގެ ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލިއެވެ.ދެތިން ރިންގަށްފަހު އެކޮޅުން ފޯނު ނެގިއެވެ.”ހަލޯ.ނިމިއްޖެ”ޒުވާނާ މިހެން ބުނުމާއެކު އަނެއް ފަރާތުގެ އަޑު އިވުނީ ކިރިޔަކިރިޔާއެވެ.ނަމަވެސް އެ އަޑުގައި އަމުރުވެރި ގޮތެއް ހުރިކަން ފާހަގަވެއެވެ.”އާނ.ގެއްލުން ވަރަށް ބޮޑުވާނެ.އަހަރުން ކްރިއޭޓްކުރި މި މެސް ރަނގަޅުކުރެވޭނީ އެންމެ މީހަކަށް.އެ ވެސް އޭނަ ރުހެންޏާމުން”ޒުވާނާ މިހެން ބުނުމާއެކު އެކޮޅުން ކޮންމެވެސް އެއްޗެއް ކިޔުމަށްފަހު ފޯނު ކަނޑާލިއެވެ.ޒުވާނާ ފޯނު ބޭއްވުމަށްފަހު ފުންނޭވައެއް ދޫކޮށްލަމުން ކާރު ސްޓާޓްކޮށްލިއެވެ.
****
ޖެހިގެން އައި ދުވަހު އިރުއެރީ ބައެއް މީހުންނަށް އުފާވެރިކަން އިޙުސާސްކޮށްދީ އަނެއް ބައިމީހުންނަށް ހިތާމަވެރިކަން ގެނެސްދެމުންނެވެ.ކުރާނެ ކަމެއް ނެތެވެ.އެއީ ދުނިޔޭގެ އާދައެވެ.ޔަޤީނުންވެސް ފުރަތަމަ ބައިގައި ހިމެނޭ މީހުންގެ ލިސްޓުގައި މިއަދު ފިރާތް ހަސަންގެ ނަން އޮންނާނެއެވެ.
ޢާއްމުގޮތެއްގައި މީހުން ދަންނަ ދޫނިދޫ ޖަލުގެ އަޑީގަައި ހުންނަ ސިއްރު ޖަލު ބްލެކްހޯލްޑްއަކީ ބަޔަކު ތިބެން ހެޔޮވާވަރުގެ ތަނެއް ނޫނެވެ.ހަމަ އެހެންމެ ކޮންމެ ކޮންމެ މީހަކަށް ވަދެ ނުކުމެ އުޅެވޭ ޒާތުގެ ތަނެއްވެސް ނޫނެވެ.މި ތަނުން ހަށިގަނޑުގައި ފުރާނަ ހުއްޓާ ދޫކޮށްލެވުނު މީހުންގެ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުވާނެއެވެ.އަނދިރި ކޮރިޑޯގެ ތެރެއިން ނީލް ހިނގާފައި ދިޔައިރު މާހައުލުގައި ގުގުމާލާފައިވަނީ އޭނާގެ ފިޔަވަޅުތަކުގެ އަޑެވެ.ދެ ފަރާތުގައި ރޯކުރެވިފައިވާ ވޮށްގަނޑުތަކުގެ އަލީގައި ނީލްއާއި އޭނާގެ ގާތުގައި ހުރި ފުލުސް މީހާގެ ހިޔަނިތައް ފާރުން ފެންނަން ހުއްޓެވެ.ދެ މީހުންވެސް ގޮސް ހުއްޓުނީ ފިރާތްގެ ސެލް ކުރިމަތީގައެވެ.އެތެރޭގައި ހުރި އެނދުމަތީގައި ފިރާތް އިނީ ދެ އަތް ބޯ ބިއްދޮށަށް ލައި ފާރުގައި ބޯ ޖައްސައިގެން ދެ ފައި ދެ ފަރާތައް ހަލުވާލަ ހަލުވާލައެވެ.ފިރާތް ލައިގެން ހުރި ގަދަ ނޫކުލައިގެ ގަމީހުގެ މޭ މަތިން ތިން ގޮށް ނައްޓާފައިވުމުން އެ ފިރިހެންވަންތަ ހަށިގަނޑުން ބައެއް ވަނީ ހާމަވެފައެވެ.ނީލް ފިރާތްއަށް ނަޒަރެއް ދިނުމަށްފަހު ގާތުގައި ހުރި ފުލުސް މީހާއަށް އިޝާރާތްކޮށްލިއެވެ.އެއާއެކު މީހާ ބޯ ޖަހާލުމަށްފަހު އެ ގޮޅީގައި އަޅުވާފައި ހުރި ތަޅު އޭނާގެ އަތުގައި އޮތް ތަޅުދަނޑިން ހުޅުވާދިނެވެ.ތަޅު ހުޅުވުމާއެކު ދަގަނޑު އަޑެއް ކިޔާފައި އެ ސެލްގެ ދޮރު ހުޅުވިގެން ދިޔައެވެ.އެ އަޑަށް ލޯ މަރައިގެން އޮތް ފިރާތް އޭނާގެ ދިގު އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ.”އާދެވިއްޖެދޯ ނީލް.އަހަރެން ހީކުރީ ނީލް އަހަރެން މަތިން ހަނދާން ނެތުނީ ކަމަށް.ނޫނީ މިތާ ތެރޭ ހުންނަ ކޮރިޑޯތައް ގިނަކަމުން ނީލްއަށް މަގު އޮޅި ގެއްލުނީ ކަމަށް”ނީލް އެތެރެއަށް ވަނުމާއެކު ފިރާތް ތެދުވެ އާފުރިލަމުން ބުންޏެވެ.”ފިރާތް ތިހުރީ މިހާރު މި ވަގުތުން ފެށިގެން މިނިވަންވެފަ”ނީލް ފިރާތްގެ މަލާމާތުގެ ބަސްތަކަށް ފަރުވާލެއްނެތި ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Mi part vx vr reethi
Mi part ves vvv reethi when next
Very nice !!!!!!
Mi part ves Varah reethi
When next
Can’t wait
Mi part ves Varah reethi
When next
Mi part ves Varah reethi