Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ޕިޔަދަ 2

svetlana Level 110 Stories100 Login
December 27, 2024 9 Mins Read
2 Comments

“ކާކު..މަރާލަނީއޭ؟”އިވުނު އަޑަކުން ޔޫލިއާ އާއި ރަޝްފާއާއި ދެމީހުނަށް އެއްފަހަރަކާ ސިއްސައިގެން ގޮސް ފަހަތް ބަލައިލެވުނެވެ.

އެއިރު އެ މީހުންނާއި ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ޒާން ކުދި ފިޔަވަޅުތަކެއް އަޅަމުން އެ ދިމާލަށް އާދެއެވެ.ޒާން ފެނުމާއެކު ޔޫލިއާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.ރަޝްފާވެސް ލޮލަށް ޖަމާވި ކަރުނަތައް ހިންދާލީ އޭނާގެ ޅަފަތު މާމަ ދަރިފުޅަށް އެ މަންޒަރު ފެންނަން ނޭދޭތީއެވެ.ކުޑަ ކުޑަ ޒާން ފެނުމުން ޔޫލިއާގެ ހިތް ލޯބިން ފުރުނެވެ.ޒާން ވެފައި ވަނީ މީގެ ހަ އަހަރުކުރިން އޭނާގެ އަނދިރިކަން ވެރިވެފައިވީ ދިރިއުޅުން އަލިކޮށްދިން ނޫރަށެވެ.ރިފްޝާއަށް ނަވާރަ އަހަރުގައި އޭނާއާއި ޝިޔާހުގެ ކައިވެންޏަށް އަހަރެއްވާން ގާތްވެފައި ވަނިކޮށް ޒާން ލިބުނެވެ.އެ ދުވަސްކޮޅަކީ ޔޫލިއާ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފަ ހުރި ދުވަސްކޮޅެކެވެ.އެއިރު ދިމާވި ހާދިސާއެއްގެ ސަބަބުން ނެގިމަޑުވެ ހާސްވެފައި އިނުމަކީ އޭނާގެ އާދައެކެވެ.ނަމަވެސް ޒާން ލިބުނު ފަހުން އެ ތުއްތު ފުރާނައާއި އެކީ ގިނަ ވަގުތު ހޭދަކުރެވެން ފެށުމުން އޭނާގެ މޫނުމަތިން ހިނިތުންވުން ފެންނަން ފެށިއެވެ.އެ ފަހުން އޭނާ ކޮންމެ ދުވަހަކު ޒާން އާއި އެއްކޮށް ވަގުތު ހޭދަކުރެއެވެ.އެއީ އެ ދުވަސްވަރު ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަބަދުމެ އޭނާގެ ސިކުނޑިއަށް އުނދަގޫކުރަމުންދިޔަ ޙިޔާލުތަކުން ދުރުވާން ލިބުނު ފުރުސަތަކަށް ވީތީއެވެ.ދުވަސްތައް ފާއިތުވަމުންދިޔައީ ޒާންއާއި ޔޫލިއާގެ ގުޅުން ގާތްކޮށްދެމުންނެވެ.ޔޫލިއާގެ ހިތުގައި ޒާންއަށް ޓަކައި އޮތް ލޯބި އިތުރުވަމުން ދިޔައިރު ޒާންގެ ދުލުން އެންމެ ފުރަތަމަ ބޭރުކުރި ލަފްޒަކަށް ވެސް ވީ  އޭނާ ޔޫލިއާއަށް ކިޔައި އުޅޭ “ތިއްތި”އެވެ.ޒާންވެސް ޔޫލިއާއަށް ނުހަނު ފޯރިހުރެއެވެ.އަބަދު އެ ދުލުން “ތިއްތި”ނޫން އެހެން ނަމެއް ނީވެއެވެ.ޒާން ލިބުމަށްފަހު ވެސް ރިފްޝާއާއި ޝިޔާހް އެ މީހުންގެ ވަޒީފާތަކާއި ކިޔެވުމުގެ ގޮތުން ބިޒީވުމުން ޔޫލިއާ މެއިޑެއްގެ އަތްމައްޗަށް ޒާން ދޫކޮށް ނުލައި އެ ކުއްޖާއަށް ކޮށްދޭންޖެހޭ ކަންތައް އޭނާ އަމިއްލައަށް ކޮއްދެވޭތޯ ބެލިއެވެ.އެކަން އޮތީ އަދިއަދަށް ދާންދެންވެސް އެގޮތުގައެވެ.އޭނާގެ ތުއްތަގެ ދަރިއަކަށްވުމުން ޒާންއަށް ޔޫލިއާ ވެސް ވަނީ ދަރިކުލުނު ޖެހިފައެވެ.އެ ކުޑަ ކުއްޖާއަށް ޓަކައި ޔޫލިއާގެ ހިތުން އަބަދުވެސް ޙާއްސަ މަޤާމެއް ދެވިފައިވެއެވެ.

“ތިއްތި އާއި މާމަ ސީކްރެޓް ޓޯކް ކުރަނީ.ޑެޑީ ބުނީ ތިއްތި މޯލްޑިވްސް އަށް ދަނީއޭ.ޒާންވެސް ބޭނުން ވެކޭޝަންއަށް މޯލްޑިވްސް އަށް ދާން”ޒާން މާޔޫސްވެފައިވީ މޫނަކާއެއްކޮށް ޔޫލިއާ ކުރިމައްޗަށް ހުއްޓެމުން ބުންޏެވެ.ހުދުދޮން ހަންގަނޑެއް ލިބިފަައިވާއިރު ޒާން ހުންނަނީ ނުހަނު ލޯބިކޮށެވެ.ކަޅުކަންގަދަ ފަން އިސްތަށިގަނޑު ދިގުކުރެވިފައިވާއިރު ބަލައިލަން ނުހަނު ރީއްޗެވެ.ލައިގެން ހުރި ނޫކުލައިގެ ސިލްކް ޕިޖާމާއިން ޒާން އެ އައީ ދެންމެ ހޭލައިގެންކަން އިނގެއެވެ.އަދިވެސް ތުނިކޮށް ސްނޯ ވެހެމުން ދިޔައީތީވެ ޒާން ހުރީ ނިދި މޫޑެއްގައެވެ.ޒާން އަކީ ފިނި މޫސުމުގައި ނުހަނު ގަދަޔަށް ނިދާ ކުއްޖެކެވެ.އެއޮތް ފިނީގައި ހަމައެކަނި ޕިޖާމާއެއްގައި ހުރުމުން ރަޝްފާ ކަންބޮޑުވީ ޒާން ފިނިވެ ރޯގާ ޖެހިދާނެތީއެވެ.އޭނާ އަވަސްއަވަހަށް ކަރުގައި އޮޅާފައި އޮތް ހުދުކުލައިގެ ސްކާފް ނަގައި ޒާންގެ ކަރުގައި އަޅުވާލިއެވެ.އެޔާއެކު ޒާން ބަލާލީ ރަޝްފާއަށެވެ.”ނޫން މާމަ ދޫނީ.ތިއްތި އެ ދަނީ ވެކޭޝަންއަކަށް ނޫނޭ.ތިއްތި އެ ދަނީ ވަރަށް މުހިއްމު ކަމަކު މޯލްޑިވްސްއަށް”ރަޝްފާ ބުންޏެވެ.”ނޫން ތިއްތީ.ތިއްތި ނުދާނެ ޒާން ބަހައްޓާފަ.ޒާން ބޭނުން ހުރިހާ ކުދިން ރިސޯޓަށް ދާން.ކުރީ ފަހަރު ޑެޑީމެން އެންމެން ރިސޯޓަށް ގޮސް ސޭންޑް ކާސަލް ހެދީ.ޒާން ބޭނުން ތިއްތި އާއި އެއްކޮށްވެސް ދާން”ޒާން ތުން އޫކޮށްލަމުން ބުނިގޮތުން ޔޫލިއާއަށް ހެވުނެވެ.އެ އާދޭސްތައް އަހާފައި ދަތުރު ނުދާންވެސް ހިތައް އެރިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ދެފަރާތައް ބޯހޫރާލެވުނީ އޭނާ ރާއްޖެ ދިއުމުގެ މަޤްސަދު ހަނދާންވުމުންނެވެ.އޭނާ ޒާންއާއި އެއް ހަމަޔަކަށް ތިރިވަމުން ޒާން ގެނެސް ގަޔާއި ކައިރިކޮށްލިއެވެ.”ތިއްތިގެ ޕްރިންސް ތި އުޅެނީ ޢުމްރާއަށް ދާށެއްނު.ޕްރިންސްގެ މަންމި،ޑެޑީ،މާމަ.ހުރިހާ ކުދިން އެ ދަނީ ޕްރިންސް ގޮވައިގެން މައްކާއަށް ދާން.ތިއްތިއާއި އެއްކޮށް ދާނެ އެއްވެސް މީހެއް ނުވި. އެހެންވީމަ ތިއްތިގެ ޕްރިންސް ކިހާ ލަކީ”ޔޫލިއާ ބުނުމާއެކު ޒާން ދެފަރާތައް ބޯހޫރާލިއެވެ.

“ނޯ.ކީއްވެ ތިއްތި ނުދަނީ؟”ޒާން ބުންޏެވެ.”އެއީ ތިއްތި ބިޒްނަސް ޓްރިޕަކަށް ދާން ޖެހޭތީ.އަންނަމުން ޕްރިންސްއަށް ހެލިކޮޕްޓަރ އެއް ގެންނާނީ އިނގޭ”ޔޫލިއާ ޒާންގެ ނިތުގައި ބޮސް ދެމުން ބުނުމާއެކު ޒާން “ޔޭ” އޭ ކިޔައި ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ.ޒާން ގޮސް ނިވާވުމާއެކު ޔޫލިއާއަށް ބަލައިލެވުނީ ރަޝްފާއާއި ދިމާލަށެވެ.ދެން ފެނުނީ ދުވެފައި ގޮސް ރަޝްފާގެ ގައިގައި އޮޅު ލައިގަތް ތަނެވެ.އިސާހިތަކު މުޅި މާހައުލުގައި ގުގުމާލީ ޔޫލިއާގެ ރުއިމުގެ އަޑެވެ.ޒާން ހައްލާލުމަކީ ފަސޭހަކަމެކެވެ.އޭނާގެ އަމިއްލަ ހިތްވެސް ހަމަ އެހާ ފަސޭހައިން ހެއްލޭނެ ނަމައޭ ޔޫލިއާގެ ހިތައް އެރިއެވެ.މާޒީގައި ހިނގައިދިޔަ ހާދިސާގެ ސަބަބުން ހިތުގައި ލެވުނު ޒަޙަމްތައް އެ ހިތި ހަނދާންތަކުގެ ބަދަލުގައި ބިލާހަކަށް ވާނޭ ބިރުވެރި ހުވަފެނަކަށް ވީ ނަމަވެސް ފަސޭހަވާނެއޭ ޔޫލިއާގެ ހިތައް އެރިއެވެ.ނޫންނަމަ އޭނާއަށް އެ ހިތި ހަޤީގަތް ދުނި ްުއުމުރަށް ހަނދާން ނައްތާލެވިދާނެ ނަމައެވެ.ނަމަވެސް އެއީ އޭނާ ދިރިހުރިހާ ހިނދަކު ނުވާނެ ކަމެކެވެ.އެހެނީ އެ މާޒީއަކީ އޭނާގެ ދިރިއުޅުމުގެ އަސްލާއި ގުޅިފައިވާ ބަޔަކަށް ވާތީއެވެ.ވީއިރު އެ ހަޤީގަތާއި ކުރިމަތިލުން ނޫން ގޮތެއް އެއިރުވެސް މިހާރުވެސް އޭނާއަކަށް ނެތެވެ.އޭނާއަށް ޖެހޭނީ މާޒީ ޤަބޫލުކުރާށެވެ.ޔޫލިއާގެ ޙިޔާލުތައް މި ފަދަ ގޮތަކަށް ހުރިއިރު ރަޝްފާ ކެތްތެރިކަމާއެކު ޔޫލިއާގެ ގައިގައި ބައްދާލައިގެން އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.ބޭރުފުށުން ކަރުނައިގެ އަސަރެއް ދައްކާނުލިއަސް ރަޝްފާގެ ހިތްވެސް ދިޔައީ ރޮމުންނެވެ.”ހުއްޓާލާ ދަރިފުޅާ.މިއީ ހިތްވަރުކުރަންވީ ވަގުތު.ރިމެމްބާ،ޔޫ ހޭވް ބީން ވެއިޓިންގް ފޯރ ދިސް.ހިތްވަރުކުރަންވާނެ.އާންޓްގެ ސްޓްރޯންގް ޑޯޓާ”ރަޝްފާ ދެއަތުން ޔޫލިއާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން ބުނިއިރު އެ ދެލޮލުން ފެނުނު ކުލަވަރުން ޔޫލިއާގެ ހިތުގައިވީ ޢަޒުމް އިތުރަށް ވަރުގަދަވި ކަހަލައެވެ.”ޔޫ އަރ ރައިޓް.މިއީ ހިތްވަރުކުރަންވީ ވަގުތު”ޔޫލިއާ އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން ބުންޏެވެ.ރަޝްފާ ޔޫލިއާގެ ނިތުގައި ބޮސްދެމުން އެ އަތުގައި ހިފައިގެން އަވަހަށް ގޭތެރެއަށް ވަންނަން ހިނގައިގަތީ ޔޫލިއާއަށް ފިނިވެދާނެތީއެވެ.”ސަމަންތާ.ސަމަންތާ!ޔޫލީއަށް ހޮޓް ޗޮކްލެޓް ގިރައިދީބަލަ”ރަޝްފާ އެތެރެއަށްވަދެ ގައިން ސްނޯތައް ފޮޅާލަމުން ސިޓިންރޫމަށް ދަމުން ގޮވާލިއެވެ.ޔޫލިއާ އިތުރު އެއްޗެއް ބުނުމެއްމެތި ސިޑިން މައްޗަށް އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

****

ހަވީރުގެ ވަގުތެވެ.ރާއްޖެއަށް އިރުވައި މޫސުން އައިސް ފަޒާގައި ތެތް ފިނިކަމެއް ހިފާލާފައި ވެއެވެ.މިއަދު ހެނދުނާއި ހަވީރާއި ދެމެދު ޔަޤީނުންވެސް ވާރޭ ވެހިފައިވާކަން ދޭހަކޮށްދެނީ މަގުމަތީގައި ހެދިފައި ހުރި ޗަކަ ފެންގަނޑުތަކުންވެ.އާޓިފިޝަލް ބީޗުގެ ހުދު ދޮންވެލިގަނޑު މަތީގައި ކުދި ފިޔަވަޅުތަކެއް އަޅަމުން ރޭހާން ކުރިއަށް ދިޔައެވެ.ގަޑިން ފަހެއް ޖެހުމާއި ގާތްވަމުން ދިޔައިރު މާހައުލު އިތުރަށް ފިނިވާން ފެށުމުން ރޭހާން ލައިގެން ހުރި ކަޅުކުލައިގެ ކޯޓުގެ ޖީބަށް އަތް ޖަހާލިއެވެ.އިރު އިރު ކޮޅާ ފޯނުން ގަޑި ބަލާލާ ގޮތުން އޭނާ އެ ހުރީ މީހެއްގެ އިންތިޒާރުގައިހެން ހީވެއެވެ.މާ ގިނައިރު ވާން ފެށުމުން ރޭހާން އެތާ ހުރި ބެންޗެއްގައި ޖައްސާލިއެވެ.އިރުކޮޅެއް ފަހުން އޭނާ އިސްއުފުލާލީ ކުރިމަތީ އޮތް ވެލިގަނޑަށް އެޅުނު މީހެއްގެ ދިގު ހިޔަނި ފެނުމުންނެވެ.”ޔޫ އަރ ލޭޓް”ބެންޗާއި ތަންކޮޅެއް ދުރުގައި ހުއްޓި ހުރި އޭނާގެ އެސިސްޓެންޓް ލޫނާ ފެނުމުން ރޭހާން ބުންޏެވެ.”އެއީ އިރުކޮޅެއް ކުރިން އައި މެއިލްއެއް ޗެކްކޮށްލީ”ލޫނާ މިހެން ބުނެ ރޭހާންއާއި ޖެހިގެން ތަންކޮޅެއް ދުރުގައި އިށީނެވެ.ލޫނާގެ ޖުމްލައިން ރޭހާންއަށް ނިތް އަރުވާލެވުނެވެ.”ކޮން މެއިލްއެއް؟އާ ކްލައިންޓެއްތަ؟”ރޭހާން ބުންޏެވެ.”އާނ.އެއީ އިނގޭދޯ ނޯރާ.ފްރޮމް ވައިވޮނިކް.ޝީ….”ލޫނާ ވައިވޮނިކް އޭ ބުނުމާއެކު ރޭހާންގެ ދެލޯ ބޮޑުވިއެވެ.ވައިވޮނިކްއޭ ބުނުމުން ނޭނގޭ މީހަކު ނުހުންނާނެއެވެ.އެއީ ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ފެޝަން ބްރޭންޑެކެވެ.އެ ކުންފުނީގެ ވެރިޔާއަކީ އޭނާ އަޑުއަހާފައިވާ ގޮތުން ދުނިޔޭގެ މަލްޓި މިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދާފައިވާ ޒުވާން ވިޔަފާރިވެރިއެކެވެ.ލޫނާ އެ ދެއްކީ ވައިވޮނިކްގެ މާލޭ ގޮފީގެ ހެޑް ޑިޒައިނަރގެ ވާހަކައެވެ.އޭގެ އިތުރުން އެއީ މަޝްހޫރު މޮޑެލްއެއްވެސް މެއެވެ.ނޯރާ ކަހަލަ މީހަކު ވަކީލަކަށް މެއިލްއެއް ފޮނުވަން މެދުވެރިވީ ސަބަބަކާއި މެދު ރޭހާންގެ ހިތުގައި ސުވާލު އުފެދުނެވެ.

“ކީއްވެބާ ނޯރާ މަށާ ބައްދަލުކުރަން ބޭނުންވަނީ؟”ރޭހާންގެ ހިތުގައި އޮތް ޖުމްލަ ނޭނގި ހުއްޓާ ދުލާއި ހަމަޔަށް އައީ ލޫނާގެ ޖުމްލަ މެދުކަނޑާލަމުންނެވެ.އެއާއެކު ލޫނާގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.އެ މަންޒަރު މޫދާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ފުން ވިސްނުމަކަށް ގެއްލިފައި އިން ރޭހާންއަކަށް ނުފެނެއެވެ.”ހޫ ނޯސް.މޭބީ ނޯރާއަށް ސަރ ކަމުދިޔައީ ކަމަށް ވެދާނެއެއްނު.ސަރ އަކީ މަޝްހޫރު ލޯޔާއެއް ވިއްޔާ.ކޮންމެ މަހަކުހެން ޤާނޫނީ ވަކީލު ރޭހާން އަހުމަދު އަބަދު ނޫސްތަކުން ޖާގަ ހޯދާ ވިއްޔާ.ދެން ނޯރާއަކީ ސޯޝަލް މީޑިއާއާއި ގާތް މީހަކު ވީމަ ޔޫ ނޯ…؟”ލޫނާގެ ވާހަކަ ހުރިގޮތުން ރޭހާންގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ.”ޕިސް ޕިސް.މި ލޫނާ އަބަދުވެސް ހުންނާނީ މަށާއި ކޮންމެވެސް އެއް އަންހެނަކާއި އަޅުވާކިޔާނެ ޗާންސެއް ނުލިބިފަ”ރޭހާން ތުންފިއްތާލަމުން ބުނި ގޮތުން ލޫނާގެ ގާތައް ހިނި އައެވެ.”ވަޓްއެވަރ.ދަ ކުއެޝަން އިޒް،ވައި ޑަޒް ޝީ ވޯންޓް ޓު ސީ މީ؟”ރޭހާން ސީރިއަސް ރާގަކަށް އެއްސެވެ.”އައި ސީރިއަސްލީ ޑީކޭ ސަރ.އެކަމަކު ހީވަނީ ވަރަށް އާޖެންޓްހެން.އިހައް މީތި ޗެކްކޮށްލާ”ލޫނާ ވެސް މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން އަތްދަބަހުން ޓެބްލެޓެއް ނަގާފައި ރޭހާން އަތަށް ދެމުން ބުންޏެވެ.އޭތި ހުޅުވާލުމާއެކު އޭނާގެ ނިތައް ރޫ އަރައިގެން ދިޔައެވެ.

****

މެންދުރު ނަމާދުކޮށްގެން ޖައްސާލިގޮތައްް ޔޫލިއާއަށް ހޭލެވުނީ ތިނެއް ޖަހާ ބޮޑުވި ފަހުންނެވެ.މިވަގުތު އޭނާ އުޅުނީ މިރޭ ފުރަންވާ އިރަށް ފޮއްޓަށް އެއްޗެހި އެޅުމުގައެވެ.ޔޫލިއާ ވޯކް އިން ކްލޯސެޓުން އޭނާ ބޭނުންވާ ހެދުންތައް ނަގަމުން ދިޔައިރު އޭނާގެ ޕާސަނަލް މެއިޑް ކްރިސްޓާ ފަރުވާތެރިކަމާއެކު ހެދުންތައް ފަތް ޖެހުމާއިގެން އުޅުނެވެ.ޔޫލިއާ ކްލޯސެޓުން ބައިވަރު ހެދުންތައް ގެނެސް އެނދުމައްޗަށް އަޅާލިތަނާ ޒާން ދުވެފައި އައިސް އެ ކޮޓަރިއަށް ވަނެވެ.ޒާން ފެނުމާއެކު ޔޫލިއާ ކްރިސްޓާއަށް ދިއުމަށް އިޝާރާތްކުރުމަށް ފަހު އަނެއްކާވެސް ގޮސް ކްލޯސެޓަށް ވަނެވެ.ފަހަތުން ޒާންވެސް ވަނެވެ.އޭނާ އެތަނަށް އެ ވަނީ އަލަށްކަމުން ޒާން ހުރީ އެ ތަނުގައި ހުރި އަންނައުނާއި ފައިވާންތަކުގެ އަދަދު ގިނަކަމުން އަޖައިބުވެފައެވެ.ދެފަރާތުގައި ބިއްލޫރި ކަބަޑުތައް ޖަހާފައިވާއިރު އެކި ބްރޭންޑްތަކުގެ ގަހަނާތަކާއި،ގަޑިތަކާއި،ފައިވާންތަކާ ބޫޓުތަކުގެ އިތުރަށް އަތްދަބަސްތަކާއި ހެދުންތައް ތަރުތީބުކުރެވިފައި ހުއްޓެވެ.

“ތިއްތީ.ތިއްތި މޯލްޑިވްސް އަށް މޫވް ކުރަނީތަ އެހާ ބައިވަރު ކްލޮތްސް ގެންދަނީ؟”ޒާން އެތަނުން ނުކުތުމާއެކު ޔޫލިއާގެ އެނދުމަތީގައި ފުނިޖެހިފައި ހުރި ހެދުންތައް ފެނުމުން އެއްސެވެ.”ނޫނޭ ޒާން.ތިއްތި ވޯކްކުރަން ވެގެން ކުޑަ ދުވަސް ކޮޅަކަށޭ ދަނީ”ޔޫލިއާ އަތުގައި ތިބި ފައިލުތައް ފޮށީގެ އެއްް ބަޔަށް އަޅާލަމުން ބުންޏެވެ.”އެކަމަކު މަންމި ބުނީ ތިއްތި ދަނީ ބޭޑް ގައިސް އާއި ފައިޓް ކުރާށޯ.އެ މީހުން ތިއްތިއަށް ހާޓް ކޮށްފިއްޔާ ޒާން ވަރަށް ދެރަ ވާނެ”ޒާން ދެން ބުނި ވާހަކައިން ޔޫލިއާގެ ހަރަކާތްތައް މަޑުޖެހުނެވެ.ހަޤީގަތުގައި ވެސް ޒާން އެ ބުނީ ތެދެކެވެ.ނަމަވެސް ޔޫލިއާ ކުޑަ ކުޑަ ޒާންގެ ކުރިމަތީގައި އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ.ޒާންއަށް  އެނދުމަތީގައި އޮތް ޔޫލިއާގެ ކަޅު ކުލައިގެ ލޫބޯޓިން ހީލްއެއް ފެނުމުން އެއީ ކޯއްޗެއްތޯ ދެނެގަތުމުގެ ޝަޢުޤު އޭނާގެ ޅަ ހިތުގައި އުފެދުނެވެ.އޭނާ ގޮސް އެ ނަގައި އެއީ ކޯއްޗެއްތޯ ޔޫލިއާ ގާތުން ސުވާލުކުރިއެވެ.”މީ ކޯއްޗެއް ތިއްތީ.މިއީ އެ މީހުން ގަޔަށް ހަރަން ބޭނުންކުރާ ތޫނު އެއްޗެއްތަ؟”ޒާން މިފަހަރު ބުނި ވާހަކައިން ޔޫލިއާގެ ގާތައް ހިނި އައި ނަމަވެސް އެކަން ނުދައްކާ ޖަވާބުދިނެވެ.”އޮފް ކޯސް.ހައި ހީލްސް އަކީ ތިއްތިގެ ސީކްރެޓް ވެޕަންއެއް”ޔޫލިއާ އެހެން ބުނިއިރު އެ ދެލޮލުން ހިނދުކޮޅަކަށް ނަމަވެސް  ނުރައްކާތެރި ވިދުވަރެއް ފާޅުވިއެވެ.ޔޫލިއާގެ ޖަވާބު އިވިފައި ޒާންގެ ދެލޯ ބޮޑުވިއެވެ.އޭނާ އޭގެ ފައި ކޮއްޕާ ބައިގައި ހިފައިގެން ހުރެ ކަށި ބައި ވައިގެތެރޭގައި މީހެއްގެ ގަޔަށް ވަޅި ހަރަން އުޅޭހެން ހަރަކާތްކުރަމުން ދިޔައެވެ.”ޔޭ.އައި އޭމް ސުޕަރ ޒާން”ޒާން އެހެން ބުނެ ފިލްމު ތަކުން ފެންނަ ކަހަލަ ހީރޯ ޕޯސްއެއް ޖައްސާލުމުން ޔޫލިއާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.ދެ ފަރާތައް ބޯހޫރާލުމަށްފަހު ހެދުންތަކުގެ ތެރެއިން ސްކާފެއް ނަގައި ފޮއްޓައް އަޅަން އުޅެނިކޮށް ޒާން އެނދުމަށްޗަށް އަރައި ޔޫލިއާގެ އަތުން އޭތި އަތުލަމުން ކަރުގަައި އަޅާލިއެވެ.”ޔޭ.ޒާން ރެޑީ.ކޮން އިރަކު ދަނީ؟”ޒާން ބުންޏެވެ.”ނޯ ޒާން.ތިއްތި ބުނީމެއްނު މި ފަހަރު ޒާންއަކަށް ނުދެވޭނޭ.ޒާން ގޮއްސިއްޔާމުން ދެން ކާކު ޒާން މަންމި އާއި މާމަމެން ބަލާނީ؟”ޔޫލިއާ ވެސް ހަމަ އެ ރާގުގައި ބުންޏެވެ.”ޒާން މަންމި ވަރަށް ބޯރިންގް.ތިއްތި އަތުގަ ހުންނަ ކަހަލަ ސީކްރެޓް ވެޕަން މަންމި ނުގެންގުޅޭ”ޒާން އެހެން ބުނުމާއެކު ޔޫލިއާއަށް އަނެއްކާވެސް ހެވުނެވެ.ރިފްޝާއަށް އެ ވާހަކަ އަޑުއިވުނުނަމަަ އޭނާގެ މޫނު ހުންނާނެ ގޮތް ޙިޔާލަށް ގެނެވުމުން ޔޫލިއާއަށް އިތުރަށް ހެވުނެވެ.އަދި ޒާން އެ ގޮތުގަައި ހުރެ އެނދުމަތިން ފުންމާލުމުން ޔޫލިއާ ފަތްޖަހާފައި ހުރި ހެދުން ބަރިތައް ވެއްޓުނެވެ.އެކަމުން ޔޫލިއާ ރުޅިނައިނަމަވެސް ރުޅިއައި ކަމަށް ހެދެމުން ވާހަކަ ދެއްކިއެވެ.”ޒާން!ކީއްތިކުރީ؟ބޭޑް ގައިސް އަށް ވުރެ ޒާން މާ ބޭޑް”ޔޫލިއާ ލޯ ހަނިކޮށްލަމުން ބުންޏެވެ.

“ސޮރީ ތިއްތީ.ޒާން އުޅުނީ ތިއްތިގެ ޕޭޝަންސް ޓެސްޓް ކުަރަން”ޒާން ލާނެތް ހިނިތުންވުމަކާއެކު ބުންޏެވެ.އެޔާއެކު ޔޫލިއާ މަޖާވެފައި އެނދުމަތިން ބާލީހެއް ނަގައި ޒާންގެ ބުރަކަށީގައި އޭގެއިން ބޮޑިއެއް އަޅާލިއެވެ.”އޯކޭ ސުޕާ ޒާން.ތިއްތިގެ ޕޭޝަންސް ހުސްވާން ކައިރިވަނީ މިހާރު.ޒާން ފޮއްޓައް ލާފަ ތަޅު ނުލަނީސް ދޭ މަންމި ކައިރިއަށް”ޔޫލިއާ ނުހޭން މަސައްކަތް ކުރަމުން ބުންޏެވެ.”އޯކޭ.އެކަމަކު ޒާން އަށް އެ ހެލިކޮޕްޓާ ގެންނަ މަތިން ދާނީ”ޒާން މަޑު ހުނުމަކާއެކު ބުންޏެވެ.”ޑީލް.ދެން ދޭ”ޔޫލިއާ ބުނުމާއެކު ޒާން އޭނާ ނެގި ސްކާފް ފަހަތުން ކަރުގައި ރަނގަޅަށް ބަނދެލަމުން އެނދުން ފޭބިއެވެ.ދެން ފެނުނީ ދުވެފައި ގޮސް އެ ކޮޓަރިން ނުކުތް ތަނެވެ.”މާމާ މާމާ.އައި އޭމް ސުޕާ ޒާން”ކޮރިޑޯތެރެއިން ޒާން ބުނި އަޑު އިވުމާއެކު ޔޫލިއާ މިއޮތް ހުރިހާ އިރު ނުހޭން ކުރި މަސައްކަތް ބޭކާރުވެގެން ދިޔައެވެ.ހިނިތުންވުމަކާއެކު އޭނާ އެނބުރި ކުރަން ހުރި މަސައްކަތައް ރުޖޫޢަ ވިއެވެ.

****

އަތުގައި އޮތް ޓެބްލެޓުގެ ސްކްރީނުން ފެންނަމުން ދިޔަ މެއިލް ކިޔަމުން ދިޔަ ވަރަަކަށް ރޭހާންގެ މޫނުަމަތީގެ ކުލަވަރު ބަދަލުވަމުންދިޔައެވެ.”އޯހް ނޯ.މެޑަމް ޔޫލިއާ ހަސަން ކީއްްވެ އެ އަންނަނީ؟”ރޭހާންއަށް ހައިރާންކަމެއް ލިބުނީ ޔޫލިއާ އަކީ ވައިވޯނިކްގެ ސީ.އީ.އޯ އަށް ވެފައި މެއިލްގައި ޔޫލިއާ އޭނާއާއި އެއްކޮށް ބައްދަލުވުމަކަށް ދާން ބޭނުންވާ ވާހަކަ ލިޔެފައި އޮތުމުންނެވެ.ނޯރާގެ ނަމުގައި އެ މެއިލް ލިޔެފައި އޮތަސް އޭނާއަށް ނޯރާ މެއިލްކުރީ ޔޫލިއާގެ އެދުމުގެ މަތިންކަން ދޭހަވުމުން ރޭހާން ހިސާބަކަށް މާޔޫސްވިއެވެ.އޭނާ ހަޤީގަތުގައިވެސް ހީކޮށްގެން ހުރީ ނޯރާ އޭނާއާއި އެކު ބައްދަލުވުމަކަށް ދާންވެގެން މެއިލްކުރި ކަމަށެވެ.ތަފާތު މައްސަލަތަކާއިގެން އަންނަ ކްލައިންޓުންނާއި އޭނާ ބައްދަލުކުރަން ނުޖެހޭ ދުވަހެއް މަދުވާނެއެވެ.ނަމަވެސް ނޭނގޭ ސަބަބަކާއި ހުރެ ޔޫލިއާ އޭނާއާއި ބައްދަލުކުރަން ބޭނުންވަނީ އާދައިގެ ކަމަކު ނޫންކަމަށް ރޭހާންގެ ހަވަނަ ޙިއްސު ސިގްނަލް ދިނެވެ.ސަބަބަކީ ޔޫލިއާ އާއި ބެހޭ ގޮތުން ވިޔަފާރި ދުނިޔޭގައި އޭނާއަށް އެތައް ވާހަކައެއް އަޑުއިވިފައި ވާތީއެވެ.ޔޫލިއާއަކީ ޔޫރަޕުގެ ޒުވާން ވިޔަފާރިވެރިންގެ ތެރެއިން ގުނާލެވޭ އިއްޒަތްތެރި ކަނބަލެކެވެ.އަދި އޭނާގެ ވަރުގަދަ ނެޓްވޯކްތަކާއި ސިޔާސީ އެތަކެއް ވަރުގަދަ ޝަޙުސިއްޔަތުތަކާއި ގުޅުން އޮންނަކަމަށް އަޑުއަރާފައި އޮވެއެވެ.”މާދަން ކޮން ވަގުތެއްގަ މީޓިންގް ހަމަޖައްސަންވީ؟”ލޫނާގެ އަޑަށް ސްކްރީނަށް ގެއްލިފައި އިން ރޭހާންއަށް ކުއްލިއަކަށް އިސްއުފުލާލެވުނެވެ.”އަމް…މާދަން ރޭގަނޑު 8:00 އަކަށް”ރޭހާން މިހެން ބުނެ ލޫނާ އަތަށް ޓެބްލެޓު ދިނުމާއެކު ލޫނާ ބޯޖަހާލަމުން ތެދުވެގެން ދިޔައެވެ.

ލޫނާ ދިޔަކަން ޔަޤީންވުމާއެކު ރޭހާން ކޮޅަށް ތެދުވެ ވެލިގަނޑުމަތީގައި ދެކޮޅު ދެކޮޅަށް ހިނގަން ފެށިއެވެ.އެވަގުތު އޭނާގެ މޫނުމަތިން ހާސްކަން ފެންނަންހުއްޓެވެ.“އޯ މައި ގޯޑް.ކީއްވެތަ މި ވަގުތު އެ އަންނަނީ؟އަހަރެންގެ ފަރާތުން ކޮން ކަމެއް ބޭނުންވެގެންތަ އެ އުޅެނީ؟އެ އާއިލާ ރާއްޖެ ދޫކޮށް ދިޔަތާ އެތައް އަހަރެއް ވެއްޖެ.ވީއިރު ޔޫލިއާ މެޑަމް…އަނެއްކާ…”ހިތައް ވެރިވި ޙިޔާލެއްގެ ސަބަބުން ރޭހާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.”އަނެއްކާ ޔޫލިއާއަށް ފިރާތުއާއި ބެހޭގޮތުން އެނގެނީހެއްޔެވެ؟އޭނާއާއި ފިރާތުގެ ގުޅުން އެނގެނީހެއްޔެވެ؟”ރޭހާންއަށް ދެފަރާތައް ބޯހޫރާލެވުނެވެ.”ނޫނެކެވެ.މިވާނީ ކޮންމެވެސް އެހެން ސަބަބަކާއި ހުރެ ޔޫލިއާ އޭނާއާއި ބައްދަލުކުރަން ބޭނުންވުމެވެ.އެކަމަކު އޭނާއަށްވުރެ މާ މަޝްހޫރު މާ ތަޖުރިބާކާރު ވަކީލުން ރާއްޖޭގައި އެބަ ތިއްބެވެ.ވީއިރު ޔޫލިއާ އޭނާއާއި ބައްދަލުކުރަން އެ އެދުނީ ކީއްވެހެއްޔެވެ؟ރޭހާން ޖީބުގައި އޮތް ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އެއްޗެއް ވިސްނުނުހެން އޭނާ ފޯނު ކަނޑާލީ ރިންގުވާން ފެށުމުގެ ކުރިންނެވެ.”ނޫން.އަދި ފިރޫ ކައިރިއަކު ނުބުނެވޭނެ.އަހަންނަށް ޔޫލިއާ ރާއްޖެ އައުމުގެ މަޤުސަދު ނޭނގެނީސް ފިރާތުއަށް އެނގިގެން ނުވާނެ”ރޭހާން އަމިއްލަ ނަފްސަށް އިވޭވަރަށް ބުނުމަށްފަހު ދާން ހިނގައިގަތެވެ.

****

އާދުވަހަކަށް އިރުއެރީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަތައް ޖައްސަމުންނެވެ.ރަޝިއާ ގަޑިން އަށް ގަޑި ބައި ވީއިރު ޔޫލިއާގެ އާއިލާ ތިބީ އޭނާ ފުރުވުމަށްޓަކައި އެއާޕޯޓަށް އައިހެވެ.އެތެރެއިން ރަތްކުލައިގެ ޓޮޕަކާއި ނޫކުލައިގެ ކެޕްރި ޕޭންޓްސްއެއް ލައިގެން ހުރިއިރު މަތިން އޭނާ ހުރީ ކަޅުކުލައިގެ ކަކުލާއި ހަމަޔަށް އަންނަ ކޯޓެއް ލައިގެންނެވެ.ކޯޓުގެ ގިރުވާނު ހުދާއި ކަޅުގެ ކެހެރިތަކުން ފަރުމާއި ކުރެވިފައިވާ އިރު ޔޫލިއާ ރީތިކަމުން ހީވަނީ މޮޑެލްއެއްހެންނެވެ.ފަން އިސްތަށިގަނޑު މައްޗަށް ނަގައި ހުޅި ޖަހާފައިވާއިރު އަތުކުރި ފަޅުފިލުވާލެވިފައިވަނީ ރަންކުލައިގެ އަގުބޮޑު ރޮލެކްސްއަކުންނެވެ.ލޫބޯޓިން ހައި ހީލްއަކަށް އަރައިގެން ހުރިއިރު އެއް އަތުގައި ލޫއި ވިޓޯން ދަބަހެއް އަޅުވާލެވިފައިވެއެވެ.”ތިއްތި.ޒާންއަށް ބައިވަރު ސީޝެލްސް ގެންނައްޗޭ އިނގޭ”ރިފްޝާގެ އުރުގައި އިން ޒާން އޭނާގެ ޅައަޑުން ރަޝިއާ ބަހުން ބުނުމާއެކު ޔޫލިއާއަށް ހީލެވުނެވެ.”ޔޫލީ.ޑޯންޓް ފޯގެޓް.މުޅި އާއިލާ މިތިބީ ޔޫލީއާއި އެއްކޮށް.ޔޫ އާ ނޮޓް އެލޯން”ރިފްޝާ ޔޫލިއާގެ ގައިގައި ބައްދާލަމުން ބުނުމާއެކު ޔޫލިއާ ޒާންގެ ކޮލަށް ދޮނެއް ދެމުން ބޯ ޖަހާލިއެވެ.ދެން އޭނާ ބަލައިލީ ރަޝްފާއަށެވެ.ކަޅުކުލައިގެ ކެހެރި ކޯޓަކާއި ޖީންސެއް ލައިގެން ހުރި އިރު އިސްތަށިގަނޑުވެސް ވަނީ ހަމަ އެ ކުލައިގެ ޝޯލްއަކުން ނިވާކުރެވިފައެވެ.ރަޝްފާ މަޑު ފިޔަވަޅުތަކެއްގައި ފަސް ވަރަކަށް ފޫޓު ދުރުގައި ހުރި ޔޫލިއާ ގާތައް ގޮސް ހުއްޓުނެވެ.

“ދަރިފުޅާ.ބަލައިގެން އުޅެއްޗޭ.އާންޓް ކިޔައިދިނީމެއްނު ދަރިފުޅަށް އެއީ ކިހާވަރެއްގެ މީހެއްކަން.އޭނައާއި ކުރިމަތި ލެވޭނީ ވަރަށް ހިތްވަރުކޮށްގެން”ރަޝްފާ ޔޫލިއާގެ ގައިގައި ބައްދާލަމުން ބުންޏެވެ.އެއިރު ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރި ޝިޔާހް ޒާންގެ އަތުގައި ހިފައިގެން އެ ދިމާލަށް އާދެއެވެ.ކަޅުކުލައިގެ ޓީޝާޓު މަތިން މުށިކުލައިގެ ކޯޓެއް ލައި ކަޅުކުލައިގެ ޖިންސެއްގައި ހުރިއިރު ޝިޔާހް ފެންނަލެއް ނުހަނު ރީއްޗެވެ.ގުދުރަތުން ލިބިފައިވާ ފަން ބްލޯންޑް އިސްތަށިގަނޑު ވަޔަށް ވިހުރެމުން ދިޔައިރު ބަލާލަން ނުހަނު ރީއްޗެވެ.ކައިރީގައި ހުރި ޒާންވެސް ހަމަ އެފަދައެވެ.ރިފްޝާގެ ދިގު އިސްތަށިގަނޑުގެ ކަޅުކަން ވާރުތަކޮށްފައިވާއިރު ބޯ މަތިން އަޅާފައިވާ މުށި ކުލައިގެ ބީނީ ކެޕް އެ ވަށް މޫނާއި ނުހަނު ގުޅެއެވެ.މުށި ކުލައިގެ ކެހެރި ހޫޑީއާއި ސްވެޓް ޕޭންޓްސްގައި ޒާން އެކޭ ކުޑަ ކުޑަ މޮޑެލް އެކޭ ތަފާތެއް ނެތެވެ.ރިފްޝާގެ އިސްތަށިގަނޑު ފިޔަވައި ބާކީ އެހެން ހުރިހާ ސިފައެއް ވާރުތަކޮށްފައި ވަނީ ޝިޔާހްގެ ފަރާތުންނެވެ.ޝިޔާހުއަށް ބަލައިފި މީހަކު އޭނާއަކީ ކުޑަ ކުއްޖެއްގެ ބައްޕައެކޭ ނުބުނާނެއެވެ.ޒާން އާއި ދެ މީހުން އެއްކޮށް ފެނިއްޖެނަމަ ގިނަ މީހުންނަށް އެ ދެބަފައިން ސިފަކުރެވެނީ ބައްޕައާއި ދަރިފުޅަށް ވުރެ ބޮޑަށް އެއްބަޑު އެއްބަފާ ދެބެއިންގެ ގޮތުގައެވެ.ވާނީވެސް އެހެން ނޫންހެއްޔެވެ.ޝިޔާހުއަށް އަދި ކިރިޔާ ސައުއްވީސް އަހަރު ފުރިފައިވާއިރު އޭނާގެ ޒުވާންކަން އެކުލެވިގެންވީ ހަށިގަނޑާއި މޫނުމަތިން އެކަމަށް ހެކިދެއެވެ.ޝިޔާހުއާއި ރިފްޝާ އުޅުނީ ސްކޫލް ދައުރުއްސުރެވެސް ރައްޓެހިވެގެންނެވެ.އެހެންކަމުން ލަސްތަކެއްނުވެ އޭލެވެލް ނިމުމާއެކު ދެ މީހުން ކައިވެނީގެ މާތް ގުޅުމުން ގުޅުނީ ދެ އާއިލާގެވެސް ރުހުމުގައެވެ.އެއަށްފަހު ދެ މީހުންވެސް އިތުރަށް ކިޔެވުމާއިގެން އުޅުނެވެ.ޒާން ލިބުނީ ޝިޔާހް ޕައިލޮޓްކަން ކިޔަވައިގެން ވަޒީފާ ހަމަޖެހުނުތަނާއެވެ.އެއިރު ރިފްޝާވެސް އޭނާގެ ބޮޑު ބަނޑާއި އެކީވެސް ކިޔަވަމުން އައި ސައިކޮލޮޖީ ޑިގްރީ ކޯހުގެ ފުރަތަމަ އަހަރު ނިންމާލިއެވެ.

“ޔޫލީ.ނޯރާ ކައިރީގަ ބުނެގެން ތުއްތަބެ ވަރަށް ބަލާފަ ޔޫލީއަށް ބޮޑީގާޑްސް ހަމަޖައްސާފަ ހުންނާނީ.ދެން ހުޅުމާލޭގަ ޒާންގެ ނަންމަތީގަ މަންމަ އެޅި ލަގްޒަރީ ހޮޓެލްގެ ޕެންޓްހައުސް ސޫޓު އެ މީހުން ޔޫލީއަށް ދެވެން ވާއިރަށް ރެޑީކުރާނެ”ޝިޔާހް ޔޫލިއާގެ ކުރިމައްޗަށް ހުއްޓެމުން ބުންޏެވެ.ރިފްޝާއާއި ކައިވެނިކޮށްގެން ޝިޔާހް އެ ގެޔަށް އައިފަހުން ޔޫލިއާގެ ހަޔާތުން މަދުވެފައިވީ ބޭބެއެއްގެ މަޤާމު އަދާކުރާނެ ފަރާތެއް އައި ކަހަލައެވެ.ޅިޔަނަކަށް ވުރެ ބޮޑަށް ޔޫލިއާއަށް ޝިޔާހް ސިފަކުރެވިފައި އޮންނަނީ އެއްބަޑުއެއްބަފާ ބޭބެއެއް ގޮތަށެވެ.ބޭބެއަކު ކޮއްކޮއަކު ދެކެ ވާ ލޯތްބާއި ދޭން ޖެހޭ ހިމާޔަތް ޝިޔާހް އެ ގެޔަށް އައި ފަހުން އޭނާއަށް މެދުކެނޑުމެއްނެތި ޝިޔާހްގެ ފަރާތުން ލިބެއެވެ.އެކަމަށްޓަކައި ޔޫލިއާ އަބަދުވެސް ޝިޔާހްއަށް ޝުކުރުވެރިވާނެއެވެ.”ތޭންކްސް ތުއްތަބޭ”ޔޫލިއާ ޝިޔާހްއާއި ސަލާން ކޮށްލަމުން ބުންޏެވެ.”ޕްރޮމިސް މީ.އެކޮޅުގަ އުޅޭއިރު އެކަނި ބޭރަށް ނުނުކުންނާތި.ވަކިން ޙާއްސަކޮށް ރޭގަނޑު.އެންޑް ޑޯންޓް ލެޓް ދެމް ނޯ…”ޝިޔާހް އެ ބުނަން އުޅެނީ ކީކޭކަން ނަގައިގަނެވުމާއެކު ޔޫލިއާ ވަގުތުން ބޯ ޖަހާލިއެވެ.”ޝިޔާ އެ ބުނީ ތެދެއް ޔޫލީ.ބީ ކެއާފުލް.އެންޑް ކަމް ބެކް އިން ވަން ޕީސް”ރިފްޝާ ސަމާސާ ރާގަކަށް ބުނިގޮތުން އެތާ ތިބި އެންމެންނަށް ހެވުނެވެ.

ޔޫލިއާ ޒާންގެ ގައިގައި ބައްދާލައި އެންމެންނާއި ވަދާޢީ ސަލާން ކުރުމަށްފަހު ދުރުގައި އޭނާގެ އިންތިޒާރުގައި އޮތް ޕްރައިވެޓް ޖެޓާއި ދިމާލަށް ހިނގައިގަތެވެ.ކަޅުކުލައިގެ އަކުރުތަކުން “ވެލްވެޓް ކްލައުޑް”މިހެން ކަނޑާނެގިފައިވާ އެ މަތިންދާ ބޯޓުގެ ބޭރުންވެސް އުޅަނދުގެ ހައިބަތު ދޭހަކޮއްދެއެވެ.ލަސް ފިޔަވަޅުތަކެއްގައި ޔޫލިއާ ގޮސް އޭގެ ތިރިކުރެވިފައިވީ ސިޑިން މައްޗަށް އަރަން ފެށިއެވެ.ވަކި ހިސާބަކުން އޭނާ ހުއްޓުނެވެ.އެއަށްފަހު ދުރުގައި ތިބި އޭނާގެ އާއިލާއަށް ބަލާލިގޮތުން ހީވީ ފަހު ފަހަރަށް ބަލާލިހެންނެވެ.ޔޫލިއާ ބަލާލުމާއެކު ރަޝްފާ ދެލޮލަށް ޖަމާވެފައިވީ ކަރުނަތައް އެތެރެއަށް ހިންދާލަމުން ގަދަކަމުން ހިނިތުންވެލިއެވެ.ރިފްޝާގެ މޫނުމަތިން މާޔޫސްކަމާއި ހާސްކަން ފެންނަން ހުރިއިރު އޭނާއަށް ބޭއިޙްތިޔާރުގައި ޝިޔާހުގެ އަތުގެ މުލައްދަނޑީގައި އަޅުވައިގެން ހުރި އަތައް ބާރުކޮށްލެވުނެވެ.”ވިލް ޝީ ބީ އޯކޭ؟”ރިފްޝާ ޝިޔާހު ކައިރިން އެހިއިރު އެ އަޑުގައި އެކުލެވިގެންވީ ކަންބޮޑުވުމުގެ އަސަރު ޝިޔާހުއަކަށް ސިއްރެއްނުވިއެވެ.އެކަން އިހުސާސްވުމާއެކު ޝިޔާހް ރިފްޝާގެ ނިތުގައި ބޮސްދެމުން އެ ދެލޮލަށް ފުންކޮށް ބަލާލިއެވެ.”ހާސްނުވޭ.ޔޫލީ އެއީ އަހަރުމެންގެ ޓަފް ކޮއްކޮއެއްނު.ޔޫލީއަށް އިތުބާރުކުރަމާ ހިނގާ.އަހަންނަށް ޔަޤީން އިންޝާالله ހުރިހާ ކަމެއްވެސް ރަނގަޅުވާނެ”ޝިޔާހްގެ ބަސްތަކުން އެ ދެމައިންގެ ހިތައް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ.

ސިޑީގެ މެދާއި ހިސާބުގައި ހުރި ފިޔަވަޅުމައްޗަށް ގަނޑުވެފައި ހުރި ޔޫލިއާއަށް އެތަން ފެނި ދަތުރު ނުގޮސް އެނބުރި އައި ކޮޅަށް ދާންވެސް ހިތައް އެރިއެވެ.ނަމަވެސް އޭނާ ޙިޔާރުކޮށްފައިވާ މަގަކީ އެނބުރިދިއުމުގެ ފުރުސަތު އޮތް މަގެއް ނޫނެވެ.

އެހެންކަމުން އޭނާ ދެލޯ މަރާ ހުޅުވާލުމަށްފަހު އެ މީހުންނަށް ހަނާ އަޅާލިއެވެ.”ތިއްތި އަވަހަށް އަންނައްޗޭ”ޒާންގެ ޅަ އަޑުން އެހެން ބުނި އަޑު ފަނޑުކޮށް ނަމަވެސް ސިޑިން އަރައަރާ ހުރި ޔޫލިއާގެ ކަންފަތާއި ހަމަޔަށް ފޯރިއެވެ.އެއާއެކު އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.”އިންޝާالله”ޔޫލިއާ ޖެޓުގެ އެތެރެއަށް ވަންނަމުން އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

svetlana

Level 110 Stories100 Login

An avid reader and storyteller at heart, weaving tales that captivate and inspire. Passionate about exploring the depths of human emotions.crafting worlds that linger in the imagination.Writing is not just a passion—it's my way of breathing life into dreams.

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 42

Next

ފެނުގެ ކުލައިގައި ފިލައި ދިޔަ ހުވަފެން (ފަހުބައި)

Next
December 27, 2024

ފެނުގެ ކުލައިގައި ފިލައި ދިޔަ ހުވަފެން (ފަހުބައި)

Previews
December 25, 2024

ޙަޤީޤަތް ހޯދުމޭ 42

2 Comments!

  1. Your fav bab says:
    December 29, 2024 at 1:47 am

    Very nice!!!!!
    Keep up the gud work dear!!!!

  2. Zeeh says:
    January 2, 2025 at 8:56 pm

    Hurihaa episordeh ehkoh hushaalhaafa hunnana faseyha vees😊🙏

Comments are closed.

Next Episodeޕިޔަދަ 3←


All Right Reserved!