Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ޕިޔަދަ 1

svetlana Level 110 Stories100 Login
December 23, 2024 8 Mins Read
8 Comments

ފަތިހުގެ ހިތްގައިމު ވަގުތުކޮޅު ނިމުމަކަށް އައިސް އިރުގެ ރަންދަޅަތަކުން ދުނިޔެމަތި ދިއްލާ އަޅަމުން ދިޔައެވެ.އެއްބަޔަކު އެ ބައެއްގެ ދުވަހުގެ ތާވަލާއި އެއްގޮތައް ކުރިޔަށް ދިޔައިރު އަނެއް ބަޔަކު ނިދީގެ ފޮނި ހުވަފެންތަކުން ހޭލެވި ހަޤީގަތާއި ކުރިމަތިލުމަށްޓަކައި ތައްޔާރުވަމުން ދިޔައެވެ.

****

ރަޝިއާގެ ވެރިރަށް މޮސްކޯގެ ހިތްފަސޭހަ ހިސާބެއްގައި ހުރި“ޗެރީ ބްލޮސޮމް”ނަމަކަށް ކިޔުނު ރީތި ބޮޑު ގެއެކެވެ.ދެ ބުރިއަށް ނަގާފައިވާއިރު ގޭގެ ފުރާޅުމައްޗާއި ބިންމަތީގެ ބޮޑުބައެއް ވަނީ ހުދު ސްނޯތަކުން ނިވާވެފައެވެ.ފަޒާގައި ތެތްފިނިކަމެއް ހިފާފައިވާއިރު ފިނިހެދުމަކާއި ނުލައި އެ ހިސާބުގައި މީހަކަށް ގެއިން ބޭރަށް ފިޔަވަޅެއް އަޅާލަން ނުކެރޭނެކަން ޔަޤީނެވެ.ރަޝިއާ ގަޑިން 6:50 ވާން ކައިރިވެފައިވާއިރު ތުނިކޮށް ސްނޯ ވެހެމުން ދިޔައެވެ.ތަނަވަސް ބޮޑު ސިޓިންރޫމުގައި މުސައްލަ އަޅާލައިގެން ނަމާދުކުރަން އަންހެންކުއްޖަކު ހުއްޓެވެ.ދިގު އިސްކޮޅެއް ލިބިފައިވާއިރު އާދަޔާޙިލާފަށް ކަޅުކަންގަދަ ތޫނު ދެލޮލެވެ.ހިތިފަތު ބުމަޔަކާއި ތުނި ފިޔާތޮށިކުލައިގެ ތުންފަތެކެވެ.ނަމާދުން އަވަދިވެގެން ބޮލުގައި އަޅާފައި އޮތް ކަޅުކުލަައިގެ ނަމާދު ދޮޅި ބޭލުމާއެކު އޭނާގެ ބްލޯންޑް ކުލައިގެ ދިގު އިސްތަށިގަނޑު ހާމަވިއެެވެ.”ޔޫލިއާ މޭމް” ގޭގައި ގެންގުޅޭ ދުވަސްވީ ނޯކަރެއް ކަމުގައިވާ ސަމަންތާގެ އަޑަށް މުސްހަފް ހިފައިގެން އިން ޔޫލިއާ އިސްއުފުލާލިއެވެ.އެއިރު ސޯފާގެ ފުރަގަހުގައި ހުރި ސަމަންތާގެ އަތުގައި ޔޫލިއާގެ ފޯނު އޮތެވެ.”މަޢާފްކުރައްވާ އުނދަގޫ ކުރެވުނީތީ.އެކަމަކު މެޑަމްގެ ފޯނު ހުއްޓުމެއް ނެތި ރިންގްވަމުންދާތީވެ އަޅުގަނޑަށް މުހިއްމު ފޯނެއްހެން ހީވެގެން މި ގެނައީ”ސަމަންތާ ހިނިތުންވެލަމުން އޮޅުންފިލުވައިދިނެވެ.އެޔާއެކު ކުއްލިއަކަށް އެއްޗެއް ހަނދާންވިހެން ޔޫލިއާ މުސްހަފް ލައްޕާލުމަށްފަހު ސަމަންތާގެ އަތުން ފޯނު ޖަހައިގަތެވެ.”މައްސަލައެއް ނެތް.ސަމަންތާ ދޭ އާންޓް ހޭލަންވާއިރަށް ކާން ތައްޔާރުކުރަން.ހަނދާންކޮށް އާންޓް ހެނދުނު ގަޑީގަ ކާންޖެހޭ ބީޕީ ބޭސްތައް ދެއްޗޭ.އަހަރެން މި ދަނީ ބޭރަށް.އާންޓް ހޭލީމަ ގުޅާލައްޗޭ”ޔޫލިއާ ސޯފާގައި އަޅުވާފައި އޮތް އޭނާގެ ހުދުކުލައިގެ ކޯޓު ނަގައި ލަމުން ސަމަންތާއަށް ބުންޏެވެ.”އެކަމް މެޑަމް.އިޓްސް ސްނޯވިންގް އައުޓްސައިޑް”ސަމަންތާ ސިޓިންރޫމުގެ ބިއްލޫރިފާރުން ބޭރަށް އިޝާރަތް ކޮށްލަމުން ބުންޏެވެ.އެތަނުން ރީތިކޮށް ސްނޯ ފައިބަމުން ދިޔަ މަންޒަރު ފެނުމުން ޔޫލިއާއަށް ހިނިތުންވެވުނެވެ.”ސާބަސް ސަމަންތާ.އައި ވިލް ބީ އިން ދަ ގާޑެން”ޔޫލިއާ މިހެން ބުނެ ސަމަންތާއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ގޭގެ ބޮޑުދޮރުން ބޭރަށް ދެމިގަތެވެ.

****

ކ.ދޫނިދޫގެ ބިމު އަޑީގައި ހުރި ބޮޑު ބިންގަރާހެއް ކަހަލަ ތަނެކެވެ.ބަރު ދަގަނޑު ދޮރުތައް ލެއްޕުނު އަޑު އެ ބިމު އަޑީ ޖަލުގެ މަޑު އަލިކަމެއްވީ ގޯޅިތަކުގެ ތެރެއިން ދަތުރުކުރަމުން ދިޔައެވެ.މިއީ މީހުންގެ ލޯތަކަށް ސިއްރުން ރާއްޖޭގެ އެންމެ ނުރައްކާތެރި ކުއްވެރީން ބަންދުކޮށްފައި ހުންނަ ޖަލެވެ.އެ މީހުންގެ ސެލްތައް ހިމެނޭ “ބްލެކްހޯލްޑް”ނަމަކަށް ކިޔާ ނުރައްކާތެރި ޖަލެކެއެވެ.އެތެރޭގައި ވައިގެ ބޯކަން ގަދަވެފައި ދަބަރު ވަސް ދުވަމުން ދިޔައެވެ.ނަމަވެސް މިއިން އެއްވެސް ކަމަކުން އެތަނުގެ 120 ނަންބަރު ސެލްގައި ހުރި ފިރާތުއަކަށް އަސަރެއް ނުކުރިއެވެ.އެތާ ހުރި ކުޑަ އެނދުމަތީ އިށީނދެގެން އިން އިރު އޭނާގެ ތޫނު ނަޒަރު ހުއްޓިފައިހުރީ ކުރިމަތިން ފެންނަން ހުރި ފާރާއި ދިމާލަށެވެ.އަލި ހަންގަނޑެއް ލިބިފައިވާއިރު އޭނާަގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ވަނީ ދިގުވާން ފަށާފައެވެ.އަތުގައި އަޅާފައި އޮތް ރަތް އެސް ޖެހި ކަޅުކުލައިގެ އަގޮނޓިއާއި ކުޅެމުން ދިޔައިރު ފިރާތުގެ ދެއަތް ވަނީ މުއްކެވިފައެވެ.ނަމަވެސް އެ އަޅިކުލައިގެ ދެލޮލުން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.ހީވަނީ މަރުވެފައިވާ މީހެއްްހެންނެވެ.އާދައިގެ މީހަކަށް އޭނާގެ ސިކުނޑީގައި ދައުރުވަމުންދަނީ ކޮންކަހަލަ ޙިޔާލުތަކެއް ކަމެއް ނަގައެއްނުގަނެވޭނެއެވެ.ކުއްލިއަކަށް ގޯޅިގަނޑު ތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަން ނެތިގެންދިޔައީ ކައިރިވަމުން ދިޔަ ފިޔަވަޅުތަކުގެ އަޑުންނެވެ.އެޔާއެކު ފިރާތު ކޮޅައް ތެދުވިއެވެ.ލައިގެން ހުރި ކަޅުކުލައިގެ އަތްކުރު ޓީޝާޓު އެ ކަސްރަތީ ހަށިގަނޑަށް ހިފާލާފައިވާއިރު ހާމަޔަށް އޮތް އަތުގެ މުލައްދަނޑީގެ ނާރުތައް އަރާފައިވުމުން އެ މުލައްދަނޑީގެ ބާރުގަދަކަން ދޭހަވެއެވެ.ދިގު އިސްކޮޅެއް ލިބިފައިވާއިރު ހަ ފޫޓަށްވުރެ ކުރުނުވާނެކަން ޔަޤީނެވެ.ފިޔަވަޅުތައް ހިނދެއް ހިނދަކަށް ކައިރިވަމުން ދިޔައިރު ޖަލުގެ ވާޑެން އެ ދިމާލަށް އާދެއެވެ.ހިނގަމުން ގޮސް އޭނާ 120 ވަނަ ސެލް ކައިރީގައި ހުއްޓިހުރެ ފިރާތުއަށް ގޮވާލިއެވެ.އޭނާއަށް ނަޒަރެއް ދެމުން ފިރާތު ބުމަ އަރުވާލުމާއެކު ވާޑެންއަށް ހިންދިރުވައިލެވުނެވެ.

****

ގޭގެ ވަށައިގެން އޮތް ހުސްޖާަގައިގައި ހެދިފައިވާ ފެހި ކާޕެޓް ވިނަގަނޑު ސްނޯ ދަށުވެފައިވުމުން އެ ދިމާލުގައިވެސް އޮތީ މުޅިން ސްނޯއެވެ.އަދި އިތުރަށްވެސް އެ ދަނީ ސްނޯ ވެހެމުންނެވެ.ޔޫލިއާ ފޯނުން ވާހަކަ ދައްކަމުން އެ ބޮޑު ގޯތީގެ ބިއްދޮށުގައި އޮތް ބެކްޔާޑްގައި ހުރި ސޯފާއެއްގައި ޖައްސާލިއެވެ.އެހެން އިން އިރު ސޯފާގެ ކުރިމަތީގައި އޮތީ ނޫކުލައިގެ ބޮޑު ޕޫލްއެކެވެ.ޕޫލްގެ މެދުން ލާފައި އޭގެ އަނެއް ފަރާތައް ދެވޭނޭ ގޮތައް ގަލުން ހެދިފައިވާ ހަނި ވޯކްވޭއެއް އޮތެވެ.އޭގެ އަނެއް ފަރާތުގައި ބީޗް ޗެއަރސް ބެހެއްޓިފައިވާއިރު ޔޫލިއާ އިން ދިމާލުގައި އަލިފާން ރޯ ކުރެވިފައިވާ ފަޔަރ ޕްލޭސްއެއް ހުއްޓެވެ.ޔޫލިއާ ކަންފަތައް އެއަރ ޕޮޑްސް ޖަހައިގެން ފަޔަރ ޕްލޭސް އާއި ދިމާލަށް އަތުގެ ނުފުއް ދިއްކޮށްގެން އިން އިރު އޭގެއިން ވަމުން ދިޔަ ހޫނުން ދުވަހުގެ ފިނިކަން އިހުސާސްވާލެއް ކޮންމެވެސް ވަރަކަށް މަދުވެގެންދިޔައެވެ.

“ސޯ ކޮބާ އަޕްޑޭޓަކީ؟”ޔޫލިއާ މިހެން ބުނުމާއެކު އެކޮޅުން ޖަވާބު އައެވެ.”އެޔެއް އިނގޭނީ ޔޫލީ މި ކޮޅަށް އައީމަ.އެކަމަކު އެހާ އަވަހަކަށް ސަރ ޖަލުން ނެގޭނެހެން ހިޔެއްް ނުވޭ.އިނގޭދޯ ކީއްވެގެންކަން”އެ ކޮޅުން ވާހަކަ ދެއްކި ޒުވާނާގެ އަޑު އިވުމާއެކު ޔޫލިއާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތާމައިގެ އަސަރު ފާޅުވިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އެ މޫނުމަތިން ފާޅުވީ ރުޅިވެރިކަމެވެ.”ޑޯންޓް ވޮރީ.ނުހައްޤުން ޖަލައް ލެވޭ މީހުން ނެރެވޭނެ ކޮންމެވެސް ގޮތެއް އޮންނާނެ.އަހަރެން މާދަން ފުރާނަން.އިރާދަކުރެއްވިއްޔާ މާދަމާ ހުންނާނީ ތިކޮޅުގަ”ޔޫލިއާ މިހެން ބުނެ ފޯނު ކަނޑާލިއެވެ.އެއަށްފަހު އުޑާއި ދިމާލަށް ބަލާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ.ފޯނު ލައިގެން ހުރި ހުދުކުލައިގެ ކެހެރި ކޯޓުގެ ޖީބަށް ކޮއްޕާލަމުން ގެޔަށް ވަންނަން ދާން ހިނގައިގަތްތަނާ ސިއްސައިގެންދިޔައީ ފަހަތުން މީހަކު އައިސް އޭނާގެ ލޯމަތީގައި އަތް އެޅުމުންނެވެ.ފުރަތަމަ ހާސްވެގެން ތެޅިގަނެވުނަސް ދެވަނަ ސިކުންތުގައި އޭނާ ތުންއަނބުރައިލީ އެއީ ކާކުކަން އިނގޭތީއެވެ.”ތުއްތަ”ޔޫލިއާގެ ދުލުން އޭނާއަށް ކިޔައި އުޅޭ ނަން އިވުމާއެކު ފަހަތުގައި ހުރި ރިފްޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.”ހައްހައްހައް.ކިހިނެތް އެނގުނީ އެއީ ތުއްތަކަން؟”ރިފްޝާ އައިސް ޔޫލިއާގެ ކުރިމައްޗައް ހުއްޓި ހަށަންބަދެލަމުން ބުންޏެވެ.”ދެން ތުއްތަބޭ ފިޔަވައި ތިކަހަލަ ސަމާސާކުރަން ހަމައެކަނި ހުންނާނީ ތުއްތައެއްނު.ހަމަ ޔަޤީނުންވެސް ސަމަންތާ ނޫނީ ގޭގެ އެހެން މެއިޑަކަށްވެސް ނުކެރޭނެ އެހެން ހަދާކަށް”ޔޫލިއާ ބުންޏެވެ.

“ޓްރޫ.އެކަމަކު ޔޫލީ މާދަން ފުރީމަ ދެން ތުއްތަ މުޅިން އެކަނިވާނެ.ތުއްތަ ކުޑައިރު ހަތަރު އަހަރު ވަންދެން އުޅުނީ އެކަނި.އެހެންހުއްޓާ ޔޫލީ އައީ.ތުއްތަގެ ލޯބި ލޯބި ކޮއްކޮ”ރިފްޝާ ޔޫލިއާގެ ކޮލުގައި ހިފާލަމުން ބުންޏެވެ.”ދެން ތުއްތާ.ޔޫލީ އަކީ ބޭބީއެއް ނޫނޭ”ޔޫލިއާ ކޮލުގައި ފިރުމާލަމުން ބުންޏެވެ.ދުރުގައި އެ ދެމީހުންގެ ސަކަރާތްގަނޑު ބަލަަން ސަމަންތާ ހުއްޓެވެ.އެ މަންޒަރުން އޭނާގެ ދުވަސްވީ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ.ނޯވޭގެ ފަޤީރު ހިސާބަކަށް އުފަން ސަމަންތާ އެ ގެޔަށް މެއިޑެއްގެ ގޮތުގައި ވަޒީފާ އަދާކުރަން އައީ އޭނާގެ އުމުރުން އެންމެ އަށާރަ އަހަރުގައެވެ.ފުރަތަމަކޮޅު އެ އުޅުން އޭނާއަށް އުނދަގޫވި ނަމަވެސް އެ ގޭގައި ދުވަސްވީ ވަރަކަށް އޭނާ ދިޔައީ މަސައްކަތައް ހޭނެމުންނެެވެ.މިހާރު ގޭގެ އެންމެ އިސް ނޯކަރަކީ އޭނާއެވެ.މީގެ 25 އަހަރު ކުރިން ނޯކަރަކަށްވުމުގެ އިތުރުން ސަމަންތާގެ ޒިންމާއަކަށްވީ ރިފްޝާގެ ނޭނީއެއްގެ މަޤާމު އަދާކުރުމެވެ.އޭނާއަކީ ހީވާގި ހިތްހެޔޮ މިޒާޖެއްގެ ވެރިއަކަށްވުމުން ކުޑަ ކުޑަ ރިފްޝާ ބެލުން ވެގެންދިޔައީ ނުހަނު ފަސޭހަ ކަމަކަށެވެ.އެއީ އޭނާ ކޮންމެހެން ވަޒީފާގެ ބޭނުމުގައި ނުވަތަ ބޮޑު މުސާރައެއްގެ ދަހިވެތިކަމުގައި ކުރަމުން އައި ކަމެއް ނޫނެވެ.އޭނާ ރިފްޝާ ގެންގުޅުނީ ގެންގުޅޭހިތުން އަމިއްލަ ދަރިއެއް ފަދައިންނެވެ.އެހެންކަމުން ރިފްޝާގެ މަންމަ ރަޝްފާވެސް ސަމަންތާގެ މަސައްކަތާއި މެދު ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.ރިފްޝާއަށް ހަތަރު އަހަރުގައި ސަމަންތާގެ އުނގުން ޖާގަ ހޯދީ ޔޫލިއާއެވެ.ރަޝްފާ ރާއްޖެ ދިޔަ ދަތުރެއްގައި ޔޫލިއާ ތަބަންނީކޮށްގެން(އެޑަޕްޓްކޮށްގެން) އައުމުން ޔޫލިއާވެސް ބޮޑުވަމުން އައީ އެ ގޭގެ ހަތަރު ފާރުގެ ތެރޭގައެވެ.ޔޫލިއާވެސް އަހަރެއްވުމުން ވާހަކަދައްކަން ފަށައި ފިޔަވަޅުގަނޑު ޖެހުމުން އެ ދުވަސްވަރު މުޅި ގޭތެރެ ހިސޯރުކޮށްލާފައި އޮތީ ދެ ކުދިންގެ ހުނުމުގެ އަޑުންނެވެ.ނޯކަރެއްގެ ހައިސިއްޔަތުން ޔޫލިއާގެ ޒާތީ މައުލޫމާތު ނޭނގުނެއްކަމަކު ރަޝްފާގެ ހަރަކާތްތަކުން ޔޫލިއާއަކީ އޭނާއަށް ވަރަށް ޙާއްސަ ފަރާތެއްހެން ހީވެއެވެ.ބައެއްފަހަރު ރަޝްފާ ރިފްޝާއަށް ވުރެ ބޮޑަށް ޔޫލިއާއަށް އަޅާލާހެންވެސް ހީވެއެވެ.ޔޫލިއާގެ އުމުރުން ފަނަރަ އަހަރު ވަންދެން އޭނާ ރަޝްފާއަށް މަންމަ ކިޔައި އުޅުނެއްކަމަކު ކުއްލިއަކަށް އެކަން ބަދަލުވެގެން ދިޔައީ އެ ދެމައިން އެކަނި ރާއްޖެއަށްކުރި ދަތުރެއް ނިންމާލާފައި އައި ފަހުންނެވެ.އެ ދުވަހަށްފަހު ޔޫލިއާގެ މިޒާޖު މުޅިން ބަދަލުވެގެންދިޔައެވެ.އަބަދު މަޑުމައިތިރިވެފައި ކޮންމެވެސް ކަމަކާއި ހާސްވެ ވިސްނާހެންވެސް ހީވެއެވެ.އެންޓިޑިޕްރެސެންޓްސް ބޭނުންކޮށް އޭނާއަށް އެ ދުވަސްކޮޅު ނިދުނީވެސް އޭގެ އިންޖެކްޝަންތަކެއް ޖަހައިގެންނެވެ.ރިފްޝާއާއި ދެމީހުން ކުރިންހެން މަޖާވެފައި އުޅުނެއްކަމަކު އެ ދުވަސްވަރު ރަޝްފާއާއި ޔޫލިއާގެ ގުޅުމަށް ބޮޑު ހީނަރުކަމެއް އައެވެ.ސަމަންތާ ޤަބޫލުކުރާ ގޮތުގައި އެއީ ޔޫލިއާއަށް ރަޝްފާ އޭނާގެ ހަޤީގަތް ކިޔައިދިނުމުން ވީ ގޮތެކެވެ.އެ ދުވަހަށްފަހު ޔޫލިއާގެ މޫނުމަތިން ހިނިތުންވުމެއް ފެނުނީ މަދު ފަހަރަކުއެވެ.އެ ވެސް ރިފްޝާއާއި ރިފްޝާގެ ފަސް އަހަރުގެ ދަރިފުޅު ޒާން އާއި އެއްކޮށް އުޅޭ އިރުއެވެ.މިއަދުވެސް އެ މޫނުމަތިން ހިނިތުންވުން އެ ފެނުނީ ދުވަސްތަކަކަށްފަހުއެވެ.

ހިނިތުންވެފައި އެ ދެމީހުންނަށް ގެއްލިފައިހުރި ސަމަންތާ ތެޅިގަނެފައި ކުއްލިއަކަށް އެ ދިމާލަށް ދާންފެށީ ބަދިގޭގައި އުޅެފައި އޭނާ ގޯތި ތެރެއަށް ނުކުތް ބޭނުން ހަނދާންވުމުންނެވެ.”ސޮރީ ޓު ޑިސްޓާބް.ރަޝްފާ މެޑަމް އެބަ އިންނެވި ޑައިނިންގް ރޫމްގަ.ޝީޒް ކޯލިންގް ފޯ ޔޫ ބޯތް”ސަމަންތާ ޔޫލިއާ މެންނާއި އަރާ ހަމަކުރަމުން ބުނުމާއެކު ދެ މީހުން އަތުގައި ހިފައިގެން ދުވެފައިގޮސް ގޭތެރެއަށް ވަނެވެ.މަންޒަރު ބަލަން ހުރި ސަމަންތާވެސް ހިނިތުންވެލަމުން އެ ދެމީހުން ފަހަތުން ދިޔައެވެ.

****

“ސަމްވަން އިޒް ހިޔަރ ޓު ސީ ޔޫ”ވޯޑެންގެ ޖުމްލަ އިވުމާއެކު ފިރާތު ބުމަ އަރުވާލީ ކާކުހެއްޔޭ އަހާފަދަ ގޮތަކަށެވެ.ފިރާތުގެ އެ ހަރަކާތުން ވޯޑެން ޖަވާބެއް ނުދީ އެއްފަރާތަކަށް ޖެހިލިއެވެ.އެވަގުތު ގޯޅިގަނޑު ތެރެއިން ލާފައި އައިސް އެ ދިމާލަށް ހުއްޓުނީ އިސްކޮޅުން ދިގު ޒުވާނެކެވެ.މަޑު ރާޅުބާނިކަމެއް އެކުލެވިގެންވީ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްފައިވާ އިރު އޭނާ ލައިގެން ހުރި ގަދަ ނޫކުލައިގެ ސޫޓާއި އަތުގައި އަޅާފައި އޮތް ރޮލެކްސުން އޭނާއަކީ ހައިބަތު ހުރި މީހެއްކަން އިނގެއެވެ.އަރައިގެން ހުރި ކަޅުކުލައިގެ އޮފިޝަލް ބޫޓުވެސް ވަނީ ދަޅަ އަޅާ ވަރަށް ޕޮލިޝްކޮށްފައެވެ.”ތޭންކްސް”އެ ޒުވާނާ ވޯޑެންއަށް ބަލާލަމުން ބުނުމާއެކު އޭނާ އެއްފަހަރު ފިރާތުއަށް އަނެއްފަހަރު ކުރިމަތީ ހުރި ޒުވާނާއަށް ބަލާލަމުން އެނބުރި އައި ކޮޅަށް ހިނގައިގަތެވެ.”އާދެވިއްޖެދޯ”ފިރާތުގެ ފިރިހެންވަންތަ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު ރޭހާންގެ ގައިން ހީބިހި ނަގައިގަތެވެ.ނަމަވެސް އޭނާ މޫނުމަތިން ހަމަޖެހޭގޮތް ދައްކަމުން ވާހަކަ ދައްކަން ފެށިއެވެ.”ސޮރީ ފިރޫ.އެއީ ޓްރެފިކްގަ ޖެހުނީމަ ޖެޓީއަށް ދެވުނުލެއް ލަސްވީ”ރޭހާން ބޯކަހާލަމުން ބުނުމާއެކު ފިރާތުއަށް ބޭއިޙްތިޔާރުގައި ކަޅި މައްޗަށް ހިންގާލެވުނެވެ.ވަގުތައް ކަމޭނުހިތުމަކީ އޭނާ ނުލައިހަކު ފޫހިވާ ސިފައެކެވެ.”އެނީވޭސް ކޮބާ އަޕްޑޭޓަކީ؟”ފިރާތު އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުންޏެވެ.އެޔާއެކު ރޭހާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.”ފިރޫ މިނިވަންކުރުން ދަނީ ލަސްކުރެވެމުން.އާލް ސަރ މިއަދު ގުޅި.ބުނީ ވަރަށް އަވަހަށް މި ކޮޅަށް އަންނާނެ ވާހަކަ.ދެން އަދިވެސް ބޭނުންވާ ވަރަށް ހެކި ލިބޭތޯ މަސައްކަތް މި ކުރަނީ”ރޭހާން ފުންނޭވައެއް ދޫކޮށްލަމުން ބުންޏެވެ.”ހުއް.ދެރަނުވޭ.އަހަރެން ވަރަށް އަވަހަށް މިތަނުން ނުކުންނާނަން.ޓިލް ދެން،ކޮންޓިނިއު ޔުއަރ ވޯކް”ފިރާތު ބުންޏެވެ.”އެއްވެސް އަމުރެއް؟”ރޭހާން އަދަބުވެރިކަމާއެކު ބުނުމުން ތަޅުންގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރި ފިރާަތު ކުއްލިއަކަށް އިސްއުފުލާލިއެވެ.”ނޫން.އަހަރެން މިތަނުން ނުކުންނަންދެން ތި ކުރާ ކަންތައް ކުރިޔަށް ގެންދޭ.އެޔައްފަހު ވީ ވިލް ސީ”ފިރާތު އެއްވެސް އަސަރެއް ނެތް ގޮތަަކަށް ބުނި ނަމަވެސް އެ ދެލޮލުގައިވަނީ ނުރައްކާތެރި ވިދުވަރެކެވެ.އެ މަންޒަރު ފެނި ރޭހާންއަށް ހިންދިރުވައިލެވުނެވެ.

ކޮންމެއަކަސް ފިރާތު ކަހަލަ ވަރުގަދަ ޝަޙުސިއްޔަތެއްގެ ކުރިމަތީގައި މަތިހަށި ނަގައިގެން ހުރެވޭނީ ވަރަށް ހިތްވަރުކޮށްގެންނެވެ.ރޭހާން އަކީ އެކަމުގެ ހެއްކެކެވެ.ދުނިޔޭގެ ލޯތަކަށް އޭނާއަކީ ނަންމަޝްހޫރު ޤާނޫނީ ވަކީލެއް ނަމަވެސް ހަޤީގަތުގައި އޭނާއަކީ ރާއްޖޭގެ “މާފިއާ ޕްރިންސް” ފިރާތު ހަސަންގެ ޕީއޭގެ އިތުރުން އޭނާގެ ވަފާތެރި ޢައުވާނުންގެ ތެރެއިން އެންމެ އިތުބާރުކުރެވޭ އެކަކު ވެސް މެއެވެ.ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ފިރާތު ރޭހާން ދިއުމުގެ ހުއްދަ ދިނެވެ.ރޭހާން ބޯޖަހާލުމަށްފަހު ދާން ހިނގައިގަތެވެ.ނަމަވެސް ދެތިން ފިޔަވަޅު ކުރިއަށް ގޮސްފައި އޭނާ އަނެއްކާވެސް ފަހަތް ބަލައިލިއެވެ.”އަދި އެއް ވާހަކަ”ރޭހާން ތޭރިތަކާއި ގާތްވެލަމުން ސީރިއަސް ރާގަކަށް ބުންޏެވެ.”އަހަރެން ޔޫރޯ ސައިޑް ބަލައިފިން.އެ ކޮޅުގަ ހުރިހާ ކަމެއްވެސް ރަނގަޅު”ރޭހާން ވައި އަޑުން ބުނުމާއެކު ފިރާތުގެ ތުންފަތްމައްޗައް ވެރިވީ  ރީތި ހިނިތުންވުމެކެވެ.”އައި ސީ.އިންޝާالله އައި ވިލް ބީ އައުޓް ސޫން”ފިރާތު ބުންޏެވެ.”ޔަޤީނެއްނު ބޮސް.އެނީވޭ.ޓޭކް ކެއަރ ބާއި”ރޭހާން މިހެން ބުނެ ދާން ހިނގައިގަތުމުން އަނެއްކާވެސް ހުއްޓެން މަޖުބޫރުވީ ފިރާތުގެ އަޑަށެވެ.”ރެއިން.އޭނަ ރައްކާތެރިކޮށް ބަލަހައްޓާދޭތި.އަހަރެން ނުކުތުމުގެ ކުރިން އޭނައަށް ކަމެއް ވެއްޖެއްޔާ…”ފިރާތު ޖުމްލައިގެ ބާކީ ބައި ފުރިހަމަކޮށްދިނުމުގެ ބަދަލުގައި ރޭހާންއަށް ބަލައިލީ އިންޒާރުގެ ނަޒަރަކުންނެވެ.އެ ހަރަކާތުގެ މާނަ ދޭހަވުމާއެކު ރޭހާން ބޯޖަހައިލިއެވެ.”ފިރޫ ހާސްނުވޭ.އަޅުގަނޑު ވަރަށް ސަމާލުވެގެން އުޅޭނީ”ރޭހާން މިހެން ބުނެ ހިނިތުންވެލުމާއެކު ފިރާތުވެސް ފުންނޭވައެއް ދޫކޮށްލަމުން ހިނިތުންވެލިއެވެ.

****

ޔޫލިއާއާއި ރިފްޝާއަށް ޑައިނިންގް ރޫމާއި ހަމަޔަށް އާދެވުނު އިރު މޭޒުގެ ކޮޅުގައި ރަޝްފާ އިނެވެ.އޭނާގެ މޫނުމަތިން އެއީ އުމުރުން ސާޅީހުން މައްޗައް ގޮސްފައިހުރި އަންހެނެކޭ ނުބުނާނެއެވެ.ކަޅުކުރެވިފައިވާ އިސްތަށިގަނޑުގައި ހުޅި ޖަހާ މައްޗަށް ނަގާފައިވާއިރު ލައިގެން ހުރި ހުދުކުލައިގެ ހޫޑީއާއި ކަޅު ސްކިނީ ޖިންސުންވެސް އޭނާއަކީ ފެޝަނަށް ލޯބިކުރާ މީހެއްކަން އެނގެއެވެ.ޔޫލިއާއާއި ރިފްޝާ ފެނުމާއެކު އޭނާގެ މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ.އަތުގެ އިޝާރާތުން އަވަހަށް ކާން އައުމަށް އެންގުމާއެކު ޔޫލިއާއާއި ރިފްޝާ ގޮސް އެ ދިގު ކާ މޭޒުގެ ދެފަރާތުގައި ރަޝްފާގެ ގާތުގައި ޖެހިގެން ހުރި ގޮނޑިތަކުގައި އިށީނެވެ.”ޝިޔާހްމެން އަދިވެސް ނުހޭލަނީތަ؟”ރަޝްފާ ރިފްޝާއަށް ބުނުމާއެކު އޭނާ ބޯޖަހައިލިއެވެ.”އާނ.ތުއްތަބެ އާއި ޒާން ރޭގަ ބޭރަށް ގޮއްސަ ގެޔަށް އައީ ވަރަށް ލަހުން.އަހަރެން ނަމާދުކުރުމުގެ ކުރިން ޒާން ނުފެނުނީތީވެ ސަމަންތާ ކައިރިން އެހީމަ ބުނީ އަދިވެސް ނިދާފައޭ އޮތީ” ޔޫލިއާ ބުނުމާއެކު ރަޝްފާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވިއެވެ.”ރިފް ދަރިފުޅާ.މަންމަގެ މަޤުސަދަކީ ދަރިފުޅުގެ އާއިލާގެ ތެރެއަށް ވަނުމެއް ނޫން އެކަމަކު ވީކެންޑްތަކުގަ ޒާން ގޮވައިގެން ޝިޔާހް އެހާ ގިނައިރު ބޭރުގަ އުޅުން ރަނގަޅެއް ނޫން.އެ ވެސް މިހާ ފިނިއިރު.ޒާން އަށް އަދި އެންމެ ފަސް އަހަރު.އެ އުމުރުގަ ސްލީޕް ސައިކަލް އަށް ބުރޫ އަރައިފިއްޔާމުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެކަން ރިފް އަށް ވުރެ ރަނގަޅަށް އިނގޭނެ މީހަކު ނުހުންނާނެ.އެހެންވީމަ ދެން އެހެން ނަހަދާނެކަމަށް މަންމަ އުއްމީދުކުރަން”ރަޝްފާގެ ބަހައް ރިފްޝާ ބޯޖަހައިލިއިރު އެ މޫނުމަތިން ހިސާބަކަށް ލަދުވެތިކަން ފެންނަން ހުއްޓެވެ.ރިފްޝާއަށް ބުނަން ބޭނުންވި ވާހަކަތައް ބުނެފައި ދެން ރަޝްފާ ބަލައިލީ ޔޫލިއާއަށެވެ.”ޔޫލީ.ދަރިފުޅު ކޮންމެ ދުވަހަކު ސަމަންތާ ލައްވާ ބޭސް އެބަ ކާންދޭ.އާންޓް އަކީ ކުޑަކުއްޖެއް ނޫނޭ.ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ބުނާނެ ލޭ މައްޗޭ ލޭ މައްޗޭ.ރިފް ދަރިފުޅު ބުނެބަލަ ލޭ މަތި ނަމަ މަންމަ މިހާ ކޫލްކޮށް ހުންނާނެތަ؟”ރަޝްފާގެ ވާހަކަ އިވުމުން ޔޫލިއާއާއި ރިފްޝާއަށް އެއްފަހަރަކާ ހެވުނެވެ.”ލޭ މައްޗަސް ލޭ ދަށަސް މަންމަ އަކީ އަބަދުވެސް ހަމަ އެހާ ކޫލް މީހެއްނު.ރަޝްފާ ހަސަން.ދަ ކޫލެސްޓް ޕްރިޓިއެސްޓް ބިޒްނަސްވުމެން އިން ދަ ވޯލްޑް”ރިފްޝާ ކޮޅަށް ތެދުވެ ބޯން އިން ޖޫސްތަށީގައި ކައިރީގައި އޮތް އުލުން ތަޅާލަމުން ބުނުމާއެކު ރަޝްފާ ދެފަރާތައް ބޯހޫރާލިއިރު ޔޫލިއާގެ ހުނުން އިތުރުވިއެވެ.”އެއީ ތެދެއް އާންޓް.އާންޓް ބޭސް ކާން ބޭނުން ނުވަންޏާމުން އެބަ އޮތް ގޮތެއް”ޔޫލިއާ އޭނާ ކާން އިން ބިސްގަޑުން އެތިކޮޅެއް އަނގަޔަށް ލަމުން ބުނުމާއެކު ރިފްޝާއާއި ރަޝްފާގެ ސުވާލުގެ ނަޒަރުތައް އެ މޫނަށް އަމާޒުވިއެވެ.”އާންޓްމެން ތި އުޅެނީ ޢުމްރާއަށް ދާކަށެއްނު.ދެން ހަތަރު މީހުން އެ ބިމަށް ގޮސް ދުޢާ ކުރާނީ އާންޓްއަށް ދުޅަހެޔޮ ސިއްޙަތެއް ދެއްވާތޯ.الله އެކަލާނގެ އަޅުން ކުރާ ދުޢާތައް އިޖާބަނުކޮށް ނުދާނެ.ޙާއްސަކޮށް އެ ފަދަ މާތް ބިމުގަ އަޅުކަންކުރަން ތިބެ ދުޢާ ދެންނެވީމަ”ޔޫލިއާގެ ވާހަކަ އިވުމާއެކު ރަޝްފާ ޔޫލިއާގެ އިސްތަށިގަނޑުގައި ފިރުމާލިއިރު ރިފްޝާވެސް ބޯޖަހާލީ އެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުންނެވެ.

“ސޯ ޓްރޫ.އާންޓް ހިތައް އެބަ އަރާ ޔޫލީވެސް އާންޓްމެންނާއި އެއްކޮށް ޢުމްރާކުރަން މައްކާއަށް ގެންދަން.އެކަމަކު ދަރިފުޅު މި ދިޔަ އަހަރު ރޯދަމަހު ޢުމްރާއެއް ކޮށްފަ ހުރީ.ދެން މި އަހަރު މި ދަނޑިވަޅުގަ ތި އުޅެނީ ރާއްޖެ ދާންވެގެންނެއްނު.ފިރޫ ނީޑްސް ޔޫ ދެއަރ”ރަޝްފާގެ ޖުމްލައިގެ ތެރެއިން “ފިރޫ”އެ ނަން އިވުމާއެކު ޔޫލިއާގެ ދެލޯ ފެންކަޅިވިއެވެ.ރަޝްފާ އަތުގެ ނުފުށުން ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލިއިރު ރިފްޝާވެސް އިނީ މާޔޫސްވެފައެވެ.”އެކަމަކު އައި ޕްރޮމިސް.ޔޫލީ ރާއްޖެ ގޮސް ފިރޫ ގޮވައިގެން އައީމަ އެންމެން އެއްކޮށް އަންނަ އަހަރު ހައްޖައް ދާނީ”ރަޝްފާ މޭޒުމަތީގައި ޖޯޑުކޮށްލެވިފައި އޮތް ޔޫލިއާގެ އަތުގައި ހިފާލަމުން ބުނުމާއެކު ޔޫލިއާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.ނަަމަވެސް އޭރު އޭނާގެ ހިތް ވަނީ ފުދޭވަރެއްގެ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.އެއީ މިއަދު އިރުކޮޅެއް ކުރިން އޭނާ ވާހަކަ ދެއްކި ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި “ފިރޫ”އެހާ އަވަހަށް ސަލާމަތްވުމުގެ އުންމީދު ހަނިކަމަށް ބުނުމުންނެވެ.ނަމަވެސް އެ ވާހަކަ ރަޝްފާއާއި ރިފްޝާ ގާތު ބުނެވޭނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.އެހެންކަމުން އެ ދެމީހުން ކުރިމަތީގައި އޭނާ ހަމަޖެހޭ ގޮތް ދައްކަމުން ކެއުމާއިގެން ކުރިއަށް ދިޔައެވެ.

ކެއުމަށްފަހު ރަޝްފާގެ އެދުމަށް ޔޫލިއާ އޭނާއާއި އެއްކޮށް ގޯތިތެރެއަށް ހިނގާލަން ނުކުތެވެ.އިރުކޮޅެއް ފާއިތުވެގެންދިޔައީ ދެމީހުން ކުރެ މީހަކު އަނގައިން ނުބުނެ ތިއްބައެވެ.ނަމަވެސް ރަޝްފާގެ ނަޒަރު އިރު އިރުކޮޅާ އޭނާއާއި އެއްހަމައެއްގައި ހިނގަމުންދިޔަ ޔޫލިއާއަށް ހުއްޓެމުން ދިޔައެވެ.ރަޝްފާގެ މޫނުމަތިން ހިސާބަކަށް ނުތަނަވަސްކަން ފާޅުވަމުން ދިޔައިރު އޭނާ އުޅުނީ ދައްކަން ހިތުލައިގެން ހުރި ވާހަކަތައް ދުލާއި ހަމަޔަށް ގެންނާނެ ގޮތެއް ނޭނގިގެންނެވެ.ނަމަވެސް މާދަން ޔޫލިއާ ފުރުމުގެ ކުރިން ކޮންމެހެންވެސް އެ ދެމެދުގައި ދެކެވެން ޖެހޭނެ ވާހަކަތަކެއް އެބަހުއްޓެވެ.މާދަން ޔޫލިއާ ފޮށިތަންމަތި ބަނދެގެން ފުރަން ތައްޔާރު ވަނީ އާދައިގެ ދަތުރަކަށް ނޫނެވެ.ސްކޫލް ދައުރުއްސުރެވެސް ޔޫލިއާ އެކި ފަހަރުމަތިން އާއިލާއާއި ވަކިން ގިނިކަންޏާ ޤައުމުން ބޭރަށް ގޮސްފައިވެއެވެ.ފަހަކަށް އައިސް މުޅިންވެސް ޔޫލިއާ ކޮށްފައިވަނީ ވިޔަފާރި ދަތުރުތަކެވެ.ޙާއްސަކޮށް އޭނާގެ އުމުރުން ފަނަރަ އަހަރުގައި ފުރަތަމަ ރާއްޖެ ދިޔަ ދުވަހުން ފެށިގެން ލިބޭ ޗުއްޓީތަކުގައި ރާއްޖެ ދިއުމަކީ އާދައެއް ނަމަވެސް މިފަހަރު އެ ޤައުމަށް ދިއުމުގެ މަޤްސަދު މުޅިން ތަފާތެވެ.އޭނާ ޔޫލިއާ އެ ނުރައްކާތެރި ދަތުރުގައި ފޮނުވަން ބޭނުންނުވިނަމަވެސް ފިރޫ ސަލާމަތްކުރުމަށް އޮތް ހަމައެކަނި ގޮތަކީ އެއީއެވެ.ހަމައެހެންމެ އެއީ ޔޫލިއާގެވެސް ހައްޤެކެވެ.ބައެއްފަހަރު ދުނިޔެމަތީގައި އިންސާފު ހޯދުމަށްޓަކައި އިންސާނާ ހީވެސްނުކުރާފަދަ ހަރުފަތްތަކަށް ދާންޖެހެއެވެ.އަދި ޢަމްދުން މި ޒަމާނުގައި ކޯޓަށް ހާޒިރުވުމުން ޝަރީޢަތުގައި އިންސާފު ލިބެނީ މަދު ބަޔަކަށެވެ.

“ދަރިފުޅާ ޔޫލީ.ދަރިފުޅު ތި ކުރަން އުޅެނީ ވަރަށް ބޮޑު ކަމެއް.އެންޑް އާންޓް ދަރިފުޅަށް ވަރަށް އިތުބާރުކުރަން.އާންޓްއަށް އިނގޭ ދަރިފުޅު މިއޮތް ހުރިހާ ދުވަހު ދަރިފުޅަށް ވީ ވަރަކުން ފިރޫ ބެއިލް ކުރެވޭތޯ މަސައްކަތް ކުރިކަން.އަދި ވަރަށް އަވަހަށް އެކަން ވާނެ އިންޝާ الله.އައި ބިލީވް އިން ޔޫ.އެކަމަކު ދަރިފުޅާ.ފިރޫއަށް އެ ހާލު ޖެއްސި އެ ނުބައި އިންސާނާ އަކީ ވަރަށް ނުރައްކާތެރި މީހެއް.އޭނަގެ ސަބަބުން ޔޫލީއަށް ގެއްލުމެއް ލިބިއްޖެއްޔާމުން..”ރަޝްފާގެ އަޑު ކުރެހުނެވެ.”ނޯ އާންޓް.ހާސްނުވޭ.ޔޫލީއަށް އެއްވެސް ކަމެއް ނުވާނެއޭ.ޔޫލީއަކީ އާންޓްގެ ސްޓްރޯންގް ގާލްއެއްނު.އިރާދަކުރެއްވިއްޔާމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.އަހަރެންގެ އާއިލާ ހަލާކުކޮށްލި މީހާގެ އަރު ތެރޭގަ އޭނާ އެކަން ކުރީތީވެ އެކަމުގެ ހިތި ރަހަ ލައްވާނަން އިންޝާالله.ވަރިހަމަ އޭނަ މަރާލަން ޖެހުނަސް”ޔޫލިއާ އެހެން ބުނިއިރު އޭނާގެ ކޯތާފަތް މަތީގައި ކަރުނައިގެ ރޮނގެއް ދެމެމުން ދިޔައެވެ.ރަޝްފާ ޔޫލިއާގެ ގައިގައި ދެއަތް ވަށާލަމުން އޭނާގެ ބުރަކަށީގައި ފިރުމާލީ ހިތްވަރުދޭފަދަ ގޮތަކަށެވެ.

“ކާކު..މަރާލަނީއޭ؟”އިވުނު އަޑަކުން ޔޫލިއާ އާއި ރަޝްފާއާއި ދެމީހުނަށް އެއްފަހަރަކާ ސިއްސައިގެން ގޮސް ފަހަތް ބަލައިލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

svetlana

Level 110 Stories100 Login

An avid reader and storyteller at heart, weaving tales that captivate and inspire. Passionate about exploring the depths of human emotions.crafting worlds that linger in the imagination.Writing is not just a passion—it's my way of breathing life into dreams.

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 41

Next

ދަރިއެއްގެ ކަރުނަ

Next
December 23, 2024

ދަރިއެއްގެ ކަރުނަ

Previews
December 23, 2024

ޙަޤީޤަތް ހޯދުމޭ 41

8 Comments!

  1. Tuliplover Tuleep says:
    December 23, 2024 at 2:41 pm

    Next part

    1. svetlana says:
      December 24, 2024 at 12:26 pm

      Next week or this week Saturday insha Allah 💗

  2. Nizam says:
    December 23, 2024 at 5:34 pm

    Mihaaru author eh mi site ah liyamun dhaa vaahaka akaa mi part ebahuri vahtharu gotheh

    1. svetlana says:
      December 23, 2024 at 7:29 pm

      Really?which story?

  3. Your fav bab says:
    December 23, 2024 at 6:45 pm

    This story is So interesting
    Can’t wait for next!!!!!!!!!!!!
    Yoolia and firaathu dhw????????
    Lysm💗

  4. Tamam abi teşekkür ediyorum says:
    December 24, 2024 at 5:45 pm

    Hykuran nimendhen vaahaka genesdheyne kamah
    Baeh kudgin ehaa reethi gaahka fashaafa filaigrn dhany

    V salhi ❤️💪

    1. Anonymous says:
      December 24, 2024 at 7:13 pm

      Thanx insha Allah💗

    2. Anony girl says:
      December 31, 2024 at 10:23 am

      You know Turkish?? 😮

Comments are closed.

Next Episodeޕިޔަދަ 2←


All Right Reserved!