Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ނިދީތެރޭން

mohamed neer Level 210 Stories100 Stories
June 15, 2013 22 Mins Read
6 Comments

ހަވީރު ހަތަރުގަޑި ތިރީސްކަން ހާއިރެވެ. ރަށުގެ އަތިރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ތެރެއިން ގިނަބަޔެއްގެ މިސްރާބަކަށް ވެފައިވަނީ ފެރީގިމަތަ އެވެ. ސަރުކާރުން ދެމުންދާ ދަތުރުފަތުރުގެ ފަސޭހަ ނިޒާމުގެ ތެރެއިން މާލެއިން އަންނަ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާއި ބައްދަލުކޮށްލާ އެމީހުންނަށް މަރުޙަބާ ކިޔުމަށް އެބައިމީހުން އަވަސްވެފައި ވެއެވެ.
ހެދިހުރި ކަސްރަތީ ހަށިގަނޑަކާއި ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ވިސާމަކީ އުމުރުގެ ޒުވާންދުވަސްތައް ގުނަމުންދިޔަ ޒުވާނެކެވެ. ވިސާމަށް ލިބިފައިވާ ފުރިހަމަކަމަށް އިތުރު ކުރިއެރުމެއް ލިބިފައިވަނީ އޭނާގެ ފުނާއެޅުމުގައި ގެންގުޅޭ ޒަމާނީ ގޮތްތަކުގެ ސަބަބުންކަން ޔަގީނެވެ. ހަމައެހެންމެ އޭނާއަށް ލިބިފައިވާ ދޮންކުލައަކީ ވެސް އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެއްކަން ޔަގީނެވެ.
ވިސާމް ގުރައިދޫއަށް ދިޔައީ އޭނާގެ ރައްޓެއްސަކު އެރަށުގައި ހިންގަމުންދިޔަ ޓޫރިސްޓް ޝޮޕެއްގެ މަސައްކަތުގައި އޭނާއަށް އެހީތެރިވުމަށްޓަކައެވެ. އެހެންވެސް ދަތުރުވެރިންނެކޭ އެއްފަދައިން ވިސާމް ވެސް ދޯނިން ފޭބީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމާ އެކުގައެވެ.
ވިސާމް ދޯނިން ފޭބުމާއެކުހެން އޭނާގެ ރަހުމަތްތެރި ޖަޒީލް އައިސް އޭނާއާ ބައްދަލުކުރިއެވެ. ސަލާން ކޮށްލަމުން ހާލު އަހުވާލު އަހާލިއިރު އޭނާގެ މޫނުމަތިން ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ވިސާމެކޭ އެއްފަދައިން ފެރީދޯނި ކައިރިއަށް އައިސް ގޮސްވާ އެންމެންގެ މޫނުމަތިން ފާޅުވަމުންދިޔަ އުފަލާއި ހިތްހަމަ ޖެހުމަކީ ވިސާމަށް ލިބިގެންދިޔަ އެންމެބޮޑު އުފަލާއި ހިތްހަމަޖެހުމެވެ. ތަކުރާރުކޮށް އޭނާގެ ރައްޓެހިން ބުނަމުންދިޔަ ފަދައިން ރާއްޖެތެރޭން ފެންނަމުންދާ އެންމެ ހިތްގައިމު މަންޒަރެވެ.
ޖަޒީލާއި ވިސާމް ޖަޒީލްގެ ސައިކަލްގައި ދިޔަގޮތަށް ދިޔައީ ޖަޒީލްމެން ގެއަށެވެ. ގެއަށް ދަބުސް ލުމަށްފަހު ދެމީހުން އެކުގައި ބޭރަށް ނުކުތީ އެތައް ދުވަހަކަށްފަހު ބައްދަލުވުމުން ކޮންމެހެން ވެސް ދައްކާލާންޖެހޭ ބައެއް ވާހަކަތައް ހުރުމާއި އެކުގައި ކޮފީއެއް ބޯނުލާތާ ގިނަދުވަސް ވެފައިވާތީ އެކަމުގެ ބޭނުމުގައެވެ. އެތައް ދުވަހަކަށްފަހު އަނެއްކާ ވެސް ބައްދަލުވުމުން ދެމީހުން ވެސް ތިބީ ނުހަނު އުފާވެ ހިތްހަމަޖެހިފައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ރޭގަނޑު ނުވައެއްޖަހާކަން ހާއިރެވެ. ޖަޒީލާއި ވިސާމް، ޖަޒީލްގެ ޝޮޕްގައި ތިބީ ޓީސާޓް ތަކެއް ކުރެހުމުގެ މަސައްކަތް ކުރާށެވެ. ވިސާމަށް ލިބިފައިވާ ފުރިހަމަކަމެކޭ އެއްފަދައިން އޭނާގެ މަސައްކަތްތައް ވެސް ފުރިހަމަ ވެފައި ރީއްޗެވެ. އޭނާގެ މަސައްކަތްތައް ފެނުނު އެންމެން ވެސް އޭނާގެ މަސައްކަތްތަކުގެ ފުރިހަމަކަމަށް ތަޢުރީފު ކުރިއެވެ.
ތަރިރުހަނދުގެ ދައުރުވުމާއެކުހެން ރޭދުވާ ދައުރުވަމުން ދިޔައެވެ.
ވިސާމް އެރަށަށް އައުމާއެކުހެން ޒުވާންފުރައިގެ ވަރަށްގިނަ އަންހެން ކުދިންގެ ލޯތައް ވިސާމަށް އަމާޒުވެގެން ދިޔައެވެ. ހަމައެހެންމެ ވިސާމްގެ އިޝާރާތަކަށް ބަލާ އަންހެން ކުދިން ދުވަހަކަށްވުރެ ދުވަހެއް ގިނަވާން ފެށިއެވެ.
ނިޒްމާ އަކީ ރީތިކަމާއި ފުރިހަމަކަމުގައި އަރާހުރި ވިއްސަކަށް އަހަރުގެ ޒުވާނެކެވެ. އާދައިގެވަރަކަށް ކުލަދޮން ނިޒްމާއަށް ލިބިފައިވާ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނާއަށް ލިބިފައިވާ ކަޅުކުލަގަދަ ދިގު އިސްތަށިގަނޑާއި ބޮޑު ދެލޮލުގެ ސަބަބުން ނެވެ. އޭނާގެ ހެދިހުރި ފުރިހަމަ ހަށިގަނޑާއި ވަނާތައް ގުޅި ލާމެހިފައިވާކަމީ ވެސް އޭނާއަށް ލިބިފައިވާ އިތުރު ފުރިހަމަ ކަމެކެވެ. މަސައްކަތްތެރި ހީވާގި، ރަނގަޅު އަޚުލާޤެއް ލިބިފައިވާ ނިޒްމާއަކީ ދިރިއުޅުމެއް ފެށުމަށް އެންމެ އެކަށީގެންވާ ޒުވާނެއް ކަމުގައި ގިނަބަޔަކު ބުނަމުން ދިޔައެވެ. ހަމައެހެންމެ ރަށުގެ ޒުވާނުންގެ ތެރެއިން އެންމެގިނަ ޒުވާނުން އެމޫނަކަށް ލޯ އަޅަމުންދާ އެއް މޫނަކީ ވެސް އެމޫނެވެ.
މުއްސަނދިކަމާއި ތަނަވަސްކަމުގައި އަރާހުރި ވިރާސްއަކީ ރަށުކައުންސިލްގެ ރައީސް އެވެ. އޭނާގެ މިލްކިއްޔާތުގައި ތިން ދޯންޏާއި ފިހާރައެއްގެ އިތުރުން ޓޫރިސްޓްޝޮޕެއް ވެސް ހުރެއެވެ. ވިރާސަށް ލިބިފައިވާ ތަނަވަސްކަމުގެ ފައިދާ އޭނާ އާއި އޭނާގެ ޢާއިލާގެ މެންބަރުންގެ އިތުރުން އޭނާގެ ރައްޓެހިންނާއި ބައެއް ނިކަމެތިންނަށް ވެސް ލިބެމުން ދެއެވެ. އެހެންކަމުން ވިރާސް ވެފައި ވަނީ ގިނަބަޔެއްގެ ލޯތްބާއި އިޚުތިރާމް އަދި ޤަދަރު ލިބިފައިވާ މީހަކަށެވެ.
ވިރާސްގެ ހުރިހާ މުދަލެއް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ އޭނާ އާއި ސާގިބާއަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު އަންޖާމެވެ. މައިންބަފައިންގެ ހެޔޮނަސޭހަތާއި މިންނެތްމަސައްކަތުން ރާއްޖޭން ބޭރަށް ފޮނުވައިގެން އޭނާއަށް ހޯދާދީފައިވާ ތަޢުލީމުގެ ފައިދާ އޭނާ ކުރަމުންދިޔަ އެމަސައްކަތްތަކުން ފެންނަމުންދިޔައެވެ. އަންޖާމަކީ އޭނާއަށް ލިބިފައިވާ ތަޢުލީމާއި އަޚުލާޤުގެ އިތުރުން ނުހަނު ރީތިކަމާއި ފުރިހަމަކަން ލިބިފައިވާ ޒުވާނެކެވެ. އޭނާއަށް ލިބިފައިވާ ދިގު އިސްކޮޅާއި ހެދުން އެޅުމުގައި ގެންގުޅޭ އުސޫލު ތަކުގެ ސަބަބުން އޭނާގެ ފުރިހަމަކަން އިތުރުވެފައި ވެއެވެ. ހަމައެހެންމެ އަންޖާމަކީ އޭނާއަށް ލިބިފައިވާ ތަޢުލީމާއި މަސައްކަތްތެރި ކަން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފަމުންދާ ހަރުދަނާ ޒުވާނެއް ކަމުގައި އެންމެން ވެސް ގަބޫލުކުރެއެވެ.
އަންޖާމަށް ކަޅިއަޅަމުންދާ ޒުވާން އަންހެން ކުދިން ވަރަށްގިނައެވެ. އޭގެތެރޭގައި އޭނާދެކެ ލޯބިވެގެން އޭނާއާއެކު އުފާވެރި ޒަވާޖީހަޔާތެއް ވޭތުކުރުމަށް ބޭނުންވާ ކުދިންނާއި އޭނާގެ ތަނަވަސްކަމަށް ފެންބޮވައިގެންފައިވާ ކުދިން ވެސް ހިމެނެއެވެ.
އަންޖާމުގެ ޢާއިލާގެ ތަނަވަސްކަމަށް ފެންބޮވައިގެންފައިވާ ޒުވާން އަންހެންކުދިންގެ ތެރޭގައި ނީނާ ވެސް ހިމެނެއެވެ. އުމުރުން އެންމެ ވިހިއަހަރުގެ ނީނާ އަކީ އާދައިގެ ޢާއިލާއަކަށް އުފަންވެފައިވާ ޖަވާހިރެއްފަދަ ރީތި އެހާމެ ފުރިހަމަ އަންހެން ކުއްޖެކެވެ. ހިމަތޮޅި ލޫޅާފަތި ކުލަދޮން ހަށިގަނޑެއް ލިބިފައިވާ ނީނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނާއަށް ލިބިފައިވާ ރާޅުބާނި އިސްތަށިގަނޑާއި އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކެވެ. މިހާރު ވެސް ނީނާގެ އިޝާރާތަކަށް ބަލަބަލާތިބި ޒުވާނުންނަކީ މަދުބަޔެކޭ ނުބުނެ ވޭނެއެވެ.
ނީނާއަކީ އެންމެންނާއި ވެސް ނުހަނު ގުޅޭ ސަކަމިޒާޖުގެ ޒުވާނެކެވެ. ނީނާގެ އެ މިޒާޖުގެ ސަބަބުން ވަރަށް ގިނަބަޔަކު އޭނާއާ ގުޅެއެވެ. އޭގެތެރޭގައި ޒުވާން ފުރައިގެ ފިރިހެންކުދިން ވެސް ހިމެނެއެވެ. އޭނާ ހުންނަ ކޮންމެތަނަކަށް އޭނާގެ ސަބަބުން އުފާވެރިކަން ގެނެސްދޭ ކަހަލައެވެ. މާޔޫސްވެ ހިތްދަތިވެފައިތިބޭ އޭނާގެ ރައްޓެހިންގެ އެމާޔޫސްކަމާއި ހިތްދަތިކަމަކީ ނީނާ ބަލާން ބޭނުންވާ މަންޒަރެއް ނޫނެވެ. އެހެންކަމުން އެފަދަ ވަގުތުތަކުގައި ވެސް އޭނާ މަސައްކަތް ކުރަމުންދަނީ އެފަދަ ރައްޓެހިންނަށް ހިތްހަމަ ޖެހުން ހޯދައިދީ ހިތްހަމަޖައްސާ އުފާކޮށްދޭށެވެ.
ހަވީރު ހަތަރުގަޑިބައި ފަހެއް ޖަހާކަން ހާއިރެވެ. ދުވަހަކީ މޫސުމް ރީތި ހިތްގައިމު، އާދައިގެ ވަރަކަށް ވައިޖެހެމުންދާ ދުވަހަކަށް ވާތީ ގިނަބަޔަކު އަތިރިމައްޗަށް ޖަމާވެފައި ވެއެވެ. ހަމައެހެންމެ އިތުރު އެތައްބަޔަކު އަތިރިމައްޗަށް ޖަމާވަމުން ދިޔައެވެ.
ވިސާމް އޭނާގެ އާދައިގެމަތިން ޝޮޕްގެ މަސައްކަތްތައް ނިންމާލުމަށްފަހު ސައިބުއިމަށްޓަކައި އަތިރީމަގުންލާފައި ރުއްގުޅި ކެފޭއާއި ދިމާއަށް ދިޔައެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުންދަނީ އާދައިގެ ގޮތެކެވެ.
އަތިރިމަތީ ބަހައްޓާފައިހުރި ޖޯލިފަތިތަކުން ޖޯލިފައްޗެއްގައި ނީނާ އާއި އޭނާގެ އެކުވެރި ފާތުން އަދި ރައިނާ އާއި ރާބިޔާ ތިއްބެވެ. ހަތަރު ޒުވާނުން ތަފާތު މަޢުލޫމާތަކަށް ވާހަކަދައްކަމުން ހީހީ ފައި ސަކަރާތް ޖަހަމުން ދިޔައެވެ. އޭރު އެންމެންގެ މޫނު މަތިން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
” އޯހް …… ސަޅި ބިޓެއް. ” ނީނާއަށް ވިސާމް ފެނުމާއެކުހެން އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކުހެން ދެން ތިބި ތިންމީހުން ވެސް އަވަސް އަވަހަށް އެދިމާއަށް ބަލާލިއެވެ. އެއާއެކުހެން އެންމެން އެއްފަހަރާ ކަހަލަގޮތަކަށް ހީގަތެވެ. އެހެނަސް އެއިން އެއްވެސްކަމެއް އެހަތަރު މީހުން ފިޔަވާ އެހެން މީހަކަށް ނޭނގެއެވެ.
” ފާތުން!.. ހާދަވަރަކަށޭ ތިބަލަނީ. ސަލާން ބުނާންވީތަ ؟ ” ފާތުންނަށް ބަލާލަމުން ސަމާސާ ރާގަކަށް ނީނާ އަހާލި
އެވެ. އޭރު އޭނާގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ އެފަދަ ސުޢޫރުތަކެކެވެ.
” ކޮންމެހެން އަހަރެންގެ ސަލާން ބުނާނެކަމެއްނެތް. ކަލޭ ތިހާ ބޭނުމިއްޔާއި ކަލޭގެ ސަލާން އަހަރެން ބުނެފާނަން. ”
ހީގަންނަމުން ފާތުން ބުންޏެވެ.
” ފާތުންނަށް ތިހާ ކެރެންޏާއި ބުނާންވީނު. އަހަރެން އެއްވެސް ހާހެއްނުވޭ. ” ދެރަނުވާންވެގެން ކަހަލަ ގޮތަކަށް ނީނާ
ބުނެލިއެވެ.
” ފާތުން ބުނާތި އިނގޭ. ” ރައިނާ އާއި ރާބިޔާ އެކުގައި ކަހަލަގޮތަކަށް ބުންޏެވެ. ފާތުން ލައްވާ އެކަން ކުރުވާން އެ
ދެމީހުން ވެސް ނުހަނު ބޭނުންވާ ކަހަލައެވެ. އޭރު އެދެމީހުންގެ މޫނުމަތިން ވެސް ފާޅުވަމުން ދަނީ ހިނިތުންވުމުގެ އަސަރުތަކެވެ. އެއީ މަޖަލެއްކަން އެކަމުން ވެސް ދޭހަވަމުން ދިޔައެވެ.
ފާތުންމެންގެ ރޭވުމުގެ އެއްވެސް ހިލަމެއްނުވާ ވިސާމް ހިނގަމުން އައި ގޮތަށް އެދިމާއިން ދިޔައެވެ.
ދެވަނަބައި
ވިސާމް ދިރިއުޅެމުންދަނީ ފާތުން މަސައްކަތްކުރާ ފިހާރައާއި ވަރަށްގާތުގައި ހުންނަ ގެއެއްގައި ކަމަށްވެފައި ވިސާމް ވަރަށް
ގިނައިން އެފިހާރައަށް އައިސް އުޅޭތީ ވިސާމާއި ފާތުން ވާހަކަދައްކާން ޖެހެއެވެ. އެހެންކަމުން އެމެދުގައި ކޮންމެވެސް ވަރެއްގެ ރަހުމަތްތެރިކަމެއް އުފެދިފައި ވީ ނަމަވެސް އެއިން އެއްވެސްކަމެއް ދެންތިބި ތިންމީހުންނަކަށް ނޭނގެއެވެ.
ވިސާމް އައިސް ޖޯލިފައްޗާއި ހަމަވުމާއެކުހެން ރައިނާ އާއި ރާބިޔާ ލޮލުގެ އިޝާރާތުން ފާތުންނަށް އަންގާލިއެވެ.
” ވިސާމް! ނީނާ ވަރަށް ގަދައަށް ސަލާން ބުނި. އަދި ބުނީ ވަރަށް ލޯބިވެޔޯ ” ވިސާމް އައިސް ޖޯލިފައްޗާއި ހަމަވުމާ
އެކުހެން އެ ފަސްމީހުން ފިޔަވާ އެހެން މީހަކަށް ނީވޭވަރަށް ފާތުން ގޮވާލިއެވެ.
ފާތުން އެހެން ގޮވާލުމާއެކުހެން ވިސާމް ހުއްޓިލަމުން އެމީހުންނަށް ބަލާލިއެވެ. އަދި ހިތްހަމަ ނުޖެހުމާއެކުހެން އަނެއް
ފަރާތަށް މޫނު އަންބުރާލަމުން ހިނގައިގަތެވެ.
ވިސާމްގެ އެޢަމަލުގެ ސަބަބުން ނީނާމެންގާތަށް ވަރަށް ހިނިއައެވެ. އެހެންކަމުން އެންމެންނަށް އެކުގައި ކަހަލަ ގޮތަކަށް
ހީގަނެވުނެވެ.
” ނީނާއަށް ތިކަން ވާކަށް ނެތް. އެދިޔައީ ރުޅިއައިސްގެން. ” އަވަސް އަވަހަށް ރައިނާ ބުނެލިއެވެ.
” އެކަމު އަހަރެންނަށް ހީވަނީ ނީނާއަށް ތިކަން ވާނެހެން. ބައެއް މީހުން ބުނޭ ނަފްރަތަކީ ލޯބީގެ ފެށުމޭ. ފަހަރެއްގަ
ތިކަން ވެސް އެހެން ވެދާނެއެއްނު. ” ނީނާއަށް ހިތްވަރުދޭ ފަދައަކުން ފާތުން ވާހަކަ ދެއްކިއެވެ.
” ފާތުންނަށް ތިހާ ޔަގީންކަން އޮތިއްޔާ ނީނާއަށް އެކަން ކޮށްދޭންވީނު. ” ހިނިތުންވެލަމުން ރާބިޔާ ބުންޏެވެ.
” އަހަރެންނަށް ވެސް ހީވަނީ ތިއީ ރަނގަޅުގޮތެއްހެން. ” ރާބިޔާގެ ވާހަކައާއި ބައިވެރިވެލަމުން ރައިނާ ބުންޏެވެ.
” ކަލޭމެން ތިޔަ ހީކުރަނީ އަހަރެންނަށް ތިކަން ނުވާނެކަމަށްތަ؟ މިހާރު ވެސް ނީނާ ބުނެބަލަ އެކަން ކުރާން ބޭނުމޭ.
ބަރާބަރު އެއްހަފްތާ ވާނީ. ” ވަރަށް ޔަގީންކަމާއި އިތުބާރާއެކު ފާތުން ވާހަކަދެއްކިއެވެ.
” ނީނާ! އަވަހަށް އެއްބަސްވޭ. ކަލޭ ނުޖެހޭނެ އެއްވެސްކަމެއް ކުރާކަށް. ” ނީނާއާ ދިމާއަށް ބަލާލަމުން ރައިނާ އާއި
ރާބިޔާ އެއްފަހަރާ ކަހަލަގޮތަކަށް ވާހަކަދެއްކިއެވެ. ނީނާ އާއި ވިސާމް ގުޅޭން އެދެމީހުން ނުހަނު ބޭނުންވާ ކަހަލައެވެ.
” އެއްހަފުތާތެރޭ ފާތުންނަށް ތިކަން ނުވެއްޖެނަމަ އަހަރެންނަށް ކޮންކަމެއް އޮތީ؟ ” ވިސްނާން ހުރެފައި ކަހަލަގޮތަކަށް
ނީނާ އަހާލިއެވެ.
” އެއް ހަފުތާތެރޭ އަހަރެންނަށް މިކަން ނުވެއްޖެނަމަ ކަލޭމެން ތިންމީހުނަށް ރެސްޓޯރެންޓުން ކާންދޭނަން. އެއް ހަފުތާ
ތެރޭ އަހަރެން މިކަން ކޮށްފިއްޔާ ކޮންއެއްޗެއް ކަލޭމެން ދޭނީ؟ ” ނީނާގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ފާތުން ސުވާލުކުރިއެވެ.
” އަހަރެމެން ވެސް ރެސްޓޯރެންޓުން ކާންދޭނަން. ” ރައިނާ އާއި ނީނާއަށް ބަލާލަމުން ރާބިޔާ ބުންޏެވެ. ރާބިޔާގެ
ވާހަކައާއި ބައިވެރިވުމުގެ ގޮތުން އާންއެކޭ ބުނާފަދައަކުން ނީނާ އާއި ރައިނާ ބޯ ޖަހާލިއެވެ.
އިރުއޮއްސޭންދެން އެތަނުގައި މަޑުކުރުމަށްފަހު ރައިނާމެން ހަތަރުމީހުން ދިޔައީ ގެއަށެވެ. އޭރު އެ ހަތަރުމީހުންގެ މޫނު
މަތިން ވެސް ފެންނަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
އޮއްސުނު އިރާއެކުހެން ރަށުތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމާއެކު ހަމަހިމޭންކަން ވެސް ވެރިވިއެވެ. އަތިރި ތަކުން
ނާއި ކުޅިވަރުގެ މައިދާންފަދަ އާންމުން އެއްވާ ތަންތަނުން މީހުން މަދުވެގެން ދިޔައެވެ. ހަމައެހެންމެ މަގުތަކުން ވެސް މީހުން ފެނުން މަދުވަމުން ދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ފާތުން އޭނާގެ އާދައިގެމަތިން ފިހާރާގައިއިނެވެ.
ޑުރާމާ ބެލުމާއިގެން މަޝްޢޫލްވެއިން ފާތުން ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު ފިހާރައަށް ވަންނަމުން ކަރުކެހެލި އަޑަށެވެ. ފާތުން އަވަސް އަވަހަށް އެދިމާއަށް ބަލާލިއިރު ފިހާރަތެރޭގައި ހުރީ ވިސާމް އެކަންޏެވެ.
” ހިންދީޑުރާމާއަށް ތިހާވަރު ހުންނަންޏާއި ޓީވީތެރެއަށް ވަންނަންވީނު. ތިހާވަރު ވަންޏާއި މިތަނުން އެއްޗެށް މީހަކު
އައިސް ގެންދިޔަޔަސް ފާތުންނަކަށް ނޭނގޭނެ. ” ފާތުންނާއި ދިމާއަށް ހިނިތުންވެލަމުން ވިސާމް ވާހަކަދެއްކިއެވެ.
” އޫން. ނީނާގެ ބިޓުދޯ ؟ ކަލޭ މިތަނުން ކޮންމެއެއްޗެއް ގެންދިޔަޔަސް އަހަރެންނަށް ހެޔޮ. އަހަރެން ބުނާނީ ނީނާ
ކައިރީގަ. އޭރުން ފައިސާގެ ކަންތައް އޭނާ ހަމަޖައްސާނެ. ” އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށް ނުހަނު ބޭނުންވެފައިވާ ފާތުން ވިސާމަށް ހިނިތުން ވެލަމުން ވާހަކަދެއްކިއެވެ. އެއީ ރޭވުމުގެ ފެށުން ކަމުގައި ފާތުން ދެކެއެވެ.
” އެތަނުގަ އެހެން ބުނީ އަހަރެން ލަދު ގަންނާނެކަމަށްތަ ؟ އަހަރެން އެއްވެސް ލަދެއް ނުގަނޭ. ” ހަމަޖެހޭގޮތް ދައްކާ
ލަމުން ވިސާމް ބުންޏެވެ.
” ތިކަން އެނގިއްޖެއްނު. އަންހެންކުއްޖަކު އިސްވެ ލޯބިވާ ވާހަކަ ބުނީމަ ވެސް ޖަވާބެއް ދޭކަށް ނުކެރުނު ވިއްޔަ ”
މަލާމާތުގެ ރާގަކަށް ފާތުން ބުންޏެވެ. ފާތުން ބޭނުންވަނީ ކޮންމެގޮތަކުން ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބުކުރާށެވެ.
” ތިއެއް އެނގޭނީ ނީނާ އެކަނި އައިސް އަހަރެން ކައިރީ ބުނިނަމައެއްނު. ” ދެރަ ނުވާންވެގެން ކަހަލަގޮތަކަށް ވިސާމް
ބުންޏެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އާދައިގެގޮތެކެވެ.
” ނީނާ އެކަނި ހުރެވެސް ބުނެދާނެ. އެކަމު ކަލެއަކަށް ނުކެރޭނެ. ތިއީ ބޮޑު ފިނޑިއެއް. ” މަލާމާތްކޮށް ރުޅިއަރުވައިގެން
ނަމަވެސް ފާތުން ބޭނުންވަނީ ވިސާމް ލައްވައި އެކަން ކުރުވާށެވެ. އެއީ އޭނާގެ މޮޅުކަމާއި ކުޅަދާނަކަން ދެއްކުމަށްޓަކައެވެ.
” ތިއެއް ދައްކާލާނަމޭ. ތިހެން އުޅެންޏާއި އަހަރެން ކައިވެނި ކުރާނީ ވެސް ނީނާއާ. އެކަމު އެދުވަހަކުން ފާތުން ޖެހޭނެ
އަހަރެން ބުނާކަމެއް ކޮށްދޭން. ” ކުޑައިރުކޮޅަކު ވިސްނާން ކަހަލަ ގޮތަކަށް ހުރުމަށްފަހު ވިސާމް ބުންޏެވެ.
ވިސާމްގެ އެވާހަކަތަކުގެ ސަބަބުން އޭނާގެ މަސައްކަތް ކާމިޔާބުވެދާނެކަމުގެ އުންމީދު ފާތުންނަށް ލިބިގެން ދިޔައެވެ.
އެހެންކަމުން ލިބުނު ހިތްހަމަ ޖެހުމުގައި ހިނިތުން ވެލެވުނެވެ. އެހެނަސް އެކަމެއް ވިސާމަކަށް ފާހަގައެއް ނުކުރެވުނެވެ.
” ކައިވެނި ކޮށްގެން ނީނާ ގޮވައިގެން އާދޭ. ” އޭނާގެ މަސައްކަތް ކާމިޔާބު ވާގޮތް ވުމުން ނުހަނު ހިތްހަމަޖެހިފައި
ހުރި ފާތުން ހީގަންނަމުން ކަހަލަގޮތަކަށް އަވަސް އަވަހަށް ބުނެލިއެވެ.
” ނީނާގާތު ބުނޭ އަހަރެން ބުންޏޭ މާދަމާރޭ އަށެއްޖަހާއިރަށް ދިގުމަގުކޮޅަށް އަންނާށޭ. އޭރުން އެނގޭނެ ކާކަށްކަން
ނުކެރިގެން އުޅެނީ. ” ފާތުން ވެސް ބޭނުންވި ފަދައިން ފާތުން މެދުވެރިކޮށް ޕްރޮގްރާމް ހަމަޖެއްސުމަށްފަހު ވިސާމް ދިޔައީއެވެ.
ރޭވުމާއި އެއްގޮތަށް ކަންތައް ދިއުމުން ފާތުން ހުރީ ނުހަނު އުފާވެ ހިތްހަމަ ޖެހިފައެވެ.
ޝޮޕްގައި ކުރާން ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ވިސާމް ގެއަށް އައިއިރު އެގާރަ ވެސް ޖަހައިފިއެވެ.
ނިދާން އޮތްއިރު ވެސް ވިސާމަށް ވިސްނެމުން ދިޔައީ ނީނާއާ މެދުގައެވެ. ނީނާގެ ރީތިކަމާއި ފުރިހަމަކަމުގެ ވާހަކަ
ދެއްކުމުގެ ބޭނުމެއް ނެތެވެ. ނީނާ ފަދަ ކުއްޖަކު އަމިއްލައަށް އިސްނަގައިގެން އޭނާގެ ހަޔާތަށް އައުމަށް މަސައްކަތް ކުރުމަކީ ވިސާމަށް ލިބިފައިވާ އެންމެބޮޑު ހައިރާންކަމެވެ.
އާންމުކޮށް ފެންނަމުންދާ މީހަކަށްވުރެ ވަގުތީގޮތުން ފެނިލާ މީހަކަށް ޝައުޤުވެރިވުމަކީ އާންމުކޮށް ވަމުންދާ ކަމެއްކަން
ޔަގީނެވެ. ހަމައެހެންމެ އާންމުކޮށް ފެންނަމުންދާ މީހުންނަކީ އެބައިމީހުންގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގޭ މީހުންނަށް ވީ ފަދައިން އަލަށް ފެންނަ މީހުންނަކީ އެބައިމީހުންގެ ޙަޤީޤަތް އެންމެ ރަނގަޅަށް ނޭނގޭ ބައެއްކަން ވެސް ޔަގީނެވެ. އެހެންކަމުން މިހާރު ވެސް ވެގެން އެއުޅެނީ އެފަދަކަމެއް ކަމުގައި ވިސާމަށް ގަބޫލުކުރެވުނެވެ.
އެހުރިހާކަމެއް އެހެން އޮތް ނަމަވެސް ނީނާގެ ނަޒަރު އޭނާއަށް އަމާޒުވީތީ ވިސާމް ހުރީ ނުހަނު އުފާވެ ހިތްހަމަ ޖެހިފަ
އެވެ. ހަމައެހެންމެ އޭނާގެ ހިތަށް ވެސް ނާރާ ފަދަގޮތަކަށް ނީނާ އަމިއްލައަށް އައިސް އޭނާގެ އަތުގައި ހިފުމުން އެއަތުން ދެން ދުވަހަކު ވެސް ދޫނުކުރާފަދަ ގޮތަކަށް ވެސް މެއެވެ.
ފާތުން ދެއްކި ވާހަކަތަކަށް ނީނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފާތުން ދެއްކި ވާހަކަތައް އެއްބަސްވެ އާންއެކޭ ބުނީ
ވެސް ރައިނާ އާއި ރާބިޔާ އުޅުނުގޮތުން އޭނާގެ ކެރޭކަން ދައްކާލުމަށްޓަކައެވެ. އޭނާގެ ހިތުގައި ވިސާމަށް އެއްވެސް ވަރެއްގެ ޝައުޤުވެރިކަމެއް ނެތެވެ. ރަށުން ބޭރު މީހަކާއި ކައިވެނިކުރުމަކީ ނީނާގެ ޚިޔާލަށް ވެސް އައިސްފައިވާ ކަމެއް ނޫނެވެ. ވީއިރު އޭނާ ވިސާމަށް ފުރުސަތު ދޭނީ ކިހިނެކުން ހެއްޔެވެ.
ނީނާއާ ގުޅުވައިގެން ޚިޔާލީފޮލާ ކެއްކުމާއިގެން މަޝްޣޫލްވެ އޮތް ވިސާމަށް ނިދުނުއިރެއް އޭނާއަށް ވެސް ނޭނގެއެވެ.
ވަގުތަކީ މެންދަމުގެ ވަގުތުކަމަށްވާތީ މަގެއްމަތިން އެއްވެސް މީހަކު ނުފެނެއެވެ. ގެއެއްގެތެރެއިން ގަދައައްޔެއް ނުފެންނަ
ތާންގައި ބާރު އަޑެއް ވެސް ނީވެއެވެ. ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭން ކަމާއި ފަޅުކަމެވެ. ރެއަކީ ވައިރޯޅި ވެސް މަޑު ރެއަކަށް ވާތީ ގަހެއްގެ ފަތެއް ނުވަތަ ރުކެއްގެ ފަނެއް ހެލިލާ އަޑުވެސް ނީވެއެވެ.
ރަށުތެރެއަށް ފެތުރިފައިވާ ހަމަހިމޭންކަމަށް ނިމުންއައީ މިސްކިތު ތާޅަފިލިން ރަށުތެރެއަށް ފެތުރިގެންދިޔަ ފަތިސްނަމާދު
ވަގުތުގެ ބަންގީގެއަޑާއި އެކުހެންނެވެ. އެއާއެކުހެން މަގުތަކުން މީހުން ފެންނާން ފެށިއެވެ. އެންމެންގެ ވެސް މިސްރާބަކަށް ވެފައިވަނީ މިސްކިތްކަމަށްވުމީ އުފާކުރާންޖެހޭ ކަމެއްކަން ޔަގީނެވެ.
މަސްވެރިންތައް މަހަށް ދިއުމާއިގެން އުޅެމުންދިޔައިރު އާދައިގެވަރަކަށް ވައި ޖެހެމުން ދިޔައެވެ. ހީވާގި އަންހެންވެރިން
އަތްމަތި އަވަސްކޮށްލާފައި ގޯތިތެރެއާއި މަގުތައް ކުނިކަހާ ސާފުކުރުމާއިގެން އުޅެމުންދިޔައިރު ޒުވާން ފުރައިގެ އަންހެން ކުދިންތައް ބަދިގޭގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ހާލާއި ކޮވެލީގެ އަޑުން ރަށުތެރޭގެ ހަމަހިމޭންކަން ނަގާލާފައިވާ ކަހަލައެވެ.
މަދަރުސާއަށް ދާ ކުދިންތައް މަދަރުސާއަށް ދިއުމަށް ތައްޔާރުވަމުން ދިޔައެވެ. ވަޅުތަކުގައި ތެޅެމުންދާ ދާނިތަކުން އިވެ
މުންދާ ތަފާތު އަޑުތަކުން ހީވަނީ އަމިއްލަރާގެއް އުފައްދާން އުޅޭހެންނެވެ. އެއަޑުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެއަޑު ތަކާއެކުހެން އިވެމުންދާ ތުއްތުކުދިންގެ ރުއިމުގެ އަޑުތަކެވެ.
ތިންވަނަބައި
ހަގަޑި ސާޅީސް ވުމާއެކުހެން މަގުތަކުގައި ރަސްކަން ކުރާންފެށީ ހުދުޔުނީފޯމްތަކުގައި ތިބި މަދަރުސާ ކުދިންތަކެވެ.
ބައިގަނޑު ބައިގަނޑަށާއި ވަކިވަކީން މަދަރުސާއާދިމާއަށް މިސްރާބު ޖަހާފައިވާއިރު އެކުދިންގެ ބެލެނިވެރިން ވެސް އެކުދިންނާއި ބައިވެރި ވަމުން ދިޔައެވެ. މަގުތަކުގައި ހަރަކާތްތެރިވަމުންދާ މަދަރުސާގެ ކުދިންގެ ގިނަކަމުން ހީވަނީ ކިރުދޫނި ބައިގަނޑުތަކެއް ހެންނެވެ. ދަރިންނަށްޓަކައި މައިންބަފައިން ވަމުންދާ ޤުރުބާނީ މިތަނުން ވެސް ފެންނަމުން ދިޔައެވެ. ބޮޑެތި ބަރު ދަބަސްތަކާއި ފޮތްބޮނޑިތައް ހިފައިގެން ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު އެތިބެނީ އެބައިމީހުންގެ ދަރިންގެ ކުރިމަގަށްޓަކައި ނޫން އެހެން ދެން ކޮންކަމެއްގައި ހެއްޔެވެ. ކިތަންމެ އަވަސް އަވަހަށް މަދަރުސާ ކައިރިއަށް ގޮސް އައިސްވާން ޖެހުނު ނަމަވެސް އެބައިމީހުންގެ ހިތު ގައި އެއްވެސް ޝަކުވާއެއްނެތި އެކަން ކުރަމުންދާކަމީ އެބައިމީހުން ވަމުންދާ ބޮޑު ޤުރުބާނީއެއްނޫން ދެން ކޮންކަމެއް ހެއްޔެވެ.
މިފަދައިން ކަންތައްތައް ހުރި ނަމަވެސް މިކަން ދަންނަ ކުދިން މަދުވަމުންކަމީ ހިތާމައާއެކު ފާހަގަކުރާންޖެހޭ ކަމެކެވެ.
ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ނީނާމެން ގެއަށް ފާތުން ދިޔައީ އޭނާގެ ކުޅަދާނަކަމާއި މޮޅުކަން ދައްކާލާށެވެ.
އޭނާ ބުނި ބަހުގެ އިތުބާރު ހުރި ވަރު އަންގާލާން ވެސް މެއެވެ.
ވިސާމާއި ފާތުން ދެއްކި ވާހަކަތައް ނީނާއަށް ކިޔައިދީ ނީނާއާ ބައްދަލުކުރުމަށް ވިސާމް ދަޢުވަތު ދިން ވާހަކަ ބުނުމުން
ނީނާއަށް ލިބިގެންދިޔައީ ހައިރާންކަމެވެ. އެއާއެކުހެން އެވާހަކަ ތަކަކީ އޭނާ މަޖައްލަށް ދެއްކި ވާހަކަތަކެއް ކަމަށާއި އޭނާ ވިސާމާއި ބައްދަލުކުރާން ބޭނުން ނޫންކަމަށް ނީނާ ބުންޏެވެ.
ނީނާގެ ވާހަކަތައް އަޑުއިވުމުން ފާތުން ވަރަށް ހިތްހަމަ ނުޖެހުނެވެ. އެހެނަސް އެކަމެއް ނީނާއަކަށް ނުދައްކައެވެ.
ނީނާ އާއި ވާހަކަދައްކާން އިރުކޮޅަކު މަޑުކުރުމަށްފަހު ފާތުން އަނެއްކާ ވެސް އޭނާގެ ގެއަށް ދިޔައީއެވެ. ނީނާގެ އެޢަމަލުގެ ސަބަބުން އޭނާއަށް ލިބޭނެ މަލާމާތާއި ވިސާމް ހިތްހަމަ ނުޖެހޭނެވަރު ފާތުންނަށް ވިސްނެމުން ދިޔައެވެ.
ވިސާމާއި ބައްދަލުކުރާން ނީނާ ބޭނުންނުވާކަމަށް ބުނި ވާހަކައާއި އޭނާ އޭރު އެހެންބުނީ މަޖަލަކަށް ކަމަށް ނީނާ
ބުނި ވާހަކަ، ވިސާމްގާތު ފާތުން ބުނީ އެދުވަހު މެންދުރުފަހު ފިހާރައިން ދިމާވުމުންނެވެ. އެއާއެކުހެން ވިސާމްގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ލިބުނު އުންމީދުގައި ކުލަޖެއްސުމަށް ފެށި މަސައްކަތް ކާމިޔާބު ނުވުމުން ހިތްހަމަވެސް ނުޖެހުނެވެ.
” ވިސާމް! އަހަރެން ދެކެ ރުޅި ނާދޭ. އަހަރެން އެކަމާ ކީއްކުރާނީ. ” މާޔޫސްކަމާއެކު ވިސާމަށް ބަލާލަމުން ފާތުން
ބުންޏެވެ. އޭރު އޭނާގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ އެފަދަ ޝުޢޫރު ތަކެކެވެ.
” އަހަރެން ފާތުން ދެކެ އެއްވެސް ރުޅިއެއް ނާދޭ. އެކަމު މިއީކީ މީހުން މަޖަލަށް ކުރާކަހަލަ ކަންތަކެއްނޫން. ”
ފާތުންނާއި ދިމާއަށް އެހެން ބުނުމަށްފަހު ވިސާމް ފިހާރައިން ނުކުމެގެން ދިޔައިރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ މާޔޫސްކަމުގެ އަސަރުތަކެވެ. ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ.
ވިސާމް އެރަށުގައި ކުރާންއައި މަސައްކަތްތައް ކުރުމާއިގެން އަވަދިނެތި ކަހަލަގޮތަކަށް އުޅެމުންދިޔައިރު އިރުހަނދުގެ
ދައުރުވުމާއެކުހެން ދުވަސްތައް ވެސް މާޒީއާ އެކުވަމުން ދިޔައެވެ.
ފަންޑިތަ އާއި ސިހުރު ހާހޫރަ އަދި އިސްތިރިވަރިތޮޅި ހެދުމުގައި ދެވަނައެއް ނެތް އަލީ އަހްމަދު ގުރައިދޫއަށް އައި
އޭނާގެ ރައްޓެއްސަކު ދިން ދަޢުވަތަކަށެވެ. އޭނާގެ ރައްޓެހިންނާއި ދެކެފަރިތަ މީހުން ބުނާގޮތުންނަމަ އެނާއަކީ އެދާއިރާއިން މިހާރު ރާއްޖޭގެ އެއްވަނައެވެ. އޭނާ ކުރާ އެފަދަ އެއްވެސްކަމެއް ކާމިޔާބު ނުވެއެއް ނުދާނެއެވެ. އަދި މިހާތަނަށް ގޮސްފައެއް ވެސް ނުވެއެވެ.
އަލީ އަހްމަދު ގުރައިދޫގަ މަޑުކުރުމަށް ހަމަޖެހިފައިވަނީ ވިސާމް ވެސް ދިރިއުޅެމުންދާ ކޮޓަރީގައެވެ. އެހެންކަމުން އެ
ދެމީހުންގެ މެދުގައި ވަރަށް އަވަހަށް ރަހުމަތްތެރިކަން އުފެދިގެން ދިޔައެވެ. އަދި އަލީ އަހްމަދުގެ ވާހަކަތަކަކީ ވިސާމް ވެސް ވަރަށް ގަޔާވާ ވާހަކަތަކަކަށް ވިއެވެ.
ހަވީރު ހަތަރެއް ޖަހާކަން ހާއިރެވެ. އަލީ އަހްމަދާއި ވިސާމް ތިބީ ހޮޓަލުގައި ހަވީރުސައި ބޯށެވެ. އޭރު އެތަނުގައި
މީހުން މަދުކަމުން ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ސައިބޯން ތިބެގެން ދެމީހުން ތަފާތު މަޢުލޫތަކަށް ވާހަކަ ދައްކަމުން ދިޔައެވެ.
” ވިސާމް! މިރަށުގައި ތިހާ ދުވަސް ވީ އިރުވެސް އަންހެންކުއްޖަކު އަތުއަޅުވާލެވޭގޮތެއް ނުވޭދޯ ؟ ” ވިސާމާއި
ދިމާއަށް ބަލާލަމުން މަޢުލޫބަދަލުކޮށް އަލީ އަހްމަދު އަހާލިއެވެ.
” ނޫން. އެއްފަހަރު ތިކަހަލަ ކަމެއްގެ ހިލަމެއްވި. އެކަމު އެކަން ވާގޮތެއް ނުވި. ” މާޔޫސްކަމާއެކު އަލީ އަހްމަދަށް
ބަލާލަމުން އޭނާގެ ސުވާލަށް ޖަވާބުދޭ ފަދައަކުން ވިސާމް ވާހަކަދެއްކިއެވެ.
” މާޔޫސްވެ ކަރު އެލިފައި ތިހުންނަނީ އެހެންވެދޯ ؟ ތިއީ އެއްވެސް ކަމެއްނޫނޭ. އަހަރެން ބުނާގޮތަށް ކަންތައްކުރާން
ކެރޭނެތަ ؟ ” ވަރަށްބޮޑު ޔަގީންކަމެއް އެކުލެވިފައިވާފަދަ ގޮތަކަށް އަލީ އަހްމަދު ވާހަކަދެއްކިއެވެ.
ވިސާމްގެ އެވާހަކަތަކާ ގުޅުވައިގެން އަލީ އަހްމަދު ވާހަކަ ދެއްކީ ކުރިޔަށްވުރެ މަޑުންނެވެ. އެދެމީހުން ފިޔަވާ އެހެން
އެއްވެސް މީހަކަށް އެވާހަކަތައް އަޑުއިވޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ހަމައެހެންމެ އެވާހަކަތައް އެހެންމީހަކަށް އަޑުއިވޭން ވިސާމް ވެސް ބޭނުން ނުވާކަން އޭނާ ދެއްކި ވާހަކަތަކުގެ އަޑުމަޑުކަމުން ޔަގީންވިއެވެ.
ސައިގެކަންތައް ނިންމާލުމަށްފަހު ހޮޓަލުން ނުކުތްއިރު ވިސާމްގެ މޫނުމަތިން ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ
އަސަރުތަކެވެ. އުންމީދުގެ ކުލަވަރެވެ. އޭނާގެ ދާއިރާއިން އެންމެބޮޑު ކުރިއެރުމެއް އަލީ އަހްމަދު ހޯދާފައިވާ އިސްތިރި ހެދުމުގެ ދާއިރާއިން ވިސާމަށް ދޭން އޭނާ ބުނި އެހީތެރިކަމުގެ ސަބަބުން ވިސާމްގެ އުންމީދުތައް ވަނީ އާވެފައެވެ.
ނީނާގެ މަންމަ އައިމިނަ އާއި ބައްޕަ އާދަމްގެ ރަހުމަތްތެރިކަމުގައި އަލީ އަހްމަދު ވަރަށް ގިނައިން އެގެއަށް ގޮސް އުޅެ
އެވެ. ބައެއް ދުވަސްދުވަހު އެއްފަހަރު ދެފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ވެސް އެގެއަށް ދެއެވެ. އަލީ އަހްމަދު އެވަރަށް އެ ގެއަށް ދިއުމުގައި އެހެން ސިއްރެއް ވާކަމެއް އެހެން މީހަކަށް ނޭނގެއެވެ. ހަމައެހެންމެ އެހެން މީހަކަށް އެކަހަލަ ހިލަމެއް ވެސް ނުވެއެވެ.
އަލީ އަހްމަދު އޭނާގެ މަސައްކަތް ކުރިޔަށްދާގޮތް ބަރާބަރަށް ވިސާމަށް ކިޔައިދެމުން ދިޔައެވެ. އަލީ އަހުމަދާއި ވިސާމްގެ
މަސައްކަތް ރޭވުމާއި އެއްގޮތަށް ކުރިޔަށްދާތީ ދެމީހުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.
ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ވިސާމާއި ފާތުން ބައްދަލުވީ ވިސާމް ހުންނަގޭ ދޮރޯށިކައިރިންނެވެ.
” ފާތުން ދެކެ ރުޅިއެއް ނާދެޔޭ ބުނި. އެކަމު އޭގެފަހުން ފިހާރައަކަށް ނުދޭ. ހާދަފޮންޏޭދޯ ؟ ” ފާތުންނަށް ވިސާމް ގޮވާ
ލުމުން ވިސާމާއި ދިމާއަށް ބަލާލަމުން ފާތުން ވާހަކަދެއްކިއެވެ.
” ހިހި. މިދުވަސްކޮޅު މަސައްކަތް ބުރަކަމުން ނުދެވެނީ. ފާތުން ދެކެ ރުޅިއަންނާކަށް ނުޖެހެއެއްނު. ” ފާތުންގެ ވާހަކައާ
ގުޅުވައިގެން ވިސާމް ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދިޔައީ ހިނިތުންވުމުގެ އަސަރުތަކެވެ.
ވިސާމާއި ވާހަކަދައްކާން ފަސްވަރަކަށް މިނިޓް މަޑުކުރުމަށްފަހު، ވަރަށް އަވަހަށް ފިހާރައަށް ދާންޖެހޭކަމަށް ބުނެފައި
ފާތުން ދިޔައީއެވެ.
ފާތުން އޭނާގެ މަސައްކަތާއިގެން ފިހާރަތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ނީނާ އައިސް
ފިހާރައަށް ވަނުމުން ފާތުންގެ މޫނުމަތިން ފާޅުވެގެންދިޔައީ ހައިރާންކަމެވެ. އެހެންކަމުން އަވަސް އަވަހަށް ސުވާލު ވެސް ކޮށްލެވު ނެވެ. ނީނާގެ މޫނުމަތިން ފާޅުވަމުންދަނީ އާދައިގެ ގޮތެކެވެ.
” ވަރަށްބޮޑު ކަމަކު ….. ކޮށްދޭނަންތަ ؟ ” ފާތުންގެ ސުވާލަށް ޖަވާބުދެމުން ނީނާ އަހާލިއެވެ.
” ކޮންކަމެއް ؟ ވާވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން. ” މޭޒުކައިރީއިން ގޮނޑި ދައްކަމުން ފާތުން ވާހަކަދެއްކިއެވެ.
” މިހާރު ވެސް ފާތުންނާއި ވިސާމް ރައްޓެހިތަ ؟ ” ފާތުން ދެއްކި ގޮނޑީގައި އިށީންނަމުން ނީނާ އަހާލިއެވެ.
ނީނާގެ އެ ސުވާލުގެ ސަބަބުން ފާތުންނަށް ލިބިގެން ދިޔައީ ހައިރާންކަން ނަމަވެސް، މަދު ސިކުންތުކޮޅެއް ތެރޭގައި
އެހައިރާންކަން ފިލާ އޭނާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. ވާނީ ވެސް އެހެންތާއެވެ. ނީނާގެ ވާހަކަ ވިސާމާއި ފާތުން ދައްކާފައި އައިސް މާގިނައިރެއް ނުވަނީސް ނީނާ އައިސް ވިސާމްގެ ވާހަކަ އެދެއްކީއެވެ.
ހަތަރުވަނަބައި
” އެ ކީއްކުރަން ؟ ” ނީނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ފާތުން ވެސް ކުރީ ސުވާލެކެވެ.
” އަހަރެން ބޭނުން ވިސާމާއި ގުޅެން. މިފަހަރު މިއީ ސަމާސާއެއް ނޫން. ހަމަ ޙަޤީޤަތުގަ ވެސް އަހަރެންނަށް ވިސާމް
ދެކެ ލޯބިވެވިއްޖެ. އަހަރެންނަށް މިކަން ކޮށްދީ. ” ކޮންމެވެސް ވަރަކަށް މާޔޫސްކަން އެކުލެވިފައިވާ ފަދައަކުން ފާތުންނަށް ބަލާން އިނދެ ނީނާ ވާހަކަދެއްކިއެވެ. އޭރު އޭނާގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ އެފަދަ އަސަރުތަކެކެވެ.
” ކުއްލިއަކަށް ތިވީ ކިހިނެތް ؟ އިރުކޮޅަކުން އައިސް ބުނާނެ އެއީ މަޖަލޭ. ނޫނީ ސަމާސާއޭ. ކުރީ ފަހަރުވެސް މަގޭ
އަގޭ ވެއްޓުނީ. ” ހިތްހަމަ ނުޖެހުމާއެކު ފާތުން ވާހަކަދެއްކިއެވެ.
” މިފަހަރު އެހެންނެއް ނުވާނެ. މިއީ ހަމަ ޙަޤީޤަތް. އަހަރެން ބޭނުން ވިސާމާއި ގުޅިގެން ރަނގަޅު މުސްތަޤުބަލެއް
ބިނާ ކުރާން ….. އަހަރެންނަށް އެހީތެރިވެދީ. ” އާދޭސްކުރާ ފަދައަކުން ފާތުންނަށް ބަލާން އިނދެ ނީނާ ވާހަކަ ދެއްކިއެވެ.
” އަހަރެން ވެސް ތިކަން ވޭތޯ ބަލާނަން. އެކަމު މިފަހަރު އަހަރެންނަށް ލަނޑު ދީފިއްޔާ އެހިސާބުން ފެށިގެން އަހަރުން
ދެމީހުންގެ މެދުގައި އޮތް ގުޅުން ކެނޑުނީ. ” ނީނާއަށް އެހީވުމަށް ފާތުން އެއްބަސްވީ ވަރުގަދަ އިންޒާރަކާއި އެކުގައެވެ.
ހަނދުމަހެއްގެ ސާދަވަނަ ދުވަހެވެ. އޮއްސުނުއިރާއެކުހެން ރަށުތެރެއަށް ހަމަހިމޭންކަން ވެރިވަމުން ދިޔައެވެ.
އޮއްސުނު އިރާ އެކުހެން ރަށުތެރެއަށް ކޮންމެވެސް ވަރެއްގެ އަނދިރިކަމެއް ވެރިވެގެންދިޔަ ނަމަވެސް ސާދަވިލޭރޭގެ ހަނދު
ފެނުން ތޮޅިލުމާއެކުހެން އަނދިރިކަމުގެ މައްޗަށް އަލިކަން ވެރިވާން ފެށިއެވެ. ހަމައެހެންމެ ކުޑައިރުކޮޅެއްގެ ތެރޭގައި މުޅިރަށަށް އަލިކަން ވެރިވެގެން ދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް އެގާރަ ޖަހާކަން ހާއިރެވެ. ރަށުގެ އެހެންވެސް ގިނަ ރައްޔިތުންނެކޭ އެއްފަދައިން އަލީ
އަހްމަދާއި ވިސާމް ވެސް ތިބީ ނިދާފައެވެ.
ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު ނިދާލާފައި އޮތް ވިސާމަށް ހުވަފެނީ ޢާލަމެއްގެ ތެރެއަށް ވަދެވިގެން ދިޔައީ އޭނާއަށް
ވެސް ނޭނގިއެވެ.
އެގާރަގަޑި ބައި ބާރަ ޖަހާކަން ހާއިރެވެ. އަލީ އަހްމަދާއި ވިސާމް ތިބީ ރަށުގެ ދެކުނުފަރާތު އަތިރިމަތީހުރި އޮޑިހަރުގެ
ތަކުގެތެރެއިން އޮޑިހަރުގެއެއްގެ ތެރޭގައެވެ. ވަށައިގެން ތޮށަލިޖަހާ ބައްދާފައިވާ އެއޮޑިހަރުގެ ހިޔާކޮށްފައިވަނީ ޓިނުންނެވެ. ކޮންމެ ވެސް އޮޑިއެއްގެ ބައެއް ސާމާނު އެތަނުގައި ހުރި ނަމަވެސް މާގިނަ އެއްޗެއް އެތަނުގައި ނެތެވެ. ދޮރު ހުރީ ލައްޕާ ތަޅުލާފައެވެ.
އޮޑިހަރުގެ ތެރޭގައި ހުރި ކަނދުތައް މަތީގައި އިށީންދެލައިގެން އެދެމީހުން ތިބިއިރު އެމީހުންގެ ކުރިމަތީގައި ކަހަލަ
ގޮތަކަށް، ރޯ ކޮށްފައިވާ ދުންކިބައެއް ބަހައްޓާފައި ހުއްޓެވެ. ގިނަ ދުވަސް ވުމުގެ ސަބަބުން ބާވެ ހަސްނެތިފައިވާ ފަދައަކުން އޮތް ފޮތެއް ހިފައިގެން އަލީ އަހްމަދު އިނެވެ. ނަންބަރު އައިނެއް އަޅައިގެން އިނދެ އެއިން ކޮންމެ ވެސް މުހިންމު ލިޔުމެއް ފެނޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައިރު ވިސާމް އޭނާގެ ފޯނުން އެފޮތަށް އަލިކުރަމުން އެހީތެރިވަމުން ދިޔައެވެ. ކިތަންމެ ރީތި ފުރިހަމަ ހަނދުވަރެއްގެ އަލި ބިމަށް ފޯރާފައިވީ ނަމަވެސް އެތަން ހަދާފައިވާގޮތުގެ ސަބަބުން އެތަނަށް އެއްވެސް އަލިކަމެއް ނުފޯރަ އެވެ.
އަލީ އަހްމަދު އެފޮތުން ހޯދާން ބޭނުންވާ ލިޔުންތައް ހޯދަމުން ކިޔަމުން ދިޔައިރު ދުންކިބައިގެދުން މުޅިތަނަށް ފެތުރެ
މުން ދިޔައެވެ.
ކުއްލިއަކަށް ކަހަލަގޮތަކަށް ވަރަށްގަދައަށް ވިދާލުމާއެކުހެން ގުގުރައިގަތް އަޑު އިވިގެން ދިޔައެވެ. އެއާއެކުހެން ވައި
ވެސް ގަދަވާން ފެށިއެވެ. ކަނޑުގެ ރާޅުތައް ބޮޑުވަމުން ހުދުފޮނު އިތުރުވަމުން ދިޔައެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ އަލީ އަހްމަދު އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެކަމުގެ ސަބަބުން އޭނާއަށް އެއްވެސް ހިލަމެއް ނުވާ ކަހަލައެވެ.
މެންދަމުގެ ވަގުތު ވެގެން އައިއިރު ވެސް ރަށުތެރެއަށް ފެތުރިފައިވާ ނަލަ ހަނދުވަރުގެ އަލިކަން ފިލައި، ވިދާގުގުރާ
ގަދަވަޔާއެކު ވާރޭ ވެހޭން ފެށީ އެކެއް ވެސް ޖެހި ފަހުންނެވެ. ހީވީ ގަދަފަދަ ތޫފާނެއް ލައިގެން ހެންނެވެ.
ކުއްލިއަކަށް މިފެނުނު ކަންތައްތަކުގެ ސަބަބުން ވިސާމް ކޮންމެވެސް ވަރަކަށް ހާސްވެ ނުތަނަވަސް ވާން ފެށިއެވެ.
ކުރަމުންމިދާ ކަންތަކާމެދު ސުވާލު އުފެދޭން ވެސް ފެށިއެވެ. އެހެނަސް އަލީ އަހްމަދުގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަ މުންދާ ހަމަޖެހުމުގެ ސަބަބުން ވިސާމަށް ވެސް ޖެހުނީ ކެތްތެރިވެ ހަމަޖެހޭށެވެ.
ވިދާލާ ވިދުވަރުގެ ފަހަތުން ޖަހާލާ ބާރު ގުގުރީގެ އަޑާއެކުހެން ގިނަބަޔަކަށް ސިއްސައިގެން ގޮސް ހޭލެވިއްޖެއެވެ.
ކުޑަކުދިންގެ ރުއިމުގެ އަޑުތައް ގިނަވަމުން ބާރުވަމުން ދިޔުމުގެ ސަބަބުން ގޭގެތެރޭގެ ހަމަހިމޭންކަން ނަގާލާފައި ވެއެވެ. ގިނަ ބަޔަކު ތިބީ ހޭލާ ނަމަވެސް އެއްވެސް މީހަކަށް ގެއިން ނުކުންނާކަށް ނުކެރެއެވެ. ފަޅުގައި އަޅާފައިހުރި ދޯނި ފަހަރު ހުރިގޮތެއް ބަލާލާން ދާން ކެރޭވަރުގެ މީހަކު ހުރި ކަމަށް ވެސް ނުވެއެވެ.
ގަބުރުސްތާނަށް ހޮނުއެޅި ކަހަލަގޮތެއް ވުމާއެކުހެން އަލިފާންދުންޏެއް ޖެހިއެވެ. ދެމަހާނައެއްގެ ދޭތެރެއަށް ކަހަލަގޮތަކަށް
ޖަހާފައިވާ އެއަލިފާން ދުނީގެ މަތީބައި ސާފެއް ނުވި ނަމަވެސް ބިމާ ގުޅިފައިވާ ހިސާބުން އަލިފާންކަނި ކަނޑަމުން ދިޔައެވެ. ޖެހެމުންދާ ބާރުވަޔާއި ވެހެމުންދާ ބޯ ވާރޭގެ ސަބަބުން އެއަށް އެއްވެސް އަސަރެއް ނުކުރުމަކީ އަޖައިބެއްފަދަ ކަމެއްކަން ޔަގީނެވެ.
އަލިފާންކަނިތައް އެގޮތް މިގޮތަށް ދައުރުވެލުމާއެކުހެން އެއިން އުފެދުނީ އިންސާނެއްގެ ސޫރައެވެ. އަންހެން ޖިންސުން
އުފެދުނު އެސޫރަ މަޑުމަޑުން ބޮޑުވަމުން ބޮޑުވަމުން އައިސް ޒުވާންފުރައިގެ އަންހެންކުއްޖެއްވަރު ވިއެވެ. އެހެނަސް އެސަރަހައްދަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން އެކުއްޖާގެ މޫނު ފެންނަވަރެއް ނުވެއެވެ.
ނުހަނު ސާފު ރީތި ހުދުހެދުމެއްގައި ހުރި އެއަންހެންކުއްޖާ އައިސް ގަބުރުސްތާނުގެ ދޮރާ ހަމަވުމާއެކުހެން މަގުބައްތިން
އޭނާގެ މޫނާއި ހަށިގަނޑަށް އަލިވެގެން ދިޔައެވެ. ގަބުރުސްތާނުން ނުކުމެގެން އައިސް އެހުއްޓުނީ ނީނާ ފިޔަވާ އެހެން މީހެއް ނޫނެވެ.
ނީނާ އައިސް ގަބުރުސްތާނުން ނުކުތުމާއެކުހެން މޫސުމަށް ބަދަލު އަންނާންފެށިއެވެ. ވިދާ ގުގުރުން ހުއްޓި ވައި މަޑުވި
އިރު ވާރޭ ވެސް ތުނި ކޮށްލައިފިއެވެ. ގަބުރުސްތާނުމައްޗަށް ޖަހާފައިހުރި އަލިފާން ދުނި އަނދައިގެން ގޮސް ހުސްވިއެވެ.
ގަޑިއެއް ދޮޅުގަޑިއެއް ހާއިރަށް ދިގުދެމިގެންދިޔަ ތޫފާނެއް ފަދަ ވިއްސާރައިގެ އަސަރު ފިލާ ދިއުމާއެކުހެން ހަނދުގެއަލި
ބިމުގައި ރަސްކަން ކުރާން ފެށިއެވެ. އޭރު ވެސް އަލީ އަހްމަދާއި ވިސާމް އެދެމީހުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ދެ މީހުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުންމީދާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ޔަގީންކަމުގެ ކުލަވަރެވެ.
އަލީ އަހްމަދާއި ވިސާމް ސިއްސައިގެން ދިޔައީ ކޮންމެ ވެސް މީހަކު ވަރަށް ބާރަށް އެއޮޑިހަރުގޭގެ ދޮރުގައި ތަޅައިގަތް
އަޑަށެވެ. ހައިރާންކަމާއި ހާސްކަމާއެކު ވިސާމް ބަލާލީ އަލީ އަހްމަދަށް ދިމާއަށެވެ. އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ އަލީ އަހްމަދު އޭނާގެ މަސައްކަތާއިގެން މަޝްޣޫލްވެ އިނީ އެކަން އެހެން ވާނެކަން އޭނާއަށް އެނގިގެން އިން ފަދައަކުންނެވެ.
ދޮރުގައި ތަޅަމުންދިޔަ މީހަކު އޭނާގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިޔައެވެ. އެހެނަސް ކަހާތަން ހިރުވާލާހެން
ވެސް ހިތަށް ނާރާ ފަދައަކުން އިނދެ އަލީ އަހްމަދު އޭނާގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. ވިސާމް އިނީ ކޮންމެވެސް ވަރަކަށް ހާސްވެ ނުތަނަވަސްވާގޮތް ވެފައެވެ.
މެންދަމުން އަލިވެ ތިނެއް ޖެހުމާއެކުހެން އަލީ އަހްމަދު ބަލާލީ ވިސާމަށެވެ. އަދި ދޮރުހުޅުވުމަށް ބޮލުގެ އިސާރާތުން
އަންގާލި އެވެ. ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި ހުރެގެން ވިސާމް މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ.
އޮޑިހަރުގޭގެ ދޮރުހުޅުވާލުމާއެކުހެން އެތެރަށް ވަނީ ނީނާ އެވެ. ތެމި ފޯވެފައިހުރި ނީނާ ފެނުމާއެކުހެން ވިސާމްގެ ހުރިހާ
ހިއްސެއް ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ވިސާމް ހުއްޓާ ނީނާ ވަދެގެން އައި ގޮތަށް އައިސް ހުއްޓުނީ ދުންކިބައާއި ފަސްވަރަކަށް ފޫޓް ކައިރީގައެވެ.
އަލީ އަހްމަދު އިސާރާތްކުރި ފަދައިން އޮޑިހަރުގޭގެ ދޮރުލައްޕާ ތަޅުލުމަށްފަހު ވިސާމް އައިސް އަލީ އަހްމަދު ގާތުގައި
އިށީނެވެ. އޭރު ވެސް އަލީ އަހްމަދު އޭނާގެ ކިޔެވެލި ހުއްޓާނުލާ ކުރިޔަށް ގެންދިޔައެވެ. ނީނާ އެތަނުގައި ހުރިގޮތަށް ހުއްޓެވެ.
އަލީ އަހްމަދު އޭނާގެ ކިޔެވެލި ހުއްޓާލުމަށްފަހު ކޮޅަށް ތެދުވުމާއެކުހެން ވިސާމް ވެސް ކޮޅަށް ތެދުވިއެވެ.
” ވިސާމް! ނީނާއާ އެއްވެސް ވާހަކައެއް ނުދައްކާ އޭނާ ގެންގޮސް ގެއަށް ލާފައި އައިސް ނިދާ. ކޮންމެސް ކޮންމެސް
އެހެން މީހަކަށް ނުފެންނާތި. ކަންތައް ކުރާނީ އަހަރެން ބުނާގޮތަށް ކަންވެސް ހަނދާން ބަހައްޓާތި. ” ހަމައެކަނި ވިސާމަށް އަޑު އިވޭ ވަރަށް މަޑުމަޑުން އަލީ އަހްމަދު ވާހަކަދެއްކިއެވެ.
ކޮންމެ ވެސް ވަރަކަށް ހާސްވެފައި ހުރި ނަމަވެސް އަލީ އަހްމަދު ބުނާ ގޮތަށް ކަންތައް ކުރުމަށް ވިސާމް އަވަސް
ވެގަތެވެ. ނީނާގެ އަތު ހިފައިގެން ވިސާމް ގޮސް އޮޑިހަރުގެއިން ނުކުތްއިރު ވެސް އަލީ އަހްމަދު ހުރިގޮތަށް ހުރީއެވެ. އޮޑިހަރުގޭ ދޮރުލައްޕާލުމަށްފަހު ވިސާމްމެން ހިނގައިގަތެވެ.
ނީނާ އާއި ވިސާމް އެކުގައި ހިނގަމުންދިޔަ ނަމަވެސް އެކަކު އަނެކަކާއި އަނގައަކުން ނުބުނެއެވެ. އެތައް ދުވަހަކަށް
ފަހު ނީނާ އާއި ބައްދަލުވުމުން ވާހަކަދައްކާލާން ނުހަނު ބޭނުންވި ނަމަވެސް އަލީ އަހްމަދު ބުނި ގޮތް ހެދުމުގެގޮތުން ވިސާމް ކެތްތެރިވެ ހަމަޖެހުނެވެ. އޭރު އެދެމީހުންގެ ފަހަތުން ކަޅުބުލަލެއް މަޑުމަޑުން ހިނގަމުން އައި ނަމަވެސް އެދެމީހުންކުރެ މީހަކަށް އެކަމެއް ނޭނގެއެވެ.
ނުނިމޭ
ފަސްވަނަބައި
ނީނާ އާއި ވިސާމް އެކުގައި ހިނގަމުންދިޔަ ނަމަވެސް އެކަކު އަނެކަކާއި އަނގައަކުން ނުބުނެއެވެ. އެތައް ދުވަހަކަށް
ފަހު ނީނާ އާއި ބައްދަލުވުމުން ވާހަކަދައްކާލާން ނުހަނު ބޭނުންވި ނަމަވެސް އަލީ އަހްމަދު ބުނި ގޮތް ހެދުމުގެގޮތުން ވިސާމް ކެތްތެރިވެ ހަމަޖެހުނެވެ. އޭރު އެދެމީހުންގެ ފަހަތުން ކަޅުބުލަލެއް މަޑުމަޑުން ހިނގަމުން އައި ނަމަވެސް އެދެމީހުންކުރެ މީހަކަށް އެކަމެއް ނޭނގެއެވެ.
ނީނާ އާއި ވިސާމް އައިސް މަޑުކުރީ ނީނާމެންގޭ ދޮރޯށިކައިރީގައެވެ. ގެއަށް ވަނުމަށް އަތުގެ އިސާރާތުން ވިސާމް ދައްކާ
ލުމުން ވިސާމަށް ހިނިތުންވެލާފައި ނީނާ ގޮސް ގޯތިތެރެއަށް ވަނެވެ.
ނީނާ ގޯތިތެރެއަށް ވަނުމުން އޭނާ ހުންނަ ގެއާއި ދިމާއަށް ހިނގައިގަތްއިރު ވިސާމްގެ މޫނުމަތިން ފެންނަމުންދަނީ އުފަލާއި
ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ. އޭނާގެ އުންމީދު ހާސިލުވާތީ އޭނާއަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަ ޖެހުން ދެގުނައަށް އިތުރުވެފައި ވެއެވެ.
އެނދުގައި އޮށޯވެ މާގިނައިރެއް ނުވަނީސް ވިސާމަށް ނިދިއްޖެއެވެ. އޭރު ވެސް އަލީ އަހްމަދު ގެއަކަށް ނާދެއެވެ.
ރޭގަނޑުގެ ހަމަހިމޭންކަމާއި އަނދިރިކަން ފިލާ އާދުވަހަކަށް އިރުއެރުމާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން
ފަށައިފިއެވެ. ހޭލެވުމާއެކުހެން އެންމެގިނަ ބަޔަކު އަވަސްވެގަތީ ރޭގައި އައި ތޫފާނުގައި އެމީހެއްގެ ނުވަތަ އެމީހަކާއި ގުޅިފައިވާ އެއްވެސް މީހެއްގެ އެއްޗަކަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލާށެވެ. މަދުރުސާއަށްދާ ކުދިންތައް މަދަރުސާއަށް ދިއުމަށް ތައްޔާރުވަމުން ދިޔައިރު އެކުދިންނަށް އެހީތެރިވުމާއިގެން އަންހެން ވެރިން އުޅެމުން ދިޔައެވެ. ހަމައެހެންމެ ގޯތިތަކާއި މަގުތަކަކީ އެންމެނަށް ރައްކާތެރި ސާފުތާހިރު ތަނެއްގެގޮތުގައި ބޭއްވުމަށްޓަކައި ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ވެސް ކުރަމުން ދިޔައެވެ.
މަސައްކަތްތެރިން އެބައިމީހުންގެ މަސައްކަތާއިގެން ހަރަކާތްތެރިވަމުން ދިޔައިރު ބައެއް ދޯނިތައް މަހަށް ފުރައިގެން
ހިނގައްޖެއެވެ.
ވިސާމަށް ހޭލެވުނީ ނުވައެއް ޖަހާކަން ހާއިރުއެވެ. އޭރު އަލީ އަހްމަދު ގެއަކު ނެތެވެ. އެހެންކަމުން ފެންވަރާ ތާޒާވެ
ސައިގެކަންތައް ނިންމާލައިގެން ވިސާމް ދިޔައީ ޝޮޕަށެވެ.
މެންދުރުވާންދެން ޝޮޕްގައި މަސައްކަތް ކުރުމަށްފަހު ވިސާމް ގެއަށް އައިއިރު ކޮޓަރީގައި އަލީ އަހްމަދު އުޅެއެވެ.
މެންދުރަށް ކައިގެން އަލީ އަހްމަދާއި ވިސާމް ނުކުތީ ވައިޖައްސާލުމަށްޓަކައި އެދިމާއަތިރިއަށެވެ. ޖެހެމުންދިޔަ ނަލަ
ވައިގެ ސަބަބުން ދެމީހުނަށް ވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަކަން ދެމީހުންގެ މޫނުމަތިން ފާޅުވެގެންދިޔަ ކުލަވަރުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ. އޭރު އެސަރަހައްދުގައި އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
” އަލީ އަހްމަދު! ދެން ކިހިނެތް ހަދާން ޖެހޭނީ ؟ ރަނގަޅުވާނެ ތަ ؟ ” އެސަރަހައްދުގައި އެދެމީހުން ފިޔަވާ އެހެން
މީހަކު ނެތްކަން ޔަގީންވުމުން އަލީ އަހްމަދަށް ބަލާލަމުން ވިސާމް އަހާލިއެވެ.
” ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް … އަދި ދެރެއަކު އެކަން ކޮށްލަނިކޮށް ހުރިހާކަމެއް ހަމައަކަށް އެޅިދާނެ. ”
ވިސާމަށް ބަލާލަމުން ވަރަށް ޔަގީންކަމާއެކު އަލީ އަހްމަދު ބުންޏެވެ.
” ދެން ކޮން ދެރެއަކު ކުރާން ޖެހޭނީ ؟ ” އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން ވިސާމް އަހާލިއެވެ.
” މާދަމާ ރެއާއި މާދަމާރޭ ނޫން އަނެއްރޭ. ތިންވަނަރެޔަށް ޖެހޭނެ ވަރަށްބޮޑަށް ތައްޔާރުވާން. ” ވިސާމަށް ބަލާން އޮތް
ގޮތަށް އޮވެ އަލީ އަހްމަދު ބުންޏެވެ.
ދޭއް ޖަހާންދެން އެތަނުގައި މަޑުކުރުމަށްފަހު ވިސާމް ޝޮޕަށް ދިއުމުން އަލީ އަހްމަދު ވެސް ދިޔައީއެވެ.
އަލީ އަހްމަދުގެ އެހީގައި ނަމަވެސް ނީނާގެ ލޯބި ކާމިޔާބުވާގޮތް ވާތީ ވިސާމް ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.
އެކަން އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.
ދުވަހުގެ އެންމެ ހިތްގައިމު ވަގުތުކަމުގައިވާ ހަވީރުގެ ވަގުތެވެ. ހަވީރުގެފިނި ޖެހެލުމާއެކުހެން ކުޅިވަރު މައިދާންތަކަށް
ދެޖިންސްގެ ޒުވާނުންތައް ޖަމާވަމުން ދިޔައެވެ. ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ނުވަތަ އެހީތެރިން ހިތްގައިމު ދޮންވެލި އަތިރިތަކަށް ޖަމާވަމުން ދިޔައީ ދުވަހުގެ މިހިތްގައިމު ވަގުތުގެ އުފަލާއި ހިތްހަމަޖެހުން އެކުދިންނަށް ހޯދާ ދިނުމަށްޓަކައި ކަން ޔަގީނެވެ. އެކުދިންނަށްޓަކައި ތައްޔާރުކުރެވިފައިވާ ކުޅިވަރުމައިދާންތަކަކީ މިއީ ކަމުގައި ވެސް ބައެއްމީހުން ދެކެއެވެ. ހަމައެހެންމެ މައިންބަފައިންނާއި ދަރިން އެކުގައި ކުޅެލާ މަޖާކޮށް ހިތްހަމަ ޖައްސާލަން މިއަށްވުރެ އެކަށީގެންވާ ތަނެއް ނެތްކަމުގައި ދެކޭ މީހުން ވެސް މަދެއް ނޫންކަން ޔަގީނެވެ. އެބައި މީހުންގެ އެބުނުމަށް ލިބޭ އިތުރު ބާރަކަށްވަނީ އެއަތިރިތަކަށް އައުމުން އެކުދިންގެ މޫނު މަތިން ފާޅުވަމުންދާ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
ފާތުންނާއި ނީނާ އަދި ރައިނާ އާއި ރާބިޔާ އެހަތަރު އެކުވެރިންގެ އާދައިގެމަތިން މިއަދު ވެސް ވާހަކަދައްކާ މަޖާކުރާން
ތިބީ އުތުރުފަރާތު ރުއްދަނޑުގައިވާ ޖޯލިފަތިތަކުން ޖޯލިފައްޗެއްގައެވެ. ތަފާތު މަޢުލޫތަކަށް ވާހަކަދައްކާ ހީ ސަކަރާތް ޖަހަމުން ދިޔައިރު ހަތަރު މީހުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
” ނީނާ! ކޮބާ ފާތުންނަކަށް އެއްކަލަ ކަންތަކެއް ނުވި ދޯ ؟ ” ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ނީނާއަށް
ބަލާލަމުން ރައިނާ އަހާލިއެވެ.
” އައްދެ. އަހަރެން އެކަން ކޮށްދިނިން. ނީނާގެ ފިނޑިކަމުން ވިސާމާއި ބައްދަލުކުރާން ނުދިޔައީ. ” ފާތުން ވާހަކަ
ދެއްކީ ޙަޤީޤަތް ހާމަ ކުރަމުންނެވެ.
” މިރަށުން އިންނާނެ މީހަކު ނުވިޔަސް ރަށުން ބޭރު މީހަކާއި އިންނާކަށް އަހަރެން ބޭނުމެއްނޫން. ކޮން ވިސާމެއް
އެހެން ސާމެއް. ” ނީނާ އޭނާގެ ހިތުގައިވާގޮތް ހާމަކުރިއެވެ.
އިވިގެންދިޔަ ވާހަކަތަކަށް ބަލައި ފާތުންގެ ކޮޅަށް ބުރަވެވޭކަމަށް ރައިނާ އާއި ރާބިޔާ ބުންޏެވެ. ހަމައެހެންމެ ކުރިން
ދުވަހު އެއްބަސްވެފައިވާ ފަދައިން މިރޭ ހޮޓަލުން ކާން ދިނުމަށް ނީނާގާތު ބުންޏެވެ.
ނީނާގެ ވާހަކަތަކުގެ ސަބަބުން ފާތުންނަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ. ހަމައެހެންމެ ވާނުވާ ނޭނގޭ
އޮޅުންބޮޅުން ގަނޑެއްގެތެރެއަށް ވެއްޓުނެވެ. ކުރިން ދުވަހު އެގޮތަށް އެއްބަސްވެގެން ހުރިހާކަމެއް ހަމަޖެއްސުމުން އެކަން ބޭކާރު ކޮށްލުމަށްފަހު ރޭގައި ގޮސް އަނެއްކާ ވެސް އެކަން ކޮށްދިނުމަށް އެދުނެވެ. އަނެއްކާ މިއަދު އެހެން ގޮތަކަށެވެ. ރެއަކަށް ގޮތެއް ދުވާލަކަށް ގޮތެކެވެ. ނީނާއެކޭ ދެބޯ ދޫންޏެކޭ އެއްފަދައޭ ވެސް ފާތުންގެ ހިތަށް އެރިއެވެ. އެހެންކަމުން ފާތުން ނިންމީ އެކަމުގައި ދެން ދުވަހަކު ވެސް ނީނާއަށް އެހީ ނުވުމަށެވެ. އެހެނީ ނީނާ ބޭނުންވާ ގޮތް ނީނާއަށް ވެސް ނޭނގެއެވެ.
އިރުއޮއްސުމުގެ ކުލަވަރު އުދަރެހުން ދައްކާލުމާއެކުހެން އަތިރިތަކުން މީހުން މަދުވާން ފެށިއެވެ. ކުޑަކުދިންތައް ގޮވައި
ގެން ގެއަށް ދިއުމަށް މައިންބަފައިންނާއި އެކުދިންގެ އެހީތެރިން އަވަސްވެގަތީ ކުރީއްސުރެފެށިގެން ދިވެހިންގެ މެދުގައި އެކަން އާންމުވެފައިވަނީ ސަބަބެއް އޮވެގެން ކަމުގައި ގަބޫލުކުރެވޭތީއެވެ. މަޣުރިބު ނަމާދު ބަންގި ގޮވުމުގެކުރިން ކުޑަކުދިންތައް ގެއަށް ވެއްދުމަކީ މިހާރުގެ ޒުވާނުންނަށްވުރެ ބޮޑަށް ދުވަސްވީ މީހުން އިސްކަމެއްދޭ ކަމެއްކަން ޔަގީނެވެ. ހަމައެހެންމެ ދުވަސްވީ މީހުންގެ ކިބައިން އެފަދަކަންކަމުން އިބުރަތް ލިބިގަނެ އެގޮތަށް ޢަމަލުކުރާ ޒުވާންނުން ވެސް އެހާ މަދެއް ނޫނެވެ.
އޮއްސުނު އިރާއެކުހެން ރަށުތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމުގަ ހަލަބޮލިކަން ވެސް ފިލާ ދިޔައެވެ.
އިޝާނަމާދުން އައިސް ކައިގެން ފިހާރައަށްދިޔަ މަގުމަތީގައި ވިސާމާއި ފާތުން ބައްދަލުވެ ވާހަކަދެއްކި ނަމަވެސް
ނީނާއާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ނީނާއަކީ ފައްކާ ދެބޯ ދޫންޏެއްކަމުގައި ފާތުން ވަނީ ނިންމާފައެވެ.
ހަވަނަބައި
ވަގުތުތައް ފާއިތުވަމުން އައިސް ބާރަ ޖަހާކަން ހާއިރެވެ. މެންދަންވުމާއި ގާތްވަމުން ދާވަރަކަށް ރަށުތެރޭން މީހުން
ފެނުން މަދުވަމުން ހަމަހިމޭންކަން އިތުރުވަމުން ދިޔައެވެ. ވިސާމާއި އަލީ އަހްމަދު ވާހަކަދައްކާ މަޝްވަރާކޮށް ރާވާފައިވާ ފަދައިން
ރަށުގެ އެއްވެސް މީހަކަށް ނުފެންނާނެހެން އަދި ޝައްކެއް ވެސް ނުވާނެހެން ދުންކިބަ އާއި ފޮތްބޮނޑި ހިފައިގެން އޮޑިހަރުގެތަކާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ވިސާމާއި އަލީ އަހްމަދު ގޮސް، ކުރިންރޭ ވެސް އެމީހުން މަސައްކަތްކުރި އޮޑިހަރުގެއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ.
އަދި ދުންކިބަ ރޯކޮށްލުމަށްފަހު ޓޯޗްބައްތީގެ އަލީގެ އެހީގައި ކިޔެވެލި ކުރިޔަށް ގެންދާން ފެށިއެވެ.
ރަށުތެރޭން ފެންނަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަމާއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ހަނދުވަރުން ދީފައިވާ
ނަލަހަނދުވަރުގެ އަލިކަމުގެ މައްޗަށް ކަޅުކަން ވެރިވާންފެށީ ކުއްލިއަކަށް ކަހަލަގޮތަކަށެވެ. ބާރުވާންފެށި ވަޔާއި އެކުހެން ވިއްސާރައިގެ ކުލަވަރު ދައްކާން ފެށިއެވެ.
މުޅިބިން އަލިކޮށްލި ވަރުގަދަ ވިދުވަރުގެ އައްޔާއެކުހެން ޖަހާލި ބާރު ގުގުރީގެއަޑާއެކު ނިދާފައިތިބި މީހުންތައް ދިޔައީ
ސިއްސައިގެން ހަތަރެސްފައި ކޮޅަށް ޖެހިގެންނެވެ. ހަމައެވަގުތު ކަހަލަގޮތަކަށް ގަދަވަޔާއެކު ތަނެއްދޮރެއް ނޭނގޭވަރަށް ބޯކޮށް ވާރޭ ވެހޭން ފެށިއެވެ. ޖެހެމުންދާ ބާރު ވައިގެ ސަބަބުން ގަސްތައް މުލުން ލުހިގެން އައިސްދާނެކަމަށް ހީވާ ފަހަރު ވެސް މަދެއްނޫނެވެ. ގަދަފަދަ ތޫފާނެއް ލައިގެންހެން ކުއްލިއަކަށް މިއައި ގަދަފަދަ ވިއްސާރައިގެ ސަބަބުން އެންމެން ކަހަލަގޮތަކަށް ތިބީ ހޭލައެވެ. ހޭލާ ތިބި ނަމަވެސް ގެއިން ނުކުންނާންކެރޭ އެއްވެސް މީހަކު ނެތެވެ. ހަމައެހެންމެ ކުޑަކުދިންގެ ރުއިމުގެ އަޑުތައް އިތުރުވަމުން ބާރު ވަމުން ދިޔައިރު އެކުދިން މަސަލަސްކުރުމަށް މަސައްކަތް ކުރަމުންދިޔަ މައިންބަފައިންގެ ނާނާގެ އަޑު ވެސް އިވެމުން ދިޔައެވެ.
ރަށުގެ އިރުވާކޮޅު ވަލުތެރޭގައި ހުރި ކިނބިގަހަށް ހޮނުއެޅި ކަހަލައެވެ. ގަހުގެ ހުރިހާފަތެއް ރަތްވެގެން ބިންމައްޗަށް ފޭބީ
ހުރިހާފަތެއް އެއްފަހަރާ ކަހަލަގޮތަކަށް ހިކިގެން ފޭބި ހެންނެވެ. ގިނަ ފަތްތަކެއް ވައިގެތެރޭގައި އެނބުރެމުން ދިޔަ ވެސް މެއެވެ. ވައިގެތެރޭގައި އެނބުރެމުންދިޔަ ފަތްތައް ކުޑަވަރެއްގެ ވައިރޯޅިއަކާ އެކުވެގެން ކަހަލަގޮތަކަށް އެއްދިމާއަކުން ބިމުން ފެށިގެން ހަތް ވަރަކަށް ފޫޓާއި ހަމައަށް އެނބުރެމުން އެނބުރެމުން ގޮސް މީހެއްގެ ސޫރައަށް ބަދަލުވިއެވެ. ހަމައެހެންމެ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެސޫރަ ބަދަލުވެގެން ފުރާނައެޅިގެން ފާޅުވީ ނީނާއެވެ. އެއީ ނީނާ ފިޔަވާ ދެވަނަ މީހެއް ނޫންކަން އޭނާ ފެންނަ އެންމެން ވެސް ގަބޫލުކުރާނެކަން ޔަގީނެވެ.
ނީނާ މިސްރާބުޖެހީ ދެކުނުފަރާތު އަތިރިމައްޗާއި ދިމާއަށެވެ ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން އޭނާއަށް އެއްވެސް
އަސަރެއް ނުކުރާ ކަހަލައެވެ. މަޑުމައިތިރި ހަމަހިމޭން ހިނގުމެއްގައި ގޮސް ގޮނޑުދޮށަށް ފޭބުމަށްފަހު، ފައިތިލަތާ ފެނުން އޮޑި ހަރުގެތަކާ ދިމާއަށް މިސްރާބު ޖެހިއެވެ.
އެމީހުންގެ މަސައްކަތާއިގެން މަޝްޣޫލްވެ ތިބި އަލީ އަހްމަދާއި ވިސާމް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ކަހަލަ
ގޮތަކަށް ވަރަށް ބާރަށް ދޮރުގައި ކޮންމެ ވެސް އެއްޗެއް ޖެހުނު އަޑަށެވެ. އެއާއެކުހެން ދެވަނަ ފަހަރަށް ވެސް އެއަޑު އިވުނެވެ. އެހެން ކަމުން އެއީ ކޮންމެވެސް މީހަކު ކުރާ ކަމެއްކަން އެދެމީހުނަށް ވެސް އެނގުނެވެ.
އަލީ އަހްމަދުގެ އިސާރާތަށް ވިސާމް ގޮސް ދޮރުހުޅުވާލިއިރު އެތަނުގައި ހުރީ ނީނާ އެވެ. ނީނާ ފެނުމާއެކުހެން ވިސާމް
ސިއްސައިގެން ދިޔަ ނަމަވެސް އަލީ އަހްމަދުގެ ވާހަކަތައް ހަނދާންވުމުން ނީނާއަށް ޖާގަ ދައްކައި، އަތުގެ އިޝާރާތުން އެތެރަށް ވަންނާން ބުންޏެވެ.
ކުރީރޭ ފަދައިން ނީނާ ވަދެގެން އައި ގޮތަށް އައިސް ދުންކިބަ ކައިރީ މަޑުކުރިއެވެ. ދޮރުލައްޕާ ތަޅުލުމަށްފަހު އޭނާގެ
ފަހަތުން ކަހަލަގޮތަކަށް ވިސާމް އައިސް އަލީ އަހްމަދު ކައިރީ ކުރިން ވެސް އޭނާއިން ތަނުގައި އިށީނެވެ.
ނީނާއާ ދިމާއަށް ބަލަހައްޓައިގެން ކަހަލަގޮތަކަށް އިން ވިސާމަށް ނީނާގެ ފަރާތުން ފާހަގަވަމުން ދިޔައީ މަޑުމައިތިރިކަމާ
ހަމަހިމޭންކަމެވެ. ހިލައިގެ ބުދެއްފަދައިން އެއްވެސް ހަރަކާތެއް ނެތިފައި ނީނާ ހުއްޓެވެ.
ކުރަމުންދިޔަ ގަދަފަދަ ވިއްސާރައާ އެކުހެން ވަގުތުތައް ފާއިތުވަމުން އައިސް މެންދަމުން އަލިވެ ތިނެއް ޖަހާން ވީއިރު
ވިއްސާރަ އަލިވުމުގެ އަލާމާތްތައް ދައްކާން ފަށައިފިއެވެ. ވައިމަޑުވެ ވާރޭ ތުނިކޮށްލިއިރު ގުގުރާ ވިދުން މުޅިން ހުއްޓިއްޖެއެވެ. ހަމައެހެންމެ ހަނދުވަރުގެ އަލިކަން މަޑުމަޑުން ފާޅުވާން ފެށިއެވެ.
އަލީ އަހްމަދު އޭނާގެ ކިޔެވެލި ހުއްޓާލާފައި ކޮޅަށް ތެދުވުމާއެކުހެން ވިސާމް ވެސް ކޮޅަށް ތެދުވެއްޖެއެވެ.
އަލީ އަހްމަދާއި ވިސާމް ވާހަކަތަކެއް ދެއްކުމަށްފަހު ނީނާއާ ދިމާއަށް ވިސާމް އައެވެ. އަލީ އަހްމަދު ބުނި ފަދައިން
ވިސާމް އައިސް ނީނާގެ އަތުގައި ހިފައިގެން އޮޑިހަރުގޭން ނުކުންނާން ހިނގައިގަތުމުން ވިސާމާއި އެކުގައި ނީނާ ހިނގައިގަތެވެ.
ނީނާމެން ގެއާއި ދިމާއަށް ނީނާ އާއި ވިސާމް ހިނގަމުން ދިޔައީ އެކުގައި ނަމަވެސް އެކަކު އަނެކަކާއި ވާހަކައެއް
ނުދައްކައެވެ. ރަށުތެރޭން ފެންނަމުންދާ ހަމަހިމޭންކަމާއި ފަޅުކަމުގެ ސަބަބުން އެދެމީހުން އެހެންމީހަކަށް ނުފެންނާނެކަން ޔަގީންވާތީ ދެ މީހުން ވެސް ތިބީ ނުހަނު ހިތްހަމަޖެހިފައިކަން ދެމީހުންގެ މޫނުމަތިން ފާޅުވަމުންދާ ކުލަވަރުތަކުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވެއެވެ. ނީނާއާ ވާހަކަދައްކާން ވިސާމް ކިތަންމެ ބޭނުންވި ނަމަވެސް އަލީ އަހްމަދު ބުނެފައިވާ ފަދައިން ކަންތައް ކުރުމަށް ޓަކައި ނީނާއާ އަނގައަކުން ނުބުނެއެވެ. މީހަކު ލައްވާ ކަމެއްކުރުވާއިރު އޭނާ ބުނާގޮތް ހެދުމަކީ ކިހާ މުހިންމުކަމެއްކަން ވިސާމަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ނީނާ ގޮވައިގެން ވިސާމް ގޮސް ނީނާމެން ގެކައިރިއަށް މަޑުކުރުމުން، ވިސާމަށް ބަލާލާފައި ހީލަމުން ނީނާ ގޮސް ގޯތި
ތެރެއަށް ވަނުމުން ވިސާމް ވެސް އޭނާގެ ގެއަށް ދިއުމަށް އަވަސްވެގަތެވެ.
ނީނާ ގޮސް ގޯތިތެރެއަށް ވަނުމާއެކުހެން އޭނާގެ ފަހަތުން ގޮސް ކަޅުކުލައިގެ ބުޅަލެއް އެގޯތިތެރެއަށް ވަތް ނަމަވެސް
ވިސާމަކަށް އެކަމެއް ނޭނގެއެވެ. ބުޅާ އައިސް ނީނާއާ ހަމަކުރުމާއެކު ނީނާ އަވަސް އަވަހަށް އެދިމާއަށް ބަލާލަމުން ހިނިތުން ވުމާއެކު ބުޅަލާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ބުޅަލުގެ ލޮލުން ފޮނުވާލި އަނގުރުއަލިފާން ފަދަ ރަތްކުލައިގެ އަލި ނީނާގެ ކަޅިއާއި ހަމަވުމާއެކު ވުއްކޮޅެއް ވިރޭފަދައަކުން ނީނާ ވިރިގެން ގޮސް ބިންގަނޑުގެތެރެއަށް ގެއްލިއްޖެއެވެ.
ނީނާމެން ގޯތިތެރެއިން ނުކުމެގެން ބުޅާ މިސްރާބުޖެހީ ގަބުރުސްތާނާއި ދިމާއަށެވެ.
ކުރަމުންދާ މަސައްކަތަށް ލިބެމުންދާ ކާމިޔާބީގެ ސަބަބުން ނުހަނު އުފާވެ ހިތްހަމަޖެހިފައިހުރި ވިސާމް އައިސް ނިދާން
އޮށޯތްއިރު ވެސް އަލީ އަހްމަދު ގެއަކަށް ނާދެއެވެ. އޭނާގެ މަސައްކަތް މުޅިން ފުރިހަމަ ނުވާތީ އޭނާ ރޭގައި ވެސް ގެއަށްއައީ ވިސާމަށްވުރެ ލަހުން ކަމަށްވާތީ ވިސާމް އެކަމަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އޮށޯވެ މާގިނަ އިރެއް ނުވަނީސް އޭނާއަށް ނިދިއްޖެއެވެ.
އަރައިގެން އައި އިރާއެކުހެން ގިނަބަޔަކު މަގުތަކަށް ނުކުމެ ހަރަކާތްތެރިވަމުން ދިޔައީ ރޭގައި ކުރި ވިއްސާރައިގެ
ސަބަބުން ގެއްލުން ލިބިފައިވާ ގެތަކުގެ މީހުންނަށް އެހީވުމާއިގެންނެވެ. ގިނަ އަދަދެއްގެ ރުއްގަހާއި ދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާތީ އެންމެންގެ މޫނުމަތިން ހެން ފެންނަމުންދަނީ ހިތާމައިގެ އަސަރުތަކެވެ.
ވިސާމް އޭނާގެ އާދައިގެމަތިން ނުވައެއް ޖަހާކަންހާއިރު ޝޮޕަށް އައިސް އޭނާގެ މަސައްކަތްތައް ފެށިއެވެ. އަލީ އަހްމަދު
އޭނާގެ ރަހުމަތްތެރިޔާގެ މަސައްކަތް ނިންމާލާފައި ކޮންމެ ދުވަހަކު ވެސް އަންނަނީ ޝޮޕަށްކަމަށް ވާތީ މިއަދުވެސް އޭނާ އަންނާނެ ކަން ވިސާމަށް ޔަގީން ވެއެވެ.
ވަގުތުތައް ފާއިތުވަމުން އައިސް އެގާރަ ޖަހާންވީރު ވެސް އަލީ އަހްމަދުގެ ޚަބަރެއް ނުވުމުން، ވިސާމް ކޮފީއަށް ދަމުން
އަލީ އަހްމަދަށް ފޯނުކޮށް އެވާހަކަ ބުންޏެވެ. އަދި ކުޑަ އިރުކޮޅެއްގެ ވާހަކަ ތަކަށްފަހު ފޯނު ޖީބަށްލަމުން ކޮފީޝޮޕާއި ދިމާއަށް ހިނގައި ގަތެވެ.
އަލީ އަހްމަދާއި ވިސާމް ބައްދަލުކުރީ ކޮފީޝޮޕުންނެވެ. ރޭގައި ދިމާވި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތް
ތަކަށް އެހީވުމާއިގެން ވަރަށް ގިނަ ބަޔަކު އުޅެމުންދާތީ ކޮފީޝޮޕް ވެސް ހުރީ ހުހަށް ކަހަލަ ގޮތަކަށެވެ. އެކަމުގެ ސަބަބުން އެ ދެމީހުނަށް ވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެއާއެކުހެން އެކަކު އަނެކަކަށް ބަލާލަމުން ހިނިތުން ވެލެވުނެވެ.
” ކޮބާ. މިރޭމީ ތިންވަނަރެއެއްނު؟ މިރޭ ކުރީމަ ނިމުނީދޯ؟ ” މޭޒެއް ކައިރީ އިށީންނަމުން ހަމައެކަނި އަލީ އަހްމަދަށް
އިވޭވަރަށް ވިސާމް އަހާލިއެވެ.
ހަތްވަނަބައި
” އާން. މިރޭ މީ ފަހު ރޭ. މިރޭ ތަފާތު ވެސް ވާނެ. ” އަލީ އަހްމަދު ޖަވާބު ދިނެވެ.
” އަހަރެންނަށް އެކަން ވާނެކަން އަލީ އަހްމަދަށް ޔަގީންދޯ؟ ” ވަރަށް އުންމީދާއެކު އަލީ އަހްމަދަށް ބަލާލަމުން ވިސާމް
އަހާލިއެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ހިތްހަމަޖެހުމުގެ އަސަރުތަކާއި އެ ކުލަވަރެވެ.
އަލީ އަހްމަދާއި ވިސާމް ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލީ އޯޑަރު ނެގުމަށްޓަކައި ވޭޓަރު އައުމުންނެވެ.
” ވިސާމް ދައްކާ ވާހަކަދޯ؟ މިއީ ސަތޭކަ އިންސައްތަ ޔަގީންކަމެއް. ” ވަރަށް ޔަގީންކަމާއެކު އަލީ އަހްމަދު ބުނެލިއެވެ.
އަރައިގެން އައި އިރުން ލިބެމުންދިޔަ ގަދަފަދަ ހޫނުގެ އަސަރުތައް މަޑުމަޑުން ކެނޑެމުން ފިނިކަމަށް ބަދަލުވަމުން ދިޔަ
އެވެ. އިރު އެރީއްސުރެ ކަހަލަގޮތަކަށް މަސައްކަތުގައި ހޭބޯ ނާރާ އުޅުނު ރައްޔިތުންތައް ވެސް އެމަސައްކަތްތައް ނިންމާލުމަށްފަހު އެހެނިހެން ކަންކަމާއިގެން ހަރަކާތްތެރި ވަމުން ދިޔައެވެ.
އަލީ އަހްމަދު އޭނާގެ އާދައިގެ މަތިން ނީނާމެން ގެއަށް ގޮސް އޭނާގެ މައިންބަފައިންނާއި ވާހަކަދައްކާން އިނދެފައި
ގެއަށް ދާން ނުކުތްއިރު ޖޯލިފަތީގައި ނީނާ އޮތެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް އޮތް ނީނާ ސިއްސައިގެން ދިޔައީ އަލީ އަހްމަދު އޭނާއަށް ގޮވާލުމުންނެވެ.
” ނީނާ! ހާދަބޮޑު ފިކުރަކަށް ގެއްލިފަ އޮތްހެން ހީވެޔޭ … ކަންތައްތައް ރަނގަޅުތަ؟ ” ނީނާއަށް ގޮވާލަމުން އަލީ
އަހްމަދު އަހާލިއެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ އާދައިގެ ގޮތެކެވެ.
” އާން. ބަރާބަރު ” އަލީ އަހްމަދަށް ހީލަމުން ނީނާ ބުންޏެވެ.
ނީނާ އާއި ވާހަކަދައްކާން މަޑުނުކޮށް އަލީ އަހްމަދު ނުކުމެގެން ދިޔަގޮތަށް ދިޔައީއެވެ.
އިރުއޮއްސޭ ވަގުތު ގާތްވަމުން އުދަރެހުން ރަތްވިލާ ދައްކަމުން ދިޔައެވެ. ހަމައެހެންމެ ރަތްވިލާއާއެކުހެން މަޑުރީނދޫ
ކުލައާއި އޮރެންޖެކުލަ ފަދަ ރީތިކުލަތަކުން އެމަންޒަރު އިތުރަށް ފުރިހަމަ ވެފައި ވެއެވެ.
އޮއްސެމުންދިޔަ އިރާއެކުހެން ރަށުތެރެއަށް އަނދިރިކަން ވެރިވަމުން ދިޔައެވެ. ހަމައެހެންމެ އަތިރިތަކުގައި ކުޅެ މަޖާ
ކުރުމުގައި އުޅުނު ކުޑަކުދިންނާއި އެކުދިންގެ އެހީތެރިން، އުމުރުން ދުވަސްވީ މީހުން ދެމުންދިޔަ ލަފަޔާއި މަޝްވަރާއާއެކު ގެތަކާއި ދިމާއަށް މިސްރާބުޖެހިއެވެ. އިރުއޮއްސޭވަގުތާއި އެވަގުތާއި ގުޅިގެން އަންނަ މަޢުރިބުނަމާދާއި އިޝާނަމާދާ ދެމެދު ކުޑަކުދިން އެފަދަ ތަންތަނުގައި ގެންގުޅުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުކަން ދޭ މީހުން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ.
ވިސާމާއި އަލީ އަހްމަދު ރާވާފައިވާފަދައިން ރަށުގެ ހުޅަނގުކޮޅު ތުނޑިއަށް އެދެމީހުން ދިޔައީ އިރު އޮއްސޭން ކައިރިވެ
މީހުންތައް ގެތަކާއި ދިމާއަށް މިސްރާބު ޖެހުމުންނެވެ. އޭރު އެސަރަހައްދަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އަމާން އޮމާން ކަމެވެ. ޖެހެމުންދާ ނަލަވައިން ގަސްތަކުގެ ފަތްތައް ހެލިލާ އަޑު ފިޔަވާ އެހެން އެއްވެސް އަޑެއް ނީވެއެވެ.
ތުނޑިމަތި ފެނުމާއެކުހެން އެދެމީހުންނަށް ހިނިތުން ވެލެވުނީ އެދެމީހުން ބޭނުންވާފަދަ މާހައުލެއް ތުނޑިމަތީގައި
އޮތުމުންނެވެ.
އޮއްސެމުންދިޔަ އިރު މުޅިން އަޑިޔަށް ނުދަނީސް އަލީ އަހްމަދު އޭނާ ގެނައި ބޮންތިފަންވަތްތައް ރާޅު ފެނުގައި އިންދި
އެވެ. އޭރު އެފަންވަތްތަކުގައި ކުދިކުދި އަކުރުތަކަކުން އަރަބިން ކޮންމެވެސް އެއްޗެއް ލިޔެފައިވެއެވެ. އެ މަސައްކަތް ނިންމާލަމުން ވިސާމާއި ދިމާއަށް ބަލާލިއިރު އަލީ އަހްމަދުގެ މޫނުމަތިން ފާޅުވަމުން ދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. އުންމީދާއި ޔަގީން ކަމުގެ ކުލަވަރެވެ.
ވިސާމް ކަންތައް ކުރާންވީ ގޮތް ބުނެދިނުމަށްފަހު އަލީ އަހްމަދު އައިސް ހުއްޓުނީ އެ ފަންވަތްތަކާ ދިމާއިން އެއްގަމު
ކަޅުފަހާއި ދޮންފަސް ގުޅުނު ހިސާބުގައެވެ. ވަރަށް ޝައުޤުވެރިކަމާއެކު ވަށައިގެން ހޯދާލަމުން އަލީ އަހްމަދު އޭނާގެ މަސައްކަތް ފެށިއިރު، އަލީ އަހްމަދު ބުނެފައިވާ ފަދައިން ރަށުގެ އެއްވެސް ދިމާއަކުން އެއްވެސް މީހަކު ތުނޑިއާއި ދިމާއަށް އާދޭތޯ ވިސާމް ބަލަމުން ދިޔައެވެ. ކުރަމުންދަނީ އޭނާގެ މަސައްކަތެއް ކަމަށްވާތީ ވިސާމް އެކަމާއިގެން އުޅެމުންދިޔައީ ވެސް ވަރަށް ހަލުވި ކޮށެވެ.
އިރުއޮއްސި އަނދިރިކަން ވެރިވަމުން ދިޔަ ނަމަވެސް އަލީ އަހްމަދު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާގެ
ކިޔެވެއްޔާއިގެން ކުރިޔަށް ދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ހަތެއް ޖަހާން ވެފައިވަނިކޮށް އަލީ އަހްމަދު އޭނާގެ ކިޔެވެލި މެދުކަނޑާލިއެވެ. އަދި
އެއްވެސް އެއްޗެކޭ ނުބުނެ ދިޔަގޮތަށް ގޮސް ބޮންތިފަންވަތްތަކުގެ ވަށައިގެން ތިންބުރު ޖެހިއެވެ. ބޮންތި ފަންވަތްތަކުގެ ވަށައިގެން ހިނގަމުން ދިޔައިރު ވެސް އަލީ އަހްމަދުގެ ތުންފަތަށް ހަރަކާތް އައުމުން އަންގައިދެނީ އޭނާ ސިއްރު ސިއްރުން ކޮންމެ ވެސް އެއްޗެއް ކިޔަވަމުންދާ ކަމެވެ.
އަލީ އަހްމަދާއި ވިސާމް އެފަންވަތްތައް ނައްޓާލައިގެން ހިފައިގެން ރަށުތެރެއާއި ދިމާއަށް މިސްރާބު ޖެހިއިރު މުޅި ހިސާބު
ވަނީ އަނދިރިވެ މަގު ހިނގާން އުނދަގޫވާވަރު ވެފައެވެ. އެހެންކަމުން ވިސާމް އަވަސް އަވަހަށް ފޯނުނަގާ ބައްތި ދިއްލައި އޭނާ އާއި އަލީ އަހްމަދަށް ހިނގާން ފަސޭހަވާނެ ހެން މަގަށް އަލިކުރާން ފެށިއެވެ.
އަލީ އަހްމަދާއި ވިސާމަށް ރަށުތެރެއަށް އެރުވުމާ އެކުހެން އެދެމީހުން ދިރިއުޅެމުންދާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
އޭރު ދެމީހުންގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ އެދެމީހުން ކުރަމުންދާ މަސައްކަތަށް ލިބެމުންދާ ކާމިޔާބުގެ ހިތްހަމަޖެހުމެވެ. ބައެއް މަގުތަކުން ކޮންމެވެސް ވަރަކަށް މީހުން ފެނުނު ނަމަވެސް ޒުވާންފުރައިގެ އަންހެން ކުދިންނާއި މެދުއުމުރުގެ އަންހެންވެރިން ތެރޭން ބައެއްމީހުން ތިބީ ކޮންމެވެސް ހިންދީޑުރާމާއެއް ބަލާށެވެ. ދަރިންނަށް ފިލާވަޅު ދަސްކޮށްދިނުމުގައި ހަރަކާތްތެރި ވަމުންދާ އަންހެންވެރިން ވެސް މަދެއް ނޫނެވެ.
ކުރީ ޒަމާނުންސުރެ ފެށިގެން ދިވެހިންގެ ތެރޭން ފެންނަމުންދިޔަ މަޣުރިބު ނަމާދާއި އިޝާނަމާދާ ދެމެދު ގޭގޭގައި ޔާސީން
ސޫރަތް ކިޔެވުމުގެ ކަންތައް މިހާރު ފެންނަނީ އެކަމާ ހިތާމަ ކުރާންޖެހޭހާ ވެސް މަދުންނެވެ.
ގެތަކުތެރޭން ފެންނަމުންދިޔަ ހަލަބޮލިކަން ކެނޑެމުން ގަދައަލިތައް ފަނޑުވަމުން ވަގުތު މިސްރާބު ޖަހާފައިވަނީ މެންދަމާއި
ދިމާއަށް ކަން އަންގައިދެމުން ދިޔައެވެ. މަގުތަކުން މީހުން މަދުވަމުން ރަށުތެރެއަށް ހަމަހިމޭންކަން އިތުރުކުރަމުން ދިޔައެވެ.
ރަށުތެރޭގައި ރަސްކަން ކުރަމުންދާ ހަމަހިމޭންކަމާއި ފަނޑުހަނދުވަރުގެ އަލިން ހިތްހަމަޖެހުން ހޯދަމުން ގަބުސްތާނާއި
ދިމާއަށް ހިނގަމުން ދިޔައިރު ވިސާމާއި އަލީ އަހްމަދުގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ގަބުރުސްތާނުތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް އަލީ އަހްމަދު މަޑުކުރީ ދާދި މިދާކަށް ދުވަހު މަރުވެގެން ވަޅުލާފައިވާ
ހުނައިފާގެ މަހާނަ ކައިރިއަށެވެ. އަލީ އަހްމަދުގެ ފަހަތުން ވަދެގެން ދިޔަ ވިސާމް ޓޯޗްބައްތި ހިފައިގެން އަލީ އަހްމަދުގެ ފަހަތުގައި މަޑުކޮށްގެން ހުއްޓެވެ.
އަލީ އަހްމަދު އޭނާގެ ކިޔެވެލި ހުއްޓާލުމެއްނެތި ކުރިޔަށް ގެންދިޔައެވެ.
ކުއްލިއަކަށް ވިދާލި ވިދުވަރަށްފަހު ޖަހާލި ބާރު ގުގުރީގެ އަޑުން ވިސާމް ދިޔައީ ސިއްސައިގެންނެވެ. މަހާނަތައް މަތީ
ހުރި ވެލިތަކާއި ގަސްތަކުގެ ފަތްތައް ވަޔާއި ބުރައިގެން ދިޔައިރު ހީވާނީ ތޫފާނެއްލައިގެން ހެންނެވެ. އެކަމުގެ ސަބަބުން ވިސާމް ކޮންމެ ވެސް ވަރަކަށް ހާސްވެ ޖެހިލުންވާގޮތް ވި ނަމަވެސް އަލީ އަހްމަދުގެ މޫނުމަތިން ފާޅުވަމުންދާ ހަމަޖެހުމުގެ އަސަރުތައް ފެނުމުން ވިސާމް ހަމައަކަށް އެޅޭގޮތް ވިއެވެ. އެހެންވެ އޭނާ ވެސް ކެތްތެރިވެ ހަމަޖެހިގެން ހުއްޓެވެ.
އަލީ އަހްމަދު އޭނާގެ މަސައްކަތް ހުއްޓާލުމާއެކުހެން ވައިމަޑުވެ މުޅިތަނަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ.
ވިސާމާއި އަލީ އަހްމަދު އެތަނުގައި ކުރާންއައި މަސައްކަތްތައް ނިންމާލުމަށްފަހު އަވަސް އަވަހަށް އެތަނުން ނުކުމެގެން
ގެތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ. މިގަޑީގައި އެދެމީހުން ފިޔަވާ އެއްވެސް މީހަކު މަގެއް މަތިން ނުފެންނާތީ އެމީހުން ކުރާން އުޅޭ މަސައްކަތް ފަސޭހަކަމާއެކު ކުރެވޭނެކަމުގެ ޔަގީންކަން ދެމީހުންނަށް ވެސް ވަރަށް ބޮޑެވެ.
ވިސާމާއި އަލީ އަހްމަދު އެދިޔަ ގޮތަށް ގޮސް މަޑުކުރީ ނީނާ މެންގޭ ދޮރޯށި ކައިރީގައެވެ. އަލީ އަހްމަދު އޭނާގެ ޖީބުން
ކޮންމެވެސް އެއްޗެއް ނަގަމުން ވަށައިގެން ހޯދާލަމުން އެތަނުގައި އިށީނެވެ. ހިމަހިމަ ރޮދިފަށެއްގައި ފައްޖަހާފައިވާ ކަރުދާސްކޮޅެއް ހަރުކޮށްފައިވާ އެއެއްޗަކީ ތަވީދެއް ފިޔަވާ އެހެން އެއްޗެއް ނޫންކަން ޔަގީނެވެ. ވަރަށް ޝައުޤުވެރިކަމާއެކު މަޑުމަޑުން އެތަން ކޮނެ އެ ތަވީދު ވަޅުލާފައި އަލީ އަހްމަދު ތެދުވެ ހިނގައިގަތުމުން ވިސާމް ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ނީނާމެން ގެކައިރިން ނައްޓާލިގޮތަށް އަލީ އަހްމަދު މިސްރާބުޖެހީ އޮޑިހަރުގެތަކާ ދިމާއަށެވެ. ކުރީ ދެރޭފަދައިން މިރޭ
ވެސް ދެން އޮތް ބައި ފުރިހަމަކުރާން ހަމަޖެހިފައިވަނީ އެތަނުގައި ކަންނޭނގެއެވެ.
އަލީ އަހްމަދާއި ވިސާމް ދިޔަގޮތަށް ގޮސް، ކުރީ ދެރޭ ވެސް އެމީހުން މަސައްކަތްކުރި އަޑިހަރުގެއަށް ވަދެ އެތެރޭން
ތަޅުލިއެވެ. އަދި ދުންކިބަ ރޯކޮށްލުމަށްފަހު ޓޯޗްބައްތީގެ އަލީގެ އެހީގައި ކިޔެވެލި ކިޔެވުމުގެ މަސައްކަތް ފެށިއެވެ.
އަލީ އަހްމަދުގެ ކިޔެވެލީގެ މަސައްކަތާއިގެން ހަރަކާތްތެރިވާން ފެށިތާ ދޮޅުގަޑިއެއް ހާއިރު ފަހުން މޫސުމަށް ބަދަލު
އަންނާން ފެށިއެވެ. ވައިބާރުވަމުން ރާޅުތައް ބޮޑުވަމުން ދިޔައިރު ވައިމަތި ފަރާތު އުދަރެހުން ވިއްސާރައިގެ އަސަރުތައް ދައްކަމުން ކަޅުކުރަމުން ދިޔައެވެ.
ޖެހެމުންދާ ބާރުވަޔާއި ގޮނޑުދޮށަށް ބީއްސަމުންދިޔަ ބިޔަ ރާޅުތަކުގެ ސަބަބުން، ތުނޑީކޮޅު ރާޅުފެނުގައި ޖެހި ބޮންތި
ފަންވަތްތައް ކޮޅަށް ހުންނަވަރެއް ނުވިއެވެ. ބާރުވަޔާއެކު ގަހަކުން ވެއްޓުނު ހިކިފަތެއްހެން ޖެހި ރާޅަކާއެކު ފަންވަތްތައް ވެއްޓިއް އޮޔާއި ދަމާ ގެންފިއެވެ.
ދުންކިބައިގެ ދުމުގެ ކުލަ ރަތަށް ބަދަލުވެގެން ދިއުމާއެކު އަލީ އަހްމަދު ކިޔެވެލީގެ އަޑު ބާރުކޮށްލީ ކަމެއް އެނގިގެން
ކުރި ފަދައަކުންނެވެ. އަދި ވަރަށް ޝައުޤުވެރިކަމާއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ހިތްހަމަޖެހުމާއި ކާމިޔާބުގެ އަސަރުތަކެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ހިތް ނުރޮއްވާ… (3)

Next

ނިދީތެރޭން

Next
June 15, 2013

ނިދީތެރޭން

Previews
June 15, 2013

ހިތް ނުރޮއްވާ… (3)

6 Comments!

  1. zoyasham says:
    June 15, 2013 at 3:27 pm

    ރީތި……..

  2. އަނހާ says:
    June 15, 2013 at 11:38 pm

    ހާދަ ދިގޭ.. ކުރުކޮށްލަން ބައިބަޔަށް ބަހާލިނަމަ….

  3. Weverton says:
    February 4, 2014 at 11:45 am

    This does look prsmioing. I’ll keep coming back for more.

  4. short easily says:
    September 18, 2014 at 9:09 am

    There’s nothing like the relief of finding what you’re looking for.

  5. raf says:
    November 28, 2016 at 10:24 pm

    kobaa 2 vana bai…me ge tharuthee be ves nethenu….??????????????

  6. Sama says:
    January 7, 2017 at 3:56 pm

    meega varah ginain eh bas thakeh beynun kohffa hureema varah bolah undhagoo. especially “ufalaa hiy hama jehun eynage moonu mathin feney” kahala ehchis. abadhu ufaa vefa hiy hama jehifa. Haha. story is good though.

Comments are closed.

Next Episodeނިދީތެރޭން←


All Right Reserved!