ދެވުނީ ވޭނޭ 9
އެހެނަސް އެ ތަނުގައި ހުރީ ސިފަ ވަކި ނުވާވަރަށް ނިވާވެގެން ހުރި މީހެކެވެ. އޭނާގެ އަތުގައި އޮތް މިޔަ ތޫނު ވަޅި ފެނިފައި އަރީންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަރީންގެ ހަށްޓަށް އެތެރެވެފައިވާ ފުށްކުނޑީގެ ސަބަބުން ވާހަކަ ދައްކަން ވެސް އުނދަގުލެވެ. އޭނާ ތަނަކަށް ފަރާތަކަށް ޖެހިނުލަނީސް އެ ނުދަންނަ މީހާ އައިސް އަރީންގެ ބަނޑާއި ވީ ހިސާބުން ފުންކޮށް އެ ވަޅި ހަރާލިއެވެ. ދެން އެ ހިސާބުގައި ނަގައިގަތް ޒަވި ދިލަޔަށް ކެތް ކުރަން ވެސް އަރީން ނުކުޅެދުނެވެ. ދުނި ޖަހައިފައި އޮހޮރިގަތް ލެއިން އަރީން ލައިގެން ހުރި ޔުނީފޯމް ކަޅިވެގެން ދިޔައީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ނިކަމެތި އަންހެން ކުއްޖާގެ ދުލުން ބޭރު ވަމުން ދިޔަ ވޭނީ ‘އާހް’ ތަކުން އެކަނި ވެސް ހިތެއް ހުރި މީހަކަށް އަސަރު ކުރާނެއެވެ. އެހެނަސް އެތަނުގައި ހުރީ އެފަދަ ރަޙުމާއި ކުލުނުގެ ޛައްރެއްގެ މިންވަރު ހުރި މީހެއް ނޫނެވެ.
އެ މީހާ އަރީން ދޫކޮށްލައިފައި ނުކުތުމުގެ ކުރިން ބިންމައްޗަށް ފުޅިއެއްގައި ހުރި ދިޔާ އެއްޗެއް އޮއްސާލިއެވެ. ބޮޑަށް ހީވަނީ ޕެޓްރޯލް ހެންނެވެ. އަދި އެ ތަނުގައި ހުރި ކެމިކަލް ފުޅިތަކެއް ބިމަށް ވައްޓާ ތަޅާލިއެވެ. އެއަށްފަހު އޭނާގެ ޖީބުން ލައިޓަރެއްނަގައި ރޯ ކޮށްލިއެވެ. ބިމަށް އެ ވައްޓާލުމުން ސިކުންތުކޮޅެއްގެ ތެރޭގައި އެ އަނދިރި ސްޓޯ ރޫމް ހުޅުދާން ކޮށްލީ ރޯވެގެން ދިޔަ އަލިފާނުންނެވެ. އެ މީހާ ނުކުމެ ސްޓޯ ރޫމް ތަޅުލުމުން އަރީނަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. އެ ތަނުގައި ހުރި ކެމިކަލް ފުޅިތަކަށް އަލިފާނުގެ އަސަރު ކުރުމުން އެ އެއްޗެހި ގޮވަން ފެށި އެވެ. ކަފިކަފި ވެގެން ދިޔަ އަލިފާންގަނޑުން ޒަޚަމުން ފުރިފައިވީ އަރީން ރޮލާ ކައިލަން މަސައްކަތް ކުރި ކަހަލައެވެ.
އަރީންގެ ދެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައިގަތެވެ. ހަށިގައި ނެތް ހިތްވަރެއް ލައިގެން އޭނާ މަސައްކަތް ކުރީ ސަލާމަތް ވާށެވެ. ވެލައެއް ހެން ފިރުކެމުން އޭނާއަށް ދެވުނީ ދަގަނޑު ހަރުތަކެއްގެ ބިއްދޮށަށެވެ. އެ ތަނުގައި ފެތުރިފައިވީ ކެމިކަލް ތަކުގެ ސަބަބުން އަރީނަށް ނޭވާ ލާން އުނދަގޫ ވިއެވެ. އަތުގައި އިންހޭލަރެއް ވެސް ނެތެވެ. ވަޅި ހަރާލައިފައިވާ ހިސާބުން ނަގާ ޒަވި ދިލަޔަށް ކެތްނުވެގެން އޭނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. އެހެނަސް އޭނާގެ ޙާލަތު ފެންނާނެ ދިރޭ މަޚްލޫޤެއް ކައިރި ހިސާބަކު ނެތެވެ.
ކުއްލިއަކަށް ފަޔަރ އެލާމު ވެއްޓުމުން މުޅި ތަން ސަމާލުކަމަށް ގެނުވިއެވެ. ކުލާސްތަކުގައި ކިޔަވަން ތިބިހާ ބަޔަކު އިށީނދެ އިން ގޮނޑިން ފުންމައިގެން ތެދުވިއެވެ. ކިޔަވައިދޭން އުޅުނު މުދައްރިސުން މަސައްކަތް ކުރީ އެ ކުދިން މައިތިރި ކޮށްފައި ކުލާހުން ނުކުންނާށެވެ. ސިޑިބަރިން ދުވެފައި ކަހަލަ ގޮތަކަށް ގިނަ ކުދިން ފައިބައިގެން ދިޔައެވެ. ފުރަތަމަ އަންހެން ކުދިންނެވެ. މީގެ ތެރޭގައި ސުމައްޔާ އާއި އަޒާޔާ ވެސް ހިމެނެއެވެ.
“ސާރ. ރީން ކޮބާ؟ މިތަނަށް އައެއްނު.” ޙާލަތު ދެނެގަންނަން މަސައްކަތް ކުރަމުން ދިޔަ ފަޒީލް ގާތަށް ސުމައްޔާ ދިޔައެވެ. “އަރީން ތިރިއަކަށް ނާދޭ ތި ކުދިން އަވަހަށް ސުކޫލުން ނުކުމޭ. މިހާރު ވާނީ އަލިފާން ނިއްވާ ޓީމަށް ގުޅައިފައި އަންނަން އެދިފަ.” ފަޒީލްގެ ޖަވާބުން އެ ދެ އަންހެން ކުދިންގެ މޫނު މަތި މިލާ މޯޅިވެއްޖެއެވެ. އަނބުރާލައިފައި ގޮސް އެމީހުން ދެން މަސައްކަތް ކުރީ ސިޑިން މައްޗަށް އަރާށެވެ. ތަނެއް ފަތަޙަކުރަން އަންނަ ލަޝްކަރެއް ފަދައިން ތިރިއަށް ފައިބަމުން ދިޔަ މީހުން ގަނޑު ތެރެއިން މައްޗަށް އަރަމުން ދިޔަ ސުމައްޔާ އާއި އަޒާޔާގެ މޫނުމަތީގައި ވަނީ މާޔޫސީ ކުލަވަރެކެވެ.
އެ މީހުންނަށް ފުރަތަމަ ފުލޯ އަށް އެރުނީ ވެސް ޙާލަކުންނެވެ. އެ ތަނުން އަރީން ފެނޭތޯ އެނބުރި އެނބުރިފައި ދެވަނަ ފުލޯ އަށް އަރައިފިއެވެ. އެ ވަގުތު ތިރިއަށް ފައިބައިގެން އައި ޒަވިއަންގެ ލޮލުގައި އަޒާޔާ އަޅައިގަތެވެ.
“ސުމް ބަލާބަލަ. އެ އޮތީ ރީންގެ އިންހޭލަރ. ﷲ އަކްބަރު.” އަޒާޔާ ދެވަނަ ފުލޯގައި ހިނގަމުން ދަނިކޮށް އަރީންގެ އިންހޭލަރ ފެނިގެން އެ ދިމާލަށް ދިޔަ ވަގުތު އަލިފާން ރޯވެފައިވީ ލެބް ސްޓޯރ ރޫމު ފެނުނެވެ. ދެމީހުން އަވަސް ނަޒަރެއް ބަދަލުކޮށްލައިފައި ގޮސް އެ ތަނުގެ ކުރިމަތީގައި ހުއްޓުނެވެ. “އަނެއްކާ ރީން.” ސުމައްޔާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. “ނޫން. އަޅޭ. މިތަން މިހުރީ ތަޅުވެސް ލައިފަ.” އަޒާޔާ ގޮސް ތަޅުގައި ހިފިއެވެ.
އެ ތަން ހުޅުވަން ތަޅު ހަލާކުކޮށްލެވޭތޯ އަޒާޔާ މަސައްކަތް ކުރަން ފެށިއެވެ. ސުމައްޔާ ވިސްނަމުން ގޮސް އެއްފަރާތަށް ޖެހުނެވެ. އޭނާ ފުރަތަމަ ގޮސް ނެގީ އެ ދިމާލުގައި ހުރި އަލިފާން ނިއްވާ ފުޅިއެކެވެ. އެ ގެނެސް ދޮރު ކައިރީ ބަހައްޓާފައި އޭނާގެ ދަބަހުން ފާޑެއް ތޫނު އާލާތެއް ނެގިއެވެ. އެ ބޭނުންކޮށްގެން މިނެޓެއްގެ ތެރޭ ސުމައްޔާ ލެބް ސްޓޯރ ރޫމް ދޮރު ހުޅުވާލައިފިއެވެ.
“ޒައްކޯ! ކީއް ތި ކުރަނީ؟” ސުމައްޔާ ދޮރު ހުޅުވާލި ވަގުތު ދުވެފައި އެތަނަށް އައި ޒަވިއަން އާއި އިޙުސާނުގެ އިތުރުން ލީވާނެވެ. އެ ދޮރު ހުޅުވާލުމުން ބޭރަށް ނުކުންނަން ފެށި ކަޅު ދުން ފެނިފައި ޒަވިއަން އަވަހަށް ގޮސް އަޒާޔާގެ އަތުގައި ހިފައި ދަމައިގަތެވެ. “ކިހިނެއް ވެގެންތަ އަލިފާން ރޯވި ތަނުގެ ތެރެއަށް ވަންނަން ތިއުޅެނީ؟ އަމިއްލައަށް ދަންމަޅި ކަރަށް މަހަން ތިއީ މޮޔައެއްތަ؟ ދެން ވެސް އާދެ ތިރިއަށް ދާން” އިޙުސާނު ގޮސް ސުމައްޔާގެ އަތުގައި އޮތް އަލިފާން ނިއްވާ ފުޅި އަތުލިއެވެ.
“ޔޫ ސުޓުޕިޑް އުންމަތުލްވަބާ! ތި ގެންނަންވިއްޔޭ. ނޭނގޭ މިހާރު ރީން ސަލާމަތުން ދުނިޔޭގައި ހުރި ކަމެއް ވެސް އެ ފަކީރު އަނދާ އަޅިޔަށް ނުވަނީސް އެ ހަށިގަނޑު ސަލާމަތް ކުރަން ވިޔަސް އަހަރެން ދިޔަ ދީބަލަ.” ނުރުހުންތެރިކަމާއި އެކު ސުމައްޔާ ވާހަކަ ދެއްކި ނަމަވެސް އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުމެވެ. “ޒައްކޯ. ދެ މީހުން ބޭރުގައި މަޑުކުރޭ ދޮންބެ އެތެރެއަށް ވަންނާނަން.” ޒަވިއަން ވާހަކަ ދެއްކި އަޑު ސުމައްޔާ އަށް އިވުނު ހެންނެއް ހިޔެއް ނުވެއެވެ. އަލިފާން ނިއްވާ ފުޅި ކަނޑާލައިފައި އެއިން ފޯމް ބުރުއްސަމުން އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ޒަވިއަން މެން ވެސް އެތެރެއަށް ވަދެގެން ދިޔައެވެ.
ސުމައްޔާ އަށް އަރީން އޮތް ޙާލަތު ފެނި އަނބުރައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. އަލިފާން ނިއްވާފުޅި ދޫކޮށްލައިފައި ގޮސް އަރީން ނަގާ ތެދުކުރުވިއެވެ. އެ ނިކަމެތި އަންހެން ކުއްޖާގެ ދެލޯ ވަނީ މެރިފައެވެ. ހޭވެރިކަމެއް ވެސް ނެތެވެ. ސުމައްޔާގެ އެތެރެ ހަށްޓަށް އެތަނުގައި ފެތުރިފައިވާ ނުރައްކާތެރި ދުން އެތެރެ ވެފައިވުމުން އޭނާ ކޮށި އެރިއެވެ. އެ ވަގުތު ޒަވިއަން ގޮސް އަރީން ނަގާ އޭނާގެ އަތްދަނޑިމައްޗަށް ލައިފައި ދުވެފައި ނުކުމެގެން ދިޔައެވެ. އިޙުސާނު ސުމައްޔާގެ އަތުގައި ހިފައިގެން ގޮސް ބޭރަށް ނުކުތުމުން ލީވާން އެ ތަނުގެ ދޮރު ލެއްޕިއެވެ.
އެންބިއުލާންސަކަށް ގުޅުމުގެ ބަދަލުގައި ޒަވިއަން ގޮސް އަރީން ލީ އޭނާގެ ކާރު ފަހަތު ބަޔަށެވެ. އެ ބަޔަށް ސުމައްޔާ އާއި އަޒާޔާ އެރުމުން އިޙުސާނާއި ޒަވިއަން ކުރިއަށް އެރިއެވެ. ޒަވިއަން އެ ކާރު އިސްޓާޓް ކޮށްލައިފައި ދުއްވާލީ ޤަވާޢިދާއި ޚިލާފުވާނެހާ ބާރަށެވެ. އެ މީހުންގެ މަންޒިލަކަށް ވީ ޓްރީޓޮޕް ހޮސްޕިޓަލެވެ. އަޒާޔާ ރޮމުން މަސައްކަތް ކުރީ އަރީންގެ ދަށްބަނޑުން އޮހޮރެމުން ދިޔަ ލެޔަށް ހުއްޓުމެއް ގެނެވޭތޯއެވެ. އެ ހިސާބުގައި ފޮތިގަނޑެއް ޖައްސާ ބާރު ކޮށްލައިގެން ހުއްޓެއް ކަމަކު ވީ ކަމެއް ހަރާމެވެ. އަންނަ ވަރަށް ލޭ އޮހޮރެމުން ދިޔައެވެ.
ލީވާން ހުރީ އެވަގުތު ސުކޫލުގައި ހުރި އެލްޓީ ފަޒީލަށް ދެވަނަ ފުލޯގެ ޙާލަތު ކިޔައިދޭށެވެ. އެ ވަގުތު އެތަނަށް އަލިފާން ނިއްވާ ޓީމަކާއި އެކު ފުލުހުން އައިސް ވަނެވެ. އެ މީހުން ގޮވައިގެން ދެވަނަ ފުލޯ އަށް ފަޒީލްގެ އިތުރުން ލީވާން ވެސް ދިޔައެވެ.
އަރީންގެ ނޭވާ މަޑުޖެހިލައިފައި ވުމުން އަޒާޔާ ދޭތެރޭ ދޭތެރެއިން އަވަސްކުރަން ބުނެލައެވެ. ގިނަ މިންވަރަކަށް އެ ހަށިން ލޭ ބޭރުވެފައިވުމުން އެ ފަކީރުގެ މޫނުމަތި ވަނީ ހުދުވެފައެވެ. އަރީންގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައިވާ ޒަޚަމުތައް ފެނިފައި ސުމައްޔާގެ ރުޅިގަނޑު ހިލިގެންދިޔައެވެ. އަރީނަށް އެ ޙާލެއް ޖެއްސި މީހަކު ކަތިލާ، ކޮށާ ކުދިކުދި ކޮށްލަން ބޭނުންވިއެވެ.
ހަސްފަތާލަށް ގެންދެވުމާއި އެކު އަރީން ލެވުނީ އީއާރަށެވެ. އަޒާޔާ ޒަވިއަންގެ ފޯނު އަތުލައިފައި އަރީންގެ މައިންބަފައިންނަށް ގުޅާ ޚަބަރު ދިނެވެ. ހާސްކަމުގެ ތެރޭގައި ތިބި އެ މީހުން އިންތިޒާރު ކުރަމުން ދިޔައީ އަރީންގެ ޙާލަތު ހުރި ނެތް ގޮތް ބެލުމަށެވެ. އެ ވަގުތު އެހެން ޑަކުޓަރުން ތަކެއް ވެސް އައިސް އެ ރޫމް ތެރެއަށް ވަނެވެ. އިރުގަނޑެއް ފަހުން ޑަކުޓަރަކު ނުކުތެވެ. “ޕޭޝަންޓްގެ ބެލެނިވެރިޔާ ކޮބާ؟” އެމީހާ އެހިއެވެ. އޭރު އަދި އަރީންގެ މަންމަ މެންނެއް ނާދެއެވެ.
“ކިހިނެއް ތޯ ވީ؟” ޒަވިއަން ކުރިއަށް ޖެހިިލިއެވެ. “ޕޭޝަންޓްގެ ހަށިގަނޑުން ހުރީ ވަރަށް ބޮޑަށް ލޭ މަދުވެފަ. ވަރަށް އަވަހަށް އޯ ނެގެޓިވް ލޭ ބޭނުންވޭ. ދެން ފުއްޕާމޭގެ ތެރޭގައި ވަރަށް ނުރައްކާތެރި ޕާޓިކަލްސްތަކެއް ހަރުލައިފައި ހުރި ކަމަށް ބެލެވޭ. ނަސީބަކުން ވަޅި ހަރާލެވިފައިވާ ހިސާބުން އެއްވެސް އޯރގަން އަކަށް ގެއްލުމެއް ލިބިފައެއް ނެތް އެހެނަސް ފުއްޕާމޭގެ ތެރޭގައި ހުރި އެއްޗެހި ނެރެން މި ވަގުތުން ވަގުތަށް އޮޕަރޭޝަން ކުރަން ޖެހޭނެ. އެ ސަބަބާއި ހުރެ މިހާރު އެ އޮތީ ވަރަށް ކްރިޓިކަލް ޙާލަތެއްގަ.” އެ އަންހެން މީހާ ބުނެލިއެވެ.
“އެހެންވީމާ އޮޕަރޭޝަން ކުރުމާއި ބެހޭ އިދާރީ ކަންކަން ހަމަޖެއްސުމަށް ރިސެޕްޝަނަށް ގޮސްލާ. މި ކޮޅުން ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވާނަން.” ޑަކްޓަރު އަނެއްކާވެސް ގޮސް އީއާރު ތެރެއަށް ވަނެވެ. އަރީންގެ މަންމަ އާއި ބައްޕަ އަށް އާދެވުނީ އެ ވަގުތެވެ. ސުމައްޔާމެން ވީގޮތް އިތުރަށް ތަފްސީލު ކޮށްލަދިނީ ކަަރުނަވީ ލޮލަކުން ބަލައިލަމުންނެވެ. ޔަނާލަށް އެ އަޑު އިވިފައި ބިމަށް ތިރިވެވިއްޖެއެވެ. އަފްޒަލް ދުވެފައި ގޮސް ހުއްޓުނީ ރިސެޕްޝަން ކުރިމަތީގައެވެ. އިޙުސާނު ނަރުހަކާއި އެކު ލޭ ނަގަން ދިޔައީ އޭނާގެ ވެސް ހުންނަނީ އޯ ނެގެޓިވް ލޭ ކަމަށް ވާތީއެވެ.
ހުރިހާ ލިޔެކިޔުމެއްގައި ސޮއި ކޮށްލައިފައި އަފްޒަލް އެނބުރި އައެވެ. އޭރު އަރީން އޮޕަރޭޝަން ރޫމަށް ވައްދަނީއެވެ. އަފްޒަލަށް މޫނުގައި ދެއަތް އަޅައިފައި ތިރިވެވިއްޖެއެވެ. އެ ނާޒުކު ވަގުތުގައި އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އެ ނަގައި ކަނޑާލަން އުޅުނު ނަމަވެސް އޭނާގެ އިނގިލިތައް މަޑު ޖެހުނީ ގުޅަމުން ދިޔަ ނަންބަރު ފެނުމުންނެވެ. ފޯނު ނަގާފައި ބޭރަށް ނުކުތީ އެ ނޫން ގޮތެއް ނެތިގެންނެވެ.
“އަދިވެސް ޚިޔާލު ބަދަލުކޮށްލާކަށް ނުވޭތަ؟ ދެން ފަހަރަކުން އެއަށްވުރެ މާ ބޮޑު ވަރު ކޮށްލާނަން.” އެކޮޅުން ވާހަކަ ދެއްކި މީހާ ދިނީ އިންޒާރެކެވެ. “ނޫން! އަހަރެން ކީއްތަ ކުރަންވީ؟” ހާސްވެގެން ތުރުތުރު އަޅަމުން ދިޔަ ޙާލު އޭނާ ބުނެލިއެވެ. އެ ދެމެދުގައި އިތުރު ވާހަކަތަކެއް ދެކެވުމަށް ފަހު ދެން ފެނުނީ އަފްޒަލް ފޯނު ކަނޑާލި މަންޒަރެވެ. ކަރުނަވީ ލޮލަކުން ހަސްފަތާލާއި ދިމާލަށް ބަލައިލައިފައި އޭނާ ގޮސް ކާރަށް އަރައިފިއެވެ.
އޮޕަރޭޝަން ނިމުނީ ހަތަރު ގަޑިއިރު ފަހުންނެވެ. ކިތަންމެ ދަންވި ނަމަވެސް ސުމައްޔާ އާއި އަޒާޔާ އަދި ގެއަކަށް ނުދެއެވެ. ދެ އަންހެން ކުދިން ގަދަ ހަދާލައިފައި މަޑުކުރުމުން ޒަވިއަން މެން ވެސް ނުގޮސް ތިބީއެވެ. އޮޕަރޭޝަން ރޫމުން ޑަކުޓަރަކު ނުކުތުމުން އަފްޒަލް އެ ދިމާލަށް ދިޔައެވެ.
“އަލްޙަމްދު ލިއްލާހި. މި އޮޕަރޭޝަން ވަރަށް ކާމިޔާބު. މިހާރު އެ ވަނީ ނުރައްކަލުން ބޭރުވެފައި އެކަމަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިން ދުވަހު ބާއްވަން ޖެހޭނެ. އިރުކޮޅެއް ފަހުން ވޯޑަށް ބަދަލުކުރެވޭނެ.” ޑަކުޓަރު ބުންޏެވެ. “ޝުކުރިއްޔާ! އަޅުގަނޑު ބޭނުން ޕޭޝަންޓް ޕްރައިވެޓް ރޫމަކަށް ބަދަލުކުރަން.” އަފްޒަލް އެދުނެވެ.
އަރީން ޕްރައިވެޓް ރޫމަށް ބަދަލުކުރި އިރު އަދި ހޭނާރައެވެ. އަފްޒަލް ގޮސް އަރީންގެ ބޮލުގައި ފިރުމާލިއެވެ. އައި އެހެން މީހުން ވެސް ތިބީ އެ ކޮޓަރި ތެރޭގައެވެ. އޭރު ގަޑިން ދަންވަރު ދޭއް ޖެހީއެވެ. “އަޒާ އާއި ސުމީ ދެން ގެއަށް ދާން ވީނުން. މާދަން އެއީ ސުކޫލު ދުވަހެއް. ފަހަރެއްގައި ދެން އަލިފާން ރޯވީމަ މާދަން ބަންދުވެސް ކޮށްފާނެ. އެހެނެއް ކަމަކު ހާދަ ދަން ވެއްޖޭ.” ޔަނާލް ބުނެލިއެވެ. ޔަނާލްގެ އެދުމަށް ދެކޮޅު ހަދަން ބޭނުންނުވުމުން ދެ ކުދިން އެ ޕްރައިވެޓް ރޫމުން ނުކުތެވެ. ފަހަތުން ކަހަލަ ގޮތަކަށް ޒަވިއަނާއި ލީވާންގެ އިތުރުން އިޙުސާނު ވެސް ނުކުމެއްޖެއެވެ.
ޒަވިއަނާއި އެކު އަޒާޔާ ގެއަށް ދިއުމުން ސުމައްޔާ އެކަނިމާއެކަނި ގެއަށް ދާން މިސްރާބު ޖަހައިފިއެވެ. ލީވާން ވެސް ގެއަށް ދިޔައީ އެކަނި ހިނގައިފައެވެ. އިޙުސާނަށް ސުމައްޔާ އެކަނި ދާ މަންޒަރު ފެނުމުން ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. އޭނާ ގޮސް ސުމައްޔާގެ ކުރިމައްޗަށް އެރީ އެކަނި ދިޔަޔަކަ ދޭން ބޭނުން ނުވާތީއެވެ. “އޭތް ކުއްޖާޔާ! މިއޮއް ދަން ގަޑީގަ އެކަނި ހިނގައިފައި ދާނެ ކަމެއް ނެތް. އާދޭ އަހަރެންނާއެކު. ފްރީ ލިފްޓެއް ދީފާނަން.” އިޙުސާނު ބުންޏެވެ. “މަ ހަމަ ހޭގައި ހުއްޓާ ކަލޭ އާއި އެކު ދާނެ ވިއްޔާ. ދުރަށް ދޭ. މަށަކީ ތި ހީކުރާ ހާ ބަލިކަށި މީހެއް ނޫނޭ. ކަލޭ ކަހަލަ ފިނޑި މީހެއް ވެސް ނޫނޭ.” ސުމައްޔާ ދެލޯ އަޅާލިއެވެ. ދެން އަނެއް ފަރާތަށް ޖެހިފައި ކުރިއަށް ހިނގައިގަތެވެ.
“މާ ގަޓު ހުރި މީހަކަށް ވެގެން އުޅޭނެ ކަމެއް ނެތް. ތި ކުޑަކުއްޖާ އެކަނި ގޮސް ގެން ނުވާނެ. އަހަންނާއެކީ އާދޭ.” އިޙުސާނު ސުމައްޔާގެ އަތުގައި ހިފާ ދަމައިގަތެވެ. “ނުޖެހޭ ދޯ މަ އަތުގައި ހިފާކަށް. ދެން ދޫކޮށްލަންވީއޭ. އެހެންނޫނީ….” ސުމައްޔާ ދަތްކުނޑި ވިކާލިއެވެ. “ނުކުރާނަން.” އިޙުސާނު ވެސް ހުރީ ވަކި ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ސުމައްޔާ ދެން މަސައްކަތް ކުރީ ކަރާޓޭ ޝޮޓެއް އަޅުވާލައިފައި އެ ސޮރު ބިމަށް ތިރިކޮށްލާށެވެ. އެއަށްވުރެ ކުރިން ސުމައްޔާގެ އަތުގައި ހިފާ އަނބުރާލައިފައި ހޭންޑް ލޮކެއް އަޅުވާލިއެވެ. މި ޢަމަލުން ދެމީހުންގެ ދެމެދުގައިވީ ދުރުމިން ކުޑަވިއެވެ.
“ޔޫ އެނޯއިން މޮންސްޓާ. މަ ދިޔަޔަކަ ދޭންވީއޭ.” ސުމައްޔާ އަޑަށް ބާރުލައިފައި ބުނެލިއެވެ. އިޙުސާނު އިވޭ ކަމަށް ވެސް ނަހަދާ ގޮސް ސުމައްޔާ ސައިކަލަށް އެރުވިއެވެ. ލޮކު ނުނައްޓާލާ އެއް އަތުން އިޙުސާނު އެ ސައިކަލު ދުއްވާލިއެވެ. ބާރު ސްޕީޑުގައެވެ. އެއަށްފަހު ސުމައްޔާގެ އަތުން ދޫކޮށްލިއެވެ. “ކޮން ތަނަކު އުޅެނީ؟” އިޙުސާނު އެހިއެވެ. “ބުނެފިން ދޯ މަށަށް އެކަނި ދެވިދާނޭ. ދެން ވެސް މި ސައިކަލު ހުއްޓާލަބަލަ.” ސުމައްޔާގެ ބޯހަރުކަން އިންތިހާއެވެ.
“ނުހުއްޓައިފިއްޔާ؟ ފުންމާލާނީތަ؟” އިޙުސާނު ހިނިގަނޑެއް ޖަހާލިއެވެ. އޭރު އޭނާ ސައިކަލު ދުއްވަމުން ދިޔައީ ފަންސާހަށް ލައިގެންނެވެ. ސުމައްޔާ ރުޅިއައިސްގެން ކެކެމުން ދިޔަ ޙާލު އިޙުސާނުގެ އިސްތަށިގަނޑަށް ދަމައިގަތެވެ. ބޮލުގެ ފުށްކިބައިން ނަގައިގަތް ދިލަގަނޑާއި ހެދި އިޙުސާނަށް ސައިކަލު ހުއްޓާލެވިއްޖެއެވެ. އެ ފުރުސަތުގެ ބޭނުން ހިފާ ސުމައްޔާ ސައިކަލުން ފުންމާލައިފައި ދުއްވައިގަތެވެ. އޭނާގެ ގެއަށް ދާށެވެ. އިޙުސާނު އެތަނުގައި ހުރި ޕާކިން ލޮޓަކަށް ސައިކަލު ލައިފައި ސުމައްޔާގެ ފަހަތުން ދުއްވައިގަތެވެ. އެ ނޫން އެހެން ޚިޔާލެއް އެވަގުތު ނުވިސްނުނީ ކަމަށް ވެދާނެއެވެ.
ސުމައްޔާ އަށް ދުވެފައި ދެވުނީ ވަކި ހިސާބަކަށެވެ. އިޙުސާނު އައިސް އޭނާ އާއި އަރާ ހަމަކޮށްފައި އަނެއްކާ އެ އަތުގައި ހިފައިފިއެވެ. “މޮޔަވެގެންތަ ތިއުޅެނީ؟” ސުމައްޔާ އަލިފާނުގެ ނަޒަރެއް އިޙުސާނަށް އަމާޒު ކޮށްލިއެވެ. “ހަމަޖެހިފަ އަމިއްލަ ގެއަށް ދޭބަލަ. މަ މި އަތުގައި ހިފައިގެން ހުރެގެން ކަލެއަށް ގެއްލުމެއް ނުލިބޭނެ.” އިޙުސާނު ބުންޏެވެ. ސުމައްޔާ އެންމެ ފަހުން ގޮތް ދޫކުރާ ކަމަށް ހެދުނެވެ. އެގޮތަށް ހިނގައިފައި ދިޔައީ ވަކި ހިސާބަކަށެވެ. އޭނާ އުޅޭ އިމާރާތާއި ގާތް ވުމުން ސުމައްޔާ ކުއްލިއަކަށް ހުރެފައި އިޙުސާނުގެ އަތުގައި ދަތް އެޅިއެވެ. އެއަށްފަހު ފަޔަށް ބާރުލައިފައި ގޮސް އޭނާ އުޅޭ އިމާރާތާއި ހަމައަށް ގޮސް އެތެރެއަށް ވަނެވެ. އިޙުސާނު ދަތްކުނޑި ވިކާލައިފައި ސުމައްޔާގެ ފަހަތުން ދިޔައިރު ހުރީ ފާޑަކަށް ރުޅިގަދަވެފައެވެ. އާނ އެހެންޏާ ދަތް އަޅަން ޖެހޭ ހެއްޔެވެ؟ މިއުޅެނީ ސަލާމަތުން ގެއަށް ލައިދޭން ވިއްޔާއެވެ. ގެއްލުމެއް ދޭކަށް ނޫނެވެ.
ސުމައްޔާ ލިފްޓަކަށް އަރައިފައި މައްޗަށް ދާން ނަންބަރު ޖަހާލިއެވެ. ދެން މަސައްކަތް ކުރީ ވީހާވެސް އަވަހަކަށް އޭގެ ދޮރު ލައްޕާލެވޭތޯއެވެ. އެހެނަސް އެ ލެއްޕުނީ އިޙުސާނު އެރި ފަހުންނެވެ. ސުމައްޔާ ތުންފަތުގައި ދަތް އަޅާލިއެވެ. އިޙުސާނު ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެ އަޅާ ކޮންމެ ފިޔަވަޅަކަށް ސުމައްޔާ ފިޔަވަޅެއް ފަހަތަށް އަޅާލައެވެ. އެހެނަސް ލިފްޓެއްގައި އެހެން އަޅާނެ އެހާ ގިނަ ފިޔަވަޅުތަކެއް ނުހުންނާނެތާއެވެ. އިޙުސާނު ހުރެފައި ދެ ފަރާތުން ބިތުގައި އަތް ވިއްދާލައިފައި އެ ދެމެދުގައި ސުމައްޔާ ހައްޔަރު ކޮށްލިއެވެ. ސުމައްޔާ ހާސްވެ ބިރުގަންނަން ފެށީ އެ ހިސާބުންނެވެ. އިޙުސާނު އެ ހުރީ ވަރަށް ރުޅިއައިސްފައި ކަމުން ކޮށްލާނެ ކަމެއް އަންދާޒާ ކޮށްލަން ދައްޗެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







I am soo happy Areen save veema
When next????
IA Thursday ga submit kohlaanan
Shukran Anonymous ✨✨