ދެވުނީ ވޭނޭ 10
ސުމައްޔާ ލިފްޓަކަށް އަރައިފައި މައްޗަށް ދާން ނަންބަރު ޖަހާލިއެވެ. ދެން މަސައްކަތް ކުރީ ވީހާވެސް އަވަހަކަށް އޭގެ ދޮރު ލައްޕާލެވޭތޯއެވެ. އެހެނަސް އެ ލެއްޕުނީ އިޙުސާނު އެރި ފަހުންނެވެ. ސުމައްޔާ ތުންފަތުގައި ދަތް އަޅާލިއެވެ. އިޙުސާނު ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެ އަޅާ ކޮންމެ ފިޔަވަޅަކަށް ސުމައްޔާ ފިޔަވަޅެއް ފަހަތަށް އަޅާލައެވެ. އެހެނަސް ލިފްޓެއްގައި އެހެން އަޅާނެ އެހާ ގިނަ ފިޔަވަޅުތަކެއް ނުހުންނާނެތާއެވެ. އިޙުސާނު ހުރެފައި ދެ ފަރާތުން ބިތުގައި އަތް ވިއްދާލައިފައި އެ ދެމެދުގައި ސުމައްޔާ ހައްޔަރު ކޮށްލިއެވެ. ސުމައްޔާ ހާސްވެ ބިރުގަންނަން ފެށީ އެ ހިސާބުންނެވެ. އިޙުސާނު އެ ހުރީ ވަރަށް ރުޅިއައިސްފައި ކަމުން ކޮށްލާނެ ކަމެއް އަންދާޒާ ކޮށްލަން ދައްޗެވެ.
“އަހަރެން ވެސް ބަދަލު ހިފާލަން ޖެހޭނެ ދޯ!” ސުމައްޔާގެ ކަންފަތް ދޮށުގައި ބުނެލިއިރު އޭނާގެ މޫނު މަތީގައި ނުސިޔާނު ހިނިތުންވުމެއް ކުޅެލެވިފައި ވިއެވެ. އޭރު ސުމައްޔާގެ ހިތް ދިޔައީ ޑަންޑަޑަން ލައިފައި ތެޅެމުންނެވެ. އެއާއެކު ލިފްޓުގެ ދޮރު ހުޅުވިއްޖެއެވެ. ސުމައްޔާ އިޙުސާނުގެ މޭގައި އަޅާ ކޮށްޕާ ވައްޓާލަމުން ދުވެފައި ދިޔައެވެ. އަވަހަށް ކޯޑު ޖަހާ އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ. ދެން ސިޓިންރޫމުގެ ފަންކާ ޖައްސާލުމަށް ފަހު ސޯފާއަށް ވެއްޓިގަތެވެ.
“އަހަނ ދަރިފުޅާ. އައީދޯ. އެކަނިތަ ތިއައީ” އަބްދުއްރަޙްމާން ކޮޓަރިން ނުކުތެވެ. ސުމައްޔާ ބޯ ހޫރާލީ މިހާ ދަން ވަގުތަކު އޭނާ އެކަނި އައި ކަން އެނގިއްޖެނަމަ ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ.
“ކޮން ކަހަލަ ކުއްޖާ ގަނޑެއްތަ؟ ހެޔޮ އެދިގެން އެހީވާން މަސައްކަތް ކުރި ކަމަށް ޓަކައި މަ ފަކީރަށް ހުރިހާ ދެރައެއް. ހެޔޮކަމެއްގެ ބަދަލު މިހާ ބޮޑު ތެޔޮ ހަމެއް ދޭން ޖެހޭތަ؟” އިޙުސާނު ތެދުވެފައި އަލުން ލިފްޓަށް އަރައިފިއެވެ. ލިފްޓު ގްރައުންޑް ފުލޯ އަށް ހުއްޓުމުން ދެން މިސްރާބު ޖެހީ އޭނާގެ ސައިކަލު ބަލައި ދާށެވެ. އެ ވެސް ވީ ދުރު ހިސާބެއްގެ ޕާކިން ލޮޓެއްގައެވެ.
ޖެހިގެން އައި ދުވަހެވެ. ހިކިފަންގަނޑެއްގައި އަލިފާން ރޯކޮށްލުމުން ހުޅު ފެތުރިގެން ދާ ފަދައިން ރާއްޖޭތެރޭގައި ފެތުރިގެން ދިޔައީ ހުރަވީ ސުކޫލުގައި އަލިފާން ރޯވި ހާދިސާއެވެ. މައްސަލަ ތަޙުޤީޤު ކުރުމުގެ ގޮތުން ފުލުހުން އެ ތަނުގައި ޙަރަކާތްތެރިވަމުން ދާތީ އެ ސުކޫލުގައި ދުވަހުގެ ކިޔެވުން ނުބާއްވައެވެ. ފުލުހުން މައްސަލަ އާއި ގުޅޭ ދިރާސާތައް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރިއެއް ކަމަކު އެއީ އެހާ ފަސޭހަ ކަމަކަށް ވާނެހެންނެއް ހިޔެއް ނުވެއެވެ. ސަބަބަކީ ލެބް ސްޓޯރ ރޫމު އެކަށް އަނދާ އަޅިޔަށް ވުމާއި ސުކޫލުގައި ސީސީކެމެރާއެއް ވެސް ހަރުކުރެވިފައި ނެތުމެވެ. އެކަމާއި ގުޅޭ އެއްވެސް މަޢުލޫމާތެއް މުވައްޒަފަކަށް ވެސް އެނގޭ ކަމަކަށް ނުވިއެވެ.
އަރީނަށް ހޭވެރިކަން ލިބުނީ އެ ދުވަހުގެ މެންދުރު ވަގުތުގައެވެ. ކަން ދިމާކުރިގޮތުން އެ ކޮޓަރީގައި އެ ވަގުތު ތިބީ ސުމައްޔާ އާއި އަޒާޔާ އެވެ. އެމީހުންނަށް އަރީން ހޭއެރިކަން އެނގުނީ އެ ފަކީރު އުނދަގޫ ގޮތަކަށް ބޯ ހިއްލާލުމުންނެވެ. ސުމައްޔާ ވަގުތުން ދުވެފައި އައިސް އަރީންގެ ގާތުގައި ހުއްޓުނެވެ. “ސުމީ… އަޒާ… އަހަރެން މިހުރީ ކޮންތާކު؟ މިތަނަށް އާދެވުނީ ކިހިނެއް؟ ނޫން… މިއީ އަހަރެންނަށް ފެންނަ ހުވަފެނެއް ދޯ. އެ އަލިފާންގަނޑު ތެރެއިން ސަލާމަތްވުމަކީ ވާނެ ކަމެއް ނޫން. އާހް…” ކުއްލިއަކަށް އަރީން ނޭވާ ހާސްވެގެން ތެޅެން ފެށިއެވެ. އަޒާޔާ އަވަސް ހަރަކާތާއި އެކު އިންހޭލަރ ފުޅި ނަގައި އަރީނަށް އެހީވިއެވެ.
“ރޭގައި ހަސްފަތާލަށް ގެނެވުނު ގޮތަށް ތި އޮތީ. މިހާރު ކިހިނެއް؟” އަޒާޔާ މަޑުމައިތިރިކަމާއި އެކު އެއްސެވެ. “އަނެއްހެން އެހާ ވަރަކަށް އުނދަގުލެއް ނުވޭ. އެކަމަކު މޭގައި ތޫނު ރިހުމެއް އެބަހުރި.” އަރީން ދެލޯ މަރާލަމުން މޭގައި އަތް އަޅާލިއެވެ. ސުމައްޔާ އެވަގުތު ނުކުމެގެން ދިޔައީ ޑަކުޓަރަށް ގޮވާށެވެ. އަޒާޔާ އަރީން ގާތުގައި ހުއްޓެވެ.
ޑަކުޓަރު އައިސް ބަލަބަލައިފައި ނުކުމެގެން ދިއުމުން އެހެން މީހުން އައިސް އެތެރެއަށް ވަނެވެ. “ދަރިފުޅާ!” ޔަނާލް އެތެރެއަށް ވަދެފައި ދިޔަ ގޮތަށް ގޮސް އަރީންގެ ނިތުގައި ބޮސް ދިނުމަށްފަހު މޭގައި ޖައްސާލިއެވެ. އެ ހިނގައިދިޔަ ބިރުވެރި ކަންތައްގަނޑަށް ފަހު އަރީން ހެޔޮ ޙާލުގައި އޮތް މަންޒަރު ފެނުމުން އޭނާއަށް ހީވީ ދުނިޔޭގައި ވީހާ އުފަލެއް އޭނާގެ ފަސްބަޔަށް އެޅުނު ހެންނެވެ. އަފްޒަލް އާއި ޔަޒާން ވެސް ހުރީ ހަމަ އެހާ ހިތްހަމަ ޖެހިފައެވެ.
“ތިން އެކުވެރިންނަށް އެކަހެރިވެވޭ ވަރު ވީ ހަވީރު ވީ ފަހުންނެވެ. ލިބުނު ފުރުސަތުގައި ސުމައްޔާ އޭނާގެ ސުވާލު ގޯނީގެ ތުން މޮހާލިއެވެ. “ރީން! ކާކު ތަ ރީނަށް ތި ޙާލު ޖެއްސީ؟ ވީ ގޮތް ހަނދާން އެބަހުރިތަ؟” ސުމައްޔާގެ އަރީންގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. “ކަޅުކުލައިގެ އެއްޗެހި ލައިގެން މުޅިން ނިވާވެގެން ހުރި މީހެއް. އެހެންވީމަ ކާކު ކަން ވަކި ކުރާކަށް ނޭނގުނު. އޭނާ އައިސް ވަޅިހަރާލުމަށް ފަހު އެތަނުގައި އަލިފާން ރޯކޮށް ލައިފައި ނުކުމެ ތަޅުލީ.” އަރީން ޖަވާބެއް ދިނެވެ. “ކިހިނެއް އެ ލެބް ސްޓޯރ ރޫމާއި ހަމައަށް ދެވުނީ؟” މިފަހަރު ސުވާލެއް ކޮށްލީ އަޒާޔާ އެވެ. އެއާއެކު އަރީންގެ އަނގަބަންދުވި ކަހަލައެވެ. އޭނާ ޝައުލާ މެންގެ ވާހަކަ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އޭނާއަށް ނުވެސް އެނގި ހުއްޓާ މީހަކު ޝައުލާ އާއި ދެކޮޅަށް އަރީންގެ މައްސަލަ ހުށަހެޅޭ ކަމަށް ޓަކައި މިހާރު މަރުގެ ތުންފަތް މައްޗަށް ވައްޓާލައިފިއެވެ. ދެން ދޫކޮށްލާނީ ހަ ފޫޓު އަޑީގައި ވަޅުލައިފައި ކަންނޭނގެއެވެ.
އަރީންގެ ފަރާތުން ބަޔާން ނެގުމަށް ފުލުހުން އައީ އެރެއެވެ. އަރީން އެމީހުންނަށް ވެސް ދިނީ އަޒާޔާ މެންނާއި ހިއްސާކުރި މަޢުލޫމާތެވެ. އެހެނަސް އެ ފިރިހެން މީހާގެ ޢަމަލުތައް ވަރަށް ތަފްސީލު ކޮށްދިނެވެ. އެންމެ ފަހަރަކު ވެސް އޭނާ ޝައުލާގެ ނަން ދުލުން ބޭރުކޮށްލީއެއް ނޫނެވެ. ހިތްވަރު އެލިފައި ތިބި ފުލުހުންނަށް އަރީންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ހައްތަހާ މާޔޫސްވިއެވެ. އެމީހުން ދިއުމުން އެ ޕްރައިވެޓް ރޫމަށް ދެން ވަދެލީ ޒަވިއަންގެ ގުރޫޕުގަނޑާއި އެކު ސުމައްޔާ މެންނެވެ.
“މިހާރު ކިހިނެއް؟” އަރީން އޮތް އެނދުގައި ޒަވިއަން އަތް އަޅުވާލަމުން ގުދުވެލިއެވެ. ޒަވިއަންގެ ނަޒަރު އަރީނަށް އަމާޒުވެފައި ހުރި ގޮތުން އޭނާގެ ހިތް އަވަސްވިއެވެ. “ރަނގަޅު. އަނެއްހެން އެހާ ބޮޑު ކަމެއް ނުވެއެވެ.” އަނެއް ފަރާތަށް މޫނު އަނބުރާލަމުން އަރީން މަސައްކަތް ކުރީ އޭނާއަށް އެ އަންނަމުން އައި ބަދަލުތައް ވަންހަނާ ކުރެވޭތޯއެވެ. “ކަމެއް ނުވެޔޭ. ގާރލް ޔޫ ގޮޓް ސްޓެބްޑް އެންޑް ޕޮއިޒަންޑް. ކިރިޔާ މަރު ނުވެ ސަލާމަތްވީ. އެ ވަރުން ވެސް ތި ބުނީ މާ ވަރެއް ނުވެޔޭ.” ޒަވިއަން އަރީންގެ މޫނުގައި ހިފާ އަނބުރާލިއެވެ. އަރީން ހަދިޔާ ކޮށްލީ ރަކި ހިނިތުންވުމެކެވެ.
“އަހަރެން ބުނަމެން ރީނަށް މީހަކު ކިތަންމެ ޙާލެއް ޖެއްސިޔަސް އެ މީހަކާ ދެކޮޅަށް ކުޑަވައި އިނގިލި ވެސް ނުއުފުއްލާލާނެއޭ.” އަޒާޔާ ގޮސް އެނދު ކައިރީގައި ހުއްޓެލިއެވެ. ސުމައްޔާ ވެސް އެއަށް ބާރު ދެމުން ދެތިން އެއްޗެއް ބުނެލިއެވެ.
އަރީން ގެއަށް ދޫކޮށްލެވުނީ ދެ ދުވަސް ފަހުންނެވެ. އޭރު ވެސް އެ އަލިފާނުގެ ހާދިސާގެ ޙަޤީޤަތް ނުހޯދެއެވެ. ދުވަސްތައް އޮޔާލައިގެން ދިޔައީ އެ މައްސަލަ އަށް ފަސްއަޅައި ފޮރުވިގެންނެވެ. އަރީންގެ އޯ ލެވެލް އިމްތިހާނުތައް ނިމި ނަތީޖާ ލިބޭ ދުވަސް އައިސް ޖެހުނު އިރު ގިނަ ބައެއްގެ ހަނދާނުން އެ ހާދިސާ ކައްސާލައިގެން ގޮސްފިއެވެ.
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރާ ދުވަހެވެ. ސުކޫލަށް އަރީން ދިޔައީ ސުމައްޔާ އާއި އަޒާޔާ އާއި އެކުގައެވެ. ހުރަވީ ސުކޫލުގެ އޮފީހުގައި ތިބެ އެމީހުން އިންތިޒާރު ކުރަމުން ދިޔައީ ނަތީޖާ ކަރުދާސް ލިބޭނެ އިރަކަށެވެ. ކިޔުގެ ކުރީގައި ހުރީ އަޒާޔާ އެވެ. އޭނާގެ ގަނޑު ލިބުމާއެކު އެކު އެއަށް އެންމެ ފަހަރަކު ވެސް ބަލައި ނުލައި އަނެއް ފަރާތަށް ޖެހުމަށް ފަހު ފަހަތުގައި ހުރި ގޮނޑިބަރީގައި އިށީނެވެ.
ތިން މީހުން ގަނޑު ހިފައިގެން ގޮސް އެރީ އަފްޒަލްގެ ކާރަށެވެ. އޭރު ވެސް އަދި ނަތީޖާ ބަލާކަށް ނޫޅެއެވެ. އެ ގަނޑު އަނެއް ފުށަށް ޖެހީ ސީޓުގައި ހަމަޖެހިލައިފައެވެ. އެންމެ ފުރަތަމަ ފެންނަން އޮތީ އިސްލާމާއި ދިވެހީގެ ނަތީޖާ އެވެ. ކަން ދިމާކުރިގޮތުން ތިން ކުދިންނަށް ވެސް އިސްލާމުން އޭ ސްޓާ ލިބުނެވެ. ދިވެހިން އަރީނަށް އޭ ސްޓާ އެއް ލިބުނު އިރު އަނެއް ދެމީހުންނަށް ލިބުނީ އޭ އެކެވެ.
އަނެއް ގަނޑު ބަލައިލަން ޕޭޕާކްލިޕް ނައްޓާލީ ވެސް ތިން ކުދިން އެކުގައެވެ. ނަތީޖާ ފެނިފައި ޙައިރާން ވީ ވަރުން އަރީނަށް އޭނާގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. ސުމައްޔާ އާއި އަޒާޔާ އަށް ވެސް މާޝާ ﷲ އޭ ބުނެވުނީ އެކު އެކީގައެވެ. އަފްޒަލް ފަހަތަށް އެނބުރިލައިފައި އަރީންގެ ގަނޑު ނަގައި ބަލައިލިއެވެ. އޭނާގެ މޫނުމަތީގައި ދުވެލީ ފަޚުރުވެރިކަމުގެ ހިނިތުންވުމެކެވެ.
އަޒާޔާ އަށް ދެން ހުރި ހުރިހާ މާއްދާ އަކުން ލިބިފައިވަނީ އޭ ގްރޭޑެވެ. ސުމައްޔާ އަށް ތިން ސީ އާއި ތިން އޭ އެވެ. “ވޯހް. ތި ދެމީހުން ޓޮޕް ޓެންއަށް އެރީނުން ރީން އެއްވަނައަށް. އަޒާ އަށްވަނައަށް. މާޝާ ﷲ ހާދަ މޮޅޭ. ވާނެ ސެލެބްރޭޑް ކޮށްލަން. މިރޭ ރެސްޓޯރެންޓަކަށް ދާންވީނުން” ސުމައްޔާ އުޖާލާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “އަހަރެންގެ ޚަރަދުގަ. އެހެން ނޫނީ ނުދާނަން” އަޒާޔާ އިތުރަށް ބުނެލިއެވެ.
“ދެން އަޒާ!” ސުމައްޔާ ރާގަކަށް ދަމާލިއެވެ. އެހެނެއް ކަމަކު އަޒާޔާ އޭނާގެ ޚިޔާލު ބަދަލުކުރާކަށް ނޫޅުނެވެ. މި ކުދިންގެ ކޯޅުންތަކަށް ނުބަލައި އަފްޒަލް ކާރު ދުއްވާލިއެވެ. ސުމައްޔާ އާއި އަޒާޔާގެ ތެރެއިން ފަހަރަކު މީހަކު އެ މީހެއްގެ ގެއަށް ލައިފައި އެންމެ ފަހުން ދިޔައީ އަރީންމެން އުޅޭ އެޕާޓްމަންޓަށެވެ.
“ދަރިފުޅާ! ކޮބާތަ ނަތީޖާ އަކީ؟ ބަލާލާހިތުން ކެތްމަދުވެފައޭ މަންމަ މި ހުރީ.” އަރީން އެޕާޓްމަންޓަށް ވަނުމާއި އެކު ޔަނާލް އެ ދިމާލަށް އައެވެ. އަފްޒަލްގެ އަތުން އެ ގަނޑު ދަމައިގަނެފައި ބަލައިލިއެވެ. “އަލްޙަމްދުﷲ. މަންމަގެ ދުޢާ އިޖާބަ ކުރައްވައިފި.” ޔަނާލް އެ ގަނޑު ބަލައިލައިފައި ދަތްޕިލާ ސޭލު އަޅުވާލިއެވެ. ދެން ގޮސް ނޭވާ ލާން އުނދަގޫވާނެހާ ބާރަށް އަރީންގެ މެދުހަށީގައި ހިފާ ބައްދާލިއެވެ.
ދޮރު އަންލޮކުކޮށްފައި އަޒާޔާ އަށް އެތެރެއަށް ވަދެވުނީ ކިރިޔާއެވެ. އޭނާގެ އިންތިޒާރުގައި ތިބި ގުރޫޕް ގަނޑު އައިސް ވަށާލައިފިއެވެ. އަޒާޔާ ދެރަވާ ކަމަށް ހެދުނެވެ. އެ މޫނުމައްޗަށް ވެރިކުރުވި މާޔޫސީ ކުލަވަރުން އޭނާގެ އާއިލާ މެންބަރުންނަށް ދޭންވީ މެސެޖު ލިބުނެވެ. “ކިހިނެއް ވީ؟ ދަރިފުޅު މާއްދާއަކުން ފާސް ނުވަނީތަ؟” އާފިޔާ އައިސް އަޒާޔާގެ ބޮލުގައި ފިރުމާލިއެވެ. ޒިޔާދާއި ޒަވިއަން ވެސް ބަލައިލީ ފާޑަކަށެވެ. “އެހެނެއް ނުވާނެ. އެ މާކު ކުރި މީހަކު ނުބައި ކޮށް ބަލައިގެން އެ އުޅެނީ. ދޮންބެގެ ޒައްކޮ މާއްދާއަކުން ފާސް ނުވެއެއް ނުހުންނާނެ.” ޒަވިއަން ގޮސް އަޒާޔާގެ އަތުގައި އޮތް ގަނޑު ނަގައިފިއެވެ.
“އައްދޭ! ޑްރާމާ ކުއީންގަނޑާ. ހުސް އޭ ސެޓެއް ހިފައިގެން އައިސްފައި ވެސް ރޮވިފަ. ހާދަ ތަޅުވާލާ ހިތުން އުޅޭ ދުވަހެއް.” ޒަވިއަން އަޒާޔާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. “މާޝާ ﷲ. ވަރަށް މޮޅު. އޭ ލެވެލް ހަދާނަންތަ؟” ޒިޔާދު އެހިއެވެ. “އޭ ލެވެލް އޭ. ދެން ނޯ. އަޅުގަނޑު ބޭނުންވަނީ ކޯސް ހަދާފަ ކެޓަރިން ބިޒްނަސް އެއް ހުޅުވާށޭ ބުނީމެއްނު. މާ ގިނައިން ސުކޫލެއްގަ ކިޔަވާކަށް ބޭނުމެއް ނޫނޭ.” އަޒާޔާ ޅަވެލައިފައި އާފިޔާގެ ކޮނޑުގައި އެލިގަތެވެ.
“ހޮޓެލް ރެސްޓޯރެންޓުގެ އެންމެ މަތީ ޑައިނިން ރޫމް މިރޭ ހުސްކޮށްލަދެއްޗޭ. އަޅުގަނޑު ބޭނުން ރީނަށް ލިބުނު ކާމިޔާބީ ފާހަގަ ކޮށްލަން. އެ ކުއްޖާގެ ބުރަ މަސައްކަތުން މިހާ ރަނގަޅު އެއްޗެއް މި ލިބުނީ. އަށް އޭ ސްޓާ އެކޮއި ފުޅަށް ލިބުނު.” އަޒާޔާ އެދުނެވެ. “އާނ. ބައްޕަގެ ދެލޮލުގެ ނޫރު ބުނާ ކޮންމެ ކަމެއް ވެސް ކޮށްދެވިދާނެ.” ޒިޔާދު އެއްބަސްވިއެވެ. ޒަވިއަން އަޒާޔާ އަށް މަރުހަބާ ކިޔަމުން އޭނާ މެދު ހަށީގައި ހިފާ އުފުއްލާލަމުން ސިޓިންރޫމުތެރޭގައި އެނބުރުނެވެ.
“ދެން ދޮންބޭ! އަހަރެން ތިރީގަ ބަހައްޓަބަލަ. މިއީ ދެން ކުޑަކުއްޖެއް ނޫނެއްނު.” އަޒާޔާ މޫނު ހަދާލިއެވެ. ޒަވިއަން ހިނިގަނޑެއް ޖަހާލައިފައި އަޒާޔާ ތިރީގައި ބެހެއްޓިއެވެ.
“ވަރަށް ރަނގަޅު. މާޝާ ﷲ” ސުމައްޔާގެ ނަތީޖާ ގަނޑު ބަލައިލައިފައި އަބްދުއްރަޙްމާން ހިނިތުންވެލިއެވެ. “ބަ…ބައްޕާ. އަޅުގަނޑު ބޭނުން ޕޮލިސް ޓްރައިނިން ހަދާފަ އެތަނަށް ވަންނަން.” ފާޑަކަށް ޖެހިލުންވެފައި ހުރެ ސުމައްޔާ އޭނާގެ އެދުމުގެ ވާހަކަ ފުރަތަމަ ފަހަރަށް އޭނާގެ ބައްޕަ ގާތުގައި ބުންޏެވެ. އެހެން ސުމައްޔާ ބުނުމާއި އެކު އަބްދުއްރަޙްމާންގެ މޫނުމަތި ބަނަވެއްޖެއެވެ. “ތި ނޫން ކޮންމެ ރޮނގަކުން ކުރިއަށް ދާން ބައްޕައަށް ރުހެވޭނެ.” އަބްދުއްރަޙްމާންގެ ޖަވާބުން ސުމައްޔާގެ ހިތް މިލައިފިއެވެ.
“އެއީ ކީއްވެ؟” ސުމައްޔާ އެހިއެވެ. އަބްދުއްރަޙްމާން އިސްޖަހާލައިފިއެވެ. އޭނާ އެ ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ސުމައްޔާ އަނެއްކާ ވެސް އެ ސުވާލު ތަކުރާރު ކޮށްލިއެވެ. “ބައްޕަ ބޭނުމެއް ނޫން މަންމަ ގޮތަށް ދަރިފުޅު ވެސް ގެއްލޭކަށް.” އަބްދުއްރަޙްމާންގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. “މަންމަ އަށް ކިހިނެއް ވީ؟ އަދި ވެސް އެ ސުވާލުގެ ޖަވާބު ދޭކަށް ނުވޭތަ؟” ސުމައްޔާ އެހިއެވެ. “ދަރިފުޅަށް އެ ކަން އެނގުމަށް ވުރެ ނޭނގުނިއްޔާ އެންމެ ރަނގަޅު ވާނީ.” އަބްދުއްރަޙްމާން އިސްޖަހާލައިފިއެވެ.
“އެންމެ ކުޑަ މިނުން މަންމަގެ ނަން ބުނެދީ. ހަމައެކަނި ފޮޓޯ އަކުން މަންމަގެ ސޫރަ ފެނުނުކަން. އަޅުގަނޑު ވެސް ބޭނުން ވާނެ ދޯ އެ މަންމަގެ މައުލޫމާތު އެނގެން.” ސުމައްޔާގެ ލޮލުގައި ވަނީ އާދޭހެވެ. އަބްދުއްރަޙްމާން ސުމައްޔާ އާއި ދިމާލަށް މިފަހަރު ބަލައިލީ ތަފާތު ގޮތަކަށެވެ. “ދަރިފުޅަށް މަންމަ އަށް ވީގޮތް އެނގިއްޖެ ނަމަ ޢަމަލު ކުރާނެ ގޮތް މިއީ ދުވާލު ފަދައިން އެނގޭ. އޭރުން އެ މީހުންނަށް އެނގޭނެ އަހަރެމެން ދުނިޔޭގައި ދިރިތިބިކަން. ދެން ދިމާކޮށްލާނީ ދަރިފުޅާ. ބައްޕަގެ ހިތް ހުއްޓިދާނެ ދަރިފުޅަށް ކަމެއް ވިއްޔާ. އެ ނުލަފާ ޚާއިނުންތަކާއި ހެދި ބައްޕަ ވެސް މި ގޮތަށް ފިލަފިލައިގެން މި އުޅެނީ.” އަބްދުއްރަޙްމާން ބުނެލިއެވެ.
“ދެން އިތުރު ސުވާލެއް ނުކުރިއްޔާ ރަނގަޅު. ދަރިފުޅު އިހަށް އޭ ލެވެލް ކިޔަވަންވީނުން.” އަބްދުއްރަޙްމާން އެދުނެވެ. “ލައްބަ. އެކަމަކު ހަމައެކަނި މަންމަގެ ނަން ބުނެދީ.” ސުމައްޔާ އަބްދުއްރަޙްމާންގެ އަތުގައި ހިއްޕެވެ. “ސިލްވިޔާ” އަބްދުއްރަޙްމާންގެ ދުލުން އެ ނަން ބޭރުވެގެން ދިޔަ އިރު އޭނާގެ ދެލޯ ތެމިއްޖެއެވެ. އޭނާގެ ހިތުގައި އެ ޒަޚަމުތައް އަދިވެސް ތާޒާކަން މަތީ އެބަހުއްޓެވެ.
ރޭގަނޑުގެ ވަގުތެވެ. ޑައިމަންޑް ސްކައި ރެސްޓޯރެންޓުގައި އަޒާޔާ އުޅުނީ ޕްރައިވެޓް ރޫމް ޑެކަރޭޓު ކުރުމުގައެވެ ފާރުގައި ދަނބުކުލަ އާއި ހުދުކުލައިގެ ފުއްޕާހަން ހަރުކޮށްފައި ހުއްޓެވެ. އަދި ރީތި ފޮންޓަކުން ‘ކޮންގްރެޓްސް’ ލިޔެފައި އިނެވެ. މޭޒުމަތީގައި އަތުރާލެވިފައިވާ ތަފާތު ބާވަތްތައް ފެނި ކުޅު ދިޔާވާހާ ވެއެވެ. ފަނޑު އަލިކަމެއް ހުރި އެ ތަން އިތުރަށް ފުރިހަމަވަނީ ދިއްލާލެވިފައިވާ ފެއާރީ ލައިޓްސް ތަކުންނެވެ.
މުށި ކުލައެއް ލެވިފައިވާ ރީތި ކޮޓަރިއެކެވެ. އެއް ފަރާތުގައި ޝާހީ ވައްތަރެއްގެ ބެޑްރޫމް ސެޓެއް އަތުރާލެވިފައިވާ ހުއްޓެވެ. އަނެއް ފަރާތުގައި ކަހާލެވޭ ގޮތަށް ހުރި ބިއްލޫރި ދޮރެއް ހުއްޓެވެ. އެ ތަނުން ނުކުމެވެނީ ބެލްކަންޏަށެވެ. ފާޚާނާ އާއި ދިމާލުގައި ވޯކްއިން ވޯޑްރޯބަކަށް ވަދެވެން ހުއްޓެވެ. ބޮޑު ޗާންދަލިޔާއަކުން ކޮޓަރި ދިއްލާލެވިފައިވެއެވެ. އެހެނަސް މި ފެންވަރު ރަނގަޅު ކޮޓަރީގެ ސޯފާގައި އޮތް ޒުވާން ފިރިހެން ކުއްޖާގެ މޫނު މަތީގައި ވަނީ މާޔޫސީ ކުލަވަރެކެވެ. މި މުއްސަނދި ކަމުން އޭނާއަށް އެއްވެސް އުފަލެއް ނުލިބޭ ކަހަލައެވެ.
“ކީއްވެގެންތަ؟ އަޅެ އަރީ ކީއްވެގެންތަ އަހަރެންނަށް އާނބަސް ނުދެނީ. ކީއްވެގެންތަ އަރީއަށް އެފަދަ ނަޒަރަކުން ބަލާވެސް ނުލާ ފިރިހެނަކަށް ތި ހިތް ހިބަ ކޮށްލީ. އަހަރެންގެ ކިބައިގައި ނެތީ އެ ފިރިހެނާގެ ކޮން ސިފައެއްތަ؟ ހަ މަސް. ހަ މަސް މިވަނީ އަހަރެން އަރީ ޙާޞިލްކުރުމަށް މަސައްކަތް ކުރާތާ. ޒަވިއަންގެ ނުރުހުން އަމާޒުވިއްޔާ އަހަރެންނަށް ފުރުސަތެއް ދޭނަންތަ؟” ސޯފާގައި އޮވެގެން ނާއިލް އޭނަގެ އަމިއްލަ ނަފްސަށް ވާހަކަ ދައްކަމުން ދިޔައެވެ.
އިރުގަނޑެއް ވަންދެން ސޯފާގައި އޮވެފައި ނާއިލް ތެދުވެއްޖެއެވެ. ކޮޓަރިން ވެސް ނުކުމެފައި އޭނާ ގޮސް ވަނީ ބައްޕަގެ ކޮޓަރިއަށެވެ. ނާއިލްގެ ކޮޓަރިއަށް ވުރެ އެތައް ގުނައެއް ހައިބަތު ބޮޑު އެ ކޮޓަރީގައި އެކަކު ވެސް ފެންނާކަށް ނެތެވެ. ނާއިލް ވަކި ހިސާބަކަށް ހިނގައިފައި ދިޔަ ތަނާ އޭނާގެ ފިޔަވަޅުތައް ހުއްޓާލަން މަޖުބޫރުވިއެވެ. އެހެނަސް އަނެއްކާވެސް ފަޔަށް ބާރުލައިފައި ކުރިއަށް ހިނގައިގަތެވެ. ކޮޓަރީގެ ބިއްދޮށު ފާރާއި އަރާ ހަމަވުމުން އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް ސާފުވިއެވެ. އެ ދައްކަމުން ދިޔައީ ފުރާނައަކާ ކުޅެލާ ކަމުގެ ވާހަކައެއް ކަން ޔަޤީންކުރެވުނެވެ. ނާއިލްގެ ނޭވާ އުފުރިގެން ދިޔަ ކަހަލަ އިޙުސާސެއް ކުރެވުނީ އެ މީހުންގެ ދުލުން ބޭރުވި ނަމެއްގެ ސަބަބުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







could they be the one who plotted to kill areen are they related to naail i feel bad for sumayya i hope she gets justice for her mom
Let’s see if it’s true or not.
Shukran elly ✨✨
Mi part ves v reethi
When next???
IA next Monday ga submit kohlaanan.
Shukran Anonymous ✨✨
Heyy white rose..
Vrh reethi mi part maasha Allah.. Ur sifa kurunthah is amazing.. heevany lolah manzaru fenna hen.. keep up the great work darll.. can’t wait for the next part.. lyssm
Ur feedback lit up my day.
Shukran Maash ✨✨