Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބަލާލީމާ 1

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 17, 2024 6 Mins Read
5 Comments

އޮފީހަށް ވަދެ މީޓިންގްރޫމް ހުރީ ތައްޔާރުވެފައި ތޯ ޔަގީން ކޮށްފައި އާލާ ދެން އުޅުނީ ބައްދަލުވުމުގެ ބައިވެރިންގެ ކެއުމުގެ ކަންތަކާއެވެ. އަށެއް ޖަހާ އިރަށް ބައްދަލުވުން ފެށެން ހަމަޖެހިފައި އޮތް އިރު އެ ބައްދަލުވުމުގެ ހުރިހާ ކަމެއް ރޭވުމާ ހަވާލުވެ ހުރީ އާލާއެވެ. އެ ދުވަހު އޮފީހުން އެންމެ ފަހުން ނިކުތް މީހަކަށް އާލާ ވާނެއެވެ. ގެއަށް ވަދެވުނު އިރު ހައެއް ޖަހަން ގިނަ އިރެއް ނެތެވެ. އެހެން ނަމަވެސް ހަމަ އެކަނި ސައިތައްޓެއް ބޯލައިގެން އާލާ ވަނީ ފެންވަރާށެވެ. ދެން ނިކުމެ ތައްޔާރުވެގެން ޢިޝާ ނަމާދުކޮށްލި ގޮތަށް އާލާ އަނެއްކާވެސް ދުއްވައިގަތީ އޮފީހަށް ދާށެވެ. ގޭ ދޮރުން އާލާ ނިކުތް އިރު ކާ އެއްޗެއް ނުކައިގެން އެ ޝަކުވާ ކުރަމުން ފަހަތުން ސާއިމާ އައެވެ. އާޒިމް އެވަގުތު ގެއަށް އައީތީ ހިނގާފައި ދާން ނުޖެހުނުކަން އެއީވެސް ނަސީބެކެވެ. އެހެން ނޫން ނަމަ އޮފީހާ ހަމައަށް ދެވެން ވާ އިރަށް އާލާ ހުރީހީ ހޫނުވެ ވަރުބަލިވެފައެވެ.

ރިސެޕްޝަންގެ އެތެރެއިން އޮތް ހުސްތަނުގައި ކެއުން ތައްޔާރުކުރުމުގައި އެ މަސައްކަތް ހަވާލު ކުރި މީހުން އޭރު އުޅެއެވެ. މޭޒުމަތީ ހުރި އެއްޗެހި ބަލާފައި ހުރިހާ ކަމެއް ހުރީ ރަނގަޅަށް ކަން ޔަގީންވުމުން އާލާ އަނެއްކާވެސް ވަނީ މީޓިންގްރޫމަށެވެ.

އެރޭގެ ބައްދަލުވުން އާލާއަށް ޚާއްސަވީ އެހެން ސަބަބެއްވެސް ވެއެވެ. އެ ބައްދަލުވުމަށް އާލާ އެހެން ދުވަސްތަކާ ޚިލާފަށް ތައްޔާރުވީ އެހެންވެއެވެ. ހެދުން އެޅުމުގައި ނޫކުލަ ބޭނުން ކުރުމަށް އެދި އާލާގެ ފޯނަށް އައި އެސްއެމްއެސް އެއްގެ ސަބަބުންނެވެ. އެރޭ އާލާ ލައިގެން ހުރީ ކަކުލާ ހަމައަށް އަންނަ “ނޭވީބްލޫ” ކުލައިގެ ކުދިކުދި މާ ޖެހި ހުދު ހެދުމަކާ އެކު ހަމަ އެ ނޫކުލައިގެ ޝޯލްއެކެވެ.

އެންމެ ފަހުގެ ކަންތައް ނިންމަން ހުރިއިރު އާލާގެ ހިތުގައި ވީ އެ ޚިޔާލުތަކެވެ.

އަށެއް ޖަހަން ފަސް މިނަޓަށް ވީ އިރަށް މެޓްރިކްސްގެ އެންމެ އިސް ވެރިންނާ އެކު އެ ބައްދަލުވުމުގައި ދެން ބައިވެރިވާ ކޮމްޕެނީ، ހޮރައިޒަންގެ ވެރިން އައިސް ރިސެޕްޝަންގައި މަޑުކޮށްލިއެވެ. އެ ހިސާބުން އެ މީހުންނާ ހަވާލުވީ އާލާއެވެ. އާލާއަކީ މެޓްރިކްސްގެ އެމްޑީ އިލްޔާސްގެ ޕީއޭއެވެ. އިލްޔާސްއާ އެކު އެންމެ ކުރިން މީޓިންގްރޫމަށް ވަނީ ހޮރައިޒަންގެ އެމްޑީއާ ފައިނޭންސް ޑިޕާޓްމެންޓްގެ ހެޑްއެވެ. އެމީހުންގެ ފަހަތުން މެޓްރިކްސްގެ ތިން ވެރިން ވަން އިރު، އެންމެ ފަހަތުގައި ހުރީ އިލްޔާސްއާ އެކު ވަން އަމީންގެ ފިރިހެން ދަރިފުޅު ނާއިކްއެވެ. އާލާ ވަނީ އެންމެ ފަހުންނެވެ.

“ޔޫ ލުކް ނައިސް އިން ނޭވީބްލޫ” ފިޔަވަޅު ލަސްކޮށްލާ އާލާއާ ހަމަ ކޮށްލަމުން ނާއިކް ބުނެލިއެވެ.

ޖަވާބުގައި އާލާ ހަމައެކަނި ހީލީއެވެ. ނާއިކް ލައިގެން ހުރީ އާލާގެ ޝޯލްއާ އެއް ކުލައިގެ ގަމީހެއް ނަމަވެސް އާލާ އެކަން ފާހަގަކޮށް އެއްޗެއް ނުބުނެއެވެ.

މީޓިންގް ކުރިއަށް ދިޔަ އިރު ނާއިކްގެ ނަޒަރު އާލާއަށް ހުއްޓެމުން ދިޔައެވެ. ޕްރެޒެންޓޭޝަން ހުށަހަޅަމުން ދިޔަ އިރު، އެކަމުގެ ސަބަބުން އާލާއަށް ޕްރެޒެންޓޭޝަންއަށް ފުރިހަމަ ސަމާލުކަން ދޭން އުނދަގޫވި ނަމަވެސް އެކަން ނުދައްކާ އާލާ މަސައްކަތް ނިންމާލިއެވެ. ދެގަޑިއިރަށް ދެމިގެން ދިޔަ ބައްދަލުވުން ނިމިގެން ދިޔައީ ދެ ފަރާތުން ބޭނުންވި ގޮތަށެވެ. އެންމެ ފަހު ކަމަކަށް އޮތީ އެއްބަސްވުމުގައި އިލްޔާސްއާ އަމީން ސޮއި ކުރުމެވެ. އެރޭގެ ކެއުން ހަމަޖެއްސީ އެ ކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.

އެންމެންނަށް ވުރެ ކުރިން އާލާ މީޓިންގްރޫމްއިން ނިކުތެވެ. އެއާއެކު އަމީން ގާތު ކޮންމެވެސް އެއްޗެއް ބުނެފައި އާލާގެ ފަހަތުން ނާއިކްވެސް ނިކުތެވެ.

“ތެންކްޔޫ!” އާލާއާ އެއްވަރު ކޮށްލާފައި ނާއިކް ބުނެލިއެވެ.

“ކޮން ކަމަކަށް؟” ނާއިކްގެ މޫނަށް ބަލާލަމުން އާލާ އަހާލިއެވެ.

“އަހަރެން ބުނެގެން ނޭވީ ބްލޫ ކުލަ ލީމަ” އާލާއާ ދިމާއަށް އެނބުރިލަމުން ނާއިކް ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ.

އާލާ ހަމައެކަނި ހިނިތުން ވެލީއެވެ.

“ސޯ… ދެން ގިނައިން ފެންނާނެ ދޯ؟ ގިނައިން ފެންނަންޏާ ޖަވާބު ހޯދަން އިތުރަށް މަސައްކަތް ކުރެވޭނެ، އަހަރެން ބޭނުންވާ ޖަވާބު ހޯދަން ފަސޭހަވެސް ވާނެ” ކާން ތައްޔާރުކޮށްފައި ހުރި މޭޒު ކައިރީ ތަށިތަކުގެ މަތިތައް ނަގަން ހުރި އާލާއަށް ނާއިކް ބުންޏެވެ.

އާލާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ނާއިކް!”

“އާލާ!”

އެ ވަގުތު އަމީންއާ އިލްޔާސް އެއްފަހަރާ ގޮވާލިއެވެ.

އާލާއާ ނާއިކް އެއް ފަހަރާ ބަލާލިއެވެ. ފަހަތުގައި ތިބި ދެ މީހުން އައިސް ކާން ތައްޔާރު ކުރެވިފައި ހުރި މޭޒު ކައިރީ މަޑުކޮށްލިއެވެ.

“އާލާ، ނާއިކް ދަންނަންތަ؟” އިލްޔާސް އަހާލިއެވެ.

“މީޓިންގް ތަކުން ދިމާވީ” އާލާ ޖަވާބުދިނެވެ.

އަމީން އާލާއަށް ބަލާލިއެވެ. ބައްދަލުވުމުގައި ނާއިކްގެ ސަމާލުކަން އާލާއަށް ހުއްޓެމުން ދިޔަ ކަން އަމީންއަށް ފާހަގަ ކުރެވުނެވެ. ނާއިކްގެ ހިތުގައި އާލާއާ މެދު އުފެދެމުން އަންނަ އިހުސާސްތަކާ މެދު އަމީންއަށް ޝައްކުވަމުން ދިޔައީ އެހެންވެއެވެ. ދަރިފުޅުގެ ހޮވުމަށް ހިތާހިތުން ތަޢުރީފް ކުރަމުން ހިނިތުންވުމަކާ އެކު އާލާއާ ސަލާން ކޮށްލަން އަމީން އަތް ދިއްކޮށްލިއެވެ.

“ވެލްކަމް!” އަމީން ބުނެލީ ނާއިކްއަށް ބަލާލަމުންނެވެ.

ނާއިކްގެ ހިތުގައި ވާ އެއްޗަކާ މެދު ބައްޕައަށް ޝައްކު ވެއްޖެ ކަން ކައިރީގައި ހުރި ނާއިކްއަށް ޔަގީންވިއެވެ. ނަމަވެސް އަމީންއާ އެކު އާލާގެ ނަޒަރުވެސް ނާއިކްއަށް އަމާޒުވުމުން ނޭނގޭ ކަމަށް ހަދާފައި ނާއިކް ދުރު ބަލާލިއެވެ.

ތިން މަސް ކުރިން ދެ ކޮމްޕެނީގެ ބައްދަލުވުންތައް ފެށުނު އިރު އެ ބައްދަލުވުމުގެ ހުރިހާ ބައިވެރިން ވަނީ އެކަކު އަނެކަކަށް ތަޢާރަފް ވެފައެވެ. އެހެން ކަމުން އަމީން އެ ކިޔާލި މަރުޙަބާގެ މާނައެއް އާލާއަކަށް ނުވިސްނުނެވެ. އެހެން ވިޔަސް ޝުކުރު އަދާކުރަމުން އާލާ އަމީންގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ.

ކާން ތިބި އިރު އާލާ ކައިރީގައި އިނީ ނާއިކްއެވެ. އެހާ ތަނަށް އެ ދެމެދުގައި ނުދެކެވޭ ވަރަށް އެރޭ އެ ދެމީހުން ވާހަކަ ދެއްކިއެވެ.

“މައި ފާދަރ ލައިކްސް ޔޫ” ނާއިކް ބުނެލިއެވެ.

“ބައްޕަ ކައިރީ ބުނީތަ؟” ލޯ ބޮޑުކޮށްލަމުން އާލާއަށް އަހާލެވުނެވެ.

“ނޫން، އާލާ ޖަވާބެއް ނުދޭތީ އަދި ނުބުނަން އެކަކު ކައިރީވެސް. އެކަމަކު ބައްޕައަށް މިރޭ ފާހަގަ ކުރެވިއްޖެ” ނާއިކް ބުންޏެވެ.

“ނުބުނަންޏާ ކިހިނެއް…؟” އާލާއަށް އަހާލެވުނެވެ.

“މިރޭ އަހަންނަށް އެހެން ދިމާލަކަށް ނުބެލޭ، އެހެން ކަމަކަށް ފޯކަސްއެއް ނުކުރެވޭ. އެހެން ވީމަ އަހަރެންގެ ފޯކަސް ހުރި ދިމާ ބައްޕައަށް ފާހަގަ ކުރެވުނީ ހެން ހީވަނީ” ލުއި ހުނުމަކާއެކު ނާއިކް ޖަވާބުދިނެވެ.

“އޯހ ގޯޑް! އަސްލުވެސްތަ؟” އާލާގެ މޫނު ރަތްވެގެން ދިޔައެވެ.

“ވާއު… ސޯ ބިޔުޓިފުލް…” އެ ވަގުތު އާލާގެ ކަންފަތާ ކައިރި ވެލަމުން ވައިއަޑުން ނާއިކް ބުނެލި އަޑު އާލާއަށް އިވުނެވެ.

ލަދުން އިން އާލާ އިތުރަށް ރަކިވިއެވެ.

“ނާއިކް!” ނާއިކްގެ ނަން ކިޔާލަމުން ސިއްރުން ނާއިކްގެ ބައްޕައާ ދިމާއަށް ބަލާލި އާލާ ދުރަށް ޖެހިލިއެވެ.

ދެ ކޮމްޕެނީގެ މެދުގައި ބޭއްވެމުން ދިޔަ ބައްދަލުވުންތަކުގެ ތެރެއިން ދިމާވެ ނާއިކްއާ އާލާގެ މެދުގައި އެކުވެރިކަން އުފެދުނު އިރު ދެ ހިތުގައިވެސް ވަނީ އެކުވެރިކަމަށް ވުރެ ފުން އިހުސާސްތަކެއް އުފެދިފައެވެ. ނާއިކްގެ އުމުރުން ހަތާވީސް އަހަރު ވެފައި ވާ އިރު، އެއީ އަންހެން ކުދިންގެ ތެރޭގައި މަގްބޫލު ޒުވާނެކެވެ. ޙަޔާތަށް އެތައް އަންހެން ކުދިންނެއް އައިސްފައި ވީ ނަމަވެސް، ކައިވެންޏާ ހަމައަށް ގުޅުން ބަދަހި ކުރާ ވަރުގެ ކުއްޖަކާ އަދި ނާއިކްއާ ދިމާވެފައެއް ނެތެވެ. އުމުރުން ފުރޭ ކޮންމެ އަހަރަކާ އެކު ނާއިކް ކައިވެނި ނުކޮށް ހުންނާތީ މަންމައާ ބައްޕަ ކުރާ ޝަކުވާ ދިޔައި އިތުރު ވަމުންނެވެ. ނާއިކްއަކީ އަމީންއާ ރަމްލާގެ ހަމައެކަނި ފިރިހެން ދަރިފުޅަށް ވާ އިރު، އެ ދެމަފިރިންގެ އުންމީދަކީ ދޮށްޓަށް ހުރި އަންހެން ދަރިފުޅު ފަދައިން ނާއިކްވެސް ކައިވެނިކޮށް ރަނގަޅު ދިރިއުޅުމެއް ފެށުމެވެ.

ހިތުގައި ވާ އެއްޗެއް ފާޅު ކުރަން ނާއިކް ކުޑަކޮށްވެސް ޖެހިލުންވީ، އެހާ ތަނަށް ޙަޔާތަށް އައިސްފައިވާ އަންހެން ކުދިންނާ އާލާ ތަފާތުކަން އިހުސާސް ވުމުންނެވެ. ހިތް އެދެނީ އާލާއާ އެކު ވަގުތީ ގުޅުމަކަށް ނޫންކަން ޔަގީން ވާތީއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކާ މެދު ސީރިއަސް ވެފައި ނުވާ އިރު، ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކު ދީފާނެ ޖަވާބަކާ މެދު ނާއިކް ކަންބޮޑުވީ އެހެންވެއެވެ.

ހިތުގައި އުފެދެމުން ދިޔަ އިހުސާސްތަކުގެ ވާހަކަ ބުނަން ނުކެރި ދުވަސްތައް ފާއިތުވަމުން ދާތީ، އެންމެ ފަހުން ނާއިކް އާލާ ކައިރިން އެހީ ސީދާ ކައިވެންޏަށެވެ. ވަގުތުން ޖަވާބެއް ދޭން އާލާ ފަސްޖެހުމުން ވިސްނަން ވަގުތު ދޭނެ ކަމަށް ބުނެ އާލާގެ ޖަވާބެއްގެ އިންތިޒާރުގައި ހުންނަތާ ހަފްތާއެއް ވީ އިރު އާލާގެ ޖަވާބު އައިސްދާނެ ގޮތަކާމެދު ނާއިކް ކަންބޮޑުވެ ހާސްވެއެވެ.

“ޖަވާބަކަށް އަހަރެން އަދި ވަރަށް އިންތިޒާރު ކުރަން ޖެހޭނެތަ؟” ނާއިކް އަހާލިއެވެ.

“މިތާތަ ތި ވާހަކަ ދައްކަނީ؟” އެ ދެމެދުގައި ދެކެވޭ ވާހަކަ އެހެން މީހަކަށް އަޑު އިވޭކަށް އާލާ ބޭނުމެއް ނޫނެވެ.

“އެހެން ގޮތަކަށް މީޓްއެއް ނުވެއެއްނު؟” ނާއިކް އާލާއާ ކައިރިއަށް ޖެހިލިއެވެ.

“ނާއިކް!” އާލާއަށް ނާއިކްގެ ނަމުން ގޮވާލެވުނީ ނާއިކްގެ ހަރަކާތްތައް އެހެން މީހުންނަށް ފާހަކަ ކުރެވިދާނެތީއެވެ.

“ކެން އައި ކޯލް ޔޫ؟” އާލާ ލަދުން އުޅޭ ވަރު ފެނި ހީލަމުން ނާއިކް އަހާލިއެވެ.

“ނާއިކް އަތުގަ ނަމްބަރު އޮންނާނެ” އާލާ ޖަވާބު ދިނެވެ.

“މާ ގިނަ ދުވަހު ޖަވާބެއް ނުލިބި ލަސް ވަންޏާ އަހަންނަށް މިހާ މަޑުން ނުހުރެވިދާނެ… އެހާ ކެތްތެރި މީހެއް ނޫން އަހަންނަކީ، އެހެންވެ ފުރަތަމަވެސް ކައިވެންޏަށް އެހީ…” ނާއިކްގެ އަޑުގައި ހުރީ ސަމާސާ ކުރާ ގޮތެކެވެ.

“ނާއިކް!” އަނެއްކާވެސް އާލާއަށް ބުނެވުނެވެ.

“މިރޭ ޓެން ވަރަކަށް މިނަޓްސް ލިބިދާނެތަ؟” އާލާގެ މޫނަށް ބަލާލަމުން ނާއިކް އެދުނެވެ.

“މިރޭ…” ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކޮށް އާލާ ބަލާލީ ވައިބްރޭޓް ވާން ފެށި ފޯނަށެވެ. ސްކްރީންގައި އިން ނަން ފެނުމުން އާލާ އަވަސްއަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސާލީ، އޮފީހުގައި އުޅެނިކޮށް ބޮޑު ކަމެއް ވެގެން ނޫނީ މަންމަ ނުގުޅާނެ ކަން އެނގޭތީއެވެ.

“މަންމާ…” އާލާއަށް ބުނެވުނީ އެ ވަރަށެވެ. އެކޮޅުން ސާއިމާ ރޯއަޑު އިވުމުން އާލާ ތެދުވީ އެންމެންނާ ދުރަށް ގޮސް ވާހަކަ ދައްކާށެވެ.

ނަމަވެސް ދެ ފިޔަވަޅު ނޭޅެނީސް އާލާ ހުއްޓުނީ ސާއިމާ ބުނި އެއްޗެއް ގަބޫލު ކުރަން ދަތިވެގެންނެވެ.

“އެކަމަކު… އިރުކޮޅެއް ކުރިން ބައްޕަ އެ ދިޔައީ އަހަރެން އޮފީހަށް ލައިދީފަ…” ނުރޯން މަސައްކަތް ކުރި ނަމަވެސް ސާއިމާ ބުނި އެއްޗެއް އަޑުއަހާފައި އާލާއަށް ބުނެވުނީ ރޮމުންނެވެ. ގަސްތުގައި ނޫނަސް ވާހަކަ ދެއްކުނީވެސް ބާރަށެވެ.

އެ އަޑަށް މޭޒުދޮށުގައި ތިބި މީހުންގެ ސަމާލުކަން އާލާއަށް ހުއްޓުނެވެ.

ދެންވެސް އެ ކޮޅުން ސާއިމާ ކޮންމެވެސް އެއްޗެއް ބުނުމުން އާލާ އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް އާލާއަށް ރުއިން ކޮންޓްރޯލެއް ނުކުރެވުނެވެ.

ނާއިކް ގޮނޑިން ތެދުވީ އާލާ ކައިރިއަށް ދާށެވެ. ނަމަވެސް ނާއިކްއަށް ވުރެ ކުރިން އާލާއާ ހަމައަށް ދެވުނީ އިލްޔާސްއަށެވެ.

“އާލާ، ވަޓްސް ރޯންގް؟” އިލްޔާސް ތެދުވެގެން އައިސް އާލާ ކައިރީ ހުއްޓެމުން އަހާލިއެވެ. އިލްޔާސްގެ ފަހަތުން ނާއިކްއާ އަމީންވެސް އައެވެ.

“ބައްޕަ… ބައްޕަ…” އާލާއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.

އިލްޔާސް އާލާ އަތުން ފޯން އަތުލާ ކަންފަތުގައި ޖައްސާލިއެވެ.

“އައްސަލާމް ޢަލައިކުމް، މީ އިލްޔާސް، ކިހިނެއްތޯ ވީ؟” އިލްޔާސް ވާހަކަ ދެއްކިއެވެ.

“ކަންބޮޑު ނުވޭ، އާލާ އެކަނި ދާކަށް ނުޖެހޭނެ، އަޅުގަނޑު އާލާ ތި ހިސާބަށް ގެންގޮސްދޭނަން” އެކޮޅުން ދެއްކި ވާހަކަ އަޑުއަހާފައި އިލްޔާސް ބުންޏެވެ.

ކުއްލިއަކަށް ދާން ޖެހިއްޖެ ކަމަށް ބުނެ އެތާ ތިބި މީހުންގެ ގާތުން މާފަށް އެދެމުން، ކެއުން ކުރިއަށް ގެންދިޔުމަށް ބުނެފައި އާލާ ގޮވައިގެން އިލްޔާސް ނިކުތެވެ.

ވީ ގޮތެއް ނުވިސްނިފައި ނާއިކްއަށް ބަލާލެވުނީ އަމީންއަށެވެ. ނަމަވެސް އަމީންއަށްވެސް އެއްވެސް އެއްޗެއް އަދި ނޭނގެއެވެ. އާލާއާ މެދު ކަންބޮޑުވެފައި ހުރި ނާއިކްއަށް އިސްތަށިގަނޑު ތެރޭ އަތްތިލަ ހިންގާލެވުނެވެ.

އާލާއާ އިލްޔާސްއަށް ހޮސްޕިޓަލަށް ދެވުނު އިރު ސާއިމާއާ އެކު އާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަސީލްއާ އަސީލްގެ އަންހެނުން ހުމައިރާ އިމަރޖެންސީ ރޫމް ކުރިމަތީ ތިއްބެވެ.

“މަންމާ…”

އާލާ ގޮވާލި އަޑު އިވި އެ ދިމާއަށް އެނބުރުނު ސާއިމާ އައިސް އާލާ ގައިގައި ބައްދައިގަތެވެ.

“ކިހިނެއް ވީ…؟ އަހަރެން ލާފަ ދިޔަ އިރުވެސް ބައްޕަ ހަމަ ރަނގަޅު” ރޮމުން ސާއިމާގެ ދެ އަތުގައި ހިފައިގެން ހުރެ އާލާ އަހާލިއެވެ.

“ހާޓް އެޓޭކްއެކޭ ބުނަނީ. ބައްޕަ ކައިގެން ޓީވީ ބަލަން އިނދެފަ ހަމަ ކުއްލިއަކަށް ވެއްޓުނީ” ސާއިމާ ކިޔާދިނެވެ.

އާލާ އިތުރަށް ސުވާލެއް ނުކުރިއެވެ. ހުމައިރާ، ސާއިމާއާ އާލާގެ އަތުގައި ހިފައިގެން ގޮސް ކައިރީގައި ހުރި ގޮނޑިބަރީގައި އިށީނެވެ.

“ސާއިމާއްތަވެސް އާލާވެސް ހިތްވަރު ކުރަން ވާނެ. އިރާދަ ކުރެއްވިއްޔާ ބޭބެގެ ޙާލު ގޯހެއް ނުވާނެ. ޑޮކްޓަރުން ނިކުންނަން ދެން ކެތްކުރޭ” ހުމައިރާ ބުންޏެވެ.

އާލާ ބޯ ޖަހާލާފައި ސާއިމާއަށް ބަލާލިއެވެ.

“ކޮބާ ނާޔާއާ ރާޔާ؟” އާލާ އެހިއެވެ.

“ހަނާން އެބައިން ކޮއްކޮމެން ކައިރީ” އާލާގެ ސުވާލަށް ޖަވާބު ދިނީ ހުމައިރާއެވެ.

ޑޮކްޓަރ ނިކުތީ ބައިގަޑިއެއްހާ އިރު ފަހުންނެވެ. ޑޮކްޓަރާ ވާހަކަ ދެއްކީ އަސީލްއެވެ.

އާޒިމްއަށް ޖެހުނީ ހާޓްއެޓޭކްއެކެވެ. އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ނިންމީ އަސީލްއެވެ. އެކުގައި ދާން ހަމަޖެހުނީ ސާއިމާއާ އަސީލްއާ ހުމައިރާގެ އިތުރުން އެ ދެމަފިރިންގެ ފިރިހެން ދަރިފުޅު ހަޝަމްއެވެ. އާލާ ދާން ބޭނުން ވެގެން ބުނުމުން ސާއިމާއާ ހުމައިރާ އެދުނީ ނާޔާއާ ރާޔާ ގާތު އާލާ މަޑު ކުރުމަށެވެ. ބައްޕައާ މެދު އާލާއެކޭ އެއްފަދައިން އެ ދެކުދިންވެސް ކަންބޮޑު ވާ އިރު، އެ ކުދިންގެ ގާތުގައި އާލާ ހުރުމުން ކޮއްކޮމެންނާ އެކު އާލާއަށްވެސް އެއީ ހިތްވަރަކަށް ވާނެތީއެވެ. އަދި އެ ގޮތުން ތިން ކުދިން ބައިތިއްބާފައި ދާ އިރު ސާއިމާވެސް ހިތްހަމަ ޖެހޭނެތީއެވެ.

އާލާ ގޮވައިގެން ދިޔަ ގޮތަށް އިލްޔާސް އެރޭ ހޮސްޕިޓަލުން ނިކުތީ ހުރިހާ ކަމެއް ހަމަޖެހުމުންނެވެ. އިލްޔާސްގެ ފަރާތުންވެސް އެހީއެއް ވެދެވެން އޮތްނަމަ ވެދޭނެކަމުގެ ޔަގީންކަން ދީފައެވެ. އާލާ އިސްވެ ނޭދެނީސް އެ ދުވަހުން ފެށިގެން އާލާއަށް ޗުއްޓީ ހަމަޖައްސައިދިނީވެސް އިލްޔާސް އަމިއްލައަށެވެ. ބައްޕައާ މެދު ކަންބޮޑު ނުވުމަށް ނަސޭޙަތް ދީފައި، ވާނުވާ އަންގައިދިނުމަށް އެދެމުން އިލްޔާސް ދިޔަ އިރު އެރޭ ދޭއް ޖަހާ ހިނގައްޖެއެވެ.

ދެ ދުވަސް ފަހުން ފުރަން ތައްޔާރުވެ އާއިލާ އެކުގައިހެން އެއާރޕޯޓަށް ދިޔައެވެ. އޭރު ސާއިމާގެ ދައްތަ ޝާދިޔާވެސް މާލެ އަތުވެއްޖެއެވެ. މަންމަމެންނާ ވަކިވީ ހިސާބުން ރޮވިފައި ހުރި އާލާ ބައްދާލީ ޝާދިޔާ ގައިގައެވެ.

“ނުރޮއެ ދެން މަންމަގެ ދަރިފުޅާ، އިރާދަ ކުރެއްވިއްޔާ ބައްޕަ އެނބުރި މިކޮޅަށް އަންނާނީ ގަދަވެ ސަލާމަތުން” ދަރިފުޅުގެ ބުރަކަށީގައި ފިރުމާލަމުން ޝާދިޔާ ބުންޏެވެ.

ނާއިކްއަށް ހުރިހާ ކަމެއް އެނގުނީ އެ ހާދިސާ ހިނގި ދުވަހުގެ އަނެއް ދުވަހު އަމީންގެ ފަރާތުންނެވެ. އާލާއަށް ގުޅަން ބޭނުންވި ނަމަވެސް ގުޅަން ނުކެރުނީ އެ ފަދަ ވަގުތެއްގައި ނާއިކް ގުޅުމުން އާލާއަށް އުނދަގޫ ވެދާނެތީއެވެ. ނަމަވެސް ކޮންމެ ރެއަކުވެސް އާލާއަށް މެސެޖް ކުރެއެވެ.

ހަފްތާއެއް ވެގެން ދިޔަ އިރުވެސް އާލާ ނާއިކްގެ މެސެޖަކަށް ޖަވާބެއް ނުދެއެވެ. ބައްޕައާ މެދު ކަންބޮޑުވެފައި ހުރި ވަރުން އެހެން ކަމަކާ މެދު ނުވިސްނުނީއެވެ. އެހެން ނަމަވެސް ނާއިކްގެ ޚިޔާލު އާލާގެ ހިތުން މުޅިން ފިލައިގެނެއް ނުދެއެވެ.

އާލާ ނާއިކްއަށް ގުޅީ އާޒިމްގެ އޮޕަރޭޝަން ކުރެވި، އާޒިމްއަށް ނުރައްކަލެއް ނެތްކަން ޔަގީން ވުމުންނެވެ. އެރޭވެސް ނާއިކްގެ މެސެޖް ލިބުނެވެ. މެސެޖް ކިޔާލާފައި އިރުކޮޅަކު ފޯނަށް ބަލަން އިނދެފައި އާލާ އެ ނަމްބަރަށް ގުޅާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ލޯބިން ބަލާލީމާ

Next

ތެމި ވާރޭގައި ވީމޭ 33

Next
August 18, 2024

ތެމި ވާރޭގައި ވީމޭ 33

Previews
August 15, 2024

ލޯބިން ބަލާލީމާ

5 Comments!

  1. Mar Sha Mar Sha says:
    August 17, 2024 at 3:18 pm

    ސަލާމް، މިއޮތީ ވާހަކައިގެ ފުރަތަމަ ބައި. ދެ ވަނަ ބައި ހޯމަ ދުވަހުން ގެނެސްދޭނަން.

  2. Kamana says:
    August 17, 2024 at 4:53 pm

    Maasha allah mi part vx vrh reethi

  3. Anonymous says:
    August 17, 2024 at 7:59 pm

    Vrh reethi hama
    Up vaane Dhuvas bunelyma thanks

  4. Cutie girl says:
    August 17, 2024 at 10:25 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Aaala and naaik gulhuvachey
    They both are made for each
    Mi part kiyaafa rovijje
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih
    Alhugandu ge support Abadhuves libeyne insha Allah
    Love you ❤️😍

  5. Mar Sha Mar Sha says:
    August 21, 2024 at 9:32 am

    thank you for reading n taking the time to leave a comment dears, Marsha ah time nuvegen reply nukurevifa adhi mihury, ehen viyas readers Marshage vaahaka kiyaalaathy varah ufaa vey, thank you again

Comments are closed.

Next Episodeލޯބިން ބަލާލީމާ 2←


All Right Reserved!