ލޯބިން ބުނެލަން…… (3)
“ކޮބާ؟ ހިނގާ ދާން!” ކޮޓަރިން ނިކުމެގެން އައިސް މާމަ ބުނެލިއެވެ. އާލިޔާ އަވަހަށް ސޯފާއިން ތެދުވެ ބޭރަށް ނިކުންނަން މިސްރާބު ޖެހީ ނަސީބެކޭ ހިތަށް އަރުވާލަމުންނެވެ. އެމީހުންގެ ފަހަތުން ނިކުންނަން ދިޔަ ޝާވިންގެ ނަޒަރު ހުއްޓުނީ، އެތެރެއަށް ވަދެގެން އައި މީހާއަށެވެ. އެއީ ކާކުކަން ނަގައިގަނެވުމާއެކު އޭނާގެ ލޭ ކެކިގެން ދިޔައެވެ. އެކަން ފޮރުވުމަށް އޭނާ ބާރު ބާރަށް ގޮސް ގެއިން ނިކުތެވެ. އެ މޫނު އޭނާއަށް ހަނދާން ނެތޭނީ ކިހިނެތް ހެއްޔެވެ؟
**************************************************************************
ފާއިތުވެގެން ދިޔަ ހަފްތާގެ ތެރޭގައި، މާމައާއެކު އާލިޔާ ހޭދަކުރާ ގިނަ ވަގުތުތަކުގައްޔާއި ގޭގައި އުޅޭ ވަގުތުތަކުގައި ޝާވިން އޭނާއާއި ވާހަކަދެއްކޭތޯ މަސައްކަތް ކުރެއެވެ. ކުރާނެ މަސައްކަތެއް އޮތްތޯ އަހައި އޮޅުން ފިލުވައިގެން ވެސް އާލިޔާގެ ދުލުން އެންމެ ލަފުޒެއް ނަމަވެސް އިވޭތޯ މަސައްކަތް ކުރެއެވެ. މާމައާއިއެކު އާލިޔާ ވަގުތު ހޭދަކުރާއިރު އެދެމީހުންނާއެކީ އޭނާވެސް ހުރެއެވެ. ބައެއްފަހަރު އެދެމީހުން ޖަހާ ސަކަރާތުގައި ބައިވެރި ވެސް ވެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އާލިޔާވެސް އޭނާއާއި ވާހަކަ ދައްކާ ހީ ސަމާސާކޮށް ހަދާ މިންވަރު އިތުރުވަމުން ދާކަން އޭނާއަށް ފާހަގަ ކުރެވެމުން ދިޔައެވެ. އޭނާ ހީކޮށްގެން ހުރީ އާލިޔާއާއި ގުޅުން ބަދަހި ކުރަން ވަރަށް އުނދަގޫ ވާނޭ ކަމަށެވެ. ނަމަވެސް، އާލިޔާއާއި ބައްދަލުވެ، ދެއްކޭ ވާހަކަތަކާއި އެދެމެދުގައި ކުރެވޭ އެކިއެކި މުޢާމަލާތްތަކުން އޭނާގެ އެ ނަޒަރިއްޔާ މުޅިންހެން ބަދަލުވެގެން ދިޔައެވެ. އެ ދެމެދުގައިވާ އެކުވެރިކަން ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުން އައިކަން އޭނާއަށް އިހުސާސް ވަމުން ދިޔައެވެ.
އޭނާއަށްޓަކައި އާލިޔާގެ ހިތުގައި އޮތީ ކޯއްޗެއްކަން އޭނާއަށް އެނގިފައި ނެތްނަމަވެސް، އޭނާގެ ހިތުން އާލިޔައަށްޓަކައި، ވަރަށް ޙާއްސަ މަޤާމެއް ހުސްކުރެވިފައިވާކަން ޚުދު ޝާވިންނަށް ވެސް ޤަބޫލުކުރެވުނެވެ. އެ ހިތުގައި މުޅިން އަލަށް ޖަހަމުން އެދަނީ ލޯބީގެ ވިންދުކަމާއި އާލިޔާއަށްޓަކައި އެހިތުގައިވާ ޖަޒުބާތުތަކަކީ ކޮބައިގެން މޭރުންވި ހިސާބުން އޭނާ އިންތިހާއަށް އުފާވިއެވެ. ނަމަވެސް، އެ އުފާވެރިކަމާއިއެކު ހިތަށް މޮޅިވެރިކަމެއް ވެސް ވެރިވަމުން ދިޔައެވެ. އާލިޔާގެ ކުރިމަތީގައި އެ ޖަޒުބާތުތަކުގެ އެއްވެސް އަގެއް އޮވެދާނެހެން ހީނުވާތީއެވެ. އޭނާ ފަދަ މީހަކަށް އާލިޔާގެ ހިތުން ކުޑަވެސް ޖާގައެއް ލިބިދާނެހެން ހީނުވާތީއެވެ. އެހެން ވާންވީ ސަބަބެއް ވެސް ނެތްތާއެވެ. އޭނާފަދަ އަޅާލާނެ ޔާރެއް އިޔާރެއް ނެތް މީހަކާ އާލިޔާފަދަ ޤާބިލު، ކިޔަވައިގެން ހުރި، ރަނގަޅު ޚާންދާނެއްގެ އަންހެން ކުއްޖަކާ ހުރީ ވެސް ކޮން އެއްގޮތް ކަމެއް ހެއްޔެވެ؟ އާލިޔާއަށް އޭނަގެ ހިތުގައި އޮތީ ކީކޭކަން އެނގިއްޖެނަމަ، އޭނާއަށް ކުރާނީ މަލާމާތެވެ. އާލިޔާގެ ދުލުން އޭނާ ދެކެ “ލޯބި” ވެއޭ ބުނާއަޑު އިވިދާނެ ކަމަށް ޤަބޫލުކުރުމަކީ ވެސް އެއީ ބޮޑު މޮޔައެކެވެ.
އާދުވަހަކަށް އެރި އިރާއިއެކު ޝާވިން މިސްރާބުޖެހީ، މާމަގެ ކޮޓަރިއާއި ދިމާލަށެވެ. މާމަގެ ހެނދުނުގެ ސައިގެ ކަންކަން ހަމަޖެހިއްޖެތޯ ބަލައި ވީހާވެސް އަވަހަކަށް އަފީފު އޭނާއަށް އިރުޝާދު ދީފައިވާ ފަދައިން މާމަގެ ދުވަހުގެ ކަންކަން ކުރިއަށް ގެންދިޔުމަށެވެ. އާދައިގެ މަތިން މިއަދުވެސް މާމަ އިނީ ޤުރުޢާން ކިޔަވާށެވެ. އެއީ މާމަގެ ފަރާތުން އޭނާއަށް ފެންނަ، އެންމެ ކަމުދާ އެއް އާދައެކެވެ. ކޮންމެ ދުވަހަކުވެސް ފަތިހު ހޭލައިގެން، ނަމާދުކޮށް ޤުރުޢާން ކިޔަވާއިރު އެތާނގައި އިނުމަކީ އޭނާ އެންމެ ކުރާ ހިތްވާއެއްކަމެވެ. މާމަ ޤުރުޢާން ކިޔަވާ އަޑު ރީތިވުމުގެ އިތުރުން މާމައާއިއެކު ޤުރުޢާން ކިޔަވަން އިންނަ އާލިޔާގެ އަޑު އަހާލުމުގެ ފުރުޞަތު ލިބި އެމޫނަށް ބަލައިލާނެ ވަގުތުކޮޅެއް ލިބޭތީއެވެ.
މާމަގެ ކޮޓަރިއަށް ވަދެގެން އައި ޝާވިންގެ މޫނު ފެނުމާއިއެކު އާލިޔާ އެދިމާއަށް ބަލައިލާ ހީލިއެވެ. ބަދަލުގައި ޝާވިންވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެވަގުތު، އެމޫނަށް އެޅިގެން ދިޔަ އަޑިކޮޅަށް އާލިޔާގެ ނަޒަރު ހުއްޓިގެން ދިޔައެވެ. ޝާވިން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ސަލާމުކަން ހުއްޓެނީ އެ އަޑި ކޮޅަށް އެކަންޏެއް ނޫނެވެ. ޝާވިންގެ ދެލޮލެވެ. އެދެލޮލުން އޭނާއަށް އޯގާތެރިކަން އިހުސާސްކުރެވެއެވެ. އެހެން މީހުންނާއި މެދު ޝާވިންގެ ހިތުގައިވާ ކުލުނު ނަގައިގަނެވެއެވެ. މާމަފަދަ ގޮތްދޫނުކުރާ މީހަކާއިއެކު އުޅެމުން ވެސް ޝާވިން އިސްކުރާ ކެތްތެރިކަމަކީ، ޝާވިންގެ ކިބައިގައި ހުންނަކަމަށް އާލިޔާ ޤަބޫލުކުރާ އެންމެ ރިވެތި އެއް ސިފައެވެ. އޭނާގެ ހިތުން ޝާވިންއަށް އެހާ ބޮޑު އިޚްތިރާމެއް ދެވޭ ސަބަބުތަކަކީ ވެސް މިއީއެވެ. އެ ސިފަތައް އޭނާ ބަލައިގަންނަނީ ހިތުގެ އެންމެ ފުންމިނުންނެވެ. ބައެއްފަހަރު، މިއީ އިޙްތިރާމަށްވުރެ ފުޅާ ޖަޒުބާތެކޭ އޭނާގެ ޒަމީރު އޭނާގެ ގާތުގައި ބުނާ ފަދައެވެ.
ޤުރުޢާން ކިޔަވާ ނިންމާލުމަށްފަހު، އާލިޔާ ކޮޓަރިން ނުކުމެގެން ދިޔައީ ހަނދާން ނެތިގެން މުޞްޙަފު މާމަގެ ކޮޓަރީގައި ބާއްވާފައެވެ. “އަހަނ.. އެދިޔައީ މުޞްހަފު މިތާ ބާއްވާފަ.. ޝާވިން ދޭބަލަ އާލިޔާއަށް މީތިދީފަ އަންނަން.. ވުޟޫ އެބަހުރިތަ އަނެއްކާ؟” މާމަ އަހާލިއެވެ. “ލައްބަ” އަތަށް މުޞްޙަފު ނަގަމުން ޝާވިން ޖަވާބުދިނެވެ.
އާލިޔާގެ ދޮރުގައި ޓަކިޖަހާލުމާއެކު އެތެރެއިން އާލިޔާގެ އަޑު އިވުނެވެ. ” ކާކު؟” “ޝާވިން. މުޞްހަފު ބާއްވާފަ އައީމަ ދޭން މިއައީ މާމަ ބުނެގެން” ޝާވިން ބުނެލިއެވެ. އާލިޔާ މަޑުމަޑުން ކޮޓަރީގެ ދޮރުވާލުމަށްފަހު، މުޞްހަފުގައި ހިފާލިއެވެ. ” ތެންކްސް” ހިނިތުންވުމަކާއިއެކު އޭނާ ބުނެލިއެވެ. “ވެލްކަމް” ކުރު ޖަވާބެއްދީފައި ދާން އެނބުރިލި ޝާވިން ހުއްޓުނީ، ފަހަތުން އާލިޔާ ގޮވާލި އަޑަށެވެ. ” އައި ނީޑް އުއަރ ހެލްޕް” އާލިޔާ ބުނެލިއެވެ. ” ކީއްކުރަން؟” މާ ނުވާކަމަށް ހަދާލާފައި ޝާވިން އަހާލީ، އާލިޔާއަށް އެހީވާން ކެތްމަދުވެފައި ހުރެގެންނެވެ. ” މިއަދުވެސް މާމަ ދާނެ ސައީދައްތަ މެން ގެއަށް. އެކަމު ޝާވިން ދާނެ ކަމެއް ނެތް. ބައްޕަ ވެސް ބުނީ އޯކޭ ޔޯ.. މިއަދު މީ މާމަގެ ބާރތްޑޭ ސޯ، މިތަން ޑެކަރޭޓްކުރަން އައި ނީޑް ޔުއަރް ހެލްޕް. މާމަ އާއެކު އެހެން މީހަކު ގޮސްދާނެ. އޯލްސޯ މާމަ ކައިރި ނުބުނައްޗޭ. އެނގިއްޖެޔާ ބުނާނެ ކީއްކުރަންހޭ. އައި ވޯންޓް ޓު ގިވް ހަރ އަ ސަރޕްރައިސް” އާލިޔާ އޭނާގެ ބޭނުން އޮޅުފިލުވައިދިނެވެ. ” އޯހް! އެކަމަކު އެހެން މީހުން ވެސް އެބަތިއްބެއްނު. ކީއްކުރަން އަހަރެން؟” ޝާވިން އަހާލިއެވެ. ” މީހުން ގިނަވި ވަރަކަށްނު އީޒީ ވާނީ އެހެންވެ.” އާލިޔާ ޖަވާބު ދިނީ، ޝާވިންއާއި އެކީ ވަގުތު ހޭދަކުރަން ބޭނުން ވާކަން ބުނަން ބޭނުން ނުވާތީއެވެ. “އޯކޭ! ދެން އަހަރެން ނުދާ ސަބަބު މާމަ އަހައިފިއްޔާ ކީކޭ ބުނަންވީ؟” ޝާވިން އަނެއްކާވެސް އަހާލިއެވެ. ” ބުނޭ ބައްޔޭ.” އާލިޔާ ވަގުތުން ބުނެލިއެވެ. ” ދޮގު ހަދަން ވީ؟ މިހާރު ގޯސް ކަންކަން ކުރަން އިނގޭ ތި ނަޞޭހަތް ދެނީ! ” ހެމުން ޝާވިން ބުނެލިއެވެ. “ޕްލީޒް…” ދެލޯ ކަވިކޮށް އާދޭސްކުރާ ރާގަކަށް އާލިޔާ ބުނެލިއެވެ. އެއާއިއެކު، ޝާވިންގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވި ފަދައެވެ. އާލިޔާއަށް ނޫނެކޭ ބުނުމަކީ، އެއީ ޔަޤީނަށްވެސް ކުޅަދާނަ ކަމެއް ނޫނެވެ. ” އޯކޭ!” ބޯޖަހާލަމުން އޭނާ އެއްބަސްވިއެވެ. އެހިނދު، އާލިޔާގެ ބޮޑު ދެލޯ ދިއްލިގެން ދިޔަ މަންޒަރުން އޭނާގެ ހިތް ފުރި ބަންޑުންވި ފަދައެވެ. ” އާލިޔާ ބުނީމަ ދެން..” ކޮނޑު އަރުވާލަމުން، ވަރަށް މަޑުމަޑުން އޭނާ ބުނެލިއެވެ. އެވަގުތު، އާލިޔާ އޭނާގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. ދެމީހުންގެ ކަޅި ހަމަވެގެން ދިޔަ ވަގުތު އެދެމެދުގައި ތަފާތު އިހުސާސުތަކެއް އުފެދިފައިވާކަން ހަމަ ކޮންމެ މީހަކަށް ވެސް ނަގައިގަނެވޭނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Aaliyaa and Shaavin v gulhey
They both are made for each other
V interesting story
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Love you ❤️😍
hehe thank you cutie girl.. lets see dhw shaavin and aaliya ge life ga kanthah vaany kihineh tho 😉
Vaahaka varah reethi.. vrh avahah dhen in part ves kiyaalan libeyne kamah ummeedhu kuran
thank you N <3
Reethi
hello! all readers.. i hope you enjoyed this part too.. thank you for the support.<3
When next
V lahun vaahaka up vaakah faahaga vey
Thankolheh gap kaarikohliima kiyuntheri foohi nuvaany
next part avahah upload kolla dheynan.
labba asluga skl ga ulhemun vhk liyelan time nuvaathy avahah up nukurevenyy.. In Sha Allah ill try dhen avahah upload kureveytho 🙂