ހިތާ ކުޅެލާފާ 1
“ފަރޫދައްތާ، ކޮބާ ޚަލަފް؟” ފަރުހާނާ ދޮރު ހުޅުވާލުމާ އެކު އެތެރެއަށް ވަދެގެން ދިޔަ އިސްރާ ސުވާލު ކޮށްލި ނަމަވެސް ފަރުހާނާގެ ޖަވާބަކަށް މަޑުކޮށްނުލާ ވަދެގެން ދިޔައީއެވެ.
“މިއަދު އަނެއްކާ ޚަލަފް އެ ކުއްޖާއަށް ކޮން އުނދަގުލެއް ކޮށްގެން އެއައީ؟” އިސްރާ ދިޔަތަން ބަލަން އިން އާފާގު ހިނިއައިސްފައި އަހާލިއެވެ.
އޭރު އިސްރާ ޚަލަފްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން ގޮވަނީއެވެ.
“ކިހިނެއް އެނގެނީ؟ އެކަމާ ނުވިސްނާ ސައިބޯން ފަށާ އަވަހަށް” އާފާގު ކައިރީ އިށީނދެފައި ފަރުހާނާ ބުންޏެވެ.
“ޚަލަފްވެސް ތައްޔާރު ވާން އަންހެނަކަށް ވުރެ ލަސް ވިއްޔަ” ތައްޓަށް މަސްހުނިކޮޅެއް އަޅާފައި އާފާގު ރޮއްޓާ އެކު ކާން ފެށިއެވެ.
“ހެނދުނަކު އޭނައަކަށް ނުނިކުމެވޭނެ އަވަހަކަށް. އެހެންނެއް ނޫން، ރޭގަނޑެއްގަ ތާކަށް ދާން އުޅެބަލަ، ދިހަ މިނަޓުވެސް ނުނަގާނެ ތައްޔާރު ވާން” ފަރުހާނާ ބުންޏެވެ.
“ފަރޫދައްތާ، މި ޚަލަފް ހޭލައިފިތަ؟” ދޮރު ނުހުޅުވާ ލަސްވެގެން އިސްރާ އެނބުރިފައި އަހާލިއެވެ.
“އާނ، ހޭލައިފި. އިސްރާއަށްވެސް އެނގެއެއްނު އޭނައަށް ހެނދުނު އަވަހަކަށް ތައްޔާރެއް ނުވެވޭނެ ކަން؟” ފަރުހާނާ ބުންޏެވެ.
“އަހަރެން ގަޑި ޖެހޭނެ މިއަދު. ޚަލަފް… ޚަލަފް…” އިސްރާ އަނެއްކާވެސް ދޮރުގައި ތަޅަން ފެށިއެވެ.
“އިސްރާ، އިހަށް އާދެބަލަ ސައި ތައްޓެއް ބޯލަން. ނޫނީ މި ގަޑީގަ ކޮފީތަ ބޯނީ؟” ފަރުހާނާ ގޮވާލިއެވެ.
“ނޫނޭ މިއައީ ކޮފީ ބޮއެގެން، މި ގަޑީގަ ދެން އެހެން އެއްޗެއް ނުކެވޭނެ” އިސްރާ އައިސް ގޮނޑިއެއްގައި އިށީނެވެ.
“ކޮން ތާކަށް ދާން ގަޑި ޖެހިދާނެތީތަ ތި އުޅެނީ؟” ފަރުހާނާ އެހިއެވެ.
“މިއަދު ޖޮބަށް ނިކުންނަން ޖެހޭ ދުވަހޭ މީ. މަންމަ ނުބުނޭތަ ފަރޫދައްތަ ކައިރީ؟” އިސްރާ އައިސް މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ.
“އާނ، ނުބުނޭ. ބައިވަރު ތަންތަނަށް އެޕްލައި ކޮށްގެން އިންޓަވިއުތަކަށް ދިޔަ ކަން އެނގޭ. ޖޮބް ލިބުނު ވާހަކައެއް ނުބުނޭ” ފަރުހާނާއާ އާފާގު ތިބީ އިސްރާ އުޅޭ ގޮތުން ހިނި އައިސްފައެވެ.
“އަޅޭ! ޚަލަފް ބުންޏޭ ގެންގޮސްދޭނަމޭ. މިއަދު ބައްޕަ ފުރާތީ ބައްޕައަށް ނުދެވޭނެތީ ރޭގަ ބުނެފިން ޚަލަފް ކައިރީ. ކޮން ކަހަލަ މީހެއްތަ އެއީ؟ ގަޑި ޖެހޭނެ މިއަދު. ފުރަތަމަ ދުވަހު ގަޑި ޖެހިއްޖެއްޔާ ފަރޫދައްތަގެ ޚަލަފްއަށް ލަނޑެއް ދޭނަން” އިރުއިރުކޮޅާ ގަޑިއަށް ބަލަމުން ދިޔަ އިސްރާ ރުޅި ގަދަވަމުން ދިޔައެވެ.
“އިސްރާ ހާސްނުވޭ. ޚަލަފް ނުނިކުމެއްޖެއްޔާ ބޭބެ އިސްރާ ގެންގޮސްދީފާނަމޭ” އާފާގު ސައިބޮއެ ނިމިގެން ތެދުވަމުން އިސްރާގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.
“އަސްލުވެސްތަ އާފާގުބޭ؟ ތެންކިޔު! އަހަރެން މީނީ ރެޑީވެގެން. ގެއަށް ގޮސް ބޭގް ހިފައިގެން މި ނިކުންނަނީ” އިސްރާ އަވަސްއަވަހަށް ބުނެފައި ނިކުތެވެ.
“ވަރުގަދަ މަންޖެއެއް އެވެސް. ޚަލަފްވެސް ތަންކޮޅެއް ވިއްޔަ ލަހީ. އެ ކުއްޖާ ކަންބޮޑު ވެގެން އުޅޭވަރު ވެއްޖެއޭ މިހާރު” އިސްރާ ދިޔުމުން ތެދުވެ ފަރުހާނާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ޚަލަފްގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ.
ފަރުހާނާއާ، އިސްރާގެ މަންމަ އާލިމާ އަކީ ސްކޫލްގައި ކިޔަވަން އުޅުނު އިރުގެ ރައްޓެހިންނެވެ. ކިޔަވާ ނިމުނު ފަހުން އެ އެކުވެރިކަން ދުވަސްކޮޅަކަށް މެދުކެނޑުނީ އާލިމާ ރަށަށް ދިޔުމުންނެވެ. ރާއްޖޭގެ ދެކުނުގެ ރަށަކަށް އުފަން އާލިމާ މާލެއަށް އައިސް ތިމާގެ ބައެއްގެ ކައިރީ ހުރީ ކިޔަވާށެވެ. އެކަން ނިމުމުން އާލިމާއަށް ޖެހުނީ އާއިލާ ކައިރިއަށް ރަށަށް ދާށެވެ. އެ ހިސާބުން ފަރުހާނާއާ ދެ ކުދިން ދުރުވީއެވެ. އެހެން ނަމަވެސް ދެ އެކުވެރިން ދެވަނަ ފަހަރަށް ދިމާވެ، އެ އެކުވެރިކަން ކުރިއަށް ވުރެވެސް ބަދަހިވެގެން ދިޔައީ އާލިމާގެ ކައިވެންޏަށް ފަހުއެވެ.
ކިޔަވާ ނިމުނުތާ ގިނަ ދުވަހެއް ނުވެ ފަރުހާނާ ކައިވެނި ކުރިއެވެ. ކައިވެންޏަށް އަހަރެއް ވީ އިރު ފަރުހާނާއާ އާފާގުއަށް ޚަލަފް ލިބިއްޖެއެވެ. ގިނަ ކުދިންތަކެއް ހޯދުމުގެ ޚިޔާލު އަބަދުވެސް ހިތުގައި އޮތް ފަރުހާނާގެ އެ ހުވަފެން އޮތީ އެ ގޮތުގައެވެ. ޚަލަފް ވިހެއުމުގެ ތެރޭގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން ފަރުހާނާއަށް އިތުރު ދަރިއަކު ލިބުމުގެ ފުރުސަތު ގެއްލުނީއެވެ. އެހެން ވިޔަސް އެކަމާ ފަރުހާނާއާ އާފާގު ޝަކުވާއެއް ނުކުރެއެވެ. ލިބުނު ދަރިފުޅަށް ޓަކާ ހެއްދެވި ފަރާތަށް ޝުކުރުކޮށް އެ ދަރިފުޅު ރަނގަޅު ދަރިއެއްގެ ގޮތުގައި ބޮޑު ކުރުމަށް ދެމަފިރިން އެކީ މަސައްކަތް ކުރީއެވެ.
އާލިމާ މާލެއަށް އައީ މަންމަ މާ ބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދައްކާށެވެ. ނާފިޒްއާ ދިމާވީ އެ ދަތުރުގައެވެ. އެ ފަހަރު އާލިމާގެ އާއިލާ ރަށަށް ދިޔައީ ނާފިޒްއާ އާލިމާގެ ކައިވެންޏަށް ފަހު، ފިރިމީހާއާ އެކު އަންހެން ދަރިފުޅު މާލޭގައި ބަހައްޓާފައެވެ. އިއްތިފާގުން ނާފިޒްއާ އާފާގު ވީ އަވައްޓެރިންނަށެވެ. ނާފިޒްއާ އާލިމާ ދިރިއުޅެން ކުއްޔަށް ހިފި އެޕާޓްމެންޓް ހުންނަ ގެއަކީ އާފާގުގެ ގެއާ ޖެހިގެން ހުރި އާފާގުގެ ބޮޑުބޭބެގެ ގެއެވެ. ދެވަނަ ފަހަރަށް އާލިމާއާ ފަރުހާނާ ދިމާވީ އެހެންނެވެ.
ރައިހާނާއާ އާލިމާގެ އެކުވެރިކަމުގައި އާފާގުއާ ނާފިޒް ދިމާވެ އެދެމެދުގައިވެސް އެފަދަ އެކުވެރިކަމެއް އުފެދުން ވެގެން ދިޔައީ ދެ އާއިލާގެ މެދުގައި އުފެދުނު ވަރުގަދަ ގުޅުމަކަށެވެ. ޚަލަފްއަށް ދެ އަހަރުގައި އާލިމާއާ ނާފިޒްއަށް އިޒްވާ ލިބުމުން ޚަލަފްއަށް ހީވީ އަމިއްލަ ކޮއްކޮއެއް ލިބުނު ހެންނެވެ. ހަމަ އެހެން ރައިހާނާވެސް ހީވީ އަންހެން ދަރިއަކު ލިބިގެން އުޅުނު ހެންނެވެ. އޭގެ ދެ އަހަރު ފަހުން އިސްރާ އުފަންވިއެވެ. އަދި އިސްރާއަށް ތިން އަހަރުގައި އިޔާން ލިބުނެވެ. އެ ހަތަރު ކުދިން ބޮޑެތިވެގެން އައީ އެކުގައި ކައިބޮއެ، ކުޅެމުންނެވެ. ކުދިން ބޮޑެތި ވީ އިރުވެސް ދެ އާއިލާގެ މެދުގައި އެ ގުޅުން އޮތެވެ. އާލިމާއާ އާލިމާގެ ކުދިންނަށް ޖެހޭ ކަންތަކުގައި ފަރުހާނާއާ އާފާގު އެހީވާހެން ޚަލަފްވެސް އެހީވެއެވެ. ހަމަ އެފަދައިން އާލިމާގެ އާއިލާވެސް ފަރުހާނާއާ ޚަލަފްގެ ކަންތައް ކޮށްދެއެވެ.
އިސްރާ ދަބަސް ހިފައިގެން ނިކުތް އިރު އެގޭ ދޮރުމަތީ ސައިކަލުގައި މަޑުކޮށްލައިގެން ޚަލަފް އިނެވެ.
“ނިކުމެވިއްޖެ ދޯ؟ މިހާރު އަހަރެން މިތާ އިންނަތާ ކޮން އިރެއް؟ އެކަމަކު އަހަރެން ލަސްވެގެން ހީވީ ކޮޓަރީގެ ދޮރު ވައްޓާލަފާނެ ހެން” އިސްރާ ފެނުމާއެކު ޚަލަފް ބުނެލިއެވެ.
“ދޭބަލަ އަދިވެސް ލޯގަނޑު ކުރިމަތީ ހުރެ ތި އިސްތަށިތައް ދަގަނޑަށް ވަންދެން ތެރަސް ލާން. ޚަލަފް ނަޔަސް އަހަންނަށް ދެވިދާނެ” ޚަލަފްއާ ދިމާއަށް ލޯއަޅާލަމުން އިސްރާ ދޮރުމަތީ މަޑުކޮށްލިއެވެ.
“ކާކު ދެން އިސްރާ ގެންދަން އަންނާނީ؟ ތުން ދަމައިގެން ނުހުރެ ގަޑިއަށް ދާން ބޭނުމިއްޔާ އަވަހަށް އަރާ. އެހެން ނޫނީ ބަހައްޓާފަ ގޮސްދާނަން” ހިނިއައިސްފައި ޚަލަފް ބުނެލީ އިސްރާ ރުޅި އަންނާނެ ކަން އެނގޭތީއެވެ.
“ދޭބަލަ. ޚަލަފްގެ ބައްޕަ ބުނީ އަހަރެން ގެންގޮސްދޭނަމޭ” ހުރި ފިޔަވަޅުމަތީ ހުރެ އިސްރާ ބުންޏެވެ.
“އެހެން ވިއްޔާ މި ދަނީ” ޚަލަފް ސައިކަލު ސްޓާޓް ކޮށްލިއެވެ.
“މީނަގެ މި ފޮނިކަން ފިލާނީ ކިހިނެއްތަ؟ މަޑުކުރޭ” އިސްރާ އައިސް ޚަލަފްގެ ކޮނޑުގައި ޖަހާލިއެވެ.
އެއީ ކުޑައިރުން ފެށިގެންވެސް އެ ދެމީހުން އުޅޭ ގޮތެވެ. އެކަކު އަނެކަކު ރުޅި އަރުވާލެވުމަކީ ޚަލަފްއާ އިސްރާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އަބަދު ތިބޭނީ އެކަކު އަނެކަކު ދެކެ ރުޅި އައިސްފައެވެ.
“ބައިދަ ވޭ، މިއަދު ހާދަ ރީއްޗޭ. ތި ގޮތަށް ކީއްވެތަ އަބަދު ނުހުންނަނީ؟” ގަދަ ރަތް ކުލައިގެ ދިގު އަބާޔާއާ އެކު ކަޅާ ރަތްކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިސްރާއަށް ބަލާލަމުން ޚަލަފް ބުނެލިއެވެ.
ހައިރާންވެފައި އިސްރާއަށް އިރުކޮޅަކު ހުރެވުނީ އިސްރާއަށް އެއްވެސް ގޮތަކަށް ތަޢުރީފެއް ކުރުމަކީ ޚަލަފް ވަރަށް މަދުން ނޫނީ ނުކުރާ ކަމަކަށް ވާތީއެވެ. ޚަލަފްގެ އާދައަކީ އަބަދުވެސް އިސްރާއަށް ޖެއްސުންކޮށް ރުޅި އަރުވާލުމެވެ.
“ކޮމްޕްލިމެންޓެއް ދިނީމަ ތެންކިޔޫ ބުނާކަށްވެސް ނޭނގޭތަ؟” އިސްރާ އެއްޗެއް ނުބުނުމުން ޚަލަފް ބުނެލިއެވެ.
“ކޮމްޕްލިމެންޓްގެ ފަހަތުން ތި އައި ބަޔަށް ކެނޑީމަ ދެން ބުނަން ކޯޗެއް އޮތީ؟ އަހަރެން ކިތަންމެ ރީތިވެގެން ހުއްޓަސް ތި ދެލޮލަށް ފެނުން އެއީ ނުވާނެ ކަމެއް” ޚަލަފްގެ ކޮނޑުގައި ހިފާލަމުން ސައިކަލަށް އަރާފައި އިސްރާ ބުންޏެވެ.
“ނުފެންނަ ކަމެއްގެ ވާހަކައެއް ނުބުނެވޭނެ ދޯ؟ ރީތިވެގެން ހުއްޓާ ފެނުނީމަ މި ބުނީއެއްނު” ޚަލަފް ވާހަކަ ދެއްކީ ދިމާކުރުމަށެވެ. އިސްރާ ރުޅި އަންނާނެ ކަން އެނގޭތީ ހިނިއައިސްފައި އިނދެއެވެ.
“ތިހެން ހެޔޮ ރީއްޗޭ ނުބުންނަސް. އެހެން ނޫނަސް އަހަރެން ނޫޅެން ޚަލަފްއަށް ތުއި ދެއްކޭ ހިތުންނެއް” އިސްރާ ބުންލިއެވެ.
“ތީއޭ އަންހެން ކުދިންގެ މައްސަލައަކީ. ތައުރީފް ކޮށްގެންވެސް ގޯސް، ނުކުރިޔަސް ގޯސް” ޚަލަފް ބާރަށް ހީގަތެވެ.
“އަހަރެން މީ ޚަލަފް ތި ގެންގުޅޭ ކަހަލަ އަންހެން ކުއްޖެއް ނޫން. އެހެން ވީމަ ކޮންމެހެން އަހަންނަށް ތި ތައުރީފެއް ކުރާނެ ކަމެއް ނެތް. އަހަރެން ނޫޅެން މޮޔަވެގެންނެއް” ޚަލަފްގެ ބުރަކަށީގައި އިސްރާ ވިކާލިއެވެ.
“އައޫ! މަޑުން އިނދެބަލަ، އެކްސިޑެންޓެއް ވެދާނެ” ޚަލަފް ބުންޏެވެ.
“އެހެން ވިއްޔާ ތި އަނގަ މަޑުކޮށްގެން އިނދެ ދުއްވާ” އިސްރާވެސް ޚަލަފްއަށް ދުލެއް ނުކުރިއެވެ.
އިސްރާގެ އޮފީސް ކުރިމައްޗަށް މަޑުކޮށްލާފައި އިސްރާ ފައިބާ ހިނގައިގަތުމުން ޚަލަފް ގޮވާލިއެވެ.
“ގުޑްލަކް!” ޚަލަފް ބުންޏެވެ.
“މި ފަހަރު ތެންކިޔު!” ހީލަމުން އިސްރާ ބުންޏެވެ. އަދި އަތުން ހަނާ އަޅާލާފައި އޮފީސް އިމާރާތުގެ އެތެރެއަށް ވަނެވެ.
އިސްރާ ވަޒީފާއަށް ދާން ފެށިތާ މަހެއް ފަހުން އިސްރާއާ ޚަލަފްއާ އެކު އެ މީހުންގެ އެކުވެރިން އެއްވީ ޚަލަފްމެން ގޭ ޓެރެސްއަށެވެ. އިސްރާއަށް ފުރަތަމަ މުސާރަ ލިބުމުން ދޭ ކެއުމެއްގައި ބައިވެރިވާށެވެ.
ޓެރެސްގައި އަތުރާފައި ހުރި ގޮނޑިތަކުގައި އެންމެން ތިބީ އިސްރާއާ އިސްރާގެ ދައްތަ އިޒްވާގެ އިންތިޒާރުގައެވެ.
“ކާން ފަށާބަލަ ދެން، ކީއްވެތަ ތި ތިބެނީ؟” އިސްރާ އައިސް އަހާލިއެވެ.
“ކޮބާ ޚަލަފްބެ؟ މިތާ ހުރެފަ ދިޔައީމަ އަހަރެން ހީކުރީ ދޮންތައާ ތުއްތައާ ލަސްވެގެން ބަލާ ދިޔައީ ކަމަށް” އިޔާން އެ ވަގުތު ބުންޏެވެ.
“އަންނާނަން ގޮވައިގެން” ސިޑިއާ ދިމާއަށް ދަމުން އިސްރާ ބުންޏެވެ.
“ޔަގީނޭ ޓެރެސްގަ ހުއްޓާ ވައިކޮޅެއް ޖެހިލައިގެން އެ އިސްތަށިގަނޑު ހޭވިގެން އަނެއްކާ ރީތިވާން އެ ދިޔައީ… އަންހެނަކަށް ވުރެ ކަންތައް ބޮޑު މީހެއް އެއީ” ކުދިކިޔަމުން އިސްރާ ގޮސް ޚަލަފްމެންގެ އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި ވަނެވެ. ގޭތެރެއިން މީހަކު ފެންނަން ނެތީ ފަރުހާނާއާ އާފާގު، އާލިމާއާ ނާފިޒްއާ އެކީ އެރޭ ކެއުމުގައި ބައިވެރި ވާތީކަން އިސްރާއަށް އެނގެއެވެ. އެހެންވެ މަޑުކޮށްނުލާ ދިޔަ ގޮތަށް ގޮސް ޚަލަފްގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނެވެ.
“ޚަލަފް، ނިކުންނަން އުޅޭ ދެން—” އެތެރެއަށް ވަދެގެން ދިޔަ އިސްރާގެ ފިޔަވަޅާއެކު ބަސްވެސް ހުއްޓުނެވެ.
އެނދުގައި ނައިޝާ އުނގަށް ލައިގެން އިން ޚަލަފް ސިހިފައި ނައިޝާ ގައިން ދޫކޮށްލިއެވެ. ނައިޝާވެސް ޚަލަފްއާ ދުރަށް ޖެހިލިއެވެ.
“ސޮރީ…” އިސްރާ އަވަހަށް އެ ކޮޓަރިން ނިކުތެވެ.
އިސްރާ ނިކުމެ ދޮރު ލައްޕާލުމުން ޚަލަފް އެއް އަތް އިސްތަށިގަނޑުތެރޭ ހިންގާލިއެވެ.
“އޭނަ ބުނާނެތަ ޚަލަފްގެ މަންމަމެން ކައިރީ؟” ނައިޝާ އަހާލިއެވެ.
ޚަލަފް ދެފަރާތަށް ބޯ ހަލުވާލިއެވެ. ފެނުނު މަންޒަރުން އިސްރާ ހިތަށް އަރާނީ ކީކޭ ބާއޭ ޚަލަފްގެ ހިތުގައި ވިއެވެ. އެއީ އެއްވެސް މީހަކަށް ފެންނަން ޚަލަފް ބޭނުންވި މަންޒަރެއް ނޫނެވެ.
“ހިނގާ ދޯ ޓެރެސްއަށް” ޚަލަފް ބުންޏެވެ. ނައިޝާ ބޯ ޖަހާލާފައި ތެދުވެ ލޯގަނޑު ކުރިމަތީ ހުއްޓި މޫނު ރީތިކޮށްލިއެވެ.
ޚަލަފްއާ ނައިޝާ އައި އިރު ގިނަ މީހުން ކާން ފަށައިފިއެވެ.
“މީނަ މީ ކޮން ކަހަލަ މީހެއްތަ؟ އެހާ ވަރުން އިސްރާ ކެއުން ހަދާފަ މި ގޭގަ ރެޑީ ކުރީމަވެސް ޚަލަފްއަށް ތި އާދެވުނީ އެންމެ ފަހުން. އަހަރުމެން މިހާރު ޚަލަފްގެ އިންތިޒާރުގަ ތިބޭތާ ކޮން އިރެއް؟” ޚަލަފްގެ އެކުވެރި އާޒިން ޝަކުވާ ކޮށްލިއެވެ.
“މި އައީނު؟ ދެން ކާން ފަށާބަލަ” އާޒިންއަށް ޖަވާބު ދިން އިރު ޚަލަފްގެ ލޯ ހޯދާލީ އިސްރާއެވެ. ޓެރެސްއަށް ނިކުންނަން ހުރި ދޮރާ އެންމެ ދުރުގައި ހުރި ގޮނޑިތަކުގައި އިސްރާއާ ރައިނާއާ އިޒްވާ ތިއްބެވެ. އިޒްވާއާ ރައިނާ ކާން ތިބި އިރު، އިސްރާ އަދި ކާން ބޭނުން ނުވެފައި އިނެވެ.
ނައިޝާ ގާތު އާޒިންމެންނާ އެކު ކާން ދިޔުމަށް ބުނެފައި ޚަލަފް ދިޔައީ އިސްރާ އިން ދިމާއަށެވެ.
“ހިނގާ ކާން، ވަރަށް ބަނޑުހައި” އިސްރާގެ ކުރިމަތީ ހުއްޓިފައި ޚަލަފް ބުންޏެވެ. އެއްޗެއް ނުބުނެ އިސްރާ ތެދުވެގެން ޚަލަފްއާ އެކީ ދިޔައެވެ.
“ސޮރީ އިނގޭ…” އިސްރާގެ ކޮނޑުގައި އަތް ޖައްސާލާފައި ޚަލަފް މާފަށް އެދުނެވެ.
“އެހެން ދޯ ވާނީ އަހަރެން ގޮސް ޓަކި ޖަހާލުމެއް ނެތި ވަދެގަތީމަ؟ ތި ދެމީހުންގެ މޮމެންޓް ސްޕޮއިލް ކޮށްލެވުނީމަ އައިމް ސޮރީ” ސަމާސާ ރާގެއްގައި، މާ ބޮޑު ކަމެއް ނުވާ ކަން އަންގައިދިނުމަށް ޚަލަފްގެ ގައިގައި ކޮނޑުން ޖެހިލަމުން އިސްރާ ބުންޏެވެ.
ނަމަވެސް ފެނުނު މަންޒަރުން އިސްރާގެ ހިތަށް ވަނީ އުނދަގޫ ވެފައެވެ. ކީއްވެ ކަމެއް ބުނެދޭކަށް އިސްރާއަކަށް ނޭނގެއެވެ.
“އަހަންނާ މެދު ގޯސް އެއްޗެއް ހީ ނުކުރައްޗޭ…” އިސްރާއާ ދިމާއަށް ބަލާލަމުން މަޑުމަޑުން ޚަލަފް ބުންޏެވެ.
“ގޯސް އެއްޗެއް ހީކުރަން ވެއްޖެތަ މިހާރު؟ އަހަންނަށް އެނގެޔޭ ޚަލަފް ތީ އަންހެން ކުދިން ދެކެ ނުލާހިކު ލައިކް ވާ މީހެއް ކަން. އެހެން ވީމަ އެއީ ބޮޑު ކަމެއް ނޫނެއްނު؟” އިސްރާ ޚަލަފްއަށް ޖަވާބު ދިނެވެ.
“އިސްރާވެސް ތިހެން ނުހުރެ ދެން ކުއްޖަކާ ރައްޓެހި ވެބަލަ” ފެނުނު މަންޒަރުން އިސްރާގެ ހިތުގައި އެއްޗެއް ނުވާ ކަމުގައި ގަބޫލު ކުރެވުމުން ޚަލަފް އޭނަގެ ސަމާސާ މިޒާޖަށް ދިޔައެވެ.
“ޚަލަފް އުޅޭހާ ގޮތަކަށް އަހަރެން އުޅެން ޖެހޭތަ؟” އިސްރާ އަހާލިއެވެ.
“އަހަރެން ނޫޅެމެއްނު ގޯސް ގޮތަކަށް. އެއީ ގޯސް ކަމެއް ނޫން. އަހަރެންވެސް ދެން ގޯސް ކަމެއް ކުރާކަށް އިސްރާ ކައިރީ ނުބުނާނެއެއްނު؟” ޚަލަފް ހީވީ އިސްރާއަށް އެއްޗެއް ބުނެދޭން އުޅުނު ހެންނެވެ.
“ގޯސް ކަމެއް ނޫން ވީމަތަ އަހަންނަށް ފެނުނީމަ މާފަށް އެދުނީ؟” އިސްރާ ހިނި އައިސްފައި ޚަލަފްގެ މޫނަށް ބަލާލިއެވެ.
ޚަލަފް ރަކިވެފައި ހުރެ ބާރަށް ހީލިއެވެ.
“އެންމެންގެ ތެރޭ ކުރަން ބޭނުން ނުވާ ބައެއް ކަންތައް ހުންނާނެ. މެރީ ކުރީމަ ލައިސެންސް ލިބުނަސް ހަމަ ސިއްރުންނެއްނު މީހުން އުޅެނީ؟” ޚަލަފް ބުނެލިއެވެ.
“ދެން އެހެން ވިއްޔާ ޚަލަފް މެރީ ކޮށްބަލަ. އޭރުން އަދި މީހަކަށް އޮޅިގެން ފެނުނަސް ކުށްވެރިއެއް ނުވާނެ” އަމިއްލަ ތައްޓަށާ ޚަލަފްގެ ތައްޓަށް ކާ އެއްޗެހި އަޅަމުން ދިޔައީ އިސްރާއެވެ.
“އުހުނ، އަދި މެރީ ކުރާކަށް ނުވޭ. އަހަރެން މި ބުނަނީ… މިހެން ކިޔައެއް ނުދެވޭނެ، އެހެންވެ މި ބުނަނީ، އިސްރާވެސް ކުއްޖަކާ ރައްޓެހި ވީމަ އެނގޭނީ. އެ ދުވަހަކުން އަހަރެން ވަރަށް ސުވާލު ކުރާނަން އިނގޭ، ރެޑީ ވެގެން ހުންނާތި” ޚަލަފް ބުނަން އުޅޭ އެއްޗެއް އިސްރާއަށް ވިސްނައިދޭނެ ގޮތެއް ނޭނގިގެން އެންމެ ފަހުން އެ ވާހަކަ ހުއްޓާލީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.








Salaam, part 1 uploaded, kiyaalaafa kamudhanya angaalahchey.
part 2 on Tuesday
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Israa and khalaf v gulhey
They both are made for each other
Israa and khalaf gulhuvachey
Marsha ge stories v Reethi
You’re my fav author
V interesting story eh
V kiyaala hithun kiyani
Love you
cute girl haadha varakah comment koffa miothy, anekka same person tha 3 faharu comment koffa myny, hehe, thank u inge,
vara reethi feshumeh. waiting for da next part.
thank u dear, funny name hehhe
vrh reethi mi prtt
cant wait 4 the nxt prtt
u r probably one of my fav
i really cant wait to c wat will happen in this storyyyyy
aww thank u dear
Lahba 😊
Varah ufaavejje mar sha ge vaahaka fenuneema mar shaage hurihaa vaahakatha ves varah reethi i am a big fan
thank u so much dear