Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 42 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 20, 2024 16 Mins Read
3 Comments

“މިދަނީ ހިދާޔާއްތާ!” ޖީލާން ސޯފާއިން ތެދުވެ ލައިގެން ހުރި މަތިކޮޅު ކުޑަކޮން ދަމާލާ ރީތިކޮށްލި އެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތް ކާތާލަމުން ހިގައި ގަތެވެ. ބުޑު އަނބުރާލަމުން ފަރިގޮތަކަށް ހިނގާލާފައި ދިޔަ ޖީލާން އާއި ދިމާއަށް ބަލަހައްޓާއިގެން އަބްޔާން އިނެވެ.

ހަވީރު ވަމުން އައި ވަގުތު އަބްޔާން ނުކުތީ ނޫރުގުޅުމުން ކޮފީއަކަށް ދާށެވެ. ސައިކަލަށް އަރާ ބަލައިލި އިރު މުރަކަގެއިން ނިކުމެގެން ފުންމަމުން ފުންމަމުން ކުޑަކުޑަ ޔާނާ އަންނަތަން ފެނުނެވެ.

“އަބީބޭ..” ޔާނާ އައިސް އަބްޔާން ކައިރީ ހުއްޓިލަމުން ގޮވާލި އެވެ. ޔާނާ ހުރީ ނިކަން ރީތިކޮން ދެފަށަށް އައްސާލާފަ އެވެ. ދާދި ދެންމެ ފެންވަރާ ރީތިވެގެން ހުރިކަން އިނގެނީ ނިތްކުރީ ގަނޑުގަނޑަށް ފުއް ޖަހާފައި ހުރުމުންނެވެ.

“ހާދަ ރީތި ވެލައިގެން ތިއައީ. އެކަނިތަ ރީތިވީ؟” އަބްޔާން ޔާނާގެ ކޮލުގައި ހިފާލަމުން އެހިއެވެ.

“މަންމި ބޯ އައްސައިދިނީ… ޔާނާ އެކަނި ފުށްޖެހީ.” ޔާނާ އަމިއްލަ މޫނުގައި ފިރުމާލަމުން ފަހުރު ވެރި ކަމާއެކު ބުނެލި އެވެ.

“މާޝާﷲ ހާދަ ރީއްޗޭ، ހީވަނީ ހަމަ ޕްރިންސަސްއެއް ހެން.” އަބްޔާން ބުންޏެވެ. ޔާނާ ނިކަން އުފަލުން ހިނިތުން ވެލިއެވެ. “އަބީބެޔާ އެއްކޮން ދާނަންތަ ބުރެއް ޖަހާލަން؟”

ޔާނާ ބޯޖަހާލި އެވެ. އަބްޔާން ޔާނާ އުރާލަމުން އަބްޔާންގެ ސައިކަލުގެ ކުރީގައި މަޑިމަތީ ބެއިންދި އެވެ. ޔާނާ ހުންގާނުން މެދުތެރޭ އިން ދަނގަޑުގައި ހިފަހައްޓާލި އެވެ. ޔާނާ އިނީ ވަރަށް އުފާވެލާފަ އެވެ.

“އަބީބެއަށް އެނގޭތަ ޔާނާ ބައްޕި؟” ޔާނާ އަހާލި އެވެ.

“އާން.” އަބްޔާން ސައިކަލު ދުއްވާލަމުން ބުންޏެވެ.

“ޔާނާ ބައްޕި ހުރިނަމަ މިގޮތަށް ޔާނާ ގޮވައިގެން ސައިކަލު ދުއްވަން ދާނެ. ބައްޕިއެއް ނެތީމަ ނުވެސް ދެވޭ.” ޔާނާ ދެރަވެލާފައި އެހެން ބުނި ގޮތުން ދެރަވެގެން އަބްޔާންއަށް ހިންދިރުވާލެވުނެވެ. ބުނާނެ އެއްޗެއް ވެސް ނޭގިފައި އިރުކޮޅަކު އަބްޔާން ސައިކަލު ކުރިއަށް ދުއްވަމުން ދިޔައެވެ.

“ޔާނާ ހަދާންވޭތަ ބައްޕި؟” އަބްޔާން އިރުކޮޅެއް ފަހުން އަހާލި އެވެ.

“އާން، ޔާނާއާ އެއްކޮން ސައިކަލު ދުއްވަން ދާތީ ހަދާންވޭ، ދެން ފެމިލީ ޓައިމް ވެސް ހަދާންވޭ.” ޔާނާ ބުންޏެވެ.

“އެއީ ކޮން ޓައިމް އެއް؟” އަބްޔާން އަހާލި އެވެ.

“އެއީ ދޮންބެއާ ތޮއްބެއާ ބައްޕިއާ މަންމިއާ ހުރިހާކުދިން އެއްކޮން ކުޅޭ ޓައިމް… މިހާރު ބައްޕި ނެތެއްނު… މަންމި މިހާރު ފެމިލީ ޓައިމް ނުވެސް ހަދާ.” ޔާނާ ބުންޏެވެ.

އަބްޔާން ޔާނާގެ ބޮލުގައި އަބްޔާންގެ ތުންފަތް ޖައްސާލާ ބޮސްދިނެވެ. ޔާނާއަށް ޓަކައި އަބްޔާންގެ ހިތް ހަމްދަރުދީން ފުރުނެވެ. އަބްޔާން، ޒައިދާން މަތިން ވަރަށް ބޮޑަށް ހަދާންވި އެވެ. އެކުދިންނާ ޖަންނަތު އަދި ކިހާ ހަދާން ވާނޭތާއޭ އަބްޔާން ހިތަށް އެރި އެވެ.

މުޅި ރަށުގައި ސައިކަލު ދުއްވާފައި އަބްޔާން ޔާނާ ގޮވައިގެން އައިސް މުރަކަ ގެއަށް ވަންއިރު އެކަކު ވެސް ފެންނާކަށް ނެތެވެ. ވިދޫޝިކާވެސް ފެންނަން ނެތުމުން އަބްޔާން އައިސް ސޯފާގައި އިށީނީ ޔާނާ ކައިރީގައި ބައިންދާފަ އެވެ. ޔާނާއަކީ ވަރަށް އަނގަ ތަޅާ ކުއްޖެކެވެ. އެންމެ އިރުކޮޅަކުވެސް އަނގަމަޑުން ލައިގެން ނީނދެވެ އެވެ. އަބްޔާން ޔާނާ ކިޔާ އެއްޗިހިން ބައެއް ފަހަރު ބާރަށް ހީގަނެ އެވެ. އަދި މަޖާވެގެން ޔާނާގެ ކޮލަށް ބައެއް ފަހަރު ދޮނެއްދޭތަން ވެސް ފެނެއެވެ.

ޖަންނަތު ބޭރުން އައިސް ވަނީ ކޮތަޅެއް ހިފައިގެނެވެ. ޖަންނަތު އެއައީ ފިހާރައަށް ގޮސްފަ އެވެ.

“މަންމީ! މަންމީ!” ޖަންނަތު ފެނުމުން ޔާނާ ފުމެމުން ޖަންނަތު ކައިރިއަށް އައެވެ.

“ދަރިފުޅު ނުދަންތަ މާމަ ކައިރިއަށް” ޖަންނަތު އަތުގައި އޮތް ކޮތަޅު ސޯފާ މަތީ ބަހައްޓާފައި ޔާނާ އުރާލަމުން ބުންޏެވެ.

“މިއައީ އަބީބެޔާ އެކު ސައިކަލު ދުއްވާލާފަ.” ޔާނާ ބުންޏެވެ.

“އެހެންތަ.” ޖަންނަތު އަބްޔާންއަށް ބަލައިލިއެވެ. “މަޖާތަ؟” ޔާނާގެ ކޮލަށް ދޮނެއް ދެމުން ޖަންނަތު ބުންޏެވެ. ޔާނާ ބޯޖަހާލިއެވެ.

“މާމަގެއަށް މިދަނީ؟” ޖަންނަތު ޔާނާ ތިރީގައި ބެހެއްޓުމާއި އެކު ބުންޏެވެ. އަދި ޖަންނަތަށް އެއްޗެއް ނުބުނެވެނީސް  ޔާނާ ދުއްވަމުން ދުވަމުން ނުކުމެއްޖެއެވެ. ޖަންނަތު ޔާނާ ދިޔަދިމާއަށް ބަލަން ހުރެފައި އަބްޔާންއާއި ދިމާއަށް އެނބުރުން ވަގުތު އިޝީނުމަށް އަބްޔާން އިޝާރާތް ކުރިއެވެ. ޖަންނަތު އައިސް އަބްޔާން ކުރިމަތީ ހުރި އެކަކަށް އިނދެވޭ ސޯފާގައި އިށީނެވެ.

“ބޭނުންތަ ކޮފީއެއް؟” ޖަންނަތު އަހާލިއެވެ.

“ނޫނޭ،” އަބްޔާން ބޯހޫރާ ލަމުން ބުންޏެވެ. “ނޫރުއާއެއްކޮން ކޮފީއަކަށް ދާނީ އިރުކޮޅަކުން.”

“އެކުދިން ޒައިދާން މަތިން ވަރަށް މިސްވޭ ދޯ؟” އިރުކޮޅެއްގެ ހަމަހިމޭން ވަގުތުކޮޅަކަށް ފަހު އަބްޔާން އެހި އެވެ. އަބްޔާންގެ މޫނުމަތިން ފާޅުވާން ހުރީ މާޔޫސް ކަމެވެ. ޖަންނަތުގެ ހިތަށް އުނދަގޫވެފައި އިނީ އަބްޔާންއާއި އެކު އެކަނި އިންނަން ޖެހުމުންނެވެ. “އަހަރެން ވަރަށް ދެރަވި ޔަޒަންގެ އުފަން ދުވަހު ނާދެވުނީމަ.”

“ކުރިން ޔަދީއާ ޔާނާއާ ވަރަށް ބޮޑަށް ޒައިދާންގެ ވާހަކަ ދައްކާ ހަދާ. މިހާރު އެކަމު ނުދައްކާ.” ޖަންނަތު އިސްޖަހާލައިގެން އިނދެ ބުންޏެވެ. “ޔާނާ އެހާ ބޮޑަށް ހަނދާނެއް ނުހުންނާނެ ކަންނޭގެ. އެކަމަކު ޔަދީ…”

“ހަގީގަތަށް ބުނަންޏާ އަސްލު އަހަރެން ވަރަށް ދެރަވި،” އަބްޔާން ޖަންނަތުއަށް ބަލައިލިއެވެ. “ޒައިދާންއާ އެންމެ ފަހުވަގުތުވެސް ބައްދަލު ނުވެ ހުރި މީހަކީ އަހަރެން، އެވަރަށް ޒައިދާން އާދޭސް ކުރީމަވެސް އަހަރެންނަށް ނާދެވުން.” އަބްޔާންގެ އަޑުގައި ހިތްދަތިކަން އެކުލެވިފައި ވެއެވެ. “އަހަންނަށް އިހުސާސް ކުރެވޭ ޖަންނަގެ ހިތާމަ، ޖަންނަގެ ބޭބީގެ ޚަބަރު ލިބުން ދުވަހު އަހަރެންނަށް ހަމަ ނޭގެ ވީގޮތްވެސް. އަހަރެންގެ ހިތަށް ވަރަށް ތަދުވި. ޖަންނަގެ ހިތުގައިވާ ހުރިހާ ހިތްދަތިކަމެއް އަހަންނަށް ލިބޭނެ ނަމަޔޭ އަހަރެން ހިތަށް އެރި. ޖަންނަ ދެރަވެފަ ހުންނަތަންް ބަލަން ކެތް ނުވާނެތީ އަހަރެން އެހާ އަވަހަށް ނައީވެސް.” އަބްޔާން ފުންނޭވާއެއް ލިޔެވެ.

ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. ޖަންނަތުގެ ލޮލުން ކަރުނަ ނިރާލާފައި ވިއެވެ. ޖަންނަތުއަށް ހިންދިރުވާލެވުނެވެ. ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު ޖަންނަތުއަށް އިނދެވުނެވެ. އަދި އަބްޔާންގެ ސީދާލޮލަށް ބަލައިލި އެވެ. އަބްޔާންގެ ލޮލުގައިވާ މާޔޫސްކަންފެނި ޖަންނަތުގެ ހިތަށް އަސަރު ކުރިއެވެ. އަދިވެސް އަބްޔާންގެ ހިތުގައި އޭނައަށް ޓަކައި ލޯބިވާކަން އިހުސާސް ކުރެވުނެވެ.

“ކީއްކުރާނީ،” ޖަންނަތު ވާހަކަ ދައްކަން ފެށީ ހިޔާލެއްގައި އިނދެއެވެ. “ޒައިދާންގެ މަރު، އެގޮތަށް ލިޔެވިފައި އޮތީތީ ޒައިދާން އެދިޔައީ… މަރަކީ ރާވައިގެން އެކަމަށް ތައްޔާރުވެގެން ހުއްޓާ ވާއެއްޗެއް ނޫން… އަހަރެން ހިތަކަށް ނާރަ މިގޮތަށް ކަންތައް ވާނެކަމަކަށް.” ޖަންނަތު ލޯ ފޮހެލިއެވެ.

“ޒައިދާންއާއި ޔަޒަން އެވަރަށް ބުނީމަވެސް އަހަރެން އަންނަން ބޭނުން ނުވީ. ޖަންނަމެނާ ކުރިމަތިލާނެހާ ހިތްވަރު ނެތީ. އެކަމު ވަރަށް ބޮޑަށްވެސް މިއަދު ދެރަވޭ. ފަހަރުގައި އަހަރެންނަށް ޒައިދާން ގެ މަރު ފެންނަން ނެތީ ކަންނޭގެ.” ފެންކަޅިވެފައި އިނދެ އަބްޔާން ބުންޏެވެ. “ޖަންނައަށް ހުރިހާ ހިތާމައެއް ލިބުނީ. ޖަންނަގެ ހަސްބަންޑް އާ ދަރިފުޅުވެސް… ހުރިހާ ސެކްރިފައިސްއެއް ޖަންނަ ތި ކުރަން ޖެހެނީ، އިޓްސް ނޮޓް ފެއަރ. ރިއަލީ ޖަންނާ.”

“އަބީ!” އެކަމެއް ވާން ހުރި ގޮތަކަށް އެވީ. އެކަން އެ ނިމުނީނު،” ޖަންނަތު ކިތަންމެ ހިތްވަރެއް ކުރިޔަސް ދެން ހިފަހައްޓައިގެން ދެނެއް ނުހުރެވޭނެޔޭ ޖަންނަތުއަށް ހީވިއެވެ. ޖަންނަތުގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އެތައް ދުވަހެއް ވަންދެން ހިތްވަރުކޮށްގެން މީހުނަށް ނުދައްކަން ފޮރުވައިގެން ހުރި ޖަޒުބާތުތައް ކޮންޓްރޯލެއް ނުވިއެވެ. “މީހަކަށް ދެރައެއް ދީފައި އުފަލުގައި އެކަކަށްވެސް ނޫޅެވޭނެއޭ ބުނޭނު، އަބީގެ ހިތުގައި ޖައްސާފައި އަހަންނަށް ވަކި އުފަލެއް ނުލިބުން.” ޖަންނަތުގެ އަޑު ބެދުނެވެ. ޖަންނަތު އިސްޖަހާލުމުން ލޮލުން ފޭބި ކަރުނަތަށް އޭނަގެ އުނގަށް ފައިބައިގަތެވެ.

“ޖަންނާ،” އަބްޔާން ގޮނޑިން ތެދުވެގެން އައިސް ކުޑަކަކޫ ޖަހަމުން ޖަންނަތުގެ އަތުގައި ހިފާލިއެވެ. ޕްލީސް ޖަންނާ، ނުރޮއެ.” އޭރު އަބްޔާންގެ ވެސް އަޑު ބެދޭގޮތް ވެއްޖެއެވެ. “އަހަރެން ބޭނުމެއްނޫން ޖަންނަ ރޯކަށް. އަހަރެން އެދެނީ އަބަދުވެސް ޖަންނަ އުފަލުގައި ހުންނަން،” އަބްޔާން ޖަންނަތުގެ ކަރުނަތަށް ފޮހެލަދިނެވެ. “ދެން ނުރޮއެ.”

“ޒައިދާން އަކީ ވަރަށް ރަގަޅު އިންސާނެއް،” ޖަންނަތު އަބްޔާންގެ އަތުގައި ހިފާލަމުން ބުންޏެވެ. ޒައިދާން އަަހަރެން ދެކެ ވަރަށް ލޯބިވި. އެއީ ރަގަޅު ފިރިއެއް، ރަގަޅު ބަފައެއް…” ޖަންނަތުގެ ވާހަކަ ހުއްޓުވީ އަބްޔާންއެވެ.

“ރަގަޅު ރަހުމަތްތެރިއެއް.” އަބްޔާން ޖަންނަތުއަށް ބަލައިލިއެވެ. ޖަންނަތު ބޯޖަހާލިއެވެ.

“އަހަރެން ހާދަ ހިތްވަރެއް ކުރީމޭ، މާޒީގެ ހަދާންތަކާ ދުރުވާން އަހަރެން ހާދަ ވަރަކަށް މަސައްކަތް ކުރީމޭ.” ޖަންނަތު ބުންޏެވެ.

“އެކަމެއް ކާމިޔާބެއް ނުވިދޯ؟” އަބްޔާން ގަދަކަމުން ހީލިއެވެ. ޖަންނަތު އަބްޔާންއަށް ބަލަހައްޓައިގެން އިނެވެ.

“އަބީގެ ވާހަކަތަށް އަހަންނަށް އަޑުއިވެޔޭ، އަބީ އެ ދުވަސްތައް ހޭދަކުރިގޮތް ކޮންމެވެސް މީހެއް ގުޅައިގެން ކިޔައިދެޔޭ، އަހަރެން ކިހިނެއް ހަދާނީ؟ އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއް؟ އަބީގެ ވާހަކަ އަހަރެން ގާތު ނުދައްކަން އެމީހުން ގާތު އަހަރެން ބުނީ އަހަންނަށް ކެތް ނުވާތީއޭ… އަހަރެން އަބީ މަތިން ހަދާން ނައްތާލަން ބޭނުން ވާތީއެއް ނޫނޭ… ” ޖަންނަތު އެ ހުރިހާ އެއްޗެއް ހިތައް އަރަމުންދިޔައިރު ތުންފަތާހަމައަށް އައީ ހަމައެކަނި އާހެކެވެ. ޖަންނަތު އޭނާގެ ދެލޯ ފޮހެލަމުން ފުންނޭވާއެއް ލިޔެވެ. އޭރު އަބްޔާން އިނީ ފެންކަޅިވެފައި ވިސްނުމަކަށް ގެއްލިފައެވެ.

“ޒައިދާންއަކީ މިތުރެއް… އޭނަގެ ހަނދާނެއް ދުވަހަކުވެސް އަހަރުމެން އެކަކުގެ ހިތަކުންވެސް ފިލާ ނުދާނެ.” ހިނދުކޮޅެއްގެ ހަމަހިމޭން ވަގުތުކޮޅަކަށްފަހު އަބްޔާން ވާހަކަދައްކަން ފެށިއެވެ. “ޖަންނަ ޒައިދާންދެކެ ވަރަށް ލޯބިވީންދޯ!” ކުއްލިއަކަށް އަބްޔާން އެސުވާލު ކުރުމުން ޖަންނަތު އަބްޔާންއަށް ބަލަހައްޓައިގެން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. “މަށަށް ފެނުނު މަންޒަރުތަކުން އެހެން ސިފަވީ… ލޯބިލޯބި ކުދިންކޮޅެއް ހޯދައިގެން ކުޑަކުޑަ އުފާވެރި ދުނިޔެއެއް ބިނާކުރަމުން ދަނިކޮން މިހެން ކަންތައް ވެދާނެ ކަމަކަށް އަހަރެން ހިތަކަށް ނާރާ… އަހަރެން ދުވަހަކުވެސް ހިތަކަށް ނާރަން މިގޮތަށް ވެދާނެކަމަކަށް.” އަބްޔާން ފުންނޭވާއެއް ލިޔެވެ.

“ޒައިދާންއަކީ ވަރަށް ރަގަޅު އިންސާނެއް.” އަނެއްކާވެސް ހަމަހިމޭން ވަގުތުކޮޅަކަށްފަހު ޖަންނަތު ވާހަކަ ދައްކަން ފެށިއެވެ. ހިތްހެޔޮ، ދީލަތި އޯގާތެރިއެއް. ޒައިދާން އަހަރެން ދެކެ ވަރަށް ލޯބިވި، އަހަންނަށް ވަރަށް ލޯބިދިން. އަހަރެންނަށް އޭނައާއި ކައިރިވެވުނީ އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވިގެން. އޭނަގެ އޯގާތެރިކަމާއި ލޯތްބަށް އަހަރެންނަށް ފުރަގަސް ދޭކަށް ނުކެރުން. އޭނަ އަހަންނަށް ޓަކައި ގުރުބާންވަމުން ދިޔައީ، ކިތަންމެ ދުވަހަކުވެސް އަހަރެން ގައިގައި އަތް ނުލައި އަހަރެން ގެންގުޅެން ވަޢުދުވެސްވީ. އެހާވެސް މާތް އިންސާނެއް އެއީ. އޭނަގެ އަންހެނުން ގައިގައި ބީހިލުމުގެ ހައްޤުން މަހުރޫމު ކުރުން އެއީ ކިހާ ގޯސްކަމެއްކަން އަހަންނަށް ވިސްނޭ. އޭނަގެ ރަގަޅު ކަމާއި އޯގާތެރިކަމުން އިތުރަށް އޭނައަށް ދެރައެއް ދޭން ބޭނުން ނުވީ… އަހަރެން އޭނައަށް ގަދަރު ކުރިން، އަހަރެން އަމިއްލަ ހިތަށް ވިސްނައިދީ އޭނައާއި އެކު ދިރިއުޅެން ނިންމީ އަހަރެންގެ ހުރިހާ އެއްޗެއް ޤުރުބާންކޮށްފަ. މިދުވަސް ދައްކަވާނެ ކަމަކަށް ނޫން އަހަރެން ހުރީ. ޒައިދާން މިދުނިޔެ ދޫކުރުމުން އަހަރެން މުޅިން މާޔޫސްވި، ދަރިފުޅު ވެސް ދިޔައީ، އާއިލާގެ އުފާވެރިކަންވެސް ގެއްލިއްޖެ، ހިދާޔާއްތަމެން ނެތްނަމަ އަހަރެންގެ ދުވަސް ދިޔައީސް. އަހަރެން ހިތްވަރަކާ އުންމީދާ އެކު ދިރުއުޅުމައިގެން ކުރިއަށް މިދަނީ ހިދާޔާއްތަގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބުނީތީ. ހިދާޔާއްތަ އަހަންނަށް ވިސްނަދިން އެހެން ކަންތައް ވިޔަސް ދިރިއުޅުން ހުއްޓުނީއެއް ނޫންކަން. ހިދާޔާއްތައާ ޒައީމާއްތަމެން އެންމެން ވެސް އަހަންނަށް ވަރަށް ހެޔޮ. ނަސީރުބޭވެސް ވަރަށް އެހީވޭ. މިހާރު ޒައިދާން ނެތްކަމުގެ އިހުސާސް ވިޔަސް އަހަރެން ދެރަވެގެން އުޅޭކަން ތަނެއްނުދޭ އެމީހުންގެ ހެޔޮކަމުން.” ޖަންނަތު އަބްޔާންއަށް ބަލައިލީ ކަރުނުން ފުރިފައިވާ ދެލޮލުންނެވެ.

“ޔޫ އާރ އަ ސްޓްރޯންގް ވުމަން…” އަބްޔާން ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ. “އަަހަރެންގެ ހިތުގަ އެއްވެސް ޝަކުވާއެއްނެތް… ޒައިދާންއަކީ ނަސީބު ވެރިއެއް… އޭނައަށް ދުނިޔޭގަ ހުރިއިރު ހުރިހާ އުފަލެއް ލިބުން… އޭނަ ދުނިޔެ ދޫކޮށް އެދިޔައީވެސް އުފަލުން ހުރެ. އޭނަ އަބަދުވެސް އެދޭނީ ޖަންނަވެސް އުފަލުގަ ހުރުމަށް… އަހަރެން ވެސް އެދޭގޮތް އެއީ.” އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލައިލިއެވެ.

“އަބީ…” ޖަންނަތު ލޯ ފޮހެލަމުން އަބްޔާންއަށް ބަލައިލިއެވެ. “ކުދިންވެސް މިހާރު އެތިބީ ހަމައަކަށް އެޅިފެ. ޒައިދާން އަނބުރައެއް ނާންނާނެ. އޭނަގެ ހަދާންތައް އަބަދުވެސް އަހަރުމެންނާއެކުވާނެ… ނަމަވެސް އަބަދު ތިވާހަކަ ދެއްކުމަކުން ލިބޭނެ ފައިދާއެއް ދެން ނެތް… ލިބޭނީ އިތުރު ހިތާމައެއް… އިތުރު ހިތް ދަތި ކަމެއް… ދެން ވެދިޔަ ކަންތައް އަނބުރާ ގެނެވޭނީކީވެސް ނޫން.” ޖަންނަތު ހިންދިރުވާލީ ޖަންނަތުގެ ހިތައް ކުރި އަސަރުތަކާއި އެކު އެވެ. އެވަގުތު ބަންގި ގޮވާއަޑު އިވެން ފެށި އެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު އަބްޔާން ތެދުވިއެވެ. އަދި ލައިގެން ހުރި ޖީންސްގެ ޖީބަށް އަތް ޖަހާލި އެވެ. އަދި ފުންކޮން ޖަންނަތުއަށް ބަލައިލި އެވެ.

“މިދަނީ މިސްކިތަށް. ސީޔޫ ލޭޓަރ.” އަބްޔާން އެހެން ބުނެފައި އެގެއިން ނިކުމެގެން ހިގައްޖެ އެވެ. ޖަންނަތު އިންގޮތަށް އިނީ އެވެ. އިރުގަނޑެއް ވަންދެން ވިސްނުމެއްގައި ޖަންނަތު އިނެވެ. ނަމަވެސް އޭނާގެ ހިތަށްް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އަބްޔާންއާއި އެގޮތަށް ވާހަކަ ދައްްކާލެވުނީތީ އޭނާ އިނީ އުފާވެފައެވެ.

ދުވަސްކޮޅެއް ފާއިތު ވެއްޖެއެވެ. ކޮންމެ ދުވަހަކު ހެދުނު ކޮފީބޯން އަބްޔާން ނިކުމެ ޖޯލީގައި އިނުމަކީ އާދައެކެވެ. ޖަންނަތު ކުނިކަހާ ނިމެންދެން އަބްޔާން ޖޯލީގައި އިނދެ އެވެ. ޖަންނަތު ކުނިކަހަން އުޅެފައި ދޭތެރެއަކުން އަބްޔާންއަށް ބަލައިލަ އެވެ. ދެމީހުން މާގިނަ ވާހަކަތަކެއް ނުދެއްކިއެއް ކަމަކު ލޮލުންނާއި ހިތުން ނިކަން ގިނަ ވާހަކަ ދައްކާ ކަހަލަ އެވެ. ބައެއް ފަހަރު ރަކި ހިނިތުން ވުމަކުން ވާހަކަ ނިންމާލާފައި ޖަންނަތު ގެޔަށް ވަދެގެން ދެއެވެ.

ހިދާޔާއާއި ޖަންނަތު ހިރުދުގަސް ދޮށުގައި ތިއްބެވެ. ޖޯލިފަތިން ޖޯޔެއްގައި ޖަންނަތު އިންއިރު ހިދާޔާ އިނީ ފަށްޖެހި އެނދެއްގަ އެވެ. ހިދާޔާ ކައިރީ މުރަނގަފަތް ކޯޅިތަކެއް ބަހައްޓާފައި ހުއްޓެވެ. ޖަންނަތުއާއި ހިދާޔާއާއި ދެމީހުން ތިބީ ފަތް ތެލުލާން ފަތް ނޮޅާށެވެ. އެހެން ތިބެގެން ދެމީހުން އެކި ވާހަކަ ދައްކަމުން ދިޔަ އެވެ.

“އާޔަތު ދެން ނާންނާނެތަ ރަށުގަ އުޅޭކަށް؟” ހިދާޔާ ވާހަކައެއްގެ ތެރެއިން އަހާލި އެވެ.

“އާން. މިރަށުގަ އުޅޭކަށް އޭނަ ނާންނާނެ. މިންމި މެންގޭގަ ބަޔެއް ހަދައިގެން އެރަށުގަ އެމީހުން ގާތު އޭނަ އުޅޭނީ. އެމީހުން އާޔާއަށް ވަރަށް ހެޔޮ.” ޖަންނަތު ބުންޏެވެ.

“ޒައީމާ އެކުދިން ގެންދިޔައީ ކީއްކުރަންތަ؟” މާ ހެދުނަކާ ޒައީމާ އައިސް ޖަންނަތުގެ ހުރިހާ ކުދިން ގޮވައިގެން ދިޔައީ ހިދާޔާމެންގޭގައި އެކުދިން ތިއްބަ އެވެ.

“ނޭގެ… އެކޮޅު އަވަށުގެ ގެޔެއްގަ ހިތާނު ކޮށްގެން އުޅޭތީ އެތަނަށް ގެންގޮސްލަން ވެގެނޭބުނީ.” ހިދާޔާ ބުންޏެވެ. “އަހަރުމެންގެ ޔަދީވެސް އަދި ހިތާނު ކުރަން ވާނެނު.” ހިދާޔާ ބުންޏެވެ.

“އާން، ހިދާޔާއްތަ މެން ހައްޖުގެ އަޅުކަން ނިންމާފަ އައިމަ ދެން އެކަމާ ވިސްނާނީ.” ޖަންނަތު ބުންޏެވެ. އެ އަހަރު ހައްޖަށްދާން ހިދާޔާގެ ދެމަފިރިން ވަނީ ފައިސާ ދައްކާފައެވެ.

“އަހަރުމެން އަދި ދިއުމުގެ ކުރިން މިރަށު އެންމެނަށް ކެއުމެއްދޭން ބުނެފަ ނަސީރު އޮތީ. އެކަމާވެސް ދެން އުޅެންވީ ކަންނޭގެ. އަންނަ މަހު މާލެދާންވެސް ޖެހޭ ޖަލްސާއަކަށް.”

“އެހެންތަ. މިދުވަސްކޮޅު އުޅެންވީނު ތިބުނާ ކެއުމެއް ދޭން… އެންމެން ހަމަވެފަ ތިބި ދުވަސްކޮޅެއްނުމީ.” ޖަންނަތު ބުންޏެވެ.

“އާން އެކަމަކު ހިތަށް އަރަނީއަދި ދުވަސް ކައިރިވެލަންދެން މަޑުކޮށްލަން.” ހިދާޔާ ބުންޏެވެ.

ހިދާޔާ އެހެން އިނދެފައި ދުރަށް ބަލައިލި އިރު ދުރުން އަތިރިމަތިން އަވީގައި ހިނގާލާފައި އަންނަ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް ފެނުނެވެ. ދުރުންވީމަ ހިދާޔާއަށް އެއީ ކޮން ބަޔެއް ކަމެއް ނޭގިފައި ބަލަހައްޓައިގެން އިނެވެ. ހިދާޔާ މާވަރަކަށް އެދިމާ ބަލާތީ ޖަންނަތު ވެސް ފަހަތަށް އެނބުރި ބަލައިލި އެވެ. އޭރު އަބްޔާންއާއި ޖީލާން ގޮނޑުދޮށުގެ ރާޅު ޖަހާ ފަށުން ހިނގާލާފައި އާދެ އެވެ. ޖީލާން ހުރީ ކުރު ސޯޓު ބުރިއަކާ ކުރު މަތިކޮޅެއް ލައިގެނެވެ. އަޅައިގެން ހުރި ބޮޑު ތޮފިން މޫނާއެއްކޮން ހިޔަނިވެފައި ވެއެވެ.

އަބްޔާން ހުރީ ނޫކުލައިގެ ކުދި މާތަކެއް ޖެހި ގަމީހަކާއި ޖީންސްއެއް ލައިގެނެވެ. އަބްޔާންގެ ޖީންސްގެ ފައިކުރި ހިސާބަކަށް އޮޅާފައި ހުރިއިރު އަތުގައި އަބްޔާންގެ ފައިވާނާ ޖީލާންގެ ފައިވާން އޮތެވެ. ދެމީހުންވެސް ތިބީ އަވިއައިނު އަޅާފަ އެވެ. ސަކަރާތް ޖަހަމުން ހެމުން ދެމީހުން އަންނަ މަންޒަރު ފެނި ޖަންނަތުގެ ހިތަށް ތަފާތު އަސަރުތަކެއް ކުރުވި އެވެ. އަވަހަށް އަނެއް ފަރާތައް އެނބުރި ޖަންނަތު އިނެވެ. ޖަންނަތުގެ އެތެރެ ހަށިިން ހޫނު އަރާހެންވެސް ހީވާން ފެށިއެވެ.

ކައިރިއަށް އައުމުން ހިދާޔާއާއަށް އެއީ ކޮން ބަޔެއްކަން އިނގިއްޖެ އެވެ. ހިދާޔާ ހިތްހަމަ ނުޖެހިފައި ބަލަހައްޓައިގެން އިނެވެ. އަދި ޖަންނަތުގެ މޫނަށް ވެސް ހިދާޔާ ދޭތެރެއަކުން ބަލައިލަ އެވެ.

“މިޔޮއް ގަދަ އަވިގަނޑުގަ ކޮންތާކުން ދެމީހުން ތިއައީ؟” އަބްޔާންމެން ކައިރިއަށް އައުމުން ހިދާޔާ ރުންކުރު ރާގެއްގައި އެހި އެވެ. އަބްޔާން ޖީލާންގެ ފައިވާން އޭނައާއި ދިމާ ބިންމަތީ ބަހައްޓާލި އެވެ.

“އަބީ ކައިރީ ރަށުތެރެ ދައްކާލަން ހިނގާށޭ ބުނީމަ ގެންގޮސް ދެއްކީ އެދިމާލުގަ ހުރި ޒިޔާރަތެއް. އަވިގަނޑުގަ ދިޔައިމަ ބޯވެސް އަނބުރާ އެބަ. ކުރުނބާއެއް ވެސް ނުލިބުން ބޯލާކަށް.” ޖީލާން ތުންކޮޅު އޫކޮށްލަމުން ފައިވާނަށް އަރަމުން ޝަކުވާކުރަން ފެށި އެވެ.

“ޖީލާން ވެސް ދިޔައީނު އަވީގަ.” ހިދާޔާއިނީ ހިތްހަމަ ނުޖެހިފައެވެ.

އަބްޔާން ފައިވާނަށް އަރަމުން އައިނު ނަގާ ޓީޝާރޓުގެ ކަރަށް ޖަހާލަމުން ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ. ޖަންނަތު އިސްޖަހައިގެން އެމީހުން ދައްކާ ވާހަކަ އަޑުއަހަން ފަތްނޮޅާލަ ނޮޅާލަ އިނެވެ.

“ވަރަށް ހޫނު ވެއްޖެ، ހިނގާ ގެޔަށްދާން ފެންބޯން.” ޖީލާން އަބްޔާންއާއި ދިމާއަށް ބުންޏެވެ.

“ޖީ ދޭ،” އަބްޔާން ބުންޏޭވެ. “އަހަރެން މިތާ މަޑުކޮށްލާނީ ފިނިކޮށްލަން.” އަބްޔާން އޭނަ މަންމަ ކައިރީ އިށީނީ ޖަންނަތުއާއި ކުރިމަތިވާ ގޮތަށެވެ. ޖަންނަތު އިސްއުފުލާ އަބްޔާންއަށް ބަލައިލި އެވެ. އަބްޔާންގެ ތުންފަތަށް މަޑު ހިނިތުން ވުމެއް ވެރިކޮށްގެން ހުރެ ޖަންނަތުއާއި ދިމާއަށް އެއްލޯ މަރާލިއެވެ. ޖަންނަތު ލޯ އަޅާލަމުން އިސްޖެހިއެވެ.

“ދޭބަލަ އެރުކުގަ ކުރުނބާ ހުރިއްޔާ އަޅައިގެން ގެންނަން. އެކުދިންވެސް މިއަދު ދެއްކިޔޭ ކުރުނބާ ބޯން ބޭނުންވާ ވާހަކަ.” ހިދާޔާ އަބްޔާންއަށް ބުންޏެވެ.

“މިގަޑީގައެއް ނުދެވޭނެ މަންމާ،” އަބްޔާން ހިދާޔާއަށް ބަލައިލިއެވެ. ވަރަށް ހޫނޭ.” އަބްޔާން ބުންޏެވެ.

“ތިކަމެއްނޭނގެ ދިލަ ހޫނުގަ ޖީލާންއާ އެއްކޮން އުޅެފަ އައިއިރު.” ހިދާޔާ ޗޮކެއް ކަނޑާލަމުން ބުންޏެވެ.

“ޖީ އެއީ ވަރަށް މަޖާ ކުއްޖެކޭ.” އަބްޔާން ހިނިތުންވެފަ އިނދެ ބުނެލިއެވެ.

“އަބީ، އަނެއްކާ ޖީލާންއާ އެކަހަލަ ގުޅުމެއް އޮތީތަ؟” ހިދާޔާ ނިކަން ޖެހިލުން ވެފައި އަހާލި އެވެ.

“ދެން މަންމަ ދައްކާ ވާހަކަ،” އަބްޔާން ހިދާޔާއަށް ބަލައިލާފައި ރަގަޅަށް ޖޯލީގައި އޮށޯވެލި އެވެ. “ހަމަ އަންހެން ކުއްޖަކާ ވާހަކަ ދައްކާ ހަދާލުމުން އެއީ އެކަހަލަ ގުޅުމެއް އޮތީތަ؟” އަބްޔާން ބުންޏެވެ.

“މިޒަމާނުގެ ކުދިން އުޅޭ ގޮތުން ނޭގޭނެ، ރައްޓިއްސަކަސް ރައްޓެހި ވެގެން އުޅުނަސް އެއްކަހަލަ ގޮތަކަށް އުޅޭތަން ފެންނަނީ” ހިދާޔާ އަނެއްކާވެސް ޗޮކެއް ކަނޑާލިއެވެ.

“މަންމާ، މިތާ މިހިރަ އުނދޯލި ޖޯލިތައް ހަލާކުވީ އިރުވެސް މި ގަތާލާނެ މީހެއްނެތް ދޯ.” ހަމަ ހިމޭން ވަގުތުކޮޅަކަށް ފަހު އަބްޔާން ބުންޏެވެ.

“އާން، އެހެންޏާ ތިކަން ކުރަނީ ޒައިދާން، ދެން ޒައިދާން ނެތީމަ ތިކަން ކުރާނެ މީހެއް ނެތިފަ ތިހިރީ.” ހިދާޔާ ބުންޏެވެ.

ޖަންނަތު އިސްޖަހައިގެން އޭނަ ކުރާކަމެއް ކުރަމުން ދިޔައެވެ.

“އަންނާނަން އެއްޗިސް ބަދަލުކޮށްގެން.” އަބްޔާން ތެދުވަމުން ބުންޏެވެ.

“އެއީ ކީއްކުރަން؟” ހިދާޔާ ބުންޏެވެ.

“ކުރުނބާ އަޅަންދާކަށްނު.” އަބްޔާން ބުންޏެވެ.

“މިހާރު ހޫނުމިން ދަށަށް ދިޔައީތަ؟” ހިދާޔާ ހިނިތުން ވެލިއެވެ.

“ހިތަށް ފިނިކަން ލިބުނީ މިތާ އިށީނދެގެން އިނީމަ.” އަބްޔާން ލާނެތް ފާޑަކަށް ހިނިތުން ވެލަމުން ބުންޏެވެ. ހިދާޔާ މުރަނގަ ފަތް ގޮތްޕަކުން އަބްޔާން ގައިގައި ޖެހިއެވެ. އަބްޔާން ޖަންނަތުއަށް ބަލައިލިއެވެ. އެވަގުތު ޖަންނަތުއަށަވެސް އަބްޔާންއާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު އަބްޔާން އެއްލޯ މަރާލަމުން ހިނިތުން ވެލި އެވެ. ޖަންނަތު ފާޑަކަށް އަބްޔާންއަށް ބަލައިލާފައި ފަތްނޮޅަން އިން ހިދާޔާއަށް ބަލައިލި އެވެ. ނަސީބަކުން ހިދާޔާ އިނީ އެދިމާއަށް ބަލާކަށް ނޫނެވެ. އަބްޔާން ގެޔާއި ދިމާއަށް ހިގައިގަތެވެ.

“ލާނެތް ކަމެއް ހުންނަ ދަރިއެއް އެއީ.” އަބްޔާން ދާ ދިމާއަށް ބަލަން އިނދެފައި ހިދާޔާ ބުންޏެވެ.

ދިހަވަރަކަށް މިނިޓު ފަހުން އަބްޔާން އައިސްފިއެވެ. އޭނާހުރީ ޓީ-ޝާރޓްއަކާއި ސޯޓެއް ލައިގެނެވެ. އަތުގައި ކަތިވަޅިއެއް އޮތެވެ.

“ހިނގާ ދާން.” އަބްޔާން ޖަންނަތުއަށް ބުންޏެވެ. ހިދާޔާ އެދެމީހުނަށް ބަލައިލިއެވެ. “ހެލްޕްވާން މީހެއް ބޭނުންވާނެ، ޖަންނަ ދަންޏާ ދޯ ވާނީ.” ކަތިވަޅި ދެކޮޅަށް ހޫރާލަމުން އަބްޔާން ބުންޏެވެ.

“ތެދެއް، ޖަންނަ ދާންވީނު. ކުދިންވެސް ނެތެއްނު ގެޔަކު.” ހިދާޔާ އަވަސް އަވަހަށް ބުންޏެވެ. “އެކުދިން އައިމަ އަހަރެން އެކުދިން ފެންވަރުވާނަން.” ހިދާޔާ ބުންޏެވެ. ހިދާޔާ އެހެން ބުނުމުން ޖަންނަތުއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޖަންނަތު މަޑުމަޑުން ތެދުވިއެވެ. ޖަންނަތު ތދުވުމުން އަބްޔާން ހިގައި ގަތެވެ. އަބްޔާންގެ ފަސްފަހަތުން ޖަންނަތު ދިޔައެވެ. ހިނިއައިސް ފެޅިފައި އެމީހުނާ ދިމާއަށް ބަލަހައްޓައިގެން ހިދާޔާ އިނެވެ.

ވަލުމަގުން ދިޔަ އިރު ގޯތި ދީފައި ހުރި ގެވަޅުތަކުން ބައެއްގެތައް ހަދައިގެން މީހުން ދިރިއުޅެން ވަނީ ފަށާފަ އެވެ. މީހުންނަށް ގޯތިދީފައިވާ ހިސާބު ނެއްޓި ވަލާ ގާތް ވުމުން އަބްޔާން ހުއްޓުނެވެ. އަދި ފަހަތައް ބަލައިލި އެވެ. އާދައިގެ ހިނގުމެއްގައި ނިކަން ފަހަތުން ޖަންނަތު އާދެ އެވެ. އަބްޔާން ހުރީ ޖަންނަތު އަންނަން ދެނެވެ.

“ހާދަ މަޑުންނޭ ތި ހިނގަނީ؟” އަޑުއިވޭހާ ކައިރިއަށް ޖަންނަތު އައުމުން އަބްޔާން ބުންޏެވެ.

“އަބީ އަކަށް ނޭގޭނެ. މީހުން ނުލާހިކު ބަލަޔޭ. އަހަރެން އަބީ ފަހަތުން އަންނާތީ ކީކޭތަ އެމީހުން ހީކުރާނީ؟” ޖަންނަތު ކައިރިއަށް އައިސް ހުއްޓެމުން ބުންޏެވެ.

“ކޮން އިރަކު މީހުން ކިޔާ އެއްޗިއްސަށް ބަލައިގެން ޖަންނަ އުޅެން ފެށީ؟” އަބްޔާން ޖަންނަތުގެ ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސާލަމުން ބުންޏެވެ. “މިރަށު މީހުން އަބަދުވެސް ފެށުނީން ސުރެންވެސް އަހަރުމެން ދެމީހުންގެ ވާހަކަ ދައްކައެއްނު. އެއީ އާކަމެއް ނޫނެއްނު.”

“އަކަމު އޭރާ މިހާރާ ތަފާތޭ އަބީ.” ޖަންނަތު ބުނެލި އެވެ.

އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި ހިނގައި ގަތެވެ. ޖަންނަތުވެސް އަބްޔާންއާއި އެއްހަމައެއްގައި ހިގަން ފެށި އެވެ.

“އޭރާ މިހާރާ ވަރަށް ތަފާތު. ޖަންނަ ތިބުނީ ތެދެއް.” އަބްޔާން ބުންޏެވެ.

“ޖީލާން މަޖަލޭ ބުނީ، ކޮން ގޮތަކުން އޭނަ މަޖަލީ؟” ޖަންނަތު އެކުރި ސުވާލުން އަބްޔާން ގާތަށް ލާނެއް ހިންޏެއް އައެވެ.

“ޖޭވީތަ؟” އަބްޔާންގެ ތޫނު ދެލޮލުން ޖަންނަތުގެ ސީދާ ލޮލަށް ބަލައިލިއެވެ.

“މަ… މަ ކީއްވެ ޖޭ ވާންވީ؟” ޖަންނަތު ލަދުގަތެވެ. އަދި އަވަހަށް ހިނގައި ގަތެވެ. އަބްޔާން ހިނިތުންވެ ހުރެ ޖަންނަތުގެ ފަހަތުން ހިގައި ގަތެވެ. ހިސާބަކަށް ގޮސް އަބްޔާން ޖަންނަތުގެ އަތުގައި ހިފާ ހުއްޓުވިއެވެ. ޖަންނަތު އަބްޔާންއާއި ދިމާއަށް އެނބުރެމުން އަބްޔާންއަށް ބަލައިލިއެވެ.

“ހަދާންވޭތަ އެދުވަސް؟ މިމަގުން ދުވި ހަދާން ވޭތަ؟” އަބްޔާންގެ ވައަތް ފަރާތުގައި ގަސްތަކު ތެރެއިން ކޮށާފައި އޮތް ހިމަ މަގު ދައްކާލަމުން އަބްޔާން އެހި އެވެ.

“އަހަރެން ކިހިނެއް ހަދާން ނެތޭނީ؟” ޖަންނަތު އަބްޔާންއަށް ބަލައިލާފައި ބުންޏެވެ. އަބްޔާންހިފައިގެން ހުރި ޖަންނަތުގެ އަތް އަބްޔާންއާއި ކައިރިއަށް ދަމާލަން އުޅުމުން ޖަންނަތު އަބްޔާން ކޮއްޕާލާފައި އެ ހިމަމަގުން ވަލުތެރެއާއި ދިމާއަށް ދުއްވައިގަތެވެ. ޖަންނަތު ފަހަތުން އަބްޔާންވެސް ދުއްވައިގަތެވެ. ދެމީހުން ދުވަމުން އައިސް ހުއްޓުނީ ދުވަސްވީ ވަޅުދޮށަށެވެ.

އެހާ ބާރަށް ދުވެފައި އައުމުން ދެމީހުނަށް ވެސް ތިބީ މާނޭވާ ލެވިފަ އެވެ. އަބްޔާން ހީލަމުން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ހީލަމުން ނިތްކުރި މަތިން ހިއްލާފައި ހުރި ދާތިކިތަށް އަތުގެ ނުފުށުން ފޮހެލި އެވެ.

“ޖަންނަ އަދިވެސް ހާދަ ހަލުތްވޭ… ހީވަނީ ސާދަ ފަނަރަ އަހަރުގެ ޅަކުއްޖެއްހެން.” އަބްޔާން އެހެން ބުނުމުން ޖަންނަތު ޗޮކެއް ކަނޑާލިއެވެ. އަބްޔާން ހިނިތުން ވެލިއެވެ. “ވަރަށް ކަރުހިއްކާ އެބަ؟ ހިނގާ އަވަހަށް ކުރުނބައެއް ބޮވޭތޯ ބަލަން.” އަބްޔާން އެތެރެއަށް ހިނގައި ގަންނަމުން ބުންޏެވެ. ޖަންނަތުވެސް އަބްޔާން ފަހަތުން ހިގަން ފެށި އެވެ. ދެމީހުންވެސް ތިބީ ކަރުހިއްކައިގަނެ ނިކަން ވަރުބަލި ވެފަ އެވެ. އެތައް ހިސާބަކަށް ދެވުން ފަހުން ބަޔަކު ވާހަކަ ދައްކާއަޑު އިވުނެވެ. ޖަންނަތު ހުއްޓިފައި އަބްޔާންއަށް ބަލައިލި އެވެ. އަބްޔާން އަމިއްލަ ތުންފަތުގައި އަތް ޖައްސާލާ މަޑުން ހުރުމަށް ބުންޏެވެ.

ނިކަން މަޑުމަޑުން ދެމީހުން ގޮސް ހާމަތަނަށް ނުކުތް އިރު ލުއީއާއި ސާރާ އަށިމަތީ ތިބެގެން ކުރުނބާ ބޮނީ އެވެ. އެމީހުން ކައިރީ ކޮޅަށް ޒިޔާދާ ހުއްޓެވެ. އެދިމާ ބިއްދޮށުގައި ނޫރު އާއި އަހްޔާން ތިބެގެން ކުރުނބާ އެހެނީ އެވެ. އިރުކޮޅަކުން ބޮޑު އިހަލެއް ރުއްބުޑަށް ވައްޓާލި އަޑަށް ޖަންނަތުއަށް ހަޅޭއްލަވައިގަނެވުނީ ސިހިގެނެވެ. އެންމެނަށް އެދިމާލަށް އެއްފަހަރާ ބަލައިލެވުނެވެ. އަބްޔާން ރުކަށް ބަލައިލި އިރު ރުކުގައި މުޒައްފަރު އޮތެވެ.

“ކަލޭމެން ރަގަޅު… އަހަރުންނަށް އަންގާވެސް ނުލާ.” އަބްޔާން އެންމެނަށް ބަލައިލާފައި ބުނެލި އެވެ.

“ކިހާވަރަކަށް ގުޅާފަ އިންތޯ ފޯނު ބަލައިލަބަލަ.” ނޫރު ބުންޏެވެ.

“އޭނައަށް މިހާރު ޖީލާންގެ ފޫބުޑުން ސަލާމަތެއް ނުވެވޭ ވިއްޔަ.” އަހްޔާން ބުންޏެވެ. “ކީއްވެތަ އޭނަ ނުލައި ތިއައީ؟”

“ޔާން، ސާބަހޭ.” އަބްޔާން އައިސް އަހްޔާންއާއި ނޫރު ކައިރިއަށް ހުއްޓުނެވެ.

“މިމީހުން އަންގާވެސް ނުލާ.” ޖަންނަތު ސިހުނު ވަރުން މޭގައި އަތް ޖައްސާލައިގެން ހުރެ އައިސް ސާރާ ކައިރީ އިށީންނަމުން ބުންޏެވެ.

“އަހަރުމެން ދިޔަ އިރު ޖަންނަ އިނީ މައިދައިތަ ކައިރީ މުރަނގަފަތް ބޮޑު ގަހެއް އުފުރާލައިގެން ގޮސް ޖޯލީގަ އެނޮޅަން. ކެރޭނެތަ ބުނަން.” ސާރާ ދިމާކޮށްލިއެވެ. އެވަގުތު ނޫރު ކުރުނބާ އިހެފައި އަބްޔާން އަތައް ދިނެވެ. އަބްޔާން ވަޅިން ކުރުނބާ ކަނޑާފައި ޖަންނަތުއަށް ދިއްކޮށްލި އެވެ.

“ކަލޭ ޖަންނަ ގޮވައިގެން މިތަނަށް ތިއައީ އޭނައަށް އެކަނި ކުރުނބާދޭކަށްނު.” ނޫރު އަބްޔާންއާ ދިމާކޮށްލި އެވެ. އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ރަކިވެފައި ކުރުނބާ ހިފައިގެން ދުރަށް ބަލަން އިނެވެ.

“އަހަރެން މިއައީ މަންމަ ބުނެގެން ކުރުނބާ އަޅައިގެން ގެޔަށް ގެންދަން.” އަބްޔާން ބުނެލި އެވެ.

“ކޮބާ ދެން ބަރޯ؟” އަހްޔާން އަހާލި އެވެ. އަބްޔާން އައީ ހަދާން ނެތި ބަރޯއެއް ނުލަ އެވެ. އަބްޔާން ބޮލުގައި އަތް ހާކާލީ އިތުރަށް އެމީހުން ދިމާކުރާނެތީ އެވެ.

“ކަލޭމެން ގެނައިމެއްނު ބަރޯ.” އަބްޔާންއަށް ދުރުގައި އިން ބަރޯ ފެނިގެން ބުންޏެވެ.

“އާން، އަހަރުމެން އައީ ކުރނބާ އިހާ ގެޔައްގެންދާށޭ.” ނޫރު އަނެއްކާވެސް އަބްޔާންއާ ދިމާކުރަން ފެށި އެވެ. “އަހަރުމެން މިއައީ މިތާ މާ ފޮޅުވާކަށް ނޫން ވިއްޔަ.”

“ހިނގާ މޫދަށްދާން.” ޖަންނަތު ރަކިވެފައި އިންނާތީ ސާރާ އަވަހަށް ތެދުވެ ބުންޏެވެ. އަށީގެ ތިރީގައި ބަހައްޓާފައި ހުރި މަތި ޖެހި ބޮޑު ތައްޓެއް ޒިޔާދާ ނެގިއެވެ.

“އަޅެ މަޖާ ވެސް ހަދައިގެންތަ އައީ؟” ޖަންނަތު އެހި އެވެ.

“އާން… އަސްލު ޖަންނަ ބަލައި ދިޔައިމޭ. އެކަމު އެހާ ބައިވަރު ފަތް ނޮޅަން އިނީމަ ހަމަ ނުކެރުނީ ބުނަން.” ސާރާ ބުންޏެވެ. “އޭ، އަހަރުމެން މި ނައްޓާލީ.” ސާރާ އަހްޔާންއާއި ނޫރުއަށް ބުންޏެވެ.

“އޭ، މުޒޭ، ކަލޭ ކޮން އިރަކުން ތި ރުކުން ފައިބާނީ؟ އެމީހުން އެ ނައްޓާލީ މޫދާދިމާލަށް.” ރުކުގައި އޮތް މުޒައްފަރަށް ނޫރު ގޮވާލި އެވެ.

“މިހާރު އޯކޭ ވާނެތަ؟ އަދި އެބައިން ފައްކާ އެއް އިހާ.” މުޒައްފަރު ގޮވާލި އެވެ. އޭރު އަންހެން ވެރިން އެތަނުން ދާން ހިގައި ގެންފިއެވެ.

“އާން، އެވެސް އަޅައިގެން ފައިބާ.” އަހްޔާން ގޮވާލި އެވެ.

އެންމެން މަޖާކާން ގޮނޑުދޮށު ވެލިގަނޑު މަތީ ތިއްބެވެ. އޭރު ލުއީ ގޮސް މޫދަށް އެރިއްޖެ އެވެ.

“އޭ، އަހަރުމެން ގެޔައް ދާން ޖެހޭނެ.” މަޖާތަށީގެ މެދާ ހިސާބަށް ދިޔަތަނާ ސާރާއާއި ޒިޔާދާ ބުންޏެވެ.

“ކީއްވެ؟ މޫދަށް ނޭރެންތަ؟” ޖަންނަތު ހައިރާން ވެފައި އަހާލި އެވެ.

“މަންމަ ހުންނާނީ ނައްޓާފަ މިހާރު. ކުދިން ކޮޅު ގޮވައިގެން އެކޮޅު އަވަށަށް ގޮސްފަ މިހާރު އަންނާނެ. އަންނަން ވާއިރަށް ގެޔަށް ދާން ޖެހޭނެނު.” ސާރާ ބުންޏެވެ.

“މަވެސް ދާން ޖެހޭނެނު، ޔަދީއާ ޔާނާވެސް ގޮވައިގެން ޒައީމާއްތަ ދިޔައީ.”

“ޖަންނަ ކުދިން ބަސް އަހައެއްނު. ބުނީމަ މަޑުން ތިބޭނު. މަގޭ ތިބޭނީ ގަޔަށް ހިނިއަރާފަ ތިބޭ ދެމީހުން. އެއްތާ ފައި ހަރު ނުލާނެ. އަބަދުވެސް ކޮންމެވެސް މީހަކު އަވަދިވާނެ އެމީހުން ބަލަން ޖެހިއްޖެއްޔާ.” ސާރާ ބުންޏެވެ.

“ޖަންނަ މަޑުކޮށްލާ، އަހަރެން އެކުދިން ރީތި ކުރާނަމޭ.” ޒިޔާދާ ބުންޏެވެ.

“ދެން ނޫރުމެން ނާންނާނެތަ؟” ޖަންނަތު އެހި އެވެ.

“އާން، ނޫރުއާ މުޒޭއާ ނާންނާނެ. ލުއީ މޫދަށް ލާން ވެގެން އަހަރުންވެސް މިއައީ. ޔާން ބުނި އެކަމު ލުއީ ބަލާ އަންނާނަމޭ.” ޒިޔާދާ ބުންޏެވެ.

“ދެން މަށޯ؟” ޖަންނަތު އިންތަނުން ތެދުވަމުން ބުންޏެވެ.

“ދެން ޖަންނަ ބަލާ އަބީ އަންނާނެނު. ދޯ ޒިޔާދާ.” ސާރާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

“ދެން.” ޖަންނަތު ސާރާއަށް ލޯ އަޅާލި އެވެ.

“ދެން ލުއީ ކައިރީ މަޑުކޮށްލަބަލަ އެމީހުން އަންނަންދެން.” ސާރާ އެހެން ބުނެފައި ޒިޔާދާއާ އެކު އެތަނުން ދާން ހިގައި ގަތެވެ. ޖަންނަތުއަށް ލުއީ އެކަނި ބަހައްޓާފަ ދާކަށް ނުކެރުނެވެ. އެހެން ކަމުން އަނެއްކާވެސް ވެލިގަނޑު މަތީ އިށީނީ އެވެ. ލުއީ މޫދުގައި އޮވެގެން އޭނައާއި ބައިވެރިވާން އައުމަށް ޖަންނަތުއަށް އެތައް ފަހަރަކު ގޮވަމުން ދިޔަ އެވެ. އެންމެ ފަހުން އުނދަގޫވެގެން ޖަންނަތު ގޮސް މޫދަށް އެރުނެވެ.

ދެމީހުން މޫދުގައި ވާހަކަ ދައްކަން ތިއްބާ ސައިކަލުގައި އަހްޔާން އައިސް ދުރުގައި މަޑުކޮށްލި އެވެ. އޭގެ ފަހަތުގައި އަބްޔާން ވެސް އިނެވެ.

ދެމީހުން އައިސް މޫދަށް އެއްފަހަރާ ޑައިބެއް އެޅި އެވެ. އަދި ލުއީއާއި ޖަންނަތު ތިބި ދިމާލަށް ފަތައިގަތެވެ. އެމީހުނާ ހިސާބަށް އެރުނު ކަމެއް ނޭގެ ލުއީ އަހްޔާން ގެ ކޮނޑުމައްޗަށް ފުންމައިގަތެވެ. އަހްޔާން ހެމުން ހެމުން އަޑިއަށް ފީނާއިގަތީ ލުއީއާ އެކު އެވެ. ދެމަފިރިން ސަކަރާތް ޖަހަމުން ބޭރަށް ދިޔައެވެ. ދެމީހުން ދުރަށް ދިއުމުން އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލައިލަމުން ތެތް ވެފައި އޮތް އަބްޔާންގެ ކަނދުރާއާއި ހަމައަށް އަރާ ފަން އިސްތަށި ކޮޅުގައި އަތް ހާކާލަމުން އަނެއް އަތުން ޖަންނަތުއާއި ދިމާއަށް ލޮނު ބުރުއްސާލި އެވެ. ޖަންނަތު މޫނާ ދިމާލަށް އަތް އަޅައިގެން ސަލާމަތް ވާން އުޅުނެވެ.

އަބްޔާން އެކަން ހުއްޓާލާފައި އައިސް ޖަންނަތު ކައިރީ ހުއްޓުނެވެ. ޖަންނަތު އަބްޔާންގެ ހަރަކާތް ތަކަށް ބަލަން ހުއްޓެވެ.

އެވަގުތު ނެގި ރާޅަކާ އެކު ޖަންނަތު އަރިއަޅާލުމާއި އެކު އަބްޔާންގެ ހުށިޔާރު ކަމާއެކު ޖަންނަތުގެ އަތުގައި ހިފަހައްޓާލި އެވެ. އެވަރުންވެސް ޖަންނަތުގެ ފައި ރަގަޅަށް ހަރުނުލައި ހުރުމުން އަބްޔާންގެ މޭގައި ޖަންނަތުއަށް އަތްޖައްސާލެވުނެވެ. ހަމަޖެހިލާ ދެމީހުނަށް ބަލައިލެވުނު އިރު ދެމީހުނަށް ތިބެވުނީ ނުހަނު ކައިރީ އެވެ. އަބްޔާންގެ ނޭވާ ޖަންނަތުގެ މޫނަށް އެޅޭހާ ކައިރި އެވެ.

ޖަންނަތުއަށް ދުރަން ދާން ނޭގިފައި އަބްޔާންގެ މޫނަށް ބަލަން ހުރެވުނީ ކިހާ އިރަކުކަމެއް ވެސް ނޭގެ އެވެ. ކުރީގެ އެތައް އިހުސާސް ތަކެއް ހިތުތެރޭ ދުވަމުން ދިޔައެވެ. އަބްޔާންއަށް ބޭ އިހުތިޔާރުގައި ޖަންނަތުގެ މޫނާ މޫނު އިތުރަށް ކައިރިކޮށްލެވުނެވެ. ނަމަވެސް ޖަންނަތުއަށް އެވަގުތު އިސްޖަހާލެވުނެވެ. އަބްޔާންއަށް ވެސް ދުރަށް ބަލައިލެވުނީ އެވަގުތުއެވެ. އަބްޔާންއަށް ކުރެވެން އުޅުން ކަންތައް އިހުސާސް ވެގެން ފުންނޭވާއެއް ލިޔެވެ. ޖަންނަތުއަށް އަބްޔާންގެ ފަހަތުން ތަންކޮޅެއް ދުރުގައި ތިބި އަހްޔާންއާއި ލުއީ އެމީހުނާ ދިމާއަށް ބަލަން ތިބިތަން ފެނި އަވަހަށް އަބްޔާން އާއި ދުރަށް ޖެހިލި އެވެ. އަދި އަނެއް ފަރާތައް އެނބުރި އެއްގަމަށް ހިނގައިގަތެވެ. އަބްޔާން އެއް އަތުން ބޮލުގައި އަތްހާކާލަމުން ފަހަތައް ބަލައިލި އިރު އަހްޔާން އަތުގެ ބޮޑުވާ އިނގިލިން އިޝާރާތް ކޮށްލި އެވެ. އަބްޔާންގެ ކޮލުގައި އިން އަޑިކޮޅު ފެންނަވަރަށް ރަކި ހިނިތުން ވުމެއް ދެމުން އަބްޔާން ވެސް ޖަންނަތުފަހަތުން އެއްގަމަށް ދާން ފެށި އެވެ.

ޖަންނަތު އައިސް މަޖާ ތަށި ނަގާ ކިހިއްޔަށް ޖަހާލި އެވެ.

“ދަނީތަ؟” އަބްޔާން އަހާލި އެވެ.

“ކުދިން ހޯދާނެ މިހާރު.” ޖަންނަތު އަބްޔާންއަށް ނުބަލަ ހުރެ ބުނެލި އެވެ.

“މަންމަ ބުންޏެއްނު ބަލައިދޭނަމޭ.” އަބްޔާން ބުންޏެވެ.

“އެކަމުވެސް ލަސްވެއްޖެ.” ޖަންނަތު ހުރީ ވަރަށް ލަދުގަނެފައެވެ.

“އަހަންނާ އެއްކޮން ސައިކުގަ ހިނގާ.” އަބްޔާން އައިސް އަހްޔާންގެ ފައިވާން މަތީގައި އޮތް ސައިކަލު ތަޅުދަނޑި ނެގި އެވެ. “ޔާން!” އަބްޔާން ތަޅުދަނޑި ނަގާ އަހްޔާންމެނާ ދިމާލަށް ދައްކާލަމުން ގޮވާލި އެވެ. އަހްޔާން ވެސް އިޝާރާތެއް ކޮށްލި އެވެ. “ލެޓްސް ގޯ.”  އަބްޔާން  ޖަންނަތު އަތުގައި ހުރި ތަށިތައް ސައިކަލު ވަށިގަނޑަށް ލަމުން ޖަންނަތުއާއި ދިމާއަށް ބުންޏެވެ.

ޖަންނަތު އައިސް އަބްޔާންގެ ސައިކަލު ފަހަތައް އެރި އެވެ. ކުރީގެ ހަދާންތަކެއް އާވެގެން ދިއުމާއިއެކު އަބްޔާންގެ ފަހަތުގައި އިން ޖަންނަތުގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވި އެވެ. އަބްޔާންގެ ތުންފަތަށް ވެސް ހިނިތުން މުވެއް ވެރިވިއެވެ. އަބްޔާން ސައިކަލު އިސްޓާޓުކޮށްލި އެވެ.

“ދިސް ޓައިމް އިޓް ވިލް ވާރކް.” މޫދުގަ އޮތް ލުއީ އަބްޔާންމެން ދާ ދިމާލަށް ބަލަން އޮވެފައި ބުނެލި އެވެ.

“އިން ޝާ ﷲ” އަހްޔާން ހިނިތުން ވެލަމުން ބުނެލި އެވެ.

އަބްޔާން ގެޔަށް ވަނުމާއެކު ކުރުނބާ ހަދައިދޭން ހިދާޔާ ބުންޏެވެ. އޭރު ގޯތިތެރޭ ކުރުބާ އަރުވާފަ ހުރި ބަރޯ ކައިރީ ޔާނާއާއި ޔަޒީދުއާ ދެބެން ތިއްބެވެ.

“ކުރުނބާ ބޯހިތުން ތިބި ބަޔެއްތަ މީ؟” އަބްޔާން އަތަށް ހިދާޔާ ވަޅި ދިއްކޮށްލި ގަޑީ އަބްޔާން އަހާލި އެވެ.

“އާން، ކޮން އިރެއް މިހާރު ތި ހަދާދޭން ކިޔާތާ. ޒައީމާ މެންގެއިން އައިން ސުރެން ތިކަމާ އެތިބެނީ.” ހިދާޔާ އަބްޔާންއާއި ދިމާލަށް ބުންޏެވެ.

އަބްޔާން އެކުދިންނަށް ކުރުނބާ ހަދައި ދިނެވެ. އަދި ހިދާޔާ ބުނެގެން އިތުރަށް ކުރުބާ އެހެމުން ދަނިކޮން ޖީލާން އެތަނަށް އައެވެ. އޭރު ހިދާޔާ ކުޑަ ދެބެން ގޮވައިގެން އެތެރެއަށް ވަދެއްޖެ އެވެ.

“ވާއޮ އަބީ… ކުރުނބާ ތި ގެނެސް ދިނީ މަށަށް ދޭންވެގެންތަ؟” ނިކަން ހެވިފައި ޖީލާން އެހި އެވެ. އަބްޔާން ކައިރިއަށް ލާނެތް ހިންޏެއް އައެވެ.

“އާން އެހެންޏަ.” އަބްޔާން ކުރުނބައެއްގެ ތުން ކަނޑާލާފައި ޖީލާންއަށް ދިއްކޮށްލި އެވެ. ޖީލާން ނިކަން ހެވިފައި ހުރެ އޭގައި ހިފި އެވެ.

އެވަގުތު ޔަޒަން އައިސް އެގެއަށް ވަނެވެ. އަބްޔާން ކައިރިއަށް ޔަޒަން އައިސް ހުއްޓުނެވެ.

“ޔަޒަންއަށް ވެސް ކުރުނބައެއް ހަދާދީބަލަ އަބީ.” ގޭތެރެއިން އެވަގުތު ނުކުތް ހިދާޔާ ގޮވާލި އެވެ.

“އައްދެ… ބޮޑުކުއްޖެއް ޔަޒަން އަކީ މިހާރު. އަމިއްލައަށް ހަދައިގެން ބޯން ވާނީ.” އަބްޔާން ޔަޒަންއަށް ބަލައިލަމުން ބުންޏެވެ.

އެވަގުތު ޖީލާން ކުރުނބާ ބޮއެ ނިމިގެން އަބްޔާންއަށް ދިއްކޮށްލި އެވެ. އަބްޔާން އޭގެ ތުން ބޮޑުކޮށްލާފައި ޖީލާން އަތައް ދިނުމުން އެ ހިފައިގެން އޭނަ ވަނީ ގޭތެރެއަށެވެ.

“ޔަޒަންއަކަށް ނޭގެ ކުރުނބާ ހަދާކަށް އަބީބޭ.” ޔަޒަން ބުންޏެވެ.

“އަހާ… ތިހެން ނުބުނެވޭނެ އިނގޭ… އެއްވެސް ކަމެއް ނޭނގެޔޭ ނުބުނެވޭނެ. އެންމެ ކުރިން ޓްރައި ކުރަން ވާނީ. އާދޭ.” އަބްޔާން ޔަޒަންއަށް އިޝާރާތް ކުރި އެވެ.

“އަބީ، އެސޮރު އަދި ތިކަހަލަ ކަންތައް ކޮށް ނޫޅެޔޭ، އެސޮރުއަތުގަ ވަޅިން ޖެހިދާނެ.” ހިދާޔާ ބުންޏެވެ.

“މަންމާ، އަހަރެން މިކަހަލަ ކަންތައް ކުރަން ފެށީ ކޮން އިރަކު. ޔަޒަންއަށް ވުރެން މާ ކުޑަވާނެ އޭރު. ޔަޒަންއަށް މިަކަންތައްތައް އަހަރެން އެބަ ޖެހެޔޭ ދަސްކޮށްދޭން. އެހެން ނޫނީ ކާކު ހުރީ ޔަޒަންއަށް ދަސްކޮށްދޭން؟” އަބްޔާން ބުންޏެވެ. “އާދޭ ޔަޒަން.” އަބްޔާން ގޮވާލުމުން ޔަޒަން އައިސް ހުއްޓުނެވެ. އަބްޔާން ޔަޒަންއަށް ދައްކައިގެން ކުރުނބައެއް އެންމެ ފުރަތަމަ އެހުނީ ވަޅި ހިފަހައްޓާނެ ގޮތާއި ހަދާނެ ގޮތް ކިޔައި ދެމުންނެވެ. އެއަށް ފަހު ޔަޒަން ލައްވާ ހެދުވި އެވެ. ފުރަތަމަ އެތި ޔަޒަންއަށް ހެދުނީ ވަރަށް އުދަގުލުން ނެވެ. ދެވަނަ އެތި އެއަށް ވުރެން ފަސޭހަކޮން ހަދާލި އެވެ.

“ނިކަން ބަލާ މަންމާ… ޔަޒަން އަކީ ހަމަ މަށޭ. އަވަހެއްނު ދަސްކޮށްލި ލެއް.” އަބްޔާން ނިކަން ފަހުރުވެރި ވެލާފައި ބުންޏެވެ. ހިދާޔާވެސް ހެވިފައި ތިންވަނަ ކުރުނބާ ޔަޒަން ހެދިތަން ބަލަން ހުއްޓެވެ. ޔަޒަންއަށް ކުރުނބާ ހެދޭތީ ޔަޒަންވެސް ހުރީ ނިކަން އުފާ ވެފަ އެވެ. އަދިވެސް އިތުރަށް ހަދަން ޔަޒަން ބޭނުންވެފައި ހުއްޓާ ޖަންނަތު އައިސް އެގޭތެރެއަށް ވަނެވެ.

“ޔަޒަން،” ޖަންނަތުއަށް ބާރަށް ގޮވާލެވުނީ ޔަޒަން ވަޅި ހިފައިގެން ހުރީތީ އެވެ. “ދަރިފުޅު ވަޅި ހިފައިގެން ކީއްކުރަނީ؟”

“މަންމާ، ބަލާ ޔަޒަން ހަދާފަ؟” ޖަންނަތުއަށް ޔަޒަން އެންމެ ފަހުން ހެދި ކުރުނބާ ދައްކާލަމުން ނިކަން އުފާވެލާފައި ޔަޒަން ބުންޏެވެ.

“ވަޅިން އަތް ކަނޑައިގެން ގޮސްދާނެ ޔަޒަން.” ހާސްވެފައި ޖަންނަތު ބުންޏެވެ.

“ޖަންނާ، އަތް ކަނޑައިގެން ދިޔައިމަ ބޭސް އަޅައިގެން ފަސޭހަ ކުރާނީނު.” އަބްޔާން ކުރިއަށް ޖެހިލަމުން ބުންޏެވެ. “ޖަންނަގެ އަތް ކިތައް ފަހަރު ކަނޑައިގެން ދިޔަ؟ ތިހެން ހަދަންނާ ޔަޒަން ބޮޑުވާ އިރުވެސް ނޭގޭނެނު ވަޅީގަ ހިފާކަށް. އަހަރުމެން ކިހާ ކުޑައިރު ވަޅި ހިފައިގެން ރުކަށް އަރަން ފަށައިފިން. މިއަދު މިހެން މި އުޅެވެނީ އޭރު ފަރިތަކޮށްފަ ހުރީތީނު. ޔަޒަން އަކީ ނުލާހިކު މޮޅު ކުއްޖެއް. އަވަހަށް ޓެކްނިކް ދަސްކޮށްލައިފި.” އަބްޔާން ޔަޒަންއާއި ދިމާއަށް އެނބުރުނެވެ. “ޔަޒަން، މަންމަ ބަލަން ހުއްޓާ ކުރުނބައެއް ހަދާލަބަލަ.”

ޖަންނަތު އަދިވެސް ހުރީ ހިތްހަމަ ޖެހިފައެއް ނޫނެވެ. ޔަޒަން ލައްވާ އެކަހަލަ ކަންތައް ޖަންނަތު ނުކުރުވާތީ ޔަޒަންއަށް ނޭގޭނެޔޭ ޖަންނަތުއަށް ހީވި އެވެ. ޔަޒަން ނިކަން އުފަލުން ފަހުރުވެރިކަމާ އެކު ގޮސް ކުރުނބައެއް ހަދާލީ ކުރިން ހެދި ތިން ކުރުނބަޔަށް ވުރެންވެސް ފަރިތަކޮންނެވެ. މިފަހަރު ހިދާޔާ އަތް ޖަހާލި އެވެ.

“އާން، ޔަޒަންއަކީ މޮޅު ކުއްޖެއް. އަވަހޭ ދަސްކޮށްލިލެއް.” ހިދާޔާ ބުންޏެވެ. ޖަންނަތު ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. ހައިރާންވެ ބަސް ހުއްޓިފައި ޖަންނަތު ހުއްޓެވެ.

“އަން މަންމާ.” ޔަޒަން ޖަންނަތުއަށް ކުރުނބާ ދިއްކޮށްލި އެވެ. ހައިރާންވެފައި ހުރެ ހިނިތުން ވެލަމުން ޖަންނަތު ކުރުނބާގައި ހިފި އެވެ. ޔަޒަން އެތަނުން ހަދާފަ އޮތް ކުރުނބަލެއް ބޯލައިގެން ދިޔަ އިރުވެސް ޖަންނަތު ކޮސްވެފައި ބަލަން ހުރީ އެވެ.

“ދެން ތި ހިފައިގެން ހުންނަނީތަ؟” ހިދާޔާ ގޭތެރެއަށް ވަނުމުން އަބްޔާން ޖަންނަތު ކައިރިއަށް އައިސް ހުއްޓިލަމުން ބުންޏެވެ. ޖަންނަތު ކުރުނބާ އެއް ފަހަރުން ބޯލި އެވެ. އަބްޔާން ޖަންނަތުގެ ހަރަކާތް ތަކަށް ބަލަން ހުއްޓެވެ. ކުރުނބާ އެއްކޮން ހުސްކޮށްލާފައި ފުން ނޭވާއެއް ލަމުން ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. “ހަމަ އަޖައިބު ވެއްޖެ.” އަބްޔާން ބުންޏެވެ. ޖަންނަ އަބްޔާން އަތަށް ކުރުނބާ ދިނުމުން އަބްޔާންއޭގެން ހެވާނެގޭވަރު ކޮށްދިނެވެ.

އަބްޔާންއާއި ޖަންނަތު ކުދި ސަމާސާ ކުރެ އެވެ. ބައެއް ފަހަރު ދެމީހުން އެކަނި ތިބެ ކުދިންގެ ވާހަކަ ވެސް ދައްކަ އެވެ. ކުދިންގެ ކަންތައްތައް އަބްޔާން ކޮށްދޭތީ ޖަންނަތުއަށް ވެސް އެކުދިންގެ ވާހަކަތައް އަބްޔާންއާއި ހިއްސާ ކުރެވެނީއެވެ. ބައެއް ފަހަރު އެގޮތަށް ވާހަކަ ދައްކާއިރު ހީވަނީ ދެމަފިރިން އާއިލާގެ ކަންތައްތަކާއި މެދު ހިއްސާ ކުރާ ވާހަކަ ތަކެއް ހެނެވެ. ކުދިން ތަންތަނަށް ގެންގޮސް ގެނެސް ހެދުމަކީ ހަނދާން ބަހައްޓައިގެން އަބްޔާން ކުރާކަމެކެވެ. ދުވަސްތައް އެކަހަލަ ގޮތަކަށް ދިޔަ އެވެ.

އަބްޔާން އިނީ ހިރުނދުގަސްތައް ދަށުގައި އެލުވާފައި ހުރި ޖޯލި އުނދޯލިތައް ގަތާށެވެ. އެތާ ކައިރީ ޔަޒީދްއާއި ޔާނާ ކުޅެން އުޅެ އެވެ. ޔަޒަން ގެއިން ނުކުތީ އެވަގުތުއެވެ.

“ޔަޒަން،” އަބްޔާން ޔަޒަން ފެންނަ އިރަށް ގޮވާލި އެވެ. “އާދޭ ޖޯލި ގަތަން.” އަބްޔާން ބުންޏެވެ.

“އަބީބޭ ޔަޒަންއަކަށް ނޭގެ،” ޔަޒަން ކޮނޑު އަރުވާލަމުން ބުންޏެވެ.

“އަނހާ، ކުރީދުވަހުވެސް ބުނީމެއްނު ނޭނގެޔޭ ނުބުނައްޗޭ ޓްރައި ނުކޮށް.”

“އަބީބޭ، ޔަޒަން ދުވަހަކުވެސް އަދި ޖޯލި ނުގަތަން.”

“އެހެންވެޔޭ ދަސްކުރަންވީ.” އަބްޔާން ބުންޏެވެ. ޔަޒަންއަށް އަބްޔާން ބުނީތީ ދެކޮޅުހަދާފައި ދާކަށް ނުކެރުނެވެ. ބޯ ކަހާލާފައި ފޫހިކަމާއެކު އައިސް އަބްޔާން ކައިރީ ހުއްޓުނެވެ. އަބްޔާން ޖެހިގެން އިން އުދޯލި ދައްކާލި އެވެ. އަދި ހަދަންވީ ގޮތް ކިޔާދޭން ފެށި އެވެ. ނިކަން އަވަހަށް ޔަޒަންއަށް ޖޯލިގަތަން ދަސްވެއްޖެ އެވެ. އެހެން ކަމުން ދެން އިން ޖޯލިވެސް ޔަޒަން ގަތާލީ އަބްޔާން ބަލަން ހުއްޓަ އެވެ.

“ޔަޒަން،” ޔަޒަން ޖޯލި ގަތާ ނިމިގެން ތެދުވުމުން އަބްޔާން ގޮވާލި އެވެ. “މީގެ ކުރިން އަބަދުވެސް ޔަޒަންގެ ބައްޕަ މި ޖޯލިތައް ގަތާ އުޅުނީ. ސޯ ނައޮ އިޓްސް ޔުއަރ ޖޮބް.” އަބްޔާން ޔަޒަންއަށް ބުންޏެވެ.

“ބައްޕަތަ ގަތަނީ ކުރިން؟” ޔަޒަންއަށް އެކަމެއް ކުރިން ނޭގެ އެވެ. އަބްޔާން ބޯ ޖަހާލި އެވެ. “ޔަޒަން ވަރަށް އުފާވެއްޖެ ބައްޕަގެ މަސައްކަތެއް ޔަޒަންއަށް މި ކުރެވުނީ؟ ތޭންކްސް އަބީބޭ.” ޔަޒަން ނިކަން އުފާވެފައި ބުންޏެވެ.

އެއީ އިރު މެދުޖެހެން ކައިރި ވެފައިވާ ވަގުތެކެވެ. ޖަންނަތު ޖޯލި އުނދޯލީގައި އިނީ ހުދުރަން ފަށެއް ހިފައިގެނެވެ. އެއީ އެތައް އަހަރެއް ކުރިން އަބްޔާން އޭނަގެ ކަރުގައި އަޅުވައިދިން ފަށެކެވެ. އޭގެ ފުލުގައި ވަނީ ހިތެއްގެ ތެރޭގައި ހުދު ޖަވާހިރުން “ފޮރ އެވަރ” އިނގިރޭސި އަކުރުން ލިޔެފަ އެވެ. އެއީ އަބްޔާންއާއި ޖަންނަތުގެ އެކުވެރިކަން އުމުރަށް ދަމަހައްޓަން ވީ ވަޢުދުގެ ނިޝާނެކެވެ. އެފަށުގެ ފުލުގައި ޖަންނަތު އިނގިލި ކާތާލި އެވެ. މާޒީގެ އެތަކެއް ހަދާންތައް އާވަމުން ދިޔަ އެވެ. ޖަންނަތު ލޮލުން ކަރުނަ ނިރާލި އެވެ. ފަށުގައި އަތް ހާކަމުން ގޮސް ފަށުގެ ނެއްޓިފައިވާ ބުޅިގަނޑުގައި އަތް ޖެހުމުން ޖަންނަތުއަށް ރަގަޅަށް ވެސް ރޮވުނެވެ. އެބުޅިގަނޑު ނެއްޓިގެން އައި ގޮތް ޖަންނަތު ހަދާނެއް ނުނެތެ އެވެ. އެފަށް އެންމެ ފަހުން ޖަންނަތު ކަރުން ބޭލިގެން އައީ އެރެއެވެ. ޖަންނަތުގެ ހަށިގަނޑު ޒައިދާންއަށް ހިބަކޮށްދިން ރެޔެވެ. އެދުވަސްތައް މަތިން ހަދާން ކުރާކަށް ޖަންނަތު ބޭނުމެއް ނޫނެވެ. އެއީ މާޒީ އެވެ. އެފަށް ނަގާ ޖަންނަތުގެ މޭގައި ޖައްސާލި އެވެ. އަދި ލޯ މަރާލި އެވެ.

“ޖަންނާ!” އެވަގުތު ފަހަތުން މީހަކު ގޮވާލުމުން ޖަންނަތު ސިއްސައިގެން ގޮސް އަތުގައި އޮތްފަށް ވެސް ވިއްސައިގެން ގޮސް ބިންމަތީ ވެލިގަނޑު ތެރެއަށް ވެއްޓުނެވެ. ޖަންނަތު އަވަހަށް ލޯ ފޮހެލަމުން ތެދުވެ ބަލައިލި އެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 41 ވަނަ ބައި

Next

ފުން އަނދަވަޅު

Next
April 21, 2024

ފުން އަނދަވަޅު

Previews
April 18, 2024

ޤުރުބާން ވުމީ މިހިތުގެ އުފާ 41 ވަނަ ބައި

3 Comments!

  1. laalooo says:
    April 20, 2024 at 11:00 am

    varah reethi vaahaka liyuntherikanves varah reethi.
    kon iraku next part kiyaalan libeyni?

  2. Someone who loves to read dhivehi story says:
    April 24, 2024 at 5:06 am

    Anehkkaa ves mi vaahaka medhu kandaaleetha?? If so, y can’t you tell your readers that??? At least miveni dhuvahehga vaahakaige new episode eh kiyaalan libeyvaru kohdheveytho balaanamey bunevidhaane dhw…. Enme reethi, kiyaa hiy vaa vaahakathah vaki hisaabakun medhu kandaalanee.. And madhu liyuntheriyeh noony kiyuntherinnah inform ves koh nulaa vaahaka medhu kandaalaa vaahaka ves… And that is really sad, tbh…😔😔

  3. ..... says:
    April 28, 2024 at 8:11 am

    when is the next part? 🙁

Comments are closed.



All Right Reserved!