ޙަޤީޤަތް ހޯދުމޭ 11
“މިފަހަރު މި ގޮނޑި މޭޒާ ފައިންޑިން ނީމޯއާއި ޝޯތަކާ ހިޓުފުޅި އަރާމުގަ އުޅުނަކަ ދީގެން ނުވާނެ.” އަޑު އައީ މަލަކުގެ ފަރާތުންނެވެ. “އަހަންނަކަށް ހިޔެއް ނުވޭ ދެން އިތުރަށް މިކަމަށް ހެކި ހޯދޭނެހެންނެއް. މަރާލުމަށް ބޭނުންކުރާ ހަތިޔާރުތައް ވެސް އެމީހުން ނައްތާލާ ވިއްޔާ” ރަވާނު ދެން ބުނެލި ވާހަކައަކުން އަހަރެން މާޔޫސްވެ ހިތްވަރު އެލުނެވެ. ގިނަ މައްސަލަތަކެއްގެ ޙަޤީޤަތް ނުހޯދި ފުނި ޖެހިފައި އެ ވަނީ މި ސަބަބާއި ހުރެއެވެ.
“މަ ބުނެފާނަން ގޮތެއް. އެކަމަކު އެ ގޮތް ބޭނުން ކޮށްފިއްޔާ ބަންދު ކުރެވޭނީ މަރާލުމުގައި ބައިވެރިވި މީހުން އެކަނި.” ހޫދު ބުންޏެވެ. “އޭރުންނޯ. ރޭރް ދަ މާސްޓާ މައިންޑު ސަލާމަތް ވީ ނުން.” ޝެހެނާޒަކަށް އެގޮތް ކަމަކު ނުދިޔައެވެ. “ދެން އެހެން ގޮތެއް އެބަ އޮތްތަ؟ މަށަކަށް ހިޔެއް ނުވޭ މި ރިކޯޑިންތައް އެކަނި ހުރީމަ މިކަން ވާނެ ހެންނެވެ. ހާދަ ބޯ ބޮޑު ބައެކޭ އެއީ. ކުރިން ފަހަރަކު ވީޑިއޯ ތަކެއް ލީކު ވިއެންނު ލިވާޒު ގުރޫޕް މީހުން ވަރުގަދަ ޑުރަގު ޑީލެއް ހަދަނިކޮށް. އެ ފަހަރު ވެސް އެމީހުން އެކަމުން ބޯ ދަމައިގަތެންނު. ވީޑިއޯތައް ނުވި އެކައްޗަކަށް ވެސް.” މަލަކު ހަނދާނެއް އާ ކޮށްލިއެވެ.
“ދެން ބުނެބަލަ. ކީއް ކުރާނީ ތަ؟” ރަވާނު ހީވަނީ ކެތްނުލަވައިގެން އުޅޭ ހެންނެވެ. ހޫދު ވާހަކަ ދައްކަން އަނގަ ހުޅުވާލި ތަނާ ފަށައިފިއެވެ. “ޖަލަށް ގޮސް ނިމާލު ލައްވާ އެންޒީގެ ގުރޫޕަށް ޖަލުގެ ޙުކުމް ހިންގާލާނީ.” ހޫދު އެހެން ބުނުމާއި އެކު އަހަރެން ދެލޯ ބޮޑުކޮށްލީމެވެ. ނިމާލު ކަހަލަ ވިސްނޭ ސޮރަކު އެކަހަލަ ކަމެއް ނުކުރާނެކަން ހަމަ ނޭނގެނީ ހެއްޔެވެ؟ “ވަރަށް އޭނާ ޤަބޫލުކުރާނެ ވިއްޔާ.” އަހަރެން ޗޮކެއް ކަނޑާލަމުން ބުނެލީމެވެ. ހޫދު މަޢުނަވީ ގޮތަކަށް ހީނލުމުން އަހަރެން ދެލޯ ކުޑަކޮށްލާ އޭނާއަށް ބަލައިލީމެވެ.
“ރޭރް ވަރަށް ބާރުގަދަ އެއްނު. އޭނާ ފޮނުވާ މީހެއްގެ އަމުރަކަށް އެ ކަންތައް ހަދާނީ.” ބޯޑުގައި ސުވާލު މާކެއް ތިރީގައި ލިޔެފައި ރޭރުގައި ބޮޅު އަޅާލަމުން ހޫދު ބުނެލިއެވެ. “ބުރޯ ހާދަ ވިސްނުން ތޫނޭ. ވާން ކޮންތާކުން ހޯދި ގޮލައެއްތަ މީ؟” ހޫދުގެ އިސްތަށިގަނޑު ހާވާލަމުން ނައިލް އޭނާއަށް ތަޢުރީފު ކޮށްލިއެވެ. “މަ ދާނީ. ފޭކް ޖެއިލް ބްރޭކް-އިން އެއް ކަހަލަ ގޮތަކަށް ރާވަން ޖެހޭނީ.” ރަވާނު މޭގައި އަތުން ޖަހާލަމުން އިސްނެގިއެވެ.
އަހަރެމެން ރޭވީ ރަވާނުމެންގެ ޑަބްލިޔު ސަރގެ އެހީތެރިކަމާއި އެކު ނިމާލު އޮތް ގޮޅިއަށް ވަންނާށެވެ. ނިމާލުގެ ސަމާލުކަން ދޫވެފައިވާ ވަގުތެއް ބަލައިފައެވެ. ނިމާލު ހައްލާލުމަށް ދައްކާނެ ވާހަކަތައް ލިޔުނީ މަލަކާއި ޝެހެނާޒުގެ އިތުރުން އަހަރެންނެވެ. ނައިލްމެން އެކުލަވާލީ ރަވާނުގެ ޙަރަކާތްތައް ހުންނަން ޖެހޭނެ ގޮތެވެ. ރަވާނާއި އަހަރެމެން މުޢާމަލާތް ކުރަން ނިންމީ ކޮމިޔުޓާ ކިޔާ ވަސީލަތެއްގެ އެހީގައެވެ. އޭރުން ރަވާނު އޭނާގެ މަސައްކަތް ކުރިއަށް ގެންދާއިރު އަހަރެމެންނަށް ވެސް އިރުޝާދު ދީ އެތަނުގައި ވާނުވާ ރަނގަޅަށް އެނގޭނެއެވެ. ރަވާނު އެތަނަށް ދާން ނިންމީ ބުރާސްފަތި ދުވަހެއްގެ ރޭގަނޑެވެ. ހަމަ އެދުވަހު ފުލުހުން އަލުން ޝާހިދުގެ މަރުގެ މައްސަލަ ހުޅުވާލި ކަމާއި އެކަމާއި ގުޅޭ ކޯޓު އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވާނެ ކަމުގެ ވާހަކަ ނޫހުގައި ފެތުރުނެވެ. އެއީ ވެސް އަހަރެމެންގެ ޕްލޭނުން ބައެކެވެ.
“އެތެރެއަށް ވަދެވިއްޖެތަ؟” އަހަރެން ރަވާނު ގާތު އެހީމެވެ. ކޮމިޔުޓާގެ އެހީގައެވެ. “ޔެސް. އޭނަ ނިދާފަ” އެކޮޅުން ބުނި އަޑު އިވުނެވެ.
“ކައެ ތީ ކާކު. މި ތަނަށް ވަނީ ކިހިނެއް؟ އޭތް ބަލަހައްޓާ މީހާ. މި ތަނަށް އިތުރު އެއްޗެއް ވަދެއްޖޭ” ނިމާލުގެ އަޑުގައި ހާސްކަން ހުރިކަން ފާހަގަ ވިއެވެ. “އެއްޗޭ. އޮށްގާ ކައެ ގާތު އަހަރުމެންނަށް އިޙުތިރާމް ކުރާކަށް ނުބުނޭތަ. ކަމެއް ކުރަން ނޭނގޭ ގަޅިޔާ. އެ ޝާހިދު މަރާލަން ތިން ލައްކަ ދީނީ ކޮޕުންނަށް ބަސްޓުވާ ގޮތަށް ކަން ކުރާކަށް ނޫނޭ. ހަނދާން ކުރާތި. އަހަރެންމެންގެ ވާހަކަ އެއިން އެކަކަށް އެނގުނަސް ކައެމެންގެ ގޭންގު އެންމެން ކުދިކުދި ކޮއްލާނަން. ރޭރު ބޭނުން ކޮންމެ ކަމެއް ފުރިހަމައަށް ކުރެވޭނެކަން ކައެ މެންނަން އެނގެއެއްނު.” ވާހަކަ ދެއްކީ އަޑުބަދަލުވާ އެއްޗަކުން ވިޔަސް އެއީ ރަވާނުކަން އަހަރެންނަށް އެނގުނެވެ. ފަރިތަ ކުރި ގޮތަށް ރާގުގައި ކިޔާލުމުން ހިތްހަމަ ޖެހުނެވެ.
“މި…މިތަނަށް ވަނީ… ކި…ކިހިނެއް؟ އެންޑް ކޮޕުންނަކަށް އެކަމެއް ނޭނގެއެންނު” ނިމާލުގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. އެ ސޮރު ބިރުގަނެއްޖެ ކަން އެނގުނެވެ. “މާ ސުވާލު ކުރަން ނޫޅެބަލަ. ރޭރު އަންގާފަ އޮތީ ކައެގެ ގުރޫޕް އެކަނި ބެދޭ ގޮތަށް އެކަން ނިންމާށޭ ކައެމެންގެ ފަރުވާ ކުޑަ ކަމުން އެމީހުންގެ އަތަށް އެ ހެކިތައް އެރީ. މި ނޫން ގޮތަކަށް އެކަން ނުނިންމައިފިއްޔާ ވޭންދެނިވި މަރަކަށް އިންތިޒާރު ކުރޭ. މިތަނަށް ވަދެފަ ކައެ ޤަތުލުކޮށްލާކަށް އަހަރެމެންނަށް އުނދަގުލެއް ނުވާނެ.” ރަވާނު ވާހަކަ ދެއްކީ ހަމަ އެ ރުޅިވެރި ރާގުގައެވެ. އެހިސާބުން ދެން ރަވާނުގެ މަސައްކަތް ނިމުނީއެވެ. އޭނާ އެތަނުން ނުކުންނާނީ ނިމާލު ހޭނައްތާލުމަށް ފަހުގައެވެ.
“އެކްޓު ހަމަ އެންމެ ސަޅި” އެއްގަޑިއިރު ފަހުން ރަވާނު އައުމުން ނައިލް އޭނާގެ ބުރަކަށިމަތީ ޖަހާލިއެވެ. “ކިހިނެއްތަ ނިމާލު އެހާ ފަސޭހައިން ވާން އަކީ ރޭރު ފޮނުވި މީހެއް ކަމަށް ޤަބޫލުކުރީ؟” އަހަރެންގެ ސަމާލުކަން ހުއްޓުނީ ޝެހެނާޒު ކޮށްލި ސުވާލަކަށެވެ. “މާ ރަނގަޅަކަށް ނޭނގޭ. އެ ސޮރު މާ ވަރަކަށް އަހަރެންގެ އަތަށް ބަލާފަ ޤަބޫލުކޮށްލައިފި” ރަވާނު ބުންޏެވެ. އަހަރެންގެ ރަވާނުގެ އަތަށް ބަލައިލީމެވެ. އޭނާ ހުރީ ވެސް ޕްލެއިން ކަޅު އަންގިއެއް އަޅައިގެންނެވެ. އޭގައި ވަކި ޚާއްޞަ ކަމެއް ފެންނާކަށް ނެތެވެ. ހަމައެކަނި ވައަތުގައި އެތެރެއިން އޭނާ އަޅައިގެން ހުރި ރިހި އަނގޮޓީގެ ބައްޓަން ވަކިވާ ކަމެވެ.
އަހަރެން ރަވާނާއި އެކު ގެއަށް ދިޔައީ މާ ލަސް ވާތީއެވެ. މިއަދުގެ މަސައްކަތް ކާމިޔާބު ވީ ކަމެއް ނޫން ކަމެއް އެނގޭނީ ހޮނިހިރު ދުވަހުގެ ކޯޓު އަޑުއެހުމުންނެވެ. މިހާރުގެ އެންމެ ހޫނު ޚަބަރަކީ އެކަން ވިއްޔާއެވެ. ގެއަށް އާދެވުމާއި އެކީ އަހަރެން އުޅުނީ ނިދާށެވެ.
ހޮނިހިރު ދުވަހެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ނިމާލު މެންނަށް ހުކުމް ކުރެވޭނެ ގޮތެއް ބެލުމަށެވެ. އަހަމެންގެ ގުރޫޕް ތިބީ ނައިލްމެންގެ އެއްކަލަ ހެޑްކުއާޓާގައެވެ. ލައިވްކޮށް އެ އަޑުއެހުން ބަލާށެވެ. ނިމާލު އެތަނަށް ވެއްދި އިރު ވެސް ހުރީ ބިރުން ތުރުތުރު އަޅައެވެ. އެ ރޭރެއްގެ ނުފޫޒު ހަމަ އެހާ ވަރުގަދަ ހެއްޔެވެ؟ ދެކޮޅަށް ދަޢުވާ އުފުލުނު އަޒާނުމެން ތިބީ ރުޅިގަދަވެފައެވެ. ގަޔަށް އަތްލާ ހިސާބަށް ކަންތައް މައްޗަށް ދިޔައީ ޤާޟީ އެމީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ޖެހުމުންނެވެ. އަޒާނު ރުޅިގަދަވެގެން ނިމާލު ގަޔަށް އެރީއެވެ. އެގޮތަށް އެކަން މެދުވެރިވީ ސަބަބަކީ ނިމާލު ކުށަށް އިޢުތިރާފު ވުމެވެ. އަހަރެން ޝެހެނާޒާއި އަތާ އަތް ޖަހާލީމެވެ. މިފަހަރު އެ ހައްދުން ނައްޓާ ގުރޫޕް ގަނޑަށް ސަލާމަތް ނުވެވުނީމައެވެ.
“ސަޅި ގޮތަކަށް ނިންމާލެވިއްޖެންނު. މިރޭ ތިއެންމެންނަށް މަ ޚަރަދުގަ ކެއުން.” ރަވާނު އަތްތިލަ ބަޑިއެއް ޖަހާލަމުން ބުނެލިއެވެ. “ތި ބުނީ އިނގޭ. އަވަހަށް ހިނގާ މިތާ ކައިރީގައި ހުރި ފައުންޓެއިން ރެސްޓޯރެންޓަށް” މަލަކު އޭނާގެ ގޮނޑިން ތެދުވިއެވެ. ދެން އަހަރެމެން އުޅެގަތީ އެ ރެސްޓޯރެންޓަށް ދާށެވެ. އެ ތަނުގައި ސަކަރާތް ޖަހައިފައި އަނބުރާ ގެއަށް އާދެވުނީ ރޭގަނޑު އެގާރަ ޖަހަނިކޮށެވެ.
އަހަރެން ކޮޓަރިއަށް ވަދެ ލައިގެން ހުރި ހެދުން ބަދަލު ކޮށްލާ އެނދުމައްޗަށް ވެއްޓިގަތީމެވެ. ނިއްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅަށް ފުމެލަމުން ވިސްނާލީމެވެ. ހަފްތާއެއްހާ ދުވަސް ފަހުން އޯލެވެލް ނަތީޖާ ނެރޭނެއެވެ. ހުރިހާ މާއްދާއަކުން އަހަރެން ފާސް ވާނެކަމަށް ޤަބޫލުކުރަމެވެ. ޝެހެނާޒުގެ ބޯ ގޮއްވާލައިގެން ވިޔަސް އޭނާ ގާތުން ހާދަ ވަރަކަށް ދަސްކުރީމެވެ. ހެޔޮ ނަތީޖާ އެއް ލިބުނިއްޔާ ރަނގަޅެވެ. ގެރެންޓީ އޮތީ ކޮމްޕިއުޓާ ސައިންސުން އޭ ސްޓާ ލިބޭނެކަމެވެ. ނިދީގެ ފުން ކަނޑަކަށް އަހަރެން ގެނބިގެން ދިޔައީ އެހެން އޮއްވައެވެ.
އަނެއް ދުވަހު އަރައިގެން އައި އިރާއި އެކު ހޫދުގެ އުނދަގޫ ފެށުނެވެ. އަލަށް ހުޅުވާ ތީމް ޕާކަކަށް ދާންވީޔޯލައެވެ. ޅަ ކުޑަކުއްޖެކޭ އެއްފަދައެވެ. އެއްތަނަކު ފައި ހަރެއް ނުލައެވެ. އެންމެ ފަހުން ހަވީރު އެތަނަށް ދާން ނިންމީމެވެ. ދެން ބޯހަމަޖައްސާލާ ސިކުނޑި ހުސްކޮށްލަން ވާނެ ވިއްޔާއެވެ. ރަވާނާއި ޝެހެނާޒާއި އެކު ހޫދުގެ ކޮއްކޮ ހަމްރާ ވެސް ގޮވައިގެން ދާން ނިންމީމެވެ. އެކަހަލަ ކަންކަމަށް އެންމެ ފޯރި ހުންނާނީ ރަޒާނެވެ. އޭނާ މިހާރު ހުރީ ލޯބިވާ އަނބިކަނބަލުން ގާތަށް ގޮހެވެ.
ހަވީރަށް ބޭރަށް ދާން އަހަރެން ލީ ތަފާތު ހެދުމެކެވެ. ކަކުލާއި ހަމައަށް އަރާ މަޑު ފިޔާތޮށި ކުލައިގެ ވައްތިރި ހެދުމަކާއި ހުދު ކުލައިގެ ޓްރައުޒާއެކެވެ. ފުނާއަޅައިފައި އަހަރެންގެ އިސްތަށިގަނޑު ދޫކޮށްލާފައި ބެހެއްޓީ އެ އައްސައިފައި ބަހައްޓަން އަހަންނަށް އުނދަގޫ ވީމައެވެ. ދެން ‘ޓޮމް ބޯއީ’ އެއްހެން އަބަދު ހެދުން އަޅައިގެން ހުންނާކަށް ނުވާނެއެވެ. މިހާރު ވެސް ޖިންސު އޮޅިފައޭ ކިޔާ މީހުން މަދެއް ނޫނެވެ. އެހެން ނޫނަސް ލާ އެއްޗަކުން އުޅޭ ގޮތަކުންނޭ ކިޔައިފައި އަހަރެންނާއި ދިމާލަށް އެހެން ކިޔަން ޖެހޭ ހެއްޔެވެ؟
“ވާވާ. މަގޭ ބޯހަރު ކޮއްކޮގަނޑު ރީތި ހެދުމެއް ވައްޓާލައިފިއެންނު. ކާކަށް ފަރި ދައްކަން؟” ރަވާނު އަހަރެންނާއި ދިމާލަށް ބަލައިލީ ޤަބޫލު ނުކުރެވިގެން ހެން ހީވެއެވެ. އާނ ދެން އަހަރެންގެ މަންމާފުޅު ގަދަކަމުން ވިޔަސް މިކަހަލަ އެއްޗެހި ނުލެއްވިގެން އުޅޭއިރު މީހަކު ނުބުނަނީސް މި ޒާތުގެ ހެދުމެއް ލީމާ ތޯއްޗެ އެވެ.
“ޔޫ! މަށެއް ނޫޅެމޭ ބިޓެއް ނުނެގިގެންނެއް” ދެ ބުމަ ގޮށް ޖަހާލަމުން ގޮސް ރަވާނުގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތީމެވެ. އޭނާ އަހަރެންނަށް ވުރެ ދިގު ވުމުން ދަމާލި ގޮތަކުން ބިންމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. “ހުދުހުދޫ! ސޭވްމީ” ރަވާނު އެހީއަކަށް އެދި ބަލައިލީ ހޫދަށެވެ. އޭނާ ބޯ ހޫރާލައިފައި އައިސް އަހަރެމެން ދުރުކުރުވިއެވެ. އަދި އަނގަޔަށް ވައްތަރެއް ޖައްސާލައިފައި އެ ދެ ފިރިހެނުން ސިޑިން ތިރިއަށް ފައިބައިގެން ދިޔައެވެ. އަހަރެން ވެސް ފަހަތުން ހިނގައިގަތީމެވެ.
“ހިނގާ ސްކައި ލިފްޓުން ދާން. މާ އަވަސް ވާނެއްނު.” އަހަރެން ބޭނުންވީ އޭގައި ދާށެވެ. ޝެހެނާޒު ފިޔަވައި އެހެން އެންމެން އެއްބަސް ވުމުން އެގޮތް އިޚްތިޔާރު ކުރަން ނިންމީމެވެ. “ދެން ރިފޫ. ޔޫ ނޯ އައި ހޭޓް ހެއިޓްސް” ޝެހެނާޒު މޫނު ކުނިކޮށްލައިގެން ހުރިއިރު ހީވަނީ އެންގްރީ ކެޓް އިމޯޖީއެއް ހެންނެވެ. އެހެން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައީ އެހެން ވެގެންނެވެ. ޝެހެނާޒު ދެކޮޅު ހެދުމުން ސްކައި ލިފްޓަށް އަރުވަން ޖެހުނީ ވެސް ގަދަކަމުންނެވެ.
ޕާކު ހުރީ ފަސްވަނަ ފިޔަވަހީގައެވެ. ހުޅުމާލޭގެ އެންމެ ސްމާޓް ހިސާބުގަނޑޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގެތައް ވެސް ހީވާނީ ފަންނިއްޔާތުގެ ވަސީލަތެއް ހެންނެވެ. އެހާ ސަޅި ވާނެއެވެ. އަދި ވަކި ހިސާބުގަނޑެއްގައި ބައިވަރު ބިޔަ ޕައިން ގަސްތަކެއް އެއްވަރަކަށް ހައްދައިފައި ހުންނާނެއެެވެ. ސްކައި ލިފްޓުން ތިރި ބަލާލާއިރު އެތަން ކިތަންމެހާ ވެސް ރީއްޗެވެ.
ސްކައި ލިފްޓަށް އެރި ގޮތަށް ފަސް ވަނަ ފިޔަވައްސާއި ހަމައަށް ދެވެން ދެން ޝެހެނާޒު ހުރީ ދެލޯ މަރާ ތަގުޅި ކޮށްލައިގެންނެވެ. ބިރުން ތުރުތުރު ވެސް ލައެވެ. ފަސްވަނަ ފިޔަވަހީގެ ބިމަށް ތިރިއަށް ފައިބާން ދެން އެ ޙާލުގައެވެ. ދެން ޓްރެފިކުގައި ނުޖެހި އާދަޔާ ޚިލާފަށް އަވަހަށް އާދެވޭ މަގެއް އިޚްތިޔާރު ކުރާނީ އަހަރެމެން ކަހަލަ ބޯ ހުންނަ މީހުންނެވެ.
ޕާކާއި ހަމައަށް އަހަރެމެން ދިޔައީ ހިނގާލައިފައެވެ. ސާފު ފިނި ވައިރޯޅިން ހިތްހަމަޖެހުން ހޯދަމުންނެވެ. މަގުގެ އެކި ހިސާބުތަކަށް ލޯ ކޮށްޕަމުންނެވެ. އަހަރެމެން ޝެހެނާޒަށް އިތުރަށް ދިމާކުރަން ފެށީ ފެރިސް ވީލްއަށް އަރަން ދެކޮޅު ހެދުމުންނެވެ. މިފަހަރު ޝެހެނާޒު އަތު ޖެހުމުގެ ކުރިން ދުވެފައި ގޮސް ވަނީ ރޮބޮޓް ކެފޭއަށެވެ. އެތަނަށް އެ ނަން ދެވިފައިވަނީ އެ ތަނުގައި ޚިދުމަތް ދެނީ ރޮބޮޓުން ކަމަށް ވާތީއެވެ.
އަހަރެމެންނަށް ހުއްޓާލަން އެނގުނީ ފަސް ވަރަކަށް ‘ރައިޑަށް’ އެރުނު ފަހުންނެވެ. ވާހަކައިގައި ތިބެފައި ދެން ދިޔައީ ސޮފްޓު ބޯލްސް އާއި އައިސްކްރީމް ރޯލްސް ގަންނާށެވެ. މިއަދަށް ވާ ވަރު ވެއްޖެ ކަމަށް ބުނަމުން ދެން ހިނގައިގަތީ ޝެހެނާޒު ދިޔަ ކެފޭއަށެވެ. އެ ކޮއި ގޮވައިގެން ގެއަށް ދާން ޖެހޭނެ ވިއްޔާއެވެ. އެހެނަސް އަހަރެމެން ހައިރާންވީ އެތަނުގައި ޝެހެނާޒު ނެތުމުންނެވެ.
ހިތް އަވަސް ވެފައިވާ ޙާލު އަހަރެން ޝެހެނާޒަށް ގުޅާލީމެވެ. ފޯނު ނިވާލައިފައެވެ. އަހަރެމެންގެ ހާސްކަން އެތައް ގުނައަކަށް އިތުރުވިއެވެ. ރަވާނު އޭނާގެ ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. ކައުންޓަރު ކައިރިއަށް ދާން ހިތަށް އަރައިފައި ވެސް އަހަރެން މަޑުޖެހުނީ މިއީ ރޮބޮޓް ކެފޭއެއް ކަން ހަނދާން ވުމުންނެވެ. އަތަކު ލެޕްޓޮޮޕެއް ވެސް ނެތެވެ. އެހެން ނޫންނަމަ ހެކު ކޮށްލެވުނީހެވެ.
“ޝާނާ ބުނީ ޝެހެނާޒު ނުދެޔޯ ގެއަކަށް” ރަވާނު ބުނެލި ޖުމްލައިން އަހަރެން ހުއްޓުން އެރިއެވެ. ބޮލުގައި އަތުން ޖަހާލެވުނެވެ. ޝެހެނާޒުގެ ނުރުހުމުގައި ސްކައި ލިފްޓަށް ނޭރުނު ނަމައެވެ. ފެރިސް ވީލަށް އަރަން ނުބުނެވުނު ނަމައެވެ. އެހެން ނޫންނަމަ އޭނާ އެކަހެރިވެގެން މި ކެފޭއަކަށް ނާންނާނެ ވިއްޔާއެވެ. ދެން ނަމަ ނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެ ތާއެވެ.
އަވަސް އަރުވާލައިގެން އަހަރެމެން އެ ކެފޭ އިން ނުކުތީ ޝެހެނާޒު ހޯދުމުގެ ނިޔަތުގައެވެ. އަހަރެންނަށް އިސްތަށިގަނޑުގައި ހިފަހައްޓާލައިގެން އިނދެވުނު އިރު ޝައްކާއި ވަހުމްތަކުން ޚިޔާލުތައް ކިލަނބުވެއްޖެއެވެ. އަނެއްކާ އޮށްގާ ގޭންގުގެ ބަޔަކަށް އަހަރެމެން ކުރި ކަންތައް އެނގުނީ ބާއެވެ. އެއިން މީހަކު ޝެހެނާޒާއި ދިމާކޮށްލީ ބާއެވެ. ބަދަލު ހިފުމުގެ ގޮތުން ޝެހެނާޒު ރަހީނުކޮށްފައި ގެންދިޔައީ ބާއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part vx v Reethi masha allah
Mi part kiyaafa rovijje
Kuhverinah adabu dhee
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Then a lot cutie girl. 💕
I mean thnx..
Sorry e i typing error eh.
V ethi❤️
V reethi
Thnx Anonymous