Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 12

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
September 5, 2024 9 Mins Read
5 Comments

އަވަސް އަރުވާލައިގެން އަހަރެމެން އެ ކެފޭ އިން ނުކުތީ ޝެހެނާޒު ހޯދުމުގެ ނިޔަތުގައެވެ. އަހަރެންނަށް އިސްތަށިގަނޑުގައި ހިފަހައްޓާލައިގެން އިނދެވުނު އިރު ޝައްކާއި ވަހުމްތަކުން ޚިޔާލުތައް ކިލަނބުވެއްޖެއެވެ. އަނެއްކާ އޮށްގާ ގޭންގުގެ ބަޔަކަށް އަހަރެމެން ކުރި ކަންތައް އެނގުނީ ބާއެވެ. އެއިން މީހަކު ޝެހެނާޒާއި ދިމާކޮށްލީ ބާއެވެ. ބަދަލު ހިފުމުގެ ގޮތުން ޝެހެނާޒު ރަހީނުކޮށްފައި ގެންދިޔައީ ބާއެވެ. 

ރަވާނުގެ ބުނުމަށް އަހަރެމެން ދެން އުޅުނީ ޝެހެނާޒު ފެނޭތޯ އެ ހިސާބުގަނޑު ހޯދާށެވެ. ދާހާ ބައެއްގެ ގާތު އަހަމުންނެވެ. އެހެނަސް އެކެއްގެ ފަރާތުން ވެސް އުންމީދު ކުރަނިވި ޖަވާބެއް ނުލިބެއެވެ. ސާޅީހަކަށް މިނެޓު ވަންދެން އެތަނުގައި އެނބުރުނު އިރު ވެސް ކުރި މަސައްކަތް ކާމިޔާބު ވާކަށް ނޫޅުނެވެ. އިރުއޮއްސިގެން ގޮސް މަގުމަތީގައި ހުރި ބޮކިތައް ދިއްލާލައިފިއެވެ. މާޔޫސް ކަމާއެކު އަހަރެން ރަވާނު ގާތު ބުނީ އެކަން ޕޮލިހަށް ރިޕޯޓު ކުރާށެވެ. އޭނާ ކަރު އެލުވާލަމުން ފޯނު ނެގިއެވެ. ޕޮލިސް ސްޓޭޝަނަށް ގުޅަން ނަންބަރު ޖަހާލިއެވެ. ގުޅާ ފިތަށް ފިތާލީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. 

އަހަރެމެންގެ މިލައިފައިވާ މޫނުތަކަށް އެވަގުތު ދިރުން ގިނައީ މަގުގެ ކޮޅުން ފެނުނު މީހެއްގެ ސަބަބުންނެވެ. ރަވާނު އޭނާގެ ކަންފަތުގައި ޖެހި ފޯނު ކަނޑާލިއެވެ. އަހަރެން ފަޔަށް ލެވުނުހާ ބާރެއް ލައިފައި އެހިސާބަށް ދިޔައީ ދުވެފައެވެ. އެ ބާރު މިނުގައި ގޮސް ޝެހެނާޒު ގައިގައި ބާރަށް ބައްދާލީމެވެ. ދެން ތިބި މީހުންނަށް އެ ހިސާބަށް އާދެވުނީ ދެ ވަރަކަށް މިނެޓު ފަހުންނެވެ. ޝެހެނާޒު ހީވަނީ ވާނުވާ ނޭނގިފައި ހުރި ހެނެވެ. 

“ޕޮލިހުންނަށް ވެސް ގުޅިއްޖެ ޝަހިކްސް ވީ ތަނެއް ނޭނގިގެން. ކޮން ތާކަށް ގެއްލިފަތަ ތިއައީ؟ ފޯނު ވެސް ނިވާލައިގެންތަ އުޅެނީ؟” އަހަރެން ޝެހެނާޒާއި ދުރު ވެލުމުން ރަވާނުގެ ސުވާލުތައް އޭނާއާއި އަމާޒުވިއެވެ. އެހެނަސް އަހަރެން ފުރަތަމަ އެދުނީ ގެއަށް ދިއުމަށެވެ. ދަތުރު މަތީގައި ޝެހެނާޒަށް ޖަވާބު ދެވިދާނެއޭ ބުނަމުންނެވެ. ޝެހެނާޒު އެކަމާ ދެކޮޅު ހަދަމުން ބުނީ ހޫދާއި ރަވާނު ގާތު ނަމާދަށް ދިއުމަށެވެ. އަހަރެންނާއި ހަމްރާ ގޮވައިގެން ޝެހެނާޒު ހިނގައިގަތެވެ. އެ ދާ ތަނެއްގެ ވާހަކައެއް ނުބުނެއެވެ. 

ޝެހެނާޒު އެރީ ވަރަށް ރީތި އިމާރާތަކަށެވެ. އެތަނުން ޔުނިޓެއްގެ ކައިރިއަށް ގޮސް ބެލް ޖަހާލިއެވެ. އަދިވެސް މި އައީ ކީއްކުރަން ކަމެއް ބުނާކަށް ނޫޅުނެވެ. ދޮރު ހުޅުވާނީ ކާކުތޯ ބަލަން އަހަރެން ހުރީ ކެތްމަދުވެފައެވެ. ދޮރު ހުޅުވާލި މީހާ ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ދެ އަހަރު ދުވަސް ކުރިން ޝެހެނާޒާއި އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ. ވަރަށް ހިތްހެޔޮ އެކުވެރި ކުއްޖެކެވެ. 

“އެ ކެފޭ އިން ނުކުންނަނިކޮށް ލަމްއާ ދިމާވެގެން މިގެއަށް އައީ. ސޮރީ ނުބުނެވުނީމަ. އެއްވެސް ވަރަކަށް ހަނދާނެއް ނެތް ބުނާކަށް. ނޭނގެ ފޯނު ނިވުނުކަމެއް ވެސް. ވާހަކައިގައި ތިބެވުނީ ގަޑި ބަލާނުލާ. ލަމް މަޣްރިބް ނަމާދަށް ބަންގި ގޮވަނީ އޭ ބުނުމުން ނުކުތިން ޕާކަށް ދާން. އެވަގުތު ފެނުނު މީހަކު ބުނީ ބަޔަކު އަހަރެން ހޯދާ ވާހަކަ. ދެން ދިޔައީ ތިމީހުން ހޯދަން.” ޝެހެނާޒު ވީގޮތް ތަފްސީލު ކޮށްދިނެވެ. 

އަހަރެން ހިތްހަމަޖެހުނީ ދެރަ ގޮތެއް ދިމާނުވުމުންނެވެ. ހޫދުމެން އައުމުން ފުރަތަމަ ފިޔަވައްސަށް ދާން އިޚްތިޔާރު ކުރީ ސްކައި ލިފްޓުންނެވެ. ޝެހެނާޒު މިފަހަރު އެކަމަށް ދެކޮޅު ނުހެދީތީ އަޖައިބުވިއެވެ. އޭގައި ތިބިއިރު އަހަރެމެންގެ ތެރޭގައި ވީ ހަމަހިމޭން ކަމެވެ. ދެން ރަވާނުގެ ފޯނަށް އައި މެސެޖަކާއި ހެދި އެ ހިމޭންކަން ނެތި ދިޔައީ ސިކުންތު ކޮޅަކަށެވެ. އެއަށް ބަލައިފައި އޭނާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އަހަރެން ވަރަށް ނޫންކަމަށް ހަދާފައި ބޯ ދިއްކޮށްލީމެވެ. 

އެ މެސެޖާއި އެކު ފޮޓޯއެއް ފޮނުވައިފައި އޮތެވެ. މެސެޖު ވަރަށް ކުރެވެ. އޭގައި ލިޔެފައި ވަނީ އެ ފޮޓޯގައިވާ ފިރިހެނަކީ ޒެލް ކަމަށެވެ. އޭނާގެ އަސްލު ނަމަކީ ޒާލިމް ޢަލީ ޒިރާރު ކަމަށެވެ. އެއީ ފައްކާ ޕްލޭބޯއީ އެއް ކަމެވެ. ‘ޒެލް’ އެ ނަން ކޮންމެ ވެސް ދުވަހަކު އިވުނު ހެން ހީވެއެވެ. އެކަމަކު އެއީ ކޮންތަނަކު ކޮންއިރަކު ކަމެއް ހަނދާނަކަށް ނައެވެ. ރަވާނު ބަލާ މައްސަލައަކާއި ގުޅުން ހުރި ކަމަކަށް ހަދައިފައި އަހަރެން އަޅާނުލާ ހުރީމެވެ. ގެއަށް އާދެވުނު އިރު އަހަރެން އިނީ ވަރުބަލިވެފައެވެ. ވަރެއްގެ ދުވަހެކެންނު ހެއްޔެވެ؟

އޭގެ އަނެއް ދުވަހު ރަވާނު އަނބުރާ ލާމަށް ދިޔައެވެ. އެއްކަލަ އީމާން ގެއްލުނު މައްސަލައައިގެން އުޅެން ޖެހޭތީއެވެ. އަނެއް ހަފުތާ އަހަރެންގެ އޯލެވެލް ނަތީޖާ ލިބުނެވެ. މާކަ ދަށެއް ނޫނެވެ. ކޮމްޕިއުޓާ ސައިންސުން އޭ ސްޓާ ލިބުނެވެ. ތިން މާއްދާ އިން އޭ ލިބޭ ވަރު ވިއެވެ. ދެން ދެބީއާއި ސީ އެވެ. އޭ ލިބުނީ ދިވެހި، އިސްލާމް، އިނގިރޭސިންނެވެ. ބީ ލިބުނީ ކެމިސްޓްރީ އާއި ބަޔޮލޮޖީންނެވެ. ހީކުރި ގޮތަށް އުނދަގޫ ފިޒިކްސްގަނޑާއި ހިސާބުން ސީ އެވެ.  ހުރިހާ މާއްދާއަކުން ފާސް ވިއެވެ. ޝެހެނާޒަށް ލިބުނީ ހުސް އޭ އާއި އޭ ސްޓާއެެވެ. އެއަށްފަހު ޝެހެނާޒު އޭލެވެލް ކިޔަވަން ފެށުމާއި އެކުހެން އަހަރެންނާއި ހޫދު ޓްރައިނިން ފެށީމެވެ. ރަވާނު ބުނިހެން އެއީ ވަރަށް އުނދަގޫ ޓްރައިނިން އެކެވެ. އޭގެ މުއްދަތަކީ އެއް އަހަރު ކަމަށް ވިޔަސް އެއް ފަހަރުން ފާސްވުން ގާތް ގަނޑަކަށް އިމްޕޮސިބްލްއެވެ. އަދި މިހާތަނަށް އެ ޓްރައިނިން ހެދި އެކަކަށް ވެސް އެކަމެއް ނުވި ވިއްޔާއެވެ. ހަމަ އަލުން އެ ހަދަން ޖެހޭ ވިއްޔާއެވެ. ރަވާނު ބުނިގޮތުގައި އެންމެ އަވަހަށް އެ ނިންމާލި މީހާ ވެސް އެކަމަށް ތިން އަހަރު ނެގިއެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު މިއީ އޮގަސްޓް މަހެވެ. 2222ވަނަ އަހަރެވެ. މިއަދަކީ ހުކުރު ދުވަސް ކަމަށް ވިޔަސް ދުވަން ދާން ޖެހެއެވެ. ހޫދާއި އެކު މިއަދު ދިޔައިރު ޝެހެނާޒު ވެސް ގެންދިޔައީމެވެ. އޭނާ ނުދާން ވަރަށް ގަދަ ހެދިއެވެ. ދެން އަހަރެމެންނަކީ ޝެހެނާޒު އެކަނި އެދޭ ގޮތަށް ކަން ކުރާ ބައެއް ނޫންތާއެވެ. 

“އޭ ދެން ނުދުވެވޭނެ” މާނޭވާ ލަމުން ޝެހެނާޒު ގޮވާލީ ބާރަށެވެ. އޭނާ ހުރީ ފުދޭވަރަކަށް ދުރުގައެވެ. ދާހިއްލާ ތެމި ފޯވެފައި ހުރިކަން ފާޅުވާން ހުއްޓެވެ. އެނބުރިލައިފައި ވެސް އަހަރެންނާއި ހޫދު އެ ލެޕު ނިންމާލަން ދުއްވައިގަތީމެވެ. އަހަރެމެން ދުވާއިރު ހީވާނީ ރޭހެއް ޖަހާހެންނެވެ. ހިރަފުސް ހުރި ނަމަ ދުން އަރާހާ ބާރަށެވެ. މިކަހަލަ ކުޑަ ކަމެއްގައި ވެސް ވާދަވެރިވެވެނީއެވެ. ޝެހެނާޒު ހުރި ހިސާބަށް ފަސްމިނެޓު ތެރޭ ދެވުނެވެ. 

“ތި ދެމީހުންނަކީ އިންސާނުންތަ؟ ވަރުބައްޔެއް ވަނީއެއް ނޫން ވިއްޔާ. ޝެހެނާޒުގެ ނޭވާ މިހާރު ހަމައަކަށް އެޅިފައި ހުއްޓެވެ. “ނޫނޭ. އަހަރެމެންނަކީ އޭލިޔަނުން.” އަހަރެން ޖަވާބު ދިނީމެވެ. ހޫދު ބޯ ހޫރާލަމުން ފެން ފުޅީގައި ތުން ޖަހާ ދަމާލިއެވެ. އެ ސޮރެކޭ އެއްފަދައިން އަހަރެން ވެސް ހުރީ ދަލުން ފެންވެރިފައެވެ. ކުރީގައި ހޫދު އަހަރެންނަށް ވުރެ ބާރަށް ދުވިކަމުގައި ވީނަމަވެސް މިހާރު ހަމަ އެއްވަރެވެ. 

ދެން ވެސް އަހަރެމެން ދެމީހުން ދުއްވައިގަތީމެވެ. ބާކީ އޮތް ހަތަރު ބުރު ޖަހާ ނިންމާލީ މެދުކެނޑުމެއްނެތިއެވެ. އެއަށްފަހު ކަސްރަތުކުރަން ހުރި ޝެހެނާޒުގެ ގާތަށް ދިޔައީމެވެ. “ޝަހިކްސް މާ ރަނގަޅެންނު. އަހަރެމެންނާއި އެކު ދުވަން އައިސް މި ބޮޑު ތަނުގައި ވަށައިގެން އެންމެ ބުރެއް ވެސް ޖަހާލަން ނުކެރުނު ވިއްޔާ.” ހޫދު އައިސް ޝެހެނާޒާއި ދިމާކުރަން ފެށިއެވެ. ދެމީހުން އެކަކު އަނެކަކު ‘ރޯސްޓު’ ކުރަމުން ދިޔައިރު އަހަރެން އެތަނުގައި ނެތް މީހެކޭ އެއްފަދައެވެ. 

“ނިމުނީތަ؟ އަޅެ ހިނގާބެ މިރޭ ސްލީޕްއޯވާ އަކަށް އަންނަން. މިހާރު އެކަހަލަ ކަމެއް ކޮށްނުލާތާ ޒަމާން ގަނޑެއް ވެއްޖެ.” އެމީހުންގެ ކޯޅުމަށް ހުއްޓުމެއް ނާންނާތީ އަހަރެން އެ ދެމެދަށް ވަދެގަތީމެވެ. އަހަރެންގެ ޚިޔާލު އެމީހުންނަށް ވަރަށް ކަމުދިޔައެވެ. އެހެނަސް މަންމަ އަހަރެމެން މާ ދަންވާން ދެން ހޭލާ ތިބިޔަކަ ނުދޭނެއެވެ. އެހެން ކަމުން ގަޑި ކީ ހަވީރަށެވެ. 

“ހިނގާލާފަ ދޯ ދާނީ” ޝެހެނާޒު އެހެން ބުނެލި ވަގުތަށް އެކަމާ ދެކޮޅު ހެދީމެވެ. އެހާ ވަރަށް ދުވެފައި އައިސް އަދި ހިނގައިފައި ދެވޭ ހެއްޔެވެ؟ އެކަމެއް ނުވާނެއެވެ. އަހަރެން ދާނީ ލޭންޑް ކެޕްސޫލްގައެވެ. އޭގެ ތެރެއަށް ފިނި ވެސް ވާނެއެވެ. ހިނގައިފައި ދާން އެ ދެމީހުން ދޫކޮށްލައިފައި އަހަރެން ދިޔައީ ލޭންޑް ކެޕްސޫލަށް އަރާށެވެ. ބޭނުންވި ރޫޓް ހޯދާ އޭގެ ހަތަރުވަނަ ސްޓޮޕް ޕޮއިންޓަށް ދާން ނައްޓާލީމެވެ. އޭގައި ހުރި އޭސީގެ ފިނި ގަދަ ކޮށް ލައިފައި އަހަރެންގެ ކަންފަތަށް އެއާޕޮޑް ޖަހާލީމެވެ. ދާން ބޭނުންވި މަންޒިލާއި ހަމައަށް އާދެވުމުން އެއިން ފައިބައިގެން ގެއަށް ދިޔައީމެވެ. 

އަސްރަފީވިލާގޭގެ ބޮޑު ދޮރުން އެތެރެއަށް ވަނުމާއި އެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ގަސްތަކަށް ފެން ދޭން ހުރި މަންމައެވެ. އަމިއްލައަށް އެ ގަސްތަކަށް ފެން ދޭނެ މެކޭނިޒަމް އެއް ހުއްޓަސް މަންމަ އެއަކު އަތެއް ނުލާނެއެވެ. އެ ނިވާލައިފައި ބޭކާރު ގޮތުގައި ބަހައްޓާނީއެވެ. 

“މަންމާ! މިއަދު ހޫދުމެން ސްލީޕްއޯވާ އަކަށް އަންނާނެ.” މަންމައަށް އަންގާލައިފައި އަހަރެން ދިޔައީ ފެންވަރާށެވެ. ފިނިފެނުންނެވެ. ވަރަށް އަރާމެވެ. އެއަށްފަހު އަޅިކުލައިގެ ސްވެޓާ އަކާއި ކަޅު ޓައިޓެއް ލަމުން ބޮލުގައި ފުނާ އަޅާލީމެވެ. ދެން ބެލްކަންޏަށް ނުކުމެ އެތަނުގައި ހުރި އުނދޯލީގައި އިށީނދެ ރަނގަޅަށް ވެޑުވެލީމެވެ. އަހަރެންގެ ޖީބުން ފޯނު ނެގީ ޚަބަރު ކިޔާލުމަށެވެ. މިފަހަރު އަހަރެންގެ ސަމާލުކަން ދަމައިގަތީ ވަރަށް ތަފާތު ސުރުޚީ އެކެވެ. ކިތަންމެ ވަރަކަށް ވެސް އެކަހަލަ ކަންކަން ވެފައިވާ ކަމުގެ ޚަބަރު ކިއިއްޖެއެވެ. އެހެނަސް އަދި އެއް ސުރުޚީގައި އެ ހުރިހާ ހާދިސާތަކެއް ގުޅުވާލައިފައި ވަނިކޮށް ނުދެކެމެވެ. 

‘މިދިޔަ ހަތް އަހަރު ތެރޭގައި ގެއްލުނު ވިހި ދިވެހީން މަރުވެއްޖެތަ؟’. އެ ޚަބަރުގައި އެ ވިހި މީހުންގެ ފޮޓޯ އާއި އެމީހުންގެ ވަނަވަރު މަތިމަތިން ބަޔާންކޮށްފައި ވެއެވެ. އެތަނުން އީމާން އަކީ ރަވާނުމެން ހޯދަން މަސައްކަތްކުރާ ފިރިހެނެކެވެ. އަދިއަދަށް ދާން ދެން ވެސް މި ގެއްލުންތަކުގެ ޙަޤީޤަތް ހޯދިފައެއް ނުވެއެވެ. ހަމައެކަނި ގެއްލޭ ކަމެވެ. މަރުވެފައިވާ ކަމެއްވެސް ނޫން ކަމެއް ވެސް ނޭނގެނީ އެއިން އެކެއްގެ ފުރާނަ ނެތް މަސްގަނޑު ވެސް ފެނިފައި ނުވާތީއެވެ. އެ ބަޔަކު ވަޔަށް ތަޙައްލަލު ވެގެން ދަނީ ހެއްޔެވެ؟ ކޮޅެއް ނެތް މައްސަލައެކެވެ. އެ ކަން ކުރާ ބައެއް ހާދަހާވާ މޮޅެވެ. ކިރިޔާ ވެސް މީހަކަށް އެނގުމެއް ނުވާނޭ ގޮތަށް އެ މަސައްކަތް ނިންމާލަނީ ވިއްޔާއެވެ. 

އެ ޚަބަރު ކިޔާ ނިންމާލައިފައި އަހަރެން ތިރިޔަށް ދިޔައީ ކާށެވެ. ހެނދުނުގެ ސައި ވަރަށް ފުރިހަމައެވެ. ސަޔަށް ފަހު އަހަރެން އުޅުނީ ހޯމްވޯކް ނިންމާށެވެ. ކުށްކުރާ މީހުންގެ ނަޒަރުން އެމީހުން ބޭނުން ކުރާ ވިހި އުކުޅެއް ހޯދާ ލިޔުމެވެ. މި ޓްރައިނިންގައި އުޅޭއިރު އެމީހުން ވިސްނާ ގޮތްގޮތަށް އަހަރެމެން ވެސް ވިސްނާން ޖެހެއެވެ. ‘ކްރިމިނަލް މައިންޑްސެޓް’ އެއް ހުންނަން ޖެހެއެވެ. 

ބޯ ގާނަ ގާނައިގެން އަހަރެންނަށް ލިޔެވުނީ ސާދަ އެއްޗެވެ. ދެން މަންމައަށް އަތް ގާތް ކޮށްދޭން ބަދިގެއަށް ވަންނަން ދިޔައީއެވެ. އޭރު މަންމަ އުޅުނީ ޝްރިމްޕް ރައިސް ހަދާށެވެ. ކުކުޅު ވެސް ހަނާކުރިއެވެ. އަހަރެން ޖޫސް ގިރައިފައި މަންމަ ހެދި ޗޮކްލެޓް ބެޓާ އާއި ބިސްކޯދު އަތުރައިގެން ފޮނި އެއްޗެއް ހެދީމެވެ. އެކަން ކޮށްފައި ވެސް ފެންވަރާލަން ވަނީ ގައިން ކާތަކެތީގެ ވަސް ދުވާތީއެވެ. 

އަސުރު ނަމާދަށް ފަހު އަހަރެން އުޅުނީ މިރޭ ބަލަން ރަނގަޅު ފިލްމެއް ފެނޭތޯއެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ވަރަށް ފަހުން ނެރުނު ޑިޓެކްޓިވް ފިކްޝަނެއްގައެވެ. ނޯތު ކޮރެއާގެ ހޮސްޕިޓަލެއްގައި ހިނގާ ކަންކަމެވެ. ވަރަށް ރީތި ވާނެހެން ހީވެއެވެ. އެ ގައުމުން ނެރޭ ގިނަ މޫވީތައް އަހަރެންނަށް ކަމުދެއެވެ. 

އަހަރެން ބެލްކަންޏަށް ނުކުމެލީ ސާފު ވައި ކޮޅެއް ލިބޭތޯއެވެ. އެތަނުގައި އިންދާ ފަސްވަރަކަށް މިނެޓު ފާއިތުވުމުން ހޫދާއި ޝެހެނާޒު އަންނަ މަންޒަރު ފެނުނެވެ. ޝެހެނާޒު ގޮވައިގެން ޝާނާ އައި ފަހަރެކެވެ. މިގެއާއި ހަމައަށް އައިސްފައި ޝާނާ އެހެން ތަނަކަށް ދާން އަނެއް ފަރާތަށް އެނބުރުނެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި މީހަކު ޝާނާއަށް ބަލާހެން ހީވެއެވެ. ފާޑަކަށް ހުރި ކަޅު ކުލައިގެ ސޫޓެއް ލައިގެން ހުރި މީހެކެވެ. އެހެނަސް އެއީ މާ ބޮޑު ކަމަކަށް ނުހަދާ އަހަރެން ބެލްކަނިން ތިރިއަށް ފުންމާލީމެވެ. އަހަރެންގެ ލޯބިވާ ފޭރު ގަހުގެ އެހީގައެވެ. ގޭގެ ގޭޓުން އެތެރެއަށް ވަދެގެން އައި ހޫދާއި ޝެހެނާޒުގެ ކުރިމައްޗަށެވެ. 

“މަރްޔަމް ރިފްޤާ!” އަހަރެން ހުރި ފިޔަވަޅު މަތީ ގަނޑުވީ މަންމަގެ ތޫލި އަޑުންނެވެ. ފެން ޖަހަން ހޮޅި ހިފައިގެން ހުރި މަންމަ އާއި ދިމާލަށް ބަލައިލީ ބިރުން ހުރެއެވެ. އަނެއްކާ ވެސް ގަހަށް ފެންދެނީ ހެއްޔެވެ؟ “ލައްބަ މަންމާ! ކިހިނެއްތޯ ވީ؟” ގަދަކަމުން މޫނަށް ހިނިތުންވުމެއް ގެނެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. “ކިތައް ފަހަރު ބުނާނީ ތި ގޮތަށް ބެލްކަނިން ތިރިއަށް ނުފުންމާށޭ. ވެއްޓި އަނިޔާވެދާނޭ.” މަންމަގެ ދެލޮލުން އަލިފާންކަނި ބުރާހެން ހީވެއެވެ. އަހަރެން ހިންދިރުވާލީމެވެ. އެވަގުތު ފުންމާލީ މަންމައަށް ފެނިދާނެ ކަމަކަށް ނޫނެވެ. އެގޮތް އަވަސް ވީމައެވެ. 

“ދެން ހަނދާން ވެސް ނެތިދާނެންނު” އަހަރެން އެހެން ބުނެލީ ދައްކާނެ އެހެން ބަހަނާ އެއް ނެތުމުންނެވެ. “ހަނދާން ނުނެތޭ ވަރުކޮށްލަން އެ ގަސް ކަނޑާލަން ވީތަ؟ ހުރޭ މިފަހަރު އެ ފޭރު ގަސް ކަނޑާލާފަ ދޫކޮށްލާނީ.” މަންމަ ބުނެލި ވިހަގަދަ ބަސްތަކާއި ހެދި އެ ދިމާލަށް ދެވުނީ ވެސް އަވަހަށެވެ. އަހަރެންގެ ފުރާނަ ފަދަ ފޭރުގަސް ކަނޑާލާތަން ބަލަން ކުޅަދާނައެއް ނުވާނެއެވެ. “މަންމާ! އަޅެ ދެން އާދޭސް ކޮށްފަ މި ބުނަނީ އެ ގަސް ކަނޑާ ނުލާ. ވަރަށް ރީއްޗެއްނު އެ ގަސް ހުރީމަ. އެގަހުގެ ފޭރު ވަރަށް މީރެއްނު. އަދި އެހެން ނޫނަސް ގަހެއް ކަނޑާލާކަށް ވެސް ނުވާނެއްނު. އެއީ ވެސް އަހަރެެމެން ކަހަލަ ދިރުން ހުރި މަޚްލޫޤުން ވިއްޔާ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ނުރުއްސަވާ ކަމެއް ގަސް ކެނޑުމަކީ” އަހަރެން ގޮސް ކުޑަކަކޫ ޖަހާ މަންމަގެ އަތުގައި ހިފީމެވެ. ކަރުނަވީ ލޮލަކުން މަންމަގެ މޫނަށް ނަޒަރު ހުއްޓާލީމެވެ. ޑުރާމާއެއްހާ މޮޅަށް އެކްޓު ޖެއްސީމެވެ. “ހޫން. ތިޔަހާ ޑްރެމެޓިކް ނުވިއަސް ވެދާނޭ.” މަންމަ ދެކޮޅަށް ކަޅި ހިންގާލަމުން ބުނެލިއެވެ. މަންމަ އެ ގަސްކަނޑާ ނުލުމަށް އެއްބަސް ކުރެވުނީ ޙާލަކުންނެވެ. 

އަހަރެން ކޮޓަރިއަށް ދިޔައީ ހެޑް ބޭންޑު ބަލައެވެ. އެ ހިފައިގެން ނުކުތީ އިތުރު ވަގުތުތަކެއް ބޭކާރު ވާން ހިތް ނޭދޭތީއެވެ. މިއަދު ފޯރިގަދަކޮށް ޓެނިސް ކުޅެން ޖެހޭނެ ވިއްޔާއެވެ. ނަސީބު ރަނގަޅު ކަމުން އެ ޓެނިސްކޯޓު ހުންނަނީ އަހަރެންގެ ގެއާއި ޖެހިގެންނެވެ. އެ ތަނުން ހުސް ބަޔަކަށް ވަދެލާ ބޯޅައާއި ރެކެޓު ނެގީމެވެ. ވިލާ ރޮއްޖެއް ހާ ހިސާބުވެސް ނެތް އުޑުމަތި ސާފު ދުވަހެއް ކަން ރަނގަޅެވެ. 

ހޫދު ބަލަން ބައިންދައިފައި ފުރަތަމަ ކުޅެން އެރީ އަހަރެންނާއި ޝެހެނާޒެވެ. އަހަރެެމެން ތިން މީހުންގެ ތެރެއިން ޓެނިހަށް އެންމެ ދަށް ވާނީ އަހަރެންނެވެ. މި ޝެހެނާޒު މާ ސްޕޯޓީ ނުވިއަސް ޓެނިސް ކުޅެން މޮޅުވާނެއެވެ. އަހަރެން ބަލިވީ ފަސް ޕޮއިންޓުގެ ތަފާތުންނެވެ. ފަހެއް ސުމަކުންނެވެ. އެހެނަސް އެކަމަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. ކުޅޭ އިރު މަޖާ ކުރެވިއްޖެއްޔާ އެންމެ ރަނގަޅު ވާނެއެވެ. 

ދިހަ މިނެޓުގެ ބްރޭކަކަށް ފަހު ދެން ކުޅެން އެރީ ހޫދާއި ޝެހެނާޒެވެ. ވަރަށް ފޯރިގަދަ ވާނެއެވެ. އެ ކުޅިވަރަށް އެ ދެމީހުން ވަރަށް ވާދަވެރިއެވެ. މަގުމަތިން ދާ މީހުންގެ ސަމާލުކަން އަތުލާން ވެސް އެމީހުން ކުޅަދާނައެވެ. ގިނަ ބަޔަކު ބަލަން މަޑުކޮށްގެން ތިއްބެވެ. ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވީ އިރު ވެސް ސުމެއް ސުމެކެވެ. އެކަކަށް ވެސް ލަނޑެއް ނުޖެހެއެވެ. އެހެން ވެގެން ވަގުތު ހަމަ ވިޔަސް އެކަމަށް ނުބަލާ އެމީހުން ކުޅުނެވެ. 

ވަގުތު ފާއިތުވަމުން ދާ ވަރަކަށް އެ ތަނުގެ ފޯރި ގަދަ ވަމުން ދިޔައެވެ. އެކި މީހުން ކޮޅު ނަގައި ސާބަސް ދީ ސަޕޯޓުކުރަން ފަށައިފިއެވެ. ކުޅިބަލަން ތިބި މީހުން އިންތިޒާރު ކުރަނީ ޕޮއިންޓެއް ލިބޭނީ ކާކަށް ތޯ ބަލާށެވެ. އެއް ފަރާތުން އިވެނީ ޝެހެނާޒަށް ހިތްވަރު ދޭ އަޑެވެ. އަނެއް ކޮޅުގައި ހޫދަށް ސަޕޯޓުކުރަން ތިބި ފިރިހެންވެރީންގެ އަޑު މާ ގަދަ ހެން ހީވެއެވެ. އެންމެ ފަހުން އަހަރެން ވެސް ޝައުޤުވެރިވީ މޮޅުވާނީ ކާކުތޯ ބަލާށެވެ. އެއްވަރަށް ޓެނިހަށް މޮޅު ދެމީހުންނެވެ. އިތުރަށް ނެގި ވަގުތުގެ ފަހު ތިރީސް ސިކުންތަށް ވެއްޖެއެވެ. ‘ސާބަހޭ’،  ‘ޖަހާށޭ’ ކިޔާ އަޑު ގަދަ ވިއެވެ. އެންމެ ފަހު ފަސް ސިކުންތުގައި އެކަކަށް ޕޮއިންޓެއް ލިބުނެވެ. 

ބަލަން ތިބި މީހުންގެ ތެރެއިން އެއްބަޔަކު ފުންމައިގެން އެރިއެވެ. އަތްތިލަ ބަޑިން އެ ހިސާބު ގުގުމައިގަތެވެ. ކޯޓު ތެރޭގައި ތިބި ހޫދާއި ޝެހެނާޒު ހުރީ ދަލުން ފޯވެފައެވެ. ރެކެޓު ބާއްވާފައި ހޫދު ކޯޓު ވަށައިގެން ދުވެލިއެވެ. މޫނުމަތިގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޝެހެނާޒު ކަރު އެލުވާލަމުން ގޮސް ފެން ފުޅި ނަގާ އޭގައި ތުންޖެހިއެވެ. އެ ފުޅި އަތުން ދޫކޮށްލީ އެކަށް ހުސްވުމުންނެވެ. 

ދެން މިއަދު ނިންމާލީ އިރު އޮއްސެން ގާތް ވެފައި ވުމުންނެވެ. ކޯޓުން ނުކުމެގެން ދިޔަ އިރު ވެސް ހޫދުގެ މޫނު މައްޗަކުން އެ ހިނިތުންވުމެއް ނުފިލައެވެ. ޝެހެނާޒުގެ ގާތުން މޮޅު ވާ ފަހަރަކު ވިއްޔާ އޭނާ ފޮނި ކަނޑާ ދައްކާލާނެއެވެ. އޭނާ ކަރާ ފަޅާވަރުން ޝެހެނާޒުގެ ބޮލަށް އުނދަގޫ ވެގެން ގެއަށް ދިޔައީ ދުވެފައެވެ. “ތިވަރު ނުވިއަސް ރަނގަޅު ވާނެ. ވައިޓީ ވަދޭ ގެސްޓް ރޫމަށް.” ހޫދުގެ ކޮނޑުގައި ޖަހާލާފައި އަހަރެން ގޭތެރެއަށް ވަނީމެވެ. 

އަހަރެން ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަ ވެސް އުޅުނީ ފެންވަރާށެވެ. ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ލިބުނެވެ. އަހަރެންނަކީ ފެންވެރުމަށް ވަރަށް ލޯބި ކުރާ މީހެކެވެ. މިރޭ އަހަރެން ލީ ކަޅު ހުޑީއަކާއި ޓްރައުޒާއެކެވެ. މިރޭ ކަޅު ވާ ހިތްވީއެވެ. ފެންވަރައިގެން ހޫދު ނައްޓާލީ މިސްކިތަށެވެ. އޭނާ ލައިގެން ހުރީ ‘ޓްރޫތް’ ޖަހާލައިފައި އިން ގަދަ ނޫކުލައިގެ ޓީޝާޓަކާއި ކަޅު ކެރެޓެކެވެ. އަނެއްކާ މި ބުނީ ތަރުކާރީ ކެރެޓު ވާހަކަ އެއް ނޫނެވެ. ޝެހެނާޒު ލައިގެން ހުރި މަޑު ފެހި ކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމެކެވެ. 

އަހަރެމެންގެ ‘ފަން ނައިޓް’ ފެށީ އިޝާ ނަމާދަށް ފަހު ރޭގަނޑުގެ ކެއުމަށް އިންސާފު ކޮށް ނިންމައިފައެވެ. ލިސްޓުގައި އެންމެ ފުރަތަމަ އޮތް ކަމަކީ މޫވީ ބެލުމެވެ. އަހަރެމެން ދިޔައީ ކެޔޮދޫ މާމަ ވެސް ގޮވައިގެންނެވެ. އެއީ ސަމާސާ ކުރުމުގެ އެއްވަނައެވެ. މާމަ ހުރި ތަނަކު ވިއްޔާ މަޖާ މާޙައުލެއް އޮންނާނެއެވެ. މޫވީ ބަލަން ދިޔައީ ގޭގެ މޫވީ ރޫމަށެވެ. އެއީ ކުޑަ ސިނަމާއެއް ކަހަލަ ތަނެކެވެ. އަރާމު ސޯފާއާއި ކޮލެޓީ ރަނގަޅު ހަތްދިހަ އިންޗީގެ ޓީވީއެއް ހުންނާނެއެވެ. ކެރަމަލް ޕޮޕްކޯން ތަށި ހިފައިގެން އައިސް ‘ޓްރެޕްޑް އިން ހޮސްޕިޓަލް’ އަޅުވާލީމެވެ. 

“ވޯހް. އިޓް ވޯޒް ސޯ އަންޕްރިޑިކްޓެބަލް. ހާދަ އެހެން ކަހަލަ ގޮތަކަށޭ އެ ނިމުނީ. ހީރޯ އަކަށް ދެކުނު މީހާ ވިލެން އަކަށް ވީ” ޝެހެނާޒު މޫވީ ބަލާ ނިމުނު ތަނާހެން ބުނެލިއެވެ. “ޔާހް ގާލް. އައި ޑޫ އެގްރީ” ޝެހެނާޒުގެ ކޮނޑުގައި އަތް އަޅުވާލަމުން ކެޔޮދޫ މާމަ އެހެން ބުނެލީ އިނގިރޭސިންނެވެ. އަހަރެން ވެސް އެކަމަށް އެއްބަސްވީމެވެ. ހޫދަށް އެއިން ރީތިވީ ތަޅާ ސީން ތައް އެކަންޏެވެ. މާ ބޮޑަށް ‘އެކްޝަން’ ވެފައި ހުރި ސޮރެކެވެ. 

ދެން އަހަރެމެން ފެށީ ކެރަމް ކުޅޭށެވެ. އަހަރެމެން ނިންމާލީ ދިހައެއް ޖެހި ފަހުންނެވެ. މަންމަގެ ބުނުމަށެވެ. ތިން މީހުން އެކުގައި މައްޗަށް އެރި ކަމުގައި ވީނަމަވެސް ވަކިވެލީ ނިދަން ވެގެންނެވެ. ހޫދު މެހުމާނުންގެ ކޮޓަރިއަށް ފޮނުވާލައިފައި އަހަރެންނާއި ޝެހެނާޒު ވަނީ އަހަރެންގެ ކޮޓަރިއަށެވެ. ޝެހެނާޒު ނިދާ ހެދުން ލުމަށްފަހު އެނދުގައި އޮށޯތުމުން އަހަރެން ވެސް ސޯފާއަށް ވެއްޓިގަތީމެވެ. އެއީ ވަރަށް ފައްކާ ސޯފާ އެކެވެ. ހަމަޖެހިލައިގެން އޮށޯވެ ނިދާލެވޭ ގޮތަށް ވެސް އެ ބަދަލުކޮށްލެވޭނެއެވެ. އަހަރެންގެ ކަޅު ރަޖާ ގައިގައި އޮޅާލަމުން ދެލޯ މަރާލީމެވެ. މިރޭ ޝާނާ ޝެހެނާޒަށް ގުޅާނުލީތީ އަހަރެން ހައިރާން ވިއެވެ. އެހެންޏާ ޤަވާޢިދުން ގުޅާނެއެވެ. މިރޭ ހަސްފަތާލުގައި މާ ބުރަ ވީ ކަމަށް ވެދާނެއެވެ. 

އަހަރެން ފަތިސް ނަމާދަށް ހޭލީ ގަޑި އެލާމުވާ އަޑަށެވެ. މޯޅިއަކަށް ދެމިލަމުން އަހަރެން ތެދުވެ ޝެހެނާޒަށް ގޮވީމެވެ. އޭނާއާއި އެކު ނަމާދު ކޮށް ހެނދުނުގެ ޒިކުރުތައް ކިޔާލައިފައި އަހަރެން އުޅުނީ ހޮޓް ޗޮކްލެޓް ގިރާށެވެ. ތިން މީހުންނަށް ތިން ޖޯޑުގައެވެ. އޭގެ މައްޗަށް ފްރޯޒެން ޑާރކް އަދި ވައިޓް ޗޮކްލެޓް ކިއުބު ތަކެއް އަޅާލައިފައި އެ ހިފައިގެން ދިޔައީ ބެލްކަންޏަށެވެ. 

ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ޝެހެނާޒާއި ހޫދު ހުއްޓެވެ. ފަތިހުގެ ތެތް ފިނިކަން ފަޒާގައި ހަރުލާފައި ވުމުން ވަރަށް އަރާމެވެ. ލުއިލުއި ވައިރޯޅިތައް ވެސް އަހަރެންގެ ދޫކޮށްލެވިފައިވާ އިސްތަށިގަނޑާއި ސަމާސާ ކޮށް ނުލައެއް ނުހުރެވުނެވެ. ހޫދުމެންނަށް އެމީހުންގެ ޖޯޑު ދީފައި އަހަރެންގެ ހޮޓް ޗޮކްލެޓް ޖޯޑު ހިފައިގެން އެތަނުގައި ހުރި ލަކުޑި ގޮނޑިއެއްގައި އިށީނދެލީމެވެ. 

 “ހާދަ އަރާމޭ ދޯ” އަހަރެން ދެލޯ މަރާލަމުން ބުނެލީމެވެ. “އާނ. އެކަމަކު މިއަދު ހީވޭ ރެއަށް ވުރެ ފިނިހެން” ޝެހެނާޒުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. މިގޮތަށް ފިނި ވިއްޔާ އަހަރެންނަށް ރަނގަޅެވެ. އަހަރެންނަކީ ފިނީގައި އުޅޭހިތްވާ މީހެކެވެ. އުޑުމަތީގެ ކުލަތައް އަލިވާން ފަށައިފައި ވީއިރު މަންޒަރު ވަރަށް ޗާލެވެ. ވަރަށް ހަމަޖެހުމާއި އެކު ފެށޭ ދުވަހެކެވެ. ހަމަ މިހާ ސަޅިކޮށް ނިމުނިއްޔާ ރަނގަޅެވެ. 

ޝެހެނާޒުމެން ގެއަށް ދިޔައީ އިރު އެރުމުންނެވެ. މިއަދު ދުވަން ދިއުމުގެ ބަދަލުގައި އަހަރެން އުޅުނީ ވަޅިން ހަމަލާދޭން ފަރިތަކުރާށެވެ. އަހަރެންނަކީ އަންހެނަކަށް ވުމުން ފިރިހެނެއްގެ ބާރެއް ނުހުންނާނެ އެއް ނޫން ހެއްޔެވެ؟ އެހެންކަމުން މިކަހަލަ އުކުޅެއްގެ ބޭނުން ވަރަށް މުހިންމު ވާނެއެވެ. ވަޅި ނޫނަސް އެހެން ތޫނު އެއްޗެހި އަނބުރަ އަނބުރައިގެން އުކަމުން ދިޔައީމެވެ. އެކަމުގައި އުޅެނިކޮށް މެދުކަނޑާލަން ޖެހުނީ މަންމަ ގޮވާ އަޑު އިވުމުންނެވެ. އަހަރެންގެ ނިތްކުރީގައި ހުރި ދާ ތިކިތައް އަތުން ފުހެލައިފައި ބޭރަށް ނުކުތީމެވެ. 

އޭރު ބޭރުގައި ހުރިީ މަންމަ އެއް ނޫނެވެ. ހާސްވެ އޮށްދާ ހިއްލައިފައި ޝެހެނާޒެވެ. އަހަރެންގެ ދެބުމަ ގާތް ކޮށްލެވުނެވެ. އޭނާގެ ދެލޯ ވެސް ރަތް ވެފައި ހުރި ހެން ހީވެއެވެ. އޭނާގެ ކޯތާފަތް މަތި ތެމިފައި އެ ހުރީ ފެނުން ނޫންކަން ދެނެގަންނަން ނެގީ ސިކުންތު ކޮޅެކެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ޝަލީން 6

Next

ލޯބިން ބަލާލީމާ 9

Next
September 7, 2024

ލޯބިން ބަލާލީމާ 9

Previews
September 5, 2024

ޝަލީން 6

5 Comments!

  1. White rose White rose says:
    September 5, 2024 at 7:43 pm

    Assalaamu alikum.
    I’m sorry that I won’t be able to upload this story next week as my exams are starting.
    IA I will continue to upload regularly after the exam ends.
    Hope you guys understand. 💕

  2. Cutie girl says:
    September 5, 2024 at 10:24 pm

    It’s ok
    Good luck for exams
    Mi part ves v Reethi masha allah
    Curiously waiting for next part
    Keep it up
    Kuhverinah adabu dhee
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. White rose White rose says:
      September 6, 2024 at 3:58 pm

      Thnx Cutie girl. 💕

  3. Anonymous says:
    September 6, 2024 at 9:26 am

    It’s ok😊
    Kithanme lahun kiyaalan libunas ehves shakuvaa eh neiy
    Good luck with the exams👍
    Lysm tc😘

    1. White rose White rose says:
      September 6, 2024 at 3:59 pm

      Thnx Anonymous. 💕

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 13←


All Right Reserved!