ޙަޤީޤަތް ހޯދުމޭ 10
“އޭނ” ބާރު ބާރަށް އަހަރެންނަށް ބުނެލެވުނެވެ. ދޮރު ކުރިމަތީގައި ހުއްޓިލައިގެން އެހުރީ ހުރެދާނެ ކަމަށް ޚިޔާލަށް ވެސް ގެނެވޭނެ ވަރުގެ މީހެއް ނޫނެވެ. ލާމަށޭ ކިޔާފައި މީހަކު މިތަނުގައި ހުރީމާ ވާނީ އެހެންނެއް ނޫން ހެއްޔެވެ؟ “ބަލާބަލަ ހުރި ވަގުކަން. ރިފް އަށް އަންގާވެސް ނުލައެއްނު ތިއައީ. ކިހިނެއް؟ ކީއްވެގެން؟ ކޮން ވަގުތަކު؟ ކީއްކުރަން ތިއައީ؟” އަހަރެން އުކުޅުގައި އަތްވިއްދާލަމުން ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.
“މަތިންދާ ބޯޓުން. ކޭސް ބަދަލުވީމަ. ތިނެއް ޖެހިއިރު. އެ ކޭސް ސޯލްވް ކުރެވޭނީ މިތަނުގައި.” ރަވާނު ފައްޗަކަށް އަހަރެން ކުރި ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ. އޭނާ އެތެރެއަށް ވަނުމުން ދޮރު ލައްޕާލީމެވެ. “މޭން! ކޮން ކޭހެއް ނަގައިގެން ތަ ހުޅުމާލެއަށް ތިއައީ؟” ހޫދު ގޮސް ރަވާނުގެ ކޮނޑަށް އަތް ވައްޓާލިއެވެ. “މި އަހަރު ޖެނުއަރީގަ ހިނގި މާރޑާ ކޭސް. ކޮންމެވެސް ޝާހިދެކޭ ކިޔާ މީހަކު މަރާލައިފައި އޮއްވާ ފެނުނެއްނު. އެ ނިންމާލެވޭތޯ މި އައީ. ގައިމު ވެސް ކުރިން ނެގި އެންމެ އުނދަގޫ ކޭހަށް ވުރެ ފަސޭހަ ވާނެ.” ރަވާނު ހޫދުގެ އިސްތަށިގަނޑު ހާވާލިއެވެ.
“ކުރިން ނެގި ކޭހޭ. ލާމު ގަމުގައި ގެއްލުނު އީމާންގެ ކޭސް ތަ؟” ވިސްނާނުލާ އަހަރެންނަށް އަހާލެވުނެވެ. ރަވާނު އަހަރެންނާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ. ހޫދާއި ޝެހެނާޒުގެ މޫނުމަތިން ވެސް ސުވާލު އުފެދިފައިވާކަން ފާހަގަކުރެވުނެވެ. ބުނެވުނީ ކީކޭ ކަން ރެއަކާލީ ދެނެވެ. އަނގަމަތީގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ރަވާނު ނުބުނާ އިރު އަހަރެންނަށް އެކަން އެނގެންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާ މީގެ ދުވަސްކޮޅެއް ކުރިން ހެކު ކުރަން ދިން ފޯނުގެ މައުލޫމާތު އަހަރެން ނެގި ކަމެއް އޭނާއަކަށް ނޭނގޭނެއެވެ.
“ރިފް އަށް ކިހިނެއް އެނގުނީ؟ ތިއްތި ނުބުނަން އެއްވެސް އެހެން ބައެއްގެ ގާތަކު. އެއީ ވަރަށް ސީރިއަސް ކޭހެއް. އެކަހަލަ ވިހިވަރަކަށް ކޭސް މި ރާއްޖޭގައި ހިނގި.” ރަވާނު އަހަރެންނާއި ދިމާލަށް އައެވެ. “ޕިސްޕިސް ވިނަބެއްޔާ ވެސް ދޯ! ބަލަ އަހަރެންގެ އަތަށް ފޯނެއް ދީފަ އޭގެ މައުލޫމާތުތައް ކޮޅާލަދޭށޭ ބުނާއިރު އެއީ ކާކުގެ އެއްޗެއް ކަމެއް ނޭނގި ނުދާނެ ދޯ” ބޮލު ތެރެއަށް ވަން ގޮތަކަށް އަހަރެންގެ ޖަވާބު ފަރުމާކޮށްލީމެވެ.
“އޯހް. ހޫދުމެން މިތާ ތި ތިބިއްޔޯ. ގައިމު ވެސް މި ރިފްޤާ އޭ ކިޔާ އަބަދު އެނބުރޭ ބުމަރަކަށް ތަނެއްގައި މަޑަކުން ނީނދެވޭނެ. ދޯ މަގޭ ހަލަނި ކޮއްކޮގަނޑާ” ރަވާނު މައުޟޫ ބަދަލުކޮށްލަން ކުޅަދާނައެވެ. އެހެނަސް އެ ބަދަލުކޮށްލި މިސްރާބު މާ ރީއްޗެއް ނޫނެވެ. “މަށަކީ ބުމަރެއް ނޫނޭ ވިނަގަނޑާ” އަހަރެން ބޯޑުގައި އެޅި ފޮތިގަނޑު ދަމައިގަންނަމުން ބުނެލީމެވެ. ރަވާނު ހުއްޓުން އަރާފަ އެއަށް ބަލަން ހުއްޓެވެ. ދެން އެ ސޮރު އެ ނެގި ކޭސްގެ ޙަޤީޤަތް ދެލޯ ކުރިމަތީގައި ފެންނަން ހުރުމުން ވާނީ އެހެންނެއް ނޫން ހެއްޔެވެ؟
“ޔާ…ޔާރާގެ ކޮޓަރިން ފެނުނު ހާޑެއް” ރަވާނު ދެލޯ ދެ ކާށިކިބަ އަށް ހަދައިގެން ބޯޑަށް ބަލަން ހުރުމުން ބުނެލީމެވެ. “ކޮން އެއްޗެއްތަ އެ ހާޑުގަ ހުރީ؟” ރަވާނުގެ ބޭނުންވީ އެ ބަލާށެވެ. އެ މަރުގެ އެއްވެސް ހެއްކެއް އަދި އަދަށް ދާން ދެން ވެސް ފެނިފައެއް ނުވެއެވެ. ކުރީ ކޮންބައެއް ކަމެއް ޝައްކު ކުރެވޭ ހިސާބަށް ވެސް ނުފޯރައެވެ. އެ ކަން ފެނުނު މީހެއް، ގުޅުން ހުރި ހެކިބަސް ދޭނެ މީހަކު ވެސް ނެތެވެ.
ރަވާނު ވެސް މޭޒާއި ކައިރިވެލަމުން ރިކޯޑިން އަޑުއަހަން ފެށިއެވެ. އަހަރެން އެނބުރެލީ ބޯޑާއި ދިމާލަށެވެ. އެންޒީ އަކީ ކާކު ކަން އެނގޭ ތޯ ވިސްނަން ފެށީމެވެ. ކުއްލިއަކަށް ހަނދާނަށް އައީ އަޒާނުގެ މަތިންނެވެ. “އަޒާން އެންޒީ” އަހަރެން ބުނެލީމެވެ. ހޫދު ވެސް ތަކުރާރު ކޮށްލިއެވެ. އަހަރެން ޤަބޫލުކުރީ އެންޒީ އަކީ އަޒާނު ކަމަށެވެ. އަޒާނުގެ ދަށުން ތިބި ގުރޫޕް މީހުންގެ ނަމަށް ވެސް ލިޔެފައި ވަނީ ވަނަމެވެ. އެ މީހުންގެ އަސްލު ނަން ނޭނގޭތީއެވެ.
“ރޭރު ކިޔާ މީހެއްގެ ބުނުމަށް އޮށްގާ ގޭންގުގެ އެންޒީ ގުރޫޕް އަމަލުކުރީ އެންނު. ދެން މި ވީ މިހިރަ ބައެއްގެ އަސްލު ހޯދާކަށްނު. ޕިސްޕިސް. ވަނަމަކަށްވެސް ކީކޭ ކިޔާފަތަ މިހުރީ.؟ ޝޯން، މޭޒް، ހިންޓެ، ނީމޯ. ދެން ދޯ!” ޝެހެނާޒު ވެސް އިނީ ބޯ ގޮވައިފައެވެ. ގަލަމުގެ ކޮޅު އަނގަޔަށް ލައިގެން އެ ހަފާލަހަފާލާ އިނީ ރުޅިގަދަވެފައެވެ.
“މި ހުރިހާ އެއްޗެއް ތިއްތި އަތަށް ދޭންވީނުން. ރިފް މެން ކަހަލަ ކުޑަކުދިންނަށް ނުވާވަރު ކަންކަން އަހަރެމެންނަށް ކުރެވޭނެ.” ރަވާނު ގޮނޑިން ތެދުވިއެވެ. އޭނާގެ ވާހަކައިން އަހަރެން ގާތަށް ރުޅި އައެވެ. މިހިރަ މީހާ ގަނޑަށް ވުރެ ކުރިން އެ އަގުހުރި ހެކިތައް ހޯދީ އަހަރެމެންނެވެ. ރަވާނުމެންގެ މަސައްކަތުގައި އަހަރެމެން ވެސް ބައިވެރި ކުރީމާ ވީނޫން ހެއްޔެވެ؟ ގައިމު ހަށިގަނޑުން ބައެއް އުންޏެއް ނުވާނެއެވެ.
“ހޫން. ވަރަށް ތާހިރެންނު. ބަލަ އަހަރެމެންނޭ މި ހުރިހާ ހެކި ތަކެއް ހޯދީ. ތިކުރާ މަސައްކަތުގައި ބައިވެރި ކުރާ މަތިން މި ލިބޭނީ.” އަހަރެން ލެޕު ނިވާލައިފައި ހާޑު ނަގައި ހުޑީގެ ޖީބު ތެރެއަށް ކޮށްޕާލީމެވެ. ޝެހެނާޒާއި ހޫދު ބޮޑީގާޑުން ތަކެއް ގޮތަށް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. އަހަރެމެން ރުހުމުން ނުދޭނަމަ އެ އަތުލާކަށް ލާހިކެއްނޫނެވެ. މަންމަގެ ބޯހަރުކަން އަހަރެންނަށް ވެސް ހުރީ ވާރުތަވެފައެވެ. އަހަރެންނަކީ ވެސް ގޮތުގައި ހިފަހައްޓާ މީހެކެވެ.
“ރިފް ދެން ތިހެން ނޫޅެބަލަ! ތިއްތި ގުރޫޕުގެ މީހުން ނުލާހިކު ޕުރޯ ވާނޭ” ރަވާނު އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ހާދަ ޕުރޯ ވީމައޭ އެންމެ ލީޑެއް ވެސް ނުނެގިގެން އުޅުނީ” އަހަރެން އިނީ އެއްވެސް ވަރަކަށް ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. “އަހަރެމެންނަށް ވެސް މި ކަމުގެ އަޑީގައި ފިލާ ތިބި މީހުން ދަމާ ނެރެވިދާނޭ” ހޫދު ވެސް އަހަރެންގެ ބަހަށް ބާރު ދެމުން ބުނެލިއެވެ. އެންމެ ފަހުން ރަވާނަށް މަޖުބޫރުވީ އަހަރެމެންގެ ޝަރުތަށް އެއްބަސްވާށެވެ.
އަންނަ އަހަރު ޓްރައިނިން އަށް ދިއުމުގެ ކުރިން މި ކަހަލަ އުނދަގޫ މައްސަލައެއްގެ ޙަޤީޤަތް ހޯދުމުން ނުހަނު ފައިދާ ކުރާނެއެވެ. އަހަރެން ވެސް ބޭނުންވަނީ ރަވާނު ގޮތަށް ސްޕެޝަލް ޑާރކް ފޯސް އެޖެންޓަކަށް ވާށެވެ. ހޫދުގެ ވިސްނުން ވެސް ހުރީ ހަމަ އެގޮތަށެވެ. ދެން ޝެހެނާޒު ނާރުގެ ޑަކުޓަރަކަށް ވެގެން ހިނގައިދާނެއެވެ. އަހަރެންނަކަށް ހަމަ ގައިމު ވެސް އެކަހަލަ ކަމެއް ނުކުރެވޭނެއެވެ. ގޮނޑިއަކަށް ފެތިގެން ބަލިމީހުން ބަލަން އިންނަ ދުވަހަކުން އަހަރެން ނަފްސާނީ ވެދާނެއެވެ.
ރަވާނު އެދުނީ އޭނާގެ ކޮޓަރިއަށް އައުމަށެވެ. ގޮސް ނެގީ ޓެބްލެޓެއް ކަހަލަ އެއްޗެކެެވެ. ފަތްޖަހާ ލުމުން ފޯނެއް ވަރުވެއެވެ. ރަނގަޅު ކޮލެޓީގެ އެއްޗެކެެވެ. އެ ޓީމުގެ މީހުންނަށް ގުޅާލީ ގަޑިއަކުންނެވެ. އެ މީހުން ފަސްޖެހުނު ކަމަށް ވިޔަސް އަހަރެން ކަނޑައެޅި ޝަރުތުގެ ސަބަބު އެއްބަސްވިއެވެ. ފުރަތަމަ އެމީހުން ވެސް އަހަރެމެން ބައިވެރި ކުރާކަށް ބޭނުމެއް ނުވިއެވެ. އަހަރެމެންނަކީ ކުޑަކުދިންނޯލައެވެ. އެ މީހުންގެ ލޮލު ޙާލު މާ ބޮޑީއެވެ. ވިސްނުން ކޮށީ އެވެ. އަހަރެންމެންނަށް މިހާރު ސޯޅަ އަހަރު ވީއެވެ. ދިހައެއް ނިމުނީއެވެ. އެ ހެކިތައް އެމީހުންނަށް ނުހޯދުނުއިރު އަހަރެމެންނަށް އެ ހޯދާލެވުމުން އެއިން ދޭހަވަނީ އަހަރެމެންގެ ކުޅަދާނަކަމެވެ. އަހަރެން ސަޅިބައިސާ އެއް ނުކަނޑަމެވެ. މި ދައްކަނީ ޙައްޤު ތެދު ވާހަކައެވެ.
“މިރޭ ތި މީހުންގެ ވަނަވަރު ހޯދާފަ އަދި އިތުރު ހެއްކެއް ފެނޭތޯ މަސައްކަތް ކުރެވިދާނެއްނު” ރަވާނު ބުނެލީ ވަރަށް ހަމަޖެހިލައިފައެވެ. އަހަރެމެން ތިން މީހުން ރޭގަނޑު ބޭރަށް ނުފޮނުވޭނެ ގޮތް ހަދާ މަންމަ އެ އަމުރު ނެރުނުކަން ރަވާނަށް ނޭނގެނީކަން ފަހުމުވިއެވެ. “އޭ ވިނަބެއްޔާ! މަންމަ ނުފޮނުވާނެ ރޭގަނޑަކު. ރޭގަ ނުކުތް ކަން ބަސްޓުވީ” އަހަރެން އަންގާލީމެވެ. “ދެން ނުދާނީ” މި ރަވާނުގެ ބޮލުގެ ފަތްކޮޅު ނޮޅާލަންވީއޭ ހިތަށް އެރިއެވެ.
“ދޭންންން…” އަހަރެން ވަރަށް ރަނގަޅަށް އަކުރުތަކަށް ދަމާލީމެވެ. ރަވާނުގެ އަތުގައި ހިފާ ދެމީމެވެ. ހާޑު ނުދޭނަމޭ ބުނީމެވެ. “ހޫން. ހޫން. ދެން ހެވޭ. ރިފް އަށް ވާވަރެއް ބަލާލާށޭ. ހާސްކަނޑާލަބަލަ. ތިއްތި އާއި އެކު ފޮނުވާނެންނުތަ!” ރަވާނު އަހަރެންނާއި ދުރަށް ޖެހިލަމުން ދުލުން ބޭރު ކޮށްލީ އަހަރެން އަޑުއަހަން ބޭނުންވި ލަފުޒުތަކެވެ.
ޝާނާއާއި ހަފީޒާއަކީ އަހަރެންގެ މަންމަ ކަހަލަ ދެމީހުންނެއް ނޫނެވެ. އެކުގައި ފޮނުވާނެއެވެ. އަހަރެންގެ މަންމަގެ ޚިޔާލާއި ފިކުރު އެހެން އެކަކަށް ވުރެ ތަފާތު ވާނެއެވެ. ރުޅިއައިސްފިނަމަ ދެން އެ ނިމުނީއެވެ. ސަކަ ވާ ވަގުތަކު ވިއްޔާ ދިމާކުރާނެއެވެ. ހިތްހަމަ ޖެހިއްޖެނަމަ އެވަރުގެ ހެޔޮ މީހެއް ނުހުންނާނެއެވެ. މަންމަގެ އިހުސާސްތައް ބަދަލުވާނީ ކުއްލި ކުއްލިއަށެވެ. މޫސުމީ ވިއްސާރަ އަކަށް ވުރެ ކަންތައް ފަލަވާނެއެވެ. މެދު އުމުރުން މައްޗަށް ދާއިރު ވެސް ‘މޫޑު ސްވިންގްސަކަށް’ ހަމަ އެއްވެސް ބަދަލެއް ނާދެއެވެ.
ހޫދުމެން ގެއަށް ދިޔައީ އަސުރަށެވެ. އަހަރެން ނަމާދު ކޮށް ޒިކުރު ކޮށްލައިގެން ނުކުތީ ސިޓިންރޫމަށެވެ. މަންމައާއި ކެޔޮދޫ މާމަ އާއި ރަވާނާއި އެކު ޑިގު ކުޅޭށެވެ. ފޯރިގަދަ ކަމާއި އެކު ކުޅުނު އިރު އެންމެ ގިނައިން ޑިގު ކިޔާ މީހަކީ މަންމައެވެ. މަޣްރިބް ނަމާދަށް މެދު ކަނޑާލިއިރު އެންމެ ގިނަ ޕޮއިންޓު ލިބުނީ މަންމައަށެވެ. ދެން މާމަ އަށެވެ. އެންމެ ފުލަށް ވެއްޓުނީ ރަވާނެވެ.
މަޣްރިބް ނަމާދުކޮށްގެން ޤުރުއާން ކިޔެވުމުގައި އަހަރެން ޝާމިލް ވީމެވެ. އިޝާ ނަމާދަށް ފަހު ކާން ނުކުތީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. ރޭގަނޑަށް ވެސް ހުރީ މެންދުރު ހުރި ކުޅި ކުކުޅާއި ބިސް ރިހައިގެ އިތުރުން ބަތާއި ރޮއްޓެވެ. މަންމަ މޭބިސްކަދުރު ޖޫސް ވެސް ގިރައިފައި ހުއްޓެވެ. ރޯ މޭބިސްކަދުރާއި ހަކުރު ޖޫސް މިކްސްޗަރަކަށް އަޅައިގެން ގިރައިފައެވެ. އަހަރެން ކެއީ ކުކުޅާއި ރޮއްޓެވެ.
ކައި ނިންމާލައިގެން ކޮޓަރިއަށް ވަނީމެވެ. ސާފުކުރާ ސުވިޗު ޖައްސާލުމުން މުޅި ކޮޓަރި ސާފު ވިއެވެ. އެނދުގައި ތަންމަތި އެޅި ތަޅުންގަނޑު ފޮޅި މޮޕޮލެވި ހުރިހާ ތަނެއް އެއްވަރުވެ ސާފުވިއެވެ. ރޮބޮޓެއް ކަހަލަ އެއްޗެއްގެ އެހީގައެވެ. އަހަރެން އެންމެ ލޯބިކުރާ ޒާތުގެ ފަންނިއްޔާތުގެ ވަޞީލަތެވެ. ސްވީޓް މެލަން ވަހުން ކޮޓަރި އެއްވަސް ވެފައިވުމުން ސިކުނޑި ތާޒާ ވިއެވެ. ދެން އަލަމާރީގެ ތެރެއިން ހުދު ޓީޝާޓަކާއި ޑެނިމް ޖެކެޓަކާއި އެކު ކަޅު ޖިންސެއް ނެގީމެވެ. މިރޭ ލައިގެން ދާށެވެ.
އަހަރެން ދަބަހަށް ލެޕާއި ހާޑު ލީމެވެ. އިސްތަށިގަނޑުގައި ފުނާއަޅާ އެއްވަރުކޮށްލުމަށް ފަހު ‘ޔުއާސް ޓްރޫލީ’ ސެންޓު ފުޅީގެ ތިކިތައް ބުރުވާލީމެވެ. ފޯނު ނަގާ ޖިންސު ޖީބަށް ކޮށްޕާލަމުން ކޮޓަރިން ނުކުތީމެވެ. ސްނީކާސްއަކަށް އަރާލުމަށް ފަހު ބޭރަށް ނުކުތް އިރު ރަވާނު ސައިކަލު ކައިރީ ހުއްޓެވެ. ހެލްމެޓް އަޅާ ހެޔޮވަރު ކޮށްލުމަށް ފަހު ސައިކަލު ފަހަތަށް އަރަމުން ރަވާނު އެ ދުއްވާލިއެވެ. އެއީ ބެޓެރި ސައިކަލެކެވެ. މިރާއްޖޭގައި މުޅިން ވެސް ހުންނާނީ މި ކަހަލަ ވައްތަރެއްގެ އުޅަނދެވެ. ތެޔޮ އަޅާ އެއްޗެހި މަނާ ވީމައެވެ.
މި ޤައުމުގައި ތިމާވެށި ހިމާޔަތްކުރުމަށް ގޭގޭގައި ބޭނުން ކުރާނީ އިއާދަކުރަނިވި ހަކަތައެވެ. ‘އީކޯ ފްރެންޑްލީ’ ވެގެން ގޮސް އަނެއް އަތަށް އަޅައިފައެވެ. އެއްވެސް މަގެއްގައި ގަހެއް ނެތި ނުދާނެއެވެ. ކުނި މެނޭޖްކޮށް ނައްތާލުމަށް އަދި އުފައްދައިފައިވަނީ ވަރަށް ފައްކާ ގޮތެކެވެ. އެ ގޮތަކުން ތިމާވެށްޓަކަށް އެއްވެސް ގެއްލުމެއް ނުވެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެއްގޮތަކަށެވެ. ދެވޭ ޚިދުމަތުގެ ފެންވަރު ހަމަ އެންމެ ފުރިހަމަ އެވެ. ބިދޭސީން މިރާއްޖޭގައި އުޅޭނީ ފަތުރުވެރިންގެ ގޮތުގައި އައިސްގެން އެކަންޏެވެ. ވަޒީފާތައް އަދާކުރާނީ މުޅީން ވެސް ދޭސީންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދިވެހިންނެވެ.
ރަވާނު ސައިކަލުގައި ދިޔައީ ހަތަރުވަނަ ފިޔަވައްސަށެވެ. ސައިކަލުގައި ދިއުމަށް ވުރެ ސްކައި ލިފްޓުން ދިޔަ ނަމަ އަވަސް ވެފައި ފަސޭހަ ވާނެއޭ އަހަރެން ކީމެވެ. އޭނާ ދިޔައީ ހެދުން ވިއްކާ ފިހާރައަކަށެވެ. މެންދުރު މޮޅެތި ވާހަކަ ދައްކަ ދައްކައިފައި މިތަނަށް މި އައީ ކީއްކުރަން ހެއްޔެވެ؟ އަހަރެން އިނީ ވާނުވާ ނޭނގިފައެވެ. ހޫދުމެން ވެސް އަހަރެމެންނާއި އެކު އެ ފިހާރައަށް ވަނެވެ. ހަމަ ޙަޤީޤަތުގައި ވެސް އަންނަން ވީ މަންޒިލަކީ މިއީ ހެއްޔެވެ؟ ރަނގަޅަށް އޮޅުންފިލީ އެ ފިހާރައިގެ ތިރީބައިގައި ހުރި ފިހާރައިގެ ވެރިމީހާގެ ރޫމު ތެރެއިން އިތުރު ސިއްރު ތަނަކަށް ވަދެވުމުންނެވެ. އެތަނަށް ވަދެވުނީ ރަވާނުގެ ފިންގަރ ޕްރިންޓާއި ލޯ ސްކޭންކޮށް ދެ ކޯޑު ޖަހައިގެންނެވެ. ބޮޑު ތިޖޫރީ އެއް ހެއްޔެވެ؟ އާނ އެހެންޏާ މިވަރު ކުރަން ޖެހޭ ހެއްޔެވެ؟
އެތެރޭގައި ހުރީ ފިރިހެނަކާއި އަންހެނެކެވެ. ކޮޓަރި ހުރިގޮތުން އަހަރެންގެ ދަތްދޮޅި ބިންމަތީގައި ނުޖެހޭ ކަމެވެ. ޖާގަ ތަނަވަސް ތަނެކެވެ. ފާރުގައި ލެވިފައިވަނީ އަޅިކުލައެވެ. ސްމާޓް ލައިޓިން ސިސްޓަމެކެވެ. ގޮނޑި މޭޒުގެ ފަރުމާތައް ނުހަނު ފުރިހަމައެވެ. އެއްފަރާތުގައި ކަޅު ކުލައިގެ ވާސްޓް އަލަމާރިއެއް ހުއްޓެވެ. އެއީ އޭގެ ސައިޒު ކުޑަކޮށް ބޮޑުކޮށް އެކި ގޮތްގޮތުން ހަދާ، އެއަށް އަޅާ އެއްޗެހި އަމިއްލަ އަށް ތަރުތީބުވާ ކަހަލަ އެއްޗެކެވެ. މެދުގައި ބޮޑު މޭޒަކާއި ތްރީޑީ ސްމާޓް ބޯޑެކެވެ. އެތަނުގައި އެތަކެއް ފަންނިއްޔާތުގެ ވަސީލަތްތައް ވެސް ހުއްޓެވެ. ކޮންޕިއުޓަރާއި ލެޕްޓޮޮޕާއި ފްލިޕް ޓެބާއި އޭއައި އައިނާއި އެކިކަހަލަ ކަންކަން ކުރެވޭ ގަޑިއާއި ޑިފެންސް ރޮބޮޓާއި ލޭޒަރާއި ސްމާޓް ގްލަވްސްއާއި މިނޫންވެސް އެތައް އެއްޗެކެވެ. ބިއްދޮށު ފާރުގެ އެއް ކަނުގައި ފާޑެއްގެ ތަނބެއް ހުއްޓެވެ.
އެތަނުގައި އިން އަންހެން މީހާގެ ކަޅު އިސްތަށިގަނޑު ކޮނޑަށްވުރެ ކައިވަތެއް ދިގެވެ. ގަދަ މުށިކުލައިގެ ކަޅިއެކެވެ. ދޮން ހަންގަނޑެކެވެ. ކަކުލާއި ހަމައަށް އަރާ މަޑު ނޫކުލައިގެ ގަމީސް ހެދުމަކާއި އެކު ތިރިން ހުދު ޖިންސެކެވެ. އަރައިގެން ހުރީ ހުދު ކުލައިގެ އެންކަލް ބޫޓަކަށެވެ.
އެތަނުގައި ހުރި ފިރިހެން މީހާ އިސްކޮޅުން ރަވާނާއި ގާތް ގަނޑަކަށް އެއްވަރެވެ. މުށި ކުލައިގެ ލެދަރ ޖެކެޓަކާއި އެކު ކަޅު ކުލައިގެ ކެރެޓެއް ލައިގެން ހުރި އިރު ހީވަނީ މޮޑެލެއް ހެނެވެ. އިސްތަށިގަނޑު ވެސް ޖެލް ލައިގެން ސްޓައިލް ކޮށްލައިފައެވެ. ހަމަ ދޮން ސޮރެކެވެ. އަންހެން މީހާ ހުރި ކަހަލަ މުށިކުލައިގެ ކަޅިއެކެވެ.
“މިއީ ނައިލް. ދެން މަލަކް. މި ފިހާރަ އަކީ މަލަކުގެ ހަޒް ޒަކުވާންގެ ތަނެއް.” ރަވާނު އެމީހުންގެ ނަން ބުނެލިއެވެ. ނައިލް އެދުނީ އެ ހާޑު ދިއުމަށެވެ. އެއީ އެއްކަލަ ވައިޓް ހާޑެއް ނޫނެވެ. ލެޕުގައި ހުރި މަޢުލޫމާތުތައް ވަކިން ނެގި ހާޑެވެ. ވައިޓް ހާޑު ދީގެން އެމީހުންނަށް އެ ހުޅުވަން ލާހިކެއްނޫނެވެ. މޭޒު ކައިރީ ހުރި ގޮނޑީގައި އިށީންނަން ބުނެފައި ނައިލް އެ ހާޑު ކޮމްޕަށް ގުޅާލިއެވެ. ފާރުގައި ހުރި ސްކްރީނުން އޭނާ ކުރާ މަސައްކަތް ފެނެއެވެ.
އެ މީހުން ވާ މޮޅޭ ހިތަށް އެރިއެވެ. އެއޮއް ވަރުގަދަ އޮށްގާ ގޭންގުގައި ތިބިހާ ބައެއްގެ ނަމާއި ވަނަވަރު އޮގަނައިޒަނަލް ޗާޓެއް ގޮތަށް އެމީހުންގެ ލެވެލްގައި ލިޔެފައި ހުއްޓެވެ. އެހެނަސް އޮށްގާގެ ނަމެއް އަދި ވަނަވަރެއް އެއަކު ނެތެވެ. އެމީހުންނަށް ވެސް އެއީ ކާކުކަން ނުހޯދެނީ ކަމަށް ވެދާނެއެވެ. ޝާހިދު މަރާލުމަށް ހަވާލުވެގެން އުޅުނީ އަޒާނުމެންނެވެ. އެ ގުރޫޕުގައި އަޒާނުގެ ބެލުމުގެ ދަށުގައި ތިބީ ހޫދުގެ ބައްޕަ ރަމީޒުއާއި ހަމީދަކާއި ނިމާލާއި ޝިޔާން އެކެވެ.
“މި ވަރަކުން އަދި ނުވާނެ. އިތުރު ހެކި ހޯދަންވީ.” އަހަރެން ބުނެލީމެވެ. ޤާޟީ ހިތްހަމަޖެހޭވަރު ކޮށްގެން ނޫނީ ރަނގަޅު އަދަބެއް ނުލިބޭނެއެވެ. މިހިރަ ގުރޫޕު މީހުން މުދާކޮޅު ވިއްކާލައިގެން ވިޔަސް ވަރުގަދަ ވަކީލެއް ހޯދާނެއެވެ. ޔަޤީނުން ވެސް ސީދާ ޖަލަށް ވައްޓާލާނެ ގޮތެއް ހޯދަން ވީއެވެ.
“މިފަހަރު މި ގޮނޑި މޭޒާ ފައިންޑިން ނީމޯއާއި ޝޯތަކާ ހިޓުފުޅި އަރާމުގަ އުޅުނަކަ ދީގެން ނުވާނެ.” އަޑު އައީ މަލަކުގެ ފަރާތުންނެވެ. “އަހަންނަކަށް ހިޔެއް ނުވޭ ދެން އިތުރަށް މިކަމަށް ހެކި ހޯދޭނެހެންނެއް. މަރާލުމަށް ބޭނުންކުރާ ހަތިޔާރުތައް ވެސް އެމީހުން ނައްތާލާ ވިއްޔާ” ރަވާނު ދެން ބުނެލި ވާހަކައަކުން އަހަރެން މާޔޫސްވެ ހިތްވަރު އެލުނެވެ. ގިނަ މައްސަލަތަކެއްގެ ޙަޤީޤަތް ނުހޯދި ފުނި ޖެހިފައި އެ ވަނީ މި ސަބަބާއި ހުރެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Kuhverinah adabu dhee
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Adhi kuhverinah adhabu libeyne. Thnx for the comment cutie girl