ޙަޤީޤަތް ހޯދުމޭ 2
ބޫޓު ހަރުގަނޑަށް ލުމަށް ފަހު އަހަރެން އެރީ މައްޗަށެވެ. އޭރު އަހަރެން ކޮޓަރީގެ ދޮރު ކައިރީ ރަވާނު ހުއްޓެވެ. ސިކުނޑީގެ ޚިޔާލުތައް ފަޅައިފައި އައިސް އަހަރެންގެ ހަނދާނަށް އައީ ރޭގައި ދިން ފޯނު މަތިންނެވެ. “ރިފް ހާދަ ލަހެއް އެބަ ވެޔޭ ކުޑަކުޑަ ފޯނެއްގެ މަޢުލޫމާތުކޮށް ކަޓުވާލަން!” ރަވާނު ހުރީ ކެތްމަދުވެފައެވެ. އަނެއްކާ އޭގައި މާ މުހިންމު އެއްޗެއް ހުރީ ހެއްޔެވެ؟ އެހެން ވިއްޔާ ކޮން އެއްޗެއް ބާއެވެ. އެ ހަދާ ޓްރައިނިންގެ ތެރެއިން ހޯދުނު އެއްޗެއް ބާއެވެ؟ އެހެން ވިއްޔާ އޭގައި ހުރީ ކޮން މަޢުލޫމާތުތަކެއް ބާއެވެ؟ ސުވާލުތަކުން އަހަރެންގެ ސިކުނޑި ގޮއްވާލިކަހަލަ އިޙުސާސެއް ކުރެވުނެވެ.
“އަން.” ކޮޓަރިއަށް ވަދެ ފޯނާއި ޕެންޑްރައިވެއް ނަގައިފައި އޭނާ އަތަށް ދިނީމެވެ. ދެން އަނބުރާ ކޮޓަރިތެރެއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީމެވެ. ކައިރީގައި އޮތް ފޯނުނަގައިފައި ނޫސް އެޕަށް ވަދެ ޚަބަރުތަކުގެ ސުރުޚީތައް ކިޔާލީމެވެ. ކޮންމެވެސް ތަނަކު ސުކޫލެއް ހުޅުވި ވާހަކައެވެ. ދެން އެހެން ވޮލީ މުބާރާތެއްގެ ވާހަކައެވެ. އަހަރެން ފޯނު ނިވާލީ މާ އަޖައިބުކުރަނިވި ޚަބަރެއް ނުފެނުމުންނެވެ. ފެންވަރާ ތާޒާވެލުމުގެ ނިޔަތުގައި އަހަރެން ތެދުވީމެވެ.
ފެންވަރައިގެން އަހަރެން ލީ އަޅި ކުލައިގެ އަތްދިގު ޓީޝާޓެކެވެ. ކަޅު ޓައިޓެއް ލައިގެން އަހަރެން ކޮޓަރިން ނުކުތީ ގޮހޮރު ވަޔާ ތަޅާހެން ހީވާތީއެވެ. ބަދިގެއިން ދުވަނީ ޕާސްޓާގެ މީރު ވަހެވެ. ލޮލަށް ކާތަށި ނުފެނުނު ކަމުގައި ވިޔަސް ކުޅުދިޔާވިއެވެ. ޕާސްޓާކޮޅެއް ނަގައިގެން އަހަރެން ގޮނޑީގައި އިށީނީމެވެ. ބައްޕަ އަދި ރަވާނާއި އެކު ކާން އިން މީހާ ފެނުމުން ހައިރާންވިއެވެ.
“ދޮންބޭ! ކޮންއިރަކު އައީ؟” އަހަރެން ރަޒާނަށް ބަލައިލީމެވެ. އޭނާ ޖަހާލީ ހިނިގަނޑެކެވެ. “ކޮބާ، މިހާރު އެއޮއް އޯލެވެލް އިމްތިހާނު ވެސް ކައިރިވީނުން. ދަރިފުޅު ވާނެ ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރަން.” ބައްޕަގެ ނަޒަރު އަހަންނާއި ދިމާލަށް މިސްރާބު ޖެއްސެވެ. އަހަރެން މަޑުމަޑުން ހޫމް އަޅުވާލީމެވެ. އަދި މިއުޅެނީ ދަސްކުރަން އެންމެ ފޮތެއްގައި ވެސް އަތް ނުލައެވެ. ދެން ބާކީ އޮތީ ވެސް އެންމެ މަހެކެވެ. ދެން މިވީ ފޮތްތައް ފަހަތުން ދުވާށެވެ. އަދި އެކަމަށް މާ އަވަހޭ ވެސް ހިތަށް އެރިއެވެ. އަހަރެންގެ ވިސްނުން ހުންނަ ގޮތެއް ދޯއެވެ. އަބަދުވެސް އާދަވެފައި ހުންނަނީ ހަފްތާއަކަށް ވީމާ ފޮތެއްގައި އަތްލާށެވެ. މާމޮޅު ނަތީޖާއެއް ނުލިބުނަސް ފާސްވެއެވެ.
ކައި ނިމުމުން އަހަރެން މޭޒުމަތިން ތަށިތަށް ނަގައި ޑިޝްވޮޝާ އަށް ލީމެވެ. ދެން އަނެއްކާ ވެސް ދިޔައީ ކޮޓަރިއަށެވެ. މޭޒުމަތީގައި ހުރި ދަބަސްތެރެ ހާވާލައިފައި ނެގީ ފިޒިކްސް ފޮތެވެ. އެއިން އަހަންނަށް މަރުޙަބާކީ ބޮޑު ޤަބީލާއެއްގެ އީކުއޭޝަން ތަކެކެވެ. މުޅިން ވެސް އޮޅުން ބޮޅުން އަރާ ކަހަލަ އެއްޗެހިނެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ބޮލަކަށް ނުވަންނާނެއެވެ. މި އުނދަގޫކަމުން ސައިންސުވެރިންނަށް އެއްޗެހި ކިއުނު އަދަދެއް ނޭނގެއެވެ.
އަހަރެން ފޮތްލައްޕާލީ ޢަޞުރު ބަންޤީގެ ކަލިމަތައް ކަންފަތުގައި ޖެހިލުމުންނެވެ. ފޮތް އަނބުރާ ދަބަހަށް ލައިފައި އަހަރެން އުޅެގަތީ ނަމާދަށް އަރާށެވެ. ނަމާދަށް ފަހު ހަވީރުގެ ޒިކުރުތައް ކިޔާލީމެވެ. ގިނަގިނައިން ޘަވާބު ހޯދަން ވާނެއެވެ. ސުވަރުގެއަށް ވަންނަން މަސައްކަތް ކުރަން ވާނެއެވެ.
“ރިފްޤާ! ޝެހޭ އާއި ހޫދު ކައިރީ ބުނިންތަ އަންނާށޭ؟” ލެޕްޓޮޕް ހުޅުވާލައިގެން އިންދާ މަންމަ ގޮވާލި އަޑު އިވުނެވެ. އަހަރެން ލެޕަކާ ލެޕެއް ބަހައްޓައިފައި ނިކުމެގެން ދިޔައީ ދުވެފައެވެ. އޭރު ސިޓިންރޫމު ސޯފާއަށް ވެޑުވިލައިގެން ދެމީހުން ތިއްބެވެ. އެ މީހުން ގޮވައިގެން އަހަރެން އަނބުރާ ކޮޓަރިއަށް ވަނީމެވެ. ދެން މަންމަ އެތަނުގައި އުޅޭ އިރު އަނެއް ކަހަލަ ވާހަކަ ދެއްކޭ ހެއްޔެވެ؟
“ރިފް! އަހަރެން މިއަދު ބުނީމެންނު ޔާރާގެ ވާހަކަ. ޝީން ދައްތަ ބުނީ ޔާރާގެ ހަށިގަނޑަށް ޖިންސީ އަނިޔާ ލިބިފައި ވެސް ހުއްޓޯ” ޝެހެނާޒު ދިނީ އަދި އައު ޚަބަރެކެވެ. އެހެނަސް ނިމާލު ރަޙުމުގެ ކަންފުޅެއް ނެތި ޖެހިލުމެއް ނުވެ ކިޔާރާގެ ގައިގައި ތަޅާ ބާލައިލީ އެ ނިކަމެތި ކުއްޖާއާއި މެދު ކުރިން ވެސް އެ ގޮތަށް ކަންތައް ކޮށްފައިވާތީއޭ ހިތަށް އެރިއެވެ. މި ޝެހެނާޒު ވާހަކަ ހޯދާލެއް އަވަހެވެ. މި ކޮޔާނަކީ ވަރަށް ޖާސޫސް ކުރާހިތުން އުޅޭ މީހެކެވެ. ކަމެއް ހިނގައިފިނަމަ ހިނގި ގޮތް ހޯދަން އެހާ ވަރު ހުންނާނެއެވެ.
“އޭތް! އަދި އެބައޮތޭ ތިމީހުންނަށް އެއްޗެއް ދައްކަން ވެފަ” އަހަރެން ލެޕްޓޮޕް ނަގައި ހާވާލައިފައި ރޭގަ ކުރި ވީޑިއޯގެ ކޮޕީ އެއް އަޅުވާލީމެވެ. “މި… މި.. މި ކިހިނެތް ރިފް ހޯދި އެއްޗެއް؟” އެންމެ ފުރަތަމަ ވެސް އަހަންނާއި އަމާޒުވީ ޝެހެނާޒުގެ ސުވާލެކެވެ. “އެއީ… އަމްމް.. ރޭގަ ހަފީފާ މިސް ލެޕް ހެކުކުރަން ދިޔަ ގަޑީގަ. އައި މަގުމަތީ ފެނުނީމާ ހިތަށް އެރީ ދެން ވީޑިއޯ ކޮށްލާނީއޭ” ބުނަން ނުބުނަން ހުރެފައި ވެސް އަހަރެން ފާޅުކޮށްލީމެވެ. ޝެހެނާޒް ދެއަތް އުރާލިއެވެ. ހޫދު ފެށީ އަހަންނަށް ތަޢުރީފުކުރާށެވެ.
އެ ދެ މީހުންނަކީ އުޑާ ބިމާހާ ތަފާތު ދެ މިޒާޖެއްގެ ދެމީހުންނެވެ. ޝެހެނާޒަކީ ކިޔެވުމަށް މޮޅު، އަބަދު ވެސް ޤަވާޢިދުތަކާއި އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބާ މީހެކެވެ. ހޫދަކީ އަހަރެން ގޮތަށް ކިޔެވުމަށް އެންމެ މޮޅު މީހެއް ނޫނެވެ. ސަކަ މިޒާޖެއްގެ، ވަރުގަދަ ފިރިހެނެކެވެ.
“އަޒާން. އެ ބުނީ އެއްކަލަ ހައްދުން ނައްޓާ ގޭންގު މި ފިޔަވަހީގައި ހިންގާ ސޮރުގެ ވާހަކަ ދޯ!” ހޫދު ވިސްނަން އިނދެފައި ބުނެލިއެވެ. ‘ހައްދުން ނައްޓާ’ ގޭންގޭ އަހަރެމެން ކިޔަސް އަސްލު ގޭންގް ނަމަކީ ‘އޮށްގާ’ އެވެ. އެއީ މުޅި މި ދިވެހިރާއްޖެއަށް ވެސް މަޝްހޫރު ކުޅަދާނަ ބަޔެކެވެ. އެކި ރަށްތަކުގައި އެމީހުންގެ މީހުން ތިބޭނެއެވެ. މި ހުޅުމާލޭގައި ވެސް އޭގެ ގޮފިތައް އެކި ފިޔަވަހީގައި ތިބޭނެއެވެ.
“އާނ ވައިޓީ! އެ އަޒާނު. މާލޭގެ ‘ވަނުވަށި’ ފިހާރަ ތަޅާލިކަމަށް ތުހުމަތު ކުރެވުނު އަޒާނު” ޝެހެނާޒު ހަނދާނެއް އައު ކޮށްލިއެވެ. “އެކަމު އޭނާ ވީ ޖަލުގައެއް ނޫންތަ؟” ހޫދު ފަހަތުން ބުނެލިއެވެ. އަހަރެންނަށް ހީނގަނެވުނީއެވެ. “ބަލަ ވައިޓީ! ކަލޯ ތިއުޅެނީ ކޮން ދުނިޔެއެއްގަތަ؟ ހެކި ނެތޭ، ދޮގެކޭ، އަނެއް އެއްޗެކޭ ކިޔާފަ އޭނާ ދޫކޮށްލީއޭ. ޖަލު ގޮޅީގަ ބަންދެއް ނުކުރެޔޭ!” އަހަންނަށް ހެވުނީ އޭނާ އަށް އެވަރުވެސް ނޭނގޭތީއެވެ. ހެކި ނެތި ކުށްކުރުމުގައި އަރާހުރި ބައެއްގެ ގޮތް ނުވިސްނުނީ ތީއެވެ.
“ޔާރާ އެ ބުނީ ކޮން އެއްޗެއް ވައިރަލް ކޮށްލާނަމޭ ތަ؟” ޝެހެނާޒު ހުށަހަޅާލީ ރަނގަޅު ސުވާލެކެވެ. އަހަރެންނަށް ވެސް އެތަންކޮޅު އަޅައިގަތީ އެހެން ބުނީމައެވެ. ގައިމުވެސް އެއީ މަސްތުވާތަކެތި ބޭނުން ކުރަނިކޮށް ކުރެވިފައިވާ ވީޑިއޯއަކަށް ނުވާނެއެވެ. ވައިރަލް ކޮށްލާނަމޭ ބުނީ ވީޑިއޯއެއް ކަމެއް ނުވަތަ ރިކޯޑިން އެއް ކަމެއް ވެސް އަދި އެނގެނިއްޔެއް ނޫނެވެ. އަނެއްކާ އެއީ ކޮން އެއްޗެއް ބާއެވެ؟ އެ ނިމާލު ސޮރުގަނޑަށް ފާރަލައިގެން އެނގިދާނެ ހެއްޔެވެ؟ ސިކުނޑި ސުވާލުތަކުން ފުނިޖެހުނެވެ. އަހަންނަށް އެހިސާބަށް ލަހުން ފޯރިކަމުން ވާހާ ކަންކަމެވެ.
“ވައިޓީ ނިމާލަށް ފާރަލާންވީނުން” އަހަރެންގެ ދުލުކުރީގައިވީ ބަސް ބޭރުކޮށްލީ ޝެހެނާޒެވެ. ހޫދު އަހަންނަށް ބަލައިލުމުން ބޯ ޖަހާލީމެވެ. ދެވަނަ ސިކުންތުގައި އަހަރެން ހިތަށް އެރިއެވެ. އެއިން މީހެއްގެ ފޯނު ހެކުކޮށްލަން ވީއެވެ. އޭރުން މާ ރަނގަޅުވާނެއެވެ. ނޫނެކެވެ. ފޯނުން އެ ކަހަލަ ވާހަކަ ދައްކާނީ މޮޔައިންނެވެ. މުޅި ދިވެހިރާއްޖެއަށް މަޝްހޫރު ބަޔަކު މިހާ ގަޅިކަމެއް ނުކުރާނެއެވެ. ފޯނުން މުޢާމަލާތް ކުރިޔަސް މާ ގިނަ ދުވަހަކު އެ ފޯނެއް ހެޔޮ ޙާލަތެއްގައި ނުބަހައްޓާނެއެވެ.
“ރިފް. އޭތް. ކޮންކަމަކާ ތި ވިސްނަނީ” ހޫދުގެ އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. “މި ހިތަށް އަރަނީ އެމީހުންގެ ފޯނުތައް ހެކުކޮށްލަން ވިއްޔޭ. ދެން އެކަމަކު މިކަހަލަ ކަމަކާއި ގުޅޭ އެއްޗެއް އެކަހަލަ ބޯބޮޑު މީހުން ފޯނަކު ނުބަހައްޓާނެ ދޯ!” އެމީހުންގާތު އަހަރެން ބުނެލީމެވެ. ވަރަށް ވިސްނުމަށް ފަހު އަހަރެމެން ނިންމީ ފާރަލާށެވެ. އެއީ ކިހާ މޮޔަ ކަމެއް ކަން އެ ވަގުތަކު އަހަރެމެންނަކަށް ނުވިސްނުނެވެ.
އެރޭ އަހަރެމެންގެ ގޭގައި ކުޑަކުޑަ ޕާޓީއެއް އޮތެވެ. ރަވާނުގެ ވަޒީފާ ހަމަޖެހުނީމަ އެކަމުގެ އުފަލުގައެވެ. ހަތަރު އަހަރު އެއް ޓްރައިނިން އެއް ހަދަން މަސައްކަތް ކޮށްގެނެވެ. ކާމިޔާބުވީ ހަތަރުވަނަ ބުރުންނެވެ. އެހާ ވެސް އުނދަގޫ އެއްޗެކެވެ. ރަޒާނު ވެސް މިއަދު އެއައީ އެ ޕާޓީއަށެވެ. ދޮންބެއަކީ ބައްޕަގެ ކޮމްޕެނީ ހިންގުމުގައި މަޝްޣޫލުވެގެން އުޅޭ މީހެކެވެ. ކޮމްޕެނީއިން އުފައްދާ ތަކެތި ވިއްކާ އެކަހަލަ މާކެޓިންގެ މަސައްކަތްތަކުގައި އިސްކޮށް އުޅޭ މީހެއްކަމުން މި ހިސާބުގައި މަޑުވާނީ ވަރަށް އުނދަގުލުންނެވެ.
ރަވާނު ވަނީ ފުލުހުންގެ ދާއިރާގެ ތެރެއަށް ކަމަށް ވިޔަސްް އަސްލު އެމީހުން ކުރާ މަސައްކަތް ވާނީ ޢާންމުންގެ ލޯތަކަށް ވަންހަނާވެގެންނެވެ. މަސައްކަތުގައި އުޅޭ އިރު އެއީ ފުލުހެކޭ ވެސް ނުބުނެވޭނެއެވެ. އެ ފުލުސް ޔުނިފޯމު ނުލައި އުޅޭތީއެވެ. މަސައްކަތުގައި ކޮންމެ އެއްޗެއް ލައިގެން އުޅުނަސް ރަނގަޅުވާނެއެވެ. އެކަމަކު އެ ލާން ޖެހޭ ޖެކެޓެއް ލާން ޖެހޭނެއެވެ. ކީއްވެގެން ލާ އެއްޗެއް ކަމެއް އަހަރެން އާދޭސް ކޮށްގެން ވެސް ނުބުންޏެވެ. ‘ސްޕެޝަލް ޑާރކް ފޯސް އެޖެންޓަކަށް’ ވީމާ ހިސާބަށް ވުރެ ފޮނިވީއެވެ. އެ މަޤާމަށް އަރަން ވެގެން އުޅެ ކިތައް ފަހަރު ފޭލި ވީކަމެއް ހަނދާނަކު ނެތެވެ.
“ވިނަބެއްޔާ! މާދަން ވަޒީފާއަށް ނުކުންނަން ތަ؟” އަހަން ނާހަން ހުރެފައި ވެސް އެ ސުވާލު ކޮށްލީމެވެ. “ނޫން ދެން އަންނަ ހަފްތާ ފަށަނީ. ކިހިނެތް ވީތަ ރިފް؟ މަ މަތިން މާ މިސް ވާނެތީ ހާސްވީތަ؟” ރަވާނުގެ ޖުމްލަ ސީރިއަސް ގޮތަކަށް ފެށިކަމުގައި ވިޔަސް ނިންމާލަން އެނގުނީ އޭނާގެ ސަކަ، ސިޔާސީ ގޮތްގަނޑު އަޅުވާލައިފައެވެ. އަހަރެން ގާތަށް ރުޅިއައެވެ. ‘ދެން ވިނަބެއްޔާ އޭ’ ކިޔާ އޭނާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތީމެވެ.
“އައްދޯތް! ދެން ހެވޭ. ލޯބިގަނޑު ދޫކޮށްފަ އަދި ނުދަމެންނު.” މި ސޮރަށް މިރޭ މާ ވަރެއް އަރައިގެން އުޅޭ ކަހަލައެވެ. ރަޒާނު ވެސް އަދި ހުރީ އަހަރެމެންގެ ސަކަރާތްގަނޑު ވީޑިއޯކުރަން ފޯނު ހިއްލައިލައިގެންނެވެ. މި މީހުން ބޮޑުވެގެން ވަޒީފާއަށް ދާން ފެށީވެސް މަށާ ދިމާކުރުން ހުއްޓާކަށް ނޭނގުނެވެ. އަހަރެން ‘ގޮއްވާ’ ރުޅި އެރުވުމުގައި ވަރުގަދަ ދެ ފަހުލަވާނުންނެވެ. ބައްޕަ ތޯ އެވެ. ސޯފާއަށް ވެޑުވިގެން އޮތް އިރު އަތުގައި ހުރީ ޕޮޕްކޯނު ތައްޓެކެވެ. ލޮލުގައި ތްރީޑީ އައިނެކެވެ. ނުހެން ހުރެފައި ވެސް އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައީ އެހެން ވެގެންނެވެ.
“މިހާރު ކޮން ޑްރާމާއެއްތަ މިކުޅެނީ” އަހަރެމެން ހަމަހިމޭން ވެލީ މަންމަގެ އަޑަށެވެ. “ރަމޫ! އަދި ތަންކޮޅެއް ލަހެންނު އައިލެއް. މިޔޮއް ލައިވް ކޮމެޑީ ޝޯ ބަލާ މީހަކު ހީނ ހީނ ބިނދޭނެ” ބައްޕަ ވާހަކަ ދެއްކިއިރު ވެސް ލޮލަކުން އައިނެއް ނުނަގައެވެ. “ދެން މަންމާ! ދޮންބެމެން އަޅުގަނޑާ ބެހި ދިމާކުރަނީއޭ!” އަހަރެން ރާގުގައި ދަމާލައިފައި ބުނީމެވެ.
“ހޫން… މަންމަ އަޅެ ބަލާބަލަ ކާކުތޯ ހާލުގައި ހުރީ. މި ރިފް އަކާ ހެދި މިރޭ ބޮލުގައި ރިއްސާވަރުން ނުވެސް ނިދޭނެ ކަންނޭގެ. ބޮލު ހަންގަނޑަށް ދަންދެން ދަމައި ވީދައިފިއޭ” ރަވާނު ތެދަށް ކަންބޮޑުކުރުން ލައިގެން ވާހަކަ ދެއްކިއިރު ހީވަނީ މަންމަ ފަނޑިޔާރެއްގެ ގޮތުގައި އިންސާފުކުރަން ހުރި މުބާރާތަކަށް ވާދަކުރަން އަރައިގެން އުޅޭހެންނެވެ.
“ދަރިފުޅު ވެސް ދޯ. ރަވާނު ކުއްޖަ ފަކީރަށް އެހެން ހަދަން ހެޔޮ ނުވާނެންނު. މަ ހިތަށް އަރާ މަށަށް އަންހެން ދަރިއެއް ލިބޭނީ ކޮން ދުވަހަކުން ބާއޭ؟” މަންމަވެސް އެ އެރީ އަހަންނާއި ދެކޮޅަށެވެ. ރަވާނު ހުރީ ނުލަފާ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްގެންނެވެ. އަހަރެންގެ އަހަރެންގެ ރުޅިގަނޑަށް ވެގެން ދިޔައީ އަނދައަނދާ ހުރި އަލިފާނަށް ހިކި ދަރު އެޅުމުން ވާނެ ގޮތެވެ. ދެ ދަތް ޖައްސާ ބާރުކޮށްލައިފައި އަހަރެން މިސްރާބު ޖެހީ ސިޑީގެ ހަރުފަތްތަކާއި ދިމާލަށެވެ. ދިއުމުގެ ކުރިން ރަވާނަށް ކަޅި އަޅާލީމެވެ.
ކޮޓަރިއަށް ވަދެ ދޮރުޖަހައިފައި އަހަރެން ނެގީ ފޯނެވެ. ވަނީ ގުރޫޕް ޗެޓަށެވެ. އަހަރެންނާ ޝެހެނާޒާއި ހޫދުގެ ގުރޫޕެވެ. އަހަރެމެން އެންމެ ގާތް މީހުންނެވެ. ނަސީބަކުން ޝެހެނާޒު އޮންލައިނުގައި ހުއްޓެވެ. އަހަރެންގެ ރުޅިގަނޑު މެސެޖުތަކުގެ އެހީގައި ބޭރު ކޮށްލީމެވެ. ދެން ވެސް އެކި ވާހަކަ ދައްކަ ދައްކައިފައި އަހަރެން ފޯނު ބޭއްވީ ނިދިއައުމުންނެވެ. ނިދުނުއިރު އެކެއް ދޭއް ނުޖަހާކަމެއް ވެސް ނޭނގެއެވެ.
އަހަރެންނަށް ހޭލެވުނީ ގަޑި އެލާމު ވީމައެވެ. ފަތިސް ވަގުތު ކަމަށް ވުމުން ނަމާދު ކޮށްލައިފައި އަނބުރާ އޮށޯތީ ސުކޫލު ދުވަހަކަށް ނުވާތީއެވެ. ދެން އެނދުން ހިއްލާލީ ދިހައެއް ޖެހިފަހުންނެވެ. ހެނދުނުގެ ސަޔަށް ފަހު މެންދުރަށް ކައްކަން އުޅުނު މަންމައަށް އަތް ގާތްކޮށްދޭން އުޅުނީމެވެ. ގޭ ބަންދުވީމާ ކިތަންމެ ހާ ވެސް ދެރައެވެ. އަހަރެން ކަހަލަ މީހަކަށް މިހެން ހުރުން ވަނީ ބޮޑު ވޭނަކަށެވެ.
ހަވީރުވާން ގާތް ވުމުން ހޫދުމެން ގެންނަން ހުއްދައަށް އެދުނީމެވެ. އެއްބަސް ކުރެވުނީ ޙާލަކުންނެވެ. ފިލާވަޅު ދަސްކުރާށޭ ބުނެގެންނެވެ. ހުއްދަ ލިބުމާއި އެކު އެމީހުންނަށް ގުޅާ އަންނަން ބުނީމެވެ. އެ މީހުން އައުމުން ފުރަތަމަ ފިލާވަޅު ދަސްކޮށްލާ ހެދީމެވެ. އެއީ ނަމަކަށެވެ. އެއަށްފަހު ދެން އެނބުރެލީ އަހަރެމެންގެ އަސްލު މަޢުޟޫއަށެވެ. ކިޔާރާއެވެ. އެ ވައިރަލް ކޮށްލަން އުޅޭ އެއްޗަކަށެވެ.
“މިރޭ އަހަރެން ދާނަން ފާރަލާން” ހޫދު އިސްނެގިއެވެ. އަހަރެން ޝެހެނާޒުގެ ގާތު ކިޔާރާގެ ޙާލަކީ ކޮބާ ތޯ އެހީމެވެ. “އަސްލު ވަރަށް ބޮޑަށް ބޯ ފަޅައިގެން ގޮސްގެން ސިކުންޑިއަށް ވެސް ލޭއެޅިގެން އުޅެނީ. ކިރިޔާ އެ ފަކީރުގެ ފުރާނަ ވެސް ސަލާމަތް ކުރެވުނީ” ޝެހެނާޒްގެ ވާހަކައިން އަހަރެންނަށް އިސްޖަހާލެވުނެވެ. އަހަރެންނަށް ކިޔާރާ ފެނުނު އިރު ވެސް އަޅާނުލާ ހުރެވުނީ ތީއެވެ. އެ ނިމާލު ހުއްޓުވިނަމަ މިހެނެއް ނުވީހެވެ.
އަހަރެންގެ ހަނދާނަށް އައީ ގެންގުޅޭ ރިކޯޑަރެވެ. ހޫދު ނިމާލަށް ފާރަލާނަމަ، އޭގެ ބޭނުން ވަރަށް މުހިންމުވާނެއެވެ. އަވަހަށް އޭތި ނެގީމެވެ. “އަން. މި ރިކޯޑަރު ޖައްސައިގެން އުޅޭނީ” އަހަރެން އޭތި ހޫދުގެ އަތަށް ދިނީމެވެ. އެއީ ބައްޕަގެ ކޮމްޕެނީގެ އުފެއްދުމެކެވެ. އަހަރެން އެންމެ ގަޔާވި އުފެއްދުމެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެ ރިކޯޑަރެއް ފަސޭހައަކުން ހަލާކެއް ނުވާނެއެވެ. ބަލާ ބެލުމަށް އެއީ އެކަހަލަ ކަމެއް ކުރެވޭ އެއްޗެއް ހެން ވެސް ހީނުވާނެއެވެ. ވޯޓާ ޕުރޫފް އެއްޗެކެވެ. ނަމަވެސް އޭގައި ވެސް އެއް މައްސަލަ އެބަ އޮތެވެ. އަގު ވަރަށް ބޮޑެވެ. ބޮޑޭ ބުންޏަސް އޭގެ އަގު އެނގި ހައިރާންވެގެން ދަތްދޮޅި ބިމުގައި ޖެހޭ ވަރުވާނެއެވެ. އެ ގެއްލުވާނުލުމަށް ޝަރުތު ކުރީ އެ ސަބަބުތަކާއި ހުރެއެވެ.
ކުއްލިއަކަށް ދެން އިވެން ފެށީ ފިޔަވަޅުތަކެއްގެ އަޑެވެ. މަންމަ އަންނަނީކަން އެނގުމުން އިޝާރާތުން އެ ދެ މީހުންނަށް އަންގާލައިފައި މަޑުމަޑުން ކެމިސްޓްރީ ފޮތް ނެގީމެވެ. ދެން ތިން މީހުން ވެސް ހެދީ ފިލާވަޅު ދަސްކުރާ ކަމަށެވެ. ދޮރު ހުޅުވާލި އަޑަށް ބަލައިލީމެވެ. ޝައްކެއް ވެދާނެތީ ހުރީ ބިރުން ހަލާކުވާ ވަރުވެފައެވެ. ކިތަންމެ ރީތިކަމެއް ލިބިފައި ހުއްޓަސް ރުޅި އައިސްފިނަމަ އަހަރެންގެ ‘ޒިންދަޤީ’ ބަރުބާދުވާނެއެވެ. އެހެންވެގެން ވާހަކަ ދެއްކީ ވެސް ‘ޗިލް’ ކޮށެވެ.
މަންމަ ގޮވީ ސައިބޯށެވެ. ކައިރި ހޮޓަލުން ގެނައި ހެދިކާއެވެ. އެ ތަނުގެ ހެދިކާ އާއި ވާދަކޮށްލެވޭ ވަރުގެ ތަނެއް އަދި ނުދެކެމެވެ. ހަމަ އެހާ މީރީ އެވެ. ދަހިކޮށް ސައި ބޯލެވުނެވެ. އެއަށްފަހު އަވަހަށް ދިޔައީ ކޮޓަރިއަށެވެ.
“އެހެންވީމާ ވައިޓީ ދާނީ ފާރަލާން. ރިފް ގޭ ބަންދުކޮށްލާފަ ހުރީމަ ނުދެވޭނެ. ދެން އެކަމަކު ވައިޓީ ގެންނަ ރިކޯޑިންތައް މަށާ އެކު ދިރާސާ ކުރެވިދާނެންނު. އަހަރެން ބަލާނަން ޔާރާއަށް ވެސް. އެ ނިމާލުގަނޑު އެހާ ފަސޭހައިން ޔާރާ ދޫކޮށްލާނެ ހެނެއް ހިޔެއް ނުވޭ ވިއްޔާ” ޝެހެނާޒު އަހަރެމެންގެ ރޭވުން ފަށުވިކޮށްލާ ހަމަޖައްސާލަދިނެވެ. ‘އަހަރެމެންގެ’ ރޭވުމޭ ބުނާކަށް ނުވާނެއެވެ. އަހަރެމެން ކުރަންވީ ކަންތައް ކަނޑައަޅާ ބުނެދިނީ އޭނާ ވިއްޔާއެވެ.
މި ކުއްޖާއަށް މައްސަލައެއް ބަލަން ވެއްޖެނަމަ އެކަމަކަށް ވަރަށް ފޯރި ހުންނާނެއެވެ. ފުލުހުން ކަމެއް ތަޙުޤީޤު ކުރާއިރު ވެސް މި ޝެހެނާޒު ކޮންނަ ހެން ކަމުގެ އެތެރެއަކަށް ނުވަންނާނެ ކަންނޭގެއެވެ. މިހާ ހިސާބަށް އައި އިރު ވެސް ސުކޫލުގައި ޖެހުނު މައްސަލައެއް ވިއްޔާ އޭގެ ތެރެއަށް ފީނާ ޙަޤީޤަތް ހެތްކާ ޤަރީނާއާއި އެކު ހެކިވެރިން ވެސް ހޯދާލިއެވެ. ރެހެންދީ ސުކޫލޭ ބުންޏަސް އެއީ ކުޑަ ސުކޫލެއް ނޫނެވެ. ހާސް ހާހުން ގިނަ ކުދިން ކިޔަވަމުން ދާ ތަނެކެވެ. ނަމަވެސް ނަސީބު ރަނގަޅުކަމުން ދިހައެއްގެ މި ފަހު އަހަރުގެ އިތުރުން ދެ އަހަރަކު އަހަރެމެން ތިން މީހުން އެއް ކުލާހަކަށް ލައްވާލިއެވެ.
އަހަރެމެން ތިބިތަނުން ދެން ގުޑިލީ ވެސް މަޣުރިބުގެ ބަންގިއަށެވެ. ހޫދާއި ޝެހެނާޒު ގެއަށް ދިއުމުން އަނެއްކާ ވެސް އަހަރެން ކޮޓަރީގައި އެކަނިވީއެވެ. ނަމާދަށް ފަހު އަހަރެން ޚަތިމް ނަގާ ދެ ތިން ސަފުހާ ކިޔަވާލީމެވެ. ދެން ގޮސް އަތްލީ އަހަރެންގެ ލެޕުގައެވެ. ހެކު ކުރަން ގެންގުޅޭ އެތީގައެވެ. މިހާތަނަށް ހޯދިހާ މަޢުލޫމަތެއްގެ ފުރަތަމަ ކޮޕީ ވާނީ އޭގައެވެ. އެ ޖަވާހިރު ދެކެ އަހަރެން ފުރާނަ ފަދައިން ލޯބިވަމެވެ. އަހަރެންނަށް ހެކު ކުރުމަކީ މަނާ ކަމެއްކަން ވެސް އެނގެއެވެ. އެއީ ބޮޑު ކުށެކެވެ. އެހެން ވެގެން އާންމުކޮށް އަހަރެން ކުރަނީ ވައިޓް ހެޓް ހެކަރުން ކުރާ ކަހަލަ ހެކިންގެ މަސައްކަތެވެ. ލާރިއަށެވެ. ދެން މަދުމަދުން ނުލަފާވެލާ ގްރޭ ހެޓް ހެކަރެއް ގޮތަށް ހެކު ވެސް ކުރަމެވެ.
އަހަރެންގެ ލެޕު ހުޅުވާލީ އިހަށް ދުވަހު ރަވާނަށް އަހަރެން ހެކު ކޮށްލަދިން ފޯނުގެ މައުލޫމާތު ހުރި ފޯލްޑާއެވެ. އަހަރެން އަވަސް އަރުވާލައިގެން އުޅުނު ވަރުން ކާކު އެއްޗެއް ތޯ ވެސް އެރެއަކު ނުބަލަމެވެ. އަހަރެން ބަލާލީމެވެ. ކާކުގެ ފޯނެއް ތޯއެވެ. އެނގުމުން ވިސްނާލެވުނެވެ. އެއީ ކޮންމެވެސް އިރަކު އަޑު އެހި މީހެއްގެ ނަމެވެ. ދެން ކުއްލިއަކަށް ސިކުނޑި ފަޅައިފައި އަހަރެންގެ ހަނދާނަށް އައެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ކާކުކަން އެނގުމުންނެވެ. އަހަރެންގެ ހިތް ތެޅިގަތީ އެހެނެއް ނޫނެވެ. މީހާ ތުރުތުރު އަޅައިގަތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part vx v Reethi masha alla
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Anehka kaaku phone eh baa fenuni
Love you ❤️😍
Next part ga engidhaane thaa e phone ge veri meehaa. Any guesses?
V reethi vaahaka eh. Curiously waiting for next part. 🙂
Thnx Beastess
Next part kn irakun
I’ve submitted it on monday. Ekm adhives upload nukurey.