ޙަޤީޤަތް ހޯދުމޭ 3
އަހަރެންގެ ލެޕު ހުޅުވާލީ އިހަށް ދުވަހު ރަވާނަށް އަހަރެން ހެކު ކޮށްލަދިން ފޯނުގެ މައުލޫމާތު ހުރި ފޯލްޑާއެވެ. އަހަރެން އަވަސް އަރުވާލައިގެން އުޅުނު ވަރުން ކާކު އެއްޗެއް ތޯ ވެސް އެރެއަކު ނުބަލަމެވެ. އަހަރެން ބަލާލީމެވެ. ކާކުގެ ފޯނެއް ތޯއެވެ. އެނގުމުން ވިސްނާލެވުނެވެ. އެއީ ކޮންމެވެސް އިރަކު އަޑު އެހި މީހެއްގެ ނަމެވެ. ދެން ކުއްލިއަކަށް ސިކުނޑި ފަޅައިފައި އަހަރެންގެ ހަނދާނަށް އައެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ކާކުކަން އެނގުމުންނެވެ. އަހަރެންގެ ހިތް ތެޅިގަތީ އެހެނެއް ނޫނެވެ. މީހާ ތުރުތުރު އަޅައިގަތެވެ.
“ޔޫސުފް އީމާން ޝަކީބް” މަޑުމަޑުން އަހަރެންނަށް އެނަން ކިޔާލެވުނެވެ. އެއީ މީގެ ދެއަހަރެއް ހާ ދުވަސް ކުރިން ގެއްލުނު ޒުވާނެކެވެ. އަދި މިވީހާ ތަނަށް ވެސް ހޯދިފައިނުވާ ފިރިހެނެކެވެ. އެކަކަށް ވެސް ވީ ގޮތުގެ ޙަޤީޤަތް ނޭނގޭ ހާދިސާއެކެވެ. ނަމަވެސް… ނަމަވެސް ރަވާންބޭގެ އަތުގައި މި ފޯނު އޮތީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކޯލު ރިކޯޑިން ތަކުގެ ބަޔަށް ވަނީމެވެ. ޝައްކު ކުރެވޭނެ ކަހަލަ ރިކޯޑިން އެއް ފެނޭތޯއެވެ. އަހަރެން އަޅުވާލީ އެންމެ ފަހުގެ ރިކޯޑިން އެވެ. އެއީ އީމާން ގެއްލުނު ދުވަހުއެވެ.
“ހަލޯ! މާން ދެން އާދެބަލަ. ބުނެފީމެންނު ސޮރީއޭ ވެސް” އެކޮޅުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. ހީވާ ގޮތުންނަމަ އެ ސޮރު ރައްޓެހިވެގެން އުޅުނު ކުއްޖާއެވެ. “ކަލޭ ކައިރީ ބުނެފައިދޯ އޮންނާނީ މަށަށް ގުޅައިގެން ނުވާނޭ” އީމާންގެ އަޑުގައި ވީ ރިހުމެވެ. ހީވަނީ ވަރުގަދައަށް ރޮއިލާފައި ހުރި ހެންނެވެ. “ދެން ޕްލީޒް. ޒެލް އޭ…” އެއީ އެރިކޯޑިންގެ ނިމުމެވެ. ހީވާ ގޮތުންނަމަ އީމާން ފޯނު ކަނޑާލީއެވެ.
“ޒެލް! ޒެލް އަކީ ކާކު؟” އަހަރެންގެ ހިތުގައި އުފެދުނީ ސުވާލެކެވެ. އިތުރަށް ސިކުނޑި އޮޅުން ބޮޅުންވެ ހާސްނުވަނީސް އަހަރެންގެ ލެޕު ލައްޕާލީމެވެ. އޭސީ ސޯޅައިގައި ހުރި ނަމަވެސް އަހަރެން ދާހިއްލައިފިއެވެ. އަނެއްކާ ރަވާންބޭ ނަގައިގެން އެ އުޅެނީ އީމާންގެ ކޭސް ބާއެވެ. އެކަންތަކުގައި ވީގޮތް އަދި މިވީހާ ތަނަށް ނުހޯދެއެވެ. އެކަން ކުރި ބަޔަކީ އާދައިގެ ބައެއް ނޫނެވެ. އެއީ އަދި މިވީހާތަނަށް އެކަމާއި ގުޅޭ އެއްވެސް ހެއްކެއް ހޯދިފައި ނުވާ މޮޅު ކްރައިމް ކޭސް އެކެވެ. އެކަން ކުރާބަޔަކު ވަރަށް ވެސް ކުޅަދާނައެވެ. ވިހި މީހުން ވަގަށް ނަގައިފި ވިއްޔާއެވެ. ޕޮލިހެއް އެހެން އެއްވެސް ބަޔަކަށް އެކަން ކުރާ ބައެއް ޝައްކުން ވެސް ނުހޯދޭ ވިއްޔާއެވެ.
އަހަރެން ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. ނަމަށް އަރައިފައި ވަނީ ‘ޝަހިކްސް’ އެވެ. ސިކުނޑި ހާސްކުރަމުން ދިޔަ ޚިޔާލުތަކާއި ދުރުވެވޭ ތޯ މަސައްކަތް ކުރަމުން ފޯނު ނެގީމެވެ. “ރިފް! ބަލާބަ ތިގޭގަ އަހަރެންގެ ބަޔޮލޮޖީ ފޮތް އޮތްތޯ؟” އަހަންނަށް ހެވުނެވެ. މި ކުއްޖާ އަދި ގެއަށް ގޮސް ވެސް ފޮތް ބޮނޑި ނެގީތާއެވެ. މިހާ ވަރުން ކިޔަވަން ނޫޅުނަސް ވެދާނެއެވެ. އަހަރެން ކިޔަވާ މޭޒާއި ދިމާލަށް ނަޒަރު ހިންގާލީމެވެ. އެތަނުގައި އެ ފޮތް އޮތެވެ. މަޑުފިޔާތޮށި ކުލައިގެ ބަނޑަވޭރިގަނޑެއް ލައްވައިފައިވާ ޝެހެނާޒުގެ ފޮތެވެ. “އާނ! ދެން މާދަމާ ފޮތް ފޮނުވާނަން. މިރޭ ދާނަން ދޯ ހަސްފަތާލަށް. އަނބުރާ އައިސް ގުޅާލައްޗޭ!” އަހަރެން ޖަވާބުދާރީވީމެވެ.
ޝެހެނާޒާއި ވާހަކަ ދައްކަ ދައްކައިފައި އަހަރެން ފޯނު ބޭއްވީމެވެ. އެރޭ އަހަރެން ކުރާނެ އެހެން ކަމެއް ނެތުމުން ބެލްކަންޏަށް ނުކުމެލީމެވެ. އޭރު ނުވައެއް ޖަހައިފާނެއެވެ. ރޭގަނޑު ކެއީ ކުޑަ އެތިކޮޅެއް ކަމުން ފާޑަކަށް ބަނޑު ހައެވެ. ފޭރު ގަހުގައި އަޅައިފައި ހުރި ފޭރުތަކުގެ ވަހުން އަހަރެންގެ ސިކުނޑި ތާޒާ ކޮށްލަދިނެވެ. ފޭރެއް ކާހިތްވިއެވެ.
ގޭގެ ގޯތި ތެރޭގައި މީހަކު ނެތްކަން ޔަޤީން ކޮށްލީ ފޭރެއް ބިނދެލުމުގެ ނިޔަތުގައެވެ. އާނ ދެން ރޭގަނޑުގެ ވަގުތު ފޭރުގަހަށް އަރަނިކޮށް މަންމައަށް ފެނިއްޖެއްޔާ ރުޅިއަންނާނެއެވެ. ފޭރު ގަސް ރަނގަޅަށް ލޮލުން ސްކޭން ކޮށްލަމުން ބަލައިލީ ކާން ހެޔޮވަރު ވަރެއްގެ ފޭރެއް އިން ތޯއެވެ. އަހަރެންގެ ލޯ ހުއްޓުނީ ތަންކޮޅެއް އެތެރޭގައި އިން ފޭރަކަށެވެ. ބިސްމި ކިޔައިފައި ބެލްކަނިން އެގަހަށް އެރީމެވެ. ލޯ އެޅި ފޭރު އަތުގައި ޖެހުމުން މަޑުމަޑުން ބެލްކަންޏާއި ދިމާލަށް ދިޔައީމެވެ. ކައިރި ވެލައިފައި ސީދާ ބެލްކަންޏަށް ފުންމާލީ އަޅައިވެސް ނުގަނެއެވެ.
ފޭރު ދޮވެލުމަށް ފަހު އެ ކަމުން ބޭރު ބަލައިލީމެވެ. ހުޅުމާލޭގެ އުސް ފްލެޓު ބަރީގައި މިގެ ހުންނަނީ ތަފާތުކޮށެވެ. އެހެން ތަންތަނާއި ޚިލާފަށް ގަސް ވެސް އިންދާލައިފައި ހުރެއެވެ. ނަގައިފައިވަނީ ހަތް ބުރިއަށް މައްޗަށެވެ. އަހަރެމެން އުޅެނީ ގްރައުންޑާއި ފުރަތަމަ ފުލޯގައެވެ. ދެން އެންމެ މަތީ ޓެރަސްވެސް އަހަރެމެންނަށެވެ. ދެން ހުރި ބައިތައް ހުންނާނީ ކުއްޔައް ދީފައެވެ. އެހެނަސް އެ ބައިތަކުގައި އުޅޭ މީހުންނަކަށް އަހަރެމެންގެ ބައިތަކަށް ނޭރޭނެއެވެ.
އަހަރެންގެ ކޮޓަރި ހުންނަނީ ފުރަތަމަ ފުލޯގައެވެ. ޖާގަ ތަނަވަސް ކޮޓަރިއެކެވެ. ފާރުތަކުގައި ލެވިފައިވަނީ އަޅިކުލައެވެ. ފަރުނީޗަރުތައް ހުދާއި އަޅި ކުލައިންނެވެ. އެނދަކާއި ކިޔަވާ މޭޒެކެވެ. ސޯފާ ގޮނޑިއެއް ވެސް އެއް ކަނުގައި ހުރެއެވެ. ދެން އަލަމާރި އަކާއި އަހަރެންގެ ޚާއްސަ ކަބަޑެވެ. އެއްކަލަ މޭޒަކަށް ބަލަދުވާ ކަބަޑެވެ.
އެންމެ ފައްކަލީ ކޮޓަރި ތެރެއިން ބެލްކަންޏަށް ނުކުމެވެން ހުރީމައެވެ. ބެލްކަނީގައި ގޮނޑިއަކާއި ކުޑަ މޭޒެއް ހުރެއެވެ. ފޭރުގަހުގެ ބައެއް ގޮފިތައް ބެލްކަނީގެ ތެރެއަށް ވަދެފައި ހުއްޓެވެ. އެ ފޭރުގަހަކީ ވަރަށް ފައްކާ ދިރުމެކެވެ. އެ ގަހަށް އަރައިފައި ފާރުމަތިން ބޭރަށް ނުކުމެވޭތީއެވެ. ސީސީ ކެމެރާ ވަށައިގެން ހަރުކޮށްފައި ހުއްޓަސް އެއަކުން އަހަންނަކަށް ބިރެއް ނެތެވެ. އޭގެ ކޮންޓުރޯލަށް ހެކު ކޮށްލައިފައި އަހަންނަށް ބޭނުން ގޮތެއް ހެދޭތީއެވެ.
އަހަރެން އަނބުރާ އައިސް ކޮޓަރިއަށް ވަނީމެވެ. ސޯފާގޮނޑީގައި އިށީނދެފައި ފޯނު ހުޅުވާލީމެވެ. ޚަބަރުތައް ކިޔާލާށެވެ. އަހަރެން އާންމުކޮށް ޚަބަރު ކިޔަމެވެ. މި ދުނިޔެއާއި ދިވެހިރާއްޖޭގައި ވާ ކަންކަން ބަލަންވާނެއެވެ. އެހެން އިންދާ މެސެޖެއް އައެވެ. ހޫދުގެ ފަރާތުންނެވެ. އޭނާ ނިމާލަށް ފާރަލަމުން ދާން ފެށިކަން އަންގާލާށެވެ. އެ ސޮރަށް މިކަން ވާނެ ބާއޭ ހިތަށް އެރިއެވެ.
ފޯނު ހިފައިގެން އޮށްވާ ނިދިޖެހެން ފެށުމުން އެ ނިވާލައިފައި އޮށޯތީ ނިދާށެވެ. މި މަންމަގަނޑަށް އަހަރެން ގްރައުންޑު ކުރަން ވެސް ޖެހުނީ މި ކިޔާރާގެ މައްސަލަ ކަހަލަ ކަމެއް ބޯމަތިވެފައި ވަނިކޮށެވެ. ހުރިހާ ވެސް ކަމަކީ ކުލާހުގައި އުޅޭ ފިނޑި ސޮރު ސާލިމެވެ. އޭނާ ވެސް އަދި ބެހެން ނުޖެހޭ ކަންކަމަށް ބެހި މަ ނަރުގަނޑުގައި ޖައްސާލައިފި ވިއްޔާއެވެ.
އަރާމު ނިންޖަކުން އަހަންނަށް ނިދާލެވުނެވެ. ނަމަވެސް އެއީ ހަތަރު ވަރަކަށް ގަޑިއިރަށެވެ. އަހަންނަށް ހޭލެވުނީ ބެލްކަނީގެ ދޮރުގައި މީހަކު ބާރަށް ތަޅާ އަޑަށެވެ. ނިދި ތާއްޔާ ހުރެ ގޮސް ދޮރުފޮތި ކަހާލީމެވެ. ދެން ދޮރު ހުޅުވާލީ ބޭރުގައި ހުރި މީހާ އެތެރެއަށް ވައްދާށެވެ. އެ ސޮރު ހުރި ގޮތުން އަހަރެންގެ ލޮލަށް ސަވާރުވެގެން އުޅުނު ވަރުގަދަ ނިދިގަނޑުވެސް ފިލައިފިއެވެ. ހޫދު ހުރީ މާނޭވާ ލެވިފައެވެ. ދާހިއްލައިފައި ހުރުމުން ލައިގެން ހުރި ޓީޝާޓު ގައިގައި ތަތްލައިފައެވެ. އޭނާ ދިއްކޮށްލީ އެ ރިކޯޑަރެވެ. މިހާ ދަންވަރަކު މި ސޮރެއް ކުޑަ ކަމެއް ވެގެނެއް ނާންނާނެއެވެ. އެ އެތި ޖަހައިގަނެފައި އޭގެ މެމޮރީ ކާޑު ނަގާ އަހަރެންގެ ލެޕަށް ލައްވާލީމެވެ. ހޫދު ހުރީ ހިމޭނުންނެވެ.
ދެން ރިކޯޑިން އަޅުވާލީ ހޫދު މިހާ ހާސްވެގެން އައީ ކޮން ވާހަކައެއް އަޑުއަހައިފައި ތޯ ބަލައިލުމުގެ ނިޔަތުގައެވެ. އޮޅާލައިފައި މަޑުޖައްސާލީ ނިމާލުގެ އަޑު އިވުމުންނެވެ. “އައީ ދޯ!” ނިމާލުގެ އަޑު އައި އެހެންނެވެ. “ކަލޯ! ކައެ ކީއްވެގެންތަ މާ ތެޅިގަނެފަ ދިމާކުރަން ބުނީ؟” ދެން އިވުނީ އަޒާނުގެ އަޑެވެ. “ކަމެއް ވެގެންނޭ މިއުޅެނީ. މަ ގެންގުޅުނީމެންނު ކުޑަ އަންހެން ގޮލައެއް. އޭނާ އަށް އެނގިއްޖެޔޭ އަހަރެމެންގެ މި އަހަރުގެ ކެނޑި އޮޕަރޭޝަންގެ ކަންތައް. މިހާރު އޮންނާނެ ހަސްފަތާލަށް ވައްޓާލައިފަ” ނިމާލުގެ އަޑުން އެހުރީ ހާސްވެފައިކަން އެނގުނެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާ ކޮން އޮޕަރޭޝަނެއް ބާއެވެ. އޮޕަރޭޝަން ކުރަން މީ ޑޮކްޓަރެއް ސާޖަރީ ކުރަން ޖެހޭ ބައެއް ނޫނެވެ.
“ހެހެ.. އެއްކަލަ ކިޔާރާ ދޯ! މާ ވަރަކަށް ވިސްނާނެ ކަމެއް ނެތެންނު. މަރާލާ! އޭރުން އަބަދަށް އަނގަ ބަންދު ކޮށްލެވުނީނުން. ނީމޯ، ކައެ ވެސް ދެން މާ ގިނަ ދުވަހު އެ ގޮތަށް މީހުން ނުގެންގުޅެބަލަ” އަޒާނުގެ އަޑު އައި ގޮތުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. މީހަކު އަނގަ ބަންދުކޮށްލަން ވެގެން ވެސް އެ އުޅެނީ ކުށެއް ނެތް ފުރާނައެއް ނަގާލާށެވެ. އަހަރެން ރިކޯޑިންގެ އަނެއްބައި އަޑުއަހަން މާ ބޭނުންވިއެވެ.
“މާ ޝައްކު ނުކުރެވޭނެ ކަހަލަ ގޮތެއް މަ ހަދާނީ. ހަސްފަތާލުގައި އޮށްވަ މާދަން ރޭ ޒަހަރު ދޭނީ” ނިމާލު ދެން ބުނެލީ އޭނާ ކިޔާރާ މަރާލަން ގަސްތުކުރި ގޮތެވެ. އަހަރެންނަށް ތެޅިގަނެވުނެވެ. ހޫދު މިހާ ވަރަކުން މި އައީ މިހެންވެގެން ދޯއެވެ. ފުރަތަމަ ފާރަލީ ލުމުން ވެސް އެ އިވުނީ ކުށެއް ނެތް ފުރާނައެއް ދުއްވާލާ ވާހަކައެވެ.
އަހަރެން ލެޕު ހުޅުވާލީ ކިޔާރާ ބާއްވައިފައި އޮތް ހަސްފަތާލުގެ ސެކިޔުރިޓީ ސިސްޓަމަށް ހެކު ކޮށްލުމުގެ ނިޔަތުގައެވެ. އޭގެ ލޮކުތައް ފުނޑާލަން އަވަސްވެގަތީމެވެ. ހިތް އަވަސްވެފައިވާ ވަރުން ހެޔޮ ގޮތަކަށް އެކަން ކުރެވޭ ވަރެއް ނޫނެވެ. ސިކުނޑި ޚިޔާލުތަކުން ފުރި ބަރާވެފައި ވާތީ ކީބޯޑުގެ ފިތްތަކަށް ފިތެނީވެސް ނުބައިކޮށެވެ. އެންމެ ފަހުން އެނދު މަތިން ބާލީހެއް ނަގައި މޫނުގައި އަޅާލައިފައި ހަޅޭއްލަވައިގަތީމެވެ. އެންމެ ފަހަރަކު ނޫނެވެ. ދެ ތިން ފަހަރުއެވެ.
“ރިފް! އާރ ޔޫ އޯކޭ؟” ހޫދު އެހެން ބުނެލި އަޑަށް އެ ދިމާ ބަލައިލީމެވެ. ކުރާނީ ކީއް ހެއްޔެވެ؟ ކިޔާރާއަށް ކުރިމަތިވީ ކަންކަމަށް ކުށްވެރި ކުރެވެނީ އަހަރެންގެ އަމިއްލަ ނަފްސެވެ. އެ ދުވަހު ނިމާލުގެ އަނިޔާތަކުން ކިޔާރާ ސަލާމަތްކޮށްދިންނަމަ މިއަދަކު އެ ހަސްފަތާލުގައި އޮންނާކަށް ނުޖެހުނީހެވެ. އަހަރެން އުޅުނީ ވީޑިޔޯއެއް ނުނެގިގެންނެވެ. މިހާރު އެވަނީ ކިޔާރާގެ ފުރާނައަށް ނުރައްކާވާ ވަރު ވެފައެވެ. އެ ކުއްޖާ އެ ޙާލުގައި އޮވެ މި ދުނިޔެ ދޫކޮށްފިނަމަ ދުވަހަކުވެސް އަހަރެންގެ އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެއެވެ.
އަހަރެން ބޯހޫރާލައިފައި ހަމަޖެހިލީމެވެ. މިހާރަކު ތެޅިގަނެގެން ކިޔާރާ ސަލާމަތެއް ނުކުރެވޭނެއެވެ. ޖެހޭނީ ވަރަށް ވިސްނައިގެން ފިޔަވަޅެއް އަޅާށެވެ. “މިހާރު އޯކޭ” ލަސްވިޔަސް އަހަރެން ހޫދަށް ޖަވާބެއް ދިނީމެވެ. “ފުލުހުންނަށް މިކަން އަންގަން ވީނުން؟” ހޫދުގެ ޖުމްލައިން އަހަރެން އޭނާ އާއި ދިމާލަށް ކަޅިއަޅާލީމެވެ. މި ސޮރު މިހާ ގަޅިވީ ކޮން އިރަކު ހެއްޔެވެ؟
“އޭ ބަލަ ވައިޓީގަނޑާ! މޮޔަ ނުވެބަލަ. މި ރިކޯޑިން ހޯދިގޮތް އެމީހުން ގާތު ބުނަނީ ކިހިނެތް؟ މިކަހަލަ ރެކޯޑިން އަކުން އެމީހުންނަށް ނިމާލު ހައްޔަރު ކުރެވޭނެތަ؟ އެހެންނޫނަސް ނިމާލުމެންނަށް އަހަރެމެން ފާރަލީކަން އެނގިއްޖެއްޔާ އަހަރެމެންނާއި އަހަރެމެންގެ އާއިލާ ނޮޅާ ކުދިކޮށް ކާޅަށް ކާންދޭން ވެސް ފަހެއް ނުޖެހޭނެ” އަހަރެން ހޫދަށް އެއްޗެހި ކިޔާ އަޅާލީމެވެ. މިސޮރުގެ ވިސްނުން ހުރިގޮތުން މީހަކު އަޖައިބުވެ އަންތަރީހެއް ނުވާނެ ހެއްޔެވެ؟
“އެހެން ދޯ! އެކަމަކު ދެން ކީއް ކުރަންވީ؟ ޔާރާ މަރުވާން ދޫކޮށްލަން ވީތަ؟” އަދި ވެސް މި ސޮރަށް އެއްޗެއް ވިސްނުނު ހެންނެއް ހިޔެއް ނުވެއެވެ. “ބަލަ އަހަރެމެންނަށް ވެސް އެކަހަލަ ކުޑަ ކަމެއް ކޮށްލެވިދާނޭ” އަހަރެން ހޫދަށް އިތުރަށް ބުނެދެވޭތޯ މަސައްކަތް ކުރީމެވެ. ކޮންމެހެން ވަކި ބަޔަކަށް ބަރޯސާވާން ޖެހޭ ހެއްޔެވެ؟ އެއީ އަހަރެން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ.
އަހަރެން އަނބުރާ މޭޒާއި ގާތްވެ ލެޕުގެ ކުރިމަތީގައި އިށީނީމެވެ. އިނގިލިތަކަށް ދަމާލުމާއި އެކު ކަށި އަޑު ގޮވައިގެން ދިޔައެވެ. މި ފަހަރު ވަރަށް ފަސޭހައިން، ކާމިޔާބު ކަމާއި އެކު ހަސްފަތާލުގެ ސެކިޔުރިޓީ ސިސްޓަމަށް ހެކުކޮށްލެވުނެވެ. ދެން އަޅުވާލީ ކިޔާރާ އޮތް ކޮޓަރީގެ ސީސީޓީވީ ކެމެރާ ފުޓޭޖެވެ. ސަލާމަތުން އޮތްކަން އެނގުނެއް ކަމަކު ޔަޤީން ކޮށްލުމަކުން ގެއްލުމެއް ނުވާނެއެވެ. ހެޔޮ ޙާލުގައި އޮތް ތަން ފެނުމުން ހިތަށް ތަސައްލީއެއް ލިބުނެވެ.
ދެން ބަލައިލީ ގަޑިއަށެވެ. އޭރު ގަޑިން ބަރާބަރު ދަންވަރު ދޭއް ޖެހީއެވެ. އަހަންނަށް ބަލާލެވުނީ ހޫދާއި ދިމާލަށެވެ. ދެން ލޮލުން އިޝާރާތް ކޮއްލާ ގަޑި ދައްކާލީމެވެ. އެ ސޮރަށް އެއްޗެއް ފަހުމްވީ ކަމަށް ވެދާނެއެވެ. އަނބުރާ ކޮޓަރިން ނުކުތީ ވަތް ގޮތަށެވެ. އަހަރެންގެ ޚާއްސަ ފާލަމެވެ. ބެލްކަންޏާއި ފޭރު ގަހެވެ.
ހޫދު ދިއުމުން އަހަރެން ވެސް އުޅެގަތީ ނިދާށެވެ. ނިދެމުން ދިޔައިރު ވެސް ވިސްނެނީ ކިޔާރާއާއި މެދުގައެވެ. އޭނާ ސަލާމަތް ކުރާނެ ގޮތެކެވެ. އަހަރެން ގޭ ބަންދުވެފައިވާ ޙާލު މިކަން ކުރާނެ ގޮތެކެވެ. އަހަރެން ގޮސްފިނަމަ ޔަޤީނުން ވެސް ފަޅާ އަރާނެއެވެ. ނަމަވެސް މިހާރު އެ ކަހަލަ ކަމަކާއި މެދު ވިސްނައިގެން ވޭ ހެއްޔެވެ؟
އަހަރެންނަށް ފަތިހު ފަހެއް ޖެހިތަނާ ތެދުވެވިއްޖެއެވެ. އެލާމަކާއި ނުލައެވެ. ފަތިސް ނަމާދަށް ފަހު އަހަރެން ނުކުމެލީ ބެލްކަންޏަށެވެ. އޭރު މަގުމަތީގައި މަދުމަދުން މީހުން ހޭލަމޭލަ ވެގެން އުޅެން ފަށައިފިއެވެ. ފަތިސް ގަޑީގައި މި ޖެހޭ ފިނި ވައި ރޯޅިތައް ހާދަހާވާ އަރާމެވެ. ދޫކޮށްލައިފައިވީ އަހަރެންގެ އިސްތަށިގަނޑު ވެގެން ދިޔައީ އޭގެ ޝިކާރައަކަށެވެ. ކޮނޑުން ތިރިއަށް ދެ ކައިވަތެއް ވީ އެ މުށިކުލައިގެ އިސްތަށިގަނޑަކީ މަންމަގެ ހަދިޔާއެވެ.
މަންމައަކީ ހަމަ ތާކު ހުރި ފަތްމިންޏެކެވެ. ކުލަ އަލި އޮމާން ހަންގަނޑެކެވެ. ކަނޑު ނޫކުލައިގެ ޖާދުވީ ލޮލެކެވެ. މުށިކުލައިގެ ފަންފަން އިސްތަށިގަނޑު އުނަގަނޑާއި ހަމައަށް އަރާނެއެވެ. ފިޔާތޮށިކުލަ އަރައަރާ ހުރީ ރީތި ތުންފަތެކެވެ. ދިގު އެސްފިޔަތަކެކެވެ. ހިތިފަތުބުމަ އެކެވެ. ކުޑަ ނޭފަތެކެވެ. ރޫފަ ރަނގަޅު ލޫޅާފަތި ހަށިގަނޑެކެވެ. އަނެއްހެން ބުނާނަމަ ދުނިޔޭގެ ހުރިހާ ރީތިކަމެއް ހުސްކޮށްގެން ހުރި ހޫޫރެކެވެ. މި ހުރިހާ ބޭރު ފުށުގެ ސިފަތަށް އަހަރެންނަށް ވާރުތަވިއެވެ. ހާސް ތަފާތުވީ މިޒާޖެވެ. ފާޑަކަށް ބައްޕައާއި އެއްގޮތް ތޯއްޗެއެވެ. ދެން ނޭނގެއެވެ. ގައިމުވެސް ވިސްނުން ހުންނަނީ އެހެން އަންހެން ކުދިންނާއި އެއްގޮތަކަށް ނޫނެވެ.
އަހަރެންނަކީ ރީތި ހެދުން ލާ ފަރިވާ މީހެއް ނޫނެވެ. ގިނައިން ހެދުން އަޅަނީ ކަޅާއި ހުދުންނެވެ. ނުވަތަ އެއާއި އެއްކަހަލަ ކުލައަކުންނެވެ. ކައްކާ، ފަހާ، މަޑުމައިތިރި ގޮތަކަށް އަހަރެންނެއް ނޫޅެމެވެ. އުޅެނީ ފިރިހެން ކުދިން ގޮތަށް ހިސާބަށް ވުރެ ހަލަނިކޮށެވެ. ވަޅި ގެންގުޅެނީ ފިޔާ ކަހަލަ އެއްޗެހި ކޮށާކަށް ނޫނެވެ. ހޫރަމުން އެއްލަމުންނެވެ. ދެން މޭކަޕަކީ އަހަރެންގެ ހަތުރެކެވެ. އަހަރެންގެ ކުލާހުގައި އުޅޭ ބައެއް ކުދިން އަހަންނާއި ދިމާލަށް ‘އަންހެން ފިރިހެން ސޮރު’ ކިޔަނީ މިހެން ކަމަށް ވެދާނެއެވެ. ޔަޤީނެއް ނޫނެވެ. އަހަންނަކީ މައިންޑް ރީޑް ކުރަން ދަންނަ މީހެއް ނޫނެވެ.
އަހަރެން އަނބުރާ ކޮޓަރިއަށް ވަނުމަށް ފަހު ލެޕްޓޮޕް ނެގީމެވެ. ކިޔާރާގެ ގާތު އެވަގުތު ދެ ނަރުހަކު އުޅުނެވެ. އެކަކީ ޝާނާކަން ވެސް އެނގުނެވެ. ޝެހެނާޒު އަދި ހޭލާނެ ކަމެއް ނޭނގެއެވެ. ރޭގެ ވާހަކަ އެ ކޮއި ގާތު ބުނަން ޖެހޭނެއެވެ. އަހަރެން ކޮޓަރިން ނުކުމެލީ އެއްޗެއް ބޯލާށެވެ. ފުރަތަމަ ވެސް ފެނުނީ ޗޮކުލެޓް މިލްކްޝޭކް ޕެކެޓެކެވެ. އައިސް އަލަމާރިން އެނަގައި ކަނޑާލަމުން ގޭގެ ދޮރުން ނުކުތީމެވެ. ސީދާ ބޭރަކަށް ނޫނެވެ ގަސް ހައްދާލައިފައިވާ ގޯތި ތެރެއަށެވެ.
ގޯތި ތެރޭގައިވާ ހަމައެކަނި ހުރި ހިޔާދޭ ދެ ގަހަކީ އަނބުގަހާއި ފޭރު ގަހެވެ. މިރުހާއި ލެޓިޔުސްއާއި މޭވާތަކެއްގެ އިތުރުން ދެން ހުރީ މާ ގަހެވެ. ފިނިފެންމަލާއި ނަރުގިސް މަލާއި ލިލީއާއި ޑެއިޒީ ކަހަލަ ތަފާތު އެކި ވައްތަރު ތަކެވެ. މަންމަ ކުރާ މަސައްކަތެވެ. ހެނދުނުގެ ނުވައެއް ޖަހަން ދެން އަހަރެން އުޅުނީ އެއް ތަނުގައި ހޭކިލާ އަނެއް ތަނުގައި ހޭކިލައިފައެވެ. ނުވައެއް ޖެހުމާއި އެކު ގުޅާލީ ޝެހެނާޒަށެވެ.
“އޭ ޝަހިކްސް! ވަރަށް ބޮޑު ކަމެއް ވެގެންނޭ މިއުޅެނީ. އާދެބަ މިގެއަށް” އެކޮޅުން ފޯނު ނެގުމާއި އެކު ބުނެލީމެވެ. ޝެހެނާޒު މި ދަނީއޭ ބުނެފައި ފޯނު ކަނޑާލިއެވެ. ހޫދަށް ގުޅަން އުޅެނިކޮށް އިވުނީ މީހަކު ދޮރުގައި ޓަކި ޖަހާ އަޑެވެ. މަންމަ އަނެއްކާ ގޮވަނީ ބާއެވެ؟
ދޮރު ހުޅުވާލިއިރު އެ ތަނުގައި ހުރީ މަންމައެއް ނޫނެވެ. ހޫދެވެ. އަހަރެން ދޮރު ހުޅުވާލުމާއި އެކު އެތެރެއަށް ދެމިގެންފިއެވެ. “އަހަރެންނަށް ފެންނަނީ މިރޭ ގޮސް ހޮސްޕިޓަލުގައި ތިބެން.” އޭނާގެ ޚިޔާލު ބުނެލިއެވެ. ޝެހެނާޒާއި ނުލައި އަހަރެމެން ރާވަން އުޅެފިނަމަ ޔަޤީނުން ވެސް ރަތަށް އަރާނެއެވެ. އެހެނަސް އަހަންނަށް ހެވެވެ.
“އޭނ! ކީކޭ ކިޔާފަ އެތާ ހުންނަނީ. މާ ރަނގަޅުވާނެ ބޭރުގައި ހުރިއްޔާ. އޭނާ ވަންނަ މަންޒަރު ފެނުނީމަ ޕޮލިހަށް ގުޅާނީ.” އަހަރެން ބުނެލީ އެހެންނެވެ. ހޫދު އެކަމަކަށް އެއްބަހެއް ނުވިއެވެ. ބުނީ ނޭނގި ވަދެފަ މަރާލައިފިއްޔާ ޕްލޭން އެއްކޮށް ފަނި ވާނިއްޔޯލައެވެ. އެކަމަކު އަހަރެން ހުރީ އެ ގޮތް ޤަބޫލުކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައިވީ ޒުވާބު ހުއްޓުނީ މީހަކު ތޫލި އަޑަކުން ހަޅޭއްލަވައިގަތުމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kaaku baa halhey lavaa gathy
Love you ❤️😍
Thnx cutie girl!
Mi part vx varah varah reethi.
When next?
Its uploaded. Thnx Rifga!