ޙަޤީޤަތް ހޯދުމޭ 1
މީހަކު ގޭގެ ގޯތިތެރޭގައި ނެތްކަން ޔަޤީންކޮށްފައި އަހަރެން ބެލްކަނީގެ ކައިރީގައި ހުރި ގަހަށް ފުންމާލީމެވެ. އެއަށްފަހު މަޑުމަޑުން ފާރުމައްޗަށް އަރާ އެ ފާރުން ބޭރަށް މަގުމައްޗަށް ފުންމާލީ އަޑެއް ވެސް ނުލައްވާލައެވެ. ސިއްރުވެރި ގޮތަކަށް އަހަރެން ހިނގަމުން ދިޔައީ ރެހެންދި ސުކޫލާއި ދިމާލަށެވެ. އިރުއިރުކޮޅާ މަގުގެ އެކި ހިސާބުތަކަށް ބަލާލަނީ ދަންނަ މީހަކަށް އަހަރެން ފެނިދާނެތީއެވެ. ފެނުނަސް އަސްލު ހެވެވެ. އެއީ ލައިގެން ހުރި ކަޅު ހުޑީގެ ހުޑް ބޮލަށް ވައްޓާލާ މޫނުގައި ކަޅު ކުލައިގެ މާސްކެއް އަޅައިގެން ހުރީމައެވެ. ކަޅު ލެގިންސަކާއި އެކު ހަމަ އެކުލައިގެ ބޫޓަކަށް އަރައިފައި ދެއަތް ވެސް ރަބަރު އަންގިއަކުން ފޮރުވާލެވިފައި ވާތީއެވެ. އަހަންނަކީ ކާކުކަން ފެންނަ މީހަކަށް ނޭނގޭނެތީއެވެ.
ސުކޫލާއި ހަމައަށް ދެވުމުން އަހަރެން ސުކޫލުގެ ފާރު މައްޗަށް އަރާ އެތެރެއަށް ދެމިގަތީމެވެ. ސްޓާފް ރޫމާއި ހިސާބަށް ބިއްދޮށު ފާރު ފަހަތުން ގޮސް މަޑުކޮށްލީމެވެ. އަހަރެންގެ ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސްނަގާ ޒިބުކަހާލަމުން އޭގެ ތެރެއިން ނެގީ ލެޕްޓޮޕެކެވެ. އެ ހުޅުވާލައިފައި ފަރިތަކަމާއި އެކު އަހަރެން އޭގެ ކީބޯޑާއި ކުޅެލީމެވެ. ހަފީފާ މިސްގެ ލެޕްޓޮޕް ހެކުކޮށްލަން ނެގީ އެންމެ މިނެޓެކެވެ. އެއިން އަހަރެން ބޭނުންވި ވީޑިއޯކޮޅު ފެނުމުން ހިނިތުންވެލެވުނެވެ. ބޭނުންވި ކަންތައް ކާމިޔާބުވުމުން ލެޕު އަނބުރާ ދަބަހަށްލާ އެތަނަށް ވަތް ގޮތަށް ނުކުތީ ތަނުގައި ހުރި ސީސީ ކެމެރާތައް ވެސް ޖައްސާލައިފައެވެ. އެޔަށް އެރިއްޔަކާ މާރީއްޗެއް ނުވާނެއެވެ. އެއް ޝޮޓުން ބަސްޓުވާނެއެވެ. ކުރިން ނިވާލީ އެހެން ވެގެންނެވެ.
ގެއަށް ދާން އައި މަގުމަތީގައި އަހަރެންގެ ޝައުޤުވެރިކަން ދަމައިގަތީ ދެމީހެކެވެ. އެއީ ކޮން ބައެއްކަން ވެސް އެނގުނެވެ. އެކަކީ އަހަރެން ކުލާހުގެ ކިޔާރާއެވެ. ދެން ހުރީ އޭނާގެ ބިޓުސޮރު ނިމާލެވެ. އެއީ އެހާ އަނދިރި ނޫނަސް ހަނި ގޯޅިގަނޑެކެވެ. މިހާ ދަން ވަގުތެއްގައި އެމީހުން ފެނުމުން އެހިސާބަށް ދިޔައީމެވެ. އެމީހުންނަށް ވެސް ހިލަމެއް ނުވާނޭހާ ސިއްރުންނެވެ. އެހެންނޫނަސް މީހަކު ހުރިތޯ ނެތްތޯ ބަލާވަރަށް ވުރެ އެމީހުން ތިބީ ނަރުގަނޑުގައި ޖެހިފައެވެ. އަހަރެންގެ މޮޅު ސިކުނޑިއަށް ފައްކާ ޚިޔާލެއް އައެވެ. ހުޑީގެ ޕޮކެޓުން އަހަރެންގެ ފޯނުނަގާ ވީޑިއޯ ޖައްސާލީމެވެ. ހޫނު ޒުވާބަކަސް ހެވެވެ.
“މާލް! ދެން އަހަރެން ދޫކޮށްލަބަ. އަހަރެން ކޮން ކުށެއްތަ ކުރީ؟” ކިޔާރާގެ އަޑު ހުރީ ކުރަކިވެފައެވެ. “ކަލެއަށް އެނގެން ނުޖެހޭ މާގިނަ އެއްޗެހި އެނގެނީ. އަޑު އިވިއްޖެތަ؟” ނިމާލު ހަޅޭއްލަވައިގަތެވެ. އެހިސާބުގައި އުޅުނު ދުއްވާ އުޅަނދުތަކާއި މަދުމަދުން ހިނގައި އުޅޭ މީހުނަކަށް އޭނާއެއް ނުބަލައެވެ.
“އެ ވައިރަލް ކޮށްލާނަން. ދެން އެ އަޒާނަކާއެއްކޮށް ޖަލުގޮޅީގައި އޮވެވިދާނެންނު!” ކިޔާރާގެ އަޑަށް ވެސް ކުޑަ ބާރެއް އެރިއެވެ. ނިމާލުގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ނިމާލު ކިޔާރާއަށް އަނިޔާކުރަމުން ދިޔަ ނަމަވެސް އެވަގުތު ސިހުނުވަރުން ކަމެއް ކުރަން ވެސް އަހަރެން ނުކުޅެދުނެވެ. އެ ފަކީރު ފާރާއި ދިމާލަށް ކޮށްޕާލާ ބަނޑުގައި ކޮޅުފައިން ޖަހަމުން ދިޔައީ އެ ނިކަމެތި ހަށިގަނޑު ޒަޚަމުތަކުން ފުރާލަމުންނެވެ. އޭނާގެ ބޯފަޅައިގެން ދިޔަތަނުން ބޮކިބޮކި ޖަހައިފައި އަންނަނީ ރަތްކަން ގަދަ ލެޔެވެ. އޭނާގެ ކިބައިގައި ކިރިޔާ ހޭ ހުރި ކަހަލައެވެ.
އަހަރެންނަށް ކިރިޔާ ވެސް ހޭވެރިކަމެއް ވީ ނިމާލު ކިޔާރާ ދޫކޮށްފައި ދާން އެނބުރުމުންނެވެ. އަރައިފައި ހުރި ރުޅިގަނޑާއި ހެދި އޭނާ ދުންޖަހައިފައި ނިކުމެގެން ދިޔައިރު އަހަރެން ނުފެންނަކަމީ ނަސީބެކެވެ. އެ ރިކޯޑިން ކަނޑާލައިފައި އެ ދިމާލަށް ދިޔައީމެވެ. ފޯނުން އެމްބިއުލެންސަކަށް ގުޅާލަމުންނެވެ. ވާހަކަ ދައްކާލައިފައި އަހަރެން އަވަސްވެގަތީ ކިޔާރާގެ ބޮލުން ލޭ އައުން ހުއްޓުވާލެވޭނެ ތޯއެވެ.އަހަރެން ލައިގެން ހުރި ހުޑީ ބާލާ ކިޔާރާގެ ބޮލުގައި އޮޅާލީމެވެ. އެތެރެއިން އަތް ދިގު ޓީޝާޓެއް ލައިގެން އާދެވުނުކަމީ ނަސީބެކެވެ. ލޭއައުން ކިރިޔާ މަދު ކޮށްލެވުނަސް އަހަންނަކަށް މާ މޮޅު ކަމެއް ނުކުރެވުނެވެ. ދެން އަހަންނަކީ ކިޔަވައިގެން ހުރި ޑޮކްޓަރެއް ނޫން ވިއްޔާއެވެ.
ކިޔާރާ އެމްބިއުލެންސަށް އެރުވުމުން އަހަރެން އުޅެގަތީ ގެއަށް ދާށެވެ. ގޭގެ މީހަކަށް އަހަރެން ނުކުތްކަން އެނގިއްޖެއްޔާ ދެން އެ ނިމުނީއެވެ. ހިތް އަވަސްވެފައިވާ ޙާލު އަހަރެން ދިޔައީ ފަޔަށް ލެވުނުހާ ބާރެއް ލައިފައެވެ. ގެއާއި ހަމައަށް ވާސިލުވުމުން އަހަރެން ގެއަށް ވަނީމެވެ. ރީތިކޮށް ބޮޑު ދޮރުންނެއް ނޫނެވެ. ފާރުމަތިން އެތަނުގައި ހުރި ފޭރުގަހެއްގެ އެހީގައި ބެލްކަންޏަށެވެ. އެހިނދު ހަމަނޭވާ އަޅުވާނުލެވެނީސް ހުއްޓާލަން މަޖުބޫރުވިއެވެ.
ބެލްކަނީގެ ދޮރުގައި ލެނގިލައިގެން ހުރި މީހާ ފެނުމުން އަހަރެންގެ ދެލޯ މުދުނަށް އެރިއެވެ. ނުލަފާ ހިނިތުންވުމެއް ވެރިކުރުވައިގެން އެ ހުރީ މަކަރުވެރި ޝައިތޯނެއް ވިއްޔާއެވެ. މަންމަމެން ކައިރީ ބުނާކަށް ފަހެއް ނުޖެހޭނެއެވެ. އަދި އަހަރެންގެ ކޮޓަރީގެ ތެރެއިން މި ބެލްކަންޏަށް އަރަން ހުއްދަ ދިނީ ވެސް ކާކު ހެއްޔެވެ؟ މިއަކީ އަހަރެން ބައްޕަގާތު ކިޔަ ކިޔައިގެން ހޯދި ބެލްކަންޏެއް ވިއްޔާއެވެ. މިތަނުން ދެން ވަދެވޭނީ ވެސް އަހަރެންގެ ކޮޓަރިއަށެވެ. މީނާއަށް މިތަނަކަށް ވަންނާކަށް ނުޖެހޭނެއެވެ.
“ވިނަބެއްޔާ! ޕްލީޒް، މަންމަ ގާތު ނުބުނައްޗެ! ކުރިން ފަހަރު ވެސް ބަސްޓުވެގެން މަ ހާދަ ޙާލެއްގައޭ އުޅުނީ. މި ނިކަމެތި ކޮއްކޮއަށް މަދަދެއް ދެއްވަބަލަ.” ސިކުނޑީގައި ރާވާލަމުން އަހަރެންގެ އެކްޓު ފެށީމެވެ. ‘ވިނަބެއްޔާ’ އެއީ އަހަރެންގެ ބޭބެ ރަވާނަށް އަހަރެން ދިން ވަނަމެކެވެ. ބޮލުގެ އިސްތަށިގަނޑު ހީވާނީ ވިނަގަނޑެއް ކަހަލަ ގޮތަކަށް ކަމަށް ވީމާ އަހަރެން ކިޔާ އެއްޗެކެވެ.
“އެންމެ ކަމެއްގެ މަތިން!” ރަވާނު އަހަންނަށް ދިނީ އޭނާ އަބަދު ވެސް ކަމެއް ބޭނުންވީމާ ދޭނެ ނަޒަރެވެ. މި ޖެހުނީ އަނެއް ހަ ކަންތަކެވެ. މި ސޮރު ޔަޤީނުންވެސް ސަހަލުކަމެއް ކުރާކަށް ނުބުނާނެއެވެ. އެހެނަސް މަންމަ އަށް އެނގުމަށް ވުރެ އެކަމެއް ކުރުން ވެސް ދިހަ ސަތޭކަ ގުނަ ރަނގަޅު ވާނެއެވެ. “ހޫން ކީއް ކުރަންވި. އަނެއްކާ ނުބުނާތި ވަޅި ފަރިތަކުރާށޭ. މީ ދަންވަރު ގަޑިއޭ!” އަހަރެން ބެލްކަނީގެ ތެރެއަށް ހިނގައިގަތީމެވެ. “ހެހެ! ނޫނޭ މިފޯނު ހެކު ކޮށްލާފަ ހުރި، ހުރިހާ އެއްޗެއް މަށަށް ފޮނުވަންވީ” ރަވާނުގެ އަޑު އައީ އަހަރެން ހީކުރި ކަހަލަ ގޮތަކަށް ނޫނެވެ. މަށަކީ ހެކުކުރާ މީހެއްކަން މީނާއަށް އެނގުނީ ކިހިނެތް ބާއެވެ؟ މިވަގު އަނެއްކާ މަށަށް ވެސް ފާރަލަނީ ތޯއްޗެއެވެ. އެހެންޏާ އަހަރެން އެވަރަށް ސިއްރުކޮށްގެން އުޅުނީމާ ވެސް އެކަން އެނގޭންވީ ކިހިނެއް ހެއްޔެވެ؟
“ހެކުކުރާށޭ! ބަލަ މަ މީ ލެޕްޓޮޕަކަށް ފޯނަކަށް ރަނގަޅަށް ކުޅެން ވެސް ދަންނަ މީހެއް ނޫނޭ. އަހަރުން ކަހަލަ ނުލާހިކު މައުސޫމް މީހަކަށް ކޮން އެއްޗެއްތަ ހެކުކުރަން އެނގޭނީ؟” އަހަރެން ހަދާލީ ބޮޑު ފަލަ ދޮގެކެވެ. ދެންމެ އަކު ވެސް މިއައީ މުދައްރިސެއްގެ ލެޕެއް ހެކުކޮށްލައިފައި އެއިން ވީޑިއޯ އެއް ޑިލީޓުކޮށްލައިފައެވެ. “އަދި ނޭނގޭ ކަމަށް ހެދެން އުޅޭ ބެންނު. ރިފްއަކަށް ނޭނގޭ ދޮގެއް ހަދާކަށް ވެސް. މަ ދެން ބުނާނީ ބައްޕަގެ ކޮމްޕެނީގެ އައިޓީ ސިސްޓަމުގެ ތެރެއަށް ރިފް ހެކުކޮށްލި ވާހަކަ. ބައްޕައަށް ނޭނގޭ މީހަކު ކަމެއް ކުރިކަން ވެސް. މި ދުނިޔޭގައި ވެސް މަދުވާނެ ތިކަހަލަ ކުޅަދާނަ މީހެއް. މިހާރަކަށް އައިސް ސޭފްޓީ މަތިކަމުން އާދައިގެ ވައިފައި ކަހަލަ އެއްޗެއް ވެސް ހެކުކޮށްލެވެނީ މަދުބަޔަކަށް ވިއްޔާ!” ރަވާން ދެން ބުނެލި އެއްޗަކުން އަހަރެން ގަނޑުވި ކަހަލައެވެ. އޭނާއަށް އެކަން އެނގުނީ ކިހިނެއް ބާއެވެ؟ ބަލި ޤަބޫލުކޮށްފައި އަހަރެން އެ ފޯނުގައި ހިފީމެވެ. ރަވާނާއި ދިމާލަށް ލޯ އަޅާލައިފައި އޭނާ އަހަރެންގެ ކޮޓަރިން ނެރުނީމެވެ.
ދަބަސް ނަގައިފައި އަހަރެން އެ މަސައްކަތައިގެން އުޅެގަތީމެވެ. ބައްޕަގެ އެއޮއް ސެކިއުރިޓީ ބޮޑުތަން ހެކުކޮށްލާ މައުލޫމާތުތައް ކޮޅާލެވޭނެ މީހަކަށް މި ފޯނު ހެކުކޮށްލުން ވާނީ ފެންފޮދަކަށް ތާއެވެ. އެ ސޮރު ބުނި ކަންތައް ކޮށް ނިމުމުން އެ މަޢުލޫމާތުތައް އަހަރެންގެ ހާޑަށް ވެސް ނެގީމެވެ. އާއެކެވެ. ހުރިނަމަހާ ފޮޓޯއަކާއި ވީޑިއޯއަކާއި ފައިލުތަކަށް ދަންދެނެވެ. ދެން ހަމައެކަނި އެ ސޮރަށް އެ ދީގެން ވެސް ނުވާނެއް ނޫން ހެއްޔެވެ؟ ފޯނު އޮތްގޮތަށް ހަދައިފައި އަހަރެންގެ މޭޒު ލައްޕާލީމެވެ. އެއީ އަހަރެން ބުނެގެން ވަކި ގޮތަކަށް ހަދައިފައި ހުރި މޭޒެކެވެ. ފިތަކަށް އޮބާލައިފައި ފަހަތަށް ކޮއްޕާލުމުން އެ ފަރުދާވާނެއެވެ. ދެން ބަލާބެލުމަށް އެ ތަނުން ފެންނާނީ އާދައިގެ ކަބަޑެކެވެ.
ނިދުމަށްޓަކައި އަހަރެން އޮށޯތްއިރު މެންދަމު ދޭއް ޖަހަނީއެވެ. މާދަން ސުކޫލަށް ދާން ހޭލެވިއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. ނިދީގެ ފުން ޢާލަމަށް ދަތުރުކުރާކަށް މާކަ އުނދަގުލެއް ނުވިއެވެ.
“ދަރިފުޅާ! އޭތް ދެން ތެދުވަންވިއްޔޭ. އެއޮއް ގަޑި ޖެހުނީއޭ!” އަހަންނަށް ކުއްލިއަކަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. އޭރު ގަޑިޖެހެން ބާކީ ހަތް މިނެޓެވެ. ފޫކޮޅުގައި ކައްޓެއް ޖެހުނު ކަހަލައިން އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ފެންވަރައިގެން ނުކުތީ ވިދުވަރެއްހާ ހަލުވިކޮށެވެ. ނަމާދުކޮށް ތައްޔާރުވާން އުޅުނީ ގަޔަށް ހިނިއަރައިގެން އުޅޭ މީހެއް ހެނެވެ. ދަބަސް ކޮނޑުގައި އަޅުވަމުން ބޫޓަށް އަރަމުން ނިކުތްއިރު މަންމަ ހުރި ރަތުގައެވެ. މޭޒުމަތީގައި ހުރި ކިރުތަށި އެއް ނޭވާއިން ދަމާލައިފައި ފެން ވެސް ނުބޮއި ބޭރަށް ނުކުތީމެވެ.
ބޭރުގައި ރަވާނު ހުރީ އަހަރެން ނައިސްގެން ލަސްވެފައެވެ. އޭނާގެ ސައިކަލަށް އަހަރެން އެރުމާއެކު ފުލު ސްޕީޑުގައި ދުއްވާލިއެވެ. ސައިކަލު ނުހުއްޓަނީސް އެއިން ފުންމާލައިގެން އަހަރެން ސުކޫލަށް ވަނީ ދުވެފައެވެ. ގަޑި ޖެހި ފަސް މިނެޓު ވުމުން ގޭޓު ލެއްޕުނީ އެވަގުތުއެވެ. އެއީ މީހަކު އައިސް ލައްޕާ ގޭޓެއް ނޫންކަމުން މީހަކު ވަދެވަދެ ހުއްޓާވެސް އޮޓަމެޓިކުން އެ ލެއްޕިދާނެއެވެ.
އަހަރެން ކުލާހަށް ދިޔައީ ވެސް ދުވެފައެވެ. އެންމެ ފުރަތަމަ ވެސް އެއްކަލަ ހަފީފާއްތަ ގަޑިއެވެ. “އައްސަލާމު ޢަލައިކުމް ރިފް! ހާދަ ލަސްވީ” އަތް ހޫރާލަމުން ޝެހެނާޒު ގޮވާލީ ހުސްގޮނޑިއެއް ދައްކާލަމުންނެވެ. ފުން ނޭވާއެއް ލައިފައި އަހަރެން އެ ގޮނޑީގައި އިށީނީމެވެ. “އޭތް އެނގޭތަ ޔާރާއަށް މީހަކު އަނިޔާ ކޮށްގެން ރޭ ދަންވަރު ހަސްފަތާލަށް ގެންދިޔައޭ. މަށަށް ހަމަ ޔަޤީން އެވާނީ އެ އުޅޭ ނިމާލު ދިން ބޮނޑިއަކަށް.” ޝެހެނާޒުގެ ޚަބަރު ރޭޑިއޯ ފެށިއެވެ. ‘ޔާރާ’ އަކީ ކުލާސް ހުރިހާ ކުދިން ހެން ކިޔާރާ އަށް ދީފައިވާ ވަނަމެކެވެ. “އޯވްހް! އެހެންތަ.” އަހަރެން ހަދާލީ ނޭނގޭ ކަމަށެވެ.
މިއީ އަދި ހިސާބުގަޑިއެވެ. އަހަރެން މުޅި މި ދުނިޔެއިން ވެސް އެންމެ ރުޅިއަރާ މާއްދާގަނޑެވެ. އަބަދުވެސް ކޮންމެވެސް އެކްސް އަކާއި ވައި އެކެވެ. ހިސާބު މާއްދާ ގަނޑަކަށް ދުވަހަކުވެސް އޭނާގެ ‘އެކްސް’ މަތިން ހަނދާން ނައްތާލެވޭ ކަމަކަށް ނުވެއެވެ. ވަރެއްގެ ލޯތްބެއްކެވެ. އެޔެއް ނުހޯދިގެން ދީވާނާގައި ހައްދުފަހަނަ އަޅައިފައިވާ އެއްޗެކެވެ. އޭނާގެ އަމިއްލަ މައްސަލަތައް ހައްލު ނުކުރެވޭތީ އެކަން ކުރަން އަހަރެމެންގެ ބޮލަށް ކަނޑާލާނެއެވެ. ދެން މީހަކު ރުޅިއެއް ނާންނާނެ ހެއްޔެވެ؟ އެގަޑި އަވަހަށް ނިމޭތޯ ދުޢާކޮށްލަ ކޮށްލާ އިނީ ސިކުނޑި ފަޅައިގެން ދާ ވަރުވެފައެވެ.
“މަރްޔަމް ރިފްޤާ ނަޢީމް” ހަފީފާ މިސްގެ ތޫލި އަޑު އިވުމުން އަހަރެން ދިޔައީ އެއްލިގެންނެވެ. އަހަރެން އަނެއްކާ ކޮން ކުށެއް ކުރީ ހެއްޔެވެ؟ މީވާ ޒީލަގަދަ އަންހެނެކެވެ. އަހަންނަށް ބެހިނުލާ ނީނދެވޭނެއެވެ. ދެން ހިތަށް އައީ ރޭގައި ކޮށްލި ކަންތަކެވެ. އަހަންނަށް ހެވުނެވެ. އިއްޔަ ކުލާސް ކުއްޖަކާއި ދެމެދު ހިނގި ފައިޓެއްގެ ވީޑިއޯ އަހަރެން ޑިލީޓުކޮށްލީ ވިއްޔާއެވެ. ޔަޤީނުން ވިއްޔާ އެ އުޅެނީ އަހަރެންނަށް އެކަމުގެ އަދަބު ދޭން ޕްރިންސިޕަލް އޮފީހަށް ފޮނުވާލާށެވެ. އިއްޔަ ކިރިޔާ ސަލާމަތްވިއިރު މިއަދު އެކަމުގެ ބަދަލު ދޭނެ ކަމުގެ އިންޒާރު ދިނަސް އެ ވީޑިއޯ ނެތިއްޔާ އެކަން ދެއްކުމަށް ދެވޭނެ ހެތްކެއް ނުވާނެއެވެ. ކުލާހުގެ އެހެން ކުދިންނަކީ ކަން ކަން ކުޓުވާ ބައެއް ނޫނެވެ. އަހަރެން ހަމަޖެހިލީ އެހެންވެގެންނެވެ. އެހެން ނޫނަސް ފެށީ އެ ސޮރެވެ. ބެހެން ނުޖެހޭ ކަމަކާ ބެހުނީއެވެ. އެހެން މީހުންނަށް ބެހެން އެއީ އަދި މާ މަތިވެރި މީހެއް ހެއްޔެވެ؟
“ލައްބަ މިސް. ކިހިނެތް ތޯ ވީ؟” އަހަރެން އެނގޭކަމަށް ވެސް ނަހަދަމެވެ. “ބުނީމެންނު މިއަދު ޕްރިންސިޕަލް އޮފީހަށް ދާންޖެހޭނޭ. މިހާރު ދޭ!” ހަފީފާ މިސް ބުނެލިއެވެ. “އެ ކީއްވެގެން ތޯ؟ ގައިމު އަޅުގަނޑު މިއިނީ ނުލާހިކު ބަސްއަހައިގެން!” އަދިވެސް އަހަރެން ވާހަކަ ދެއްކީ އެ ރާގުގައެވެ. ދެން ހެކި ނައްތާލެވުނީމާ އަދަބު ލިބިގަންނަން ދަނީ ކީއް ކުރަން ހެއްޔެވެ؟ މި ޓީޗަރު ވެސް ހިސާބަށް ވުރެ ގަމާރީއެވެ. “ރިފްޤާ ނޭ…” ހަފީފާ މިސް ހުއްޓުނީ ބެލް ޖެހި އަޑަށެވެ. އޭރު އަނެއް ޓީޗަރު އައިސް ކުލާސް ކައިރީގައި ވިއްދައިފައި ހުއްޓެވެ. ދެން ވާނެ ގޮތް އެނގޭނެއް ނޫން ހެއްޔެވެ؟ އިނގިރޭސި ގަޑި ފެށިގެން ދިޔައީ އެވެ.
“ އޭތް ރިފް. މިސް އެ ވީޑިއޯގަނޑު ޕްރިންސިޕަލަށް ވެސް ދައްކަފާނެއްނު. ކީއްވެ ނުދިޔައީ؟” ހޫދު އަހާލީ ފާޑަކަށެވެ. އަހަންނަށް ހިނިގަނޑު މަތަކޮށްލެވުނީ ކިރިޔާއެވެ. އޭނާ ހުރި ގޮތުންނެވެ. “އޭ ބަލަ ވައިޓީ. މަ މާކުރިން އެ ޑިލީޓުކޮށްލައިފީމޭ” ފަޚުރުވެރިވެލަމުން އަހަރެން ބުނީމެވެ.
އެ ދުވަހުގެ ކިޔެވުން ނިމުނީ އެހެން ދުވަސްތަކަށް ވުރެ ލަހުން ހެން ވެސް ހީވެއެވެ. އަހަރެން ދަބަހަށް ފޮތްތައް އަޅާލައިފައި ތެދުވީމެވެ. ދެން ދިމާކޮށްލީ އެއްކަލަ ސޮރެވެ. އަތް އެނބުރިފަ ފައި މަށައިގެން ދިޔައީމާ ވެސް ދުރަށް ދާކަށް ނޫޅެއެވެ. މިއީ ޖެހިފައި ހުރި ބޮޑު މުޞީބާތެކެވެ. ދެވުނު އަނީޔާ އަދި މަދީއެވެ. “އޭތް ފިރިހެން އަންހެން ސޮރާ! މަށަށް މިޙާލު ޖައްސާފަ ކަލެއަކަށް ތިހެނެއް ނޫޅެވޭނެ އިނގޭ” ސާލިމް އޭނާގެ ސަލަމާތުން ހުރި އަތް އަހަންނާއި ދިމާލަށް ގެނައެވެ. އަހަރެން ގާތަށް އައި ރުޅިވީ އިތުރެވެ. ޝެހެނާޒަށް އެވަރަށް ބެހެގެން ވެސް ނުފުދެނީ ތޯއްޗެއެވެ. އަހަރެންގެ ދެ ބުމަ މަގުލަސް ޖެހުނެވެ.
ހޫދު އަހަރެންގެ އަތުގައި ހިފާ ކުލާހުން ނެރުނު ކަމީ ނަސީބެކެވެ. އެ ނޫންނަމަ އެ ސޮރު ފަކީރު ސުކޫލަށް ނާދެވޭވަރު ވާނެއެވެ. އެއީ ހުސް ރަވާނުގެ މައްސަލައެވެ. ކުޑައިރު ‘ސެލްފް ޑިފެންސް’ އޭ ކިޔައިފާ ތަޅަން ދަސްކޮށްދިނީއެވެ. ވަޅިން އެކި ގޮތްގޮތަށް ހަމަލަ ދޭށާއި ވެސް އެކުގައެވެ. އަހަރެން އަތަށް ވަޅިއެއް އަރައިފިއްޔާ މަރުނުވެ ސަލާމަތްވެވޭނީ ކުޅަދާނަ މީހަކަށެވެ. ނޫނީ އަހަރެން ދޫކޮށްލައިފިއްޔާއެވެ.
“ރިފް ދެން އެ ސޮރު ދޫކޮށްބަލަ. ޝަހިކްސް ވެސް އެފަކީރަށް މާފުކޮށްފިއޭ” ހޫދު އަހަރެން ގޮވައިގެން ބޭރަށް ދަމުން ނަޞޭޙަތް ދިނެވެ. ނޫނެކެވެ. މަ ބުނާނީ ހަމަ ލެކުޗަރު އެޅިއްޔޭއެވެ. އަހަންނަށް ލެކުޗަރު އަޅަން މީނާ މިއީ އަހަރެންގެ ބައްޕަ ހެއްޔެވެ؟
ސުކޫލުގެ ގޭޓުން ނުކުތް އިރު އިންތިޒާރުގައި ޝެހެނާޒް ހުއްޓެވެ. ފެންނަފެނުމަށް ވާހަކައެއް ނުބުނެވިގެން އުޅޭހެން ހީވެއެވެ. “މިއަދު ހަވީރު ފްރީތަ؟ އަޅެ ހިނގާބެ އެއްވެލަން. ކަމެއް ކުރަން އެބަ އޮތޭ!” ޝެހެނާޒް ވާހަކަ ދެއްކިގޮތުން ވެސް އެ އުޅެނީ ކިޔާރާ އަށް ވީގޮތެއް ހޯދަންކަން އަހަރެންނަށް ނަގައިގަނެވުނެވެ. “އަހަރެން ގެއަށް. ހަތަރެއް ޖަހާއިރު” އަވަސް އަވަހަށް އެހެން ބުނެލައިފައި ބަހަށް އެރީ ގެއަށް ދާށެވެ.
ގޭތެރެއަށް ވަދެގެން ދިޔަ އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތީގައި ހުރި މަންމަ ފެނުމުންނެވެ. ރުޅިއައިސްފައި ހުރިވަރުން އެ ދޮން މޫނު ހުރީ ރަތް ޓޮމާޓޯ އަކަށް ވެފައެވެ. އެއް އަތުގައި ދޭފަތެއް އޮތް އިރު އަނެއް އަތް އުކުޅުގައި ވިއްދާލައިފައެވެ. ދަތްކުނޑި ވިކައިގެންފައި ހުރި އިރު ހީވަނީ ސިންގާއެއް ހަމަލަދޭން ތައްޔާރުވެފައި ހުރި ހެންނެވެ.
“ރިފްޤާ! އެހެން ކުއްޖަކަށް އެހާ ބޮޑު އަނިޔާއެއް ދޭން ހެޔޮވާނެތަ؟ ބަލަ ތީ އަންހެން ކުއްޖެކޭ!” މަންމަގެ އެ ހުރީ ސަތޭކައިގައިކަމުން އަހަރެންނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެ ކަނޑު ނޫކުލައިގެ ލޯ ހުރީ ސީދާ އަހަންނަށް އަމާޒުވެފައެވެ. ދެން ސަލާމަތެއް ނުވާނެކަން މިއީ ދުވާލު ފަދައިން އަހަރެންނަށް އެނގެއެވެ. ޖަވާބު ނުދީފިނަމަ ލެޕު ފުނޑާލަފާނެއެވެ. ރުޅިއައިސްފިނަމަ އެ ނިމުނީއެވެ.
“ދެން މަންމާ. އެ ސާލިމް އަބަދު ޝަހިކްސްއަށް ބެހެނިއްޔޭ. އަހަރެންނަށް ވެސް ހުރިހާ އިރަކު ކެތެއް ނުކުރެވޭނެންނު! ޝަހިކްސްގެ އެސައިމެންޓު އިރާލީމައޭ ކޮންޓުރޯލުން ނެއްޓީ” އަހަރެން ޖަވާބު ދިނީ މަޑުމައިތިރި ކަމާއިއެކުއެވެ. އެ ވަރުގަދަ ރުޅި ހިންދާނުލެވުނަސް ކޮންމެވެސް ވަރެއް ވިއެވެ. “މި ހަފްތާ ނިމޭންދެން ނުވާނެ ބޭރަށް ނުކުމެގެންނެއް. ދެން އެކަހަލަ ކަމެއް ނުކުރާތި. މައްސަލައެއްގެ ހައްލަކީ އަތް އިސްކުރުމެއް ނޫން.” ބައްޕަ އައިސް ގެއަށްވަނުމުން އެ އައި ރުޅި ދިޔައީ ކޮންތާކަށް ކަމެއް ވެސް ނޭނގެއެވެ. އަދަބު ކުޑަވީ އެހެންވެގެން ކަމަށް ވެދާނެއެވެ.
ބޫޓު ހަރުގަނޑަށް ލުމަށް ފަހު އަހަރެން އެރީ މައްޗަށެވެ. އޭރު އަހަރެން ކޮޓަރީގެ ދޮރު ކައިރީ ރަވާނު ހުއްޓެވެ. ސިކުނޑީގެ ޚިޔާލުތައް ފަޅައިފައި އައިސް އަހަރެންގެ ހަނދާނަށް އައީ ރޭގައި ދިން ފޯނު މަތިންނެވެ. “ރިފް ހާދަ ލަހެއް އެބަ ވެޔޭ ކުޑަކުޑަ ފޯނެއްގެ މަޢުލޫމާތުކޮށް ކަޓުވާލަން!” ރަވާނު ހުރީ ކެތްމަދުވެފައެވެ. އަނެއްކާ އޭގައި މާ މުހިންމު އެއްޗެއް ހުރީ ހެއްޔެވެ؟ އެހެން ވިއްޔާ ކޮން އެއްޗެއް ބާއެވެ. އެ ހަދާ ޓްރައިނިންގެ ތެރެއިން ހޯދުނު އެއްޗެއް ބާއެވެ؟ އެހެން ވިއްޔާ އޭގައި ހުރީ ކޮން މަޢުލޫމާތުތަކެއް ބާއެވެ؟ ސުވާލުތަކުން އަހަރެންގެ ސިކުނޑި ގޮއްވާލިކަހަލަ އިޙުސާސެއް ކުރެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Love you
Thnx cutie girl. Appreciate ur support
Mi part vx varah varah reethi…
Mi vaahaka medhukendumeii nethi genes dheyne kamah ummeedhu kuran..
Meee varah shuagu veri vaahaka eiii…
Bunelaany ekaku ge support nulibunas alhugandu ge support libeyney…
IA konme week aku 2 part nereveyne. Kudakoh delay viyas angaalaanan. Thnx Aish
Just started reading this story.
Ngl it’s a top-tier one.
The vocabulary and sentence are js purrrrffecttahh.
Imma read the next one, cuz’ I’m filled with curiosity.
Sorry enegey eng in vhk dhahkaathy, I hope you won’t mind.🙂
Keep it up white rose. ✨
Thnx Auracle_28 💕💕