Skip to content
އެސްފިޔަ

ހިޖުރަ (އަށާޅީސްވަނަ ބައި)

ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ. އެ މާ ބޮނޑި ޖެހުނު ހިސާބުން ފެށިގެން އޭނަގެ ކޮޓަރިއާއި ހަމައަށް ބިންމަތީގައި ހުރި ލޭ ފެނިފައި ޔޫނުސްގެ ހިތް ހުއްޓުނު ފަދައެވެ. ބައެއް ހިސާބު ގަނޑުގައި ލޭގެ ތިކިތައް ހުރިއިރު އަނެއްބައި ހިސާބުގައި ހުރީ ލޭ ފެތުރިގެން ގޮސްފައެވެ. އިންތިހާ ދަރަޖައިގެ ބިރުވެރިކަމެއް ވަށާލެވިގެން ދިޔަ ހިތަކާއެކީ ޔޫނުސް ނަޞްރާގެ ނަން ކިޔާލަން އުޅުމުން އޭނަގެ އަނގައިން ނިކުތީ ހަމައެކަނި ވައިއަޑެކެވެ. ޔޫނުސް ޖެހިލުންވުމަކާއެކީ ކޮޓަރިއާއި ދިމާލަށް ލަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. މިނެޓެއްގެ ތެރޭގައި އޭނައަށް ކޮޓަރިއާއި ހަމައަށް ދެވުނެވެ. ކޮޓަރީގެ ދޮރުވެސް ވަކި ވަރަކަށް ހުޅުވިފައި ހުރިތަން ފެނިފައި ޔޫނުސް ދެލޯމަރާލަމުން އެ ދޮރު ކުއްލި ކޮއްޕާލިއެވެ. އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުރެ ލޯ ހުޅުވާލި ވަގުތު އޭނައަށް ފެނުނީ އޭނަ އުއްމީދު ކުރިފަދަ މަންޒަރެއްނޫނެވެ. އެފުށްމިފުށަށް ޖެހިފައިވާ ކޮޓަރީގެ ތެރެއިން ވެސް ނަޞްރާގެ ނިޝާނެއް ފެންނާކަށް ނެތެވެ. ޔޫނުސްއަށް ދެ ބުމަ ކައިރިކޮށްލަމުން ކޮޓަރި ތެރެއަށް ވަދެވުނެވެ. އަދި ވަށައި ހޯދަމުން އަވަސް ހިނގުމެއްގައި ގޮސް ފާޚާނާގެ ދޮރު ހުޅުވާލެވުނެވެ. އެތަނުން ވެސް ނަޞްރާ ނުފެނުމުން ޔޫނުސް ދިގު ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން ދިޔައެވެ.

 

“ނަޞްރާ! އަހަންނާ ސަމާސާކުރަން ނުއުޅެއްޗޭ ނަޞްރާ.” ޔޫނުސް ރުޅިވެރިކަމާއި ހިތާމައިގެ އަސަރެއް އެކުލެވޭ އަޑަކުން ގޮވަމުން ކޮޓަރިން ނިކުތެވެ. އޭނަ އެހެން ބުނިއިރު ވެސް މިއީ ނަޞްރާގެ “ސަމާސާ”އަކަށް ނުވާނެކަން ޔޫނުސްއަށް ޔަޤީންކުރެވުނެވެ. އެހެނަސް އޭނަ އުއްމީދު ކަނޑާލުމެއްނެތި ގޭގެ އެކި ދޮރުތައް ހުޅުވަމުން އެ ހުރިހާ ތަނަކުން ނަޞްރާ ފެނޭތޯ ބަލަމުން ދިޔައެވެ. ބަދިގެއިންނާއި ކާގެއިންނާއި ގޭގެ ފޮތް ހަރުގަނޑު ހުންނަ ކޮޓަރިން ވެސް ނަޞްރާ ނުފެނުމުން ޔޫނުސްގެ ހިތް މޭތެރޭގައި އޮވެ ގެނބެން ފެށިއެވެ. އޭނަ ކަރުނައިން ފުރެމުން ދިޔަ ދެލޮލާއެކީ ގޭގެ ދޮންނަ މެޝިން ހުންނަ ތަނަށް ދިޔައެވެ. އެތަނުން ވެސް އޭނަ ދެލޯ ހޯދަމުން ދިޔަ ސޫރަ ނުފެނުމުން ޔޫނުސް އެތާތެރެއިން ގޭގެ ބިއްދޮށަށް ނިކުތެވެ.

 

“ނަޞްރާ!” ޔޫނުސް ވަށައި ނަޒަރު ހިންގަމުން އަޑުގެ ކޮޅަށް ގޮވާލިއިރު އެ އަޑުގައި ވޭނެއް އެކުލެވިގެން ދިޔައެވެ. ޔޫނުސްގެ އަޑު މިސްކިތުން ގެއަށް އަންނަމުން ދިޔަ ޝަރީފާއި ޒަޔާނަށް އިވުނެވެ. ދެމީހުން ކަންބޮޑުވުމަކާއެކީ އެކަކު އަނެކަކަށް ބަލާލަމުން އެ ގެއަށް ވަންނަން ދިޔައެވެ. ގޭގެ ފެންޑާ ތެރޭގައި ހުރި ޔޫނުސްގެ ހެދުން ފޮށި ފެނިފައި ޝަރީފް ޙައިރާންކަމާއެކީ އެ ފޮށި ނަގައިގެން ގޭގެ ދޮރާއި ދިމާލަށް ދިޔައެވެ. ޝަރީފާއި ޒަޔާނަށް އެކުއެކީގައި ގޭގެ ހުޅުވާލެވިފައިވި ދޮރާއި ހަމަވީ ވަގުތު އެ ދެމީހުން ވެސް ޔޫނުސް ފަދައިން ހުއްޓުން އެރިއެވެ.

 

“ސުބުޙާނަ ﷲ. މިގޭގަ ކޮންކަމެއްތަ ހިނގީ؟ ޔޫނުސް!” ޝަރީފް އަތުގައި ހުރި ފޮށި ބަހައްޓައި އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ޔޫނުސްއަށް ގޮވާލިއެވެ. ޔޫނުސް އިސާހިތަކުން ގޭގެ ތެރެއިން އައިސް އެމީހުންނާއި ދިމާލަށް އަންނަމުން ދިޔަތަން ފެނުނެވެ.

 

“ބައްޕާ ކޮބައިތަ ނަޞްރާ؟” ޔޫނުސް ބިންމަތީގައި ހުރި ލެއަށް ބެލުމެއްނެތި ކުރިއަށް އަންނަމުން ސުވާލުކުރިއެވެ.

 

“ނަޞްރާ ހުރީ މިގޭގައެއްނު؟ ނެތީތަ އޭނަ؟” ޝަރީފް ވެސް ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ ދެލޯ ބޮޑުކޮށްލަމުން ސުވާލުކުރިއެވެ.

 

“ނެތް. ޒަޔާން ދުށިންތަ ރޭ މިގެއަށް ބަޔަކު އައިތަން؟” ޔޫނުސް އަވަސްއަވަހަށް އަހާލިއެވެ.

 

“ނުދެކެން އަހަންނެއް. ނަޞްރާ ހަމަ އަސްލުވެސް ނެތީތަ؟ ރަނގަޅަށް ހޯދިންތަ؟” ޒަޔާން ގޭގެ ތެރެއަށް ނަޒަރު ހިންގާލަމުން ސުވާލުކުރިއެވެ. ޔޫނުސްއަށް އެއްޗެކޭ ނުބުނެވެނީސް ޝަރީފް ވާހަކަ ދެއްކިއެވެ.

 

“މިހިރީ މަގޭ ނަޞްރާގެ ލޭތަ؟” ޝަރީފް ހިސާބަކަށް ރޮވިފައިހުރެ ބިންމައްޗަށް ޢިޝާރާތް ކުރަމުން އެހިއެވެ. ޔޫނުސް އެ ސުވާލުގެ ޖަވާބަކަށް ދުރަށް ނަޒަރު ހިންގާލިއެވެ. ނަޞްރާ ޒަޚަމްވެފައި އޮތްތަން ޚިޔާލުކުރަން ވެސް އޭނައަށް ދައްޗެވެ. އެހެނަސް ކުރިމަތިން މި ފެންނަ ގޮތުން ހީވަނީ ނަޞްރާ ދުވަހަކުވެސް އަނިޔާ ނުކުރެވޭ ވަރަށް އަނިޔާ ކުރެވިފައިވާ ހެންނެވެ. އެއަށްވުރެ ވެސް ގޯސް ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ވެރިވާން އުޅުނު ވަގުތު ޝަރީފް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ޕޮލިހަށް ގުޅާ ޔޫނުސް.” ޝަރީފް ބުނެލިއެވެ. އެއާއެކު ޔޫނުސް އޭނަގެ ޖީބުން ފޯނު ނެގިއެވެ. އޭނަ ނަންބަރުތަކަށް ފިތަން އުޅުނު ވަގުތު އޭނަގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ނަންބަރު ފެނިފައި ޔޫނުސްގެ މޫނުމައްޗަށް ޙައިރާންކަމެއް ވެރިވިއެވެ. މި ވާނީ އޭނަގެ އާ މުވައްޒަފަކަށޭ ހިތައި ޔޫނުސް ފޯނު ކަނޑާލިއެވެ. އޭނަ އަނެއްކާވެސް ފުލުހުންނަށް ގުޅަން އުޅުނު ވަގުތު ހަމަ އެ ނަންބަރުން ގުޅަން ފެށުމުން ޔޫނުސްގެ ގާތަށް ރުޅިއައެވެ. ޝަރީފް ކާކުތޯ ސުވާލުކޮށްލިތަނާހެން ޔޫނުސް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“އަހަރެން ފޯނު ކަނޑާލާނީ އަހަރެން ބިޒީކޮށް އުޅޭތީ. ދެންވެސް ދަންނާތި!” ޔޫނުސް ނުރުހުންތެރިކަމާއެކީ އެހެން ބުނެލަމުން ފޯނު ބާއްވަން އުޅުނެވެ. އެހެނަސް އެކޮޅުން ވާހަކަ ދެއްކުމުން އޭނަ ހުއްޓުން އެރިއެވެ.

 

“ހުމް ދަންނާނަން. ހެހެހެ……..ލޯބިވާ އަންހެނުން ވީ ތަނެއް ބަލަން ބޭނުންވާ ވަރަށްވުރެ ވެސް ބިޒީތަ؟” އެކޮޅުން އިވުނީ ދަންނަ އަޑެއްހެން ހީވުމުން ޔޫނުސްގެ ދެބުމަ ކައިރިވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެއީ ކާކުކަން ނަގައިގަނެވުމުން އޭނަގެ ނިތުން ރޫ ފިލައިދިޔައެވެ.

 

“އަމީން.” ޔޫނުސްއަށް ދެދަތްޕިލަ ޖައްސައިގެންހުރެ ކިޔާލެވުނެވެ. ފޯނުގެ އަނެއްކޮޅުން އަމީން ހީގަތްއަޑު އިވުނެވެ.

 

“ރަނގަޅަށް ތި ބުނެވުނީ.” އަމީން އޭނަގެ ސިޓިންގް ރޫމުގެ ސޯފާއަށް ލެނގިގެން އިނދެ ބުނެލިއެވެ.

 

“ނަޞްރާ ކޮބާ؟” ޔޫނުސް ރުޅިވެރިކަމާއެކީ ތުރުތުރު އަޅާ އަޑަކުން ސުވާލުކުރިއެވެ. އޭނަގެ އެ ސުވާލާއެކީ ޒަޔާނާއި ޝަރީފް އެ ވާހަކައަށް ހުރިހާ ސަމާލުކަމެއްދިނެވެ.

 

“ހާދަ އަވަހަކަށް ނަޞްރާ ހޯދަން ތިއުޅެނީ؟ ފުރަތަމަ މި ޙާދިސާއާބެހޭ ކުއްލި ޚަބަރެއް ލިޔެލަންވީއެއްނު؟” އަމީން ލާނެތް ރާގަކަށް ވާހަކަ ދެއްކުމުން ޔޫނުސްގެ ރުޅިވީ ގަދައެވެ.

 

“ކޮބައިހޭ އޭނަ؟ ކަލޭ ބޭނުންވަނީ ކޯޗެއް؟ ފައިސާތަ؟ ޢަދަދެއް ބުނެފިއްޔާ ދީފާނަން.” ޔޫނުސް ބުމަގޮށްޖެހިފައިހުރެ ބުނެލިއެވެ. އެއާއެކު އަމީން ކުއްލިއަކަށް ސީދާވެލިއެވެ.

 

“ކަލެއަށް ހީވަނީ މަ މީ ފައިސާ ނުލިބިގެން އުޅޭ ސަލާންޖަހާ މީހެއްހެންތަ؟ މަ ނުއުޅެން ކަލޭގެ ފައިސާ ނުލިބިގެން. އަޑުއަހާ! ކަލޭގެ އަންހެނުން ކަލެއަށް ދެން ދުވަހަކުވެސް ނުފެންނާނެ. އޭނަ އެބަހުރި ދުނިޔޭގަ. އެކަމަކު މިއަދުން ފެށިގެން އޭނަ ހުންނާނީ އަހަރެންގެ ހައްޔަރުގަ. ކަލޭ އަހަންނާއި އަހަރެންގެ ޕާޓީއާ ދެކޮޅަށް ލިޔަން ދެން ޚިޔާލުވެސް ނުކުރާތި. އޭގެ ބަދަލު ލިބޭނީ ކަލޭގެ އަންހެނުންނަށް. ޕޮލިހަށް ގުޅަން މަސައްކަތް ކުރިޔަސް ކަލޭގެ އަންހެނުންނަށް އެކަން ފެންނާނެ.” އަމީން ބުނެލިއެވެ.

 

“އަހަރެން މި ކަމުގެ ވާހަކަ މުޅި ދުނިޔެއަށް އަންގައިފިއްޔާ ކަލޭ ޖެހޭނީ ނަޞްރާ ދޫކުރަން.” ޔޫނުސްވެސް އޭނަގެ ހިތަށްވެރިވި ބިރުވެރިކަން ފިލުވާލަމުން ބިރެއް ދައްކާލިއެވެ.

 

“އުނހު. ދުލެއް ނުކުރާނަން. އަހަރެން ހައްޔަރު ކުރަން އައުމުގެ ކުރިން ނަޞްރާއަށް ހިރިވެސް ނުލެވޭވަރު ކުރާނަން. ތި ގޭތެރޭގަ ތި ހުރި ލެއަކީ އަހަންނަށާއި އަހަރެން މި ވަޒީފާ ޙަވާލުކުރި މީހުންނަށް ކުރެވިދާނެ ކަންތައްތަކުގެ ކުޑަ މިސާލެއް. ނަޞްރާ މަރާއި ގާތްކޮށްފަ މިހާރު ސަލާމަތްކޮށްފަ އެ އޮތީ.” އަމީން ބުނެލި ވާހަކައިން ޔޫނުސްއަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީހެންނެވެ. ނަޞްރާ މިހާރު އޮންނާނީ ކޮން ޙާލެއްގަތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނު ވަގުތު އޭނަގެ ލޯ ކަރުނުން ފުސްވިއެވެ. އެ މަންޒަރު ފެނިފައި ޝަރީފް ކިހިނެއްވީތޯ އަހާލިއެވެ. އެހެނަސް ޔޫނުސްއަށް ޖަވާބު ދެވޭ ގޮތެއްނުވިއެވެ. އޭނައަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.

 

ޔޫނުސްގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން އޭނަ ބަލިކަށިވެއްޖެކަން އެނގުންވި އަމީންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އަނެއްކާވެސް ސޯފާއަށް ލެނގިލިއެވެ.

 

“އެހެންވީމަ…..އަހަރެން މި ބުނި ވާހަކަތައް ހަނދާން ބަހައްޓާނެކަމަށް އުއްމީދުކުރަން. ހެހެ…….ދެން އަންހެން ކުއްޖެއްވީމަ އެހެނިހެން ބާވަތްތަކުގެ އަނިޔާވެސް ދެވިދާނެދޯ؟ ނަޞްރާގެ ވަށައިގެން ތިބެނީވެސް ފިރިހެނުން. އެ މީހުން ކަމެއް ނުކުރިޔަސް ނަޞްރާއަކީ ނުލާހިކު ރީތި ކުއްޖެއްވީމަ އަހަންނަށް ވެސް ކައިރިވެވިދާނެ ކަންނޭނގެ.” އަމީން އެހެން ބުނެލިތަނާހެން ޔޫނުސް ހަޅޭއްލެވިއެވެ.

 

“އޭނަ ގައިގަ އަތް ނުލާތި!” ޔޫނުސް ރޫރޫއަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. އަމީން ހިނިގަނޑެއް ޖަހައި ބާއިއޭ ބުނެލަމުން ފޯނު ކަނޑާލީ ޔޫނުސް އެއްޗެކޭ ބުނަން އުޅުނު ވަގުތެވެ. އޭނަ ފޯނުގެ ސްކްރީނަށް ބަލާލަމުން މާ ބޮޑު ވިސްނުމެއްނެތި ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ޝަރީފް އޭނައަށް ގޮވަމުން ގޭގެ ތެރެއަށް ވަނެވެ. އެހެނަސް ޔޫނުސް ޝަރީފަށް ފަރުވާލެއްނެތި ކޮޓަރިއަށް ގޮސް އޭނަގެ ސައިކަލުގެ ތަޅުދަނޑި ފެނޭތޯ ހޯދިއެވެ.

 

“ޔޫނުސް ކާކުތަ ދެންމެ ގުޅީ؟” ޝަރީފް ކޮޓަރީގެ ދޮރުމަތީގައި ހުރެ ސުވާލުކުރިއެވެ.

 

“އަމީން. އޭނަ ނަޞްރާ ހައްޔަރުކޮށްގެން އުޅެނީ.” ޔޫނުސް އެތާ ވެއްޓިފައި އޮތް ސައިޑް ޓޭބްލް ތެދުކޮށް އޭގެ ވަތްގަނޑު ހުޅުވަމުން ބުނެލިއެވެ.

 

“ކޮން އަމީނެއް؟ އެ އެމް.އާރް.ޕީ ގެ؟” ޝަރީފް ރުޅިވެރިކަން ވެރިވެގެން ދިޔަ އަޑަކުން އަހާލިއެވެ.

 

“އާނ……..އަހަރެން ޕާޓީއާމެދު ގޯސް ވާހަކައެއް ލިޔެފިއްޔާ ނަޞްރާއަށް އޭގެ އަނިޔާ ލިބޭނެއޭ އޭނަ ބުނީ.” ޔޫނުސް ކިޔަވާ މޭޒުދޮށަށް ދަމުން ބުނެލިއެވެ.

 

“ކީކޭ؟! މަގޭ ދަރިފުޅު! ކޮންތާކުތަ އޭނަ ނަޞްރާ ބަހައްޓައިގެން އުޅެނީ؟” ޝަރީފް އެހެން ބުނެލި ވަގުތު ޔޫނުސް ކިޔަވާ މޭޒުގެ ދަށުގައި އޮތް ތަޅުދަނޑިއެއް ނަގައި ސީދާވެލައިފިއެވެ.

 

“ނޭނގެ. އަހަރެން މިދަނީ ހޯދަން. ބައްޕަ ޕޮލިހަށް ނުގުޅާތި. ގުޅިއްޔާ ނަޞްރާއަށް މާ ރަނގަޅެއް ނުވާނެ.” ޔޫނުސް ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. ޝަރީފް ތިމަންނަ ވެސް އެބަ އަންނަމޭ ބުނެ ޔޫނުސްގެ ފަހަތުން ދިޔައެވެ.

 

ޔޫނުސް އޭނަގެ ސައިކަލުގައި ގެއިން ނައްޓާލިތާ މާ ގިނައިރެއްނުވެ ޝަރީފް ވެސް އޭނަގެ ޖިޕުގައި ނަޞްރާ ހޯދަން ދިޔައެވެ. ޝަރީފް ގެއަށް ގޮސް އަފްރީނަށް ޚަބަރު ދިނުމުން އޭނައަށް ވަގުތުން ރޮވުނެވެ. އޭނަ ރޮވިފައިހުރެ އޭނަވެސް ދޮންތަ ބަލައި ދާނެކަމަށް ޝަރީފްގާތު ބުންޏެވެ. އެހެނަސް ޝަރީފް އެކަމަށް އިންކާރު ކުރުމުން އަފްރީނަށް ގޭގައިހުރެ ދުޢާކުރުން ނޫންކަމެއް ނުކުރެވުނެވެ.

 

ޔޫނުސްއާއި ޝަރީފް މުޅި އަތޮޅު ވަށައި ދުއްވަމުން އެކި ފަޅު ގެ ތަކަށް ވަންނަމުން ދިޔައެވެ. ޒަޔާން ވެސް އެހީވުމުގެ ގޮތުން ރޭގައި ކަންތައް ވީ ގޮތާއިމެދު އަވަށްޓެރިންނާއި ސުވާލުކޮށް ސާފުކުރެވޭތޯ ބެލިއެވެ. އެހެނަސް އޭގެއިން އެކަކަށް ވެސް ރޭގަ ކަމެއްވީކަމެއް އެނގޭކަމަކަށް ނުވިއެވެ. އޭނަގެ ރޭވުން ކާމިޔާބު ނުވުމުން ޒަޔާން ޔޫނުސްއަށް ޙަމްދަރުދީވިއެވެ. އަދި ޔޫނުސް ހޯދާ ހޯދުމުން ނަޞްރާ ސަލާމަތްކޮށްދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ. ނަމަވެސް ޔޫނުސްއަށް ހޯދަމުން ގޮސް އަތޮޅުގެ މެދާއި ހަމައަށް ދެވުނު އިރުވެސް އޭނައަކަށް ނަޞްރާ ފެންނަ ގޮތެއް ނުވިއެވެ. މެންދުރު ނަމާދަށް ބަންގި ގޮވީވެސް ޔޫނުސް ހޯދަމުން ދަނިކޮށެވެ. ކައިރިން ފެނުނު މިސްކިތެއްގައި މެންދުރު ނަމާދު ކުރުމަށްފަހު ޔޫނުސްއަށް އެތައް އިރެއްވަންދެން ރޮއިރޮއިފައި ދުޢާކުރެވުނެވެ. ނަޞްރާ އޭނައަށް ފެންނާނެ ގޮތެއް ހައްދަވައިދެއްވުމަށާއި، އޭނައަށް ނަޞްރާއާއި ހަމައަށް ނުދެވުނަސް ނަޞްރާ ރައްކާތެރިކޮށްދެއްވުމަށް އެދިއެވެ. ދުޢާ ކުރުމަށްފަހު ޔޫނުސް އަނެއްކާވެސް ހޯދަންފެށީ އޭނަ ބަނޑުހައިވާކަން ހަނދާން ނައްތާލަމުންނެވެ. ސައިކަލުން އެކި ޞަރަޙައްދުތަކަށް ގޮސް މަޑުކޮށްލަމުން ޔޫނުސް ހިނގާފައި އެކި ގެ ތަކަށް ގޮސް ސުވާލުތައް ކުރަމުން ދިޔައެވެ. ބަޔަކު މީހުން ޒަޚަމްވެފައިވާ ކުއްޖަކު ގޮވައިގެން ދިޔަތަން ދުއްތޯ އަހައި އަހައި އެންމެން ވެސް ބޯހޫރުވަމުން ދިޔައެވެ. ދެރަވަމުން ދިޔަ ހިތަކާއެކީ ޔޫނުސް ހޮސްޕިޓަލަށްވެސް ދިޔައެވެ. އެތަނުން ވެސް ހަމަ އެއް ޖަވާބެއް ލިބުމުން އޭނަގެ ހުރިހާ ހިތްވަރެއް އެލުނުފަދައެވެ. އޭނަ ހޮސްޕިޓަލުން ނިކުމެ ސައިކަލަށް އެރި ވަގުތު އޭނަގެ ކޯތާފަތް މައްޗަށް ކަރުނައެއް ފައިބައިގެން އައެވެ. އޭނަ އޭތި އަވަސްއަވަހަށް ފޮހެލަމުން ސައިކަލު ދުއްވާލީ އޭނަ ނަޞްރާ އެފަދަ ޙާލަކަށް ދޫކޮށް ބަލި ޤަބޫލުކޮށްގެން ނުވާނެކަން ހިތަށް ވިސްނައިދީގެންނެވެ.

 

އިރުއޮއްސެމުން ދިޔަ ވަގުތު ޔޫނުސް އޭނަގެ ގެ ކައިރިއަށް ސައިކަލު މަޑުކޮށްލީ ވަގުތަކީ މަގުގެ އަނެއްފަރާތުން އަންނަމުން ދިޔަ ޝަރީފްގެ ޖިޕްވެސް އެގޭގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތެވެ. ޝަރީފް ޖިޕުން ފައިބައި ވަގުތުން ސުވާލުކުރީ އެއްވެސް ޚަބަރެއްވިތޯއެވެ. ޔޫނުސް ސައިކަލުމަތީގައި އިނދެ މާޔޫސީ ގޮތަކަށް ބޯހޫރުވާލިއެވެ. އެއާއެކު ޝަރީފްގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

 

“އަހަރެންގެ ކަނބުލޮ……….ނޭނގޭ އެމީހުން ގެންދިޔައީ ކޮންތަނަކަށް ކަމެއްވެސް.” ޝަރީފް ރޮވިފައިވާ އަޑަކުން ބުނެލިއެވެ.

 

“އަހަރެން ހީކުރީ މި އަތޮޅުން ފެންނާނެ ކަމަށް. ރޭގަ ހިއެއްނުވޭ އެހެން އަތޮޅަކަށް ގެންދެވޭވަރުގެ ވަގުތެއް އެމީހުންނަށް ލިބޭނެހެނެއް.” ޔޫނުސް ވާހަކަ ދައްކައި ނިމުނުތަނާހެން ޝަރީފް އެއްޗެހި ގޮވިއެވެ.

 

“ކަލޭ ވާހަކަ ނުދައްކާ ހުރޭ! ކަލެއާއިހެދި ނަޞްރާ ގެއްލުނީ. ކަލޭ އެ ނޫހެއް ނުހިންގާނަމަ މިއަދު ނަޞްރާ ހުންނާނީ ސަލާމަތުން. މަށަށް ހީވަނީ ކަލެއާއި ނަވާޒް ގުޅިގެންހެން މިކަން ކުރަނީދޯ؟ ނަވާޒްއަކީ ބައްޕައެއްނު؟ ބައްޕަ އުޅޭ ގޮތަށްނޫންތަ ދަރިވެސް އުޅޭނީ.” ޝަރީފް ކުއްލިއަކަށް އައި ރުޅީގައި ދެއްކި ވާހަކަތަކުން ޔޫނުސްގެ ހިތަށް އުނދަގޫވިއެވެ. ޝަރީފް އޭނަގެ ބައްޕައާއިމެދު ވާހަކަ ދެއްކިގޮތުން ރުޅި އައި ވަގުތު ނަޞްރާ ގެއްލުމުގެ ޒިންމާ އޭނަގެ ބޮލުގައި އެޅުވިގެން ދިޔުމުން ދެރަވެސްވިއެވެ. އޭނަ ނަޞްރާއަށް ގެއްލުމެއްވާން އެދޭނީ ކީއްވެ ހެއްޔެވެ؟ ނަޞްރާއާއި ނުލާ އޭނަގެ ޙަޔާތް ވޭތުކުރާނެ ގޮތް ޚިޔާލަށް ގެންނަންވެސް ޔޫނުސްއަށް ފަސޭހައެއްނޫނެވެ. ނަޞްރާއަކީ އޭނަގެ އެހީތެރިޔާއެވެ. އޭނަގެ ގާތް އެކުވެރިޔާއެވެ. އޭނަގެ ލޯބިވެރިޔާއެވެ. އޭނަގެ އެކަނިވެރިކަން ފިލުވައިދިން ބައިވެރިޔާއެވެ. ވީއިރު ނަޞްރާއަށް ލިބޭނެ ގެއްލުމެއްވާނީ އޭނައަށް ވެސް ލިބޭނެ ގެއްލުމަކަށްނޫން ހެއްޔެވެ؟ ނަޞްރާގެ ހުރިހާ ހަނދާނެއް އެއްފަހަރާ ސިކުނޑިއަށް ވެރިވާން ފެށުމުން ޔޫނުސްއަށް ރޮވެން އުޅުނެވެ. ނަމަވެސް އެވަގުތު މަޣުރިބު ނަމާދަށް ބަންގި ގޮވަން ފެށުމުން ޔޫނުސް ދުރަށް ނަޒަރު ހިންގައި އޭނަގެ ނޭވާ އެތެރެއަށް ދަމާލިއެވެ. ޝަރީފް ޗޮއްކަނޑާފައި އޭނަގެ ޖިޕަށް އަރައި ޖިޕް ގެއަށް ވައްދަން ދިޔަ ވަގުތު ޔޫނުސް އޭނަގެ ސައިކަލުން ފައިބައި ސައިކަލު ގެއަށް ވައްދަން ފެށިއެވެ.

 

އެރޭގެ މަޣުރިބު ނަމާދަށްފަހު ގެއަށް އައިސް ޔޫނުސް ގޭގެ ތަޅުންމަތިން ސާފުކުރަމުން ދިޔައިރު އޭނަގެ ހިތް ހުއްޓުމެއްނެތި ނަޞްރާ މިހާރު ކޮބައިތޯ ސުވާލުކުރަމުން ދިޔައެވެ. ހިތަށް ވެރިވެފައިވި ހިތާމައާއި ބިރުވެރިކަމުގެ އިތުރުން އެ ހިތަށް ޙައިރާންކަންވެސް ވެރިވަމުން ދިޔައެވެ. ނަޞްރާއަށް މި ހުރިހާ ޒަޚަމްތަކެއް ލިބުނުއިރު ނަޞްރާގެ ހަޅޭކުގެ އަޑުވެސް އެކަކަށް ވެސް ނީވުނީތޯ ޔޫނުސްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވެމުން ދިޔައެވެ. ނަމަވެސް އެ ސުވާލު މާ މުހިއްމު އެއްޗަކަށް ނުވިއެވެ. އެ ސުވާލަށް ޖަވާބު ލިބުނަސް އޭތި ނަޞްރާއާއި ހަމައަށް ދިޔުމަށް އޭނައަށް އެހީއަކަށް ނުވާނެހެން ޔޫނުސްއަށް ހީވީތީވެއެވެ. ސިޓިންގް ރޫމު ސާފު ކުރުމަށްފަހު ކޮޓަރި ހަމައަކަށް އެޅުވުމުގެ ތެރޭގައި ނަޞްރާގެ ހެދުންތައް ފެނިފައި ޔޫނުސްއަށް ފޮނި ޚިޔާލުތަކުގެ ފުން ކަނޑަކަށް ފޭބުނެވެ. އޭނައަށް ބިންމަތިން ނެގި ނަޞްރާގެ ނޫކުލައިގެ ހަރުވާޅު ހެދުން ނަގައި ބައްދާލެވުނީ ހިތް އެކަމަށް އެދުނު ވަރުންނެވެ. އޭނަ ނަޞްރާއާއި އެކީގައި ހުންނަން ބޭނުންވި މިންވަރު އިޙްޞާޞް ކުރެވުމުން ޔޫނުސްއަށް އާ ހިތްވަރެއް ލިބުނެވެ. އޭނަ ޢިޝާ ނަމާދަށްފަހު އަނެއްކާވެސް ނަޞްރާ ހޯދަން ދިޔައެވެ.

 

އެރޭގެ ވަގުތެއްގައި މިޞްބާޙް އޭނަގެ ގޭގެ ގޭޓު ކައިރީގައި އުޑުގައިވާ ފުރިހަމަ ހަނދާއި ތަރިތަކަށް ބަލަން ހުއްޓެވެ. ސްކޫލުން ކެނޑުނުފަހުން ކުރާނެ މާ ބޮޑު މަސައްކަތެއް ނޯންނާތީ އޭނަ ކޮންމެ ރެއަކު ކުރާ ކަމަކީ މިއީއެވެ. ހަނދުގެ ރީތިކަމާއިމެދު ވިސްނަމުން ގޮސް އޭނައަށް އަފްރީންގެ ޚިޔާލުތަކަށް ދެވުނީ ނޭނގުމެއްގެ ތެރެއިންނެވެ. އޭނައަށް ހުރެވުނީ އަފްރީންގެ ޚިޔާލުގައިކަން އެނގުންވީ ވެސް އެ ހިމޭން މަގުން ސައިކަލެއް ދުއްވާފައި އަންނަ އަޑު އިވުމުންނެވެ. އެއާއެކު މިޞްބާޙް އޭނަގެ ވިސްނުން އޭނަގެ ބާރުގެ ދަށަށް ގެނެސް ވާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. އެ އަނދިރި މަގުން ސައިކަލުގެ ހެޑްލައިޓް އޭނައަށް ފެނުނެވެ. މިޞްބާޙްމެންގެ ގެއާއި ކައިރިވީވީހެން އެ ސައިކަލުގެ ދުވެލި މަޑުވަމުން ދިޔައެވެ.

 

“ބޭބޭ!” ގޭގެ ފެންޑާއިން ނިކުމެފައިވާ އަލީގެ ތެރެއިން ޔޫނުސް ފެނުމާއެކު މިޞްބާޙަށް ޙައިރާންކަމާއެކީ ގޮވާލެވުނެވެ. ޔޫނުސް އައިސް މިޞްބާޙްގެ ކުރިމަތީގައި ސައިކަލު މަޑުކޮށްލިއެވެ. މިޞްބާޙް އޭނަގެ ފުރިހަމަ ހިނިތުންވުން ޔޫނުސްއަށް ދައްކާލިއެވެ.

 

“ބޭބެގެ ޝޯ ބެލިން އަހަރެން. ވަރަށް ކޫލް. އަސްލު އެ ވާހަކަ ބުނަން ބޭބެ ކައިރިއަށް ދާންވެގެންނޭ މި ހުންނަނީ. ފަސްކުރަމުން ކުރަމުން ގޮސް ރޭގަނޑު މިވީ. ކިހިނެއްތަ ބޭބެ؟” މިޞްބާޙް އުޖާލާވި މޫނަކާއެކީ ސުވާލުކުރިއެވެ. އެހެނަސް ޔޫނުސް ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިނދެފައި އިސްޖަހާލި ގޮތުން މިޞްބާޙްގެ މޫނުމަތިން އެ އުޖާލާކަން ގެއްލުނެވެ. ޔޫނުސްއަށް ބަލަން ހުއްޓާ މިއަދު މެންދުރު ފުދޭވަރަކަށް ބާރު ސްޕީޑެއްގައި ޔޫނުސް ސައިކަލު ދުއްވާފައި ދިޔަ ހަނދާނެއް މިޞްބާޙްގެ ސިކުނޑިއަށް ވެރިވިއެވެ.

 

“ބޭބޭ……ކީއްވެތަ މިއަދު ބޭބެ އެހާ ބާރަށް ސައިކަލު ދުއްވާފަ ދިޔައީ؟ މިއަދު މެންދުރު؟” މިޞްބާޙް އަހާލިއެވެ.

 

“ބޭބެގެ ވައިފް ކިޑްނެޕްވެއްޖެ.” ޔޫނުސް މިޞްބާޙަށް ބަލާލަމުން ބުނެލިއެވެ.

 

“ވަޓް؟! އަހަރެން ނުދެކެން ޚަބަރެއްވެސް. އެއްވެސް ނޫހަކުން ނުދެކެން. ކޮން އިރަކުތަވީ؟” މިޞްބާޙް ހާސްކަން އެކުލެވިފައިވި ގޮތަކަށް އެހިއެވެ.

 

“މިއީ އެކަކަށްވެސް ސާފުނުވާ ޚަބަރެއް. ބޭބެއަކަށްވެސް ސާފެއްނުވޭ………..މިޞްބާޙްގެ ޑޭޑް ރަށުގަ އެބައުޅޭތަ؟” ޔޫނުސް ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ.

 

“ނޫން ޑޭޑް ހުރީ މާލޭގަ. ކިހިނެއްވީ؟ މިއީ އަނެއްކާ……..ޑޭޑްގެ ކަމެއްދޯ؟” މިޞްބާޙް ކުއްލިއަކަށް އެނގުންވީ ފަދައިން ދެލޯ ބޮޑުކޮށްލަމުން އަހާލިއެވެ. މިޞްބާޙް އެހެން ބުނުމުން ޔޫނުސްގެ ހަނދާނަށް އައީ އަމީންގެ ހިނިގަނޑެވެ. އެއާއެކު އެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އޭނަ އެކަން މިޞްބާޙަށް ދައްކާކަށް ބޭނުމެއްނުވިއެވެ. އޭނަގެ ފަރާތުން މި ޚަބަރު މިޞްބާޙަށް ލިބުނުކަން އަމީނަށް އެނގިއްޖެނަމަ އަމީން އޭނަގެ ބިރު ޙަޤީޤަތަކަށް ހަދާފާނެކަމުގެ ބިރުހީވިއެވެ. އެހެންކަމުން ޔޫނުސް އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ސައިކަލު ދުއްވާލިއެވެ. މިޞްބާޙަށް ކަންބޮޑުވުމެއްގައި ސައިކަލު ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. jana

    Assalam’alaikum 🙂 dhen oiy bai genesdheyne dhuvaheh bunan thankolheh undhagoo. dhen oiy bai nimey bayah hadhan jana beynun. ekamaku bai bai kuran fennanya jana thursday ga up kuraanan In Sha Allah. ehen noony saturdayga emme fahu bai ekko genesdheyny In Sha Allah. jana angaanan badhaluviyya In Sha Allah 🙂

  2. nash

    Haadha kurey ekam v salhi..kon irakun next part

    1. jana
      nash

      Alhamdhulillah! (All praise and thanks belongs to Allah) adhi bunan ehaa faseyhaeh noon. maadhamage vaguthegga bunaanan In Sha Allah 🙂

  3. lam

    wowww.. v reethi .. iraadha kureh viyya nasra akh ehvess kamh nuvaane .. she will be fine .. mi bai kiyaafa hama rovunu .. v reethii … oh .. story nimeny dhw … v dhravey mi story nimeythy .. v v salhi mi baivess ..

    1. jana
      lam

      hehe…..lam thigothah iraadha kurevviyya ey nubuneveyne kanneyge dho? ey vaahakaiga vaa hurihaa kameh vany liyuntheriaage aiy matheega. jana dialogue thakuga iraadhakurevviyya aai In Sha Allah liyefa hunnany ey vaahaka dhakkaairu aharumen beynun kuran jeheykan dhekkumattakai 🙂
      Alhamdhulillah! 😀 dhen eh story eh maa bodah dhigudhemigen dhiyaimaves foohivaane dho? 😛

  4. ummu

    Alheyy.. so sad 🙁 waiting ekam

    1. jana
      ummu

      sad nuvahchey ummu. happy ending eh jana gennaany In Sha Allah 😀

  5. misty

    Vv nice kon irakun next part up kuranee?

    1. jana
      misty

      maadhamaa bunaanan In Sha Allah 🙂

  6. Meera

    Eha avaha nunimachey. Few more parts pls

    1. jana
      Meera

      Meera, jana fahu baey bunyas ebai “few more parts” varu vaane. 😛 varah dhigu ebai. fudheyvarakah gina kanthah hingan eba huri. ehenve jana ah adhi shakku mi vany bai bai nuvaane kamaa medhu 🙂

  7. Kitty

    Nooo nasra ah dheraeh nudhehchey nasra salamai vaanetha vaahaka nimeythy v dheravey

    1. jana
      Kitty

      balamaa dho Kitty In Sha Allah 😀 ithurah faidhaa kuranivi ploteh khiyaalu kurevuniyya hama genedheyn thayyaarah mihiry In Sha Allah. 🙂

  8. farey

    Jana mi vaahaka v molhu

    1. jana
      farey

      Alhamdhulillah! 😀

  9. sanu

    Vaahaka varah reethi… Misbah n afreen gulhuvaafa story nimmaalahchey ingey… waiting for the next part ?

    1. jana
      sanu

      hehe…dhen balamaa hingaa dho sanu In Sha Allah. Alhamdhulillah! 😀

  10. Aal

    V v v reethi. ♥♡♥ 🙂 nasraa maraa nulaathi! V dheravey mihaa reethi vaahaka eh nimen ulheythi. 🙁 veehaa vx avahah up kohdhehchey.

    1. jana
      Aal

      Alhamdhulillah! hehe…..eh vaahaka eh maa dhigu vanyaves foohivaane dho Aal? 🙂 jana mihaaru visnigothun adhi dhe bai onnaane. ehenvyma mirey 49 vana part up kuraanan In Sha Allah 🙂

  11. lully

    Masha allah… Vrh vrh reethi mi part..waiting for the next part.
    . ?

    1. jana
      lully

      Alhamdhulillah! Next part mirey In Sha Allah ^_^

  12. misty

    Kon irakun next part BTW story Farah salhi ?

    1. jana
      misty

      Farah? 😛 hehe….Alhamdhulillah! Next part mirey In Sha Allah 😀

  13. Me

    Janaa.. Avas kollaba dhoonyaa..!

  14. killer

    janaaaa plz make it fast.. i carnt wait to read the next part… mihaaru up nukurevey nethar? 🙁 plxxxxxx jana babx….. i love you ….. make it fast…… okay

  15. Anu

    Jana koba vaahaka?

Comments are closed.