އަހަރެންނަށް ލޯ ހުޅުވާލެވުނު އިރު ކައިރީގައި ޑޮކްޓަރަކާއި ނަރުހަކު ހުއްޓެވެ. އެމީހުނާއި ތަންކޮޅެއް ދުރުގައި ރާހިލް ވެސް ފޯނެއްގައި ހުއްޓެވެ. އަދި އެއްފަހަރު ލޯމަރާ ލޯ ހުޅުވާލުމަށްފަހު ވަށައިގެންވި މާހައުލު ބަލާލި އިރު މި އޮވެވުނީ ހޮސްޕިޓަލެއްގެ އެނދުގައިކަން އެނގުނެވެ.
” ހައު އާރޔޫ ފީލިން ނަވީން..؟ ” ޑޮކްޓަރ ރުޝްދީ އަހަރެން ކުރެ ސުވާލުކުރިއެވެ. އަހަރެން ވާހަކަދައްކަން އަނގަ ހުޅުވާލި އިރު ކަރުތެރެ ހިކިފައިވުމުން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އަހަރެންގެ ޖަވާބެއް ނުލިބުމުން ލޮލަށް އަލި އަޅުވާލާ ބަލާލައި އަނގައިގެ އެތެރެވެސް ބަލާލުމަށްފަހު ޑޮކްޓަރާއި ނަރުސް ގޮސް މަޑުކޮއްލީ ރާހިލްގެ ގާތުގަތެވެ.
އަހަރެން އެދިމާއަށް ބަލަން ހުއްޓާ އަތުގައި ކަޓަރު އަޅާފައި ހުރި ހެން ހީވާ ތަން ހިރުވާވަރުން އަނެއް އަތުން ބާރަކަށް އެދިމާލުގައި އަތް ހާކާ ލެވުނެވެ. އަދި އަތް ހިއްލާލާއި އަހަރެންގެ ލޮލާ އެއްހަމަ ކޮއްލެވުނު އިރު އަތުގެ އެތަން ހުރީ ކަޅުކުލައިންނެވެ. މިފަހަރު ލިޔެފައި ހުރި އެއްޗެއް ކިޔަން އެނގޭހާވެއެވެ. ނަމަވެސް އެއީ ދުވަހަކުވެސް އަހަރެން ދުށް ބަހުރުވައެއް ނޫނެވެ.
” ނަވީން. ޑޮކްޓަރ ބުނީ އެއްވެސް މައްސަލައެއް ނެތް ކަމަށް. އައިވީ ހުސްވީމައި މިއަދު ހަވީރެއް ހާއިރު ދޫކޮއްލާނެކަމަށް ބުނީ. ނަވީންގެ ޙަބަރެއް ނުވެގެން ނަވީންއާއި އެއްކޮށް އުޅޭ އޫޝާ ތިގެޔަށް ދިޔަ އިރު ނަވީން ފެއިންޓްވެފައި އޮތްތަން ފެނިގެން ހޮސްޕިޓަލަށް ގެނެވުނީ. ނަސީބެއް އޫޝާ އެއީ އަހަރެންގެ އަންހެނުންގެ ކޮއްކޮކަން ވެސް. އެހެންނޫނަމަ އަވަހަށް ނުވެސް އެނގުނީސްތާ މިކަމެއް. މުހުސިން ވެސް ބުނި އޮފީހުގައި ބިޒީކޮށް އުޅޭ ވާހަކަ. އޭނަ ނިމުނުހާ އަވަހަކަށް އަންނާނަމޭ ބުނި. މިހާރު މެންދުރުން އަނބުރާ ހަތަރެއް ޖަހަނީ… އެއްޗެއް ނުކައި މާގިނައިރު ހުރީތަ އަނެއްކާ؟ މުހުސިން ބުނި ހައްވައިދީ މުހުސިނަށް ގުޅާފައި ބުންޏޭ ރިވާ ލޭކްއަށް ދެން މިއަދުގެ ފަހުން ކައްކައި ދެވެން ނެތް ވާހަކަ. އަނެެއްކާ ކަމެއް ހިނގީތަ؟ ” ރާހިލް އެއްފައްޗަކަށް ވާހަކަތައް އަހާލިއެވެ.
ކަރުތެރެ ހިކިފައި ހުރީމައި އާއިއެކު ބޮލަށް ކުޑަކޮށް އެނބުރުން ވެސް އަރަމުން ދިއުމުން އަހަރެން މިވަގުތު ރާހިލްއާއި ވާހަކަ ދައްކާނެހާ ހިތްވަރެއް ނެތެވެ. ކުޑަކޮށް ނިދާލެވޭތޯ އަހަރެން ލޯމަރާލީމެވެ.
—
ރޭގެ ހާދިސާއަކީ އަހަރެން އެއްޗެއް ނުކައި މާގިނައިރު ހުރުމުން ވީގޮތެއް ކަމަށް ނިންމީ ކުރިން ފަހަރެއްގައި ވެސް ގިނަ އިރު އެއްޗެހި ނުކައި ހުރެގެން ގޭސްވެ ހޭނެތުނީމައެވެ.
ހަވީރު ހަތަރުގަޑި ކޮންމެވެސް އެއްޗެއްގައި ގެޔަށް ދޫކުރާނެ ކަމަށް ހީކޮއްގެން ހުއްޓާ ހީކުރި ގޮތާއި ހިލާފަށް އައިވީ ފުޅި ހުސްވީ އޭގެ ގަޑި އިރެއް ފަހުންނެވެ. ހޮސްޕިޓަލުން ދޫކޮއްލުމުން ރާހިލްގެ އެހީގައި ގެޔަށް އައީމެވެ. ރާހިލްގެ ގޭގައި ކެއްކި ބަތްޕެން ފޮދު އަހަރެންނަށް ކެވޭނެހެން ކާމޭޒުމަތީގައި ބަހައްޓައި ދީފައި ރާހިލް އަހަރެންނާ ޖެހިގެން އިށީނެވެ. އަހަރެން ވަރުބަލިވެފައި ހުރުމުން އޭނަ އިތުރަށް ސުވާލެއް ކުރާކަށް ނޫޅެއެވެ.
އަހަރެން ކެވޭންދެން އޭނަ މަޑުކުރުމަށްފަހު އަހަރެން އެކަނި ދެން އުޅެވޭނެކަން އޭނައަށް ބުނެދިނުމުން އޭނަ ގެޔަށް ދިޔައެވެ. ހެނދުނުއްސުރެ އަހަރެންގެ އެހީތެރިޔަކަށް އޭނަ މަޑުކުރުމުން އޭނަވެސް ހުންނާނީ ވަރުބަލިވެފައިކަން އަހަރެންނަށް އެނގެއެވެ.
މަންމައަށް ގުޅާލައި މިވާހަކަ ބުނަން އުޅެފައި ވެސް މަންމަ ކުރިން ވެސް ކުރި ފޯނު ކޯލުން މިކަމާ ދެކޮޅުވުމުން މަންމައަށް ގުޅާ ހިތެއް ނުވިއެވެ. އެހެން ނޫނީ ކުރިން ކޮންމެ ފަހަރަކު ރާއްޖެއިން ބޭރުގައި ހުރި އިރު ބަލިވުމުން އާދަވެގެން އެކަން އެންގުމަށް މަންމައަށް ގުޅާ ހަދަމެވެ. އެނޫނަސް ކަމެއް ދިމާވުމުން މަންމައަށް ގުޅާތީ އަހަރެން ރަނގަޅަށް އެނގޭ ރައްޓެހިން އަހަރެންނާ ދިމާއަށް ގޮވާނީ ‘މާމާސް ބޯއީ’ އޭ ކިޔާފައެވެ. އެހެނަސް އެކަމަކަށް އަހަރެންގެ ސަމާލުކަމެއްނެތެވެ. ކުޑައިރުއްސުރެ މަންމަ އަހަރެން ބަލާ ބޮޑުކުރީ ބައްޕައެއްގެ ލޯތްބާ ނުލައެވެ. އަނިޔާއެއް ނުކޮށް ބާރަށް އެއްޗެކޭ ނުބުނެ މަންމަ އަހަރެން ބަލާ ބޮޑުކުރީ ވަރަށް ލޯބިންނެވެ. ނަސީބަކުން ކާފައަކީ މާލޭގައި ގެދޮރު ހުރި މީހެކެވެ. ކާފަ ނިޔާވުމުން ހުރިހާ މުދަލެއް ވާރިސުވީ ހަމައެކަނި މަންމައަށެވެ. ކާފަގެ ދޮށީ އަނބި އަހަރެންގެ މާމަގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެންގެ މަންމައަށެވެ. ވުމާއެކު ފައިސާ ދައްޗެއް ނުވިޔަސް ވީ ވަރަކުން އަހަރެން ބޭނުންވާ އެއްވެސް ކަމެއް އުނިވިޔަކަ ނުދެއެވެ. ވުމާއިއެކު މަންމައަށް ނުކުރާ އިޙުތިރާމާއި ޤަދަރެއް އެހެން މީހަކަށް ނުދެވޭނެއެވެ.
މުހުސިން އާދޭތޯ ކުޑަކޮށް މަޑުކޮއްލުމަށްފަހު އޭނަ ނާންނާނެހެން ހީވުމުން އަަހަރެން ކުޑަކޮށް ތާޒާވެލުމަށް ފާހާނާއަށް ވަނުމަށް ތަޅުގައި ހިފާލި ވަގުތު މާގަނޑު ދޫކޮއްފައި ހުރި އަޑު އަހަރެންގެ ކަންފަތުގައި ހަރުލިއެވެ. އަހަރެން ހައިރާންވިއެވެ. މަޑުމަޑުން ފާހާނާ ދޮރު ހުޅުވާލާފައި އެތެރެޔަށް ވަތް ވަގުތު އަހަރެންނަށް ފުރަގަސްދީގެން އަންހެނަކު މާގަނޑު ދަށުގައި ހުއްޓެވެ. މާގަނޑުގެ ވަށައިގެން ބިއްލޫރި ފާރެއް އިނުމުން ހޫނުފެނުން އޭނަ ފެންވަރާތިވެ އޭގެ އާވިތައް ބިއްލޫރި ގަނޑުގައި ހަރުލާތީވެ އާއި އެކު ފާޙާނަ ތެރެ ފުދޭވަރަކަށް އަނދިރިވުމުން މާ ސާފުކޮށް އެއްޗެއް އެނގޭ ވަރެއް ނުވެއެވެ. ނަމަވެސް ހީވާ ގޮތުން އެއީ ބަލާބެލުމަށް ލޫޅާފަތި ރީތި އަންހެނެކެވެ. އަހަރެންނަށް ބޮލުގައި އަތް ހާކާލެވުނެވެ. އަނެއްކާ ރޭގައި އަހަރެންނަށް މީހަކަށް ދައުވަތެއް ދެވުނީ ބާވައެވެ؟
” އަހަރެން ރީތިތަ؟ ” އޮމާން ރީތި އަޑެއްގެވެރި އެއަންހެނާ އަހަރެންނަށް ނުބަލާ އެހުރި ގޮތަށް ހުރެ އަހާލިއެވެ. އަހަރެން ހައިރާންވެފައި އެހެނަސް ހީލަމުން އާނއެކޭ ބުނީމެވެ.
” މަށަށް އެނގޭ ރީތިވާނެކަން!” އެއަންހެނާ ބުނެލިއެވެ. މިފަހަރު އަޑު ބަރުވެފައި އަޑުގައި ކުރަކިކަމެއް ހުއްޓެވެ. އަދި ކުއްލިއަކަށް އަހަރެންނާ ދިމާއަށް އެނބުރެލި ވަގުތު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކަޅު ހެދުމެއްގައި ހުރި އެއަންހެނާގެ ތެމިފައިވާ އިސްތަށިގަނޑު މޫނުގެ ދެފަރާތުގައި ތަތްވެފައި ހުރި އިރު މޫނު ހުރީ އަލިފާނުން އަނދާފައިވާ ކަހަލަ ގޮތަކަށް އެކި ދިމަ ދިމާލުން ފޮޅުލާފައެވެ. ދެލޯ ވެސް ހުރީ އަލިފާންގަނޑެއް ހެންނެވެ. އޭނާ އައިސް ވަގުތުން އަހަރެންގެ ކަރުގައި ހިފިއެވެ.
” ވެލް ކަމް ޓު ހޯމް އޭ ބުނީމައި އަދިވެސް ކަލެޔަކަށް ނޭނގުނުތަ؟ ނޫނީ ނޭނގޭކަމަށް ހަދަނީތަ؟ ކުރިން ނުކުރެވުނު ކަންކަން މިފަހަރުވެސް ކާމިޔާބެއް ނުވާނެ! އަހަރެންނާ ކުޅެން ނަހަދާތި! ” ހަތަރުކަޅިވެފައިވާ އެއެއްޗެއްގެ އަތް އަހަރެންގެ ކަރަށް ކުރިޔަށްވުރެ ބާރު ކުރަމުން ދިޔައެވެ. އެއެއްޗެއްގެ ގައިން ދުވަމުން ދިޔަ ފާދިޔަގެ ވަސްވެސް ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ގަދަވަމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

