ހީވި ގޮތެއް ކަމަށް ނިންމާ އަހަރެން އަނެއްކާވެސް ހިނގައިގަތް ވަގުތު ހީވީ އަހަރެންގެ ކަންފަތް ދޮށުގައި މީހަކު ފުމެލި ހެންނެވެ. ހޫނުކަންގަދަ ވަޔެކެވެ. އެއާއެކު ވައިއަޑަކުން ކޮންމެވެސް ކަންފަތް ދޮށުގައި މީހަކު ވެލްކަމް ހޯމްއޭ ބުނެލި އަޑު އިވުމުން އަހަރެން ދުވެ ގޮސް އަވަހަށް އެތެރެއަށްވަދެ ދޮރު ތަޅުލި އިރު މާނޭވާ ލެވެނީއެވެ. މިފަހަރުވެސް ރާހިލް ބިރުގަންނަވަނީކަމަށް ހިތާ ބިރުން ހުރެ ނަމަވެސް އަހަރެން ކުޑަދޮރުގެ ދޮރުފޮތިގަނޑު ކުޑަކުޑަކޮށް އެއްކައިރިއަށް ޖައްސާލަމުން ބޭރު ބަލާލީމެވެ. ހަމަހިމޭންކަން ވެރިވެފައިވާ އެމެދުގޯތީން ތަފާތު އެއްޗެއް ފެންނާކަށް ނެތެވެ. ހީވި ހީވުމެއްކަމަށް ބަލާ ހިތްހަމަ ޖައްސާދެމުން އަހަރެން ގޮސް ކޮޓަރިއަށްވަނީމެވެ. އަދި ހެނދުނު ޑިއުޓީއަށް ދިއުމަށް ހޭލެވޭތޯ ފޯނުން އެލާމްކޮށްގެން ނިދަން އޮށޯތީމެވެ.
—
އާދުވަހަކަށް އިރު އެރީ އަމާންކަމާއި އޮމާންކަމާއި އެކީގައެވެ. އޮފީސް ގަޑި ޖެހުމުގެ ގަޑި އިރެއް ކުރިން ކުރި އެލާމަށް އަހަރެންނަށް ތެދުވެވުނު އިރު ދޮރުފޮތީގެ ދަށުން އިރުގެ އަލިކަން އެޅިފައިވާތަން ފެނުމުން އަހަރެން ސެލްފީއެއް ނަގާލާ ހިތްވިއެވެ. އިރުގެ އަލި އެޅޭ ގޮތަށް ސެލްފީއެއް ނަގާލައި އިންސްޓާގުރާމަށް ޕޯސްޓު ކޮއްލީ ހޭޝްޓެގް ނިއުޑޭ ނިއުލައިފް އޭ ލިޔެފައެވެ. އާނއެކެވެ. އާ ޖޮބެކެވެ. އާ މާހައުލެކެވެ. އާދުވަހެކެވެ. މި ލައިފްގެ މި އެރާގައި ހިނގާނީ ކޮން ކަންތައްތަކެއް ބާވައެވެ؟ މަންމަމެން ބުނާ ކަހަލަ ނުބައި މީހުންނާ އެއްކޮށް ހެއްޔެވެ؟ ނޫނީ މުހުސިން ކަހަލަ ރަނގަޅު ބަޔަކާ ގުޅިގެން އުޅުން ހެއްޔެވެ؟
ލޯގަނޑު ކުރިމަތީގައި ހުރެގެން ހޭވިފައިވާ ކުއިފް ގޮތަށް ކޮށާފައިވާ އަހަރެންގެ ފަންފަން ކަޅު އިސްތަށިގަނޑުގައި ސުޓައިލެއް ހަދާލީމެވެ. އެކި ގޮތްގޮތަށް އަހަރެން ސުޓައިލް ހަދަމުން ދަނިކޮށް އަތުގެ އުޅަނބޯށި ކައިރިން އަތުގެ ކުޑަހުޅާއި ދެމެދު ހަންގަނޑު ހިކިފައި ހުރި ކަމުގެ ނިޝާންތަކެއް ހުރުމުން އެއީ ފެން ސަކަރާތްވުމުގެ ސަބަބުން ވީ ގޮތެކޭ ހިތާ އަހަރެން ކުރަމުން ދިޔަ ކަންތައް ހުއްޓާ ލޯގަނޑުން އެދިމާ ރަނގަޅަށް ފެންނަ ގޮތަށް އެނބުރެލީމެވެ. ހަންގަނޑުގައި ހިކިފައި ހުންނަ ގޮތުގެ ބަދަލުގައި ކަޓަރުގެ ތިލައިން ކަހަލަ ގޮތަކަށް ހުރި ހެން ހީވާ އެތަނުގައި އެއްޗެއް ލިޔެފައިވާހެން ހީވެގެން އަހަރެން ކޮޓަރީގެ ބޮކިތައް ދިއްލާލައި އެދިމާ ފެންނަހެން ލޯގަނޑުން ބަލާލީމެވެ. އެތައް ގޮތަކުން ބަލާ ބަލާ ވެސް އެތަނުގައި ލިޔެފައިވަނީ ކޯޗެއްކަމެއް އަހަރެންނަކަށް ސާފެއް ނުވިއެވެ. ރާހިލްގެ އެހީގައި އެކަންތައް ބަލާލުމުގެ ނިޔަތުގައި އަހަރެން އޮފީހަށް ދިއުމަށް ތައްޔާރުވުމަށް ފާހާނައަށްވަނީއެވެ.
—
މަންމަމެން ބުނިގޮތާއި ހިލާފަށް ރަށުގެ ރައްޔިތުން އަހަރެން ފެނުމުން ވަރަށް ހިތްހެވެ. ފުރަތަމަ ދުވަހު ޖެހުނު ޕޭޝެންޓުންގެ މަސައްކަތްތައް ވެސް ދިޔައީ ހީކުރި ގޮތާއި ހިލާފަށް ފަސޭހައަށެވެ. އެހީތެރިއަކަށް އިން އަންހެންކުއްޖާ ވެސް މާލޭގައި މަސައްކަތް ކުރި ކުލިނިކުގައި އުޅުނު ކުއްޖާއަށްވުރެ އެތައް ތަނެއް މަސައްކަތަށް ރަނގަޅެވެ. އައި ފުރަތަމަ ދުވަހު ވެސް ރަށުގެ އެތައް ބަޔެއްގެ ލޯތްބާއި އިޙުތިރާމް ލިބުމުން އަހަރެން ވަރަށް އުފާވިއެވެ.
—
” އެއީ އެމިހުން ދައްކާ ދަޅައޭ… ދުވަސްކޮޅެއްވީމައި އެމިހުނަށްވުރެ ނުބައި މީހަކު ނުހުންނާނެ…! ” ޑިއުޓީ ނިމި ދެއެއް ޖަހާ އިރު ގެޔަށް އައި މަގުމަތީގައި ފޯނުން އަހަރެން ގުޅައިގެން ހުރީ މަންމައާއިއެވެ. އޮފީސް ރަނގަޅަށް ދިޔަ ވާހަކަ ބުނުމަށް މަންމައަށް ގުޅުމުން މަންމަގެ ޖަވާބު ހުރީ އަހަރެން އުއްމީދު ކުރި ގޮތާއި ހިލާފަށެވެ. މީހުންގެ ރަނގަޅު ވާހަކަ އެނގުމުން މަންމަގެ ހިތް ބަދަލުވާނެކަމަށް އަހަރެން ވިސްނި ވިސްނުން ވީ ހަމަ ހީކުރުމަކަށެވެ.
” ނޫނެކޭ މަންމާ… މުހުސިން ވެސް ރޭގައި މަގުތައް ދައްކައިދީ ކެއުމަށްވެސް ދައުވަތު ދިން… ” އަހަރެން މަންމައާ ދެކޮޅަށް ބުނީމެވެ. އަދިވެސް މަންމަގެ ވިސްނުން ބަދަލުވޭތޯއެވެ.
” ތިވާހަކަތައް ދަރިފުޅު ދައްކަން ބޭނުންވަންޏާ މަންމައަށް ދެން ނުގުޅާތި! ނަވީން ހަނދާން ނެތުނީތަ ނަވީންގެ ބައްޕައަކީ ރާއްޖެތެރޭ މީހެއްކަން!؟ ނަވީން ހަނދާން ނެތުނީތަ ނަވީންގެ ބައްޕަ އަހަރެމެން ދެމައިން ދޫކޮއްލާފައި ދިޔަ ގޮތް؟ މިކޮޅުން ވަޒީފާއެއް ހަމަ ޖެހުނުހާ އަވަހަކަށް މިކޮޅަށް ބަދަލުވާން ޖެހޭނެ!. އެހެޔޮ އަހަރުގެ ކޮންޓުރެކްޓް ހަމަވިޔަސް ނުވިޔަސް! ” މަންމަގެ އަޑުން މަންމަ ހުރީ ރުޅިއައިސް ރަތްވެފައިކަން އަހަރެންނަށް އެނގުމުން ބިރުގަތެވެ. އެހާ އުފާވެފައި ކިޔައިދެމުން ދިޔަ ވާހަކަތައް މަންމަ އަޑު ނާހާނެކަން އަހަރެންނަށް މިހާރު ޔަޤީންވެއްޖެއެވެ.
” އަޑު އިވިއްޖެތަ މުހައްމަދު ނަވީން!؟ މަ ބުނާ ގޮތަށް ނަހަދަންޏާ މި ސޯބިރާއަށް ދެން މަންމަގެ ނަމުން ނުގޮވާތި! ” މަންމަ ހަޅޭލަވައިގަތުމުން އަހަރެންނަށް ފޯނު ކަންފަތާއި ދުރުކޮއްލަން ޖެހުނެވެ. އެންމެ ކުޑަ އިރުއްސުރެ ވެސް އަބަދުވެސް މަންމަ އަހަރެން ބޮޑުކުރީ ބޭނުންވިހާ އެއްޗެއް ދީގެން އަނިޔާއެއް ނުދީ ބާރަށް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އެންމެ ކަމެއް ފިޔަވައެވެ. ރާއްޖެތެރޭ ވާހަކަ ދައްކާ ކޮންމެ ވަގުތަކުވެސް މަންމަގެ އަޑު ހުންނަނީ އެހެންނެވެ. އަހަރެން މިކޮޅަށް އަންނަން ޖެހުނުކަން އެނގުނު ރޭ އަޑުގަދަވެގެން ފުލުހުން އަންނަވަރަށް މަންމަ އަހަރެންނަށް އެއްޗެހި ގޮވާ ހެދިއެވެ.
ފޯނު ޖީބަށް ލުމަށްފަހު އަހަރެން ދޮރާށިން އެތެރެއަށް ވަތް އިރު ގޭގެ ދޮރު ހުޅުވާފައި ހުރުމުން ހައްވައިދީ އުޅޭކަން އެނގުނެވެ. އަދި ބައްދަލުކޮއްލުމުގެ ނިޔަތުގައި އާއި ބަނޑުހައިވެފައި ހުރި ވަރުން މެންދުރުގެ ކެއުން ކެއުމަށް އަހަރެން އެތެރެޔަށް ވަތް އިރު ހައްވައިދީ އުޅެނީ މެންދުރުގެ ކާން ހެދުމުގައެވެ. ހެނދުނު އަހަރެން އޮފީހަށް ދާތީވެ ހެނދުނު ސައިބޯން ނާންނާނެ ވާހަކަ ހައްވައިދީއަށް ގުޅާފައި އެވާހަކަ ބުނުމަށް މުހުސިން ގާތުގައި ބުނުމުން މުހުސިން ބުނީ ހައްވައިދީ ދެން އަންނާނީ މެންދުރު ކާން ހެދުމަށެވެ.
އަހަރެން ކުޑަކޮށް ތާޒާވެލައިގެން ޓީޝާޓަކާއި ޖިންސެއް ލައިގެން ގޮސް ކާކޮޓަރިއަށްވަނީމެވެ. ކާތަކެތީގެ މީރު ވަސް ދުވަމުން ދިޔަ ކާކޮޓަރީގައި ހުރި ހައްވައިދީ ހުރީ ރިހަ ތައްޓަށް އެޅުމަށް އުނދުން ކައިރީގައެވެ.
” ހައްވައިދީ…؟ ” އަހަރެންގެ އަޑަށް ހައްވައިދީ ސިހިފައި އަހަރެންނާ ދިމާއަށް އެނބުރެލިއެވެ. އަދި ހިނިތުންވެލަމުން ރިހަ ތަށި މޭޒުމަތީގައި ބަހައްޓާލިއެވެ.
” އަހަން. ނަވީން އައީދޯ؟ އަވަހަށް އި…” ހައްވައިދީ ފުންކޮށް އަހަރެންނާ ބަލާލި ވަގުތު ހަތަރުކަޅި ހަމަވެ އޭނަގެ ހަރަކާތްތަކަށް ހުއްޓުމެއްއައެވެ. އަދި މަޑުމަޑުން ހިނގާފައި އައިސް އަހަރެންގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮއްލަމުން މުސްކުޅިވެ ރޫ ޖެހިފައިވާ ދެއަތުން އަހަރެންގެ މޫނުގައި އަތްހާކާލިއެވެ. ހައްވައިދީގެ މިއަމަލުން އަހަރެންނަށް ހިތްހަމަނުޖެހިފައި ދެބުމަ ގޮށްޖަހާލެވުނެވެ.
” ކަލޭ! ކީއްކުރަން އަނބުރާ މިރަށަށް ތިއައީ؟ ” ހައްވައިދީ އަވަސް އަވަހަށް ނުރުހިފައި އަހަރެންނާ ދުރަށް ޖެހިލަމުން އޭނާ އަހަރެންނާއި ދިމާލަށް ބާރަކަށް ބުންޏެވެ.
” ތިބުނި އެއްޗެއް އަހަރެންނަކަށް ނޭނގުނު… ” އަހަރެންނަށް ސިހުމެއް ލިބިފައި ދެލޯ ބޮޑުކޮއްލަމުން އަހާލެވުނެވެ.
” ކަލެޔަށް އިނގޭނެ! ކުރިން ނުކުރެވުނު ކަމެއް އަލުން އިޔާދަކުރަންނު ތިއައީ! ” ހައްވައިދީގެ ނަޒަރު ހުރީ އަހަރެންގެ ފުރަގަހަށެވެ. ހީވަނީ އޭނާ އަހަރެންގެ ފަހަތުގައި ހުރި މީހަކާއި ވާހަކަ ދައްކާ ހެންނެވެ. އަހަރެން ހައިރާންވެފައި ފަހަތް ބަލާލި އިރު މީހަކު ފެންނާކަށް ނެތެވެ.
” އެކަމަކު މިފަހަރު މިރަށަކުން އެހާ އަވަހަކަށް ކަލެޔަކަށް ނުއެއް ފޭބޭނެ!! ” ހައްވައިދީ އަހަރެންނާ ދިމާއަށް އިނގިލި ދިއްކޮށް އިންޒާރުގެ އަޑަކުން އެހެން ބުނެ އަވަސް އަވަހަށް ގެއިން ނުކުމެގެން ދިޔައެވެ.
މިވީ ކިހިނެތް ހެއްޔެވެ؟ އަހަރެންނަށް މިފާއިތުވެ ސިކުންތުކޮޅު ތެރޭގައި ހިނގާ ދިޔަ ކަމެއް ނޭނގުނެެވެ. ނުވެސް އެނގޭ ވާހަކަތަކެއް ހައްވައިދީ ކިޔާދީފައި އެދިޔައީއެވެ. އަހަރެންނަށް އެނގިގެން މިވީ ތިރީސް އަހަރުގެ ތެރޭގައި އަހަރެން މީހަކަށް ގަސްތުގައި އަނިޔާއެއް ނުދެމެވެ. މީހެއްގެ އަބުރަކަށްވެސް ނާރަމެވެ.
ވެ ދިޔަ ކަންތަކާއި ހާސްވެހުރެ އަހަރެން ކާހިތް ވެސް ކެނޑުނެވެ. އާވި އަރަމުން ދިޔަ ތަށިތަކުގައި މަތި ޖަހާފައި އަހަރެންވަނީ ކޮޓަރިއަށެވެ. އަދި މިރޭގެ ވަގުތެއްގައި މުހުސިންއާއި އެކަމާއި ބެހޭގޮތުން ވާހަކަދައްކަން އަހަރެން ހިތުލީމެވެ.
—
އެއިރުން ފެށިގެން ފިލްމެއް ބަލަން އިނދެފައި އިޝާ ނަމާދު ވަގުތު ވީ އިރު ބަނޑުހައިވެގެން އަހަރެން ކާކޮޓަރިއަށްވަނީމެވެ. މެންދުރު ކައްކާފައި ހުރި އެއްޗެހި ނުބައިވެފައި ހުރެދާނެތީ އެކާން ނުކެރިގެން އަހަރެން ކެބިނެޓްތައް ހާވާލި އިރު ކަޕް ނޫޑުލިސް ތައްޓެއް ފެނުނެވެ. ހޫނު ފެން ކައްކާ ޖަގުން ހޫނު ފެން ކައްކައިގެން ކަޕްނޫޑުލިސް ތަށި ތެރެއަށް ފެން އަޅައިގެން އަހަރެން ކާ ކޮޓަރިން ނިކުންނަނިކޮށް މުޅި ގެއިން ކަރަންޓު ދިޔައެވެ. ހަނދުވަރުގެ އަލި އެޅިފައިވާ ހަނދާންނެތި ނުލައްޕާ ހުރި ކުޑަދޮރުން ހަނދުވަރުގެ އަލި ނޫން އިތުރު އަލިކަމެއް ނުވެއެވެ. ފަނޑު އަލިކަމުގައި ދެލޯ ބޮޑުކޮށްގެން ފަރާތް ފަރާތަށް ބަލަން ހުރެ އަަހަރެން ދެން ހަދަންވީ ކިހިނެތްކަމެއް ނޭނގުނެވެ. ހުރި ދިމާ ގަނޑުވެފައި ހުއްޓާ ކޯރިޑޯ ތެރެއިން މީހަކު ދުވެފައި އަންނަ އަޑު އިވެމުން ދިޔައެވެ. އަދި ހާސްވެފައި އެދިމާއަށް ބަލަން ހުއްޓާ ރަތް ލިބާހަކާއި ކަނޑިކީއެއް އަނދެގެން ހުރި ފަސްވަރަކަށް އަހަރުގެ އަންހެންކުއްޖަކު އަހަރެންނާ ދިމާއަށް އަންނަމުން ދިޔައެވެ. ބޯހާވާލައިގެން ހުރި އެކުއްޖާގެ މޫނެއް ނުފެނެއެވެ. އަހަރެން ބަލަބަލާ ހުއްޓާ އެކުއްޖާ އައިސް އަހަރެންގެ ކުރިމަތީގައި މަޑުކޮއްލިއެވެ. އަދި ކުއްލިއަކަށް ބޯއަނބުރާލަމުން ވެލް ކަމް ޓު ހޯމްއޭ ބުނެ އަހަރެންގެ ގަޔާ ދިމާއަށް ފުންމައިގެން އައެވެ. އަހަރެން ދެލޯ މަރާ ބާރުކޮއްލަމުން އެކުއްޖާ ކޮއްޕާލާފައި ދުވެފައި އަވަސް އަވަހަށް ގެއިން ނިކުންނަން އުޅެނިކޮށް ގައިގެ ވަރުދޫވާން ފެށިއެވެ. އަތުގައި އޮތް ކަޕްނޫޑުލިސް ތަށި ބިންމައްޗަށް ވެއްޓުނުކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

