އަހަރެން އެއްކޮޓަރީގެ ފާޙާނައަށް ވަތް އިރު ވެސް ބެލެނީ ފާޙަނައިގެ ފެންލައިޓާ ދިމާއަށެވެ. އަދި އަވަސް އަވަހަށް ފެންވަރައިގެން ނިކުމެ އަހަރެން އެނދުގައި އޮށޯވެ މަންމަމެންނަށް ގުޅާ އާދެވުނު ވާހަކަ އަންގާލާފައި ފޯނުން މަޖާ ފިލްމެއް ބަލަން ފެށީ ބިރުވެރި ހިޔާލުތަކުން މީހާ ބޭރުވާށެވެ. ކުޑައިރުއްސުރެ ދީނާ އަހުލުވެރިނުވުމުން ޤަވައިދުން ނަމާދުކުރުމަކީ އަހަރެންނަށް ވަރަށް އުނދަގޫކަމެވެ.
—
” ޑރ.ނަވީން… ” ދޮރުގައި ޓަކިޖަހާ އަޑަށް އަހަރެންނަށް ސިހިފައި ނިދިން ހޭލެވުނެވެ. ދަތުރުގެ ވަރުބަލިކަމުން އަހަރެންނަށް އެހެން އޮއްވާ ނިދުނު އިރެއްވެސް ނޭނގުނެވެ. އަހަރެން ފޯނު ހުޅުވާލުމަށްފަހު ގަޑި ބަލާލި އިރު ރޭގަނޑު އަށެއް ޖަހަނީއެވެ. އެހެންވީމައި ދޮރުގައި އެޖަހަނީ މުހުސިންކަން އަހަރެންނަށް ޔަޤީންވިއެވެ. އަހަރެން ލަގެޖުން ނޫކުލައިގެ ޓީޝާޓެއް ބޮލަށް މަހާލައި ލޯގަނޑު ކުރިމަތީގައި ހުރެ އިސްތަށިގަނޑު ރީތިކޮށްލާ ސެންޓު ޖަހާލަމުން ސިޓިންރޫމަށް ނިކުތީމެވެ. އޭރުވެސް ދޮރުގައި ޓަކި ޖެހުމުގެ އަޑު ނުހުއްޓެވެ. އަހަރެން އަވަސް އަވަހަށް ގޮސް ޓަކިޖަހަމުން ދިޔަ ސިޓިންރޫމުން ބޭރަށް ނިކުންނަ ދޮރު ހުޅުވާލި އިރު މީހަކު ފެންނާކަށް ނެތެވެ. މުހުސިންއަކީ އަހަރެންނާ ދާދި އެއްފުރާ މީހަކަށްވުމުން ޖެއްސުމެއް ކުރަނީ ކަމަށް ހިތުމުން އަހަރެންގެ ގާތަށް ހިސާބަކަށް ރުޅިއައެވެ. ދޮރު ލައްޕާލުމަށްފަހު އަހަރެން ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ހަނދާންނެތިގެން ފޯނު ކޮޓަރީގައި ބާއްވާފައި އާދެވިގެން އެބަލައެވެ. ކޮޓަރިއާ ދިމާއަށް ދެފިޔަވަޅު އަޅާލި ތަނާ އަނެއްކާވެސް އެއްކަލަ ގޮތަށް ދޮރުގައި ޖަހަން ފަށައިފިއެވެ.
” މުހުސިން އަހަރެންނަށް އުނދަގޫ ކުރަނީތަ؟ ” އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. އޭރު އައިސްފައިވާ ރުޅިގަނޑުވަނީ އިހުނަށްވުރެ މަތިވެފައެވެ. މިފަހަރު ވެސް މީހަކު ފެންނާކަށްނެތެވެ. ދެންމެ ފާއިތުވި ސިކުންތުގައި ދޮރުގައި ޓަކިޖަހަމުން ދިޔަ މީހަކު މިހާ އަވަހަށް ގޮސް ފިލަން ވަންނާނެ ތަނެއް ނެތެވެ. ގަސްތައް ހުރީ ފުދޭ ވަރަކަށް ދޮރާއި ދުރުގައެވެ. އަހަރެންގެ ރުޅި ގަނޑު ވަގުތުން ފިލައި ކުރިން ހުރި ބިރުވެރިކަން ވަށާލައިގެން ދިޔައެވެ.
” މުހުސިން… ” ހިންދިރުވާލަމުން ކުޑަކޮށް ދޮރުން ބޭރުން ބޯދިއްކޮއްގެން އަހަރެން ގޯތިތެރެޔަށް ނަޒަރު ހިންގާލީމެވެ. ފަނޑު އަލިކަމެއް ވެރިވެފައިވާ ގޯތިތެރޭގެ ގިފިއްޔާ ދިމާލުން ރަތް ހެދުމެއްގައި ހުރި ކުޑަ ކުއްޖެއް ހުރަސްކޮށްލިއެވެ. އެއާއެކު މުޅި ދިމާލު ބޭރުން ކުޑަކުއްޖެއްގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. ތޫލިކަންގަދަ އަޑެކެވެ.
އަހަރެން ބިރުން ފިތްކަނޑައިގެން ގޮސް ހުރެ އަވަސް އަވަހަށް ދޮރު ލައްޕަން އުޅެނިކޮށް ދޮރުމައްޗަށް އައިސް ހުއްޓުނި ޒުވާނާ ފެނިފައި އަހަރެންގެ ހަރަކާތްތައް މަޑުވިއެވެ.
” ނަވީން އަދިވެސް ތިހާ ބިރުންތަ އުޅެނީ؟ ” ދޮރުމަތީގައި ހުރީ އަހަރެންގެ ދުވަސްވީ އެކުވެރިޔާ ރާހިލްއެވެ. އަހަރެންގެ ކުރިމަތީގައި ހުރެގެން އޭނާ ކެއްސާ ކޮށި އަރަމުން ކަހަލަ ގޮތަކަށް ހެމުން ދިޔަ އިރު އަތުގައި ރަތްކުލައިގެ ހެދުމެއް އޮތެވެ. އޭނާގެ އިސްތަށިގަނޑު ދިގުވެފައި އިސްކޮޅުން ކުރުކޮށް ހުންނާތީ ދުރުން ފެނުމުން ވައްތަރުވީ ކުޑަ އަންހެންކުއްޖަކާއެވެ. ދެންމެ ހެދުން ލައިގެން އަހަރެން މި ބިރުގެންނެވީ މީނާތާއެވެ.
” ސާބަހޭ ރާއްޓޭ… ތިދެން ތަންކޮޅެއް ބޮޑުވަރު!! ” އަހަރެންނަށް ރުންކުރު ރާގަކަށް ބުނެވުނެވެ.
” އޭ ސޮރީ ބުރޯ. މަ ހީކުރީ އުމުރުން ދެން ތިރީސް އަހަރުވީމައި އެގޮތްތަނޑު ކެނޑޭނެ ކަމަށް. ހަމަ ސަމާސާއެއް މިކޮއްލީ. ތިހާ ހާރޑު ނުވެބަލަ… ” ރާހިލް އެހެން ބުނި އިރު އަދިވެސް އޭނަގެ ހުނުމެއް ނުހުއްޓެވެ.
” މަށަށް ނުވެސް ގުޅަމެެއްނު މިކޮޅަށް އަންނަމުން. ސުޖާއު ދެންމެ ގުޅާފައި އެބުނީ ކަލޭ ހުރީ މިކޮޅުގައޭ… އާދެބަލަ މިތާ އިށީންނަން… ” ރާހިލް އޭނާގެ އަތުގައި އޮތް ހެދުން ކައިރީގައި ހުރި ޖޯލި މައްޗަށް އެއްލާލަމުން ޖެހިގެން ހުރި ޖޯލީގައި އިށީނދެލިއެވެ.
” މަށަށް ކިހިނެތްތަ އެނގެނީ ކަލޭ އުޅޭނީ މިރަށުގައި ކަމެއް.؟ ” އަހަރެން ރާހިލްއާއި ޖެހިގެން ހެދުން އަތަށް ނަގަމުން އިށީނދެލީމެވެ.
” މަ މިހާރު މިކޮޅުގައި އޭ އުޅެނީ… އަންހެނުން ބައްޕައަކީ މިރަށު މީހެއްވީމައި ބައްޕަ ބަލިވެގެން ބަލާނެ މީހެއް ނެތިގެން މިކޮޅަށް ބަދަލުވާން ޖެހުނީ. އެކަމަކުވާ ކަލޭ ތިއޮއް ގަތް ބިރެއްދޯ… ” ރާހިލް އަނެއްކާވެސް އަހަރެންނާ ދިމާކުރުމުގެ ގޮތުން ހިނިގަނޑެއް ޖަހާލިއެވެ.
” އިނދެގެން ހޭނެ ކަމެއް ނެތް. ސުޖާއު ކަންތަކޭ މިއީ. އޭނަ މަބިރު ގަންނަވަންވެގެން ފާޑުފާޑުގެ ވާހަކަތައް ކިޔައިދީފިއޭ މިރަށަށް އަންނަން ޖެހުނީމައި. މި އަނެއްކާ ކާކުގެ ހެދުމެއްތަ؟ ވަރަށް މީރު ސެންޓުވަހެއް ދުވަނީ ވެސް… ” އަހަރެން ހެދުމަށް ބަލާލަމުން ބުނެލީމެވެ.
” ކަލޭވެސް އޭނަ ކިޔާ އެއްޗެއް އަޑުއަހަނީ ކީއްކުރަންތަ؟ އެނގޭ ދޯ އޭނަ ހަދަހަދައިގެން ވެސް ވާހަކަ ދައްކަފާނެކަން. ތިއީ އަންހެނުންގެ ހެދުމެއް. އޭނަ ވަރަށް ފޯރި އަރާނެ ތި ގެނައިކަން އެނގިއްޖެޔާ… ތިއަށްވުރެ ދެން ލޯބިން ގެންގުޅޭ ހެދުމެއް މަށަކަށް ނޭނގޭ ގެންގުޅޭ ކަމެއްވެސް… ” ރާހިލް އަހަރެންގެ އަތުން ހެދުން އަތުލިއެވެ.
ކުއްލިއަކަށް ގޭގެ ދޮރާށި ހުޅުވުނު އަޑަށް ދެމިހުންނަށް ވެސް ސިހިފައި އެދިމާއަށް ބަލާލެވުނެވެ. ޓިނު ވައްތަރު އެއްޗަކުން ދޮރާށި ހަދާފައި ހުންނާތީ ކިރިޔާ ގުޑުމެއް އެރިޔަސް އެދޮރާށި އަޑުގަދަވެއެވެ.
” ކޮބާ ނަވީން.. ކާން ދަމާދޯ؟ ” މުހުސިން ގޭގެ ދޮރާށިން ވަދެ އަހަރެން ބޭރުގައި އިން ތަން ފެނުމުން ބުނެލިއެވެ.
” ކަލޭ ކަނީ މުއްޓޭގެ ގެއިންތަ؟ ” ރާހިލް ހައިރާންވެފައި އަހަރެން ކުރެ އަހާލިއެވެ.
” އާން. މިރެޔާ ދެން ކޮންމެ ހުކުރު ދުވަހަކު… ރާއްޓޭވެސް ހިނގާ އަހަރެމެންނާއިއެކު… ކަލޭ ކުރީ ދުވަހު ވެސް ބުނީމެއްނު އަދި ދަޢުވަތެއް ދެއްޗޭ… މަގޭ މަންމަ މީރުކޮށް ހަދާ އެއްކަލަ މެގްނަމް ޕުޑިންގަނޑު މިރޭ ތައްޔާރު ކޮއްފައި ހުންނާނެ.. ” އަހަރެން ޖަވާބުދޭން އުޅެނިކޮށް ޖަވާބު ދިނީ މުހުސިންނެވެ.
” އޭ ތިސަކަރާތްވީއޭ… މަށަށް މިރެޔަކު ނުވާނެ.. އަންހެނުން ބުނެފައި އޮތީ މިރޭ ޑޭޓް ނައިޑަކަށް ދާން. ޒުހުރަައްތާ ކައިރި ބުނައްޗޭ މިރޭ އެކަތިކޮޅު ނަގާފަ ބަހައްޓައްޗޭ… މަދާނަން މާދަން ބަލާ… އޭ ނަވީން…. ކަލޭ އަދި ވާނެ މަށާއި އެކު ކޮފީއަކަށް އަރަން… ގުޅާނަން ވަގުތެއްވީމައި… ” ރާހިލް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ހިނގައިގަތެވެ.
” ކަލޭ އަބަދު އަނބި ދަށުވެފައި ހުންނާތީ ވާ ގޮތް ދޯ؟ ނަސީބެއްނު މަ އަދި މީހަކާ ނީންނަކަން… ” އަހަރެން ހިނިގަނޑެއް ޖަހާލީމެވެ.
” އެއަށް ކިޔާނީ އަނބި ދަށުވުމެއް ނޫން. އެއަށް ކިޔާނީ ލޯތްބާ ރެސްޕެކްޓް… ކަލެއަށް އަދި މީހަކުދެކެ ލޯބި ނުވެވޭތީ ތިހެން ވެގެން ތިއުޅެނީ… ” ރާހިލް ބޯހޫރުވާލަމުން ދޮރާށިން ނިކުތެވެ.
” އާން އެބުނީ ތެދެކޭ… އަންހެނުންނަކީ ވަރަށް އެހެން ކަހަލަ ބަޔެކޭ… ކައިވެނި މަތީގައި ރަނގަޅަށް ދެމިހުންނަ ފިރިޔަކަށް އަނބިމީހާ އެއީ އޭނަގެ ވީކްނެސް… އެހެން ހުރިހާ ކަމަކަށްވުރެ އަނބިމީހާއަށް ތާއީދުކުރެވޭނީ އަބަދުވެސް…. ” މުހުސިން ރާހިލްގެ ބަހަށް ތާއީދުކުރިއެވެ. އަހަރެން ޗޮކެއް ކަނޑާލީމެވެ.
ރާހިލް ދިއުމުން މުހުސިން އަހަރެންނާ ދިމާއަށް ބަލާލަމުން ނިތްއަރުވާލީ ކޮބާ ދާން ހިނގާ ބުނާފަދަ ގޮތަކަށެވެ. އަހަރެން މުހުސިނަށް ބަލާލަމުން އެތެރެއަށްވަދެ ފޯނު ހިފައިގެން ނިކުމެ ދޮރު ތަޅުލުމަށްފަހު މުހުސިންއާއިއެކު އޭނަގެ ގެޔަށް ދާން ނުކުތީމެވެ.
—
މުހުސިންގެ ގެއިން ކައި ނިމުމުން އޭނަ އަހަރެންނަށް މުހިންމު ތަންތަން ދައްކާ ހެދުމަށްފަހު އަހަރެންނާއިއެކު ގެޔާއި ހަމަޔަށް އައެވެ. މަގުތައް ދަސްވާން ފުދޭ ވަރަކަށް ވަގުތު ނަގާނެތީ އެހީތެރިވުމަށެވެ.
” މާދަމާ ޑިއުޓީއަށް ނިކުންނަ ގަޑި މަށަށް ހީވަނީ ހޮސްޕިޓަލުގެ ހެޑް ލުތުފީ އަންގާފަ ކަންނޭނގެ ވާނީ ދޯ؟ ” މުހުސިން އަހަރެންކުރެ އޮޅުން ފިލުވުމުގެ ގޮތުން ސުވާލުކުރިއެވެ.
” ނުވައެއް ޖަހާއިރު އޯކޭއޭ ބުނީ… ” އަަހަރެންގެ ފޯނަށް ލުތުފީ ފޮނުވާފައި އިން މެސެޖު އަނެއްކާވެސް ޔަޤީންކޮއްލަމުން ބުނެލީމެވެ.
” އޭތް މިދަނީ އެހެންވީއިރު… ބެސްޓް އޮފް ލަކް ފޯރ ޓުމޯރޯ.. މަށަށް ވަރަށް ހީވޭ މިރަށު މީހުންނަށް ނަވީން ވަރަށް ކަމުދާނެހެން. އަދި ހުސްހަށިކޮށް ތިހެން ރީތިކޮށް ހުރީމަ ޅައަންހެންކުދިން ވެސް ހިތްކިޔާނެ ތޯޗެއް… ” މުހުސިން ހިނިގަނޑެއް ޖަހާލަމުން އަހަރެންގެ ކޮނޑުގައި ޖަހާލިއެވެ.
އަހަރެން ހިނިއައިސް އެކަމަށް ބޯޖަހާލީމެވެ. ހީކުރި ގޮތާއި ހިލާފަށް މުހުސިންއަކީ ވަރަށް ގާތް ރަހުމަތްތެރިއަކަށް ވެއްޖެއެވެ.
ގެޔަށް ވަނުމަށްޓަކައި ދޮރާށިން އަހަރެން އެތެރެއަށްވަދެ އަހަރެންގެ ގެޔާއި ވަނުމާއި ދޭތެރޭގައިވާ ދިމާލުން ހިނގާފައި ދަނިކޮށް ލައިގެން ހުރި ޓީޝާޓުގައި ކޮންމެވެސް މީހަކު ހިފާލިހެން ހީވިވެގެން އަހަރެންނަށް މަޑުކޮއްލަން ޖެހުނެވެ. ބާރަށް ވިންދު ޖަހަމުން ދިޔަ ހިތުގައި އަހަރެން އަތް އަޅާލަމުން މަޑުމަޑުން ފަަސްއެނބުރި ބަލާލި އިރު މީހެއްގެ ހިލަމެއް ނެތެވެ. މީހެއްގެ ހިލަމެއް ވާންވީ ސަބަބެއްވެސް ނެތެވެ. އަހަރެން ދޮރާށި މިތަޅުލީ ދެންމެއެވެ. އަނެއްކާ ދޮރާށި ތަޅު ނޭނގި ނަމަވެސް ހިއްލުނަސް އެދޮރުން އަޑު ކިޔާފައި ނޫނީ ނުހުޅުވޭނެއެވެ.
ހީވި ގޮތެއް ކަމަށް ނިންމާ އަހަރެން އަނެއްކާވެސް ހިނގައިގަތް ވަގުތު ހީވީ އަހަރެންގެ ކަންފަތް ދޮށުގައި މީހަކު ފުމެލި ހެންނެވެ. ހޫނުކަންގަދަ ވަޔެކެވެ. އެއާއެކު ވައިއަޑަކުން ކޮންމެވެސް ކަންފަތް ދޮށުގައި މީހަކު ވެލްކަމް ޓު ހޯމްއޭ ބުނެލި އަޑު އިވުމުން އަހަރެން ދުވެ ގޮސް އަވަހަށް އެތެރެއަށްވަދެ ދޮރު ތަޅުލި އިރު މާނޭވާ ލެވެނީއެވެ. މިފަހަރުވެސް ރާހިލް ބިރުގަންނަވަނީކަމަށް ހިތާ ބިރުން ހުރެ ނަމަވެސް އަހަރެން ކުޑަދޮރުން ކުޑަކުޑަކޮށް އެއްކައިރިއަށް ޖައްސާލަމުން ބޭރު ބަލާލީމެވެ. ހަމަހިމޭންކަން ވެރިވެފައިވާ އެމެދުގޯތީން ތަފާތު އެއްޗެއް ފެންނާކަށް ނެތެވެ. ހީވި ހީވުމެއްކަމަށް ބަލާ ހިތަށް ވިސްނާދެމުން އަހަރެން ގޮސް ކޮޓަރިއަށްވަނީމެވެ. އަދި ހެނދުނު ޑިއުޓީއަށް ދިއުމަށް ހޭލެވޭތޯ ފޯނުން އެލާމްކޮށްގެން ނިދަން އޮށޯތީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


vaahaka varah reethi adhi varah intresting. part 3 ah inthizaaru kuraanan
Vrrhhh reethi