Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ސާދަވަނަ ބައި)

Starlight
Starlight Level 1
December 22, 2023 5 Mins Read
2 Comments

ހިތަށް ވީ އުނދަގޫތައް ބޮޑުވަމުން ދިއުމުން ލުބްނާ ލިބާންއަށް މެސެޖު ފޮނުވައިލީ މިއަދުގެ ވީޑިއޯ ފޮނުވައިދިނުމަށް އެދިއެވެ. އެހިނދު ވަގުތުން ކީއްކުރަންތޯ އަހައި ލިބާން ސުވާލުކުރިއެވެ. އެއާއެކު ކަމެއް ނުވާ ކަމަށާއި ހަމަ ކުއްލިއަކަށް ބަލައިލަން ބޭނުންވީ ކަމަށް ބުނުމުން ލިބާން ލަސްނުކޮށް އެ ވީޑިއޯ ފޮނުވައިލިއެވެ. އެއާއިއެކު އޭނާގެ ސުވާލުތަކަށް އެއްވެސް ކަހަލަ ޖަވާބެއް ލިބޭތޯ، ނޫނީ އެއްވެސް އިޝާރާތެއް ލިބޭތޯ ލުބްނާ ތަކުރާރުކޮށް އެތައް ފަހަރަކު އެ ވީޑިއޯ ބެލިއެވެ. އެހެނަސް އޭނާގެ ‘ކޮށި’ ސިކުނޑިއަކަށް އެއްވެސް އެއްޗެއް ދޭހަކުރެވޭ ގޮތެއް ނުވިއެވެ.

 

އެކައްޗެއްވެސް ވިސްނޭގޮތް ނުވުމުން އަމިއްލައަށް އައި ރުޅީގައި ލުބްނާ އެނދުމައްޗަށް ފޯނު ޖަހައި ބާލީހުގައި މޫނު ފޮރުވާލިއެވެ. އެހިނދު ލޮލުގެ ހިމަކޮޅުން ކަރުނައެއް ފައިބައިގެން ދިޔައީ ކީއްވެކަމެއް ބުނެދޭކަށް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. އެހެނަސް އެއްކަމެއް އޭނާއަށް ޔަޤީންވިއެވެ. މިއަދުގެ ވަގުތެއްގައި އަލްޔާން ލިޔެފައި އޮތް ލަވަ ފެނުމުން އޭނާގެ ހިތަށް ބުނެދޭން ނޭގޭ އުނދަގުލެއް ވީކަމެވެ. އަލްޔާން، މަލްނާއާއި ދެއްކި ވާހަކަތައް އަޑުއިވުމުން ބޭނުންނުވިޔަސް އިންތިހާއަށް އެ ހިތް މާޔޫސްވިކަމެވެ.

 

އައި ރުޅިއާއި ވީ ދެރައިންނާއި ހިތަށް ވީ އުދަގުލާއިއެކީ އެއްޗެހި ބަދަލުކުރަން ތެދުވަންވެސް ނުހަދާ ލުބްނާ އެ އޮތްގޮތަށް އޮތީއެވެ. އެ އޮތްގޮތަށް އޮއްވާ އޭނާއަށް ނިދުނު އިރެއްވެސް ނޭނގުނެވެ. ހޭލެވުނީ މަންމަ އައިސް ގޮވުމުންނެވެ. ފަތިސް ނަމާދަށް ގޮވަން ގާތްވެއްޖެކަމާއި ތެދުވަން ބުނެ ލުބްނާގެ މަންމަ ރުޒްނާ ދިއުމުން ދެލޯ އުނގުޅަމުން ތެދުވެ ލުބްނާ ގަޑި ބަލައިލިއެވެ. އެއަށްފަހު އިތުރަށް ލަސްކުރަން ނަހަދާ ތެދުވެ ފާޚާނާއަށް ވަނެވެ.

 

ފެންވަރައިގެން ނުކުމެ ލުބާ އަދި މަންމައާއިއެކީ ފަތިސް ނަމާދު ކޮށްލުމުން ހިތަށް ހަމަޖެހުމެއް ލިބުނުކަމުގެ އިޙްސާސް ލުބްނާއަށް ކުރެވުނެވެ. އެހެނަސް އޭނާގެ ހިތައް ކުޑަ އުނދަގުލެއް ވެރިވީ މިއަދު އަލްޔާންވެސް އެމީހުންނާއި ބައިވެރިވާނެކަމާއި، އަދި އަލްޔާން މަސައްކަތުގައި އުޅޭއިރު އުޅޭނީ އެމީހުންނާއިއެކީ އެއް ގުރޫޕެއްގައިކަން ހަނދާން ވުމުންނެވެ. އެހެނަސް އޭނާ ހިތްހަމަޖައްސާލީ އަލްޔާންގެ ހިތުގެ ވެރިއަކު ހުއްޓަކަސް އެދެމީހުން އަދި އެއްކޮށް ނޫޅޭކަން ވީޑިއޯގައި ބުނެފައި ވުމުން އެކަން ހަނދާންކޮށްލަމުންނެވެ.

 

ނަމާދުކޮށް ނިންމައިގެން ބަދިގެއަށް ވަދެ ރުޒްނާއަށް ބަދިގެތެރޭގައި އެހީތެރިވެދިނުމަށްފަހު ލުބްނާ ދެން ދިޔައީ ލުބާގެ ޙާލެއް ބަލައިލުމަށެވެ. ދިޔައިރު ފިލާވަޅު ދަސްކުރަން މޭޒުކައިރީ އިންގޮތަށް ނިދިފައި އިން ތަން ފެނުމުން އިޚްތިޔާރަކާއި ނުލައި ލުބްނާއަށް ހިނިތުންވެލެވުނީ މާޒީގެ ހަނދާން އާވެފައެވެ. އެހެނީ އޭނާގެ އެ ޢުމުރުގައި ޚުދު އޭނާވެސް އެ ޙާލުގައި ހޭދަކުރި ދުވަސްތަކެއް ދިޔައެވެ. އެހެނަސް އެގޮތަށް ކަންތައް ކުރުމުން އޭނާއަށް ލިބުނު ފައިދާ އޭނާގެ ހަނދާނުން ފިލާހާ ދުވަހެއް އަދި ނުވެއެވެ. އެހެންކަމުން ލުބާ ކިތަންމެ ޝަކުވާއެއް ކޮށް، ކިތަންމެ ބޮޑައެއް ހޭކިއަކަސް، ލުބާއަށް ދުލެއް ދޭން ވިސްނާކަށް އޭނާ ބޭނުމެއް ނޫނެވެ.

 

ނިދިފައި އިން ލުބާއަށް ގޮވައި ކޮޅަށް ނެގުމަށްފަހު ނިދި ފިލަންދެން އިރުކޮޅަކު ކޮޅަށް ބަހައްޓާފައި ސްކޫލަށް ދާން ތައްޔާރުވާން ބުނެ ފާޙާނާއަށް ވެއްދުމަށްހު ލުބްނާ އެނބުރި ނުކުމެގެން ދިޔައީ ބޭރު ގޯތިތެރެ ކުނިކަހާލުމަށެވެ. އޭރު ބަދިގެތެރޭގައި ސައި ތައްޔާރުކުރަން ރުޒްނާ އުޅެއެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެން ނުކުމެ ލުބްނާ ކުނިކަހައި ނިމުނުތަނާ ލިބާންއާއި އެމީހުންގެ ބައްޕަ ލައިލް ދުވެ ނިންމައިގެން އަންނަތަން ފެނުނެވެ. އެއާއިއެކު ފެންވަރައިގެން އަވަހަށް ސައިބޯން އައުމަށް ބުނެ ލުބްނާ ކުނިކަހަން ބޭނުންކުރި އެއްޗެހި، އެ ހުންނަ ތަނުގައި ބަހައްޓަން ދިއުމުން ލިބާން އިތުރަށް މަޑުކުރަން ނުހަދާ ވަދެގެން ދިޔައީ އެމީހުންވެސް ސްކޫލްގެ މަސައްކަތަށް ދާންޖެހޭ ވަގުތު ކުޑަތަންވަމުން ދިޔައީތީއެވެ.

 

އެއްޗެހިތައް ބެހެއްޓުމަށްފަހު ރީތިކޮށް ދެއަތް ދޮވެލައިގެން ލުބާގެ ކޮޓަރިއަށް ދިޔައިރު އޭނާ އަވަދިނެތި އުޅުނީ ފޮތްތައް ތައްޔާރުކުރުމުގައެވެ. އޭރު ހަމައެކަނި ޔުނީފޯމްލައިގެން ފުނާ ނާޅާ ހުރުމުން ލުބްނާ ގޮސް ލުބާގެ ބޮލުގައި ފުނާ އަޅުވައި ރީތިކޮށް އިސްތަށިގަނޑު ގަތައިލަދިނެވެ. އެއަށްފަހު ފޮތްތައް ހަމަކޮށްގެން އަވަހަށް ދަބަސް ހިފައިގެން އައުމަށް ބުނެ ލުބްނާ އެކޮޓަރިން ނުކުމެގެން ގޮސް ބަދިގެއަށް ވަތް އިރު ރުޒްނާ ސައިތައްޔާރުކޮށް ނިންމާފައި ބަދިގެއިން ނިކުންނަނީއެވެ.

 

“މަންމަ ދެން ދޭ ރީތިވެލަން. ލޫން ދެންހުރި ކަންތައް ހަމަޖައްސާލާނަން.” ރީތި ހިނިތުންވުމަކާއިއެކީ ލުބްނާ ބުނެލުމުން ރުޒްނާވެސް ހީލާފައި ބޯޖަހައިލަމުން ބަދިގެއިން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެއާއެކު ލުބްނާ ބަދިގެއަށް ވަތްތަނާ ލިބާންވެސް ފަހަތުން އައިސް ކާމޭޒު ކައިރީގައި ޖައްސާލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލުބާވެސް ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސް ވަނެވެ.

 

“ކޮބާ؟ މިއަދުވެސް ދޮންބެ މޮޅުވީ!” ކާމޭޒުކައިރީ އިން ލިބާން ފުޅާ ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“ދެން ވަރަށް ފޫހި! ކޮންމެދުވަހަކުވެސް ދޮންބެ މޮޅުވަނީ! ދޮންބެ މޮޅުވާ ކޮންމެ ދުވަހަކަށް ލުބޫއަށް އެބަ ޖެހޭ އިތުރު ޓޯޗަރ!” ހިތްހަމަނުޖެހުމާއިއެކީ އައިގޮތަށް އައިސް ކާމޭޒު ކައިރީ އިށީންނަމުން ލުބާ ބުނެލިއެވެ.

 

“ދޫންޏާ! އެއީ ޓޯޗަރ އެއް ނޫނޭ! ދޮންބެމެންވެސް ކުޑަ ދުވަސްކޮޅެއްކުރިން މި އޯ ލެވެލް އެގްޒާމް ނިންމީ! އެހެންވީމައި ދޮންބެމެންނަށް ކުރެވުނު ތަޖުރިބާއަށް ބަލާފައި ލުބޫއަށް ރަނގަޅުވާނެހެންނޭ ދޮންބެމެން މި ކަންތައް ކުރަނީ!” ލުބާގެ ރައްދު އަޑުއިވިފައި އޭނާއާއި ދިމާލަށް އެނބުރިލަމުން ލިބާން ބުނެލިއެވެ.

 

“އެކަމަކު މާ އުނދަގޫ ޕަނިޝްމެންޓެކޭ ދޮންބެމެން ހަމަޖެއްސީ!” ލުބްނާ އައިސް މޭޒުމަތީގައި ބަހައްޓައިދިން ބޯތަށީގެ ތެރެއަށް ކިރާއި ކޯންފްލޭކްސް އަޅައިގެން ކާން ފަށަމުން ލުބާ ބުނެލިއެވެ.

 

“އޯކޭ! އެހެންވެއްޖިއްޔާ ލުބޫ ބުނެބަލަ މިކަން ކޮށްގެން ދޮންބެމެނަށް ލިބޭ ފައިދާއެއް! ޗެލެންޖުން ލުބޫ މޮޅުވާ ކޮންމެ ދެ ދުވަހަކަށް ދޮންބެ އެބަޖެހޭ ލުބޫއަށް އައިސްކްރީމް ދޭން! ޗެލެންޖުން ލުބޫ ބަލިވާ ކޮންމެ ދެ ދުވަހަކަށް ލުބޫ ތި ޖެހެނީ އެއްދުވަހު 4 ޖަހާއިރު ހޭލާ ގޮތަށް ސްކޫލަށް ދާން ވަންދެން ނުނިދާ ހޭލާ އިނދެގެން ފިލާވަޅު ކިޔަން! އެހެންވީމައި ކޮންމެ ކަމެއް ވިޔަކަސް ދޮންބެއަށް ވާ ފައިދާއެއް ނެތެއްނު؟ ލުބޫއަށް ހީވެދާނެ އެގަޑީގައި ފިލާވަޅު ކިޔަން ބައިންދައިގެން ވާ ފައިދާއެއް ނެތޭ! އެކަމަކު ލުބޫއަށް ވަގުތުން ވަގުތަށް ފާހަގަ ނުވިއަކަސް އެގަޑީގައި ފިލާވަޅު ކީމައި ވަރަށް ފަސޭހައިން ވަރަށް ގިނަ އެއްޗެހި ބޮލަށް ވަންނާނެ!” ލިބާން ވާހަކަދެއްކީ ލުބާއަށް ވިސްނައިދޭ ފަދައަކުންނެވެ.

 

ލިބާން ދެއްކި ވާހަކަތަކަށް ރައްދު ދޭނެ ގޮތެއް ލުބާގެ ސިކުނޑިއަކަށް ނުވަނެވެ. ލުބްނާއާއި ލިބާން ބައިވެރިިވެގެން ކުރިއަށް ގެންދާ މި ‘ޕްލޭން’ އިން އޭނާއަށް މާކަބޮޑު އެއްޗެއް ހާސިލްވާކަން އޭނާއަށް ފާހަގަނުވިޔަސް، އެދެމީހުން އެކަން އެ ކުރަނީ އޭނާއަށް ރަނގަޅަކަށްކަން ލުބާއަށް ވިސްނެއެވެ. ހަމައެއާއިއެކު ލުބްނާއާއި ލިބާން، އެމީހުންގެ ސްކޫލް ދުވަސްވަރު އެފަދައިން ޢަމަލުކޮށް، ސްކޫލްގެ އެންމެ ފާހަގަކޮށްލެވޭ ދަރިވަރުންގެ މެދުގައި ފައިތިލަ ހަމަކޮށްފައިވުމުން، ކިތަންމެ އުނދަގޫވި ނަމަވެސް އެފަދައިން ކަންތައްކޮށްގެން ވިޔަސް އެ މަޤާމުގައި އޭނާގެ ދޮންތައާއި ދޮންބެ ފަދައިން ދެމިހުންނަށް އޭނާވެސް ބޭނުންވެއެވެ.

 

“އޯކޭ ދެން. މިއަދަށް ނިންމާލާ! ލުބޫ ދެންވެސް އަވަސްކޮށްގެން ތި ކޯންފްލޭކްސް ތަށި ހުސްކުރޭ! އިރުކޮޅަކުން މަންމަ އަންނާނެ!” ކެއުން ކުރިއަށް ގެންދަމުން ލުބްނާ ބުނެލިއެވެ.

 

ކުޑައިރުކޮޅެއްގެ ތެރޭގައި ރުޒްނާ ތައްޔާރުވެ ނިމިގެން އައުމުން ލުބާ ހިނގައިގަތީ ސްކޫލަށް ދިއުމަށެވެ. ކައިނިމިގެން ސޯފާއާއި ދިމާލަށް ލިބާން މިސްރާބު ޖެހިއިރު ތިންބެއިން ކޭ ތަށިތައް ނަގައި ތަން ސާފުކޮށްލުމަށްފަހު ލުބްނާ އޭނާގެ ކޮޓަރިއަށް މިސްރާބުޖެހީ ސްކޫލަށް ދާން ތައްޔާރުވެލުމަށެވެ. ލިބާން ގާތުގައި ބުނެލާފައި އޭނާއާއިއެކީ ދާން މަޑުކުރުމަށް ބުނެ ލުބްނާ ކޮޓަރިއަށް ވަދެ ތައްޔާރުވެލައިގެން ނުކުތް އިރު ލިބާން ސޯފާގައި ހުރިގޮތަށް ދެމިލައިގެން އޮވެ ނިދާލާފައި އޮތެވެ.

 

ފެނުނު މަންޒަރުން ލުބްނާގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ މަންޒަރު ތަކުރާރުވަމުން ދިޔަ ކަމުގައި ވިޔަސް އޭނާގެ ހުނުންގަނޑު މަތަކުރެވުނީ ކިރިޔާއެވެ. ކުއްލިއަކަށް ލިބުނު މޮޅު ޚިޔާލާއިއެކީ ލުބްނާ ކޮޓަރިއަށް ވަދެ ފޯނު ހިފައިގެން އައިސް އެކިގޮތްގޮތަށް ލިބާންގެ ފޮޓޯ ނެގިއެވެ. އެއަށްފަހު ސޯފާގެ ކައިރީގައި އަޅާފައި އޮތް ކާޕެޓު މަތީގައި ހަމަޖެހިލައިގެން އިށީނދެލުމަށްފަހު ދެންމެ ނެގި ހުރިހާ ފޮޓޯއެއް އޭނާގެ ފޯނުގައި ފޮރުވާފައިވާ ‘މެމޮރީޒް- ބާން’ ޖަހާފައި ހުރި ފޯލްޑަރ އަކަށް ބަދަލުކޮށްލިއެވެ.

 

ކުރަން އުޅުނު ކަންތައް ފުރިހަމަވުމުން ހިތްހަމަޖެހިފައިހުރެ ލުބްނާ ގޮސް ކޮޓަރިއަށް ފޯނު ލާފައި އައިސް އެއްވެސް ކަމެއް ނުވާކަމަށް ހަދާލާފައި ލިބާންއަށް ގޮވިއެވެ. ނަސީބު ރަނގަޅު ކަމުން ދެތިން ފަހަރު ގޮވިތަނާ އާފުރެމުން މޯޅިއަކަށް ދެމެމުން ލިބާން ތެދުވިއެވެ.

 

“ތި ނޫން ވަރެއް އެންމެ ދުވަހަކުވެސް ވޭތޯ ބަލާބަލަ.” ހެވިފައި ހުރެ ލުބްނާ އެހެން ބުނެލީ އަދިވެސް ރަނގަޅަށް ނިދި ނުފިލައިގެން ދެލޯ އުނގުޅަން ސޯފާގައި އިން ލިބާންއަށެވެ.

 

“ބާން ހީކުރީ ސްކޫލް ނިމުނީމައި ދެން ކޮންމެ ދުވަހަކުވެސް ފަތިސް ކޮށްގެން އައިސް ނިދާލެވޭނެ ކަމަށް. އެކަމަކު ލުބޫ ފިލާވަޅު ކިޔަން ނަގަން ބޭނުމިއްޔާ އެބަޖެހޭ މި ޤުރުބާން ވާން ވެސް. ކީއްކުރާނީ! ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު ބައްޕައާއިއެކު ދުވަން މި ދަނީވެސް ނަމާދުކޮށްގެން އައިސް ނިދޭގޮތަށް ލުބޫއަށްވުރެ ކުރިން ސައިބޯން ނާދެވިދާނެތީ!” އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން ލިބާން ޖަވާބުދިނެވެ.

 

“ގައިމު ދޮން ވެސް މިއުޅެނީ ފަތިހަށް ހޭލިގޮތަށް ނުނިދާ! ފަތިސް ކޮށްގެން މަންމައާއިއެކު ބަދިގެއަށް ވަތްގޮތަށް ދޮން ވެސް މިއުޅެނީ!” ލިބާންއާއި ޖެއްސުމަށް ލުބްނާ ބުނެލއެވެ.

 

“ދޮން އަށް ރަނގަޅަށް އިނގޭނެ ބާން މިއީ ދޮން އެއް ނޫންކަން! ބާންއަށް ރަނގަޅަށް ނުނިދިއްޖެއްޔާ ދެން މުޅި ދުވަސް އެކީ އެ ދިޔައީ! އެކަމަކުވެސް ދޮން ބުނީމައި ލުބޫއަށްޓަކައި ދޮން ގެ ޕްލޭންގައިވެސް ބާން ބައިވެރިވީ. ބައެއް ފަހަރު ހިތަށް އަރާ އިޝްއާއިއެކީ އުޅެއުޅެ އޭނަ ގޮތަށް ދޮން ވެސް ބާންއަށް ޖެއްސުން ކޮށްލާނެ ފުރުސަތެއް ނުލިބިގެން ހުރެފައި މިފަހަރު އެހެނޭ އެ ހެދީ!” ސޯފާއިން ތެދުވެ ހަށަމަށް އަތް ނަގަމުން ލިބާން ބުނެލިއެވެ. އޭނާގެ ރާގުން މިކަންތައް އޮޅުންފިލުވައިދޭށޭ ބުނާ ފަދައެވެ.

 

“ދޮން ބާން ކައިރީ މިކަންތައް ކުރަން ބުނީ މިކަން ވާނީ ބާންއަށް އެކަނި ކަން ދޮންއަށް ޔަޤީން ވާތީ! ބާންގެ ބަަދަލުގައި ދޮން އަމިއްލައަށް ލުބޫއާއި އެ ޗެލެންޖް ކުރިނަމަ އޭނާ އެ ޗެލެންޖް އެކްސެޕްޓްވެސް ނުކުރާނެ. އޭނާއަށްވެސް އެނގޭނެ ދޮންއާއި ޗެލެންޖް ކޮށްފިއްޔާ އެންމެ ދުވަހަކުވެސް އޭނާއަށް މޮޅުނުވެވޭނެކަން. އެހެންވެއްޖިއްޔާ އޭނާ ޖެހޭނެ ކޮންމެ ދެދުވަހަކުން އެއްދުވަހު ފިލާވަޅު ކިޔަން ތެދުވަން. އެކަމަކު ބާންއާއި ޗެލެންޖް ކޮށްފިއްޔާ އޭނާއަށް ކޮންމެވެސް ވަރަކަށް މޮޅުވެވޭނެކަން އޭނާއަށްވެސް އެނގޭ ވިއްޔާ! އެހެންވެގެން ދޮން މިހެން ކަންތައްކުރަން މި ބުނީ!” ލިބާންގެ ގާތުގައި ސޯފާގައި އިނދެފައި ތެދުވަމުން ލުބްނާ ބުނެލިއެވެ. އަދި ގަޑިޖެހެން ގާތްވެފައި ވުމުން އިތުރަށް މަޑުކުރަން ނަހަދާ ލިބާންއާއިއެކު ނުކުމެ މިސްރާބު ޖެހީ ސްކޫލަށް ދިއުމަށެވެ.

 

*******(ނުނިމޭ)*******

Share Article

Starlight
Follow Me Written By

Starlight

Level 1

Other Articles

Previous

ކަލާގެ ހިނިތުންވުން 11

Next

އިފްރާ 17 (ފަހުބައި)

Next
December 22, 2023

އިފްރާ 17 (ފަހުބައި)

Previews
December 22, 2023

ކަލާގެ ހިނިތުންވުން 11

2 Comments!

  1. Ifoo says:
    December 22, 2023 at 7:46 pm

    Aww 😍.. vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  2. ifoo says:
    January 10, 2024 at 2:45 pm

    when next part kiyaaalan libeynee?????

Comments are closed.



All Right Reserved!