“އޭގެ މާނައަކީ އަހަރެމެންނަށް އެކުގައި ވަގުތު ހޭދަކުރެވޭނޭ، އަހަރެމެންނަށް އެކަކު އަނެކަކު ދަސްކުރެވޭނޭ. އޭގެ މާނައަކީ އަހަރެމެންނަށް އެކަކު އަނެކަކުދެކެ އިތުރަށް ލޯބި ވެވޭނެ!” މަންހަލްގެ ލޮލުގެ ތެރެއަށް ގެނބިހުރެ ޔަޒްދާން ބުންޏެވެ. މަންހަލް ޔަޒްދާންއަށް ބަލަން ހުއްޓާ ޔަޒްދާން ފާހަނައަށް ވަދެގެން ދިޔައީ އޭނާގެ ކޯތާފަތަށް ބޮސްދީފައެވެ. އޭނާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ކަނާއަތް ޖައްސާލެވުނީ ބާރު ބާރަށް ތެޅެމުން ދިޔަ މެއާ ދިމާލުގައެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. މަންހަލްއާއި ޔަޒްދާންވެސް ދުވަސް ފެށީ ފަތިސް ނަމާދުންނެވެ. އިރުގެ ހޫނުކަން ދުނިޔެ މައްޗަށް އެއިރަކު ނުފޯރައެވެ. ކުޑަދޮރުން ބޭރު ބަލައިލުމާއެކު އެވަގުތު މަގުމަތީގައި މީހުންވެސް މަދުކަން މަންހަލްއަށް ފާހަގަވިއެވެ. ކަންނެތްވެފައި އެނދުމަތީގައި އޮތް ޔަޒްދާން ގޮވައިގެން އޭނާ ބޭރަށް ނިކުތީ ހިނގާލާށެވެ. ފަތިހުގެ ތެތް ފިނިކަން އިހުސާސްވުމާއެކު ދެމީހުންނަށްވެސް ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އުޑުމަތީން ރީނދުލާއި އޮރެންޖު ކުލައިގެ ވިލާތައް ފެތުރިފައި ހުރިގޮތުން މަންހަލްއަށް ފޮޓޮއެއް ނުނަގައެއް ނުހުރެވުނެވެ.
“ޔޫ ލަވް ނޭޗާ. ޑޯންޓް ޔޫ؟” ޔަޒްދާން ހިނިތުންވެފައި ބުނެލިއެވެ.
“ކާކު ގުދުރަތީ ރީތިކަމަށް ލޯބި ނުކުރަނީ؟ ގުދުރަތުން ހިތްހަމަޖެހުން ލިބޭ. ޔަޒްދާން ލައިކްއެއް ނުވޭތަ؟” މަންހަލް އޭނާގެ ފޯނު އަތްދަބަހަށް ލާފައި ބުނެލިއެވެ.
“އަހަރެންވެސް ގުދުރަތަށް ޝައުގުވެރިވަން.. އެކަމަކު އަހަރެންނާއެކު މީހުން ނޫޅެންޏާ އެއީ ހަމަ ފަޅުތަނެއް. އަނެއްހެން ބުނަންޏާ އަހަރެންނަށް މަޖަލީ މީހުން ގިނަވީމަ. އައި ތިންކް އައިމް މޯ ލައިކްލީ އޭން އެކްސްޓްރޮވާޓް. އެކަމަކު ބައެއްފަހަރު އެހާ ލައިކެއް ނުވޭ މީހުން ގިނަވީމަވެސް.” ކުރިއަށް ފެންނަން އޮތް ޕެޓްރޯނަސް ޓަވަރ އާއި ދިމާއަށް ހިނގައިގަންނަމުން ޔަޒްދާން ބުންޏެވެ.
“އަހަރެންނަކީ ދިމާ އިދިކޮޅު. އިންޓްރޮވާޓް..” ޔަޒްދާން އާއި އެއްވަރަށް މަންހަލްވެސް ހިނގައިގަތެވެ.
“އަހަރެމެންނަށް ލިބޭ ދަރިއެއް ވާނީ އެމްބިވާޓްއަކަށް.” މަންހަލްގެ އަތުގައި ހިފާލަމުން ޔަޒްދާން ބުނެލިއެވެ. މަންހަލްއަށް ބަލައިލެވުނީ ޔަޒްދާންގެ މޫނަށެވެ.
“އަހަރެންނަށް ސްކޮލާޝިޕް ލިބޭނެހެން ހީވަނީ..” މަޑުމަޑުން މަންހަލް ބުނެލިއެވެ. އެއީ ކުރިން ދެމީހުންގެ ދެމެދުގައި ވާހަކަދެވިފައި ނުވާ މައުޟޫއެކެވެ.
“އެއީ މަންހަލްގެ ޑްރީމްތަ؟ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުން؟” ޔަޒްދާން އަހާލިއެވެ.
“ހްމްމް.”
“އަހަރެން ނުބުނާނަން މަންހަލްއަށް ނުދެވޭނޭ. ބޭނުން ތާކަށް ގޮސް ކިޔަވަންވީ. ޖޮބަށް ދިޔައަސް މައްސަލައެއް ނެތް. އެކަމަކު މަންމައަށް އަހަރެމެންގެ ދަރިން ބަލަން ޖެހިގެން ނުވާނެ!”
“އަހަރެންގެ ދަރިންގެ މަންމައަކީ އަހަރެން.”
ޔަޒްދާންއާއި މަންހަލްގެ ދެމެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. ހިނގާހިނގާ ލޮޑުވެގެން ކައިރީ ހުރި ޕާކަކަށް ވަދެ ގަޑި ބަލައިލި އިރު ހަތްގަޑި ބައިވަނީއެވެ.
“ދެން ނުހިނގޭނެ. އަހަރެންގެ ފައިކޮޅެއްގައި ނެތް ވަރެއް.” ބެންޗެއްގައި އިށީންނަމުން މަންހަލް ބުންޏެވެ.
“އުރާލައިގެން ގެންދަންވީތަ؟” ޔަޒްދާން ލާނެތްވެލިއެވެ. މިފަހަރުވެސް މަންހަލްގެ ހަމަލާއެރީ ޔަޒްދާންގެ އަތަށެވެ. “ދެން އިތުރު ގޮތަކަށް ނުގެންދެވޭނެ ދޯ. ރުފިޔާއެއް ގެނެވުނު ނަމަތާ ޓެކްސީއެއް ނެގުނީހީ.”
” ހާދަ ފަރުވާކުޑައޭ ދޯ އަހަރެމެންވެސް. ދެތިން ފަހަރު ނިކުންނަންވާއިރަށް އަހަރެމެން މިއޮއް ބޮޑު ގައުމުގައި ގެއްލިފައި ތިބޭތަން ފެންނާނީ. ކުޑަމިނުން ފެންފުޅިއެއް ގެންނަންވެސް ހަނދާނެއް ނެތް.” މަންހަލް ބުންޏެވެ.
“ކީއްކުރާނީ. ދެން ހިނގާ އަނެއްކާ މިހިނގި ވަރަކަށް ހިނގާފައި އަނބުރާ ގެއަށް ދާން. ލޮޑުވީމާ ބުނޭ، ހަމައަސްލުވެސް އަހަރެން މަންހަލް އުރާލައިގެން ގެންދާނަން. އަހަރެންނަކީ ޕޮލިހެއްކަން ހަނދާން ނައްތާނުލައްޗޭ!” ބެންޗުން ތެދުވެ މޯޅިއަކަށް ދެމިލަމުން ޔަޒްދާން ބުންޏެވެ.
“ދެމީހުން އެއްފަހަރާ މަގުމައްޗަށް ޖެހިގަތީމަ ވަރަށް މަޖާވާނެއްނު.” އެއްއަރިއަކަށް ތުންފަތް ދަމާލާފައި މަންހަލް ބުންޏެވެ. “އަހަރެން ދެން ބޭރަށް ނިކުންނާނީ ހަވީރު. މެންދުރު އެއީ އަރާމު ކުރާ ވަގުތު. އޯކޭ؟ ޔަޒްދާން ބޭނުން ތާކަށް ދޭ. އަހަރެން ނުދާނަން.”
“ވައިފް ނުދަންޏާ އަހަރެންވެސް ވަކި ކޮންތާކަށް ދާނީ؟” ޔަޒްދާން ވަގުތުން ރައްދު ދިނެވެ.
ދިގު ފްލައިޓެއް ނިންމާފައި ޝަޔަމްއާއި ޖާވިދުއަށް ގެއަށް އާދެވުނުއިރު ދަންވަރު ތިންގަޑި ބައިވަނީއެވެ. ލޮޑުވެފައި ހުރުމާއެކު ޝަޔަމްއާއި ޖާވިދުވެސް އަވަހަށް ކޮޓަރިއަށް ވަދެ ނިދީއެވެ. ޖެހިގެން އައި ދުވަހު ޝަޔަމް ޔުނިވާސިޓީއަށް ދާން ތެދުވިއިރު ޖާވިދު ތެދުވެގެން އުޅޭތަނެއް ނުފެނެއެވެ. އޭނާ ހީކުރީ ދަތުރު ވަރުބަލިވެފައި ހުރުމުން މާގަދައަށްނިދުނީ ކަމަށެވެ. އެހެނަސް ޔުނިވާސިޓީއަށް ދާ ވަގުތު ކައިރިވީއިރުވެސް އޭނާއެއް ނުނިކުތެވެ. ގަޑި ޖެހޭތީ އޭނާ ޖާވިދު ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ފެށިއެވެ. ކިތަންމެ ފަހަރަކު އޭނާގެ ފޯނަށް ގުޅަންވެސް ގުޅިއެވެ. އެހެނަސް ގުޅާ ކޮންމެ ފަހަރަކު ބިޒީ ކޮށްލަނީއެވެ. ފަހުން ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ. އެންމެފަހުން ޝަޔަމް ރުޅިއައިސްގެން ގެއިން ނިކުތީ މެޓްރޯގައި ޔުނިވާސިޓީއަށް ދާށެވެ.
“ޔާﷲ. މިއަޅާއަށް މެޓްރޯގައި ޔުނިވާސިޓީއަށް ދާން އެނގޭނެ ގޮތް ހައްދަވައިދެއްވާށި.” ޝަޔަމްގެ ހިތުގައި ވިއެވެ.
ޔުނިވާސިޓީ ނިންމާފައި ޝަޔަމް ގެއަށް އައިއިރު ޖާވިދު އޮތީ ސޯފާގައި ކޮފީ ތައްޓެއް ހިފައިގެންނެވެ. އޭރުވެސް އޭނާގެ ދެލޯ ރަނގަޅަކަށް ނުހުޅުވެއެވެ.
“ހަނދާންކުރާތި. ދެން އެންމެދުވަހަކުވެސް އަހަރެން ޔުނިވާސިޓީއަށް ގެންގޮސް، ބަލައި ނައިސްފިއްޔާ މަންމަ ކައިރީގައި ބުނާނަން.” އޭނާ ގެންގުޅުނު ވޮލެޓް ޖާވިދުގެ މޫނާއި ދިމާއަށް ޖަހާފައި ޝަޔަމް ގާތްވެލީ ކޮފީ މެޝިން ކައިރިއަށެވެ.
“ކާކުތަ އުޅެނީ ތީނަ މަންމަދެކެ ބިރުން. މަށެއް ނުގަނޭ.” ޖާވިދުގެ އަޑުގައި ފަރުވާކުޑަކަން ވެއެވެ.
“އަހަރެން މިހާރު ތީނައާއެކު ތިގެއަށް ދެވުނު ކަމަށްޓަކާ ހިތާމަކުރަން.” ޝަޔަމްގެ އަޑުގައި ނުރުހުން ވިއެވެ.
“އެންޑް އައި ރިގްރެޓް ޓޭކިން ޔޫ ދެއަރ.” ޖާވިދުގެ ޖަވާބު ނުހަނު އަވަހެވެ.
“ކޮން ޖަނާއެއްތަ؟ ޔޫގެ ފަސްޓް ލަވްތަ އެއީ؟” އިތުރު ވާހަކައެއް ޖާވިދު ނުދެއްކުމުން ކޮފީ ތަށި ހިފައިގެން އައިސް ކާމޭޒު ދޮށުގައި އިށީންނަމުން ޝަޔަމް ބުންޏެވެ.
“ކިހާދެރަކަމެއް. އަހަރެން އެއްވެސް މީހެއްދެކެ ލޮތްބެއް ނުވަމޭ. އަޑުއިވިއްޖެތަ؟ ޝަޔަމް ކީއްވެތަ އަބަދުވެސް އަހަރެންނާ ގުޅުން ހުރި މީހުންނާ އަޅައިގަނެގެން ތިއުޅެނީ؟ އަހަރެން ލޯބިވާ ކުއްޖަކު ހުއްޓަސް ނެތަސް ޝަޔަމްއަށް ކޮންކަމެއް؟” ޖާވިދުގެ އަޑު ހިސާބަކަށް ބާރުވިއެވެ.
“ދެން އެފަދަ ގުޅުމެއް ނޯންނަންޏާ ކީއްވެ ނުބުނެވެންވީ؟” ހަމަޖެހިލާފައި ޝަޔަމް ބުންޏެވެ.
“އެއީ އަހަރެންގެ ކޮއްކޮ. ސާފުވެއްޖެތަ؟ އަހަރެންގެ ހުރިހަމައެކަނި ކޮއްކޮ.” ޖާވިދު އޭނާގެ ކޮފީތަށި ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ޖެހިއިރު ހީވީ އެތަށިވެސް ފުނޑުކޮށްލީހެންނެވެ. ޝަޔަމް ނުހަނު ބޮޑަށް ސިހުނެވެ.
“ބުނެބަލަ. ހަޅޭއްލަވާބަލަ. ރޮއުނަސް ހެވޭ. އަހަރެންނަށް ކޮންހާ ވަރެއްތަ ތިބާލުވަނީ؟ އަހަރެންނަށް ކޮންކަމެއްތަ ގޯސްކޮށް ކުރެވުނީ؟ ބުނެބަލަ. ބުނެބަލަ. ހަމައެންމެ ކަމެއްގެ ވާހަކަ ބުނެބަލަ.” ޝަޔަމްގެ އަޑުވެސް ބާރުވެގެން އައެވެ.
“ޝަޔަމް ކީއްވެހޭ އަހަރެންގެ ޕާސަނަލް ލައިފްއާ ބެހޭ ގޮތުން އެނގެން ބޭނުންވަނީ؟ ކީއްވެހޭ؟ ކޮން ބޭނުމެއްގަހޭ؟ އަހަރެންގެ ހަޔާތުގައި ކޮންމެ ބަޔަކު ތިއްބަސް، އަހަރެން ކޮންމެކަމެއް ކުރިއަސް، އަހަރެން ކޮންމެގޮތަކަށް އުޅުނަސް ޝަޔަމްއަށް ކޮންބެހޭ ކަމެއް؟” ޖާވިދު ސޯފައިން ތެދުވެ ޝަޔަމްއާއި ކުރިމަތިލިއެވެ.
” ޖާވިދަށް އަހަރެން އެނގޭ އަހަންނަށް ޖާވިދު އެނގޭވަރަށްވުރެ. އަހަރެންވެސް ބޭނުން ޖާވިދުއާ ބެހޭގޮތުން އެނގެން.” މިފަހަރު ޝަޔަމް އޭނާގެ އަޑު މަޑުކޮށްލެވޭތޯ މަސައްކަތްކުރިއެވެ.
“ސޯ ވަޓް؟ އަހަރެންނަކީ ޝަފްނާ ގެންގުޅޭ މީހެއް. ޝަފްނާ ކުރާކަންތަކުގައި އަހަރެން ބައިވެރިކުރޭ. ޝަޔަމްއާ ބެހޭ ކަންތަކުގައި ބޮޑުމީހަކަށް ގިނަފަހަރު ހުންނަނީ އަހަރެން. ޝަޔަމްއަށް ބޭނުންވާ ކަންތަކާ އެހެނިހެން ކަންތައް ޝަފްނާ ކިޔާދޭނީ އަހަންނަށް.” ޖާވިދު ބުންޏެވެ.
“ލުކް! ޖާވިދަށް މަންމަ ކުރާ ކަންތައްވެސް އެނގޭ. އަހަރެންނަކަށް ނޭނގެއޭ.” ޝަޔަމްގެ އަޑުގައި ވޭންއެކުލެވިގެން ވިއެވެ.
“އެހެންވީމަ އަހަރެންނާ އެހާ ކްލޯސްއީ ޝަޔަމްގެ މަންމައާއި ބެހޭގޮތުންވެސް އެނގެން ބޭނުންވާތީއޭތަ ތިބުނަނީ؟ އެހެންވެތަ އަހަރެންގެ ދުލުގައި ހިފައިގެން އަބަދު ދަމަނީ؟” ޖާވިދު ރައްދުދެނީ ނުހަނު އަވަހަށެވެ.
“އެގްޒެކްޓްލީ. އަހަރެން ގާތު ބުނެބަލަ އަހަރެންގެ މަންމައާ ބެހޭގޮތުން ވާހަކައެއް. އަހަރެން ދުވަހަކުވެސް އަޑުނާހާ ވާހަކައެއް.” ޝަޔަމްގެ އަޑުގައި ޝައުގުވެރިކަން ވެއެވެ. ދެއަތް މުއްކަވާލާ ޖާވިދު ރުޅިގަނޑު ހިންދޭތޯ މަސައްކަތް ކުރިއެވެ.
“އިނގޭތަ ތީނަގެ މަންމައަކީ ގާތިލެއްކަން؟” ކޮޅަށް ތެދުވެލާ ޖާވިދު ބުނެލި ޖުމްލަ ޝަޔަމްގެ ކަންފަތުގައި ގުގުމައިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ.
“ވް.. ވަޓް؟” ދެލޯ ބޮޑުކޮށްގެން ހުރެ ޝަޔަމް ބުނެލިއެވެ.
“ބަލާތި، އަހަރެންނަށް ހެކި ހޯދުނުހާ އަވަހަކަށް ޝަޔަމްއަށް ދައްކާނީ އެންމެ ފުރަތަމަވެސް. ޖަސްޓް ވެއިޓް.” ބާރު ހިނގުމެއްގައި ސިޑިން އަރައިގެން ދަމުން ޖާވިދު ބުންޏެވެ. ހަރަކާތެއްވެސް ގެންނަން ނޭނގިފައި ޝަޔަމް އިންދާ ނިކަން ބާރަށް ޖާވިދު ކޮޓަރި ދޮރު ޖެހި އަޑުއިވުނެވެ.
ލިފްޓުން ނުކުތް ގޮތަށް މަޑު ދުވުމެއްގައި މަންހަލް އައިސް އެޕާޓްމަންޓަށް ވަނެވެ. އެންމެ ފުރަތަމަ ފެންވަރަން ވަންނާނީ ތިމަންނައޭ ކިޔަމުންނެވެ.
“ތިހާ ބާރަށް ނުދިޔަސް ފާހަނަ ހުންނާނެ އެހުރިތަނުގައި.” ޔަޒްދާން ބުނެލީ މަންހަލްއާއި ޖެއްސުމެއް ކޮށްލާށެވެ.
“އެހެންނޭ. ޔަޒްދާންއެއް ނުހުންނާނޭ ތިހުރިތަނުގައެއް.” ބޫޓު ނަގާ ހަރުގަނޑަށް ލަމުން މަންހަލް ޖަވާބު ދިނެވެ.
“މިއޮއް އައީއެއްނު. ދޮންބެ މިހާރު ކަންބޮޑުވެގެން އެއުޅެނީ ތިދެކުދިން ނައިސްގެން.” ބަދިގޭގައި އުޅުން ނަސްރާއަށް އެމީހުން ހަމަ ފެނުމާއެކު ބުނެލިއެވެ.
“އާނ. ތިބެދާނެ މަގު އޮޅިގެން ގެއަށް ނާދެވިފަ. އެކަމަކު ހަމަ ގުޅާވާހަކަ ބުނާއިރަށް ދޮންބެދައްތަ އެބަބުނޭ އެމީހުންނަށް އުނދަގޫ ކުރާކަށް ނުވާނޭ.” ޓީވީއަށް ގެއްލިފައި އިން ސުހައިލް ޖަވާބު ދިނެވެ.
“ޔަޒްދާން، މަންހަލް ލައްވާ ވަރަކަށް ހިނގުއްވައިފިއޭ.. ދޮންބެ ގުޅިނަމަވެސް ގޮތެއްނުވާނެ، އެއްވެސް ރޮމޭންޓިކްއެއް ނޫންވިއްޔަ.” އައިސްއަލަމާރިން ފެންފުޅިއެއް ނަގާ އަނގައަށް ފެން އޮއްސާލާފައި މަންހަލް ބުންޏެވެ. އޭނާގެ އަނގައިން ނުކުތް ބަސްތަކާއިމެދު ވިސްނާލެވުނީ މާފަހުންނެވެ. ލަދުގަތް ވަރުން އޭނާ އަވަސްއަވަހަށް އައިސް ވަނީ ކޮޓަރިއަށެވެ. ތަފާތު ގޮތަކަށް ޔަޒްދާން ބަލަން ހުރިކަން ފާހަގަވުމާއެކު މަންހަލްގެ މޭނެގިފައި ޖެހެންފެށީ ވަކިވަރެއް ބަލާފައެއް ނޫނެވެ.
ފާހަނައިން ނިކުމެ ރީތިވެލައިގެން މަންހަލް ކޮޓަރިން ނިކުތީ ޔަޒްދާންއަށް ގޮވަން ވެގެންނެވެ. އެހެންނަމަވެސް އޭނާގެ ސަމާލުކަން އަތުލައިގަތީ ސުހައިލްއާއި ޔަޒްދާން ދައްކަމުން ދިޔަ ވާހަކައެވެ.
“ބޭބެމެން ގާތު ފުލުހުން ކީކޭ ބުނީ؟” ޔަޒްދާން ސުވާލުކުރި އަޑުއިވުނެވެ.
“އެކަން ރިޕޯޓްކުރިތާ މަހެއްހާ ދުވަސްފަހުން ފުލުހުން ގުޅާފައި ސްޓޭޝަނަށް ގެންދިޔަ. އޭރު އެމީހުން ބުނީ ސާހިލް ނުހައިކް ގޮވައިގެން ފުރަތަމަ ދިޔައީ ހުރާއަށޭ. ބޭބެއަށްވެސް ބޮޑަށް ހީވަނީ އެރަށަށް ގޮސްފައިހެން އޮންނާނީ. އެކަމަކު ފަހުން ބައްދަލުކުރި ފަހަރު ތަކުގައި ބުނީ ހުރާއަކަށް ނުދެއޭ. ހަމަ މާލެއިން ހުޅުމާލެއަށް ފެރީގައި ގޮސް ފްލައިޓުން މެލޭޝިޔާއަށޭ އައީ. އޭގެފަހުން ތައިލޭންޑަށް ދިޔަކަމަށްވޭ. އެކަމަކު އެކަމާ ގުޅޭގޮތުން އެމީހުންނަށް އެކަށީގެންވާ ވަރަކަށް ހެއްކެއް ނުހޯދުން. މާގިނަ ދުވަސްވާން ފެށީމާ ކޭސް ކްލޯޒް ކުރީ. އޭރުގައި ފުލުހުންނަށް މައްސަލަ ހުށައެޅިއިރު މަންހަލް ނެތް ވާހަކައެއް ނުބުނެވުނު. ޝަފްނާ އަހަރެމެންނަށް ބިރުދެއްކީ ޔޫވިންއާއި ޔުނާން މަރާލާނަމޭ ކިޔައިގެން. މީހެއްގެ ފުރާނަ ދުއްވާލާފައި އޭނާގެ ދަރި ވަގަށް ނަގައިގެން ގެންދިޔަ މީހަކު ތުއްތު ކުއްޖަކު މަރާލާކަށް ކޮންފަހެއް ޖެހޭނީ؟ ބޭބެ ކީކޭ ދެން ބުނާނީ ޔަޒްދާން؟ މައްސަލަ އޭރު އޮތީ ވަރަށް ގޯސްވެފަ. ހުރިހާ ކަމެއް ކުރިމަތިވީ އެއްފަހަރަކާ. ސާހިލްއަށް ހުރިހާ ކަމަކާއި ކުރިމަތިލާނެ ހިތްވަރެއް ނުލިބުނީ. ބޭބެގެ ހިތް ބުނަނީ އެހެންވެއޭ އޭނާ ދިޔައީ.” ސުހައިލް ވާހަކަދެއްކިއެވެ.
“އެހެންވިއްޔާ ބައްޕަ މިތަނުގައި އުޅިދާނެ ދޯ.” މަންހަލް ވާހަކަދެއްކި އަޑަށް ސޯފާގައި ތިބި ތިންމީހުންގެ ނަޒަރު އޭނާއަށް އަމާޒުވިއެވެ.
“މަންހަލް..” ކަންބޮޑުވެފައި ސުހައިލް ގޮވާލިއެވެ. އޭނާ ދެން ބަލައިލީ ޔަޒްދާންއަށެވެ. ސުހައިލްއަށް ބަލައިލާފައި އޭނާ ބޯޖަހާލިއެވެ. ކަންބޮޑުވެފައި ސުހައިލްއާއި ނަސްރާ ބަލަން ތިއްބާ މަންހަލް ގޮވައިގެން ޔަޒްދާން އައިސް ވަނީ ކޮޓަރިއަށެވެ.
“މަންހަލް! އަހަރެން ބުނީމެއްނު އަހަރެން މަންހަލްގެ ބައްޕައާއި ދޮންބެ ހޯދައިދޭނަމޭ. ޕްލީޒް. ކަންބޮޑުނުވޭ.” މަންހަލްގެ މޫނުމަތީގައި ދެއަތުން ހިފާލާފައި ޔަޒްދާން ބުންޏެވެ.
“ޔަޒްދާން. އަހަރެންނަށް އަހަރެންގެ ބައްޕައާއި އަލުން މިތަނުން ދިމާވެދާނެ. އަހަރެން އުފަލެއްނޫންތަ ވާންވީ.” މަންހަލްގެ މޫނުމަތީގައި ވިދުމެއްވިއެވެ. މަންހަލް އުފާވެފައި ހުރިތަން ފެނުމާއެކު އޭނާގެ ހިތްދެރަކޮށްލާކަށް ޔަޒްދާންއަކަށް ނުކެރުނެވެ.
“ޑޯންޓް ކީޕް ޔުއަރ ހޯޕްސް ސޯ ހައި!” ޔަޒްދާން ހިތާހިތުން ކިޔާލިއެވެ.
ހަވީރުގެ ވަގުތު ޔަޒްދާން އާއި މަންހަލް ދިޔައީ ކުއަލާ ލަމްޕޫރް ސިޓީ ސެންޓަރ ޕާރކަށެވެ. އެތާނގެ ވަށައިގެންވީ މޯލްތަކާއި ޕާކު ތެރޭގައިވީ ތަންތަން ދެމީހުން ބަލައިލިއެވެ. އާޓިފިޝަލް ޕާކެއް ވިއަސް އެޕާކުގެ ތެރެއިން ފެނުނު ގުދުރަތީ މަންޒަރުތައް ހިތްގައިމެވެ. ހަވީރުގެ ވަގުތުވީމާ ޕާކުގެ ތެރެއިން ގިނައިން ފެނުނީ ކުޑަކުދިން ގޮވައިގެން ހިނގާލަން އައިސް އުޅުން ޢާއިލާތަކެވެ. އޭގެއިން ކޮންމެ ފަހަރަކު ޔަޒްދާންއާއި މަންހަލްއަށް އެކަކު އަނެކަކަށް ބަލައިލެވެއެވެ.
ރޭގަނޑުގެ ވަގުތު އެކި ކުލަކުލައިން ފެންއަރުވާ ފައުންޓެއިންތައް ކައިރީ ތިބެފައި ދެމީހުންވެސް ހިނގައިގަތީ ގެއަށް ދާށެވެ. އޭރު ޕާކު ބަންދުކުރާ ގަޑިވެސް ގާތްވެއްޖެއެވެ. ކުއްލިއަކަށް މަންހަލްގެ އަތުގައި ހިފާފައި ޔަޒްދާން މަޑުކޮށްލިއެވެ. އެތަނުގައި ހުރުމަށް އެދެމުން އޭނާ ދުރުގައި ހުރި މީހެއް ގާތަށް ހިނގައިގަތެވެ. ހައިރާންވެފައި މަންހަލް ބަލަން ހުއްޓާ އިރުކޮޅެއް ފަހުން އޭނާ އައީ ދެއަތް ފުރަގަހަށް ލައިގެންނެވެ. މަންހަލްގެ ގާތަށް އައިސް އޭނާ ހިނިތުންވެލިއެވެ. ދެބުމަ އަރުވައިގެން މަންހަލް ބަލަން ފެށުމުން ޔަޒްދާންގެ ހިނިތުންވުން ފުޅާވެއްޖެއެވެ. ކޮންއެއްޗެއްހޭ އަހާފަދައަކުން އޭނާ ބޯ އަނބުރާލުމާއެކު ޔަޒްދާން އޭނާގެ ކޯ ދިއްކޮށްލީ މަންހަލްއަށެވެ. ޝަހާދަތް އިނގިލިން އޭނާ އެކޮލުގައި ޖައްސާލިއެވެ. އެއާއެކު މަންހަލްގެ ތުންފަތުގައިވީ ހިނިތުންވުން ފޭދިއްޖެއެވެ. ޔަޒްދާންއަށް ބަލައިލާފައި އޭނާ އަވަހަށް ދުރަށް ނަޒަރު ހުއްޓާލިގޮތުން މަންހަލް ލަދުގަތީކަން ޔަޒްދާން ދެނެގަނެފިއެވެ. އެހެނަސް އޭނާ ހުރީ އެހާއަވަހަށް ދޫދޭކަށް ނޫނެވެ. ދެވަނަ ފަހަރަށް މަންހަލް ބަލައިލިއިރު ޔަޒްދާން ތުން ނެރެލާފައި އާދޭސްކޮސްލިއެވެ. ދެލޯ ބޮޑުކޮށްލާފައި މަންހަލްވެސް ތުންފަތަށް ވައްތަރެއް ޖައްސާލިއެވެ. ބަސްމޮށުންތެރިކަމެއް އެދޭތެރޭގައި ބަދަލުނުވިއެއް ކަމަކު ދެމީހުންގެވެސް ލޮލުން އެތައް ވާހަކައެއް ދެކެވުނެވެ. ޔަޒްދާން ބޭނުންވި ފަދައިން މަންހަލް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ޔަޒްދާންއާއި ގާތަށް ފިޔަވަޅެއް އަޅާލާ އަވަސް ހަރަކާތަކާއެކު އޭނާ އަތް އެޅީ ޔަޒްދާންގެ ލޯ މަތީގައެވެ. އެކުޑަ ހަރަކާތުންވެސް ޔަޒްދާންގެ ހިނިތުންވުން ފުންވީއެވެ. ކުޑަކޮށް ކޮރާލުމާއެކު މަންހަލް އޭނާގެ ތުންފަތް ޔަޒްދާންގެ ކޯތާފަތުގައި ޖައްސާލިއެވެ. ހަމައެހާއަވަހަށް އޭނާ ޔަޒްދާންއާއި ދުރުވެލާ އޭނާއަށް ފުރަގަސް ދީފިއެވެ. އޭރު އޭނާގެ މުޅި މޫނު ރަތް ޖަންބެއްފަދައެވެ. އެކުޑަ ބީހުމުންވެސް ޔަޒްދާންގެ ހިތުގެ ވިންދު އެތައް ގުނައަކަށް އިތުރުވިއެވެ. މަންހަލްއަށްޓަކައި އެހިތުގައި ދެވިފައި އޮތް ލޯބި އުތުރިއަރައިގެން ދިޔައެވެ.
ހިނިތުންވެހުރެ އޭނާ އެރީ މަންހަލްގެ ކުރިމައްޗަށެވެ. އިސްވެ ޔަޒްދާންއަށް ބަލައިލާކަށް މަންހަލްއަކަށް ނުކެރުނެވެ. އަތުގައި އޮތް ރަތް ފިނިފެންމާ ބޮނޑި ޔަޒްދާން ދިއްކޮށްލިއެވެ. އެއްފަހަރު ޔަޒްދާންއަށް، އަނެއްފަހަރު މާބޮނޑިއަށް ބަލަން ހުރެފައި އޭނާ އޭގައި ހިފިއެވެ. ޔަޒްދާން ބަލަން ހުންނާތީ އޭނާ މާބޮނޑިން އަނގަމަތި ފޮރުވާލިއެވެ.
“ރޮމޭންޓިކް ވާން ދަސްކުރަނީ. ވައިފް ދެރަކޮށްލަން ބޭނުން ނުވާތީ.” މަންހަލްގެ ކޯތާފަތުގައި އަތް ޖައްސާލާފައި ޔަޒްދާން ބުންޏެވެ.
“ތެންކިއު.” ދުރުބަލައިލަމުން މަންހަލް ބުންޏެވެ. އޭރުވެސް އޭނާގެ ހިތް މައިތިރިވާ ގޮތެއް ނުވެއެވެ.
ދެމަފިރިން އެކުގައި ގޭތެރެއަށް ވަތްއިރަށް އެންމެންވެސް ތިބީ ކާންއަރައެވެ. އެންމެންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މަންހަލްގެ އަތުގައި އޮތް މާބޮނޑިއެވެ.
“ވާ ވާ ވާ.. ހަނީމޫންއަށް އައިސްގެން އުޅޭ ކަޕްލްއެކޭ ދޯ މިގޭގައި މިއުޅެނީ. އަހަރެން އެކަން ހަނދާން ނައްތާލާކަށް ނުވާނެތާ.” މަންހަލް ފެނުމާއެކު ދިމާކޮށްލުމުގެ ގޮތުން ޔުނާން ބުންޏެވެ.
“މަންހަލް، ދޮންބެ ކައިރީ ވާނެއްނު ޝަކުވާ ކުރަން. ބަލާ، ޔަޒްދާން ކިހާ ސުވީޓުކަން.” ސުހައިލްވެސް ހިނިތުންވެފައި ބުނެލިއެވެ. ރަކި ހިނިތުންވުމެއް ހަދިޔާކޮށްލަމުން މަންހަލް ދިޔައީ ކޮޓަރީގައި މާބޮނޑި ބާއްވާށެވެ. މަންހަލްއަށް ބަލައިލާފައި ޔަޒްދާން ދިޔައީ ކެއުމުގައި ބައިވެރި ވާށެވެ.
“އާހްހްހް.. އަހަރެންގެ ހިތް ތެޅޭވަރެއް އެނގޭތަ ޔަޒްދާންއަށް؟ އަދިވެސް ހީވަނީ މޭފަޅާފައި ނުކުމެދާނެހެން.” ލޯގަނޑު ކުރިމައްޗަށް އަރާ މޭގައި އަތް ޖައްސާލާފައި މަންހަލް ހިތާހިތުން ކިޔާލިއެވެ.
“އެހެންކަމެއް ކުރަން ރާވާފަ އެބޮތްތަ މާދަމައަށް؟ ޔޫވިން އެބަކިޔާ މާދަން ޔުނިވާސިޓީގައި ފުޑް ފެސްޓިވަލް އެއް އޮތް ވާހަކަ.” ކޮޓަރިން ނިކުމެގެން މަންހަލް އަންނަތަން ފެނުމާއެކު ނަސްރާ ބުނެލިއެވެ.
“އަދިނެތް. ދާނަންދޯ؟” ޔަޒްދާންއަށް ބަލައިލަމުން މަންހަލް ބުނެލިއެވެ. ގޭމީހުންނާއެކު އުޅެންޏާ ލާނެތް ސަކަރާތް ޖަހާކަށް ޔަޒްދާންއަކަށް ނުކެރޭނޭ މަންހަލް ހިތަށް އެރިއެވެ. ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނަސް އޭނާއަށް ޔަޒްދާންގެ އެފަދަ ކަންކަމަށް އެދެވޭކަން ޖެހުނީ ގަބޫލުކުރާށެވެ. މަންހަލްއަށް ބަލަން އިނދެ ޔަޒްދާން ބޯޖަހާލީއެވެ.
ކާމޭޒު ދޮށުގައި އިނދެ ނަސްރާ ބާޒާރު ލިސްޓެއް ކިޔެވެ. ކައިނިމިފައި އިނުމާއެކު ނަސްރާ ކިޔައިދިން ހުރިހާ އެއްޗެއް ނޯޓުކުރީ ޔުނާންއެވެ. އޭނާއާއެކު ކައިރީހުރި ފިހާރައަށް ދާން އެދުނީ ޔަޒްދާންގެ ގާތުންނެވެ.
“ހަލީލު އެބައުޅޭ ދޯ. މިއަދު މިސްކިތުން އަންނަނިކޮށް ދިމާވެގެން ބުނި މިހާރު ނުވެސް އާދެއޭ. މަބުނިން އިޝާކޮށްގެން ކައި ހަދައިގެން ދާނަމޭ އަނގަތަޅާލަން.” ސުހައިލް ބުންޏެވެ. ހަލީލަކީ އެމާރާތުގެ އެކާވީސް ވަނަ ބައިގައި އުޅޭ ދިވެއްސެކެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ކިޔަވަން އައުމުން އޭނާވެސް މެލޭޝިޔާއަށް ބަދަލުވީއެވެ. އެކުގައި ފެނިދެނިވެ އުޅެން ފެށުމުން އެކުވެރިކަން ބަދަހިވީއެވެ. ބައެއްފަހަރު ސުހައިލް ހަލީލް ކައިރިއަށް ގެންދާނެއެވެ. އަނެއްބައިފަހަރު ހަލީލް ގެންނާނީ ސުހައިލްމެން އުޅޭ ބަޔަށެވެ.
ކައި ނިމިގެން ތިން ފިރިހެނުން އެކުގައި ނިކުތީ ބޭރަށެވެ. ޔޫވިން އޭނާގެ ކޮޓަރިއަށް ވަނީ ހަދަންޖެހޭ އެސައިމެންޓްތައް ބައިވަރޭ ކިޔާފައެވެ. ބަދިގެ މަސައްކަތްތައް ނިމުމުން ނަސްރާވެސް ދިޔައީ ކޮޓަރިއަށް ވަންނާށެވެ. މަންހަލްވެސް ބޭރުގައި މަޑުނުކޮށް ކޮޓަރިއަށް ވަނީ ނިދަން ތައްޔާރުވާށެވެ. ފާހަނައެތެރެއަށް ފިޔަވަޅު އެޅުނީ ބޮކި ދިއްލާފައިކަން މަންހަލްއަށް އެނގުނެވެ. އެހެނަސް ވަށައިގެން އޭނާއަށް ފެނުނީ އަނދިރިކަމެވެ. އޭނާގެ ހިތުގައި ބިރުވެރިކަން ވަށާލިއެވެ. ދެއަތްތިލަ ނުފެނުނެއް ކަމަކު އަތް ތުރުތުރު އަޅަން ފެށިކަން މަންހަލްއަށް އެނގެއެވެ. ނޭވާ ހާސްވެ ދެންމެ ދެންމެ ނޭވާ އުފުރިގެން ހިނގައިދާނޭ މަންހަލްއަށް ހީވިއެވެ. ދަލުން މުޅި މީހާ ފެންވެރެން ފެށިއެވެ. މަޑުމަޑުން މަންހަލް ތިރިވެ ލަތްވެލީ ފާހަނާ ދޮރުގެ ދާރައިގައެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން މަންހަލްއަށް މޫނުގައި އަތް އެޅުނެވެ. ޒިއާމްގެ ބާރު ހުނުމުގެ އަޑުއޭނާގެ ކަންފަތް ކައިރީ ގުގުމައިގެން ދިއުމާއެކު ނުހަނު ބާރަށް އޭނާއަށް ހަޅެއް ލަވައިގަނެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތީ އޭނާގެ އިޒުނަ ހޯދާލުމެއް ނެތިއެވެ.
“ޔަޒްދާން އަންނާނެ.. މަންހަލް. ކާމް ޑައުން. ޔަޒްދާން.. ޕްލީޒް އަވަހަށް އާދޭ…” މަންހަލް މަޑުމަޑުން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެހެނަސް އޭނާ މުޅިން ހަމައަކަށް ނޭޅުނެވެ.
އޭކާވީސްވަނަ ބުރިއަށް ލިފްޓު މަޑުކުރުމާއެކު ސުހައިލްއާއެކު ޔަޒްދާންއާއި ޔުނާންވެސް ފޭބީ ޔަޒްދާންއަށް ހަލީލުމެންގެ އެޕާޓްމެންޓު ދައްކާލާށެވެ. ލިފްޓުން ހަމަ ފޭބުމާއެކު ކަނުއަނދިރިކަން ވެރިވެގެން ދިޔައެވެ.
“އަނެއްކާވެސް އެދިޔައީ. މިހަފްތާގަ މިހާރު ދެވަނަ ފަހަރު.” ޔުނާން ބުންޏެވެ.
“ދެން އެކަންވެސް ހައްލުކުރަން ވެއްޖެދޯ. އެންމެ މީހެއް ދެމީހެއް އުޅޭ ތަނެއް ނޫންވިއްޔަ.” ސުހައިލްމެންގެ ވާހަކަތަކުން ޔަޒްދާންއަށް އެނގުނީ ކުރިންވެސް އެތަނުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަމެވެ.
ކުއްލިއަކަށް ޔަޒްދާންގެ ސިކުނޑި މަންހަލް ހަނދާންކޮށްދީފިއެވެ. އަތުގައި އޮތް ފޯނުން ފްލެޝްލައިޓް ދިއްލާލަމުން ބާރު ދުވެއްޔެއްގައި އޭނާ ދިޔައީ ސިޑިއާއި ދިމާއަށެވެ. ޔަޒްދާން ދިޔަގޮތުން ހާސްވެ ތިބެ ޔުނާންއާއި ސުހައިލްވެސް އޭނާގެ ފަހަތުން އައެވެ. ސިޑީގެ ދެތިން ހަރުފަތް ދޫކުރަމުން ޔަޒްދާން ސިޑިން އެރިއެވެ. ދުވެފައި އައިސް އޭނާ އެޕާޓްމަންޓުގެ ދޮރު ހުޅުވާލިއެވެ. ނަސްރާއާއި ޔޫވިން ތިބީ އެކޮޓަރީގެ ދޮރު ކުރިމަތީގައެވެ. ޔޫވިންއާއި ނަސްރާއާއި ދެމެދުންލާފައި އައިސް އަވަސް ހަރަކާތަކާއެކު ޔަޒްދާން ދޮރު ހުޅުވާލީ ހާސްވެ ހުރެއެވެ. ކޮޓަރީގެ ތެރެއިން މަންހަލްގެ އަޑު ޔަޒްދާންއަށް އިވެއެވެ. ފޯނުން އަލިކޮށްލުމާއެކު ފާހާނާ ދޮރު ކައިރީ އިން މަންހަލް އޭނާއަށް ފެނުނެވެ. އެނދުމައްޗަށް ފޯނު އެއްލުމާއެކު ބާރު ހިނގުމުގައި އޭނާ އައިސް މަންހަލްގެ ގާތަށް ތިރިވެލާ އޭނާގެ އަތުގެ ތެރޭގައި މަންހަލް ހައްޔަރުކޮށްލިއެވެ. މަންހަލްގެ ދެއަތުން ޔަޒްދާންގެ ގަމީހުގައި ބާރަށް ހިފަހައްޓާލިއެވެ.
“ޔަޒްދާން މިހުރީއޭ. އަހަރެން މިހުރީ މަންހަލްގެ ގާތުގައި..” އޯގާތެރިކަމާއެކު ޔަޒްދާން ބުންޏެވެ.
“ދައްތާ. އުއްބައްތިއެއް ނެތްތަ؟ އަލިކޮށްލާނެ އެއްޗެއް ގެނެސްދީބަލަ ވަރަށް އަވަހަށް.” ކޮޓަރީގެ ދޮރު ކައިރީ ހުރި ނަސްރާއަށް ގޮވާލާފައި ޔަޒްދާން ބުންޏެވެ.
“މަންހަލް ކަނބޮޑު ނުވޭ! އަހަރެން މިހުރީއޭ.. ފުންކޮށް ނޭވާލާބަ..” މަންހަލްގެ އިސްތަށިގަނޑުގައި ނިތްކުރި ޖައްސާލާފައި ޔަޒްދާން ބުނެލިއެވެ. ފުންކޮށް ނޭވާލެވޭތޯ މަންހަލް މަސައްކަތް ކުރިއެވެ.
“ޔޫ އާރ ސްޓްރޯންގް. ޔޫ އާރ އަ ސްޓްރޯންގް ގާލް މަންހަލް. ޔޫ އާރ މައި ވައިފް. އަހަރެންގެ ވައިފްއަށް ވެވޭނީ ވަރަށް ހިތްވަރުގަދަ މީހަކަށް.” މަންހަލް ހަމަޖެހެންދެން އޭނާ ގައިގައި ހިފަހައްޓާލައިގެން އިނދެ ޔަޒްދާން ވާހަކަދެއްކިއެވެ.
އިރުކޮޅެއް ފަހުން ނަސްރާ އައީ ފާނޫޒެއް ހިފައިގެންނެވެ. އޭތި ގެނެސް ކޮޓަރީގައި ބަހައްޓާލަން ވީއިރަށް ކަރަންޓުވެސް އައިސްފިއެވެ. ފާނޫޒު ހިފައިގެން ނަސްރާ އެނބުރި ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
“މިރެއަކު ނުދެވޭނެ ދެން. ސޮރީ އިނގޭ.” ކޮޓަރީގެ ދޮރު ކައިރީހުރެފައި ޔުނާން ދާން ހިނގައިގަތުމުން ޔަޒްދާން ބުންޏެވެ. ބޯ ޖަހާލާފައި ޔުނާން ދިޔައީ ހިނިތުންވެލާފައެވެ. މަންހަލް ހަމައަކަށް އެޅުމުން ޔަޒްދާން އޭނާ އަތުލަފިކޮށްގެން ގެނެސް އެނދުމަތީގައި ބޭންދިއެވެ. ނަސްރާއާއި ސުހައިލް އައިސް މަންހަލްގެ ގާތުގައި މަޑުކޮށްލިއެވެ. ވަންނަންނުކެރިފައި ހުރި ފަދައަކުން ޔޫވިން ހުރީ ދޮރުމަތީގައި ބަލަހައްޓައިގެންނެވެ. ނަސްރާ މަންހަލްގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ. ޔަޒްދާން އައީ ފެންތައްޓެއް ހިފައިގެންނެވެ. އިރުކޮޅަކު ތިބެލާފައި ސުހައިލްގެ ދެމަފިރިން ތެދުވީ ދާށެވެ. މަންހަލްއާއި ޔަޒްދާންއަށް ވަގުތު ދޭށެވެ.
“ދޮންބެ ވަރަށް އުފާވޭ ޔަޒްދާން ފަދަ އޯގާތެރި ފިރިއެއް މަންހަލްއަށް ލިބުނީމަ. ދޮންބެ އުންމީދު ކުރަން ޔަޒްދާން ދުވަހަކުވެސް މަންހަލްއަށް ދެރައެއް ނުދޭނެކަމަށް.” ކޮޓަރިން ނިކުމެގެން ދަމުން ޔަޒްދާންގެ ކޮނޑުގައި ފިރުމާލާފައި ސުހައިލް ބުނެލިއެވެ. ހިނިތުންވުމެއް ބަދަލުކޮށްލުމަށްފަހު އޭނާ އައިސް ދޮރު ލައްޕާ ތަޅުލީއެވެ.
މަޑުހިނގުމެއްގައި ޔަޒްދާން އައެވެ. އެނދުމަތީގައި އިން މަންހަލްގެ ގާތުގައި އިށީނެވެ. ބަސްބުނުމެއް ނެތި އޭނާ މަންހަލްއަށް ބަލައިލުމާއެކު މަންހަލްގެ ނަޒަރުވެސް އޭނާއަށް އަމާޒުވިއެވެ. އެސްފިޔަތައް ތިރިކޮށްލުމާއެކު މަންހަލް އޭނާގެ ބޯ ޔަޒްދާންގެ ކޮނޑުގައި ޖައްސާލިއެވެ. ހިމޭންކަމުގައި އިރުކޮޅެއް ވަންދެން ދެމީހުންވެސް ތިއްބެވެ. އިސްވެ މަންހަލް ދުރުކޮށްލީ ޔަޒްދާންއެވެ. މަންހަލްގެ އަތުގައި ހިފާލައިގެން އޭނާ ކޮޅަށް ތެދުވިއެވެ. ކޮޓަރީގައި ހުރި ދެގޮނޑި ހިފައިގެން އައިސް އޭނާ ބެހެއްޓީ ކުޑަދޮރު ކައިރީގައެވެ. ފަރުދާ ކަހާލާ އޭނާ ކުޑަދޮރު ހުޅުވާލިއެވެ. ފިނި ފިނި ވައިރޯޅިތައް ކޮޓަރިތެރެއަށް ވަންނަން ފެށީ އެއްވެސް ހުރަހެއް ނެތިއެވެ. މަންހަލްއަށް ގޮނޑި ކައިރިކޮށްލައިދީފައި ޔަޒްދާންވެސް ގޮނޑީގައި އިށީނދެލިއެވެ. ދުރުދުރުން ފެންނަން އޮތް ފަރުބަދައިގެ އެކި ތަންކޮޅުކޮޅު ވަނީ ދިއްލިފައެވެ. އެއިމާރާތަށް ވުރެ އުސް އެހެން އިމާރާތެއް ކުރިމަތީގައި ނެތުމުން އެމަންޒަރު އިތުރަށް ހިތްގައިމު ކޮށްދެއެވެ. ވަށައިގެން ބަންދުވެފައިވާ ކަމުގެ އިހުސާސް ނުކުރެވޭތީއެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ.
“އަހަރެން ބޭނުމެއް ނޫން މިހެން ވާކަށް. އަހަރެން ބޭނުން ރަނގަޅުވާން.” އިސްވެ ވާހަކަދައްކަން ފެށީ މަންހަލްއެވެ.
“ސައިކޮލޮޖިސްޓަކަށް ދައްކަން ވީނު؟ މަޖްދާގެ ނަންބަރު އަހަރެންގެ އަތުގައި އެބޮތް.” ޔަޒްދާން އަނބިމީހާގެ މޫނަށް ބަލައިލިއެވެ. އޭމޫނުމަތި އަދިވެސްވީ މިލާފައެވެ.
“ޔަޒްދާން އަހަރެންނަށް ފުދޭ. އަހަރެންގެ ވާހަކަތައް އަހާނެ މީހަކަށް ތިއަށްވުރެ އޯގާތެރި މީހަކު ނެތް.” މަންހަލްގެ ފުށުން އޭނާއަށް ތައުރީފުގެ ބަހެއް އިވުނީ އަދި އަލަށެވެ. ޔަޒްދާންގެ ހިތް އުފަލުން ނަށައިގަތެވެ. ބޭނުންވީ މަންހަލް އޭނާގެ އަތުގެ ތެރެއަށްލާ ބޮނޑިކޮށްލާށެވެ.
“މަންހަލް..” އެއަޑުގައި ތަފާތު ޖަޒުބާތެއް ވިއެވެ. މަންހަލްއަށްވެސް އެކަން އެނގުންވިއެވެ. އެހެނަސް އޭނާ ފިރިމީހާއަށް ނަޒަރު ހުއްޓާލިއެވެ. މަޑުމަޑު އަޑެއް އޭނާގެ އަނގައިން ނިކުތެވެ.
“ރުޅި އަންނާނަންތަ؟ ހިތްހަމަ ނުޖެހޭނަންތަ؟” ޔަޒްދާން ފަސްޖެހުނެވެ. މަންހަލްއާއި ނަޒަރު ސީދާކޮށްގެން އިންނާކަށް އޭނާއަކަށް ނުކެރުނެވެ.
“ކީއްވެ؟” މަންހަލް އަހާލިއެވެ. ޔަޒްދާން ބުނަން އުޅޭ ވާހަކައެއް އަޑުއަހާހިތުން އޭނާގެ ހިތް ތެޅި ފޮޅެން ފެށިއެވެ.
“މިވާހަކަ ބުނީމަ.” ޔަޒްދާންގެ ނަޒަރު ދަތުރު ކުރީ ކުޑަދޮރުން ބޭރަށެވެ.
“ބުނީމައެއްނު އެނގޭނީ.. އެހާ ފަސޭހައިން އަހަރެން ރުޅިއެއް ނާންނާނަން. ޔަޒްދާންވެސް އެހާ ގޯސް އެއްޗެއް ބުނާނޭ އަހަރެންގެ ހިތެއް ނުބުނޭ.” މަންހަލް އޭނާގެ ގޮނޑި އަނބުރާލިއެވެ.
“ދެން… އަޅާނުލާ.” ވާހަކަދައްކަން އަނގަހުޅުވާލާފައިވެސް އޭނާގެ ދުލުން ބަހެއް ބޭރެއް ނުވިއެވެ. މަންހަލް ތުންކޮޅު ނެރެލިއެވެ. އޭނާގެ ހިތް އެވަރަށް ތަޅުވާލާފައިވެސް އެއްޗެއް ނުބުނުމުންނެވެ.
“ބުނެބަލަ. ޕްލީޒް..” މަންހަލް އާދޭސްކޮށްލިއެވެ.
“ހިތްހަމަ ނުޖެހެއްޗޭ. މަންހަލް އަނެއްކާ ދުރުން އުޅެން ފަށައިފިއްޔާ އަހަންނަކަށް ކެތެއް ނުވާނެ. މަންހަލް ބޭނުން ނުވަންޏާ ބުނޭ. އަހަރެން މަންހަލްއަށް ޓައިމް ދޭނަން.” ފުން ނޭވާއެއް ދޫކޮށްލަފައި ޔަޒްދާން މިފަހަރުވެސް ބުނަން އެއުޅުން ވާހަކައެއް ނުބުންޏެވެ.
ފަސްޖެހިފައި އިނދެވެސް އޭނާ މަންހަލްއާއި ކުރިމަތިލިއެވެ. މަންހަލްގެ ދެއަތްތިލައިގައި ހިފާލުމާއެކު އޭނާގެ ދެލޮލަށް ބަލަހައްޓައިގެން އިނެވެ.
“އަހަރެންނަށް ފުރުސަތެއްދީ.. އެބިރުވެރި ހަނދާންތަކުގެ ބަދަލުގައި އުފާވެރި ހަނދާންތަކެއް ގެނެސްދިނުމަށް އަހަންނަށް ފުރުސަތެއްދީ.” އެދެލޮލުގައިވި ފަސްޖެހުން މަންހަލްއަށް ވެސް ސިއްރެއްނުވިއެވެ. އެހެނަސް ޔަޒްދާން އެބުނި އެއްޗެއް ނަގައިގަނެވުމާއެކު އޭނާގެ މޫނު ހުދު ކާފޫރުކޮޅަކަށް ވެއްޖެއެވެ. އަވަހަށް އިސްޖަހާލެވުނީ އެހެންވެއެވެ.
“އަހަރެން ބުނީމެއްނު ރުޅި ނާންނައްޗޭ. މަންހަލް ބޭނުން ނުވަންޏާ ބުނޭ. މީ އަހަރެން ނުދައްކާ ވާހަކައަކަށް ހަދާނަން.” ޔަޒްދާން ހީކުރީ މަންހަލް ހިތްހަމަ ނުޖެހުނީ ކަމަށެވެ. ޔަޒްދާން ބަލަން އިންދާ މަންހަލް އޭނާގެ އެސްފިޔަތައް އުފުލާލިއެވެ. އޭނާގެ ކޯތާފަތުގައި ކަނާއަތުން ފިރުމާލިއެވެ. އަނެއްކާވެސް އޭނާގެ އަތް ޖޯޑުކޮށްލީ ޔަޒްދާންގެ އަތާއެވެ. ޖަވާބެއްގެ އިންތިޒާރުގައި އިން ޔަޒްދާންގެ ދެލޮލަށް ބަލަން އިން މަންހަލްގެ ތުންފަތުގެ އެއްކޮޅަށް ދެމިލިއެވެ.
“އަހަރެމެންނަކީ ދެމަފިރިން. އަނބިމީހާއަކީ ފިރިމީހާގެ ހައްގެއް. ވީއިރު ޔަޒްދާން ތިހެން ބުނުމަކުން އަހަރެން ރުޅިއައިސް ހިތްހަމަ ނުޖެހެންވީ ސަބަބެއް ނެތް. ތިއީ ކެތްތެރި ފިރިއެއް. އޯގާތެރި އަޅާލާ ފިރިއެއް. ޔަޒްދާން ދޫކޮށްލާފަ ދާކަށް އަހަރެން ނުވިސްނަން. އަހަރެން ބޭނުމީ އަހަރެންގެ ހަޔާތުގެ ފަހު ވަގުތާ ޖެހެންދެންވެސް ޔަޒްދާންގެ އަތްނބެއްގެ މަގާމުގަ އިންނަން. ސުވަރުގެއިން އަހަރެމެން ބައްދަލުވުމީ އަހަރެންގެ ދުޢާ.” މަންހަލްގެ ދުލުން ބޭރުވި ލަފްޒުތަކާމެދު ހުދު އޭނާވެސް ހައިރާންވިއެވެ. އެފަދައިން ވާހަކަދެއްކޭނޭ އޭނާ ހިޔެއްނުކުރެއެވެ. މަންހަލްއަށް ހީވާ ކަހަލައެވެ. އޭނާގެ އަނގައިން ލަފުޒުތައް ގެތެމުން ނުކުންނަނީ އަމިއްލަ އިހްތިޔާރެއް ނެތިއެވެ. “އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ކުރުމަށްވުރެ ކެތްތެރިވެ ހުރެ އެކަމެއް ކުރުމަށް ޔަޒްދާން ސަމާލުވޭ. އަހަރެން އަދި ކުޑަ ދުވަސްކޮޅެއް ބޭނުން. ކުޑަކުޑަ ދުވަސްކޮޅެއް. އަހަރެންނަށް އިންތިޒާރު ކުރާނަންތަ؟”
“މަންހަލް ބޭނުން ގޮތެއް. އަހަރެން އަބަދުވެސް މަންހަލްއަށް އިންތިޒާރު ކުރަން. މިއަދު އަހަރެން ވަރަށް އުފާވެއްޖެ. މަންހަލްގެ އިހުސާސްތައްވެސް އަހަރެންނަށް ތިހާ ފާޅުކަން ބޮޑު ގޮތެއްގައި ކިޔައިދިނީމަ. މިރޭ އަހަރެންގެ ހިތަށް މިލިބުނު އުފަލާއި ހިތްހަމަޖެހުން ބަޔާންކޮށްދޭނެ ގޮތެއް އަހަރެންނަކަށް ނޭނގެ.” މަޑުމަޑުން ޔަޒްދާންގެ ތުންފަތްވެސް ދެމިލިއެވެ. އޭނާގެ ހިތް ހަމައަސްލުވެސް ނަށަނީއެވެ. ބަސްބުނުމެއްނެތި ޔަޒްދާން ބަލަހައްޓައިގެން އިންނަން ފެށި ގޮތުން މަންހަލް ރަކިވެއްޖެއެވެ. މޫނުމަތީގައި އަތް އަޅާލެވުނީ އެހެންވެއެވެ.
“މޭ އައި؟” ގޮނޑިން ތެދުވެގެން މޭޒު ކައިރިއަށް ގޮސް އެނބުރި އައި ޔަޒްދާން ވާހަކަދެއްކި އަޑަށް މަންހަލްއަށް ބަލައިލެވުނެވެ. އެއްއަތުން ފިނިފެންމަލެއް ހިފައިގެން އަނެއްއަތުން މަންހަލްގެ ބުރުގަލުގައި އަތްލައިގެން ޔަޒްދާން ހުއްޓެވެ. އިންކާރު ކުރާކަށް މަންހަލްއަކަށް ނުކެރުނެވެ. އެއްބަސްވާކަށްވެސް އޭނައަކަށް ނުކެރުނެވެ.
“ބުނެބަލަ. އޯކޭތަ؟” އަނެއްކާވެސް ޔަޒްދާން އަހާލިއެވެ. އިސްޖަހާލައިގެން އިނދެ މަންހަލް ބޯޖަހާލިއެވެ. އޭނާގެ ބުރުގަލުގެ ދޮޅިއަށް ޔަޒްދާން ދަމާލިއެވެ. ބުރުގާ ބޭލުމާއެކު ޔަޒްދާން އެގެންގޮސް ބޭއްވީ އޭނާ އިން ގޮނޑިމަތީގައެވެ. އެނބުރި އައިސް މަންހަލްގެ ކުރިމައްޗަށް ހުއްޓި ފަރުވާތެރިކަމާއެކު އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް މާ ވައްދާލިއެވެ. ނިތްމަތިން އިސްތަށިކޮޅެއް ކުރިމައްޗަށް ވައްޓާލިއެވެ. މަންހަލްގެ ކުޑަކުޑަ މޫނުކޮޅަށް ބަލަން ޔަޒްދާންއަށް ހުރެވުނެވެ.
“ވައިފީ..” މަޑުމަޑު އަޑަކުން ޔަޒްދާން ކިޔާލިއެވެ.
މަންހަލް ލަދުގަނެފައި އެސްފިޔަތައް ތިރިކޮށްލީއެވެ. ލުއި ހިނިތުންވުމެއް ޔަޒްދާންގެ ތުންފަތަށް ވެރިވިއެވެ. މަންހަލްއާއި ގާތަށް ފިޔަވަޅެއް އަޅާލާ އޭނާގެ ނިތުގައި ޔަޒްދާން ބޮސްދިނެވެ. މަންހަލްގެ އުނަގަނޑުގައި އަތް އަޅުވާ ދަމާލުމާއެކު އޭނާގެ ގައިގައި ބައްދާލައިގެން ޔަޒްދާން ހުއްޓެވެ. ދުރުކޮށްލަން ބޭނުންނުވެފައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



