Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަތްވަނަ ބައި)

Starlight
Starlight Level 1
November 30, 2023 5 Mins Read
2 Comments

ކަރުދާސްތަކުގައި ހުރި ނޯޓުތަކަށް ބަލަމުން އަލްޔާން ގިޓާގެ ނަރުތަކުގައި އަތް ހިންގާލިއެވެ. ވިސްނައިގެން އިނދެ ކަރުދާހަށް ބަލަމުން މަޑުމަޑުން ފަހަރަކު ނޯޓެއް ކުޅެމުން ދިޔައިރު އިރުއިރުކޮޅާ އަތުގައި އޮތް ފަންސޫރުން ގަނޑުގައި އެކި އެއްޗެހި ފާހަގަކުރަމުން ގެންދިޔައެވެ. އެއަށްފަހު އަނެއްކާވެސް އަލުން އެ ބައިތައް ކުޅެމުންދިޔައިރު އޭނާ އެކަމަށް ގޮސް ހުސްވެފައިވާ މިންވަރު، ބަލައިލި ކޮންމެ މީހަކަށްވެސް ފަސޭހަކަމައެކު ނަގައިގަނެވޭނެއެވެ.

 

ގިޓާގެ ނަރުތަކުން އަޅުވަމުންދިޔަ ހިތްގައިމު ރާގަށް ގެއްލި ހުސްވެފައި އިން އަލްޔާންއަށް ސިހުމެއް ލިބުނީ ސިޓިންރޫމުގެ ބިއްލޫރި ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އެއާއިއެކު ކުޑަކޮށްދޮރު ހުޅުވާލައިގެންހުރި އިޝްރާ ފެނިފައި އޭނާއަށް ހަމަޖެހުމެއް ލިބުނެވެ.

 

“ކޮންއިރަކު އައީ؟” ގިޓާ ހިފައިގެން ތެދުވެ ސްޓޭންޑްގައި ބަހައްޓާލަމުން އަލްޔާން އަހާލިއެވެ.

 

“ހަމަ ދެންމެ މިއައީ! މީހަކު މާ ހަމަޖެހިލާފައި ގިޓާ ކުޅެން އިނީމައި ކުއްލިއަކަށް ސިއްސުވާ ނުލާންވެގެން ޓަކިޖަހާލީ. އެކަމަކުވެސް ހަމަ އެއްތާކު އެއްނު މި ޖެހުނީ؟” ހެވިލާފައި އިޝްރާ ޖަވާބުދިނެވެ. އެއާއިއެކު އަލްޔާންވެސް ހެވިފައިހުރެ ބޯ ހޫރާލިއެވެ.

 

“އާންއަށް ހީވަނީ ކޮންމެވެސް އެހެން ކަމެއްހެން! ނޫނިއްޔާ އިޝް ތިއީ އާންއަށް އުނދަގުލެއް ކޮށްލެވޭނެ ގޮތެއް ނުފެނިފައި ހުންނަ މީހެއް! ބުނޭ! ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ!” ތަޙުޤީޤަކަށް ޙާޒިރުކޮށްފައި އިން މީހަކާއި ސުވާލުކުރާފަދައިން އަލްޔާން، އިޝްރާއާއި ސުވާލުކޮށްލިއެވެ.

 

“އޯ ޕްލީޒް! އައި ހޭވް ނަތިންގް އައި ވޯންޓް! އައި ޖަސްޓް ޑިޑް ދެޓް ބިކޯޒް އައި ރެސްޕެކްޓް މިއުޒިކް! ނަތިންގް އެލްސް!” އަލްޔާންއަށް ރައްދުދެމުން އިޝްރާ ބުނެލިއެވެ.

 

“ސައުންޑްސް އެކްސެޕްޓަބަލް!” އިޝްރާގެ ޖަވާބުން ހިތްހަމަޖެހިފައި ހުރެ އަލްޔާންް ބުނެލިއެވެ.

 

“މަންމަ ބުނީ އާން ބުންޏޯ ބްރޭކަށް އައިއްސަ އާންއަށް ގޮވާށޭ! އެހެންވެ މިއައީ! އިޝްއާއި އެއްކޮށް ސައިބޮންޏާ އަވަހަށް ހިނގާ! 1 ގަޑިއިރު ތެރޭގައި ކުރާނެ ކަމެއް ކޮށްގެން އަނބުރާ ސްކޫލަށް ދާންޖެހޭ!” ތިރިއަށް ފައިބަން ހުންނަ ސިޑިއައި ދިމާލަށް ހިނގައިގަންނަމުން އިޝްރާ ބުނެލިއެވެ. އެއާއިއެކު އަލްޔާންވެސް ދުވެލާފައި އައިސް ފަހަތުން އަރާ ހަމަކުރިއެވެ.

 

“އާންވެސް ވަރަށް ފޫހިވެގެން މިއުޅޭނީ ގޭގައި އިނދެ އިނދެ! އަޅެ އާން ގޮވައިގެން ދޭބަލަ ބްރޭކަށްފަހު ދާއިރު! އާންވެސް މިއީ ހަމަ ތި ސްކޫލުން 5 އަހަރު ވަންދެން ކިޔެވި މީހެކޭ! ހަމައެކަނި ސްކޫލުން ގްރެޖުއޭޓް ނުވާކަން! އެކަމަކުވެސް އިޝްގެ ކޮއްކޮގެ ގޮތުން ވިޔަސް ގެންދެބަލަ! ޕްލީޒް އިޝް!” ޢިޝްރާގެ ފަހަތުން ފައިބައިގެން އަިސް ކާމޭޒު ދޮށުގައި އިށީންނަމުން އަލްޔާން ބުނެލިއެވެ.

 

“އިޝްއަކަށް ތިކަމުގައި އެއްޗެއް ނުބުނެވޭނެ! ކަންކަމުގައި އިތުރު މީހުން ބައިވެރިކުރެވޭނީ އެކަންކަން ރާވާ ހިންގާ މީހުނަށް! މިކަން ކުރިއަށް ގެންދަނީ މިއަހަރުގެ އާރޓްސް ކްލަބާއި މީޑިއާ ކްލަބް ގުޅިގެން! އާރޓްސް ކްލަބުގެ ކެޕްޓަން ރަނާ އެއީ ކަންނެތްކަމުގެ އެއްވަނަ. އެހެންވީމައި އޭނާއަށް އެއްވެސް މައްސަލައެއް ނޯންނާނެ ކިތަންމެ ގިނަ ބަޔަކު ގެނައަކަސް، އޭޒް ލޯންގް އޭޒް ހަރ ވޯކްލޯޑް އިޒް ރެޑިއުޒްޑް. ދެން މިކަމުގައި އިސްކޮށް އުޅޭނީ މީޑިއާ ކްލަބްގެ ކެޕްޓަން މަލްނާ. އެހެންވީމައި މަލްގެ ހުއްދަ ލިބިގެން ނޫނީ އިޝްއަކަށް ނޯންނާނެ އާން ގެންދެވޭކަށް!” އަލްޔާންއަށާއި ދެމީހުންނަށް ކާން ތައްޓެއް ހިފައިގެން އައިސް މޭޒުގައި ބަހައްޓާލަމުން އިޝްރާ ބުނެލިއެވެ. އެއާއެކު ދެއަތް އުރަށް ނަގައިގެން ކުޑަކުއްޖެއްހެން ތުންދަމައިގެން އަލްޔާން އިނެވެ.

 

“ދެން ތުންދަމައިގެން ނީނދެބަލަ! އިޝް މިއަދު ގޮސް މަލްއާއި ވާހަކަދައްކާނަމޭ! އޭނަ އޯކޭ ދީފައްޔާ މާދަން އާން ގެންދާނަން! އޯކޭ އެއްނު؟” އިޝްރާ ބުނެލިއެވެ. އެއާއެކު އަޑު އިވުނު ނަމަކުން އަލްޔާން، އިޝްރާއާއި ދިމާލަށް އެނބުރިލިއެވެ.

 

“ތިބުނީ ކްރައިބޭބީ މަލްގެ ވާހަކަތަ؟” އަލްޔާންއަށް ޖުމްލަ ފުރިހަމަކުރެވުނުކަމެއް ނޭނގެ، އޭނާގެ ބޮލަށް އެރީ އިޝްރާގެ އަތުގެ ހޫނު ޙަމަލާއެކެވެ. އެއާއެކު ބޮލުގައި އަތް އަޅާލުމަށްފަހު އަލްޔާން، އިޝްރާއާއި ދިމާލަށް ބަލާލީ، އެހާ ހޫނު ޙަމަލާއެއް ދިން ސަބަބެއް ބުނެދޭށޭ ބުނާ ފަދައިންނެވެ.

 

“ކިތައް ދުވަހު ބުނަންވީ މަލްއާއި ދިމާލަށް ކްރައިބޭބީ ނުކިޔާށޭ! ޝީ އިޒް ނޮޓް ވަން! އާން އެއްޗެހި ކިޔާ ކިޔާ އޭނާ ރޮއްވާލިއަކަސް ޝީ އިޒް ނޮޓް އަ ރިއަލް ކްރައިބޭބީ! އާން މައިތިރިކުިރެވޭނީ އިޝްއަށް އެކަނި! އަން ކިޔާ އެއްޗިއްސަށް ނުރޮއި ހުރެވޭނީވެސް އިޝްއަށް އެކަނި! އެހެންވީމައި އޭގެ މާނައަކީ ދެންް ތިބި އެންމެނާއި ދިމާލަށް ކްރައިބޭބީއޭ ކިޔާށެކޭ ނޫން!” ހިތްހަމަނުޖެހިފައި އިނދެ ތައްޓަށް ކާއެއްޗެހި އަޅަމުން  އިޝްރާ ބުނެލިގޮތުން އަލްޔާންގެ ހިތުގައި ޖެހުނެވެ. އެތައް ފަހަރަކު އިޝްރާ ރުޅިއަރުވައި ހެދިޔަސް، އަދި ކުރިން ރަށުގައި އުޅުނު އިރު އެކި ކުދިންނާއި ދިމާލަށް އެއްޗެހި ކިޔައި ހެދުމުން އެކަން އެގޮތަށް ނުކުރުމަށް ބުނެ އިޝްރާ އެތައް ވާހަކައެއް ދެއްކި ކަމުގައި ވިޔަސް މިއަދު އެބުނި ވަރާއި ގާތަށްވެސް ހަރުކަށިކޮށް އިޝްރާ އޭނާއާއި ދިމާލަށް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

 

“ސޮޮރީ އިޝް! އައިމް ރިއަލީ ސޮރީ! މިއަދު އެހެން މި ބުނީ މަލްއާއި ދިމާލަށް އެއްޗެހި ކިޔާކަށް ނޫން! އެއީ ހަމަ އެ މަލް ތޯ ބަލަންވެގެން އެހެން މި އެހީ! އާން ހަނދާނެއް ނެތް މަލްގެ ފުރިހަމަ ނަމެއް! އެހެންވެ އެެހެން މި ބުނެލީ! އާން މަލް ގާތުވެސް ސޮރީ ބުނާނަން! މަލް ގާތު ބުނޭ އެހެން!” އަލްޔާންގެ ތަށީގައި އޮތް ބިސްގަނޑުން އެއްފަޅި އިޝްރާގެ ތައްޓަށް ލަމުން އަލްޔާން ބުނެލިއެވެ. އަދި އިޝްރާގެ ފަރާތުން ޖަވާބެއް ލިބޭތޯ އަލްޔާންގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

 

“ގޯސްކޮށް ކަމެއް ކުރެވި، އަމިއްލައަށް އެކަން ފާހަގަވެގެން އެކަން އަލުން ތަކުރާރު ނުކޮށް ހުރެވެންޏާ މާފުކުރެވިދާނެ! އެހެންނޫނީ މާފެއްނެތް. އިޝް އަހާނަން މަލް ގާތު. ފަހުގެ ނިންމުން ނިންމާނީ މަލް. ސޯ ޑޯންޓް ރެއިޒް ޔުއަރ ހޯޕްސް ޓޫ ހައި އަޕް. އަދި ހަނދާންކުރާތި! މަލް އޯކޭ ދީފިއްޔާ މާދަމާއިން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނު އެއްކޮށް އުޅެންޖެހޭނީ އެކޮޅުގައި. 7 ޖަހަންވާއިރަށް ކުރާ ކަމެއް ކޮށްގެން ސްކޫލަށް ދާންޖެހޭނެ. މުޅި ސްކޫލްގެ ހުރިހާ ކަމެއް އެއްކޮށް ނިމެންދެން އަބަދުވެސް އުޅެން ޖެހޭނެ. އަމިއްލައަށް އިސްނެގީމައި މިކަން ނުނިމެނީސް ފަހަތަކަށް ނުޖެހެވޭނެ. މިގޮތާއި އެއްބަސްތަ؟”  ހުރިހާ ތަފްސީލެއް ދިނުމަށްފަހު އިޝްރާ،  އަލްޔާން ގާތު އަހާލިއެވެ.

 

“ޔެސް މޭމް!” އިޝްރާގެ ޖުމްލަ ނިމުމާއިއެކީ ސެލިއުޓް ނަގާފައި އަލްޔާން ޖަވާބުދިނެވެ. އެއާއިއެކު އޭނާ ހިނިތުންވެލިއެވެ.

 

“އޯކޭ ދެން، އިންޖޯއި ޔުއަރ ޑޭ! އައިލް ގެޓް ގޮއިންގް!” ކޭތަށި ދޮވެލުމަށްފަހު ކޮޓަރިއާއި ދިމާލަށް މިސްރާބު ޖަހަމުން އިޝްރާ ބުނެލިއެވެ.

 

“އޭ މަޑުކުރޭ! އާންވެސް ދާނަން!” ކޭތަށި ސިންކު ކައިރީ ކައުންޓަރު މަތީގައި ބަހައްޓާލަމުން އަލްޔާން ބުނެލިއެވެ.

 

“އޯ ހެލޯ! މިބުނީ ދޯ މަލް ގާތު އަހާފައޭ އާން ގެންދެވޭނީ! އެހެންވީމައި މިއަދު އިހަށް ގޭގައި އިނދެބަލަ!” އަލްޔާންގެ އަޑު އިވުމާއެކު ފަހަތަށް އެނބުރިލުމާއިއެކީ އިޝްރާ ބުނެލިއެވެ.

 

“ސާބަސް! ގޭގައި އިނދެ އިނދެ ފޫހިވެގެން މިބުނީ އިޝް ލާން ދާ ވާހަކަ! އިޝް ލާފައި އާން އަނބުރާ އަންނާނަމޭ ގެއަށް. ތިބުނާހާ ބިޒީ ކޮށް އުޅެން ޖެހިދާނެކަމަށް ވަންޏާ ކީއްކުރަން އަރާމުކޮށްލަން ލިބުނު ހަމައެކަނި ދުވަހު އެތާ އެނބުރެނީ؟” އައިގޮތަށް އައިސް އިޝްރާގެ ކޮނޑަށް އަތް ވައްޓާލަމުން އަލްޔާން ބުނެލިއެވެ.

 

“އެހާ ގިނަ ދުވަސް ކޮއްފައި ރަށަށް އެރިތާ ދެދުވަސް ނުވަނީސް ގެއިން ބޭރަށް ނުކުންނަން ތިއުޅެނީ! އިޝް ލާފައި ނުގެއްލި އަނބުރާ ގެއަށް އަންނަން އެނގޭނެތަ؟” އެހުރިގޮތަށް ހުރެ އިޝްރާވެސް ކޮއްލީ ސުވާލެކެވެ.

 

“ޔަޤީނެއްނު؟ ރޭގައި ދޮންތަބެއާއި އެއްކޮށް ދުއްވާލަން ދިޔައިރު މުހިންމު ތަންތަން ފާހަގަކުރީމޭ! އަނެއްކާ އިއްޔެ އިޝްއާއި އެއްކޮށް ހަމަ ސްކޫލަށް ދިޔައިން ދޯ ލައިބްރަރީއަށް ފޮތް ލާން! އެހެންވީމައި ގެއްލޭ ވަރެއް ނުވާނެ!” ފޮނިވެލާފައި އަލްޔާން ބުނެލިއެވެ.

 

“އެހެންވެއްޖިއްޔާ ދޭ ފޯނު ހިފައިގެން އަންނަން! އިޝް ލާފައި އަންނަން ނޭނގިއްޖެއްޔަ މަންމައަށް ވިޔަސް ގުޅޭނީ އޭރުން!” އިޝްރާ ބުނެލިއެވެ. އެއާއެކު އަލްޔާން ދުވެފައި ކޮޓަރިއަށް ގޮސް ފޯނު ހިފައިގެން އައެވެ. އެއާއެކު އިތުރަށް މަޑުކުރަން ނަހަދާ ދެކުދިން އެކުގައި ހިނގައިގަތެވެ.

“އާނ! އަދި އިޝް ހަނދާން ނެތުނީ ބުނަން! ސްކޫލްދޮށަށް ގޮސްފައި ގޭޓުން އެތެރޭގައި އުޅޭ މީހުންނަށް ފެންނަ ހިސާބަށް ނުދާތީ! ވަކި ހިސާބަކަށް ދެވުނީމައި އާން އަނބުރާ ދޭ! އަހަރުން ދާ އިރު ރަނާ އުޅެންޏާ އެ ޖެހުނީ ބޮޑުތާނގައި! މިބުނީ އާން، އިޝް ލާން ގޭޓާއި ހަމައަށް ދާތަނުން ރަނާއަށް ފެނިއްޖެއްޔާ ވެދާނެ ގޮތް! އިޝްއަށް ދެން މި ދެތިން ދުވަހު ނޭވާ ވެސް ނުލެވޭނެ! އެހެންވެ!” ސްކޫލަށް ދާން ދިޔަ މަގުމަތީގައި އިޝްރާ ބުނެލިއެވެ.

 

“އެޔޯ؟” ވާނުވާ ނޭނގިފައި ހުރެ އަލްޔާން ކޮއްލި ސުވާލުން މިފަހަރު އިޝްރާގެ އަތުގެ ޙަމަލާ އެރީ އިޝްރާގެ އަމިއްލަ ނިއްކުރިއަށެވެ.

 

“އުމުރުން 15 އަހަރުވެގެންގޮސް 16 އަހަރުވާން ތައްޔާރުވެފައި ހުރި ފިރިހެނަކަށް ހަމަ މިބުނި އެއްޗެއް ދޭހައެއް ނުވި؟” ބޯހޫރައިލުމާއެކު އިޝްރާ އަހާލިއެވެ.

 

“އަދި ނޭނގުނު؟” ވާނުވާގައި ހުރެ އަލްޔާން ބުނެލިއެވެ.

 

“ހުރޭ އިހަށް! އިޝްއަކަށް ނޫން ރަނގަޅަށް މިވާހަކަ ކިޔައިދެވޭނީކީ!” ލުބްނާމެން ގޭގެ ދޮރު މައްޗަށް އަރަމުން އިޝްރާ ބުނެލިއެވެ.

 

“މިގެއަށް ތި އައީއޯ؟” އަލްޔާންގެ ފަރާތުން އިޝްރާއަށް ލިބުނީ އިތުރު ސުވާލެކެވެ.

 

“އިހަށް މަޑުން ހުރެބަލަ!” އަލްޔާންގެ ސުވާލުތައް ހާދަ ގިނަވެގެން އުޅޭ ދުވަހެކޭ ހިތައި އިޝްރާ ރައްދުދިނެވެ. އެއަށްފަހު ދޮރުމައްޗަށް އަރައި ސަލާމް ގޮވާލިއެވެ.

 

“ވަޢަލައިކުމުއްސަލާމް!” ގޭތެރެއިން އިވިގެން ދިޔައީ އިޝްރާމެނަށްވުރެ ތަންކޮޅެއް ކުޑަ އަންހެން ކުއްޖެއްގެ އަޑެވެ. ހަމައެއާއި އެކީ ސިޓިންރޫމް ދޮރުން ބޭރަށް ބޯދިއްކޮއްލީ ހަމުގެ ކުލަ އަލި އަންހެން ކުއްޖެކެވެ. ސްކޫލް ޔުނިފޯމުގައި ހުރުމުން ސްކޫލް ނިންމާފައި އެ އައީ ދާދި ދެންމެއަކުކަން އެނގޭހާ ވެއެވެ.

 

“ލުބޫ! ކޮބާ ދޮންތައާއި ދޮންބެ؟” އެކުއްޖާއަށް ނިސްބަތްކޮށް އިޝްރާ ބުނެލިއެވެ.

 

“ކޮޓަރީގައި ވީ! އިޝް ދައްތަ އާދޭ އެތެރެއަށް! މިގޮވާލަނީ ދޮންތަމެންނަށް!” އިޝްރާއަށް ޖަވާބުދީ އެކުއްޖާ ބުނެލިއެވެ. އެއަށްފަހު ދުވެލާފައި  ގޮސް ލުބްނާއާއި ލިބާންގެ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު އިޝްރާ އައިސް އިން ވާހަކަބުނެލިއެވެ.

 

“މިއަދަށް ސްކޫލް ނިމުނީތަ؟” އެކުއްޖާ އެނބުރި އައުމުން އިޝްރާ އަހާލިއެވެ.

 

“އާނ! މިއަދު އަވަހަށް ނިމޭ ދުވަހެއް!” ހީލަމުން އެކުއްޖާ ބުނެލިއެވެ.

 

“ލުބޫ! ދެން ތިހެން ނީނދެ ދެން ދޭ އަވަހަށް ޔުނީފޯމް ބަދަލުކޮށްގެން ކާން! ދޮން ސްކޫލުން ނިންމައިގެން ފެންވަރައިގެން އަންނަންދެން ލުބޫއަށް އަރާމުކޮށްލަން ވަގުތު ލިބޭނީ! އެއަށްފަހު ލުބޫ ބޭނުން ކަމެއް ކުރެވޭނީ ފިލާވަޅުތައް ހަދާ، ދަސްކޮށް ނިމުނީމައި. ދޮން އައިއްސަ އެހީ ވާނަން!” އިވިގެން ދިޔައީ އަލްޔާންގެ ހިތާއި ކުޅެލުމުގައި ކާމިޔާބު ހޯދި ފުރަތަމަ އަންހެން ކުއްޖާގެ އަޑެވެ. އިއްޔެ އިރުއޮއްސުނު އިރު ވާހަކަދެކެވިފައި ވީނަމަވެސް އެ އަޑު އެ އިވުނީ ހާދަ ގިނައިރެއް ފަހުންނޭ އަލްޔާންގެ ހިތަށް އެރިއެވެ.

 

*******(ނުނިމޭ)*******

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Starlight
Follow Me Written By

Starlight

Level 1

Other Articles

Previous

ޢީރަމް

Next

ހުޅުކޮޅު – ދެވަނަބައި

Next
November 30, 2023

ހުޅުކޮޅު – ދެވަނަބައި

Previews
November 30, 2023

ޢީރަމް

2 Comments!

  1. Ifoo says:
    December 2, 2023 at 5:21 pm

    Aww😍..vv reethi mi part vs maasha Allah ❤️

    1. Starlight Starlight says:
      December 4, 2023 at 7:36 pm

      Thank you so much Ifoo

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (އަށްވަނަ ބައި)←


All Right Reserved!