“މުހައްމަދު ޔަޒްދާން!” ސުހައިލް ގޮވާލިއެވެ. “މަންހަލް ގޮތެއް ނިންމައިފި.”
ކައިރިހުރި ފެންތަށި ނަގާ އޭނާ ފެންފޮދެއް ބޯލިއެވެ. އެންމެންނަށްވެސް ނޭވާ ހިފަހައްޓާލެވުނެވެ. ސުހައިލް ބުނާނެ އެއްޗެއް ބެލުމަށް އެންމެންވެސް ތިބީ ކެތްމަދުވެފައެވެ. އިތުރަށް ވާހަކަދައްކަން އަނގަހުޅުވާލި ތަނުން ސުހައިލް ކޮށިއެރީއެވެ. ޖަވާބު ލަސްވެގެން ދިޔަ ކޮންމެ ހިނދެއް ޔަޒްދާންގެ ހިތުގެ ތެޅުން އިތުރުކުރުވިއެވެ. ސުހައިލްގެ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާ އިނީ އެތެރެއަށް ދަމާލި ނޭވާ ދޫކޮށްލުމެއްވެސް ނެތިއެވެ.
“ޔަޒްދާންއާއި ކައިވެނިކުރަން މަންހަލް އެއްބަސްވެއްޖެ.” ސުހައިލްގެ އަނގައިން ނުކުތް ބަސްތަކާއެކު ޔަޒްދާންއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ބަލައިލެވުނީ އޭނާއާއި ޖެހިގެން އިން މަންމައަށެވެ. މަންމަގެ ލޮލުން އުފާވެރިކަން އޭނާއަށް ފެނުނެވެ. އެހެނަސް ޔަޒްދާންއަށް ހިނިތުންވާކަށް އެވަގުތަކު ނޭނގުނެވެ. އިހުސާސްކުރަންވީ ކިހިނެއްކަމެއްވެސް ނޭނގުނެވެ. ދެން އޭނާގެ ނަޒަރު ދަތުރުކުރީ މަންހަލްއަށެވެ. އިސްދަށަށް ޖަހާލިގޮތަށް އޭނާ އިސްއުފުލައެއް ނުލައެވެ.
އެންމެންގެ މޫނުމަތިން އުފާވެރިކަން ފާޅުވުމާއެކު ކައިވެނި ކުރެވެން އުޅޭ ޖޯޑަށް މަރުހަބާ ކިޔަން ފެށިއެވެ. މަންހަލް އިސްޖަހާލައިގެން އިނީ ރަކިވެގެންނެވެ. ޔަޒްދާންވެސް ހިނިތުންވެފައި އިނީއެވެ. ކައިވެނި ކުރާނެ ދުވަހަކާއި ކައިވެނީގެ ކުލަ ކަނޑައަޅަން ޔަޒްދާން ދޫކޮށްލީ މަންހަލްއަށެވެ. ފަނަރަ ދުވަސް ފަހުން ކައިވެނި ކުރަން ކަނޑައެޅީ މަންހަލްއެވެ. ކައިވެނި ހަރަދުކުޑަކޮށް އާދައިގެ ގޮތަކަށް ބާއްވަންވެސް މަންހަލް އެދުނެވެ. ބާކީ މަޝްވަރާތައް ޖެހިގެން އައި ދުވަހަށް ފަސްކުރަމުން ރޭގެ ކެއުން ނިންމާލީއެވެ.
އާދުވަހަކަށް އިރުއެރީ ޔަޒްދާންމެންގެ ގެ ހަލަބޮލިކޮށްލަމުންނެވެ. ހެނދުނު ހަތެއް ޖަހަންވީއިރު ނަސްރާމެންނާއި އަފީފާވެސް އެގެއަށް އައިސްފިއެވެ. މަރިޔަން އެދުވަހު އޮފީހަށް ދިޔައީ ތިމަންނަ ފަނަރަ ދުވަހަށް ޗުއްޓީއެއް ނަގާނަމޭ ކިޔާފައެވެ. ބޭރަށް ނިކުމެފައި މަންހަލް ކޮޓަރިއަށް ވަންނަންޖެހުނީ ޝާނީ ގޮވާފައި އޭނާގެ ފޯނު ރިންގުވާ ވާހަކަ ބުނުމުންނެވެ.
“ހެލޯ؟” ފޯނު ނަގަމުން މަންހަލް ގޮވާލިއެވެ. ކޯލް ރިސީވްކޮށްލުމާއެކު އޭނާއަށް ވަދެވުނީ ގްރޫޕް ވީޑިއޯ ކޯލްއަކަށްކަން މަންހަލްއަށް އެގުންވިއެވެ.
“ހެލޯ ހަލޯ މަލޯ ކިޔާނެކަމެއް ނެތެއްނު. ކައިވެނި ކުރަން އުޅޭއިރު އެންމެފަހުން މަށަށް ދޯ މިއެނގުނީ. އަޅެ މިމަންހަލްވެސް މަ ކައިރީގައި ބުނެވެސް ނުލިއެއްނު ޔަޒްދާން ތިމަންނައާއި އިންނަން އަހައިފިއޭވެސް. ޔަޒްދާންވެސް އެއްފަހަރުވެސް ނުބުނޭ ތިމަންނަ މަންހަލް ކައިރީ އިންނަން އެހީމޭ. އަހަރެން މިހުންނަނީ ތިމީހުންގެ އެންމެ ގާތް މީހަކީ އަހަރެންކަމަށް ހީކޮށްގެން. އެކަމަކު އެހެންނެއް ނޫން ދޯ. ހަމައެހާވެސް އަހަރެން ދުރުކޮށްލީތަ؟ އެންމެރަނގަޅޭ ދެން.” ޝަޔަމްގެ ޝަކުވާތައް އޮއްސާލީ ވާރޭގެ ބޯ ކެރިގަނޑެއްފަދައިންނެވެ.
“ޝަޔޫ..” މަންހަލްއަށް ގޮވާލެވުނެވެ.
“ޝަޔަމް!” ޔަޒްދާންވެސް ގޮވާލިއެވެ.
“ދެން ކީއްކުރަން ގޮވާކަށް. ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެ. ބައްޕަ ނުބުނިނަމަ އަހަންނަށް ނޭނގުނީސް ތިމީހުން ކައިވެނި ކުރިއިރުވެސް. ކައިވެނިކޮށްފަ ވެޑިންގެ ފޮޓޮއެއް ފޮނުވަން ދޯ ތިތިބީ.” ތުންފިއްތާލަމުން ޝަޔަމް ވާހަކަދެއްކިއެވެ.
“އަހަރެން އަދި އެއްވެސް މީހެއްކައިރީ ނުވެސް ބުނަން. އެންމެފުރަތަމަ ޝަޔޫ ކައިރީ ބުނަން މިހުރީ. ރޭގައޭ ހުރިހާ ކަމެއް ފައިނަލްވީ. ރޭގައި ގުޅަން އުޅެފައި ނިދިއައިސް ހުރިވަރުން ނުގުޅުނީ. މިއަދު ޝަޔޫމެންނަށް އަދި މޯނިން ނުވާނެތީ ހޭލާހާ އިރު ކޮށްފަ ގުޅަން މިހުރީ.” މަންހަލް ވާހަކަދެއްކިއެވެ. އެކުވެރިޔާގެ ވާހަކަތަކުން އޭނާގެ ހިތަށް އަސަރު ކުރިއެވެ. އޭނާ އެއްވެސް ހާލެއްގައި ޝަޔަމް ދެރަކޮށްލާކަށް ބޭނުމެއް ނުވިއެވެ.
“ދެން އަހަރެން ތިކޮޅަށް ދާން އިންވައިޓެއް ނުކުރާނަންތަ؟” ދެލޯ އަޅާލާފައި ޝަޔަމް ބުނެލިއެވެ.
“މިސް ޝަޔަމް އަޒީމް. މައި ޑިއަރ ކަޒިން. އަޅުގަނޑުމެންގެ ކައިވެންޏަށް ކަމަނާއަށް ދައުވަތު އަރުވަން. ޝުކުރިއްޔާ! ތާރީޚް، ތިނެއް މާރޗް ދެހާސް ތޭވީސް. ގަޑި، ހަވީރު ހަތަރުގަޑި ބައިން ހަގަޑި ސުންމިނެޓަށް. ތަން، ރަންތަރި.” ޔަޒްދާން ވާހަކަދެއްކިއެވެ.
“ތެންކިއު ސޯ މަޗް.. އަހަރެންނަށް ކެމެރާއެއް ހޯދައިދެއްޗޭ. ތިމީހުން ވެޑިންގެ ފޮޓޮގްރާފާ އަކީ އަހަރެން، ޝަޔަމް އަޒީމް.” ފުރަތަމަ ފަހަރަށް ހިނިތުންވެފައި ޝަޔަމް ވާހަކަދެއްކިއެވެ.
“އާ ޔޫ ޝުއަރ؟ އަސްލަށްވެސް އަންނާނަންތަ؟” މަންހަލްގެ މޫނު ވިދައިގަތެވެ.
“ޔަގީނެއްނު! އަހަރެންގެ ސަބަބުން ދިމާވި ދެމީހެއްގެ ވެޑިންއަށް ދާނެއްނު. އަހަރެންގެ ހުރި ހަމައެކަނި ކަޒިންއާއި އަހަރެންގެ ބެސްޓްފްރެންޑް. ކިހިނެއް ނުގޮސް ހުންނާނީ؟” ޝަޔަމް ޔަގީންކަން ދިނެވެ. “ތިމީހުންނަށް ކޮންގްރެޓްސް ކިޔަން ބޭނުންވެފަ ހުރި މީހެއް އެބަހުރި.”
ޝަޔަމް ފޯނު އަނބުރާލިއެވެ. ކާގޭގައި ފެން ތައްޓެއް ހިފައިގެން އިން ޖާވިދު ޔަޒްދާންމެންނަށް ފެނުނެވެ. އޭނާ އިނީ ދެލޯ ބޮޑުކޮށްގެން ހަރަކާތެއް ކުރަން ނޭނގިފައެވެ. ޝަޔަމް އޭނާއަށް ގޮވާލުމާއެކު މަޑުމަޑުން އޭނާ ކޮންގްރެޓްސްއޭ ބުނެލިއެވެ.
“ޝަޔަމް!!!!” މަންހަލް ކުއްލިއަކަށް ވަރަށް ބާރަށް ގޮވާލިއެވެ. އޭނާ ފޯނުން ލަންޑަންގެ ގަޑި ބަލައިލީއެވެ. “ދަންވަރު ދޭއް ޖެހީދޯ ތިކޮޅަށް؟ ހަމަމިހާރު ދޭ ނިދަން. ކޮންކަމެއް ކުރަން ހޭލާ ތިއުޅެނީ މިހާ ދަންވަންދެން!”
“އެއްކަލަ މަންހަލްވެސް ފެށީދޯ!” ތުންގަނޑު ނެރެލާފައި ޝަޔަމް ބުނެލިއެވެ.
“ކިހާ ވަރަކަށް އަހަރެންވެސް މިކިޔަނީ ދަންވަރު ހޭލާ ނޫޅޭށޭ. ޝަޔަމްގެ ކަންފަތަށް އަޑު އިވޭނަމައެއްނު.” އޭނާގެ ފަހަތުން ސިޑިން މައްޗަށް އަރަން ދިޔަ ޖާވިދު ވާހަކަދެއްކި އަޑުއިވުނެވެ.
“ޔަޒްދާން ޝަޔަމްގެ ބައްޕަ ކައިރީ ބުނައްޗޭ.” މަންހަލްގެ އަޑުގައި ނުރުހުން އެކުލެވިފައި ވިއެވެ.
“އަވަހަށް ދޭ ނިދަން. ގުޑް ނައިޓް. ބާއި!” ޔަޒްދާން ފޯނު ކަނޑާލިއެވެ.
“ޝަޔަމް! މިއީ މީހުން ނިދާގަޑި. ދުނިޔޭގެ ކޮންމެތާކު އުޅުނަސް ރޭގަނޑަށް ނިދާތި. ހެނދުނާ ހޭލަން ވާނެ.” މަންހަލް ނަސޭހަތް ދިނެވެ.
“މަންމަ ބޭނުންވާ ގޮތަށް މިއުޅެނީ. މަންމަ އުފާވާނެ މިގޮތަށް އުޅުނީމަ. ހަމަ އެންމެ ފަހަރަކުވެސް މަންމަ އަހަރެންދެކެ ލޯބިވޭތޯ.” ޝަޔަމްގެ އަޑު ފޭދިގެން އައެވެ. މަންހަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. “އެކަމަކު އެއީ އަހަރެންނަށް ނުވި ކަމެއް. އެހެންނެއްނު ވާނީ. އަހަރެން މިއީ މަންމަ ބޭނުންވި ކުއްޖެއް ނޫންވިއްޔަ. މަންހަލް ހިތަށްއަރާނެ އަހަރެން ހާދަ ނަސީބުގަދައޭ މަންމައެއް ހުރީމަ. އެކަމަކު އަހަރެން ހިތަށް އަރަނީ މަންހަލް ހާދަ ނަސީބުގަދައޭ އަށްއަހަރު މަންހަލް ބޭނުންވި، މަންހަލްދެކެ ލޯބިވާނެ މަންމައެއް ލިބުނީމަ. އަހަރެންނަށް އެންމެ ގަޑިއިރަކަށްވެސް އެނަސީބެއް ނުލިބޭ. މަންހަލް އަށްއަހަރު ދުވަސް ވަންދެން އުޅުނީ މަންހަލް މަންމަގެ ލޯބި ލިބިގެން. އަހަރެން އަހަރެންގެ ހަޔާތުގެ ފުރަތަމަ ދިހަ އަހަރު ހޭދަކުރީ މަންމަ ފެނުމެއްވެސް ނެތި. މަންމަ އަހަރެން ބޭނުންކުރަނީ މަންމަ ގެންގުޅޭ ކުޅޭކުޅޭ އެއްޗެއްހެން. އެއްފަހަރުވެސް އަހަރެން ބޭނުންވާ ގޮތެއް އަހައެއްނުލާ. އަހަރެންނަށް ހީވަނީ އަހަންނަކީ ކޮށްޓެއްގައި ހައްޔަރުކޮށްގެން ގެންގުޅޭ ދޫންޏެއްހެން. އަހަރެންނަކަށް މިހެންނެއް ނޫޅެވޭނެ. ނޫން.. އަހަރެންގެ ހުވަފެންތަކަކާއި އުންމީދުތަކެއްވެސް ހުރެއޭ. އަހަރެންނަކީވެސް އިންސާނެއް.”
“ޝަޔަމް. އަހަރެމެން މަސައްކަތް ކުރަންވީ މީހަކު ބޭނުންވާ ގޮތަށް އުޅޭކަށް ނޫން. މާތްﷲ ރުއްސަވާ ގޮތަށް އެކަލާނގެ އެންގެވި ގޮތަށް އުޅެން.” ޝަޔަމް ރޯން ފެށީމާ މަންހަލްގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ދުނިޔެމަތިން އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ މަންމައެއްގެ ލޯބި ލިބުމޭ މަންހަލް ހިތަށްއެރިއެވެ. އެނިއުމަތުން މަހުރޫމުވެފައިވާ ކިތައް ކުދިން ދުނިޔޭގައި އުޅޭބާއެވެ؟ ދުނިޔޭގައި މަންމަ ހުރެމެ އެމަންމައަށް އިހާނަތިކޮށް ހިތާމީހުން އެގޮތަށް ކަންތައްކުރަނީ އެމަންމައަކީ ކިހާ އަގުހުރި މީހެއްކަން ނޭނގޭތީ ބާއެވެ؟
“ބަސް އަހައިގެން އުޅެއްޗޭ ޝަޔަމް. އައިމް އޯލްވޭސް ބައި ޔުއަރ ސައިޑް. ތިއީ ހިތްހެޔޮ ރަނގަޅު ކުއްޖެއް. ޝަޔަމް ތިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. ދެން އަވަހަށްދޭ ނިދަން. ދަންވަންދެން ހޭލައިގެން ނުހުންނާތި ދެން.” ޝަޔަމްއަށް ވާހަކަދައްކަން އުނދަގޫވުމުން މަންހަލް އަނެއްކާވެސް ވާހަކަދެއްކިއެވެ.
“ބާއި!” ދެލޯ ފުހެލާފައި ޝަޔަމް ވަރަށް ހާލުން ބުނެލިއެވެ. ދެން މަންހަލްއަށް އެއްޗެއް ބުނެވުމުގެ ކުރިން އޭނާ ފޯނު ކަނޑާލިއެވެ. ޝަޔަމް ފޯނު ކަނޑާލުމުން މަންހަލްއަށްވެސް ރޮވުނީއެވެ. މަންމަގެ މަތިން މާބޮޑަށް ހަނދާންވީއެވެ.
ޔަޒްދާންއާއި މަންހަލްގެ ކައިވެނީގެ ތައްޔާރީތައް ދިޔައީ ނުހަނު ހަލުވި ސްޕީޑެއްގައެވެ. ނަސްރާއާއި ޒަހީނާއާއި މަރިޔަން ވެގެން މަންހަލްގެ ކައިވެނީގެ ހެދުން ޑިޒައިންކުރިއެވެ. ހެދުން ފެހުމުގެ މަސައްކަތުގައި އުޅުނީ ޒަހީނާއެވެ. ކައިވެނީގެ ޚަބަރު ޔަޒްދާންގެ އެކުވެރިންނާ ހަމައަށް ފޯރުމާއެކު ބެކްޑްރޮޕް ތައްޔާރުކޮށްދޭން އެމީހުން އިސްނެގިއެވެ. ޒަކާއަށް ގުޅާފައި މަންހަލް އޭނާގެ ކައިވެނީގެ ވާހަކަ ބުނުމުން އޭނާ މަންހަލްގެ މޭކަޕް ކޮށްދީ ބުރުގާ އަޅުވައިދޭން ދާނަމޭ ބުންޏެވެ. ހުސްވަގުތުގައި ފެޝަންގެ މަސައްކަތްތައްކުރަން ޝައުގުވެރިކަން ހުރި ޒަކާ ހުރީ އެހެންމީހަކަށް އޭނާގެ ހުނަރުތައް ދައްކާލަދޭން ބޭނުންވެފައެވެ. އެރަށަށް ކައިވެންޏަށް އަންނަ މީހުންގެ ތެރޭގައި ބަސްމާގެ އާއިލާއާއި ޝަޔަމްގެ އިތުރުން އަޒީމް ހިމެނުނެވެ. އޭރަށް ވާއިރަށް ފިރުޝާއަށް މަންމަގެ ރަށަށް ބަދަލުނުވެވޭތީ އޭނާއަށް ދައުވަތު އެރުވީ މަންހަލްއެވެ. ޔޫވިންއާއި ޔުނާންއަށް ކައިވެނީގައި ބައިވެރިވެވޭ ގޮތްނުވީ ޔުނިވާސިޓީގައި ކިޔެވުން ކުރިއަށް ދާތީއެވެ.
މަންހަލްއަށް ނޭނގުނަސް އޭނާގެ ބައްޕައަށާއި މަންމަ ފަރާތު ދޮންބެއަށް ގުޅޭނެ ގޮތެއް ހޯދޭތޯ ޔަޒްދާން މަސައްކަތްކުރިއެވެ. އެހެނަސް އޭނަގެ އެމަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ.
ކައިވެނީގެ ދުވަސް އައިސް ޖެހުނުއިރު އެންމެންވެސް އުޅުނީ ނުހަނު ބުރަކޮށެވެ. ހެނދުނު އެންމެ ފުރަތަމަ ކަމަކަށް އޮތީ ޝަޔަމްއާއި އަޒީމް އަންނަތަނަށް ދިއުމެވެ. އަށެއް ޖަހަންވީއިރު އެންމެންވެސް ކައްކަން އެއްޗެހި ތައްޔާރުކުރަން ފެށިއެވެ. ސިޓިން ރޫމުގައި ޔަޒްދާންއާއި އެކުގައި މަސައްކަތްކުރާ ކުދިންނާއި ސުކޫލު ދައުރުގެ ބައެއް ރައްޓެހިންވެގެން އެތަން ޒީނަތްތެރި ކުރަން އުޅުނެވެ. އަޒީމްއާއި ސުހައިލް އެހެން ފިރިހެނުންތަކަކާއެކު އުޅުނީ ގޭގައި ގޮނޑިބަރިތަކާއި މޭޒުތައް ޖެހުމުގައެވެ.
މަންހަލްއިނީ ކޮޓަރީގައެވެ. ހިމޭންކަމާއެކު އޭނާ ގެންގުޅުނު މަދު އަންނައުނުތައް ފަތްޖެހުމުގައެވެ. އޭނާގެ އެއްފަރާތުގައި ޝަޔަމް އިންއިރު ޒަކާ އިނީ ޑްރެސިން ޓޭބަލްކައިރީ ހުރި ގޮނޑީގައި އިށީނދެގެންނެވެ.
“އަޅެ އެންމެ ފުރަތަމަ އެންގޭޖްވެފަ އަހަރުމެންގެ ވެޑިންއަށްވުރެ ކުރިން މިދެމީހުން ދޯ މިމެރީ ކުރަނީ. ދެމީހުން އެއްފަހަރާ މެރީކުރިނަމަ މަޖާވީސްތަ.” ޒަކާ ވާހަކަދެއްކިއެވެ.
“ތިމީހުން މެރީކުރާއިރު ދައްތަ މިއިނީ ސިންގަލްކޮށް.” ތުންފަތް ދަމާލާފައި ޝަޔަމް ބުންޏެވެ.
“ޗުއްޕު ކިޔައިގެންތަ ތިއިނީ؟” ޒަކާ މަންހަލްއާއި ސުވަލުކުރިއެވެ.
“އާނ. މީނަ އެބައިނޭ އެކައްޗެއްވެސް ނުބުނެ.” ޝަޔަމްއަށްވެސް އެކަން ފާހަގަވެ ސުވާލުކުރިއެވެ.
“ބޮޑު ދެއަނގަ ޖެހުނީމަ އިތުރަށް މީހަކު ވާހަކަދައްކާނެ ފުރުސަތެއްވެސް ނުލިބޭނެއްނު.” ޒަކާ ބުންޏެވެ. އާނއެކޭ ބުނެ ޝަޔަމްވެސް އެއްބަސްވިއެވެ.
“ކިހިނެއްވެފަތަ ތިއިނީ؟” ޝަޔަމް މަންހަލްގެ އަތުގައި ޖަހާލާފައި ސުވާލުކުރިއެވެ.
“ކަމެއްނުވޭ.” ދެފަރާތަށް ބޯހޫރުވާލާފައި މަންހަލް ބުންޏެވެ.
“ކަމެއްވެފައޭ ތިއިނީ..” ޒަކާވެސް ގޮނޑިން ތެދުވެގެން އައިސް މަންހަލްގެ ގާތުގައި އިށީނެވެ.
“ބިރުގަންނަނީ.” އެންމެފަހުން މަންހަލް ބުނެލިއެވެ.
“މަންހަލްއަށް އިނގޭތަ. މަންހަލް ހަމަ ޔަޒްދާން ކައިރިއަށް ދާއިރު ޔަޒްދާން މަންހަލް ކާލާނެ.” ޝަޔަމް ނުހަނު އަވަހަށް ބުނެލިއެވެ.
“ދެން ޝަޔަމްމް.” ދެލޯ އަޅާލާފައި މަންހަލް ބުނެލިއެވެ.
“ޔަޒްދާން މަންހަލް ނުރުހޭ އެއްވެސް ކަމެއް ނުކުރާނެ. އޭނާ މަންހަލްދެކެ ލޯބިވޭ. ނުރުހޭ ކަމެއް ކުރިއަސް އޭނާ ކައިރިބުނޭ އެހެންނަހަދާށޭ، ދެވަނަ ފަހަރަށް އޭނާ އެކަމެއް ތަކުރާރެއް ނުކުރާނެ.” މަންހަލްގެ އަތްމަތީގައި އޭނާގެ އަތް ބާއްވާލަމުން ޝަޔަމް ބުނެލިއެވެ.
މެންދުރުން ފަސްވެގެން އައިއިރު ޒަކާ އޭނާގެ މޭކަޕް ސާމާނުތައް ހިފައިގެން އެގެއަށް އައިސްފިއެވެ. އަސުރު ނަމާދަށް ބަންގިގޮވުމާއެކު އަސުރު ނަމާދުކޮށްގެން މަންހަލް އޭނާގެ ކައިވެނީގެ ހުދު ހެދުން ގަޔަށް ހެޔޮވަރު ކޮށްލިއެވެ. މުޅިން އައު ވިއަސް ޒަކާގެ ހަރަކާތްތައް އަވަސްވެފައި ފަރިތައެވެ. އޭނާއަށް އަތްގާތްކޮށްދިނުމަށް ޝަޔަމްވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. މަންހަލް ތައްޔާރުވެ ނިމުމުން ޝަޔަމްއާއި ޒަކާވެސް ދިޔައީ ޒަހީނާގެ ކޮޓަރީގައި ހަރަކާތްތެރިވަމުން ދިޔަ އަންހެންވެރިންގެ ގާތަށެވެ. އެދެމީހުން ދިޔުމުން މަންހަލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިށީނީ ޑްރެސިން ޓޭބަލް ކައިރީގައެވެ. ވަތްގަނޑުގައި އޮތް ފޮތްނަގާ އޭނާ ލިޔަން ފެށިއެވެ. ޝަޔަމްއާއި ޒަކާ އައިސް އޭނާއަށް ގޮވީ ލިޔެ ނިންމާލުމަށްފަހު ފޮތް ނަގާ ވަތްގަނޑަށް ލާން އުޅެނިކޮށެވެ. އެދެމީހުން ފޮނުވާލުމަށްފަހު މަންހަލް ގޮސް އިށީނީ ގޮދަޑިމަތީގައެވެ. ނަސްރާ ކޮޓަރީގެދޮރު ހުޅުވާލީ އެގޮތުގައި އޭނާ އެހެން އިންދައެވެ.
“މާޝާﷲ. މިއީ އުޑުން ފައިބާފައި އިން ހޫރުޕަރީއެއްތަ؟” ނަސްރާއަށް މަންހަލްގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ. އެހެނަސް މަންހަލްގެ މޫނުމަތިން ފެނުނު އަސަރުން އޭނާއަށް ނުހަނު އަވަހަށް މަންހަލްގެ ގާތަށް ދެވުނެވެ.
“ކިހިނެއްވެފަ ތިއިނީ؟ މިހާރު ގާޒީވެސް އައިސްފި. އެންމެން އެތިބީ މަންހަލްގެ އިންތިޒާރުގައި.” ނަސްރާ އައިސް މަންހަލްގެ ކައިރިއަށް ތިރިވިއެވެ.
“ދޮންބެދައްތާ. މަންމައާއި ބައްޕަ. މަންހަލް ބޭނުމީ ބައްޕައާއި މަންމައާ، ދޮންބެވެސް އަންނަން. މަންހަލްގެ ކައިރިއަށް. އެމީހުންގެ ހާޒިރުގައި ކައިވެނިކުރަން.” މަންހަލްގެ އަޑު ފޭދުނެވެ.
“ކައިވެނި ކުރަން ބޭނުން ނޫނީތަ؟” ކަންބޮޑުވެފައި ނަސްރާ އަހާލިއެވެ.
“އެހެންނެއް ނޫން. އެކަމަކު މަންހަލް، މަންހަލްގެ ފެމިލީ.” މަންހަލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ ނަސްރާގެ އަތުގައެވެ.
“ނުރޮއެދެން. މޫނު ހަޑިވެދާނެ ރޮއުނީމަ. މިއަދު އަހަރެމެންނަށް އޮތް ގޮތަކީ މިއީ. މާތްﷲގެ މިންވަރަށް ޝުކުރުކުރުން ނޫން އެހެންގޮތެއް ކޮބާ؟ ހިތްވަރުކުރޭ މަންހަލް. ދައްތަވެސް މިޝްޔާއާއި ސާހިލްއާއި ނުހައިކްމަތިން ވަރަށް ހަނދާންވޭ.” ޑްރެސިން ޓޭބަލްމަތީހުރި ޓިޝޫފޮށިން ޓިޝުލެއް ހިފައިގެން އައިސް އޭނާ މަންހަލްގެ މޫނު ފުހެލައިދިނެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކިޖަހާލާފައި ޒަހީނާ ގޮވާލިއަޑު އިވުނެވެ.
“މަންހަލް ބޭނުންތަ ކައިވެނިކުރަން؟” ނަސްރާ އަހާލިއެވެ. މަޑުމަޑުން މަންހަލް ބޯ ޖަހާލީއެވެ. ނަސްރާ މަންހަލްގެ ބުރުގާ މަތިން އޭނާގެ ބޮލުގައި ބޮސްދިނެވެ.
އެއަށްފަހު މަންހަލްގެ ބުރުގާ ރަނގަޅުކޮށްލައިދިނުމަށްފަހު ތެދުވަން އެހީތެރިވިއެވެ. ދޮންބެދައްތަގެ އަތުގައި ހިފާލައިގެން ހުރެ މަންހަލް ކޮޓަރިން ނިކުމެގެން ކުރިއަށް ހިނގައިގަތެވެ. މުޅިން އައު ހަޔާތަކާއި ދިމާއަށެވެ.
މަންހަލް އައުން ލަސްވާތީ ޔަޒްދާން ކަންބޮޑުވިއެވެ. އޭނާގެ ސިކުނޑިއަށް އެތައް ވަސްވާހެއް ވަންނަން ފެށިއެވެ. ކުއްލިއަކަށް އެންމެންވެސް ފަހަތް ބަލަން ފެށުމުން ޔަޒްދާންވެސް ގޮނޑީގައި އިނދެފައި އެއްއަރިއަކަށް އެނބުރިލީ ތެޅިތެޅި އޮތް ހިތަކައިގެންނެވެ. އިސްދަށަށް ޖަހައިގެން ހުރެ އެދިމާއަށް ހިނގާފައި އައި މަންހަލްއަށް ކަޅި ޖަހާލުމެއްވެސް ނެތި ބަލަން ޔަޒްދާންއަށް އިނދެވުނީ އޭނާގެ ރީތިކަމުންނެވެ. މަންހަލް ލައިގެން ހުރި ހުދުކުލައިގެ ހެދުން އޭނާއަށް ނުހަނު ގުޅެއޭ ބުނެ ޔަޒްދާންގެ ހިތް މަންހަލްއަށް ތައުރީފުކުރިއެވެ. ސެޓިން ފޮތިން ފަހާފައި ހުރި އެހެދުމުގެ މަތިން ލެވިފައި ވަނީވެސް ހުދުކުލައިގެ މަޑުމަޑު ލޭސްފޮއްޗެކެވެ. އަތްކުރިއަށް ކުޑަ ސެޓިން ފޮތިކޮޅެއް ލައްވާފައި ދެން ހުރީ ލޭސްފޮތީގެ މަތިން ހުދުކުލައިގެ މިނާފުށް ހަރުކުރެވިފައެވެ. ބަންދެއް ގޮތަށް މޭދަށުން ކުޑަ ތަންކޮޅެއް އިނދެފައި ލޭސްފޮތީގެ މަތިން މިނާފުށް ހަރުކުރެވިފައި ހުއްޓެވެ. ހެދުމުގެ ފަސްބައިގައި ހުރީ ވަރަށް މަޑު ނޫކުލައެއްގެ ރޭނދާއެއް އަޅާފައެވެ. މޭމަތި ނިވާވާ ވަރަށް ހުދުކުލައިގެ ޝޯލް އޭނާގެ ބޮލުގައި އޮޅާލެވިފައި ހުރިގޮތް ނުހަނު ފުރިހަމައެވެ. ޔަޒްދާންގެ ނަޒަރު ދެން ދަތުރުކުރީ މަންހަލްގެ މޫނުމައްޗަށެވެ. މަންހަލްގެ ބޯ އެސްފިޔަތަކުގައި މަސްކަރާ އަޅާފައި ހުރިއިރު ލޮލުގައި އައިލައިނާ ޖައްސާފައި ހުއްޓެވެ. ކޮލުގައި އޮރެންޖު ކުލައިގެ ބްލަޝްއެއް ޖައްސާފައި ހުރިއިރު މަންހަލްގެ ތުނި ތުންފަތް ފަވާލެވިފައި ވަނީ ބޭބީ ޕިންކުކުލައިންނެވެ. ޔަޒްދާންއަށް މަންހަލް ހިނގާފައި އައި މަންޒަރު ބަލަން އިނދެވުނެވެ. މަންހަލްގެ ރީތިކަމަށް އޭނާއަށް ތައުރީފުކުރެވުނީ ކިތައް ފަހަރުކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ޔަޒްދާންއަށް މަންހަލް ފެނުނީ ރީތީގެ ރާނިއެއް ފަދައިންނެވެ. މަންހަލް އޭނާއަށް ބަލައިލީވެސް ޔަޒްދާން އެގޮތުގައި އިންދައެވެ.
ޔަޒްދާން ލައިގެން އިނީ ހުދު ކުލައިގެ ގަމީހަކެވެ. ކަޅުކުލައިގެ ކޯޓުގެ ދަށުން ހަމައެކުލައިގެ ޓައީއެއް އެޅިފައިވިއެވެ. ކޯޓުގެ ޖީބަށް ޖަހާފައިވަނީ ރޯޔަލް ނޫކުލައިގެ މާކޯޅިއެކެވެ. ދިގުވާން ފަށާފައިހުރި އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ހުރިއިރު ތުބުޅި މަތިމަސްވެސް ހުރީ ޓްރިމް ކޮށްލާފައެވެ. ޔަޒްދާންގެ ފިރިހެންވަންތަކަމަށް މަންހަލްއަށްވެސް ތައުރީފްކޮށްލެވުނެވެ.
މަޑުމަޑުން ހިނގާލާފައި އައިސް މަންހަލް ޔަޒްދާންއާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އެންމެން ހަމަވުމާއެކު ލަސްނުކޮށް ކައިވެނީގެ މަޖިލިސް ފެށިއްޖެއެވެ. އެއާއެކު މުޅި މާހައުލަށް ހަމަހިމޭންކަން ވެރިވެގެން ހިނގައްޖެއެވެ. މަންހަލްއާއި ޔަޒްދާންވެސް ކައިވެނީގެ ޚުތުބާ ކަނުލާ އަޑުއަހަމުން ދިޔައެވެ.
ގާޒީ އަނބިކޮށްދިނުމާއެކުވެސް ޔަޒްދާން އިންނަން ފެށުމުން މޭޒުގެ އެއްފަރާތުގައި ހެކިވެރިއެއްގެ ގޮތުގައި އިން އައިޒިން އޭނާއަށް ގޮވާލިއެވެ. ދެތިން ފަހަރު އައިޒިން ގޮވާލުމާއެކުވެސް ޔަޒްދާން އިނީ ހަނދަންވީ ގޮތެއް ނޭނގިފައެވެ. ފައުޒާން އިނދެފައި ބުމައަރުވާލުމާއެކު ޔަޒްދާންއަށް ހަނދާންވެއްޖެއެވެ. އޭރު މަޖިލީހަށް އެއްވެ ތިބި މީހުންގެ ހުނުމުގެ އަޑު މާހައުލުގައި ގުގުމާލައިފިއެވެ.
“އަނބި ގަބޫލުކޮށްފިން.” ޔަޒްދާންގެ އަޑު ނިކުތީ ވައި އަޑުންނެވެ. ތަންކޮޅެއް ބާރަށް ބުނުމަށް ގާޒީ އެދިލެއްވިއެވެ.
“އަނބި ގަބޫލުކޮށްފިން.” މިފަހަރު ޔަޒްދާންގެ އަޑު ސިޓިންރޫމުގައި ތިބި އެންމެންނަށްވެސް އިވުނެވެ. މަންހަލްގެ ކަންފަތަށް އެއަޑު ފޯރުމާއެކު މުޅި މީހާގެ ގަޔަށް ފިނިގަނޑެއް އަރައިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Finally Yazdhaan and manhal married
Shayoo and javidh ves gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Thank u Cutie girl! I appreciate your support! 😊🤍
mi part ves vv reethi………
curiously waiting for the next part
finally dhaan and man married
kon irakun nxt part kiyaalan libeyny
Thank you Repunzil! 😊🤍
Oh my godddd… YAYAYAYYYY. This story’s literally giving me butterflies right now 😭.it’s amazing Masha allahhh. ❤️🔥❤️🔥❤️🔥
Thank u Someone! 😊🤍
When is next parttt… Can’t wait 😩😭
Thank you Mar yam! 😊🤍
Wooooooooooow nice 👍
Someone is right it’s giving butterflies ❤️
Shayoo and jaavid ves gulhuvajjey
Next part please….
Thank you Faishaa! 😊🤍
When is next parttt 😩
Avs kolladheeba plss 😭🙏🏽
I’m sorry it took a long time to upload next part, but I was very very busy with school last week! 😪😊