“އަނބި ގަބޫލުކޮށްފިން.” ޔަޒްދާންގެ އަޑު މިފަހަރު ސިޓިންރޫމުގައި ތިބި އެންމެންނަށްވެސް އިވުނެވެ. މަންހަލްގެ ކަންފަތަށް އެއަޑު ފޯރުމާއެކު މުޅި މީހާގެ ގަޔަށް ފިނިގަނޑެއް އަރައިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ.
ކައިވެނީގެ މަޖިލިސް ނިންމާލުމަށްފަހު އެންމެން އެކުގައި ތެދުވިއެވެ. ޔަޒްދާން މަންހަލްއަށް ރަން ހަވާލުކުރުމާއެކު ދެމީހުންގެ ގާތަށް އާއިލާގެ މީހުން އެއްވެއްޖެއެވެ. ޒަހީނާ އައިސް ޔަޒްދާންގެ ގައިގައި ބައްދާލިއިރު އޭނާގެ ލޮލުން ކަރުނަ އައިސްފިއެވެ.
“ޔަޒްދާން ބައްޕަހުރިނަމަ ވަރަށް އުފާވާނެ.” ޒަހީނާއަށް ބުނެވުނެވެ. އެވާހަކަތައް އިވުމުން މަންހަލްގެ ލޮލުންވެސް ކަރުނަ އައެވެ. ޔަޒްދާންއާއި ދުރުވެލުމަށްފަހު ޒަހީނާ މަންހަލްގެ ގައިގައި ބައްދާލިއެވެ.
“ދެން ނުބުނައްޗޭ މަންހަލްގެ މަންމައެއް ނުހުރެއޭ. މިއީ މިހާރު މަންހަލްގެ މަންމަ..” މަންހަލްގެ ކޯތާފަތަށް ދޮނެއް ދެމުން ޒަހީނާ ބުނެލިއެވެ. އޭނާ ރޯކަން އެހެންމީހުންނަށް އަންގަން ބޭނުންނުވުމުން ލޯ ފުހެލީއެވެ. އެހެނަސް އެހެން ހުރެވުނީ ނަސްރާ އޭނާގެ ގާތަށް އަންނަންދެނެވެ. ހިނިތުންވުމާއެކު ނަސްރާ އޭނާއަށް މަރުހަބާ ކިޔުމާއެކު މަންހަލްގެ ބަޑި ފަޅައިގެން ގޮސްފިއެވެ. މަންހަލް ގޮވައިގެން ނަސްރާ އައިސް ވަނީ ކޮޓަރިއަށެވެ.
“ދޮންބެދައްތާ. އަޅެ މަންހަލްގެ މަންމަ ހުރިނަމަ. މަންމަ އައިސް މަންހަލްގެ ގައިގައި ބައްދާލާނެ. މަންހަލް ކައިރީގައި ހިތްވަރުދޭން ހުންނާނެ. އެޓްލީސްޓް ބައްޕަ ހުރިނަމަ..” ރޮމުން މަންހަލް ކިޔެވެ.
“މަންހަލް، ހިތްވަރުކުރޭ.” ނަސްރާއަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ. މަންހަލް ރޯން ފުރުސަތު ދީގެން އިންދާ ދޮރުގައި ޓަކި ޖަހާލާފައި ވަނީ ޔަޒްދާންއެވެ. ދެމަފިރިންނަށް ވަގުތު ދެމުން ނަސްރާ ނިކުތީ ބޭރަށެވެ.
މަންހަލް އިން ހާލު ފެނި ޔަޒްދާންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް އޭނާ މަންހަލްގެ ގާތަށް ތިރިވެ އެމަޑު ދެއަތްތިލައިގައި ހިފާލިއެވެ.
“އަހަރެން… މަންހަލް… އަހަރެންނަށް މަންހަލްއަށް މަޖުބޫރު ކުރެވުނީތަ؟” ޔަޒްދާން ކަންބޮޑުވެފައި އަހާލިއެވެ. ބަސްބުނުމެއްނެތި މަންހަލް ދެފަރާތަށް ބޯހޫރުވާލީއެވެ.
“ދެން؟ އަހަރެންނަށް ކަމެއް ކުރެވުނީތަ؟ އަހަރެންގެ ސަބަބުންތަ؟” މިފަހަރު ޔަޒްދާން ކުރި ސުވާލުތަކަށްވެސް މަންހަލް ބޯ ހޫރުވާލީއެވެ. “ބުނެބަލަ. ކިހިނެއްވީތަ؟”
“މަންހަލް. މަންހަލްގެ ފެމިލީ މަތިން މިސްވަނީ. ހިތަށްއަރަނީ މަންމަ ހުރިނަމަ..” އަނެއްކާވެސް މަންހަލްއަށް ރޮވެން ފެށުނެވެ.
“މަންހަލް. ކޮންމެމީހަކުވެސް ދުނިޔެއާ ވަކިވާނެ. އެމީހަކަށް ދެން އެނބުރި އަހަރެމެންގެ ގާތަކަށް ނާދެވޭނެ. އަހަރެންވެސް މިއަދު ހިތަށް އަރާ ބައްޕަ ހުރިނަމައޭ. އެކަމަކު އަހަރެންގެ ބައްޕަ އަހަރެންގެ ގާތަކަށް ނާންނާނެ. ދުނިޔޭގެ ހަގީގަތް އަހަރެމެން ޖެހޭނެ ގަބޫލުކުރަން. އަހަރެންނަށް އެނގޭ މިއަދު މަންހަލްގެ މަންމައާއި ބައްޕައާއި ދޮންބެގެ މަތިންވެސް ވަރަށް ހަނދާންވާކަން.” ޔަޒްދާން ތެދުވެލާ މަންހަލްގެ ގާތުގައި އިށީނެވެ. “އަހަރެންނަކަށް މަންހަލް މަންމައެއް ނުގެނެސްދެވޭނެ. އެކަމަކު އަހަރެން ދިރިހުރިހާ ހިނދަކު މަންހަލްގެ ބައްޕަ ހޯދައިދޭން މަސައްކަތް ކުރާނަން. އައި ޕްރޯމިސް.”
މަޑުމަޑުން ބޯޖަހާލަމުން މަންހަލް ރުއިން ހުއްޓާލުމަށް މަސައްކަތްކުރިއެވެ. ޔަޒްދާން އޭނާގެ ގަޔާ މަންހަލް ކައިރިކޮށްލައިގެން އިނެވެ. ދެން އެއަށްފަހު އޭނާއާއި ދުރުވެލުމަށްފަހު ޓިޝުލެއް ނަގާ މަންހަލްގެ މޫނު ފުހެލައިދިނެވެ.
“ދެން ނުރޮއްޗޭ. އަހަރެން މަންހަލްއަށް ޓަކައި ކޮންމެ ކަމެއްވެސް ކޮށްދޭނަން. މިހާރު މީހުން އަންނަ ގަޑި ޖެހެނީ. ޝަޔަމްމެންނަށް އެބަ ގޮވާލަން މޫނުމަތި ރީތިކޮށްލަން.” ކޮޓަރީގައި ހުރި ފެންފުޅީގެ މަތިގަނޑު ނަގާ މަންހަލްއަށް ދިއްކޮށްލަމުން ޔަޒްދާން ބުނެލިއެވެ. ގަދަކަމުން ހިނިތުންވެލާ މަންހަލްވެސް އެފުޅީގައި ހިފާލިއެވެ.
“ތެންކިއު.” ޔަޒްދާންއަށް އަނބުރާ ފެންފުޅި ދެމުން މަންހަލް ބުނެލިއެވެ.
ޝަޔަމްއާއި ޒަކާއައިސް މަންހަލް ރީތިކޮށް ދިނުމާއެކު މިފަހަރު މަންހަލް ނިކުތީވެސް އެދެމީހުންނާއެކުގައެވެ. އޭރު ޕާޓީއަށް މީހުން އަންނަން ފަށައިފިއެވެ. ޔަޒްދާންގެ ކަނާއަތް ފަރާތުގައި ހުއްޓިލަމުން ދެފަރާތަށް ބަލައިލެވުނު މަންހަލްއަށް މިފަހަރު ތަނުގެ ޒީނަތްތެރިކަންވެސް ފާހަގަވެއްޖެއެވެ. ދެމީހުން ތިބެން ހާއްސަ ކުރެވިފައިވީ ސްޓޭޖްގެ ފަހަތުގައި ރޯޔަލް ބްލޫ ވެލްވެޓް ކާޓެއިންއެއް އެލުވާފައި އެފޮތިގަނޑުގެ މަތީގައި ހުދު ކުލައާއި ކްރީމް ފާޑުގެ ކުލައެއްގެ މާ ހަރުކުރެވިފައި ހުއްޓެވެ. ސިޓިންގް ރޫމުގެ އެއްކޮޅުން އަނެއްކޮޅަށް ރަންކުލައެއްގެ ފެއަރީ ލައިޓްތައް އެލުވާފައި ހުރިއިރު އެތަނުގައި ވަނީ ހިތްގައިމު ކުލައެކެވެ. ފާރުގެ އެއްކައިރިއަކަށް ސޯފާތައް ތަރުތީބުން ޖަހާލާފައި މެހެމާނުން ގެންނަ ހަދިޔާތައް ބެހެއްޓުމަށް ހާއްސަކުރެވިފައި ވިއެވެ. މަންހަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ އޭނާގެ އެދުމަށް ޔަޒްދާން އެތަން ޒީނަތްތެރިކޮށްފައިވާ އާދައިގެ ގޮތް ފެނިފައެވެ. ހިނިތުންވުމާއެކު ޔަޒްދާންއާއި މަންހަލްވެސް މެހެމާނުންނަށް މަރުހަބާ ކިޔަންފެށިއެވެ. ކެމެރާއެއް ހިފަހައްޓާލައިގެން ޝަޔަމް އުފާވެފައި ހުރިއިރު ރޯޔަލް ބްލޫކުލައިގެ ފުއްޕި ހެދުމެއްގައި ޝާނީ ފެންނަނީ ކުޑަކުޑަ ޕަރީއެއްހެންނެވެ.
އެންމެ ފުރަތަމަވެސް ވަލީމާއަށް އައީ ފިރުޝާއާއި ލަމްހާއެވެ. އުފާވެރި ކައިވެންޏަކަށް އެދެމުން މާދަން ފުރަން އުޅޭވާހަކަ ފިރުޝާ ބުނެލިއެވެ. ފަހަރަކު މީހަކާއި ސަލާން ކުރަމުން ގޮސް ޕާޓީ ނިމެން ގާތްވިއިރު މީހުން މަދުވެއްޖެއެވެ. އެހާހިސާބުން ދެން ހަދިޔާ ހިފައިގެން އައީ އާއިލާގެ މީހުންނެވެ. ޒަހީނާ އެދެމަފިރިންނަށް ހަދިޔާ ކުރީ މެލޭޝިއާގެ ދެކޮޅު ޓިކެޓެވެ. ނަސްރާއާއި ސުހައިލްގެ ފަރާތުން އެކޮޅުގައި ހުރުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދިނެވެ. މަރިޔަންއާއި އަފީފާ ގެނެސްދިނީ ކޮޓަރިއަށް ބޭނުންވާ ބައެއް ސާމާނެވެ.
މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށުމާއެކު ޔަޒްދާން ކޮޓަރިއަށް ދާންވެގެން ހިނގައިގަތެވެ. އޭނާގެ ފަހަތުން އައިޒިން އާއި ފައުޒާން އައެވެ. ޝަޔަމް އާއި ޒަކާވެސް މަންހަލް އާއެކު ހިނގައިގަތީ ޒަހީނާ އެމީހުންނަށް ގޮވާލީމައެވެ.
“ބަލައްޗޭ، ޔަޒްދާން އިރުކޮޅަކުން މަންހަލް ކާލާނެ.” މަންހަލްގެ ކަންފަތް ދޮށުގައި ވައި އަޑުން ޝަޔަމް ބުނެލިއެވެ. ޒަކާވެސް އޭނާއަށް ބަލައިލުމާއެކު ލާނެތް ގޮތަކަށް ހީލިއެވެ.
މަންހަލް އައުމާއެކު ޔަޒްދާންގެ ކޮނޑުގައި ހިފާލާފައި އައިޒިން ހީލިއެވެ. މަންހަލް ކޮޓަރީގެ ދޮރު ހުޅުވާލުމުން ޔަޒްދާންވެސް އެތެރެއަށް ދެމިގަތީ ދެއެކުވެރިންގެ ދިމާކުރުންތަކުން ސަލާމަތް ނުވެވޭނެކަން އެނގޭތީއެވެ. ޒާތަކަށް ކެއްސަމުން އައިޒިން އާއި ފައުޒާން ސިޓިންރޫމަށް ނުކުތްއިރު ޒަކާއާއި ޝަޔަމްވެސް ހެމުން ހެމުން އެމީހުންގެ ފަހަތުން އައެވެ.
މަންހަލް ދޮރު ލައްޕާލާފައި އެނބުރިލަން ވީއިރު ޔަޒްދާން ލައިގެން ހުރި ކޯޓު ބާލައި އެނދުމަތީގައި ބާއްވާލައިފިއެވެ. ދެން ބެގީ ނައްޓުވާލުމަށްފަހު ގަމީހުގެ ގޮށްތައް ނައްޓުވަން ފެށިއެވެ. ލަދުގަތް ވަރުން އަނެއްކާވެސް މަންހަލް ފަހަތަށް އެނބުރުނީއެވެ.
“ސޮރީ.” ގަމީހުގެ ގޮށްތައް ނައްޓުވައިގެން ހުރެ ތުވާއްޔާއި ޓީޝާޓެއް ހިފައިގެން ޔަޒްދާން ވަނީ ފާހަނާއަށެވެ. އޭނާ ނިކުންނަން ވީއިރު މަންހަލް ޔަޒްދާންގެ ކޯޓު ނަގާ ކޮނޑެއްގައި އަޅުވާލިއެވެ. ވަރުބަލިވެފައި ހުރުމާއެކު އޭނާ ދެން އިށީނީ ގޮދަޑީގައެވެ. އެގޮދަޑީގެ އަރާމުކަމުން މަންހަލްގެ ގަޔަށް ކަންނެތްކަން ވެރިކުރުވިއެވެ. މޯޅިއަކަށް ދެމިލާ އެމަޑު ތަންމަތީގައި ބުރަކަށި ޖައްސާލެވުނުހެނެއް ހީނުވެ ޔަޒްދާން ފާހަނައިގެ ތަޅުގައި ހިފާލި އަޑަށް ކައްޓެއް ޖެހުނުހެން އޭނާ ތެދުވެއްޖެއެވެ. ނިޔަފަތިތަކާ ކުޅެން އިންދާ ޔަޒްދާން އަވަސްއަވަހަށް ތައްޔާރުވެއްޖެއެވެ.
“ނަމާދަށް މިދަނީ. ހަމަޖެހިލައިގެން ޗޭންޖުކޮށްލާ.” ލައިގެން ހުރި އަޅިކުލައިގެ އަތްދިގު ޓީޝާޓަށް ސެންޓުކޮޅެއް ބުރުވާލަމުން ޔަޒްދާން ބުނެލިއެވެ. މަންހަލް ބަލައިލުމާއެކު ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު އޭނާ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު މަންހަލް އަވަހަށް ކޮޓަރިއަށް އައީ ޖެހިގެން އޮތް ދުވަހު ފުރަން ހަމަޖެހިފައި އޮތީމައެވެ. ޔަޒްދާން ނަގައިދީފައި އޮތް ދަބަސް ހިފައިގެން އައިސް އެނދުމަތީގައި ބާއްވާފައި ކޮޓަރީގެ އެއްފަރާތުގައި ހުރި ބޮޑުއަލަމާރި ކައިރިއަށް ހުއްޓެން ވީއިރު ޔަޒްދާންވެސް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. މަންހަލް ނުބުނަނީސް އޭނާ އައިސް ދަތުރަށް ބޭނުންވާނެ އަންނައުނުތައް ނަގާ ގޮދަޑި މަތީގައި ބާއްވާލިއެވެ. ދެން ދެމީހުންވެސް އެނދުގައި އިށީނދެ އަންނައުނުތައް ފަތްޖަހަން ފެށީއެވެ. ދެތިންފަހަރު ވާހަކައެއް ބުނަން އަނގަ ހުޅުވާލާފައިވެސް ފަސްޖެހިގެން އޭނާ އަނގަ ލައްޕާލަނީއެވެ.
“ކީކޭ؟” ޔަޒްދާންއަށް އެމަންޒަރު ފެނި އަހާލިއެވެ.
“ޔަޒްދާންގެ މަންމަ ދެން ކިހިނެއް ހަދަނީ؟ އެކަނި ވާނެއެއް ނޫންތަ؟” މަޑުމައިތިރިކަމާއެކު މަންހަލް ވާހަކަދެއްކިއެވެ.
“މަންމަ ރަށުން ބޭރަށް ގެންދިއުމަކީ ވާނެ ކަމެއް ނޫން. ހަމައަސްލުވެސް. ބައްޕަ ނިޔާވި ފަހުން މަންމަ ރަށުން ބޭރަށް ދިޔައީ ހަމަ އެންމެ ފަހަރަކު. އެއީ އަހަރެން ޕޮލިހުން ގުރެޖުއޭޓްވި ދުވަހު. މިފަހަރުވެސް ބުނިން ހިނގާށޭ ދާން. އެކަމަކު އެއްބަހެއްނުވި.” ޔަޒްދާން އޮޅުން ފިލުވައިދިނެވެ. މަންހަލް މަޑުމަޑުން ބޯ ޖަހާލީއެވެ.
“އެއްޗެހި ޕެކް ކޮށްފިން ދޯ؟” މަންހަލްއަށް ބަލައިލަމުން ޔަޒްދާން ބުންޏެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވީ އެހިނދުގައެވެ. ނުހަނު އަވަހަށް ނަޒަރު ބަދަލުކޮށްލަމުން މަންހަލް ‘ހޫމް’އޭ ބުނެލިއެވެ.
“އެކޮޅަށް ނުގެންދާ އެއްޗެހި ކޮޓަރީގައި ބަހައްޓާ. މީ ދެން މަންހަލްގެވެސް ކޮޓަރި.. އަލަމާރީގައި އިންނާނެ ތަޅުލާ ވަތްގަނޑުތަކުގެ ތަޅުދަނޑިވެސް. އޭގެއިން ވަތްގަނޑެއް ބޭނުންކުރަން ބޭނުންވަންޏާވެސް ނަގާތި. އެއްވެސް ކަމެއް ބޭނުންވެފަ ނުބުނެ ނުހުންނާތި. މައްސަލައެއް ނެތް ކޮމްފޮޓެބަލް ވަންދެން ގަނޑުގަ ލިޔެގެން ބުންޏަސް. މަންހަލް ބުނާ ހުރިހާ ކަމެއް އަހަރެން ކޮށްދޭނީ އުފަލާއެކު.” ޔަޒްދާން ދެންވެސް ވާހަކަދެއްކިއެވެ.
“ތެންކިއު.” ބުނާނެ އިތުރު އެއްޗެއް ނޭނގިގެން މަންހަލް ބުންޏެވެ.
ދަތުރަށް ބޭނުންވާނެ އެއްޗެހި ހަމަކޮށް ހަމަނޭވާއެއް ލެވުނު އިރު ރޭގަނޑު ދިހައެއް ޖަހަނީއެވެ. ގޮދަޑި މަތީގައި ހުރި ދަބަސް ނަގާ މަންހަލް އެނބުރިލިއިރު ޔަޒްދާން ކޮޓަރިއަށް ވަނީ ފިނި ތައްޓެއް ހިފައިގެންނެވެ.
“މަންމަ ދިން އެއްޗެއް..” ތަށިދައްކާލަމުން ޔަޒްދާން ބުނެލިއެވެ.
އެންމެފުރަތަމަ އެކިރުތަށިން ބޮއުނީ ޔަޒްދާންއެވެ. އެއަށްފަހު ޔަޒްދާން އޭގެއިން އެއްބައި އޭނާގެ އަތުން މަންހަލްއަށް ދިނެވެ. ފޮނި ފޮނި ރަހައެއްދިން އެބުއިން ދެމީހުންނަށްވެސް ނުހަނު ކަމުދިއައެވެ.
“ނަމާދުކޮށްލަމާ؟” ތަށި ދޮވެލާފައި ކޮޓަރިއަށް އައި ޔަޒްދާން އަހާލިއެވެ. ބޯޖަހާލުމަކުން މަންހަލް ފުއްދާލީއެވެ.
އެންމެ ފުރަތަމަ ފާހަނައަށް ވަދެ ވުޟޫކޮށްގެން ނުކުތީ ޔަޒްދާންއެވެ. މަންހަލް ވުޟޫކޮށްގެން ނުކުތް އިރު ޔަޒްދާން ހުރީ މުސައްލަ އަޅާ ނަމާދަށް ތައްޔާރުވެގެންނެވެ. ފުރަތަމަ ފަހަރަށް ދެމަފިރިން އެކުގައި ނަމާދުކުރިއެވެ. ދެމީހުންގެ ހިތަށްވެސް ފިނިކަމެއް ލިބުނީ ނަމާދުގެ ސަބަބުންނެވެ. ނަމާދަށްފަހު ޔަޒްދާން އޭނާގެ އަތް މަންހަލްގެ ނިތުގައި ބާއްވާލަމުން ދުޢާކުރިއެވެ.
ނަމާދުކޮށް ނިންމާލާ މުސައްލަ އަލަމާރިއަށް ލުމަށްފަހު ދެމީހުންވެސް ހުއްޓުނީ އެނދުކައިރީގައެވެ. މަންހަލް ޔަޒްދާންއަށް ބަލައިލިއެވެ. ދެމީހުންގެ ނަޒަރުވެސް ސީދާވިއެވެ. މިފަހަރުވެސް ނުހަނު އަވަހަށް މަންހަލް އިސްޖަހާލީއެވެ. ކޮޓަރީގެ ފަނޑުބޮކި ދިއްލާލަމުން އައިސް ޔަޒްދާން އެނދުގެ ބިއްދޮށަށް އެރިއެވެ. މަންހަލް މަޑުމަޑުން ހިނގާފައި އައިސް އެނދުގައި އިށީނެވެ. އޭނާ އިނީ ގޭގައި ލާވަރުގެ ކަކުލާ ހަމައަށްއަރާ ހެދުމަކާއި ދޫ ހަރުވާޅެއް ލައިގެންނެވެ. އޭނާ ބުރުގާ ނާޅާ ހުއްޓާ ޔަޒްދާންއަށް ފެނިފައިވިއެއް ކަމަކު ބުރުގާ ބާލަން މަންހަލް ފަސްޖެހުނެވެ. ދެއަތުގެ އިނިގިލިތަކާއި ކުޅެމުން އޭނާ އެނދުގައި އޮށޯތެވެ. ޔަޒްދާން އޮށޯތީ އެއަށްފަހުގައެވެ.
ގަޑީގެ ސިކުންތު ކަށީގެ އަޑު އިވެމުން ދިޔައެވެ. ދެލޯ މަރާލައިގެން މަންހަލް އޮތެވެ. އަރާމު ތަންމައްޗެއްގައެވެ. އެކަމަކު ހަމަ އެއްގޮތަކަށް މަންހަލްގެ ލޮލަށް ނިދިއަންނަ ގޮތެއްނުވިއެވެ. ލޯ މަރާލާއިގެން އޮންނަން ފެށުމުން މަންހަލްގެ ލޮލަށް ސިފަވާންފެށީ އުނދަގޫ މަންޒަރެކެވެ. ދެލޯ ހުޅުވާލުމަށްފަހު އޭނާ ޔަޒްދާންއަށް ބަލައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އެނބުރިލަން އުޅުނީ މަންހަލްއާއިވީ ފަރާތަށެވެ. ހިތްއަވަސްވީ ވަރުން މަންހަލްއަށް ދެލޯ މަރާ ބާރުކޮށްލެވިއްޖެއެވެ. ޔަޒްދާން ހަމަޖެހިލިހެން ހީވެ އޭނާ މަޑުމަޑުން ކަނާތު ލޯ ހުޅުވާލިއެވެ. ދެއަތް ދަމާލާފައި ޔަޒްދާން ބިއްދޮށް ފަރާތަށް އެނބުރުނެވެ.
“ޔަޒްދާން؟” ހިތުން ސިކުންތު ގުނަގުނާފައި އެންމެފަހުން ނުނިދުނީމާ މަންހަލް ޔަޒްދާންއަށް ގޮވާލިއެވެ.
“ހުމް.” އޭނާގެ ޖަވާބު ނުހަނު އަވަހެވެ. ދެލޯ ބޮޑުކޮށްލާފައި މަންހަލް ތުންފަތް ދަމާލިއެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ.
“ނިދީތަ؟” އަނެއްކާވެސް މަންހަލް ސުވާލުކޮށްލިއެވެ.
“އުހުނ.” ޔަޒްދާން ބުންޏެވެ. ދެންވެސް ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ނިދޭތޯ ހިތާހިތުން ދުޢާކުރަމުން މަންހަލް ދެލޯ މަރާލިއެވެ. ނިދީގެ ފުން ކަނޑަށް ޣަރަޤުވަމުން ދިޔަ ވަގުތު ޖެހިލި ވައިރޯޅިއަކާއެކު ޖަނބުރޯލު ގަހުގެ އޮފިގަނޑެއް ފުރާޅުގައި ކޭއްތިލި އަޑު އިވުނެވެ. ފުންމައިގެން ތެދުވެ މަންހަލް އެނދުގައި އިށީނެވެ. ބިރުން މީހާ ރޫޅޫއަޅަން ފެށިއިރު ނޭވާ ކުރުވާން ފަށައިފިއެވެ.
“ޔަޒްދާން. ޔަޒްދާން. އެމީހާ.. އެއަންނަނީ. ޔަޒްދާން. ނޫން ނޫން.. ބުނޭ ދުރަށް ދާށޭ. ނޫން. ޔަޒްދާން..” މަންހަލްގެ އަޑުތުރުތުރު ލާން ފެށިއެވެ.
ލުއްކެއް ޖަހާފައި ޔަޒްދާން ތެދުވިއެވެ. ފަނޑު އަލީގެ ތެރެއިން މަންހަލްގެ މޫނާއި އޭނާގެ ލޮލުން އަންނަ ކަރުނަތައް ޔަޒްދާންއަށް ފެނުނެވެ. މަންހަލްގެ މޫނުގައި ދެއަތުން ހިފާލަމުން އެދެލޮލުން އައި ކަރުނަތައް ފުހެދޭން ޔަޒްދާން މަސައްކަތް ކުރިއެވެ.
“މަންހަލް.. ބަލާ، މިތަނުގައި އެއްވެސް މީހެއްނެތޭ. ޔަޒްދާންއޭ މިހުރީ. ޓްރަސްޓް މީ، އެހެންމީހަކަށް މަންހަލްގެ ގައިގައި އިނގިލި ކުރިވެސް ޖައްސާލާކަށް އަހަރެން ފުރުސަތެއް ނުދޭނަން… ބިރުނުގަނޭ!”
“ތިއީ ޔަޒްދާން ދޯ. ޔަޒްދާން ދޯ ތިއީ. ޔަޒްދާން އަހަރެން ސަލާމަތްކުރޭ! އެމީހާ އެއަންނަނީ. ބޮކި ނިއްވާލީމަ އަންނާނެ.” ޔަޒްދާންގެ ގައިގައި ބޮނޑިވެލަމުން މަންހަލް ބުނެލިއެވެ. ޔަޒްދާންވެސް އޭނާގެ އަތުގެ ތެރޭގައި މަންހަލް ހިފަހައްޓާލައިގެން އިނެވެ.
“ބޮކި ދިއްލާ..” ހިސާބަކަށް ހަމަޖެހުމުން މަންހަލް ބުންޏެވެ. ޔަޒްދާން އެނދުން ތެދުވެގެން ގޮސް ބޮކި ދިއްލާލިއެވެ. އެނދުގެ ހެޑްބޯޑް މަތީގައި ހުރި ޖަގުން ތައްޓަށް ފެންފޮދެއް އަޅާ މަންހަލްގެ ތުމުގައި ޖައްސާލިއެވެ. ބަސްއަހާ ތުއްތު ކުއްޖެއް ފަދައިން މަންހަލް އެފެންތަށި ބޯލިއެވެ.
މަންހަލްއަށް އެނދުގެ ބިއްދޮށް ފަރާތްދައްކާފައި ޔަޒްދާން އައީ އެނދުގެ މިއަދަށަށެވެ. އޭރުވެސް ކުޑަކޮށް ތުރުތުރު އަޅަމުން ދިޔަ މަންހަލް އޭނާގެ ގަޔާ ކައިރިކޮށްލުމުން މަންހަލްވެސް އޭނާގެ ކޮނޑުގައި ބޯ އަޅާލައިފިއެވެ.
“ޔަޒްދާންއަށް އެނގޭތަ؟ އަހަރެން ބޮކި ނިއްވާލައިގެން ނިދަން އޮއްވާ އޭނާ އައީ. އަހަރެން ނޫނެކޭ ބުނީމަވެސް. އަހަރެން ބޮކި ދިއްލައިގެން އޮތްނަމަ އެމީހާ ނާންނާނެ ދޯ؟ އިޓްސް އޯލް މައި ފޯލްޓް. ޔަޒްދާން އަހަރެން…. ޑޫ ޔޫ ސްޓިލް ލަވް މީ ޔަޒްދާން؟ އައި އޭމް ނޮޓް އްއަ-” ހަމަހިމޭންކަމާއެކު މަންހަލް ވާހަކަދެއްކިއެވެ.
“ޝްޝްޝް..” ކުއްލިއަކަށް މަންހަލްގެ ތުންފަތުގައި އިނގިލި ޖައްސާލާފައި ޔަޒްދާން ބުނެލިއެވެ. މަންހަލްއަށް އެފަދައިން ކަންތައް ކުރިމީހަކަށް އޭނާގެ ހިތުގައި ނަފްރަތުގެ އަލިފާން އަނދަންފެށިއެވެ. މަންހަލް އުޅެން ޖެހިފައިވީ ހާލު ފެނި އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. “ދެން އެހެން ނުކިޔާނެ އިނގޭ. އެއީ ޕާސްޓް. އަހަރެން މަންހަލް ބަލައިގަތީ މަންހަލްގެ ގޮތުގައި. މަންހަލްގެ އެއްވެސް ކުށެއް އެކަމުގައި ނެތް…”
“ބޮކި ނިއްވާނުލައްޗޭ!” މަންހަލްއަށް ބުނެވުނެވެ.
“އޭޒް ޔޫ ވިޝް މޭމް! ދެން އަވަހަށް ނިދާލާ. އަހަރެން މިހުރީ މަންހަލްގެ ގާތުގައި.” މަންހަލްގެ ކޯތާފަތުގައި ފިރުމާލާފައި ޔަޒްދާން ބުނެލިއެވެ. ބޯހިއްލާލާ މަންހަލް ޔަޒްދާންއަށް ބަލައިލިއެވެ. ދެން ދެލޯ މަރާލުމަށްފަހު، ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ ޔަޒްދާން ބަލަން އޮއްވައެވެ. މަންހަލްގެ މައުސޫމް މޫނަށް ބަލަން އޮވެ ޔަޒްދާންއަށްވެސް ނިދުނީއެވެ.
ހޭލެވުމާއެކު އެންމެ ފުރަތަމަވެސް މަންހަލްއަށް އިހުސާސްވީ އޭނާގެ މޫނަށް އެޅެމުން ދިޔަ ހޫނު ނޭވާތަކެވެ. ދެލޯ މަރާލައިގެން އޮއްވާ ރޭގެ ހަނދާންތައް އޭނާގެ ސިކުނޑި ވަށާލައިފިއެވެ. ކުއްލިއަކަށް އޭނާ ދެލޯ ހުޅުވާލިއެވެ. ޔަޒްދާންގެ މޫނާއި އޭނާގެ މޫނު ވަނީ ޖެހިފައެވެ. ތެޅިގަނެފައި މަންހަލް ދުރަށް ޖެހިލަން އުޅުން ނަމަވެސް އެކަން ކާމިޔާބު ނުވީ ޔަޒްދާންގެ އަތް އޭނާގެ އުނަގަނޑު ވަށާލާފައިވީމައެވެ. މަޑުމަޑުން ޔަޒްދާންގެ އަތް އޭނާގެ އުނަގަނޑުން ނައްޓަވާލަން އޭނާ މަސައްކަތްކުރިއެވެ. ޔަޒްދާންގެ ހަރަކާތެއް އައިހެން ހީވެ މަންހަލް އަވަސް އަވަހަށް ދެލޯ މަރާލިއެވެ. ކަންނެތް ކަމާއެކު ދެލޯ ހުޅުވާލި ޔަޒްދާންއަށް އެމަންޒަރު ފެނި ހިނިތުންވެވުނެވެ. ގަޑިއަށް ބަލައިލަމުން ޔަޒްދާން އަނެއްކާވެސް މަންހަލްގެ އުނަގަނޑުގައި އަތްއަޅުވާލަމުން އޭނާގެ ގަޔާއި ކައިރިކޮށްލާ ހަމަޖެހިލީއެވެ. ނޭވާ ދަމާލިގޮތަށް މަންހަލް އޮތީ ހަރަކާތެއްވެސް ގެންނަން ނުކެރިފައެވެ. އިރުކޮޅަކު އެހެން އޮވެފައި ޔަޒްދާން ތެދުވިއެވެ.
“ގުޑް މޯނިން ބަޓަފްލައި، މަކަރު ނަހަދާ ދެން ތެދުވަން އުޅޭ!” މޯޅިއަކަށް ދެމިލަމުން ޔަޒްދާން މަންހަލްއަށް ބުނެލިއެވެ. ވަގުހިފީމާ މަންހަލްވެސް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު ޔަޒްދާންގެ ނަޒަރު އަމާޒުވެފައި ވަނީ މަންހަލްއަށެވެ. އެނދުމައްޗަށް ރަޖާގަނޑު ގުޅައަކަށް ޖަހާފައި ޔަޒްދާންއައީ އެނދުން ތެދުވާށެވެ. ފާހަނާއަށް ދަމުން މަންހަލްއާއި ގާތްވެލާ އޭނާ ދެން ކޮށްލި ކަމަކުން މަންހަލްގެ ވިންދު އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




Hiii
Nice part as well ❤️
Wooooow it’s so romantic
I love this story 😍
Next part please…….
Thank u Someone! In Sha Allah next Monday ga kiyalan libeyne! 😊🤍
Mi part vx v Reethi masha allah
Curiously waiting for next part
Yazdhaan is so romantic
Yazdhaan and manhal dhuru nukurachey
They both are made for each other
Shayoo and javidh ves gulhuvachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Thank you Cutie girl! 😊🤍
Loves this part also
Alhe ehaa curious kohlaafa thi nimmaaly
Vvv curiously waiting for the next part
Thank you Repunzil! 😊🤍
Omg 🤭🤭🫣🫣🫣
Awwwe haadha loabi couple ekeyyy ❤️❤️❤️
Loved the storyyyyy
Thank you Someone! 😊🤍
Waiting for next part🫣
Thank u Thihthssss! Next part on Monday! 😘❤️
Masha Allah Vrh reethi mi part vx 💕
Whn is next parttt
Can’t wait ey 😩😩😭
Thank u Mar yam! 😊🤍