“އެއީ ކޮންބައެއް؟” ހިތްނުރުހިފައި ހުރުމުން ޝާނީގެ ގާތުން މަންހަލްއަށް އަހާލެވުނީވެސް ނުރުހިފައިހުރި ރާގެއްގައެވެ.
“ބަސްއަހާ ނަރުސްއާ ބަސްނާހާ ނަރުސް.” ޝާނީ އޭނާގެ ޅައަޑުން ބުނެލިއެވެ.
“ކީކޭ؟” މަންހަލްއަށް ބުނެވުނެވެ.
“އެއްދުވަހު ޝާނީ ބަލިވެގެން ދިޔައީ ޑޮކްޓަރަށް ދައްކަން. ދެން ޑޮކްޓަރ ބުނީ ޝާނީ އަތަށް ކައްޓެއް ޖަހާށޭ ޖެހޭނީ. ދެން ބަސްނާހާ ނަރުސް އައިސް ޝާނީ އަތަށް ކަށި ޖަހަން އުޅެ އުޅެ ނުޖެހުން. ހަމަ ޝާނީ އަށް އައްދޮ ކުރަނީ. އެއްފަހަރު ޖަހާފަ އަނެއްކާވެސް ނައްޓަވާލަނީ. ދެން އައީ ބަސްއަހާ ނަރުސް. ބަސްއަހާ ނަރުސް އައިމަ. ވޫހް. އެންމެ ފަހަރަކުން ޝާނީ އަތަށް ކަށި ޖެހީ. ޝާނީއަށް އައުއެއްވެސް ނުވޭ.” ޝާނީ އޭނާގެ އަމިއްލަ ބަހުރުވައިން ވާހަކަދެއްކިއެވެ.
“ކީއްވެ ބަސްއަހާ ނަރުސްއާއި ބަސްނާހާ ނަރުސް ކިޔަނީ؟” މަންހަލް ސުވާލުކުރިއެވެ.
“އެއީ ބަސްނާހާ ނަރުސް ޝާނީއަށް އައްދޮ ކޮށްލީމަ. މަންމަ ބުނީ ކުދިންނަށް އައްދޮ ކުރާނީ ބަސްނާހާ ކުދިންނޭ.” ޝާނީ އޮޅުން ފިލުވައިދިން ގޮތުން މަންހަލްއަށް ހެވުނެވެ.
“މަންހަލްއަށް އެނގޭތަ؟ ބަސްނާހާ ނަރުސް ޝާނީ ފެނުނީމަ އަބަދުވެސް އަހާނެ ޔަޒްދާން ދޮންބެ ކިހިނެއްހޭ. އެހުރީއެއްނު ނޫ ކުލައިގެ ބުރުގަލެއް އަޅައިގެން. އެއީ ބަސްނާހާ ނަރުސް.” ޝާނީ މަންހަލްއަށް ކިޔައިދިނެވެ. ޝާާނީގެ މައުސޫމްކަން ފެނި މަންހަލްގެ ހިތް ލޯބިން ފުރިގެން އައެވެ.
ގެއަށް ދިޔަ މަގުމަތިން އެންމެ ހިނދުކޮޅަކަށްވެސް ޝާނީގެ އަނގައެއް ނުހުއްޓެއެވެ. ޝާނީގެ އަތުގައި ހިފާލައިގެން މަންހަލް ދިޔައިރު ޝާނީ ދެއްކި ހުރިހާ ވާހަކައެއް ކަނުލާ އަޑުއެހިއެވެ. ތުއްތު ކުއްޖެއް ބެލުމަކީ މަންހަލް ހީކުރި ފަދައިން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. ހާއްސަކޮށް ޝާނީއަކީ ހަލަނި ކުއްޖަކަށް ވީތީއެވެ. ހަވީރު އަތަށް އަޅައިގެން އައިއިރު މަންހަލްހުރީ ލޮޑުވެފައެވެ. ޝާނީ ފަހަތުން ދުވަމުން ގޭގެ ބައެއް މަސައްކަތް ކުރަން ޖެހުނީތީއެވެ. ޝާނީ ފެންވަރުވާ އެއްޗެހި ލައްވާފައި މަންހަލް ވަނީ ފެންވަރާށެވެ. ނުހަނު އަވަސްކޮށްގެން ފާހަނައިން ނުކުތްއިރު ފެނުނު މަންޒަރުން އޭނާއަށް ދެލޯ ބޮޑުކޮށްލެވިއްޖެއެވެ.
“ޝާނީ!” ބާރު ހިނގުމެއްގައި އޭނާ ގޮސް ޝާނީގެ އަތުގައި އޮތް ލޯޝަން ފުޅި އަތުލިއެވެ. އޭރު ޝާނީ އިނީ މުށިތައްމަތީގައި ދެފައި ވަށްކޮށްލައިގެން ލޯޝަން އަޅައިގެން އަތުން ހާވާށެވެ.
“ނޯ މަންހަލް ނޯ..” ދެކޯ ފުށްޕާލާފައި ޝާނީ ބުންޏެވެ.
“އެހެން ހަދާކަށް ނުވާނޭ. އޭރަށް އިސްރާފެއްނު ވާނީ.” ތަންކޮޅެއް ހަރުކަށި ކަމާއެކު މަންހަލް ބުންޏެވެ. “ދެން އެހެން ނަހަދައްޗޭ!”
“އެކަމަކު ޝާނީ އަލިފް ބާ އަޅަން ދަސްކުރީއޭ.” ބޯ ޖަހާލަމުން ޝާނީ ބުންޏެވެ.
“ލިޔަން ވާނީ ގަނޑުގަ.” ބިންމަތިން ލޯޝަން ނަގާ އަތުގައި ހާކާލަމުން މަންހަލް ބުންޏެވެ.
ނަމާދުކޮށް ނިންމާލައިގެން މަންހަލް އުޅުނީ ޝާނީ ފުނާ އަޅުވާށެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނީ އޭނާ އެ މަސައްކަތުގައި އުޅެނިކޮށެވެ.
“ވަދޭ.” މަންހަލް ގޮވާލިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޔަޒްދާންއެވެ. އޭނާ ލައިގެން ހުރީ ގުރާފެހިކުލައިގެ ޓީޝާޓަކާއި ގަދައަޅި ކުލައެއްގެ ޖިންސެކެވެ. މަންހަލް ފުނާ އަޅުވަން އިންދާ ޝާނީ ދުވެފައި ގޮސް ޔަޒްދާންގެ ފައިގައި ބައްދާލައިފިއެވެ.
“ދޮންބެގެ ޕްރިންސެސް.” ޝާނީ އުރާލާފައި ޔަޒްދާން ބުންޏެވެ.
“ދޮންބެއަށް އެނގޭތަ މިއަދު މަންހަލްއަށްވެސް ބަސްނާހާ ނަރުސް ފެނުން.” ޝާނީ ސުރުހީ އަޅާލިއެވެ. ޔަޒްދާން މަންހަލްއަށް އަވަސް ނަޒަރެއް ދިނެވެ. އޭރު މަންހަލްވެސް އިނީ ޔަޒްދާންއަށް ބަލާށެވެ.
“އަނެއްކާވެސް ޝާނީއަށް އައްދޮ ކޮށްލަން އުޅުނީތަ؟” ޔަޒްދާން ޝާނީއާއި ސުވާލުކުރިއެވެ.
“ނޫން. ފިހާރައިން ފެނުނީ. މަންހަލްއާއެކު ޔޯގާޓް ގަންނަން ދިޔައިރު.” ޝާނީ އޮޅުން ފިލުވައިދިނެވެ. “ޝާނީ މިގެއަށް އައިއިރު ދޮންބެ ނޫޅޭ. ބޮޑުބެދައްތަ ބުނީ ޕޮލިސް ސްޓޭޝަންއަށޭ ދިޔައީ. އެއީ ތެދެއްތަ؟ ކުރިން ފަހަރުވެސް ބޮޑުބެދައްތަ އެހެންބުނީ. އެކަމަކު ދޮންބެ ބުނީ އެފަހަރު ދިޔައީ އެހެން ރަށަކަށޭ.”
“ދޮންބެ މިއަދު ދިޔައީ ޕޮލިސް ސްޓޭޝަނަށޭ.” ޝާނީ މަންހަލްގެ ގާތަށް ގެންގޮސް ތިރީގައި ބަހައްޓަމުން ޔަޒްދާން ބުންޏެވެ. “ދެން ރީތިވޭ އަވަހަށް. ދޮންބެއާއެކު ދުއްވާލަން ދާނީ ދޯ ދެން.”
ޝާނީ އުފަލުން އަތްޖަހަން ފެށިއެވެ. ޝާނީގެ ބުޅި އިސްތަށިކޮޅުގައި ވޫލް ޖަހުވާ، މަލެއް ޖެހިއެވެ. މަސައްކަތަކީ މަންހަލްއަށް މުޅިން އައު މަސައްކަތެއް ވިއަސް އޭނާ އެކަން ކުރީ ނިކަން ފުރިހަމައަށެވެ. ޝާނީގެ ހެދުމުގައި ކޮލޯން ކޮޅެއް ހާކާލުމުން އަނެއްކާވެސް އެނދުން ފައިބައިގެން ދިޔައީ ޔަޒްދާން ގާތަށެވެ. ޝާނީ ގެނައި ދަބަހަށް އެއްޗެހި އަޅާ ތައްޔާރު ކުރަމުން މަންހަލް ދިޔައިރު ޝާނީ ޔަޒްދާންއަށް ކިޔައިދެމުން ދިޔައީ ހަވީރު މުށިތަކަށް ލޯޝަން އެޅި ވާހަކައެވެ.
“މަންހަލްއެއް ނުކިޔާނޭ. އެއީ ޝާނީއަށް ވުރެ ބޮޑު ކުއްޖެއްނު.” އެންމެފަހުން ޔަޒްދާން ބުންޏެވެ.
“ނޯ. މަންހަލް އެއީ ޝާނީގެ ފްރެންޑް. އެހެންވީމަ ޝާނީއަށް މަންހަލް ކިޔޭނެ.” ދެބުމަ ގޮށްޖަހާލައިގެން އިނދެ ޝާނީ ރައްދު ދިނެވެ.
“މަންހަލް ބުނިއްޔޭ ދޯ އޯކޭއޭ ހަމައެކަނި މަންހަލް ކިޔަސް.” އެހުރިހާ އިރު ވާހަކަނުދައްކާ ހުރި މަންހަލް ބުނެލިއެވެ. އެނދުމަތިން ދަބަސް ނަގާ އޭނާ ދިއްކޮށްލީ ޔަޒްދާންއަށެވެ. އާނއެކޭ ކިޔާފައި ދުވަމުން ޝާނީ ނިކުތީ ބޭރަށެވެ.
ޝާނީ ގޮވައިގެން ޔަޒްދާން ދިއުމުން މަންހަލް ނިކުތީ ސިޓިންރޫމަށެވެ. އޭރު ފަހާފޮށި ދޮށުގައި ޒަހީނާ އިނެވެ.
“ތި ނިކުތީ ދޯ. ހިނގާބަލަ ދައްތައާއެކު މިތާ ކައިރި ގެއަކަށް ދާން. އަޒުރާ ފައިގެ އޮޕްރޭޝަނެއް ކޮށްގެން މިއަދު ރަށަށް އެއައީ. ކެރޭނެތަ ދާން؟” ފަހާފޮށި ނިއްވާލަމުން ޒަހީނާ ބުނެލިއެވެ.
“ވަރަށް ގިނަ މީހުން އުޅޭނެތަ؟” ތުންފަތް ދަމާލާފައި މަންހަލް ބުންޏެވެ.
“ނޫނޭ. އޭގެ ދެމަފިރިންނާ އެގޭ ބޮޑު ސޮރުގެ އަންހެނުން އުޅޭނީ. ދެން އުޅޭނީ ކުޑަ ފިރިހެން ކުއްޖެއް.” ބުރުގާ ރީތިކޮށްލަމުން ޒަހީނާއައީ ބޭރަށް ނިކުންނާށެވެ. އޭނާގެ ފަހަތުން މަންހަލްވެސް ނިކުތެވެ.
ޒަހީނާއާއެކު މަންހަލްވެސް އަޒުރާމެން ގެއަށް ދިޔައެވެ. ބައި ގަޑިއިރެއްހާއިރު އެދައިތަގެ ގާތުގައި ތިބެފައި ދެމީހުން ނިކުތީ ގެއަށް ދާށެވެ. ޒަހީނާގެ އަވައްޓެރިއެއް ކަމަށްވާ ޒާހިރު އާއި ދިމާވީ ދެމީހުން އެގެއިން އަންނަނިކޮށެވެ. ކުޑަ އިރުކޮޅަކު އެގޭ ކައިރީގައި ވާހަކަދައްކާލަން ޒަހީނާ މަޑުކޮށްލި ވަގުތު މަންހަލްގެ ލޮލުގައި އަޅައިގަތީ އެގޭ ވަށާފާރު މަތިން ފައިބައިފައި ހުރި އެކިކުލަކުލައިގެ ބޯގަންވިލާ ވެއޮތަކެވެ. އެވެއޮތަކަށް ބަލަން ހުއްޓާ އެންމެފަހުން ޒާހިރަށް އެތަން ފެނިގެން ކުރިކޮޅެއް ބޭނުންތޯ އަހާލައިފިއެވެ. ނުކެރިހުރެވެސް އޭނާ ބޯޖަހާލުމުން، ގެއަށް އައިއިރު ކޮންމެ ކުލައަކުން ބޯގަންވިލާ ކުރިކޮޅެއް އޭނާގެ އަތުގައި ހުއްޓެވެ. އިރުއޮއްސެން ވާއިރު އޭނާ އެކުރިތައް ގޭގެ ދޮރާށި ކައިރީގައި އިންދާލިއެވެ.
“ހެލޯ.” މަންހަލް ސިހިފައި ފަހަތަށް އުނދޯލި އަނބުރާލީ ޔަޒްދާންގެ އަޑުއިވުމުންނެވެ. އޭރު ޔަޒްދާން އައިސް ކައިރީ ހުރި ޖޯލީގައި އިށީންނަނީއެވެ. ޝާނީއާއެކު ހަވީރު ބޭރަށް ދިޔަ މީހާ އެދައްކާލީ އިޝާ ފަހުންނެވެ.
“ހައި.” ރާގަކަށް އޭނާ ބުނެލިއެވެ.
“ހިތްހަމަ ނުޖެހިފައިތަ؟” ޔަޒްދާންގެ އަޑުގައި ކުޑަވަރެއްގެ ސަމާސާ ގޮތްގަނޑެއް ހުއްޓެވެ.
“ކީއްވެ؟” މަންހަލް ވާހަކަދައްކަނީ އެކަމަށް ބޭނުންނުވެފައި އިން މީހެއް ފަދައިންނެވެ.
“ނޭނގެ. ފަހަރެއްގަ ފްފިރް-” އޭނާ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. ދެކޮނޑު އަރުވާލާފައި އުނދޯލީގައި ބުރަކަށި ޖައްސާލިއެވެ.
“އަހަރެން ކީއްވެ ހިތްހަމަނުޖެހެންވީ؟” އަނެއްކާވެސް މަންހަލް ސުވާލުކުރިއެވެ.
“ދެން އެހެންވިއްޔާ.. ނެވާމައިންޑް..” ވާހަކަދައްކާ ނިމުނުއިރު އޭނާގެ އަޑު ކިރިޔާ އިވިލިކަމެވެ. ދެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ.
“އެއީ ކާކު؟ ކޮން ފިރުޝާއެއް؟” ބަނޑަށް ހިންދައިގެން އިން ނަމަވެސް އެންމެފަހުން އޭނާގެ ދުލުން އެސުވާލު ބޭރުވެއްޖެއެވެ. އަޑު ހަރުކަށިވެފައި ބާރުވެސް ވިއެވެ.
“މަންހަލްއަށް އެނގޭތަ؟ އަހަރެންގެ ފޭންސް ވަރަށް ގިނަވާނެ.” ހިނިތުންވެފައި އިނދެ ޔަޒްދާން ބުނެލިއެވެ. “ރަށު ސްކޫލުގައި ކިޔެވިއިރުގައާ މާލޭގައި އޭލެވެލް ކިޔެވި އިރުވެސް. ފިރުޝާއަކީ ގްރޭޑް ހަތަކުން ފަށައިގެން އަހަރެންގެ ފަހަތުން ނުނައްޓައިގެން އުޅޭ މީހެއް. ކިތަންމެ ފަހަރަކު ބުނެފިން ނޫނެކޭ. ސީދާކޮންނާ ނުސީދާކޮށްވެސް. އަދި އަހުމަދިއްޔާގަވެސް އުޅުން ވަރަށް ރިޗް ކުއްޖެއް.”
“އައި ސީ.” މަންހަލް ބުނެލިއެވެ.
“މަންހަލް ގާތު ކީކޭ އޭނާކިއީ؟” ޔަޒްދާން ސުވާލުކުރިއެވެ.
“މީޓްއެއް ނުވޭ. އެކަމަކު މިރަށު މީހުން ގޮސިޕް ކުރަން ވަރަށް މޮޅު.” މަންހަލް ހިތްހަމަނުޖެހިފައި ބުނެލިއެވެ. ޔަޒްދާން ހީލީއެވެ.
“މަންހަލް. އަދިވެސް ޔަޒްދާން ނާދޭތަ؟” އެތެރެއިން ޒަހީނާ ގޮވާލި އަޑަށް ދެމީހުންވެސް ސިހުނެވެ. ޔަޒްދާން އަވަސްއަވަހަށް ޖޯލިން ތެދުވެގެން އެތެރެއަށް ދާން ހިނގައިގަތް އިރު މަންހަލްވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ދެ ހަފްތާއެއް ފާއިތުވެގެން ދިޔައީ ނުހަނު އަވަހަށެވެ. މަންހަލްގެ އެއްވެސް ހެދުމެއް ނެތްކަން ފާހަގަވުމާއެކު ޒަހީނާ އޭނާއަށް އައު ހެދުންތަކެއް ފަހައިދިނީ ނުހަނު އަވަހަށެވެ. އެދުވަސްވަރު އައި އޯޑަރުތައްވެސް އޭނާ ނުނެގިކަން މަންހަލްއަށް އެނގުނެވެ. ޝާނީއާއެކު ދުވަހުގެ ވަގުތުތައް ހޭދަކޮށް ނިމޭއިރު މަންހަލް ހުންނަނީ ލޮޑުވެފައެވެ. އެހެންވިއަސް ކޮންމެ ރެއެއްގެވެސް އިޝާފަހުން މަންހަލްއާ ޔަޒްދާންވެސް ދުވަހުގައި ދިމާވި ކަންތައް ހިއްސާކޮށް އެކަކު އަނެކަކާ ވާހަކަދައްކާލަން ތިބެއެވެ. ދެތިން ފަހަރަކު އެތަން ޒަހީނާއަށް ފެނުނަސް އޭނާ އެއްވެސް ނުރުހުމެއް ފާޅެއް ނުކުރެއެވެ. ބައެއް ފަހަރަށް އައިޒިންއާއި ފައުޒާންވެސް އެގެއަށް އައިސް އުޅޭތީ މަންހަލްއަށްވެސް އެމީހުން ތައާރަފްވެ ކުދި ވާހަކަތައް ދެކެވެއެވެ. އައިޒިން އިންނަން އުޅޭ ކުއްޖާއާވެސް އެހެން އުޅުމުގެ ތެރޭގައި މަންހަލްއަށް ދިމާވިއެވެ. އެދެމީހުން ވަރަށް އަވަހަށް އިންނަން އުޅޭކަން މަންހަލްއަށް އެނގުނީވެސް ޒަކާގެ ފަރާތުންނެވެ. ޒަކާއަކީ ރަށުގެ ސުކޫލުގައި މަސައްކަތް ކުރާ މުދައްރިސެކެވެ.
ކަޅުވިލާތަކުން އުދަރެސް ބައްދާލީ ނުހަނު އަވަހަށެވެ. ވައި ގަދަވެ، ވިއްސަރާވާން އުޅޭކަމުގެ އަލާމާތްތައް ފާޅުވާން ފަށައިފިއެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ ވެހިގަނެދާނެހެންނެވެ. އަރަން ފަށާފައި އޮތް ވިލާގަނޑު އެހާ އަވަހަށް ފައިބާނެހެން ހީނުވާ ވާހަކަ މާމަވެސް ބުނެފިއެވެ. ބޯ ޖަހާލަމުން މަންހަލް އަވަސްވެގަތީ އެނބުރި ގެއަށް ދާށެވެ. ނަމަވެސް ގެއަށް ދާންވެގެން މަގުމައްޗަށް ނިކުމެވުނުތަނާ ވާރޭ އޮއްސާލައިފިއެވެ. ދުވެލާފައި އައިސް އޭނާ އަސްކެނި ދަށަށް ވަތްއިރު މުޅިމީހާ ތެމިއްޖެއެވެ.
“މާމަ ބުނީމެއްނު ދެން ގެއަށް ދެވޭނެހެނެއް ހިޔެއް ނުވެއޭ.” ހިނިއައިސްފައި ހުރެ އަފީފާ ބުނެލިއެވެ. “މިގޭގަ ނެތް ކުޑައެއްވެސް.”
“ކުޑައެއް ނެތަސް މިހާރު މިހިރީ ވާނެވަރުވެފަ.” މާމައާއެކު ހުނުމުގައި ބައިވެރިވަމުން މަންހަލް ބުނެލިއެވެ. “ވާރޭ ވެހެނިކޮށް ނުކެރޭނެ ގެއަށް ދާކަށް. ދެންމެ ވިދާލިހެންވެސް ހީވި.”
ދެއަތް ހުރަސްކޮށް ގައިގައި ބައްދާލައިގެން މަންހަލް ހުންނަތާ ފަނަރަ ވަރަކަށް މިނެޓް ފަހުން ގޭތެރެއަށް ވަދެގެން އަންނަތަން ފެނުނީ ޔަޒްދާންއެވެ. އޭނާ ހުރީ ތެމި ފޯވެފައެވެ.
“ދަރިފުޅާ.” ޔަޒްދާން ހަމަ ފެނުމާއެކު މާމަ ދިގުކޮށް ގޮވާލިއެވެ.
“މާމަ ކަންބޮޑު ނުވެބަލަ. ބައްޔެއް ނުވާނޭ އިރާދުކުރެއްވިއްޔާ.” މާމަ ކަންބޮޑުވަނީ ކީއްވެކަން ޔަޒްދާންއަށް އެނގުން ކަހަލައެވެ. މާމަ ދެފަރާތަށް ބޯ ހޫރުވާލީއެވެ.
“ގެއަށް ދާންތަ ތިހުރީ؟ ގެންގޮސްދެންތަ؟” މަންހަލްއަށް ނަޒަރެއް ދީފައި ޔަޒްދާން ބުނެލިއެވެ. ދެލޯ ބޮޑުކޮށްލާފައި މަންހަލް ބަލައިލީ މާމައާ ދިމާއަށެވެ. އެތެރެއިން ނިކުމެގެން އައި މަރިޔަންއަށް އެވާހަކަތައް އަޑުއިވުންކަން އެނގުނީ އޭނާގެ މޫނުމައްޗަށް ވެރިވި ކުލަވަރުންނެވެ.
“ހުއްޓާލަންދެން މަޑުކުރާނީ.” މަންހަލް ބުނެލިއެވެ.
“ދަރިޔާ. ތިހެން ހުންނަންޏާ މިރޭ ހަތަރުދަމުވެސް މިގޭގަ ހުރޭ. އެހާ އަވަހަށް ވާރޭ ހުއްޓާނެހެން ހިޔެއް ނުވޭ. މިހާރު ތިހުރީ ތެމިފަ. ދެން އިތުރަކަށް ނުތެމޭނެ. ގެއަށް ގޮސް އަވަހަށް ތެތް އެއްޗެހި ބަދަލުކުރެވޭނީ ދިޔައީމައެއްނު. ސައިކަލުގަ އަވަހަށް ދެވޭނެ.” މަރިޔަން އަޑަށް ޖޯޝުލާފައި ބުނެލިއިރު މާމަވެސް ތެދެކޭ ކިޔައިފިއެވެ.
ޔަޒްދާން އޭނާއަށް ބަލައިލުމާއެކު ނުކެރިފައި ހުރެ އޭނާ ބޯޖަހާލިއެވެ. މިއީ އޭނާ ޔަޒްދާންގެ ސައިކަލު ފަހަތަށް އަރާ ފުރަތަމަ ފަހަރަށް ނުވިއަސް އޭނާ ހިތް އަވަސްވާ ގޮތްވިއެވެ. ވާރޭގެ ތެރެއަށް ނިކުމެ އޭނާ ޔަޒްދާންގެ ފަހަތުން ހިނގައިގަތެވެ. ސައިކަލު ފަހަތަށް އަރާ ހަމަޖެހިލި އިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Yazdhaan and manhal gulhuvachey
They both are made for each other
Shayoo and javidh ves gulhuvachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Thank you Cutie girl! 😊🤍
Vvv reethi
Alhe vvv curiously thankolhakun ey thi nimmaaly ….
Avahah next part kiyaalan libeyne kamah unmeedhu kuran
Hehe, Thank u Repuzil! 😊🤍
Ooooooh wow 😏😏😏
Masha Allah vrh reethi mi bai vess
Thank u someone! 🌝🤍
Woww…. Vv reethi
Curiously waiting for the next part
Thank u minnu! 😊🤍
Vvvv reethi part ea Masha Allah ❤️
Next part Kon iraku
Thank you Yaan!
22 vana bai mihaaru kiyalan libeyne! 😊🤍
Varah varah reethi ma sha allah 😍
Waiting for next part
Thank u No-one! 😊🤍