ޔާރާ އަހާށޭ 17 (ފަހުބައި)
“ދީނާ… އައި ނީޑް ޔޫ…” ސިއްރެއް ހެން އަހަރެންގެ ކަންފަތް ކައިރީ ރާއިދު ބުނެލިއެވެ. އަހަރެން ލޯ ހުޅުވާ ރާއިދުގެ ލޮލާ ލޯ އަމާޒު ވީ އިރު ރާއިދު ދުލުން ނުބުނަނީސް އެ ހިތުގެ ގޮވުން އަހަންނަށް އަޑު އިވުނެވެ.
ރާއިދުއާ ބޮޑަށް ކައިރި ވެލަމުން އަހަރެން ޖަވާބު ދިނީމެވެ. އަހަރެން ގައިން ދޫކޮށްލާފައި ރާއިދު ދެ ފިޔަވަޅުން ދޮރާ ހަމައަށް ގޮސް ދޮރު ތަޅުލާފައި އައިސް އަހަންނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އަހަރެން އެ އަތުގައި ހިފީމެވެ.
ވަރަށް ދުވަހު ދުރުގައި އަހަންނާ ރާއިދުއަށް ތިބެވިއްޖެއެވެ. ދެން އެ ގޮތުގައި އިތުރަކަށް ނޫޅެވޭނެއެވެ. ރާއިދުއަށް އައިސްފައި ހުރި ބަދަލު ފެނިފައި އަހަންނަށް ގޮތެއް ނިންމާކަށް އުނދަގުލެއް ނުވިއެވެ. އިތުރަށް ރާއިދުގެ ހިތަށް އަނިޔާ ދޭކަށް ދެން ބޭނުމެއް ނޫނެވެ. އެ ވަގުތީ ވަކިވުން ދާއިމީ ވަކިވުމަކަށް ހަދާކަށް ހިތެއް ނުރުހުނެވެ. ކޮންމެ ޙާލެއްގައި ވިޔަސް ފިރިއެއްގެ ގޮތުގައި އަހަރެން ރާއިދު ބޭނުމެވެ. ހަމަ އެހެން އަހަރެން ނޫން އެހެން މީހަކު އެ ޙަޔާތަށް ގެންނާކަށް ރާއިދު ދުވަހަކުވެސް ބޭނުން ނުވާނެ ކަން އަހަންނަށް ޔަގީންވެއެވެ. ވީ އިރު ދެން ދެ މީހުން އެހެން އުޅެންވީ ކީއްކުރަން ހެއްޔެވެ؟
“ދެންވެސް ދީނާ ރުޖޫޢަ ކުރާކަށް ބޭނުމެއް ނޫން؟” އަވަސް ވެފައިވި ނޭވާ ހަމައަކަށް އެޅުމުން އެއްފަރާތަށް އޮށޯވެލާ، އަހަރެން ގެނެސް ކައިރިކޮށްލާފައި ރާއިދު އަހާލިއެވެ.
“ބޭނުމެއް ނޫނޭ އަހަރެން އެއް ފަހަރުވެސް ނުބުނަން” އަހަރެން ބުނީމެވެ.
“ކިހިނެއް ހަދަންވީ؟” ރާއިދު އެއް އަތް މައްޗަށް ތެދުވެ އަހަރެންގެ މޫނަށް ބަލާލިއެވެ.
“އަހަރެން ހުންނާނީ މި ގޭގަ. ރާއިދު މަންމައާ ވާހަކަ ދައްކާ، މަންމަ އެއްބަސް ވީ ދުވަހަކުން ނޫނީ ދެން ރާއިދުގެ އަނތްބެއްގެ ގޮތުގަ މަންމަ ކުރިމައްޗަކަށް ނާރާނަން” އަހަރެން ބުނީމެވެ.
“އެންމެ ރަނގަޅު. މި ވަގުތަށް މި ގޮތްވެސް އަހަންނަށް އޯކޭ” ރާއިދު ބުންޏެވެ. އަހަރެން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލީމެވެ.
“ރާއިދު މަންމަ ކައިރީ ބުނާނީ ކީކޭ؟” އަހަރެން އަހާލީމެވެ.
“ބުނާނީ ކީކޭ ކަމެއް އަދި ނޭނގޭ، އެކަމަކު ކޮންމެސް އެއް ގޮތަކަށް މި ފަހަރު ނިންމާނަން” ރާއިދު އަހަންނަށް ޔަގީން ކަން ދިނެވެ.
ރާއިދު ގެއަށް ދިޔައީ ފަތިސް ނަމާދު ވަގުތު ކައިރިވެފައި ހުއްޓައެވެ. އެރޭ ނިންމުނު ނިންމުމާއެކު އަހަރެން ހުރީ އުފަލުންނެވެ. ނަމަވެސް ރާއިދު މަންމަގެ ޖަވާބެއް ލިބޭނީ ކިހިނެއް ކަމެއް ނޭނގޭތީ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ.
އަހަންނާ ރާއިދު ކައިވެނި ރުޖޫޢަ ކުރަން ބޭނުން ވާހަކަ އަހަރެންގެ މަންމަ ކައިރީ ބުނީ އަނެއް ދުވަހުއެވެ. މަންމަ އެދުނީ އަހަރެން ބޭނުން ވާ ގޮތަކަށް ކަންތައް ކުރާށެވެ. ނަމަވެސް ރާއިދުއާ ވާހަކަ ދައްކަން މަންމަ ބޭނުން ކަމަށް ބުންޏެވެ.
އެރޭ ރާއިދު ގެއަށް އައީ އަހަރެން ގުޅާފައި ބުނުމުންނެވެ. މަންމަ އިނީ ރާއިދުގެ އިންތިޒާރުގައެވެ. ކުރިން ވީހެން އަނެއްކާވެސް ވާން ނޭދޭތީ ރާއިދުއާ ވާހަކަ ދައްކަން މަންމަ ބޭނުން ކަމަށް ބުނުމުން ރާއިދު ބޯ ޖަހާލަމުން މަންމަގެ ވާހަކަ އަޑުއެހިއެވެ.
“ކައިވެންޏަށް ފަހު އެންމެ ރަނގަޅު ގޮތަކީ ދެމަފިރިން ވަކިން ދިރިއުޅުން. އެހެން މީހުންގެ ނުފޫޒު ނުފޯރާ، ދެމަފިރިންނަށް ކަންތައްތަކުގައި އަމިއްލަ ނިންމުން ނިންމޭނީ އޭރުން. މަންމަ މި ބުނަނީ ރާއިދުގެ އާއިލާއާ ވަކިވާށެކޭ ނޫން، ރާއިދުގެ މަންމައާ ވަކިން އުޅުނަސް އެއީ މަންމަ، މަންމަގެ ކަންތައް ކޮށްދޭން ޖެހޭނެ މަންމަ ބުނުމުގެ ކުރިން. ރާއިދުގެ މަންމައަށް ވުރެ ދީނާ އަބަދުވެސް ހުންނަން ވާނީ ފަހަތުގަ، އެހެން ވިޔަސް ދީނާގެ ބަސްވެސް ރާއިދު އަހަން ވާނެ. ރާއިދުއަށް މަންމަ ވަރަށް އިތުބާރު ކުރަން. ކުރިން ވީހެން ނުވާނެ ކަމުގެ ޔަގީން ކަން ރާއިދުގެ ފަރާތުން މަންމަ ބޭނުން” މަންމަ ރާއިދު ކައިރީ އިނދެ ނަސޭޙަތް ދިނެވެ.
“ދެން ނުވާނެ އެހެންނެއް” ރާއިދު ބުންޏެވެ.
ދެން އައި ހަފްތާ ނިމުނު އިރު އަހަންނާ ރާއިދުގެ ގުޅުމުގެ ގޮށް އަލުން ޖެހިއްޖެއެވެ. އެކަން ރާއިދުގެ އާއިލާ އެއްވެސް މީހަކަށް ނާންގައެވެ. ރާއިދު އެ ގޮތް ބޭނުން ވީތީ އަހަރެން ދެކޮޅެއް ނުހަދަމެވެ. ވީހާވެސް އަވަހަކަށް މަންމައާ ވާހަކަ ދައްކާނަން ކަމުގައި ރާއިދު ބުންޏެވެ.
ރާއިދުގެ މަންމަގެ ފޯނެއް އަހަންނަށް އައީ އަނެއް ދުވަހު ހެނދުނުއެވެ.
“ދީނާ، މަންމައާ ބައްދަލު ކޮށްލަން އައިސް ދެވިދާނެތަ؟” މަންމަ ވާހަކަ ދެއްކީ ދުވަހަކުވެސް އަހަންނާ ވާހަކަ ދައްކާފައި ނުވާހާ މަޑުމައިތިރި ކަމާ އެކީގައެވެ.
“ކޮން އިރަކުން؟” އަހަރެން އަހާލީމެވެ.
“މިއަދު… ރަނގަޅީ ރާއިދުއަށް ނޭނގި، އޭނަ އޮފީހުން ނާންނަނީސް އައިއްޔާ” މަންމަ ބުންޏެވެ.
އަހަރެން އެއްބަސްވީމެވެ. ހިތުގައި ނުތަނަވަސްކަމެއް އުފެދުނު ނަމަވެސް އެކަން ހިތުން ފިލުވާލަން މަސައްކަތް ކުރީމެވެ. ރާއިދު ގާތު ނުބުނި ނަމަވެސް އަހަރެން މަންމައާ ހިއްސާ ކުރީމެވެ. މަންމަވެސް އެދުނީ ފުރަތަމަ ރާއިދުގެ މަންމައާ ބައްދަލުކޮށް ބުނާ އެއްޗެއް އަޑު އެހުމަށެވެ. ރާއިދުއާ އެ ވާހަކަ ދައްކާނީ އޭގެ ފަހުންނެވެ.
މެންދުރު ނަމާދު ކޮށްގެން އަހަރެން ތައްޔާރުވީމެވެ. ރާއިދުމެން ގެއަށް އަހަރެން ގެންގޮސްދިނީ ދާރިމްއެވެ. މަންމަ ބުނިހެން އަހަރެން މަންމައާ ބައްދަލު ކުރަން ދާ ކަމެއް އަހަރެން ރާއިދުއަކަށް ނާންގަމެވެ. އެހެންވެ އަހަރެން ދިޔައީ ގެއަށް ދިޔަޔަސް އަލުން ރާއިދު އޮފީހަށް ދާނެހާ އިރު ކޮށްފައެވެ.
ބެލް ޖަހާލުމުން ދޮރު ހުޅުވީ ފައިހާއެވެ. އަހަރެން ފެނުމުން ފައިހާ އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެން އެ ގެއިން ދިޔަ ފަހުން ފައިހާއާ ރަޒާން ދޭތެރެއަކުން އަހަރެން ކައިރިއަށް އާދެއެވެ. އަހަރެން ބަލިވެ އިން ކަން ރާއިދުގެ އިތުރުން އެ އާއިލާއިން އެނގޭނީ ފައިހާއަށާ ރަޒާންއަށެވެ.
ހަތްމަސް ފަހުން އަހަރެން އެ ގޭ ތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އެތައް ހަނދާންތަކެއް އައިސް އަހަރެން ވަށާލިއެވެ. ދޮރުން އެތެރެއަށް ވަދެފައި އަހަރެން މަޑުކޮށްލީމެވެ. ސިޓިންގްރޫމްގައި އިން ރައުހާ އަހަރެން ފެނުމުން ތެދުވެފައިވެސް ގަބޫލު ނުކުރެވިފައި ބަލަހައްޓައިހެން ހުރީއެވެ. އެ ދުވަސްތަކުގައި މަންމަ ވަނީ ރައުހާ އަހަންނާ ބައްދަލު ކުރުން މަނާ ކޮށްފައެވެ. އެހެން ކަމުން އަހަރެން ހުރި ގޮތުން ރައުހާ ހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެން ހުރެފައި އައިސް އަހަރެން ގައިގައި ބައްދައިގަތެވެ.
އަހަރެން ބުނެގެން މަންމައަށް ގޮވަން ދިޔައީ ފައިހާއެވެ. މަންމަ ނިކުތް އިރުވެސް އަހަރެން ހުރީ ދޮރުކައިރީ ކޮޅަށެވެ. އަހަރެން ފެނުމުން މަންމަވެސް ހައިރާންވެފައި އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ.
އަހަންނަށް ބަލަން ހުރި މަންމަގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ. އިސް ޖަހާލަމުން މަންމަ ލޯ ފޮހެލިއެވެ. އަހަންނަށް މަންމަ ކައިރިއަށް ދާކަށް ނުކެރުނެވެ. ހުރިތާ ހުއްޓިގެން ހުއްޓާ މަންމަ އަހަރެން ކައިރިއަށް އައެވެ.
“ދިޔަ އިރު ބަނޑުބޮޑު ކަން އެނގޭތަ؟” މަންމަ އަހާލިއެވެ.
އަހަރެން ދެ ފަރާތަށް ބޯ ހަލުވާލީމެވެ.
“އާދޭ އިށީންނަން” މަންމަ ބުންޏެވެ.
މަންމަގެ ފަހަތުން ގޮސް ސޯފާގައި އީށީން އިރުވެސް އަހަރެންގެ ހިތުގައި ސުވާލު ގިނަވަމުން ދިޔައެވެ. މަންމަ އަހަރެން ގެނައީ ކީއްކުރަން ހެއްޔެވެ؟ މަންމަގެ މިޒާޖު އެހާ ބަދަލުވެފައި އެ ހުރީ ކީއްވެ ހެއްޔެވެ؟ ރާއިދު މަންމައާ ވާހަކަ ދެއްކީ ހެއްޔެވެ؟ އަހަންނާ އެކު ދާން ނިންމި ކަން މަންމަ ކައިރީ ބުނީ ހެއްޔެވެ؟ މަންމަ އުޅުނު ގޮތުން އަހަންނަށް އެއްވެސް ކަމެއް ސާފެއް ނުވެއެވެ.
“ރާއިދު ބުނި އަލުން އިންނަން އުޅޭ ވާހަކަ، ދީނާއާ އެކީ އެހެން ތާކަށް ދާ ވާހަކަ. ތެދެއްތަ އެއީ؟” މަންމަ އެހިއެވެ.
“މަންމަ ތި ވާހަކަ ރާއިދުއާ ދައްކަން ވީނު؟” ރާއިދުގެ ނިންމުމާ ބެހޭ ގޮތުން މަންމައާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ.
“ރާއިދު ބުނީ ދީނާއާ އިންނަން ބޭނުމޭ. މަންމަ އެތައް ސުވާލެއް ކޮށް، އެތައް އެއްޗެއް ކީ އިރުވެސް އިތުރު އެއްޗެއް ރާއިދު ނުބުނި. ހަމަ އެކަނި ބުނާ އެއްޗަކީ ދީނާއާ އިނދެގެން ވަކިން ދިރިއުޅޭށޭ ބޭނުމީ. މަންމަ ކޮންމެ އެއްޗެއް ބުންޏަސް ރާއިދުގެ ޖަވާބަކަށް ވަނީ ހަމަ އެއް ބަސްތަކެއް. އޭނަ އިތުރު ވާހަކައެއް ނުދެއްކި.
މަންމަ ބުންޏަސް ޒިމްނާއަކާ ނީންނާނަމޭ އެހާ ވަރަށް ބުނި އިރުވެސް މަންމަގެ ބޮލަށް ނުވަން ކަމެއް ރޭގަ ވަނީ. ޒިމްނާއަށް ގުޅާފަ މަންމަ އެހީމަ ކުރިން ވީ ގޮތް ބުނީ ޒިމްނާ. އެހާ ވަރު ވީ އިރުވެސް އޭނަގެ ވާހަކަ ރާއިދު މަންމަ ކައިރީ ނުބުނި. މަންމަ ހިތަށްވެސް ނާރާ ޒިމްނާއާ އިންނަން އުޅެފަ އެކަންތައް ހުއްޓާލީ އެ ވަރުގެ ބޮޑު ކަމެއް ވެގެން ކަމެއް. ކުރިން އެނގުނު ނަމަ އެ ވަރުގެ އަންހެނަކާ ރާއިދު ގުޅުވަން މަންމަ ނޫޅޭނަން. މަންމަ ރުހޭ ކިތަންމެ ގިނަ ސިފަތަކެއް ހުއްޓަސް އެ އުޅުން ހުރިއްޔާ މަންމަގެ ދަރިއަކާ އިންނާކަށް މަންމަވެސް ގަބޫލެއް ނުވާނެ. މިހާ ދުވަހު ދީނާ ދެކެ ރުޅި އާދެވުނީ އެހެންވެ. ދީނާ، މަންމައަށް މާފު ކުރޭ. މަންމައާ ހެދި ދީނާގެ ދިރިއުޅުން ހަލާކުވީ. މަންމަގެ މޮޔަ ކަމާ ގޮތްދޫ ނުކުރުމުން މަންމަގެ ރާއިދުގެ ދިރިއުޅުން ހަލާކު ކޮށްލެވުނީ މަންމަގެ ދެ އަތުން.
މިހާރު ވިސްނާލީމަ އެނގޭ ދީނާއަކީ ގޯސް ކުއްޖެއް ނޫން ކަން. މަންމަ ދީނާ ގޯސް ކޮށްގެން ދީނާގެ ޝަކުވާ އަބަދު އަބަދު ރާއިދު ކައިރީ ކުރީ ދީނާގެ ކުށެއް އޮވެގެންނެއް ނޫން. މަންމައަށް ދީނާ ގޯސްވީ މަންމަގެ ރުހުން އެހެން މީހަކަށް ދީގެން ހުރެވުނީމަ. އޭރު އިންނަން އުޅެފަ އެކަން ހުއްޓާލާފަ ފަހުން އައިސް އެހެން ކުއްޖަކާ އިންނަން ބޭނުން ވެގެން ބުނި ދުވަހުން ފެށިގެން މަންމަ އުޅުނީ ރާއިދު ހުއްޓުވަން. އޭރުވެސް ރާއިދު ބުނި މަންމަ ބުނި އެހެން ކޮންމެ ކަމެއްވެސް ކުރާނަމޭ، އެކަމަކު ޒިމްނާއަކާ ނީންނާނަމޭ. ސަބަބު ބުނެނުދިނީ އެއީ އަންހެނަކަށް ވެފަ، އެހެން މީހެއްގެ ކުރިމަތީ އޭނަގެ އަގު ވެއްޓޭ ކަހަލަ ވާހަކައެއް ނުދައްކަން ވެގެން. އެހެން މީހަކާ ބެހޭ ގޮތުން އެ ކަހަލަ ވާހަކައެއް ދެއްކުމަކީ ރާއިދުގެ ގޮތެއް ނޫން، އެހެންވެ މިހާ ދުވަސް ވީ އިރު ނުބުނެ ހުރީ.
މަންމައަށް ވިސްނިއްޖެ މަންމަގެ ރާއިދު ދީނާ ދެކެ ލޯބި ވާ ވަރު. ތި ދެކުދިން ވަކި ކޮށްގެން ރާއިދުއަށް ދެވުނީ ކިހާ ބޮޑު އަނިޔާއެއް ކަން މަންމައަށް އަދި ކިރިޔާ މި ވިސްނުނީ. މަންމަ އެހާ ގޯސްކޮށް ދީނާއާ ދޭތެރޭ ކަންތައް ކުރި އިރުވެސް ދީނާ ކެތް ކުރީ ދީނާވެސް ރާއިދު ދެކެ ލޯބި ވާ ވަރުން ކަން އަދި ކިރިޔާ ވިސްނުނީ. މަންމައާ ހެދި ދީނާއަށްވެސް ކައިވެންޏަށް ފަހު ހަމަ ޖެހިގެން ނޫޅެވުނީ. މަންމަ ހަނދާނެއް ނުނެތޭ ދީނާއަށް ރާއިދު އަތް އިސްކުރީ މަންމަގެ ސަބަބުން ކަމެއް. ދީނާ، މަންމައާ ހެދި ރާއިދު އެ ކުރި ކުށަށް އޭނައަށް މާފުކޮށްދީ.
މީ ވަރަށް ގޯސް މަންމައެއް، އެހެން ވިޔަސް މަންމައަށް މާފު ކޮށްދީ ދީނާ… ރާއިދު އެހެން އުޅޭތަން ދެކޭކަށް ދެން މަންމައަކަށް ކެތެއް ނުވާނެ، އޭނައަށް އަދި ފުރުސަތެއް ދީ… މަންމައަށް އެންމެ ރަނގަޅު ތި ދެ ކުދިން މަންމައާ ވަކިން އެހެން ތަނެއްގަ އުޅުނަސް، މަންމަ ނުބުނާނަން އެއްވެސް އެއްޗެއް. ދެން ދުވަހަކުވެސް ދީނާއާ ދެތެރޭ އެ ގޮތަށް ކަންތަކެއް ނުކުރާނަން. މަންމަ ދުނިޔޭގަ ހުއްޓާ ރާއިދު އަލުން ދީނާއާ އެކީ އުފަލުގަ އުޅޭ ތަން ދެކެން އަދި ބޭނުން. ދީނާ ރާއިދުއަށް މާފު ކޮށްފަ އަލުން އޭނަޔާ އިނދޭ…”
އަހަރެންގެ އަތުގައި ހިފާލަމުން ވާހަކަ ދައްކަމުން ގޮސް މަންމައަށް ރޮވުނެވެ.
“މަންމާ… ނުރޮއެ… އަހަރެން މަންމައަށް މާފު ކޮށްފިން. ދެން ހުއްޓާލާ… އަހަންނާ ހެދި މަންމަ ރޯކަށް އަހަރެން ނޭދެން” މަންމަ ގައިގައި ބައްދާލަމުން އަހަރެން މަންމަގެ ބުރަކަށީގައި ފިރުމަމުން ބުނީމެވެ. ހިތުގެ އަޑިން މަންމައަށް މާފުކުރީ، ރާއިދުގެ މަންމަގެ ރުހުން އަހަންނަށް އެންމެ ފަހުން ލިބުނީތީ ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކުރަމުންނެވެ.
މަންމަ ހަމަ ޖެހެން އިރުކޮޅެއް ދިޔައެވެ. ކުދިންގެ ވާހަކައާ އަހަރެންގެ މަންމައާ ކޮއްކޮމެންގެ ވާހަކަ މަންމަ އެހުމުން އެންމެންވެސް ރަނގަޅު ކަމުގައި ބުނީމެވެ.
“ރާއިދު ނުބުނޭ ދީނާ ބަލިވެ އިން ވާހަކަވެސް، އަދި ކިހާ ދުވަހެއް އެބަ އޮތް؟” އިރުކޮޅަކު ހިމޭނުން އިނދެފައި މަންމަ އަހާލިއެވެ. އެއްވެސް މީހަކަށް އެކަން ސިއްރު ކުރާކަށް އަހަރެން ރާއިދު ގާތު ނުބުނަމެވެ. މަންމައާ، ގޭ މީހުންނާ ހިއްސާ ނުކުރުން އެއީ ރާއިދުގެ އަމިއްލަ ނިންމުމެކެވެ. ފައިހާއާ ރަޒާންއަށްވެސް އެނގުނީ އަހަރެން ބުނެގެންނެއް ނޫނެވެ. އަހަރެން ކައިރިއަށް އަންނާތީ، އަހަރެން ފެންނާތީ އެނގުނީއެވެ. އެ ދެ މީހުންވެސް އެ ވާހަކަ ގޭ ތެރޭގައި ނުދެއްކީ ރާއިދުވެސް ނުބުނާތީ ކަމުގައި ވެދާނެއެވެ.
“ދެން އޮތީ މަހެއް ހާ ދުވަސް” އަހަރެން ޖަވާބު ދިނީމެވެ.
އަހަރެން ގެއަށް ދާން ނިކުތީ ދާރިމް ބަލާ އައިސް ގުޅުމުންނެވެ.
ރާއިދުގެ މަންމަގެ ފަރާތުން ފެނުނީ އަހަރެން ހީކުރި ފަދަ ކަންކަމެއް ނޫނެވެ. އެ ދުވަހު އައުމަށް އެދުމުން މަންމަ ދައްކާނީ އެ ފަދަ ވާހަކަތަކެއް ކަމަކަށް އަހަރެން ކުޑަކޮށްވެސް ހީ ނުކުރަމެވެ. ގެއަށް އައިސް ކޮޓަރިއަށް ވަދެ އޮށޯވެލުމާއެކު މަންމަ ދެއްކި ވާހަކަތައް ހިތުތެރޭ އެނބުރެމުން ދިޔައެވެ. ހީވެސް ނުކޮށް ހުއްޓާ މަންމަގެ ރުހުން ލިބުމުން އަހަރެން ވަރަށް އުފާވިއެވެ. ވަގުތުން ގުޅާފައި ރާއިދު ގާތު ބުނަން ބޭނުންވިއެވެ. ގެއަށް އައި އިރު މަންމަ ގޭގައި ނެތުމުން ޖެހުނީ އެއްވެސް މީހަކާ އެ އުފާވެރިކަން ހިއްސާ ނުކޮށް މަޑުކުރާށެވެ. ނަމަވެސް ގިނަ އިރަކު އެހެން ނޯވެވުނެވެ. ހިތައް އައި ޚިޔާލާއެކު ރާއިދުއަށް ގުޅާލީމެވެ.
“ބިޒީތަ؟” އަހަރެން ފުރަތަމަވެސް ބަލާލީ އޮފީހުގައި ވަރަށް ބުރަތޯއެވެ.
“އެހާ ބިޒީއެއް ނޫން، ކިހިނެއް ވީ؟” ރާއިދު ޖަވާބުދިނެވެ.
“ބޮޑު ކަމެއް ނެތިއްޔާ އާދެވިދާނެތަ؟” އަހަރެން އެހީމެވެ.
“ކިހިނެއްވީ؟” ވަގުތުން ރާއިދުގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ދިޔައެވެ.
“ކަމެއް ވެގެންނެއް ނޫން… ހަމަ މިސް ވެގެން…” އަހަރެން ބުނީމެވެ.
“މި ދަނީ، އެކަމަކު ފަނަރަ ވަރަކަށް މިނަޓް ވާނެ” ލުއި ހުނުމަކާ އެކު ރާއިދު ބުންޏެވެ.
ރާއިދު އަންނަން ވާ އިރަށް އަހަރެން ތައްޔާރު ވެލީމެވެ. ބެލް ޖަހާލި އަޑު އިވުނު އިރު އަހަރެން ހުރީ ދޮރުމަތީއެވެ. އަހަރެން ދޮރު ހުޅުވުމުން ރާއިދު ވަނެވެ.
“އެކަކުވެސް ނެތްތަ؟” އެ ގަޑީގައި ގޭތެރެއިން މީހަކު ފެންނަން ނެތުމުން ރާއިދު އެހިއެވެ.
“މަންމަ ޑޮކްޓަރަށް ދައްކަން ގޮސް ވީ. ކައިގެންތަ ތިހިރީ؟” ޖަވާބު ދީފައި އަހަރެން އެހީމެވެ.
ރާއިދު ކައިގެން ހުރި ވާހަކަ ބުނުމުން ބަދިގެއަށް ވަދެ ރާއިދުއަށް ޖޫސްތައްޓެއް އަޅައިދިނީމެވެ.
ރާއިދު އައިސް މޭޒު ކައިރީ އިށީނދެ ޖޫސްތަށި ބޯލިއެވެ. އަހަރެން ފެން ބޭނުން ތޯ އެހުމުން ނޫނެކޭ ބުނެފައި އަހަރެންގެ އަތުގައި ހިފާ ދަމާލަމުން ރާއިދުގެ އުނގުގައި އަހަރެން ބޭންދިއެވެ.
“އަސްލުވެސް މިސް ވެގެންނތަ؟” ރާއިދު އަހާލި އިރު ތުންފަތުގައި ލާނެތް ހިނިތުންވުމެއް ވިއެވެ.
ކައިވެނި ރުޖޫޢަ ކުރި ނަމަވެސް އަހަންނާ ރާއިދުއަށް އެކުގައި ހޭދަކޮށްލާނެ ވަގުތެއް ނުލިބެއެވެ. ހަތް މަހަށް ފަހު އެކުގައި ހޭދަވި ވަގުތުކޮޅުގައިވެސް ވިސްނުނީ ނިދާފައި ތިބި ކުދިންނާ މެދުގައެވެ. ކުދިންވެސް އަދި މަންމައާ ދާރިމްވެސް ނެތް އެ ވަގުތުކޮޅުގެ ބޭނުން ކުރަން އަހަރެން އަވަސްވެލީ އެހެންވެއެވެ.
ބޭރުގައި ނުތިބެ ކޮޓަރިއަށް ވަނުމާއެކު ރާއިދު ދުރުގައެއް ނުހުއްޓެވެ. ކެތްތެރިކަމެއް ނެތް މީހަކު ފަދައިން އަހަރެން ގެނެސް އެ އަތުތެރެއަށް ލިއެވެ. ދުވަސްތަކަކަށް ފަހު ރާއިދުއަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ކުރިއެވެ.
ތިނެއް ޖެހުމުން އަހަރެން އުޅުނީ ޝިނާ ބަލާ ދާން ވާ އިރަށް ފެންވަރަން ވަންނާށެވެ. އަހަރެން ދިޔަނުދީ ހިފަހައްޓާފައި ޝިނާ ބަލާ ރާއިދު ދާނެ ކަމަށް ބުންޏެވެ. އެހެން ވިޔަސް ދެން އެހެން ނުތިބެވޭނެތީ އަހަރެން ދޫކޮށްލަން އެދުނީމެވެ.
“ދެން ދުރުގަ އުޅޭކަށް ބޭނުމެއް ނޫން… އިރާދަ ކުރެއްވިއްޔާ ދީނާ ވިހެއުމުގެ ކުރިން ހުރިހާ ކަމެއް ނިންމާނަން” ތެދުވެ ހެޑްބޯޑްގައި ލެނގިލަމުން ރާއިދު ބުންޏެވެ.
“ރާއިދު ހީކުރިހާ އުނދަގުލެއް ނުވާނެ ދެން” ރާއިދުގެ މޭގައި ލެނގިލަމުން އަހަރެން ބުނީމެވެ.
“ކީކޭ ތި ބުނީ؟” އަހަރެން ބުނި އެއްޗެއް ރާއިދުއަކަށް ނުވިސްނުނެވެ.
“މަންމައާ ވާހަކަ ދެއްކިން ދޯ؟” އަހަރެން އެހީ ރާއިދުގެ މޫނަށް ބަލާލަމުންނެވެ.
“އާނ، އެކަމަކު މަންމަ ވަކި އެއްޗެއް ނުބުނޭ” ފުން ނޭވައެއް ލާފައި ރާއިދު ބުންޏެވެ.
“މަންމަ ގުޅައިގެން މިއަދު ދިޔައިން ގެއަށް” އަހަރެން ބުނީމެވެ.
ރާއިދު ކުއްލިއަކަށް އަހަރެންގެ ކޮނޑުގައި ހިފާ ދުރުކޮށްލާފައި އަހަރެންގެ މޫނަށް ބަލާލީ މަންމަ އަހަންނާ މެދު ކަންތައް ކޮށްފާނެ ގޮތެއް ނޭނގޭތީ ކަންބޮޑުވެގެންނެވެ.
“މަންމައަށް އޯކޭ މިހާރު، ވަރަށް ދެރަވެފަ ހުރީ. އަހަރެން ކައިރީ ބުނީ ރާއިދުއާ އިންނާށޭ” މަންމައާ އަހަންނާ ދެއްކި ހުރިހާ ވާހަކައެއް އަހަރެން ރާއިދުއަށް ކިޔާދިނީމެވެ.
ރާއިދު އަނެއްކާވެސް އަހަރެން ގައިގައި ބައްދާލިއެވެ. ދެ އަތުން އަހަރެންގެ މޫނުގައި ހިފާލަމުން ބޮސްދިނެވެ.
“ރާއިދު… ޝިނާ ބަލާ ދާން ލަސްވެދާނެ” ރާއިދުގެ ހަރަކާތް ހުރި ގޮތުން އަހަރެން ބުނީމެވެ. ޝިނާ ބަލާ ދާ ގަޑި ކައިރި ވާތީއެވެ. މަންމައާ ނައުރާވެސް ހޮސްޕިޓަލުން ނިމިގެން އައިސްދާނެތީއެވެ. ނަމަވެސް ރާއިދު އަހަރެންގެ އަޑެއް ނާހައެވެ. ރާއިދު ހުއްޓުވާކަށް އަހަންނަކަށްވެސް މާ ބޮޑަށް މަސައްކަތެއް ނުކުރެވުނެވެ.
އަހަންނާ ރާއިދު ކޮޓަރިން ނިކުތް ތަނާ ނައުރާއާ މަންމަ އައެވެ. ރާއިދު ފެނުމުން ގޮވާލާފައި މަންމަ ވަނީ ކޮޓަރިއަށެވެ. މަންމަ އެއްޗެއް ނުބުނި ނަމަވެސް ނައުރާއަށް އަހަންނާ ބެހިނުލައެއް ނުހުރެވުނެވެ.
“އަލަށް ޑޭޓް ކުރާ ދެ ކުދިން ހެން ގެ ހުސްކޮށް އޮތް ވަގުތުގެ ބޭނުން ކޮށްލީ ދޯ؟” އަހަންނާ ކައިރިވެލާފައި ކަންފަތް ކައިރީ ނައުރާ ތަންކޮޅެއް ބާރަށް ބުނެލީ ރާއިދުއަށްވެސް އަޑު އިއްވަން ކަން އަހަންނަށް އެނގެއެވެ.
ދޮރު ކައިރީ ހުރި ރާއިދު ނުހޭން ހުރިހެން އަހަންނަށް ބަލާލިއެވެ.
“ޝްޝް…” ނައުރާގެ އަތުގައި ޖަހާލަމުން އަހަރެން ބުނީމެވެ.
“ނައުގެ ތުއްތަ ގުޅާފަ މިސް ވާ ވާހަކަ ބުނީމަ ނައިސް ނުހުރެވުނީ” އެ ވަގުތު ރާއިދުވެސް އަހަންނާ ދިމާކޮށްލިއެވެ.
“ރާއިދު!” އަހަންނަށް ބުނެވުނެވެ.
ނައުރާ ބާރަށް ހޭން ފެށިއެވެ. ރާއިދުއާ ދިމާއަށް ލޯ އަޅާލަމުން އަހަރެން ރާއިދު ނިކުތުމުން ދޮރު ލެއްޕީމެވެ.
އަހަންނާ ނައުރާ ނަމާދުކޮށް ނިމުނު ތަނާ ރާއިދު ޝިނާ ގޮވައިގެން އައިސް ގެއަށް ލާފައި މަޑުނުކޮށް ދިޔައީއެވެ. ހަވީރު ސައިބޯން ތިބެފައި މަންމައާ ނައުރާއަށް ރާއިދުގެ މަންމަ ދެއްކި ވާހަކަ އަހަރެން ކިޔާދިނުމުން އެ ދެމީހުންވެސް ވަރަށް އުފާވިއެވެ.
އެރޭ ރާއިދު ޢިޝާ ނަމާދުން ފައިބައިގެން ގެއަށް ނުގޮސް އައީ އަހަރުމެން ގެއަށެވެ. އެ ދުވަހު ގެއަށް ގޮސް ރާއިދު މަންމައާ ވާހަކަ ދެއްކިއެވެ. ރާއިދު އައީ ރަޒާންއާ ވެސް ވާހަކަ ދައްކާފައެވެ. އަހަންނާ ރާއިދު މަންމަމެންނާ ވަކިން އުޅުމަށް ރާއިދުގެ މަންމަ ރުހުން ދިނެވެ. އެ އެޕާޓްމެންޓްގައި ރައުހާއާ މަންމަ ގޮވައިގެން ރަޒާންއާ ފައިހާ އުޅޭ ގޮތަށް ނިންމީ ރާއިދުއެވެ. އަހަރެން ވިހެއުމުގެ ކުރިން ތަނެއް ހޯދާ، އިތުރަށް ބޭނުން ވާނެ ހުރިހާ ކަމެއް ރާއިދު ނިންމިއެވެ.
އެއް އަހަރު ފަސް
ޢިޝާ ނަމާދު ކޮށް ނިމިގެން އަހަރެން އެންމެ ފުރަތަމަ ޝިނާއާ ޝުޢާ ތައްޔާރު ކޮށްލީމެވެ.
“ދެން ހަޑި ނުވާތި ޝިނާ، ހެދުމުގަ އެއްޗެއް ހޭކިއްޖެއްޔާ ގަޑިއަކަށް ނުދެވޭނެ، އޭރުން ދޮންތަ ވަރަށް ދެރަވާނެ” އަހަރެން ޝިނާއަށް ބުނީމެވެ. އަވަސް އަވަހަށް ބޯ ޖަހާލާފައި އާނއެކޭ ބުނި ނަމަވެސް އަހަންނަށް ޝިނާއާ މެދު އެއްވެސް ޔަގީން ކަމެއް ނެތެވެ. އެހެން ވިޔަސް އަޅާނުލާ ދެ ކުދިންގެ ކޮޓަރިން ނިކުމެގެން އައިސް އަހަންނާ ރާއިދުގެ ކޮޓަރިއަށް ވަން އިރު އަހަރުމެންގެ ކުޑަ ދަރިފުޅު ޝާމް އުރާލައިގެން ރާއިދު ހުއްޓެވެ.
“ތިހެން ނުހުރެ އަވަސް ކޮށްބަލަ” ރާއިދު އަތުން ޝާމް ނަގާ އެނދުގައި ބައިންދާފައި އަހަރެން ބުނީމެވެ.
“އަހަރެން ލަހެއް ނުކުރަމޭ، ޝާމް ހޭލައިގެން ރޮވެން ފެށީމައޭ ނެގީ” އަހަރެން ފަހަތުން އަންނަމުން ރާއިދު ބުންޏެވެ.
އަހަރެން އަލަމާރިން އަޅި ކުލައިގެ ގަމީސް އަޅުވާފައި އިން ކޮނޑު ނަގާ، އޭގެތެރޭ އިން ކަޅު ފަޓްލޫނު ރާއިދު އަތަށް ދިނީމެވެ.
އަހަރެންގެ އަތުގައި ހުރި އެއްޗެހި ނަގާ އެނދުމަތީ ބަހައްޓާފައި ރާއިދު އަހަރެން ގެނެސް ބައްދާލިއެވެ.
“ރާއިދު…” އަހަރެން އެއްޗެއް ބުނާނެ ފުރުސަތެއް ރާއިދު ނުދިނެވެ. އެ އަތުތެރޭން ނިކުންނަން ގަދަ ހަދާލިޔަސް ގިނަ އިރަކު އަހަންނަކަށްވެސް ދެކޮޅެއް ނުހެދުނެވެ.
“މަންމީ…” ދެ މީހުންވެސް ސިހުނީ ޝާމްގެ އަޑަށެވެ.
“ދޭ އަވަސް ކުރަން، ރާއިދު ލަސް ވެގެން ކަމަކުނުދާނެ” ޝާމްއާ ދިމާއަށް ބަލާލާފައިވެސް ރާއިދުގެ މޭގައި ތަތްވެލަމުން އަހަރެން ބުނީމެވެ.
ހަމަ އެ ވަގުތު ރާއިދުގެ ފޯން ރިންގްވިއެވެ. ދުރަށް ޖެހިލަމުން ރާއިދު ފޯން ނެގިއެވެ.
“ރެޑީ ވަނީ… އަށްގަޑި ބައިގެ ކުރިން ދާނަމޭ މަންމާ” ރާއިދު ބުންޏެވެ. އަދި އަވަހަށް ފޯން ކަނޑާލިއެވެ.
“ދެ އަންހެން ދަރިން ރާއިދުގެ އެބަ ތިބި، މީ ރައުހާގެ ކައިވެންޏަށް ވިޔަސް ރާއިދު ވަލީ ދޭން ޖެހޭ ފުރަތަމަ ފަހަރު، މިހާރުން ފެށިގެން ކަންތައްތައް ދަސްކޮށްބަލަ” އަހަރެން ބުނީމެވެ.
ރާއިދު ހިނިގަނޑެއް ޖަހާލާފައި ތައްޔާރު ވާން ފެށިއެވެ. އަހަރެންވެސް އުޅުނީ އަވަހަށް ތައްޔާރު ވާށެވެ.
އެރޭ އަށްގަޑި ބައިގައި ރައުހާއާ އަތީކްގެ ކައިވެނި ކުރެވުނެވެ. އެ ކައިވެންޏަށް ނިއަމްއާ ނަވާފްއަށް ކާޑު ދިނީ ރައުހާ އަމިއްލައަށް ގޮހެވެ. ކުރިން ވީ ކަންތައް ރައުހާގެ ހިތުގައި އެއްވެސް ވަރަކަށް ނެތް ކަން ހާމަކޮށްދިނީ އެ ގޮތަށެވެ. އަހަރެންގެ އާއިލާއާ ކުރިން ދުވަހަކުވެސް ނުބާއްވާ ގާތްކަން ރާއިދުގެ މަންމަ ބާއްވަން ފެށީ އަހަންނާ ރާއިދު އަލުން ގުޅުނު ހިސާބުންނެވެ. އަހަންނާ މެދު މަންމައަށް ކަންތައް ކުރެވުނު ގޮތުން، އަހަރެންގެ މަންމަ ކައިރިން ރާއިދުގެ މަންމަ މާފަށް އެދުނެވެ. އެ މަންމައަށް ޓަކާ އަހަރެންގެ މަންމަ ހިތްހެޔޮކޮށް މާފު ކުރިއެވެ.
އަހަރެން އެދުނު ފަދައިން އަހަރެންނަށް ރާއިދުގެ މަންމަގެ ރުހުން ލިބުނެވެ. ކުރިން ހީވެސް ކޮށްފައި ނުވާ ވަރަށް މަންމަ އަހަރެން ދެކެ ލޯބިވެއެވެ. ވަކިން އުޅުނު ނަމަވެސް މަންމައާ ރާއިދުއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. މަންމަގެ ކޮންމެ ކަމެއް މަންމަ ބުނުމުގެ ކުރިން ރާއިދު ކޮށްދެއެވެ. ކޮންމެ ދުވަހަކު މަންމަ ކައިރިއަށް ދެއެވެ. މަންމަ ބޭނުން ވަގުތަކު އަހަރުމެން ގެއަށް މަންމަ ގެނެއެވެ.
އަހަންނާ ރާއިދުއަށް ތިން ވަނައަށް ފިރިހެން ކުއްޖަކު ލިބުން ވީ ވަކިން ބޮޑަށް މަންމަ އަހަރެން ދެކެ ލޯބި ވި ކަމަކަށެވެ. އަހަންނާ ރާއިދުގެ ޝުޢާއާ ޝިނާއާ ޝާމް އަދި ރަޒާންއާ ފައިހާގެ ނާއިކްއާ ނާޔާއާ މަންމަ އެއްވެސް ތަފާތެއް ނުކުރެއެވެ. ހުރިހާ ކުދިންނަކީ މަންމަގެ ދެލޮލުގެ ނޫރޭ ބުނެއެވެ. ރައުހާ ކައިވެނި ކުރަން އުޅޭ ކަން އެނގުނު ދުވަހުން ފެށިގެން، ދެން އެންމެ އިންތިޒާރު ކުރެވެނީ ރައުހާއަށް ދަރިއަކު ލިބޭނެ ދުވަހަކަށޭ ބުނެއެވެ.
އަހަންނާ ރާއިދު ކުދިން ގޮވައިގެން ގެއަށް އައި އިރު ބާރަ ޖަހާ ހިނގައްޖެއެވެ. މިލީ ނިދަން ފޮނުވާފައި ޝުޢާއާ ޝިނާ ނިދަން އޮށޯތުމުން ޝާމް ނިންދަވަން އޮތް އިރުވެސް ރާއިދުގެ ސަމާސާތަކާ ގޯނާތަކުން ސަލާމަތް ނުވެވެއެވެ.
ޝާމް އެނދަށް ލާފައި އެނބުރިލަން ވާއިރަށް ރާއިދު އައިސް އަހަރެން ގައިގައި ބައްދާލިއެވެ.
“ކިހިނެއް ވެގެން މިރޭ މާ ކެތްމަދުވެގެން ތި އުޅެނީ؟” އަހަރެން އަހާލީމެވެ.
“ކެތް މަދު ވެގެން އެބަ އުޅެންތަ؟” ހިނި އައިސްފައި ރާއިދު އެހެން ބުނުމާއެކު އަހަރެން ދެން އެއްޗެއް ބުނާނެ ފުރުސަތެއް ނުދިނެވެ. އެނދާ ހަމައަށް ދިޔައީ ރާއިދުގެ ދެ އަތް މައްޗަށް އަހަރެން ނަގައިގެންނެވެ. އެ އަތުތެރޭން ދުލެއް ދިނީވެސް ރާއިދު ހިތް ފުރޭ ވަރު ވުމުންނެވެ.
“މިރޭ މި ކުރެވުނީ ރައުއާ އަތީކްގެ ކައިވެނި، އެކަމަކު ހަނީމޫންގަ އުޅޭހެން މި އުޅެނީ ރާއިދު” ރާއިދުގެ އަތްމަތީ އޮވެ އަހަރެން ރާއިދުއާ ދިމާކޮށްލީމެވެ.
“އަލަށް ކައިވެނި ކޮށްގެން ނޫނަސް ހަނީމޫން ހަދާލެވިދާނެއެއްނު؟ އަސްލު ތީ ވަރަށް ރަނގަޅު ކަމެކޭ، ހިނގާ ސެކަންޑް ހަނީމޫންއަކަށް ދާން؟” ރާއިދުއަށް އަހަރެންގެ ފަރާތުން ލިބުނީ ރަނގަޅު ޚިޔާލަކަށް ވިއެވެ.
“އެގާރަ އަހަރު ވެގެން ދިޔަ އިރުވެސް ރާއިދުއަށް ބަދަލެއް ނާދޭ” ތެދުވެ ރާއިދުގެ މޫނަށް ބަލާލަމުން އަހަރެން ބުނީމެވެ.
“އިރާދަ ކުރެއްވިއްޔާ އަހަންނަކަށްވެސް އަދި އަހަރެން ދީނާ ދެކެ ވާ ލޯތްބަކަށްވެސް ބަދަލެއް ނާންނާނެ. ވަރަށް ލޯބިވޭ ދީނާ ދެކެ” އަހަރެންގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ހިނިއައިސްފައި ރާއިދު ބުނެލިއެވެ.
“އެނގޭ ރާއިދު ލޯބި ވާކަން. އައި ލަވް ޔޫ ޓޫ!” ރާއިދުގެ މޭގައި ފިރުމާލަމުން އަހަރެން ޖަވާބު ދިނީމެވެ. އެ ފިރުމާލުމުގެ ޖަވާބު ރާއިދު ދިނެވެ. ހަމަ އެހާ ލޯބިންނެވެ. އަހަރެން އަބަދުވެސް އެދޭ ފަދައިންނެވެ.
އަހަރެންގެ ހިތުގައި ވާ ދުޢާއަކީ އަހަންނާ ރާއިދުގެ ގުޅުން އެ ގޮތުގައި އަބަދަށް ލެއްވުމެވެ. އެ ހިތުގައި އަހަންނަށް ޓަކާ އޮތް ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނައުމެވެ.
ނިމުނީ
29 Comments!
Comments are closed.








ސަލާމް! ހީކުރަން މި ދެވުނީ ރަނގަޅު ސަޕްރައިޒްއެއް ކަމަށް.
ވާހަކަ މި ނިމުނީ. މާޝާގެ އުންމީދަކީ މި ވާހަކައަކީ ކިޔުންތެރިންނަށް ކަމުދިޔަ ވާހަކައަކަށް ވުން. ފެސުނީއްސުރެ ނިމެން ދެން ވާހަކަ ކިޔާލި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ޚާއްސަކޮށް ކޮމެންޓް ކޮށްލަން އިތުރު ވަގުތު ހޭދަކޮށްލި ކުދިންނަށް. އާ ވާހަކައެއްގެ މަސައްކަތް ފަށައިގެން މިއުޅެނީ، އިންޝާﷲ ވަރަށް އަވަހަށް އެ ވާހަކަ ގެނެސްދޭން ފަށާނަން. މި ވަގުތަށް އިހަށް ރެސްޓް ކޮށްލާނަން. ބާއްޖަވެރި ރެއަކަށް އެދެން!
V salhi Maasha liyaa hurihaa vaahaka thakeh vx n waiting for a new story👀…adhi Maasha ge enme rangalhu kamakee bunaa dhuvahu upload kohdhey thee.. Ur the best 💞💖😊
v v nice. hope we will see the next new story soon. 💞
Thank u Reem, new story start kohgen miulheny, upload kuran fashaanan vaki varakah liyevunyma
Awww.. Vv reethi Mi vhk.. Maasha allah❤️
Thank u Ifoo
މާޝާ ﷲ!! ޝައުޤުވެރިކަމާއެކު ކިޔާލެވުނު ވަރަށް ރީތި ވާހަކައެއް❤️! ކުރިޔަށް އޮތް ތަނުގައި ވެސް މިކަހަލަ ރީތި ވާހަކަތައް ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަން
Thank u Lily. Aa vaahakaige typing adhi start mi kurevuny, vaahaka liye adhi nunimey, InshaAllah varah avahah minmeytho balaanan, nuninma upload kuran fashaifiyya medhu kendidhaanethy madu kolly ihah adhi.
ވާހަކަ ރީތި.ކުރީގެ ވާހަކަ(މި ހިތުން މަގާމޭ މި ދެނީ)އާ އަޅައިބަލާއިރު ޕުލޮޓު ވެސް ސާދާވެފައި ބުއްދިއަށް ގަބޫލުނުކުރެވޭ ނުވަތަ ގަބޫލުކުރަން ދަތި ކަންތައްތަކެއް ވެސް އަމުދުން ނެތް. މި ސައިޓުން އަޅުގަނޑު ފުރަތަމަ މާޝާގެ ވާހަކަތައް ކިޔަންފެށި ދުވަސްވަރު(ހަނދާންވާ ގޮތުގައި 2015/16 ހިސާބު)ގެ ވާހަކަތަކާ އަޅައިބަލާއިރު ލިޔުމުގެ ފެންވަރު ވެސް ވަރަށް ބޮޑުތަން މަތިވެއްޖެކަމަށް ފެނޭ
Shukuriyya, dhuvas vaa varakah kuraa masahkaiy rangalhu veytho balan, vaahaka kamudhiyaeethy varah ufaa vejje, dhen liyaa vaahaka akun ves kiyuntheriehge comment fennaane kamah hykuran, ❤️
Alhey v.reethi MAASHA ge ehen vaahaka akah inthizaaru kuraanan.
Thank u my fan, aa vaahaka varah avahah feshey tho balaanan
Alheyyy♥️♥️ mi story hama v habeyss.
Emme salhi kamaki bunaa dhuvahu up kuraakan
Thank u Big fan, bunaa bahuge ithubaaru onnan vaane ehnu. ❤️
Aww vrh reethi expect ves nukuran fahu bai mihaa avahah ais dhaane kamakah ❤️🧡💛💚🩵💙💜🤎🖤🩶🤍🩷
Waiting for new story🩵🩵💕
Thank u Zaieefa, mi vaahaka maa kuru dho, maa bodah dhigu veema ves kamaku nudhaane ehnu, Ehen hithaa ninmaaly
Awww so romantic I will waiting for your new story
One again varha reethi mi part vex
New story kiyaalan libeeney kama unmeedhu kuran
I love you so much mar sha
Thank u Imko, new story InshaAllah kiyaaleveyne, ehaa las nuveytho try kuraanan. ❤️
Thank u so much, mihaaruves new story ge work hama kuriah dhany, Insha Allah maa laheh nuvaane
Nice story 💕
Thank u Rifoo ❤️
Waiting for a new story…. Mi vaahaka hee vx nukuraahaa reethi… Adhi Maasha ge enme rangalhu kamakee bunaa dhuvahu upload kohdhey thee thank you for that
Thank u Rish ❤️
Maasha Allah… Mi vaahaka varah varah reethi… Baivaru faharu mi episode ves kihje… Maasha ge vaahaka thah aslu ves varah reethi🤗.. when is your next story.. can’t wait..🤗 maasha aa vaahaka eh varah avahah fennaane kamah ummeedhu Kiran…
Thank u Vampire Girl, new story eh start kureveytho miulheny, Insha Allah varah avahah upload kuran fashaanan
When is your new story 👀
Mi vaahaka ves v Reethi masha allah
Curiously waiting for new story
Keep it 6
Mi vaahaka ves v Reethi masha allah
Curiously waiting for new story
Keep it up
Hey marsha aa vaahaka kiyaalan libeyny kon irakun.. mihaaru marasha ge vaahaka akah inthizaaru kuraathaa varah dhuvas vehje.. aneiika vaahaka liyuma dhurah dhiyaeethr Marsha??