Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާ އަހާށޭ 10

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 5, 2023 8 Mins Read
5 Comments

“މަންމާ، ތި ކިޔެނީ ކީކޭ ކަން އެނގޭތަ؟ ރައުހާއަށް ވިސްނައިދިނުމުގެ ބަދަލުގަ މަންމަ ތި ބުނަނީ ކުރަން ތައްޔާރު ވެފަ އޮތް ކައިވެންޏެއް ހުއްޓުވާށޭ. އެހެން ނޫނަސް ނަވާފް ގުޅެން ބޭނުން ވަނީ ނިއަމްއާ، ރައުހާއަކާ ނޫން. އެކަން މަންމައަށް ނުވިސްނޭތަ؟ ރައުހާއަށް އެކަން ނުވިސްނޭތަ؟” އެ ވަގުތު ރާއިދު ބުންޏެވެ.

“މަށަށް އެނގޭ މާ ކުރިންވެސް ރާއިދު ބުނާނީ ތިހެން ކަން. އަމިއްލަ ކޮއްކޮއަށް ވުރެ ރާއިދު ތި އިސް ކުރަނީ އެހެން މީހުން. ދީނާ ބުނާ ކޮންމެ އެއްޗެއް ރާއިދު ގަބޫލު ކުރާނެ ކަން އެނގޭ. ރާއިދުގެ ކުރިމަތީގަ އަހަރެންގެ ބަސް އެއްޗަކަށް ނުވާ އިރު އަދި ރައުހާ ވާނީ ކޯޗަކަށް؟” މަންމަގެ ރުޅީގެ ހޫނު ރާއިދުއާ ހަމައަށްވެސް ފޯރިއެވެ.

“މަންމާ، އެއްވެސް މީހަކު މަންމައަށް ވުރެ އިސް ކުރާތީ ބުނާ އެއްޗެއް ނޫނޭ މީ. މަންމަވެސް ވިސްނާލީމަ އެނގޭނެ މަންމައާ ރައުހާ ބޭނުން ވިޔަކަސް މި ކައިވެންނެއް ނުހުއްޓުވޭނެ ކަން. ދީނާއަކަށް ނޭނގެ ރައުހާގެ ހިތުގަ އޮތް އެއްޗެއް. އޭނަ ކިހާ ވަރަކަށް ރައުހާ ކައިރީގަ އަހާ ސުވާލު ކުރި؟ އޭރުވެސް ރައުހާ ބުނި ނަމަ ފަހަރެއްގަ މިހެން ނުވީސް ކަންނޭނގެ. އެކަމަކު މިހާރު އެއްވެސް ކަމެއް ނުކުރެވޭނެ. ދީނާއަށް އެނގިގެން މި ކަހަލަ ކަމެއް ވިޔަކަ ނުދޭނެ އޭނައެއް. މަންމައަށްވެސް އެނގޭނެ އެކަން”

ދުވަހަކުވެސް މަންމައާ ދެކޮޅަށް އެއްޗެއް ނުބުނާ ރާއިދު އެ ދުވަހު މަންމައާ އެއްކޮޅަށް އެއްޗެއް ނުބުންޏެވެ. އެކަމުންވެސް މަންމަ އަހަރެން ދެކެ އައި ރުޅި ހައްތަހާ އިތުރުވީއެވެ.

“ދީނާ ހަދާނެ ގޮތެއް އަހަންނަކަށް ނޭނގެ. ރާއިދުއަށް ވުރެ ބޮޑަށް ދީނާ އެނގޭނެ މީހަކު ނުހުންނާނެ. ހަމަ ގައިމުވެސް މިއަދު މަގޭ ރައުހާ ހިތުގަ ޖައްސާ ރޮއްވީ ދީނާ. ރާއިދުއަށް ނޭނގުނަސް އަހަންނަށް އެ ކަން އެނގޭ. ރާއިދުގެ އަނގައިން ދީނާއާ ދެކޮޅަށް އެއްޗެއް ނުބުނެވޭނެ. ދީނާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ރާއިދުއަށް ރަނގަޅު ވާނެ. މިއަދު ރައުހާއާ މެދު އެއްޗެއް ހިތަށް ނޭރިޔަސް އަމިއްލަ ދަރިން ބޮޑެތި ވީމަ އެ ކުދިންނަށް ކަމެއް ދިމާ ވާ ދުވަހަކުން އަހަރެން މި ކިޔާ އެއްޗެއް ވިސްނޭނެ. މިއަދު މަންމައެއް ކޮއްކޮއެއް ނުބަލާ އަނބިމީހާ ފަހަތުން ރާއިދު ދުވޭ” މަންމަ ބުނަން ބޭނުން ވި އެއްޗެއް ބުނެފައި ގޮސް ވަނީ ކޮޓަރިއަށެވެ.

އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރައުހާ ނުބުނާހާ ހިނދަކު އޭނަގެ ހިތުގައި ވީ ކީކޭ ކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ކަންތައް މިވީ އަހަރެން ހިތަށްވެސް އަރާފައި ނުވާ ގޮތަކަށެވެ. ނަމަވެސް ދެން ނިއަމްއާ އެ ވާހަކަ ދައްކާކަށް އަހަންނަކަށް ނުކެރޭނެއެވެ. ކައިވެނި ކުރެވެން ހަފްތާއަކަށް ވުރެ ކައިރި ވެފައި ވާއިރު އެފަދަ ވާހަކައެއް ދައްކައިގެން ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ރައުހާއަކީ ރަޒާންގެ ކޮއްކޮއަށް ވާ އިރު ރައުހާއާ ނަވާފްގެ މެދުގައި އެފަދަ ގުޅުމެއް ދުވަހަކުވެސް އޮތް ނަމަ ރައުހާ ދޫކޮށްލާފައި އެހެން ކުއްޖަކާ ގުޅެން ނަވާފްއަށް ރަޒާން އެހީއެއް ނުވީހެވެ.

އެރޭ ރާއިދުގެ ފަރާތުން ފެނުނީ ހަމަހިމޭން ކަމެވެ. ކުދިންނަށް ކާން ދީފައި ނިންދަވަން އަހަރެން އުޅުނު އިރުވެސް ރާއިދު އެނދުގައި އޮތީ ފުން ވިސްނުމަކަށް ގެއްލިފައި އޮތް ހެންނެވެ. އެކަމާ އަހަރެން ކަންބޮޑުވިއެވެ.

“ރާއިދު، ހިތްހަމަ ނުޖެހިފަތަ؟” ނިދަން ވަދެފައި އަހަރެން އެހީ، އެ ދުވަހު ހިނގި ހަމަނުޖެހުމުގެ ވާހަކަ ރާއިދު އެއްގޮތަކަށްވެސް ނުދައްކާތީއެވެ. އެއްޗެއް ނުބުނި ނަމަވެސް ވެދިޔަ ކަންތަކާ މެދު ރާއިދު ހުރީ ވަރަށް ކަންބޮޑުވެފައި ކަން އަހަންނަށް އެނގެއެވެ.

“އައިމް ސޮރީ… މިއަދު މަންމަ ވާހަކަ ދެއްކި ގޮތް އެއްގޮތަކަށްވެސް ކަމަކު ނުދޭ. ދީނާ ދެކެ ނޫނީ ނިއަމް ދެކެ ރުޅި އަންނަންވީ ސަބަބެއް ނެތް. އަހަރެން ރަޒާން ކައިރީ އެހިން، ނަވާފް ދުވަހަކުވެސް ރައުހާއާ މެދު އެކަހަލަ ގޮތަކަށް ނުދެކޭ. ރައުހާ ނަވާފް ދެކެ ލޯބި ވިޔަސް އޭގަ އެހެން މީހެއްގެ ކުށެއް ނެތް. ރައުހާއަށް ވިސްނައިދޭން ހުރީ މަންމަ، އެކަމަކު…” ރާއިދު އެވަރަށް ބުނެފައި ހުއްޓާލިއެވެ.

“ހުކުރު ދުވަހު ކައިވެނި ކުރާ އިރު މިއަދު މިވީ ކަންތައް ނިއަމްއަށް އެނގިއްޖެއްޔާ އޭނަ ވަރަށް ދެރަވާނެ. ނަވާފްވެސް ހީކުރާނީ ކީކޭ؟ އެންމެ ރަނގަޅު ވާނީ އަޅާނުލިއްޔާ. ރާއިދު ކީކޭ ބުނަނީ؟” އެއްވެސް ކަމެއް ނިއަމްއަށް އެނގޭކަށް އަހަރެން ނޭދެމެވެ.

“އެއްވެސް އެއްޗެއް ބުނާނެ ކަމެއް ނެތް. މަންމައާ ރައުހާ ކައިވެންޏަށް ނުދަންޏާ އެކަމާވެސް އެއްޗެއް ބުނާނެ ކަމެއް ނެތް. ގައިމުވެސް ރަޒާން ދާނެ” ރާއިދުގެ މޫނުމަތިން ހިނިތުންވުމެއް ފެނުނެވެ.

ނިއަމްއާ ނަވާފްގެ ކައިވެންޏަށް މަންމައާ ރައުހާ ނޫން އެހެން މީހުން ދިޔައެވެ. އަހަރެން އިތުރަށް މަންމަ ކައިރިއަކު ނުބުނަމެވެ. ދަރިއަކު ހިތާމަ ކުރާނަމަ މަންމައަށްވެސް އުފަލެއް ނުވެވޭނެ ކަން އަހަންނަށް އެނގެއެވެ. ގޭތެރޭގައި ނިއަމްގެ ކައިވެނީގެ ވާހަކަ އެ ދުވަހުގެ ފަހުން ނުދެއްކީވެސް އެހެންވެއެވެ. ރައުހާއަށް ޓަކާ އަހަރެން ދެރަވިއެވެ. އެހެން ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ.

ކައިވެންޏަށް ފަހު ނިއަމްއާ ނަވާފް މާލޭގައި ތިބީ ހަފްތާއެއް ވަންދެނެވެ. ފުރަން ވެގެން ނިއަމްއާ ނަވާފް އަހަރުމެން ގެއަށް އައުމުން މަންމަ އެ މީހުންނާ އަނގައިންވެސް ނުބުނެއެވެ. ރައުހާވެސް ކޮޓަރިއަކުން ނުނިކުމެއެވެ. އެހެން ވިޔަސް އަހަރެން އަޅައެއް ނުލަމެވެ. ނިއަމް ސުވާލު ކުރުމުންވެސް އަޅާނުލާށޭ ބުނެ އެއްވެސް އެއްޗެއް ނިއަމްއަށް ކިޔައެއް ނުދެމެވެ.

އެ ދުވަހު ނިއަމްއާ ނަވާފް ދިޔުމުން މަންމަ ނިކުތެވެ. އޭރު އަހަންނާ ރާއިދުއާ ރަޒާންއާ ފައިހާ ތިބީ ސިޓިންގްރޫމްގައެވެ.

“ރާއިދުއާ ރަޒާން ހަނދާން އެބަހުރިތަ ރައުހާ އެއީ ކޮއްކޮ ކަން؟” މަންމަ ހުރީ ހަނގުރާމައެއް ކުރަން ތައްޔާރުވެގެން ހުރި ހެންނެވެ. އެ ސުވާލު ކުރި ގޮތުންވެސް މަންމަ އައިސްފައި ހުރި ރުޅި އަހަންނަށް އަންދާޒާ ކޮށްލެވުނެވެ.

“އެކަން ހަނދާން ނެތިގެން އަހަރުމެން ކީއްކުރީ؟” ރަޒާން އަހާލިއެވެ.

“ވަދެ ބަލާލަބަލަ އޭނަ ރޯ ވަރު. ރާއިދުއަށާ ރަޒާންއަށް ރައުހާއަށް ވުރެ މުހިންމީ ނިއަމްއާ ނަވާފްތަ؟” މަންމަ އަހާލިއެވެ.

“މަންމާ، ނިއަމްއަކީ ދީނާގެ ކޮއްކޮ، ނަވާފްއަކީ ރަޒާންގެ އެންމެ ގާތް މީހާ. އެ މީހުން ކައިވެނި ކުރީ އެހެން މީހަކަށް ދެރައެއް ދީފައެއް ނޫން. ނަވާފްއަށް ރައުހާގެ ހިތުގަ އޮތް އެއްޗެއް ނުވެސް އެނގޭ، ނިއަމްއަކަށްވެސް ނޭނގޭ. ދެން އެ މީހުންގެ ކުށަކީ ކޮބާ؟ ރައުހާ ދެކެ ލޯބި ނުވާތީއެއް ނޫން ނިއަމްއާ ނަވާފްގެ ކައިވެނީގަ ބައިވެރި ވީކީ” ރަޒާންއާ ޚިލާފަށް ރާއިދު ވާހަކަ ދެއްކީ މަޑުމައިތިރި ކަމާ އެކީއެވެ.

“މި ހުރިހާ ދުވަހު އެ ކުއްޖާ އުޅުނު ގޮތް އެނގޭތަ؟ އެނގޭނީ ބަލާވެސްލި ނަމައެއްނު؟ ރާއިދުއާ ރަޒާން ބެލީ އެހެން މީހުންގެ ކަންތަކުގަ އުޅެވޭތޯ ވިއްޔަ. ވަރިހަމަ އަމިއްލަ ކޮއްކޮ މަރުވެގެން ދިޔަޔަސް. ތި ދެ މީހުންނަށް އެ ކުއްޖާގެ ހާލުވެސް ބަލާނުލެވުނު. ބަލާލެވުނު ނަމަ ތިހެން ނޫޅުނީސް” މަންމަގެ ރުޅި އެންމެ ތަންކޮޅެއްވެސް މަޑެއް ނުވެއެވެ.

“މަންމާ… ރައުހާ ދެކެ ލޯބި ނުވާތީއެއް ނޫނޭ—” އަހަރެން އެ ވަގުތު އެއްޗެއް ބުނަން އުޅުނީމެވެ. ނަމަވެސް މަންމަ އަހަރެންގެ ވާހަކަ މެދު ކަނޑާލިއެވެ.

“ދީނާ ރަނގަޅު ވާނީ އެއްޗެއް ނުބުނިއްޔާ. އަހަރެން ވާހަކަ މި ދައްކަނީ އަހަރެންގެ ދަރިންނާ، ބޭރުން އައިސް ހުރި މީހަކާ ނޫން. އެހެން ނޫނަސް މި ހުރިހާ ކަމެއް މިވީ ދީނާއާ ހެދި. ހަނދާން ކުރާތި! މަގޭ ރައުހާއަށް ދައްކާކަށް މި ގެއަށް ދެން ނަވާފްއާ ނިއަމް ގެނެސްގެން ނުވާނެ” އަހަންނާ ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ މަންމަ ބުނެލިއެވެ.

އަހަންނަށް ހައިރާންވެފައި ބަލަން ހުރެވުނީއެވެ.

“މަންމާ، ދޮންބެދައްތަގެ ކޮއްކޮއޭ އެއީ، އެ މީހުން މި ގެއަށް އައުން މަނައެއް ނުކުރެވޭނެ މަންމައަކަށްވެސް” އަހަރެންގެ ދިފާޢުގައި ތެދުވީ ރަޒާންއެވެ.

“އަހަރެން ވާހަކަ ދެއްކީ ރަޒާންއަކާ ނޫން” ރަޒާންގެ ވާހަކައަށް މަންމަ ބުނެލީ އެހެންނެވެ.

“މަންމާ، ދީނާ އުޅޭ ތަނަކަށް ދީނާގެ މީހުން އަންނާނެ” އިން ގޮތަށް އިނދެ ރާއިދު ބުނެލިއެވެ.

“ދީނާ އެކަންޏެއް ނޫން މިތާ އުޅެނީކީ، އަހަރެންވެސް މި އުޅެނީ މިތާ. އަހަރެން ނުވައްދާށޭ ބުނާ މީހަކު މި ގެއަށް ވައްދައިގެން ނުވާނެ. އެހެން ނޫނީ ދީނާ ގެންގޮސް ދީނާގެ ގޭގަ ބަހައްޓާ!” ރައްދުގައި މަންމަގެ ނިންމުން އިއްވާފައި މަންމަ ގޮސް ކޮޓަރިއަށް ވަނެވެ.

ރޮވިފައި ހުރެ އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ. އެ ކަހަލަ ނިންމުމެއް ނިންމުމުގެ ހައްގު މަންމައަށް ލިބެންވީ ކީއްވެ ހެއްޔެވެ؟ މީ އަހަރެންވެސް ދިރިއުޅޭ ތަނަށް ވާ އިރު އަހަރެންގެ މީހުން މި ގެއަށް ވަނުން މަންމައަށް މަނާ ކުރެވޭ ހެއްޔެވެ؟

ހައްތަހާވެސް މި ވަނީ މަންމަގެ ހިތުގައި އަހަންނާ މެދު އޮތް ރުޅިވެރިކަން އިތުރުވާ ގޮތެވެ. އެއްވެސް ކަމެއްގައި އަހަރެންގެ ކުށެއް ނެތަސް މަންމައަށް ގޯސްވަނީ އަހަރެންނެވެ. މި ވަރުން އަހަންނާ ރާއިދު އެކުގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ މަންމަ ކުރާ ޝަކުވާތަކާ، އަހަރެންގެ ބޮލުގައި ބޭއިންސާފުން އެ އަޅުވާ ތުހުމަތުތަކަށް އަހަރެން ރައްދު ދޭން ފަށައިފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭރުން އެ ކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއިދުއަށެވެ.

އަހަންނާ މަންމަގެ މައްސަލަތަކުގެ މެދުގައި ތާށިވެ ރާއިދުއަށް ކަންކަން ނިންމަން އުނދަގޫ ވާ ހިސާބަށް ދާކަށް އަހަރެން ނޭދެމެވެ. އެހެން ވިޔަސް އަހަރެންގެ ސަލާމަތް އަހަރެން ހޯދަން އެބަ ޖެހެއެވެ. އަބަދަކު މި ގޮތަކަށް ނޫޅެވޭނެއެވެ. މަންމަ ކިޔާހާ އެއްޗެއް އަޑު އަހާކަށް ކެތެއް ނުކުރެވޭނެއެވެ. މިއަދު މަންމަ މަނާ އެ ކުރީ އަހަރެންގެ ކޮއްކޮ މި ގެއަށް ވެއްދުމެވެ. މާދަމާ ބުނާނީ ކީކޭ ކަމެއް ނޭނގެއެވެ.

ރުއިމުގެ ތެރެއިން އެ ފަދަ ޚިޔާލުތަކެއްގައި އިންދާ ރާއިދު ކޮޓަރިއަށް ވަނެވެ.

“މަންމަ އެހެން ބުންޏަސް ދީނާގެ ގޭ މީހުންނަށް މި ގެއަށް ވަދެވޭނެ” އަހަރެން ކައިރީ އިށީނދެ ރާއިދު އަހަރެންގެ މޫނު ފޮހެދެމުން ބުންޏެވެ.

“ބޭނުމެއް ނޫން އަހަރެންގެ މީހަކު މި ގެއަށް ވައްދާކަށް. އަހަރެންވެސް ބޭނުމެއް ނޫން މިތާ އުޅޭކަށް. ހިތްހަމަ ޖެހިގެން އެއް ދުވަހުވެސް މިގޭގަ ނޫޅެވޭ. އަހަންނާ ދިމާއަށް އެއްޗެއް ނުބުނާ އެންމެ ދުވަހެއްވެސް ނުދޭ. އަހަރެން އެއްޗެއް ނުބުނާތީ ކަމެއް ނުވަނީ. އަހަރެން އެއްޗެއް ބުނާ ދުވަހަކުން ރާއިދުގެ މަންމަ އަހަރެން ނެރޭނެ މި ގެއިން. މިހެން އަބަދު އުޅެވޭތަ؟ އަހަރުމެން ދެ މީހުންނަށް އެކީ އުޅެވޭނެތަ؟” ހިތުގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން ބައެއް އަހަރެންގެ ދުލުން ބޭރުވިއެވެ. ފަހު ޖުމްލައާ އެކު އަހަންނަށް އަނެއްކާވެސް ރޮވުނީއެވެ.

“މި ބުނީނު މަންމަ އެހެން ބުންޏަސް—” ރާއިދު އަނެއްކާވެސް ބުނަން އުޅުނީ ކުރިންވެސް ބުނިހެންނެވެ.

“އަހަރެން މި ބުނާ އެއްޗެއް ރާއިދުއަކަށް ނުވިސްނޭތަ؟ މިހެން އަހަންނަކަށް ނޫޅެވޭނެއޭ…” އަހަންނަށް ބާރަށް ބުނެވުނީ އަހަރެންގެ އިހުސާސްތައް ރާއިދުއަށް ނުވިސްނޭތީ ހިތްހަމަ ނުޖެހުނު ވަރުންނެވެ.

“ދެން ހަދަން ވީ ގޮތެއް ދީނާ ބުނެބަލަ!” ރާއިދުގެ އަޑުވެސް ބާރުވިއެވެ. އަހަރެން އެހެން ބުނުމުން އޭނަ އައީ ރުޅިއެވެ.

“ރާއިދުއަށް ދުވަހަކުވެސް މަންމަގެ ކުރިމަތީ އަހަރެންގެ ދިފާޢުގަ އެއްޗެއް ބުނެވޭނެތަ؟ މަންމަ ކޮންމެ އެއްޗެއް ކިޔަސް ރާއިދު ހުންނާނީ އަނގައިން ނުބުނެ. ނުވި ތާކަށް އަހަރެންވެސް އެއްޗެއް ބުނެގެން ނުވޭ. މަންމައާ ރާއިދު ޒުވާބު ކުރާށެކޭ ނޫން މި ބުނަނީ، އެކަމަކު ރާއިދުގެ އަންހެނުންނާ ދިމާއަށް މަންމަ ބޭނުން އެއްޗެއް ކިޔާ އިރު ރާއިދު އަޑު އަހަން ހުންނާކަށް ނުޖެހޭނެ. އަހަރެންގެ ކުށެއް އޮވެގެން ކިޔާ ނަމަ އެންމެ ރަނގަޅު، އެކަމަކު އަހަރެން މީ ރާއިދު އިންނަން ރާއިދުގެ މަންމަ ބޭނުން މީހާއަށް ނުވާތީއޭ ކިޔާފަ އެހެން އެއްޗެހި ކިޔާކަށް ނުޖެހޭނެ. އަހަރެން ރާއިދުއާ އިނދެގެން މި ގޭގަ އުޅެންޏާ އަހަރެންގެ މީހުން މި ގެއަށް އަންނާނެ. މަންމައަކަށް އެކަން މަނައެއް ނުކުރެވޭނެ.

ކުރިންވެސް އަހަރެން ގައިގަ ރާއިދު ޖެހީ މިހެން ބުނެގެން، އެހެން ވިޔަސް މިއަދުވެސް މި ބުނަނީ، މަންމަ ކުރިމަތީގަ އަހަރެންގެ ދިފާއުގަ ރާއިދުއަށް އެއްޗެއް ނުބުނެވެންޏާ އަހަރެން އަހަރެންގެ ގެއަށް ފޮނުވާ، އެހެން ނޫނީ އަހަރެން ގޮވައިގެން ރާއިދު އެހެން ތަނަކަށް ހިނގާ” ރުޅި އައިސްގެން އަހަރެން ބުނީ އެ ވަގުތު އަހަރެންގެ ހިތުގައި އޮތް ގޮތަށެވެ. އެ ގޭގައި އަހަންނަށް ހަމަޖެހިގެން ނޫޅެވޭނެ ކަން ޔަގީން ވާތީއެވެ.

ޖަވާބެއް ނުދީ އަހަންނަށް ބަލަހައްޓައިގެން އިރުކޮޅަކު ރާއިދު ހުއްޓެވެ. ރުޅި އައިސް، އެ ރުޅި ކޮންޓްރޯލް ކުރަން ރާއިދު މަސައްކަތް ކުރަމުން ދިޔަ ކަން އަހަންނަށް އެނގެއެވެ. އެހެން ހުރެފައި އެއްޗެއް ނުބުނެ ކޮޓަރިން ނިކުތް އިރު އައިސްފައި ހުރި ރުޅި ބޭލީ ދޮރަށެވެ.

އަހަރެން ބުނި އެއްޗަކަށް ޖަވާބެއް ނުދީ ރާއިދު ދިޔުމުން ދެރަވެގެން އަހަންނަށް ރޮވުނީއެވެ. މަންމައަށް ފޯން ކުރެވުނީވެސް ރޮމުންނެވެ. އެ ނޫނީ ދުވަހަކުވެސް ގޭތެރޭގެ މައްސަލައެއްގައި މަންމައަކަށް އަހަރެން ނުގުޅަމެވެ.

މަންމަ ފޯން ނެގުމުންވެސް އަހަންނަށް ރޮވެނީއެވެ. ވާހަކައެއް ނުދެއްކުނެވެ. މަންމަ ކަންބޮޑުވެފައި ސުވާލު ކުރަން ފެށިއެވެ.

“މަންމާ… އަހަރެން ބޭނުމީ ގެއަށް ދާން…” އެންމެ ފަހުން އަހަންނަށް ބުނެވުނީ އެހެންނެވެ.

“ރާއިދުއާ މައްސަލައެއް ޖެހުނީތަ؟” މަންމަ އެހިއެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. ދެންވެސް މަންމަ އެކިއެކި ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެން އިތުރަށް އެއްޗެއް ނުބުނަމެވެ.

“ރާއިދު ކޮބާ؟” އެންމެ ފަހުން މަންމަ އެހިއެވެ.

“ނެތް…” އަހަރެން ޖަވާބު ދިނީމެވެ.

“ދީނާ ބޭނުމިއްޔާ ގެއަށް އާދެވޭނެ، އެކަމަކު އިހަށް މަންމަ ބޭނުން ވީ ގޮތެއް ބަލަން. މަންމަ މި ދަނީ ތި ގެއަށް. ދެން ނުރޮއެ ހުއްޓާލާ. މަންމަ ނުވާނެ ލަހެއް، މިހާރު މި ނިކުންނަނީ” މަންމަ އެހެން ބުނެފައި ފޯން ކަނޑާލިއެވެ. ދެންވެސް އަހަންނަށް ރޮވެނީއެވެ. ކުރިން އެތައް ފަހަރަކު އެފަދަ މައްސަލަތައް ގޭތެރޭގައި ޖެހުނު ނަމަވެސް އެ ދުވަހު އަހަރެން ދެރަވީ ވަރަށް ދުވަހަކުވެސް ދެރައެއް ނުވެއެވެ.

ޓަކި ޖަހާލާފައި ފައިހާ ކޮޓަރިއަށް ވަން އިރުވެސް އަހަރެން އިނީ އެހެންނެވެ.

“ދޮންބެދައްތާ…” ފައިހާ އައިސް އަހަރެން ކައިރީ އިށީނދެފައި ގޮވާލިއެވެ.

އަހަރެން ދެއަތުން މޫނު ފޮރުވާލީއެވެ. އެއްޗެއް ނުބުނެ ފައިހާ އަހަރެންގެ އަތުގައި ފިރުމާލަމުން ނުރޯށޭ ބުނެލިއެވެ.

އަހަރެން ތެދުވެގެން ގޮސް ފާހާނާއަށް ވަދެ މޫނު ދޮވެލީ ބޭރުގައި ތިބި ޝުޢާއާ ޝިނާ އައިސް ވަނުމުންނެވެ. ފާހާނާއިން އަހަރެން ނިކުތް ތަނާ މަންމައާ ނައުރާ އައިސް ވަނެވެ. އެ މީހުން ފެނުމުން ފައިހާ، ޝުޢާއާ ޝިނާ ގޮވައިގެން ދިޔައީ ފައިހާގެ ކޮޓަރިއަށެވެ.

އަހަރެންގެ ރަތްވެފައި ހުރި މޫނާ، ކަރުނަ ނުހިކި ހުރި ލޯ ފެނުމާއެކު ނައުރާ އައިސް އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދީ ނައުރާއެވެ. މަންމަ އަހަރެން ކައިރީ އިށީނެވެ. އަނެއް ފަރާތުގައި ނައުރާ އިށީނެވެ.

“ދެން ބުނެބަލަ، ވީ ގޮތެއް މަންމައަށް ކިޔާދީބަލަ” އަހަރެންގެ ބޮލުގައި ފިރުމާލާފައި މަންމަ ބުންޏެވެ.

“އަހަރެން ބޭނުމީ ގެއަށް ދާން…” އަހަރެން ދެންވެސް ބުނީ އެހެންނެވެ.

“މައްސަލައެއް ޖެހުނަސް ގެއިން ނިކުމެގެން ދިޔުން އެއީ އަދި ރަނގަޅު ގޮތެއް ނޫން ދަރިފުޅާ، ދެމަފިރިން ވެއްޖެއްޔާ މައްސަލަ ޖެހޭނެ، ބައެއް ފަހަރު ދިމާވާނެ ފަސޭހައިން ހައްލު ނުކުރެވޭ ކަހަލަ ކަންތަކާވެސް، އެކަމަކު އެހާ އަވަހަށް ހިތްވަރު ދޫކޮށްލާކަށް ނުވާނެ. ދީނާ ދުރަށް ގޮއްސިއްޔާ ތި މައްސަލަ ހައްތަހާ ވާނީ ބޮޑު. ދެ މީހުން ވާހަކަ ދައްކައިގެން ރަނގަޅު ނުކުރެވޭނެ ކަމެއް ނޯންނާނެ. މަސައްކަތް ކޮށްގެންވެސް ހައްލު ނުވިއްޔާ އެހެން ވިސްނުމަކަށް ދާން ޖެހޭނީ” މަންމަ އަހަރެން ގައިގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.

“ކޮބާ ރާއިދު؟” ދެންވެސް އަހަރެން އެއްޗެއް ނުބުނުމުން މަންމަ އަހާލިއެވެ.

“ބޭރަށް ދިޔައީ” އަހަރެން ބުނީމެވެ.

“ނައުރާ، ތުއްތަބޭއަށް ގުޅާބަލަ” ރާއިދުއަށް ގުޅުމަށް މަންމަ ބުނީ ނައުރާ ކައިރީއެވެ.

“ނުގުޅާތި!” އެ ވަގުތު ރާއިދުއާ ކުރިމަތި ލާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އަހަރެން އެހެން ބުނުމުން ނައުރާ ބަލާލީ މަންމައަށެވެ.

“ގުޅާ!” މަންމަ ބުނެލީ ހަމައެކަނި އެހެންނެވެ.

“ބިޒީ ކޮށްލީ” ފޯނަށް ބަލަން އިނދެފައި ނައުރާ ބުންޏެވެ.

އެ ވަގުތު ދޮރު ހުޅުވާލާފައި ރާއިދު ކޮޓަރިއަށް ވަނެވެ. މަންމައާ ނައުރާ ފެނުމުން ހުއްޓިފައި، އަހަންނަށް ބާލާލަމުން ރާއިދު ވަދެ ދޮރު ލައްޕާލިއެވެ.

“ރާއިދު، ދީނާ ގުޅައިގެން ރޯ ވަރުން މަންމަ މި އައީ، އެކަމަކު އަހާއަހާވެސް ވީ ގޮތެއް ނުބުނި. ވެގެން ތި އުޅޭ ގޮތެއް މަންމަ ކައިރީ ރާއިދު ބުނެބަލަ” މަންމަ ރާއިދުއަށް ބުންނެވެ.

“އަޅާނުލާ ދެން މަންމާ… މިހާރު އޯކޭ…” މަންމަގެ އަތުގައި ހިފާލަމުން އަހަރެން ބުނީ ވީ ގޮތް މަންމައަށް ބުނެދޭން ބޭނުން ނުވާތީއެވެ. އަހަރެން އުޅޭ ތަނަކަށް އަހަރެންގެ ކޮއްކޮއެއް ވަނުން ރާއިދުގެ މަންމަ މަނާ ކުރި ކަން މަންމައަށް ނާންގަން ވެގެންނެވެ.

“ކުއްލިއަކަށްތަ އޯކޭ ވީ؟ ގުޅާފަވެސް، މަންމަ އައީމަވެސް ދީނާ ބުނީ ގެއަށް ދާށޭ ބޭނުމީ. ރާއިދު، ދީނާ ގެއަށް ދާން ބޭނުން ވާ ވަރުގެ ކަމެއް ވީތަ؟” އަހަންނާ ވާހަކަ ދައްކަމުން މަންމަގެ ފަހު ސުވާލު އަމާޒުވީ ރާއިދުއަށެވެ.

“ދީނާ ދާން ބޭނުން ވިޔަސް އަހަރެން ބޭނުމެއް ނޫން ފޮނުވާކަށް” ރާއިދު ދިނީ މަންމަ ކުރި ސުވާލާ ނުގުޅޭ ޖަވާބެކެވެ.

“އާދައިގެ ކަމެއް ވެގެން ދީނާ ނުބުނާނެ އެހެންނެއް. ކިހާ ހިސާބަކަށް މައްސަލަ ގޮސްގެން ތި އުޅެނީ؟” މަންމަ އެ ސުވާލު ކުރީ އެއްފަހަރު އަހަންނަށް އަނެއް ފަހަރު ރާއިދުއަށް ބަލާލާފައެވެ. ރާއިދު ދިން ޖަވާބުން ހިތްހަމަ ނުޖެހިފައި އިނދެއެވެ.

“މަންމާ… ޕްލީޒް…” އަހަރެންގެ އަތުތެރޭ އޮތް މަންމަގެ އަތަށް އަދިވެސް ބޮޑަށް ބާރުކޮށްލަމުން އަނެއްކާވެސް އެދުނީ އެ ވާހަކަ އިތުރަށް ނުދެއްކުމަށެވެ.

މަންމަ އަހަރެންގެ މޫނަށް ބަލަން އިރުކޮޅަކު އިނެވެ.

“ކުރިންވެސް ތި ދެކުދިންގެ މެދުގަ މައްސަލަ ޖެހުނު ކަން މަންމައަށް އެނގޭ، އެކަމަކު ދީނާ ބުނެގެންނެއް ނޫން. އެހީމަވެސް ދީނާ ބުނީ އެހެން ޖެހޭ މައްސަލަތަކުގެ ވާހަކަ އެއްވެސް މީހެއް ކައިރީ ދައްކާކަށް ބޭނުމެއް ނޫނޭ، ގޭތެރޭގެ ވާހަކަތައް އިތުރު ބަޔަކަށް އެނގޭކަށް ނޭދެމޭ. އެހެންވެ މަންމަ އިތުރަކަށް ނާހަން. ދީނާ ގެއަށް ދާން ބޭނުން ވެގެން ބުނާނީ ކުޑަ ކަމެއް ވެގެން ނޫން ކަން މަންމައަށް ޔަގީން. ތި ދެ ކުދިންނާ މެދު މަންމަ ކަންބޮޑުވޭ އެބަ މިހާރު. ކަމެއް ދިމާ ވިޔަސް ދީނާ ނުބުނާނެ. މަންމައަށް އެނގޭ ދީނާއަށް ކެތް ނުވެގެން ކަން އެހެން ބުނީ.

ވެގެން އުޅޭ ގޮތެއް ދީނާ ނުބުނި އިރު އަދި އަމްދުން ރާއިދު ނުބުނާނެ ކަން އެނގޭ. ކިޔާދޭން ބޭނުން ނުވަންޏާ ގަދަ ކަމުން ހޯދާކަށް މަންމަ ނޫޅެން. އެހެން ވިޔަސް މިއަދު ދީނާއަށް ބުނެވިއްޖެ ގެއަށް ދާށޭ ބޭނުމީ. އެކަމަކު ރާއިދު ތި ބުނަނީ ދީނާ ފޮނުވާކަށް ބޭނުމެއް ނޫނޭ. އެހެން ވިއްޔާ ދެން އޮތީ ދެ މީހުން ވާހަކަ ދައްކައިގެން ހަދަން ވީ ގޮތެއް ނިންމުން. އެކީގަ އުޅެން ބޭނުމިއްޔާ ތި ޖެހިގެން އުޅޭ މައްސަލައެއް ހައްލު ކުރޭ. ރުޅި އައިސްގެން ޒުވާބު ކޮށްގެން ނުވާނެ” މަންމަ ދިން ނަސޭޙަތް އަޑު އަހަން އަހަންނާ ރާއިދު އެއްޗެއް ނުބުނެ ތިބީއެވެ.

“މަންމައަކަށްވެސް އަދި އެހެން މީހަކަށްވެސް ރާއިދުއާ ދީނާގެ ކަންތައްތަކެއް މިހާރު ނުނިންމޭނެ. ރުޅި ނައިސް ދެ ކުދިން ހަމަ ޖެހިގެން ތިބެ ވާހަކަ ދައްކާ. އެކަކު އަނެކަކުގެ ވާހަކަ އަޑު އަހާ. ރާއިދުގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ނޫނީ ގޯސްކަމެއް ފެނުނަސް ރާއިދުއަށް ދީނާ މާފުކޮށްދީ. ހަމަ އެހެން ދީނާގެ ފަރާތުން ގޯސް ކަމެއް ފެންނަ ނަމަ ރާއިދު އޭނައަށް ވިސްނައިދީ، ހިތްހަމަ ނުޖެހޭ ކަމެއް ދީނާގެ ފުށުން ދިމާވި ނަމަ ރާއިދުވެސް ދީނާއަށް މާފުކޮށްދީ… އެކުގަ އުޅެވޭނީ ދެ ކުދިން މަސައްކަތް ކޮށްގެން، އެކަކު އެކަނި މާފުކޮށްގެން ނޫނީ އަޅާނުލާ ދޫކޮށްގެން އެކީގައެއް ނޫޅެވޭނެ. ހަމަ ޖެހިގެން އުޅެވޭނީ ދެ ކޮޅުންވެސް އެއްވަރަށް ދޫދީގެން، މާފުކޮށްގެން. ދެ ކުދިންވެސް އެއްވަރަށް މަސައްކަތް ކޮށްގެން” މަންމަ ނަސޭހަތް ދިނީ ދެ މީހުންނަށެވެ.

މަންމަ އަހަރެންގެ ބޮލުގައި ފިރުމާލާފައި އަހަރެންގެ ދެ އަތުގައި ހިފާލިއެވެ.

“ދިމާވެގެން ތި އުޅޭ ކަމެއް ހައްލު ކުރަން ދީނާ މަސައްކަތް ކުރާނަންތަ؟” މަންމަ އަހާލިއެވެ.

އަހަރެން ބޯޖަހާލީމެވެ.

“އެ ޔަގީން ކަން ދިނާއަށް ވުރެ ބޮޑަށް ރާއިދުގެ ފަރާތުން މަންމަ ބޭނުން” ރާއިދުއަށް ބަލާލަމުން މަންމަ ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އިންތިޒާރު 10 (ފަހުބައި)

Next

އިންތިޒާރު 6

Next
September 6, 2023

އިންތިޒާރު 6

Previews
September 4, 2023

އިންތިޒާރު 10 (ފަހުބައި)

5 Comments!

  1. Mar Sha Mar Sha says:
    September 5, 2023 at 1:04 pm

    ސަލާމް، ދިހަވަނަ ބައި އަޕްލޯޑް ކޮށްލެވުނީ މި. ހީކުރަން ކިޔުންތެރިންނަށް ކަމުދާނެ ކަމަށް. 11ވަނަ ބައި ބުރާސްފަތި ދުވަހު ގެނެސްދޭނަން.

  2. Z✨ says:
    September 5, 2023 at 2:24 pm

    OMGG…HAADHA REETHIEY😭
    HAMA KIRIYAA NUROVUNEE🥺❣️

  3. Nadhoo says:
    September 5, 2023 at 2:52 pm

    dheena fakeerakah neh eh gothakun ves ufaleh

  4. love imko 💕💕 says:
    September 6, 2023 at 6:38 am

    I love this story
    When Is next part 💕

  5. Zee says:
    September 6, 2023 at 5:21 pm

    Salhi!!! v Gina iburaiythah libey story eh mee 😊
    I love this story ❤️

Comments are closed.

Next Episodeޔާރާ އަހާށޭ 11←


All Right Reserved!