ޔާރާ އަހާށޭ 9
“ދީނާ އޮފީސް ގަޑީގަ އެ ކުދިން ނިއަމް ކައިރީ ބައިތިއްބާތީ އެ ގެއަށް ގެންދަނީ. މަންމަ ބަލިވީމަ ދެން އެހެން ގޮތެއް ނޯންނާނެއެއްނު؟” މަންމައަށް ޖަވާބު ދިނީ ރާއިދުއެވެ.
އެއީ އެ ކުދިން ގެންދަން ފެށި ފަހުން މަންމަ އެ ވަހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ދުވާލު ގޭތެރެއިން ކުދިން ނުފެންނާތީ އެ ކުދިން މަތިން މަންމަ ހަނދާން ވަނީއޭ އަހަރެންގެ ހިތަށް އެރިއެވެ.
“މަންމަގެ ރާއިދު ނުދާނެ މަންމަ ދޫކޮށްލާފައެއް، ދޯ ރާއިދު؟” އަހަރެން އެހެން ބުނީ ހިތުގައި އެއްޗެއް އޮވެގެންނެއް ނޫނެވެ. ރާއިދުއަކީ އޭނަގެ މަންމަ ދެކެ އިންތިހާއަށް ލޯބިވާ ދަރިއަކަށް ވީތީ އެހެން ބުނެލީއެވެ. އެއްވެސް ޙާލަތެއްގައި މަންމަ ދޫކޮށްފައި ރާއިދު ނުދާނެ ކަން އެއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ.
އެ ވަގުތު ރާއިދު މަންމަ ކައިރީ އިށީނުމުން މަންމަ ޝިނާ އުރާލިއެވެ.
“ކިހިނެއް އެނގޭނީ؟ މާމަ ދަރިން ގެއަށް ގެންދިޔަ ހެން، މަންމަގެ ދަރިވެސް ދީނާ ގެންގޮސްދާނެ ވިއްޔަ” ޝިނާގެ މޫނުގައި ބޮސްދީފައި މަންމަ ބުނެލިއެވެ.
“މަންމާ… ތިހެން ހިތަށް ނާރުވަބަލަ! މަންމަ ބަލިކޮށް އުޅޭތީއެއްނު މި ކުދިން ދީނާމެން ގެއަށް މި ގެންދަނީވެސް؟ އޭގެ ކުރިން ތިބީ މިގޭގަ، މަންމަ ކައިރީގައެއްނު؟” މަންމަގެ އަތުގައި ހިފާލަމުން ރާއިދު ބުންޏެވެ.
“ކުރިން ކަންތައް ވާ ގޮތަކަށް ނޫން މިހާރު ކަންތައް ވަނީކީ. މަންމަގެ ބަހެއް ރާއިދު ނާހާ އަޑެއް މިހާރަކު. މަންމަ ބުނާ އެއްޗެއް ރާއިދުއަކަށް ނީވޭ އަޑެއް” އެހެހް ބުނެފައި ރާއިދުގެ މޫނަށް މަންމަ ބަލާލިއެވެ. ހީވީ މަންމަގެ އެ ބަހާ ދެކޮޅަށް ރާއިދު އެއްޗެއް ބުނޭތޯ އިން ހެންނެވެ.
“އެއްވެސް ކަމެއް އަބަދަކު އެއްގޮތަކަށް ނޯންނާނެއެއްނު؟ ދޮންބެ މީހަކާ އިނީމަ ދެން ކުރިން އުޅުނުހެނެއް ނޫޅެވޭނެ. އެހެން ވިޔަސް މިހާރުވެސް މި ގޭގަ މަންމަގެ ބަސް އެންމެ އަހަނީ ދޮންބެއެއްނު؟” އެ ވަގުތު ރަޒާން އިނދެފައި ބުނެލިއެވެ.
“މަންމަގެ ބަސް އަހާ ނަމަ މި ކުދިން ނުގެންދާނެ” މަންމަ ބުނެލީ ގޮތްދޫކުރާ ރާގެއްގައެވެ.
އަހަރެން އެއްޗެއް ނުބުނެ ހުރީއެވެ. އެހެން ނަމަވެސް އެތައް އެއްޗެއް ހިތަށް އަރަމުން ދިޔައެވެ. ޝުޢާއާ ޝިނާ ގެންދާތީ މަންމަ ދެރަވާންވީ މިއަދު ހެއްޔެވެ؟ އަހަރެން އެ ދެ ކުދިން އަހަރެންގެ ގެއަށް ގެންދަން ފެށީ އެހެން ގޮތެއް ނެތިގެންނެވެ. އެކަން މަންމައަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. ޝަކުވާ ކުރިޔަސް މިއަދު އަހަންނަށް އެ ނޫން ގޮތެއް ނެތެވެ.
“މަންމާ، ހަވީރު ކުދިން ތިބެނީ ގޭގައެއްނު؟ ބަންދު ދުވަސްތަކުގަވެސް ގޭގަ އެ ތިބެނީ. ދެން ކޮން ކަމަކާ މަންމަ ކަންބޮޑުވަނީ؟” މަންމަގެ ވާހަކައިން ރާއިދު ދެރަ ވިކަން އޭނަ ބުނި ގޮތުން އެނގެއެވެ.
“ދެން ބުނެފާނެ މި ގޭގަ އުޅޭކަށް ބޭނުމެއް ނޫނޭ… ދީނާ ބުނާ އިރަށް މަންމަ ދޫކޮށްލާފަ ރާއިދު ދާނެ އޭނައާ އެކީ” މަންމަ އެހެން ބުނެފައި ރޯން ފެށިއެވެ.
“މަންމާ… އަހަރެން ނުދާނަމޭ. މަންމަ ދެރަ ނުވެބަލަ… މަންމަ ދޫކޮށްފަ އަހަރެން ނުދާނަން” މަންމަގެ ކޮނޑުގައި ހިފާ ކައިރި ކޮށްލަމުން ރާއިދު މަންމައަށް ޔަގީން ކަން ދިނެވެ.
އެ ވަގުތު އަހަރެންވެސް ދެރަވިއެވެ. ރާއިދުގެ މަންމައަށް ކަމުނުދަނީ އަހަރެންނެވެ. މަންމަގެ ދަރިން ދެކެ މަންމަ ލޯބިވެއެވެ. އެހެން ކަމުން، ދަރިއަކު ވަކިވެދާނެއޭ ހީވާ ނަމަ މަންމަ ދެރަވާނެއެވެ. އަދި ރަޒާންއާ ރައުހާއަށް ވުރެ ބޮޑަށް ރާއިދު ދެކެ މަންމަ ލޯބި ވާހެން އެންމެންނަށްވެސް ހީވެއެވެ. ރާއިދު އަހަންނާ އެކު ހިނގައިދާނެތީ މަންމަ ކަންބޮޑުވަނީ އެހެންވެއެވެ. އެކަން އަހަންނަށް އެނގެއެވެ.
އެ ދުވަހު ހުކުރުން އައިސް ކައިގެން ކޮޓަރިއަށް ވަދެ ރާއިދު އެނދުގައި އޮށޯތެވެ. ނިތްކުރިމަތީ އެއް އަތް ބާއްވާލައިގެން އޮތް ގޮތުން ފުން ވިސްނުމެއްގައި އޮތް ކަން އެނގެއެވެ.
“ރާއިދު… ކިހިނެއް ވެފަ ތިއޮތީ؟” ރާއިދު ކައިރީ އިށީނދެ އަތުގައި ހިފާ ދުރުކޮށްލަމުން އަހަރެން ގޮވާލީމެވެ.
ޖަވާބެއް ނުދީ ރާއިދު އަހަރެންގެ އަތުގައި ހިފާލިއެވެ.
“ކިހިނެއްވީ؟” އަހަރެން އަނެއްކާވެސް އަހާލީމެވެ.
“ރަނގަޅަށްތަ ކަންތައް މި ވަނީ؟” ރާއިދު އަހާލިއެވެ.
“ބައެއް ފަހަރު ބޭނުން ނުވާ ގޮތަށްވެސް ކަންތައް ވާނެ، އެންމެން ބޭނުން ވާ ގޮތަކަށް އެއްވެސް ކަމެއް ނުވާނެ. އަހަންނަށް އެނގޭ ކުދިން ގެއަށް ގެންދާތީ މަންމަ އެހާ ހިތްހަމައެއް ނުޖެހޭ ކަން. އެކަމަކު އެހެން ގޮތެއް ނެތީމަ އެ ގޮތަށް ހަދަން ޖެހުނީ. ރާއިދުއަށްވެސް އެނގޭނެ. އަހަރެން ގަބޫލު ކުރަން މަންމައަށް އެ ކުދިން ގޮވައިގެން އުޅެން ފަސޭހައެއް ނުވާނެ ކަން، އެހެންވެ މީހަކު ގެންނަ ވާހަކަ ބުނީ، މަންމައަށް އެ ގޮތް ކަމުނުދިޔައީމަ މިހެން ހަދަން ޖެހުނީ. ރާއިދު ބުނެބަލަ، އެހެން ގޮތެއް އޮތްތަ؟” އަހަރެން ބުނީ މަންމައާ މެދުވެސް ވިސްނާފައެވެ.
“ދީނާ އޮފީހުން ކެނޑެން ވީނު؟” ރާއިދު ކޮންމެވެސް ދުވަހަކުން އެހެން ބުނާނެކަން އަހަންނަށް މާ ކުރިންވެސް އެނގެއެވެ.
“ރާއިދު… އަހަރެން ބުނީމެއްނު…” ލަސްލަހުން ބުނަން ފަށާފައިވެސް އަހަރެން ހުއްޓާލީއެވެ. އެ ވާހަކައަކީ އަހަންނާ ރާއިދުގެ މެދުގައި ކުރިން ދެކެވިފައިވާ ވާހަކައެކެވެ. އެއީ އަހަރެންގެ މަންމައަށް ޓަކާ އަހަރެން ކޮށްދޭން ބޭނުން ވާ ކަމެކެވެ. އަހަރެން އޮފީހުން ކެނޑުނަސް އަހަރެންގެ މަންމައަށް ރާއިދު އެހީ ވާނެކަން ޔަގީނެވެ. އަހަންނާ ކައިވެނި ކުރި ފަހުން އަހަރެން ނުބުންޏަސް ރާއިދު އަމިއްލައަށް އަހަރެންގެ އާއިލާއަށް އެހީވެއެވެ. އަހަރެން އަމިއްލައަށް މަންމައަށް ދޭ އެއްޗަކާ ބެހޭ ގޮތުން ރާއިދު ދުވަހަކުވެސް ސުވާލެއް ނުކުރެއެވެ.
އެހެން ނަމަވެސް އަހަރެން އަމިއްލައަށް އަހަރެންގެ މަންމައަށް އެހީ ވުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެކެވެ. އެ ގޮތަށް އެކަން ވާނީ އަހަރެން ވަޒީފާއަށް ގޮސްގެންނެވެ. އެކަން ރާއިދުއަށް އެނގޭނެއެވެ. ކައިވެނީގެ ކުރިން އަހަރެން އެ ވާހަކަ ރާއިދުއާ ދެއްކީ ފަހުން އެ ސުވާލު ކޮށްފާނެތީއެވެ. އެއީ މައްސަލައަކަށް ވެދާނެތީއެވެ. އެހެން ނަމަވެސް އެއީ މައްސަލައަކަށް ނުވާނެކަމުގެ ޔަގީންކަން އޭރު ރާއިދު އަހަންނަށް ދިނެވެ.
ނަމަވެސް މިއަދު ރާއިދު އެ ބުނީ އަހަރެން އަޑުއަހަން ބޭނުންވާ އެއްޗެއް ނޫނެވެ. ބޮޑަށް ހިތްހަމަ ނުޖެހުނީ އެ ދުވަހު މަންމަ ދެއްކި ވާހަކައަށް ފަހު ރާއިދު އެހެން ބުނުމުންނެވެ. މަންމަ ބުނާ އެއްޗަކަށް ބުރަވެ ރާއިދު ނިންމުން ނިންމަން ވެއްޖެ ނަމަ އަހަރެން އެދޭ ގޮތަކަށް އެއްވެސް ކަމެއް ނުވާނެއެވެ.
“ދީނާ، އަހަރެން އެހީ ވާނަމޭ، އެއީ އަހަރެންގެވެސް މަންމައޭ” ރާއިދު މަސައްކަތް ކުރީ އަހަރެންގެ ޚިޔާލު ބަދަލުވޭތޯއެވެ.
ރާއިދުއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ކަމަކަށް ވުރެ ރާއިދު، ރާއިދުގެ މަންމަ އިސްކުރާ ހެން އެހެން އެންމެންނަށް ވުރެ އަހަންނަށްވެސް އަހަރެންގެ މަންމަ މުހިންމެވެ. ރާއިދުގެ މަންމަ އަހަންނާ މެދު ދެކޭ ގޮތް ރާއިދުއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އެހެން ވިޔަސް އަހަރެން އަބަދުވެސް ބަލަނީ މަންމައާ ދިމާއަށް ރާއިދު ހިތްހަމަ ނުޖެހޭ ފަދަ އެއްޗެއް ނުބުނެވޭތޯއެވެ.
ނަމަވެސް އަހަރެން ވަޒީފާއަށް ނުގޮސް ހުރެ، އަހަރެންގެ އާއިލާއަށް ރާއިދު އެހީ ވާނަމަ ރާއިދުގެ މަންމަ ހިތްހަމައެއް ނުޖެހޭނެ ކަން އަހަންނަށް ޔަގީނެވެ. އެ ކަމާ ހިތްހަމަ ނުޖެހިގެން މަންމަ އެއްޗެއް ބުނާ ދުވަހަކު ދުވަހަކުން އަހަންނަށް އަޅާނުލާ ނުހުރެވޭނެއެވެ. އަހަންނާ ރާއިދުގެ ކައިވެންޏަށް މިވީ ހަތަރު އަހަރުގައި އަހަރުމެންގެ މެދުގައި ދެބަސްވުމެއް ހިނގާފައި ވާނަމަ، އޭގެ ސަބަބަކީ މަންމައަށް އަހަރެން ކަމުނުދިޔުމެވެ. އިތުރަށް މަންމަގެ ހިތް އަހަންނާ މެދު ނުސާފުވާކަށް އަހަރެން ނޭދެމެވެ.
ނަމަވެސް އެކަން އަހަރެން ރާއިދުއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ މިވީހާ ތަނަށް އަހަރެން އެއްފަހަރުވެސް މަންމަގެ ޝަކުވާއެއް ރާއިދު ގާތު ނުކުރަމެވެ. ދެންވެސް ކުރާކަށް ބޭނުމެއް ނޫނެވެ. އެހެން ވިޔަސް މިއަދު ރާއިދު އެ އެދުނު ގޮތަށް ކަންތައް ވެގެން، އޭގެ ފަހުން ދިމާވެދާނެ ގޮތެއްގެ ވާހަކަ އަހަރެން ބުނެފި ނަމަ ރާއިދު ހީކުރާނީ އަހަރެން މަންމަގެ ޝަކުވާ ކުރަނީ ކަމުގައެވެ.
އަހަރެން އެދޭ ގޮތަށް ކަންތައް ކޮށްދިނުމަކީ ރާއިދުގެ ޒިންމާއެކެވެ. އަހަރެންގެ ނިންމުމާ ދެކޮޅަށް، މަންމަގެ ބަހަށް ރާއިދު ކަންތައް ނިންމުމުން އަހަންނާ ރާއިދުގެ މެދުގައި ދެބަސްވުން އުފެދޭނެއެވެ.
“އެނގޭ ތިކަން… އެކަމަކު… ރާއިދު ޕްލީޒް… އަހަރެން ޖޮބަށް ދިޔަޔަސް އެހެން ކަންތައް ކުރަމެއްނު؟ މަންމައަށް ވިސްނަދީބަލަ ރާއިދު، މިގެއަށް މީހަކު ގެނައި ނަމަ ކުދިން ގެންދާކަށް ނުޖެހުނީހެއްނު؟” އަހަރެން އެދުނީމެވެ.
“ކުރިއަކުން ނުބުނަމެއްނު؟ ދީނާ ޖޮބަށް ނުދިޔަޔަސް އަހަރެން ހުރިހާ ކަމެއްވެސް ކޮށްދޭނަމޭ” ރާއިދުގެ އެ އެދުމަށް އެއްބަސް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ވިޔަސް އަހަރެން އެރޭ ދެކޮޅެއްވެސް ނުހަދަމެވެ.
“ފަހުން ތިކަމާ ވާހަކަ ދައްކާނީ… ވިސްނަން ބޭނުން…” އަހަރެން އެންމެ ފަހުން ބުނީމެވެ. ހިތްހަމަ ނުޖެހުނަސް ރާއިދުއާ ދެބަސް ވާން ބޭނުން ނުވާތީ ދެކޮޅަށް އެއްޗެއް ބުނަން ބޭނުން ނުވީއެވެ.
އެ ދުވަހުގެ ފަހުން ރާއިދު އެ ވާހަކައެއް ނުދައްކައެވެ. ރާއިދު ގާތު މަންމަ އެ ވާހަކަ ނުދައްކާތީ، ރާއިދުވެސް އެ މައުޝޫ ދޫކޮށްލީއެވެ. ދެންވެސް އަހަންނާ މަންމަގެ މެދުގައި އޮތް ގުޅުން އޮތީ ހަމަ އެ ގޮތުގައެވެ. ހިތްހަމަ ނުޖެހިގެން އަހަންނާ ދިމާއަށް މަންމަ އެއްޗެއް ނުބުނާ ދުވަހެއް މަދު ވާނެއެވެ. އަހަރެން އަޅައެއް ނުލަމެވެ.
ތިން މަހެއްހާ ދުވަސް ފަހުން މިލީ ގެނެވުނު އިރު ނިއަމްއަށްވެސް ވަޒީފާ ލިބިއްޖެއެވެ. މިލީ އައިސްގެން ފުރަތަމަ ހަފްތާގައި އޮފީހުން ޗުއްޓީ ނަގައިގެން އަހަރެން ގިނަ ވަގުތު ހޭދަކުރީ މަންމަ ގޭގައެވެ. ކުދިންގެ ކަންތައް ކުރާނެ ގޮތާ، މަންމަގެ ބައެއް ކަންތައް މިލީއަށް ބުނެދީ، އޭނައަށް ކަންތައް ދަސް ކޮށްދޭން އެ ދުވަސްތަކުގައި އުޅުނީ މަންމަމެން ގޭގައެވެ.
ދުވަސްތަކަކަށް ފަހު އަނެއްކާވެސް އަހަރެންގެ ޝަކުވާ ރާއިދު ގާތު މަންމަ ކުރީ އޭރުއެވެ. އަނެއްކާވެސް މައްސަލައަކަށް ވީ އަހަރެންގެ ވަޒީފާއެވެ. އަހަރެން ހީކުރީ އެ ފަހަރު ވަޒީފާއިން ވަކި ވުމަށް ރާއިދު ބާރު އަޅާނެ ކަމަށެވެ. ނަމަވެސް މަންމަ ކައިރީ އިނދެ މަންމަ ދެއްކި ވާހަކަ އަޑު އެހި ނަމަވެސް ރާއިދު އަހަރެން ކައިރީ އެއްވެސް އެއްޗެއް ނުބުނެއެވެ. ރާއިދު ކައިރީ އެކަމާ ސުވާލު ކުރީ އަހަރެންނެވެ.
“މަންމަ ބުނި އެއްޗަކުން އަހަރެން ދެކެ ހިތްހަމަ ނުޖެހިގެންތަ އެ ވާހަކަ ނުދައްކާ ތިއޮތީ؟” ނިދަން އޮވެފައި އަހަރެން އަހާލީމެވެ.
“ނޫން… މަންމަ ބުންޏަސް އަހަރެން ބޭނުމެއް ނޫން ދީނާއަށް ފޯސް ކުރާކަށް، ދީނާ ދާން ބޭނުމިއްޔާ އަހަރެން ނުހުއްޓުވާނަން. އޭރު މަންމަ ދެރަވެގެން އުޅުނީމަ ކެނޑޭށޭ ބުނެވުނީ” ދެ ފަރާތަށް ބޯ ހަލުވާލަމުން ރާއިދު ބުންޏެވެ.
އަހަރެން ރާއިދު ގައިގައި ބައްދާލީމެވެ. އަހަރެންގެ އެދުމަށް ރާއިދު އިޙްތިރާމް ކުރީތީ އަހަރެން ވަރަށް އުފާވިއެވެ.
“އައި ލަވް ޔޫ!” އަހަރެން ބުނީމެވެ.
“ގިނަ ގިނައިން ތިހެން ބުނާ ނަމަ” ހުނުމަކާ އެކު ރާއިދު އަހަރެން އިތުރަށް ގާތް ކޮށްލިއެވެ.
“އައި ލަވް ޔޫ، އައި ލަވް ޔޫ، އައި—” ރާއިދު ހުއްޓުވަން ދެން އަހަރެން ބުނީމެވެ.
ނަވާފްއާ ނިއަމް ގެ ކައިވެނި ހަމަ ޖެހުނީ ޝިނާއަށް ދެ އަހަރު ވީ ތަނާއެވެ. ނަވާފް އަލުން ފުރަން ޖެހޭތީ، ނިއަމްއާ ނަވާފް ބޭނުންވީ ނަވާފް ފުރުމުގެ ކުރިން ކައިވެނި ކޮށްގެން ދެމަފިރިން އެކުގައި ދާށެވެ. އެ ދެ ކުދިންގެ އެދުމާ ދެ އާއިލާއިންވެސް ގަބޫލުވިއެވެ.
ރައުހާ އަހަރެން ދެކެ ރުޅި އައި ސަބަބު އަހަންނަށް އެނގުނީ އެ ކައިވެނީގެ ދަޢުވަތު ކާޑު މަންމައަށް ދިން ދުވަހުއެވެ.
އެ ދުވަހު މެންދުރުފަހު ގެއަށް ގޮސް ކައިވެނީގެ އެކިއެކި ކަންތަކުގައި ނިއަމްއަށް އެހީވެދީފައި އަހަރެން ގެއަށް އައީ ޢިޝާ ނަމާދަށް ގޮވުމުންނެވެ. އޭރު ސިޓިންގްރޫމްގައި މަންމައާ ރައުހާއާ ތިއްބެވެ. ފައިހާ އުޅުނީ ކާން ހަދާށެވެ.
“މަންމާ، މި ހަފްތާގެ ހުކުރު ދުވަހުގެ ރޭ ނިއަމްއާ ނަވާފް ކައިވެނި ކުރޭ. މިއޮތީ ކާޑު” އަހަރެން މަންމައަށް ކާޑު ދިއްކޮށްލީމެވެ. އެ އުފަލުގައި ރާއިދުގެ އާއިލާ ބައިވެރިވުން އެއީ އަހަރެން ވަރަށް އެދޭ ކަމެކެވެ. މަންމައަށް ކާޑު ދިނީ އާއިލާގެ އެންމެ އިސް މީހަކީ މަންމަ ކަމުގައި ދެކޭތީއެވެ. ނަމަވެސް މަންމަ ކާޑުގައި ހިފި ގޮތަށް އެއަށް ބަލާވެސް ނުލާ މޭޒުމައްޗަށް އެއްލީއެވެ.
އަހަރެންގެ އާއިލާގެ އުފަލަކީ މަންމައަށް އެއްވެސް މުހިންމު ކަމެއް ނޫން ކަން މަންމަގެ އެ އަމަލުން ސާފުކޮށް ދޭހަވިއެވެ. އަހަންނަށް އެންމެންގެ މޫނަށް ބަލާލެވުނެވެ. ކާމޭޒު ކައިރީ ހުރި ފައިހާވެސް ހުރީ މަންމަ ކަންތައް ކުރި ގޮތުން ހައިރާން ވެފައެވެ.
އެ ވަގުތު އަހަރެން ވަރަށް ދެރަވިއެވެ. ނަމަވެސް އެކަން ނުދައްކާ ހީލަމުން މޭޒުމަތިން ކާޑު ނަގާ ރައުހާއަށް ދިއްކޮށްލީމެވެ. ރާއިދު މިސްކިތުން އައިސް ގެއަށް ވަނީ އެވަގުތުއެވެ.
“ރައު، ޕާޓީގެ ކުލައަކީ މެރޫން އެންޑް ކްރީމް. މާދަން ދާން ވާނެ ހެދުން ފަހަން ފޮތި ގަންނަން. ފައިހާވެސް ދާން ވާނެ އިނގޭ. މަންމައަށާ ރައުއަށާ ފައިހާއަށް ހެދުން ފަހާދޭނީ އަހަރެން” ހީލަމުން އަހަރެން ބުނީ، އަހަރެން އެ ކަންތައް ހެޔޮ ހިތުން ކޮށްދޭން ބޭނުން ވެގެންނެވެ.
“ކިހިނެއް ވެގެންތަ ތިއުޅެނީ؟ މަގޭ ރައުހާއަށް ހަމަޖެހުމެއް ލިބުނަ ނުދޭން ތިއުޅެނީ އޭނަ ދީނާއަށް ކޮން ކަމެއް ކޮށްގެންތަ؟ އަހަރުމެން ނޫޅެން ތި ކައިވެންޏަށް ނުދެވިގެންނެއް. ދާން ބޭނުން ބަޔަކު ގޮވައިގެން ދީނާ ދޭ. ތި ވާހަކައެއް ރައުހާ ކައިރީ އިރުއިރުކޮޅާ އައިސް ދައްކާނެ ކަމެއް ނެތް” ސޯފާއިން ތެދުވެ ރައުހާ އަތުން ކާޑު އަތުލާ ދުރަށް އެއްލާލަމުން މަންމަ ހަޅޭލަވައިގަތެވެ.
“މަންމާ!” އެ ވަގުތު ރާއިދު އަކުރުތަކަށް ދަމާލަމުން ގޮވާލިއެވެ. މަންމަ ކަންތައް ކުރި ގޮތުން ރާއިދު ހިތްހަމަ ނުޖެހުނީއެވެ.
“ކޮބާތަ މައްސަލައަކީ؟” އަހަރެން އަހާލީ ވާނުވާ ނޭނގިގެންނެވެ. އަޑު ބާރުވީ މަންމަ ކަންތައް ކުރި ގޮތުން އައި ރުޅިންނެވެ.
“ނޭނގިގެންތަ ތި އަހަނީ؟ ދީނާއަކަށް ނޭނގޭތަ ރައުހާ މާ ކުރިން ފެށިގެން ނަވާފް ދެކެ ލޯބި ވާ ކަމެއް؟ ނިއަމް މި ގެއަށް ގެނެސް ނަވާފްއާ ތަތް ކުރުވި އިރު ހިތަކަށް ނާރާތަ ރައުހާއަށް ވާނެ ގޮތެއް؟ ކިހާ ދުވަހެއް ވެއްޖެ ރައުހާ ނަވާފް އަންނާނެ ދުވަހަކަށް މަޑުކޮށްގެން ހުންނަތާ؟ އެކަމަކު އޭނަ އައި އިރަށް މީނަގެ ނިއަމް އައިސް މަގޭ ކުއްޖާގެ އަތްދަށުން ނަވާފް ޖަހައިގަތް އިރު ލަދެއްވެސް ނުގަތޭ.
އަދި އެ ނިއަމްއަށް ވުރެ ދީނާގެ ނުބައި ކަން ބޮޑެއްނު؟ ދެ ނޭވާ ދޭތެރެއިން ނަވާފްއޭ ނިއަމްއޭ ކިޔާފަ އައިސް ކޮންމެސް އެއްޗެހިތަކެއް ކިޔައޭ ރައުހާއަށް އަޑު އިއްވަން. މާ މޮޅު ކަމެއް ކުރެވިގެންތަ އައިސް އަބަދު އެ ދެމީހުންގެ ވާހަކަ ތި ދައްކަނީ؟ ރައުހާގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާފަ އައިސް އަހާނެ ކިހިނެއް ހޭ ވީ؟ މާ ހެޔޮ އެދޭ މީހަކަށް ވެގެން އައިސް މަގޭ ރައުހާގެ ހުރިހާ އުފަލެއް ފޭރިގަނެގެން އެ ވަރުން ނުވެގެން އައިސް މި ކިޔަނީ ކައިވެންޏަށް އަންނާށޭ، ހެދުން ފަހާށޭ” މަންމަ އަޑުގެ ކޮޅަށް ހަޅޭ ލަވަމުން ދިޔައިރު ހީވީ ދެންމެ ދެންމެ އަހަރެން ގައިގައި ޖަހާފާނެ ހެންނެވެ.
އެހެން ނަމަވެސް އަހަރެން ހުރީ ހައިރާން ވީ ވަރުން ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންމަ އެ ދެއްކީ އަހަންނަށް އެނގިފައި އޮތް ކަމެއްގެ ވާހަކައެއް ނޫނެވެ. ރައުހާގެ ހިތުގައި ނަވާފްއާ މެދު އެފަދަ އިހުސާސްތަކެއް ވެދާނެ ކަމަށް އަހަންނަށް ހީވެފައިވެސް ނުވެއެވެ. ރައުހާ ދުވަހަކުވެސް އެކަހަލަ އެއްޗެއް ނުވެސް ބުނެއެވެ. ރައުހާ ނަވާފް ދެކެ ލޯބިވާ ކަން އެނގޭ ނަމަ ނަވާފްއާ ގުޅުމަށް އަހަރެން ނިއަމްއަށް ހިތްވަރެއް ނުދިނީމުހެވެ. ރައުހާގެ ހިތް ހަލާކު ކޮށްފައި އެ ބިންގާ މަތީ ނިއަމްގެ ދިރިއުޅުން ބިނާ ކުރަން އަހަންނަށް ގަބޫލު ވެވޭނެ ހެއްޔެވެ؟
“މަންމާ، ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ؟ ކީކޭ ތި ކިޔަނީ؟” ރާއިދު އައިސް އަހާލިއެވެ.
“ރާއިދުއަށް އެނގޭތަ؟” އަހަންނަށް އަހާލެވުނެވެ. އަހަރެން ނޫން އެންމެންނަށް އެނގޭ ކަމެއް އަހަންނަށް ނޭނގި އޮތީ ކަމަށް ވެދާނެތީއެވެ.
އެއްޗެއް ނުބުނެ ރާއިދު ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ފައިހާއަށް އެނގޭތަ؟” އަހަންނާ ރާއިދުއަށް ނޭނގުނަސް ފަހަރެއްގައި ފައިހާއަށް އެނގިފައި އޮވެދާނެތީ އަހަރެން އެހީމެވެ. ފައިހާވެސް ޖަވާބުގައި ދެ ފަރާތަށް ބޯ ހަލުވާލީއެވެ.
ރަޒާންއަށް ނޭނގޭކަން އަހަންނަށް ޔަގީންވެއެވެ. ނިއަމްއާ ގުޅުމަށް ނަވާފްއަށް އެހީވީ ރަޒާންއެވެ. ރަޒާންގެ އަމިއްލަ ކޮއްކޮ ނަވާފް ދެކެ ލޯބިވާ ކަން އެނގިހުރެ ނިއަމްއާ ގުޅުމަށް ނަވާފްއަށް ރަޒާން އެހީ ނުވާނެކަން އަހަންނަށް ޔަގީނެވެ.
“ރައު… ދޮންބެދައްތައަކަށް ނޭނގެ ރައު ނަވާފް ދެކެ ލޯބިވާ ކަމެއް. އެނގޭ ނަމަ ނިއަމް ނަވާފްއާ ކައިރިވެސް ވިޔަ ނުދޭނެއެއްނު؟ އަސްލުވެސް… ކީއްވެ ރައު ކުރިން ނުބުނީ؟ ރައުއަށް އެނގެއެއްނު ދޮންބެދައްތަ ރައުއަށް ދެރަވާ ކަހަލަ ކަމެއް ނުކުރާނެ ކަން؟ ތީވެސް ދޮންބެދައްތަގެ ކޮއްކޮއެއް، ނިއަމްއާ ނައު ކަހަލަ ކުއްޖެއް ތީވެސް، ދޮންބެދައްތަ ވަރަށް ލޯބިވޭ ރައު ދެކެ. ރައުއަށް ދެރަވާ ކަހަލަ ކަމެއް ދޮންބެދައްތަ ދުވަހަކުވެސް ނުކުރާނަން. ކުރިން އެނގުނު ނަމަ މިއަދު މިހެންވެސް ނުވީހެއްނު؟ ކީއްވެ ރައު ނުބުނީ؟” ރައުހާ ކައިރިއަށް ތިރިވެ ރައުހާގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެވެ.
“ރައުހާ ދެކެ ތިހާ ލޯބި ވަންޏާ މި ކައިވެނި ހުއްޓުވާ” އެ ވަގުތު މަންމަ ބުންޏެވެ.
“މަންމާ… އަހަރެން ކިހިނެއް މި ކައިވެނި ހުއްޓުވާނީ؟ ކުރިން ބުނި ނަމަ ނިއަމް ނަވާފްއާ ކައިރިވެސް ވިޔަ ނުދޭނަން. އެކަމަކު މި ހިސާބަށް ކަންތައް ދިޔައީމަ ދެން އަހަންނަކަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެ” އަހަރެން ހައިރާން ވީ މަންމަ ބުނި އެއްޗަކުންނެވެ. އެއީ އެ ކަމަށް އޮތް ހައްލު ނޫން ކަން މަންމައަށް ނޭނގެނީ ހެއްޔެވެ؟
“ތިހެން ވީމައޭ މަ ބުނަނީ ދީނާއަށް ރާއިދުގެ އާއިލާ މުހިންމެއް ނޫނޭ. ރައުހާ ދެކެ ތިހާ ލޯބި ވާނަމަ އޭނަ އެދޭ ކަންތައް ކޮށްދޭން ވީނު؟ ދެރައެއް ދޭކަށް ނޭދެމޭ ބުންޏަކަސް ހިތުގަ ނެތް ކަމެއް ނުކޮއްދެވޭނެ. ރައުހާ ދެކެ މާ ލޯބި ވާ ކަމަށް ހެދުނަކަސް ރައުހާއަކީ ދީނާއަށް ކާކު؟” މަންމަގެ ވިސްނުން ހުރީ އަހަރެން ހީވެސް ކޮށްފައި ނުވާ ފަދަ ގޮތަކަށެވެ.
ރައުހާއަށް ވިސްނައިދިނުމުގެ ބަދަލުގައި މަންމަ އެ އެދެނީ ނިއަމްއާ ނަވާފްގެ ކައިވެނި ހުއްޓުވުމަށެވެ. އެ ކައިވެނި ހުއްޓުވި ނަމަވެސް ނަވާފް ރައުހާ ދެކެ ލޯބި ނުވާނަމަ ފައިދާއެއް ކޮބާ ހެއްޔެވެ؟ ނިއަމްއާ ކައިވެނި ނުކޮށް ނަވާފް ރައުހާއާ ކައިވެނި ކުރާނެ ކަމުގެ ޔަގީން ކަން މަންމައަށް އެބަ އޮތް ހެއްޔެވެ؟ މަންމަގެ އެ ހުންނަނީ ކޮން ކަހަލަ ވިސްނުމެއް ހެއްޔެވެ؟
“މަންމާ، ތި ކިޔެނީ ކީކޭ ކަން އެނގޭތަ؟ ރައުހާއަށް ވިސްނައިދިނުމުގެ ބަދަލުގަ މަންމަ ތި ބުނަނީ ކުރަން ތައްޔާރު ވެފަ އޮތް ކައިވެންޏެއް ހުއްޓުވާށޭ. އެހެން ނޫނަސް ނަވާފް ގުޅެން ބޭނުން ވަނީ ނިއަމްއާ، ރައުހާއަކާ ނޫން. އެކަން މަންމައަށް ނުވިސްނޭތަ؟ ރައުހާއަށް އެކަން ނުވިސްނޭތަ؟” އެ ވަގުތު ރާއިދު ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.








When Is next part
Tuesday ❤️
waaau! waaau! waaau!!! i love it alheyy haadha reehchey mi part..
Mi waagothun v v intrest wehje.
when next part?
plz plzz dhen in part awaskolladhehcheyy!!!
Thank u Zee. Tuesday ga kiyaaleveyne
waaau! waaau! waaau!!! i love it alheyy haadha reehchey mi part..
Mi waagothun v v intrest wehje.
when next part?
plzx plzz dhen in part awaskolladhehcheyy!!!
Zee ge comment double vefa myny dho
Vrhh avahah next part kiyaalan beyynunnnn😭