“މިފޮތް.. މިފޮތް… ކިހިނެތް؟” އެއްފަހަރު ޓައިލްސްމަތީގައި އޮތް ފޮތާއި ދިމާލަށް ބަލާލުމަށްފަހު އަނެއްފަހަރު ސައިފްގެ މޫނަށް ބަލާލިއިރު ދިރޭރަހަކޮޅެއްފަދައިން އަހަރެންގެ ހިތްތެޅެމުންދިޔަކަހަަލަ އިޙުސާސެއް ކުރެވުނެވެ.
“އަމިއްލައަށް ކުރި ކަންތައް އެހެންމީހުންނަށް އަންގަން ބޭނުންވާތީއެއްނު ޑައިރީގައި ހުރިހާ ވާހަކައެއް ލިޔެފައި ދިޔައީ…” އެވަގުތު ސައިފްގެ ދުލުން އިވިގެންދިޔަ ބަސްތައް އަހަރެންގެ ހިތާއި ހަމަޔަށް ފޯރީ ތޫނު ހަންޖަރެއްފަދައިންނެވެ. ހިތުން ލޭ އޮހުނުތަން ވަންހަނާވެފައިވިޔަސް އަހަރެންގެ ދެލޮލުން ވާރޭގެ މިސާލުގައި ކަރުނަތައް އޮހިގަތެވެ. ދެލޯ މަރާ ބާރުކޮށްލިގޮތަށް ދެފަރާތަށް ބޯހޫރައިގަނެވުނީ ހަޤީގަތް ގަބޫލުކުރަން ދަތިވީވަރުންނެވެ. ޢާޝާލްގެ ބަލި ހިތާއި ހަމަޔަށް ހުރިހާ ވާހަކަތަކެއް ގެންދިޔުމަށް މަގުކޮށީ ހަމަ އަހަރެންގެ މިދެއަތުން ހެއްޔެވެ؟
އެފޮތަކީ ސައިފްއާއި ޢާޝާލްގެ ކައިވެނި ރޭވެމުންދިޔަ ދުވަސްކޮޅު އަހަރެންގެ ހިތުގެ ރިހުމާއި ހުރިހާ ސިއްރުތަކެއްހެން ހިއްސާކުރުމަށް އަހަރެން ގެންގުޅުނު ފޮތެކެވެ. އެންމެކުރީންސުރެވެސް ޑައިރީ ލިޔުމުގެ ހިޔާލާއި އަހަރެން ގަޔާނުވިޔަސް ބަސްމޮށުންތެރިކަމެއް ލިބިގެންނުވާ ރަޙުމަތްތެރިއެއްގެ މުހިންމުކަން އަހަންނަށް އިޙުސާސްކުރެވުނީ އެދުވަސްކޮޅެވެ. އެއްވެސް މީހަކާއި ހިއްސާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ އެތައް ވާހަކަތަކެއް އަހަރެން އެ ޑައިރީގެ ސަފްހާތަކުގައި ރައްކާކުރީމެވެ. ހުދު އެންމެ ގާތްއެކުވެރިޔާ ހިންދުއަށްވެސް ނުކިޔައިދޭހާ ތަފްސީލުކޮށް އަހަރެން އެޑައިރީގައި އެތައް ވާހަކައެއް ލިޔުނީމެވެ. އެ ސަފްހާތައް ފަހަތަށް އުކަން ބޭނުންނުވާތީވެ ރާއްޖެ ދޫކޮށްދިޔުމުގެ ކުރީން އަހަރެން ނިންމައިގެން ހުރީ އެ ފޮތް ނައްތާލުމަށެވެ. ނަމަވެސް އެންމެފަހު ވަގުތު އެ ޑައިރީގެ މަތީން އަހަރެން ހަނދާންނެތުނީއެވެ.
“ޢީޝްއަށް ޕްރެގްވީއްސުރެ ވަރަށް ބަލިކޮށް ޢާޝާލް އުޅުނީ… އޭރު ވަރަށް ގިނައިން އަޝްވާގެ ކޮޓަރިއަށް ގޮސް އުޅޭނެ… އަޝްވާއާއިމެދު އެހާވަރަށް ނުވިސްނަން ވިސްނައިދިނަސް އަހަރެމެން އާޝާލްއަށް އެއްވެސް ކަމެއް މަނައެއް ނުކުރަން… ދެން އެއް ދުވަހަކު… އެއީ ވިހަން ވަރަށް ގާތްވެފައި އިންދާ… އަހަރެން ތިރީގައި އުޅެނިކޮށް އިވުނީ މަތީ ބައިން އާޝާލް ވަރަށް ބާރަށް ހަޅޭލަވައިގަތް އަޑު…. އަހަރެން ދުވެފައި މައްޗަށް ދިޔައިރު އަޝްވާގެ ކޮޓަރިތެރޭގައި އާޝާލް އޮތީ ވެއްޓިފައި… ކައިރީގައި އޮތީ ތި ޑައިރީ…” އަހަންނަށް ފުރަގަސްދީގެން ފާރުގައި އަތްޖައްސާލައިގެން ހުރެ ސައިފް ވާހަކަދައްކަމުން ދިޔައިރުވެސް އެއަޑުން އެކަނިވެސް ސައިފް ނުރޯން މަސައްކަތްކުރަމުންދާކަން އަހަންނަށް އިނގުނެވެ. ސައިފްގެ ހިތް ކޮންމެ ގޮތަަކަށް އޮތަސް އަނބިމީހާ އަދި އަލަތު ދަރިފުޅުގެ މަންމަގެ ވަކިވުމުން އެހިތަށް އަސަރުނުކޮށްދާނެކަން އަހަންނަށް ކުރީންވެސް އިނގުނެވެ. އެ އިހުސާސްތަކާއި ވޭންތައް ހިންދާލައިގެން ލައްކަދުވަސްވާންދެން ސައިފް ކެތްކޮށްފިއެވެ.
“އެދުވަހު ހޮސްޕިޓަލްއަށް ގެންދިޔަގޮތަށް އަނބުރާ މިގެެއަށް އައުމުގެ ނަސީބެއް އާޝާލްއަކަށް ނުލިބުނު… އީޝްގެ އެންމެ ފުރަތަަމަ ނޭވާ މިދުނިޔެއަށް ލީއިރު ޢާޝާލް ގުނަމުންދިޔައީ އޭނަގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅުތައް… ޑޮކްޓަރ ބުނުއްވީ އާޝާލްއަށް ޝޮކެއް ޖެހުނީކަމަށް… އާޝާލްގެ ހާލު ދަށަށްގޮސްގެން ދުވަސްނުފުރެނީސް އޮޕަރޭޝަންކޮށްގެން އީޝްވެސް ނަގަންޖެހުނީ…” ވާހަކަދައްކަމުންގޮސް ވަކިހިސާބަކުން ސައިފްގެ އަޑު ބެދިގެންދިޔައެވެ. ފާރުގައި ވިއްދާލެވިފައިވާ އަތްތިލަ ތިރިކޮށްލިގޮތަށް ސައިފް ފާރުގައި ނިއްކުރިޖައްސާލަމުން ހަށިގަނޑުގެ ބަރު އެ ދިރުންނެތް ފާރަށް ދޫކޮށްލިއެވެ.
އޭރު ދެއަތުން ސޯފާގައި ބާރުބާރަށް ހިފަހައްޓާލައިގެން އިނދެ އަހަންނަށް ބާރުބާރަށް ރޮވެމުންދިޔައެވެ. ފުރަތަމަ ފަހަރަށް ޢާޝާލްގެ ހަޔާތުގެ ފަހުދުވަސްތައް ހޭދަވެގެންދިޔަގޮތް އެހެން މީހެއްގެ ދުލުން އަޑުއިވުމުން އަހަރެންގެ ހިތަށް ކުރީ ފުން އަސަރެކެވެ. މާބޮޑު ތަފްސީލަކާއިނުލާ ސައިފް އެވާހަކަތައް ކިޔައިދިނަސް އެއިން ކޮންމެ މަންޒަރެއް އަަހަރެންގެ ލޯކުރިމަތީގައި ފެވިގެން އައި ކަހަލައެވެ. އެތަށް ބަލިމީހެއްގެ ގާތުގައި ފަރުވާދިނުމަށް އުޅެވިފައި ހުރުމުން އާޝާލްގެ އެދުވަސްތައް ހޭދަވެގެން ދާނޭގޮތް އަހަންނަށް އިޙުސާސްކުރެވުނެވެ.
އަމިއްލަ ހިތަށް ކެތްތެރިވުމަށް ބާރުއަޅަމުން ސޯފާއިން ތެދުވިގޮތަށް އަހަރެން ލަސްފިޔަވަޅުތަކެއްގައި ސައިފްއާއި ގާތަށް ހިނގައިގަތީމެވެ. މިއަދު އަހަންނަށްވުރެ ބޮޑަށް އަސަރުކުރާނީ ސައިފްއަށްކަން އަމިއްލައަށްވެސް ޤަބޫލުކުރެވުނީތީއެވެ. މިވަގުތު އެހެންމީހެއްގެ މަދަދުވެރިކަމާއި އޯގާތެރިކަމަށް ސައިފް ބޭނުންވާނެވަރު އިޙުސާސްކުރެވުނީތީއެވެ. ލަސްލަހުން ގޮސް ސައިފްއާއި އަރާހަމަވުމާއިއެކު ތުރުތުރު އަޅަމުންދިޔަ އަތް ސައިފްއާއި ދިމާލަށް އަހަރެން އުފުލާލީމެވެ. އަހަރެންގެ ފިނި އަތްތިލަ ސައިފްގެ ކޮނޑުގައި ޖެހިގެންދިޔުމާއިއެކު ސައިފްގެ ހަށިގަނޑުގެ ހަރަކާތްކުރުމަށް ހުއްޓުމެއް އައިކަހަލައެވެ. ލަސްލަހުން އަހަންނާއި ދިމާލަށް މޫނު އަނބުރާލިއިރު އެލޮލުގައި ކަރުނަތައް ހިފަހެއްޓިފައިވިއެވެ. ކަތުރުކަށިގަނޑަށް ވާންކޮށްލައިގެން ހުރެ އެ ކަރުނަތައް އޭގެ މަޤާމުގައި ހިފަހެއްޓުމަށް ސައިފް މަސައްކަތްކުރަމުންދިޔައެވެ.
“މަގޭ ވޭހޭ ކުށެއް ފެނިފައި މި، ދުވަހެއްގައި ހަޔާތުންވެސް…
މިހެން ވޭނީ ރިހުންދީފައި، ތިދުރުކޮށްލީ ކަލާ ނޫންހޭ….”
“އަހަރެން… އަހަރެން މޮޔަވެދާނެ އަޝްވާ… އަޝްވާ މަތީން ހަނދާންނައްތާލަން… ޢާޝާލްދެކެ ލޯބިވާން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ… އަހަރެން ދުއާކުރިވަރު މާތްﷲ ދެނެވޮޑިގެންވާނެ… އަނތްބަކު ފިރިއަކަށް އަދާކޮށްދޭންޖެހޭ ހުރިހާ ހައްޤުތަކެއް ޢާޝާލް އަހަންނަށް އަދާކޮށްދިން… އެކަމަކު އަހަންނަށް ޢާޝާލްއަކަށް ލޯތްބެއްނުދެވުނު… އެންމެ ފުރިހަމަ ފިރިއަކަށް ނުވެވުނު… އަހަރެންގެ ހިތުގެ މައްޗަށް ބާރު ނުފޯރުނީ… އެހާ ދުވަހުންވެސް އަހަރެންގެ ހިތުގެ މިސްރާބު އަޝްވާއާއި ދުރަށް އަނބުރައެއްނުލެވުނު…” ކޮނޑުމަތީގައި ބާއްވާލެވިފައިވާ އަހަރެންގެ އަތްތިލަ ދުރުކޮށްލަމުން ސައިފް ވާހަކަދެއްކިއެވެ. އަހަރެންގެ ޝަައްކާއި ވަހުމު އަދި ތޫނު ބަސްތަކުން އެހިތަށް ލިބުނު ޒަޚަމް އޭރު އެ ދެލޮލާއި މޫނުމަތީން ފާޅުވާން ހުއްޓެވެ. އާޝާލްގެ ނެތިދިޔުމުން ސައިފްއަށް އަސަރު ނުކޮށްނުދާނެކަން އަހަންނަށް ކުރީންވެސް އިނގުނެވެ. އެކުގައި އުޅުނު އަހަރުތަކުގައި ސައިފްގެ ހިތުން އާޝާލް ވަނީ އިޙުތިރާމްއާއި ޤަދަރު ހޯދާފައެވެ. އަނދިރީގައި ހުރެ އެފަދަގޮތަކަށް ޢާޝާލް ނިމިގެން ދިޔުމުން އަހަންނާއި އެއްވަރަށް ސައިފްވެސް ކުށްވެރިކަމުގެ އިޙުސާސްތައް އުފުލައެވެ. އެކަމަކު އަހަރެމެން ދެމީހުންގެ ހިތުގައި އެކަކު އަނެކަކާއިމެދު އުފެދިފައި މިވާ އިޙުސާސްތަކަކީ އަހަރެމެންނަށް ބާރުފޯރުވެވޭވަރަށްވުރެ ބާރުގަދަ އިޙުސާސްތަކެކެވެ.
“އަޝްވާ އެދުނީތީވެ… އަޝްވާ ބޭނުންވާގޮތްވީމަ… އާޝާލްއަށް ލޯބިދޭން… އާޝާލްގެ މައްޗަށް އޯގާތެރި ފިރިއަކަށްވާން އަހަރެން މަސައްކަތްކުރީން… އަހަންނަށް ފިރިއެއްގެ ވާޖިބުއަދާކޮށްދެވުނީ ކިހާ މިންވަރަކަށްކަން ނިންމަވާނީ އެފަރާތުން…” އެންމެފަހު ފަހަރަށް ފުން ނަޒަރަކުން އަހަރެންގެ މޫނާއި ދިމާލަށް ބަލާލިގޮތަށް ސައިފް ދުރަށް ހިނގައިގަތީ ބަހެއްވެސް ބުނުމެއްނެތިއެވެ. އެއާއިއެކު ހަށިގަނޑުގެ ބާރު ދޫވެގެންދިޔަފަަދައަކުން އަހަންނަށް ފާރަށް ލެގިލެވުނެވެ.
ސައިފް އަހަރެންދެކެ ލޯބިވާ މިންވަރު އަހަންނަށް އިޙުސާސްކުރެވުނީ މިރެއެވެ. އެދަރަޖައަށް އަހަންނަށްވެސް ސައިފްދެކެ ލޯބިވެވޭނެކަމެއް ނޭނގެއެވެ. އަހަންނަށްޓަކައި އަމިއްލަ ހުރިހާ އުފާތަކެއް ދޫކޮށްލިގޮތަށް ސައިފް ހުރީ އަމިއްލަ ހިތުގައި އަތްއަޅާލައިގެން ހުރެ އަހަރެން ލޯބިވާ މީހުންގެ އުފާތައްވެސް ހޯދަދޭށެވެ. ނަމަވެސް ބަދަލުގައި އަހަންނަށް ސައިފްއަށް ޝައްކުކުރެވުނީއެވެ. ދެވަނަ ފަހަރަށްވެސް އަަހަންނަށްޓަކައި ލޯބިން ފުރިފައިވި އެ ހިތް ހަލާކުކޮށްލެވުނީއެވެ.
ވަގުތަކީ ހިތާމައިގެ ފަރުވާއެވެ. ދުވަސްތައް ފާއިތުވަމުންދިޔަވަރަކަށް ޢާޝާލް ނެތުމުގެ ފަޅުކަމަށް ހޭނި އެންމެންގެ ދިރިއުޅުންވެސް ހަމަޔަކަށް އެޅެމުންދިޔައެވެ. އީޝްއަށް ހަމަސް ފުރުނީ އާޝާލް ނިޔާވިތާ ފަސްމަހާއި ތިންދުވަސް ވީ ދުވަހުއެވެ. އީޝް އުފަންވިފަހުން އާއިލާ އެންމެން އެކުވެގެން ކަމެއް ނުރާވާތީވެ ކުޑަގޮތަކަށް އެދުވަސް ފާހަގަކުރަން އަހަރެން ބޭނުންވިއެވެ. ރައްޓެހި ކުއްޖަކު ލައްވާ ކޭކެއް އަޅުވައިގެން އެދުވަހު ހަވީރުގެ ސަޔަށް އަހަރެން ކާއެއްޗެހި ތައްޔާރުކުރީމެވެ. ހުރިހާކަމެއް ނިންމާލުމަށްފަހު ކޮޓަރިއަށް ގޮސް އީޝް ރީތިކޮށްލުމަށްފަހު ރީތިވެގެން ނިކުމެވުނުއިރު ހަތަރު ބައިވެއްޖެއެވެ. ސިޓިންރޫމްއަށް ނިކުމެވުމާއިއެކި ބައްޕަ އައިސް އަހަރެންގެ އަތުން އީޝް ނެގިއެވެ. ފިޔާތޮށިކުލައިގެ މަލެއްހެން ފުއްޕާލާފައި އިން ހެދުމުގައި ކޮންމެ މީހަކުވެސް އުރާލަން ބޭނުންވާހާ އީޝް ލޯތްބެވެ. އަހަންނަށް ފާހަގަކުރެވުނީ އީޝް ބޮޑުވަމުން އަންނަވަރަަކަށް ސައިފް އަށްވުރެ ބޮޑަށް އާޝާލްއާއި ވައްތަރުވަމުން އަންނަކަމެވެ. އެ ކުޑަ ދޮންމޫނުކޮޅާއި ބުޅި އިސްތަށިކޮޅުން ޢާޝާލްގެ ކުޑައިރުގެ މަތީން ހަނދާންވާ ކަހަލަ ގޮތެއްހުރެެއެވެ.
“އަހަންނަށް ހީވަނީ ސައިފްއަށް އެކަންޏެއް ނޫންހެން ކަމެއްވެގެން އުޅެނީކީ… ސައީދާއަށް ހީވޭތަ އަޝްވާ ވަކި ރަނގަޅުހެން…” ބައްޕަ އަތަށް ޢީޝް ދިނުމަށްފަހު އަހަރެން ކާކޮޓަރިއަށް ވަންނަން އައިއިރު އެތެރެއިން ސައިއްތައާއި މަންމަ ވާހަކަ ދެއްކި އަޑު ކިތަންމެހާވެސް ރީތިކޮށް އަހަންނަށް އިވުނެވެ. އަހަރެން ފެނުމާއިއެކު މަންމަމެން ދައްކަން ތިބި ވާހަކަ ހުއްޓުމަކަށްއައެވެ. އެވާހަކަތައް އަޑުއިވުނުކަމަށް ހަދާކަށް އަހަރެން ބޭނުމެއްނުވިއެވެ. މަންމަގެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓިގެން ދިޔުމާއިއެކު ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އަހަރެން ކަބަޑްސެޓާއި ދިމާލަށް ހިނގައިގަތީ އެންމެން އައުމުގެ ކުރީން ކުރަންޖެހޭ ބައެއް ކަންކަން ހުރުމުންނެވެ. އޭރު އަަހަރެންގެ ލޮލަށް ކަރުނަތައް ގިނަވެފައިވިއެވެ.
ފާއިތުވެގެންދިޔަ ފަސްމަސްތެރޭގައި އަހަރެން އެތައް ފަހަރަަކު އެ ވާހަކަތައް އަޑުއަހައިފީމެވެ. ކުއްލިއަކަށް އަހަރެންގެ ތަބީއަތަށާއި މިޒާޖަށް އައިސްގެން އުޅޭ ބަދަލެެއް ނުވިސްނިގެން މަންމަވެސް އެތައްފަހަރަކު އައިސް އަހަންނާއި ސުވާލުކޮށްފިއެވެ. އެކަމަކު މަންމަމެން އެބުނާހާ ބޮޑެތި ބަދަލުތަކެއް އަހަންނަށް އައިކަމަކަށް އަހަރެން ޤަބޫލެއްނުކުރަމެވެ. މިއަދު އަހަންނަކީވެސް ތުއްތު ތުއްތު ކުއްޖެއްގެ މަންމައެކެވެ. ކުރިއެކޭ އެއްފަދައިން ހީނ ސަމާސާކޮށް ސަކަރާތުގައި އުޅެން އަހަރެން މިހުރި މަޤާމު މިއަދު ވަގުތާއި ތަނެއް ނުދެއެވެ. އަމިއްލަ ނަފްސާއިމެދު އަހަރެން ނުވިސްނާކަމަށް މަންމަ ބުންޏަސް އަހަރެން ދެކޭ ގޮތުގައި ޢީޝްއާއިމެދު ވިސްނުމަކީ މިއަދު އަހަރެންގެ ދިރިއުޅުމެވެ. ގޭގެ ހަަތަރުފާރު ތެރޭގައި އަހަރެން ބަންދުވެގެން މި އިންނަނީ އަހަރެން ދާން ބޭނުންވާ ތަނެއް ނެތީމައެވެ. އީޝްއަށް ހަމަސްވަރުވެލަންދަން އަަހަރެން ނިންމައިގެން ހުރީ ވަޒީފާއަކަށްވެސް ނުގޮސް އަހަރެންގެ ހުރިހާ ވަގުތެއްހެން އީޝްއަށް ހުސްކޮށްގެން ހުރުމަށެވެ.
“ދަރިފުޅާ… ކޮންމެކަމަކަށްވެސް ދައްކާނެ ބަހަނާއެއް އޮންނާނެ… އެކަމަކު ދަރިފުޅު ބުނެބަލަ… ދަރިފުޅުގެ މި ސިކުނޑިން އެންމެފަހުން އަމިއްލަ ދިރިއުޅުމާއިމެދު ވިސްނާލީ ކޮންދުވަހަކު؟ ދަރިފުޅުގެ ދިރިއުޅުމަކީ އީޝްގެ ދިރިއުޅުމެއްނޫން… ތީ ވަކި ދެ މީހެއް…” އަހަރެން އެހެން ބުނާ ކޮންމެފަހަރަކު އަހަރެންގެ ބޮލުގައި ފިރުމާލަދެމުން މަންމަ ބުނާނެއެވެ. މަންމަ އެބުނާ ފަދައިން އަހަރެން ދިރިއުޅުން ހުއްޓާލިނަމަ ދިރިއުޅުމާއިމެދު އުންމީދުކުރުން ހުއްޓާލިނަމަ މިއަދު އަހަރެން އޮންނާނީ ބަލިި އެނދަކު ނޫން ހެއްޔެވެ؟ އެހެންނޫނަސް މަންމަމެން ކަންބޮޑުވަނީ އަހަރެން ޒަވާޖީ ހަޔާތަކާއިމެދު ނުވިސްނާ ހުންނާތީހެން އަހަންނަށް ހީވެއެވެ. އަހަރެންގެ ދެބެންގެދެދަރި ކުދިން އަަހަރެންގެ ކައިރީގައި އައިސް ފިރިހެނުންގެ ވާހަކަދައްކާއިރު އެކަމާއި މަންމަމެން ހިތްވަރުދޭކަން އަހަންނަށް އިނގެއެވެ. އަހަރެން ހުންނަނީ އެއިން އެއްވެސް ކަމެއް ނުދަނެހުރިކަމަކަށް ހަދާލައިގެންނެވެ.
“އަޝްވާ ނުވިސްނަންތަ ކައިވެންޏެއްކުރާކަށް؟ ދޮންދައްތަމެން ނޫޅެންތަ އަޝްވާއަށް ރަނގަޅު ކުއްޖަކު ހޯދައިދޭކަށް… އަހަރެންވެސް ދެރަވޭ އެ މަންޖެ އެގޮތަށް އުމުރުހުސްކޮށްލާތީ…” އެދުވަހު ބޭއްވުނު އާއިލީ ސައިގެ ތެރެއިން އެތައް ބައެއްގެ ފަރާތުން އެ ސުވާލުތައް އަހަންނަށް އަޑުއަހަންޖެހުނެވެ. އެއިން ކޮންމެ ސުވާލަކަށް ހިނިތުންވުމަކުން އަހަރެން ޖަވާބުދެމުން ދިޔައިރު އަހަރެންގެ ހިތް އޮތް ގޮތެއް އިނގޭނީ ކާކަށް ހެއްޔެވެ؟
އިރުއޮއްސުމާއިއެކު އާއިލާ އެންމެންތައް ގޮސް ގޭތެރެ ހުސްވުމާއިއެކު އަހަރެން ކޮޓަރިއަށް އައިގޮތަށް ހެދުން ބަދަލުކުރިގޮޮތަށް އީޝް ފެންވަރުވަން ތައްޔާރުކުރަން އުޅުނީމެވެ. ހޫނު ފެންފޮދަކުން އީޝް ފެންވަރުވާލައިގެން ތުވާލިކޮޅަށް ލައިގެން ފަހާނައިން ނިކުތްތަނާ ކޮޓަރީގެ ދޮރު ހުޅުވާލާފައި މަންމައާއި ބައްޕަ އެތެރެއަށް ވަނެވެ. އެހާ ނުވަގުތެއްގައި ބައްޕަ ފެނުމުންވެސް އަަހަރެންގެ ބޮލުގައި ރިއްސާލިއެވެ. އެކަމަކު ކަމެއް ފާހަގަވީކަމަށް ނުހަދާ ޢީޝް ރީތިކުރުމުގައި އުޅުނީމެވެ.
“އައްދެ… ކާފަގެ ދޮންކަނބުލޮ ދޮންކޮށްލަނީތަ؟” އީޝް ފެނުމާއިއެކު ބައްޕަ ނުހަނު ބޮޑަށް ހެވިފައިހުރެގެން އައިސް އީޝްގެ މަޑު ކޯތާފަތުގައި އަތުން ކޮއްޓާލިއެވެ. އަހަރެން އީޝް ރީތިކުރުމުގައި އުޅެމުންދިޔަ ވަގުތުކަމުން އިތުރު އެއްޗެކޭ ބުނުމެއްނެތި މަންމައާއި ބައްޕަ އީޝް ރީތިކޮށް ނިމެންދެން އަހަރެންގެ އެނދުގައި މަޑުކޮށްލީ އެވަގުތަކަށް އިންތިޒާރުކުރާ ފަަދައަކުންނެވެ. އެކަން ފާހަގަވުމާއިއެކުވެސް އަހަރެންގެ ހަރަކާތްތައް ލަސްވެގެންދިޔަކަހަަލައެވެ.
“ގެނޭ މަންމަ އަތަށް އެ މަންޖެ… މިރޭ އީޝް ނިދާނީ މާމައާއިއެކުގައޭ ދޯ ދޫނީ… ދަރިފުޅު މިތާގައި އިށީންދެބަލަ… ބައްޕަ އަޝްވާއާއި ވާހަކަދައްކަން ބޭނުންވޭ…” އީޝް ރީތިކޮށް ނިމުމާއިއެކު މަންމަ އެނދުން ތެދުވިގޮތަށް އައިސް ޢީޝް އުރާލިއެވެ. އެއަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ގެނެސް ބައްޕަ ކައިރީގައި ބޭންދިއެވެ. ލޮލުގެ ހަރަކާތުން ބައްޕައަށް ކޮންމެވެސް ކަމެއް އަންގާލުމަށްފަހު އީޝް ގޮވައިގެން މަންމަ ނިކުމެގެންދިޔައީ ކޮޓަރީގެ ދޮރު ކުޑަކޮށް ގާތްކޮށްލާފައެވެ.
“ބައްޕާ… ފަހުން ވާހަކަ ނުދެއްކޭނެތޯ… ޕާޓީއަށް ބޭނުންކުރި ތަށިތައްވެސް ނުދޮވެ އަދި އަޅުގަނޑު މިއުޅެނީ…” މަންމަ ނިކުމެގެން ދިޔުމާއިއެކު ބަހަނާއެއް ދައްކާލަމުން އަހަރެން ވަގުތުން ދާން އަވަސްވެގަތީ ބައްޕަ ދައްކަން އުޅޭ ވާހަކައެއް އަޑުއަހަން ބޭނުންނުވީ ވަރުންނެވެ.
“ދަރިފުޅު ހަމަޖެހިބަލަ… ދަރިފުޅު ނުދިޔަޔަސް އެކަން ނިމިދާނެ… ހިންދުއާއި ޝުޢާ އެ މަސައްކަތްކުރަން އެބައުޅޭ… ބައްޕައަށް ހީވަނީ ބައްޕަ މިދައްކަން އުޅޭ ވާހަކަ އަޝްވާއަށް އިނގެނީހެން…” އަހަރެންގެ އަތުގައި ހިފާ އަލުން އެނދުމަތީގައި ބައިންދަމުން ބައްޕަ ވާހަކަދެއްކިއިރު ކުޑަކޮށް ހިނިތުންވެލިއެވެ. އެއާއިއެކު އަަހަންނަށް ހަދާނެގޮތް ހުސްވިކަހަލައެވެ.
“ދަރިފުޅަށް ތިހީވީ ރަނގަޅަށް… ދަރިފުޅުގެ ކައިވެންޏަށް އެދިގެން ރޭގައި ސުހެއިލްގެ ޒިހާން އައި… ދަރިފުޅަށް އެސޮރު އިނގެއެއްނު… ދަރިފުޅުމެން އެއްކުލާހެއްގައި ކަންނޭނގެ ކިޔެވީވެސް… ބޭރުން ކިޔަވައިގެން އައިސް ރަށު ސުކޫލްގައި މަސައްކަތްކުރަން ފެށިފަހުން އަދި ނުވާނެ އަހަރެއްވެސް… ބައްޕައަށް ވަރަށް ކަމުދާ ކުއްޖެއް އެއީ…” ބައްޕަ ހިނިތުންވެލައިގެން އިނދެ ވާހަކަދައްކަމުން ދިޔަވަރަކަށް އޮބިނޯންނަވަރަށް އަަހަރެންގެ ހިތް ތެޅެމުންދިޔައެވެ. ދެއަތްދެއަތާއި މޮޑެލަ މޮޑެލާ އިނދެވުނީ ހާސްވީވަރުންނެެވެ.
“ބައްޕަ ވަރަށް އެދެން ދަރިފުޅު މިކަމާއިމެދު ވިސްނާލަން… ދަރިފުޅު މިކަހަލަ ކަމަކާއި ވިސްނާހެން ހީނުވާތީ ބައްޕައަށް މި ވާހަކަދައްކަން މިޖެހުނީ… އަޝްވާއަށްވެސް ތިހެން މުޅި އުމުރު ހުސްކޮށެއްނުލެވޭނެއެއްނު… ބައްޕަމެން ނިމިދިޔުމުގެ ކުރީން ދަރިފުޅު ދިރިއުޅުމެއް ފަށާތަން ދެކެން ބޭނުން…” އަހަރެންގެ މޫނަށް ބަލާލަމުން ބައްޕަ ބުނެލިއިރު އެއަޑުގައި ހިތްދަތިކަންވިއެވެ. އިރުކޮޅެއްވާންދެން އަހަރެންގެ ކައިރީގައި އިނުމަށްފަހު އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ބައްޕަ ދިޔުމުންވެސް އަހަންނަށް ވިސްނުމެއްގައި އިނދެވުނެވެ. ހުޅުވިފައިހުރި ކޮޓަރީގެ ދޮރުން މަންމަ ވަދެގެން އައިރުވެސް އަހަންނަކަށް ނޭނގުނެވެ. މަންމަ އައިސް އަހަރެންގެ ބުރަކަށީގައި އަތްޖައްސާލުމާއިއެކު އަހަންނަށް ބަލާލެވުނީ ސިހިފައެވެ.
“މަންމާ… އަހަރެން… ކިހިނެތް؟” މަންމަގެ އެންމެ ފިރުމުމަކުންވެސް އަހަރެންގެ ދުލުގައި ހުރި ހުރިހާ ޝަކުވާއެއްހެން މަންމަގެ އުނގުތެރެއަށް ބަންޑުންވެގެންދިޔައެވެ. ވަގުތުން މަންމަގެ ގައިގައި ބައްދައިގަނެވުނެވެ.
“މަންމައަށް އިނގޭ… ބައްޕައަށްވެސް ނޭނގޭތީކީނޫން އެވާހަކަ އެދެއްކީކީ… އެކަމަކު ދަރިފުޅާ އެއްވެސް އުއްމީދެއްނެތްކަމެއްގައި ހިފަހައްޓައިގެން އުމުރު ބޭކާރުކޮށްލަން ނުވިސްނާ… ތީ އެއްފަރާތުން ވެވޭ ލޯތްބެއް… ދަރިފުޅަށް ހީވޭތަ ދަރިފުޅުދެކެ ސައިފް ލޯބިވާހެން… ދަރިފުޅަށް އެކުވެރިކަންދޭން ބޭނުންވާފަދަ ގޮތަކަށްވެސް ނޫން ސައިފް އެހުރީހީކީ… މަންމަ އެއްވެސް ހާލެއްގައި ބޭނުމެއްނޫން ދަރިފުޅުގެ މުޅިއުމުރު ތިގޮތުގައި ވޭތުކޮށްލާކަށް… އަަބަދަކު މިކަހަލަ ފުރުސަތެއް ނުލިބޭނެ…” އަހަރެންގެ ބުރަކަށީގައި ފިރުމައިދެމުން މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއިއެކު މަންމަ ވާހަކަދެއްކީ އަހަންނަށް ވިސްނައިދޭފަދަ ގޮތަކަށެވެ. އެފަަދަ ގޮތަކަށް މަންމަގެ ވާހަކަތައް ހުރީތީވެ އަހަރެން ހައިރާނެއްނުވެއެވެ. ސައިފް އަހަރެންދެކެ ލޯބިވިކަމާއި އަހަންނަށް ލޯބި ހުށަހެޅިކަމަކީ އަަހަންނާއި ހިންދު ނޫން މީހަކަށް އިނގޭކަމެއް ނޫނެވެ. އެހާ ތަފްސީލު މަންމައަށް ނުދެވުނީތީ މިއަދު އަހަރެން އުފާކުރަމެެވެ. ސައިފްގެ ހިތް އޮތް ގޮތް އިނގުނަސް ސައިފް ބޭނުންވާ ގޮތް ދެނެގަތުމަށް އަހަރެން މިވަނީ ނުކުޅެދިފައެވެ. ކިތަންމެ ލޯބިވިޔަސް ސައިފް އަހަންނަށް ދެވަަނަ ފުރުސަތެއްދީފާނޭ ހެއްޔެެވެ؟ ސައިފްގެ ރުޅިވެރިކަމާއި ގޮތް ދޫނުކުރުން ހުރި މިންވަރު މިވީ ދުވަސްތަކުގައިވެސް އަހަންނަށް ފެނިފައިވެއެވެ.
އެރޭ ނިދަން އުޅެއުޅެ އަަހަންނަކަށް ނުނިދުނެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި ނުނިދުމުން ތެދުވެ ކޮފީ ތައްޓެއް ހިފައިގެން އަހަރެން ނިކުމެ ހުރީ މަތީބައިގެ ބެލްކަނީގައެވެ. ހަނދުމަހުގެ ފަހުކޮޅުގެ ރެއެއްކަމުން ހަނދުވަރުގެ ރިހި އަލީން ދުނިޔެމަތި ދިއްލާލާފައި އޮތެވެ. ހަނދުވެސް އޭގެ އެންމެ ޝާއްބަކަމުގައި މެދުއުޑުގައި ރަނިކަންކުރަމުންދިޔައެވެ. ވިލާކޮޅެއްގެ އަސަރުވެސް ނެތި ކަޅުސާލެއްހާ ސާފުކޮށް އުޑުމަތި އޮތްއިރު ތަރިތައްވެސް ވިދަމުންދިޔައީ އަލިމަސްކަށިތަކެއްފަދައިންނެވެ. މާޔޫސްވެ އެކަނިވެރިވެފައިވާ ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެހާ ފުރިހަމަ މަންޒަރެކެވެ.
މެންދަމުގެ ހަމަހިމޭންކަމުގައި އެ މަންޒަރުތައް ދެކެން ހުރިއިރު އަހަރެންގެ ހިތާއި ހަމަޖެހުންވީ އެތައް ހާސް މާލެއްގެ ދުރުގައެވެ. ޤުދުރަތުގެ އެރީތި މަންޒަރުންވެސް މިރޭ ނުތަނަވަސްވެފައިވާ އަހަރެންގެ ހިތަކަށް ރާހަތެއް ލިއްބައެއްނުދިނެވެ. ވަށައިގެންވީ ކޮންމެ އެއްޗެއްވެސް އަހަރެން ހަށިގަނޑު ފިއްތާލާ ނޭވާ ހާސްކޮށްލަން އުޅޭފަދައެވެ. ސައިފްއާއި ވާހަަކަދެއްކުނު ރެއަށްފަހު އަހަރެންގެ ހިތް ނަފްސުގެ ހަމަޖެހުމުގެ މަތީން ހަނދާން ނައްތާލާފައިވާފަދައެވެ. ހިނިތުންވެލުމާއި ކަންކަމާއިމެދު އުންމީދު ކުރުމަކީ އަހަރެން ނުދަންނަ ކަމަކަށްވެއްޖެއެވެ. އަހަރެންގެ ނަފްސުގެ ވަށައިގެން ކުށްވެރިކަމުގެ ފަރުދާއެއްލެވިފައިވާ ކަހަލައެވެ. ޢާޝާލް ވަކިވުމުގެ ކުށްވެެރި އިޙުސާސްތަކުން އަހަރެންގެ ނަފްސަށް ނުކުޅަދާނަވާވަަރަށް ހިތަށް ބަރުވެފައިވެއެވެ.
ހަނދުވަރުގެ އަލީގައި ވިދަމުންދިޔަ ގަސްތައް ދެކެން ހުރެފައި ފަހަތުން ބަރު ފިޔަވަޅުތަކެއްގެ އަޑު އިވުމާއިއެކު އަހަންނަށް ފަސްއެނބުރި ބަލާލެވުނެވެ. އޭރު ލަސްފިޔަވަޅުތަކެއްގައި ސައިފް އައިސް ބެލްކަންޏާއި އަރާހަމާވީއެވެ. އަހަރެމެން ދެމީހުންގެ ހަތަރު ކަޅި ލާމެހިގެންދިޔަ ހިނދުކޮޅަކަށްފަހު އަަހަރެން ސައިފްއާއި ނަޒަރު ވަކިކޮށްލަމުން ބެލްކަނީން ނިކުންނަން ހިނގައިގަތީމެވެ.
ގިނަރޭރޭގެ ދަންވަރުގެ ވަގުތު ސައިފް ބެލްކަނީގައި ހުންނަކަން އަހަންނަށް އިނގެއެވެ. ސައިފް ފެންނަން ހިސާބަށް ނައުމަށް އަހަރެން ގާތުން އެދުނު ދުވަހަކަށްފަހު އަހަރެން ބަލަނީ ސައިފްގެ ކުރިމައްޗަށް ނާރާވޭތޯއެވެ. އެރެއަށްފަހު ސައިފްވެސް ކުރިއަށްވުރެވެސް ބޮޑަށް އަހަންނާއި ދުރުވިކަހަލައެވެ. ސައިފް ގެއިން ބޭރުގައި ހޭދަކުރާވަގުތުތައް ގިނަވެގެންދިޔައިރު ގެއަށް ވަދެލަނީ ތަދު ބޭހެއް ފަދައިންނެވެ. ޢީޝްއަށް ދެވޭ ވަގުތުތައް މަދުވެގެންދިޔުމުން އެކަމާއި ސައިއްތަވެސް ޝަކުވާކުރިއެެވެ. އަދި އެކަކަށް ނޭނގުނަސް މިވޭތުވެދިޔަ ފަސްމަސްތެރޭގައި މިގޭގެ ހިޔާވެހިކަމުން ނިކުމެގެންދާން ސައިފް ކިތަންމެ ފަހަރަކު މަސައްކަތްކުރިއެވެ. އެއިން ކޮންމެފަަހަަރަކުވެސް ގަދަކަން ދައްކާލާފައިވެސް ސައިއްތަގެ ރުއިންތަކާއި އާދޭސްތަކުގެ ކުރިމަތީގައި ސައިފްއަށް ބަލި ގަބޫލުކުރަން މަޖުބޫރުވީއެވެ.
“އަޝްވާ… ދަނީތަ؟” ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ސައިފްގެ ދުލުން އަހަރެންގެ ނަންކިޔާލި އަޑުއިވުމުން އަހަރެންގެ މޭގައި ފިނި ރޯޅިއެއް ބީހިލިކަހަލައެވެ. އަމިއްލަ އިޙްތިޔާރަކާއިނުލާވެސް އަހަރެންގެ ފިޔަވަޅުތައް ހުއްޓިގެންދިޔައީ ސައިފް ދައްކަންއުޅޭ ވާހަަކަ އަޑުއަހަން ބޭނުންވީވަރުންނެވެ. ސައިފްގެ ފަރާތުން އެފަދަ ގާތްކަމަކަށް އަހަރެންގެ ހިތް އެދުނުވަރުންނެވެ.
“ކީއްވެ ކައިވެނީގެ ވާހަކަދެއްކީމަ އެއްޗެކޭ ނުބުނީ؟” ފިނިވެފައިވާ އަތްތިލަ ޖީންސްގެ ޖީބަށް ޖަހާލަމުން ސައިފް ސުވާލުކޮށްލީ ސީދާ އަަހަރެންގެ މޫނަށް ނަޒަރު ހަމަކޮށްލައިގެންހުރެެއެވެ. އެވަގުތު އެއަޑުން ޝައުގުވެރިކަމާއި އެއްވަަރަށް ކެތްތެރިކަން ކުޑަކަންވެސް ފާޅުވިއެވެ. އަހަރެންގެ ފަރާތުން ސައިފް ޖަވާބަކަށް ބޭނުންވެފައިވީކަހަލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

Hii all. Hope you will like this part too. Next part will be uploaded on tuesday
Vvv reethi Mi Part vs.. Ehnme kiyaa hihvi hisaabah dhiya irah thi ninmaalee😩.. Adhi thankolheh dhigu kohlahcey next part
Thank ypu.. and e gothah ninmanee curious kohlan vegen
V v reethi mi story ge hurihaa part ves next part avaha kiyaalan libeene kamah unmeedukuran
Thank you. you can read the next part now