Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީ ލޯބިން 11

Naira Level 1
July 11, 2023 7 Mins Read
18 Comments

“ކީއްވެ ކައިވެނީގެ ވާހަކަ ދެއްކީމަ އެއްޗެކޭ ނުބުނީ؟” ފިނިވެފައިވާ އަތްތިލަ ޖީންސްގެ ޖީބަށް ޖަހާލަމުން ސައިފް ސުވާލުކޮށްލީ ސީދާ އަަހަރެންގެ މޫނަށް ނަޒަރު ހަމަކޮށްލައިގެންހުރެެއެވެ. އެވަގުތު އެއަޑުން ޝައުގުވެރިކަމާއި އެއްވަަރަށް ކެތްތެރިކަން ކުޑަކަންވެސް ފާޅުވިއެވެ. އަހަރެންގެ ފަރާތުން ސައިފް ޖަވާބަކަށް ބޭނުންވެފައިވީކަހަލައެވެ.

“އީޝް ބަލަންޖެހޭތީތަ ދެކޮޅު ހެދީ؟ އަޝްވާ ބޭނުން މީހަކާއި ކައިވެނިކުރުމުގައި އީޝް ހުރަހަކަށްނުވާނެ… މުޅި އުމުރު އަޝްވާ ޢީޝްގެ މަންމަގެ ގޮތުގައި ބަހައްޓާކަށް އަހަރެން ގަސްތެއްނުކުރަން… އީޝްއަށްވެސް ދާއިމީގޮތެއްގައި މަންމައެއްގެ ލޯބިދޭނެ މީހަކު ބޭނުންވާނެ…” އަހަރެންގެ ފަރާތުން ޖަވާބުދިނުމެއްނެތި ހޭދަވެގެންދިޔަ ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ސައިފް ވާހަކަ ދެއްކުމާއިއެކު އަހަރެންގެ ހަށިގަނޑުގައި ހުޅުފަޅައިގެން އެރި ކަހަލައެވެ. ދެ ބުމަ ގޮށްޖަހާލެވިގެން ދިޔައިރު އަހަންނަށް ސައިފްއާއި ދިމާލަށް ބަލާލެވުނީ ރުޅިން ފޯވެފައި ހުރެއެވެ. އިތުރަށް އެތަނުގައި މަޑުކުރާކަށްވެސް އަހަރެން ބޭނުމެއްނުވިއެވެ.

“ސައިފްގެ ތި އިޙުސާންތެރިކަމަށް ވަަރަށް ބޮޑަށް ޝުކުރިއްޔާ… ޢީޝްގެ މަންމަގެ ޒިންމާ އަހަރެން ނަަގަންފެށީކީޥެސް މީހަކު ބުނެގެންނެއް ނޫން… އެހެންވީމަ އަހަންނަށް ނުވާވަރުވީމަވެސް އަަހަންނަށް އިނގޭނެ…. އެހެންނޫނަސް އަހަރެން ކައިވެނިކުރިޔަސް އެކަމުން އެންމެ ފައިދާކުރާނޭ މީހަކީ ތީ… އޭރުން ސައިފް ތި ބޭނުންވާގޮތަށް މިގެއިން ދެވޭނެ… ދަނބިދަރިއެއްގެ ގޮތުގައި އަހަރެންގެ މަންމަމެންގެ ޒިންމާ ނަގާކަށް ސައިފްއަކަށް ނުޖެހޭނެ… އަހަންނަށް އަަހަރެންގެ މަންމަމެންނާއި ޢީޝްވެސް ބެލޭނެ…” ރުޅިންގޮސް އަހަރެންގެ ހަށިގަނޑު ފިހި ފިހި ހުރިއިރުވެސް އަހަންނަށް ރޮވުނެވެ. އަހަރެންގެ އިޙުސާސްތައް ދެނެގަންނަން ސައިފް އެހާ ބޮޑަށް ނުކުޅެދުނީ ކޮންއިރަކު ހެއްޔެވެ؟ އަހަރެން އެހެންމީހަކާއި ކައިވެނިކުރަން ބޭނުންނުވިޔަސް ރީތި ބަހުން ބުނިނަމައެވެ. އަހަރެން ބޭނުންވާނަމަ އެކަމަށް އެއްބަސްވާނެނަމައެވެ. އެ ދުރުކަމާއި އަނިޔާވެރި ބަސްތަކުން ސައިފް ސާބިތުކޮށްދޭން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟

ހަވީރުވެގެންއައިރު އިރު މެދު އުޑުން ތިރިއަށް ޖެހި ގަސްތަކުގެ ހިޔަނިތައް ދިގުވާން ފަށައިފިއެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން ފަޒާގައިވީ ދިލަ ހޫނުކަން ކުޑަކޮށްދެމުން ދިޔައެވެ. ދުނިޔެއަށް އަނދިރިވަމުން ދިޔަވަރަކަށް މާމެލާމެލީގެ މީރުވަސް ގަދަވެ ފަޒާ ފިނިވަމުން ދިޔައެވެ. މާކަނޑުގެ ބާނީތައްވެސް އިރުގެ ރަންދޯދިތަކުން ގިރިޓީވަމުންދިޔައިރު އެ މަންޒަރު ދެކެން އަހަރެން ހުރީ ގޮނޑުދޮށުގައި ހުރި ރުކަކަށް ލެގިލައިގެންނެވެ. ހުދު ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ރާޅުތައް ވެލި ފުށްތަކާއި މައްލަވަކުރަމުން ދިޔައިރު އަަހަރެން ހުރީ އެ މަންޒަރު ދެކޭ ހިތްވާ ކަހަލަ މޫޑެއްްގައެއް ނޫނެވެ. ބައްޕަ އަހަރެންގެ ގާތުގައި ޒިހާންގެ ވާހަކަ ދެއްކި ފަހުންވެސް ހަފްތާއެއް ފާއިތުވެގެންދިޔައީއެވެ.

“ދެން ހިނގާ ގެއަށްދާން… އީޝް ހޭލަފިއްޔާ އަހަރެން ނެތިގެން ރޯނެ…” ފައިވާނުގައި ތަތްވެފައިހުރި ވެލިތައް ފޮޅާލަމުން އަހަރެން ހިންދުއާއި ކުރިމަތިލަމުން އެދުނީމެވެ. އެތައްދުވަހެއްފަހުން އަމިއްލަ ހިތާއި ދެކޮޅަށްވެސް ގެއިން ބޭރުވެ މިތަނަށް އަންނަން އަހަރެން އެއްބަސްވީވެސް ހިންދު އެކަމަށް އެދުނުވަރުންނެވެ. އީޝް ބޭނުންކޮށްގެން އަހަރެން ފުރަތަމަ ބަހަނާ ދައްކަން އުޅުނަސް މަންމަވެސް ތިބީ އަހަރެން ފޮނުވަން ކުރަންޖެހުނު ކޮންމެކަމެއްކުރާށެވެ. އެންމެފަހުން ހިންދުއާއި މަންމަމެންގެ ކުރިމަތީގައި އަހަންނަށް ހަތިޔާރު ބަަހައްޓަން ޖެހުނީއެވެ.

“އިހަށް މަޑުކޮށްބަލަ… އީޝް ހޭލައިފިއްޔާ ސުދާއްތައާއި ސައިއްތަވެސް ތިބޭނެއެއްނު… މަންމަމެން ކައިރީ ބުނެފައެއްނު އަހަރެމެން މިއައީ… އެންމެފަހުން ހިތްހަމަޖައްސާލަން މިކަހަލަ ތަނަކަށް ނިކުމެލި ދުވަހެއް އަޝްވާ ބުނެބަލަ… ހުރިހާ އެއްޗެއް ހިތުގައި ބޮޑިކޮށްގެން ގޭގެ ހަތަރުފާރުތެރޭގައި އޮވެގެން މީހާ ތިހިރި ހަލާކުވަނީ…” އަހަރެންގެ ކޮނޑުގައި ހިފަހައްޓާލަމުން އަހަރެން ހުއްޓުވަމުން ހިންދު ވާހަކަދެއްކިއެވެ.

“ހިންދު އަހަރެން ރަނގަޅޭ…” ދެވަނަ ފަހަރަށްވެސް އަހަރެން އަޑުއަހަން ބޭނުންނުވާ ވާހަކަތައް އިވިދާނެއަތީ އަހަރެން ބޭނުންވީ ހިންދުގެ ވާހަކަތައް ހުއްޓުވާށެވެ.

“އަޝްވާއަށް ތިހެން ބުނެވިދާނެ… އެކަމަކު އަހަރެމެންނަކަށް އޮޅުވައެއްނުލެވޭނެ… އަޝްވާއަށްވެސް އަދި އަހަރެމެން އެންމެންނަށްވެސް އިނގޭ އަޝްވާ ރަނގަޅުނޫންކަން… އަޝްވާ އަމިއްލަ މީހާގެ ސިފައަށް ބަލާލަބަލަ… ލޯކައިރި ކަޅުވެފައި ހުރިގޮތުންވެސް އިނގޭނެ އަޝްވާ މިއިން ދުވަހަކު ރަނގަޅަށް ނުނިދާކަށް… ރަނގަޅަށް ނުކެވިހުރެގެން މީހާ ތިހިރަ ހިކި އަނަރޫފަ ވަނީ… ރަނގަޅަށް މީހަކާއި އަނގައިން ބުނަނީކީ ނޫން… އަބަދުހެން އީޝް ގޮވައިގެން ކޮޓަރީތެރޭގައި ބަންދުވެގެން ތިއޮންނަނީ…  އަހަންނަށް އިނގޭ ސައިފްއާއި ދެމީހުން ކަމެއްވެއްޖެކަން… އިނގޭ ގޭގެ ހަތަރު ފާރުތެރޭގައި މި ވާހަކަތައް ދައްކަން އަޝްވާއަށް ފަސޭހަނުވާނެކަން… އެހެންވެ ގޮވައިގެން މިތަނަށް މިއައީވެސް…” އަހަރެންގެ އަތުގައި ހިފަހައްޓައިގެން އައިސް ދޮންވެލިގަނޑު މަތީގައި އިށީންނަމުން ހިންދު ވާހަކަދެއްކިއިރު އެމޫނަށް ނުބަަލަންވެގެން އަހަންނަށް ދުރަށް މޫނު އަނބުރާލެވުނެވެ. އަހަރެންގެ ހާލަތު އެހާ ތަފްސީލުކޮށް ހިންދުއަށް އިނގުނުއިރު އަހަރެން ކަމެއް އޮޅުވާލަން އުޅުނަސް ހިންދުއަށް އެކަން ދެނެގަނެވޭނެއެވެ.

“އަޝްވާ ބުނެބަލަ… އަހަރެން މިއިނީ އަޑުއަހާށޭ… ސައިފްއާއި ދެމީހުން މުޅި އުމުރަށް އަނގައިން ނުބުނަން ހުވާކޮށްގެންތަ ތިއުޅެނީ؟ އޭނަގެ ކަންތައްވެސް ކުޑަކުއްޖަކަށްވުރެ ވަކި ރަނގަޅެއް ނޫނެއްނު… މާޒީގައި ކަމެއް ވީތީ ގޮތްދޫނުކުރަންކަމަށް އެ ހުންނަނީ… އެއްވަރުގެ ބޯހަރު ދެމީހުން ސުލްހަކުރުވާނޭ ގޮތެއް އަހަަންނަކަށް ނޭނގެ…” ހިންދު ވާހަކަދެއްކިއިރު އެއަޑުން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވިއެވެ. އޭނަ ބޯހޫރާލިގޮތަަށް އެއްޗެކޭ ބުނުމެއްނެތި އިރުކޮޅެއްވާންދެން ދުރު ބަލަހައްޓައިގެން އިނެވެ.

“އިތުރަށް ތި ވާހަކަދެއްކުމުގެ ބޭނުމެއްއެބައޮތްތަ؟ ހިންދުއަށް އިނގެއެއްނު އަހަރެން ޒިހާންއާއި ކައިވެނިކުރަން އެއްބަސްވިކަން…” ދެލޯމަރާލަމުން ލޮލުގެ ފެނުން ފުސްކުރަމުންދިޔަ ކަރުނަތަކަށް އޭގެ ގައިދުން މިނިވާން ފުރުސަތުދެމުން އަހަރެން ވާހަކަދެއްކިއިރު މޭގައި ތޫނު ރިހުމެއްވިއެވެ.

“ތީ އަޝްވާ ހިތުގެ އަޑީން ނިންމި ނިންމުމެއްތަ؟ އަޝްވާ ސިއްރުކުރަން އުޅުނަސް އަހަންނަށް އިނގޭ އަަޝްވާ އަދިވެސް ސައިފް ދެކެ ލޯބިވާކަން… އަޝްވާ އެންމެ ފަހަރަކުވެސް އެހެންމީހުންގެ އުފާތައް ދުރަށް ލާފައި އަމިއްލަ މީހާއާއިމެދު ވިސްނާލަބަލަ… ކޮންކަހަލަ ދިރިއުޅުމެއް ތީ؟ ތިހެން އުޅެގެން އަޝްވާއަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ލިބިދާނެތަ؟” އިރުކޮޅެއްވާންދެން އެއްޗެކޭ ނުބުނެ އިނުމަށްފަހު އަހަރެންގެ މޫނާއި ގޯނާކުރަމުންދިޔަ ކުރު އިސްތަށިތައް އެއްފަރާތްކޮށްލަމުން ހިންދު ވާހަކަދެއްކީ އަހަރެންގެ އަމިއްލަ ހިތަށްވެސް ވިސްނައިދޭން މަަސައްކަތްކުރާފަދަ ގޮތަކަށެވެ.

“މިހާރު ދިރިއުޅުމެއް ފަށާކަށްނު އަހަރެން މިއުޅެނީ…” ހިންދުގެ ކޮންމެ ވާހަކައަކަށް ދެކޮޅު ހަދަމުންވެސް ހިތުގައި މިވާ ނުތަނަވަސްކަމާއި ހިތާމަތަކަށް ފުރަގަސްދޭން އަހަރެން މަސައްކަތްކުރީމެވެ. ދުލުން ބަސް ބޭރުކުރުމަށްފަހު އަނބުރާ ގެނައުމެއް ނުވެއެވެ. ދެން ޖެހޭނީ އެބަހުގެ އަޅަކަށް ތިމާގެ އަމިއްލަ ނަފްސު ހަދާށެވެ.

“އަޝްވާ ކައިވެންޏަކީ މީހަކު ބުނެގެން ކުރާކަމެއްނޫން… އަދި މީހަކަށް ކަމެއް ސާބިތުކޮށްދޭން ކުރާކަމެއްވެސް ނޫން… ކައިވެނި ކުރާނީ ތިމާ އެކަމަށް ބޭނުންވެގެން އަނެކާއާއި އެކީގައި މުޅި އުމުރު ހޭދަކުރަން އެދިގެން.. މިހާދުބެމެން ބުނެގެންނޭ ކިޔާފައި އަޝްވާ ތިކަމާއި އެއްބަސްނުވާތި… ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫން… އެގުޅުން ވާންޖެހޭނީ މުޅި އުމުރަށް ޖަހާލެވޭ ގޮށަކަށް…” އަހަރެންގެ އަތްމަތީގައި އަތްތިލަ ބާއްވާލަމުން ހިންދު ބުނެލި ބަސްތައް ކިތަންމެ ތިލަ ނަމަވެސް މާނަ ފުނެވެ. އެބަސްތަކުން ހިންދު އަހަންނަށް ދެވަނަ ވިސްނުމަކަށްދާން މަޖުބޫރުކުރިކަހަލައެވެ.

“ހިންދު އަހަރެން ވަރުބަލިވެއްޖެ… އަަހަންނަކަށް ނޭނގެ ސައިފްއާއި ވާހަަކަަދައްކަންވީގޮތެއް… އެއީ މީގެ ހަތަރުއަހަރުކުރީން އަހަރެން ދުށް ސައިފްއެއްނޫން…” ހިންދުގެ ވާހަކަތަކާއިއެކު އަހަރެން ބޭރުފުށުން ލައިގެން އުޅޭ ހަރުކަށިކަމާއި ހިތްވަރުގަދަކަމުގެ ތޮށިގަނޑު ކުދިކުދިވެގެން ބިމަށް ފޭބިކަހަލައެވެ. ލޮލަށް ގިނަވެގެންދިޔަ ކަރުނަތަކާއިއެކު އަހަރެންގެ އަޑުންވެސް މާޔޫސްކަމާއި ބޭޤަރާރުކަން ފާޅުވެގެންދިޔައެވެ.

“މިވީ ހަތަރުއަހަރުތެރޭގައި ސައިފްގެ ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަން ހިނގައިގެން ގޮސްފި… އެހުރިހާ ކަމެއްގެ ތެރޭގައި ސައިފް ބަދަލުނުވެނުދާނެކަން އަޝްވާއަށްވެސް އިނގެންވާނެ… އެކަމަކު އަހަންނަށް ޔަޤީންކަމާއިއެކު ބުނަން އިނގޭ ސައިފް އަދިވެސް އަޝްވާދެކެ ލޯބިވާކަށް… އެހެންނޫންނަމަ އޭނަ އެހެނެއް ނޫޅޭނެ…” ހިންދު ވާހަަކަދައްކަމުންދިޔައިރު ކަކޫމަތީގައި ބޯއަޅާލައިގެން އޮއްސުމަށް ފަރިވަމުންދިޔަ އިރާއި ދިމާލަށް ބަލަހައްޓައިގެން އަހަންނަށް އޮވެވުނީއެވެ.

“އަޝްވާ އަހަރެން ނަސޭހަތެއްދެންތަ؟ މާޒީވެދިޔަ އެއްވެސްކަމެއް ބަދަލުކުރުމުގެ ބާރު އަހަރެމެންނަށް ލިބިފައެއްނުވޭ.. އެކަމަކު މުސްތަގުބަލަކީ އަަހަރެމެންނަށް ބައްޓަން ކުރެވިދާނެ އެއްޗެއް… އަހަންނަށް އިނގޭ ޢާޝާލްގެ މަރުގެ ޒިންމާ އަޝްވާ އަމިއްލަ ބޮލުގައި އަޅުވައިގެން ހުންނަކަން… އެކަމަކު އެއީ ކޮންމެ މީހަކަށްވެސް އަންނާނޭ ދުވަހެއް… އަދި އެއްވެސް ކަމަކީ ތާއަބަދަށް ސިއްރުވާނެކަމެއްވެސް ނޫން… އަޝްވާގެ ޑައިރީއިން ނޫނަސް ކޮންމެވެސް އެހެން ގޮތަކުން ނަމަވެސް ޢާޝާލްއަށް އެކަން އިނގުނިސް… މިހާރު އެކަމާއިމެދު އަހަރެމެންނަށް ކުރެވޭނެކަމެއްނެތް… މާޒީގައި ހިފަހައްޓައިގެން ނުހުރޭ އަޝްވާ… އެންމެ ފަހަަރަކުވެސް އެހެންމީހުންނާއި މެދު ތި ވިސްނާ ވިސްނުންތައް ދުރުކޮށްލުމަށްފަހު ތި ހިތުގެ އެދުން އިސްކޮށްބަލަ… ވަގުތު ވަރަށްވެސް ކުރު… މާދަމާ ނޫންކަމެއް ނޭނގެ ސައިއްތަމެން ދެވަނަ ކައިވެންޏެއްކުރަން ސައިފްއަށް ބާރުއަޅާނީ… އެދުވަހާއި ހަމަޔަށް ހަދާނޭގޮތެއް ޔަގީންނުވެފައި އަޝްވާ ހަމަ ތިހެން ހުންނާނީތަ؟” ހިންދުގެ ވާހަކަތަކަކީ ނަސޭހަތަކާއި އެއްވަރަށް އަަހަންނަށް ދިން އިންޒާރެއްވެސްމެއެވެ. މިވީހާތަނަށްވެސް އަަހަރެންގެ ދިރިއުޅުމާއި ބެހޭގޮތުން އެހާ ފާޅުކަން ބޮޑުގޮތެއްގައި ހިންދު ވާހަކަދައްކާފައެއް ނުވެއެވެ. އަހަރެން ބޭނުންވާގޮތަށް ކަންތައް ކުރަން ދޫކޮށްލައިގެން ހުއްޓަސް ކުރީ ފަހަރު އަހަރެން އުޅުނު ގޮތް އެންމެ ގާތުން ފެނިފައި ހުރުމުން މިފަހަރު ހިންދުއަށްވެސް އެއްޗެކޭ ނުބުނެ ކެތްނުވީއެވެ.

އެރޭ ސިޓިންރޫމް ސޯފާގައި އިންއިރުވެސް އަހަރެންގެ ކަންފަތުގައި ގުގުމާލާފައިހުރީ ހިންދު ހަވީރު ދެއްކި ވާހަކަތަކެވެ. ޢީޝް ނިންދެވުމަށްފަހު ޝުޢާއާއި ދެމީހުން ޓީވީން އަންނަ ޑްރާމާ ސިލްސިލާއެއް ބަލަން ތިބިއިރު އަހަރެންގެ ސަމާލުކަން ދެވިފައިހުރީ އެހެންކަމަކަށެވެ. ދޭތެރެއަކުން ގޭގެ މައިދޮރާއި ދިމާލަށް ބެލެމުންދިޔައީ ކަމަކަށް އިންތިޒާރުކުރާފަަދައަކުންނެވެ. ޝުޢާ ދައްކަމުންދިޔަ ވާހަކަތަކަށްވެސް އެދެވޭފަދަ ސަމާލުކަމެއް ނުދެވުނެވެ.

“ކޮންއިރަކު ޕާޓީގެ ކުލަ ފައިނަލްކުރަނީ… އަހަންނަށް ހީވަނީ މިސައިފްއަށްވެސް ކައިވެނިކުރަން ރަނގަޅުކުއްޖަކު ހޯދަންވީހެން… އޭރުން ހަމަޔަކަށް އަޅުވާލަފާނެ…” ޝުއާ ވާހަކަދައްކަމުންދިޔަ މައުޞޫއުގެ ގޮތުން އަަހަރެންގެ ސަމާލުކަން ކުޑަވަމުން ދިޔަޔަސް އެންމެ ފަހު ޖުމްލައާއިއެކު އަހަންނަށް ތެޅިގަނެފައިކަހަލަގޮތަކަށް ޝުޢާއާއި ދިމާލަށް ބަލާލެވުނެވެ. އޭރު ސައިއްތަވެސް އައިސް ސޯފާތަކާއި އަރާހަމާވީއެވެ.

“ދަރިފުޅު އެކަމާ އުޅެންވީނު… މަންމަގެ ހިތެއްނުބުނެ އަމިއްލައަށް ފެނިގެން ސައިފް އެކަހަލަކަމެއް ކުރާނެއެކޭ…” ޝުޢާގެ ވާހަކަތަކަށް ސައިއްތަ ވަގުތުން ތާއީދުކުރިގޮތުން އަހަރެންގެ ހިތަށް އުނދަގޫވިއެވެ. އެފަދަ ހިޔާލެއް ގެންގުޅުނީތީ ޝުޢާދެކެވެސް ރުޅިއަންނަގޮތްވިއެވެ. އެންމެންގެ ތެރޭގައި ސައިފްއަކީ އަހަރެންގެ ހައްޤެކޭ ބުނެ ހަޅޭލަވައިގަންނަން ބޭނުންވިއެވެ. އެކަމަކު ސައިފްއަށްވެސް މުޅިއުމުރަށް އަހަރެންގެ މީހެއްގެ ގޮތުގައި ހުސްހަށިބަޔަށް ނުހުރެވޭނެކަން އަހަންނަށް އިނގެއެވެ. ހުރިހަމައެކަނި ފިރިހެންދަރިފުޅުކަމުން އެގޮތުގައި ސައިފްގެ ދިރިއުޅުން ހޭދަކޮށްލުމުގެ ފުރުސަތު ސައިއްތަމެން ނުވެސް ދޭނެއެވެ. އެދެމެދުގައި އިތުރަށް ދެކެވެމުންދިޔަ ވާހަކަތައް އަޑުއަހަން ބޭނުންނުވިވަރުން ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކާފައި އަަހަރެން ކޮޓަރިއަށް ދިޔައީމެވެ.

މެންދަމު ބާރަ ޖެހިކަން ގަނޑިތަކުން އިއުލާންކުރިއިރު އަހަރެން އިނީ ސިޓިންރޫމް ސޯފާތަކުން ސޯފާއެއްގައި ބޭރު ދޮރާއި ކުރިމަތިލައިގެންނެވެ. އެއްފައި މައްޗަށް އަނެއް ފައި ނަގައިގެން ހަށަމް ބަދެލައިގެން އިންއިރު އަހަރެންގެ ލޮލުގައި ނިދީގެ އަަސަރެއް ނެތެވެ. ދޭތެރެއަކުން ޓީވިއާއި ދިމާލުން މަތީގައި ހަރުކޮށްފައި އިން ގަނޑިއަށް ނަޒަރެއްދެމުން ދޮރުން ބޭރަށް ބޯ ދިއްކޮށްލަމެވެ. ބޭރު ދޮރާށި ޖެހިގެންދިޔަ އަޑު ކަންފަތުގައި ޖެހުނީ އެގޮތުގައި އުޅެނިކޮށެވެ. ވަގުތުން ސޯފާއިން ތެދުވަމުން އަހަންނަށް ދޮރާއި ދިމާލަށް ދެވުނެވެ. އަހަންނަށް ދޮރާއި ހަމަޔަށް ނުދެވިގެން އުޅެނިކޮށް މައިދޮރުން ސައިފް ވަދެގެން އަންނަ ތަން ފެނުނެވެ. ސިޓިންރޫމްއަށް ވެރިވެފައި އޮތް ފަނޑުއަލިކަމުގެ ތެެރެއިންވެސް ސައިފްއަށް އަހަރެން ފެނުނު ކަހަލައެވެ. ވަގުތުން ފިޔަވަޅުތައް މަޑުޖެހިގެންދިޔަ ވަގުތުކޮޅަކަށްފަހު ސައިފް އިސްޖަހާލިއެވެ. އެއަށްފަހު ލަސްފިޔަވަޅުތަކެއްގައި އަހަރެންގެ ކައިރިން ލާފައި ސިޑިއާއި ދިމާލަށް ހިނގައިގަތީ އެއްޗެކޭ ބުނުމެއްނެތިއެވެ. ސައިފް ސިޑިން ގޮސް ނިވާވުމާއިއެކު މައިދޮރު ލައްޕާ ތަޅުލުމަށްފަހު އަހަރެންވެސް މަޑުފިޔަވަޅުތަކެއްގައި ސިޑިންއަރަންފެށީމެވެ.

ދިގު ކޯރިޑޯ ހުރަސްކޮށްލުމަށްފަހު އަހަރެން ގޮސް ސައިފްގެ ކޮޓަރީގެ ދޮރުގައި ޓަކިދިންއިރު އެެހެންފަހަރުތަކާއި ހިލާފަށް ބިރާއި ފަސްޖެހުމުގެ ކުޑަވެސް އަސަރެއް އަހަރެންގެ ހިތަކު ނެތެވެ. މިދަންވަރު މަންމަމެން މީހަކަށް ހޭލެވިގެން ނިކުމެދާނެ ކަމަކަށްވެސް އަހަރެން ނުވިސްނަމެވެ. ސައިފް ދޮރުނުހުޅުވުމުން ދެވަނަ ފަހަރަށް ދޮރުގައި ޓަކިދިނީ އިހުނަށްވުރެ ބާރަށެވެ. އިރުކޮޅެއްފަހުން ސައިފް ދޮރުހުޅުވާލިއިރު އެ ބުމަ ދޭތެރެއަށް ރޫތައް އަރުވާލެވިފައިވެއެވެ.

“މީހެއްގެ ވާންއުޅޭ އަނތްބަކު މިދަންވަރު މިކޮޓަރިއަށް އައުމުގެ ބޭނުމަކީ ކޮބާ؟ ޒިހާންއަށް އިނގިދާނެއަތީ ބިރެއްނުގަނޭތަ؟” ދޮރުގައި ލެގިލަމުން ސައިފް ހަށަމް ބަދެލިގޮތުންވެސް އެހާ ފަސޭހައިން އަހަަންނަށް މަރުޙަބާ ނުކިޔާނެކަން އަހަންނަށް އިނގުނެވެ. އެހެންނޫނަސް ސައިފް އެހުރީ އަަހަންނާއި ޒިހާންގެ ކައިވެނީގެ ވާހަކަ އަޑުއަހައިގެން ރުޅިގަނޑު ހިލުވާލައިގެންނެވެ. ދުރުދުރުން އުޅޭއިރުވެސް އަހަރެންގެ ހުރިހާކަމެއްހެން ސައިފް ހޯދައިގަންނަގޮތުން އަހަރެން ހައިރާންވާހާވެއެވެ. ޒިހާންއާއި އަހަރެންގެ ކައިވެނީގެ ޙަބަރު ސައިފްއަށް ލިބުނީވެސް ގޭތެރޭގައި އެވާހަކަ ދެކެވެން ނުވެސް ފަށަނީހެވެ.

“ސައިފް… ޕްލީޒް… އެހެންމީހަކާއި މެރީނުކުރައްޗޭ… އަހަންނަކަށް ކެތެއްނުވާނެ…” ސައިއްތަގެ ވާހަކަތައް ކަންފަތުގައި ގުގުމަމުން ދިޔަގޮތުން އަހަންނަކަށް އެހެން ކަމަކާއިމެދަކު ނުވެސް ވިސްނުނެވެ. ސައިފް ވިސްނަފާނެ އެއްޗަކަށް ބެލުމެއްވެސްނެތި އެބަސްތައް ބުނަމުން ހުއްދައަކާއިނުލާ އަަހަންނަށް ސައިފްގެ ހަށިގަނޑުގައި ހިފަހައްޓާލެވުނެވެ.

“އަހަރެންތަ ކައިވެނިކުރާނެ މީހަކު ހޯދައިގެން މިއުޅެނީ؟” އަހަރެންގެ އެ ގާތްކަމުންވެސް ސައިފްގެ ހިތަށް އަސަރު ނުކުރިކަހަލައެވެ. ރުޅިވެރިކަމާއިއެކު އެހެން ބުނުމަށްފަހު އަަހަރެންގެ ކޮނޑުގައި އަތްއަޅާ ދުރުކޮށްލިގޮތަށް ސައިފް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

“ސައިފް ކީއްވެ ތިހެން ކަންތައް ތިކުރަނީ… ދިސް އިޒް ނޮޓް ޔޫ… ތިއީ އަހަރެން ދަންނަ ސައިފްއެއް ނޫން…” ސައިފްގެ ފަހަތުން ކޮޓަރިތެރެއަށް ފިޔަވަޅެއް އަޅާލަމުން އަހަރެން ބުނުމާއިއެކުވެސް ސައިފްއަށް އައި ބަދަލުތައް އަހަންނަށް ފާހަގަ ކުރެވުނެވެ. އެ ފިޔަވަޅުތައް މެދުކެނޑި ފާރުގައި އަތް ވިއްދާލިއިރު އެ ހަށިގަނޑު އިތުރަށް ހަރުކަަށިވެގެންދިޔަކަހަލައެވެ. ކުރިއަށް ފިޔަވަޅެއް އަޅަމުން އަހަރެން ސައިފްގެ ކޮނޑުމަތީގައި އަތްތިލަ ބާއްވާލީމެވެ. އެވަގުތު ސައިފް ފަސްއެނބުރުނުގޮތަށް ވައިރޯޅިއެއްހާ ހަލުވިކަމާއިއެކު އަހަރެންގެ ކޮނޑުގައި ހިފާ ފާރަށް ތަތްކޮށްލިއެވެ.

“އެހެންތަ؟ ކިހާވަރަަކަށް އަޝްވާއަށް އަހަރެން އިނގެނީ… އަންގާނުލާ ފުރައިގެންދިޔައިރު އަހަރެން ހާސްވާނެވަރު އަޝްވާއަށް އިނގުނުތަ؟ ޑޭމިޓް… އަޝްވާ ހޯދަން އަހަރެން ކިހާ މަސައްކަތެއްކުރީން… އަޝްވާގެ ހަބަރެއް ހޯދަން އަހަރެން ނުގުޅަނީ ކާކަށް؟ އަހަރެން އުންމީދެއްވެސް ނުކުރަން ދެވަނަ ފަހަރަށް އަޝްވާ ދިރިހުއްޓާ އަހަރެމެންނަށް ފެންނާނެކަމަކަށް…. ބުނެބަލަ… ޝަކުވާކުރުމުގެ ކޮން ހައްޤެއް އަޝްވާއަށް އޮތީ؟” ރުޅިވެރިކަމާއިއެކު ސައިފްގެ ދުލުން ބޭރުވަމުންދިޔަ ކޮންމެ ބަހަކާއިއެކު ފާރާއި ސައިފްގެ ކަސްރަތީ ހަށިގަނޑާއި ދެމެދު އަހަރެން ފިތެމުންދިޔައިރު އަހަރެންގެ ނޭވާ ހާސްވާގޮތްވިއެވެ. ހިނދެއް ހިނދަކަށް ސައިފް އަހަރެންގެ ކޮނޑުގައި އަތްއަޅާ ބާރުކުރަމުންދިޔަގޮތުން ލޮލުން ފެން އަންނަގޮތްވިއެވެ. އެކަމަކު ކެތްކޮށްލައިގެން ހުރެވުނީ އެއިން ކޮންމެ ބަހެއްވެސް އަހަންނަށް ހައްޤުކަމަށް ޤަބޫލުކުރެވޭތީއެވެ.

“އަހަރެން ހިޔެއްނުކުރަން އަޝްވާއަކީ ތިހާ އަމިއްލަ އެދުން ބޮޑުމީހެއްކަމަކަށް… އަމިއްލައަށް ގޮތް ނިންމާލާއިރު އަނެކާއަށް ވާނޭގޮތާއިމެދު އަޝްވާ ކުޑަކޮށްވެސް ވިސްނައެއްނުލާ… އަހަރެންގެ ލޯބިވެސް އަޝްވާއަށް ފެނުނީ ހަތިޔާރެއްގެ ގޮތުގައި… ހަތަރު އަހަރު… ހަތަރުއަހަރުވާންދެން އަހަރެން މިގޮތުގައި ތަޅުވައިގެން އަޝްވާއަށް ލިބުނީ ކޯއްޗެއް؟ މިހާރުވެސް ދުރުގައި ނުހުރެވިގެން ތިއުޅެނީ އިތުރަށް އަހަރެން ތަޅުވާނެގޮތެއް ނޭނގިގެންތަ؟” އަހަރެންގެ ކޮނޑުގައި ހިފާ ފާރަށް ތަތްގޮތްލިގޮތަށް އަހަރެންގެ ދެލޮލާއި ހަތަރުކަޅި ހަމަކޮށްލިއިރު ސައިފްގެ ދެލޮލުން ފެނުނީ ސާފު ނަފްރަތެވެ. އެދެލޮލުން އަހަންނަށްޓަކައި ގިނި އަލިފާން އަނދަމުންދާ ކަހަލައެވެ. ދެލިކޮޅެއްފަދައިން ވިދަމުންދިޔަ އެލޮލުން ބުރަމުންދިޔަ ދިލަކަނިތަކުންވެސް އަހަރެންގެ ނަފްސު ފިއްސާލަން މަސައްކަތްކުރާ ކަހަލައެވެ.

“އަހަންނަށް އިނގެޔޭ އަހަންނަށް އަޝްވާ ނުލިބޭނެކަން… މަރުހޫމް ކޮއްކޮގެ ފިރިމީހާގެ ނަަޒަރުން… ކޮއްކޮގެ ދަރިފުޅުގެ ބައްޕަގެ ނަޒަރުން ނޫނީ އަޝްވާ އަހަންނާއިމެދު ނުދެކޭނެކަން… މިއަދުވެސް އަހަންނަށްވުރެ… އަހަރެން އަޝްވާދެކެ މިވާ ލޯތްބަށްވުރެ އަޝްވާ އިސްކުރާނޭ އެތައްކަމެއް ހުންނާނެކަން… އަހަރެން އުއްމީދެއްނުކުރަމޭ… ދެން ކީއްވެ އަޝްވާ އަހަންނަށް އުންމީދު އާކޮށްދޭން ތިއުޅެނީ… އަޝްވާ ބޭނުންވަނީ މުޅި އުމުރަށް އަޝްވާ މަތީން ހަނދާން ނައްތާނުލެވިގެން އަހަރެން ގަނަތެޅޭތަން ދެކެންތަ؟” ހިނދުކޮޅެއްގެތެރޭގައި ސައިފްގެ ރުޅިވެރިކަމުގެ ތެރޭގައި ފޮރުވައިގެން ގެންގުޅޭ ނަފްސު ހޭލަން ފެށިކަހަލައެވެ. އެ ހަށިގަނޑަށް ވެރިވެފައިވީ ހަރުކަށިކަން ފިލައިގެންދިޔުމާއިއެކު އެދެލޮލުގެ ތެރެއިން ކަރުނައިގެ ތެތްކަން ފާޅުވެގެން ދިޔައެވެ. މަޑުމަޑުން އަހަރެންގެ ދެކޮނޑުގައި ހިފަހައްޓާ ބާރުކޮށްލެވިފައި އޮތް ސައިފްގެ އަތްތިލައަށް ދޫކަމެއް އައިކަން ފާހަގަކުރެވިގެންދިޔަ ވަގުތުކޮޅު ސައިފް އަހަންނާއި ދުރަށް ހިނގައިގަތެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ ކުޑަދޮރުގެ ކުރިމަތީގައި ސައިފް ހުއްޓުނީ އަހަރެން ބަލަހައްޓައިގެން ހުއްޓައެވެ. އެއްއަތުން ދޮރުކަނީގައި ހިފަހައްޓާލައިގެން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރެ ސައިފް ވިސްނަމުންދިޔައީ ކޮންއެއްޗެއްކަމެއް ނޭނގުނެވެ.

“މިހަތަރު އަަހަރު ސައިފްއާއި ދުރުގައި އަހަރެން ހޭދަކުރިގޮތް އިނގޭތަ؟ އަހަރެން އުޅުނު ހާލު ސައިފްއަށް ވަޒަންކޮށްލެވޭނެތަ؟ އާޝާލްއާއި ކައިވެނިކުރަން ސައިފްއަށް މަޖުބޫރުކުރެވުނީތީ… ސައިފްގެ ކުރިމަތީގައި އުޅެން ކެތްނުވާނެތީ.. ތި ދެމީހުންގެ ކައިވެންޏަށް އެޅޭ ހިޔަންޏަކަށްނުވާންވެގެން އަހަރެން ދުރަށް ދިޔައީ… މުޅިއުމުރަށް ސައިފް މަތީން ހަނދާންނައްތާލަން ނިންމައިގެން އަހަރެން ދިޔައީ… ހީކުރީ ދުރުގައި އުޅެން ފެށުމުން މަޑުމަޑުން ތި ހަނދާންނެތޭކަމަށް… ތި ލޯބި ފަނޑުވާނެކަމަށް… އެހެން ބައެއްގެ ތެރޭގައި އުޅެން ފެށުމުން ތިއަށްވުރެ ބޮޑަށް އެހެންމީހަކުދެކެ އަހަންނަށް ލޯބިވެވޭނެކަމަށް… އެކަމަކު ހަނދާން ނައްތައެއް ނުލެވުނު… ތި ނޫން އިންސާނެއްދެކެ ލޯތްބެއްނުވެވުނު…” ސައިފްއާއި ގާތަށް އަޅަންފެށި ކޮންމެ ފިޔަވަޅަކާއިއެކު އަހަރެންގެ ހިތުގައި ގައިދުކުރެވިފައިވާ ލަފްޒުތަކަށް ދިރުންލިބިގެން ދުލުން ބޭރުވާންފެށިކަހަލައެވެ. އިތުރަށް ކަންކަން ސިއްރުކޮށް ހިތުގެ ތެރޭގައި ފޮރުވައިގެން ހުރުމަށް އަހަރެންގެ ނަފްސުވެސް ބޭނުމެއްނުވިއެވެ. ފުރަތަމަ ފަހަރަށް އެ އިޙުސާސްތަކަށް މިނިވަންކަންދީ އޭގެ ހައްޤުވެރިޔާއާއި ހަމަޔަށް ފޯރުކޮށްދޭން އަހަރެންގެ ހިތްވެސް އެދުނެެވެ. ހާލަތު ބަދަލުވާނެކަމުގެ ޔަޤީންކަމެއް ނެތަސް ވަގުތު ފާއިތުވުމުގެ ކުރީން އަހަރެންނަށް ކުރެވެން އޮތްހާ ކަމެއް ކުރަން ބޭނުމެވެ.

“އަހަރެންގެ ހިތުން ތި ލޯބި ފުހެވޭތޯ… ސައިފްއަށް އާޝާލްދެކެ ލޯބިވެވޭތޯ… ތިދެމީހުންގެ ކައިވެނި ބާއްޖަވެރިވެ، ދަރިފަސްކޮޅު ދެންމެވުން އެދި އަަހަރެން ކިހާ ދުޢާއެއް ކުރީން… އަހަރެން ހާދަ މަސައްކަތެއްކުރީމޭ… އެކަމަކު އަހަރެންގެ ހިތް ބަދަލެއްނުވި… ކިޔެވުމުގެ ތެރެއިންވެސް ރަނގަޅު އެތައްބަޔަކާއި ދިމާވެ ވާހަކަދެކެވުނު… އެކަމަކު އެތަނުން އެކަކުދެކެވެސް އަހަންނަކަށް ލޯތްބެއް ނުވެވުނު…” ނުހަނު އުނދަގުލާއިއެކު އަހަންނަށް އެ ލަފްޒުުތައް ބުނެވުނުއިރު ސައިފްގެ ހައިރާންކަމުން ފުރިގެންވީ ނަޒަރު އަހަރެންގެ މޫނަށް ހުއްޓިފައިވިއެވެ. ހަތަރު އަހަރުފަހުންވެސް އަހަރެން ސައިފްދެކެ ވާ ލޯބި ބަދަލުވުމެއްނެތި އެގޮތުގައި ދެމިއޮންނާނެކަމަށް ސައިފް އުންމީދު ނުކުރާކަހަލައެވެ. ނޫނީ އަހަރުތަކެއްފަހުން އެހާ ފާޅުކަން ބޮޑު ގޮތެއްގައި އަހަރެން އެ ލޯބި ފާޅުކޮށްފާނެކަމަށް ސައިފް ހީނުކުރާ ކަަހަލައެވެ. ހަރަކާތްކޮށްލުމެއްވެސް އަހަންނާއި ދިމާލަށް ނަަޒަރު ހުއްޓާލައިގެން ހުރިއިރު އެލޮލުގައި އިންތިހާ ދަރަޖައިގެ ހައިރާންކަންވިއެވެ. އޭރު އަހަރެންގެ ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް އެއްވެސް ހިފަހެއްޓުމަކާއިނުލާ ކޯތާފަތްމައްޗަށް ފައިބަމުން ދިޔައެވެ. ކަރުނުން ފުރިފައިވީ ދެލޮލުން ސައިފްއާއި ހަތަރުކަޅި ހަަމަކޮށްލައިގެން ހުރެވުނުއިރު ބަސްމޮށުންތެރިކަމެއް ލިބިފައިނުވާ އެދެލޯވެސް އެތައް ވާހަކައެއް ބުނެދެމުންދިޔަ ކަހަަލައެވެ.

“ތީ ނޭވާއޭ މަގޭ، ވިންދޭ ތީ މަގޭ…

ހިތާ ފުރާނައިގެ ދިރުމޭ، ތީ ނޫންހެ ރޭދުވާ މަގޭ…”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naira

Level 1

A keen reader of dhivehi stories. And reading lead me to write one. Author of Vakivee Loabin & Beeveema.

Other Articles

Previous

ތަގުދީރު 7

Next

ތަގުދީރު 8

Next
July 11, 2023

ތަގުދީރު 8

Previews
July 11, 2023

ތަގުދީރު 7

18 Comments!

  1. Naira says:
    July 11, 2023 at 12:53 am

    Hii all. Hope you will like this part.. feel free to comment.. Good night

  2. Anonymous says:
    July 11, 2023 at 4:51 am

    When is next?

    1. Naira says:
      July 11, 2023 at 11:33 pm

      Will upload next part on Thursday Insha Allah

  3. Ifoo says:
    July 11, 2023 at 1:43 pm

    Vv reethi Mi part vs.. Unmeedhu kuran veehaa vs avahah aneh part kiyaalan libeyne kamah

    1. Naira says:
      July 11, 2023 at 11:34 pm

      Thank you.. keep waiting for Thursday

  4. Anonymous says:
    July 11, 2023 at 10:13 pm

    When is next part

  5. ...... says:
    July 11, 2023 at 10:13 pm

    When is next part

    1. Naira says:
      July 11, 2023 at 11:35 pm

      Keep waiting for Thursday

  6. imko says:
    July 12, 2023 at 2:42 pm

    Awww so nice story
    When is next part 💕💗

    1. Naira says:
      July 13, 2023 at 1:28 am

      Thank you.. next part now submitted

  7. imko says:
    July 13, 2023 at 12:29 pm

    When is next part

  8. Aminath Nauryn Waheedh says:
    July 13, 2023 at 6:18 pm

    I am sooo curious to read😭

  9. Someone says:
    July 13, 2023 at 7:09 pm

    Submit kuriyya keehve nufennany

  10. Naira says:
    July 14, 2023 at 12:05 am

    Hey all. As i said i have submitted the 12th part last night. And its still in pending. You will be able to read it onces the admin upload it to the site. Hope you will wait for the next part. Thank you for the support and patience…

  11. imko 💝 says:
    July 14, 2023 at 11:58 am

    I will waiting for next part

  12. Knmes meeheh says:
    July 15, 2023 at 5:10 pm

    Keehve vaahaka kiyaalan nulibenee😩

  13. Anonymous says:
    July 16, 2023 at 2:01 am

    Alhe Kyve tha ehves vaahaka eh up nukuranii???? Hurihaa vAhaka ehves pending ga 🥺

  14. Naira says:
    July 16, 2023 at 5:48 pm

    Now you will be able to see part 12. Thank you

Comments are closed.

Next Episodeވަކިވީ ލޯބިން 12←


All Right Reserved!