Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަގުދީރު 4

ailessh Level 1
July 6, 2023 7 Mins Read
1 Comment

ނާފިއުހެން އޭނާއަކީވެސް ދެފުއްދެގޮތް މީހެއްކަންނޭނގެއެވެ. އެ އޮފީސް ދަތުރު ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެ ނޫން ގޮތެއް ނެތެވެ. އެ ދަތުރު ދާނީ އޮފީސް ދަތުރަކަށް ވީމައެވެ. ވަޒީފާއިން އަމުރަށް ތަބާ ނުވެގެން ވަކި ކޮށްފާނެތީއެވެ. ސާރިމްއަށް އިތުބާރު ކުރެވޭތީއެއް ނޫނެވެ.

*

އެދުވަހު އޮފީސް ނިންމާލުމަށްފަހު ގެޔަށް ގޮސް އުޅުނީ ދަބަހަށް އެއްޗެހި އަޅާށެވެ. ދަނީ ދެދުވަހަށެވެ. އެހެން ކަމުން މާ ގިނަ އެއްޗެހި ގެންދާކަށް ނުޖެހެއެވެ. އޮފީހަށް ދާން ލާ ދެ ހެދުން ދަބަސްތެރެއަށް ލީމެވެ. އޭގެ ފަހުން ޓީޝާޓެއް ގޭގައި އުޅޭއިރު ލުމަށް ލީމެވެ. ދަބަސް ޕެކްކޮށް އެވާހަކަ މަންމަ ކައިރީ ބުނީ ދެނެވެ. މަންމަ އަހަރެންނަށް ހުއްދަ ދޭނެ ކަން އިނގޭތީއެވެ. މަންމަގެ އިތުބާރު އަހަރެންނާއެކު އަބަދުވެސް ވެއެވެ.

“ދަރިފުޅު ގޯސް ގޮތަކަށް ނޫޅޭތި.!” އަހަރެން އެވާހަކަ ބުނުމުން މަންމަ ބުނެލިއެވެ. އަހަރެންވެސް އެއްބަސްވީމެވެ. ދެން ދިޔައީ ޔައިލް އާއި އަޔާން ކައިރިއަށެވެ. ގައުމުން ބޭރަށްދާތީ އެމީހުން ކައިރީ އެވާހަކަ ބުނުމަށެވެ.

ބައިވަރު ހަދިޔާ ގެނެސްދެން ޖެހޭނެކަމަށް އެދި އެކި އެކި ޝަކުވާ ކުރި ވަގުތަކީ ވަރަށް މަޖާ މަދު ވަގުތުކޮޅެކެވެ. ބައްޕަ ނިޔާވި ފަހުން އެންމެން ހީ ސަކަރާތްޖެހި މީ ފުރަތަމަ ފަހަރެވެ.

އެންމެނާ ބައްދަލުކޮށް ނިމުމަށްފަހު ކޮޓަރިއަށް ވަނެ އެނދުމަތީ ޖައްސާލީމެވެ. މުޅި ސިކުނޑީގައި އެވަގުތު ވަށާލީ މިއަދުގެ ހަނދާންތަކެވެ. އިތުރަށް ނާފިއުގެ އުދަނގޫ އަހަރެންނަށް ޖެހޭކަށް ބޭނުމެއް ނޫނެވެ. މިއަދު ކިޑްނެޕްކުރިހެން އެޔަށް ވުރެން މާ ނުބާ ކަމެއް ކޮށްފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ. ނާފިއު އަކީ ކިހާ މަކަރުވެރި ނުބާ މީހެއްހެއްޔެވެ؟

އިތުރަށްދެން ފިރިހެނަކަށް އިތުބާރެއް ނުކުރާނަމެވެ. ލޯތްބެއްވެސް ނުވާނަމެވެ. އެއްވެސް މީހަކަށް ބަރޯސާއެއް ނުވާނަމެވެ. އެ ހިޔާލުތަކުގައި އޮވެ ނިދުނީއެވެ.

ފަތިހާ ހޭލައި ނާސްތާ ކުރުމަށްފަހު އެއާޕޯޓަށް ދިޔައީމެވެ. އޭރު ސާރިމް އާއި ޝަނާޔާ އެތާ ހުއްޓެވެ.

“އަހަރެން ގެންދާށޭ ބުނީމަ ދޮންބެ ނުގެންދި.! ރީން ހިތްހެޔޮ ކުރައްޗެ.!” އަހަރެންނާ ސަލާމްކޮށްލުމަށް އަތްދިކޮށްލަމުން ޝަނާޔާ ބުނެލިއެވެ.

“ޔޫ ވެސް” އަހަރެން ބުނެލީމެވެ.

އިްިރުކޮޅެއްފަހުން ޗެކިންވުމަށްފަހު އެތެރެއަށް ވަނީމެވެ.އެވަގުތުވެސް ސާރިމް އަކާއި އެއްވެސް ވާހަކައެއް ނުދެކެއެވެ. ޕާކިސްތާނަށް ދެވެންދެން އޮތީ އެކަހަލަ ހާލެއްގައެވެ. ޕާކިސްތާނަށް ދުވުނު އިރު އަހަރުމެން ރިސީވް ކުރަން ކާރެއް އައިސް އޮތެވެ. އެ ކާރުގައި ޑްރައިވަރު ދުއްވަން ފެށިއެވެ. އަހަރެންނާއި ސާރިމްވެސް އިނީ ފަހަތު ސީޓްގައެވެ.

“ނާފިއު ކައިރިން ސަލާމަތްވާން ބޭނުންތަ؟” އޭނާގެ އާންމު ރާގުގައި އެއްވެސް އަސަރެއް ނެތްގޮތަށް ބުނެލިއެވެ.

“ކީއްވެ ބޭނުން ނުވާންވީ.” އަހަރެން ބުނީމެވެ.

ވިއްސަކަށް މިނެޓް ދުއްވުމަށްފަހު މިސްކިތެއް ކުރިމަތީ ކާރު ޕާކު ކޮށްލިއެވެ.

“މި؟” އަހަރެންނަށް ސުވާލުކޮށްލެވުނެވެ. އައީ ބިޒްނަސް ޓްރިޕްއެކެވެ.

“ބުނީމެއްނު ނާފިއު ކައިރިން ސަލާމަތްވާން ބޭނުމޭ. އަން.” ސާރިމްގެ ދަބަހުން ކަޅުކުލައިގެ ޝޯލްއެއް ދިއްކޮށްލަމުން ބުނެލިއެވެ. އެ ޝޯލް ދިނުމުން އެއީ ކުރިން ރޭވިފައި އޮތްކަމެއްކަން އެނގުނެވެ.

އަހަރެން ޝޯލް އޮޅާލީމެވެ. އިސްތަށިގަނޑު ނިވާވާނެ ގޮތަށެވެ. ސާރިމް އާއެކު ކާރުން ފޭބީ ވާން އުޅޭ އެއްކަމެއްގެވެސް ހިލަމެއް ނޭނގޭ ހާލުއެވެ.

“އަދިވެސް މިތަނަށް އައި ސަބަބެއް ނާހާނަންތަ” މިސްކިތަށް ވަނުމުގެ ކުރިން ސާރިމް އަހާލިއެވެ.

“ކީއްވެ؟” އަހަރެން ސުވާލުކޮށްލީމެވެ.

“އަހަރުމެން ދެމީހުން ކައިވެނި ކުރަން.” އެހެން ބުނުމުން ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި ދާންވެސް ހިތަށް އެރިއެވެ.

“އެކީއްކުރަން. އަހަރެންނެއް ނޫޅެން. މީ މީހުން ކައިވެނި ކުރާ ގޮތްތަ؟” އަހަރެންގެ ހުރީ ހުސް ޝަކުވާއެވެ.

” ހާން. މިއީ އަހަރެންނަށް އަދި ސަމްރީންއަށްވެސް ރަނގަޅަކަށް. ނާފިއު ކިބައިން ވެސް މިގޮތުން ސަލާމަތްވެވޭނެ.!” ސާރިމް އެހެން ބުނުމުން ޖަހަންވީއޭ ހިތަށް އެރިއެވެ.

“އަދި އެއްވާހަކަ. މިކަން ނުކޮށްފިއްޔާ ޖޮބުން ވެސް ޖެހޭނީ ވަކިވާން. އަދި އިތުރު ތަނަކުން ޖޮބު ނުލިބޭނެ ގޮތްވެސް ހަދާނަން. އަހަރެން މީ ސާރިމް މުހައްމަދު ކަން ހަނދާން ބަހައްޓާތި.” އޭނާ ސީދާ ކުރީ ބްލެކްމެއިލްކަން އެވަގުތު ނޭނގުވެ. އޭނާގެ އެ އިއްވުންދެކެ ބިރު ގަނެވުނެވެ.ކޮއްކޮމެންގެ ކަންކަން ބަލަހައްޓަން ޖެހެއެވެ. ގޭގެ ކުލި ދައްކާން ޖެހެއެވެ. ގޭތެރެއަށް ބޭނުންވާނެ ސާމާނު ގަންނަން ޖެހެއެވެ. އަހަރެން ހިންދިރުވާލުމަށްފަހު އާބަސްބުނީމެވެ.

އެއްހާސް ރުފިޔާގެ ރަނަށް އަހަރުމެންގެ ކައިވެނި ކުރެވުނީ ޕާކިސްތާނު މިސްކިތެއްގައެވެ. އާއިލާއާއި މާ ދުރުގައެވެ. އަހަރެންގެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ނުވާނެކަން އަންގާދެމުންނެވެ. އަހަރެންގެ މަންމަ އާއި ބައްޕަގެ ހުވަފެން ފެނަށް ހަދާލަމުންނެވެ. މިހާރު ހިތަށް އަރަނީ ސާރިމް އަހަރެންނާ ކައިވެނި ކުރި ސަބަބެވެ. އަހަރެންމީ ގޮތެއް ނެތް ކުއްޖާ ވިއްޔާއެވެ. ކައިވެނިކުރި ސެޓްފިކެޓް ލީ ސާރިމްގެ ދަބަސް ތެރައަށެވެ. އަހަރެންހެ އަތުގައި ހިފައި މިސްކިތުން ނިކުތީ ސުންނަތް ދެ ރަކުއަތް ކުރުމަށްފަހުއެވެ.

ކޮންމެ ގޮތަކަށް ކައިވެނި ކުރިއަސް ކުރެވުނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތިންނެވެ. ސާރިމް އަހަރެންގެ އަތުގައި ހިފައި ކާރަށް އެރުވީއެވެ. އަހަރެންގެ ހިތުގައި ހުރި ޝަކުވާތައް ފޮރުވީމެވެ. ނަމަވެސް އަހަރެންގެ ލޯ އެކަމަށް އެއްބަހެއް ނުވިއެވެ.

“ރޮނީތަ؟” ސާރިމް ކާރުގައި ހަމަޖެހިލަމުން އަހާލިއެވެ.

“އަންހެން ކުއްޖަކު އެދުވަހަކަށް އެންމެ އިންތިޒާރު ކުރާ ދުވަސް، އެންމެ ފޮނި އުންމީދުތައް ދެކޭ ދުވަސް މިހެން ވީމަ ދެރަވާނެދޯ.!” އަހަރެން ބުނީމެވެ.

” ބައެއްފަހަރު ހަގީގަތާ ކުރިމަތިލާއިރު ބައެއް ހުވަފެންތައް އަދުން ބީކުރަން ވެސް ޖެހޭނެ” ސާރިމް ބުނެލިއެވެ.

“ކޮބާތަ ހަގީގަތަކީ.؟” އަހަރެން ސުވާލު ކޮށްލީމެވެ.

“އަދި އެނގޭނެ.” ސާރިމް ރައްދު ދިނެވެ.

ކާރު ގޮސް މަޑުކޮށްލީ ފެންވަރު ރަނގަޅު ހޮޓަލެއްގައެވެ. އެތަނުން ކުރިން ދެ ކޮޓަރިވަނީ ބޫކްކޮށްފައެވެ. ވުމައެކު ވަރަށް އަވަހަށް ކޮޓަރިއަށް ދެވުނެވެ.

“އިތުރު ކަމެއް ބޭނުން؟” ކޮޓަރިއަށް ވަނެ ތަޅުދަނޑި ދެމުން ސާރިމް ބުނެލިއެވެ.

“އާން ވަރަށް ގިނަ ކަންކަން ބޭނުން.” އަހަރެން އެހެން ބުނިއިރު ސާރިމް ހުރީ ދޮރު ކައިރީއެވެ.

“ކޮން ކަމެއް؟” ސާރިމް ކޮޓަރިތެރެއަށްވަނެ އެނދުމަތީ އިށީނެވެ.

“ސާރިމް ކީއްވެ. ސާރިމް ކީއްވެ.” އަހަރެންނަށް ރޯން ފަށައި ހަޅޭލަވަން ފެށުނެވެ.

“ސަމްރީން.” ސާރިމް އަހަރެން ރޯން ފެށުމުން ގޮވާލިއެވެ.

“ސާރިމް ކީއްވެހޭ އަހަރެން؟ އަހަރެން ނޫން އިތުރު މީހެއް ހަމަ ނުފެނުނީތަ.؟” އިހުނަށްވުރެ ބޮޑަށް ރޯން ފެށުނެވެ.

“ސަމްރީން ހުއްޓާލަބަލަ.” އަހަރެންގެ ބޮލުގައި ފިރުމާލަމުން ސާރިމް ބުނެލިއެވެ.

“އަހަރެންގެ ގައިގާ އަތްނުލާތި.” އޭނާގެ އަތްދުރަށްލަމުން ބުނެލީމެވެ.

“އެއްވެސް މައްސަލައެއް ނެތް ސަމްރީން ބުނިކަމެއް ކޮށްދޭނަން ވަރިކުރުން ފިޔަވާ.” ސާރިމް ބުނެލިއެވެ.

“ސާރިމް ކީއްވެހޭ ކީއްވެހޭ…” އަނެއްކާވެސް ރޮއެ ގަނެވުނެވެ.

“ސަމްރީން ކިހާ ދެރަ ކަމެއް. ހުއްޓާލަބަލަ. ސަމްރީން އެކަނިތަ އަދި އަލަށް މީހަކާ ތިއިނީ.” އޭނާ ރުޅިވެރިކަމަށް ބަފަލުކޮށްލިއެވެ.

“މައްސަލައަކީ އިނުމެއް ނޫން. އިން ގޮތް. ސާރިމްގެ މައިންބަފައިންގެ ގަބޫލްގަ އަހަރެންގެ މަންމަގެ ގަބޫލްގަވެސް މިކަން ކުރެވޭނެ ދޯ.” އަހަރެން ބުނީމެވެ.

“އަހަރެންނަށް ފެންނަ އެންމެ ރަނގަޅު ގޮތް އެއޮތީ ހަދާފަ. ސަމްރީން ދެން ޖެހޭނީ އަހަރެންގެ ބަހަށް ތަބާވާން.” އާއެކެވެ. އަހަންނަށް އޭނާ ބުނާ ގޮތް ހެދުން ނޫން ގޮތެއް ނެތެވެ. އެއީ އަހަރެންގެ ފިރިމީހާއެވެ. އިރުކޮޅެއްފަހުން ސާރިމް ބޭރަށް ދިޔައެވެ.

ސާރިމް ދިއުމުން އިހުނަށްވުރެ ބޮޑަށް ދެރަވާން ފެށިއެވެ.

“ބައްޕާ..! ބައްޕަ މިއަދު ދުނިޔޭގަ ހުރިނަމަ މިކަން ނުވީސް.. ބައްޕާ…” އަހަރެންނަށް ރޮއެގަނެވުނެވެ. އަހަރެންނަށް ވިސްނެން ފެށީ އެކި ކަންކަމާއެވެ. މިކަން އެނގިއްޖެ ނަމަ ސަމީރައްތަގެ ރިއެކްޝަންއެވެ. ޝަނާޔާއަށްވާނެ ގޮތެވެ. އަހަރެންގެ މަންމަ ނަގާނީ ކޮން ފިޔަވަޅެއް ކަމެވެ. ކޮންމެ ގޮތެއްވިއަސް އަހަރެން މީ މުހައްމަދު ބެއާއި ސަމީރައްތަގެ ޅީ ދަރިއެވެ. ހާނިޔާ އާއި ޝަނާޔާގެ ފަހަރިއެވެ. ސާރިމް އެއީ އަހަރެންގެ މަންމަގެ ދަނބިދަރިއެވެ. ޔައިލް އާއި އަޔާންގެ ޅިޔަނެވެ. ނަމަވެސް އެއިން އެކަކަށްވެސް މިއިން އެކައްޗެއްވެސް ނޭނގޭނެއެވެ. އެކި ވިސްނުމުގައި އޮވެ އަހަރެންނަށްވީ ގޮތަށް ނޭނގެއެވެ. އިނގުނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސިކަމެވެ. ހޭވެރިވީއިރު ސާރިމް އަހަރެން ކައިރީ އިނެވެ.

“މަ އޭރުވެސް ބުނިންދޯ މާ ބޮޑަށް ނުވިސްނާށޭ. މި ގުޅުމެއް އެކަކަށްވެސް ނޭނގޭނެ ސޯ އެކްޓް އޭޒް ނޯމަލް އޭޒް ބިފޯރ. އަހަރެމެންގެ މި ގުޅުމަކީ ސިއްރެއް.” ސާރިމް އެހެން ބުނުމުން ތެދުވެ އިށީނީމެވެ.

“ހާނ.. ސިއްރެއް. ކައިވެނި ކުރެވުނީ މޮޔަކަމުން ކަލޭގެ މޮޔަ ޖުމުލަތަކަށް ހެއްލިގެން. ދުވަހަކުވެސް ދުވަހަކުވެސް ފިރިއެއްގެ މަގާމެއް ނުދޭނަން.” އަހަރެން ހިތުގައި ހުރި އެއްޗެހި ބަންޑުން ކޮށްލީމެވެ. ސާރިމްގެ މޭމަތީ ދެއަތުން ތަޅަމުންނެވެ.

“އަދިވެސް އެޗެކޭ ނުބުނެ އިނީތަ. މިކަން ސަމީރައްތަ އަށް ޝަނާޔާއަށް މީހަކަށް އެނގިއްޖާ ކިހިނެއްހޭ ވާނީ…” އަނެއްކާވެސް ރޮއެގަތީމެވެ. އަހަރެންގެ ގައިގާ އަޅާވޭން ބުނެދޭކަށް ނޭނގެއެވެ.

ސާރިމް އަހަރެންގެ ގައިގާ ދެއަތުން ހިފައި ކައިރިކޮށްލިއެވެ. އޭނާގެ މޭގައި އަހަރެންގެ ބޯ ޖައްސާލިއެވެ. މަދު ސިކުންތުކޮޅަކަށް ހުރިހާ ރިހުމެއް ފިލައި ދިޔަކަހަލައެވެ. ނަމަވެސް އެއީ ސާރިމް ކަން ހަނދާންވުމުން ކުރިއަށްވުރެ ބޮޑަށް ހަށިގަނޑުގައި ވޭން އަޅަން ފެށިއެވެ. އަތުން ކޮށްޕާލެވުނީ އެހެންވެއެވެ.

“އަދި ރަނގަޅަށް ކަމެއްކޮށްދިނަސް ނޯޥެ ސަލާމަތެއް.” ރުޅިވެރިކަމާއެކު ބުނެލިއެވެ.

“މާދަން މާލެ ދާން ތައްޔާރުވާތި. ޓިކެޓް ނަގާފިން.” އެހެން ބުނުމަށްފަހު ސާރިމް ކޮޓަރިން ނިކުމެގެން ދިޔައެވެ.

ނާފިއު އަކީ ދެފުއް ދެގޮތް މީހާކަމަށްވަންޏާ ސާރިމްއަކީ ދެފުން ހަތަރު ގޮތް މީހާއެވެ. އެކިއިރު އެކި ގޮތެވެ. އެއްބާއިރު އިރު ރުޅިއައިހެވެ. އަނެއްބާ އިރު އިރު ލޯބިންނެވެ. ނަމަވެސް ދެން ހީވަނީ ދުޝްމަނެއް ހެނެވެ.

އަހަރެންނަށް އެންމެފަހުން ކައިވެނި ކުރަން ޖެހުނީ އެންމެ ނަފްރަތު ކުރި މީހާއަށާއެވެ. އަހަރެންހެ ދުޝްމަނާއެވެ. އެކި ގޮތް ގޮތުން އަހަރެންނަށް ތަކުލީފު ޖެއްސި ފަރާތާއެވެ. ތަގުދީރު އަހަންނާ މި ކުޅެނީ ކޮންފަދަ ކުޅިގަނޑެއްހެއްޔެވެ. ގަބޫލް ކުރަން ޖެހެނީ މިއީ ތަގުދީރު ކަމެވެ.

އިރުކޮޅަކު އެހެން އޮތުމަށްފަހު ފާހަނާއަށްވަނެ ފެންވަރައިގެން އަސުރު ނަމާދަށް އެރީމެވެ. ނަމާދުކޮށް ނިމުމުން ހިތަށް ތަސައްލީއެއް ލިބުނެވެ. ނަމަވެސް އަދު ނަމާދަކަށް ސަޖިދަ މި ޖެހުނީ ބައްޕަގެ ވަކިވުމަށްފަހު ފުރަތަމަ ފަހަރުއެވެ. އަބަދުވެސް ބައްޕަ ނަމާދު ކުރުމަށް ނަސޭހަތްތެރިވެއެވެ. ބައްޕަގެ ވަކިވުމާއި ގުޅިގެން ކުރިން ނަމާދު ކުރަމުން އައި މިންވަރު މަދުވާން ފެށީއެވެ. ނާފިއުގެ އަވާގައި ޖެހި އިޝްގީ ދުނިޔެއަކަށް ލޯ ހުޅުވުނިއްޔެވެ. އެ ދުނިޔޭގައި ވީ އަހަންނާއި ނާފިއު އެވެ. ހެއްދެވި ފަރާތްމަތިން ހަނދާން ނެތުނީ ނާފިއު އާހެދިއެވެ.

ނަމާދުކޮށް ނިމުމަށްފަހު އެތައް އިރު މުސައްލަ މަތީ މަޑުކޮށްލައިގެން އިނީނެވެ. އެވަގުތަކީ ހިތަށް ހަމަޖެހުން ލިބުނު ވަގުތުކޮޅެކެވެ. އަމާން ކަން އިހްސާސް ކޮށްލެވުނު ވަގުތު ކޮޅެކެވެ.

މުސައްލަ މަތިން ތެދުވީ ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ. ބަލާލިއިރު ހުރީ ސާރިމްއެވެ. އަހަރެންނަށް ލިބުނު ހަމަ ޖެހުން ގެއްލުނު ފަދައެވެ.

“ކާންވީނު.” ބިރިޔާނީ ތައްޓެއް ދިއްކޮށްލަމުން ސާރިމް ބުނެލިއެވެ.

“ނުކާނަން.” ހަގީގަތުގައި އަހަރެން ހުރީ ބަނޑުހައިވެފައެވެ. ނަމަވެސް އަރުތެރެއިން އެއްޗެއް ދިރުވާލާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.

“ކާން ޖެހޭނީ.” ޕާރްސަލް ކުރެވިފައި އިން ތަށި ރޫޅައި ސަމުސަލެއް އޭގެ ތެރެއަށް ލައި އަހަރެންނަށް ދިއްކޮށްލިއެވެ. ރުޅި އައިސްގެން ތަށި ހޫރާލަން ވީ އޭ ވެސް ހިތަށް އެރިއެވެ. ބިރިޔާނީ އަކީ އަހަރެން ކާ ހިތްވާ އެއްޗެއް ނޫނެވެ. އެޔަށް އަޅާފައި ހުންނަ ނަޓްސް އާއި ހިކި މޭބިސްކަދުރުގެ ރަހަ ބަތާއި އެކުވުމުން ކަމަކުނުދެއެވެ. އެއަށްވުރެންވެސް ބޮޑަށްފޫހިވީ ސާރިމް އެ ދިނުމުންނެވެ.

“ބޮޑާ ނުހާކާ ކާންވީ އިނގޭ.” އަހަރެން އެ ނުކާނަމޭ ބުނެ ގަދަ ދައްކަން ފެށުމުން ސާރިމްބުނެލިއެވެ.

“އެއްފަހަރުވެސް، އެއްފަހަރުވެސް ބުނެބަލަ ކީއްވެ މިކަން ކުރީ.؟ އޭރުން ސާރިމް ބުނި ކަމެއް ކޮށްގެން ބުނި ގޮތަކަށް އުޅޭނަން. އަހަރުމެން ކަހަލަ ނިކަމެތިންނަށް ތިކަހަލަ މުއްސަނދިންނަކާއި އަރާ އަރަފޯދިގެންނެއް ނުވޭ. އެތައް ގުނައެއް ތަފާތު. އެކަމް އޭގެ މާނައަކީ ބޭނުންހާ ގޮތެއް ހެދޭނެ އެކޭ ނޫން.” އަހަރެން ރޮއެއްގަތީމެވެ.

“ސަމްރީން ވަގުތު ޖެހުނީމަ ހުރިހާ އެއްޗެއްވެސް ކިޔާދޭނަން.! ގޮތްދޫކޮށްގެން ކެތްތެރިވޭ.” އޭނާގެ އަޑުގައިވީ މަޑުމައިތިރި ކަމެވެ. ނަމަވެސް އެ މަޑުމައިތިރިކަން ރުޅިއަށް ބަދަލުވާން މާ ގިނައިރެއް ނުނަގާނެއެވެ.

އަހަރެން މަޑު މަޑުން އިނީމެވެ.

“ކާށޭ..” ބަތް ސަމުސަލެއް ދިމާ ކޮށްލަމުން ބުނެލިއެވެ.

“އަހަރެން ކާއެއްޗެއް ނޫންތީ.!” އަހަރެން އެ ބަހަނާ ދެއްކީ ނުކާންވެގެން ނަމަވެސް އެއީ ދޮގެއް ނޫނެވެ.

“ކުރިންވެސް ތިހެން ބުނި ނަމަ، ކޯންޗެއްތަ ދެން ކަނީ.؟” ސާރިމް އެހެން ބުނުމުން އެއްޗެކޭ ނުބުނެ ގޮސް އެނދުމަތީ އަރައި އޮށޯތީމެވެ. ރަޖާގަނޑު މޫނާ ހަމައަށް އަރައި ފޮރުވާލީމެވެ.

“ހަލޯ، ޝަނާޔާ. މިއުޅެނީ ރީން، އުހޫން ސަމްރީން ނުކައިގެން” ސާރިމް އެ ހިސާބަށް ބުނި އަޑު އިވުނެވެ. ދޮރު ލެއްޕި އަޑުން އަހަރެންނަށް އޭނާ ބޭރަށް ދިޔަކަން ޔަގީންވިއެވެ.

ފޯނުނނަގައި އޮންކޮށްލީމެވެ. އޭރު ޝަނާޔާގެ ދެތިން މެސެޖު އައިސްއިނެވެ. މިއަދު މިވީ ކަމު ނުވަތަ މިއަދު އަލަށް ފެށުނު ގުޅުމުގެ ސަބަބުން ޝަނާޔާ ކުރިމަތިލުންވާނީ އުދަނގޫ ކަމަކަށެވެ. ޝަނާޔާގެ މެސެޖްތައއ ސީން ނުކޮށް ފޯނު އޮފްކޮށްލީމެވެ. މީހަކާ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ.

އަނެއްކާވެސް އިރުކޮޅެއްފަހުން ސާރިމް ތަށިތަކެއް ހިފައިގެން އައެވެ.

“މި ކެވޭނު” އަތުގައި ހުރި ކޭފްސީ ލޯގޯ ޖަހާފައި ޕެކް ކޮށްފައި ހުރި ތަށިތައް ދައްކާލަމުން ބުނެލިއެވެ.

އަހަރެން އެނދުމަތިން ނުތެދުވުތާ އަނގައިން އެއްޗެކޭ ވެސް ނުބުނަމަވެ.

“ކާން އަންނާށެ. ތިހަންއިންދަ މަރުވެދާނު.” ސާރިމް އޭނާގެ އާންމު ރާގުގައި ބުނެލިއެވެ.

“މަރުވިއްޔާ މާ ރަނގަޅު.” ފޯނު ނަގައި އޮންކޮށްލީ އެއްޗެކޭ ނުބުނާށެވެ.

“ސަމްރީން.، ކީކޭތަ ނާފިއު ކިޔަނީ ހޫމް ބޭބީ.. ބޭބީ ޕްލީޒް ކާން އާދޭ.” ސާރިމް އަހަރެންނަށް ކޮށްލީ މަލާމާތެކެވެ.

“ކެވިދާނެ. އެކަމް ޝަރުތެއްގެ މަތިން.” އަހަރެން ވިސްނާލުމަށްފަހު ބުނީމެވެ.

“އެއީ ކޮން ޝަރުތެއް؟” ސާރިމް އަހާލިއެވެ.

“ކާ ނިމޭއިރަށް ފޯނު އަންލޮކް ކޮށްފަ އަހަރެންނަށް ދޭން ޖެހޭނެ.” ބޭނުންވީ ޝާޔަލްއާއި ކޮށްފަ ހުރި މެސެޖްތައް ބަލާށެވެ. ނާފިއު އޭ ކިޔައިގެން އަހަރެންނާ ދިމާލަށް އެ ކުރި މަލާމާތަށް ރައްދެއް ދޭށެވެ.

“އޯކޭ.! އެކަމް މަގޭ ފޯނު ކީއްކުރަން.” ސާރިމް އެއްބަސވެ ކޮށްލީ ސުވާލެކެވެ.

“އޫމް… ޔޫ ނޯ އައިމް އަ ޓައިޕިކަލް ވައިފް. އެހެންވެ.” އަހަރެން ސާރިމްގެ ކައިރިއަށް ގޮސް އޭނާގެ މޫނުގައި ފިރުމާލަމުން ބުނެލީމެވެ.

އަދި ކައިރީ އިން ގޮނޑީގައި އިށީނީމެވެ.

“އޯ ރިއަލީ… ދެންމެ ބުނި އަހަރެންމީ ހަސްބެނޑްކަމަށް ގަބޫލެއް ނުކުރާނަމޭ.” ސާރިމް ބުނެލިއެވެ.

“އެއީ ދެންމެއެއްނު.” އަހަރެން އެހެން ބުނެ ކާން ފެށީމެވެ. ބަނޑުހައިވެފައި ހުރިވަރުން ކަމެއް ނޭނގެއެވެ. އޭނާ ގެނާސް ހުރި ހުރިހާ ކާއެއްޗެއް ހުސްކޮށްލެވުނެވެ.

“ކޭމާޓް.” ސާރިމް އަހަރެން ކައި ނިމުމުން ފޯނު ދިއްކޮށްލަމުން ބުނެލިއެވެ.

މެސެންޖާއަށް ވަނެ ޝާޔާލްގެ ޗެޓްލޮގަށް ވަނީމެވެ.

“ސާރިމްއަށް އިތުރު މީހަކާ ނީނދެވޭނެ. ސަމީރައްތަ ގަބޫލެއްވެސް ނުވާނެ.” އަހަރެންނަށް އެ މެސެޖު މަޑުމަޑުން ކިޔާލެވުނެވެ. އެވަގުތު ސާރިމް އަހަރެންނާއި ދިމަލަށް ބަލައިލާ ފޯނު ދަމައިގަތެވެ.

“އަހަރެން ފޯނު ދިނީމަ އޭގެ މާނައަކީ ޝާޔަލް ކޮށްފަ ހުރި މެސެޖުތައް ކިޔާށޭތަ.؟” ސާރިމްގެ ރުޅިގަދަ ރާގުގައި ބުނެލިއެވެ.

“ހާން.. ބަލަން ޖެހޭނެއްނު، ނާފިއު ދޯކާ ދިންހެން ހަމަ ތިޔާ މީހާވެސް ދޯކާ ދީފާނު.” އަހަރެންވެސް ދުލެއް ނުކުރަމެވެ.

“އެއީ ނާފިއުއެއްނު. މީ ސާރިމް މުހައްމަދު. އެކަން ސަމްރީން ނޫރް އަލީ އަށް އިނގެން ޖެހޭނެ.” އެހެން ބުނުމުން އަހަރެން ކައިރިއަށް އައީ ރުއޅިއެވެ.

“ހާން ތިއެއް ނޭނގެ. އޮފީސް ދަތުރޭ ކިޔާފަ ގެނާސް ބަހައްޓާފަ ހަމަ ދޯކާ ދިނީ. މި ފިރިހެނުންނަށް ދޯކާ ދިނުން ނޫން ކަމެއް ނޭނގެ ކުރާކަށް.” އަހަރެން ބާރުބާރަށް އެއްޗެހި ގޮވަން ފެށީމެވެ.

“އަދި ސާރިމްގެ ގޮތް ސަމްރީންއަށް ނޭނގިގެން ތިޔަ އުޅެނީ.” ސާރިމް ބުނެލިއެވެ.

“ތިޔަ ސާރިމަށް މި ސަމްރީންގެ ގޮތް ނޭނގޭނީ. ޔަގީނުންވިއްޔާ އަހަރެންގެ އާއިލާވެސް ނޭނގޭނެ.” އަހަރެން ބުނެލީމެވެ. ކުރިއަށް ވުރެން ބާރަށެވެ.

“އަހަންނަށް އިނގޭ. ތީ ހައްވަގެ، އަހަރެން މައިޓުގެ ދޮށީ އަންހެން ދަރި. ސަމްރީންގެ ހަގަށް ދެ ފިރިހެން ކުދިން ތިބޭ. ޔައިލް ގްރޭޑް ހައެއްއްގަ. އަޔާން ގްރޭޑް އަށެއްގަ.” ސާރިމް އަމުނާލިއެވެ. ކޮންކަހަލަ މީހެއް ހެއްޔެވެ.

“އެއީ އާއިލާތާ. މަ ގޮތެއް ނޭނގޭނު.” އަހަރެން ވަރަށް ފޮނިވެލާފައި ބުނީމެވެ.

“ސަމްރީން ނޫރް އަލީ. ބާވިސް އަހަރު. މ.ނޫރާނީގެ. ދެން 23 މާޗް 2000” ސާރިމް ކިޔާލިއެވެ. އަހަރެންގެ ދެލޯ ބޮޑު ކޮށްލެވުނީއެވެ.

“އަހަރެންގެ ގޮތް ތިމީހާއަށް ނޭނގޭނީ.” ސާރިމް ބުނެލިއެވެ.

“އިނގޭނެ. ސާރިމް މުހައްމަދު، ޓްވެންޓީ ފައިވް. އައި ޑޯނޯ ޔއަރ ބާތްޑެ” އަހަރެން ކިޔާލީމެވެ.

“ހާދަ ޒުވާން ކޮށްލީ. އަހަރެންނަށް ހަތާވިސް ވެއްޖެ. އެހެންމެ ބަލި ގަބޫލް ކުރޭ.” ސާރިމް އަހަރެންގެ ބުރަކަށީ ޖަހާލަމުން ބުނެލިއެވެ.

އަހަރެން އޭނާ ކުރިމަތީ ބަލިވީތާއެވެ. އެނދަށް އަރައި ގޮސް އޮށޯތީ އޭނަ ކުރިމަތީގައެވެ. ވީ ކަޑައެއްގެ ބޮޑު ކަމުންނެވެ.

*

އޭގެ އަނެއްދުވަހު މާލެއަށް އައީމެވެ. ކުރިއާ މިހާރާއި ވަރަށް ތަފާތެވެ. އަހަރެން މާލެ މިއައީ މީހެއް އަތްބެއްގެ ގޮތުގައެވެ. އެންމެ ގާތް އެކުވެރިޔާގެ ފަހރީގެ ގޮތުގައެވެ. މިއީ ސިއްރު ކައިވެންޏެކެވެ.

ގެޔަށް ދެވުމުން މަންމަ ފެނުމާއެކު އަހަރެން ދެރަވިއެވެ. އަހަރެންގެ ހިތުގައި ރިއްސަމުން ދިޔަ މިންވަރު އިތުރުވިކަހަލައެވެ. ދޯކާ ދެވުނީ އަހަންނަށެވެ. އަހަރެންގެ މަންމަ އަށެވެ.

ކޮޓަރިއަށް ވަނެ އެނދުމަތީ ޖައްސާލެވުނު ހެންނެއް ހިޔެއް ނުވެ މަންމަ ކޮޓަރިއަށް އައެވެ.

“ދަރިފުޅާ ނާފިއު އާއި ރުޅިވީތަ؟” މަންމައަށްވެސް އެ ޚަބަރު ލިބުނީތާއެވެ.

“ހޫމް.” އަހަރެން އަޅުވާލީމެވެ.

 

ނުނިމެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ވަކިވީ ލޯބިން 9

Next

ބޭއިންސާފުވެރި ތުހުމަތު – ލައިލަތުގެ ނަޒަރުން

Next
July 6, 2023

ބޭއިންސާފުވެރި ތުހުމަތު – ލައިލަތުގެ ނަޒަރުން

Previews
July 6, 2023

ވަކިވީ ލޯބިން 9

One Comment

  1. Ifoo says:
    July 6, 2023 at 4:12 pm

    Vvv reethi Mi part vs.. Knirakun aneh part kiyaalan libeynee…avahah aneh part kiyaalan dhehcey 😩

Comments are closed.

Next Episodeތަގުދީރު 5←


All Right Reserved!