Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީ ލޯބިން 7

Naira Level 1
July 2, 2023 5 Mins Read
5 Comments

“ކީއްވެ އެއްޗެކޭ ނުބުނީ… އަޝްވާއާއި ސައިފް މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟” ނުހަނު ސީދާލަށްކޮށްލި ސުވާލާއިއެކު ސައިއްތަ އަހަރެންގެ މޫނަށް ބަލާލި ނަަޒަރުންވެސް އަހަރެންގެ ހިތްތެޅިގަތެވެ. ވަގުތުން ހިންދިރުވާލެވުނުއިރު ހިންދުގެ ނަޒަރު ވެސް އަހަރެންގެ މޫނަށް ހުއްޓުނުކަން އިނގުނެވެ.

“އަޝްވާ އެގޮތަށް އަންގާނުލާ ފުރައިގެންދިޔައިމަ އަދިވެސް އަހަންނަށްވެސް މިހުރެވެނީ އަޝްވާދެކެ ހިތްހަމަނުޖެހިފައި… އަދި ސައިފްއަަށް ކިހިނެތްވާނީ ސައިއްތާ… އެންމެ ކުރީއްސުރެވެސް އެންމެ ގާތްކޮށް އުޅުނު ދެމީހުންމީ… އެކަމަކު އެހާ ބޮޑުކަމެއް ކުރިއިރު އަޝްވާ ސައިފްގާތުވެސް ބުނެލީކީ ނޫން…” ހިންދު އެވަގުތު ވާހަކަދެއްކުމާއިއެކު އަހަންނަށް ހިންދުއާއި ދިމާލަށް ބަލާލެވުނީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.

“އާނ… ސަައިފްގެ ދިރިއުޅުމުގެ އެންމެ ބޮޑެތި ކަންތައްތައް ހިނގައިގެންދިޔައިރު އަޝްވާ ނެތް ސައިފް ކައިރިއަކު… އާޝާލް ބަލިވި ފަހުން ވަރަށް ބޮޑު ހާސްކަމެއްގެތެރޭގައި ސައިފްވެސް އުޅެންޖެހުނީ… ދައްތައަށް ބޮޑަށް ހީވަނީ އަޝްވާދެކެ ހިތްހަމަނުޖެހުމަށްވުރެ ބޮޑަށް އެހުރިހާކަމަކާއި ސައިފް މާބޮޑަށް ހިތްދަތިވީހެން…” ސައިއްތަ ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ ވާހަކަދެއްކިއިރު ފުން ހިޔާލެއްގައި ހުރިފަދަައެވެ.

“ވީކަމެއްވެގެންދިޔައީ.. ސައިފްގެ ހުންނާނެ ގޮތްދޫނުކުރާގޮތެއް.. ދައްތަ ބުނާނީ އަޝްވާ ސައިފްއާއި ވާހަކަދައްކައިގެން ތި ދެމެދުގައި އޮތް މައްސަލައެއްވިއްޔާ ހައްލުކުރާށޭ… ނުލާހިކު އެއްކޮށް ބޮޑުވެގެން އައި ދެކުދީން ތީ.. މީހަކު ނުވެސް ބުނާނެ އަޝްވާގެ ބަދަލުގައި އަހަރެންގެ ޅީދަރިއަަކަށް ޢާޝާލްވާނެއެކޭވެސް…” ސައިއްތަގެ އެންމެ ފަހު ޖުމްލައާއިއެކު އަހަންނަށް އިސްޖަހާލެވުނެވެ. އެއީ މާޒީގައި މަންމަގެ ފަރާތުންވެސް އަހަންނަށް އަޑުއިވިފައިވާ ބަސްތަކެކެވެ. އަދި އެއީ ފުރާވަރު އުމުރުއްސުރެ އަހަރެން ދެކެމުން އައި އެންމެ ބޮޑު ހުވަފެނެވެ. މުސްތަޤުބަލުގެ ކުލަ ހުވަފެންތައް ސިކުނޑީގައި ކުރަހަމުން ދިޔައިރުވެސް އަހަރެންގެ ހިތުން ހަޔާތު ބައިވެރިއެއްގެ މަޤާމު އަބަދުވެސް ދެވިފައިވީ ސައިފްއަށެވެ.

“އޭތް… ދެން އަނެއްކާވެސް އަހަންނަށް ޝުކުރުއަދާކުރާނީކީ ނޫން… ސައިއްތަ އެހެން އެހުމުގެ ކުރީން މިހާދުބެވެސް އަހަން ނާއި ސުވާލުކުރި… އަހަންނަށް އިނގޭ އަޝްވާ ސިއްރުކުރަން އުޅުނަސް އެންމެންނަށްވެސް ފާހަގަކުރެވޭނެކަން… އަޝްވާ ބަލިވެއޮތްއިރު ސައިފް ވަދެވެސްނުލާވިއްޔަ… އަހަރެންވެސް ހިޔެއްނުކުރަން އެހެން ހަދާނެއެކޭ… ވީކަމެއް ނުވާކަމަކަށް ނުހެދޭނެ ގައިމަކުވެސް….” ސައިތަބަށް ހިފައިގެން ސައިއްތަ ނިކުމެގެންދިޔުމާއިއެކު ހިންދު އަހަރެންގެ ގައިގައި ކޮށްޓާލިއެވެ. އެއާއިއެކު ހިންދު ދައްކަން ފެށި ވާހަކައަކުން އަހަރެންގެ އިތުރަށް ހައިރާންވާގޮތްވިއެވެ. އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައްޕައަށް އެކަން ފާހަގަވެދާނެކަމަކަށް އަހަރެން ހިޔެއްވެސްނުކުރަމެވެ. އަމިއްލަ ހިތުގައި އަތްއަޅާލައިގެން ނަމަވެސް ހުރިހާ ކަމެއް ސިއްރުކޮށްގެން ހުރުމަށް އަހަރެން ހުރީ ނިންމައިގެންނެވެ. އެކަަމަކު ސައިފްގެ އެއްބާރުލުމެއްނެތި އެކަން އެގޮތަށް ވެދާނެބާވައެވެ؟

“ހިންދު އެއްކަލަ ރޭ ވަރަށް ބޯކޮށް ވާރޭ ވެހެނިކޮށް ހިންދު ގެއަށް ދިޔައީމެއްނު… އެރޭ ފަހުން އަަހަރެން ކައިރީގައި ހުންނަން އެއްވެސް މީހަކު އައިތަ؟” ހިންދުގެ ވާހަކަ ނިމުމާއިއެކު ކަމެއް ހަނދާންވެގެންކަހަލަގޮތަކަށް އަަހަރެން ވަގުތުން ސުވާލު ކުރީމެވެ.

“ނޫން ހިޔެއްނުވޭ… މަނާލް އަންނަ ވާހަކަ ބުނީމަ އަހަރެން ގެއަށްދިޔައީވެސް… ގެއަށް ދިޔަަފަހުން އަހަންނަށް ގުޅާފައި ބުނީ ނުދެވޭނެ ވާހަކަ… މަންމަ ބަލިކޮށް އުޅޭތީވެ އަަހަންނަށްވެސް ދެން ފަހުން ނާދެވުނީ… އަނެއްކާ ވާރޭވެހުނީވެސް މީހަކަށް ބޭރަށްވެސް ނިކުމެވޭކަަހަލަގޮތަކަށްނޫން… އެކަމަކު އަހަރެން ބުނިން އަޝްވާ އެކަނި ނުބާއްވައްޗޭ…” ހިންދު ވާހަަކަދައްކަމުން ދިޔަވަރަކަށް އަހަރެންގެ ހައިރާންކަން އިތުރުވަމުންއައެވެ. ހިންދުއާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ހިންދު ވާހަކަތައް ޤަބޫލުކުރުމާއިމެެދު ގޮތެއް ނުނިންމިފައެވެ.

“އެކަމަކު އަހަންނަށް ހީވީ އެރޭ އަހަރެންގެ ކައިރީގައި މީހަކު އުޅުނުހެން…” ހިޔާލަަކަށް ގެއްލިފައި އިނދެ އަހަރެން ވާހަކަ ދެއްކިއިރު ހިންދުގެ ދެބުމަވެސް ގާތްވެލައިގެންދިޔައެވެ. އެއްވެސް މީހަކަށް ނޭނގުނަސް އެވިއްސާރަ ރޭގެ މެންދަމު އަހަރެން އޮތީ ހުމާއި ފިހިފިހިއެވެ. ހުންގަދަވެގެންގޮސް މުޅިގަޔާއި ލޮލުން އާވިއަރަމުންދިޔައިރު އަަހަރެންގެ ބޮލުގައިވެސް ރިހެމުންދިޔައީ ކެތްވާފަަދަ ގޮތަކަށްނޫނެވެ. ރަޖާގަނޑުގެ ތެރޭގައި ފޮރުވިގެން އޮވެއޮވެފައި ކެތްނުކުރެވޭވަރުވުމުން މީހަކަށް ގޮވަންދާންވެގެން އެނދުން ތެދުވުނުކަން އަހަންނަށް އިނގުނެވެ. އެއާއިއެކު މޫނުމައްޗަށް އަނދިރިވެގެންދިޔުމާއިއެކު ދެންވީގޮތެއް ނޭނގުނެވެ.

ލަސްލަހުން އަހަރެން ހޭވެރިކަންވަމުން އައިރު ފިނި އެއްޗެއް މޫނުމަތީގައި ކޭއްތެމުންދިޔަ ކަހަލަ އިޙުސާސެއް ކުރެވުނެވެ. އޭރު ކޮންމެވެސް މީހެއްގެ އަތުން އަހަރެންގެ ބޮލުގައި ފިރުމަމުންދިޔަކަން އިނގުނެވެ. ހުންގަދަވެގެން ދެލޮލުން އާވިނަގާވަރުން އަހަންނަށް ދެލޯ ހުޅުވާލާނޭހާ ހިތްވަރެއްނުކުރެވުނެވެ. ރަނގަޅަށް ނުނިދި ނުހޭލެވި ދެބަދޭތެރޭގައިކަހަލަ ގޮތަކަށް އޮވެވުނުއިރުވެސް ކޮޓަރިތެރޭގައި މީހަކު އުޅެމުންދިޔަކަން އަހަންނަށް އިނގުނެވެ. ބައެއްފަހަރު ބަަރުފިޔަވަޅުގެ އަޑާއިއެކު މޭޒުމަތީގައި އެއްޗެހި ބަހައްޓާ އަޑު އަހަރެންގެ ކަންފަތާއި ހަމަޔަށްފޯރިއެވެ.

“އަހަންނަކަށް ނޭނގެ… އަޝްވާ ތިގޮތަށް އުޅޭތަން ދެކޭކަށް އަހަރެންގެ ހިތަކަށް ކެތެއްނުވޭ…” ގަދަ ހުމުގެ ސަބަބުން ރަތް ވެފައިވީ އަހަރެންގެ ކޯތާފަތުގައި ފިރުމާލަމުން އެމީހަކު ބުނެލި އަޑު އަހަރެންގެ ކަންފަތާއި ހަމަޔަށް ފޯރީ ނުހަނު އަޑު ނުސާފުކޮށެވެ. އެއާއިއެކު އަހަރެންގެ ނިއްކުރީގައި ބީހިލާފައިދިޔަ ކަރުނަތިކީގެ ފިނިކަން އަަހަންނަށް އިޙުސާސްކުރެވުނެވެ. އަހަންނަށް ޔަޤީންވީ ފަތިސްވާންދެންވެސް އަހަންނަށް ހޭހަންކޮށްދެން އެމީހަކު އަހަރެންގެ ކައިރީގައި ހޭލާއުޅުނުކަމެވެ. ހެނދުނު ހޭލެވުމަށްފަހު އެއީ ހުވަފެނެއްކަމަށް ހީކުރެވުނަސް މޭޒުމަތީގައި ފެން އަޅާ ފުރާފައިހުރި ބޯތައްޓާއި ތެތްތުވާލިކޮޅުތައް ފެނުމުން ވެސް އެއީ އަހަންނަށް ހީވިހީވުމެއް ނޫންކަން ޔަޤީންކުރެވުނެވެ.

“ސައިފް…” ދޫމައްޗަށް އައި ފުރަތަމަ ނަމާއިއެކުވެސް އަހަންނަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ. އަހަންނާއި އެއްފުރާޅެއްގެ ދަށުގައި ވެސް ހުންނަން ބޭނުންނުވެގެން އުޅޭ މީހަކު އަހަރެންގެ ކޮޓަރިއާއި ހަމަޔަށް އައިސްދާނެހެއްޔެވެ؟ އަނެއްކާ އެއީ މަންމައަށް ނުވާނެ ބާވައެވެ؟

“އޭނ… އަދިވެސް އެކަމާތަ ތި ވިސްނަނީ… ވެދާނެއެއްނު އަޝްވާއަށް ހީވިގޮތަކަށްވެސް.. ނޫނީ ވެދާނެ ހަމަ ފަހުން މިންނާއްތަމެން މީހަކު އައީކަމަށްވެސް.. އަޝްވާ އޮޅުންފިލުވަން ބޭނުމިއްޔާ މިންނާއްތަ ކައިރީގައި އަހާލަންވީނު…” އަަހަރެން ހިޔާލަަކަށް ގެއްލެމުންދާ ކަން ފާހަގަވެފައި ހިންދު އަހަރެންގެ ކޮނޑުގައި ހިފާ ހަލުވައިގަތެވެ. ހިންދުގެ ބޭނުމަކަށްވީ ކަންކަމާއިމެެދު އަހަރެން މާބޮޑަށް ވިސްނާ ފިކުރުކުރުމުގެ ފުރުސަތު ނުދިނުންކަން އަހަންނަށް އިނގުނެވެ.

އަހަރެން ދެފަރާތަަކަށް ބޯހޫރާލަމުން ހިންދުއަށް ހިނިތުންވުމެއް ހަދިޔާކޮށްލީމެވެ. އެވަގުތަށް ހިމޭންކަން އިޙްތިޔާރުކުރިޔަަސް ހިންދުއާއި ކުރިމަތިކުރަން ބޭނުންވި އެތައް ސުވާލެއް އަހަރެންގެ ސިކުނޑީގައި ބުރުޖަހަމުންދިޔައެވެ. އަހަރެން އެނބުރިއައިރު ހާލަތު ބަދަލު ވެފައިވީގޮތުން އަހަރެން އިނގެންބޭނުންވާ އޮޅުންފިލުވަންޖެހޭ އެތައްކަމެއް ސިކުނޑިތެރޭއަށް ގިނަވެފައިވެއެވެ. ޢާޝާލްއާއި ސައިފްގެ ޒަވާޖީ ހަޔާތުގެ ސަފުހާތަކާއި އަހަރެންގެ ނެތްދުވަސްތަކުގައި ގޭތެރޭގައި ހިނގާދިޔަ ހުރިހާކަމެއްހެން އިނގެން ބޭނުންވިޔަސް އެ މައުޞޫއުއަށް ވާހަކަދެއްކޭނީ އެކަމަށް އަމިއްލަ ނަފްސުވެސް ތައްޔާރުކޮށްގެންނެވެ. އަމުދުން އަހަރެންގެ ސުވާލުތަކަށް ހިންދުއަށްވުރެ ފުރިހަމައަށް ޖަވާބުދެވޭނީވެސް ސައިފްއަށެވެ.

އިރުއޮއްސިގެންދިޔުމާއިއެކު ރަތާއި އޮރެންޖުކުލައިގެ ވިލާތަކުގެ ވާދަވެރިކަމުން އުޑުގައި ކުރެހުންތެރިއެއްގެ ފިހި ހިންގާލި ފަދައެވެ. އިރުގެ ރަންދޯދިތައް ދުނިޔެމަތީން ފުހެވި ދޫނިތައް އެސޮރުމެންގެ ހާއްޔާއި ދިމާލަށް މިސްރާބު ޖަަހަމުންދިޔައިރު އެ މަންޒަރު ދެކެން އަހަރެން އިނީ އަނބުގަހުގައި އެލުވާފައި އިން ޖޯލީގައެވެ. ޖޯލީގެ ވާގަނޑުގައި ހިފަހައްޓާލައިގެން އިނދެ ލަސްލަހުން ޖޯލި ހެއްލަމުން ދިޔަވަރަކަށް ޖެހެމުންދިޔަ ވައިރޯޅިތައް އަހަރެންގެ ހަށިގަނޑުގައި ބީހެމުންދިޔައިރު އިޙުސާސް ކުރެވެމުންދިޔަ ފިނިކަމުން އަހަރެން އިނީ ހީކަރުވައިގަންނަ ގޮތްވެފައެވެ. ދެއަތްމެޔާލައި ބޮޑިކޮށްލައިގެން އިނދެފައި އަހަރެން އިސްއުފުލާ މައްޗަށް ބަލާލީމެވެ. އޭރު އިރުއޮއްސިގެންގޮސް ދުނިޔެމައްޗަށް އަނދިރިކަންވެރިވެގެން ގޮސްފިއެވެ. އަނބުގަހުގެ އޮފިތަކުގެ ތެރެއިން އަނދިރިވެފައިވާ އުޑުމަތީ ހާމަޔަށް ފެންނަން އޮތެވެ.

“އަޝްވާ…” ގޭގެ ދޮރާށި ޖެހިގެންދިޔަ އަޑާއިއެކު އަހަރެން ބޯތިރިކޮށްލަމުން ބަލާލިއިރު ޝުޢާ ގޯތިތެރެއަށް ވަދެގެން އައީއެވެ.

“ހަންޑި ހެދިފައި މިތާ ތިއޮތީއޯ؟’ އަތުގައި ހުރި ތަށި ހިފައިގެން އައިސް އަހަރެން އިން ޖޯއްޔާއި ކުރިމައްޗަށްވާ ގޮތަށް އެލުވާފައި އިން ޖޯލީގައި ޝުޢާ އިށީދެލިއިރު އަަހަންނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެއީ އެންމެ ކުޑައިރުވެސް ސައިފްއަށް ހާއްސަ ޖޯއްޔެވެ. ކުޑައިރު އަހަރެން ރޮއްވާލާފައިވެސް އެ ޖޯއްޔަށް އެރުމުން ސައިފްއަށް ލިބެނީ ކޮން އުފަލެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ބޮޑުވެގެން އައިރުވެސް ސައިފް އުޅޭވަގުތަކު ސައިފް ނޫން މީހަކު އެ ޖޯއްޔަށް އެރިޔަކަ ނުދޭނެއެވެ. ސައިފްގެ ނަން އެ ޖޯލި އެލުވާފައި އިންނަ އޮފިގަނޑުގައި އަހަރެން ވަޅިއަކުން ކަނޑާނެގީ މީގެ ހަތަރުއަހަރުކުރީންނެވެ. މިހާރު އެ އޮފިގަނޑުގެ އެބައި ފީވެ ކިރިޔާ ގަހާއި ވަކިނުވެ އިންކަމެވެ.

“އިރުއޮއްސޭތަން ބަލަން ނިކުތްގޮތަށް ހަމަ އޮވެވުނީ… ޝުޢާ ކަމަކުތަ؟” ޝުއާގެ ވާހަކަހުންނަ ގޮތުން ބައެއްފަހަރު އަހަރެން ވަރަށް ސައިފްމަތީން ހަނދާންވެއެވެ. އަހަރެމެން އެންމެ އެއްކޮށް އުޅުނުދުވަސްވަރު ސައިފްގެ ވާހަކަވެސް ހުންނަނީ އެކަހަލަ ގޮތަކަށެވެ. ކޮންމެކަމަކާއި ގުޅުވާފައިވެސް ސަމާސާއެއްކޮށްނުލާ ހިތްހަމައެއްނުޖެހޭނެއެވެ. ހާއްސަކޮށް އަހަރެންނާއި ދިމާކޮށް ރުޅިއަރުވާލުމަކީ ސައިފްއަށް ލިބޭ އުފަލެއްފަދައެވެ.

“ސައިފްކައިރިއަށް މިއައީ… މިއަދު އަދި ބޭބީކޮޅުވެސް އުރާނުލެވޭ… ހަވީރު ޒޫކް އަންނަން އުޅެންހެދީމަ ރީތިކުރިތަނާހެން  ނިދައިފި… ޢީޝްއަށް ޒޫކް މާވަރެއްވިއްޔަ ހުންނަނީ….” ޝުޢާ ވާހަކަދައްކަމުން ޖޯލިން ތެދުވުމާއިއެކު ޝުއާގެ ފަހަތުން ގެއަށް ވަންނަންވެގެން އަހަރެންވެސް ހިނގައިގަތީމެވެ. ގެއަށްވަތްގޮތަށް ޝުއާ މަތީބަޔަށް ދިޔުމުން އަހަރެން ބަދިގެއަށް ވަތް ގޮތަށް އުޅުނީ ރެޔަށް ކެއްކި އެއްޗެހި ހޫނުކުރަންވެގެންނެވެ. ރިހަކޮޅާއި ކުޅިމަސްކޮޅު ހޫނުކޮށް ތެލިތަކުގައި މަތިޖަހާލުމަށްފަހު އަހަރެންވެސް ކޮޓަރިއަށްދިޔައީ ފެންވަރާ ނަމާދުކޮށްލާށެވެ.

އިޝާ ނަމާދުކޮށްލައިގެން އަހަރެން ކޮޓަރިން ނިކުމެގެން އައިރުވެސް އާޝާލްގެ ކޮޓަރީން ޝުޢާއާއި ސައިފް ވާހަކަދައްކާ އަޑު އިވެއެވެ. ޢީޝްވެސް ޝުއާގެ އަތުގައި އޮތް ވަގުތެއްކަމުން އަހަރެން ތިރިއަށް ފޭބީ ބައްޕަ ނަމާދުން އަންނަން ވާއިރަށް މޭޒު މައްޗަށް ކާން ތައްޔާރުކުރެވޭތޯއެވެ. މޭޒުމައްޗަށް ތަށިތައް ނަގާ ބައްޕައަށް ކެވޭނެހެން ތައްޔާރުކުރުމުގައި އުޅެނިކޮށް ސައިއްތަ ވެސް ނަމާދުކޮށް ހަދާލައިގެން އައިސް ކާކޮޓަރިއަށްވަނެވެ. އަހަރެން މާކުރީން ކާންތައްޔާރުކޮށްފައި ހުރުމުން ސައިއްތަ އުޅުނީ މަންމައަށް ގެންދަން ޖެހޭ އެއްޗެހި ތައްޔާރުކުރާށެވެ. މަންމައަށް ކާއެއްޗެހި އަޅާފައިހުރި ތަށިތައް ތަބަކަށް އަރުވައިގެން ސައިއްތަ ކާކޮޓަރީން ނިކުންނަން އުޅުމާއިއެކު އަހަންނަށް ސައިއްތަ އަތުގައި ހިފަހައްޓާލެވުނެވެ.

“ސައިއްތަ ގެނޭ އަހަރެން އަތަށް… އަހަރެން މިރޭ މަންމައަށް ކާންގެންދާނީ…” އަހަރެން އެދުމާއިއެކު ސައިއްތަވެސް ދެކޮޅު ހަދާކަށް ނޫޅުނެވެ. އަހަރެންގެ އަތަށް ތަަބަށްދޫކޮށްލަމުން ސައިއްތަ އަހަރެންގެ ބުރަކަށިމަތީގައި ފިރުމާލިއެވެ.

“ސައިއްތަ ވަރަށް އުފާވޭ އަޝްވާ ތިހާ ހިތްވަރުގަދަވީމަ… މިހާރު މަންމައަށް އެންމެ ބޭނުންވާނީވެސް އަޝްވާގެ އަޅާލުމާއި އޯގާތެރިކަން… ސައިއްތަ ކިތަންމެ ފަހަަރަކު ސުދާ ކައިރީ ބުނެފިން ބޭރަށް ނިކުމެލާ ހަދާލާ އުޅެން… އެހެން ކޮޓަރިތެރޭގައި އޮވެގެން އެ ފަކީރު އިތުރަށް ހިތްދަތިވާނީ… އެކަމަކު ދަރިއަކު އެހާ ހާލުގައި ލޯމަތީގައި އޮވެފައި ވަކިވެގެންދިޔައިމަ ކޮންމެ މަޔަަކަށްވެސް ވާނީ އެވަރު….” ސައިއްތަގެ އެންމެ ފަހު ޖުމްލަތަކާއިއެކު އަހަރެންގެ އެސްފިޔަތައްވެސް ތެމިގެންދިޔައެވެ. ފުރާނަ ހުއްޓާ އެންމެ ފަހު ފަހަރަށް އާޝާލް ފެނުނު ވަގުތުކޮޅު އަދިވެސް އަހަރެންގެ ހަނދާނުން ފިލައިގެންނުދެއެވެ. އެއީ ހުވަފެނަކުންވެސް އަހަރެން ދެކެން ބޭނުންވީ މަންޒަރެއްނޫނެވެ. ހަޔާތުގައި ގޮތްހުސްވެ މުޅީން މާޔޫސްވެގެންދިޔަ ވަގުތުކޮޅެއް އެ ނޫނީ ނާދެއެވެ. ލޮލަށް ގިނަވި ކަރުނަތައް ފައިބައިގަނެދާނެހެން ހީވުމުން އަހަރެން އަވަހަށް އެސްފިޔަތައް ހަރަކާތްކޮށްލަމުން ކަރުނަތައް ހިންދާލީމެވެ. ދެއަތުން ތަބަކުގައި ހިފާ ބާރުކޮށްލައިގެން ހުރެ މަންމަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ހިތްވަރުގަދަކުރުމަށް އަމިއްލަ ހިތަށްވެސް ބާރުއަޅަމުންނެވެ.

ލަސްފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ ތަޅުގައި ހިފާލަމުން އެތެރެއަށް ވަތްއިރު އަހަރެން ހުރީ ހިސާބަަކަށް ފިނިވާގޮތްވެފައެވެ. އެނދުގެ ހެޑްބޯޑަށް ލެގިލައިގެން އިންއިރު މަންމަގެ ފަރާތުން އެއްވެސް ހަަރަކާތެއް ފާޅެއްނުވިއެވެ. އެއްފަރާތަކަށް ނަޒަރު ހުއްޓާލި ގޮތަށް އަމިއްލަ ދުނިޔެއެއްގައި އިންފަދައެވެ.

“މަންމާ…” ސައިޑް ކަބަޑްމަތީގައި ތަބަށް ބެހެއްޓުމަަށްފަހު އެނދުމަތީގައި އިށީންނަމުން އަހަރެން މަންމަގެ އަތުގައި ހިފަހައްޓާލީމެވެ. މިވޭތުވެގެންދިޔަ ދުވަސްކޮޅުގެ ތެރޭގައި ސަމައްތަރު ހެޔޮކޮށް ހުރި މަންމަގެ ހަށިގަނޑު ހީނަރުވެފައިވީގޮތުން އަހަރެންގެ ހިތަށްވެސް އަސަރުކުރިއެވެ. ޢާޝާލް ބަލިއެނދުގައި ހަޔާތުގެ އެންމެ ފަހުގެ ދުވަސްތައް ގުނަމުންދިޔައިރު މަންމަގެ ހަށިގަނޑުގައި ވޭންއަޅާނޭވަރު އަހަންނަށް އިޙުސާސްނުކުރެވެއެވެ. އާޝާލްގެ މަރަށްފަހު އަހަންނަށްވެސް ދިރިއުޅުމާއި ކުރިމަތިލާނޭގޮތެއް ނޭނގިގެންއުޅޭއިރު މަންމަގެ ހިތަށް ކެތްކުރެވޭނީވެސް ކިހިނެތްހެއްޔެވެ؟ މަންމަ އަހަރެމެން ދެބެންދެކެ ލޯބިވާވަރު އަހަންނަށް އިނގެއެވެ. އަދި ޢާޝާލްއަކީ އާއިލާގެ އެންމެ ހަނގުދަރިފުޅަށްވުމަށް އުފަންވީއްސުރެވެސް ޢާޝާލްއަކީ އަހަރެމެން އެންމެންގެ ހިތުން ހާއްސަ ކަމެއްދެވިފައިވީ ކުއްޖެކެވެ.

“މަންމާ ހިނގާ ހިތްވަރުކޮށްލާފައި އެއްޗެއްކެވޭތޯ ބަލަން… މަންމަ ތިހެން އުޅޭތަން ދެކެން އާޝާލްވެސް ބޭނުމެއްނުވާނެ…” މަންމަގެ ލޮލުން ފޭދިގެންދިޔަ ކަރުނަތައް ފުހެލަމުން އަަހަރެން މަންމަގެ ސަމާލުކަން ހޯދަން މަސައްކަތްކުރީމެވެ. ހިނދުކޮޅަކަށް އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލުމަށްފަހުވެސް މަންމަ ދުރަށް މޫނު އަނބުރާލިގޮތުން މަންމަގެ ލޮލަށް އަހަރެން ވަންހަނާ ވެފައިވީފަދައެވެ. އަަހަރެން މާޔޫސްވާގޮތްވިއެވެ.

“ކުޑަކޮށް އެއްޗެއް ކާލާނީދޯ މަންމާ… ބަލާބަލަ މިހިރީ މަންމައަށް އެންމެ މީރުކޮށް މުރަނގަތޮޅީގައި ކިރުގަރުދިޔަ ކައްކާ ފައޭ…” މޭޒުމަތީގައި ހުރި ތަށިތަކުގެ މަތިތައް ނަގަމުން އަހަަރެެން ދެވަނަ ފަހަރަށްވެސް މަންމައާއި ވާހަކަދެއްކީމެވެ. މަންމައަށް މޮޑެފައިހުރި ބަތްތަށި ހިފައިގެން މަންމައާއި ކައިރިއަށް ޖެހިލަމުން ބަތްސަމްސާ ދިއްކޮށްލުމާއިއެކު މަންމަގެ ފަރާތުން ފެނުނީ އަހަރެން ހީވެސް ނުކުރާފަދަ އަމަލެކެވެ. އަހަރެންގެ އަތުން ބަތްތަށި ދޫވެ ވެއްޓުނުގޮތަށް އެކިދިމަދިމާލަށް ބަތްފުށްތައް ބުރައިގެންދިޔައިރު އަހަންނަށް ހުރެވުނީ ހުއްޓުން އަރާފައި ގެންނާނޭ ހަރަކާތެއްނެތިފައެވެ. އަހަންނާއި ދިމާލަށް މަޅާލެވިފައިހުރި މަންމަގެ އަތްތިލައާއި ދިމާލަށް ނަޒަރު ހުއްޓާލިގޮތަށް އަހަންނަށް ހުރެވުނީ ކުއްލި ސިހުމެއްގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naira

Level 1

A keen reader of dhivehi stories. And reading lead me to write one. Author of Vakivee Loabin & Beeveema.

Other Articles

Previous

ކުލަ 13

Next

ތަގުދީރު 1

Next
July 3, 2023

ތަގުދީރު 1

Previews
July 2, 2023

ކުލަ 13

5 Comments!

  1. Naira says:
    July 2, 2023 at 7:18 pm

    Hii all. Hope you will like this part too.

  2. Anonymous says:
    July 3, 2023 at 1:30 pm

    Vrh reethi mi part konirakun next part

    1. Naira says:
      July 4, 2023 at 2:07 am

      Thank you.. Next part now submitted

  3. ... says:
    July 4, 2023 at 12:22 am

    Know kraken mi vhk namely

    1. Naira says:
      July 4, 2023 at 2:09 am

      sorry mi comment understand eh nuvi.. thank you for reading and commenting

Comments are closed.

Next Episodeވަކިވީ ލޯބިން 8←


All Right Reserved!