ސިޑިބަރިން އަރައިގެން ގޮސް ޢާޝާލްގެ ކޮޓަރީގެ ދޮރުމައްޗަށް އެރުނުއިރު ސައިފް އެއްއަތުން ޢީޝް އުރާލައިގެން އަނެއް އަތުން ބޭބީ ބޭގް ހިފަހައްޓާލައިގެން ހުރެ ދޮރާއި ދިމާލަށް އަންނަނީއެވެ. އޭރު ދޮރުމަތީގައި ރޮވިފައިހުރެވެސް ސައިއްތަ ސައިފްއަށް ހުރަސް އަޅަމުންދިޔައެވެ. އެންމެ ނަޒަރަކުންވެސް އަހަންނަށް ކަންތައްތައް ވަމުންދާގޮތް ދެނެގަނެވުނުފަދައެވެ. އެއާއިއެކު ލިބުނު ސިހުމުގައި އަހަންނަށް އަނގަމަތީގައި އަތްއަޅާލެވުނެވެ.
“ސައިފް… ދަރިފުޅާ… ހެޔޮނުވާނެ… މަޑުކޮށްބަލަ… އެންމެ ފަހަރަކުވެސް ދަރިފުޅު ވިސްނާލަބަލަ… މި ރޭގަނޑު ޢީޝް ގޮވައިގެން ކޮންތާކަށްތަ ދަރިފުޅު ދާން އޮތީ؟” ސައިއްތަ ސައިފްގެ ދެއަތުގައި ހިފާ ހުއްޓުވަމުން ސައިފްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް ސައިފް މިވަގުތު އެހުރީ އެއްވެސް މީހަކު ބުނާއެއްޗެއް އަޑުއަހާކަހަލަގޮތަކަށް ނޫންކަން އަހަންނަށްވެސް އިނގުނެވެ.
“ދަރިފުޅާ ހެޔޮނުވާނެ… ސުދާ އިންހާލެއް ސައިފްއަކަށް ނުފެނޭތަ؟ މިވަގުތު ދަރިފުޅު ތިގޮތަށް އުޅުނީމަ ޢާޝާލްގެ މަންމަ މެންނަށް ވާނެގޮތަކާއިމެދު ދަރިފުޅު ވިސްނާލަބަލަ… ޢީޝްއާއިމެދު ވިސްނާލަބަލަ… ޢާޝާލްއަށްފަހު ޢީޝްވެސް އެމީހުންނާއި ވަކިކޮށްލަންތަ ދަރިފުޅު ބޭނުންވަނީ؟ މަންމައަށް އިނގެޔޭ ސައިފްއަށް އަަސަރުކުރާނެވަރު… އެކަމަކު ދަރިފުޅުވެސް މިހާރު ތީ ތުއްތު ތުއްތު ކުއްޖެއްގެ ބައްޕައެކޭ… ދަރިފުޅު ތިހެން އުޅުނީމަ ހުރިހާ ދެރައެއް ލިބޭނީ ޢީޝްއަށޭ….” ސައިއްތަ ސައިފްގެ މެދުހަށީގައި ބައްދައިގެން ހުރެ ރޮމުންދިޔަ މަންޒަރު ފެނުމުން އަހަންނަށްވެސް އަސަރުކުރިއެވެ. ސައިފްއަށް ވިސްނައިދޭން ބޭނުންވިޔަސް އަހަންނަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.
“މަންމާ އަހަރެން ދޫކޮށްލާ… އަހަރެން ދިޔަދީ… އަހަންނަކަށްވެސް އަބަދަކު މިހެނެއް ނޫޅެވޭނެ… އަހަރެން… ވަރުބަލި ވެއްޖޭ…. މިގޭ ހަތަރުފާރުތެރޭގައި ދެން އަހަންނަކަށް ކެތެއްނުވާނެ…” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ސައިފް ސައިއްތަ ދުރުކޮށްލަމުން ދުރަށް ޖެހިލިއިރު އެލޮލުގައި ކަރުނައާއި އެކުވެގެން ވޭނުގެ އަސަރުފާޅުވާން ހުއްޓެވެ. އަތުގައި އޮތް ދަބަސް ދޫކޮށްލިގޮތަށް ޢީޝް މެޔަލައި ބޮޑިކޮށްލައިގެން ހުރެ އެނދަށް ތިރިވިއިރު އެ ހަށިގަނޑުގައި އެއްވެސް ބާރެއްނެތްފަދައެވެ.
“އަހަރެން މޮޔަވެދާނެ މަންމާ… ކިހިނެތް މިހުރިހާކަމަކަށް ކެތްކުރާނީ… އަހަރެންގެ ގަޔަކު އެހާ ހިތްވަރެއްނެތޭ…” ސައިފްގެ ކޮންމެ ޝަކުވާއެއްހެން އަޑުއަހަން ދޮރުކައިރީގައި ހުރެވުނުއިރު އަހަރެންގެ ލޮލުން ކޯދުލާފައި ކަރުނަތައް ދެމެމުން އައިކަމުގެ އިޙުސާސެއް ހުދު އަހަންނަކަށްވެސް ނުކުރެވުނެވެ. ސައިފްގެ ދެލޮލުން ވެއްޓެމުންދިޔަ ކޮންމެ ކަރުނައަކާއިއެކު އަހަރެންގެ ހިތުގައިވެސް ރިހެމުން ދިޔަކަހަލައެވެ. ދެއަތުގެ ތެރޭގައި މޫނު ފޮރުވާލައިގެން ސައިފް އިންއިރު ރިހެމުންދިޔަ އެމޭގައި ފިރުމާ ލަދީ އަހަރެންގެ ދެއަތުގެ ތެެރެއިން ސައިފްއަށް ހިމާޔަތްތެރިކަން ދޭން ބޭނުންވީ އަދަދު ބުނާކަށް ނޭނގުނެވެ.
ކުރިއަށް ފިޔަވަޅެއް އަޅާލުމަށްފަހުވެސް އަހަންނަށް ދޮރަށް ލެގިލެވުނީއެވެ. އެވަގުތު ސައިފްގެ ދެއަތުގެ ތެރެއިން މޫނު ނަގަމުން ސީދާ ދޮރާއި ދިމާލަށް ބަލާލިގޮތުން އަހަންނަށްވެސް ސިހުމެއް ލިބުނެވެ. އަަހަންނަށް ހަރަކާތެއްވެސް ކޮށްލާނޭ ފުރުސަތެއްދިނުމެއްވެސް ނެތި ވައިރޯޅިއެއްފަދައިން އައިސް އަހަރެންގެ މޫނު މައްޗަށް ސައިފް ދޮރުޖަހާލިއިރު އެއަޑު މުޅި ގޭތެރޭގައިވެސް ގުގުމާލައިގެންދިޔައެވެ. އަހަންނަށް ނޭވާލާންވެސް ހަނދާންނެތިފައިހުރެވުނިއިރު ލޯމައްޗަށް ސިފަވަމުންދިޔައީ ސައިފް އެންމެ ފަހު ވަގުތު އަހަންނަށް ބަލާލި ތޫނު ނަޒަރެވެ. އެ މޫނު ރަތްވެފައިވީއިރު އެދެލޮލުންވެސް އަހަންނަށްޓަަކައި އަލިފާން ކަނި ބުރަމުންދިޔަ ކަހަލައެވެ.
އެރެއަކީ އަހަރެންގެ މުޅި ހަޔާތުގައިވެސް އައި އެންމެ ދިގު އެއްރެއެވެ. ވިސްނާ ފިކުރުކުރުމުގައި މުޅިރޭ ހޭދަވެގެންދިޔައިރު އަހަރެންގެ ލޮލުގައި ނިދީގެ ކަންފުޅެއްނެތެވެ. ކޮޓަރީގެ އެނދުގެ ބޯލާކޮޅަށް ލެގިލައިގެން އިނދެވުނީ އަމިއްލަ ހަޔާތާއިމެދު ވިސްނާ ފިކުރުކުރުމުގައެވެ. އާޝާލްގެ ވަކިވުމަށްފަހު އަހަރެންގެ ހަޔާތަށް އަލިވިލިގެން އަންނާނީ ތަފާތު ދުވަސްތަކެއްކަން އަހަންނަށް އިނގެއެވެ. އަހަންނަށް ނޭނގެނީ އާޝާލް ނެތުމުގެ ފަޅުކަމާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި ކުރިމަތިލާން އަހަރެން ނަފްސު ތައްޔާރުކުރާނޭ ގޮތެވެ. ހަތަރު އަހަރުފަހުން އަހަރެން އެނބުރިއައިރު ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވީގޮތް ޤަބޫލުކުރަން ކިތަންމެ ބޭނުންވިޔަސް އަހަންނަށް މިއަދު މިގޮތާއި ރުހުން ނޫންގޮތެއް ނެތެވެ. ކަރުނައާއި ހިތާމަ އަދި ދެކޮޅު ހެދުމަކުން ހަޤީގަތް ބަަދަލެއްނުކުރެވޭނެއެވެ.
ޢާޝާލްގެ ނެތިވެދިޔުމަށްފަހު އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަން ހުރި ހަމައެކަނި މީހަކީ މިއަދު އަހަންނެވެ. މަންމައާއި ބައްޕައާއި އީޝްގެ ހުރިހާކަމެއްގެހެން ޒިންމާ ނަގަން ހުރި މީހަކީ އަހަރެންކަން އަހަރެންގެ ސިކުނޑިން ކައްސައެއްނުލައެވެ. އަމުދުން މިވޭތުވެގެންދިޔަ އަހަރުތަކުގައި އެ ޒިންމާތަކަށް ފަރުވާކުޑަކުރެވުމުގެ ބަދަލު މަންމަމެންނަށް އަދާކޮށްދިނުމުގެ ދަރަނި އަހަރެންގެ ބޮލުގައި އެޅިފައިވެއެވެ.
ފަތިސްނަމާދަށް ބަންގި ގޮވި އަޑުއިވުނީވެސް އަހަރެން އެފަދަ ހިޔާލުތަކެއްގައި އިންދައެވެ. ކުޑަކޮށް ތާޒާވެލައިގެން ނަމާދުކުރުމަށްފަހު ފުރަތަމަ ފަހަރަށް އާޝާލްގެ ފުރާނަ ކަށްވަޅުގެ އަޒާބުން ދުރުކުރުއްވާ އެފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދިގެން އަހަރެން ދުއާކުރީމެވެ. އެއާއިއެކު މަންމަމެންގެ ހިތާމަތައް ލުއިކުރައްވާ އަހަރެންގެ ނަފްސަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި އެކަލާނގެ ހަޞްރަތަށް ދުއާ ދެންނެވީމެވެ.
ފަތިސްނަމާދުކޮށް ނިމިގެން މުސައްލަމަތީން ފޭބިއިރު ކުރިއަށްވުރެ ބޮޑު އަހަރެންގެ ހިތާއި ހަށިގަނޑަށް ލުއިވެ ނޭނގޭފަދަ ހިތްހަމަ ޖެހުމެއްގެ އަސަރު އިޙުސާސްކުރެވުނެވެ. ދެލޮލުގައި އެވަގުތު ނިދީގެ އަސަރު ނެތީތީވެ އަހަރެން މުސައްލަ ނަގާ އޮންނަ ތަނަށް ލުމަށްފަހު ކޮޓަރީން ނިކުމެލީމެވެ. ފަތިހުގެ އެވަގުތު ގޭތެރޭގައިވީ ހަމަހިމޭންކަމެވެ. އަލިމަޑު ބޮކިތަކުން މުޅި ގޭތެރެއަށް ފަނޑު ފަނޑު އަލިކަމެއްވެރިވެފައި އޮތެވެ. ސިޑިން ފޭބިގޮތަށް އަހަރެންގެ ފިޔަވަޅުތައް ބެހެއްޓީ މަންމަމެންގެ ކޮޓަރިއާއި ދިމާލަށެވެ. ލަސްލަހުން ގޮސް އެކޮޓަރިއާއި އަރާހަމަވިޔަސް ކުރިއެކޭ އެއްފަދައިން މިވަގުތުވެސް އެތެރެއަށް ވަންނާނޭ ހިތްވަރެއް ނުކުރެވުނެވެ. މަޑުމަޑުން ދޮރު ހުޅުވާ އެތެރެ ބަލާލުމަށްފަހު ދޮރުގާތްކޮށްލަމުން ހިނގައިގަތްތަނާ ބައްޕަގެ އަޑު އިވުނެވެ.
“ދަރިފުޅު އެތެރެއަށް ނުވަދެ ތިދަނީ ކީއްވެ؟” ބައްޕަ އައީ ފަތިސްނަމާދު ނިމިގެން މިސްކިތުން ފައިބައިގެންނެވެ. އަަހަރެންގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކިއިރު ކޮޓަރިން ބޭރުން އަހަރެން ފެނިގެން ބައްޕަގެ މޫނުމަތީން ކޮންމެވެސް ވަަރަކަށް ހިތްހަމަ ޖެހިފައި ހުރިކަމުގެ އަސަރުތައް ފާޅުވިއެވެ.
“މަންމައަށް ނިދިފައިއޮތީމަަ…” އަހަންނަށް އިސްޖަހާލެވުނެވެ. އަހަރެން ކޮޓަރީގެ ދޮރުހުޅުވާލިއިރު މަންމަ އޮތީ ދޮރާއި ކުރިމަތި ވާނެހެން އެނދުމަތީގައި އޮށޯވެ ލޯމަރާލައިގެންނެވެ. ދޮރުހުޅުވިގެންދިޔަ އަޑަށް މަންމަގެ ލޯހުޅުވިފައިވެސް އަހަރެން ފެނިގެން އެދެލޯ ތަގުޅިކޮށްލިގޮތް އަހަންނަށް ފާހަގަކުރެވުނެވެ.
“ރޭގަ ވަރަށް ލަސްވިފަހުން މަންމައަށް ނިދުނީ… އަދިވެސް މަންމަ މުޅީން ހަމަޔަކަށް ނޭޅޭކަން ދަރިފުޅަށް އިނގެއެއްނު… ދަރިފުޅު ވާނެ ވަރަށް ކެތްތެރިވާން…” ބައްޕަ އަހަރެން ގަޔާއި ކައިރިކޮށްލައިގެން ހުރެ އަަަހަންނަށް ނަސޭހަތްދިނެވެ. އާޝާލްގެ މަރަށް ހަފްތާއެއްވުމަށް ގާތްވަމުންދާއިރު ބައްޕަވެސް މަޑުމަޑުން ހަމަޔަކަށް އެޅެމުންދިޔަކަން ފާހަަގަކުރެވި އަހަންނަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އަހަރެން ހިތްވަރުކޮށްފިނަމަ ހުރިހާކަމެއްވެސް ހަމަޔަކަށް އެޅިދާނެއެވެ. އާޝާލް ނެތުމުގެ ފަޅުކަން އަހަރެމެން ގެ ހަޔާތުން ފޫނުބެއްދުނު ނަމަވެސް އެ ފަޅުކަމާއިއެކީގައި ދިރިއުޅެން އަހަރެމެންނަށް އާދަވެދާނެއެވެ.
ކުޑައިރުކޮޅެއްވާންދެން އަހަންނާއި ވާހަކަދައްކަން ހުރުމަަށްފަހު ބައްޕަ ކޮޓަރިއަށް ވަނުމުން އަަހަރެން ގޯތިތެރެއަށް ނިކުމެލީމެވެ. އޭރު އިރު ފެނުން ތޮޅިލަމުންދިޔައިރު މަޑުމަޑުން ދުނިޔެމައްޗަށް އަލިވާން ފަށައިފިއެވެ. ގަސްގަހުގައި ހާލި ހަދައިގެން ތިބި ކޯލިތައްވެސް އޭގެ ރީތި އަޑުން އާދުވަހަކަށް އިރުއަރައިފިން މުޅި ދުނިޔެއަށް އިއުލާން ކުރަނީއެވެ. ގޭގެ މައިދޮރަށް ލެގިލައި ގެން ހުރިއިރު ލަސްލަހުން އަނދިރީގެ ތެރެއިން ފާޅުވަމުންއައި ގަސްތަކަށް ބަލަހައްޓައިގެން އަހަންނަަށް ހުރެވުނެވެ. ފާއިތުވެގެންދިޔަ ދުވަސްތަކުގައި ގޭތެރޭގެ ރޫހު ގެއްލި ފަޅުވެފައިވާ ގޮތް ފާހަގަކުރެވުމުން އަހަރެންގެ ހިތަށް ނޭނގޭފަދަ އުނދަގޫ ކަމެެއް އިޙުސާސްކުރެވުނެވެ. ގޭގެ ކޮންމެދިމާލަކުންވެސް ދިރުންނެތިފައިވާކަން އަންގައިދޭކަހަލައެވެ. ހީނަރުވެފައިވާ ގަސްތަކާއި ވިނަ ބޯވެފައިވާ ފަސްގަނޑާއި ހަމަހިމޭން ވެފައިވާ ގޯތިތެރެއެވެ. އެއިން ކޮންމެ އެއްޗެއްވެސް އަަހަރެމެންގެ އުފާވެރި މާޒީއަށް ހަނާއަޅާކަހަލައެވެ. ފިކުރެއް ހިޔާލެއްނެތި ހޭދަވެގެންދިޔަ އަހަރެމެންގެ ޅަފުރާއެވެ. ތަފާތު ކަންކަން ތަޖުރިބާކުރަމުން ޅަފަތުގެ އެންމެ ފޮނިކަން ލިބިގަންނަމުންދިޔަ ފުރާވަރުގެ ދުވަސްތަކެވެ. އެއަށްފަހު ތަފާތު ޖަޒުބާތުތަކާއިއެކު ޒުވާން އުމުރަށް އަޅައިގެން އައި ދުވަސްވަރުގެ ފޮނި ހަނދާންތަކެވެ. އާޝާލްއާއި ސައިފްއާއިއެކު އަހަރެންގެ ހަޔާތުގައި ފެވިފައިވި އުފާވެރި އެހެނަސް އަލުން އަނބުރާ އައުމެއްނެތް އުފާވެރި އެތައް ހަނދާނެކެވެ.
އަހަރެންގެ ހަޔާތާއި އެދުވަސް ބަައްދަލުކުރީ ތަފާތު ދުވަހެއްގެ ގޮތުގައި އަހަރެންނަށް އިތުރު ހިތްވަރެއްދެމުންނެވެ. އިރުއަރައި އަލިވުމުން އަލުން އަނބުރާ ކޮޓަރިއަށްދިޔަޔަސް އަހަރެން އިތުރަށް ނިދާކަށް ގަސްތެއްނުކުރަމެވެ. ލައިގެން ހުރި ހެދުން ބަދަލު ކޮށްލިގޮތަށް ބަދިގެއަށް އައީ ހެނދުނުގެ ސަޔަށް މަންމަމެނަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލަންވެގެންނެވެ. ބޮޑުދައިތަމެން ކޮންމެ ދުވަހަކު އައިސް ގޭގެ ކަންތައްކޮށް މަންމަމެންނަށް ސައި ތައްޔާރުކުރާކަން އިނގުނަސް އަހަރެން ބޭނުންވީ މިއަދުން ފެށިގެން ގޭގެ ހުރިހާކަމަކާއި އަހަރެން ހަވާލުވާށެވެ. ގޭގެ އެންމެ ދޮށީދަރިފުޅު އަދި މިހާރު މަންމަމެންގެ ހުރި ހަމައެކަނި އަންހެންދަރިފުޅުކަމުން މަންމަގެ ބަލިހާލަތުގައިވެސް ގޭގެ ކަންކަން ބޮއްސުންލައިގެން ދާންދޫކޮށްލުމަކަށް އަހަންނަކަށް އެއްބަހެއް ނުވެވުނެވެ.
ހެނދުނުގެ ސަޔަށް މަސްހުންޏާއި ރޮށި ތައްޔާރުކުރުމަށްފަހު އަހަރެން ގޯތިތެރެއަށް ނިކުތީ މަންމަ ކުނިކަހަން ގެންގުޅޭ ސާމާނުތައް ހިފައިގެންނެވެ. ގޭގެ އަނބުގަސްދޮށުގައި ގިނަވެފައި އޮތް ފަތްތައް އިލޮށިފަތިން ކަހާ ފުންޏަކަށް ޖެހުމަށްފަހު ބިންގަނޑުގައި ބޯވެފައިވާ ވިނަތައް ނޮޅާ ސާފުުކޮށް ނިމުނުއިރު އަހަރެން ހުރީން ވަރުބަލިވެގެންނާއި ހޫނުވެގެން ގޮސް މައި ނޭވާލެވި ދަލުންވެސް ފޯވެފައެވެ. ވިނަތަކާއި ފަތްފުނީގައި ރޯކޮށްލުމަށްފަހު އަލިފާންގަނޑު ކަނިވެގެންދާތަން ދެކެން އިންއިރު އަހަރެންގެ ހިތަށް ކޮންމެވެސް ވަރަކަށް ހަަމަޖެހުން އިޙުސާސްކުރެވުނެވެ. އެތައްދުވަހެއްފަހުން ގޭގެ ފަޅުކަން ކެނޑި ދިރުމުގެ އަސަރު ފާޅުވާން ފެށުމަކީ އަހަރެންގެ ހިތަށް ލިބުނު ފިނިކަމެކެވެ.
އެދުވަހު ހަވީރު ހިންދު ގެއަށް އައިރު އަހަރެން އުޅުނީ ޢީޝް ރީތިކުރުމަށްފަހު ނިންދެވުމުގައެވެ. އަހަރެންގެ ކޮޓަރީގެ ދޮރު މައްޗަށް އެރުމަށްފަހު ހިންދު އެއްޗެކޭ ބުނުމެއްނެތި އިރުކޮޅެއްވާންދެން އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު ލަސްފިޔަވަޅު ތަކެއްގައި އަހަރެންގެ ފަހަތުން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ.
“އަހަރެން ހާދަ އުފާވެއްޖެއޭ…” މަޑުމަޑުން އަހަރެންގެ ގައިގައި ފިރުމާލަމުން ހިންދު ބުނެލިއިރު އެތައް ދުވަހެއްފަހުން އެ އަޑުން އުފާވެރިކަން ފާޅުވިއެވެ.
“ހިންދުއަކަށްނު އަހަރެން ޝުކުރު އަދާކުރަންވީ… މިވީ ދުވަސްތަކުގައި ހިންދުނެތްނަމަ އަހަންނަށް ވާނޭގޮތެއްވެސް ނޭނގެ…” ނިދިފައި އޮތް ޢީޝް ތަންމަތީ ބާއްވާލުމަށްފަހު އަހަރެން އައިސް ހިންދު ގައިގައި ބައްދާލިއިރު ލޮލުން ކަރުނައަައެވެ.
“ޝުކުރުއަދައެއްނުކުރާނެއޭ… އެހާލަތުގައި ކޮންމެ އެކުވެރިޔަކުވެސް ކަންތައްކުރާނެ ގޮތަކީ އެއީއެއްނު…” ހިންދު ދެފަރާތަކަށް ބޯހޫރާލަމުން އަހަރެންގެ ލޮލުގައި ހުރި ކަރުނަތައް ފުހެލަދިނެވެ. އެއަށްފަހު އަހަރެންގެ އަތުގައި ހިފާދަމަމުން ކަަހަލަގޮތަކަށް ކޮޓަރީން ނިކުންނަން ހިނގައިގަތެވެ.
“އަދި ހަނދާންވެސް ނެތިފައޭ މިހުރީ… މަންމަ އެބަހުރި އަޝްވާއަށް އެންމެ މީރު ދަނޑިއަލުވި ބޯކިބާ ފޮނުވާފައި… އަޝްވާއާއި އެކީގައި ސައިބޯންވެގެން އަހަރެންވެސް ގެއިން އެއްޗެއް ނުކައި މިއައީ…” އަަހަރެންގެ އަތުގައި ހިފާދަމަމުން ކަހަލަގޮތަކަށް ހިންދު ސިޑިއާޢި ދިމާލަށް ހިނގައިގަތެވެ. ސިޑިން ފައިބައިގެން ކާކޮޓަރިއަށް ދިޔައިރުވެސް އެހެން ދުވަސްތަކާއި ހިލާފަށް ހިންދުގެ ވާހަކަ ތައް މިއަދު ގިނަވެފައިވިއެވެ. ދުވަސްތަކެއްފަހުން އަހަރެން ހަމަޔަށް އެޅިފައި ހުރިތަން ފެނިގެން ހިންދު އުފާވެފައި ހުރިވަރު އަހަންނަކަށް ސިއްރެއްނުވިއެވެ.
ހިންދުގެ ވާހަކަތައް އަޑުއަހަމުންގޮސް ކާކޮޓަރިއަށް ވަތްއިރު ހަވީރުގެ ސަޔަށް ސުފުރާމަތި ތައްޔާރުކުރަން ސައިއްތަ އުޅެމުން ދިޔައެވެ. ކޮތަޅުގައި ހުރި ހެދިކާތައް ނަގާ ތަަށިތައްޓަށް އެޅުމުގައި އުޅޭތަން ފެނުމުން އަހަރެން ގޮސް ސައިއްތައަށް އަތްގާތްކޮށްލަދޭން ގާތްވީމެވެ.
“މީދެން އެވަރުކަމެއްނޫނެއްނު… ހިންދުއާއި ދެކުދީން ސައިބޯން އިށީންދެބަލަ… މިއަދު ހުރިހާކަމެއްހެން ތިކުރީ އަޝްވާ… ގޭދޮށް ސާފުކޮށް ހުރިހާކަމެއް އަމިއްލައަށް ނިންމާލިއިރު ސައިއްތަ ކައިރީވެސް ބުނެނުލާ.. މިންނާވެސް ބުނި އޭނައަށް އިނގިގެންވީކަމެއް ނޫނޭ… އާޝާލް ބަލިވީއްސުރެ ގޭދޮށް ސާފުނުކުރެވި އެހެންއޮތީ… ސުދާގަޔަކުވެސް ސައިއްތަ ގަަޔަކުވެސް އެހާ ވަރެއްނުހުރޭވިއްޔަ…” ހެދިކާ ތަށިތައް މޭޒުމައްޗަށް ނަގަމުން ސައިއްތަ ވާހަކަދެއްކީ ޝަކުވާކުރާފަދަގޮތަކަށެވެ. އެއްވެސް މީހެއްގެ އެހީއަކާއިނުލާ ގޭގެ ހުރިހާކަމެއްހެން ކުރުމުން ސައިއްތައާއި ބޮޑުދައިތަ ހިތްހަަމަނުޖެހޭނެކަން އަހަންނަަށްް އިނގުނެވެ. ބޮޑުދައިތަ އައިސް އެވާހަކަ ދެއްކުމުންވެސް އެއްޗެއް ބުނާކަށް އަހަރެން ގަސްތެއްނުކުރަމެވެ. ބޮޑުދައިތަމެން އެގޮތް ބޭނުން ނުވިޔަސް އަބަދުހެން ބޮޑުދައިތަމެންގެ އެހީތެރިކަމުގައި ދިރިނޫޅޭވޭނެކަން އަހަންނަށް އިނގެއެވެ.
“މަންމައަށް ސައިގެންދަނީތަ؟” ކަބަޑުން ނެގި ތަބަކެއްގައި ސައިއްތަ ތަށިތައް އަތުރާތަން ފެނިގެން އަހަރެން ސުވާލުކުރީމެވެ. ބޮޑުދައިތަމެން އައިސް އުޅުނަސް ގިނަވަގުތު މަންމަގެ ކަންތައް ބަލަހައްޓަނީ ސައިއްތައެވެ. ޢާޝާލްގެ ކުއްލި މަރަށްފަހުވެސް ސައިއްތަ ފެންނަނީ އަހަރެން ހީކުރިވަރަށްވުރެވެސް ހިތްވަރުގަދަކޮށެވެ. ފުރަަތަމަ ދުވަސްކޮޅު ރޮއެހެދިޔަސް ފަހުން ސައިއްތަ ކެތްތެރިކަން އިސްކުރިގޮތުން އަހަރެންވެސް ހައިރާންވިއެވެ. ދެރަވިޔަސް ހިތްވަރުކޮށްލައިގެން ހުރެ މަޑުމަޑުން ގޭތެރެއާއި އަހަރެމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޔަކަށް އެޅުވުމަށް ސައިއްތަ މަސައްކަތްކުރާގޮތް ފެނުމުން އަހަރެންގެ ހިތް ޝުކުރު ވެރިކަމުން ފުރެއެވެ.
“ނޫނޭ.. ސުދާ ސައިބޮއެފި… މިއީ ސައިފްއަށް… އެކުއްޖާއަށް ވެގެންއުޅޭގޮތެއް ސައިއްތައަކަށް ނޭނގެ.. ކޮޓަރީން ނިކުންނަން އެއްބަސްވަނީކީނޫން… ދުވާލުހަތަރުދަމުހެން ކެއުމެއް ބުއިމެއްނެތި އެ އޮންނަނީ… އެހެން އުޅެގެން ޢީޝްއަށްވާނީ ކިހިނެތް؟” އަހަރެމެންނާއި ފުރަގަސްދީގެން ހުރެ ފޯންޗްއިން ޖޯޑަށް ސައިއޮއްސަމުން ސައިއްތަ ވާހަކަދެއްކިއިރު ދެލޯ ފުހެލިތަން އަހަންނަށް ފެނުނެވެ.
“އަޝްވާ އަޅެ ސައިފްއާއި ވާހަކަދައްކާލަބަލަ… ސައިއްތަ ކިހާވަރަކަށް ވިސްނައިދޭން އުޅެފިން… އެކަމަކު އަޑުއަހާކަށް ސައިފް ބޭނުމެއްނުވޭ…” ސައިއްތަ އެވަގުތު އަަހަރެންނާއި ދިމާލަށް ބަލާލުމާއިއެކު އަހަރެން ހަށިގަނޑު ވަގުތުން ފިނވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލައިގެން އިންއިރު ބުނާނެ އެއްޗެއްވެސް އަހަރެންގެ ދުލަކަށް ނައެވެ. ސަައިއްތަގެ އެދުމަކަށް ދެކޮޅު ހަދާނެހާ ހިތްވަރުނެތަސް ސައިއްތަ އަހަރެންގެ ފަރާތުން އެއެދުނީ މިއަދު އަހަންނަށް ކޮށްދެވޭނޭ ވަރުގެ ކަމަކަށް ނޫނެވެ. އެއްއިރެއްގައި އަހަންނަކީ ސައިފްގެ އެންމެ ގާތްއެކުވެރިޔާއަށްވިޔަސް މީގެ ހަތަރުއަހަރުކުރީން އަހަރެމެންގެ ދެމެދުގައިވީހާ ގުޅުމެއްވަނީ ކެނޑިގެންގޮސްފައެވެ. އެދުވަސްތައް މާޒީއާއި އެކުވެގެންދިޔަސް ސައިފްގެ ހިތުގައި އަދިވެސް އެ ރުޅިވެރިކަމާއި ޝަކުވާތައް ނޯވެ ނުދާނެކަން ޔަޤީނެވެ. ސައިފްގެ ލޯތްބަށް ފުރަގަސްދިނުމަށްފަހު އަހަރުތަކެއް ފަހުން އަހަރެން އެނބުރި އައުމުން އަހަންނަށް މަރުހަބާ ކިޔުމަކީ ސައިފްއަށްވެސް ކުރަން ފަސޭހަކަމަކަށްނުވާނެއެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ… އަޝްވާއާއި ސައިފް މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟” ނުހަނު ސީދާލަށްކޮށްލި ސުވާލާއިއެކު ސައިއްތަ އަހަރެންގެ މޫނަށް ބަލާލި ނަަޒަރުންވެސް އަހަރެންގެ ހިތްތެޅިގަތެވެ. ވަގުތުން ހިންދިރުވާލެވުނުއިރު ހިންދުގެ ނަޒަރު ވެސް އަހަރެންގެ މޫނަށް ހުއްޓުނުކަން އިނގުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

Hii all.. so who do you think told aashal all the secrets? And what was the reason behind her death? Can you guess. Hope you will like this part too..
Nice story I like this story
Naira I am married. Today is my wadding anniversary
But also pregnant
I hope you wish my wadding anniversary
I like your story
When is next part
When is next part
Thank you and Happy anniversary.. will submit after the weekend. Insha Allah
Thank you anonymous. Will submit next part after the weekend
Vvv reethi Mi part vs.. Knirakun aneh part kiyaalan libeynee
Thank you. After the weekend Insha Allah
Thankolheh Adhi dhigu kohlahcey next part
Sorry ep 7 eha dhigu nuvedhaane. Story line ihna gothun baeh parts eba kuruvey. Ekam mi two parts kuruveema part 8 dhigu kohladheynan ingey